އެ ރަށުގައި މިއަދު ވަނީ ގޭގެ މަތިވަޑާންގަނޑާ އެކު އެހެން ރަށަކަށް ބަދަލުވި ބައެއްގެ ކުރީގެ ހަނދާންތަކެވެ. ވީރާނާވެފައިވާ ފަޅުގެތަކާއި ވާވަދެފައިވާ މަގުތަކެވެ. ދޭތެރެއަކުން ހިމޭންކަން ނަގާލަން ގޮވަމުންދާ ކުކުޅުހާލެވެ. އެއީ ރ. އަތޮޅުގައި ހިންގުންތެރިކަމާއި މަސައްކަތްތެރިކަމާއި ތަނަވަސްކަމަށް ނަން ހިނގި ރަށެކެވެ. ސިޔާސީ ވިސްނުންތެރި، ހަރުދަނާ މޮޅު މީހުން އުފެއްދި ރަށެކެވެ. މާލެއާ ހަވާސާކަން ބޮޑު ރަށެކެވެ.
ރަށެއްގެ ތާރީޚުގައި އެންމެ މުހިންމު އެއް ބާބަކީ ވެރިކަމާއި ކަތީބުންގެ ދައުރެވެ. އުނގުލު އިބްރާހީމް ކަލޭފާނުގެ ޔޫސުފް ކަލޭފާނުގެ ކާފަދަރި، އަބްދުއްރަހީމް ހަސަނަކީ އުނގުލުގެ އެންމެ ފަހުގެ ކަތީބެވެ. ރ. އުނގުލާއި ރ. ގާއުނޑޫދޫ މީހުން ރ. ހުޅުދުއްފާރަށް ބަދަލުކުރުމުގެ މަސައްކަތުގައި އިސްކޮށްހުންނެވި މޭސްތިރިއެވެ. އާ ރަށެއް ބިނާކުރުމުގެ ހިދުމަތްތެރިޔާއެވެ. އަލަށް އާބާދުވުމަށް ފަހު ހުޅުދުއްފާރުގެ ދެ ކަތީބުންކުރެ އެއް ކަތީބެވެ. އާބާދުކުރެވުނު ހުޅުދުއްފާރު ސްކޫލުގެ ފުރަތަމަ ނާޒިރެވެ. 2019 ވަނަ ހުޅުދުއްފާރުން އުނގުލު ކުރީގެ ކަތީބު އަބްދުއްރަހީމް ހަސަން އާ ބައްދަލުވުމުން އުނގުލާއި ރ. އަތޮޅުގެ އެކި ވާހަކަތައް ކިޔައިދެއްވިއެވެ. އަޅުގަނޑުގެ ޝައުގުވެރިކަމަކީ ދިވެހި ރާއްޖޭގެ ރަށްތަކުގައި އެކި ދުވަސްވަރު އާބާދުވުމާއި ހިޖުރަކުރުން ހިނގާފައިވާގޮތް ދެނެގަތުމެވެ. ކަތީބު ފުރަތަމަވެސް ފެއްޓެވީ ހިދުމަތުގެ ވާހަކައިންނެވެ.
“މި ރަށަށް އައީ އުނގުލު ކަތީބުކަމުގަ ހުރެފަ އޭރުގެ އެޓޯލްސް މިނިސްޓަރ އިލްޔާސް އިބްރާހީމް ވިދާޅުވެގެން. ރަށް ހަދަން ވެގެން ގެންނަ ލަކުޑިއާ ހުރިހާ އެއްޗެއް ހިސާބުތައް ބަލަހައްޓަން. އޮފީހާ ކޯޓާ މިސްކިތް ހަދަން ގާގޮޅިޖެހި އިރު ގާގޮޅިތަކުގައި މިންއަޅައި ބެލެހެއްޓީ އަޅުގަނޑު. ގެންނަ ލަކުޑީގަ މިންއަޅާއި އަތޮޅު އޮފީހަށް ހިސާބުތައް ފޮނުވަނީ ވެސް އަޅުގަނޑު”
ބުނުއްވިއެވެ. ހިދުމަތުގެ އަގެއް ނެތެވެ. މުސްކުޅިކުރުމުން ލިބޭ އިނާޔަތް ފިޔަވައެވެ. އެއީ ހިދުމަތުގެ އަގެއް ނޫނެވެ. އާއެކެވެ. ހިދުމަތުގެ ޕެންޝަން ހިދުމަތްތެރީންނަށް ނުލިބެއެވެ.
