ދިވެހިބަސް ކުރިއަރުވަން އާ ބަސް އުފައްދަން ޖެހޭތަ؟

ދިވެހި ބަހުގެ އެކެޑަމީން އައު ބަސްތޫރަ ނެރޭ ކޮންމެ ފަހަރަކު ޒުވާނުންގެ ހިޔާލުތައް އޮއްސާލައެވެ. އެ ހިޔާލުތަކަކީ ދިވެހި ބަހަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި އެއް ބަޔަކު ދެކެވެ. ނަމަވެސް، މިއަދުގެ ޖީލުގައި “އާ ބަސް” އުފައްދަން ޖެހޭތޯ ބަހުސް ހިނގަމުން ދިއުމަކީ ދިވެހި ބަހާ މެދު، ދިވެހި ބަހުގެ މާދަމާއާ މެދު ޒުވާނުންގެ މެދުގައި އޮތް ޝައުގުވެރިކަމެވެ.

ބަސްބަހީމީހުން ހަދާއެއްޗެއް ބަލަގަނޫނޭ ތެދޭ
އަސްތައަސްތާ ޤުދްރަތުގެ އޭއެއްޗެކޭ ހަމަހިންގަވާ

އާ ބަސް އުފެއްދުމުގެ ބަހުސްގައި، އާ ބަސް އުފައްދަން ނުޖެހޭ ކަމަށް ފައުޅުކުރާ ހިޔާލުތަކުގައި ފަޟީލަތުއްޝައިޙް ޙުސައިން ޞަލާހުއްދީންގެ މި ޅެން ބައިތު އަބަދުމެ ކިޔެއެވެ. ފަޟީލަތުއްޝައިޙް ހުޞައިން ޞަލާހުއްދީނަކީ ދިވެހި ބަހުގެ އެންމެ އިސް އުސްތާޒު ކަމާ މެދު ދެބަހެއް ނެތެވެ. ދިވެހި ބަހާއި، އަދަބިއްޔާތާއި، ޅެންވެރިކަމުގައި ޙުސައިން ޞާލާހުއްދީން ހިންގަވާފައިވާ ގަލަން ހިންގެވި އެހެން ދިވެހި ދިވެއްސަކު ނެތެވެ. އިސްވެ ދިޔަ ޒަމާނާއި ފަސްވި ޒަމާނުގައިވެސްމެއެވެ. މާތުރަ، ޙުސައިން ޞަލާހުއްދީންގެ ނަންގަނެވުނު ބައިތަކީ ދިވެހި ބަހުގެ ބަސްކޮށާރަށް ލުމަށް އައު ބަސްތައް ނުއުފެއްދުމަށް އޮތް ބަސްފުޅެއް ނޫނެވެ. އެ ބަސްފުޅުގެ މުރާދުވަނީ ޅެމުގައި އިސްވެ ގޮހެވެ.

އެންމެހައިބަސްތަކެއްމެ ވާހިނދު މުޢުޖިޒާތެއްކަމު މުޅީން
ފެންނަ ކީރިތިވަންތަކަން ރައްބީގެ އަބަދަށް ދައްކަވާ

ހުޞައިން ޞަލާހުއްދީންގެ ބަސްފުޅުން ބަޔާންކޮށްދެއްވަނީ ބަހުގެ ގުދުރަތީ ސިފައެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މީހުން މޮށެ އުޅޭ ބަސްތަކަކީ ގުދުރަތުގެ އެއްޗެކެވެ. “މީހުން ހަދައި އުޅޭ އެއްޗެއް” ނޫނެވެ. އެޔަށް ލިބިފައިވާ ގުދުރަތީ ސިފައިގައި ހެދިބޮޑުވާ އެއްޗެކެވެ. ހެދި ބޮޑުވާ ކޮންމެ އެއްޗަކަށް ޒަމާން ކުރިމަތިކުރާ ނުޤުސާންތަކަށް ފަރުވާތެރިވެ ތިބުމަކީ ހުރި ކަމެކެވެ. އެވެސް ގުދުރަތުގެ ކަމެކެވެ.

ފަޟީލަތުއް ޝައިޙް ޙުސައިން ޞާލާހުއްދީނާއި ބަހުގެ އިސް ޖީލުގެ ދުވަސްވަރު މިއަދު ދިވެހި ބަހަށް ކުރިމަތިވެފައިވާ އެތައް ގޮންޖެހުންތަކެއް ނެތެވެ. ދިވެހި ބަހުގެ ބަސްކޮށާރަށް އައު ބަސްތަކެއް އުފައްދައި އިތުރުކުރުމުގެ ހިޔާލާތު ނެތެވެ. އެކަމުގެ ސަބަބުތައް އެއިރު ނެތުމުންނެވެ. ޒަމާން ދައުރުވެ، ބަވަނަވަމުން އައި ދުނިޔޭގައި، އެކި ގައުމުތަކުގެ ކުދި އާބާދީތައް މޮށެ އުޅޭ ބަސްތަކަށް ކުރިން ކުރިމަތިވެފައި ނެތް ގޮންޖެހުންތަކެއް ކުރިމަތި ވެއްޖެއެވެ. އިންސާނީ ހަޟާރަތުގެ ޒަމާންތައް ކުރިން ދެކެފައި ނެތް މިންވަރަށް ގައުމުތަކުގެ މީހުން މޮށެ އުޅޭ ބަސްތަކުގެ ތެރެއިން އެއް ބަހާއި އެ ބަހުގެ އަކުރު ހުރިހައި ގައުމުކަށް ފެތުރިއްޖެއެވެ.

