ކޮޅުނބުގެ ކުއްޕިޔަވައްތަ – ދިވެހި ޅެންވެރިންގެ މަޒާރު

ދިވެހިން އޮޅުދޫކަރައަށް ދޫކޮށްފައިވާ ހަނދާންތައް 1

_____________________________

ތަނަކީ އޮޅުދޫކަރައެވެ. މި ރަށުގައިވާ ދިވެހިންނާއި ގުޅިފައިވާ ތަންތަނުގެ މައްޗަށް ލިޔުމުގެ ޝައުގުވެރިކަން ފުރަތަމަ ގެންގޮސްދިނީ ކޮޅުނބު ކުއްޕިޔަވައްތަ މުސްލިމް ގަބުރުސްތާނަށެވެ. ކުއްޕިޔަވައްތަ އަކީ ކޮޅުނބު މަރުދާނާ ސަރަހައްދުގައިވާ އަވަށެކެވެ. މަރުދާނާއަކީ ކޮޅުނބުގެ މުސްލިމް ތާރީޚާއި ގުޅިފައިވާ ހިސާބެކެވެ. މުސްލިމުންނާއި ތަމަޅައިން މަރުދާނާއާއި ވަށައިގެންވާ އަވަށްތަކުގައި އާބާދުވެފައިވެއެވެ. މަރުދާނާ މިސްކިތް ބިނާކޮށްފައިވަނީ 1840 ވަނަ އަހަރު ކޮޅުނބު ސޯޅިޔާއިން (އޮޅުދޫކަރައިގެ މުސްލިމުން)ގެ ތެރެއިން އެއިރު ނަން އުފުލިގެންވާ ވަފީ މަރައްކާރާއި ބައެއް އިސްލާމުންނެވެ. މަރުދާނާ މިސްކިތާއި އޭގެ ފަހުގައި ބިނާކުރެވުނު މަދަރުސާ ވެގެންގޮސްފައިވަނީ އޮޅުކަރައިގެ މުސްލިމް މުޖްތަމަޢުގެ އެއްބައިވަންތަކަން ދަހަމައްޓައި އިސްލާމީ ތަޢުލީމް ފެތުރުމުގެ މަރުކަޒެއްކަމުގައެވެ.

ކުއްޕިއަވައްތަ މިސްކިތާއި ގަބުރުސްތާނު ބަލަހައްޓަނީ ކޮޅުނބު މަރުދާނާ މިސްކިތުންނެވެ. މި ގަބުރުސްތާނުގެ ގޯތިތެރޭގައި ގުއްބެއްލާފައިވާ މިސްކިތެއް ހުރެއެވެ. މިސްކިތާއި ގުޅިފައިވާ ވުޟޫކުރުމަށް ޙާއްޞަ ފެންގަނޑެއް މިތަނުގައިވެއެވެ. ދިވެހި ރާއްޖެ ދުށް ބައެއް ހަރުދަނާ ޝަހްސިއްޔަތުތައް ފަސްދާނުލެވިފައިވަނީ ކުއްޕިއަވައްތަ މިސްކިތާއި ގުޅިފައިވާ މުސްކުޅި ގަބުރުސްތާނުގައެވެ.

ބޭރުމަގުން ގަބުރުސްތާނަށް ވަންނަ ދޮރާށިން އެންމެގާތަށް ވަނީ ގަބުރުސްތާނު ބަލަހައްޓާ މީހުން ތިބޭ ދުވަސްވީ އިމާރާތެކެވެ. ގަބުރުސްތާނަށް ވަދެ މީހެއްގެ ހިލަމެއް ނުވުމުން މި މުސްކުޅި އމާރާތަށް ވަދެ ގޮވާލުމުން ދުވަސްވީ މީހަކު ނިކުތެވެ. އެމީހަކީ ތަން ބަލަހައްޓާ ސަރުދާރެވެ. މި ތަނުގައި ވަޅުލެވިފައިވާ މީހުންގެ ތެރެއިން ދިވެހިންގެ މަހާނަތައް ދައްކައިދިނުމަށް އެދުމުން ކައިރީގައިވާ މަހާނަތަކެއް ދައްކާފައި މިތަނުގައި ވަނީ ދިވެހިން ކަމުގައި ބުންޏެވެ. މަހާނަތަކުގައިވާ ލިޔުންތައް ކިޔުމުން މިއީ އައްޑިހައިގެ އަހަރުތަކާއި އޭގެކުރިއާއި އަދި ނުވަދިހައިގެ އަހަރުތަކުގައި ކުއްޕިޔަވައްތަގައި ވަޅުލާފައިވާ ދިވެހިންގެ މަހާނަތަކެއްކަން އެނގުނެވެ. މި މަހާނަގާތައް ވަނީ އެއް ފަރުމާއަކަށް މި ރަށު ސޯޅިޔާއިންގެ މަހާނަގާތަކުގެ ސިފައަށެވެ.

___________

ހުސައިން ޞަލާހުއްދީން

ތަން ބަލަހައްޓާ މުސްކުޅި ސަރުދާރު ކައިރީ ކުއްޕިޔަވައްތަގައި ޞަލާހުއްދީން ކިޔާ ދިވެހިންގެ ވަރަށް ބޮޑު މީހަކު ފަސްދާނުލެވިފައި ވާނެ ކަމަށާއި އޭނާގެ މަހާނަ ދައްކައި ދިނުމަށް އެދުމުން ގަބުރުސްތާނުގެ މެދުން ހަދާފައިވާ ހަނި މަގުތަކުން އެތެރެއަށް ގޮސް އުސްކޮށްހުރި ބޮޑު ގަލެއް ދެއްކިއެވެ. މިއީ ދިވެހި ރާއްޖޭގެ ގަބުރުސްތާނުތަކުގައި ހުންނަ ބައްޓަމަށް ފަރުމާކޮށްފައިވާ ދިވެހި މަހާނަގަލެކެވެ. މަހާނަގަލުގައި އެއްވެސް ލިޔުމެއްވޭތޯ ބެލި އިރު ގަލުގައި ހަރުކޮށްފައިވާ ލިޔުންކޮޅު ވަނީ ނައްޓާލާފައެވެ. ލޮއިގެ ލިޔުންކޮޅު ހަރުކޮށްފައިވާ ތަން ފާހަގަވާން ހުއްޓެވެ. އެއްވެސް ހިސާބެއްގައި ވެއްޓިފައިވާ ލިޔުންކޮޅު ވޭތޯ ބަލައިވެސް ނުފެނުނެވެ. ކުރިން ފެނިފައިވާ މި މަހާނަގަލުގެ ފޮޓޯއަކުން ލިޔުންކޮޅު ނެއްޓިފައިވާ ގަލަކީ ޙުސައިން ސަލާހުއްދީންގެ މަހާނަގާކަން އެނގުނެވެ. ހިތްމައްޗަށް އަންނަން ފެށީ ޙުސައިން ޞަލާހުއްދީންގެ ޅެންތަކާއި ހާޖަރާގޭ ތަޢުފީޤުގެ އަޑުން ކީރިތި ރަސޫލާގެ ސިޔަރަތުގެ ބައިތަކެވެ.

ނުދާށޭ ހެއްލިގެން ދުނިޔޭގެ ޒީނަތްތެރިކަމާ މެދުގައި

ވެދާކަން ފެންނަހިނދު އޭހުސްވެގެންވާ ހުވަފެނެއްކަމުގައި

  • ކުއްޕިޔަވައްތަ ގަބުރުސްތާނުގައިވާ ޙުސައިން ޞަލާހުއްދީންގެ މަހާނަގާ

“މިހައިރު މިޒަމާނުގައި، އިތުރުއެކަލޭގެފާނުންގެ މާތް ސިޔަރަތު ބަހަކަށްވާހައި ބަހަކުން އަދި އިސްލާމުންގެ އެކި ޤައުމުތަކުގެ މީހުން މޮށެއުޅޭހައި ބަހަކުންވަނީ ތަރުޖަމާވެވި ލިޔެވިގެންނެވެ.

އަހަރެެމެން ދިވެހިންނަކީވެސް ކިތައްމެ ޤައުމުމަދުވެފައި ރާއްޖެ ކުޑައަކަސް އެންމެން އިސްލާމްވެ އެކަލޭގެފާނުންގެ މާތްދީނުގައި ފައިތިލަ ޘާބިތުކޮށްގެން އުޅޭތާ އަށެއްކަސަތޭކަ އަހަރުވެއްޖެ ބަޔެކެވެ. މިބައިމީހުންގެ މެދުގައި ކިތައްމެ ކުޑަމިންވަރަކަށް ނަމަވެސް އިތުރު އެކަލޭގެފާނުންގެ ސިޔަރަތެއް މިބައިމީހުން މޮށެއުޅޭ ދިވެހިބަހުން ލިޔެވިގެންނެއްނުވެއެވެ.