“ނާސިރު ދައުރުގައި އަޅުގަނޑަށް ވެރިކަން ލިބުނީ. ފުރަތަމަ ވެސް ލިބުނީ ކަތީބުކަން. އެރަށުގައިވެސް (އުނގުލު) ހުރީ ކަތީބުކަމުގަ. މި ރަށުގައިވެސް (ހުޅުދުއްފާރު) ހުރީ ކަތީބުކަމުގަ. ކަތީބަކަށް އޭރު ލިބެނީ 800ރ. އަތޮޅުވެރިޔާގެ އެހީތެރިކަމުގެ މަގާމުގައިވެސް ހުރިން. 36 އަހަރާ 4 މަހާ 23 ދުވަހު ސަރުކާރަށް ހިދުމަތްކުރިން”
އުނގުލަކީ ރ. އަތޮޅުގެ ފަހުރުވެރި ތާރީޚުގެ އެއްބައެވެ. އެ ރަށުން އަތޮޅަށް ގެނެސްދިން ތިޔާގިކަމާއި ވިޔަފާރީގެ ތަނަވަސްކަމެވެ. ރާވެރީންގެ ރަލެވެ. މާވަޑީންގެ މާވަޑިކަމެވެ. ބަން އޮޑިފަހަރާއި ކުރި ބޭރު ދަތުރެވެ. ނަމަވެސް ރަށަކީ ދިރިއުޅެން އުނދަގޫ ރަށެކެވެ. ފަޅެއް އަމުދުން ނެތް، ލަފާފުރަން ދަތި، ބޭރުމަތީ ރަށެކެވެ. ގާއުނޑޫދޫ ފަދައިން ގާމަތީ ރަށެކެވެ. ރ. އަތޮޅަށް އެކި ދުވަސްވަރު އައި އެއްފަސްވުމާ އުމްރާނީ ތަރައްގީގެ ނާރެހަކީ އުނގުލެވެ. އުނގުލުގެ ދަތިކަމާއި އުނގުލާއި މާލޭ ބޮޑުންނާ އޮތް ހަވާސާކަމެވެ. އުނގުލުގެ ފާގަތި ޒަމާނުގެ ހަނދާންތައް އާކުރައްވަމުން އަބްދުއްރަހީމް ކިޔައިދެއްވިއެވެ.
