ޝައިޚްޒުބައިރު – ޙުސައިން ޞަލާހުއްދީން

“ޝައިޚްޒުބައިރު” މި ފޮތަކީ ދިވެހި އަދަބިއްޔާތުގެ ޅެންވެރިކަމުގެ ބާވަތްތަކުގެތެރެއިން ރައިވަރާއި ބެހޭ ގިނަ ފިލާވަޅުތަކެއް ދަސްވާނޭ ގޮތުން އަދި ބައެއް ރައިވަރު ފޮތްތަކުގެ ނަކަލާއި އެކު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ ދިވެހި ބަހުގެ އަދަބީ ތަރިކައެކެވެ. މި ފޮތުގައި ޙުސައިން ޞަލާހުއްދީން ހިމަނުއްވާފައިވާ ރައިވަރު ފޮތްތަކަކީ:

– ދިޔޯގެ ރައިވަރު، ބަނޑޭރި ހަސަން މަނިކުފާނު

– ދިވެހި އަރުމާދު ރައިވަރު ފޮތް – ބަނޑޭރި ހަސަން މަނިކުފާނު

– ސުއްކަތުރާ ހަބަރު، ނައިބު ތުއްތޫ

– ތަޤްވީމުއްލިސާނި، ނައިބު ތުއްތޫ

މި ރައިވަރު ފޮތްފޮތެވެ.

ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ މި ފޮތަށް “ޝައިޚްޒުބައިރު” ކިޔުނު ގޮތާއި ބެހޭގޮތުން ފޮތުގެ މުޤައްދިމާގައި އެމަނިކުފާން ލިޔުއްވާފައިވަނީ:

“ޝައިޚް ޒުބައިރަކީ، ކުވީން އެލްޒިބާތުގެ ރަސްކަމުގެ ޒަމާނުގައި، އިނގިރޭސި ވިލާތުގައި ހުރި މާ މޮޅު ޅެންވެރިއަކަށް މިޞްރުގައި ކިޔަވާން އުޅޭ ކުދީން ކިޔާ ނުވަތަ އެ ކުދީންނަށް ކިއުނު ނަމެކެވެ. އެމީހަކަށް އިނގިރޭސިން ކިޔައިއުޅެނީ “ޝެކްސްޕިޔަރ” މިހެންނެވެ. މީނާގެ މިނަމުން ނަން ކިޔޭ ޅެން ފޮތަކީ މިޒަމާނުގައި ޤަދަރާއި މޮޅުކަންލިބިގެންވާ މާތް އިނގިރޭސިން ވަރަށް ކަމޭހިތައިގެން ގެންގުޅޭ ފޮތެކެވެ. އެއީ އެ ފޮތުގައި ހުރި އަދަބުގެ އިލްމުތަކާއި، ބުއްދިވެރި ބަސްތަކާއި، ބަހުގެ ބަލާޢާތްތެރިގޮތްތަކާއި، މިކަންކަން ހުރިލެއް ފުރިހަމަކަމުން ކަމުގައި ދެކެމެވެ.”

މި ފޮތަކީ ދިވެހި ބަސް ކިޔަވާ ކުދިންނާއި މުދައްރިސުން އަދި ދިވެހި ބަހަށް ލޯބި ކުރާ ފަރާތްތަކަށް ނުހަނު މުހިންމު ފޮތެކެވެ. ހުރިހާ ދަރިވަރުންނަށް އަދި ކިޔަވާދެއްވާ މުދައްރިސުންނަށް ވެސް ކުތުބުހާނާއަށް ދިއުމަކީ ފަސޭހަކަމަކަށް ނުވެދާނެވެ. ވަކިން މި ތަދު ފޮތްތައް ހުރީ މާލޭ ކުތުބުހާނާތަކުގައެވެ. އެެހެންކަމުން އަތޮޅުތަކުގެ ކިޔަވާ ކުދިންނާއި މުދައްރިސުންނަށް މި ފޮތް ފޮތާއި ހަމައަށް ވާސިލުވުމަކީ އުނދަގޫ ކަމެކެވެ. އަދި ދިވެހި ރާއްޖޭގެ ކުރީގެ ފޮތްތައް “ޑިޖިޓަލް” ކޮށް ފެންނާނެ އަރުޝީފެއް ގާއިމުކުރެވިފައި ނެތެވެ. މައުލޫމާތުގެ ރަސްމަގު އިންޓަރނެޓް އަދި މީސްމީޑިއާގެ އެކި މަންސަތަކުގައި މައުލޫމާތު ހޯދާ މި ޒަމާނުގައި ދިވެހި ބަހާއި ގުޅޭ ލިޔުންތައް މި ވަސީލަތްތަކުން ފެންނަން ހުރުމަކީ ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.

ޝައިޚްޒުބައިރު ޝާއިއިކޮށްފައިވަނީ ދިވެހި ބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ފަރާތުން “މަލަސް 63” ގައި 15 ޖެނުއަރީ 1999މ ގައެވެ.

ޕީ.ޑީ.އެފް ލިންކް: https://www.docdroid.net/Kv6QIyA/sheikh-zubair.pdf