މި ލިޔުމަކީ ދިވެހި ރާއްޖެއާއި މެދު ފުށެތިކާލުން (ޕޯރޗުގީޒުން)ގެ ލިޔުންތެރިއެއް ކަމުގައިވާ ޑްއާރޓޭ ބަރްބޯސާ 1518މ ގައި ލިޔެފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެކެވެ. ފުށެތިކާލުން ދިވެހި ރާއްޖެ ހިފައި ވެރިކަން ހިންގަން ފަށާފައިވަނީ 1558މ ގައެވެ. އެ އަހަރުން ފެށިގެން 15 އަހަރާއި ދުވަސްތަކެއް ވަންދެން ފުށެތިކާލުން އެމީހުންގެ ބާރު ރާއްޖޭގެ މައްޗަށް ހިންގިއެވެ. އެހެން ކަމުން މި ލިޔުން ލިޔެފައިވާނެ ކަމަށް ބެލެވެނީ ފުށެތިކާލުން ދިވެހި ރާއްޖެ އަޅުވެތިކުރުމުގެ ކުރީގެ އަހަރުތަކެއްގައެވެ.
ފުށެތިކާލުން އުތުރުކަރައިގައި ތިބި ދުވަސްވަރު ބަރްބޯސާ މަސައްކަތްކޮށްފައިވަނީ އެބައިމީހުންގެ ކާތިބެއްގެ ގޮތުގައި ކަންނަންނޫރު ފެކްޓަރީއެއްގައެވެ. މަލަޔާލަމް ބަހުން ވާހަކަ ދައްކާ ކަންނަންނޫރު މީހުންނާއި ފުށެތިކާލުންގެ ދެމެދު ތަރުޖަމާނެއްގެ ގޮތުގައި ވެސް ބަރްބޯސާ މަސައްކަތްކޮށްފައިވެއެވެ. މި ލިޔުންތައް ވަނީ “ޑްއާރޓޭ ބަރްބޯސާގެ ފޮތް” ނަމުގައި ބަރްބޯސާ ލިޔެފައިވާ ފޮތެއްގައެވެ. މި ފޮތަކީ ފުށެތިކާލުންގެ އެންމެ ދުވަސްވީ އެއް ދަތުރުނާމާ ފޮތެވެ.
ބަރްބޯސާ ގެ ލިޔުންތަކުގެ ތެރެއިން ދިވެހި ރާއްޖެއާއި ބެހޭގޮތުން ލިޔެފައިވާ ލިޔުމުގެ އިނގިރޭސި ތަރުޖަމާ ވަނީ ޗަންޑްރާ ރިޗަރޑް ޑެސިލްވާ ލިޔުއްވާފައިވާ
Portuguese Encounters with Sri Lanka and the Maldives: Translated Texts from the Age of the Discoveries
މި ފޮތުގައެވެ.
ދިވެހި ރާއްޖެ އާއި މެދު – ޑްއާރޓޭ ބަރްބޯސާ 1518މ
މަލާބާރުން ސަތޭކަ ވިހި މޭލު ދުރުމިނުގައި ކަނޑަށް ފެތުރިފައިވާ ރަށްތަކެއްވެއެވެ. މޫރިސީން (Moors) ބުނާ ގޮތުގައި މި ރަށްތަކުގެ އަދަދަކީ ބާރަ ހާހެވެ. މި ރަށްތައް އޮރިއްސާގެ ޕާޑުއާ ތިލަ އޮންނަ ހިސާބު ކަންނަންނޫރު އެޅިމަލަ ކަނޑުން ފެށިގެން މެލޭ ކަރަގޮނޑުން އޮންނަ މަލައްކާ އާއި ހަމައަށް ފެތުރިގެންވެއެވެ. މި ރަށްތަކުގެ ތެރެއިން ފުރަތަމަ ތިން ރަށަކީ ވަރަށް ކުޑަ އަދި ފުށިކޮށް ވާ ތިން ރަށެވެ. މިއި ދިވެހި ރާއްޖެއެވެ. މި ރަށްތަކުގައި ވަޒަންވެރިވެ އުޅެނީ މަލާބާރު މޫރިސީންނެވެ. އަދި މިބައިމީހުންނަނީ ކަންނަންނޫރު ރާޖާގެ ވެރިކަމުގެ ދަށުގައި ތިބި ބައެއްކަމުގައި ވެސް ބުނެއެވެ. މި ރަށްތަކުގައި ހިސާބަކަށް ރުއް ހެދެއެވެ. މި ބައިމީހުން ކައިބޮއެ އުޅެނީ މި ރުއްތަކުން ލިބޭ އެއްޗަކުންނެވެ. އަދި މި ރަށްތަކަށް ބޮނބި ނަރުން އުފައްދާ ރޯނު ބަލާ އަންނަ މަލާބާރު އޮޑިފަހަރުން ހަނޑޫ ގެނެއެވެ.
