ރަށެއްގެ ތާރީޚަކީ ގައުމުގެ ތާރީޚެވެ. އެ ގައުމެއްގެ އިހު އާދަކާދައާއި ދިރިއުޅުމާއި އިގްތިޞާދުގެ ތަސްވީރެކެވެ. ގިނަ ރަށްރަށުގެ ތާރީޚު މިވެނި ފޮތަކުން އޮޅުން ފިލާގޮތަށް ލިޔެވިފައިނުވެއެވެ. ރަށްރަށުގެ ތާރީޚު ވަނީ އެ ރަށެއްގެ ދުވަސްވީ މީހުންގެ ހަނދާންތަކުގައެވެ. ފަތްކޮޅުތަކާއި އާސާރީ ބިނާތަކާއި ކިޔައި އުޅޭ ފޯކުލޯރުތަކާއި މަތިކޮޅުގައެވެ. ރ. ކަނދޮޅުދުވަކީ މާޅޮސްމަޑުލުގެ މަސްވެރި ރަށެކެވެ. ރ. އަތޮޅުގެ އެކި ދުވަސްވަރުގެ ހިޖުރަކުރުމުގެ ތާރީޚާ ގުޅިފައި އޮތް ރަށެކެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު ކަނދޮޅުދޫ ފަޅުވިއެވެ. ކަނދޮޅުދޫ މީހުން އާބާދުވީ ރ. ދުވާފަރުގައެވެ. އެބައިމީހުންގެ އަސްލު ވަޒަނުގެ އިހުގެ ވާހަކަތައް ދަންނަ މީހުން ދިޔައީ މަދުވަމުންނެވެ. “ކަނދޮޅުދޫ މީހުން” އާ ޖީލެއްގެ ގޮތުގައި ދުވާފަރު މީހުންނަށް ވަމުންނެވެ.
ކަނދޮޅުދޫ އާ މެދު ޝައުގުވެރިކަން އުފެދުނީ ރާއްޖޭގެ ރަށްރަށުގައި އާބާދުވުމާއި ހިޖުރަކުރުން އިހު ހުރި ގޮތް ދެނެގަތުމުގެ މަސައްކަތުގެތެރެއިންނެވެ. އިހުގެ މާޅޮސްމަޑުލު (ރ. ބ. އަތޮޅު)ގެ ބައެއް ރަށްރަށް ފަޅުކޮށްފައި ފޭބި މީހުން ދިޔައީ ކަނދޮޅުދުވަށް ކަމުގައި ބުނާތީ، 2018 ވަނަ އަހަރު ދުވާފަރަށް ގޮސް ކަނދޮޅުދޫގެ ވާހަކަތައް އެހުމަށް މުސްކުޅީންގެ ގާތަށް ހިނގީމެވެ. އެއިރު ކަނދޮޅުދޫގެ އިހުގެ ވާހަކަތައް ކިޔައިދެވޭ ތިބީ ދާދި މަދު ބައެކެވެ. އިހުގެ ކަނދޮޅުދޫގެ ވާހަކަތައް އެންމެ ރަނގަޅަށް ދަންނާނެ މީހަކީ ކަނދޮޅުދޫ މުޙައްމަދު މޫސާ ކަލޭފާނު (މުޙައްމަދުފުޅުބެ) ކަމަށް ބުނުމުން އެގެއަށް ގޮސް ވާހަކަ އެހުމުން ކިޔައިދިނީ އެ މީހުންގެ ހިތުގައި ކަނދޮޅުދޫއަށް އޮތް ލޯބި ބަންޑުންކޮށްލާ ޅެމެކެވެ.
މަންމަގެ ޅައިރުގެ ހަނދާނޭ މީ
މަންމަ އުޅުނު ކަނދޮޅުދޫ މި އޮތީ
ކޮސްވެ ތަލިން ކުޅު ހިކޭނޭ
އަތިރިމަގާންފުޅު ހަނދާންވޭ ފަތިހުގޮސް ކުނިކަހާތީ
މަކުނުދޫ ސޭކުބޭ ޒިޔާރަތުގާ ދުންދަނޑި އަބަދަށް ޖަހަންދާތީ
ކަނދޮޅުދޫ ދުވަސްވީ އަންހެނުން
ދިގު ޅެމެކެވެ. ޅެން ކިޔައިދެއްވި މުޙައްމަދު މޫސާ ކަލޭފާނަކީ މަޝްހޫރު “ކެޔޮޅާ ބޭބޭ ދޫންޏާ” ލަވައިގެ ޝާއިރެވެ. ޅެން ކިޔުއްވާފައި މުޙައްމަދު މޫސާ ކަލޭފާނު ބުނުއްވިއެވެ. މި ޅެން އަހާފައި ކަނދޮޅުދޫ މުސްކުޅިންނަށް ރޮވުނެވެ. ޅެމުން ދެވެނީ އެ ޒަމާނުގެ ކަނދޮޅުދޫއަށެވެ. ތަނަވަސް، ފާގަތި ރަށެއްގެ މާޒީއަށެވެ. މިހާރު އެންމެނަށްމެ އެނގޭ ދުވާފަރު ހޮބަލިހޮއްޔާއި މަޖާގަނޑަށް ވުރެ ގިނަ ރަހަތަކެއްގެތެރެއަށެވެ. ރ. އަތޮޅުގެ ރަށްތަކުގެ ހިޖުރަކުރުމުގެ އަދި މާ ދިގު ތާރީޚެއްގެތެރެއަށެވެ.
ރ. އަތޮޅަކީ ރާއްޖޭގެ އެންމެ ގަދީމީ ރަށްތައް ގިނަ އެއް އަތޮޅު ނަމަވެސް، ކަނދޮޅުދުވަކީ މާ އިހަކު އާބާދުވި ރަށެއްކަން އެނގޭކަށް ނެތެވެ. އަތޮޅުގެ ގަދީމީ ރަށްރަށުގައި ހުންނަ ފަދަ “ރެދިންގެ އުސްގަނޑު” ފަދަ ތަންތަނެއް ނެތެވެ. ގަދީމީ ފޯކުލޯރުތަކާ ގުޅުމެއް ނެތެވެ. އެވޭލާ ބިނާތަކެއްގެ އަސަރެއް ނެތެވެ. އަތޮޅުގެ ގަދީމީ ރަށްތަކުން ފެންނަ ހެން ކޮނުމުގެތެރޭގައި ލޯކަންވާރާއި އެނޫންވެސް ތަކެތި ނެގުނުކަން އެނގޭކަށް ނެތެވެ. ކަނދޮޅުދުވަކީ އެވޭލާ އަތޮޅެއްގެ ފަހުގެ އާބާދުވުމެކެވެ.
ކަނދޮޅުދޫގައި އާބާދުވީ މީހުންނަކީ ކޮން ބައެއްބާއެވެ؟ ކޮން ދުވަސްވަރެއްގައި، ކޮން ރަށެއް ފަޅުކޮށްފައި ހިޖުރަކުރިބައެއްބާއެވެ؟
ރާއްޖޭގައި ހިޖުރަކުރުމުގެ އެންމެ ޝައުގުވެރި އެއް ތާރީޚެއް އޮތް އަތޮޅަކީ ރ. އަތޮޅެވެ. އެކި ދުވަސްވަރު ރ. އަތޮޅުގެ ރަށްރަށުގައި މީހުން ވަޒަންވެރިވެ، ރަށް ފަޅުކޮށް އެހެން ރަށްރަށުގައި އާބާދުވެފައިވެއެވެ. އާބާދުވުމާއި ހިޖުރަކުރުމުގެ މި ދިގު ތާރީޚު ރ. އަތޮޅުގެ މިއަދުގެ ފަޅުރަށްތަކުގައިވާ ކަށްބިންތަކުންނާއި އިހު ބިނާތަކުގެ އެކި އަސަރުތަކުންނާއި ކޮނުމުގެތެރޭގައި ނެގިފައިވާ މުށިކަންވާރާއި ލޯކުރާ އަދި އެ ނޫން އާސަރީ ތަކެއްޗާއި އަތޮޅުގައި ކިޔައި އުޅޭ ފޯކުލޯރުތަކުން އެނގެއެވެ. ބައެއް ރަށްރަށް ފަޅުކޮށްފައި އަތޮޅު ދޫކޮށް ދުރު ހިސާބުތަކަށް ދިޔަކަން އެނގެއެވެ. އިހު އާބާދުވި ބައެއް ރަށްތަކުގެ މީހުން އެ ރަށްރަށް ފަޅުކޮށްފައި ދިޔަ ރަށެެއް އެނގޭކަށް ނެތެވެ.
ކަނދޮޅުދޫގައި މީހުން އާބާދުވުން
ކަނދޮޅުދޫ މަދަރުސާ ދަރިވަރުން
ކަނދޮޅުދޫ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ބިނާކުރުމުގެ ފެށުމަކީ ބުނެވޭ ގޮތުގައި މުދިންކާފައެވެ. ކަނދޮޅުދޫ އިހުގެ ވާހަކަތައް އެންމެ ރަނގަޅަށް ދެނެލައްވާ އެއް ބޭފުޅަކީ ކަތީބު އައްޔަބެގެ ޙަސަންފުޅު އަލީ، ކަނދޮޅުދޫ ކުރީގެ ކުޑަކަތީބެވެ.
“އެންމެ ބޮޑުކޮށް ރަށް އުފެއްދުމުގެ މޭސްތިރިއަކީ މުދިންކާފަ. އެއީ ރަށުގެ އުފެދުން. އެއަށް ވުރެ ކުރިއަށް މީހުން އުޅުނުކަން ނޭނގެ. އަޅުގަނޑަށް މިހާރު 73 އަހަރު. އަހަރުމެން އިރު ބައްދަލުވި މުސްކުޅީން ކައިރީ އެހީމާވެސް ބުނީ ތިމަންނާމެންނަށް އޭގެ ކުރި ކިޔާދޭކަށް ނޭގޭ. ބުނަނީ މުދިން ކާފަޔޭ އުޅުނީ. ފަސް ވަގުތު ބަންގި ގޮވައި، ރައްޔިތުންގެ ކަންތައްތައް ބަލަހައްޓައި ހިންގަން އުޅޭ މީހަކީ މި މުދިންކާފަ. މިހެން ރަށް ހިނގަމުން ގޮސް، ސަރުކާރުން އެންމެ ފުރަތަމަޔަށް އިސްކުރި ކަތީބަކީ އިސްމާލު ކަލޭފާނު. އިސްމާލު ކަލޭފާނަކީ މުދިންކާފަގެ ދަރިއެއް. މުދިމަކަށް ލީ ކަތީބު އައްޔަބެ. އެއީ އަޅުގަނޑުގެ ބައްޕަ”
އިހުގައި ރަށެއްގެ ހިންގުންތެރިންނަކީ ކަތީބުންނާއި މުދިމުންނެވެ. ގަބޫލުކުރެވޭ ގޮތުގައި ހަމަ އެކަނި މުދިންކަލޭގެއަކު ހުންނަނީ ހުކުރު ހަމަ ނުވާ އާބާދީ އޮންނަ ރަށްރަށުގައެވެ. މުދިންކަލޭގެއަކީ ފަސް ވަގުތު ބަންގިގޮވައި، ރަށުގައި އެ ތިބޭ މީސްކޮޅު ގޮވައިގެން ނަމާދުކޮށް، ރަށުގެ ހިންގުމުގެ އެހެނިހެން ކަންތައްތައްވެސް ކުރާ މީހާއެވެ. މި ފަދަ ރަށްރަށުގައި މިސްކިތުގެ ބަދަލުގައި އަށިގެވެސް ހުރެއެވެ. މީސްކޮޅުގެ މަދުކަމަށްޓަކައެވެ. ހުކުރު ހަމަވާ އާބާދީ ހަމަވުމުން ޚަތީބަކު ލައްވަނީއެވެ. ޚުތުބާ ކިޔާނެ މީހަކު ލައްވަނީއެވެ. ޚަތީބަކީ ނަން ދިވެހިވެ، ކަތީބެވެ. ހުކުރު ހަމަވާ އާބާދީ އޮތް ރަށްރަށުގައި ކަތީބާއި ކުޑަކަތީބާއި މުދިންކަލޭގެއެވެ. ކަނދޮޅުދޫ މީހުންގެ ދުރު ހަނދާނަކީ މުދިންކަލޭގެ އެކަނި ކަމުން އެއިރު ކަނދޮޅުދޫއަކީ މީސްކޮޅު މަދު ރަށެއްކަން އެނގެއެވެ
މުޙައްމަދު މޫސާކަލޭފާނު ކިޔައިދެއްވިއެވެ.