“އަހަރުމެން ދިވެހީންނަކީވެސް ކިތަންމެ ގައުމު މަދުވެފައި ރާއްޖެ ކުޑަޔަކަސް” ދުނިޔެއަށް އަންނަ އެކި އިންގިލާބުތަކާއި ބަދަލުތަކުގެ ބައެކެވެ. ދުނިޔެއަށް ވަމުން އަންނަ ގޮތްތައް ދިވެހީންނާއި ދިވެހި ރާއްޖެއަށް ހުންނާނީ އައިހެވެ. ބަވަނަވަމުން އައި ދުނިޔޭގައި ދިވެހީންގެ އަމިއްލަ އަކުރު އެއްލައިލެވިއްޖެއެވެ. ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި ހުތުބާތަކާއި ވަރިކައިވެނީގެ ސެޓުފިކެޓުތައްވެސް ލެޓިނަށް ބަދަލުވެއްޖެއެވެ. މިގޮތުގައި ދުވަސްތަކެއްވީ ފަހުން، ލެޓިން އަކުރު ގާދޫކޮލުން ބޭރުކޮށް، ތާނަ އަކުރު އަލުން ގާލޫކޮލުން އެތެރެކޮށްފޫއެވެ. ނަމަވެސް، ފުޅާވަމުން އައި އިނގިރޭސި ތައުލީމާ އެކު އާންމު ވާހަކަ ދެއްކުމުގެ ތެރެއަށް އެއް ބަހެއްގެ ބަސްތައް އާދަޔާހިލާފަށް ވަންނަން ފަށައިފިއެވެ. އައު ބަސް އުފެއްދުމުގެ ހިޔާލާތު ފުޅައުވެގެން އައީ މި ދުވަސްވަރުގައެވެ. އަމިއްލަ އަކުރު ގެއްލި، އަމިއްލަ ބަސް ގެއްލިޖެ ނަމަ ދިވެހި ގައުމިއްޔަތަށް ވާނެ ގޮތަކާ މެދު ހިނގަމުން އައި ހިޔާލުގައެވެ.

ބަހާ މެދު ކުރެވެމުން އައި ހިޔާލުގައި، ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމުގެ ދައުރުގައި ވަރަށް ބޮޑު މަހާސިންތާއެއް ވެވިއްޖެއެވެ. “ދިވެހި ބަސް ދިވެހި ކުރުމުގެ މަޝްވަރާ ބައްދަލުވުން”ގެ ނަމުގައި 1995 ވަނަ އަހަރުގެ ނޮވެމަބަރު މަހު، އެއިރު ތިއްބެވި ދިވެހި ބަހުގެ އިސް ބޭފުޅުން އެއްވެ އިލްމީ، ނުހަނު ބޭނުންތެރި ބަހުސްތަކެއް ކުރެއްވިއެވެ. އާ ބަސް އުފެއްދުމާއި، އުފައްދާފައި ހުރި ބަސްތައް މަގުބޫލުނުވާ ސަބަބުތަކުގެ މައްޗަށެވެ.

“ދިވެހި ބަސް ދިވެހި ކުރުމުގެ” މަހާސިންތާގައި ރައީސް މައުމޫން ބަހާ ގުޅޭ ވަރަށް އިލްމީ ތަގުރީރެއް ކުރެއްވިއެވެ. އެ ތަގުރީރުގައި ރައީސް މަޢުމޫން ވިދާޅުވިއެވެ؛

“ބަހަކީވެސް ދިރުން ހުރި އެއްޗެއް. އެފަދަ އެއްޗެހީގެ ގޮތަކީ، އަބަދުވެސް އެއަށް ދިރުން ލިބެމުން ދިޔުން”

ރައީސް މައުމޫންގެ މި ތަގުރީރަކީ ދިވެހި ބަހާ ގުޅޭ ގޮތުން ދިވެހި ރާއްޖޭގެ ވެރިޔަކު ދެއްވާފައިވާ އެންމެ އިލްމީ ތަގުރީރެވެ. ދަރިވަރުންނަށް ބޭނުންތެރި މުހިންމު ތަގުރީރެކެވެ. ރައީސް މަޢުމޫންގެ ތަޤްރީރުގައި އާ ބަސް އުފެއްދުމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވެއެވެ؛

“އަޅުގަނޑުމެންގެ ބޭނުންތައް އެއް ދުވަހުން އަނެއް ދުވަހަށް ތަފާތުވަމުން ދާތީ، އިތުރު ބަސްބަހަށް އަބަދުވެސް އޮންނަނީ ބޭނުން ޖެހިފައި. މިދެންނެވީ ހަމަ އެކަނި ތަފާތު އީޖާދުތަކުގެ ވާހަކައެއް ނޫން. އެނޫންވެސް އެތައް ގޮތަކުން، އެ ފަދަ ބޭނުންތައް ދަނީ އިތުރުވަމުން. މިގޮތުން ވިސްނާއިރު، ކުރިން އިންސާނުން ނުވެސް ދަންނަ ވަރަށް ގިނަ އެއްޗެހިތަކެއް މި ޒަމާނަކަށް އައިސް މިހިރީ ހެދިފައި. އެއިން ކޮންމެ އެއްޗަކަށްވެސް ނަމެއް ކިޔަން އެބަ ޖެހޭ”

~

އާބަސް ހެދުމުގެ ބަހުސްގައި، އުފެދޭ ސުވާލަކީ ދުނިޔޭގެ އެހެން ބަސްބަހުގެ އަހުލުވެރިން ކަންތައް ކުރަނީ ކިހިނެއްތޯއެވެ؟ އެހެން ބަސްތަކުގައި އާ ބަސް އުފައްދާތޯއެވެ؟ ރައީސް މަޢުމޫންގެ ތަޖުރިބާގައި ޖަބާދެއްވިއެވެ.

“މިހާރުގެ ބޭނުންތައް ދިވެހި ބަހުން ފުދޭގޮތަކަށް ބަސް ތަރައްގީކުރުމަށް މަސައްކަތްކުރަން ޖެހޭ. އެއީ އެހެން ގައުމުތަކުންވެސް ކުރާ މަސައްކަތެއް”

ރައީސް މައުމޫން ހިއްސާކުރެއްވީ އާ ބަސް އުފެއްދުމުގައި މިސްރުގައި އަމަލުކުރާގޮތެވެ.