- ދެން މި ލިޔަނީ މިހިސާބުން މި ލިޔުމުގައިވާ ހަވާސާ ނޯޓެއްގެ ތަރުޖަމާއެވެ.
ޕައްނާނީ އާއި ކޮއްޗޭ އަދި ކޮއްލަމް ބަނދަރާއި ދިމާލުން ކަނޑުގައި އަދި އެހެން ރަށްތަކެއް ވެއެވެ. މި ރަށްތަކުގެ އަދަދަކީ ދިހަ ހާސް ނުވަތަ ބާރަ ހާހެވެ. އަދި ވަޒަންވެރިވެ އުޅެނީ އަމިއްލަ ބަހަކުން ވާހަކަ ދައްކާ އަދި ހަމުގެ ކުލަ ރީނދޫ މުށިކުލައަކަށް ދާ މޫރިސީންގެ ބައެކެވެ. މިބައިމީހުންގެ ރަސްގެފާނަކީ ވެސް މޫރިސީއެކެވެ. ރަސްގެފާނުން ހުންނަވަނީ “މަހަލްދިއު” ކިޔާ ރަށުގައެވެ. މިހުރިހާ ރަށްތައް އެކުވާނެ ގޮތުން ކިޔައި އުޅެނީ “ޕަލަންދޫރާ”އެވެ. މި ރަށްތަކުގެ މީހުންގެ އަތުގައި ހަތިޔާރެއް ނުހުރެއެވެ. މިއީ ރަށްފުށު ނިކަމެތި ބައެކެވެ. ވަރަށް މަކަރުވެރި އަދި ފަންޑިތައިގެ ކަންކަން މޮޅަށް ދަންނަ ސިހުރުވެރި ބައެކެވެ. މި ރަށްތަކުގެ ރަސްގެފާނަކީ ކަންނަންނޫރުގެ މޫރިސީންނާއި ވިޔަފާރިވެރިންނަށް ބޭނުން އިރަކު ރަސްކަމުން ވަކިކުރެވޭ ގޮތަށް އެބައިމީހުން ކަނޑައަޅާފައި ހުންނަ މީހެކެވެ. ކޮންމެ އަހަރަކު ވެސް ރަސްގެފާނު ކަންނަންނޫރުގެ މޫރިސީންނާއި ވިޔަފާރިވެރިންނަށް ކަފުނާއި ބޮނބިން ތައްޔާރުކުރާ ރޯނާއި އަދި މި ރަށްތަކުގައި އުފައްދާ އުފެދޭ އެކި ބާވަތްކުގެ ތަކެތި އޮޑިފަހަރުގައި ބަރުކޮށްފައި ފޮނުވައެވެ. އަދި ބައެއް ފަހަރު ކަންނަންނޫރު މޫރިސީންގެ އޮޑިފަހަރު މި ރަށްތަކަށް ގޮސް ފައިސާ ދިނުމެއް ނެތި އެބައިމީހުން ބޭނުންވާ މުދާ ރުހުމުގައި ނުދަ ގަދަބާރުންވެސް އަތުލައެވެ
– އިޓަލީގެ ދަތުރުވެރިޔާ އަދި ޖިއޮގްރަފަރ ޖިއޮވައްނީ ބަޓިސްޓާ ރަމުސީއޯ (1485މ އިން 1557މ އަށް) ގެ ސަފަރުނާމާއިން ކުރެވިފައިވާ ނަކަލެއް. މި ހަވާސާ ނޯޓު މިތަނުގައި ލިޔެވިފައި މި ވަނީ ގުޅުން ހުރި ލިޔުމަކަށް ވާތީއެވެ. ރަމުސީއޯގެ އިސްޕޭނު ތަރުޖަމާނު އިތުރަށް ލިޔެފައިވާ ލިޔުންތަކެވެ. މި ރަމުސީއޯ އަކީ ދަތުރުވެރިންގެ ސަފަރުނާމާތައް އެއްކޮށް އެ ޒަމާނުގައި ޝާއިއުކުރި މީހެކެވެ. ބަރްބޯސާގެ ލިޔުން ނެގިފައިވަނީ ވެސް ރަމުސީއޯ އެއްކޮށްފައިވާ ލިޔުންތަކުން ކަމުގައި ފެނެއެވެ.
