އިހުގެ ޅެންވެރިކަމުގެ ތެރެއިން ބަނދި

ތަޢާރުފެއް

ބަންޖަކީ ދިވެހި ވަޒަން ބަހުރުވައިގެ އެންމެ މުސްކުޅި ވައްތަރެވެ. ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން މިއަދާ ހަމައަށް ފެންނަން ނެތް ތަދު ބާވަތެކެވެ. އިހުގެ ބަނދިތައް ލިޔެވި ފަހަށް ފެންނަން ހުންނާނެ ގޮތަކަށް ރައްކާކުރެވިފައި ވެސް ނެތެވެ.  ދޫދޫމަތިން ކިޔަމުން އައި ބަނދި ތަކުގެ ތެރެއިން މިއަދާ ހަމައަށް ފެންނަން ހުރީ ވެސް މަދު ބަންޖެކެވެ. މުސްކުޅި ބަނދިތަކުގެ ތެރެއިން ލިޔެވިފައިވާ މަދު ބަންޖެއްވެސް ހުރީ އަލްގާޟީ ޙުސައިން އަފީފުއްދީން ބޮޑުފެންވަޅުގޭ ސީދީ ކަންޒުލް އަދަބުގައި ލިޔުއްވާފައިވާ މުޤައްދިމާގައެވެ. އޭގެ ތެރޭގައި ހިމެނެނީ މި ލިޔާ ބަނދިތަކެވެ.

ދިޔޯއިތުރު ބޮޑުކަންނާ، ހެދިނަވަށް ވަޑައިގަންނަވާ

ފައިދޮންނަ ގަލެއްކަމުލީ، ފީރޯޒުގަނޑެކެ ނަންކީ

މި “ދިޔޯ އިތުރު ބޮޑުކަންނާ” އަކީ ވަރަށް ދިގު ބަންޖެއްކަމުގައި ސީދީ ލިޔުއްވާފައިވެއެވެ. މިސާލު ގެނައުމަށްޓަކައި ބަނދިން ހަތަރުބަސް މުޤައްދިމާގައި ލިޔުއްވާފައިވަނީއެވެ. މީގެ ފަހަށް އޮތް ބަސްތަކާއި މި ދިގު ބަނދި ހޯދޭނެ އިތުރު ގޮތެއް ނެތެވެ. ފީރޯޒަކީ އެހަށާއި ފަށުފުލަށް ބޭނުންކުރާ ފެހިކުލައިގެ އަގުހުރި ހިލައެކެވެ. ދިޔޯއެވެ ކިޔެނީ ރީތި އަންހެނުންނަށެވެ. ދިޔޯ ނަވެއް ބަންނަވާ ފައިދޮންނަން ގަލެއްކަމުގައި ވެސް ލީ އަގުބޮޑު ފީރޯޒުގަނޑެކެވެ.

މި ބަންޖަށް ފަހު ސީދީ ލިޔުއްވާފައިވަނީ “ސަމަންދަރޯ” ބަންޖެވެ. މިއީ ފަހަށްވެސް މީހުން ކިޔާއުޅުނު ބަނދި ތަކުގެ ތެރެއިން ބަންޖެކެވެ.

ސަމަންދަރޯ ސަމަންދަރޯ، މާކަނޑުމާ ސަމަންދަރޯ

ސަމަކުރަންދި ކަޅުބިލަބަސް، ދަހިވެވިގެން ކަޅިވެވިގެން

މިއޮޑިއަށް އަރާ ބާނީ، މަރްޖަލް ބަޙްރައިނީ

މިއީ އިހުޒަމާނުގައި އޮޑިން މަސްބޭނޭތޯ ކިޔާއުޅުނު ފަންޑިތަވެރިކަމުގެ ބަންޖެކެވެ. މިބާވަތުގެ ތަކެތި އެޒަމާނުގައި ކިޔާ އުޅުނީ ސަޑިފަންޑިތަވެރީންގެ ފަންޑިތަ ބަސްތަކުންނެވެ. އަރަބީގެ ބަސްތައް ވެސް ހިމެނި އަޑުއަހާ ބަޔަކަށް މޭރުންނުމެވާނެގޮތުންނެވެ. ފަންޑިތަވެރިކަމަށް އިހުގައި ދިވެހިން ބޭނުންކޮށް އުޅުނު ބަސްތަކަކީ ވެސް އޭގެ މައްޗަށް ބަހަވީގޮތެއްގައި ލިޔަން އޮތް ފަޟްލެކެވެ. މާތުރަ، މިޒަމާނަށް އައިސް މިބާވަތުގެ ފަންޑިތަވެރިކަމުގެ ލިޔުންތައް ފެންނާން ހުރިލެއް މަދުކަމާއި ދަންނަ މީހުން އަމުދުން ނެތްކަމުން ނުހަނު އުނދަގޫކަމެކެވެ. ބަންޖަކީ ފަންޑިތަވެރިކަމުގައި ކިޔާއުޅުނު ތަކެތި އަޑުވީއްލާ ކިޔުމަށް ބޭނުންކުރި ވަޒަނެއްކަމުގައި ވެސް ބުނެވިދާނެއެވެ.

މި ބަނދީގައިވާ “ސަމަންދަރޯ” އަކީ ދިވެހި ބޯދާބަހުން ކަނޑަށް ކިޔާ “ސަމުންދުރަ” އަށް ނުވަތަ ކަނޑު ރަސްގެފާނަށް ގޮވުމަށް ބޭނުންކުރި ބަހަކަށް ވެސް ވެދާނެއެވެ. ބަނދީގެ ނިމުމުގައި އަރަބިން އެވާ “މަރްޖަލް ބަޙްރައިނީ” އަކީ ދެކަނޑު ބެދުނުތަނެވެ. ދިވެހި ބަހުގައި ވެސް ކަނޑަށް ބަހުރު ކިޔައެވެ. ބޭރު ކަނޑުން އައިސް ބަނދަރަށް ވަންނަ އޮޑިފަހަރާއި ބެހޭ ވެރިޔާއަށް މީރުބަހުރު ކިޔާއުޅެއެވެ.