“ބަސް ހެދުމަކީ ހަމަ އޮތް ކަމެއް.. މިސުރުގައި އެކަން ކުރާކަން އަޅުގަނޑަށް އެނގޭ. މިސުރުގާވެސް ބޮޑު މަޖްލީހެއް އޮވޭ. އެއީ ހަމަ ބަސް އުފައްދާ މަޖްލިހެއް. އެ މަޖްލިހުން ހަމަ އެންމެ މިހާރުގެ ސައިންޓިފިކް ކަންތައްތަކަށްވެސް އަދި ހުރިހާ އީޖާދުތަކަކަށްވެސް އެކިއެކި ބަސްބަސް ހަދާފަހުރޭ. މިސާލަކަށް ބޭސްވެރިކަމުގެ އިލްމު އާދެ، މެޑިސިން”

ރައީސް މައުމޫން ފާހަގަކުރައްވާފައި އެ ވަނީ އާ ބަސް އުފެއްދުމުގެ ޟަރޫރަތެވެ. އެކަމަށް ބޭނުން އޮވެ، އެކަން ކުރުމެވެ. ބޭރު ކޮންމެ ބަހަކަށް، އަލަށް އިވޭ ކޮންމެ ލަފުޒަކަށް ދިވެހި ބަހެއް އުފެއްދުމުގެ ހިޔާލެއް ނޫނެވެ. ރައީސް މައުމޫންގެ ތަގުރީރާއި “ދިވެހި ބަސް ދިވެހި ކުރުމުގެ މަޝްވަރާ ބައްދަލުވުން”ގައި ބަދަލުކުރެވުނު ހިޔާލުތަކަށް ފަހު އާ ބަސް އުފެއްދުމުގެ ހަމަތައް ހަރުދަނާކުރެވި، އައު އިތުރު އެތައް ބަހެއް ދިވެހި ބަހުގެ ބަސްކޮށާރަށް އިތުރުވިއެވެ. މި ބައްދަލުވުމުގެ ކުރީގައިވެސް އައު ބަސްތައް އައީ އުފައްދަމުންނެވެ. މިއަދު ލިޔުންތަކާއި އާންމު ވާހަކަ ދެއްކުމުގައި ބޭނުންކުރާ ބައެއް ބަސްތަކަކީ ރައީސް މައުމޫންގެ ދައުރުގައި އުފައްދާފައިވާ ބަސްތަކެވެ. އެއީ އުފައްދާފައިވާ ބަސްތަކެއްކަން މިއަދުގެ ޖީލު ނުދަނެއެވެ. އެއީ ހަމަ މިއަދުގެ އާންމު ވާހަކަ ދެއްކުމުގައި ބޭނުންކުރާ “މައްދިވެހި” ބަސްތަކެކެވެ. ނަމަވެސް، އެ ބަސްތައް އުފެއްދި ދުވަސްވަރު، އެ އައު ލަފުޒުތައް އާންމުންގެ ތެރޭގައި ހިނގާނެތޯ ސުވާލު އުފެއްދިއެވެ.

“ޝައްކެއްވެސް ނެތި އެނގޭ ކަމަކީ ދިވެހި ކުރެވޭ ބައެއް ބަސްބަސް މުޖުތަމަޢު ގަބޫލުނުކުރާ ކަމެވެ.

މިސާލަކަށް؛ އިނގިރޭސިބަހުން ބޭނުންކޮށް އުޅޭ – އިންޓަވިޔު:- މި ބަސް ދިވެހި ކުރުމަށް ފަހު “ބަސްދީ ބަސްގަތުން” މިބަސް ވަނީ ވުޖޫދަށް އައިސްފައެވެ. އެކަމަކު ލިޔުންތެރިން ހާމަކުރައްވާ ގޮތުގައި އިންޓަވިޔުގެ ބަދަލުގައި އެބަސް ބޭނުންކުރަން ދައްޗެވެ.. މި ބަހަކީ އިންޓަވިޔުގެ ބަދަލުގައި ބޭނުންކުރާ ދިވެހި ބަހަކަށް ގިނަ ލިޔުންތެރިން ގަބޫލެއް ނުކުރެއެވެ.

މި ކަހަލަ ދެވަނަ މިސާލަކަށް ބަލާއިރު އިނގިރޭސި ބަހުން “ނެޓްވާރކް” އަށް ދިވެހި ބަހުން ހެދިފައިވާ “ވިޔުގަ” އެވެ. މި ބަހަކީވެސް މުޖުތަމަޢު ގަބޫލުކުރާ ބަހަކަށް އަދި ނުވެއެވެ. ސަބަބެއް ކަމަށް ވަނީ ހަމަ އިންޓަވިޔުއަށްވެސް ވީ ގޮތެވެ”

– ކަށިމާ އަޙްމަދު ޝާކިރު، ދިވެހި ބަސް ދިވެހި ކުރުމުގެ މަޝްވަރާ ބައްދަލުވުމުގެ ކަރުދާސް، 1995

އެ ދުވަސްވަރު އަލަށް އުފެއްދި ބަސްތައް މުޖްތަމަޢު ގަބޫލުނުކުރިއެވެ. ނަމަވެސް އޭގެ 30 އަހަރު ފަހުން އެ ބަސްތަކަށް ބަލާ އިރު އެއީ ލިޔެކިޔުމުގައްޔާއި ވާހަކަ ދެއްކުމުގައި އާންމު ބަސްތަކެކެވެ. އެ ބަސްތައް ނުއުފެއްދި ނަމަ ބޭނުންކުރާނީ އިނގިރޭސި ބަހެވެ. “ބަސްދީ ބަސްގަތުން” (ބަސްދީގަތުން) އަދި “ވިއުގަ” އަކީ އެންމެންމެ ބޭނުންކުރާ ރީތި، ދިވެހި ބަސްތަކެކެވެ. އާ ބަސް އުފެއްދުމުގެ ބަހުސްގައި އެ ބަހެއް އުފައްދާ ދުވަސްވަރުގެ ކުރިއާއި އެ ދުވަސްވަރަކާއި އެ ދުވަސްވަރުގެ ފަހަށް ވިސްނަން ޖެހެއެވެ. ވަރުގަދަ ހަމަތަކެއްގެ މަތިން، ބަސް އުފެއްދުމުގެ ޟަރޫރަތު އޮތް މިންވަރުގެ މައްޗަށް އައު ބަސްތައް އުފެއްދުމަކީ “ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ” މި ބަސްފުޅުގެ ބޭރުން ހިނގާ ކަމެއް ނޫނެވެ.

މިއަދުގެ ޖީލަށް އެއީ އުފައްދާފައި ހުރި ބަސްތައް ކަން މޭރުން ނުވާނެ ބައެއް ބަސްތަކަށް ބަލައިލަމާތޯއެވެ! އެއިރުން މި ބުނި ބަހުގެ މުރާދު އެނގޭނެއެވެ.