މި ރަށްތަކުގައި ގިނަ އަދަދަކަށް ހިކިމަސް އުފައްދާ ގުދަންކުރެވިފައިވެއެވެ. އަދި މިރަށްތަކުން ގުޖުރާތާއި ބަންގާޅަށް ކުދި ބޮލި ބޭރުކުރެއެވެ. ގުޖުރާތު ރަސްކަމާއި ބަންގާޅަށް މިއީ ވަރަށް ބޭނުންތެރި އެއްޗެއް ކަމުގައި ވަނީ ވެފައެވެ. މިއީ ރަތޮލޮޔަށް ވުރެ ސާފު އަދި ރަނގަޅު އެއްޗެއްކަމުގައި ވެސް ދެކެއެވެ.
މި ރަށްތަކުގައި ކަފަ(އުއި) އާއި ފަށުއި އަދި ރަނުން ވަރަށް ރަނގަޅަށް ފޭރާން އުފައްދައެވެ. މިއީ ހެދުމާއި ބޮލު ފޮށާގެ ގޮތުގައި ބޭނުންކުރުމަށް މޫރިސީންނަށް ވަރަށް އަގުބޮޑުކޮށް ވިއްކޭ ފޭރާމެކެވެ. މި ރަށްތަކުގެ ފިރިހެނުން ވަރަށް ފަރުވާތެރިކަމާއި އެކު ތައްޔާރުކުރެވިފައިވާ އަދި އެހާމެ ފުރިހަމަ ފޭރާމަކުން ވާ ފޮށާ ބޮލުގައި އެޅުމަށް ބޭނުންކުރެއެވެ. އަހަރުމެންގެ ފޭރާން އުފައްދާ މީހުންނަށް މިފަދަ މަސައްކަތެއް ނުކުރެވޭނެއެވެ. މި ރަށްތަކުން ކަހަނބު ފަތް ލިބެއެވެ. މިބައިމީހުން މިއަށް ކިޔަނީ “އަލުޤުއާމާ” އެވެ. ވަރަށް ތުނިކޮށް ބައިބަޔަށް މި ކަހަނބުފަތްތައް ތައްޔާރުކުރެއެވެ. މިއީ ގުޖުރާތަށް ގިނަ އަދަދަކަށް ބޭރުކުރެވޭ ވިޔަފާރި މުދަލެކެވެ.
ގިނަ އަދަދަކަށް މި ރަށްތަކުން މާވަހަރު ހޮވައެވެ. މީގެ ތެރޭގައި ހުދު (ހުދުންބަރު)، އަޅި އަދި ކަޅު މާވަހަރު ހުރެއެވެ. ވަރަށް ގިނަ ފަހަރު އަހަރެން މޫރިސީން ކައިރީ މި މާވަހަރަކީ ކޮންއެއްޗެއް ކަމާއި އަދި މި މާވަހަރު އުފެދި ލައްގާ އިރެއް އަހާ އޮޅުން ފިލުވީމެވެ. މާވަހަރާއި މެދު މިބައިމީހުންގެ ތެރޭގައި އޮންނަ ގަބޫލުކުރުމަކީ، ދޫންޏެއްގެ ގުއިކަމުގައެވެ. އަދި މިބައިމީހުން ބުނާގޮތުގައި މި ރަށްތަކުގެ ތެރެއިން މީހުން ނޫޅޭ ފަޅުރަށްރަށުގައި ބާވަތެއްގެ ބޮޑު ދޫންޏެއް އުޅޭކަމަށާއި މި ދޫނި މޫދުގައިވާ ފިނޮޅު ހުރާނގަނޑުތަކަށް މި “ގުއި” ބާލާ ކަމަށެވެ. އަތްވާއި ވަޔާއި ވިއްސާރައާއި އެކު މި “ގުއި” ކުލަ ބަދަލުވެ އަދި މަޑުވެއެވެ. އަދި ކޮޅިގަނޑުތަކާއި ވިއްސާރަ ތޫފާންތަކާއި އެކު ކުދި