ކަމަދޫ ރާއައިސަ، އޭއައި ކުރެހުން، ނަވީން ޢަލީ
ތަދަކީ ދެވަނަ ބޮޑުހަނގުރާމައިގެ ތަދުގަނޑެވެ. ލޯތްބަކީ އުފެދުނު ގުޅުންތަކާއި ވެވުނު ކައިވެނިތަކެވެ. ކަށިކޭލާއި ބޯކޭލެވެ. ފަތްކޭލާއި ފަލަމަޑިއެވެ. އެ ހޯދަން ކުރި ހިޖުރައެވެ. ރަށަކީ ބ. އަތޮޅުގެ ކުޑަ ރަށެކެވެ. މީހުން މަދު ރަށެކެވެ. މީގެ އަހަރުތަކެއް ކުރިން ގިނަ ބަޔަކު ސަމާލުކަން ދީފައިވާ ރަށެއް ނޫނެވެ. އެ ރަށެއްގެ ނަން ގިނަ ބަޔަކު އަހަމުން އައިސްފައިވާ ރަށެއް ނޫނެވެ. ނަމަވެސް، މިއަދު އެއީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށެވެ. އެންމެ ނަން ހިނގާ އެއް ރަށެވެ. އެ ރަށެއްގެ ނަން އިވުމުން އަންހެން ކުއްޖެއްގެ ބަނޑިތަކާއި، ސަގާފީ ކުޅިވަރުތަކުގެ ރީތިކަމާއި އިގްތިޞާދީގޮތުން ކުޑަ ރަށެއް ކުރިއަރަމުންދާ ސިފަވާ ރަށެވެ. ކަމަދުވަކީ މިއަދު ގިނަ ބައެއްގެ ހިތް ދެވިފައިވާ ރަށެވެ. އެ ރަށުގެ އިޖްތިމާއީ އެކުވެރިކަމަށެވެ. ސަގާފީ ކުޅިވަރުތަކުގެ ފުރިހަމަކަމަށެވެ. ކުޑަ ރަށެއްގެ ކުރިއެރުމަށެވެ. ބިނާކުރަމުންދާ ފަތުރުވެރިކަމާއި އަމިއްލަ އިގްތިޞާދަށެވެ.
ކަމަދޫގެ ނަން އެންމެނަށް އެނގުނަސް، ކަމަދޫގެ ތާރީޚު ދަންނަނީ މަދު ބަޔެކެވެ. އަމުދުން، ކަމަދޫގެ މިއަދުގެ ޖީލު ކަމަދޫގެ ތާރީޚު ނުދަނެއެވެ. ކަމަދޫގެ ތާރީޚު ވަނީ ދެތިން މުސްކުޅިއެއްގެ ހަނދާނުގައެވެ. ތާރީޚުގެ މަދު ފަތްފުށްތަކެއްގައެވެ. މިއީ ބ. ކަމަދުވާއި ކުޑަރިކިލުގެ ދުވަސްވީ މީހުންގެ ފަރާތުން އިވިފައިވާ ވާހަކަތަކެވެ. ކަމަދޫގެ ތާރީޚުގައި ކުޑަރިކިލަކީ ރަށް އާބާދުވުމުގެ އެއް ދައުރެވެ.
ކަމަދޫގެ ނަމުގެ އަސްލު
ކަމަދުވަކީ ރާއްޖޭގެ ގަދީމީ ރަށެކެވެ. އެ ރަށެއްގެ ނަން ލޯމާފާނުގައި ލިޔެވިފައިވާ ރަށެކެވެ. ކޮންމެ ރަށެއްގެ ނަމުގައިވެސް މާނައެއްވެއެވެ. ދިވެހި ރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭތާ، ދެހާހަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. ރަށްރަށަށް ކިޔައި އުޅޭ ނަންތަކުގައިވެސް، އެ ދިގު ތާރީޚުވެއެވެ. ބައެއް ރަށްރަށުގެ ނަމުގެ ތާރީޚު ވަނީ ރާއްޖެ އިސްލާމްވުމުގެ ކުރިއާ ގުޅިފައެވެ. ބޯދާ އަޤީދާތަކާއި ގަބުލުކުރުންތަކުގެ މައްޗަށެވެ. މާޅޮސްމަޑުލަކީ ދިވެހި ރާއްޖެއާ ބޭރުގެ ދަތުރުފަތުރާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް އަތޮޅެވެ. ރާއްޖޭގެ ގަދީމީ ތާރީޚުގެ އެންމެ މުހިންމު އެއް އަތޮޅެވެ. މި ގަދީމީކަން ރަށްރަށަށް ކިޔާ ނަންތަކާ އެކުވެފައިވެއެވެ.
ބ. އަތޮޅަކީ މުސްކުޅި މާޅޮސްމަޑުލުގެ އިދާރީ ބައިކުރުމެކެވެ.