Household – ގޭބިސީ
Age Group – އުމުރުފުރާ
Census – ބޯހިމެނުން
Workers – މަސައްކަތްތެރިން
Statistics – ތަފާސްހިސާބު
Rural – ރަށްފުށު

 

މިއީ މިހާރުގެ ލިޔެކިޔުންތަކާއި އާންމު ވާހަކަދެއްކުމުގައި ވަރަށް އާންމު ދިވެހި ބަސްތަކެވެ. މި ބަސްތައް އުފައްދާފައިވަނީ 1981 ވަނަ އަހަރުގައެވެ. މި ބަސްތައް އުފެއްދި ފަހުން 40 އަހަރުވެއްޖެއެވެ. އާންމުވި ބޭރު ބަސްތަކުގެ ބަދަލުގައި އުފެއްދި ދިވެހި ބަސްތަކުން ދިވެހި ބަހަށް ލިބުނީ އިތުރު މުއްސަނދިކަމެކެވެ.

Immigrants – އާރަށްވެހިން
Percent – އިންސައްތަ
Vehicle – އެއްގަމު އުޅަނދު
Phase – ފިޔަވަހި
Mist – ދުންފިނި
Pavement – ދުވާރު
Session – ދަންފަޅި
Boarding – ދަނާލު

މިއީ 90ގެ އަހަރުތަކުގެ ކުރީ ކޮޅު އާންމުކޮށްފައިވާ ބަސްތަކެވެ. މިއަދު ލިޔުމާއި ވާހަކަ ދެއްކުމުގައި އާންމު ބަސްތަކެކެވެ. ރީތިވެފައި، ދިވެހިމެއެވެ. އެ ދުވަސްވަރުގެ އުފެއްދި ބަސްތަކުގެތެރޭގައި “ތިމާވެށި” ހިމެނެއެވެ. އަލަށް އުފެއްދި ބައެއް ބަސްތަކާ މެދު ފަތްތޫރައިގެ މުޙައްރިރު އަބްދުﷲ ޙަމީދު ލިޔުއްވާފައިވެއެވެ؛

“ދިވެހި ބަސް ކުރިއަރުވައި ޒަމާނާ އެކު ފައިހަމަކޮށް ހިނގުމުގެ އެކަށޭނަކަން ދިވެހި ބަހަށް ހޯދައިދިނުމަށް އެންމެ ބޭނުން އެއްކަމަކީ އަޅުގަނޑުމެންގެ ތެރެއަށް އަލަށް އިތުރުވަމުންދާ ކަންކަމާއި ތަކެއްޗަށް ކިޔާ ބޭރު ބަސްބަހުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ބަސް އުފެއްދުމެވެ”

އާ ބަސް އުފެއްދުމެވެ. ނަމަވެސް ވަރުގަދަ ހިފެހެއްޓުންތެރިކަމާއި ހަމަތަކެއްގެ މަތީންނެވެ. ދިވެހީން ވާހަކަ ދައްކާ އިރު ބޭނުންކުރާ ބޭރު ކޮންމެ ބަހަކަށް ދިވެހި ބަހެއް އުފެއްދުމުގެ ވިސްނުމުގައި ނޫނެވެ.

“ދިވެހި ބަހުގެ ތެރެއަށް އަލަށް ވަދެގެން އުޅޭ “އެސްޓިމޭޓް” މި ބަހުގެ ބަދަލުގައި ބޭނުންކުރުމަށް އަޅުގަނޑުމެން ބަހެއް ހޮވާފައި ވަނީ އިސްވެދެންނެވި ހަމަތަކުގެ މަތިން އަޅުގަނޑުމެންގެ ބަސްކޮށާރުންނެވެ. ދިވެހި ބަހުގެ ރަދީފުގެ ތެރެއިންނެވެ. އެ ބަހަކީ “އަންދާސީހިސާބު” މި ބަހެވެ.. އެސްޓިމޭޓުގެ ބަދަލުގައި އަންދާސީހިސާބު ހޯދުމަކީ ދިވެހި ބަހަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމެއްކަން ހަމަ ގައިމުވެސް އަޅުގަނޑު ގަބޫލުކުރަމެވެ” – ފަތްތޫރަ، އޭޕްރީލް، 1993

~

އައު ބަސް އުފެއްދުމުގެ ބަހުސަކީ ތަނަވަސް ބަހުސެކެވެ. އެއްވެސް ގޮތަކަށް، އެއްވެސް މިންވަރަކަށް އައު ބަސް އުފައްދަން ނުޖެހޭ ކަމަށް އެއް ބަޔަކު ގަބޫލުކުރެއެވެ. ބޭރު އެއް ބަހެއްގެ ބަސްތައް ދިވެހި ބަހަށް ވަންނާނޭ މިންވަރަކަށް ވަންނަން ތަން ދިނުމަކީވެސް ކުދި ބަސްތަކަށް މިއަދު ކުރިމަތިވެފައިވާ ހާލަތުގައި އެންމެ ރަނގަޅު ގޮތްތޯ، އެއީވެސް ވިސްނާލަން ޖެހޭ ކަމެކެވެ. އައު ބަސް އުފެއްދުން، މިއީ ތަނަވަސް މާނައެއްގައި ބުނާ އިބާރާތެކެވެ. އައު ބަސް އުފެއްދުން، ތަފްސީލުކޮށްދެއްވަމުން އަބްދުﷲ ޞާދިގު ލިޔުއްވާފައިވެއެވެ؛

“އެންމެ ފުރަތަމަ ދިވެހި ބަސް ދިވެހި ކުރުމަކީ ކޮބައިތޯއެވެ؟ އެއި ދިވެހި ބަސް ޤައުމީ ކުރުމަށް ކިއިފައިވާ ރަމްޒީ ނަމެއް. ޙަޤީޤަތުގައި މި މަސައްކަތަކީ ބޭރު ބަސްބަސް ދިވެހީންނަށް އެނގޭނެގޮތަށް ދިވެހީންނށް ވިސްނޭނެގޮތަށް، ދިވެހީންނަށް ކިޔޭނެގޮތަށް ބަދަލުކޮށްގެން ބޭނުންކުރުން. މިއީ ހުރިހައި ބަހެއްގައިވެސް ބޭނުންކޮށް އުޅޭ ވަސީލަތެއް”