ބޮޑު މި “ގުއި”ތައް ކަނޑުގެތެރެއަށް ފައިބައިގެން ދެއެވެ. ކަނޑަށް ފައިބައިގެންދާ “ގުއި” ތައް ރަށްރަށުގެ ގޮނޑުދޮށަށް ލައްވެއެވެ. ނުވަތަ ބޮޑުމަހުގެ ބަނޑުތެރެއަށް ދެއެވެ. މިބައިމީހުން ހޮވާ މާވަހަރުތަކުގެ ތެރެއިން ހުދު މާވަހަރަށް ކިޔަނީ “ޕޮނަންބަރު”އެވެ. މިއީ އެންމެ އަގު ބޮޑު މާވަހަރެވެ. މިއީ ކަނޑުގައި ގިނަ އިރު އޮޔާ ނުގޮސް ލައްވެފައިވާ މާވަހަރުކަމަށް މިބައިމީހުން ބުނެއެވެ. އަދި އަޅި މާވަހަރަށް އެ ކުލަ އަންނަނީ ގިނަ އިރު ކަނޑުގައި އޮޔާ ދައުރުވެފައިވާތީ ކަމަށް ވެސް ބުނެއެވެ. މިއީ ވެސް ރަނގަޅު މާވަހަރެއް ކަމުގައި ބަލައެވެ. ނަމަވެސް މިއީ ހުދު މާވަހަރު ފަދައިން އަގުކުރެވޭ އެއްޗެއް ނޫނެވެ. ކަޅު ކުލައިގައި ހުންނަ އަދި ހިސާބަކަށް ހަލާކުވެފައިވާ މާވަހަރަކީ ބޮޑުމަސް ކައިފައިވާ މާވަހަރުކަމުގައިވެއެވެ. އަދި މާވަހަރަށް ކަޅުކުލަ އަންނަނީ ބޮޑުމަސް އެ ދިރުވާލުމުންކަމުގައި ވެއެވެ. މާވަހަރުގެ ބާރުގަދަކަމުން ބޮޑުމަހުގެ ބަނޑުތެރެއިން ހޮޑުގެ ގޮތުގައި ބޭރުވެއެވެ. މި ބާވަތުގެ ކަޅު މާވަހަރަށް ކިޔާ އުޅެނީ “މިނަމްބަރު”އެވެ.
މި ރަށްތަކުގައި ރުކުގެ ވަކަރުން ކަނޑަށް ރަނގަޅު އޮޑިދޯނިފަހަރު ގިނަ އަދަދަކަށް ބަނދެއުޅެއެވެ. ވަކަރުތައް ރޫޅިގެން ނުދާނެ ގޮތަށް ރޯނުން ބަނދެއެވެ. ދޯނި ފަހަރު ބަނުމަށް މިބައިމީހުން ރުކުގެ ވަކަރު ބޭނުން ކުރަނީ ކަނޑަށް ގަދަ އެހެން ލަކުޑިއެއް މި ރަށްތަކުން ލިބެން ނުހުންނާތީއެވެ. މިގޮތަށް ބަންނަ އޮޑި ފަހަރުގައި މިބައިމީހުން ވެރިރަށަށް ދަތުރުކުރެއެވެ. މިއީ ފަށަނަށް ވަކަރު ލާ ބަނދެފައިވާ ބަރު އޮޑިތަކެކެވެ. އަދި ފަލިޖަހައިގެން ދަތުރުކުރާ ކުދި އޮޑިފަހަރު ވެސް މިބައިމީހުން ބަނދެއެވެ. މިއީ އެހެން ގައުމުތަކުގައި ބަންނަ ކަހަލަ ކަނޑުމައްޗަށް ރަނގަޅު ލުއި އޮޑިތަކެކެވެ. މި އޮޑިފަހަރުގައި މި ބައިމީހުން އެއްރަށުން އަނެއް ރަށަށް އަދި މާ ކަނޑު ހުރަސްކޮށް މަލާބާރަށް ވެސް ދަތުރުކުރެއެވެ.
