އިންގިލާބުގެ ދުވަސް، 23 ޖުލައި 1952
ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި
ހާލިޤުލް ކަޢުނައިނި ވާކަން ނޭނގެނީތަ، އަޖައިބެކޭ!
އަނިޔާވެރިން އަނިޔާކުރާ ހިނދު، އެކުރާ އަނިޔާ މާތްކަލާނގެ ދެނެވޮޑިގަތުން ބޮޑުކަމާއި ދޭ އަނިޔާއާއި ކުރިމަތިކުރުވާ ބޭއިންސާފަށް ނިޔާ ކަނޑައެޅި އަދުލާއި އިންސާފު ލިބޭނޭ ގޮވައްޗެއް މީގެފަހަތަށް ވާކަން ނުވިސްނާ އަނިޔާގައި ދެމިތިބޭ ޒުލްމުގެ ވެރިންނާއި މެދު އަޖާއިބު ހީވެއެވެ. މިއީ އެކި ދުވަސްވަރު އެއިރަކު އޮންނަ ވެރިކަމާއި ދެކޮޅު ފަރާތްތަކުގެ ދޫމަތިން އެންމެ ގިނައިން އިވޭ އެއް ބައިތެވެ. އަބަދުވެސް ހިނގަމުންދާ ވެރިކަމަކީ އެ ވެރިކަމުން މަންފާއާއި ދިރިއުޅުމުގެ ފަސޭހަތައް ލިބޭ މީހުންނަށް ރަނގަޅު ހެޔޮ ވެރިކަމެކެވެ. ވެރިކަމުގެ ފަރާތުން ދެމުންދާ އަނިޔާއާއި ނާއިންސާފު ރުހުމުގެ ލޯތަކަށް ނުފެނިދެއެވެ.
ފަޟީލަތުއްޝައިޙް އަލްއުސްތާޛު މޫސާ ފަތުޙީ
“ޒާލިމުން އަނިޔާކުރާއިރު” މި ބައިތު ހިމެނޭ ޅެން ހައްދަވާފައި ވަނީ ފަޟީލަތުއްޝައިޙް އަލްއުސްތާޛު މޫސާ ފަތުޙީއެވެ. މޫސާ ފަތުޙީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 ރަމަޟާން 1342ހ (29 ސެޕްޓެމްބަރ 1924)ގައި ޅެމާއި ޅެންވެރިކަމުގެ ބިން، ފާދިއްޕޮޅު ނައިފަރު، އީޓުޖެހިގޭގައެވެ. އަލްއުސްތާޛު މޫސާ ފަތުޙީގެ ބައްޕައަކީ ނައިފަރު ރޭނިގޭ ޤާސިމްފުޅު އަލިފުޅެވެ. މަންމައަކީ ހަމަ އެގޭ ސަންފާ އަލިކޮއިއެވެ. ޅަފުރައިގެ ދުވަސްތައް މޫސާ ފަތުޙީ ހޭދަކުރެއްވީ ނައިފަރުގައެވެ. އަދި އިބްތިދާއީ ތައުލީމް ހާސިލްކުރެއްވީ ނައިފަރު މަދަރުސަތުލް އިފްތިތާޙުންނެވެ. އެއަށް ފަހު ތައުލީމް ހާސިލްކުރައްވާފައި ވަނީ މާލެ ވަޑައިގެން މަދަރުސަތުލް ސަނިއްޔާއިންނެވެ. ސަނިއްޔާގެ ކިޔެވުން ނިންމުމަށް ފަހު ވުޒާރަތުލްމަޢާރިފުގެ މުދައްރިސެއްގެ ގޮތުން މަދަރުސަތުއްސަނިޔާގައި ހިދުމަތްކުރެއްވިއެވެ.
އަލްއުސްތާޛު މޫސާ ފަތުޙީ
މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާން ދިވެހި ދައުލަތް ހިންގެވި ދުވަސްވަރު އިސްލާމްދީނުގެ މަތީ ތައުލީމް ހާޞިލްކުރެއްވުމަށް މިޞްރަށް ފޮނުއްވެވި އުމުރުން ދޮށީ އެއް ބޭފުޅަކީ އަލްއުސްތާޛް މޫސާ ފަތުޙީއެވެ. އަދި މި ދުވަސްވަރު މިސްރުގައި ކިޔަވަންތިބި ދިވެހި ކުދިންގެ ވެރިއެއްގެ މަގާމް އަލްއުސްތާޛު މޫސާ ފަތުޙީ ފުރުއްވިއެވެ. އަލްއުސްތާޛް މޫސާ ފަތުޙީ މިސްރުގެ ޖާމިޢުލްއަޒުހަރުގައި 16 އަހަރު ވޭތުކުރައްވާ ޝަރީއަތާއި ޤާނޫނުގެ ރޮނގުން ތަޙްޞީސްވެ ވަޑައިގަތެވެ.