ދިވެހި ބަސް ދިވެހި ކުރުން (އައު ބަސް އުފެއްދުން) ނުވަތަ ދިވެހި ބަހަށް އިހުގައި ބޭރު ބަސްތައް ވަންނަމުން އައި ހަމަތައް ހަމަތަައް އަބްދުﷲ ޞާދިގު ބަޔާންކުރެއްވިއެވެ. އެއީ؛

ހ. ބޭރުބަސްބަހުގެ އަކުރު ބަދަލުކޮށްގެން ބަސް ހެދުން

މިސާލު: އަރަބި
ޠާޤިޔާ – ތާކިހާ

މިސާލު: ފާރިސީ/އުރުދޫ
ހޯޝިޔާރު – ހުސިޔާރު
މައުސިމް – މޫސުން

މިސާލު: މަލިޔާޅަމް/ހޮޅިބަސް
ޕައްޓަރު – ފައްޓަރު
ޕާލަމް – ފާލަން

މިސާލު؛ އިނގިރޭސި
ޕާރމިޓް – ފަރުމޭޓް (އަތިރީފަރުމޭޓު/ކަސްޓަމްސް)
ސްކޫލް – އިސްކޯލު/ސުކޫލު/އިސްކޫލު
މެނިފަސްޓް – މުނީފާސް

ށ. ބޭރު ބަސްބަހުގެ ބަދަލުގައި ބޯދާ ބަސް ބޭނުންކޮށްގެން ބަސް ހެދުން

ބޯޑިންގް – ދަނާލު
ސެޝަން – ދަންފަޅި
ޓޭބަލް – ތާވަލު

ނ. ބޭރު ބަސްބަސް ތަރުޖަމާކޮށްގެން

އެއަރޕޯޓް – ވައިގެބަނދަރު
އެނާރޖީ – ހަކަތަ
ހާފްސެކަންޑް – ފަޅިސިކުންތް

ރ. އެ ފަދަ ބަސްތަކާ ގުޅޭ ދިވެހި ބަސް ބޭނުންކޮށްގެން

ޕަސެންޓް – އިންސައްތަ
ފުޓްނޯޓް – ހަވާސާނޯޓް
ފޯވަރޑް – އިސްބަސް

ދިވެހި ބަސް ދިވެހި ކުރުމުގެ މަޝްވަރާ ބައްދަލުވުމުގެ ކަރުދާސް، 1995 –

އަބްދުﷲ ޞާދިގު ބަޔާންކުރައްވާފައި އެ ވަނީ ބޭރު ބަސްބަހުން ދިވެހި ބަހަށް ބަސް ވަންނަމުން އައި އަސާސީ ހަމައާއި އައުބަސް އުފެއްދުމުގެ އަސާސީ ސިފަތަކެވެ. އައުބަސް އުފެއްދުމުގެ ހަމަތައް ފުޅާކުރެވިފައިވަނީ މި އަސާސްތަކުގެ މަތީގައެވެ.

“އެކި ޒަމާނުގައި ބަސްތައް ދިވެހި ބަހަށް ވަންނަމުން އައިސްފައިވަނީ އެއިރެއްގައި ދިވެހީންނާ އެންމެ ތިމާގެ ބަހަކުންނެވެ. އެގޮތުން މީގެ ކުރީގައި ދިވެހީންނާ އެންމެ ތިމާގެއީ އަރަބި ބަހާއި އުރުދޫ ބަހެވެ. އެދުވަސްވަރު އުރުދޫ ބަހުން ނުވަތަ ހިންދީ ބަހުން ބަސްބަސް ދިވެހިކޮށްގެން ބޭނުންކުރެވުނެވެ. ހަމަ އެހެން މިހާރު އިނގިޜޭސި ބަހެވެ. މިހާރު ގިނަ ބަސް ދިވެހި ބަހަށް އަންނަނީ އެބަހުންނެވެ” – ކަށިމާ އަޙްމަދު ޝާކިރު

ބަހަށް އައި އަދި އަންމުންދާ ބަދަލުތަކީ ދުނިޔެއަށް އެކި ދުވަސްވަރު އައި، އަންނަމުންދާ ބަދަލުތަކުގެ ރަމްޒެކެވެ. ޕޯޗުގީޒުންގެ އިސްތިއުމާރު ހިނގި ދުވަސްވަރު ޕޯޗުގީޒު ބަހުގެ އަސަރުތައް ދުނިޔޭގެ އެކި ބަސްތަކަށް ފޯރިއެވެ. ޕޯޒުގީޒު ބަސްތައް އެހެން ބަސްތަކުގެ ބަސްކޮށާރަށް ވަނެވެ. އަހަރެމެންގެ މި ދިވެހި ބަހަށްވެސްމެއެވެ. ހަމަ އެފައިން، ލަންދޭސީ (ޑަޗް) ބަހުގެ ނުފޫޒާއި ފަރަންސީސި ބަހުގެ ނުފޫޒުވެސްމެއެވެ. ދިވެހި ރާއްޖެ އިސްލާމްވުމަށް ފަހު އަރަބި އަދި ފާރިސީ ބަހުގެ ބަސްތައް ދިވެހި ބަހުގެތެރެއަށް ވަނެވެ. ދިވެހި ރާއްޖޭގައި އަރަބި ތައުލީމް ފުޅާވަމުން ދިޔަ ދުވަސްވަރު، އަރަބި ބަހުގެ އަސަރު ދިވެހި ބަހަށް ވަރަށް ބޮޑަށް ކުރިއެވެ. އިނގިރޭސި ތައުލީމްފުޅާވުމުން އިނގިރޭސި ބަހުގެ އަސަރެވެ. އެ ހުރިހައި ބަހެއް ދިވެހި ބަސް މުއްސަނދިކޮށްދިނެވެ.