ސީނުކަރައާއި ބަންދަކަނޑުަގައިވާ މަލުކޫ ރަށްތަކާއި ބަރުމާގެ ބާގޯއާއި މަލައްކާ އަދި ސުމަތުރާ، ބަންގާޅު އަދި އޮޅުދޫކަރަ ހުރަސްކޮށްފައި ރަތް ކަނޑަށް ދާ މޫރިސީންގެ އޮޑިފަހަރު މި ރަށްތަކުގައި ބަނދަރުކޮށް އޮޑިފަހަރަށް ބޯފެނާއި ދަތުރަށް ބޭނުންވާ ތަކެތި ބަރުކުރެއެވެ. އޮޑިފަހަރަށް މި ރަށްތަކާއި ހަމައަށް އަންނަ ގަދައިގައި އަންނަން ޖެހޭތީ ވިޔަފާރިމުދާތައް ކަނޑަށް އަޅަން ޖެހޭ ފަހަރުވެސް އާދެއެވެ. މިގޮތަށް އަޅާތަކެތި ކަނޑު އަޑިއަށް ދެއެވެ. އަދި އަގުބޮޑު ވިޔަފާރި މުދައު ބަރުކޮށްގެން މި ރަށްތަކުގެ ތެރެއިން ލާފައި މަލާބާރަށް ދަތުރުކުރާ މޫރިސީންގެ އޮޑިފަހަރު ދަތުރު ފުރިހަމަ ނުކުރެވި ފަރަށް އަރާ ފަހަރުވެސް އާދެއެވެ. މިގޮތަށް ރަށްރަށުގެ ފަރަށް އަރާ އޮޑި ފަހަރުން މިބައިމީހުން އަގުބޮޑު ވިޔަފާރި މުދާތައް އެކޮށް މި ރަށްތަކަށް ބޮނބި ރޯނު ހޯދުމަށް އަންނަ މަލާބާރިންނަށް ވިއްކައެވެ.
ހަވާސާނޯޓު
ލިޔުމުގައިވާ ބައެއް ބަސްތަކުގެ އިތުރު ބަޔާން
- 120 މޭލު: އިނގިރޭސި ލިޔުމުގައި ވަނީ “Forty Leagues Distance” އެއް ލީގަކީ ތިން މޭލު ކަމަށް ބަލާ އުޅޭއެވެ. މިއީ ދުރުމިން ބަލާ އުޅުނު އިހުގެ މިންގަޑެކެވެ. ތިން ލީގަކީ ސަތޭކަ ސާޅީން މޭލެވެ.
- Moors: “މޫރސް” މޫރިސީން – އަކީ މަގުރިބުކަރާއާއި ސިސިލީ އަދި އުތުރު އެފްރިކާ އާއި އިސްޕޭގެ ބައެއް ހިސާބުތަކުަގައި ވަޒަންވެރިވެ އުޅުނު މުސްލިމުންނެވެ. މިހިސާބުގެ އަރަބިންނާއި އުތުރު އެފްރިކާގެ ބަރުބަރުންނާއި އަދި ވިލާތު ހިސާބުތަކުގެ މުސްލިމުން “މޫރސް”ގެ ގޮތުގައި ނިސްބަތްކުރެވެއެވެ. ލަންކާއާއި އިންޑިއާ އަދި ބަންގާޅުގެ މުސްލިމުންނަށް ވެސް މޫރިސީންނޭ ކިޔައެވެ.
- ފުށެތިކާލުން؛ ޕޯޗުގީޒުން
- 12،000 ރަށް: ރާއްޖޭގައި ވަނީ 12،000 ޖަޒީރާކަަމަށް ކުރީގެ އެކި ލިޔުންތަކުން ފެންނަން ހުރެއެވެ. 12،000 ޖަޒީރާގެ ވެރިޔާގެ ނަމުން ރާއްޖޭގެ ރަސްރަސްކަލުންނަށް ވެސް ނިސްބަތްކުރެވެއެވެ. މިއީ އެ ޒަމާނުގައި ރާއްޖޭގައި އޮންނަނީ ކިތައް ރަށްކަމުގެ އަންދާސީ އަދަދެއް ކަމަށް ބެލެވެއެވެ.
- Padua: މިއީ އިންޑިއާގެ އޮރިއްސާގެ އިރުމަތީ އައްސޭރީގައިވާ އަވަށެކެވެ. ޕާޑުއާ ތިލަ ކަމަށް ލިޔެފައި އެވަނީ ޕާޑުއާ އާއި ދިމާއިން ކަނޑުގެ ތިލަ ހިސާބަށެވެ.