ފަނޑުކުލަނުވާ އޮޑި ކައްޕިތާން ކަނޑުގާތެރަށް ކޮށްދޫ

މަޑުރޯޅިވައިވީ މާކަނޑުގަ ފަލިޖެހި ހަނދާންވަނީ

ރޭހުރިމަމެން ކަނޑުގާ ހުކުރު ގޭހުރި މިކަނޑުގާ ބަހުރު

ގޭހުރި ލިމީމާ ބުނެލުމުން އެނބުރިއެ ހަނދާންވަނީ

މި އީ ދަތުރު ނާމާ ފަރިއްސެއްގެ ބައެކެވެ. މީގައި ވެސް އެވަނީ ބަހުރުގެ ވާހަކައެވެ. މަސްވެރިކަން ދަށްވުމުން އެޒަމާނުގައި އޮޑިއަށް އަރާ މާކަނޑަށް ނިކުމެ ސަމަންދަރޯއަށް ގޮވަނީކަމުގައި ވެދާނެއެވެ.

ބަންޖާއި ބެހޭގޮތުން ބޮޑުފެންވަޅުގޭ ސީދީ ކަންޒުލް އަދުބުގައި އިތުރަށް ލިޔުއްވާފައިވަނީ:

“ބަނދި މިއީ، ދިގުމިނަކަށް ބަހުގެ އަދަދަކަށް ކަނޑައެޅިފައި ވަކި މިންވަރެއް އޮތްކަން އެނގޭ އެއްޗެއް ނޫނެވެ. ވަރަށް ދިގު ބަނދި ހުރިފަދައިން ދާދި ކުރު ބަނދިވެސް އެބަ ހުއްޓެވެ.”

އިސްވެ ލިޔެވުނު ބަނދިތަކުން މިސާލު ދައްކަވަމުން ބޮޑުފެންވަޅުގޭ ސީދީ ކަންޒުލް އަދަބުގެ މުޤައްދިމާގައި ލިޔުއްވާފައިވަނީ:

“ބާރަ ފިލި ނޫން ވަޒަނަކަށް އޮތް ބަންޖެއްވެސް ނުފެނުނެވެ. އަދި ރައިވަރު ފަދައިން ބަސްތައް ފެށޭކޮޅުގެ ފިލިކޯޅިތައް ހަމައެއްގެމަތީން ވަކިގޮތަކަށް ހިފެހެއްޓިފައެއްވެސް ނުހުރެއެވެ. އެހެނަސް ބަސްތައް ހުއްޓޭ ކާފިޔާތައް، ވައްތަރުކޮށް އެއްގޮތްކުރާން އުޅުމާއި އެކުވެސް މާބޮޑު ފަރުވާތެރިކަމެއް އެކަމަކަށް ނުބަހައްޓައެވެ”.

 

ބަނދީގެ ވަޒަން

ބަނދީގެ ވަޒަނެއްކަމުގައި ބެލެވެމުން އަންނަނީ 12 ފިއްޔެވެ. ސަމަންދަރޯ ސަމަންދަރޯ އަކީ 12 ފިއްޔެވެ. މާކަނޑުމާ ސަމަންދަރޯ އަކީ އަނެއް 12 ފިއްޔެވެ. މިގޮތަށް 12 ފިލި ދެ ބަހުން ހަތަރުފަށް ކުރަމުން ބަނދި ދިގުކުރަމުންދަނީއެވެ. ބަނޑުވައް އަކުރު އެއްގޮތްކުރުމާއި ކާފިޔާ އެއްގޮތްކުރުމަށް ފަރުވާލެއް ނުބަހައްޓައެވެ. ރައިވަރުގައި ތައިވަރު ހުންނަފަދައިން ބާރަފިލި ހަމަވާ ބަސްތަކާއި ހަމަ ނުވާ ބަސްތައް ހުރެދެއެވެ. ނުވަތަ މިއީ ވަކި ހަމަޔަކުންވާ ތަކެއްޗެއް ނޫނެވެ. އެއިރުގެ މީހުންގެ ދޫމައްޗަށް ފަސޭހަވީ ގޮތަކަށް ބަސްތަކެއް ރާގެއްލާފައި އަމުނާ ކިޔަނީއެވެ. ބަނދިތައް އާއްމުގޮތެއްގައި ބާރަފިއްޔަށް ކިޔަމުން އައިސް އޭގެ ތެރެއިން އާ ހަމައަކަށް ބާރަފިލި ހަތަރުބަހުން ހަތަރުބަހުން ފިލިކޯޅި ކާފިޔާ ހަމަކޮށް ބަސްތައް އަމުނަމުން ކާ ކިޔާ ބާވަތެއް އުފަންވީއެވެ. އޭގެ ފަހަށް އަދި މާ ރިވެތި ހަރުދަނާ ހަމަޔަކަށް ރައިވަރު އުފަންވީއެވެ.