މިހެންވެގެން މި ނިކަމެތިއަޅާއަށް މާތް ދޭވަތާއިންގެ ފަޞްލަވަންތަވެރިކަމުން ޢަރަބި ކަލާމުން ކޮންމެވެސް ހިސާބަކަށް އަންގަވައިދެއްވައިފައިވާތީވެ މި ފަރުޟް އަދާކުޅައުމުގެ ތަޢުފީޤްދެއްވަތްތޯ އެސުވާމީންގެ ކިބައިން އެދި ދުޢާކުރާތާ އެތައް ދުވަހަކަށްފަހު މިކަމަށް ފަށައިފީމެވެ.”

~

ޙުސައިން ޞަލާހުއްދީނަކީ ބޮޑުގަލުގޭ މޫސާދީދީއާއި ދަރަވަންދޫގޭ ތުއްތުމަނިކެގެ ހުޞައިން ދީދީއެވެ. ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ ޅެންބައިތެއްގައި ވިދާޅުވެފައިވާ ފަދައިން 15 ޖުމާދިލްޢޫލާ 1298ހ ވީ ބުރާސްފަތި ދުވަހުއެވެ.

اولى މަހުން جمادى الأ ދުވަހުން ފަނަރަ ބުރާސްފަތި

موسى ގެ ފުތް حسين ދީ އަވަހަށަ ވިޔެ ވިލާދަތި

ހިއައަހަ ރުވި އެ قرنން عمرން ފަނަރަވުމާ އެކު

މި އަހަރުގެ އެޕް މަހުން ރިލް ސައުދައިގެވީ މުލާ قت، އެވެ.

ފަޟީލަތުއްޝައިޚު حُسَين صلاح الدين ކިޔަވައިވިދާޅުވުމަށް ބޭރުކަރަކަރައަށް ވަޑައިނުގަންނަވައެވެ. ފުރަތަމަކިޔަވައި ވިދާޅުވީ އޭރު ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންކުރެ އަލްފަޤީހު އިބްރާހީމް ބިން ޙުސައިން ތަކުރުފާނު (އައްޑު މީދޫ އައިސާބީ ގެދަރު ދޮންބެއްޔާ)ގެ އަރިހުންނެވެ. އޭގެ ފަހުގައި ކިޔަވައި ވިދާޅުވީ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ބުނި އައް ނާއިބު އީސަލް މުލަކީ (ނައިބު ތުއްތު) ގެ އަރިހުންނެވެ. ވަރަށް ހަގު އުމުރުފުޅުގައި އައްސުލްޠާން މުހައްމަދު ޢިމާދުއްދީން ހަތްވަނަ (ޙާޖީ އިމާދުއްދީނު)ގެ ރަސްކަމުގައި ބަންޑާރަ ނާއިބުގެ މަގާމަށް އިސްކުރެވުނެވެ. ބަންޑާރަ ނާއިބުގެ މަގާމްގައި ހުންނެވުމަށް ފަހު ޙާޖީ ޢިމާދުއްދީން ކޮޅުނބަށް ވަޑައިގެންނެވި އިރު އަރިހުގައި ގެންދެވިއެވެ. ޙާޖީ ޢިމާދުއްދީނުގެ ރަސްކަން ބަދަލުވެ އައްސުލްޠާން މުހައްމަދު ޝަމްސުއްދީން ތިނެއްގެ ރަސްކަމުގައި ދިވެހި ރާއްޖޭގައި ފުރަތަމަ ޤާނޫނު އަސާސީ ލިޔެވި ދުސްތޫރީ ޙުކޫމަތު ޤާއިމުވެ ވަޒީރު ޙައްޤާނިއްޔާގެ މަގާމަށް އުއްތަމަ ފަނޑިޔާރުމަނިކުފާނުކަމުގައި ޙުސައިން ޞަލާހުއްދީން އައްޔަނުކުރެވުނެވެ. އޭގެ ފަހުގައި ހިނގާދިޔަ “މޮޓަރުބޯޓްގެ ގަޑުބަޑު” ގެތެރޭގައި އަމިއްލަފުޅަށް ކޮޅުނބަށް އަރުވާލެވުނެވެ. ކޮޅުނބުގައި ދުވަސްތައް ހޭދަކުރައްވަން ޖެހުމުން ހުންނެވި މަޤާމުން ވަކިކުރެވުނެވެ. އެދުވަސްވަރު ކޮޅުނބަށް ވަޑައިގެން ހުންނަވާ ހައްދަވާފައިވާ ހިތާމައިގެ ޅެމެއްގައި ވިދާޅުވެފައިވެއެވެ.

މެހުނު މަޅިޔަށްބޯ މަދެންހަމަ ނެއްޓިދާނެބާ

ޖެހުން ހިތާމާގޮތްތަކުން އަދި މޮހެވިދާނެބާ

އުނިކަންނުވާ މާތްދޫފުޅުން އެދުވަހު ވިދާޅުވީ

ޔުނިޓީއަކީ ފަހެ ހަސަދައާ މަކަރަށް ނުވާނެބާ

ޤަރުނުގެތެރޭ މިހިނގައިވެވުނުހައި ކުށްތަކަށްއެކީ

ޤުރުބާނަކަށް މި އަށެއްކަމީހުން ހަމަފުދޭބާ

  • ޙުސައިން ޞަލާހުއްދީން (މުންޑުއަނދެވަޑައިގެން) މޮޓަރުބޯޓުގެ ގަޑުބަޑުގައި ކޮޅުނބަށް ވަޑައިގެން ހުންނެވި ދުވަސްވަރުގެ ފޮޓޯއެއް. އަރިހުގައި އެހުންނެވީ އެއިރު ރާއްޖޭގެ ރަދުންގެ ފަރާތްޕުޅުން ސިލޯނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ކަކާގޭ ޙުސައިން ހިލްމީ ދީދީ.

އަޙްމަދު ކާމިލްދީދީ ހިޖުރައިން 1339 ވަނަ އަހަރު ދިވެހި ބަހުން ލިޔެވެވުނު ފުރަތަމަ ވާހަކަ “ރިވާޔަތު މޫސާ ވަޒުލޭޚާ” ލިޔުއްވިތާ ދެމަހެއްހާ ދުވަސްފަހުން އެއަހަރުގެ ރަޖަބުމަހުގެ ދެވަނަ ދުވަހު ދިވެހި ބަހުން ލިޔެވުނު ދެވަނަ ވާހަކަ “ރިވާޔަތު ކަރީމުއްދީނު ބުނު ދިލާވަރު ބަހުޝް” މަޝްހޫރު ދޮންބީފާނު ވާހަކަ ޙުސައިން ޞަލާހުއްދީން ދިވެހި އަދަބިއްޔާތަށް ދޫކުރެއްވިއެވެ. ދޮންބީފާނު ވާހަކަ ލިޔެވުނު ފަހުން މޮޓަރުބޯޓްގެ ގަޑުބަޑުގައި ހިޖުރައިން 1352 ވަނަ އަހަރު ހައްޖުމަހު ކޮޅުނބުގައި ހުންނަވާ “ރިޔާވަތު ނުޢުމާން ވަ މަރްޔަމް” ލިޔުއްވިއެވެ.

ރިވާޔަތު ނުޢުމާން ވަ މަރްޔަމް ވާހަކައިގައި އެދުވަސްވަރުގެ ކޮޅުނބުގެ މަންޒަރުތަކާއި ދިރިއުޅުން ސިފަކުރައްވާ ވަރަށް ފުރިމައަށް ޙުސައިން ޞަލާހުއްދީން ގެނެސްދީފައިވެއެވެ. “ކޮޅުނބު ގާލްފީސް”ގެ ނަމުގައި ލިޔުއްވާފައިވާ ފަޞްލަކީ ދިވެއްސެއްގެ ގަލަމުން އެހެން ޤައުމެއްގެ ސިފަކުރުން ގެނެސްދީފައިވާ ގޮތުގެ ފުރިހަމަ ނަމޫނާއެކެވެ.