ރަގުޕަތީ އާއި ނަސީމާ މުޙައްމަދު ލިޔުއްވާފައިވާ “އޭން އެޓީމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލެންޑް ނޭމްސް”ގައި “ކަމަދޫ”ގެ މާނައަކީ TheVillage Island ވިލެޖް އައިލެންޑެވެ. ކަމަދޫއަކީ ގަމަދޫގެ ފުރޮޅުމެކެވެ. އުތުރުގެ އަތޮޅުތަކުގައި “ގ” “ކ” އަށް ބަދަލުވާ ހަމައަކުންނެވެ. “ކަމަ”އަކީ ގެމަނަފުށި، ގެމެންދޫގެ ނަމުގެ އަސްލުގައިވާ “ގެމަ”އެވެ. މާނައަކީ ޖަމާއަތް ނުވަތަ ބަޔެވެ. އަވަށެވެ.
ކަމަދޫގެ ނަމުގެ އަސްލާ މެދު އެހެން ހިޔާލެކެވެ. ރާއްޖެ އިސްލާމްވުމުގެ ކުރީގެ އޭވާލާ ދިވެހީންގެ ބޯދާ ދީނާއި ގަބޫލުކުރުންތަކުން ބައެއް ރަށްރަށުގެ ނަންތައް އައިސްފައިވާވެއެވެ. މުސްކުޅި ސާންސްކިރިތު އަސްލުގައި “ކަމަ” އަކީ ލޯތްބެވެ. ލޯބީގެ އެދުންވެރިކަމެވެ. ލޯތްބާ ގުޅިފައިވާ ބޯދާ ގަބޫލުކުރުންތަކެކެވެ. ރާއްޖެ އިސްލާމްވި ނަމަވެސް އަވަށްޓެރި ގައުމުތައް ބޯދާ އަޤީދާތަކުގައި ދެމިގެން އައިސްފައިވެއެވެ. އެބައިމީހުންގެ ގަބޫލުކުރުންތަކުގައި “ކަމަދޭވާ” ކިޔާ ދޭވަތާއެއް ވެއެވެ. އެއީ ހިންދުކަރައިގެ އަގީދާގެ “ކިޔުޕިޑް”، ލޯބީގެ ތީރު ފޮނުވާ ފަރާތުގެ ގޮތުގައި ސިފަކުރެއެވެ.
ހޮރަބަދޫ، ފޮޓޯ: އަަޙްމަދު ޢަލާ
ބ. ދަރަވަންދޫގެ ނަމުގެ އަސްލަކީވެސް ރާއްޖެ އިސްލާމްވުމުގެ ކުރީގެ ބޯދާ ނަމެކެވެ. އެއީ “ދަރަ”ގެ ދޫއެވެ. ދަރަގެ ރަށެވެ. ދަރައަކީ ރޫހާނީ ކަމެކެވެ. ދެތްވެކެވެ. “ދަރަ ހިލި ރަށްރަށް ނާމާންވާ” ވާހަކަ މުސްކުޅިން ކިޔައި އުޅެއެވެ. ބ. އަތޮޅުގެ މިހާރުގެ ފަޅުރަށެއްކަމަށްވާ “ހޮރަބަދޫ”ގެ ނަމުގެ އަސްލާ ގުޅޭ އެއްވިސްނުމަކީވެސް ބޯދާ އަސްލެކެވެ. ހޮރަބަދޫން ރާއްޖެ އިސްލާމްވުމުގެ ކުރީގެ ބިނާތަކާއި އަޅުކަންކުރި ތަކެތި ފެނިފައިވެއެވެ. ހޮރަބަދޫން ފެނިފައިވާ ބައެއް ގަދީމީ ތަކެތިން އެ ރަށާ ޖާވާކަރައިގެ ގަދީމީ “ބޮރުބުދު”އާ ސަގާފީ ގުޅުންތަކެއް އޮތްކަމަށް ބެލެވިދާނެއެވެ. “ކަމަދޫ” އާއި “ހޮރަބަދޫ”އަކީ ވެސް ދިވެހި ރާއްޖެ އިސްލާމްވުމުގެ ކުރިން އޮތް ދީނީ ގަބޫލުކުރުންތަކާ ގުޅިފައިވާ ނަންނަމަށް ވެދާނެއެވެ. އެހެން ބައެއް ރަށްރަށުގެ ނަމުގެ އަސްލުގައި އިސްލާމްވުމުގެ ކުރީގެ އަސަރުތައް ވާ ފަދައިންނެވެ.