އިހުގައި ކިޔާ އުޅުނު ބައެއް ބަނދި

ކުދީން ޅޮއްސުމަށާއި ފޫހިފިލުވުމަށް ކިޔާ އުޅުނު ބާވަތުގެ ބަނދި:

މާކަނަޔޯ ޑިނގާރަޔޯ، މަތިންދަމުން ބަޑިޖެއްސޯ

ތަކަފަލަގޭ ދޮރުމައްޗަށް، އަރާރުން ހަދައިލައިފައި

ގޮސްއެއިނީ އަތިރީއޭ، އަތިރީ ތިންމަސްދުވަހޭ

އެއްގަމު ތިންމަސްދުވަހޭ، ކަނަޔަކަށް ހަމަސްދުވަހޭ

~

އެލަންގަލަން ބަނދި

މިލިޔާ ބަންޖަކީ ރަށްފުށުގައި މި ފަހަކާއި ޖެހެންދެންވެސް ކުދިވެރީން މުނިފޫހިފިލުވުމަށް ކުޅެއުޅުނު “އެލަންގަލަން” ގައި ކިޔާ ބަނދިތަކެވެ.

އެލަންގަލަން މިލަންގަލަން، ސުދުންޏާ ފާހަގަލަން

އަބުސީލަން ނޫމަސްލަނޑާ، ހިކާކުރުބުޅި ވަލަށް ފިލަންދާންދޭ

އަލީލާން ބަލީލާން، ހަތް ދެގޮބޮޅި ފަތީލާން

ފަތިގެންގޮސް މޫދުލާން، އަރިޔަށްދޫ ގަހުރަތްމާ

އަދިނުފޮޅޭ ކުދިރަތްމާ، މާލެމަތިންގޮވާލިހާ ރަތްދަނޑި ރަތްކަކާކޯ

އަލިވިލޭތަ، ރޭވިލޭތަ، ހާލެއްތާ ކުކުޅެކޭ

 

ވާރެޔޯ ބޯއްޓޯ ބަނދި:

ވާރެޔޯ ބޯއްޓޯ، ކުދިންކުޅޭ ނާއްޓޯ

ތަންދޮށުލީ ކާއްޓޯ، ކާޅުއެޅި މުޅޯއްޓޯ

 

ބޮޑުބުޅާ ބަނދި:

ބޮޑުބުޅަލާ ނާދޭ، ނާދެ ހިނގައިދާންދޭ

މިގެޔަކު ނެތް ރޯކުއްޖެއް، އެގޭ ތިބީ ރޯ ދެކުދިން

އެގޭދޮށަށް ދާނދޭ، ބޮޑުބުޅަލާ ދާންދޭ

ގޭގެއުތުރު ވަރުވާކަނު ގަލެއްވެއްޓި ބަލެއްއޮތޭ

އެބަލުން ދުވެ ދަގަބުޅަލާ ބޮޑުބުޅަލާ ދާންދޭ

ނާދެ ހިނގައިދާންދޭ

އައްސަރަނގު ކާލިވަޅަށް ކެތި ދިޔަމަގު ދަންނަމުތަޅައޭ

އެމަގުން ދުވެދާންދޭ، ބޮޑުބުޅަލާ ދާންދޭ، ނާދޭ، ނާދެހިނގައިދާންދޭ

މިއީ ބަނދި އިތުރަށް ތަރައްގީވެ ކުދީން ޅޮއްސަން ކިޔުމަށް އިހުގައި ކިޔާ ބަނދިތަކުގެ ތެރެއިން ބަންޖެކެވެ. އައްސަރަނގަކީ ގަހާތަރި ކައިރީ ވަކިގޮތަކަށް އެތުރިފައި ހުންނަ އަލިގަދަ އަށް ތަރިއަށް ކިޔާނަމެކެވެ.

ދެން މި ލިޔާ ބަންޖަކީ ހުވަދު އަތޮޅުގައި ކިޔާ އުޅޭ ކުޑަކުދީންގެ ބަނދިތަކުގެ ތެރެއިން ބަންޖެކެވެ.

ހުކުޑާ! ހުކުޑާ!

ތަގަންމާއި ތަގައްޕާއި ދެވެރި ތިއެތާ

ހަތެމުގުރާޑެ ހިފައިގެން

ތަގައު ތަޅައިމަރަން

ހުކުޑާ ހުކުޑާ

އަވަހަށް ނިދައްޔަ! އަވަހަށް ނިދައްޔަ!

~

ދިގު ބަނދި

މި ބައިގައި މި ލިޔާ ބަނދިތަކަކީ އަޅުގަނޑު ބ. އަތޮޅު އެކި ރަށްރަށު މުސްކުޅިން ކައިރިން އަހައިގެން މުސްކުޅިންގެ ހަނދާނުގައި ހުރިގޮތަށް ލިޔެފައިވާ ބަނދިތަކެވެ. ބައެއް ބަނދިތަކުގައި ކިޔާ އެއްޗެއް މުޅިން ސާފު ނުވި ނަމަވެސް ދިވެހިންގެ ތެރޭގައި އިހުއްސުރެ ރާގަކަށް ފައްތައިގެން ކިޔެމުންއަންނަ ތަކެއްޗާއި މެދު ލިޔާއިރު ހަމައަކަށް ފެއްތުމެއް ނެތި ކިޔެމުންއައި މިބާވަތުގެ ބަނދިވަރުތައް ވެސް ފަހަށް ފެންނާން ހުރުމަކީ މުހިންމުކަމެއް ކަމަށް ފެންނާތީ މިތަކެތިވެސް ހިމަނާލީއެވެ. ދިމާވި މުސްކުޅީންގެ ކައިރިން ބަނދި ކިޔާދިނުމަށް އެދެމުން އެއްގޮތް ބަނދިތަކެއް ކިޔައެވެ. މިއީ ދިގު އެއް ބަންޖެއްގެ ބައިތައް ކަމަށް ވެދާނެއެވެ. އެކި މުސްކުޅިން އެކި ގޮތަށް މި ބަނދިތައް ކިޔާއުޅެއެވެ. ބައެއް ބަސްތަކުގައި ކިޔާ ތަކެތި މުޅީން ސާފުވެސް ނުވެއެވެ.