އަބްދުﷲ ޞާދިގު ވިދާޅުވެފައިވެއެވެ؛

“ބަހުގެ އިލްމުވެރިން ވިދާޅުވާގޮތުގައި ބޭނުންވާ ޙާލަތްތަކުގައި ބޭރުބަސްބަސް ބޭނުންކުރުމަކީ ގެއްލުހުރި ކަމެއް ނޫން. އަދި ކީއްތޯ! އެއީ ބަސް މުއްސަނދި ކުރުމަށްޓަކައި ކުރަން ޖެހޭ ކަމެއް. އެކަމަކު ބޭރު ބަސްތައް ދިވެހި ކުރާއިރު ކުރިންވެސް ދެންނެވިހެން ބަހުގެ ވަޒަންތަކާއި ބީރަށްޓެހިނުވާފަދަ ގޮތަކަށް ބަސް ދިވެހި ކުރުމަށް ރައްކާތެރިވާން ޖެހޭނެ”

– ދިވެހި ބަސް ދިވެހި ކުރުމުގެ މަޝްވަރާ ބައްދަލުވުމުގެ ކަރުދާސް, 1995

އާ ބަސް އުފެއްދުމުގައި މިހާރު ގެންގުޅޭ އެއް އުސޫލަކީ ބޭރުބަސްތައް ލޯނުކުރުމެވެ. މިއީ ބޭރު ބަހެއް ދިވެހި ބަހުގެ ތެރެއަށް ގެނައުމެވެ. ދިވެހި އަޑުތަކަށް ފަރިތަކޮށެވެ. މިއީ އިހުއްސުރެ ބޭރު ބަސްތައް ދިވެހި ބަހަށް ވަންނަމުން އައި ގޮތެވެ. ތަފާތަކީ މި ޒަމާނުގައި މި ކަމަށް ނަމެއް ކިޔައި އުޅުމެވެ. ލޯނުކުރުމެވެ. އައު ބަސް އުފެއްދުމުގެ ބަޔަކަށް މި ގޮތްވެސް ވާކަމެވެ.

ބަސް ރަމްޒުކޮށްދެނީ އެ ބައެއްގެ ކަނޑުދަތުރުފަތުރާއި ވިޔަފާރާއި އާއި ސަގާފީ ގޮތުން ގައުމުތަކާ ހިނގި ގުޅުންތަކެވެ. ކަތީބު އައިސްފައިވަނީ އަރަބި ބަހުންނެވެ. ބަރަފޯސް އައިސްފައިވަނީ ފާރިސީ ބަހުންނެވެ. ޑަނޑޫރާ އައިސްފައިވަނީ އުރުދޫ ބަހުންނެވެ. މަނަވަރު (މޭން-އޮފް-ވޯ) އައިސްފައިވަނީ އިނގިރޭސި ބަހުންނެވެ. މިސްކިތް އައިސްފައިވަނީ ޕޯޗުގީޒު ބަހުންނެވެ. ދިވެހި ބޯދާބަހުގައި އެއީ ދަނާރެވެ. އަލަމާރި، މޭޒު މިއީ ދިވެހި ބަހުގައިވާ ޕޯޗުގީޒުންގެ ދުވަސްވަރުގެ އަސަރުތަކެވެ. ފަޅޯ އައިސްފައިވަނީ ތަމަޅަބަހުންނެވެ. ޙުޞައިން ޞާހުއްދީން ކިޔުއްވާފާއިވާ ފަދައިން؛

ފުރައަމެންގޭ މާދަރީބަސް އެކުވެގެންވެއެ އުފެދިގެން
ކުރެވިދާހިނދު ފިކުރުގިނަބަސް އެއްވެގެން ޝަރުގަށްމިވާ
ސެންސިކިރްތާ، ޕާލިޔާ، ސިންހަޅަ، ތަމަޅަ، ފެނެޔޭނިކަން
ފެންނަހެން ޢަރަބީގެ ބަސްތައް ފާރިސީޔާ ޕޮސްތުވާ
ހަމައެފަދައިންހުރެދެޔޭ ޔޫރަޕްގެބަސްތައްވެސް ލިބޭން
ނަމަބަލައި ހޯދައިއުޅެފި ކަތަކަށް ރަނގަޅު ހަމަބުއްދިވާ

އަހަރުމެންގެ މިހައިރަށް ނެތްކަމަކީ ތިމައުރެން މޮށެ އުޅޭ ބަހާ މެދު ހޯދައި ބަލައި ނޫޅުމެވެ. އެއްވެސް ބަހަކީ އެކަނި އޮވެ ތަރައްގީވާ ބަހެއް ނޫނެވެ. ބަހެއްގައި އެހެން ބަހުގެ ބަސްތައް ހުރުމަކީ އެ ބަހެއް ފަގީރު ވުމެއް ނޫނެވެ. ބަހަކީ އާއިލާއެކެވެ. އެއް ބަހުން ކުރިލައި އަނެއް ބަސް ހެދެއެވެ. ޒަމާނުގެ ބައެއް ދޫތަކުން ބުނެއެވެ. ދިވެހި ބަސް ހާދަ ފަގީރެވެ. “އަތޮޅު” ނޫނީ ކަލޭމެންގެ އަމިއްލަ ބަހެއް ބުނެބަލާށެވެ. ދިވެހި ބަހުން އަހަރުމެން ބުނަން ބޭނުންވާ ޝުޢޫރުތައް ފައުޅުނުކުރެވެއެވެ. މި ބަހާ މެދު އޮތް ޖަވާބަކީ ދިވެހި ބަހުން އިސްވެ ބަސްފޮތެއް އެކުލަވައިލެއްވި މަލިން މޫސާ މާފަތްކަލޭފާނުން ވިދާޅުވި ބަސްފުޅެވެ.

