ދިވެހި އަދަބިއްޔާތުގައި ފަރިހި

ޖޭމްދޮންކަމަނަ – ކުލަފޮޓޯ: އަޙްމަދު ޞައްފާޙު

ބީވެއަތުން ދިޔަ ހީރާމުތުރަނުކުލަވާ، މުޖުރާއޭފުޅުނަޔާ
ކިޔަމޭ މި ފަރިހި ގެންފަށާ، ލިޔެއަނާކޮށް ރީފުތައު
ތިޔަމަނުކުލަރަން ދިއަވީދުއަގީ، ނިޔަނެތިވީފުޅު މުޖުރާ
~

ފަރިއްސަކީ ޅެންބަހުރުވައިން ދިވެހިން ކިޔައި އުޅުނުތަކެތީގެ ތެރެއިން މިއަދާ ހަމައަށް އައިސްފައިވާ މައުނަވީ މުހިންމު ތަރިކައެކެވެ. އެއާއި މެދު އަދަބީ، ސަގާފީ ވިސްނުމަކުން ދިރާސާކޮށް ބެލެވިފައި ނެތް އެއްޗެކެވެ. ހަރުދަނާގޮތެއްގައި އެކުލަވާލެވިފައި ހުރި ފަރިހިތަކުން ބުނެދެނީ ހިތުގައި އުފެދުނު އިހުސާސްތަކާއި، ދުށްތަނާއި ހިނގި ހާދިސާތަކާއި، އަސްލެއްގެ މައްޗަށް ބިނާވެ ޒަމާނާއެކު ބަދަލުވެފައިވާ ފޯކުލޯރާއި، މީހަކާ މެދު މަލާމާތުގެ ގޮތުން ކިޔާފައިހުރި ތަކެއްޗާއި ލަހުޖާއިން އޭގައި ސަމާސާގޮތް އަދި ފޮރުވިފައިވާ މާނައެއް އެކުލެވޭ ތަކެއްޗެވެ. އިހު މުސްކުޅީން ކިޔައި އުޅުނު ވަރަށް ގިނަ ފަރިހިތައް ޒަމާނުގެ އަތުން ނުލިޔެވި ގެެއްލި ހިނގައްޖެއެވެ. މޮޓަރުބޯޓު ފަރިހިތަކާއި ބޮޑުނާކޮޅު ފަރިއްސާއި އެއިރު ފަރިހިކިޔުމުގައި ކުޅަދާނަ އެތައް ބައެއްގެ ފަރިހިތައް މިއަދު ފެންނާކަށް ނެތެވެ.

ފަރިއްސަކީ ދިވެހި ވަޒަންބަހުރުވައިގެ ތާރީޚާއި ލަވައިގެ ތާރީޚުގައި މުހިންމު އެއްޗެކެވެ. އަހަރެމެންގެ މިޒަމާނުގައި އަޑު އިވޭ ޅެމާއި ލަވަތަކީ އަދަބީ މީޒާނުގައި ފަރިއްސާ މުޅިން ތަފާތު އެއްޗެކެވެ. “ކީހާޅެން ފަރިއްސަަަށް ވުން” ފަދަ މިސާލުބަސްތަކުން ޅެމާއި ފަރިހީގައި ވަރަށް ބޮޑު ތަފާތެއް ވާކަން ބުނެދެއެވެ. ލަވައިގެ ގޮތުގައި މިއަދުގެ ޖީލަށް މަގްބޫލު ބައެއް ލަވަތަކުގެ އަސްލަކީ ކުރީގެ ފަރިއްސެވެ. ދިވެހި ލަވަ ފުރަތަމަ އުފެދުނީ، އިހުގައި އަވަށްއަވަށުގައި ކިޔައި އުޅުނު ލަވަލަވަޔާއި، ފަރިއްސާއި ދެމެދުންކަމުގައި މުޙައްމަދު ޖަމީލު ދީދީ ބަޔާންކުރައްވައެވެ.

ފަރިއްސަކީ ޅެން ހަދާން ފެށުމުގެ ކުރީން ހަދައިއުޅުނު ވަޒަންބަހުރުވައިގެ ބާވަތެއް. މީގައި ޢާންމުކޮށް ސަމާސާއާއި މަލާމާތުގެ ގޮތްހުރެއެވެ. އެެއް ދުވަސްވަރެއްގައި ޅެމަށްވެސް މިހެން ކިޔައި އުޅުނެވެ

މިއީ ދިވެހި ބަސްފޮތުގައި ފަރިހި މާނަކޮށްފައިވާ ގޮތެވެ. ނަމަވެސް، ފަރިއްސަކީ ބަސްފޮތުގައި ބުނެދީފައިވާ މިންވަރުބާއެވެ؟ ދިވެހި މުސްކުޅި އަދަބިއްޔާތުގެ ތެރެއިން ވަޒަންބަހުރުވައިގެ މައްޗަށް ހޯދައިބެލުމުގެތެރެއިން މުސްކުޅިންގެ ފަރާތުން ހިސާބަކަށް ފަރިހި އަޑުއެހުނެވެ. އަދި އެކި ދުވަސްވަރު ރެކޯޑްކުރެވިފައިވާ ފަރިއްސާއި ލަވައިގެ ގޮތުގައި މިހިސާބަށް މަގްބޫލުވެފައިވާ ފަރިހިތަކުގެ މައްޗަށް ދިރާސީގޮތެއްގައި ބެލުނެވެ. ފަރިއްސަކީ ދިވެހިންގެ ވަޒަންބަހުރުވައާއި ދިވެހިންގެ އާދަކާދަ އަދި މުސްކުޅި ބަސްކޮށާރު ބުނެދޭ އެއްޗެކެވެ. ފަރިއްސަކީ “ސަމާސާއާއި މަލާމާތަށް” ވުރެ އެބަޔަކު ދުށްތަނާއި އުފެދުނު އިހުސާތަކުގެ ވާހަކަ ރާގުހަމަކޮށް ކިޔުމެވެ.

ފަރިހި ކިޔާއިރު ރާގު ހަމަކުރުމަށް ޖަހައި އުޅުނު ތަކެއްޗަކީ ފަތިގަނޑާއި ޑަބިޔަލެވެ. ނުވަތަ އަތުން އެ އެެއްޗެއްގައި ޖެހުމުން ރާގު ހަމަކުރެވޭ ކޮންމެވެސް އެއްޗެކެވެ. ފަރިއްސަކީ ދިވެހިންގެ މުނިފޫހިފިލުވައިދިން އެއް ބައިވެރިޔާއެވެ. ވާހަކަ ކިޔުމާއި ރައިވަރުބައިތައް ކިޔުން ފަދައިން ފަރިހިކިޔުންވެސް ވެފައި ވަނީ އެކަމުގައި ގިނައިރު ހޭދަކުރެވޭ މުނިފޫހިފިލާ ކަމަކަށެވެ. މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ ގޮތުގައި “ޚިތާނުކޮށްގެން އުޅޭ ތަންތަނާއި މީހުން ވިހައިގެން އުޅޭ ގޭގޭގައި ހޭލާ ތިބޭ ތިބުމުގައި ފޫހިފިލުވާން ކުޅޭ ކުޅިވަރެެއްގެ ގޮތުގައި ފަރިހި ކިޔައި އުޅުނެވެ”. ފަރިހި ކިޔާ އިރު ބޭނުންކުރާ “މޫސީޤީ އާލާތްތައް” އިތުރުވެ ފޯރިގަދަ ސަގާފީ ކުޅިވަރެއްގެ ގޮތުގައި މިކަން ހިނގަމުން އައިސްފައިވެެއެވެ.

ފަރިހީގެ އަސްލަކީ ކޮބާ؟

ވިހުރު ތޯތާ ފަރިހި – ފާޠިމަތު ޙަސަންކަލޭފާނު، އިނގުރައިދޫ

އިހުގައި ދިވެހިން ކިޔައި އުޅުނު ފަރިއްސަކީ ކޮން އެއްޗެއްބާއެވެ؟ ތަފްސީލުގޮތެއްގައި އޭގެ މައްޗަށް ބެލެވިފައި ނެތް ނަމަވެސް ފަރިއްސާ މެދު އެކި އަދީބުން އެކި މިންވަރަށް ލިޔުއްވާފައިވެއެވެ. ދިވެހި ޅެންބަހުރުވައިގެ އަދަބިއްޔާތުގައި “ފަރިހި” ތަރުތީބުކުރެވިފައިވަނީ 4 ވަނަ އަށެވެ. ބަނދި، ކާ، ރައިވަރު، ފަރިހި، މިގޮތަށެވެ. މި ތަރުތީބުކުރުން ބިނާވެފައިވަނީ މި ތަކެތީގެ މުސްކުޅިކަމުގެ މައްޗަށެވެ. އާންމުގޮތެއްގައި ފަރިއްސަކީ ދިވެހި ޅެންބަހުރުވައިގެ ހަތަރު ވަނަ ބާވަތްކަމުގައި ބަލަމުން އައި ނަމަވެސް އައްސައްޔިދު ޙުސައިން ޢަފީފުއްދީން، ބޮޑުފެންވަޅުގޭ ސީދީ ފަރިހި ގެންނަވާފައިވަނީ 3 ވަނަ ބާވަތުގެ ގޮތުގައި، ރައިވަރުގެ ކުރިއަށެވެ. ކަންޒުލް އަދަބުގައި ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވާފައިވެއެވެ:

“އެނގޭ ކަމަކީ ދިވެހީން (އިހުގައި) ދިވެހިބަހުން ހަތަރު ވައްތަރަށް ޅެން ހަދައިފައި ހުރިކަމެވެ. އެއީ ބަނދި، ކާ ފަރިހި، ރައިވަރު، މި ހަތަރު ވައްތަރެވެ.