ކަމަދޫގެ އެވާލާ ތާރީޚް
ކަމަދޫގެ ނަން ދިވެހި ތާރީޚުން އެންމެ ދުރަށް ފެންނަން އޮތީ ދިވެހި ރާއްޖެ އިސްލާމްވި ޒަމާނުގައި ލިޔެފައިވާ “ދަނބިދޫ ލޯމާފާނުން”ނެވެ. ދަނބިދޫ ލޯމާފާނު ލިޔެވިފައިވަނީ، މީލާދީން 1196 ވަނަ އަހަރު ގަޑަނާދީއްތަ ރަދުންގެ އަމުރުފުޅަށް ދަނބިދޫ އިސްލާމްކުރެއްވި ހާދިސާއަށް ފަހުގައެވެ. އެއީ މީގެ 829 އަހަރު ކުރިއެވެ. ދަނބިދޫ ލޯމާފާނުގައި ލިޔެވިފައިވެއެވެ؛
ކަމަދޫ މާގޭ ވަސް ސަތިހިރު ފާށިކަވަލުނާއިކައިން މަސަންޝްރީ
އިރުން ވައޮތި ވަސް ކިތިހިރު ނަމް ރަތުނަބަނޑޭރީން މަސަންޝްރީ
އުތުރު ވަސް ޝަދުހިރު މޭނާއިކައިން މަސަންޝްރީ
ލޯމާފާނުގައިވާ ވާހަކަތައް މިހާރުގެ ދިވެހި ބަހުން؛
“ކަމަދޫ ބޮޑުގޭ އާއިލާއިން ސަތިހިރުފާށިކަ އަކީ ވަލުނައިކަ ކަމުގެ ވަޒީރެވެ. އިރުމަތީ ފަރާތު އޮތް އާއިލާއިން ކިތުހިރު އަކީ ރަންނަބަނޑޭރިއާގެ ނަމުން އެ މަގާމުގެ ވަޒީރެވެ. އުތުރު އާއިލާގެ ޝަދުހިރުއަކީ މޭނައިކަ ކަމުގެ މަގާމުގެ ވަޒީރެވެ”
ދަނބިދޫ ލޯމާފާނު
މިއީ ދަނބިދޫ ލޯމާފާނުގައިވާ ވާހަކަތަކަށް ހެކިވީ ވަޒީރުންގެ ގޮތުގައި ނަންގަނެވިފައިވާ ކަމަދުވަށް ނިސްބަތްވާ ވަޒީރުންނެވެ. ދައުލަތުގެ އެންމެ މަތީ މަގާމުތަކެވެ. ގަނޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގައި އެއް ރަށަކަށް ނިސްބަތްވާ އެންމެ ގިނަ ވަޒީރުންނަކީ ކަމަދޫ މީހުންނެވެ. ރާއްޖެ އިސްލާމްވި ދުވަސްވަރު، ދިވެހި ރާއްޖޭގެ ވެރިކަމުގެ ބޮޑުންނާއި ކަމަދުވާއި އޮތް ހާއްސަ ގުޅުމުގެ ސިއްރަކީ ކޮބައިބާވައެވެ؟ ސަތިހިރާއި ކިތުހިރާއި ޝަދުހިރަކީ ކަމަދޫ މީހުންގެ ތެރެއިން ތާރީޚުން ފެންނަން އޮތް އެންމެ ދުވަސްވީ ނަންތަކެވެ. މީގެ 829 އެތައް އަހަރެއް ކުރިން ކަމަދުވަކީ އާބާދުކަން ބޮޑު ރަށެއްކަން ދަނބިދޫ ލޯމާފާނުން އެނގެއެވެ. އުތުރު އާއިލާ އަކީ ރަށުގެ އުތުރުގައި އޮތް އަވަށް ކަމަށް ވެދާނެއެވެ. އިރުމަތީ ފަރާތު އާއިލާއަކީ އިރުމަތީ އަވަށް ކަމަށް ވެދާނެއެވެ. އަދި ބޮޑުގެއެވެ.
ބ. އަތޮޅަކީ ދިވެހި ރާއްޖެ އިސްލާމްވުމުގެ ތާރީޚާއި އިސްލާމްވި ދުވަސްވަރުގެ ވެރިކަމުގެ ތާރީޚާ ގުޅިފައި އޮތް އަތޮޅެކެވެ. ދިވެހި ރާއްޖެ އިސްލާމްވި ދުވަސްވަރުގެ ތާރީޚުން ބ. އަތޮޅުގެ އެހެން ރަށްރަށުގެ ވަޒީރުން ފާހަގަކުރެވެއެވެ. ކެންދުވާއި ފެހެންދުވެވެ. ކެންދުވަކީ ރާއްޖެ އިސްލާމްކުރެއްވި ބޭކަލަކު މަޑުކުރެއްވި ރަށުގެ ގޮތުގައި ވާރިދުވެގެން އައިސްފައިވެއެވެ. ކެންދުވާއި ފެހެންދުވާއި ކަމަދޫން ވެސް މިހާރު ރާއްޖެ އިސްލާމްވުމުގެ ކުރީގެ އެއްވެސް އާސާރެއް ފެންނާކަށް ނެތެވެ. ހަވިއްތަތަކާއި އުސްގަނޑު ފަދަ ތަންތަން ފާހަގަކުރެވެން ނެތެވެ. ބ. އަތޮޅުގެ މި ރަށްތަކުގެ މީހުންނަކީ ރާއްޖެ އިސްލާމްވި ދުވަސްވަރު ވެރިކަމުގެތެރޭ އިސްފަރާތްތައްކަމަށް ވުމުން އިސްލާމްވުމުގެ ކުރީގެ ހުރިހާ އާސާރުތައް އެކަށް ފޮހެލީކަމުގައި ވެދާނެއެވެ. ކަމަދޫގައިވެސް ރާއްޖެ އިސްލާމްވުމުގެ ކުރީގެ އާސާރެއް މިހާރު ނެތެވެ.