ފޮޓޯ: އުނގުލުގައި މީހުން އުޅުނު ދުވަސްވަރު ކަތީބު އަބްދުއްރަހީމް
“ބައްޕަ ދަނީ މަހަށް ކާފަ އަކީ ޔޫސުފް ކަލޭފާން. އާއިލާ ގިނަ މީހުންނަކީ ވެރިކަމުގަ އުޅުނު މީހުން. މުނި ކާފަ އަކީ އިބްރާހިމް ކަލޭފާނު އުނގުލު މީހަކަށް ލިބުނު މާލޭން އުތުރު 4 އަތޮޅުގެ ވާރު. ތިމާގެ މީހެއް. އޭނައަށް އެކަން ކޮށްދޭން ދިޔައީ އިބްރާހިމް ކަލޭފާން. ގޮސް ހުރީ ނޮޅިވަރަންފަރުގަ. އޭރު ވާރަށް ދެނީ ބޮއްޔާ ހަކުރާ ރޯނާ. ހަނދާން ވަނީ ކާފަގެ އެއްބަނޑު މީހެއް ދޮންދައިތައަކީ. އެ ދުވަސްވަރުގެ ވާހަކަ އެހުމުން ހީނލާފަ ދޮންދައިތަ ބުނީ “ހަކުރު ހުންނަނީ ދޯނިފަހަރަށް އޮއްސާފަ މަތިން ޓިނު އަޅާފަ” ކަރުހަކުރާ ދޮންކޭލާވެސް ގެނެސްދޭނެ” ”
ރައީސް މުޙައްމަދު އަމީންގެ ދައުރުގައި އުނގުލު މީހުން ރ. އަތޮޅުގެ މިއަދުގެ އެއާރ ޕޯރޓް ރަށް، އިފުރަށް ބަދަލުކުރުމަށް އާބާދީ އެއްފަސްކުރުމާއި ރަށްވެހި ތަރައްގީގެ އައު މަސައްކަތްތަކެއް ފެށުނެވެ. އެއްފަސްކުރެވޭ ރަށްތަކުގެތެރޭގައި ރ. ގާއުނޑޫދޫ އާއި އަނގޮޅިތީމް ހިމެނުނެވެ. އެއްފަސްކުރެވިގެން ތަރައްގީކުރެވޭ ފުރަތަމަ ވެރިރަށުގެ ގޮތުގައި އިފުރު ތަރައްގީކުރުމުގެ މަސައްކަތް ހިސާބަކަށް ގޮސްފައި އޮއްވައި، އަމީނީ ދައުރާ އެކު ކުލަ ނުވެ އެކަންވެސް ދިޔައީއެވެ. އެންމެ ބޮޑު މާޔޫސްކަމެއް ލިބުނީ އުނގުލު މީހުންނަށެވެ. އުނގުލުގެ އުނދަގޫކަމުގެ ހަނދާންތައް ކަތީބު އަބްދުއްރަހީމް ހަސަން އާކުރެއްވިއެވެ.
“އެ ދުވަސްވަރު ރާޅު ބޮޑޭ ބުންޏަކަސް މިހާރު ނޭނގޭނެ. ހާދަ ރާޅުބޮޑޭ. އަޅުގަނޑުމެން ކާފާމެންގޭ އެތާ ބާޑިޖަހާފަ ހުންނަ އިރު ދޮރުން ވައްދާލާ ރާޅު ތިންގޭގެ ހިސާބަށް ދާނެ. އަޅުގަނޑުމެން ކުޑާއިރު ބޮނބިއޮޑި އެއްޗެހި ހަދައިގެން ދުއްވަން ރާޅު އެރީމަ. ދޯނި ފަހަރުވެސް ހަލާކުވޭ. މަހަށް ދާން ވަރުބަލާފަ ދާނީ. ބޭރުމަތީގަ ދޯނިއަޅާފަ އޮންނާނީ. ކުޑަ ދޯންޏެއްގަ ވަރުބަލާފަ ނެރެނީ. ރާޅުގަ އަރާ ކާއެތިކޮޅުވެސް ގެއްލިދާނެ. ފަޅެއް ނޯވޭ. އޮންނަނީ ދެ ފަރާތުގަ ލަފާފުރަން އޮޅެއް. އަޅުގަނޑުމެން ރަށަށް ވުރެ ފަސޭހަވާނެ ގާއުނޑޫދޫ”
އެއީ އުނގުލުގައި އެ ރަށު މީހުން އުޅެމުން ދިޔަ އުނދަގޫ ދިރިއުޅުމެވެ. އުނގުލަކީ ބައްޓަން ވަށް، މެދުގައި ކަނޑޫފާ އޮވެފައި، ވަށައިގެން ޗަސްބިމާއި ރުއްގަނޑުތައް އޮންނަ ގާމަތީ ރަށެކެވެ. ރަށު ލޯތްބަށް ވުރެ، ރަށުގައި އުޅުން ތުރާލަކަށްވި ރަށެކެވެ. ރަށަކީ އަމީނީ ދައުރުގެ ވެރިކަމުގެ ގުލްޝަނުގެ ރަށެކެވެ. ރައީސް މުޙައްމަދު އަމީނާ އެކުވެރިކަމުގެ ގާތް ގުޅުންތަކެއް އޮތް ރަށެކެވެ. ކަތީބު އަބްދުއްރަހީމް އަމީނީ ދައުރުގެ ހަނދާންތަކުން ކިޔައިދެއްވިއެވެ.