މިއިން އެންމެ އިސްކަމަށް ފެންނަނީ ބަންޖެވެ. ދެން ބަންޖާއި ޖެހިގެން ދެވަނައަށް ކަލެވެ. ތިންވަނަ ވައްތަރަކީ ފަރިއްސެވެ. މިއީ ޅެން ފަދައިން ވައްތަރުވެސް ވަޒަންވެސް ވަކި މިވެނި އަދަދެއް ކަނޑައެޅިގެން ވާކަން ނޭނގޭ ބާވަތެކެވެ. ހަތަރުވަނަ ވައްތަރަކީ ރައިވަރެވެ. ފަސްވަނަ ވައްތަރަކީ ޅެމެވެ”

އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ތަރުތީބާ ޚިލާފަށް މުޙައްމަދު ޖަމީލު ދީދީ ފަރިހި ގެންނަވާފައި ވަނީ ދިވެހި ޅެންބަހުރުވައިގެ 4 ވަނަ ބާވަތުގެ ގޮތުގައެވެ. “ޅެމާއި ޅެންވެރިކަން”، މަލަސް 11 ވަނަ އަދަދުގައި މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވެެއެވެ:

“ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން އަޅުގަނޑަށް ފެންނަ ގޮތުގައި ހަތަރުވަނަ ބާވަތަކީ ފަރިއްސެވެ. ޅެން ހަދާން ފެށުމުގެ ކުރީއްސުރެ ފަރިހި ހަދައި އުޅެއެވެ. ތަންކޮޅެއް ކުރީގެ ދުވަސްވަރެއްގައި ޅެމަށްވެސް ފަރިއްސޭ ކިޔައި އުޅުނެވެ. ނަމަވެސް ފަހުން އެދެބައި ވަކިވެގެން ހިނގައްޖެއެވެ”

އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ދިވެހިން އިހުގައި ޅެންބަހުން ކިޔައި އުޅުނު ތަކެތި ގެނެސްދީފައިވާ ތަރުތީބުގައި ރައިވަރުގެ ކުރިއަށް ފަރިހި ގެންނަވާފައިވާ ސަަބަބާ މެދު އިތުރަށް ބަލައިލަން ޖެހެއެވެ. ދިވެހި ރާއްޖޭގައި ނައުޒޯނގުފަހަރު ބަނދަރުކުރަން ފެށީއްސުރެ ފުރެއްދެ ރާގުތަކާއި ލަވަތައް ދިވެހިންނާއި ހަމައަށް އައިސްފައި ވާނެއެވެ. ބެރުގެ ހަމަތަކަށް ކިޔާ ބައެއް ލަވަތަކާއި ތާރައިގެ ލަވަތަކާއި ގާއޮޑިލަވައިގެ ގޮތުގައި ކިޔާ އުޅޭ ލަވަތަކުގެ މުސްކުޅިިކަން އެތައް ޒަމާނެއްގެ ކުރިއަށް ދެއެވެ. ބަނދި، ކާ، ރައިވަރުގެ އިތުރުން ކޮންމެވެސް ސިފައެއްގައި “ފަރިހި” މާ އިހުއްސުރެ އޮވެދާނެއެވެ.

ފަރިހީގެ މުސްކުޅިކަމާ މެދު (މަލަސް 11 ވަނަ އަދަދުގައި) މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވެއެވެ:

“ފަރިއްސާމެދު ނަޒަރު ހިންގަމުންދާއިރު އެއީ ވަރަށް ކުރީއްސުރެން ދިވެހީން ކިޔައި އުޅުނު އެއްޗެއްކަން އެނގެއެވެ.

ފަރިހީގައި ސަމާލުކަން ބޮޑަށް ދީފައި އޮންނަނީ ރާގަށެވެ

އެ ދުވަސްވަރެއްގައި އަވަށްއަވަށު މީހުން ބޮޑުބެރު ޖަހައިފައި ކިޔާ ލަވަތަކުގެ ރާގަށް ފަރިހި ހަދައިގެން ކިޔައި އުޅެއެވެ”

މުޙައްމަދު ޖަމީލު ދީދީ އިތުރަށް ލިޔުއްވާފައިވެއެވެ:

“އައްސައްޔިދު ބޮޑެފެންވަޅުގޭ ސީދީގެ ލިޔުއްވުމުން ދޭހަވާގޮތުގައި ކުރީން ދިވެހިން ކިޔަމުން އައި ކާ، ބަނދި، ރައިވަރު މިތިން ބާވަތުގެ ޅެމުގެ ވަޒަނުން ނެއްޓިގެން ކިއިފައި ހުންނަ އެއްޗަކަށް ފަރިއްސޭ ކިޔައި އުޅުނެވެ”

ކަންޒުލްއަދަބުގައި ބޮޑުފެންވަޅުގޭ ސީދީ ފަރިހި ގެންނަވާފައިވާ ތަރުތީބާމެދު އޮތް ޖަވާބަކީ މިއެވެ. ކާ، ބަނދި އަދި ރައިވަރުގެ ވަޒަނުން ނެއްޓިގެން ކިޔަމުން އައި ތަކެތި ހުރިހާ ދުވަސްވަރެއްގައި ވެސް ހުރެދާނެއެވެ. އޭގެތެރެއިން އެއް ބާވަތެއް ކަމުގައި ފަރިހި ވެދާނެއެވެ. އަދި އަހަރެމެންގެ މި ޒަމާނާ ހަމައަށް އައި އިރު ދިވެހި ޅެންބަހުރުވައިން ގެއްލިފައިވާ ބާވަތްތަކެއްވެސް ހުރެދާނެއެވެ. އައްރަފީޤް މަޖައްލާގައި ފަޟީލަތުއް ޝައިޚް ޙުސައިން ސަލާހުއްދީން ލިޔުއްވާފައިވެއެވެ:

ހީވަނީ ރައިވަރު ވަޅުލެވުނު ތަނުން ފެޅި ގަހަކީ މިއީ (ފަރިހި) ހެންނެވެ

ދިވެހި ރާއްޖޭގެ އަދީބުން ފަރިއްސާ މެދު ލިޔުއްވާފައިވާ ލިޔުއްވުންތަކުގައި ފަރިހި އުފެދިގެން އައި ސީދާ ޒަމާނެއްގެ މައްޗަށް ޔަގީންކަން ކަނޑައެޅުމުގެ ބަސް ނުގެންނަވައި، “އަޅުގަނޑަށް ފެންނަ ގޮތުގައި” އަދި “ހީވަނީ” މި ފަދަ ބަސްތަކުން ފަރިހީގެ ތަރުތީބު ގެނެސްފައިވަނީ ފަރިހި އުފެދުނު ދުވަސްވަރެއްގެ މައްޗަށް އަދަބީ އަދި ތާރީޚީގޮތުން އިތުރަށް ދިރާސާކޮށް ހޯދުމުގެ މުހިންމުކަން ބަޔާންކުރުމަށެވެ.

“ފަރިހި” ދިވެހިންގެ ތެރެއަށް އައީ ކިހިނެއް؟

ހުރިހައި ތަނެއްގައިމެ، ދަތުރުފަތުރަކީ އިލްމާއި ފަންނުތައް އުފުލައިދޭ އެއް ވަސީލަތެވެ. ދިވެހިންގެ ހުރިހައި ފަންނެއްމެ ހުރީ، ކަނޑުދަތުރުފަތުރުގެ ގުޅުންތަކުގެތެރެއިން މުއްސަނދިކަން ލިބިފައެވެ. ދަތުރުފަތުރުގެ ގުޅުންތަކުން ފަންނީ، ސަގާފީ އެއްގޮތްކަން ގައުމުތަކުގެ މެދުގައި ހިއްސާކުރެއެވެ. އަދި އެ ބައެއްގެ ތެރޭގައި ހުރި ފަންނުތައް އިތުރަށް ތަރައްގީވެ ކުރިލައި ހެދި ފޯދެއެވެ. ދިވެހިންގެ ޅެންބަހުރުވައިގެ އެހެނިހެން ބާވަތްތައް ފަދައިން ފަރިހީގައިވެސް ފުރެއްދެ ނުވަތަ ބޭރުކަރަކަރައިގެ އަސަރު، ރާގާއި ވަޒަނުގައި ހުރުމަކީ ނުވެ ނުދާނެކަމެކެވެ. ބަނދި އަދި ކާގެ މައްޗަށް ރަނގަޅަށް ބަލައިފި ނަމަވެސް، ސަގާފީ އެއްގޮތްކަން ހިއްސާކުރާ އަވަށްޓެރިންގެ އަސަރުތައް ފެންނާނެއެވެ.

ފަރިހީގައިވާ ރާއްޖޭން ބޭރުގެ އަސަރު ނުވަތަ “ފުރެއްދެ” ކަމުގެ މައްޗަށް އެންމެ ފުރިހަމައަށް ލިޔެވިފައިވާ އެއް ބަޔާނަކީ އައްރަފީޤު މަޖައްލާގައި ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ މި ބަސްކޮޅެވެ.

ފަރިއްސަކީ، ދިވެހީންގެ ކަންފަތަށް އަރާ ބާވަތްބާވަތުގެ ކަރައިލަވަތަކުގެ ރާގަށް އެމީހުން ކިޔާން އުޅެފައި ހުންނަ ތަކެއްޗަށް ކިޔާނަމެކެވެ

އެއެއްޗެއް ހުރީ ވަރަށް ދެރަ ސަހަލުގޮތެއްގައެވެ. އެކަމަކު މި ޒަމާނަކަށް އައިސް އަރަބި ފާރިސީ އުރުދޫ ތަމަޅަ ސިންގަޅަ މި ބަސްބަހުން ޅެން ހަދައިފައި ހުންނަ ވަޒަންވަޒަނާއި ދިމާކޮށް ކާފިޔާ ހިފަހައްޓައި އެކިޔާތަކެތީގައި ހަރުދަނާ ޙިކްމަތެރި ބަސްތައް އެކުލަވައި އުޅޭންފަށައިފޫއެވެ”