މާލޫދުކީ އެކަންޏޭ، މާމުނަގަލަށް ލަފައިފައްޔޭ

މާލެދިޔައީ ރޮއެފައްޔޭ

މާލެދިޔަ އޮޑިމަތީގައި އެހެން އެއްޗެއް ނުކަމެނާރޫ

ކަނޑާކަނީ އަންނާރޫ

އަންނާރު މަދު ދެބިސް ގޮށި، ހައްދާއަޅާނަމޭ ގިލާ

ދޮންސަންފާމަނިކެ ގިލާ

 • މާމުނަގަލަކީ މިހާރު ރ އަތޮޅުގެ ފަޅުރަށެކެވެ.

 

މިއޮއްދާ ބޮޑު އޮޑީގައި، ރިޔަލެއް ކުނބެއް ނުލާދިޔާ

އެސޮރު ބައްޕަ މާލެދިޔާ،

މާލެދިޔައޮޑިމަތީގައި އެހެން އެއްޗެއް ނުކަމެނާރޫ

ބިނދެމިކަނީ އަންނާރޫ

މާލެ ލެފި އޮޑިއަކު ކުނބެއް ނެތޭ

ކުނބަށް ކަނޑާލިހާ ރުކޭ، ކަނަހަނދުނާއި ހަމަރުކޭ

 • ކަނަހަނދުނަކީ ރަތްބަބުރު ކުލައާއި ވައްތަރު ބޭހަށް ބޭނުންކުރާ ލަކުޑިއެކެވެ.

ހަމަޔަކުން ކުނބު ނައްޓަވާލިޔެ

ބަނަމީރުވަސް އުއީގައި ދޭ، ކަނޑަށްއެޅި ބާރު ނަވުގައިދޭ

ނައުގައި ދުވާ މީރުވަސް، އައިސްވަނީ ދޮންމަނިކޭ

ދޮންވެހުރީ ވޮށިކޭލޭ

ބަންގާޅުކުޑަ ދެނާ ވަދެއްޖޭ، ތިންބަޑިޔާއި ވަދެވިއްޖޭ

ރާފައްޔޭ، ރާފައްޔޭ، މާދަން ފުރާފައްޔާ

ފަތަކާއި ފަތެއްލަޔޯ

 

ދަނޑި ކަނޑައިން

މުޑި ކަނޑައިން

ކަނިފުއްޓަށް އަރަންދަގާ

މަޑިފުށިތިބި ހާމީހުން އެއްވެގަތޯ

މަތިމުރަނގާ، ދިއްފުއްޓަށް ތަކޫވައް ގެނައިން

ކޮނޑަކުދެކުރުބާ ގެނައިން

ރޯމަސް ތަންޑެއް ގެނައިން

 

އޭ ސިލުނބޭ

މީ ސިލުނބޭ

ކޮޅޮފަހަށް ދަގަނޑު ސިލުނބޭ

ހުންގާނަށް ލޯ ސިލުނބޭ

އެ ސިލުނބު ބަން މާޑިޔޭ

މި ސިލުނބު ބަން މާޑިޔޭ

ރަތުރޭރޭ ރިހަކައްޔޭ

ގޮދަން ހަނޑުލު ބަތްކައްޔޭ

 

ސާމުސޯ ގިންގިލޯ

ގިލާގިލާ ނާކުނބޯ

ރުކެއްރާވެރިވަނީ

އަޅޭބަލާ އެފެންނަނީ ކޮންރަށެއްތަ

އައްޑޫހުވަދޫގަންމުލަކޭ

ގަންބޭރޭ ގަންބޭރޭ

ގަންބޭރު ތިބި ދެ ރާވެރިން

ތޮޅޭގޮތާ ފޮޅޭގޮތާ

ގެރިނުމަރާ ބަކަރިމެރީ

އަވަށުކޮޅު ކަދީދާ ދެބެންދަމާ ރުއްމަގަށޭ

ކަނބިލިފުޅު ވިހާ މަގަށޭ

މުދިމުންގޭ ގޭދޮށަށޭ

ގޭދޮށުއޮތް ތަކޫވަކޭ

ނަންގަނެގެން މުށުއެޅިގެން

ކަންކައްޓަށް ދިއުޅިދެމޭ

އަޅޭކަޅުބިޔޯ ބިޔޯޓޯ

 • މިއީ ވަރަށް ދިގު ބަންޖެކެވެ. އަޅުގަނޑަށް މި ބަނދި ކިޔާދީފައިވަނީ އެކި މުސްކުޅިން އެކި ގޮތަށެވެ. ލިޔެފައި އެވަނީ ތަރުތީބު ކަމަށް އަޅުގަނޑަށް ފެންނަ ގޮތަށެވެ. އަދި ލިޔެފައި މިވަނީ ވެސް މި ބަނދިތަކުން އަޑުއަހައިގެން ސާފުވެފައިވާ މިންވަރުގެ މައްޗަށެވެ. ކަންޒުލް އަދަބުގައި ބޮޑުފެންވަޅުގޭ ސީދީ ބަންޖެއްގެ މިސާލު ގެންނަމުން މި ބަނދީގެ ބަޔަކާއި ވައްތަރު ބަންޖެއްގެ ބައެއް ލިޔުއްވާފައިވެއެވެ. އެއީ:

އޭސިލުނބޭ މީސިލުނބޭ

ވަކަށްއަރާގަތް ސިލުނބޭ

އެސިލުނބުބަން މާވަޑިޔާ

މިސިލުނބުބަން މާޑިޔާ

ރަތުރޭރޭ ރިހަކައްޔާ

ގޮދަންހަނޑުލު ބަތްކައްޔާ

ރަންވެރަން އެނދެއްގައްޔާ

ރަންކަންނެއު ލައިފައްޔާ

~

ތާ އަތޮޅު ބަނދި

މަތީގައި ލިޔެވިދިޔަ ބަނދިތަކާއި އެއްގޮތް ކަމެއްހުރި ބަންޖެއް ތާ އަތޮޅުގައި ކިޔާ އުޅެއެވެ. މިތަނުގައި ނަކަލުކޮށްފައި މިވަނީ ބުރުނީގައި މި ބަނދި ކިޔާއުޅޭ ގޮތަށެވެ. އިހުގައި ބުރުނީ ދޮށީ އުމުރުގެ މީހުންގެ މެދުގައި މަޝްހޫރު ބަންޖެކެވެ.