“އެންމެ އިހު މީހުންގެތެރޭ އެންމެ މަޝްހޫރު މީހަކީ އިސްމާއިލް ކަލޭފާނުގެ ބައްޕަ. މުދިންކާފަ. އިސްމާއިލް ކަލޭފާނަކީ ފުރަތަމަ ކަތީބު. މި މުދިންކާފަގެ ނަން އަރާފައި ހުރި ވަރަކީ، ކަނދޮޅުދޫ މީހުން ދެކޭ ގޮތުގައި އެއީ ވަލީވެރިއެއް ފަދަ ބޭކަލެއް”
އިހުގައި ރަށެއް އާބާދުކުރުމަކީ މި ޒަމާނުގައި ކުރާހެން މަގުތައް ހަދައި ގެތަކެއް އަޅައި ވަޒަންވެރިވުމެއް ނޫނެވެ. އިހުގައި ރަށެއް އާބާދުކުރުމަކީ އިރުވަރާއި ކަންވެރިކަމާއި ރަށުފަންޑިތައާއި މިނިއާލާކުރުން ފަދަ އޭވާލާ ވިސްނުންތަކެއްގެ މައްޗަށް ކުރާ ކަމެކެވެ. ރަށް އާބާދުކުރަނީ އިހުގެ މި ފަދަ އިލްމުތައް ދަންނަ މީހެކެވެ. އެ ޒަމާނުގެ އިޢުތިޤާދުގެ މައްޗަށް އާބާދުވި ރަށެއްގެ މީހުން އެބައިމީހުންގެ ރަށް އާބާދުކުރި މީހާއަކީ ވަލީވެރިއެއް ނުވަތަ އެ ފަދަ މާތް މީހެއްގެ ގޮތުގައި ދުށުމަކީ އެކަށޭނަކަމެކެވެ
ކަނދޮޅުދޫއަށް ހިޖުރަކުރި ރަށްތަކުގެ ތާރީޚް
ކަނދޮޅުދޫއަށް ގިނައިން ހިޖުރަކޮށްފައިވާ ހިސާބު
ކަނދޮޅުދޫގެ ފެށުމަކީ މުދިންކާފަ ކަމުގައި ބުނާ ސަބަބަކީ ކަނދޮޅުދޫ މި ފަހުން ބިނާކުރުމުގެ ފެށުމަކީ އެ މުދިންކާފަ ކަމުގައި ވުމެވެ. ކަނދޮޅުދުވަކީ ރ. އަތޮޅުގެ ހިޖުރަކުރުމުގެ ތާރީޚުގެ އެތައް ސަފްހާއެއް ގުޅިފައިވާ ރަށެވެ. ކަނދޮޅުދޫގެ ތާރީޚަކީ މި ހުރިހައި ރަށްތަކުގެވެސް ތާރީޚެވެ. ކަނދޮޅުދޫއަށް ހިޖުރަކުރުމުގެ ތާރީޚާ ގުޅިފައިވަނީ ހަމަ އެކަނި ރ. އަތޮޅުގެ ރަށްތަކާ ނޫނެވެ. މާޅޮސްމަޑުލު ދެކުނުބުރި، ބ އަތޮޅާވެސް ވަނީ ގުޅިފައެވެ.
“…. ތިމަންނާމެންގެ މުސްކުޅިން ކިޔައޭ މާރިކިލު މީހުންނޭ ކަނދޮޅުދޫ މީހުންނަކީ. މާރިކިލު ފަޅުކޮށްފައި އެ މީހުން ފައިބައިގެން ދިޔައީ ކުޑަތުޅާދޫއަށް (ރ އަތޮޅު). ކުޑަތުޅާދޫ ކަމުނުގޮސްގެން ކަނދޮޅުދޫ ހުޅަނގުކޮޅުގަ އޮންނަ މާމިގިއްޔަށް. މާމިގިލި ފަޅުކޮސްފައި ދިޔައީ ކަނދޮޅުދޫއަށް. މާރިކިލު ފަޅުވި ގޮތަކީ އީދުތެރޭ އޭރުގައި ފަންސިކިޔާ ކުޅިވަރެއް ރޭގަނޑު ކުޅޭ. މި ކުޅިވަރު ކުޅޭ ގޮތަކީ އެކަކު ހުންނާނެ މޫނުގައި އަތް އަޅައިގެން. ދެން ތިބި މީހުން ފަންސިއޭ ކިޔާފައި ދުއްވައިގަތީމަ އެ މީހާގޮސް ދެން ތިބި މީހުން ހޯދަން ޖެހެނީ. މިހެން ގޮސް ދިމާވީ ބޮޑު ކަޅު މީހަކާ. ގަތް ބިރުން އެރަށް ދުކޮށް ކުޑަތުޅާދޫއަށް ދިޔައީ”
ބ. މާރިކިލުގައި މިސްކިތެއްގެ ތަރާގަނޑާއި އިހުގެ ވަޅެއް ފެންނަން އެބަ ހުއްޓެވެ. ކޮންމެވެސް ޒަމާނެއްގައި މި ރަށުގައި ބަޔަކު ވަޒަންވެރިވެ އުޅެފައިވެއެވެ. ގަބޫލުކުރެވޭ ގޮތުގައި މާރިކިލު ފަޅުވި ފަހުން ހަތަރުސަތޭކައެއް އަހަރު ވެދާނެއެވެ
ކަނދޮޅުދޫއާ ގުޅިފައި ހުރި ހިޖުރަކުރުމުގެ ވާހަކަތަކަކީ ގިނަ ވާހަކަތަކެކެވެ. ފޯކުލޯރުގެ ގޮތުގައި އައިސްފައިވާ މި ފަދަ ވާހަކަތަކުން ރަށްރަށް އާބާދުވުމާއި ފަޅުކޮށް ފޭބުމުގެ ތާރީޚު ބުނެދެއެވެ. ރ. އަތޮޅުގެ ރަށްރަށުން ކަނދޮޅުދުވަށް މީހުން ހިޖުރަކުރުމަށް މެދުވެރިވި ސަބަބާ މެދު މުސްކުޅީންގެ ދޫދޫމަތިން އައިސްފައިވާ އެންމެ މަޝްހޫރު ވާހަކައަކީ
“ބުނެވޭ ގޮތުގައި ކަނދޮޅުދޫ އިހުގެ މުސްކުޅި މިސްކިތަކީ ހެޔޮ އިރުވަރުގައި ހދ. މަކުނުދޫގައި ބަހައްޓަން މާލެއިން ގެންދިޔަ މިސްކިތެއް. ކަނދޮޅުދޫ ހުރަސްކޮށްފައި ދާ ނަމަ މަކުނުދޫ މީހުން ކަނދޮޅުދޫއަށް ނުފައިބައި ނުދާނެ. މާލޭން މިސްކިތް ހިފައިގެން ދިޔަ މީހުން ކަނދޮޅުދޫގައި މަޑުކުރީ ހުކުރު ކުރިން ފުރުމަށް. ނަމަވެސް ކަނޑުގަދަވެ ވައިމަތި ގޯސްވީ. ކަނދޮޅުދޫން ފުރަން އުޅެ އުޅެ ފުރޭ ގޮތެއް ނުވި.
ކަނޑުމަޑުވެ ވައިމަތި ރަނގަޅުވާނެ އިރަކަށް ބަލަބަލައި ތިއްބައި މިސްކިތް ބަހައްޓަން ޖެހޭ ހެޔޮ އިރުވަރު އައިސް ޖެހިއްޖެ. ފުރައިގެން މަކުނުދޫއަށް ނުދެވޭނެތީ ކަނދޮޅުދޫގައި މި މިސްކިތް ބަހައްޓައިފި. ބުނެވޭ ގޮތުގައި މިސްކިތް ބެހެއްޓުމާ އެކު ކަނދޮޅުދޫ ފަސް ފެންނަ ހިސާބުގައި ހުރި ހުރިހާ ރަށެއް ފަޅުވީ”
މި ވާހަކަ މިއަށް ވުރެ ދިގުކޮށް އަދި ތަފާތުކޮށްވެސް ކިޔައި އުޅެއެވެ. މައިގަނޑަކީ މިއެވެ. އިހުގައި މިސްކިތް ބަހައްޓަން ހެޔޮ އިރުވަރު ބަލައެވެ. މިއީ ރަށްރަށުގެ އާބާދުވުމާއި މިނިއާލާވުން ފަދަ ކަންކަމަށް ރަށުފަންޑިތަ ހެދުން ފަދަ ބޯދާ ގަބޫލުކުރުންތަކުގެ މައްޗަށް ކުރާ ކަމެކެވެ. ހިރިގަލުގެ މިސްކިތްތަކަކީ ރޫޅައިގެން ގެންދެވޭ، ބޭނުންވާ ރަށެއްގައި ބެހެއްޓޭ ގޮތަށް ކުރާ ގަލުވަޑާމުގެ މަސައްކަތެކެވެ. ކަނދޮޅުދޫ ފަސް ފެންނަ ރަށްރަށުގެތެރެއިން ފަޅުވި ރަށްތަކަކީ މާމިގިއްޔާއި ލުނބޯކަންދު އާއި ކޮތާފަރާއި ޅާނބުގައްޔާއި ގޮބޮއްޓާއި އަދި މި ހިސާބުގައި ހުރި ބައެއް ރަށްރަށެވެ. ކަނދޮޅުދޫ ފަސްފެންނަ ހިސާބުކަމުގައި އެ ބުނަނީ ރ. އަތޮޅުގެ ހުޅަނގު ބިތާއި އެތެރެވަރީން ކަނދޮޅުދުވާ ކައިރީ ހުރި ރަށްތައް ބުނުމަށެވެ. މިއީ ދުނިޔޭގެ އެވާލާ ޓްރޭޑް ރޫޓެކެވެ.
ކަނދޮޅުދޫގައި ބެހެއްޓި މިސްކިތުގެ ސަބަބުން ކަނދޮޅުދޫ ފަސް ފެންނަ ހިސާބުގައި މީހުން ދިރިއުޅޭ ރަށްތައް ފަޅުވި ވާހަކައަކީ ދޫދޫމަތިން ދެކެވެމުން އައިސްފައިވާ ވާހަކައެކެވެ. ނަމަވެސް، ކަނދޮޅުދޫ “ފަސް ފެންނަ ހިސާބު”ގައި ހުރި ރަށްތައް ފަޅުވީ އެއް ދުވަސްވަރެއްގައި ނޫނެވެ. މި ވާހަކައިން ބުނެދެނީ ކަނދޮޅުދޫއަށް އެކި ދުވަސްވަރު ހިޖުރަކޮށްފައިވާ ރަށްތަކުގެ ގިނަ ކަމެވެ. ފޯކުލޯރެއްގެ އެއް ތަބީއަތަކީ ގިނަ ޒަމާންތަކެއްގެ ވާހަކަ އެއް ޒަމާނަކަށް ވުމެވެ.
ފަސްމަންދޫ ކޮތައިފަރޭ
ގިރާވަރުން ކަނދޮޅުދުވޭ
ވަށްފުށިން ރަސްހުރައޭ
މާމިގިލިން ލިނބޮއިކަންދުއޭ
މިއީ މާޅޮސްމަޑުލު އުތުރުބުރީގެ އިހުގައި ކިޔާ އަތޮޅުވެށިން ކަނދޮޅުދޫ ފަސްފެންނަ ހިސާބުގެ ބައެވެ.
ރ. އަތޮޅުގެ ރަށްތައް ފަޅުކޮށްފައި ދާ މީހުން ކަނދޮޅުދުވަށް ހިޖުރަކުރާ ސަބަބު މުހިންމެވެ.
ޙަސަންފުޅު ޢަލީ ކިޔައިދެއްވިއެވެ.
“ކާބަފައިން ކަނދޮޅުދޫ ހިޔާރުކުރި ސަބަބަކީ އޭރުގަ ލޫޓުވާ މީހުން އަންނަނީ. ކަނދޮޅުދޫ ނޫން ރަށްތައް ލޫޓުވަން ފަސޭހަވަނީ، ކަނދޮޅުދޫ މި އޮންނަނީ ވަށައިގެން އެތައް ގިރިޔަކާ ފަރެއް ލެވިފަ ފިލާ. ކަނޑުފޭރޭ މީހުންނަށް ދަތުރުކޮށް ވަންނަން އުނދގޫވާނެ”
ރ. އަތޮޅުގެ ފަޅުވި ބައެއް ރަށްރަށުގެ މީހުން ކަނދޮޅުދުވަށް ހިޖުރަކޮށްފައިވާ އެއް ސަބަބަށް ކަނޑުފޭރޭ މީހުންގެ އުނދަގުލުން ސަލާމަތްތެރިކަން ހޯދުމަށް ވެދާނެއެވެ. “ކަނދޮޅުދޫ ފަސް ފެންނަ ހިސާބު” މި ރަށްތަކަކީ ބޭރުދަތުރުކުރި، ތަނަވަސް ބަޔަކު ދިރިއުޅުނު ރަށްތަކެކެވެ. ދުނިޔޭގެ ޓްރޭޓް ރޫޓެއްގެ ރަށްތަކެކެވެ. މި ރަށްތަކަށް ކަނޑުފޭރޭ މީހުންގެ އުނދަގޫ ފޯރާނެކަމީ މަގްބޫލު ސަބަބެކެވެ. ރ. އަތޮޅުގެ ހުޅަނގުބިތުގެ ގިނަ ރަށްތައް ފަޅުވެފައިވުން މިކަމަށް ދަލީލުކޮށްދެއެވެ
ރ. އަތޮޅުގެ ހުޅަނގު ބިތާއި އެތެރެވަރިން ހުރި ރަށްތަކާ ދުނިޔޭގެ ޓްރޭޑް ރޫޓާ ބޮޑު ގުޅުމެއް އޮތެވެ. އެކަމުގެ ސަބަބުން އެ ރަށްތަކުގައި އާބާދުވެ އުޅުނު މީހުންނަށް ލިބުނު ތަނަވަސްކަމާ އެކު ކަނޑުފޭރޭމީހުންގެ ނުޤްޞާންތައްވެސް ކުރިމަތިވިއެވެ. ޓްރޭޑް ރޫޓެއްގެ ތެރެއިން އަންނަނީ ހަމަ އެކަނި މުދާ ބަދަލުކުރުމެއް ނޫނެވެ. ކަށިވިދުރިއާ ބަނޑުވޭނާ ކަނޑުފޭރޭ މީހުންގެ އުނދަގޫވެސްމެއެވެ. މިއީ ރާއްޖޭގެ ރަށްރަށް ފަޅުވާން ދިމާވެފައި ހުރި ބައެއް ސަބަބުތަކެވެ. ފިތުނަވެރިކަމާއި ފަންޑިތަވެސްމެއެވެ. ނިކަމެތި ބަޔަކަށް ވުރެ ތަނަވަސް ބައެއްގެ ތެރޭގައި ވެރިކަމަށް ހިފުމާއި ފިތުނަވެރިކަން ބޮޑުވާނެއެވެ. ކަނދޮޅުދޫއަށް ހިޖުރަކޮށްފައިވަނީ އެކި ރަށްރަށުން ނިކަމެތި ހާލަތުތައް ދިމާވި ބައެކެވެ. ރަށްރަށުގެ މިނިއާލާނުވެ ފަހަށް އެ ތިބޭ މަދު މީސްކޮޅެވެ. ކަނދޮޅުދުވަކީ މި އެންމެނަށް ލިބުނު އަމާން ރަށެވެ. ގުދުރަތީ ކާރިސާތަކުގެ އަމާން ރައްކާތެރި ރަށެއްގެ ގޮތުގައި ދުވާފަރު އާބާދުކުރެވުނު ފަދައިން، އިހުގައި ކަނދޮޅުދޫއަކީ އެއިރުގެ އުނދަގޫތަކަކަށް ރ. އަތޮޅުގެ އެ ހިސާބުގައި އޮތް ރައްކާތެރި ރަށެވެ
ލުނބޯކަންދޫ
މިއީ އިހުގައި މީހުން އުޅުނު ތަނަވަސް ރަށެކެވެ. ދިވެހި ރާއްޖޭގެ އެންމެ ގަދީމީ ރަށްތަކުން އެއް ރަށެވެ. ދިވެހި ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންކަމުގައި ފޯކުލޯރުން އައިސްފައިވާ ރެދިން ރާއްޖޭގެ އެހެން ހިސާބުތަކަށް ކުރާ ދަތުރު ފަށަނީ މި ރަށުންކަމުގައި ވާރިދުވެފައިވެއެވެ. ކަންދުވަކީ ރެދިން ލުނބޯ ބިންނަ ރަށްކަމުގައިވެސް ބުނެވެއެވެ. މި ރަށުގައި އިހުގެ ލުނބޯގަސްތަކާއި ދިވެހި ރާއްޖެ އިސްލާމްވުމުގެ ކުރީގެ އާސާރުތަކާއި އޭގެ ފަހުގެ އާސާރުތައް ވެއެވެ. ތާރީޚް ދީބާ މަޙަލްގައިވެއެވެ؛
“މި ރަސްގެފާނުގެ ދުވަސްވަރު …. މާޅޮސްމަޑުލުން އުނގޫފާރާއި ކަންދޫއާއި މާލެއަތޮޅުން ވިލިނގިލިވަރު ފަޅުވިއެވެ”
މިތަނުގައި ނަންގަނެވިފައިވަނީ މުޢީނުއްދީން އެއްވަނައިގެ ރަސްކަމެވެ. މިއީ 1799 ވަނަ އަހަރާއި 1835 ވަނަ އަހަރާ ދެމެދެވެ. މިއީ ކަނދޮޅުދޫގެ އާބާދުކަން ހިނގައިގަތް ދުވަސްވަރާ ގާތެވެ. އުނގޫފާރު ފަޅުކޮށްފައި ފޭބި މީހުން އަލުން އުނގޫފާރުގައި ވަޒަންވެރިވީއެވެ. ލުނބޯކަންދޫ ފަޅުކޮށްފައި ފޭބި މީހުން ކަނދޮޅުދޫއަށް ގޮސް ކަނދޮޅުދޫގެ ރަށްވެހިކަމާއި އާބާދުކަން ބޮޑުކޮށްފައިވަނީއެވެ. ލުނބޯކަންދޫ ފަޅުވި ދުވަސްވަރަކީ ކަނދޮޅުދޫ މުދިންކާފަގެ ޒަމާނަށް ވުރެ ދުވަސްގަނޑެއް ކުރިއަށް ކަމަށް ވެދާނެއެވެ.