މެދުޒަމާނުގައި ކަމަދޫ
ދިވެހި ރާއްޖެ އިސްލާމްވި ދުވަސްވަރަށް ފަހު މެދުތެރޭ ޒަމާނާ ދޭތެރޭގައި ކަމަދޫގެ ޚަބަރުތައް ތާރީޚުން ފެންނާކަށް ނެތެވެ. ދޫދޫމަތިން މިހިސާބަށް އައިސްފައިނުވެއެވެ. މި ދުވަސްވަރުގެ ތާރީޚުން ކަމަދޫ މީހެއްގެ ނަމެއް، ހާއްސަ ޝަހުސިއްޔަތެއްވެސް ފާހަގަނުކުރެވެއެވެ. ކަމަދޫގެ ތާރީޚާ ގުޅޭ މައުލޫމާތެއް ދެން ފެންނާން އޮތީ މެދުތެރޭ ޒަމާނުގައެވެ. މުޙައްމަދު އިބްރާހީމް ލުތުފީގެ ނޯޓުފޮތެއްގައި ވަގުފުފަތްކޮޅަކާ ގުޅޭގޮތުން ލިޔުއްވާފައިވާ ނޯޓެއްގައި ކަމަދޫގެ އާއިލާއެއްގެ ވާހަކަ ގެންނަވާފައިވެއެވެ؛
ބ. ކަމަދޫ ކެޔޮޅު ކަލޭގެ 3 ދަރި
– ޙަސަން ކާންނާ ކަލޯ
– އުޅަންނައި ކަލޯ
– ފާޠިމާ ކަނބޮލު
މި ކުދިންނަށް ވަޤްފު ފަތް ލިޔެދެއްވީ އަލްޤާޟީ އަބޫބަކުރު އިބްން އަލްޤާޟީ ދޮންކޮރަލި
އަލްޤާޟީ އަބޫބަކުރު ފަނޑިޔާރުކަން ކުރައްވާފައި ވަނީ ބޮޑުތަކުރުފާނުގެ ރަސްކަމުގެ ދުވަސްވަރާއި އައްސުލްޠާން އިބްރާހީމްގެ ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރުއެވެ. މިއީ ހުވަދޫ އަބޫބަކުރު ފަނޑިޔާރާއެވެ. ބޮޑުތަކުރުފާނުގެ ރަސްކަމާއި ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރަކީ މީލާދީން 1573 އާއި މީލާދީން 1609 ވަނަ އަހަރާ ދެމެދެވެ. މި ދުވަސްވަރު ކަމަދޫގައި މީހުން އުޅެމުން އައިސްފައިވާކަން މި ފަތްކޮޅުގެ މައުލޫމާތުން އެނގެއެވެ
މީލާދީން 16 ވަނަ ގަރުނުގެ ފަހުކޮޅު ކަމަދޫގެ ނަން ފަތްކޮޅަކުން ފެނެއެވެ.
ޙަސަން ތާޖުއްދީނު އުއްތަމަފަނޑިޔާރުގެ މަޖުލީހުގައި ކުޑަދަހަރާ ތަކުރުފާނާއި ދީދީ ފަނޑިއަތްތަކުރުފާނުގެ ވަޤުފު އަލުން ލިޔެދެއްވި ފަތުގައިވެއެވެ؛
“… މާޅޮސްމަޑުލު ކަމަދޫ ހުށި ތިމަން ތަކުރުފާނުންގެ ملك ރުއްގަސްދަނޑުފަގާއި..” ކުޑަދަހަރާތަކުރުފާނާއި ދީދީ ފަނޑިއަތްތަކުރުފާނުގެ ވަޤްފުކަމުގައި ސާބިތުވީ ތަންތަނުގެ ތެރޭގައި ކަމަދޫ ރުއްގަހާއި ދަނޑުފަނގު ހިމެނޭކަމެވެ. ޙަސަން ތާޖުއްދީނުގެ މަޖުލީހަށް ވަޤުފާއިގެން ދިޔައީ އެ ދެ ވަގުފުގެ ހަވާލުވެރިކަމުގައި އިން، ކުޑަދަހަރާތަކުރުފާނުގެ ކަދީދާފާނުގެ ތުއްބީފާނެވެ. ކަމަދޫ ރުއްގަހާއި ދަނޑުފަނގު ކުޑަދަހަރާ ތަކުރުފާނަށް ވަގުފުވެފައިވަނީ ޙަސަން ތާޖުއްދީނުގެ ފަނޑިޔާރުކަމުގެ ދައުރަށްވުރެ މާ ކުރީގައެވެ.