“މުޙައްމަދު އަމީން ވަޑައިގަންނަވަން ފާލަން އެޅީވެސް އާނުގަނޑުން ކުޑަކޮށް ކަނޑާފައި ރޯ ރުއްގުޅިޖަހާފައި ފަތިއަޅާފައި މަތީގައި ފިލާއަޅާފައި، އޭނަ ބޭލީ”
ފޮޓޯ: ކަތީބު އަބްދުއްރަހީމް ކާފަ އުނގުލު ޔޫސުފް ކަލޭފާން ރައީސް މުޙައްމަދު އަމީންގެ އަރިހުގައި
އިފުރަށް ބަދަލުވުމުގެ އުންމީދުގައި ތިބެ އަމީނީ ދައުރު ހުސްވިޔަސް، އުނގުލު މީހުން އެހެން ރަށަކަށް ބަދަލުވުމުގެ ހިޔާލު ދޫނުކުރެއެވެ. ހުކުރު ހަމަވާ އާބާދީ ނެތިގެން ނާސިރު ދައުރުގައި މީހުން ބަދަލުކުރި ރ. އަތޮޅުގެ ހަމަ އެކަނި ރަށަކީ ރ. އުފުލަންދޫއެވެ. އުފުލަންދޫ މީހުން ބޭލީ އަލިފުއްޓަށެވެ. އެ މީހުން އަލިފުށިން މަޑުއްވަރިޔަށް ފޭބީއެވެ. ކިނޮޅަހާއި މީދުވަށްވެސް އާއިލާތައް ދިޔައެވެ. ނާސިރު ދައުރަށް ފަހު ރައީސް މައުމޫން ދައުރުގައި އެއްފަސްކުރުމުގެ މަޝްރޫއުތައް ހިނގައިގަތެވެ. އަނެއްކާވެސް އުނގުލު މީހުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުނެވެ. ރައީސް މައުމޫންގެ ދައުރުގައި ރ. އުނގުލާއި ރ. ގާއުނޑޫދޫ މީހުން ރ. ހުޅުދުއްފާރުގައި އާބާދުކުރަން ނިންމައި ހިންގި އެއްފަސްކުރުމުގެ މަޝްރޫއުގެ ހަނދާންތައް އާ ކުރައްވަމުން އުނގުލު ކަތީބު އަބްދުއްރަހީމް ވިދާޅުވިއެވެ.
“ދޯނިފަހަރުގަ އެއްޗެތި ހިފައިގެން އައީ. އަމިއްލައަށް ގެ އަޅާ ގޮތަށް ހަމަޖެހުނީމަ ކޯޓުން ހުރިހާ ގެތައް ހިސާބުކުރީ. ކޮށްފަ އޭގެ އަގު ދިން. ގެ އަޅާއިރު އަމިއްލަ އަށް އެއްޗެތި ގެންނަން ޖެހުނީ. އުނގުލުގެ ގެތައް ރޫޅައިގެން ގެނައީ. ސަރުކާރުން ދިން އަގުގަ އެކަކަށް ވެސް ނޭޅޭނެ”
އެއްވެސް ރަށަކުން ފޭބުމަކީ އެ ރަށެއްގެ އެންމެންގެ މެދުގައި މަގުބޫލު ހިޔާލަކަށް ނުވެދާނެއެވެ. އެކަމަށް ނަގާކިޔާ ބަޔަކާއި ދެކޮޅު ހަދާ ބަޔަކު ތިބޭނެއެވެ. ރަށު ލޯބިންނެވެ. ކާބަފައިންގެ ފަސްގަނޑު ދޫކޮށް އެހެން ރަށަކަށް ބަދަލުވުމަކީ ފަސޭހަކަމަށް ނުވާތީއެވެ. އުނދަގޫ ރަށަކުން ފަސޭހަ ރަށަކަށް ބަދަލުވާން ބޭނުން ނުވެގެން ނޫނެވެ. އުނގުލުން މީހުން ބަދަލުކުރުމަކީ ކަތީބު އަބްދުއްރަހީމްގެ ކަތީބުކަމުގެ ދައުރުގެ އެންމެ އުނދަގޫ މަސައްކަތަށް ވާނެއެވެ.