ޙުސައިން ޞަލާހުއްދީން ބަޔާންކުރައްވާފައިވާ “ކަރައިލަވަތަކުގެ ރާގުތައް” ދިވެހިންގެ ކަންފަތަށް އަރާފައިބަން ދިމާވީ ކިހިނެއް ހެއްޔެވެ؟ “ކަރައިލަވަތަކުގެ ރާގުތައް” ނުވަތަ ބޭރު ކަރަތަކުގެ ރާގުތައް ދިވެހިންގެ ތެރެއަށް އައި ގޮތާމެދު އަލިއަޅުވައިދޭ ވާހަކަތަކެއް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ “ދޮންބީފާނު ވާހަކަ”ގައި ވެއެވެ. ދޮންބީފާނު ވާހަކައިގެ ފެށުމުގައި ވަނީ ވިޔަފާރިކަމު އައިސް ދިވެހި ރާއްޖޭގެ ރަށެއްގައި ބަނދަރުކޮށް އީދެއްގައި ރާއްޖޭގައި މަޑުކުރަން ޖެހުނު ބޭރުކަރަކަރައިގެ ދަތުރުވެރިންގެ ވާހަކަވެއެވެ. އެބައިމީހުންނަށް، ރާއްޖޭގެ ރަށެއްގެ ވެރިޔަކު އީދު ގޮވައިލުންދެއްވިއެވެ. ނައުފަހަރުގެ މީހުން ރަށަށް ފައިބާ ހިނގި ކަންކަމުގެ ވާހަކައިން ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ:

“ދެން މަސްކަތު ނަވުގެ ނަޚުދާ ސަލީމް ވަރަށް ރީތި ދުޢާއެއް ކިޔުއްވައިފިއެވެ. މި ދުޢާގެ ތެރޭގައި ރަސްގެފާނަށްވެސް ހެޔޮދުޢާކުޅައެވެ. މި އެންމެން ކިޔެވި އިރުވެސް އެންމެ އަޑު ރީތިވެފައި ކިޔެވިލެއް ރީތިކަމަށް މޭނާގޭތެރޭގައި އުޅޭ މީހުންނަށް ވީ ކަރީމުއްދީނެވެ. ދެން މި ކިޔެވުން ނިމުނުތަނާ މަސްކަތު ޢަރަބީންގެ ޒުވާނަކު ވަރަށް ރީތި އަޑަކުން ނަޝީދެއް ކިޔަން ފަށައިފިއެވެ. މީގެ ޒުވާބުގައި ހިފައިގެން ޢަރަބީންގެ މީހުން އެތަންމިތަނުން މަރުހަބާއޭ ގޮވަން ފަށައިފޫއެވެ. މި ލަވައެއް ހުއްޓޭއިރަށް ސޫރަތުގެ މީހަކު ހިންދުސްތާނު ލަވައެއް ކިޔައިފިއެވެ. މި މީހެއްގެ އަޑުވެސް ވަނީ ވަރަށް ރީތިކަމަށެވެ. މި ހަރުގޭގެތެރޭގައި މި ބާވަތުގެ ކަންތައްތައެް ފެށުމުން ގޭތެރޭގެ މަސައްކަތުގައި ތިބި އަންހެނުންނަށް ދާންދެން މި އަޑުތައް އަހަން އާޝޯހުވެފައި ތަންތަނުގައި ތިބެވޭން ފަށައިފިއެވެ.

ދޮންބީފާނު ބަދިގެ ދޮށަށް ދުރުވެފައި ދުރުވެ ގޭތެރެއަށް ވެންނެވިއެވެ. މިއިރު ކަރީމުއްދީން ފާރިސީ ޅެމެއް މާރީތި ރާގަކަށް ފަށައިފިއެވެ. މި ލަވައިގެ އަޑު ދާންނާގެ ފާތުމާފުޅުގެ ކަންފަތުގައި ޖެހުނީ މިގޭގެ ދެކުނު ފަރާތުގައި ހުއްޓައެވެ”

ދޮންބީފާނު ވާހަކައިގައި ޙުސައިން ޞަލާހުއްދީން ގެންނަވާފައި އެ ވަނީ ބޭރު ކަރަކަރައިގެ ރާގުތައް ދިވެހިންގެ ކަންފަތަށް އަރާފައިބަން ދިމާވި ގޮތްތަކާއި ފަރިހި ދިވެހިންގެ ތެރެއަށް އައި ގޮތުގެ އަސްލާ މެދު ހޯދައި ބަލާ މީހަކަށް އެކަން ހިނގާފައިވެދާނެ ގޮތުގެ ވަރަށް ފުރިހަމަ ބަޔާންކުރުމެކެވެ. ދާންނާގެ ފާތުމާފުޅުގެ ކަންފަތުގައި ބޭރުގެ ނަވުން ފޭބި ކަރީމުއްދީން ކީ ފާރިސީ ޅެމުގެ ރާގު ހަރުލާފައި ހުންނާނެއެވެ. ފާތުމާފުޅުގެ ހަޔާތުގައި ދިމާވާ ކަމެއްގެ ވާހަކައިން ނުވަތަ ހިތުގައި އުފެދޭ ޝުޢޫރުތަކެއް ކިޔައިދިނުމަށް ފަތްސިލުނބެއް ވަތްކޮށްގެން އިނދެ އެ ފާރިސީ ޅެމުގެ ރާގަށް ދިވެހި ބަހުން ބަސްތަކެއް ތަރުތީބުކޮށް އެމުނުމުން، ދުވަސްތައް ފާއިތުވެ ފާރިސީ ރާގުގެ މައްޗަށް ވެރިވާނީ ދިވެހި ވަންތަކަމެވެ. އުފެދެމުން އެ ދަނީ ފަރިއްސެވެ.

ފަރިހީގެ އަސްލާއި މެދު ޖަމާލު ދީދީގެ ތަފާތު ހިޔާލު:

ފަރިއްސަކީ ކަރަކަރައިގެ ލަވަތަކުގެ ރާގަށް ދިވެހިން ކިޔާން އުޅެފައި ހުންނަ ތަކެތި ކަމުގައި ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާހުއްދީން ބަޔާންކުރެއްވި ނަމަވެސް، ފަރިހީގެ ފުރެެއްދެ އަސްލާ މެދު މުޙައްމަދު ޖަމީލު ދީދީގެ ބަސް ތަފާތެވެ. ފަރިހީގެ ރާގުތަކަކީ ދިވެހިން އީޖާދުކޮށްފައިވާ ދިވެހި ރާގުތަކެއް ކަމުގައި ބަޔާންކުރައްވައި (މަލަސް 11 ވަނަ އަދަދުގައި) މުޙައްމަދު ޖަމީލު ލިޔުއްވާފައިވެއެވެ:

“ތަންކޮޅެއް ކުރީގެ ދުވަސްވަރެއްގައި އަޅުގަނޑުމެން ދިވެހީންނަށް އެންމެ ގިނައިން އިވެމުން ދިޔައީ ހިންދުސްތާނު ލަވައެވެ. ދެން އިވެމުން ދިޔައީ ފަރިހިތަކެވެ. އެ ފަރިހިތަކަކީ އުފެދުނު ވަކިމިވެނި އެނގޭން ނެތް ކަހަލަ ރާގުތަކަކަށް ކިޔެމުން ދިޔަ އެއްޗެކެވެ. މުޅި ދިވެހި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެ ރާގުތައް ކިޔެމުން ދިޔައެވެ. އެހެންކަމުން

އެއީ ދިވެހީން އީޖާދުކޮށްފައިވާ ދިވެހި ރާގުތަކެއް ކަމުގައި ބަލާން ޖެހިފައިވެއެވެ

އެ ރާގުތައް އެއީ ކޮން ފަރާތަކުން އައި ރާގުތަކެއްކަން، ޢިލްމީ ހަމަތަކެއްގެ މަތީން ހޯދި، އަޞްލު ފެނިއްޖައުމަށް ދާންދެން އެރާގުތަކާމެދު އެގޮތަށް ބަލާން ޖެހެއެވެ. އެރާގުތަކުގެ ވަޒަންތަކަށް ވެސް ދިވެހިޅެންވެރީން ޅެން ހައްދަވާފައިވެއެވެ”

ދިވެހީންނަކީ ޅެންބަހުރުވައިން އެބައިމީހުންގެ ވާހަކަތަކާއި އިހުސާސްތައް ބަޔާންކުރުމުގައި ކުޅަދާނަބައެކެވެ. ދޭދޭ މީހުންގެ މެދުގައި ވާހަކަދައްކާ އާންމު ބަހުރުވަ ފަދައިން ޅެންބަހުރުވައަށް ފަރިތަ ބައެކެވެ. މުޙައްމަދު ޖަމީލު ދީދީގެ އިބާރާތް ނިންމާލަމުން ލިޔުއްވާފައިވާ ފަދައިން “ޢިލްމީ ހަމަތަކެއްގެ މަތީން” ހޯދަން ޖެހިފައިވާ ކަންކަން ދިވެހި ޅެންބަހުރުވައިގެ ތެރޭގައި ނުހަނު ގިނައެވެ. އެ ފަދަ ހޯދުންތަކުން ދިވެހި އަދަބިއްޔާތަށް އިތުރު އަލިކަމެއް ލިބިގެންދާނެއެވެ.

ފަރިއްސަށް އަދަބީ އިތުރު ދޭހައެއް 

ދިވެހިން އެބައި މީހުން ދުށް އެކި ކަންކަމާއި ފޯކުލޯރާއި ވާހަކަތައް ކިޔައިދިނުމަށް ބޭނުންކުރި އެއް ވަސީލަތަކީ ޅެންބަހުރުވައެވެ. ރާގާއި ވަޒަނަކަށް ބަސްތައް އެތުރުމުން އަހާ މީހުންގެ ޝައުގުވެރިކަން އިތުރުވުމާއި ހަނދާނުގައި ފަސޭހައިން ހަރުލާކަމުންނެވެ. އަދި ވާހަކަދައްކައި އުޅޭ އާންމު ބަހުރުވާއި އެއްވަރަށް ޅެންބަހުރުވައަށް އެބައިމީހުންގެ ދޫތައް ފަރިވެފައިވާ ކަމުގެ ބޮޑުކަމުންނެވެ. ދޮންހިޔަލައާއި އަލިފުޅު ފަދަ ވާހަކަތަކަކީ އޭގެ އަސްލު ރައިވަރުބައިތަކުންވާ ތަކެއްޗެވެ. ޅެންބަހުރުވައިން ކިޔެމުން އައި ތަކެއްޗެވެ. ރައިވަރުބައިތަކުން ކިޔެމުން އައިސްފައިވާ ވާހަކަތަކަކީ “ދިގުވާހަކަ”ތަކެކެވެ. ނުވަތަ ހާދިސާތަކެކެވެ. ހިނގާދިޔަ ކަމެއް ނުވަތަ އުފެދުނު އިހުސާސްތަކެއް ޅެންބަހުރުވައިން “ކުރުވާހަކަ”އެއްގެ ގޮތުގައި ދިވެހިން ގެނެސްދީފައިވާ ގޮތުގެ މައްޗަށް ބެލުމުން “ފަރިއްސަށް” އިތުރު ދޭހައެއް ގެނެސްދެއެވެ.