މި ތަކުރުފާނުންގެ ވަގުފަށް ބ. ހިރުންދޫވެސް ދެއްވާފައިވެއެވެ. މި ފަތްކޮޅުގެ ދުވަސްވަރާއި 18 ވަނަ ގަރުނާ ދެމެދު ކަމަދޫގެ ޚަބަރުތައް އޮޅުންފިލާކަށް ނެތެވެ. މި ތަކުރުފާނުންގެ ވަގުފަށް ބ. ހިރުންދޫވެސް ދެއްވާފައިވެއެވެ.
ކަމަދޫގެ ފަހުގެ ތާރީޚް
ކަމަދުވަކީ 800 އަހަރަށް ވުރެ ގިނަ އަހަރުގެ ދިގު ތާރީޚެއް އޮތް ރަށެކެވެ. ނަމަވެސް، ކަމަދޫގައި މިހާރު ދިރިއުޅެމުންދާ މީހުންނަކީ ގަދީމީ ޒަމާނުއްސުރެ ދެމިގެން އައި ކަމަދޫ ދަރިކޮޅުބާއެވެ؟ މިހާރު ކަމަދޫގައި އުޅެމުންދާ މީހުންނަކީ ކަމަދޫ ފަޅުވި ޒަމާނެއް އައުމަށް ފަހުން، އެހެން ރަށަކުން ހިޖުރަކުރި ބައެއްބާއެވެ؟ ރާއްޖޭގެ ބައެއް ރަށްތަކަކީ އެކި ދުވަސްވަރު ފަޅުވެ، އަލުން އާބާދުވެފައިވާ ރަށްތަކެވެ. ފަހުގެ ދުވަސްވަރެއްގައި ކަމަދޫ ފަޅުވެފައި ވެދާނެކަމަށް ދޮންފަނު މުޙައްމަދު ޔޫސުފް ސުވާލުއުފައްދަވައެވެ.
ދިވެހި ތާރީޚުގެ މެދުތެރޭ ޒަމާނަށް ފަހު ކަމަދޫއާ ގުޅޭ ވާހަކަތައް ދޫދޫމަތިން އައިސްފައިވަނީ މީލާދީން 17 ވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން 18 ވަނަ ގަރުނުގެތެރެއަށެވެ. މި ދުވަސްވަރަކީ ބ. އަތޮޅުގެ މުހިންމު ރަށްތަކެއް ފަޅުވެ، އާ ރަށްތަކެއްގައި އާބާދުވުން ހިނގި ދުވަސްވަރެކެވެ. ކަމަދޫ ފަޅުވެފައި ވާނަމަ، އަލުން އާބާދުވެފައި ވަނީ މި ދުވަސްވަރުގައެވެ. ދޫދޫމަތިން އައިސްފައިވާ ވާހަކަތަކުން ކަމަދޫގެ މިއަދުގެ އާބާދީއާ ބ. އަތޮޅުން ފަޅުވެފައިވާ ބައެއް ރަށްތަކާ ގުޅެއެވެ. ކަމަދުވާ ގުޅިފައިވާ މި ވާހަކަތަކަކީ ޝައުގުވެރި ވާހަކަތަކެވެ.
ބ. ލުންފަރެސް ފަޅުވުން (މިހާރުގެ އަވާނީ ފަރެސް ރިސޯޓް)
ބ. ފަރެހަކީ މިހާރު ގިނަ ބަޔަކު ދަންނަ ރަށެއް ނޫނެވެ. ފަރެހަކީ އިހުގައި ބ. އަތޮޅުގެ އެންމެ މުހިންމު އެއް މަރުކަޒެވެ. އިގްތިޞާދީ އަދި އިދާރީ ގޮތުން މުހިންމު ރަށެކެވެ. ލިޔެލާ ޖެހުމުގެ ފަންނުގައި އެންމެ ކުރިއަރައި ދިޔައީ ފަރެހު މީހުންކަމުގައި ބުނެވެއެވެ. މާޅޮސްމަޑުލު ދެބުރިއަށް ވާރުކަންކުރި ރަށެއްކަމުގައިވެސް ބުނެވެއެވެ. ފަރެސް އޮންނަނީ މާޅޮސްމަޑުލު ދެބުރި ގުޅުވައިދޭ، މުހިންމު ހިސާބެއްގައެވެ. ބ. އަތޮޅުގެ އިރުމަތީ ދުނީގައެވެ. އާބާދުކަން ބޮޑު، އިގްތިޞާދީ މުހިންމު “ލުންފަރެސް” ފަޅުވި ސީދާ ތާރީޚެއް އެނގޭކަށް ނެތެވެ. ގަބޫލުކުރެވޭގޮތުގައި، މި ރަށް ފަޅުވެފައިވާނީ 1700ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ.