“އެއްދުވަހެއްގެ ހެނދުނު އަށެއްޖެހިއިރު ކޮޅުބު ގާލްފިހެވެ ކިޔާ މައިދާނުގައި ހެނދުނުގެ ހަވާކެއުމަށް ވަރަށް ގިނަ ފިރިހެންނުންނާއި އަންހެނުން އެގޮތްމިގޮތަށް ހިނގައި އުޅެތެވެ. މިތާގެ ވިނަގަޑުގެ ނޫކުލައާއި މިތަނާއި ވިދިގެން ހުޅަގުން އޮންނަ ކަނޑުގެ ކުލަވަރާއި އެއްކޮށް ބަލައިފީވިއްޔާ ލޮލަށް ވަރަށް ފަސޭހަކަން ލިބޭނޭ ގޮތަކަށް އިރުމަތީފަރާތުން އަރައިގެން އެއަންނަ އިރުގެ ސާފުމަޑުވައި މިތަނަށް އައިސްފައިވެއެވެ. މިތާގެ ދެކުނުން އެހެރަ ބޮޑު ހޮޓަލުގެ ކައރީ ފަންސާހަކަށް މޮޓަރު ހުއްޓިފައި އޮތެވެ. ހީވަނީ މިއީ މިތަނަށް އައިސް މިތިބަ އުޅޭ މީހުން އައިތަކެތި މިބައިމީހުން އެބުރި ދިއުމުގެ އިންތިޒާރީގައި ހުރީހެންނެވެ. ވިނަގަނޑުމަތީ އަސްދުއްވައި އުޅޭ ހައެއްކަ މީހުން އެގޮތް މިގޮތަށް އަސްދުއްވައި އުޅެތެވެ. ޅަދޮޅު ކުދީންތައް އުޅޭނުޅޭގޮތް ބެލުމަށާއި އެކުދީންނަށް ކަންހަމަކޮށް ދޭން އެއުޅޭ ސިންގަޅަ އާޔައިން ތަކީ ވެސް ވަރަށް ސާފު ނަލަބައެކެވެ”

  • ކޮޅުނބުގެ ގާލްފީސް (ގޯލްފޭސް)ގެ ދުވަސްވީ ތަސްވީރެއް

  • ކޮޅުނބުގެ ގޯލްފޭސްގެ މިހާރުގެ ފޮޓޯއެއް

ޙުސައިން ޞަލާހުއްދީންގެ ހިޔާލުގެ ދުނިޔެއިން ރިވާޔަތު ނުޢުމާން ވަ މަރްޔަމްގައި ލިޔުއްވާފައިވާ ކޮޅުނބުގެ ރޭގަނޑެއްގެ މަނާޒިރުތަކަކީ ވެސް ވަރަށް ފުރިހަމަ ސިފަކުރުންތަކެކެވެ.

“މިރެއިން ކޮޅުނބު ޓަވުން ހޯލުގައި މިވީ އިސްލާމުންގެ ޖަލްސާއަކީ ވަރަށް ވަރުގަދަ ޖަލްސާއެކެވެ. މިތާގައި ސޯޅިޔާއިންނާއި ޖާވާއިންނާއި ޗަންމަންކާރުންނާއި މަލަޔާޅަމުގެ މީހުންނާއި އިންޑިޔާގެ އެކި ރަށްރަށުގެ މީހުންނާއި މިޞްރުގެ ދެމީހަކާއި ޢިރާޤްކަރައިގެ މީހަކާއި ޝާމްކަރައިގެ ސައްޔިދު ބެއިކަލަކާއި މަޤްރިބް ކަރައިގެ ޢާލިމަކާއި އީރާނުގެ ވަޒީރަކާއި ޙިޖާޒްކަރައިގެ ދެތިން މީހަކާއި ނަޖްދުގެ ޝެއިޙަކާއި އަދިވެސް އެކިތަންތާގެ މީހުން ކުޑަކޮށް ތިބޫއެވެ. ދިވެހީންގެ ވެސް ދޮޅަހަކަށް ބޯ ހުއްޓެވެ. މި ޖަލްސާގެ މަގްޞަދެއްކަމުގައި ވަނީ ބައިތުލް ޤުދުސްގައި ފެށުނު އިސްލާމީ ބޮޑު ކޮންގިރިސުގެ ކަންތައް ތައްޔާރުކޮށް އެކޮންގިރިސަށް ބާރާއި ނަޞްރުދިނުމެވެ. މިއަންނަ އަހަރަކީ އެކޮންގިރިސުގެ ފަނަރަވަނަ ޖަލްސާވާ އަހަރެވެ. މި ޖަލްސާއެއްވަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރެވެ.

މި ޖަލްސާއަށް އިންގިރޭސީންގެވެސް ދިހަވަރަކަށް އޮފްސަރުން އައެވެ. ސިންގަޅައިންގެސް މޮޅު މީހުން އައެވެ. އަންހެން ސާހިބުންވެސް ވަރަށް ތިއްބެވޫއެވެ”

އެއީ ކޮޅުނބުގައި އަރުވާލެވިގެން ހުންނެވި ދުވަސްވަރު ކުރެހުނު ހިޔާލުގެ ޞަފްހާތަކެވެ. ފަޟީލަތުއްޝައިޙް ޙުސައިން ޞަލާހުއްދީނަކީ ދިވެހި ރާއްޖެ ދުށް އެންމެ ބޮޑު އެއް އިސްލާމީ ޢާލިމެވެ. ކުޅަދާނަ އަދީބެކެވެ. މިއަދުވެސް ދިވެހިންގެ ދޫމަތީގައި ކިޔޭ ރީތި ޅެންތަކެއްގެ ޝާއިރެވެ.

މާމުޔާގިތެޔޮއުޑުން ވެހިވެހިވާރެއި ކަމުގައި

ކާނެވަރަކަށް ކެއުމަށްވާނަމަޔޭ ހަމަރަނގަޅީ

ކަނޑުވެ ޝަރުބަތުކަމުގައި ވެލިވެމުޅިން ހަކުރުކަމަށް

މަޑުވެފައުރޮށިކަމުގައި ފަރުބަދަ ވާނަމަރަނގަޅީ

މޮޓަރުބޯޓުގެ ގަޑުބަޑަށް ފަހު ޙިޖުރައިން 1355 ވަނަ  އަހަރުގެ މުޙައްރަމްމަހު ދެވަނަ ފަހަރަށް އުއްތަމަ ފަނޑިޔާރުމަނިކުފާނުންގެ މަގާމަށް ހުޞައިން ޞަލާހުއްދީން އިސްކުރެވުނެވެ. ދިވެހި ރާއްޖޭގެ އިސް އެތައް މަޤާމްތަކެއް ފުރުއްވުމުގެ އިތުރުން ދިވެހި އަދަބީ ދުނިޔެއަށް އަލިކަން ގެނެސްދެއްވުމަށް ފަހު ހުޞައިން ޞަލާހުއްދީން ހިޖުރައިން 1367 ވަނަ އަހަރުގެ ޛުލްޤައިދާމަހުގެ 16 ވިލޭރޭ މެންދަމުން އަލިވެ އެއްގަޑި ތިރީހުގައި ކޮޅުނބުގެ ސެންޓްރަލް ހޮސްޕިޓަލުގައި އަވަހާރަވެ ކުއްޕިއަވައްތަ ގަބުރުސްތާނުގައި ފަސްދާނުލެވުނެވެ. ޛުލްގައިދާމަހުގެ 16 ވަނަ ދުވަހުގެ 3 ޖެހިތަނާ ވައިރެލުގެ ޒަރީއާއިން މާލެއަށް ޙުސައިން ޞަލާހުއްދީން ކޮޅުނބުގައި އަވަހާރަވީ ހަބަރު ލިބުނެވެ. މިހަބަރު ލިބުމާއި އެކު މާލޭގެ ހަތަރު މައިޒާންގޭގައި މި ހަބަރުގެ ޢިއުލާން ބެހުއްޓުނެވެ.

ހިތާމައިގެ ވޭނުން ނިމޭހައި ނުވޭހޭ

ފިތާމޭވިރޭތީ ރޮވޭހައި ނުވޭހޭ

_________

ދާދި އަވަހަށް ނެތިފަނާ ވިޔަކަސް އަގެއް ނެތް ޖިސްމުތައް

ބަގީޗާގޭ ދޮންތުއްތު ދީދީގެ ޛިކުރާ

  • ބަގީޗާގޭ ދޮންތުއްތު ދީދީ

ކުއްޕިޔަވައްތަ ގަބުރުސްތާނާއި ބެހޭގޮތުން ލިޔުމަށް އެއްކުރެވުނު މައުލޫމާތުން ޞަލާހުއްދީންގެ މަޤްބަރާގައި ފަސްދާނުލެވިފައިވާ ދިވެހިންގެ ހަރުދަނާ މީހުންގެ ތެރޭގައި ބަގީޗާގޭ ދޮންތުއްތު ދީދީ ހިމެނޭކަން އެނގުނެވެ. މި ނަންގަނެވުނު ދޮންތުއްތު ދީދީ އަކީ ބޮޑުގަލު އިސްމާއީލް މަނިކުގެ ބޮޑުގަލު މޫސާ ދީދީގެ ފަޟީލަތުއް ޝައިޙް ޙުސައިން ޞަލާހުއްދީންގެ ޢާއިޝަތު ދީދީގެ ދޮންތުއްތު ދީދީއެވެ.