ޓޯއް ޓޯއް އެކަލަގެ ދަރި ޓޯއް ޓޯއް

ނައުބިންދީ ހަދުވަހުން

ރިޔާ ފެހީ ކޮށްލަމްނޭ ދެރިޔާލޭ

ތިންކުނބޭ ހައްސަ މަބުރު ވައިނަބޭ

މަލާފަތު ބިލަތްޖެހިތާ މަންޖެމިތާ އޮށްނަމިތާ ވަންނަމިތާ

 

އެއޮށްފެންނަ މިތާ ކޮންރަށެއްތަ

އައްޑު ހުވަދޫ  މުލަކު ގަންވޭރޭ

ގަނވޭރުގަ ތިބި ދެކުދިން

ރޮއިރޮއި ހޭރިގަތީ ދާނބުނީ މަލިކަށް އާނ

މަލިކަށްގޮސް ކެލައަށްނާ

ރާއްޖެހިފައި އެކޮޅުމިކޮޅު ސިއްލަނކޮޅު

ދުންބުރި ބުރި ބުރާލި ކޮޅު

އޮތީ މިތާ ނެތީ މިތާ އެއޮށްގޯތީ ތިބޭނޭ ދެގޭ ދެބޭންނޭ ދެގޭ ދެފަހެރިންނޭ

އެކަމަނާ މޫދައްތަ މިކަމަނާ ނަމާދައްތަ

ގެރިކަތީލާ މަސްހަބީބީއޭ

ދެއޮޑި ފުރުވިއޭ އަދިނުދޭ މާލެ

ރައިފައްޔޯ ރައިފައްޔޯ

މާލޭން ފުރައިފައްޔޯ އުތުރުވަރީ ވައިގައްޔޯ

މައޮޑިދަނީ ވަތުގައްޔޯ ފަތެކާ ފަތެއްލައްޔޯ

ބޮޑު ތުނޑުން ބޭރައްލައްޔޯ ކުޑަ ތުނޑުން ބޭރައްލައްޔޯ

އެއަސް ލެފީ ބުރުންޏައްށޯ

ހުސް ބުރުނީ ގަންވޭރޭ މައޮޑި އޮތަނުދިން ވޭރޭ

ކުރަނދުވަރޭ މާގުޅިއޭ  ފިލައިގަނޑޭ ފަހުފޮއްޗޭ

ލާހިމާވާ ކިލެގެރަށޭ ދިއްފުށި ކަމާނާގެ ރަށޭ

އޮޅުގިރި ދޮންރަސްގެ ރަށޭ

ވިލުފުށި  ކިލަގެނެތީ ފަޅުނުވަދޭ ދުރުން ބިރުން ގޮސް

ހޮނޑަލަފުށީ ދައުޖެއްސީ ކުއްޖަކަށް ހާސްމަހޯ ރޭ އޮތީ ހޮނޑަލަފުށީ

ފަޅުވަދެގެން ފަހަލަ ބޭރުން ލައްޔޯ ކަޅުފަރާ އެތެރޭން ލައްޔޯ

އުހުރިޔާއިން މުޅިވިއެގެން ކޮޅުފުއްޓުން ބޮލި ބިނދެގެން މަޑިފުށީ އަރާތަކޯ

މަޑިފުށީ ބިލަގަދު ރާވެރި ބަކަރިތަކުން އެއްވިގަތޯ ލެއްވިގަތޯ

ވަނަކު ދެކުރުނބާ ދީގެނެޔޯ ބިލަތްދަޅި ލައިގެންޔޯ

ކައްދަފުށީ ހާ ކަމަނާ ދިންބިލަތްކޮޅެއް ކައިލައްޔޯ ބޯލައްޔޯ

މީރުފެން ހިނައިލައްޔޯ ދިޔަމިގިލި ކަލޯގެ ރަށޯ

ޖަހާލައިފައި ކަންޑަރަށޭ ކަންޑަރު މީދާތަކުނޭ

ގުރާދޫ ސޫފި ތަކުންނޭ .

ޅަވައްޑޫ ގޮއިވެރިޔާ ކާންދިނާ ބޯންދިނާ ލޮނުމަސް ތައްޓެއް ދިނާ

ފޮނިދާނީ ހިތުތަން ކައިކައި ނުކަމެ ކިކަނދިހެން

ވައިވަދެގެން ވައިވަދެގެން ކާއްޑޫ ނިވާވަދެގެން

ދުރުން ހުރެ ނުބެލިއްޔާ ނުފެންނާނޭ ދެކޮޅު

ދެމުރަނގަ ފެންނަފުއްޓޭ މަތިމުރަނގަ ދިއްފުއްޓޭ

ގާތު އޮތީ އުސްފުއްޓޭ

މެދުއޮތް ހިރިޔަން ފުއްޓޭ

ތިމަރުފުށީ ބޮޑުކަންނާ ނުލިބޭ ބޯފެންތިކިނާ ތާފަތަކު ހަކުރު ތިކިނާ

 