“މިކަލަކަށް އައިސް ބޭރު އަޖުނަބީ ބަސްބަސް ދަސްވަމުން އަންނަ ދިވެހި ޒުވާނުން ކުދީން، ތިމާމެންގެ އަމިއްލަ މާދަރީ ދިވެހި ބަހަށް ނަފްރަތުވެ، އެ ބަހުގެ މައްޗަށް ވިސްނައި ފިކުރު ހިންގުން ދޫކުރަން ފަށައިފިއެވެ. އަދި އެ ބަސް ދިރުވައި ކުރިއެރުވޭތޯ އުޅުމަކީ ބޭނުންތެރިކަމެއްކަމަކަށްވެސް ނުހަދަތެވެ” – ދިވެހި ބަހުގެ ރަންތަރި

މިއަށް ފަހު، މުޙައްމަދު އަމީން ދީދީ ވިދާޅުވެފައިވާ މި ބަސްފުޅެވެ

“ދިވެހި ބަހަކީ ނުހަނު ފުރިހަމަ ޤަވާއިދުތަކެއްގެ މައްޗަށް ބިނާވެފައިވާ، ތަނަވަސް ބަހެކެވެ. އަޅުގަނޑުމެންގެ ހިތަށް ވަންނަ ހައި ހިޔާލުތައް، ހަލުވިކޮށް ދިވެހި ބަހުން ބަޔާންކޮށް ނުލެވެނީ، ހަމަ އެކަނި އަޅުގަނޑުމެންނަށް ދިވެހި ބަސް ނުއެނގޭކަމުންނެވެ”

އައުބަސް އުފެއްދުމަކީ، ބަހަވީ، އިލްމީ މަސައްކަތެކެވެ. އެހެން ބަސްބަހުގައިވެސް އެމަގުން ހިނގަމުން އަންނަ ކަމެކެވެ. ނަމަވެސް، މިއަދު އުފައްދަމުން ގެންދާ ބަސްތަކަށް މިއަދުގެ ޖީލުގެ ނުރުހުމާއި “މަލާމާތް” ލިބިގެންދާ ސަބަބަކީ ދިވެހި ބަހުގެ އިސް އުސްތާޒުން ދެއްވާފައިވާ އަގުހުރި ފިލާވަޅުތަކުގައި ނުހިފުމެވެ. ދިވެހި ބަހުގެ ގައުމީ އިދާރާއިން ކުރަން ޖެހޭ ހަމަ އެކަނި މަސައްކަތަކީ އާ ބަސް އުފެއްދުމޭ އާންމުންނަށް ހީވާ މިންވަރަށް އައު ބަސްތައް އުފައްދަމުން ދިއުމެވެ. އުފައްދަން ނުޖެހޭ އެތައް ބަހެއްވެސް އުފަދަމުން ދިއުމެވެ. ޒަމާނާއި ޒަމާނުގެ އަޑުތަކަށް ވިސްނުމެއް ނެތި ބަސް އުފައްދަންވުމުން “އަގީމުސަރައްކާލި” ފަދަ ބަހަށް މަލާމާތް ރައްދުވާ ފަދަ ބަސްތައްވެސް އައުމެވެ. ކޮންމެ ބޭރު ބަހަކަށް ދިވެހި ބަހެއް އުފައްދަން ޖެހޭ ކަމުގެ ވިސްނުމުގައި ބޭރުގެ ވިޔަފާރި ބްރޭންޑްތަކަށް ވެސް ދިވެހި ބަސް ހަދާ ހިސާބަށް ދިއުމެވެ. އަލްއުސްތާޒު އަބްދުﷲ ޙަމީދު ލިޔުއްވާފައިވެއެވެ؛

“އިނގިރޭސި ބަސްފޮތުގައިވާ ކޮންމެ ބަހަކަށް ދިވެހި ބަހެއް ނޯންނާނެއެވެ. އެއީ ދިވެހި ބަހުގެ ރަދީފުގައިވާ ކޮންމެ ބަހަކަށް އިނގިރޭސީން ވެސް ބަހެއް ނޯންނާނެ ފަދައިންނެވެ. އިނގިރޭސި ބަހުގެ ކޮންމެ ލަފުޒަކަށް ދިވެހި ބަހެއް ނުވެސް އޮންނާނެއެވެ. އަދި ދިވެހި ބަހުގެ ކޮންމެ ލަފުޒަކަށް އިނގިރޭސި ބަހައްވެސް ނުއޮންނާނެއެވެ. އަޅުގަނޑުމެން ކުރާންވީ ކަމަކީ … މާދަރީ ބަހާ މެދު ޝަކުވާ ކުރުމުގެ ބަދަލުގައި ބަސް މުއްސަނދި ކުރުމެވެ. އަލަށް ވައްދަން ޖެހޭ ބޭރު ބަސްބަހުގެ ބަދަލުގައި ދިވެހި އައުބަސްތައް އުފެއްދުމެވެ” – އަބްދުﷲ ޙަމީދު، ފަތްތޫރަ، ފެބްރުއަރީ، 1998

~

ބަހަކީ މިނިވަން އެއްޗެކެވެ. ބަސް އުފެއްދުމަކީވެސް މިނިވަންކޮށް އޮންނަން ވާނެ ކަމެކެވެ. އައު ބަހަކީ ފުރަތަމަ މީހުންގެ ވާހަކަ ދެއްކުމަށް، ލިޔުންތަކަށް، ޒަމާނަށް ވަންނަ އެއްޗެކެވެ. އެ ފަހުގައި ރަދީފަށެވެ. ބުޗާ ކަޅުހުއްތު ރާއްޖެއަށް އަލަށް ގެނައި މޭވާއަށް ކީ “ކަޅުހުއްތު މޭވާ”އެވެ. ބަހުގެ ދިރޭ ގޮތަކީ މިއެވެ. ރަދީފަށް ފުރަތަމަ ބަސްތަކެއް ވައްދައި، އެ ބަސްތައް ބޭނުންކުރަން ބުނުމަކީ ބަހަށް އެންމެ ދިރުން ލިބޭނެ ގޮތެއް ނޫނެވެ.  މުޙައްމަދު އަމީން ދީދީގެ ލިޔުއްވުންތަކުގައި ބޭނުންކުރެއްވި ބައެއް ބަސްތަކަކީ އެމަނިކުފާނު އުފައްދަވައި ލިޔުއްވި ބަސްތަކެވެ. ބޭރުބަސްބަސް ބޭނުން ނުކުރުމަށެވެ. މުޙައްމަދު އަމީންގެ ލިޔުއްވުންތަކުގައި އުފެއްދެވި ބައެއް ބަސްތަކަކީ:

Circumference – ބުރުމިން
Diameter – ދިގުހުރަސް
Equator – ދެބައިހަމަ
Exis – ތަނޑު
Loud speaker – އަޑުގަދަކުރާ

މިއީ އައު ބަސް އުފެއްދުމުގައި ފުރަތަމަ ލިޔުމަށް އަންނަ ގޮތެވެ. އެ ބަހަކުން ލިޔެހަދާ މީހުން އެ މީހުންގެ ލިޔުންތަކުގައި ބޭރު ބަސްބަހުގެ ބަދަލުގައި އަމިއްލަ ލިޔާ ބަސްތައް، ގިނަ ބަޔަކު ބޭނުންކުރަން ފަށައި، އާންމުވެ، ރަދީފަށް އައުމެވެ. ނުވަތަ ވާހަކަ ދެއްކުމުގައި އާންމު ބަސްތައް ރަދީފަށް ވެއްދުމެވެ. މިސާލަކަށް “ބިޓުން” “ކަރާފެޅުން” ފަދަ ބަސްތަކެވެ. ބަހުގެ ދިރުމަކީ ޒަމާނުގެތެރެއިން ބަސް ކުރިއަރަން ދޫކޮށްލުމެވެ. ބަސް ހިފެހެއްޓުމެއް ނޫނެވެ.