ހުރާ ދޮންމަރުދުރު ފަޑިއަތްތަކުރުފާނުގެ ބޮޑުމުރީދު ތަކުރުފާނުގެ ގަލޮޅުގޭ ހުސައިން ދޮށިމޭނާކިލެގެފާނުގެ އަތިރީގޭ އަހްމަދު ދޮށިމޭނާކިލެގެފާނުގެ ޚަދީޖާ ދީދީގެ ދޮން ދީދީގެ މާފަތްގޭ ތުއްތުދީދީ (ދާންނާގޭ ޙުސައިން މާފަތްތަކުރުފާނުންގެ އިބްރާހިމް ދީދީ)ގެ މުހައްމަދު ރަޝީދެވެ. ބަގީޗާގޭ މުހައްމަދު ރަޝީދު ނުވަތަ ދިވެހިންގެ ދުލުކުރީގައި މަޝްހޫރުވެފައިވާ ނަންފުޅުން ނަމަ ދޮންތުއްތު ދީދީ (ދޮހުއްތީދި) ކޮޅުނބުގައި އަވަހާރަވެ ކުއްޕިއަވައްތަ ގަބުރުސްތާނުގައި ފަސްދާނުލެވުނީ ހުޞައިން ޞަލާހުއްދީން އަވަހާރަވުމުގެ 2 އަހަރު ދުވަސް ކުރިންނެވެ. ދޮންތުއްތު ދީދީ އަކީ ޙުސައިން ޞަލާހުއްދީނުގެ ކާފަ ދަރިކަލެކެވެ. ފަސްދާނުލެވިފައިވަނި ޙުސައިން ޞަލާހުއްދީނާއި އެއް މަޤްބަރާއެއްގައެވެ.

  • ބަހަވީ ނޯޓް: ލިޔުމުގައި ލިޔާ ގޮތަކީ ދޮންތުއްތު ދީދީ އެވެ. ނަމަވެސް ކިޔާ އުޅެނީ “ދޮހުއްތީދި”އެވެ. ކިޔުމުގައި ތ ބަދަލުވަނީ ހ އަކަށެވެ.  ދޮންތުއްތު ކިޔާ މީހުންނަށް ދޮހުއްތު، ކުޑަ ތުއްތު ކުޑަހުއްތަށް އަދި ކަޅު ތުއްތު ކަޅު ހުއްތަށް ބަދަލުވާ ދިވެހިން ނަންތައް ކިޔައި އުޅުނު ހަމައަށެވެ.

ފާހަގަކުރެވޭގޮތުން ގައުމުގައި ނަންހިނގާ މީހަކު ނުވަތަ ވެރިޔަކު ދިވެހިންނާއި ވަކިވުމުން އެ ހިތާމައިގައި އެންމެ ގިނައިން އަޑު އިވޭ އަދި ލިޔެވެމުންދާ ބައިތަކީ “ދާދިއަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް، ތާއަބަދު ދެމިހުންނަ ހެއު ޛިކްރާއަކަށް ނިމުމެއް ނެތޭ” މި އަސަރު ގަދަ ފުރިހަމަ ޅެންބައިތެވެ. ދިވެހިންގެ ހިތުގައި ބިންވަޅުނެގިފައިވާ މި ފުރިހަމަ ބައިތު ހިމެނޭ ޅެން އެކުގައި އަޑުއަހާފައިވާނީ ނުވަތަ ކިޔާފައިވާނީ މަދު ބަޔެކެވެ. ހިތްތަކުގެ ފުންމިނަށް އަސަރު ކުރާ 10 ބައިތުގެ މި ރީތި ޅެމުގެ ޝާއިރަކީ ދިވެހިންގެ އުސްތާޛުލް ޖީލް މުހައްމަދު ޖަމީލް ދީދީއެވެ.

ހިޖުރައިން 1378 ވަނަ އަހަރު ނިކުތް ޅެންވެރިންގެ ގުލްޒާރުގެ “ނޫރާނީ މާ” 4 ވަނަ އަދަދުގައި ޝާއިއުރެވިފައިވާ މި ޅެމުގެ ނަމަކަށް މުހައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވަނީ “މ. ރ ގެ މަހާނަފުޅުގެ ފޮޓޯދެކެފައި”އެވެ. މިއީ މ. ރ (މުޙައްމަދު ރަޝީދު، ދޮންތުއްތު ދީދީ)ގެ މަހާނަފުޅުގެ ފޮޓޯއެއް ދެކެވަޑައިގެން ކުރެއްވި އަސަރުން ލިޔުއްވާފައިވާ ޅެމެއް ކަން ޅެމުގެ ނަމުން ބުނެދެއެވެ.

  • ކުއްޕިޔަވައްތަ ގަބުރުސްތާނުގައިވާ ބަގީޗާގޭ ދޮންތުއްތު ދީދީގެ މަހާނަގާ

ޅެން: މ. ރ ގެ މަހާނަފުޅުގެ ފޮޓޯދެކެފައި

ބޭވަފާތެރި ދުނިޔެދޭ އަނިޔާތަކުން މިންޖެއްނެތޭ

ދޭހަވާ ޢިބްރަތްތަކުން ބޭނުންނުކޮށްވާކަށް ނެތޭ

ކޮންމެކަމަކުން ދުންޔަވީ ފެނިފެނި މިހުންނަ މިޘާލުތައް

ކޮންމެ ވިސްނޭ ބުއްދިވެރިޔަކު ތެދުނުކޮށް ވާކަށްނެތޭ

އިއްޔެ ފެންނަންހުރި ގޮތެއް ނޫނޭ މިއަދު ފެންނަން ހުރީ

އިއްޔެ ދޭހުން ހާމަވީ ގިނަ ކުލަތައް މިއަދަކު ނެތޭ

އުދަރެހަށް އަލިކަން ދެމުން އަރަމުން އެއައި ތަރިތައްއެކީ

އުދަރެހުން އަދު އޮއްސި ގެންގޮސް އޭގެ އަލިކަންވެސް ނެތޭ

ފަރިކަމާއެކު ބާާާޣްގައި ފޮޅެމުން އެއައި މާތަައްއެކީ

ފަރިކަމެއް ނެތި ހިކިމިލައިގޮސް އޭގެ ވަސްވެސް ހަމަނެތޭ

އާއެކޭ! ރޫޙަށް އިތުރު ވޭނެއް ލިބޭމީ ދަރުސެކޭ

އާއެކޭ! ޤުދްރަތުގެ ޤާނޫން އޭ ބުނުން ނޫނީ ނެތޭ

އުފެދުމާ ނެތުމާއި އެކުލެވިފައިއެވާ ޤާނޫނަކަށް

އެފުދުމާއެކު ބޯލަބައި ކިޔަމަން ނުވާ އެއްޗެއް ނެތޭ

މިތިބަހައި އަޚުންނާއި އުޙްތުން އެންމެ ދޮރަކުން ނުކުމެގެން

އެތިބަ ދާގޮތް ވިސްނުމުން ނުރޮވޭނެ އިންސާނެއް ނެތޭ

ދުނިޔެ ދޫކޯށްފައި އެދާއިރު ފެންނަފަށުގައި އެންމެނަށް

ފުނިޖަހާފައި ހުންނަ ފަސްކޮޅަކާ ދެގާ ނޫނީ ނެތޭ

ދާދިއަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް

ތާއަބަދު ދެމިހުންނަ ހެއު ޛިކްރާއަކަށް ނިމުމެއް ނެތޭ

~

މި ޅެމުގައިވާ ވާހަކަތަކުގެ މައްޗަށް އިތުރު ބަޔާނަކަށްވާ  ސަވާނިހެއް “އަމާޒު” 55 އަދި 57 މި ދެ އަދަދުގައި މުހައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވެއެވެ.

“ދުވަހަކީ ޙިޖްރައިން 1396 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަހެވެ. ވަގުތަކީ، އެދުވަހުގެ މެންދުރު ކުރީ ވަގުތެކެވެ. ތަނަކީ، ސިރީލަންކާ – ކޮޅުނބެވެ. ކުޕިޔަވަތްތޭ ގަބުރުސްތާނެވެ.

ކަންދިމާވިގޮތުން، ތަޤްދީރުގެ އޮޔާއި ވައި އެދުވަސްވަރު، އަޅުގަނޑު ގެންގޮސް ބަހައްޓާފައިވަނީ އެ ބިމުގައެވެ. އީދު ދުވަހުގެ އުފާތައް ހާސިލުކުރާން، އީދު ބޮނޑިބަތާއި ރިހަބަތްކާން މާލޭގައި ހުރެވޭގޮތެއް ނުވިއެވެ.