ލުނބޯކަންދޫ ފަޅުވިގޮތާ މެދު ރ. އަތޮޅު މުސްކުޅީންގެ ފަރާތުން އައިސްފައިވާ ވާހަކައަކީ؛
“ކަންދޫ އޮޑިއެއް މާލެ ދަނިކޮށް ކަނޑުމަތިން ބަޔަކާ ދިމާވީ. އެ މީހުން ބުނެފި ތިމަންނާމެން މި ދަނީ ކަންދޫ ރުއްތަކުގައި ތައް ޖަހާންކަމަށް. ކަންދޫ އޮޑިން ގޮވާލިކަމަށް ވަނީ ކަތީބު ރުއްތަކުގަ ނޫނީ ތައްޖެހިޔަސް ވަރިހަމައޭ. ދެން މި ދިޔަ ބަޔަކު ގޮސް ކަންދޫ ރުއްތަކުގައި ތައް ޖަހައިފި. ކަތީބު އާއިލާ ނޫން އެންމެނަށް މި ކަމުގެ އަސަރުކޮށްފި. ކަންދޫ ދަރިކޮޅު ދެމުނީ ކަތީބު އާއިލާ ތިން މީހެއްގެ ފުށުން”
ލުނބޯކަންދޫ ވެވާއި އާސާރި ސަރަހައްދެއް
ކަންދޫ ފަޅުވި ގޮތުގެ ވާހަކަ މި މައިގަނޑު އަސްލަށް ތަފާތުތަކާއެކުގައިވެސް ކިޔައެވެ. ތައްޖެހުމަކީ ބަންޑާރަ ރުއްރުކާއި އަމިއްލަ ރުއްރުއް ވަކިކުރުމަށް ސަރުކާރުގެ ފަރާތުން ރުއްރުކުގައި ފާހަގަޖެހުމެވެ. ކަންދޫ އޮޑިއާއި ކަނދުމަތިން އެ ދިމާވި ބަޔަކީ ސަރުކާރުގެ ފަރާތުން ތައްޖަހާ މީހުންނެއްނޫނެވެ. ކޮންމެވެސް ރޫހާނީ ކަމަކާ ގުޅިފައިވާ އެހެން ބައެކެވެ. އޭގެ ފަހުގައި ކަންދޫ ފަޅުވީއެވެ. ބާކީ ތިބި މަދު މީސްކޮޅު އަތޮޅުގެ އެކި ރަށްތަކަށް ދިޔައީއެވެ. ކަންދޫ އާއިލާތައް ދިޔަކަން އެނގޭ ރަށްތަކަކީ ކަނދޮޅުދޫ، އުނގޫފާރު އަދި ގާއުނޑޫދުވާއި އުނގުލެވެ. ގާއުނޑޫދޫއަށް ދިޔައީ ކަންދޫ މޫސާފުޅުގެ އިބްރާހީމެވެ.
ގާއުނޑޫދޫ މީހުން މި ކަންދޫ އިބްރާހީމަށް ކިޔަނީ ކުޑަކާފައެވެ. ވަރަށް މުސްކުޅި އަޖޫޒު މީހެކެވެ. ކަންދޫ މޫސާފުޅުގެ އިބްރާހީމްގެ ފަރާތުން ގާއުނޑޫދޫގައި ކަންދޫ އާއިލާ ދެމިގެން އައެވެ. ގާއުނޑޫ މީހުން މިހާރު އުޅެނީ ރ. ހުޅުދުއްފާރުގައެވެ.
ކަންދޫ ދޮންހުސައިންގެ ކަޅުފުތާއި ދޮންފުތުގެ އާއިލާ ރ. އުނގޫފާރާއި އުނގުލުގައި ދެމިގެންގޮސްފައިވެއެވެ. އަލިފުތުގެ ދަރިކޮޅު އުނގޫފާރުގައި އަދި ދޮންފުތުގެ އުނގުލުގައެވެ. އުނގޫފާރު ބޮޑުނާއިބުގެ އަބޫބަކުރު ތައްޚާނު ކައިވެނި ކުރެއްވީ ކަންދޫ ދޮންހުސައިންގެ ދޮންފުތު (ދޮންއަލީ) ގެ ދޮން ކަތްދަޔާއެވެ. އުނގުލު ބޮޑުނާއިބު އަބްދުއްﷲ އަކީ ކަޅުފުތުގެ ކާފަ ދަރިޔެކެވެ. މި ގޮތުން އުނގޫފާރާއި އުނގުލުގައި (މިހާރު ހުޅުދުއްފާރުގައި) ކަންދޫ ދޮންހުސައިންގެ ދަރިކޮޅު ދެމިގެން ދިޔައެވެ.
ކަނދޮޅުދޫގައި ދެމިގެންގޮސްފައިވަނީ ކަންދޫގެ 4 އާއިލާއެކެވެ.
ޙަސަންފުޅު ޢަލީ ކިޔައިދިނެވެ.
“ކަނދޮޅުދޫގައި މީހުން އާބާދުވާން ފެށީ ބުނެވޭގޮތުގައި އެ ހިސާބުގަނޑުގެ ރަށްރަށުގެ މީހުން އައިސް. ރަށްރަށް ފަޅުވެގެން. ކަންދޫ މީހުންނާއި މާމިގިލީ މީހުން އައި. އެންމެ ފުރަތަމަ ރަށުގަ ވަޒަންވެރިވިކަމަށް އަޅުގަނޑުމެން ބައްދަލުވި އޭރު ރަށުގެ 80 އަހަރުގެ މީހުން ބުނާގޮތުން ވިއްޔާ ކަންދޫ މީހުން. ކަންދޫ 4 އާއިލާއެއް އެބަ އޮވޭ ކަނދޮޅުދޫގަ. ކަންދޫ މުހައްމަދުބެ އާއިލާ، ކަންދޫ ހަސަނު އާއިލާ އަދި ދެ އާއިލާއެއް”
ފޯކުލޯރާއި ރަށްރަށުގެ މަތިކޮޅުގެ މައުލުމާތުން އެނގޭ ގޮތުގައި، ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ކަންދޫ ފަޅުކޮށްފައި ފޭބި މަދު މީސްކޮޅުގެ ބޮޑުބައި ދިޔައީ ކަނދޮޅުދުވަށެވެ.
މާމިގިލި (މިހާރުގެ ކޯރާކޯރާ ރިސޯޓް)
މާޅޮސްމަޑުލު މާމިގިއްޔަކީ ރަށްވެހިކަމުގައި ކުރިއަރައި ދިޔަ، ތަނަވަސް ބަޔަކު ދިރިއުޅުނު ރަށެކެވެ. އާބާދީ ބޮޑު ރަށެކެވެ. ބޭރު ދަތުރުކުރި ބަނޑުއޮޑިފަހަރު ގިނަ، ކަނޑުދަތުރުފަތުރާ ވިޔަފާރީގެ ރަށެކެވެ. މާމިމިގިލން އިހުގެ ވެވުތަކާއި މިސްކިތްމިސްކިތުގެ ތަރާގަނޑުތަކާއި މުސްކުޅި ކަށްބިންތައް ފެނިފައިވެއެވެ. ރާއްޖެ އިސްލާމްވުމުގެ ކުރީގެ އާސާރުތަކެއް ހުރިކަން، ފެނުނުކަން އެނގޭކަށް ނެތެވެ.
މުޙައްމަދު މޫސާކަލޭފާނު ކިޔައިދެއްވިއެވެ.
“ބުނެވޭ ގޮތުގައި ރ. މާމިގިލި އެއީ މީހުން އުޅުނު ރަށެއް. އެރަށުގެ ފާގަތި ޒަމާނުގައި މީހުން ގިނަ ވަރު ބުނެދޭން މުސްކުޅިން ބުނެއުޅޭ ވާހަކައަކީ؛
“މާމިގިލީ ގޮނޑުދޮށުގައި ގަތާފައިގައި ހަތް ރޮތި ގަދަން ތިއްބޭ ދަލޭކަ ކިޔާ ސާޅީސް މީހުން”
އެހައިވެސް އާބާދީ ބޮޑު ރަށެއް. މާމިގިލިން ކަނދޮޅުދޫއަށް މީހުން އައި. ރ. ލުނބޯކަންދޫން މީހުން އައި. އެއީވެސް މިހާރު ފަޅު ރަށެއް. ދުވާފަރަކީވެސް އިހުގައި މީހުން އުޅުނު ރަށެއް”
މާމިގިލީ މިސްކިތު ތަރާގަނޑު
ތަނަވަސް ބަޔަކު ދިރިއުޅުނު، އާބާދީ ބޮޑު މާމިގިލި ފަޅުވިގޮތް ކިޔައިދޭން އެނގޭ ބަޔަކު މިހާރު ނެތެވެ. މާމިގިލި ފަޅުވި ދުވަސްވަރެއްވެސް އެނގޭކަށް ނެތެވެ. މާމިގިލީގެ ފާގަތިކަމާއި އެ ރަށު އާބާދީގެ ބޮޑު ވާހަކަ އަޖާއިބެއް ފަދައިން ފަހުގެ މީހުން ކިޔައި އުޅުނެވެ. މާމިގިލީ މީހުން އެބައިމީހުންގެ ތަނަވަސްކަމާއި ރަށްވެހިކަމުގެ ބޮޑުކަމުން އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނަށް ވުރެ މޮޅުކަމުގައި ދެކެއެވެ. އެއީ އަތޮޅުގެ މޮޅު މީހުންނެވެ.