ދެމަފިރިއަކަށް ކުއްޖަކު ލިބެން އުޅޭކަން އެނގުމުން އެ ކުއްޖަކަށް ކިޔާނެ ނަމެއް ހޯދައި ބަލަނީ އެ ކުއްޖެެއްގެ މައިންބަފައިންނެވެ. ނަން ކިޔައި އެ ނަން ރަސްމީ އިދާރާގައި ރެޖިސްޓްރީ ކުރަނީއެވެ. އަލަށް ދިވެހި ބަހުން އެއްޗަކަށް ނަން ކިޔަން ވެއްޖެ ނަމަ އެކަން ކުރާނެ ބަޔަކީ ބަހުގެ މައިންބަފައިންނެވެ. އެ ބަހަކުން ވާހަކަ ދައްކައި އުޅޭ އެ ބަހެއްގެ އަހުލުވެރިންނެވެ. މީހުން ބޭނުންކުރާ ނަންނަން ރަދީފަށް ލާނީއެވެ. އެހެން ނޫން ނަމަ ވާނީ އައިޑީ ކާޑު ޔުނިޓުން ކުދިންނަށް ނަން ދިނުން ފަދަ ކަމަކަށެވެ. އެ ބައެއްގެ ދަރިޔަކަށް އިދާރާއަކުން ދޭ ނަމެއް ކިޔުމުގެ ޝައުގުވެރިކަން ކުޑަ ވާނެއެވެ

“އަޅުގަނޑުމެންގެ ދިވެހި ބަހުގައި އޮންނަ އެކިއެކި ހަމަތަކަށް ނުބަލައި އަމިއްލައަށް ގޮތްތަކެއް ހެދެމުން އެބަދެއެވެ. ބަހުގައި ނެތް ބަސްތަކެއް އުފައްދައި ބަހުގެތެރެއަށް ގެނައުމަކީ ބަސް މުއްސަނދި ކުރުމެކޭ ބުނެވިދާނެއެވެ. ނަމަވެސް، ދިވެހި ބަހުގައި ދިވެހީން ބޭނުންކުރަމުން އައި ގޮތެއް އޮއްވާ ހަރުދަނާ އެއްވެސް ސަބަބެއް ނެތި ބަދަލުކުރަމުން ގެންދާ ގެންދިޔުމާ މެދު ބުނެވޭނީ އެހެން ގޮތަކަށެވެ. އާދެ! އެޔާމެދު ބުނެވޭނީ ބަސް ހަލާކުކުރުމެއް ކަމުގައެވެ. ބަހުގެ ހަމަތައް މުގުރައި، އެއަށް ކޮޅުފައިން އަރަމުން ދިޔުމެއްކަމުގައެވެ” – މުޙައްމަދު ޖަމީލު ދީދީ، ފަތްތޫރަ، އޯގަސްޓް، 1983

މިއަދުގެ ޖީލު ދިވެހި ބަހާ މެދު ޝައުގުވެރިކުރެވޭނީ އެ ޝައުގުވެރިކަން ރަސްމީ އިދާރާތަކުން އުފައްދައިގެނެވެ. އައުބަސް އުފެއްދުމާއި އުފައްދާ ބަސްތައް ހާމަކުރުމުގައި މިހާރު ގެންގުޅޭ އުސޫލުތައް ބަދަލުކޮށްގެނެވެ. އައު ލަފްޒެއް ހާމަކުރާ އިރު އެ ލަފުޒެއް ހެދި ހަމަތަކާއި ދާއިރާ ކިޔައިދެވިގެނެވެ. ބޭސްވެރިކަމުގެ ދާއިރާއަށް ހާއްސަ ބަހެއް އާންމުކުރާ ނަމަ، އެއީ އެ ދާއިރާގެ ބޭނުމަށް އުފެއްދި ބަހެއްކަން ބަޔާންކުރުމެވެ. އޭވިއޭޝަން ނުވަތަ އެކެޑަމިކް އެހެން ދާއިރާއެއްގެ ބަހެއް އުފައްދައި އާންމުކުރާނަމަ އެކަން ބަޔާންކުރުމެވެ. ހުރިހަ ބަހެއްގައިމެ، ހާއްސަ ދާއިރާތަކުގެ ބަސްކޮށާރު ހުރެއެވެ. އެއީ އާންމު ބަސްކޮށާރުކަމަށް ދޭހަވާ ގޮތަށް އާންމުކުރާ ނަމަ ބަސް ބޭނުންކުރާ އާންމުންނަށް އޮޅުން އަރައި ބަހަށް މަލާމާތް ރައްދުވާތަން ދާނީ ފެންނަމުންނެވެ

“ބަލަ އެއްވެސް ޤައުމަކަށް އެ ޤައުމެއްގެ ތާރީޚާއި މުސްކުޅި އަދަބުތަކާއި އެ ޤައުމެއްގެ ބަހަށް ވެފައި އޮތް ގޮތަކާއި، ނޭނގި ތިބެގެން ކުޑަކޮށްވެސް ތަރައްޤީގެ ހަރުގަނޑަކަށް އެރިދާނެހޭ؟ ވަޒަނަށް ލޯތްބެއް ހުރީވިއްޔާ، ބޭރުން ހޯދާ ޢިލްމުންވެސް ބާރު ދޭންވީ ތިމާގެ އަމިއްލަ ބަހަށާއި އަދަބަށް ނޫންހޭ! – ޙުސައިން ޞަލާހުއްދީން