ލުންފަރެސް ފަޅުވި ގޮތާ މެދު ދޫދޫމަތިން ކިޔޭ އެއްގޮތަކީ؛
ފަރެހަށް ދެކުނުގެ މީހަކު އުމުރަށް އަރުވާލިއެވެ. މި މީހަކީ މަހަކަށް ފަރަކަށް ދާ މީހެއް ނޫނެވެ. ފަރެހުގައި އުޅޭކަށް މި މީހާ ބޭނުމެއް ނުވިއެވެ. އަރުވާލާފައި ހުންނަ ރަށަކުން ފޭބޭނެ ގޮތަކީ، އެ ރަށެއް ފަޅުވުމެވެ. މި މީހަކު ހިތަށް އެރިއެވެ. ފަރެހުން ފައިބާނެ އުކުޅެއް ހަދަން ވާނެއެވެ. ދެން ކިޔަވާފައި ރަތުރުކު ކާއްޓެއް ރަށްމެދުގައި ވަޅުލައިފިއެވެ. އެ ހިސާބުން އެރަށް މަތިން ފޫހިވެގެން މީހުން ފައިބަން ފަށައިފިއެވެ. ފަރެހުން ފޭބި މީހުން ގޮސް ބ. މެންދޫގަ ތިބީއެވެ. މެންދޫގައި ތިބެފައި އެ ރަށް ކަމު ނުގޮސްގެން ބ.ވައްކަރަށް ފައިބާ އެ ރަށުގައި ތިއްބެވެ. ވައްކަރުގައި ތިބެފައި އައީ ބ. ހޮރަބަދުވަށެވެ. ހޮރަބަދޫން އެއްބަޔަކު ދިޔަ ކަމަށް ވަނީ ބ. ފިނޮޅަހަށެވެ. އަނެއް ބަޔަކު ހޮރަބަދޫގައި ތިބެފައި ބ. ދޮންފަނަށް ދިޔައީއެވެ. ފަރެސްފަޅުކޮށްފައި ދިޔަ މީހުން މީހުންނަށް ފަސްބަދަވީންނޭ ކިޔައެވެ. ފަސްރަށް ފަޅުކުރި މީހުންނެވެ.
ދޫދޫމަތިން އަންނަ މި ބާވަތުގެ ވާހަކަތަކުގައި އަސްލު އެކުލެވިގެންވެއެވެ. އަދި ފޯކުލޯރުގެ ތަބީއަތުން އިތުރުކުރެވިފައި ހުރެއެވެ. ބ. ލުންފަރެސް ފަޅުކޮށްފައި ފޭބި ބައެއް މީހުން ބ. ކެންދޫގައި ވަޒަންވެރިވިއެވެ. ކެންދޫ ބައެއް އާއިލާތަކުގެ ނަސަބު އެ މީހުން ލުންފަރެހަށް އުފުލައެވެ. މުޙައްމަދު އިބްރާހީމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި، ކެންދޫގައި “މިހާރު ތިބި މީހުންގެތެރޭގައި ލުންފަރެސް ފަޅުކޮށްފައި ފޭބި މީހުން ހިމެނެއެވެ”. ފަރެހު އާބާދީ ބ. އަތޮޅުގެ އެކި ރަށްތަކަށް ގޮސްފައިވެދާނެއެވެ. ޅ. ނައިފަރުގައިވެސް ފަރެސް ފަޅުކޮށްފައި ފޭބި އާއިލާއެއް ވަޒަންވެރިވި ކަމަށްވެއެވެ.
ބ. ހޮރަބަދޫ ފަޅުވުން (މިހާރުގެ ރޯޔަލް އައިލެންޑް ރިސޯޓް)
ހޮރަބަދުވަކީ ރާއްޖޭގެ ގަދީމީ ރަށެކެވެ. އުތީމު ޙުސައިން ޚަތީބުތަކުރުފާނުގެ މަންމައަކީ މި ރަށުގެ ބޭކަނބަލެކެވެ. މިއީ ބޮޑުތަކުރުފާނުގެ މާމާފުޅުގެ ރަށެވެ. ހޮރަބަދޫ ފަޅުވިކަމަށް ބުނެވެނީ އެ ރަށުގައި ހިނގި ފިތުނަވެރިކަމެއްގައެވެ. ފިތުނަވެރިކަމުގައި ސިހުރުހާހޫރަ ހެދުން ބޮޑުވިއެވެ. މި ވާދަވެރިކަމުގައި ރަށް ނާމާންވެ، “ހުދުބަލި” ކިޔާ ބައްޔެއް ރަށުގައި އުފެދުމުން ރަށް ދޫކޮށް އެހެން ރަށަކަށް ބަދަލުވީއެވެ. ހޮރަބަދޫގެ އެންމެ ވާދަވެރި ދެއާއިލާއިން ކުރެ އައިމިނާފާނު އާއިލާ ހިޖުރަކުރީ ބ. ފިނޮޅަހަށެވެ. ހޮރަބަދޫ “ތިންބަދަވިން” ނުވަތަ “ފަސްބަދަވިން” އާއިލާ ބަދަލުވީ ބ. ދޮންފަނަށެވެ. އައިމިނާފާނު އާއިލާވެސް ފަހުން ދޮންފަނަށް ބަދަލުވިކަމަށް ބުނެވެއެވެ. ދޮންފަނުގައި ވެރިކަން ކުރަމުން އައި ބޮޑުކާށި އާއިލާއަކީ މި ފަސްބަދަވީންގެ އާއިލާއެވެ.