ދިވެހިން އިހުގައި ކިޔަމުން އައި ފަރިއްސާ މެދު “އަދަބީ އިތުރު ދޭހައެއް” ނުވަތަ “ސަމާސާއާއި މަލާމާތަށް ވުރެ އަދަބީގޮތުން ފުޅާއެއްޗެއްކަން” ބުނެދިނުމަށްޓަކައި އެކި ދަތުރުވަރުތަކުގައި މުސްކުޅީންގެ ފަރާތުން އަޑުއިވުނު ފަރިހިތަކާއި އެކި ދުވަސްވަރު ރެކޯޑުކުރެވިފައިވާ ބައެއް ފަރިއްސާއި ލަވައިގެ ގޮތުގައި މިހާރު ފެންނަން ހުރި ފަރިހިތަކުގެ މައްޗަށް ބެލުނެވެ. ޅެންވެރިކަމުގެ ބައެއް ބާވަތްތަކާއި މެދު ދެކެވެންފެށި ދެރަ ގޮތެއްގެ ސަބަބުން ވަރަށް ގިނަ ބަނދި، ކާ، ރައިވަރު، ފަރިހި އަހަރެމެންގެ ތެރެއިން ގެއްލި ހިނގައްޖެއެވެ. ރައިވަރުގައިވެސް އާންމުންގެތެރޭގައި ކިޔަން ނުވާ ބާވަތުގެ ތަކެތި ހުންނަފަދައިން ފަރިހީގެތެރޭގައި ވެސް އެބައި ނުހުރެ ނުދާނެއެވެ. އެއީ މުޅި ބާވަތުގެ މައްޗަށް ދެރަގޮތެއްގައި ބެލުމަށް އޮތް ސަބަބެއް ނޫނެވެ.

ބައެއް ފަރިހީގައި ހުންނަ ސަމާސާ ނުވަތަ “މަލާމާތުގެ” ގޮތްތަކަށް އެއިރުގެ މީހުން ދެކޭ ގޮތާ މެދު މުޙައްމަދު ޖަމީލު ދީދީ (މަލަސް 11ގައި) ލިޔުއްވާފައިވެއެވެ:

 މިގޮތަށް ފަރިހި ހަދައިގެން ކިޔުމަކީ ވަކި މީހެއްގެ އަބުރާބެހުން ކަމަކަށް އޭރުގެ މީހުން ނުދެކެއެވެ. އެއީ ހަމަ ސަމާސާއެއްކަމަށް ދެކެއެވެ

 

ފަރިހީގައި ހުންނަ މަލާމާތުގެ ގޮތްތައް އެކުން ބޮޑުވުމުން ފަރިއްސަށްވެސް ދިމާވީ ރައިވަރަށް ދިމާވި ފަދަ ގޮތެކެވެ. ފަރިއްސާމެދު އެއީ ދެރަވަރު އެއްޗެއްކަމުގައި ދެކެވެން ފެށީއެވެ. އައްރަފީޤް މަޖައްލާގައި މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވެެއެވެ:

“ފަރިހި އެއީ، އެއަށްވުރެ (ރައިވަރަށްވުރެ) ތަންކޮޅެއް ތަރައްޤީ ގޮތެއްގައިވާ އެއްޗެކެވެ. ޒާތްޒާތުގެ އިންޑިޔާގެ ރާގުރާގަށް ކިޔޭނެހެންނާއި، ޢަރަބި ޅެންބަހުރުވައިގެ އެކިއެކި ވަޒަނަށް ހެދީމާ ވަނީ ފަރިއްސަށެވެ. މި ފަރިހީގެ ކަންތައްވެސް މި ރާއްޖޭގެ އެހެނިހެން ގިނަ ކަންތަކަށްވާ ފަދައިން ބޮޑުވަމުންގޮސް، ދައުލަތުގެ ފަރާތުން ވަކި ޤަވާއިދެއް ހައްދަވައި ހިފަހައްޓަވާން ޖެހޭ ހިސާބަށް ހިނގައްޖެއެވެ. އެއިރު ފަރިހި އޮތީ، ދިވެހި ބަހުން ޅެންހަދައިގެން ކޮންމެވެސް ގޮތަކުން ބަހަށް ކުރިއެރުމެއް ގެނެސް، ކޮންމެވެސް ރަނގަޅު ޚިޔާލެއް ފައުޅުކުރުމުގެ ގޮތަށްވުރެ އެކި މީސްމީހުންނަށާއި، ހިނގަމުންދާ އެކިއެކި ކަންކަމަށް މަލާމާތްކޮށް، ގޮއްވުމުގެ ގޮތް ބޮޑުވެފައެވެ”

ފަރިހީގެ ވަޒަނާއި ބާވަތްތައް

ފަރިހީގެ ވަޒަން

ދިވެހިން އިހުގައި ކިޔާ އުޅުނު ފަރިއްސަކީ ބަނދި، ކާ، ރައިވަރު ފަދަ ބާވަތްތަކާ ހިލާފަށް ވަކި ވަޒަނެއްގައި ހިފެހެއްޓިފައި އޮތް އެއްޗެއް ނޫނެވެ. ނުވަތަ އެ ހަދާނޭ ވަކި ވަޒަނެއް ނެތެވެ. ކޮންމެ ފަރިއްސަކީ ރާގެކެވެ. ނުވަތަ ފަރިހީގެ ބަސްކޮށާރު ތަފާތުކޮށް އެއް ރާގަކަށް އެކި ފަރިހިތައް ކިޔައިފައި ހުރެއެވެ. ފަރިހީގެ ވަޒަނާ މެދު މީރުބަހުރު މުޙައްމަދު އިސްމާއިލް ދީދީ (ދޮންތުއްކަލާ) އައްރަފީޤުގައި ލިޔުއްވާފައިވެއެވެ:

“އިހުގައި ފަރިހި ކިއައި އުޅުނީ ވަރަށް މަދު ރާގުކޮޅަކަށެވެ. އަދި ކީއްހޭ، އެއީ ވަކި ވަޒަނަކަށް ރާވައިގެން އެކުލަވާފައިވާ އެއްޗެއް ނޫނެވެ. ކަރުދާހުގައި ލިއެ ހަދައިގެން ކިއައި އުޅޭ އެއްޗެސްވެސް ނޫންމެއެވެ. މައިގަނޑު ނުވަތަ ކުރީގެ ދެބައިތު ހެދުމުން އެއީ ފަރިއްސެކެވެ. ދެން ކިއާ މީހާ ކިއަމުންދާއިރު ކަޑި ކިއަނީ ހަދައިގެނެވެ. މިހާރު ވަރަށް ފުރިހަމަވެފައިވާ ބައެއް ފަރިހި އެބަ ފެނެއެވެ. ފަރިހީގެ ދާއިރާއިން ނައްޓާލައިގެން ޅެން ނުވަތަ ލަވައިގެ ބިނާގެތެރެއަށް ވަދެފައި ހުންނަ ބައެއް ތަކެއްޗަށްވެސް “ފަރިހި” މިނަމުން ކިޔައި އެބަ އުޅޭމެއެވެ. މަށަށް ފެންނަ ގޮތުގައި ފަރިއްސަކީ ވަޒަން ހަމަކޮށްގެން އެކުލަވައިފައިވާ ބަސްތަކެކެވެ. ނުވަތަ ބައިތުތަކެކެވެ”

ދޮންތުއްކަލާގެ ލިޔުމުގައި ފަރިއްސަކީ “ވަޒަން ހަމަކޮށްގެން އެކުލަވައިފައިވާ ބަސްތަކެއް” ކަމަށް ލިޔުއްވާފައި އެ ވަނީ ކޮންމެ ފަރިއްސެއްގައިވެސް އެކުލެވޭ އެ ފަރިއްސެއްގެ ބައެއް ވަޒަންތަކަށެވެ. އެއްވެސް ފަރިއްސަކީ އެއް ވަޒަނަކަށް ހުންނަ އެއްޗެއް ނޫނެވެ. ފަރިހީގެ ވަޒަނާ މެދު، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވާފައި ވަނީ “ފަރިއްސަކީ ޅެން ފަދައިން ވައްތަރުވެސް، ވަޒަންވެސް މިވެނި ޢަދަދެއް ކަނޑައެޅިގެން އެނގެން ނެތް” ބާވަތެއްކަމުގައެވެ. މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ ގޮތުގައި “ފަރިހީގައި ސަމާލުކަން ބޮޑަށް ދީފައި އޮންނަނީ ރާގަށެވެ”. އެހެންކަމުން، ރައިވަރު، ބަނދި، ކާ އަދި މިހާރުގެ ޅެންތަކާ ހިލާފަށް ފަރިހީގެ ވަޒަންތަކާ މެދު ލިޔެވިފައި ނުހުރެއެވެ. ދޮންތުއްކަލާ ޅެމާއި ފަރިހި ވަކިކުރައްވަމުން ބުނުއްވަނީ “ޅެމެެއް ވިއްޔާ މައިގަނޑާއި ކަޑިތައް ހުންނަންވާނީ އެއް ވަޒަނަކަށެވެ”. ޅެމާއި ފަރިހި ވަކި ކުރާނެ ރޮނގަކީ ދޮންތުއްކަލާގެ ބަހެވެ.

އެއް ފަރިއްސެއްގައި އެކި ވަޒަންތައް ހުރެދާނެއެވެ. އެއް ޅެމެއްގައި އޮންނާނީ އެއް ވަޒަނެވެ

***

ފަރިހީގެ ވަކި ހާއްސަ ވަޒަނެއް ނެތް ނަމަވެސް، އިހުގެ މީހުން ކިޔާފައި ހުރި އެކި ފަރިހިތަކަށް ބެލުމުން އެއްގޮތް ވަޒަންތަކާއި އާންމު ރާގުތައް ފާހަގަވާނެއެވެ. ކަންޒުލް އަދަބުގައި އައްސައްޔިދު ބޮޑުފެންވަޅުގޭ ގެންނަވާފައިވާ މި ދެ ފަރިއްސަށް ބެލުމުން ފަރިހީގެ “ތައްގަނޑު” ދެނެގަނެވޭނެއެވެ.

