ދަތުރުނާމާ ފަރިހި

މި ފަރިއްސަކީ މާލެއިން ރަށަށް އައި ދަތުރު މަތީ ކަނޑުގަދަވެ ހާލުގައި ޖެހުނު ދަތުރެއްގެ ވާހަކައިން ކުޑަރިކިލު މުހައްމަދު ފުޅު ކިޔާ މީހަކު 1950ގެ އަހަރުތަކުގެ ހިސާބުގައި ހަދާފައިވާ ފަރިއްސެއްކަމަށްވެއެވެ. މި މުހައްމަދު ފުޅަކީ ކާކުކަމެއް ނޭނގެއެވެ. ބޮޑުތަދުގެ ދުވަސްވަރު ކުޑަރިކިލު އާގޯތި މުހައްމަދު ފުޅު ކަމަދުއަށް ދިރިއުޅުން ބަދަލުކޮށް އެ ރަށުގައި އާއިލާއެބައޮތެވެ. އެ މުހައްމަދުފުޅަށް ވެސް ވެދާނެއެވެ.

~

ކުރުމަށް އަވަސް އެދިފުރި ދަތުރު އަދު ވީގޮތް ބުނަންތަވީ

ހުރިހާކަމެއް ކޮށްފާޚަލާސް ފުރިދުވަހު މާލެއިން

ފުރިހަމަކަމެއް މަހިތަށް ނުލިބި ކުރިޔޭ ހަނދާންވަނީ

ފެންނާތީ އަލިވައި މަތިއެގޮސް ފެންލާންކުރީމެމަދޫ

ދެންވާދޮގެއްނުހަދާ މަކުނުދޫން ފެންލީހަނދާންވަނީ

ހަށިފިސަ މިއައިނަލަ ރޯޅިވައި ޅަރިވެތިކުދިން ފުރާ

ތަރިތައް ފަޖުރު އެރުމުން އެލީ ކަށިފަރު ހަނދާންވަނީ

ވާފަރުވެހުރެ ހުންގާނުގާ ގާފަރުދަށުންލާފާ

ރާއަނބު މިގޮސް ކަނޑުގާ ހުޅަނގު އެނބުރި އެހަނދާންވަނީ

ހިނދުކޮޅަކުތިބެ އިސްގެންޖަހާ ބިރުހީވެ ސަރަނގާނެވިން

ހިރުވާއެނުމެލާ އިރުއެވާކަނޑު އެޅި ހަނދާންވަނީ

ދާއިރުކަނޑުން އިރުވާފުރާ ވާއިރުމަމެންނުބަލާ

ހާއިރުގޮވާފަތި ކާށިދޫބޭރު އެރި ހަނދާންވަނީ

ފަނޑުކުލަނުވާ އޮޑި ކައްޕިތާން ކަނޑުގާތެރަށް ކޮށްދޫ

މަޑުރޯޅިވައިވީ މާކަނޑުގަ ފަލިޖެހި ހަނދާންވަނީ

ރޭހުރިމަމެން ކަނޑުގާ ހުކުރު ގޭހުރި މިކަނޑުގާ ބަހުރު

ގޭހުރި ލިމީމާ ބުނެލުމުން އެނބުރިއެ ހަނދާންވަނީ

ރާއަނބު ނަގާގޮސް ތިންރިޔާ ގާސަމުބަލާއިރުގާ

ދާކަމުވަނީ އާސްމާނު ނާސީ އަށެހަނދާންވަނީ

ވާލާދު ރޭ ނުނިދާއަނާ ޙާލާމެދަށް ވިސްނާ

ކާލާނެ ނެތްކަން ކާޑު ރަށުވިސްނާ އެހަނދާންވަނީ

ގޮއިގޮއި އަބަދުތިބި ފަޅުވެރިން ގޮއިދޫ ކުރޭ އެބަކައިރި

ރޮއިރޮއި މަމެންތިއްބާ މަތިންގޮއިދޫ ދިޔަ ހަނދާންވަނީ

ގޮސްތޮޅުފުޅޮއި ޖައްސާ އަތޮޅުގޮސް ރަގަޅު އަހުމަދުލިމާ

ގޮއްސާމަމެން ޅޮސްމާދަށުން ކަނޑުވަތް ހަނދާންވަނީ

އަސްތާއަނާ މިކުރީމެކުރު މަސަލަސްކަމާއެކު ޝުކުރު

ލަސްވާދަތުރު ގުދުރަތްފުޅުން ވީގޮތް ހަނދާންވަނީ