އަލްއުސްތާޛު މޫސާ ފަތުޙީއަކީ މުދައްރިސެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ދައުލަތުގެ އިސް މަގާމްތަކެއް ފުރުއްވި ދިވެހި މުވާތިނެކެވެ. އަލްއުސްތާޛު މޫސާ ފަތުޙީ ފުރުއްވި މަގާމްތަކުގެ ތެރޭގައި، ވަޒީރުލްއަޢުޠަމް އޮފީހުގެ ޙާއްޞަ ވަކީލުކަމާއި، ވަޒީރުލް އަޢުޠަމްގެ ނާއިބުކަން ހިމެނެއެވެ. މިނިސްޓަރ އޮފް ޖަސްޓިސްކަމާއި އުއްތަމަ ފަނޑިޔާރުކަން ވެސް ކުރެއްވިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖްލިސްގެ ރައީސް ކަމާއި އެ މަ މަޖްލިސްގެ މުސްތަޝާރުކަން ވެސް ކުރެއްވިއެވެ. އަލްއުސްތާޛު މުސާ ފަތުޙީ 2007 ވަނަ އަހަރުގެ ޖުލައި މަހު އަވަހާރަވީއިރު ހުންނެވީ ދިވެހި ގައުމަށް ގިނަދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަގާމްގައެވެ.
~
ޅެން:
ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި
ހާލިޤުލް ކަޢުނައިނި ވާކަން ނޭނގެނީތަ، އަޖައިބެކޭ!
މި ޅެންބައިތުވަނީ މޫސާ ފަތުޙީ މިސްރުގެ ރަސްގެފާން ކިންގު ފާރޫޤްގެ ރަސްކަން ވެއްޓިގެން ދިޔަގޮތް ސިފަކުރައްވާ ހައްދަވާފައިވާ 39 ބައިތުގެ ދިގު “ނިމުމަކާއި ފެށުން” މި ޅެމުގައެވެ. ޅެން ފައްޓަވާފައި ވަނީ މިފަދައިންނެވެ:
އަންތަރީހުގެ މީޓަރުންމީ ސައްތައަށް އެރި ދުވަހެކޭ
ކަންތަކުން އެދުވަހު އެހިނގި ޢިބުރަތްތަކެއް ދިން ދުވަހެކޭ
ކުރިމަތީ ތަމްސީލު ވެވި ދިޔަހައި އެގިނަ ކަންތައްތަކީ
ފުރިހަމަވި ޢަދުލުގެ އިލާހީ ސާފު ސީދާ ހެއްކެކޭ
ވެއްޓިގެން ފާރޫޤު ކީރިތި މޫރިތިވި ތަޚުތުގެ މަތިން
ނެއްޓިގެން ވަޒަނުގެ ބިމުން ދިއަގޮތް އެއީ ހަމަ ދަރުސެކޭ
ސޯޅަ އަހަރާއި އަދި އެތައް ދުވަހެއްމެ ވަންދެން ކުރިމަޖާ
ރޯޅިއެއް ހަމަ އެންމެ އެރުމުން ނެތިދިއާ ހޭ އާނއެކޭ
~
ވާހަކައެއް ތަމްސީލުވެގެން ދާގޮތަށް ސިފަކުރައްވާ މޫސާ ފަތުޙީ ޅެންކުރިއަށް ގެންދަވާފައިވެއެވެ. ދެން މި ލިޔަނީ ޅެމުގެ ބައެއް ބައިތުތައް ދޫކުރަމުން އެކި ބައިތު ޅެމުގެ ތަރުތީބުންނެވެ.