ކާންނުކެރި އެއްލައިލަންވީ (14 ފިލި) / ވާކަރާފީކަމުން (9 ފިލި) = 23 ފިލި

ތޮއްޑޫންގަތް ކަރާ (10 ފިލި) / އޮށްތަކުން ވެއުފަޅާ (10 ފިލި) = 20 ފިލި

ކުރަމަތިން ގަތްކަރާ (10 ފިލި) / ބުރަކަމުން ނުހިފިފައި (10 ފިލި) = 20 ފިލި

 

އަހަރުމަތިފެންފޮޅިކާން (12 ފިލި) / ބީރަށް ބަބޫދޭނަމޭ (12 ފިލި) = 24 ފިލި

ވީތަނަކުންހޯދައިގެން (12 ފިލި) / ބީރަށް ބަބޫދޭނަމޭ (12 ފިލި) = 24 ފިލި

ކުކުޅަކުއެއްފަޔާ (9 ފިލި) / ހިކިމަހުރިހަތައްޓަކާ (11 ފިލި) = 20 ފިލި

ހަމްކޫގޮވައިލީ (9 ފިލި) / ބޮޑުހަމްކޫގޮވައިލީ (11ފިލި) = 20 ފިލި

ފަރިހީގެ ތައްގަނޑަކީ ދޮންތުއްކަލާ ވިދާޅުވެފައި އެ ވާ ފަދައިން “މައިގަނޑު ނުވަތަ ކުރީގެ ދެބައިތު ހެދުމުން އެއީ ފަރިއްސެކެވެ” މިބަހެވެ. މި ބައިތުތަކުން ފަރިހީގެ ތައްގަނޑު އެކުލަވާ ލެވުނީއެވެ. ދެން ކިތަންމެ ދިގުކޮށްވެސް، އެތައް ބައިވަރު ކަޑިއެއްވެސް މި ވަޒަންތަކުގައި ކިޔަމުން ދާންވީއެވެ.

ބާވަތް –  ފަރިއްސަކީ ހަމައެކަނި މަލާމާތްތަ؟

ދިވެހި ބަސްފޮތުގައި ވަނީ ފަރިއްސަކީ “ޅެން ހަނދާން ފެށުމުގެ ކުރީން ހަދައިއުޅުނު ވަޒަންބަހުރުވައިގެ ބާވަތެއް، މީގައި ޢާންމުކޮށް ސަމާސާއާއި މަލާމާތުގެ ގޮތްހުރެއެވެ. އެއްދުވަސް ވަރެއްގައި ޅެމަށްވެސް މިހެން ކިޔައި އުޅުނު” ކަމަށެވެ.  ބޮޑުފެންވަޅުގޭ ސީދީ ގެންނަވާފައިވާ ފަރިހީގެ މިސާލުތަކާ ގުޅުވައި މުޙައްމަދު ޖަމީލު ދީދީ (މަލަސް 11)ގައި ލިޔުއްވާފައިވެއެވެ:

“އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވި ކަންޒުލް އަދަބުގައި، ފަރިހި އަންގަވައި ދެއްވުމުގައި ވަކިކަމެއް ފާހަގަކުރައްވާފައިވެއެވެ. އެއީ ކޮންމެވެސް ފަރާތަކަށް މަލާމާތް ރައްދުކޮށްފައި އޮތުމެވެ. ބަބޫބީރަކީ މިސްކިތު މީހުންގެތެރޭގައި އުޅުނު މީހެއްކަމަށާއި ބޮޑުހަމްކޫއަކީ ބޮޑު ބަދިގޭގައި އުޅުނު އަންހެނެއްކަމަށް އަހަމެވެ.”

ފަރިހީގައި ހުންނަ މަލާމާތާއި ސަމާސާ ވާހަކަތަކާ މެދު ދޮންތުއްކަލާ ލިޔުއްވާފައިވެއެވެ:

“ފަރިހީގައި ބަޔާންކުރާންވީ ވާހަކައީ، ދެމީހަކު ހިތާވެގެން އުޅުނުގޮތް، ދެމީހަކު އިން ވާހަކަ، ނުވަތަ ވަރިކުޅަ ވާހަކަ، ނޫނިއްޔާ މީހުންނަށް އާޑަ ފުރައްސާރަމިއެވެ. އަދި ލަފްޠުތަކާއި ނަންތަކުގެ އެކި އަކުރު އެކި ތަނަށް ގެންގޮސް ރޫޅައިލުމުގެ އިޙްތިޔާރު ފަރިހި ހަދާ މީހާޔަށް ލިބިފައިވެއެވެ (ބަސްފުރޮޅައިގެން ވަޒަންހަމަކުރުން). މިބުނި ސިފަތަކުން ސިފައެއް ނެތި ވަކި ވަޒަނަަކަށް މަޢުނައެއް ވާނޭ ވާހަކައެއް ދައްކައިފިނަމަ އެއީ ފަރިއްސެއް ނޫނެވެ”.

ފަރިހީގެ ތައާރުފްގައި “މަލާމާތާއި ސަމާސާ” ވާހަކަތަކުގެ ބާވަތެއްކަމުގައި އާންމުގޮތެއްގައި ލިޔެވިފައިވީ ނަމަވެސް، ފަރިހީގެތެރޭގައި ދަތުރުނާމާތަކާއި ހިތާމައިގެ އެކި ވާހަކަތަކާއި ހާލަތުގެ ބަޔާންކުރުންތަކާއި ލޯބީގެ ވާހަކަތައް ފެންނަން އެބަހުއްޓެވެ. ފަރިހީގެ ނަމުގައި އިހުގެ މީހުން ކިޔާފައިވާ މިހުރިހާ ތަކެއްޗަކީ “ފަރިއްސަށް” ނުވާނަމަ ދެން ވާނީ ކޮން އެއްޗަކަށްބާއެވެ؟ މަލާމާތާއި ސަމާސާގެ އިތުރުން ފަރިހީގެ އެހެން ބާވަތްތައް ހުންނަކަން ބަޔާންކުރައްވަމުން މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވެއެވެ:

“ބޮޑު ފަހަރީގެ ފަރިހިތަކަކީވެސް އެކަހަލަ (މަލާމާތުގެ ގޮތް ހުރި) ފަރިހިތަކެކެވެ. އެކަހަލަ މަލާމާތުގެ ގޮތް ނެތިފައި، ފަރިހީގެ ވަޒަނަށް ކިޔައިފައި ހުންނަ ޅެމަށް ފަރިހިޅެމޭ ނުކިޔާންވީ ސަަބަބެއް އޮތްކަމަކަށް ނުދެކެމެވެ.

ފަރިހިޅެމުގެ ބައެއް މިސާލު:

ދަތިކަން ނުފިލިޔަސް
މަތިމަތިން އުފަލެއް ލިބެޔޭ
ފަތިސްހަނދުވަރު ލޮލަށް ފެނުނީމާ

***

ރަހަފޮދެއްހައި މާގަނޑު ފުއަލިސާ
ދަހައެކުލަރީތި ކަޅުތައްބު މިސުރާ
ސަހަރޯ އެ މޮޅު އާ 
~

ޅެންފަރިހި އަދި ފަރިހީގެ ތައާރުފްގައި ބުނެވޭ “މަލާމާތުގެ ފަރިއްސާއި” ދަތުރުނާމާފަރިހިތަކާއި ނަސޭހަތާއި ލޯބީގެ ފަރިހިތައް ހިމަނައިގެން ދިވެހި ޅެންބަހުރުވައިގެ އަދަބިއްޔާތުގައި މި ބާވަތަށް ޖުމްލަކޮށް “ފަރިހި” ނުކިޔަންވީ ސަބަބެއް ނެތެވެ. ފަރިއްސަކީ އެއިރުގެ މީހުން އެކި މަޢުޟޫތަކަށް އެކި ރާގުތަކަށް، ބައިކުރެވޭ ވަޒަންތަކަކަށް ކިޔާފައިވާ އެ ބާވަތުގެ ވަރަށް ގިނަ ތަކެއްޗެވެ. ދިވެހި އަދަބިއްޔާތުގައި ފަރިއްސަށް ދޭންޖެހޭ އެކަށޭނަ މަގާމް ދެވޭނީ އޭރުންނެވެ. ނޫންނަމަ، އަދަބީގޮތުން ފަރިހި ދިރާސާކުރުމާއި ފަރިއްސަށް ދޭންވާ ސަމާލުކަން އޮންނާނީ ނުދެވިއެވެ. ދިވެހި އަދަބިއްޔާތުގެ މުހިންމު ބައެއް ގެއްލިދާނީއެވެ. ކިޔަވައިދިނުމުގައި ދަރިވަރުންނަށް “ކަންޒުލް އަދަބު”ގައިވާ ފަރިހީގެ ދެ މިސާލަށް ވުރެ އިތުރަށް ކިޔައި ދެވޭނީވެސް މިގޮތުންނެވެ.