ރޯނު ބޮނޑި ފުނައްޑޫންނޭ

އަލިފުޅު ކަނިމީދޫންނޭ

ހުސްކަނި ވާމަންޑޫންނޭ

ބައުފޭލި އެލައި ވަލުންނޭ

ހާހޫރަ ބޮނޑި ކިނބިދޫންނޭ

ކުރެނދިކަނޑާ ފުށިގަނޑުނޭ

ބައްޕެންތަށި އޮމަދޫންނޭ

ދެރިއަހާ ވަންބައްޖޭ ވަންބަދި ކަނބާތަކުނޭ

ބޮޑުކުރުނބާ ފޮންދޫންނޭ

ހޯރައަރާ ކަފިދޫންނޭ

ބޯވަހިފާ ކަކުޅަހުނޭ

ބަނދަރުހެވީ ކުޑަދޫންނޭ

ތޮޔޮބޯ ހިރިލަންދޫންނޭ

ވަގުވަޅިތިލަ ވަންދޫންނޭ

މޭނައެރި ކަނޑޫދޫންނޭ

ކައްރިޔާ ކައުނިންމީމޭ

ގަނިމަ ކަރު ހުއްޓީމޭ ފުށިގަނޑަށް

~

ހަރުގެ ދޮށު ބަނދި

މިއީ ބ. ލުންފަރެސް މީހުން ކެންދޫގައި އޮޑިއެއް ބަން ދުވަސްވަރެއްގައި ހަދާފައިވާ ބަންޖެކެވެ. މިއީ ދުވަސްވީ ބަންޖެކެވެ. ލުސްފަރެސް އަކީ މިހާރު ފަޅު ރަށެކެވެ. ލިޔެލާ ޖެހުމުގެ މަސައްކަތް ތުޅާދޫއަށް އައީ ލުންފަރެހުންކަމަށް ވެއެވެ. ފަރެހު މީހުންނަކީ ވަޑާމާއި ލިޔެލާޖެހުމާއި މި ބާވަތުގެ މަސައްކަތްތަކަށް އަރާ ތިބި ބައެކެވެ. އެމީހުން ލިޔެލާ ޖަހާ ތަން އެހެން ރަށެއްގެ ބަޔަކަށް ނުދައްކާ އުޅުނުކަމަށް ވެއެވެ. އެއީ އެ މަސައްކަތްކުރާ ގޮތް އެހެން ބަޔަކަށް ފެނި ދަސްކޮށް އެމީހުންނަށް އޮތް އާމްދަނީގެ ފުރުސަތު މަދުވެދާނެތީ ކަމަށް ވެދާނެއެވެ. މި ބަނދީގައިވާ ނަންތަކަކީ އޮޑިބަނުމުގެ މަސައްކަތުގައި އުޅުނު އަންހެނުންނާއި ފިރިހެނުންގެ ނަންތަކެވެ.

އަޅާ ކިއްސަރު ދޮން އިސްމާލު

ނަގައޭ ރާޅު ދެ ކަންކާށިން

ހިފާ ފޮނުވަތް ޅަބޭ ޔޫސުފް

އަޅާ ކަޅިހި ތަކުރުފާނޭ

ޖަހާ މުގުރުން ބަނޑޭރި އަލީ

ކޮށާ ކުޑަ ސޮރު މަށާ އިދުރީސް

ވަށައިގެން އައިސް ރަށުގެ އެންމެން

ބަލަން ތިބެއޭ ހަރުގެ ދޮށުގައި

ފިހާ ހަދިޔާ ދޮށީ ގޮއްޔޭ

އަޅާ ދުންފަތް އަލީ ކަތްދާ

ރޯނު އެދުރޭ

ކާޅު އައްޔޭ

އެއްޗެތި އުފުލަން އޮރި އުމަރޭ

ދިވެހި އިހުގެ ޅެންވެރިކަމުގެތެރެއިން އެންމެ މުސްކުޅި ބާވަތްކަމުގައިވާ ބަންޖާއި މެދު ލިޔާން ގަސްތުކުޅަ ހިސާބަށް ލިޔެނިމުނީއެވެ. ދިވެހި ޅެންވެރިކަމުގެ މައްޗަށް ދިރާސާކުރާ ކުދިންނަށް އިތުރަށް ހޯދައި ބަލައި ލިޔެ އުޅުމަށް މި ފަޞުލުން މަންފާ ކުރާނެ ކަމަށް ދެކެމެވެ.

 

ހަވާލާ:

 • ތަސްވީރު: ހަސަން ނަޖުމީ
 • ކަންޒުލް އަބަދު، ބޮޑުފެންވަޅުގޭ ސީދީ، މަލަސް 40، 1992
 • ހުވަދޫ ބަނދި “ހުކުޑާ ނިދޮވަނެ ލަވެޔާ”، އަބްދުލް މުއީދު ހަސަން
 • މުހައްމަދު ޔޫސުފް، ދޮންފަނު
 • ލިޔުމުގެ މުޞައްނިފު އެއްކޮށްފައިވާ ބަނދި
 • ތާ އަތޮޅު ބަނދި، ނިޔާޒް (ބުރުނީ)