“އުނގުލުން ފޭބުމުން އަހަރެން ހިތްހަމަޖެހޭ. ހިތްހަމަ ނުޖެހޭ މީހުންވެސް ތިބި. މި ރަށަށް އައި ފަހުން ވެސް ތިމެންނާމެންނަށް މާ ރަނގަޅޭ އުނގުލު، މިހާރުވެސް ވެސް ދާން ބުނެފިއްޔާ ދާނަމޭ އެއް ބަޔަކު ބުނި. އުނގުލުން ފޭބި ފަހުން ދިޔައީ އެންމެ ފަހަރަކު. އުނގުލުން ހުޅުދުއްފާރަށް ބަދަލުވުމުގެ މަސައްކަތް ފެށީ 1991ގަ. އެކަށް ބަދަލުވީ 1992ގަ”
ފޮޓޯ: އުނގުލު މިސްކިތް
އުނގުލުގައި އުޅުނު މީހުންގެ އެންމެ ހާއްސަ އެއް ހަނދާނަކަށް އުނގުލުގައި މިއަދު ފެންނަން ހުރީ އުނގުލު މިސްކިތެވެ. މިއީ އުނގުލުގައި މީހުން އުޅުނު ދުވަސްވަރު ބިނާކޮށްފައިވާ، އުނގުލުގެ އާސާރީ ތަރިކައެކެވެ. ދިވެހި ފަންނުވެރިކަމުގެ ރީތިކަން ފެންނަ ސާދާ މިސްކިތެކެވެ. އުނގުލުން މީހުން ބަދަލުވިނަމަވެސް، މިސްކިތް ވީރާޔާނާވިޔަ ނުދީ ވަރުވާއަށް އެ ރަށް ނަގައިގެން އެ ދުވަސްވަރަކު ތިބޭ ބަޔަކު އަންނަނީ ބަލަހައްޓަމުންނެވެ. އުނގުލު މިސްކިތް ރަށުގެ ތަރިކައެއްގެ ގޮތުގައި ދެމިގެން އައުމަށް ކަތީބު އަބްދުއްރަހީމް ދައުރު އެބަ އޮތެވެ.
“އުނގުލު މިސްކިތުގަ ހުންނާނީ ހައިވަކަރުބެރި އަޅާފަ. އުނގުލުގެ ދެ މީހަކު ނީލަމުން މިސްކިތް ނެގީ ހަނދާނަކަށޭ ކިޔާފައި. އަޅުގަނޑު ކައިރީ ބުނި މިސްކިތް ނަގަން ބައިވެރިވަން. އަޅުގަނޑު ބުނިން ނުވާނަމޭ. އެހެނެއް ނޫން މިސްކިތް ރޫޅާލައިގެން ގެންނާށޭ މި ރަށަށް (ހުޅުދުއްފާރަށް). މި ރަށަށް ގެންނަންޏާ ބައިވެރިވާނަމޭ”
ދެ ރަށެއްގެ މީހުން އާ ފަސްގަނޑެއްގައި އާބާދުކުރުމަކީ ވިސްނުންތެރިކަމާ އެކު ކުރަން ޖެހޭ މަސައްކަތެކެވެ. ކޮންމެ ރަށެއްގެ ވާދަވެރިކަމާއި ވެރިކަމުގެ ވާދަވެރިކަމާއި އިޖްތިމާއީ އެކި ތަފާތުތައް ހުންނާނީ ހިނގަހިނގައެވެ. އުނގުލާއި ގާއުނޑޫދޫ މީހުން ހުޅުދުއްފާރުގައި އާބާދުކޮށް، ދެ ރަށުގެ މީހުންނަކީ އެއްބައެއް، އެއް ރަށެއްގެ ގޮތުގައި ބިނާކުރުމުގައި ކަތީބުންގެ ދުރުވިސްނުން ބޮޑެވެ. ހުޅުދުއްފާރު އިޖްތިމާއީ އެކުވެރި އެއް ރަށެއްގެ ގޮތުގައި އާބާދުކުރުމުގައި ގެންގުޅުއްވި ވިސްނުން އުނގުލު ކަތީބު އަބްދުއްރަހީމް ކިޔައިދެއްވިއެވެ.