މާހިރާއި ނަޖީބު އަތު ގުޅުވާލި ގުޅުވާލުން އެއީ
ޤާހިރާ ހެކިވާ ގޮތުން މުޅި ޤައުމުގައި ހިނގި ރޫޙެކޭ
އޮފިސަރުން ލަޝްކަރުގެ ހުރިހާ ބޯލަބާ ކިޔަމަންވެގެން
ސަފުސަފަށް އަދު އެތުރުނީ އޭނާގެ ސިހުރީ އަސަރެކޭ
މިސްރަށް ގެނެވުނު 23 ޖުލައި އިންގިލާބުގެ އެއް ލީޑަރު ޖަމާލު އަބްދުއް ނާސިރު އާނެސްޓޯ ޝެގުވާރާ އާއި އެކު
~
ލޭއޮހޮރުވުމެއް ނެތް އަސްކަރީ އިންގިލާބަކުން ކިންގް ފާރޫޤްގެ ރަސްކަން ނިމުނުކަން ބަޔާންކުރައްވަމުން މޫސާ ފަތުޙީ ލިޔުއްވާފައިވަނީ:
ދެންމެ ބުނި ޤާއިދާގެ ޙުކުމް އިންޤިލާބެއް އަސްކަރީ
އެންމެ ލޭތިއްކެއް ނުއޮހޮރާލީކަމީ ބޮޑު ފަޚުރެކޭ
ޓޭންކުތަކުގައި ގޮސް ވަށާލީމާ ގަނޑުވަރުތައް އެކީ
ދެން ކުރާނެ އެހެން ކަމެއް ނެތުމުން ކުރީ ތަސްލީމެކޭ
~
ވެރިކަމެއް ނިމި ވެރިކަމެއް ފެށުނީއެވެ. އެ ދުވަސްތައް ސިފަކުރައްވަމުން މޫސާ ފަތުޙީ ލިޔުއްވާފައިވަނީ:
ރިޝްވަތާއި ފަސާދު އަނިޔާވެރިކަމާއި ނިފާޤުން
މިޞްރުގައި ރަސްކަން އެއީ ކުރި ކަޅު އަނދިރިވި އަހުދެކޭ
ޖާހަކަށް އަދި މުދަލަކަށް އަޅުވެތިނުވީ ވިއްޔާއެއީ
ފާހަގަވެ ކަޅު ލިސްޓުގައި ލިޔެ ހުނިޖެހޭނޭ މީހެކޭ
އެކި ދުވަސްވަރުގައި ހިނގަމުންދާ ވެރިކަންތަކާއި މި ޅެން ގުޅުވިގެންދަނީ މިހެންވެއެވެ. ޒަމާންތައް ބަދަލުވަމުން ދިޔަ ނަމަވެސް، ވެރިކަންތަކުގައި އަނިޔާއާއި ފަސާދަ އާއްމުވާތީއެވެ. ދައުރުން އަންނަ ހިތާމައިގައި ވެސް މިނޫން ދުވަހަކަށް ކުރެވޭ އުއްމީދުގެ ބޮޑުކަމުން މި ޅެން ކިޔެނީއެވެ. ނުނިމޭ ވެރިކަމެއް، އަނިޔާވެރިކަމެއް، ރަސްކަމެއް ދުނިޔެ ދެކެފައި ނުވާތީއެވެ. އަނިޔާވެރިކަމުގައި އިންތައް ފަހަނައަޅައި ދިޔަ އެތައް ވެރިންނެއްގެ ނިމުން ފައިބެ ގަރުނާއި މި ގަރުނުގައިވެސް ފެނިފައިވާތީއެވެ. އަދި މާދަމާ ވެސް ފެންނާނެތީއެވެ.
ހުރުމަތާއެކު އިންނަވާފައި ހިތްތަކުގެ މޮޅު ތަޚުތުގައި
ބުރުއަޅާ ދިޔަ ސަބަބަކީ އޭނާ އެކުޅަ އަނިޔާތަކޭ
ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި
ޚާލިގުލް ކައުނައިނި ވާކަން ނޭނގެނީތަ، އަޖައިބެކޭ!