ކޮންމެއަކަސް، ރަށްޓެހިބަޔަކާއެކު ކޮޅުނބު ޕެޓާ މެސެންޖަ ސްޓްރީޓްގައި ހުންނަ ޤާދިރީ ޠަރީޤާގެ ތަކިޔާއަށް ގޮސް އެތާ އީދުނަމާދު ކުރުމަށްފަހު ދިޔައީ ގަބުރުސްތާނަށެވެ. އަޅުގަނޑުގެ ރަހުމަތްތެރިންނާއެކުގައެވެ. އެފަދަ ދުވަސްދުވަހަށް ގަބުރުސްތާނަށް ގޮސް މަރުވެފައިވާ ގާތްތިމާގެ މީހުންގެ މަތީން ހަނދާންކޮށްލައި ފާތިހާ ކިޔަވައި ހެދުމަކީ އެބައިމީހުންގެ އާދައެކެވެ.

ހިތަށް އެރިއެވެ. މިއީ ބައެއް ދިވެހީންވެސް، ފަސްދާނުލެވިފައިވާ ބިމެކެވެ. އެބިމަށް ޒިޔާރަތްކޮށްލައި ފާތިހާކިޔަވާލާން މިއީ ރަނުގެ ފުރުސަތެކެވެ. އަޅުގަނޑުގެ އިއްޒަތްތެރި ބޮޑުބޭބެ ފަޞީލަތުއްޝައިޙް އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނާއި، އޭނާގެ ކާފަދަރިކަލުން އަލްފާޟިލް އަލްމަރުޙޫމު މުޙައްމަދު ރަޝީދު (ދޮންތުއްތު ދީދީ) އާއި ދެބޭފުޅުން ފަސްދާނު ލެވިފައިވަނީވެސް މިބިމުގައެވެ”

ބަގީޗާގޭ ދޮންތުއްތު ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޙިޖުރައިން 15 ޝަޢުބާން 1336ގައެވެ. 17 ޝައުބާން 1346ހ ގައި ދިވެހި ދައުލަތުގެ މަދަރުސަތުއްސަނިއްޔާ ހުޅުވުމަށް ކުދިން ވެއްދިއިރު އެންމެ ކުރީބައިގައި ސަނިއްޔާއަށް ވެއްދުމަށް ހޮވުނު އެއް ކުއްޖަކީ ދޮންތުއްތު ދީދީއެވެ. އޭރު އުމުރުފުޅަކީ 9 އަހަރެވެ. ހިޖުރައިން 1346 ވަނަ އަހަރު ފަޟީލަތުއްޝައިޙް ޙުސައިން ޞަލާހުއްދީން ޙައްޖަށް ވަޑައިގަތުމުގައި މިޞްރުގައި ކިޔަވާނެ ކުދިން ގެންދެވިއެވެ. މި ދަތުރުގައި މިޞްރަށް ގެންދެވި އެއް ކުއްޖަކީ ދޮންތުއްތު ދީދީއެވެ. މިޞްރުގައި ކިޔަވައިވިދާޅުވީ ކުޑަކުދީންގެ މަދްރަސާއެއްކަމުގައިވާ މަދްރަސަތުލްރިޟްވާނިއްޔާގައެވެ. އޭގެފަހުގައި މަދްރަސާ މުޙައްމަދު ޢަލީ އަލްޙައިރިއްޔާ އިބްތިދާއީ މަދަރުސާއަށް ބަދަލުވިއެވެ. މިޞްރުގައި އިތުރަށް ތައުލީމީ މަރުހަލާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުލިބުމުން ކިޔެވުން މެދުކަނޑާލުމަށް ފަހު 1930 ވަނަ އަހަރު (1348ހ) ގައި މާލެ އަންނަން ޖެހުނެވެ. އަދި މަދްރަސަތުއް ސަނިއްޔާގެ ދަރިވަރެއްގެ ގޮތުގައި މާލޭގައި ކިޔަވަން ހުންނެވިއެވެ.

ބަގީޗާގޭ ދޮންތުއްތު ދީދީގެ ޛިކުރާ އާކުރައްވައި މުހައްމަދު ޖަމީލު ދީދީ މި ސަވާނިހުގައި އިތުރަށް ލިޔުއްވާފައިވެއެވެ.

“ޢިއްޒަތްތެރި އަޚެކެވެ. ހަނދާން ނުނެތޭފަދަ އެކުވެރިއެކެވެ. “މާމެލާމެލީގެ އުމުރުގައި” ގެއްލިގެންދިޔަ ޒުވާނެކެވެ. ދިވެހި ޤައުމުގެ ވަފާތެރި ޚާދިމެކެވެ.

އެ ދުވަސްވަރުގެ މަދަރުސާގެ ރިޕޯޓް ދައްކާގޮތުގައި މުޙައްމަދު ރަޝީދަކީ ވަރަށް ވިދާ ޠާލިބެކެވެ. ޙިޖުރައިން 1352ގެ އިމްތިހާނު ނިމި ނަތީޖާ ފާޅުވެގެންދިޔައިރު އެންމެ މަތީ އެއް ކިލާހެއްގެ އިނގިރޭސި އެއްވަނަ އިނާމު ލިބިވަޑައިގެންފައިވަނީ މުޙައްމަދު ރަޝީދަށެވެ. މުޅި މަދަރުސާއިން އެންމެ ރީތިކޮށް ލިޔުމުގެ ޙާއްޞް އިނާމު ލިބިވަޑައިގެންފައިވަނީ މުޙައްމަދު ރަޝީދަށެވެ. އޭރު، 16 އަހަރުގެ އުމުރުފުޅެވެ”

  • ބަގީޗާގޭ ދޮންތުއްތު ދީދީގެ ޅަދުވަސްވަރުގެ ފޮޓޯއެއް

ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި ދޮންތުއްތު ދީދީ އަދާކުރައްވާފައިވަނީ  ވުޒާރަތުލްޙައްޤާނިއްޔާގެ ކާތިބުކަމެވެ. އެމަގާމު ގެއްލިވަޑައިގަތީ މޮޓަރުބޯޓުގެ ގަޑުބަޑުގެ ތެރޭގައި ވުޒާރަތުލްޙައްޤާނިއްޔާ އުވާލުމާއި ގުޅިގެންނެވެ. ދެން އަދާކުރެއްވި ވަޒީފާއަކީ މަޙުކަމަތުއް ޢައުޤާފުގެ ކާތިބުކަމެވެ. އެ މަގާމުގައި ހުންނަވަނިކޮށް މަޙްކަމަތުއް ދާޙިލިއްޔާއަށް ކާތިބެއްގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. ދެން ފުރުއްވީ މަޙްކަމަތުއް ދާޙިލިއްޔާގެ ސެކްރެޓަރީކަމުގެ މަގާމެވެ. އަވަހާރަވި އިރު ހުންނެވީ މަދަރުސާގެ ނާޒިރުގެ ނާއިބުގެ ޤާއިމު މަގާމުގައެވެ. ނާދީ ތަމައްދުނާއި ކުތުބުހާނާގެ މެންބަރުކަމާއި މާފަންނު މުބައްރާގެ ހިންގާކޮމެޓީގެ މެންބަރުކަން ވެސް ދޮހުއްތީދީ ކުރައްވާފައިވެއެވެ.

ދޮންތުއްތު ދީދީގެ އަދަބީ ޛިކުރާ އާކުރަމުން މުޙައްމަދު ޖަމީލް ދީދީ އިތުރަށް ލިޔުއްވާފައިވެއެވެ.

”މުހަންމަދު ރަޝީދަކީ ބަސްމޮށުންތެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. ނާދީތަމައްދުނުގެ އިސްޓޭޖްމަތީ ހިނގަމުންދިޔަ ހޫނު ބަހުސްތަކާއި ޅެންވެރީންގެ ހަވީރުތަކާއި މިބާވަތުގެ ހުރިހައި ކަމެއްގައި ކުރިއަށް ހުންނެވި ބޭފުޅެކެވެ.

މުޙައްމަދު ރަޝީދަކީ ދިވެހި ބަހަށް ޙިދުމަތްކުރާ ކޮމެޓީގެ މެންބަރެކެވެ. އަދީބެކެވެ. ޝާއިރެކެވެ. ލިއުންތެރިއެކެވެ. އުރުދޫ، އިނގިރޭސި، ޢަރަބި މިއިން ކޮންމެ ބަހެއްވެސް ހިސާބަކަށް ދެނެވަޑައިގަނެއެވެ. “މުޙްތަރަސު ތާރީޚެ އިސްލާމީ” ކިޔާ ފޮތެއް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވިއެވެ.

މުޙައްމަދު ރަޝީދަކީ ބަލާޢާތްތެރި ޝާއިރެކެވެ. އޭނާ ހެއްދެވި ޅޭންތަކުގެ ތެރެއިން:

“ސުލާލަތަކީ އަބުރުވެރި ވަންހަތަކުގެ ތެރެއިން ނަބިއްޔާތާ

ޙުލާޞާ ޖައުޙަރުލްއަޙްލާޤު ލިބިހުންނެވި ރަސޫލާތާ!”