ފަރިހީގެ އަދަބީ ތަރުތީބު:

މި ތަރުތީބަކީ ރަށްފުށުން އިވުނު ފަރިހިތައް މައިގަނޑު އަސްލެއްކަމަށް ބަލައިގެން ކުރެވުނު ތަރުތީބެކެވެ. ރައިވަރުގައި “ތައިވަރު” ހުންނަފަދައިން މިވެނި ވަޒަން ތައްގަނޑެއްގެ ފަރިހިކަން ބުނަން ނޭނގޭ ފަރިހިވެސް މި ތަރުތީބުގައި ހިމެނޭނެއެވެ. މި މިސާލުތައް ގެނެސްދީފައި ވަނީ ފަރިހި ހެދިފައި ހުރި އެކި ދާއިރާތައް ބުނެދިނުމަށެވެ. ކިޔަވާކުދިންގެ މައުލޫމާތަށް ފަރިއްސާ ގުޅޭގޮތުން ލިޔެފައި ހުރި ލިޔުންތަކުގައިވެސް ފަރިއްސަކީ ދިވެހި ވަޒަންބަހުރުވައިގެ ހަތަރުވަނަ ބާވަތްކަމަށް ބުނުމާ އެކު ބޮޑުފެންވަޅުގޭ ސީދީ ގެންނަވާފައިވާ ފަރިހީގެ ދެ މިސާލެއް ދެއްކުން ފިޔަވައި އިތުރަށް ބުނެދެވިފައި ހުންނާތީ ނުފެނެއެވެ. އެއިރުގެ ލިޔުންތަކުގައި ދެ ފަރިއްސެއްގެ މިސާލު ގެނެސްދީފައިވަނީ ފަރިހީގެ ނަމޫނާއެއްގެ ގޮތުންނެވެ. އެއީ ފަރިހީގެ އިތުރު ބާވަތްތަކާއި މިސާލުތައް ގެނެސްދިނުމަށް އޮތް ހުރަހެއް ނޫނެވެ. ބައެއް ރައިވަރުތަކާ މެދު ކުރެވިފައިވާ ފަދަ ދިގު ދިރާސާތައް އެކި ފަރިއްސާމެދު ކުރެވެން އެބަ އޮތެވެ. ފަރިއްސަކީ ދިވެހި ޅެންބަހުރުވައިގެ އަދަބިއްޔާތުގެ ވަރަށް ބޮޑު ބައެކެވެ.

ދަތުރުނާމާ ފަރިހި

މިއީ ކުރެވުނު ދަތުރެއްގައި ކަން ހިނގާދިޔަ ގޮތުގެ ވާހަކައިން ގެނެސްދީފައި ހުންނަ ފަރިއްސެވެ. ކަނޑުދަތުރުތަކާއި، ދަތުރުމަތީ ޖެހުނު ހާލުގެ ވާހަކައިން ހެދިފައިވާ ގިނަ ފަރިހިތައް އިހުގައި ކިޔާ އުޅުނެވެ. މިފަދަ ފަރިހިތަކުގައި ނިޔަމިކަމުގެ އެކި ވާހަކަތަކާއި ރަށްތަކާއި ކަނޑުފަޅާގިރިތަކުގެ ނަންތަކާއި ވިއްސާރަކޮޅިގަނޑުތަކުގެ ވާހަކަތައް ހުރެއެވެ. ދަތުރުނާމާ ފަރިހިތަކުން މިއަދު ފެންނަން އޮތީ މަދު ފަރިއްސެކެވެ.

ވާފަރުވެހުރެ ހުންގާނުގާ ގާފަރުދަށުންލާފާ
ރާއަނބު މިގޮސް ކަނޑުގާ ހުޅަނގު އެނބުރި އެހަނދާންވަނީ
ވާލާދު ރޭ ނުނިދާއަނާ ޙާލާމެދަށް ވިސްނާ
ކާލާނެ ނެތްކަން ކާޑުރަށު ވިސްނާ އެހަނދާންވަނީ
~

މިއީ މާޅޮސްމަޑުލުގެ ރަށްތަކުގައި އެއިރު މަގްބޫލު ދަތުރުނާމާ ފަރިއްސަކުން ބައެކެވެ. މި ފަރިއްސަކީ 70 އެތައް އަހަރެއް ކުރީގެ ދަތުރެެއްގެ ހަނދާންތަކުން ކިޔާފައިވާ ދިގު ފަރިއްސެކެވެ. ފަރިހީގައިވަނީ އަވަހަށް ނިމުން އެދި ކުރި ދަތުރެއް ދިގުލައި ހިނގި ބައެއް ކަންކަމާއި ހާލުގެ ވާހަކައެވެ. ދަތުރުނާމާ ފަރިއްސެއްގެ ރީތި މިސާލެކެވެ. މި ފަރިހީގައިވެސް ދުވަސްވީ ބައެއް އެހެން ފަރިހިތަކުންވެސް ފެންނަ ފަދައިން ރައިވަރުތަކުގައި ހުންނަ ފަދަ ބަސްފުރޮޅުންތައް ފެނެއެވެ. ދަތުރުނާމާ ފަރިއްސެއްގެ އެންމެ ރީތި ނަމޫނާއަކަށް މިހާރު ފެންނަން އޮތީ މަޝްހޫރު “ބޮޑުދަތުރު” ފަރިއްސެވެ. ބޮޑުދަތުރު ފަރިއްސަކީ 500 އެތައް ގަނޑެތީގައި އުތުރުން މާލެއަށް ކުރި ބޮޑުތިލަދުންމަތީ ދަތުރުގެ ވާހަކައިން ބޮޑުދަތުރުގެ ނަކައްޗާ ކުޅުދުއްފުށީ ދޮހާމާލިމީ (ލަގޮނޑި މާލިމީ) ހެއްދެވި ފަރިއްސެކެވެ.

އައިވަރު ތިޔަ ރޯޅި ވައިގައި، ފައިބާ މުރިނގަށް އަރާ
އައިވަރު ރިޔަލަށް އަރުއްވަރުގައި، އައިމޭ ހެނބަދޫ މަތިން މަ އަޅައި
ލާދަން ދުން ފައި ކަވާލައި، ފާ ކިޔަވައި ދެން ތިހާ
އާދަމުގެ ދަރީން މި ފަދަ ގިނަހައި، މާހަލުގެ ތެރޭން އައީ ދުއްވައި
ތޮޅުމަށް މާލްދީބު މާލޭ، މޮޅު ވާނެ ކަމަށް ބަލައިފައި
ތޮޅުއަ ތިލަދުންމަތީ އަދު އައި، ކޮޅު ދެން ފެނުމުން އަމުރު އަތަކަށް 
~

ނަސޭހަތުގެ ފަރިހި

މިއީ އޭގައި ނަސޭހަތުގެ ބަސްތައް އެކުލެވިފައިވާ ފަރިއްސެވެ. ވަކި ކަމަކާ ގުޅުވައި ކިޔާފައިވީ ނަމަވެސް، ފަރިހިން ބުނެދޭ ވާހަކައިން ދިރިއުޅުމުގެ އެންމެހައި ކަންކަމުގެ މައްޗަށް ނަސޭހަތެއްކަމުގައި ފުދެއެވެ. މިބާވަތުގެ ފަރިހީގެ އެންމެ ރީތި މިސާލަކީ “ދިޔަވަތް ރަނގަޅު އޮޑި”އެވެ. ފަރިހި ކިޔާފައިވަނީ ދަތުރެއްގެ ވާހަކައިންނެވެ. ގެނެސްދީފައިވަނީ ރިޔަލު ދޯނީގެ ދަތުރުފަތުރާގުޅޭ ނިޔަމިކަމުގެ ވާހަކަތަކެވެ. ފަރިހީގައި ބުނެދީފައިވަނީ ދިރިއުޅުމުގައި ބޭނުންތެރި އެކި ނަސޭހަތްތަކެކެވެ.

މުގުރިރާޅުގެ ފުއްޓަރުފަރާތޭ، ގުގުރާ ވިދުންތައް ގިނަވެސްވަނީއޭ
ނުގުޑާނެހެން ކަނޑުގާ ހިތްވަރު ކުދީންނޭ މުގުލަށްވެ ތައްޔާރު ހަންޖާތިބޭށޭ
ދިލިމިލޯދާ ހިނދުގައި ކުދީންނޭ ގިލިތައް ނަގައި ކެނބު ގަދަޔަށް ޖަހާށޭ
ވިލިގެންއަ ނުދަނީސްލި ފުރުމެއް ނުފެނެޔޭ ވިލަކުން މަގޭ އޮޑި ނުނަގަންބުނާށޭ
~

ނަސޭހަތުގެ ފަރިއްސެއްގެ އެހެން މިސާލަކީ ކުޅުދުއްފުށީ ލަގޮނޑި މާލިމީ ހެއްދެވިކަމަށް ބުނެވޭ ސަމުގާ ފަރިއްސެވެ. ސަމުގާ ފަރިހި ހެއްދެވީ ދިއްދޫ ދޮންޢަލީ ޙާޖީކަލޭފާނު ކަމުގައިވެސް ބުނެވެއެވެ.

ނާސި އައްޔޫގު ނާގާ ހިތައިގެން ގާސިލަށް ދީލުނަސް ހީވެ ނުއެނގޭ
ހާސިލު މުރާދުން ވާސިލުވެ ދާނީ ކޮންފަދަ ގޮތެއްހޭ
މާ ފަހުންނޭ އެނގުނީ މަށަށްވާ ގާ ނުބައިކަން އަހަރެންގެ ސަމުގާ
ވާހައި އުފަލުގައި ހާހާއި ދުއިސައްތަ ދަތުރެއް ވެވިއްޖޭ
~

ހާލަތުގެ ބަޔާން ފަރިހި

މިއީ ހާލަތުގެ ބަޔާންކުރުންތައް ހުންނަ ފަރިއްސެވެ. އެއީ ދުށް ޒަމާނެއްގެ ވާހަކައިން ނުވަތަ ދިމާވި ދެރަ ގޮތްތަކެއްގެ މައްޗަށް ކިޔާފައިވާ ހިތާމައިގެ ފަރިއްސެވެ. އިނގިރޭސި އަދިބިއްޔާތުގައި އެ ކިޔާ “ލާމެންޓޭޝަންސް” ހިމެނޭނީ މި ބައިގައެވެ. ހާލަތުގެ ބަޔާން ފެންނަ އެންމެ ފުރިހަމަ އެއް ފަރިއްސަކީ “ހުރަގޭން މަ ނެރެދޭށޭ” ފަރިއްސެވެ. މިއީ 60 އެތައް އަހަރެެއް ވެފައިވާ ފަރިއްސެކެވެ.