10 ކޮމެންޓު ”އިހުގެ ޅެންވެރިކަމުގެ ތެރެއިން ބަނދި“

  މުހައްމަދު ނާޖިހު

  މަލިކުގައި ކިޔައިއުޅޭ ބައެއް ބަނދި

  ދާންދާން ދާންވެގެން
  ހައްދުންމަތި ދާންވެގެން
  ތިލަދުންމަތި ދާންވެގެން
  އުނގު ބަންނަންފިޔޮހިނެތޭ
  އެފިޔޮހިގަނޑު ލާންގޮތަކު
  އައިއްޔާއި ނައިއްޔާއި
  މަދޭނަމޭ އަހުގައްޔޭ ބަހުގައްޔޭ
  އެދުރު އީސަ ބަހުގައްޔޭ
  ކައިފާނޭ ބޮތްފާނޭ
  ކޮންރަށަކަށް ދާން ބެންދި ނަވެއްތޯ
  ކޮންއެއްޗެއް އަރުވަމުތޯ
  ހީމަބީމަ އަރުވައިގެން ހުރެދަނިކޮށް
  ފާތުމާބި ނަގުލަންދަހަރި ތިރިވަޑިޔާ
  އޭދެނެގެން ބޭދެނެގެން
  ދިޔާހަކުރު ބާގަދިނޯ
  ކަރުހަކުރު ދޮޅެއްސަދިނޯ
  ވަޅޯމަހުން ގަނޑެއްދިނޯ
  ބަލައިލިތާ އިރެއްނެތޭ
  އިރުހުއްޓޯ ބިރުހުއްޓޯ
  ދާދިކޮކާ އަވިކޮޅެކޯ
  ފުޅައްމަތިން ތިއްކަރެކޯ
  ގަނޑުވަރުދޮރު ނޮއްޔަށް ދަމައިލީމައި
  ދޭތިދެތާ ވަޅުލައިފައި
  ހިނެވިންފައި ބިނެވިންފައި
  ދަށުންހިނގައި ބާސްކިރައި ބޮނޑިބަންދައި
  އަވަދިވެގެން ބަވަދިބެގެން
  ދުރުނބާކޮޅު ހޭވަތުގައި
  އަތްލާނޭ ވަތެއްނެތޭ ފައިލާނޭ ވަތެއްނެތޭ
  ކުންޏަށްދިޔަ އަންހެނުންނޯ
  މުޅަކަށިކެއު ބިނދެބިނދެގެން
  އަރާއިރަށް ދެތަށިއަރައި
  ދުނިޔެބަލައި ކާފަރުތަކުނޭ ރިޔައުކަފުނޭ
  ކޮންމެ ފަތިހަކު ކޮންމެ ހެނދުނަކު
  ބުޅިތުންބަގެ ގޯއްޗަށް ރަވަރަވަ ބާނަން ދާންޑައަޅޭ
  އިރުވަރަކައި ބިރުވަރަކައި ހަންދަލަކުން ބޯނާ ޑޯޑު
  ޑުންގެ މަގުން އޮށި ބިނދެގެން ކޮށާރުތެރެ ވަދެމޮތްތީ
  ކާކުހޭ؟ އޯ ބަފާމަޔޭ އާއި…އޫން…

  މުހައްމަދު ނާޖިހު

  މަލިކު ބަންޖެއް

  ދޫނިފުޅޭ ދޫނިފުޅޭ
  ދޫނިފުޅަގެ ތިންމައިންނޭ
  ރޭގަނޑަށް ނައުދަށް ނިދައިކައި
  ދުވާލަށް ފަރުހިލައި ކައި
  އިރަކު ހަނާޅި ގޮދަންކައި
  އަދި އޭތި މަދުކަމަށްލައި
  ބޭރުން އުނކުޑި ހޮވައިކައި
  ވެލިކުލައިގެ ދައްކާން މާ
  ދޫނިފުޅު ބާނި ނަށަމާ…

  މުހައްމަދު ނާޖިހު

  މަލިކު ބަންޖެއްް

  އަތިރިމައްތި ކުދިރުއްތެރެ
  އެތް ހިނދިހިނދި ރާހިނދިހިނދި
  އެއްމެގެނައި ރާބައްޖެއް
  ދެދަރި ތެދުވެ ބޮތްލަތްޕޯ
  އެގަތްލަދުން މިގަތްލަދުން
  ދުވެފައިގޮސް ތޭވަރާތު މަގުގެޔަށޯ
  ނާކަކެޔަސް ހޭނާރައި
  ބުޅައުކެޔަސް ހޭނާރައި
  މަސްއޮޑިޔަކު ތިންޅަކުދިން
  ދޯނި ގެނެސް އަވަށަށްލައި
  ރާވެރިޔަކު ފިންދަނޑިކޮޅު
  މައުގަނޑުކޮޅު ބަދީގެކޮޅު
  އުނގުޅިގަތީ ކޮންނަޖިހެއްހޭ
  ފާނާދާ އޮރިމަހެއްތަ
  ބޯދަށަށް ލިބުނު ފައްޗެއް
  ބުނެފައިދިޔަ ނަސޭހަތެއް
  ޔަންބަނދެފޫ ދެރިޔަނުގާ
  ވިއްކަތޭ އުޔަށް ކަފަކުއްޔަށް
  ދަރިނުހުރެ މަޔަށްބަފަޔަށް
  އޮތްއޮޅުއޮތް ނަގޫދަމައި
  ނަގުލުންވޭ ބޯމަތުރައި
  ހޭނަކަތްވެރިން މެދުގައި
  އެކަމެއްނޯ މިކަމެއްނޯ
  ބިބީ ގޮސްހުރެ ބަލާނދޭ
  އޭނާ އެރުވި ތަނަށްމާ
  ރިޔަން ކަންދޭން އައިމާ