މިއީ ބަލާޢާތްތެރި އެއް ޅެމެވެ”

ދިވެހި ބަހުން ލަވަ ހަދަން ފެށުމުގެ ތާރީޚްގައި ބަގީޗާގޭ ދޮންތުއްތު ދީދީ އަކީ ރަންއަކުރުން ފަވާލެވޭ ނަމެކެވެ. ކުރީގައި ދިވެހި ޘަގާފީ ކުޅިވަރުތަކުގެ ލަވަތައް ވަނީ ޢަރަބި ބަހުންނާއި ފުރެއްދެ ލަވަތަކުންނެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީ ދިވެހި ދައުލަތް ހިންގެވުމުގައި އިސްކޮށްހުންނެވި ދުވަސްވަރު ޙިޖުރައިން 1360 ވަނަ އަހަރު ދިވެހި ބަހުން ލަވަތައް ހަދައި ކިޔުމުގެ އަވަށު ވާދައިގެ ރޫޙް ގެންނެވިއެވެ. މިގޮތުން މާފަންނުން ކިޔާފައިވާ ލަވަތަކަށް ލިބުނު ތާރީފުގެ ވަރަށް ބޮޑުބައެއް ދޮންތުއްތުދީދީއަށް އަދާކުރަންޖެހެއެވެ. ދޮންތުއްތު ދީދީގެ އަޑުން ބައެއް ލަވަތައް ހުށަހަޅާފައިވެއެވެ. މަޢުލޫދު، ޅެން، ލަވަކިޔުމުގައި އެ ދުވަސްވަރު އެއީ މަޝްހޫރު ބޭފުޅެކެވެ. ރީތި އަޑުގެ މަޙްރަޖައަކާއި ރާގެއްގެ ވެރިއެކެވެ. އަދަބީ މަސައްކަތްތަކުގެ އިތުރުން ދޮންތުއްތު ދީދީ އަކީ ކުޅިވަރުގެވެސް ބޭފުޅެކެވެ. ފުޓްބޯޅަ، ކިރިކެޓް، ޓެނިސް ކުޅުއްވާ އުޅުއްވިއެވެ. ނާދީ ފުޓްބޯޅަ، ކިރިކެޓް ޓީމުގެ ކެޕްޓަންކަން ވެސް ކުރައްވާފައިވެއެވެ. ރާއްޖޭގެ މަޝްހޫރު ކުރިކެޓް ތަރި އަދި ކުޅިވަރުގެ ޝަހްސިއްޔަތު މަރުޙޫމް ޙުސައިން ރަޝީދަކީ ދޮންތުއްތު ދީދީގެ ދަރިކަލެކެވެ.

 

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ޤައުމަށް ގިނަގުނަ ޙިދުމަތްތަކެއް ކޮށްދެއްވި ބަގީޗާގޭ ދޮންތުއްތު ދީދީގެ ފަހު ދުވަސްތަކާއި ބެހޭގޮތުން މުހައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވެއެވެ.

“އާދެ! 1365ހ ވަނަ އަހަރުގެ ޝަޢުބާން މަސް ހުސްވެގެން ދިޔައިރު، އަލްމަރުޙޫމު މުހައްމަދު ރަޝީދު އާލާސްކަންފުޅާއި އުޅުއްވަން ފައްޓަވައިފިއެވެ. މަދަރުސާގެ އިމްތިހާނުތައް ނިމި އިނާމު ދިނުމުގެ ޖަލްސާ އޮތީ އެއަހަރުގެ ރަމަޟާން މަހުގެ ވަރަށް ފަހުކޮޅުގައެވެ. އޭރު މުޙައްމަދު ރަޝީދު ހުންނެވީ ބޭސްކޮޅަކަށް ވަޑައިގެން ނައިފަރުގައެވެ. އެހެންކަމުން ޖަލްސާގައި ބައިވެރިވެވަޑައެއް ނުގެންނެވުނެވެ. ނައިފަރުގައި ހުންނަވާފައި މާލެވަޑައިގަތްތާ މާގިނަ ދުވަސްތަކެއް  ނުވެ، ބޭސްކޮޅަކަށް ސިލޯނަށް ވަޑައިގެންފިއެވެ. މާގިނަ ދުވަސްތަކެއް ނުވެ ސިލޯނުގެ ހޮސްޕިޓަލެއްގައި އޮންނަވައި އަވަހާރަވި ޚަބަރު އަތުވެއްޖެއެވެ”

ބަގީޗާގޭ ދޮންތުއްތު ދީދީ އަވަހާރަވެ ކޮޅުނބުގެ ކުއްޕިއަވައްތަ ގަބުރުސްތާނުގައި ފަސްދާނުލެވުނީ ޙިޖުރައިން 1365 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 29 ވަނަ ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 29 އަހަރާއި 4 މަހާއި 14 ދުވަހެވެ.

ދުނިޔެއަކީ ވާތަނެކޭ ނެތިދާ، ކުޅިވަރެކޭ ހިތަށްނޭ ލިބިދާ

  • ދޮންތުއްތު ދީދީގެ ޅެމަކުން.

__________

އިބްރާހިމް ޝިހާބު

ޙުސައިން ޞަލާހުއްދީންގެ މަހާނަގަލާ ޖެހިގެން ހުރި ތަރިއެއްގެ ބައްޓަމަށް ކުރިބޯށިވާ ގަލުގައި “އިބްރާހިމް ޝިހާބް” މިހެން ފަނޑު ދެއްޔަކުން ލިޔެފައިވެއެވެ. މިއީ ރާއްޖެ ދުށް އެންމެ ހިނގާ ދުލުގެ ވެރިޔާ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގެ ޝާއިރުއް ޝަބާބު މަރްޙޫމު ބަގީޗާގޭ އިބްރާހިމް ޝިހާބު ފަސްދާނުލެވިފައިވާ ތަނެވެ. މަރްޙޫމް އިބްރާހިމް ޝިހާބަކީ ފަޟީލަތުއްޝައިޙް حُسَين صلاحالدين ގެ ދަރިކަލަކެވެ. މަންމާފުޅަކީ މެދުގަނޑުވަރު ތުއްތުގޮމައެވެ.

  • ކުއްޕިޔަވައްތަ ގަބުރުސްތާނުގައިވާ އިބްރާހިމް ޝިހާބްގެ މަހާނަގާ

ޙަޔާތުގެ ފިކުރު ނެތް ތަނެކޭ، މަރެއްގެ ޚިޔާލު ނެތް ތަނެކޭ

ގަޔާވެވިގެން ތިބެ މަތިވެރި ޙަޔާތެއްވާ އެއީ ތަނެކޭ

ހިތާމަކުރާ މި ދުނިޔެތަކާ ވަކިވެ މަތިވެރިވި ޢާލަމްގައި

ހިތާ ރޫޙީ އުފާނޫނީ ލިބުން ޢަމްދުން ނުވާތަނެކޭ

އަލްއުސްތާޛް އިބްރާހިމް ޝިހާބު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 އޮކްޓޫބަރު 1922ގައި، ޙިޖުރައިން 1342 ވަނަ އަހަރުގެ ރަޖަބު މަުގެ 1 ވަނަ ދުވަހު ފުރަމާލޭ މާފަންނު ބަގީޗާގޭގައެވެ. ޝިހާބުގެ ތަޢުލީމީ ޙަޔާތުގެ ދުވަސްތައްފައްޓަވާފައިވަނީ ފަޟީލަތުއް ޝައިޙް ޙުސައިން ސަލާހުއްދީންގެ އަރިހުންނެވެ. ޙިޖުރައިން 134ވަނަ އަހަރުގެ ޖުމާދުލްޢޫލާ މަހު ދިވެހީންގެ އެތައް ބަޔަކު ގޮވައިގެން ޙުސައިން ޞަލާހުއްދީން ޙައްޖަށް ވަޑައިގެންނެވި ދަތުރުގައި ގެންދެވި އެންމެ ހަގު ކުއްޖަކީ އިބްރާހިމް ޝިހާބެވެ. މި ޙައްޖު ދަތުރަށް ފަހު މާލެވަޑައިގެން އޭރުގެ މަދްރަސަތުއް ސަނިއްޔާ (ޞަލާހިއްޔާ)އަށް ވަދެވަޑައިގަތެވެ. ސަނިއްޔާގައި ކިޔަވައިވިދާޅުވާން ކުޑަ ދުވަސްކޮޅަކު ހުންނެވުމަށް ފަހު އަރަބި ބަސް އުނގެނިވަޑައިގަތުމަށް މިޞްރަށް ވަޑައިގަތެވެ. މިޞްރުގައި ދެއަހަރެއްހައި ދުވަސް ހޭދަކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން ދެން ވަޑައިގަތީ އިންޑިޔާއަށެވެ. ތައުލީމީ ޙަޔާތުގެ ދެން އޮތްބައި ފުރިހަމަކުރެއްވީ އިންޑިޔާގައި ހުންނެވި ހުންނެވުމުގައެވެ.