ޙަސަންފުޅު ޢަލީ ކިޔައިދެއްވިއެވެ
“އިހުގައި ކިޔައި އުޅެނީ މާމިގިލީ މީހުން ކަނދޮޅުދޫ ދަށް ފަރާތުން ދަތުރުކޮށްފައި ނުދާނޭ. މަސް ވަސް ދުވާތީ. ވަރަށް އަބުރުވެރިކޮށް އުޅުނު ބައެއް އެއީ. ފަޅުވެގެން އައި ބޮނޑީގައި އެ މީހުން ކަނދޮޅުދޫއަށް އައީ. ކޮތާފަރާއި ޅާނބުގައްޔާއި ގޮބޮށީ މީހުންވެސް އައި”
މާމިގިލިން ނެގިފައިވާ ބައެއް އާސާރި ތަކެތި
މާމިގިލިފަޅުކޮށްފައި މާމިގިލީ މަދު މީސްކޮޅު ކަނދޮޅުދުވަށް ދިޔައީ ކަމަށް ދޫދޫމަތިން އައިސްފައިވެއެވެއިހުގައި ކިޔައި އުޅޭ ވާހަކައިން އެނގޭ ގޮތުގައި މާމިގިލީގައި މީހުން އުޅުނު ދުވަސްވަރު ކަނދޮޅުދޫގައިވެސް މީހުން އުޅެއެވެ. ލުނބޯކަންދޫގެ އާއިލާތަކާއި މަތިކޮޅުތައް އެނގެން އޮތް އިރު މާމިގިލިން ހިޖުރަކުރި އާއިލާތަކާ މަތިކޮޅު އެނގެން ނެތީ ކީއްވެބާއެވެ؟ މާމިގިލި ފަޅުވިތާ މާ ގިނަ ސައްތަ އަހަރުވެފައިވަނީ ކަމުގައި މާމިގިލިން ކަނދޮޅުދުވަށް ހިޖުރަކުރި ބަޔަކު ހިޖުރަކޮށްފައިވަނީ ކަނދޮޅުދޫ މުދިންކާފަގެ ޒަމާނަށް ވުރެ އިހަށް ކަމުގައިވެސް ވެދާނެއެވެ
ބުނެވޭގޮތުގައި ކަނޑުފޭރޭމީހުންގެ އުނދަގޫ މާމިގިއްޔަށް ފޯރާފައިވެއެވެ. މިއީ ވުން އެކަށީގެންވާ ގޮތެކެވެ. މާމިގިލީގައި ރިސޯޓް ހެދުމަށް ކޮނުމުގެތެރޭ ސީނުތައްޓާއި އެހެނިހެން އާސާރީ ތަކެތި ފެނިފައިވެއެވެ. ބޭރުން ރާއްޖެއަށް ދަތުރުކުރާ ވައި ލިބޭ މޫސުމަށް ރަށްރަށުގެ މީހުން އެބައިމީހުން ގެންގުޅޭ އަގުބޮޑުތަކެތި ވަޅުލައި ފޮރުވާކަމަށް ވެއެވެ. ކަނޑުފޭރޭ މީހުންގެ އުނދަގޫތަކުން ސަލާމަތްވުމަށެވެ. ފަޅުވި ގޮތް ނޭގުނު ނަމަވެސް، މާމިގިއްޔަކީ ދުނިޔޭގެ އިހުގެ ޓްރޭޑް ރޫޓެއްގެ ވަރުގަދަ ރަށެއްކަން ފެނުނު އާސާރީ ތަކެތިން ޔަގީންކޮށްދެއެވެ
ކޮތައިފަރު (މިހާރުގެ އަލީލާ ކޮތައިފަރު ރިސޯޓް)
ކޮތައިފަރަކީވެސް ގިނަ ބަޔަކު ދިރިއުޅުނު، ގަދީމީ ރަށެކެވެ. އިހުގައި އާބާދުކަން ބޮޑު، ތަނަވަސް ރަށެކެވެ. ކޮތައިފަރު މީހުންނަކީ ރަށްވެހިކަމުގައި ކުރި އަރައި ދިޔަ ބައެއްކަން އެ ރަށުގައިވާ ދުވަސްވީ ކަށްބިންތައްކުންނާއި މިސްކިތްމިސްކިތުގެ ތަރާގަނޑުތަކާއި ވެވުތަކާއި އެ ނޫން އާސާރުތަކުން ބުނެދެއެވެ. ކޮތައިފަރު ފަޅުވި ގޮތާ މެދު މުޙައްމަދު އިބްރާހީމް ލުތުފީ ލިޔުއްވާފައިވަނީ؛
“ކޮތައިފަރު ފަޅުވި ކަމަށް ބުނަނީ އެ ރަށުގައި ހިނގަމުން ދިޔަ ބޮޑުފިތުނައެއްގެ ސަބަބުން ގިނަ ބަޔަކު ރަށްދޫކޮށްފައި ދިޔުމުންނެވެ. ޅ. ހުރުވަޅިޔަށް ދިޔަ މީހުންގެ ތެރޭގައިވެސް އެ ފިތުނަވެރިކަން އާލާވެގެން އެއްބަޔަކު ހިންނަވަރަށް އަނެއް ބަޔަކު ނައިފަރަށް ގޮސް އެ ރަށްރަށުގައި ވަޒަންވެރިވީއެވެ. ނައިފަރަކީ އެ ދުވަސްވަރު ކޮތާފަރު މިސްކިތްމައްޗަށް އޮންނަ ފަޅުރަށެކެވެ”
ކޮތައިފަރު ފަޅުކޮށްފައި ފޭބި މީހުން ދިޔަކަން އެނގެން އޮތީ ޅ. ހުރުވަޅިއާއިހދ. ކުރިނބީއާއި ރ. ކަނދޮޅުދުވަށެވެ. ކުރިނބީގައި މިހާރު އޮތީ ކޮތައިފަރު ދަރިކޮޅު ކަމަށް ކުރިނބީ ދުވަސްވީ މީހުން ބުނެއެވެ. ޅ. ހުރުވަޅިޔަށް ދިޔަ ކޮތައިފަރު ދަރިކޮޅު މިހާރު ވަނީ ނައިފަރާއި ހިންނަވަރުގައެވެ. ކަނދޮޅުދޫގެ އިތުރުން ރ. އަތޮޅުގެ އެހެން ރަށްރަށަށްވެސް ކޮތައިފަރުގެ އާއިލާތައް ގޮސްފައިވެދާނެއެވެ. ކަނދޮޅުދޫ މުސްކުޅީންގެ ވާހަކަތަކުން ކޮތައިފަރުގެ އާއިލާތަކެއް ކަނދޮޅުދޫއަށް ހިޖުރަކުރިކަން އެނގެއެވެ. ނަމަވެސް ކަނދޮޅުދޫގެ ކޮތައިފަރު މަތިކޮޅުތައް ކިޔަން ދަންނަ ބަޔަކު ނެތެވެ.
ކޮތައިފަރުގެ އާސާރުތައް
ޙިޖުރައިން 1145 ވަނަ އަހަރާ ހަމައަށްވެސް ކޮތައިފަރުގައި މީހުން ދިރިއުޅުކަން އެނގެން އެބަ އޮތެވެ. ކޮތައިފަރު ފަޅުވެފައި ވަނީ1600މ ގެ ފަހުކޮޅު ނުވަތ 1700 މ ގެ ތެރޭ ކަމަށް ބެލެވެއެވެ. ރ. އަތޮޅުގެ ތާރީޚު އެއްކުރައްވައި ދިރާސާކުރެއްވި މަޑުއްވަރީ ވަހީދުބެ ވިދާޅުވެފައިވަނީ ކޮތައިފަރު ފަޅުވެފައިވަނީ ބޮޑުރަސްގެފާނު ރަސްކަމުގަައި އައި ބަނޑުވޭނެއްގައެވެ. މަޑުއްވަރީ މާލޫދު ހަރުގޭގެ ފޮތިގަނޑަކީ ކޮތައިފަރު ކަނބުލޭގެޔަކު ވިޔެފައިވާ ފޮތިގަނޑެކެވެ.
ކޮތައިފަރު ފަޅުވިކަމަށް ބެލެވޭ ދުވަސްވަރަކީ ކަނދޮޅުދޫ މުދިންކާފަގެ ޒަމާނަށް ވުރެ މާ ކުރިއެވެ. ކޮތައިފަރުން ކަނދޮޅުދޫއަށް ބަޔަކު ހިޖުރަކޮށްފައިވާ ނަމަ އެއީ މުދިންކާފަ ކަނދޮޅުދޫ އާބާދުކުރުމުގެ ކުރިއެވެ.
ލާނބުގަލި
މިއީވެސް އިހުގައި މީހުން އުޅުނު ރަށެކެވެ. “ކަނދޮޅުދޫ ފަސް ފެންނަ ހިސާބު” ރަށެކެވެ. ލާނބުގަލި ފަޅުވި ގޮތް ދަންނަ ބަޔަކު މިހާރަށް ނެތެވެ. ޙަސަން އަޙްމަދު މަނިކު ލިޔުއްވާފައިވާ ގޮތުގައި؛
“ލާނބުގަލި ފަޅުކޮށްފައި ފޭބި މީހުން ގޮސް ވަޒަންވެރިވީ ލުނބޯކަންދޫގަ”
ޅާނބުގަލި ފަޅުކޮށްފައި ފޭބި މީހުން ކަނދޮޅުދޫއަށް އައި ކަމަށް ކަނދޮޅުދޫ މުސްކުޅިން ކިޔައެވެ. މިއީ ލުނބޯކަންދޫގައި ތިބި ޅާނބުގަލީ މީހުން ލުންބޯކަންދޫ ފަޅުކޮށްފައި ކަނދޮޅުދޫއަށް ދިޔަ ވާހަކައަށްވެސް ވެދާނެއެވެ. ނުވަތަ ޅާނބުގަލި ފަޅުވި ދުވަސްވަރު ބައެއް އާއިލާތައް ކަނދޮޅުދޫއަށް ހިޖުރަކުރީކަމުގައިވެސް ވެދާނެއެވެ. ޅާނބުގަލި ފަޅުވި ދުވަސްވަރު ޅާނބުގަލިން ކަނދޮޅުދޫއަށް އާއިލާތަކެއް ގޮސްފައި ވާ ނަމަ އެއީ ކަނދޮޅުދޫ މުދިންކާފާގެ ޒަމާނަށް ވުރެ މާ އިހެވެ. ޅާނބުގައްޔާ ގުޅޭ ވާހަކަތައް މަދުކަމާއި މަތިކޮޅުތައް އެނގެން އަމުދުން ނެތްކަމުން މި ރަށްފަޅުވެފައި ވަނީ ލުނބޯކަންދުވަށް ވުރެ ކުރީގައި ކަމަށް ގަބުލުކުރެވެއެވެ. ކަނދޮޅުދޫއަށް ފުރަތަމަ ދިޔަ ބަޔަކީ ޅާނބުގަލީ މީހުން ބާއެވެ؟
ގޮބޮށި
މިއީ މިހާރު ރ. އަތޮޅުގެ ފަޅުރަށެކެވެ. ޅާނބުގަލި ކައިރީގައިވާ ރަށެކެވެ. “ކަނދޮޅުދޫ ފަސްފެންނަ ހިސާބު”ގައި ހުރި ރަށްތަކޭ ކިޔާ ރަށްތަކުން ރަށެކެވެ. ރ. އަތޮޅުގެ މި ހިސާބުގަނޑުގައިވާ ރަށްތައް އެކި ދުވަސްވަރު ފަޅުވެފައިވެއެވެ. ގޮބޮށި ފަޅުވި ގޮތަކާއި ދުވަސްވަރެއް އެނގޭ ބައެއް މިހާރު ނެތެވެ. ގޮބޮށި މީހުން އެ ރަށް ފަޅުކޮށްފައި ކަނދޮޅުދޫއަށް ދިޔަ ކަމަށް ކަނދޮޅުދޫ މުސްކުޅިން ކިޔައެވެ
ދުވާފަރު
މިއީ މަޝްހޫރު ދުވާފަރު ދަންޑެހެލުގެ ރަށެވެ. އެއް ދުވަސްވަރެއްގައި ރ. އަތޮޅުގެ ރީޖަލް އެއާރ ޕޯރޓް އަޅަން ހަމަޖެހުނު ރަށެވެ. މިއަދު އެއީ ކަނދޮޅުދޫ މީހުން ހިޖުރަކޮށް އަލުން އާބާދުވެފައިވާ ރަށެވެ. ބޮޑުތަކުރުފާނު ޕޯރޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށް ހަނގުރާމަކުރެއްވި ދުވަސްވަރު ދުވާފަރުގައި މީހުން އުޅުނެވެ. ބުރާރަ ކިޔާގޮތަށް ލިޔެފައިވާ ބޮޑުތަކުރުފާނު ވާހަކައިގައިވެއެވެ؛
“މާޅޮސްމަޑުލަށް ވަންނަވާފާ މުޙައްމަދު ތަކުރުފާނުން ބުނުއްވިޔޭ. ކޮއިފުޅާ ހަސާނާވޭ ދުވާފަރުން ފެންލައިގެން ދިޔައްޔާ ދަތުރު ހަލުވިވާނެޔޭ. އެހެން ކިޔުއްވާފާ ދުރުވެ ދުވާފަރަށް ދޫކުރެއްވިޔޭ… ދުވާފަރު ގޮޑުގައި އޮޑި ހައްޔަރުކުރައްވާފާ ރުބައެއް ހިއްޕަވައިގެން ދެބޭން އެއްގަމަށް ފޭބެންނެވިޔޭ.. އެތާ ވާގަޑެއް ކައިރީގާ ކަސްއަޅާ ރިޑިވެފާ އިން ކުއްޖަކާ ލައިގަތޭ”
އެ ކުއްޖަކީ ދުވާފަރު ދަންޑެހެލެވެ. ދުވާފަރަކީ އިހުގައި މީހުން އުޅުނު ރަށެކެވެ. ކަނދޮޅުދޫއާ ދުވާފަރާ ތާރީޚީ ގޮތުން ވަނީ ގުޅިފައެވެ. ކަނދޮޅުދޫ އަބްދުﷲ މުޞްލިޙު ލިޔުއްވާފައިވެއެވެ؛
“ބުނެވޭގޮތުގައި މިހާރު ކަނދޮޅުދޫ މީހުން އަލަށް އާބާދުވެފައިވާ ރ. ދުވާފަރުގައި މިހާރު ވަޒަންވެރިވެފައިވަނީ އަސްލު ދުވާފަރުގެ ރަށްވެހީންނެވެ. ދުވާފަރުގައި އެ ދުވަސްވަރުގައި އުޅުނު މީހުން ދުވާފަރު ދޫކޮށް ދެ ފަހަރު ކަނދޮޅުދޫއަށް ހިޖުރަކުރިކަމަށް ދުވަސްވީ ބައެއް މީހުން ބުނެއެވެ. ސަބަބަކީ ފޭރޭ މީހުންގެ އުނދަގޫތައް ބޮޑުވުމުންނެވެ. ދުވާފަރަށް އަރައި ރަށް ލޫޓުވައި ހަދާތީއެވެ. ކޮންމެއަކަސް މިހާރު ދުވާފަރުގައި ބަޔަކު ދިރިއުޅެން ފަށާފައި އެ ވަނީ ތިންވަނަ ފަހަރަށެވެ”
ދުވާފަރު އާސާރީ ސަރަހައްދު
