“މަނިކުފާނު”މި ނަން ކިޔާއިރު ފުރަތަމަ ނޫނު ކިޔާނީ ބަރުކޮށް ނަވިޔަނީގެ އަޑުންނެވެ. އިހުގެ މުސްކުޅި ލިޔުންތަކުގައިވެސް ލިޔެވިފައި ހުރީ އެގޮތަށެވެ. މިއީ ދިވެހީން ދަރަޖަތަކަށް ބެހިފައި އޮތް ޒަމާނުގައި ރަސްކަމުގެ ޚާންދާނުތަކުން އައިސްފައިވާ މީހުންގެ ނަމުގެ ފަހަތަށް ބޭނުންކޮށް އުޅުނު ދަރަޖަ ނަމެކެވެ.
*ނަވިޔަންޏަކީ ދިވެހި އަޑުތަކުގެ ތެރޭގައި ހިމެނޭ ބަރު ނޫނެވެ. މަތީތަލީގެ މެދަކާއި ހިސާބުގައި ދޫޖައްސައިފައި ނެރޭ އަޑެކެވެ. މިއަޑު ކިޔޭނީނޫނުގެ އަޑުން ނޫނަށް ވުރެ ބަރުކޮށެވެ. މިހާރުވެސް ދެކުނުގެ އަތޮޅުތަކުގެ ބަހުރުވައިގެ އަޑުތަކުގައި ނަވިޔަނި ހިމެނެއެވެ. މިއީ ދިވެހި ހަށަނަރަބަޅައިގެ 19 ވަނަ އަކުރުކަމުގައި ބަލާ އަކުރެވެ. ހަށަނަރަބަޅައިގައި ނަވިޔަނީގެ މަގާމަކީ ޒަވިޔަންޏާއި ޑަވިޔަނީގެ ދެމެދެވެ. 1950ގެ ކުރީގެ އަހަރުތަކުގައި ލިޔެވިފައިވާ ލިޔުންތަކުން ނަވިޔަނި ފެންނަން ހުރެއެވެ. ބޮޑުތަރުތީބުގެ ލިޔުމުގައި ވެސް ނަވިޔަނި ބޭނުންކޮށްފައިވެއެވެ.
މިގޮތުން ދިވެހި ތާރީޚުން އެންމެ ދުރުން ފެންނާން ހުރި އެއް މަނިކުފާނަކީ ހިލާލީ ދަރިކޮޅުން ދިވެހިރާއްޖޭގެ ރަސްކަންކުރެއްވި، އައްސުލްޠާން ޢުމަރު (ދެވަނަ) ސިރީ ލޯކަ ސުންދުރަ މަހާ ރަދުންގެ ދަރިކަލުން މާލޭ ރަށްދެބައިގޭ މުޙައްމަދު މަނިކުފާނެވެ. މިއީ މީލާދުން 15 ވަނަ ގަރުނުގެ ފަހުކޮޅު އަދި 16 ވަނަ ގަރުނުގެ ކުރީކޮޅު، ތިން ފަހަރެއްގެ މަތީން ރަސްކަންކުރެއްވި ކަޅު މުޙައްމަދު ރަސްގެފާނެވެ.
ހިލާލީންގެ ދުވަސްވަރަށް ފަހު ނަމުގެ ފަހަތަށް މަނިކުފާނު ބޭނުންކޮށް އުޅުނީ އިސްދޫ ރަސްދަރިކޮޅުގެ ބޭބޭފުޅުންނާއި އަދި އެއަށްފަހު ދިޔަމިގިލީ ދަރިކޮޅުގެ ބޭބޭފުޅުންނާއި ހުރާދަރިކޮޅުގެ ކުރީކޮޅުގައި އެ ދަރިކޮޅުގެ ބޭބޭފުޅުންނެވެ. ފަހުން ދިޔަމިގިލީ ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލަގެފާނުންގެ ބޭބޭފުޅުންނާއި ހުރާ ދަރިކޮޅުގެ ބޭބޭފުޅުން ނަމުގެ ފަހަތަަށް މަނިކުފާނުގެ ބަދަލުގައި “ދީދީ” ބޭނުންކުރައްވަން ފެއްޓެވީއެވެ.