ބ. އިރުމަތީފިނޮޅަސް ފަޅުވުން (މިހާރުގެ އަމިއްލަފުށި ރިސޯޓް)
ފިނޮޅަހަކީ (އިރުމަތީފިނޮޅު، އިރުމަތީ ފިނޮޅަސް) ހޮރަބަދޫ ފަޅުކޮށްފައި ފޭބި މީހުން ދިޔަރަށެވެ. ފިނޮޅަހުގެ ތާރީޚާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެނގޭކަށް ނެތެވެ. ފިނޮޅަހުގެ ނަން ދޫދޫމަތިން އަންނަނީ ހޮރަބަދޫ އަދި ކަމަދުވާ ގުޅޭ ވާހަކަތަކުންނެވެ. ފިނޮޅަސް ފަޅުވީ އައްސުލްޠާން ޙަސަން ނޫރައްދީން 1 ވަނައިގެ ރަސްކަމުގައި ކަމަށް މުޙައްމަދު އިބްރާހީމް ލުތުފީ ލިޔުއްވައެވެ. ޙަސަން ނޫރައްދީން 1 ވަނައިގެ ރަސްކަން ކުރައްވާފައި ވަނީ 1779ން 1799 ވަނަ އަހަރަށެވެ. ތާޖުއްދީނުގެ ތާރީޚުގައި ވެއެވެ؛
“އައްސުލްޠާން ޙަސަން ނޫރައްދީން މި ރަދުންގެ ޒަމާނުގައި ރާއްޖެއިން ފަޅުވި ރަށްރަށް، ނިލަންދެ އަތޮޅުން ވެލަވަރު، ހުވަދޫން ކާށި ހުޅުދުވާއި ފޭދުވާއި ފުއްޓެއުކިޔާ ރަށާއި ނިލަންދެ އަތޮޅުން ވެލަވަރު، މާލެ އަތޮޅުން ބަރޮސް، މާޅޮސްމަޑުލުން ފިނޮޅަސް، ތިލަދުންމަތީން ވަގާރު، މިއެވެ.
އެ ރަދުން (ޙަސަން ނޫރައްދީން 1) ގިރާވަރުގައި ހުކުރު ކުރާނޭ އަށިގެޔެއް ބެހެއްޓެވިޔޭ”
ދޫދޫމަތިން އައިސްފައިވާ އެއް ވާހަކަޔަކީ؛
“މުއީނުއްދީން 1 ވަނައިގެ ރަސްކަމުގައި އެ ރަދުން ހޮރަބަދުވަށް މާކެޔޮކަމަށް ވަޑައިގަނެއެވެ. ހޮރުބަދުވަކީ އެ ޒަމާނުގައި މާކެޔޮޅުކަމަށް އަރާއޮތް ރަށެކެވެ. މާކެޔޮކަމަށް ހޮރަބަދޫގައި ހުރި އެންމެ މޮޅު މީހަކީ ބޮޑުކާށި ޔޫސުފެވެ. މި ދުވަސްވަރު ހޮރަބަދޫގައި ބަނޑުވޭނާއި ހުދުބަލި ފެނި ވަލުން ގޮވުމާއި ރަށް ނާމާންވުމުން ބޮޑުކާށި ޔޫސުފް މާލެ ގޮސް، މުޢީނުއްދީން ރަދުންނަށް ދަންނަވައިގަތް ބަހީ، ތިމަންމެން ހޮރަބަދޫ މީހުން ރަށްފަޅުކޮށްފައި ދާނޭ ރަށެއް ދެއްވާށެވެ.
މުޢީނުއްދީން ރަދުން ވިދާޅުބަސްފުޅު އިއްވެވިވިއެވެ.
“މާލެ އަތޮޅު ބޮޑުބަނޑޮސް ދެއްވައިފީމެވެ”
ބޮޑުކާށި ޔޫސުފް ދަންނަވައިގަތެވެ.
“މާލެ ހިފަން އަންނަ މީހުން ބަޑިޖަހާއަޑު އިވޭނެތީ، ބަނޑުހޮގައި ހުންނާކަށް ނުކުރޭނެއެވެ”
މުޢީނުއްދީން ރަދުން ވިދާޅުބަސްފުޅު އިއްވެވިއެވެ.