“ފުރަތަމަ ޕްލޭން ކުރީ މަގުތަކާ ގޯތިތަކާ އެކީ. 50 ފޫޓާ 80 ފޫޓްގެ ގޯތި ނެގީ. ދެ ރަށުގެ ހުރިހާ އެންމެނަށް އެއްވަރަށް. ގޯތިތަކަށް ނަންބަރު ޖަހާފަ އެ ނަންބަރަށް މީހުންނަށް ގޯތި ދިނީ އުނގުލެއް އުނޑޫދޫއެއް ބަލާފަ ނޫން”
ފޮޓޯ: އުނގުލު، މީހުން އުޅުނު އިރާއި ފަޅުވި ފަހުން
މިއީ ހުޅުދުއްފާރަށް މީހުން އެއްފަސްކުރުމުގައި ގެންގުޅެފައިވާ ވަރަށް ރަނގަޅު ވިސްނުމެކެވެ. މިއަދު އެއީ ހުޅުދުއްފާރެވެ. އުނގުލު ގެއަކާ ޖެހިގެން ގާއުނޑޫދޫގެއެކެވެ. އެއްފަސްކޮށްފައިވާ ބައެއް ރަށްތަކުން ފެންނަ ގޮތަށް ވަކި ރަށެއްގެ ބަޔަކު ވަކި އަވަށެއްގައި ނޫޅެއެވެ. އެކި ރަށްރަށުގެ މީހުންގެ މެދުގައި ޖެހޭނެ ވާދަވެރިކަމާއި އިޖްތިމާއީ އެކި ބައިބައިވުންތަކުން ދުރުކޮށްދިނެވެ. އެކުވެރި، އެއް ރަށެއްގެ ގޮތުގައި ކުރިއެރުމަށް ފަހިވިއެވެ. އާރަށެއް އާބާދުކުރުމަށް އުނގުލު ކަތީބު އަބްދުރަހީމް ގެނައީ ހިންގުންތެރިކަމާ އެކުވެރިކަމާއި ލޯތްބެވެ.
އެއީ މިއަދުގެ ހުޅުދުއްފާރެވެ. އެއް ހާހުން މަތީގެ އާބާދީއެއް އޮތް ލަފާފުރަން ފަސޭހަ، ބިންބޮޑު، ތަރައްގީގެ ފަހިރަށެކެވެ. ނަމަވެސް އިއްޔެގެ ގާމަތީ އުނދަގޫ ރަށާއި އެ ރަށާއި މި ރަށުގެ ހިދުމަތްތެރީންގެ ނަން ފަނޑުވުމެއް ނެތެވެ. މިއަދު އުނގުލާއި އުނޑޫދޫ ކުދިން އުފަންވަނީ ހުޅުދުއްފާރަށެވެ. އެއީ އެ ކުދީންގެ އުފަން ރަށެވެ. އެ ރަށް ބިނާކުރީ ދެ ރަށެއްގެ ހިދުމަތްތެރީންނެވެ. އުފެދޭނީވެސް ހިދުމަތްތެރީންނެވެ. ރަށެއް އާބާދުވުމާއި ހިދުމަތްތެރީންގެ ވާހަކައަކީ ދިގު ވާހަކައެކެވެ