އިބްރާހިމް ޝިހާބު ގައުމީ ޙިދުމަތަށް ފެއްޓެވީ އުމުރުންފުޅުން 22 އަހަރުގައި 14 ޖަނަވަރީ 1942ގައެވެ. މި ދުވަހުން ފެށީގެން ރައްޔިތުންގެ މަޖްލީސްގެ ރައީސްކަމުގެ މަގާމްގައި ހުންނަވާ އަވަހާރަވުމާއި ހަމައަށް އެކި  މަގާމްތަކުގައި ދިވެހި ދަޢުލަތަށް 46 އަހަރު ޙިދުމަތްކުރެއްވިއެވެ.  އިބްރާހިމް ޝިހާބު އަދާކުރެއްވި ވަޒީފާތަކުގެތެރޭގައި ވަޒީރުއް ދާޙިލިއްޔާގެ ނާއިބުކަން، މަޙްކަމަތުއް އިރްޝާދުގެ ވެރިކަން، ވަޒީރުލް މަޢާރިފުކަން، ބަންޑާރަނާއިބުގެ ނާއިބުކަން، ބަންޑާރަނާއިބުކަން، އެގްރިކަލްޗަރް މިނިސްޓަރކަން ހިމެނެއެވެ. އަދި ވަލީކޮމެޓީގެ މެންބަރުކަމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ފުރުއްވާފައިވެއެވެ.

~

“އާދޭހެވެ! 1988 ޖަނަވަރީ 15ވީ ހުކުރުވިލޭރޭ މާލޭގަޑިން 12 ޖަހައިފިއެވެ. ދިވެހި ވިންދަށް ހަމަކަށަވަރުން ބަދަލުއަންނަން ފަށައިފިއެވެ. ރޭގެ ޙާލަތުވެސް މުޅިން އެހެން ސިފަޔަކަށް ބަދަލުވެގެން ދަނީއެވެ. ޖަނަވަރީ 14 މުޅީން ނިމެނީއެވެ. ދިވެހި އުއްމަތުގެ ހިތްވެސް ހުއްޓެނީއެވެ. ޤައުމުގެ އުދަރެހަށް ބަނަކަމާއި ނާމާންކަން ވެރިވެގެން ދަނީއެވެ. އެރޭގެ ބާރަގަޑި ފަނަރަ މިނިޓް ހިނގަނީއެވެ.

ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލަ އަލްއުސްތާޛް އިބްރާހިމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީއެވެ.

އޮނަރަބްލް އަލްއުސްތާޛް އިބްރާހިމް ޝިހާބް އަވަހާރަވީ ޚަބަރު ދިވެހި އުއްމަތް އަޑުއެހީ ޙައިރާންކަމާ އެކުގައެވެ. ވޭނާކެކުޅުމާ އެކުގައެވެ. ލޭކަރުނަޔާ ހިތްދަތިކަމާ އެކުގައެވެ. އާނއެކެވެ! “މަރުގެ ކޫޒުން ފެންނުބޯ ” އެއްވެސް އިންސާނަކު ނެތެވެ. “މަރުގޮވާލީމާ މިއެންމެން” ދާނީ ހަމަ އެއްމަގަކުންނެވެ. އެއްދޮރުންނެވެ. އަލްއުސްތާޛް އިބްރާހިމް ޝިހާބް އަވަހާރަވީ ސްރީ ލަންކާގައެވެ. ނަވަލޯކާ ހޮސްޕިޓަލްގައެވެ. ކުޅަދާނަ ޑޮކްޓަރުންގެ ފަރުވާގެ ޚިދުމަތުގެ ތެރޭގައެވެ. އެމަނިކުފާން ފަސްދާނުލެވުނީ ކުއްޕިޔަވައްތަ ގަބުރުސްތާނުގައި އެމާތް މަރްޙޫމްގެ އިއްޒަތްތެރި ބައްޕަ ފަޟީލަތުޝައިޙުލް މަރްޙޫމް ޙުސައިން ޞަލާޙުއްދީނުގެ މަޤްބަރާގެ އަރިހުގައެވެ. އެމަނިކުފާނުގެ ޖަނާޒާގައި މުސްލިމުންގެ ދެހާސް މީހުންނަށްވުރެ ގިނަ އަދަދެއް ބައިވެރިވިއެވެ.

ދުނިޔެއީ ވާ ތަނެކޭ، އެކުއުޅުމާ ވަކިވެދިއުން

އުނިނުވާ ރޫޙުގެ ގުޅުމޭ ވަކިވުން ނެތް ކަމަކީ”

  • އަލްއުސްތާޛް އިބްރާހިމް ޝިހާބުގެ ހަނދާނުގައި، އާދަމް ސަލީމް ހޯރަފުށި، 1988

_________

ޢަޞްރުދިޔައީ ގެއްލިގެން

ބަގީޗާގޭ މަރިޔަމް ސައީދު

ކުއްޕިޔަވައްތަ ގަބުރުސްތާނުގައި ފަސްދާނުލެވިފައިވާ ދިވެހީންގެ شخصياتތަކާއި ބެހޭގޮތުން ލިޔުމަށް ގަސްތުކޮށްހުއްޓައި ޙިޖުރައިން 1439 ވަނަ އަހަރުގެ ޝައުބާން މަހުގެ 10 ވަނަ ދުވަހު ފަޟީލަތުއްޝައިޙް ޙުސައިން ޞަލާހުއްދީންގެ އެންމެ ހަގު ދަރިކަނބަލުން ދިވެހި ޅެންވެރިކަމުގެ “ނިސްރީން” އަދި “ނީލް” ބަގީޗާގޭ މަރިޔަމް ސަޢީދު އުމުރުފުޅުން 87 އަހަރުގައި ކޮޅުނބުގައި އަވަހާރަވީ ހަބަރު އެ ދުވަހުގެ އަޞްރުގެ ކުރީގައި ލިބުނެވެ. އަޞްރު ގެއްލިގެން އެ ދިޔައީ މަރިޔަމް ސަޢީދާއި ބައްދަލުވެ ބައެއް ވާހަކަތައް އަހައި ލިޔުމުގެ ޝައުގުވެރިކަމުގައި ހުއްޓައެވެ.

ޢަޞްރުދިޔައީ ގެއްލިގެން އުންމީދުކުރަމުން އައިނަޔާ

ވިއްސަމުންގޮސް މަލުގެފިޔަތައް ހޫނުމިޚަރީފުގެ ވަޔާ

ކައުނުގާ އަނދިރީގެސާލެއް ފަތުރަމުން ފަރުދާވަމުން

ދައުރުވީ މަންޒަރުދުށީމޭ އަހުރެނާ އަނި އޭނަޔާ

ކާކުހޭ؟ ތަބްދީލުކުރަނީ ބަދަލުވާ އަޒަލުގެ ނިޔާ

ތާކުގާ މިކަހަލަ މިއީ ޞަފްހާމެހޭ ފުރަތަމަ ލިޔާ

މަރިޔަމް ސަޢީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޙިޖުރައިން 1 ޛުލްޙިއްޖާ 1348 (29 އޭޕްރީލް 1930) ގައެވެ. މަރިޔަމް ސަޢީދު ޅެން ހައްދަވަން ފައްޓަވާފައިވަނީ ވަރަށް ޒުވާން ދުވަސްވަރެއްގައެވެ. ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ މެންބަރަކަށް ވެވަޑައިގަތް އިރު އުމުރުފުޅުން 14 އަހަރެވެ. މަރިޔަމް ސަޢީދުގެ ޅެންވެރިކަމުގެ ބިންގާއަޅުއްވައިދެއްވި އެދުރަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

ޤައުމީ، ތާރީޚީ، ނަސޭހަތް، ދީނީ އަދި އިޝްގީ މި ދާއިރާތަކަށް މަރިޔަމް ސަޢީދު ހައްދަވާފައިވާ ޅެންތައް ޅެންވެރިންގެ ގުލްޒާރުގެ ނޫރާނީ މަލާއި، ސަރުކާރުގެ ޚަބަރާއި، އަމާޒު، ނާރެސް އަދި ފަތްތޫރައިގައި ޝާއިއުކުރެވިފައިވެއެވެ. ދިވެހި ޅެންވެރިކަމަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ޢާއްމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޢިނާމު 1983 ވަނަ މަރިޔަމް ސަޢީދަށް އެރުވުނެވެ. މަރިޔަމް ސަޢީދުގެ އެންމެ އަސަރުންފުރިގެންވާ “އަޞްރު ދިޔައީ ގެއްލިގެން” މިޅެމަކީ މިއަދުގެ ޒަމާނާއި ވެސް މަޢުނަވީ ލަހުޖާއަކުން ގުޅިފައިވާ މަގްބޫލު ދިވެހި ޅެމެކެވެ.