ކަންތަކާ މެދުގައި މިހެން ހިނގަމުން އެދާ ވިސްނާލުމުން
އަންގަނީ ވެރިކަން އެއީ އެއްކައުފަރާތުގެ މިލްކެކޭ
ޔާއިލާހީ އުޑުތަކާ ބިންތަކުގެ ތިޔައީ މާލިކޭ
ތާއަބަދު ދެމިހުރުމަކީ އެކަކަށް އެހެންނެތް ސިފައެކޭ
- މޫސާ ފަތުޙީގެ ޅެންތައް “މަލަސް 78” މި ފޮތުގައިވާ މި ޅެމުގެ ނަކަލުގައި އޮންނަނީ: “ޟާލިމުން އަނިޔާކުރާ ހިނދު” މި ގޮތަށެވެ. ފަތްތޫރަ 341 ވަނަ އަދަދުގައިވާ ހަމަ މި ޅެމުގެ ނަކަލެއްގައި އޮންނަނީ “ޒާލިމުން އަނިޔާކުރާއިރު” މިގޮތަށެވެ. ހިނދާއި އިރުގެ ކުޑަ ތަފާތެކެވެ.
މިސްރުގެ ފާރޫޤް:
މިސްރުގެ ފާރޫގުލް އައްވަލް
ކިންގް ފާރޫޤް ނުވަތަ ފާރޫޤް އަލް އައްވަލަކީ މިސުރުގެ މުހައްމަދު އަލީ ދަރިކޮޅުން ރަސްކަންކުރެއްވި 10 ވަނަ ރަސްގެފާނެވެ. އަދި މިސުރާއި ސޫދާނުގެ މައްޗަށް އެއްވެރިކަމެއްގެ ގޮތުގައި ރަސްކަންކުރި އެންމެ ފަހުގެ ރަސްގެފާނުވެސް މެއެވެ. ފާރޫޤަށް ތަހުތު ވާރުތަކޮށްފައިވަނީ ބައްޕަ ކިންގް ފުޢާދަށް ފަހުގައެވެ. ކިންގް ފާރޫޤްގެ ރަސްކަން ދެމިގެންގޮސްފައިވަނީ 28 އޭޕްރިލް 1936މ އިން 26 ޖުލައި 1952މ އަށެވެ. މި ދުވަސްވަރުގައި މޫސާ ފަތުޙީ ހުންނަވާނެކަމަށް ބެލެވެނީ މިސްރުގައެވެ.
ކިންގް ފާރޫޤްގެ ރަސްކަން ވައްޓާލާފައިވަނީ ދައުލަތުގެ ހިންގުން ދޯދިޔާވެ އަދި ވައްކަމާއި ފަސާދަ އާއްވެފައި ވަނިކޮށް އަދި 1948 ވަނަ އަހަރު ކުރެވުނު އަރަބި-އިސްރާއީލް ހަނގުރާމައިގައި މިސްރުގެ އަސްކަރިއްޔާ ފެއިލްވެ ދައުލަތެއްގެ ގޮތުގައި އިސްރާއީލް އުފެދުމާއި މިހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ކިންގް ފާރޫޤްގެ މައްޗަށް އާއްމުންގެ ރުޅިވެރިކަން އިންތިހާއަށް ގޮސްފައިވަނިކޮށް 1952 ވަނަ އަހަރު މިސުރުގައި ގެނެވުނު އަސްކަރީ އިންގިލާބެއްގައެވެ. މި އަސްކަރީ އިންގިލާބުގައި އިސްކޮށް ތިއްބެވީ މިލިޓަރީ ޖެނެރަލް އަދި އަދި މިސުރުގެ ފުރަތަމަ ރައީސް އަށް ވެވަޑައިގަތް މުހައްމަދު ނަޖީބާއި ނަޖީބަށް ފަހު ރައީސްކަމަށް ވަޑައިގަތް ޖަމާލު އަބްދުއް ނާސިރެވެ. އިންގިލާބީ ހަރަކާތް ކުރިހޯދުމާއި އެކު ކިންގް ފާރޫޤް މިސުރު ދޫކުރައްވާ މޮނާކޯއަށް އަމިއްލައަށް އަރުވާލެވުނެވެ. އަދި އޭގެ ފަހުގައި އިޓަލީގެ ރޯމަށް އަރުވާލެވުނެވެ.