އިހު ދުވާފަރުގައި މީހުން އުޅުނުކަން އެ ރަށުގައިވާ އާސާރީ ސަރަހައްދުން އެނގެއެވެ. 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު ކަނދޮޅުދޫ މީހުން ރ. ދުވާފަރަށް ބަދަލުކުރުމަށް ރަށުތެރެ ވާކޮށައި ސާފުކުރުމުގެ މަސައްކަތުގެތެރެއިން ދުވާފަރުގެ އިރުމަތީ ފަރާތުން އާސާރީ ސަރަހައްދެއް ފެނުނެވެ. ފެނުނު އާސާރީ ސަރަހައްދުގައި ވަޅަކާއި މިސްކިތެއްގެ ތަރާގަނޑާއި ތަރާގަނޑުގެ އިރުއުތުރުކަނަށްވާގޮތަށް އޮތް ވެވަކާއި ދުވަސްވީ ކަށްބިމާއި ގައުތަކާއި މުށިން ހަދާފައިވާ އިހުގެ ބައެއް ތަކެތީގެ ބައިތައް ފެނުނެވެ. ދުވާފަރު އަލުން އާބާދުކުރުމަށް ރަށް ޕްލޭން ކުރި އިރު މި އާސާރީ ސަރަހައްދު އެ ގޮތުގައި ބާއްވާފައިވެއެވެ. މިއީ މިހާރު ވާވަދެފައިވާ ސަރަހައްދެކެވެ. ފޯކުލޯރުގައި ބޮޑުތަކުރުފާނު ދުވާފަރަށް ފައިބަންނަވައި، އޮޑިޔަށް ފެން ބަރުކުރެއްވީ ތަރާގަނޑު ސަރަހައްގައިވާ ވަޅުންކަމުގައިވެސް ވެދާނެއެވެ. މި ފަދަ ތަންތަނަކީ ރަށެއްގެ ލޯކަލް ޓޫރިޒަމް ކުރިއެރުމަށް ބޭނުންހިފިދާނެ ތަންތަނެވެ
ކަނދޮޅުދުވަށް ހިޖުރަކުރަނީ ކީއްވެ؟
ރ. އަތޮޅުގެ ހުޅަނގުބިތާއި އަތޮޅުތެރޭގައި ހުރި ފަޅުވި ގިނަ ރަށްތަކަކީ ބޭރަށް ވިޔަފާރިކަމު ބަނޑުއޮޑިފަހަރު ދުއްވި ތަނަވަސް ރަށްތަކެވެ. މާމިގިއްޔާއި ކޮތާފަރާއި ފަސްމަންދުވާއި ކުޑަފުއްޓާއި ބޮޑުފުއްޓަކީ އެ ފަދަ ފާހަގަކުރެވޭ ރަށްރަށެވެ. ގަބޫލުކުރެވޭ ގޮތުގައި މި ހިސާބުން ފަޅުވެފައިވާ ގިރާވަރާއި ޅާނބުގައްޔާއި ގޮބޮއްޓާއި ފުރަވެރިއާއި މުރަވަންދޫ ފަދަ ރަށްރަށަކީވެސް ތަނަވަސް ބަޔަކު އުޅުނު ވިޔަފާރީގެ ރަށްރަށެވެ. 1980ގައި ކޮނުމުގެތެރޭގައި ރ. ގިރާވަރުން ގިނަ އަދަދެއްގެ މުށި ތަށި ފެނިފައިވެއެވެ. މިއީ ތަނަވަސްކަމާއި ވިޔަފާރީގެ ގުޅުންތައް ބުނެދޭ ކަމެކެވެ. އަދި ރިސޯޓް ހެދުމުގެ މަސައްކަތުގެ ތެރޭން ގިނަ ރަށްރަށުން އާސަރީ ތަކެތި ފެނިފައިވެއެވެ
ދިރިއުޅޭ ރަށް ފަޅުކޮށް އާ ރަށެއްގައި ވަޒަންވެރިވާ ބަޔަކަށް އަލުން އިގްތިޞާދީ މަސައްކަތެއް ފެށުމަށް އޮތް އެންމެ ފަސޭހަ މަގަކަށް ވާނީ މަސްވެރިކަމަށް އެ ރަށެއް ފަސޭހަވުމެވެ. ކަނދޮޅުދޫއަކީ މަސްވެރިކަމަށް ފަހި ރަށެކެވެ
ޙަސަންފުޅު ޢަލީ ކިޔައިދެއްވިއެވެ.
“ކަނދޮޅުދޫ ކައިރިން ދެ މޫސުމުގައިވެސް މަސްވެރިކަންކުރަން އެހާ ފަސޭހަ. އެންވެރިކަން އެހާ ރަނގަޅު. އެ ޒަމާނުގައި ގޯތި ދޭނީ އޮޑިދޯނިފަހަރު ގެންގުޅޭ މީހަކަށް ވިއްޔާ އަށް ރިޔަނު ގެޔަކާ ފަސް ރިޔަނު ބަދިގެއެއް ބަދިގެ ހުންނާނީ ގެޔާ ދުރުގަ”
އެއީ މަސްވެރި ކަނދޮޅުދޫއެވެ. ރަށްރަށުން މީހުން އާބާދުވެ ބިނާވާންފެށި އާ ރަށްވެހިކަމެވެ.
މުަޙައްމަދު މޫސާކަލޭފާނު ކިޔައިދެއްވިއެވެ.
“އެހެން މަސައްކަތެއް ކުރެވޭ ގޮތެއްވެސް ނެތް ކަނދުޅުދޫގައި ނެތް. އެ ޒަމާނުގައި މި ރަށުގައި ވިއްސަކަށް މަސްދޯނި ހުރޭ. 18 ރިޔަނުގެ ދޯނި ފަހަރު. އެއީ އެންމެ ބޮޑެތި ދޯނި ފަހަރު އެ ޒަމާނުގެ. މަސްވެރިކަން އެ މީހުން ކޮށް އުޅުނީ ދެ ކަނޑަކުން ހުޅަނގު ކަނޑާއި އިރުވައި ކަނޑުން. ހުޅަނގު ކަނޑުގެ މަސްވެރިކަން އެންމެ ރަނގަޅީ”
ރަށްވެހިކަމުގައި ކަނދޮޅުދޫ
ރަށްރަށުން ހިޖުރަކުރި އާބާދީއެއްގެ ތެރެއިން އުފެދިގެން އައި ކަނދޮޅުދޫ މީހުންގެ އެންމެ ހާއްސަ ސިފަތަކަކީ މަސައްކަތްތެރިކަމާއި މެހެމާނުނަށް ކަމޭހިތުމާއި ބަހައްޓާ އޯގާތެރިކަމެވެ. ކަނދޮޅުދޫއަށް އަރާ އެއްވެސް މީހަކީ ބީރައްޓެއްސެއް ނޫނެވެ. ބިން ކުޑަ ރަށުގެ ބޮޑު މުޖުތަމަޢާ އެކުލަވާނެ، ރައްޓެހީންނެވެ.
މުޙައްމަދު މޫސާ ކަލޭފާނު ކިޔައިދެއްވިއެވެ.
“މުރާލި ކަމާ ހީވާގި ކަމާ އެކު އުޅުނު ބައެއް އެއީ ވަރަށް ކުޑަކުޑަ ފަސްކޮޅެއްގައި، ވަރަށް ރީތި އެކުވެރި ދިރިއުޅުމެއް އުޅުނު ބައެއް. އެކަކު އަނެކަކަށް އަޅާލުންތެރިކަން ބޮޑުރަށެއް. ބީރައްޓެހީންނަށް ކަމޭހިތުމުގައި މުޅި ރާއްޖޭން އެއްވަނަ. މި ދިވެހި ރާއްޖޭގަ އާދަމުގެ ދަރިން އުޅޭ ހުރިހަ ރަށަކަށް ދެތިން ފަހަރު ދިޔައިން. އެ ސިފަ އެންމެ ބޮޑަށް އޮތީ ކަނދޮޅުދޫގަ”
އިހުގެ ރަށުތެރެ
ކަނދޮޅުދަކީ ކުޑަރަށެކެވެ. ރަށުގެ އަބާދީ ބޮޑުވަމުން ދިޔަ ވަރަކަށް ތޮއްޖެހުން ދިޔައީ ބޮޑުވަމުންނެވެ. ކުޑަ ރަށެއްގައި ކައިރި ކައިރީ ހަނި ގޯޅިތަކުގެ ދެފަރާތުގައި އުޅެން ޖެހުމުން އާބާދީ ކިތަންމެ އިތުރުވަމުން ދިޔަސް ކަނދޮޅުދޫ ވެގެންދިޔައީ އެންމެން އެންމެނާ ގުޅޭ ބަދަހި މުޖުތަމަޢަކަށެވެ. އެއް އާއިލާއެއް ފަދަ ބަޔަކަށެވެ. މަގުތައް ސާފުކޮށް ބަލަހައްޓައެވެ. ރަށުތެރޭން ފެންނާނީ ގޭގޭ ބޭރުގައި އުނދޯލިފަތީގައި ތިބޭ އެކި ފުރައިގެ މީހުންނެވެ. ސަމާސާ އަދި ހިތްހެޔޮ ޖައްވެއްގައެވެ. މިއަދުގެ ދުވާފަރުންވެސް މިކަން ފެންނާނެއެވެ.
ބޮޑުތަދުގެ ދުވަސްވަރު ސަރުކާރުގެ ފަރާތުން މަލިންމަނިއްޕުޅު މުހައްމައިދީ ރަށްރަށަށް ވަޑައިގެން ހާލަތު ނޯޓުކުރެއްވިއެވެ. އެ ދުވަސްވަރުގެ ކަނދޮޅުދޫގެ ހާލަތު ސިފަކުރައްވައި ލިޔުއްވާފައިވެއެވެ؛
“މި ރަށަކީ ވަރަށް ރަށްކުޑަ، މީސް ގިނަ، މުޅި ރަށް ގެއިން ފުރިފައިވާ ރަށެކެވެ. އެއްވެސް ކަހަލަ ގަހެއް ހައްދާނެ ތަނެއް ނެތެވެ. ވަލެއްވެސް ނެތެވެ. ފާލައްބަ އޮންނަނީ ރައްޔިތުންނަށެވެ. މި ރަށުގެ އިމާރާތްތައް ރަނގަޅަށް ހެދިފައިވެއެވެ. އެކި ކާބޯތަކެތީގެ ގޮތުން އެންމެ ރަގަޅެވެ. ކާޑުގެ ތަކެތި ހަމައަށް ގެނެވެއެވެ. މިހާރަކު މަހެއް ނުބާނައެވެ. މި ރަށުގައި މަސް ނޫން އެހެން އާމްދަނީއެއް ލިބޭނެ ގޮތެއް ނެތެވެ. މަސް ނުބޭނޭން ފަށައިފި ނަމަ ވަރަށް ހާލުބޮޑުވެދާނެއެވެ. ކަން ހިންގުން ވަރަށް ރަގަޅެވެ. ރައްޔިތުން ވިޔަފާރި ވަރަށް ރަގަޅަށް އޮވެއެވެ”
ކަނދޮޅުދޫއަކީ ބޮޑުތަދުގެ ދުވަސްވަރުގައި އެންމެ ދަތިހާލުގައި އޮތް ރަށެއް ނޫނެވެ. މިކަމުގެ ސަބަބުތައް ލިޔުމުގައި އެ ވަނީއެވެ. ރަށުގެ ހިންގުންތެރިކަމާއި ރައްޔިތުންގެ ވިޔަފާރިއެވެ. ކަނދޮޅުދޫއަކީ އެޒަމާނުގައި ވައިފެންހެޔޮ ހެޔޮ ރަށެކެވެ
ފެންމީރުކަމުން އުފާވޭ ފެންބޯލާ ހިތްއެހާވޭ
ފެންމީރު ދުށީމެ ސޯސަންވަޅު މާމަގެފަހަތުން އަބަދު ދާތީ
ދެއަވަށު ބޮޑުގިފިލި ހުރެއޭ ދެއިރަށް ގޮސް ފެންވަރާލަން
ދެރައޭ މިއަދަކު ނެތޭ ފެނނަން ދެރަކަމަކީ ގޮސް ނުދެއްކޭތީ
ފިނިކޮށްލަން ގޮސް ހިޔަލުގައި ތިބެނީ ބޮޑުދުބުރިފަލުގާ
ފިނިފިނި ވައިރޯޅިލިބުނީމާ އެހަދާން ހިތުގާ އަބަދުވާތީ
“ކަނދޮޅުދުވަކީ އެންމެ ކުރިއްސުރެ ވަރަށް ތިރި ތިރިކޮށް އޮންނަ ރަށެއް. ފަޅެއް، ފުއްޓަރެއް ނޯންނާނެ. އެ ޒަމާނުގައި ރާނާފައި ހުންނާނީ މަދުގެއެއް. ގެ ހުންނާނީ އެތެރެގެއާއި މައިގެއަށް ވާގޮތަށް. ބަދިގެ ގެއާ ދުރުގަ. އެނދު އަށީގެ ގޮތުގަ ހުންނަނީ ބޮޑުއަށި، ދިމާ އެނދު، އެތެރެގޭގައި ހުންނާނީ އެންމެ އެނދެއް ރޯނުފުރާފައި. ބޮޑުއަށި ހުންނާނީ ރާނާފާ ވެލިއަޅާފާ ދެން އުވައިން ތަޅުން އަޅާފަ. ބޮޑުއަށީގެ އަނެއް ވައްތަރަކީ ލަކުޑިން ފައިޖަހައި، މަތީ މަޅު އަޅައި ކުނާ އަޅާފަ ހުންނަ އަށި. އަށީގައި ހުންނާނީ ކަންނެޔޮ ހަލަވެލި ކުނޑި އަޅާފަ. މުޅި ރަށުގައިވެސް ފެންވަރަން ހުންނާނީ ދެތިން ވަޅެއް. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވަޅުތައް ހުންނާނީ”
ކަނދޮޅުދޫން މާމިގިލީ ރިސޯޓަށް ގެންދިޔަ ގެއެއް
އިހުގައި ރަށްރަށުގެ މަގުތައް މިހާރު ހަދާފައި ހުންނަ ހަދައި ތަރުތީބުކޮށް ގޯތިދެވިފައި ނުހުރެއެވެ. އަދި ރަށްރަށުގެ މަގުތައް ފޫދުއްވާފައި ނުހުރެއެވެ. މިއީ އެއިރުގެ ބޯދާ ގަބޫލުކުރުންތަކުގެ މައްޗަށް ހުރި ރަށްވެހިކަމުގެ އާދަތަކެވެ. އެކި ދެވިތައް ރަށަށް އަރައި ރަށް ނާމާންވުމުން ދުރުކުރުމަށެވެ. މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ރަށްވެހިކަމުގެ އިންގިލާބުގެ ދުވަސްވަރު ރަށްރަށުގެ މަގުތަކާއި ގޯތިތައް ތަރުތީބުކޮށް ރަށްވެހިކަމުގެ ބަދަލުތަކެއް ގެނެވުނެވެ. ކަނދޮޅުދޫ ފަދަ ބިންފުރިފައިވާ އާބާދީ ބޮޑު، ކުޑަ ރަށަކަށް އެ ބަދަލުތައް ގެނައުން ވެގެންދާނީ ދަތިކަމަށެވެ. ކަނދޮޅުދޫ ފަޅުވުމާއި ހަމައަށްވެސް އޮތީ އިހުގެ ދިވެހި އާބާދުވުމެއްގެ ރަށްވެހި ތަރުތީބުގައެވެ. ހަނި ގޯޅިތަކާއި ބައެއް ގޭގެ ގެއާއި ބަދިގެ މަގުގެ ދެ ފަރާތުގައެވެ.