މަރިޔަމް ޞައިދަކީ  ދެވަނަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް އިބްރާހިމް ނާޞިރުގެ ދެވަނަ އަނބިކަނބަލުންނެވެ. އިބްރާހިމް ނާޞިރުގެ މަރްޙޫމު މުޙައްމަދު ނާޞިރާއި މަރްޙޫމް ޢަލީ ނާސިރުގެ މަންމާފުޅެވެ. ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ޙިޖުރައިން 1349 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 10 ވަނަ ކޮޅުނބުގައި އަވަހާރަވި، މާމަލުގެ ފަރިކަން ހުޅުވިލާހެން ދިވެހިން އެނަން އަބަދުމެ ކިޔާނެ، މަރިޔަމް ސަޢީދުގެ ޖަނާޒާ އޮތީ ޖެހިގެންއައި ހުކުުރު ދުވަހުގެ ހުކުރު ނަމާދުގެ ކުރިޔަށް ކުއްޕިޔަވައްތަ މިސްކިތުގައެވެ. ފަސްދާނުލެވުނީ ކުއްޕިޔަވައްތަ ގަބުރުސްތާނުގައި ބަގީޗާގޭ މުހައްމަދު ރަޝީދު (ދޮންތުއްތު ދިދީ)އާއި ހުސައިން ޞަލާހުއްދީން އަދި އިބްރާހިމް ޝިހާބްގެ މަޤްބަރާގައެވެ.

  • ކުއްޕިޔަވައްތަ ގަބުރުސްތާނުގައި ބަގީޗާގޭ މަރިޔަމް ސަޢީދު ފަސްދާނުލެވިފައިވާ ތަން

________

މިއީ ކޮޅުނބުގެ މުސްކުޅި ކުއްޕިޔަވައްތަ ގަބުރުސްތާނުގައި ފަސްދާނުލެވިފައިވާ ދިވެހި ޅެންވެރިންގެ ވާހަކައެވެ. އިބްރާހިމް ޝިހާބު ފަސްދާނުލެވިފައިވަނީ ބައްޕަގެ އަރިހުގައެވެ. ފަޟީލަތުއްޝައިޙް ޙުސައިން ޞަލާހުއްދީން ފަސްދާނުލެވިފައި އެވަނީ އުފަން ދަރިކަލަކާއި ކާފަދަރިކަލެއްގެ ދެމެދުގައެވެ. ހަށިތައް ނެތިފަނާވެދިޔަސް އާކުރެވޭ ހެއު ޛިކުރާއަކަށް ނިމުމެއް ނެތެވެ.

ޤައުމަށް ކުޅަ ޙިދުމަތެއް މީހާގެ ނަން މަތިވެރިވެދާށި

އައުކަމާ ތާޒާކަން ފެހިކަން ނަމަށް ދާއިމުވެދާށި

މިބުނިފަދަ މީހެއްގެ ޛިކުރާ ފިކުރުތައް ތަނަވަސްކުރާ

ދުނިޔެއޮތްހާ ދެމިހިނދެއްގައި އުޑުދަށުން ފުހިގެން ނުދާށި

_ ފަޟީލަތުއްޝައިޙް އަބްދުﷲ ފަޙްމީ ދީދީ (އަބްދުﷲ ޖަލާލުއްދީން)

~

ހަވާލާ:

  • ޞަލާހުއްދީނުގެ ޅެންތައް – އަބްދުލް ޙަކީމް ހުސައިން މަނިކު
  • މުޙައްމަދު މުޢިއްޒު އަދުނާން “ވޮނަދޮނަރާއްޖެ”ގައި ލިޔުއްވާފައިވާ ބައެއް ލިޔުން
  • ދިވެހި ރާއްޖޭގެ ނަސަބުގެ މައްޗަށް އަހުމަދު އަލާ، މ. ރީހުއްޞަބާ އެއްކުރައްވާފައިވާ މައުލޫމާތު
  • ފަޟީލަތުއް ޝައިހް ޙުސައިން ޞަލާހުއްދީން، އިޔާޒް ނަޒީމް، ފަންވަތް
  • ޅެންވެރިންގެ ގުލްޒާރުގެ ނޫރާނީމާ 4، 1367ހ
  • އަމާޒު 55، 57
  • ފަތްތޫރަ 107، 1988 ފެބްރުއަރީ، އިބްރާހިމް ޝިހާބުގެ ހަނދާނުގައިވާ މަޒުމޫނުތައް
  • ދިވެހި އަދީބުން 3، ގައުމީ މަރުކަޒު
  • މަރިޔަމް ސަޢީދުގެ ޅެންތައް، ނޮވެލްޓީ ޕްރެސް
  • “އަސްރު ދިޔައީ ގެއްލިގެން”، މުޙައްމަދު ހަމްދޫން، މިހާރު
  • ޙަސަން ޝާކިރު މުހައްމަދު، ލިޔުންތެރިންގެ ގުޅުން

ދެވަނަކިޔުން (ޕްރޫފްރީޑް):

އަޙްމަދު ޢަލާ، ނަސަބާއި ތާރީޚް ދިރާސާކުރައްވާ

މުހައްމަދު ނާޖިޙް، ދިވެހި ބަހާއި ތާރީޚް ދިރާސާކުރައްވާ

7 ކޮމެންޓު ”ކޮޅުނބުގެ ކުއްޕިޔަވައްތަ – ދިވެހި ޅެންވެރިންގެ މަޒާރު“

    ފަރީޝް

    💪💪💪💪💪💪💪👍👍👍👍👍👏👏👏👏👏👏👏👏👏👏

    މަނާގޭ ޢަލީ ފާއިޒު

    މިލިޔުން ކިޔާލެވުނުތީ ވަރަށް އުފާކުރަމެވެ. މީގެ ކުރިން ލިބިފައި ނުވާ މައުލޫމާތު ތަކެށް އޮޅުން ފިލުމަށް ލިބިގެން ދިޔަ ރަގަޅު ފުރުސަތެއްމެއެވެ.

    ނުހަނު ފުރިހަމަ ޝައުޤުވެރި މުއްސަނދިވި ގިނަ މަޢްލޫމާތްތަކަށް،
    ހުނަރުވެރި ތިޔައަޚަށް ލައްވާށި ގިނަ ރަޙުމަތް މާތްޙަޟްރަތުން.

    ވަށަފަރު މުޙައްމަދު

    ވަރަށްފުރިހަމަ ލިޔުމެއް، ލިޔުންތެރިޔާއަށް އައްސަރިބަހާ ސާބަސް، މި ލިޔުން ކިޔާލުމުން މޮޓަރު ގަޑުބަޑު ނުކިޔާ ހަމަ ހިތަށް ހަމަޖެހުމެއް ނުލިބުނު.

    މުޙައްމަދު ވަޙީދު އިބްރާހީމް (ހަވާނާ)

    އަޅުގަނޑުގެ ޢުމުރުން މިހާރު މިއީ 66 ވަނަ އަހަރެވެ، ހަމަ ޔަޤީނުންވެސް އަޅުގަނޑު މިހާ ޝައުޤުވެރިވި ކިޔާހިތްވި ލިޔުމެއް ފެނުމުގެ ފުރުޞަތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަޅުގަނޑު ދަންނަވާހިތްއޮތީ މި ލިޔުމަކީ ހަމަ މަޢުލޫމާތުގެ ބޮޑު މާސިންގާ ޚަޒާނާއެކެވެ. އަލްޙަމްދުﷲ {ޝުުރިއްޔާ، ލީކަސް ޖަލީލް}

    އަޙްމަދު ޝަބީން

    ވ.ފުރިހަމަ

    އަޙްމަދު ނަޝީދު

    ދިވެހިރާއްޖޭގެ މުހިންމު ޝަޚްޞިއްޔަތު ތަކެއްގެ ހަނދާން ކުއްޕިޔަވައްތަ ޤަބުރުސްތާނުގައި ވާހިނދު، ދިވެހި އެމްބަސީގެ ފަރާތުން އިސްނަގައިގެން އެތަނުގައިވާ ދިވެހި ޝަޚްޞިއްޔަތު ތަކުގެ މަޒާރުތައް ގެއްލި ނުދާނޭ ފަދަގޮތަކަށް ހެދުމަކީ ދިވެހިތާރީޚްގެ “އެތާގެ ޞަފްޙާ” ތަކުގއި ޖެއްސޭނޭ ގެއްލިނުދާނޭ ކުލައެއްނޫންތޯއެވެ. މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރ އިން އަޅެ މިކަމުގައި އެއްވެސް ބަސްފުޅެއް ވިދާޅުވެދެއްވިއްޔާ ހާދަ ރަގަޅެވެ.