މީގެ އިތުރުން އިހު ދިވެހި ރަށެއްގެ ގޮތުގައި އޮތް އިންޑިޔާގެ މަލިކުގައިވެސް އެރަށުގެ ބޮޑުންގެ ނަމުގެ ފަހަތަށް މަނިކުފާނު ބޭނުން ކުރެވެއެވެ. ބުނެވޭ ގޮތުގައި މަލިކުގެ ބޮޑުންނަކީ ދިވެހި ރަސްދަރިކޮޅަކުން އުފެދުނު ދަރިކޮޅުތަކެކެވެ.
ދިވެހިރާއްޖޭގައި މަނިކުފާނު ދަރަޖައިގެ އަންހެނުންނަށް އިހުގައި ކިޔާފައި ހުރީ މަނިކަފާނު ނުވަތަ މަނިކެފާނެވެ. އެހެންނަމަވެސް ފަހުން އަންހެނުންނަށްވެސް ކިޔައި އުޅެނީ “މަނިކުފާނު” އެވެ. މިއާ ޚިލާފަށް މަލިކުގައި މަނިކުފާނު ދަރަޖައިގެ އަންހެނުންނަށް ކިޔައި އުޅެނީ “މަނިކަ” އެވެ.
މީގެ އިތުރުން ނަމުގެ ފަހަތަށް ދީދި ކިޔާ ފިރިހެން ބޭބޭފުޅުންނާއި މުޚާޠަބުކުރެވޭ އިރު މަނިކުފާނު ބޭނުންކުރެވެއެވެ. މިގޮތުން އަންހެން ބޭފުޅެއް ނަމަ ބޭނުންކުރަނީ “ކަމަނާ” ނުވަތަ “ކަމަނާފާނު” އެވެ. އަދި ފަނޑިޔާރުކަން ނުވަތަ ކޮލިލައިގެން ދެވޭ ދަރަޖައަކާއި ގުޅިގެން ދީދީންނަށް މަނިކުފާނުގެ ނަން ބޭނުންކޮށް އުޅުނެވެ. މިސާލަކަށް ދަރަވަންދޫގޭ ޙުސައިން ދީދިއަށް ފަނޑިޔާރު މަނިކުފާނޭ ކިޔުން، އައްޑޫ މީދޫ ދެށެނާގޭ މުޙައްމަދު ދީދިއަށް ފެންނާ މަނިކުފާނޭ ކިޔުން.
މިހާރު ދިވެހިރާއްޖޭގައި ނަމުގެ ފަހަތަށް މަނިކުފާނު ބޭނުންކޮށް އުޅެނީ ވަރަށްވެސް މަދުންނެވެ. އެންމެ ގިނައިން ފެންނަން ހުރީ އައްޑުއަތޮަޅުންނެވެ. އެއީ މުޅީންހެން އިސްދޫދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭބޭފުޅުންނެވެ. އަދި މީގެ އިތުރުން އައްޑުއަތޮޅު ގަމުގައި އުޅުއްވި (ފަހުން ފޭދޫގައި އުޅުއްވާ) އިސްދޫ ދަރިކޮޅާއި ގުޅިފައިވާ ދިޔަމިގިލީ ދަރިކޮޅުގެ ބޭބޭފުޅުންނަށެވެ. އިންޑިޔާގެ މަލިކުގައިވެސް މިޒަމާނުގައިވެސް ކޮންމެވެސް ވަރަކަށް މަނިކުފާނު ކިޔައިއުޅެއެވެ.
އައްޑުއަތޮޅުގައި އިސްދޫ ދަރިކޮޅުގެ މަނިކުފާނުންގެ ފިރިހެން ބޭބޭފުޅުންގެ ނަމުގެ ފަހަތަށް “ރަހާ” އަދި އަންހެން ބޭބޭފުޅުންގެ ނަމުގެ ފަހަތަށް “ރަނާ” ވެސް ކިޔައިއުޅުނެވެ.