ރަންބުއްދިނުވާ ވަރެއްހޭ ރަށްމިއޮތީ ފުރި އަރާފާ
ރަށްމެދު ހުސްބިން ޒިޔރަތްމަގު ފަންކުޅެލަންވެސް ނުފެންނާތީ
ދެއަވަށު އަންހެންވެރިންނަށް ބިޔަބޮޑުބިން އަތިރިއަށްދާ
ދިޔަވަރުހިކުނަސް ބިރެއް ނުގަނޭ މާބޮޑު ބިޔަ މޫދު ފެންނާތީ
ކަނދޮޅުދޫގެ އިގްތިޞާދީ މަސައްކަތްތައް
“މުހައްމަދު އަމީން ދައުރުގައި ކޮންމެ ރަށެއްގައި ރަށުގެ އެއް ފަރާތުން އަނެއް ފަރާތަށް ފެން ފެންނަ ގޮތަށް މަގެއް ހަދައި އުމްރާނީ މަސައްކަތްތައް ފަށައިގަތް. އަމީން ދައުރުގައި ކެނޑި ބޮޑުމަގަށް މަގަށް ކިޔަނީ ރަށްބުރިކުރިމަގު. ކުރިން ރަށުމީހުން ކިޔައި އުޅުނީ ރިޔާރަތްމަގު. އެ މީހުންގެ ކިޔުމުގައި ހުންނަ ގޮތެއް. އެއީ ޒިޔާރަތްމަގު. އެތާ ހުންނާނެ ސޭކުބޭ ޒިޔާރަތް”
ކަނދޮޅުދޫގެ އިގްތިޞާދީ މައިގަނޑު އަދި އެންމެ ބޮޑު މަސައްކަތަކީ މަސްވެރިކަމެވެ. މިއީ ކަނދޮޅުދޫ އާބާދުވުމާއިވެސް ގުޅިފައިވާ މަސައްކަތެވެ. މަސްވެރިކަމުގައި ރާއްޖޭގައި އެންމެ ކުރިއަރައި ދިޔަ އެއް ރަށަކީވެސް ކަނދޮޅުދުވެވެ. މަސްވެރިކަމުގެ އިތުރުން ކަސަބުވިޔުމުގެ މަސައްކަތް އޮތްކަން މި ޅެމުންވެސް އެނގެއެވެ. ކަނދޮޅުދުވަށް ހިޖުރަކޮށްފައިވާ އެއްބަޔަކު ނިސްބަތްވާ މާމިގިލީގެ ފޯކުލޯރުގައި މާމިގިލީ އަންހެނުންނަކީވެސް ގެތުމުގެ ބައެކެވެ. ” މާމިގިލީ ގޮނޑުދޮށުގައި ގަތާފައިގައި ހަތް ރޮތި ގަދަން ދަލޭކަ ކިޔާ ސާޅީސް މީހުން” އެ ތިބެނީ އެ މީހުންގެ އިގްތިޞާދީ މަސައްކަތްތެރިކަމުގައެވެ. ކަނދުޅުދޫންވެސް އެ މަސައްކަތްތެރިކަން އޮތީ ފެންނާށެވެ.
ކަނދޮޅުދޫގެ މަސްވެރިކަމުން އުފައްދާ މަހާއި މަހުގެ ބާވަތްތައް މާލެ ފޮނުވައި، މަހުގެ ވިޔަފާރިން ރަށަށް ތިޔާގިކާމާއި ކުރިއެރުން ހޯދިއެވެ.
“ބައެއް ތަނަވަސް މީހުން ހުންނާނެ މަސް ފައްލަވަކޮށްފަ ބޭރަށް ފޮރުވަން. މަސް ފައްލަވަކުރާގޮތަކީ ގޭގޭ ބޮޑުއަށި ދޮށުގަ ފަން އަޅާފައި، އޭގެ ތެރެއަށް ވެލިއަޅާފައި، މަސް އަޅާފައި ބަހައްޓަނީ. މިގޮތަށް މަސް ރައްކާކުރުމުން މަހުގައި ފޮރި ނާޅާނެ. ހުންނާނީ ހަރު ދަގަނޑަށް ވެފަ. މިއީ ރާއްޖޭން ބޭރުކުރުމަށް ވެސް އެންމެ މޮޅު މަސް”
ބޮޑުކާށިފަލަށް ދިޔާމޭ އެލުވާފައި ހުރި އުދޯއްޔަށް
ބޮޑުކާށިފަލަށް ދިޔާމޭ އެލުވާފައި ހުރި އުދޯއްޔަށް
ބޮޑުދައިތަ އެތާ ގަތާފައިގާ ހަތްރޮދި އަވަހަށް ގަތާލާތީ
އެއްކަޑިއޮޑި ދުށީމޭ ޅަސޮރުބެ އޮޑިއަށް އެރީމޭ
އެންމެން ތިބެނީ ނިކަން އުފަލުން ފަން ރިޔަލުން ދުވެލި ފެންނާތީ
މަސްވެރިކަމުގެ އިތުރުން ކަނދޮޅުދޫ މީހުންނަކީ ކުފުރާ ތެޅި ބައެކެވެ. ކުފުރާތެޅުމުގެ މަސައްކަތް ބޮޑަށް ހިނގައިގަތި 1960ގެ އަހަރުތަކުގައެވެ. ކުފުރާތެޅުމަކީ ކާށި ބިނދެ، ނާށިން ކާށިން ކާށި ވަކިކޮށް އެ ހިއްކުމެވެ. ކުފުރާތެޅުމަކީ ދިވެހީންގެ ޒަމާންވީ އިގްތިޞާދީ މަސައްކަތެކެވެ. ކުފުރާއަކީ ދިވެހި ރާއްޖޭން ބޭރުކުރާ ބާވަތެކެވެ.
“ކުފުރާތަޅާގޮތަކީ ކާށި ބިނދެފައި އަވީގަ ބަހައްޓާފާ ނާށިން ނައްޓާވަރުވީމަ ކިބަކިބައަށް ގޯންޏަށް އަޅަނީ. އަވީލާން ކާށި ގެންނަނީ އަތޮޅުގެ އެކި ރަށްރަށުން. ކުފުރާ ރާއްޖޭން ބޭރުކޮށްގެން އާމްދަނީ ހޯދާ”
ކަނދޮޅުދުވަކީ މާވަޑިންގެ ރަށެއްގެ ނޫނެވެ. ކަނދޮޅުދޫގެ އޮޑިފަހަރާ ބޭރުދަތުރުކުރާ އޮޑިފަހަރު ބަންނަނީ އަތޮޅުގެ ރަށްރަށުގެ ވަޑިންނެވެ.
“ފަހަށްވެސް ކަނދޮޅުދޫގައި ބޮޑުއޮޑިއެއް އޮތް، ބޮޑުއޮޑި ކިޔާ. ކަނދޮޅުދޫ ރައްޔިތުންގެ މި އޮޑި ބުންބާއަށް ދިޔަ. އޭރު ބޭރުން ރަށަށް އީޓު ގެނޭ. ރައްޔިތުން ބޮޑުއޮޑި ބަނީ 49 ހާސް ރުފިޔާއަށް”
މިކަމުންވެސް ކަނދޮޅުދޫގެ އެ ދުވަސްވަރުގެ ތަނަވަސްކަމާއި އަމިއްލަ ބިނާކޮށްފައިވާ ބޮޑު އިގްތިޞާދު ބުނެދެއެވެ. މި ތަނަވަސްކަމުގެ އަސްލަކީ ކަނދޮޅުދޫ މީހުންގެ މަސައްކަތްތެރިކަމާއި ހީވާގިކަމެވެ
ކަނދޮޅުދޫގެ އާސާރީ ބިނާތައް
ކަނދޮޅުދޫ މަގާންފުޅު
ކަނދޮޅުދޫއަކީ ފަހުގެ އާބާދުވުމެއްކަމުން އެ ރަށުގައި ރ. އަތޮޅުގެ އެންމެ ގަދީމީ ބައެއް ރަށްތަކުގައި މިހާރުވެސް ފެންނަ ހުރި ރެދިންގެ އުސްގަނޑުތައް ފަދަ ރާއްޖެ އިސްލާމްވުމުގެ ކުރީގެ އާސާރުތަކެއް ނެތެވެ. އަދި އޭގެ ފަހުގެ ޒަމާނަށް ދާ އާސާރީ ބިނާތަކެއްވެސް ނެތެވެ. އެ ފަދަ ތަންތަން ހުރިކަން ދަންނަ ބަޔަކުވެސް ނެތެވެ. ހުރީ މެދުތެރޭ ޒަމާނަށް ވުރެ ފަހުގެ އާސާރީ ތަންތަނެވެ. މިއީވެސް ކަނދޮޅުދޫއަކީ ގަދީމީ މާޅޮސްމަޑުލުގެ ފަހުގެ ރަށްވެހިކަމެއްކަން ބުނެދޭ ސިފަތަކެވެ. ކަނދޮޅުދޫގެ އެންމެ މުހިންމު އާސާރުތަކަކީ ކުރީގެ މިސްކިތާއި މަގާމުފުޅަކާއި ޒިޔާރަތެކެވެ.
ހެޔޮއިރުވަރުގައި ކަނދޮޅުދޫގައި ބެހެއްޓި އިހު މިސްކިތުގެ ތަރާގަނޑުގެ މައްޗަށް އެކި ދުވަސްވަރު އަލުން ދެ މިސްކިތް ބިނާކުރެވުނެވެ. 2001 ވަނަ އަހަރުގެ ތެރޭގައި އިހު މިސްކިތް ހުރިތަނުގައި ފަހުން ދެ ވަނައަށް އެޅި މިސްކިތް ތަޅާލުމުގެ މަސައްކަތްކުރެވުނެވެ. މިސްކިތް ތަޅާލައި ބިން ސާފުކުރި ދުވަހު ރަށުގެ ކަމުވޮށިގެންވާ މީހުންނާއި އެ ތަނުގައި އުޅުނު އެހެން މީހުންނާއި ދެމެދު ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުމެއް އުފެދިގެން ދިޔައެވެ. ސާފުކުރަމުން ދަނިކޮށް (ތަޅާލި މިސްކިތުގެ ދަށުން) ކުރީގެ ހިރިގަލު މިސްކިތެއްގެ ތަރާގަނޑު ފެނުނެވެ. އެއް ބަޔަކު ބުނަމުން އައީ އެ ތަރާގަނޑު ނަގައިފި ނަމަ ރަށް ފަޅުވެދާނެކަމުގައެވެ. މިއީ ކުރިއްސުރެ ކަނދޮޅުދޫގައި އޮތް ގަބޫލުކުރުމެކެވެ.
އަތިރިމަގާންފުޅު ހަނދާންވޭ ފަތިހުގޮސް ކުނިކަހާތީ
މަކުނުދޫ ސޭކުބޭ ޒިޔާރަތުގާ ދުންދަނޑި އަބަދަށް ޖަހަންދާތީ
ޙާޖީއެދުރުކަލޭފާނުގެ މަގާންފުޅު
މި އަތިރީ މަގާންފުޅަކީ ބުނެވޭ ގޮތުގައި ޙާޖީ އެދުރުކަލޭފާނުންގެ މަގާމުފުޅެވެ. ޙާޖީ އެދުރުކަލޭފާނަކީ ޙިޖުރައިން ބާރަވަނަ ގަރުނުގައި މާލޭގައި އުޅުއްވި ދަންނަބޭކަލެކެވެ. އައްޝައިހުލް ޙާއްޖު އަޙްމަދު ބުނު މުޙައްމަދުލް މަޙްލީއެވެ. އެއީ މީގެ 250 އެތައް އަހަރެއް ކުރީގައި އުޅުއްވި ވަރަޢުވެރި ބޭކަލެކެވެ. ރަށްރަށުގައި އާންމުކޮށް ހުރި މަގާމުފުޅުތައް ނިސްބަތްވަނީ ހާޖީބަންޑާރައިންނަށެވެ. ކަނދޮޅުދޫގައި ޙާޖީ އެދުރުކަލޭފާނަށް ނިސްބަތްކުރާ މަގާމުފުޅެއް ހުރި ސަބަބު ނޭނގެއެވެ. މަގާމުފުޅުތަކަކީ ވަލީވެރި ނުވަތަ އެ ފަދަ މާތްކަމަށް އެއިރުގެ މީހުން ގަބޫލުކުރާ މި ފަދަ ބޭކަލުން ވަޑައިގަތް ތަނެއް ނުވަތަ އެ ބޭކަލެއްގެ ކޮންމެވެސް ހަނދާނަކާއި ގުޅިފައި ހުންނަ އިހުތިރާމްކުރެވޭ ތަންތަނެވެ.