ކިންގް ފާރޫޤް ގައުމު ދޫކުރެއްވުމުން މިސުރުގެ ބާރުތައް އިންގިލާބީ ލަޝްކަރާއި މުހައްމަދު ނަޖީބާއި ނާސިރުގެ މައްޗަށް ފުރޮޅުނެވެ. އަދި ކިންގް ފާރޫޤް ރަސްކަމުން އަޒުލު ކުރެވުނެވެ. ރަސްކަމުގެ ހަމަތަކުގެ މަތިން ކިންގް ފާރޫޤްގެ 5 މަހަށް ދާ އުމުރުން ހަގު ދަރިކަލުން ޕްރިންސް އަހުމަދު ފުޢާދު ކިންގް ފުޢާދު ދޭއްގެ ނަމުގައި ރަސްކަމަށް އިސްކުރެވުނެވެ. ނަމަވެސް، 18 ޖޫން 1953 ވަނަ އަހަރު މިސުރުގެ އިންގިލާބީ ސަރުކާރުން ރަސްމީކޮށް މިސުރުގެ 150 އަހަރުވީ މުހައްމަދު އަލީ ދަރިކޮޅުގެ ރަސްކަން ނިމުމަކަށް ގެނެސް މިސުރަކީ ޖުމްހޫރިއްޔަތެއް ކަމުގައި އިއުލާންކުރިއެވެ. މިސުރުގެ ފުރަތަމަ ރައީސަކަށް ވެފައިވަނީ 1952ގެ އިންގިލާބު ހިންގުމުގައި އިސްކޮށް ހުރި ޖެނެރަލް މުހައްމަދު ނަޖީބެވެ.
ނަޖީބާއި ނާސިރު ބާރުތަކާ ހަވާލުވި މަންޒަރު
ކިންގް ފާރޫޤް އަވަހާރަވެފައިވަނީ 18 މާރޗް 1965މ ގައި ރޯމްގެ ރެސްޓޯރަންޓަކުން ފަރިއްކުޅުއްވައި ނިމުނުތަނާ ވެއްޓިވަޑައިގެނެވެ. ކިންގް ފާރޫޤް އަވަހާރަވީ މިސުރުގެ ޖާސޫސީ އިދާރާއިން ކިންގް ފާރޫޤްގެ ކާ ތަކެއްޗަށް ޒަހަރު ލުމުން ކަމުގައި ވެސް ތުހުމަތުކުރެވިފައިވެއެވެ. ކިންގް ފާރޫޤް އަވަހާރަވުމުން މިސުރުގައި ވަޅުލުމަށް އެދުމުން ޖަމާލް އަބްދުއް ނާސިރުގެ އިންގިލާބީ ސަރުކާރުން އެކަމާއި ދެކޮޅު ހެދުމުން ކިންގް ފާރޫޤް ފަސްދާނުލެވިފައި ވަނީ އިޓަލީ ވިލާތުގައެވެ. 31 މާރްޗް 1965ގައި ކިންގް ފާރޫޤްގެ ހަށިގަނޑު ސިއްރިޔާތުގައި މިސްރަށް ގެނެވި އިބްރާހިމް ޕާޝާ ގަބުރުސްތާނުގައި ފަސްދާނުލެވުނެވެ.
ކިންގް ފާރޫޤްގެ ކޮއްކޮ ފައުޒިއްޔާ ފުޢާދު ކައިވެނި ބައްލަވައިގަތީ އީރާނުގެ އެންމެ ފަހުގެ ޝާހު މުހައްމަދު ރިޒާ ޕެހެލަވީއާއެވެ. މިއީ އީރާނުގެ ރާނީ ފައުޒިއްޔާ ފުޢާދެވެ. މި ޅެމުގައި އެވަނީ 150 އަހަރުވީ މުހައްމަދު އަލީ ދަރިކޮޅުގެ ރަސްގެފާން ފުޢާދުލް އައްވަލް ގެ ވެރިކަމުގެ ވާހަކައާއި އަދި 1952ގައި މިސުރަށް ގެނުވުނު އަސްކަރީ އިންގިލާބުގެ ވާހަކާއާއި އަދި ފުޢާދުލް އައްވަލްގެ ރަސްކަން ވެއްޓުނު ގޮތުގެ އިބުރަތްތެރި ވާހަކައެވެ.
ޝާހް މުހައްމަދު ރިޒާ ޕެހެލަވީ އަދި ރާނީ ފައުޒިއްޔާ ފުޢާދު
ހަވާލާ:
މަލަސް 78، މޫސާ ފަތުޙީގެ ޅެންތައް
ފަތްތޫރަ 341