  މުހައްމަދު ނާޖިހު

  މަލިކު މީހުން ކިޔާގޮތަށް

  އޭސިލުނބޭ މީސިލުނބޭ
  ރުކަށް އަރަން ގަތް ސިލުނބޭ
  ދުރުނބާޔަށް ލޯސިލުނބޭ
  ކޮޅުފަހަށް ދަގަނޑު ސިލުނބޭ
  ރަންމެ ރަންމެ ރަންއެދެއްގަ
  ރަންކަންނެއު ލައިފައްޔޯ
  ރަންއުރައިން ފަހައިފައްޔޯ
  ގުޑިޔާބާ ނިންދައްޔޯ
  ފިރިހެންކޮޅު ދޮއްވައްޔޯ
  ރިޔައުފެހީ ހަދުވަހުނޯ
  ކުނބުނެގީ ބާރައިންނޯ
  އަތުން ދަނޑިކޮ ތާކުތަކޯ
  ފައިން ދަނޑިކޮ ތާކުތަކޯ
  ހުދުކާފަތި ކަޅުކާފަތި
  އެބިންދަމާ ރުއްމަގުނޯ
  މިބިންދަމާ ރުއްމަގުނޯ
  ތަކުރު ގޯއްޗަށް އެއްރިނދަފޫ
  ނުނިދިއްޔަކާ ބަންޑާރައެއް ނުދޭނެޔޯ

  މުހައްމަދު ނާޖިހު

  މަލިކު ބަންޖެއް

  ކޯޑިކޮޅު ކަނިގަނޑެއްގަ
  ކީރިދާތަ މަސްބައިބައި
  މަލާފަތެއް ބޮލު އަރުވައި
  ފެންކޫދެއް އަތުލައިގެން
  ތިމަންކަލެއް ފައިބިފަހުން
  ކާން އިއްތި ދޮންކަމަނާ
  ކައިފޫވޯ ބޮއިފޫވޯ
  ނަހަރި ގޮނަށް ލައިފޫވޯ
  އުނދުޅި ބިތުގަ ލައިފޫވޯ
  ދުވަމުންގޮސް ވެރެމުންގޮސް
  ދިވެހިއަރާ ރާއްޖޭގެ ނިޔަމިފޮތްކޮޅެއް ގެންގެން
  ކޯފިކޯފި ޖެހޭތީވެ ނާފިތިއްޖެ ދެލޯޔޯ
  އެރުވިމިރުސް ވަށަފަރޯ
  ހަސަންރަސްގެ އަލިދެލޮލަށް ދެއްވި
  ރަންމަޑިތިލަ އެއްތެއުގަން
  ޖަހަނި ނަގަނި ހިފަނި ތަންމަތިބޮނޑި
  ބޯލަ މަސްކަނޑާ ކަތިވަޅި
  ނިތުން ތެއުފެލާ ކަތިވަޅި
  ތުއްކޮމަރަން ތުއް ކަތިވަޅި އާއި…އޫން…

  މުހައްމަދު ނާޖިހު

  މަލިކު ބަންޖެއް

  މިދަރި ބައްޕަ އާނާނޭ
  އާނައިރުން ގެންނާނޭ
  ދޮންކުސަބަރި ގެންނާނޭ
  ގެނެސްފައި ގޮވައިލާނޭ
  ދަރިފުޅޯ ގޮވައިލާނޭ
  ދަރިފު އުރައިގަންނާނޭ
  ދެއަތަށް ދެލޮނބޯ ދޭނޭ
  ލޮނބޯ މަދުވެ ނުހިފާނޭ
  ލޮނބޯގަސްދަށަށް ދާނޭ
  ދޮންވެ ލޮނބޯ އަޅުވާނޭ
  ރޯވެ ލޮނބޯ އުފުރާނޭ
  އުފުރުމަކުން ސަނދުބަލަޔޯ
  ވަޅުދޮށު އޮތް ގައުމައްޗަށް
  ފުއްމައިގޮސް އެރި ދަރިފޫ
  މިހިރަ އަފާ ހެއުދަރިފޫ އާއި…އޫން…

  މުހައްމަދު ނާޖިހު

  މަލިކު ބަންޖެއް

  ދާންދާން ދާންވެގެން
  ހައްދުންމަތި ދާންވެގެން
  ތިލަދުންމަތި ދާންވެގެން
  ތާންތާން ތާރަވެރިން
  ހެއްމަހެއްމަ ރާޅުވެރިން
  މޫދުގައި ހުރި ދެރާވެރިން
  ކައިފޫވޯ ބޮތްފޫވޯ
  އުނދުޅި ބިތުގަ ލައިފޫވޯ
  ނަހަރި ގޮނަށް ލައިފޫވޯ
  ތައްކުޅަނދުރު ބޯމައްތިން
  އުމަރު ބަނޑުކޮ ޓޮސްވެލަގާ
  ބަނޑުއޮޑި އާނަން ނަދުރަކު ބުންޏޭ
  އާއި އޫން…

  މުހައްމަދު ނާޖިހު

  މަލިކު މީހުން ކިޔާގޮތް

  ބޯބޯ ބޮއްތަލާ
  ދެފަނިކާ ފެންބޮކާ
  އޮޑިވަތު ދިޔަހިއްކައިގެން
  ބޯލަ ގެނައި މަސްފައްޗެއް
  ބޯލަޔަށް ނުދީ ކައިގެން
  ބޯލަ ހޯދަން އަރައިއަރައި ބަން!

  މުހައްމަދު ނާޖިހު

  މަލިކު ބަނދިތަކުގެ މައުލޫމާތު ދެއްވީ މަލިކު ފެންގެންނަގޯތި މުޙައްމަދު (އެފްޖީ)

  މުހައްމަދު ނާޖިހު

  އައްޑޫ ގަމުގައި ކިޔައިއުޅުނު ގޮތް

  ބޯއްބޯއް ބޮއްތިލާ
  ދެފަޱިކާ ފެންބޮކާ
  އޮޑިވަތި ދިޔަ ހިއްކައްޔޯ
  ހިއްކައި ކަލޯ ރިއް ބިނދަގެން ފަލި ބިނދަގެން
  ކޮއްކަޑިތާން ކޮއްކަޑިޔޯ