މުޙައްމަދު މޫސާކަލޭފާނު ކިޔައިދެއްވިއެވެ.
” އެ ދުވަސްވަރު ކަނދޮޅުދޫގައި ހުންނާނީ ޙާޖީ އެދެރުކަލޭފާނުގެ ނަމުގަ މަގާމެއް އަދި މަނަދޫ ސޭކު ކަލޭފާނުޒިޔާރަތް”
ހަސަންފުޅު އަލީ ކިޔައިދެއްވިއެވެ.
“ޙާޖީ އެދުރުކަލޭފާނު މަގާމަކީ ވަރަށް ރީތިކޮށް ރާނާފައި، ހަތަރު ފުރާޅަށް އީޓު ޖަހާފައި، ދޮރުފަތް ލާފަ، ދޮރުފަތުގައި ގުޅިރުފިޔާ ހަރުކޮށް، ވަށައިގެން ހުދު ދިދަ ޖަހައި، ހަތަރު ކަނުގަ ބޮޑެތި ކަފި ދިދަ ނަގާފައި ހުރި ތަނެއް. ނަދުރު ބުނެގެން އަތޮޅުތެރެއިން ވެސް މީހުން އަންނާނެ. ނަދުރު ބުނަނީ ދޮންކޭލާ އަޅާ ކުދިން ކިރަން، ކުނި ކަހަން، ކިނޮޅަހު ފާތުންދައިތަ އާންމުކޮށް އަންނާނެ ކުނި ކަހަން. މަގާމުފުޅަށް ހުންނާނެ މީހުން ނަދުރު ބުނެގެން ގެންނަ ކާށިޮ އަޅާފަ. ރުށް ފެޅީމާ ރަށުގައި އިންދަނީ. މަގާމުފުޅުގައި ދޮންކޭލާ އަޅާ ކުދިން ކިރަން ސޭލާއެއް ހުންނާނެ. މަގާމުފުޅު މަތީ އިންނާނެ ރަން ކުރިބޯއްޓެއް
އެ ދުވަސްވަރު ހުންނާނީ ރައްޔިތުންގެ ބައްތެލިފަހަރު. ބައްތެލިފަހަރު މާލެ ދާން ވީމާ ނެވި މީހާ އާ އެކު ދެތިން މީހުން ވަންނާނެ މަގާމުފުޅަށް ޞަލަވާތްފުޅު ކިޔަވަން. އެއަށް ފަހު ބައްތެލީގެ ނެވިފޮށި މަގާމުފުޅަށް ވައްދާނެ. ދެން އެ ނެވިފޮށި ހިފައިގެން ބައްތެއްޔަށް ފުރަން އަރާނީ”
ޙާޖީ އެދުރުކަލޭފާނުގެ މަގާމުފުޅަކީ ކަނދޮޅުދޫ މީހުން ވަރަށް ކަމޭހިތި ތަނެކެވެ. މިއީ ކަނދޮޅުދޫ މީހުންގެ ނަދުރުތަކާއި މާތްކޮށް ހިތުމާ އެންމެ ބޮޑަށް ގުޅިފައިވާ ތަނެވެ. އަދި ކަނދޮޅުދޫގެ ކެއުންތަކާއި ގުޅިފައިވާ އެންމެ މުހިންމު އެއްތަންވެސްމެއެވެ.
“މަގާމުފުޅުގެ ފާތިޙާފުޅު ދުވަހަކީ ރަބީޢުލް އައްވަލު މަހުގެ ހަތްވަނަ ދުވަހުން އައްވަނަ ރެޔަށް. މަގާމުފުޅުގައި ހުދު އުވަލާފައި، ދިދަތައް އާކުރާނެ. ދެން އޮންނާނީ ފާތިޙާފުޅަށް ކެއްކުން. ކުކުޅާ ރިހަޔާ ބަތާ، ސާގު ބޮނޑިބަތާ ތެލަބަޑިޔާ ތަރަފަނަ، ހަލުވިދާއާ މަސްގުޅަ، ހުނިހަކުރުފަތޮޅި މިހެން ގޮސް ނަން ހުސްކޮށް ހުންނާނެ. އަތޮޅުތެރޭން މީހުން އަންނާނެ މި ދުވަހަށް. ހައިހޫނުކޮށް ތިބޭ އެކި ރަށްރަށުގެ މީހުން”
ފާގަހަކުރެވޭ މި ފަދަ ދުވަސްތަކުގެތެރެއިން ކަނދޮޅުދޫ މީހުންގެ ރިވެތި އެތައް އާދައެއްވެސް ފެނެއެވެ. އަދި މެހެމާނުންނަށް ކަމޭހިތާ ހިތުމާއި، ކަނދޮޅުދޫ މީހުންގެ ހިތްހެޔޮކަން ބުނެދެއެވެ
ފަންފަތުރާފަ މަގާމުފުޅު ދޮށުގައި، ވަށައިގެން ކާން އަތުރާނީ. ކޭންތައް ގެނެސް ބައި ބަހައްޓާފަ ހުންނާނީ. މިހެން ތިބޭ އިރު މިތާ ވައްފުށި ހިސާބުން ދޯންޏެއްގެ ރިޔާ ފެނުނަސް އެންމެން ކޭން ނުފަށައި މަޑުކުރާނެ. އެމީހުން ވެސް އައީމައޭ ކާނީ ކިޔައި މަޑުކޮށްގެން ތިބޭނެ. ހަތް ދުވަހުން ފެށިގެން އަށްވަނަ ރެޔަށް މިކަން އޮންނާނީ”
މިއީ އިހު މީހުންގެ އާދައިގައި ހުންނަ ރިވެތި ސިފަތަކެވެ. ބަނޑުހައި ހޫނުކަމުގައި ކައިރި ރަށްރަށުން އަންނަ މީހާ އަންނަންދެން ކޭން އަތުރާފައި ހުއްޓަސް ނުކައި މަޑުކުރަނީއެވެ.
މަނަދޫ ސޭކު ކަލޭފާނު ޒިޔާރަތް
މަނަދޫ ސޭކުކަލޭފާނަކީ އިހުގައި މަޝްހޫރު މީހެކެވެ. އެހައިރު މީހުން ގަބޫލުކުރާ ގޮތުގައި ވަލީވެރި ފާޑު ބޭކަލެއްމެއެވެ. މި ސޭކުކަލޭފާނުންގެ އެކި ވާހަކަތައް ދޫދޫމަތިން އައިސްފައިވެއެވެ. މަނަދޫ ސޭކުކަލޭފާނާ ގުޅުވައި ކިޔައި އުޅުނު ވާހަކަތަކުގެތެރިންވެއެވެ؛
ކުޅުދުއްފުށީ އޮޑިއެއް މާލެ އަންނަނިކޮށް މޫސުން ގޯސްވެ މަނަދޫގައި ބަނދަރުޖަހައިފިއެވެ. މީހުން ފައިބާ ބޯފެންލައިހެދިއިރު މޫސުން އަލިވެއްޖެއެވެ. މިބައިމީހުން މަނަދޫން ފުރަން އުޅެނިކޮށް ސޭކުބޭ ވަޑައިގެން މާލެ ގެންގޮސްދިނުމަށް އެދިވަޑައިގަތެވެ. އޮޑީ މީހުން ބަހަނާއެއް ދެއްކުމަށް ފަހު އެއްބަހެއް ނުވިއެވެ. ކުޅުދުއްފުށީ އޮޑީ މީހުން މަނަދޫން ފުރަން ލޮތާރި (ނަގިލި) ނަގަން އުޅެއެޅެ ނުނެގުނެވެ. ރީޗަށް ފެންނަން އޮވެ ނަގިލި ހިލޭގޮތް ނުވުމުން މިބައިމީހުން ބިރުގަނެ އެއްގަމަށް ފައިބައިފިއެވެ. އެ ގޮތަށް ދިމާވީ އެ އޮޑިން ސޭކުބޭ ގެންދަން އެއްބަސް ނުވުމުންކަމުގައި ރަށު މީހުން ބުނެފިއެވެ.
ދެން މިބައިމީހުން ސޭކުބޭ ކައިރިއަށް ގޮސް އޮޑިން މާލެ ގެންދާން އެއްބަސްވެ ހިތްހަލާލު ހޯދައިފިއެވެ. ނަމަވެސް އެ އޮޑިން މާލެދާން ސޭކުބޭ އެއްބަހެއް ނުވިއެވެ. ނިޔާމަ ދަތުރަކަށް ފަހު ކުޅުދުއްފުށީ އޮޑި މާލެ ގޮސްފިއެވެ. މިބައިމީހުން މާލެ ލެފިއިރު ސޭކުބޭ ހުންނެވީ މާލޭ އަތިރިމަތީގައެވެ. ސޭކުބޭ މާލުވަޑައިގަތީ ކަޅުހިލަ ދައެއްގައި ކަމަށް ބުނެވެއެވެ.މިއީ ބޯދާގަބޫލުކުރުންތަކުގެ ތެރެއިން މި ފަދަ ބޭކަލުންނާ މެދު ދިވެހީންގެތެރޭގައި ދައްކައިފައި ހުންނަ ބާވަތަކު ވާހަކައެވެ. މަނަދޫ ސޭކެބޭފަދަ އެތައް ބަޔަކު އެ ޒަމާނުގައި އުޅުނެވެ. ސޭކުބޭގެ ދާންމަތިކޮޅު ނުވަތަ މަގާންކޮޅުކަމަށް ބުނެވޭ ތަނެއް މަނަދޫ ގެއެއްގައި ހުއްޓެވެ. މަނަދޫ މަގާންފުޅު ވަށައިގެން ހުރީ ހުދު ދިދަ ޖަހާފައެވެ. އަބަދުވެސް މިތާ ދާންމަތިކޮޅުގައި ޚަތިމެއް ބާއްވާފައި އޮވެއެވެ. މަނަދޫގެ ވާހަކަތަކުން ބުނެވޭގޮތުގައި މި ސޭކުބޭ ފަސްދާނުލެވިފައިވަނީ މާލޭ ހުކުރު މިސްކިތް ދޮށުގައެވެ.
މަނަދޫ ސޭކުބޭ ފާތިޙާފުޅު ދުވަހަކީ ރަބީޢުލް އައްވަލު ތޭރަ. އެ ދުވަހު އޮންނާނީ ތެލުލި ރިހާކުރާ ބަތާ ކެއުން. މިއީ އެ ސޭކުބޭ ފާތިޙާގެ ކެއުން. ސޭކުބޭ ޒިޔާރަތް ކައިރީ ހަވީރުކޮޅު ފަން ފަތުރައިގެން ރިހާކުރާ ބަތާ ކާނީ. އެ ދުވަހަކީ ކަނދޮޅުދޫ ބޮޑު މާލޫދަށް އިއުލާން ކުރާ ދުވަސް
ކަނދޮޅުދޫއަށް މަނަދޫ ސޭކުބޭ ވަޑައިގެންނެވީ ކޮން ދުވަސްވަރަކު، ކޮން ބޭނުމަކު ކަން އެނގޭކަށް ނެތެވެ. ކަނދޮޅުދޫ މުސްކުޅީންގެ ވާހަކަތަކުން ކަނދޮޅުދޫ ޒިޔާރަތުގައި އޮންނެވި ބޭކަލަކީ މަނަދޫ ސޭކުކަލޭފާނެވެ. މަނަދޫ ސޭކުބެއެވެ.
ކަނދޮޅުދޫގެ އާދަކާދައިން ކުޅިވަރާއި ބޮޑުއީދު އަދި ބޮޑުމާލޫދު
ކަނދޮޅުދޫގެ އީދެއް، ކޯޑިކެނޑުން
ކަނދޮޅުދުވަކީ އެއްބައިވަންތަކަމުގެ ނާމޫނާ ރަށެކެވެ. ކަނދޮޅުދޫގެ ވަރުގަދަ ބަދަހިކަން އެންމެ ބޮޑަށް ފެންނަން އޮތީ އިހުގައި އުޅުނު ފާހަގަކުރާ އީދުތަކާއި ސަގާފީ ކުޅިވަރުތަކުންނާއި ބޮޑުމާލޫދުންނެވެ. ކަނދޮޅުދޫއަކީ ވަރަށް ފޯރިގަދަކޮށް އީދުކުޅެމުން އައި ރަށެކެވެ. އެއްވަސްވަރެއްގައި ގަދައަށް ތާރަޖަހައި ވަޖިދުވުނު ރަށެކެވެ. މިއީ ކަނދޮޅުދޫ ދުވަސްވީ މީހުންގެ އުހައުވެރި ހަނދާންތަކެކެވެ.
“ވަރަށް ގަދައަށް ތާރައިގެ ކުޅިވަރު ކުޅުނު ރަށެއް މީ. ކަތީބު އައްޔަބެ ދުވަސްވަރު ދެ އަވަށުން ވާދައަށް ތާރަޖަހަން ފެށީ. އުތުރުކޮޅު މުރީދަކަށް ގެނައީ ވ.ތިނަދޫ މީހެއް ގެނެސް ދަސްކޮށްގެން ތާރަޖެހީ. ދެކުނު ކޮޅުން ގެނައި މުރީދު މީހާ މާބޮޑަށް މޮޅުކަމަށް ވަނީ. ދެކުނު ކޮޅުގަ ޖެހި ތާރަ މާ ފޯރިހިފި. އެ ދުވަސްވަރު ތާރަޖަހަނީ ކާޑުގެއިން ދެ އަވަށަށް ތަކެތި ދީގެން. ތާރަޖަހަންވީމަ ދިދަ ނަގާނެ. އަރަބި ލަވަ ކިޔާނީ”
“އޭރު ބޮޑެތިވިހާ ބަޔަކު ބައިވެރިވެގެން ވަރަށް ފޯރިއޭ ބުނީމަ ފޯރީގަ ގިނަ ބަޔަކު ބައިވެރިވެގެން ކުރިކަމެއް ތާރަޖެހުމަކީ”
ތާރަޖެހުމަކީ ވަކި ދުވަސްވަރެއްގައި ކުރާ ކަމެއް ނޫނެވެ. ކަނދުޅުދޫގެ ބޮޑުއީދުގެ އެންމެ ބޮޑު ކުޅިވަރަކީ ކޯޑިއެވެ.