- Mount Dely: މި ބަސް މާނަކުރެވިފައި ވާނީ “ކަންނަންނޫރު އެޅިމަލަ” ގެ ގޮތުގައެވެ. މިއީ ކެރަލާގެ ކަންނަންނޫރު އައްސޭރި ފަށުގައި ކަނޑު ބަދަރަކާއި އެކު އޮންނަ އުސް ހިސާބެކެވެ. މި ސަރަހައްދަށް Ezhimala މި ގޮތަށް ވެސް ލިޔެފައި ހުރެއެވެ.
- Melaka, Malacca: މަލައްކާ، މިއީ މެލޭ އައްސޭރިފަށުން ވާ ހިސާބެކެވެ.
- Ponnani: ޕައްނާނީ، މިއީ ކެރެލާގެ މަލައްޕޫރަމްގައިވާ ސަރަހައްދެކެވެ.
- Cochin: ކޮއްޗޭ، ކޮޗިން، މިއީ އިންޑިއާގެ ހުޅަނގު ދެކުނަށް ލަކުޑިދާބު ކަނޑަށް( Laccadive Sea) ވާގޮތަށް އޮންނަ ބަނދަރުމަތީ ހިސާބެކެވެ.
- Coulan: ކޮއްލަމް، މިއީ ކެރެލާ އައްސޭރިން ލަކުޑިދީބު ކަނޑާއި ގުޅިފައިވާ އިހުގެ ބަދުރުމަތީ ރަށެކެވެ.
- Cannanore: މިއީ އިންޑިއާގެ ކަންނަންނޫރެވެ.
- Bengal: ބަންގާޅު، މިއީ ބޭ އޮފް ބެންގާލުގައިވާ ސަރަހައްދެކެވެ. މިހާރު ބަންގާޅު ވަނީ ބަންގްލަދޭޝްއާއި އަދި އިންޑިއާގެ މެދުގައި ބެހިފައެވެ. ހުޅަނގު ބަންގާޅު އޮންނަނީ އިންޑިއާގެ ސަރަހައްދުގެ ތެރޭގައެވެ. ބަންގާޅުގެ ނަމުން އޭރުގައި ކިޔަނީ އުތުރުކަރަ އެއްކޮށް އޮތް އިރު މުޅި މި ސަރަހައްދަށެވެ. ކުރީގެ ބަންގާޅުގެ ކަލްކަތާ އެއީ މިހާރުގެ އިންޑިއާގެ ކަލްކަތާއެވެ. އަދި ޑާކާ ގޮސްފައިވަނީ ބަންގާޅުގެ ބަންގްލަދޭޝް ފަޅިއަށެވެ.
- Copper: ރަތުލޯ، ރަތްކުލަޔަށްދާ މައުދަނެއް
- Ambergris: މާވަހަރު، މިއީ ބޮޑުމަސް ނުވަތަ އަންބަރުމަހުގެ ބަނޑުގައި އުފެދޭ އެއްޗެކެވެ. މާވަހަަރަށް އަންބަރު ވެސް ކިޔާ އުޅެއެވެ. އަދި ހުދު މާވަހަރަށް ހުދަންބަރު ވެސް ކިޔާ އުޅެއެވެ.
- Moluccas, Maluku Islands: މިއީ އިންޑޮނޭޝިއާގެ ބަންދަކަނޑުގައިވާ މަލުކޫ ރަށްތަކެވެ.
- Pegu, Bago: މިއީ ބަރުމާގެ އައްސޭރިންވާ ބާގޯ ކިޔާ ރަށެވެ.
- Ceylon: އޮޅުދޫކަރަ
- Silk: ފަށުއި، ފަށުވި، މިއީ ފަށުއިފަނީގެ ދަވައިން އުފެދޭ ހިމަ ފައްތަކަކަުން އުފައްދާ ފޭރާމެވެ.
- Cotton: އުއި، ކަފައިން ހަދާ ހިމަ ރޮދި އަދި އޭގެން ހަދާ ފޭރާން
- ސަފަރުނާމާ: ދަތުރުނާމާ، ދަތުރުގެ ޔައުމިއްޔާ ނުވަތަ ދަތުރުގައި ކަންހިނގި ގޮތް ލިޔެފައިވާ ލިޔުން