ހުރަގޭ ބަނޑޭރީންނޭ، ބުނަމޭ މި ތަޅު ނައްޓާށޭ
ބުނަމޭ ނުކޮށް އަބަދު ހާސް، ހުރަގޭން މަ ނައްޓާދޭށޭ
ފަޞްލުން އަނާ ޅެން މި ފެށީ، ގަސްދެއްނުކޮށް ހިތުގައިލީ
ފަސްދެންދަށަށް މަ މި ނުލަނީސް، އަސްތާ މަ ނައްޓާދޭށޭ
~

ދުށްތަނާއި ހާލަތުގެ ބަޔާން އެކުލެވޭ އެހެން ފަރިއްސަކީ ފަރިއްސެއްގެ އިތުރު މިސާލަކީ “ދުންފަތު ފަރިއްސެވެ”. މިއީ މުޙައްމަދު އަމީން ދީދީގެ ދައުރުގައި ދުންފަތް މަނާ ކުރުމުން އެކަމުން ކުރިމަތިލާޏް ޖެހުނު ދަތި އުނދަގޫތަކަށް ހަދާފައިވާ ފަރިއްސަކުން ބައެކެވެ. މި ފަރިހި ކިޔާތީ އަޑު އެހީ ކުޅުއްދުއްފުށިންނެވެ.

އަމުދުން ކަމެއް ވާނެ މަށަކަށްނު ސަހަރޯ
ހަމަހިތް މަ ޖައްސާލަން ދުންފަތް ނެތިއްޔާ
މިޔަރެމާ ގިނަ ރެހި ބޯދި އެރިޔަސް
ހިޔަތިން ހަތަރު މަސް ބޭނެން މި ހުއްޓަސް
ދިޔަތަން ޖަހައިގެން އޮޑިއެއް ނުބޭލޭނެ
ކިޔަމަންކުރާ ނަސްފު ދުންފަތް ނެތިއްޔާ
~

ލޯބީގެ ފަރިހި

ހުރިހައިތަނެއްގައިމެ، ޅެންބަހުރުވައިން ފައުޅުކުރެވޭ ޝުޢޫރުތަކުގެ ބޮޑު ބައެއް ހިތުގައި ހިނގާ ލޯބީގެ ޖަޒުބާތުތަކުގެ މައްޗަށް ބިނާވެއެވެ. ލޯބީގެ ޝުޢޫރުތަކުގެ މައްޗަށް ގިނަ އަދަދެއްގެ ރައިވަރު ހެދިފައިވާ ފަދައިން ފެެންނަން ހުރި ފަރިހިތަކުގައިވެސް ލޯބީގެ ވާހަކަތައް ގިނައެވެ. އެއީ މީހެއްގެ ލޯބި ހޯދުމަށް އެދި ކިޔާފައިވާ ފަރިހިތަކާއި، ލޯބިވާ މީހެއްގެ ރީތިކަމުގެ ވާހަކައާއި ލޯބި ނުލިބި އެކަމުގެ ހިތާމައިގައި ކިޔާފައި ހުންނަ ފަރިހިތަކެވެ. ލޯބިވާ ކުއްޖެއް ލިބުން އެދި ކިޔާފައިވާ ފަރިހިތަކުގެ ތެރެއިން “އޭޝިޔާގައިވާ އެންމެ ފުރިހަމަ ދޭލިޔާ” އަކީ ރީތި ފަރިއްސެކެވެ. މި ފަރިހި ކިޔައި ދެއްވީ ކުޑަރިކިލު ފޭރުމާގޭ ތުއްތުބެއެވެ.

އޭޝިޔާގައިވާ އެންމެ ފުރިހަމަ ދޭލިޔާ ދެއްވާނުތޯ ނާ، ދޭލިޔާ ދެއްވާނުތޯނާ
އޭގެ އަގުހުރި ބޭނުމެއް ދެން ރޭގަނޑަކު ފުއްދާނުތޯ ނާ، ރޭގަނޑަކު ފުއްދާނުތޯނާ
ނާތެދޭ ލޯބީގެ ފަރިކަން، ޗާލު ނަލަ ގުލްޝަން ތެރޭން
ހާލުގައި ޖެހިގެން މަ ނުދަނީސް މާ މަށަށް ދެއްވާނުތޯ
(ބައެއް ކަޑިތައް)
~

ލޯބީގެ ފަރިހިތަކުގެތެރެއިން ލޯބި ލިބުން އެދި ކިޔާފައިވާ ބައެއް ފަރިހިތަކުގައި ވަނީ “އިސްތިރި”އެވެ. މި ފަދަ ފަރިހިތަކުން އެއިރުގެ ފަންޑިތަވެރިކަމާއި އާދަކާދައިގެ ވާހަކަތައް ބުނެދެއެވެ. މިގޮތުން “ވިހުރު ތޯތާ” ފަރިއްސަކީ ލޯބީގެ އިސްތިރިތައް ހިމެނޭ ރީތި ފަރިއްސެކެވެ. މި ފަިރިހި ކިޔައި ދެއްވީ މާޅޮސްމަޑުލު އިނގުރައިދޫ ފާޠިމަތު ޙަސަންކަލޭފާނެވެ.

ވިހުރުތޯތާ ސިހިމަވަރުދާ، ރިހިގަނޑެއްފަދަ ނޭނުލިބިދާ
ނޫކިރުކުކުލަ ފަތިގަނޑެއްގާ، ނޫރުތައް މި ދަލީލު ލިޔެފާ
މޫދުއެރި ކޫންތާކަ ފެނުގާ، ނޫނެކޭ ގޮސް ވަޅުމިލިއްޔާ
(ބައެއްް ކަޑިތައް)
~

މި ފަދަ އަނެއް ފަރިއްސަކީ “ކުރުމަށް މި ސުރުޖީ” އެވެ. މިއީވެސް ދިގު ފަރިއްސެކެވެ. މި ފަރިހި އަޑު އެހީ ކުޅުދުއްފުށިންނެވެ.

ކުރުމަށް މި ސުރުޖީގެ ފައިދާ އެނގެންޏާ، ކުޅަދާނައެއް ނޫނޭ ފަހަތުން ނުދުވެއެއް
ނޫރުކަކުހުހި އިހަލެއް ކަނޑާފާއި، މޫސާމުނާޖާ ނިޔަލަށް މި ލިޔެފައި
ފޫދޭދިޔައިގައި މޫދަށް އަޅަންޏާ، ކުޅަދާނައެއް ނޫނެ ފަހަތުން ނުދުވެއެއް
~

ލޯބީގެ ފަރިހިތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ފަރިއްސަކީ “ކީފަހު މަށަށް ރަން”އެވެ. މި ފަރިއްސަކީ އޭގެ ކަޑިތައް ރާއްޖޭގެ އެކި ހިސާބުގައި އެކިގޮތަށް ކިޔާ ފަރިއްސެކެވެ. ރާގަކީ އެއް ރާގެކެވެ. މި ފަރިހީގައި ބައެއް ރަށްރަށުގެ ނަންނަމާއި ނަދުރުފުދޭ ތަންތަނުގެ ވާހަކަ އާދެއެވެ. އަދި ފުއްދަން ބުނާ ނަދުރުތައް އެކި މީހުން ކިޔާ ގޮތުގައި ތަފާތު ހުރެއެވެ.

ކީފަހު މަށަށް ރަން، ވީ އުފަލުގައި ތީމުއުދެބޭންނަށް
ދީނާރު ހާސް ފޮނުވާނަން، ކީފަހު މަށަށް ރަން
ވާރެޔާފުށީ މިސްކިތުގައި އަށް މަސް ދުވަހު ހުންނާނަން
އަތުކުރި މިރޭ ހިފުނިއްޔާ، ކީފަހު މަށަށް ރަން
(ބައެއް ކަޑި)

މިއީ ނިލަންދެ އަތޮޅު ފީއަލީގައި މި ފަރިހި ކިޔައި އުޅުނު ގޮތުން ބައެކެވެ.

ލޯބީގެ ފަރިހިތަކުގެތެރޭގައި ލޯބީގެ ހިތާމައިގައި ކިޔާފައިވާ ފަރިހިތައް ގިނައެވެ. “ދާރު އޮފު މާތްވި ޅަމުރާލިއެފުޅު ބިރާގަމީ” އަދި “ގުލާބީމާފުޅު ލިބޭނީ ގުލާނުވެވިގެނޭ” ފަދަ ފަރިހިތަކަކީ ލޯބީގެ ހިތާމައިގެ ފަރިހިތަކެވެ. ލޯބީގެ ހިތާމައިގެ ފަރިހިތަކުގެ ތެރެއިން “ވާހަނދާނަކުން ރޮވެނީ” މި ފަރިއްސަކީ އެކި ރަށްރަށުގައި ތަފާތުކޮށް ކިޔާ ފަރިއްސެކެވެ. އެއް ރާގަކަށް ކިޔާ، ކަޑިތަކުގައި ތަފާތު ހުންނަ ފަރިއްސެކެވެ.

ރާގުމޮޅުނަޔާ ދާތީ، ވާހަނދާނަކުން ރޮވެނީ
އެރިއެކުވެ ބަލަންހުއްޓާ، އެރި މޫދުު އަނާ ހުރެފާ
ދެރިޔަލުގަ ވައި އަޅާފާ، ބެރިޔަންފަރަށް ވަނީމާ
ވާހަނދާނަކުން ރޮވެނީ
(ބައެއް ކަޑިތައް)

މިގޮތަށް “ވާހަނދާނަކުން ފަރިހި” ކިޔައި ދެއްވީ މާޅޮސްމަޑުލު ރަށެެއްގެ ކުރީގެ ކަތީބެކެވެ.

މަލާމާތުގެ ފަރިހި

ފަރިހީގެ އެންމެ އާންމު އެއް ވައްތަރަކީ މަލާމާތާއި ސަމާސާގެ ގޮތް ހުންނަ ފަރިއްސެވެ. މި ބާވަތުގެ ފަރިއްސަކީ ގިނަ އެއްޗެކެވެ. މުޙައްމަދު ޖަމީލު ދީދީ ވިދާޅުވެފައިވާ ފަދައިން “ފަރިހި ހަދައިގެން ކިޔުމަކީ ވަކި މީހެއްގެ އަބުރާބެހުން ކަމަކަށް އޭރުގެ މީހުން ނުދެކެއެވެ”. މިހެންކަމުން މަލާމާތުގެ ގޮތް ހުރި ފަރިހިތައް ރަށްރަށުގެ ވެރިންނާ މެދު އަދި ގައުމުގެ ވެރިންނާ ގުޅުވައިގެން ވެސް މީހުން ހަދައި އުޅުނެވެ. ދޭދޭ މީހުންގެ މެދުގައްޔާއި އެކުވެރި އަވައްޓެރީންނާ ގުޅުވައިގެންވެސް މަލާމާތުގެ ފަރިހިތައް ހަދައި އެ ތަކެތި ކިޔައި އުޅުނެވެ. “ޖެހިމިތާރައިގެ ކުޅިބަލަން” މި ފަރިއްސަކީ މަލާމާތުގެ ގޮތްތައް ހުރި ރީތި ފަރިއްސެކެވެ.