“ކޯޑީގެ ކުޅިވަރަކީ ދެ އަވަށު ވާދައަށް ބޮޑުއީދުގައި މާ ގަދަޔަށް ހިނގި ކަމެއް. އަވަށު ވާދަ އެހާ ބޮޑުވާނެ. ކޯޑިކެނޑުމުގެތެރޭ ވެރީންނާ ދިމާކޮށް ލަވަހަދައިވެސް ކިޔާނެ. ވާދަވެރިކަމާއި އިޖްތިމާއީ އެކުވެރިކަމުގައި ވަރަށް ފޯރީގައި ރަށުގެ އެންމެން ކުރިކަމެއް ކޯޑީގެ ކުޅިވަރަކީ. ނުހެދޭނޭ ބުނި ކޯޑި، އެހުރީ ހަދާ ދުއްފާއި، މި ފަދަ ލަވަތައް ކިޔަމުން ކުދި ބޮޑު އެންމެން ބައިވެރިވެގެން ފާޅުކުރި އީދުގެ ބޮޑު އުފަލެއް އެއީ”
ބޮޑުމާލޫދު ކިޔުމަކީ އަތޮޅާއި އަތޮޅުން ބޭރު ރަށްތަކުގެ މީހުންގެ މެދުގައިވެސް ގާތްކަން އުފައްދައި، އެއްބައިވަންތަކުރުވާ ކަމެކެވެ. ބޮޑުމާލޫދުގެ ދުވަހަކީ ކޭންތަކާއި އުހައުވެރިކަމުގެ އެންމެ ބޮޑު މޫސުމެވެ. ރައްޔިތުން އެ ދުވަހަކަށް ދުރާލައި އެންމެ ބޮޑަށް ތައްޔާރުވާ ދުވަސްވެސްމެއެވެ. ކަނދޮޅުދޫގެ ބޮޑުމާލޫދަކީ މުޅި އަތޮޅުގައި ނަން ހުރި މާލޫދެކެވެ. އެބައިމީހުންގެ ކޭންތަކުގެ ރަހަތައް ގިނަކަމާއި، ފުރިހަމަކާއި ދުވަހަށްވާ ތައްޔާރީގެ ބޮޑުކަމެވެ.
“މަނަދޫ ސޭކު ކަލޭފާނުގެ ފާތިހާ ކޭމުގެ ހަފުލާތެރޭން ކަނދޮޅުދޫގައި އެ އަހަރަކު ބޮޑުމާލޫދު ކިޔާ ދުވަސް އިއުލާންކުރާނެ. މި ދުވަހެއް ކުރީބައިގައި ކާޑުގޭން އޮންނާނީ ނިންމާފައި. ކޭމުގެތެރޭން ކާޑުގެއިން ހަރު މީހަކު ތެދުވެފާ ގޮވާލާނެ މި އަހަރުގެ ބޮޑު މާލޫދު ކިޔާ ދުވަހަކީ މިވެނި މަހެއްގެ މިވެނި ދުވަހެކޭ. ދެން ރަށުގެ އެންމެން ބޮޑުމާލޫދުގެ ތައްޔާރީތަކަށް ފަށައިގަންނަވީ. އާންމު ގޮތެއްގައި އަހަރުމެންނަށް ގިނައިން ފެނުނީ ކާޑުގެ ހިންގާ ބޮޑު ބާރައިންގެ ހުސެން ތައްޚާނު ކިޔާ މީހެއް ތެދުވެފައި ބޮޑުމާލޫދު ކިޔާނެ ދުވަސް އިއުލާންކުރާތަން”
ކަނދޮޅުދޫ ބޮޑުބާރައިން އަދި ކާޑުގޭން ރަށްހިންގުން
ރަށްރަށުގެ ހިންގުމުގެ ކައްތައްތައް އެކި ރަށްރަށުގައި އެކި ދުވަސްވަރު ހުރީ އެކި ގޮތަށެވެ. ރާއްޖޭގެ ރަށްރަށުގެ އިހުގެ ހިންގުމަކީ އެއްކޮށް ލިޔުމަށް މުހިންމު އިދާރީ ތާރީޚެކެވެ. ބޮޑުތަދުގެ ދުވަސްވަރު ރަށްރަށުގައި ކާޑުގެތައް ހެދިއެވެ. ބައެއް ރަށްރަށުގައި ވެރިކަން ކުރުމަކީ ކާޑުގެ ހިންގުމެވެ. ރަށު އޮފީހަކީވެސް އެ ކާޑުގެއެވެ. ކާޑުގޭން ކުރާ މަސައްކަތަކީ ރަށުގެ ކާޑުގެ ކަންކަން ބެހެލެއްޓުމާއި ރަށުގައި ހައްދާ ތަކެއްޗާއި އުފައްދާ ކާބޯތަކެތީގެ އަދި ވިޔަފާރީގެ އެ ނޫން ބާވަތްތަކުގެ ހިސާބު ބެލެހެއްޓުމާއި ރައްޔިތުންގެ ބައްތެލީގައި އެ ތަކެތި ވިއްކުމަށް މާލެ ނުވަތަ ބޭރަށް ފޮނުވުމާއި ޖުމްލަގޮތެއްގައި ރަށް ހިންގުމެވެ.
ވަށްވަޅުހުރިތަން އެނގޭހޭ ޑަބިޔާގެ އެތާގަ ޖެހިގެން
ދޮންއަޅޮލާ ކައިރި ކާޑުގެއާ މަސްއޮޑިގެ އަބަދު ހަނދާން ވާތީ
“ކާޑުގެ ހިންގުމަކީ އޭރު ރަށް ހިންގުން. ކާޑުގެ ހިންގަން ރަށުގެ ވެރިންނާ އެކު އުޅުނު ބޮޑު ބާރައިންގެ މީހުން. ވެރިންނަކީ ބޮޑުކަތިބާ ކުޑަކަތީބާ މުދިމާ.
މި ބޮޑުބާރައިންގެ މީހުންނަކީ ރަށުގެ ކަމުވޮށިގެންވާ މީހުންގެ ތެރެއިން ހޮވާލެވޭ 12 މީހުން. އަހަރުމެން އިރު ބޮޑުބާރައިންގެ ތެރޭ އުޅުނު ހުސެން ތައްޚާނު، ދޮންމޫސަ ތައްޚާނު، އަލިތައްޚާނު. ބޮޑުބާރައިންނޭ ދޭ މުސާރައެއް ނޯވޭ. ކާޑުގެއިން ބަރާބަރަށް ކެއުން ދޭނެ. ކާޑުގޭ ކައިރީ ބަދިގެ އަޅާފަ ހުންނާނީ. ބަރާބަރަށް ކައްކާނެ. ކަނދޮޅުދުވަކީ ތަނަވަސް ރަށެއް. ކާޑުގޭ ބަދިގެ ހަދައި ކެއްކުމުގެ ކަންތައް ފަށައިގަތީ ކަތީބު އައްޔަބޭގެ ދުވަސްވަރު
މިއީ އެ ދުވަސްވަރުގެ ކަނދޮޅުދޫގެ ހިންގުން އޮތްގޮތް ބުނެދޭ ވަރަށް ފުރިހަމަ ތަސްވީރެކެވެ. ރަށުގެ ވެރީންނާއި ބޮޑުބާރައިންގެ އިތުރުން ދެން ތިބޭނީ ހަރުކުލައިގެ މީހުންނެވެ. ހަރުކުލައިގެ މީހުން ދެން އާންމު ރައްޔިތުންނެވެ.
“ހަރުކުލައިގެ މީހުން ތެރޭ ކޭބެކާފަ، އުތުރުކޮޅު ދޮންދައިތަ، ކަތީބުގޯތި ހައްވާފުޅު، މާމަ ދޮންދައިތަ އާ އަބްދުﷲހިބެ އެދުވަސްވަރު އުޅުން”
ހިންގުމުގެ ދާއިރާއިން ކަނދޮޅުދޫގެ ފެށުމަކީ މުދިންކާފައެވެ. ސަރުކާރުން ކަނދޮޅުދޫއަށް ލެއްވި ފުރަތަމަ ކަތީބަކީ މުދިންކާފަގެ އިސްމާއީލް ކަލޭފާނެވެ. ރަށްރަށުގެ ހިންގުމާއި ވެރިންނާ ގުޅިފައި ހުރި ވާހަކަތަކަކީވެސް އެ ދުވަސްވަރުގެ އާދަކާދައިގެ މުހިންމު ބައެކެވެ
އިސްމާލު ކަލޭފާނު އަތުން ވެރިކަން ނެގި ގޮތީ، އޭރުގައި ހުކުރު ދުވަހެއްގާ ވިއްޔާ ރަށުގެ ހަތަރު ތޮށިން ވެރިޔަކު ބޭރުވުމަކީ މަނާކަމެއް. މިތާ ކަނދުޅުދޫ ކައިރި ގޮނޑުގިރީގަ ހުރީ ފެމުނު މިޔަރު އަރާފަ. ހުކުރު ދުވަހެއްގަ ފެނުނީ މިޔަރު އަރާފަ ހުއްޓާ. ފެމުނު މިޔަރު އަތުލަން އިސްމާލުކަލޭފާނުގޭ މީހުން އެންމަސް ބަނދެފި. ފެނުމު ހިފަން ފިލިޖަހައިފި. ދެން ކަލޭފާނު ގޭ މީހުންނާ އެކީ މިޔަރު ނަގަން ދިޔައީ. މި މައްސަލަގައި ކަރަހަކުރުބެ ކިޔާ މީހަކު ދައުވާކޮށްގެން އިސްމާލުކަލޭފާނު މާލެ ގެންގޮސް ވެރިކަން ނެގީ. ދެން ވެރިކަން ލިބުނީ ޢަލީ ހުސައިން، ކަތީބު އައްޔަބެއަށް. ކަތީބު އައްޔަބެގެ މުދިން އީސާފުޅަށް ކުޑަކަތީބުކަން ލިބުނު. އޭގެފަހުން ވެރިކަން ބަދަލުވަމުން މިހިސާބަށް މި އައީ”
އެއީ އިހުގެ ކަނދޮޅުދުވެވެ. އެ ރަށުގެ މީހުން އާ ރަށަކަށް ހިޖުރަކޮށް އާ ޖީލަކާއި ޒަމާނީ ރަށްވެހިކަމެއް ބިނާކުރަމުންދަނީއެވެ. އަލަށް ބޮޑުވާ ކުދީންނާއި މިއަދުގެ ކުދީންނަށް އެ ކުދީންނަކީ ކޮން ބައެއްކަމާއި އެ ބައިމީހުންގެ އިހުގެ އާދަކާދައާއި ތާރީޚު އޮޅުންފިލާފައިވުމަކީ މުހިންމު ކަމެކެވެ. އިސްކޫލު މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައިވެސް އެ ރަށެއްގެ އިހުގެ ވާހަކަތައް ރަށުގެ ދުވަސްވީ މީހުންގެ ފުށުން ހޯދައި، ލިޔެއުޅުމުގެ ޝައުގުވެރިކަން އިތުރުކުރުން ނުހަނު ބޭނުންތެރިއެވެ
ކަނދޮޅުދޫ ފަޅުވުމުގެ ކުރިއާއި މިހާރު
~
ހަވާލާ:
މުޙައްމަދު މޫސާކަލޭފާނު، މުޙައްމަދުފުޅުބެ، ރ. ކަނދޮޅުދޫ
ޙަސަންފުޅު ޢަލީ، ކުޑަކަތީބު، ރ. ކަނދޮޅުދު
ތާރީޚް ދީބާ މަޙަލް، އަލްޤާޟީ ޙަސަން ތާޖުއްދީން
ޗޭންޖްސް އިން ދަ ޓޯޕޯގްރަޕީ އޮފް ދަ މޯލްޑިވްސް، ޙަސަން އަޙްމަދު މަނިކު
ދިވެހި ރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު، މުޙައްމަދު އިބްރާހީމް ލުތުފީ
ރާއްޖޭގައި ހުރި އާޘާރީ އަދި ތާރީޚީ ތަންތަން، ގައުމީ މަރުކަޒު
މަލިންމިނއްޕުޅު މުހައްމައިދީގެ ނޯޓު ފޮތް
ބޮޑުތަކުރުފާނު ވާހަކަ، ބުރާރަ މުޙައްމަދުފުޅު ކިޔާގޮތަށް
ފޯކުލޯރުގެތެރެއިން: ކަނދޮޅުދޫ ފަޅުވުމާއި ދުވާފަރު އާބާދުވުން، އަބްދުﷲ މުސްލިޙު، ރ. ކަނދޮޅުދޫ، ފަތްތޫރަ
ދުވަފަރުން ފެނުނު އާސާރީ ސަރަހައްދު، އަހްމަދު ޒަމީރު، ފަތްތޫރަ
މަނަދޫ ސޭކުބޭ ވާހަކަ، އަބްދުﷲ ސައީދު، ނ. މަނަދޫ
ބ. މާރިކިލު ފަޅުވުން، އަޙްމަދު އާދަމް މަނިކު، ބ. ކުޑަރިކިލު
ހާއްސަ އެހީތެރިކަން؛
ހުސައިން މުޙައްމަދު، ރުކުމާ، ދުވާފަރު