ޖެހިމިތާރައިގެ ކުޅިބަލަންދާން، ފެހިމަމި ލިބާސް ނުލެވުނޭދޯ
ފަޞްލަކުން ފެށުނީ ކިޔާ، އަޞުރަށް އިރު ތިރިވީތަނާ
ދަތުދެފުށް އުނގުޅަން މަ ހުއްޓާ އަތުވިޔޭ ލުހި ދަތްމަގޭ ވާ
އަރިއަށް ބޮލުގައި ހުޅިޖަހާ، ތަރިއެފަދަ ކުދި އެސްޖަހާ
ފަރިބަލަން މި ލިބާހަށް ދެމިއިރު، ބަދަނުން ބުރިވިއެ ތިންތަނުން ވާ
(ބައެއް ކަޑިތައް)

މިއީ ނިލަންދެ އަތޮޅު ފީއަލީގައި މި ފަރިހި ކިޔަމުން އައި ގޮތެވެ.

ރަށްރަށުގެ ވެރިންނާ ގުޅޭގޮތުން ހެދިފައި ހުރި މަލާމާތުގެ ފަރިހިތަކުގެ ތެރެއިން މާޅޮސްމަޑުލު ދެކުނުބުރީގައި ކިޔައި އުޅުނު “ބޯޓުކުލި ފަރިއްސަކީ” މޮޅު ފަރިއްސެކެވެ. މިއީ އަތޮޅުގައި އެއިރު ދެ ވެރިއެއްގެ މެދުގައި ހިނގި ކަންތައްތަކާ ގުޅޭ ގޮތުން ދަރަވަންދޫ ސަބޭ (އީސަބޭ) އަހުމަދު ހަދާފައިވާ ފަރިއްސެކެވެ.

ކަރަޔާ ދުރަށްދިޔަ ބޯޓުދެން ފަރަކަށް އަރާ ބީހިއްޖެތާ
ދަރަޖައިން ދެ ނަންބަރު މާލިމީ ސަރަނގާ އަރާރުންވެއްޖާ
ދުއްވާ ފަރަށް އެރި ބޯޓުދެން ފުންވެސް ނުވީކަން އެނގުމުން
ފުއްޓަރު ފަރާތަށް މާލިމީ ފުންމާލި ކަމުގައި ވެއްޖެތާ
(ބައެއް ކަޑި)
~

ގައުމުގެ ވެރިންނާ ގުޅޭގޮތުން ހަދާފައިވާ މަލާމާތުގެ މޮޅު ފަރިހިތަކުގެތެރޭގައި އަނގައިންނުބުނާގޭ ކަޅުތުއްތޫގެ ފަރިއްސެއްކަމަށް ބުނެވޭ “ނަނާހުވަފެން ފަރިއްސާއި” ފިނޭ އިބްރާހީމްގެ ދޮންކޮއްކޮ ހައްދަވާފައިވާ “ނަމުރު ފަރިހި” ހިމެނެއެވެ. މި ދެ ފަރިހިވެސް ދިމާވަނީީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދުވަސްވަރަށެވެ.

ނަނާހުވަފެން ދުށީމޭ، ދަރާވާހިނދު ދުނިޔޭން
ބާރަކައި މީހަކުގެ ނުމެލައި، އާރަކަށް މާމުއި ފެތޭތީއޭ
އަޙުމަގޭ ހެޔޮކަތުންނޭ، ތަހުވާވެ އަނާ ބުނަންހޭ؟
ބަޚްތު ޖަމާލު ހެދިފަދަ ތަޚުތެއްމަތީގައި ނިދީތީއޭ 
~

ކޮންމެއަކަސް، ކިލެގެފާނު ތަހުތުގައި އިށީނދެވަޑައިނުގަންނަވައެވެ. ރަންނަބަނޑޭރި ކިލެގެފާނު މާލެވަޑައިގަންނަވަން އުޅޭ ވާހަކައާ އެކު މާލެއަށް ނަމުރު އަރަން އުޅޭ ވާހަކަ އިވެމުން ދިޔައެވެ. އެއީ މަޝްހޫރު ނަމުރު ފަރިއްސެވެ.

ރާނޭ އަރާނޭ! ގައިމެ އަރާނޭ!
ފީބޮކުހަން ގައިގައޮޅައިގެން، ވައިހަންބެނަމުރު، ގަތްބެއަރާނޭ!
ރަޓުވަން ހިނގާށެދަމާ މީ ގުނބޯލެކޭ ނަށާ
ދަރުމައިގެރިޔާ މީތިދުލުން ވީދުނީމަ ފާޓުލާ
ކިފުޅިގަމީސް އަތްއަރުވާފާ ވައިހަންބެނަމުރު، ގައިމެ އަރާނޭ!

(ބައެއް ކަޑި)

ފޯކުލޯރު ފަރިހި

މިއީ ދިވެހިން ކިޔައި އުޅޭ ފޯކުލޯރާއި ބައެއް މުސްކުޅި ވާހަކަތައް އޭގެން ފެންނަން ހުރި ފަރިއްސެވެ. މިފަދަ މަޝްހޫރު އެއް ފަރިއްސަކީ “ބެރުހަމުނާ ފަރިއްސެވެ”. ފަރިހި ކިޔަން ދަންނަ މުސްކުޅީންނާ އެކު މި ތަކެތިވެސް ވަނީ ނެތިގޮހެވެ.

ކަނޑުގުރުވަ ނޫނިއްޔާ ނުކާން ހިތްވަރުކުރޭ އެބަ މާކަނާ
ކަނޑުފަޅުގެ ރާޅާ ހޫނުގައި އެއްޗެއް ނުކައި ވާއިރު ހަނާ
ހިތްވަރުކުރޭ އެބަ މާކަނާ، ފަހުރާ އެކީ
ފައިކައިރިއަށް ލަނޑަޔާ ހިކާ، އަދި ރާބުޅާ އައިސް އުޅުނަކަސް
ގައިގައި އައިސް ތެޅުނަސް ބަލާނުލައޭ ކިނބުރުވެރި މާކަނާ
~

ދެން ދޮން ހިޔަލަގެ މަންމަގެ ވާހަކައިން ކިޔާފައިވާ ފަރިއްސެކެވެ.

ފަތިހާ ތެދުވެ އަޅުކަން ނިއްމާ ފައްސިހި ރުކުން ރާ ބާލާ
އަތިރީގައި ހުރި މަސްއޮޑި ބާލާ ދޮންފަނު ދަތުރަކަށް ފެށިޔޯ
ނަލަކަޅު ލިބާހެއް ލާފާ މަލިމާގެ ދަރި އިއްޒަތުގާ
ފަރިކޮށް ހިނގާފާ ހައިބަތުގާ ބައްދަލު ކަތީބާ ކުރިޔޯ
ފުރަތަމަ ސަލާމްކޮށް ނިއްމާ ހާލާއި ހަބަރު ފިލީމާ
ދޮން އައިސަ ކައިވެންޏަށް އެދިގެން އަޔަތީ އެވާހަކަ ބުންޏޯ

***

ފަރިއްސަކީ ކިޔަވައިދެވޭ ދިވެހި އަދަބިއްޔާތުގައި އެއަށް ދޭންވާ ސަމާލުކަން ނުވެދި އޮތް އެއްޗެކެވެ. ދިވެހި ޅެންބަހުރުވައިގެ ބާވަތްތަކުގެތެރެއިން ބަންޖާއި ރައިވަރާ މެދު ތަފްސީލުގޮތެއްގައި އަދީބުންނާއި ލިޔުންތެރިން ލިޔުއްވާފައި ވީ ނަމަވެސް، ފަރިއްސާ ގުޅޭގޮތުން ކުރެވިފައިވާ އަދަބީ ދިރާސާތަކާއި ތަފްސީލުގޮތެއްގައި ލިޔެވިފައިވާ ލިޔުންތައް އަދި އެއްކުރެވި ލިޔެވިފައިވާ ފަރިހިތައް ނުހަނު މަދެވެ. ފަރިއްސަށް ދޭންވާ ސަމާލުކަން ނުދެވި މޮޅު އެތައް ފަރިއްސަކާއި އެ ފަރިހިތަކާ ގުޅޭ ވާހަކަތައް އަހަރުމެންގެ ތެރެއިން ނެތި ހިނގައްޖެއެވެ. އެދުމަކީ، މި ލިޔެވުނު މިންވަރުން ފަރިއްސާ މެދު އިތުރަށް ދިރާސާކުރާނެ ބަޔަކަށް ފައިދާކުރުމެވެ. ދިވެހި އަދަބިއްޔާތަށް ދަރިވަރުންނާއި ޒުވާނުންގެ ހިތްތަކުގައި ޝައުގުވެރިކަން އިތުރުވުމެވެ.

ހަވާލާދެވުނު ލިޔުންތައް:

  • ކަންޒުލް އަދަބު، ބޮޑުފެންވަޅުގޭ ސީދީ
  • ޝައިޙް ޒުބައިރު، ޙުސައިން ޞަލާހުއްދީން
  • ޅެމާއި ޅެންވެރިކަން، މުޙައްމަދު ޖަމީލު ދީދީ، މަލަސް 11
  • ރަންތަރާދު، ބޮޑުފެންވަޅުގޭ ސީދީ
  • އައްރަފީޤު މަޖައްލާގެ އަދަދުތައް
  • ދޮންބީފާނު ވާހަކަ، ޙުސައިން ޞަލާހުއްދީން
  • ފަތްތޫރައިގެ އަދަދުތައް

ހާއްސަ އެހީތެރިކަން:

މުޙައްމަދު ޔޫސުފް، ދޮންފަނު

ފާޠިމަތު ޙަސަންކަލޭފާނު، އިނގުރައިދޫ

މުޙައްމަދު ފަތުހީ، ކުޑަރިކިލު

ބައެއް މުސްކުޅިން ކިޔާދީފައިވާ ފަރިހިތައް