“މާޅޮސްމަޑުލު އިރުމަތީ ފިނޮޅަހަށް ދާށެވެ. އެއީ ތިމަން ރަދުންގެ ބައްޕާފުޅުގެ ޒަމާނުގައި ފަޅުވެފައިވާ ރަށެކެވެ”
ދޮންފަނު ފަތްކޮޅު، ދޮންފަނު އޮފީސް
ދޮންފަނު މުޙައްމަދު ޔޫސުފް ލިޔުއްވާފައިވަނީ، ކާބަފައިންގެ ފަރާތުން އެނގިފައިވާ ގޮތުގައި “ހޮރަބަދޫ ފަޅުކޮށްފައި މީހުން ފޭބީ ޙިޖުރައިން 1227 ވަނަ އަހަރު”އެވެ. މިއީ މީލާދީން 1812 ވަނަ އަހަރެވެ. އެއީ މުޢީނުއްދީން ރަދުންގެ ރަސްކަމުގެ ދުވަސްވަރެވެ.
ހޮރަބަދޫ ފަޅުކޮށްފައި ހޮރަބަދޫ މީހުން ފިނޮޅަހަށް އައި އިރު ފިނޮޅަހަކީ ފަޅުރަށެކެވެ. އައްސުލްޠާން ޙަސަން ނޫރައްދީން 1 ވަނައިގެ ރަސްކަމުގައި ބ. ފިނޮޅަސް ފަޅުވިކަން ތާރީޚުން އެނގެއެވެ. ރަށެއް ފަޅުވާނީ ރަށެއްގައި އާބާދީ އެއް އޮވެ، އެ އާބާދީ ރަށުން ފޭބުމުންނެވެ. ޙަސަން ނޫރައްދީންގެ 1 ވަނައިގެ ޒަމާނުގައި ފިނޮޅަސް ފަޅުކޮށްފައި ފޭބި މީހުން ދިޔައީ ކޮންރަށަކަށް ބާއެވެ؟
ފިނޮޅަސް މީހުން ކަމަދޫއަށް ދިޔުން
ބ. ކަމަދޫގައި މިހާރު ތިބި މީހުންނަކީ ބ. ފިނޮޅަސް ފަޅުކޮށްފައި ފޭބި މީހުން ކަމަށް ދޫދޫމަތިން އައިސްފައިވެއެވެ. މި ވާހަކަ ކަމަދޫގައި ކިޔަމުން އައިސްފައިވެއެވެ. ބޮޑުތަދުގެ ދުވަސްވަރު ކުޑަރިކިލުން ކަމަދުވަށް ހިޖުރަކުރި މީހުންގެ ކުރިން އެ ރަށުގައި އުޅެމުން އައި އަސްލު ކަމަދޫ އާއިލާތަކަކީ އިރުމަތީފިނޮޅަސް އާއިލާތައްކަމަށް ބުނެވެއެވެ. ރާއްޖެ އިސްލާމްވި ޒަމާނުއްސުރެ، އަދި ބޮޑުތަކުރުފާނު ޒަމާނުއްސުރެ ކަމަދޫގައި އުޅެމުން އައި ކަމަދޫގެ އަސްލު ވެރިންނަށް ވީ ކިހިނެއްބާއެވެ؟ އާބާދީ މަދުވަމުންގޮސް، ރަށް އެއްކޮށް ފަޅުވީބާއެވެ؟ ބާކީ ތިބި މީސްކޮޅު ކަމަދޫން އެހެން ރަށަކަށް ހިޖުރަކުރީބާއެވެ؟ ނުވަތަ ކަމަދޫ އާބާދީ ވަރަށް މަދު ވެފައިވާ ދުވަސްވަރެއްގައި، ފިނޮޅަސް ފަޅުކޮށްފައި އައި މީހުން ކަމަދޫގައި ވަޒަންވެރިވެ، ކަމަދޫގެ އަސްލު ރަށްވެހިންގެ އާބާދީއާ އެކުލެވީބާއެވެ؟
ކަމަދުވަށް އައީ ޙަސަން ނުރައްދީން ރަދުންގެ ޒަމާނުގައި ފިނޮޅަސް ފަޅުކޮށްފައި ފޭބި ފިނޮޅަހުގެ އަސްލު ވަޒަންވެރިންބާވައެވެ؟ ނުވަތަ ކަމަދުވަށް އައީ މުޢީނުއްދީން ރަދުންގެ ދުވަސްވަރު ބ. ހޮރަބަދޫ ފަޅުކޮށްފައި ފިނޮޅަހަށް ދިޔަ މީހުންގެ ތެރެއިން ބަޔަކުބާވައެވެ؟
ޙަސަން ނޫރައްދީން ރަދުންގެ ޒަމާނުގައި ފިނޮޅަސް ފަޅުކޮށްފައި ފޭބި ފިނޮޅަހުގެ އަސްލު ވަޒަންވެރިންނާއި، މުޢީނުއްދީން ރަދުންގެ ޒަމާނުގައި ހޮރަބަދޫ ފަޅުކޮށްފައި ފިނޮޅަހަށް ފޭބި މީހުންގެ ތެރެއިން ބަޔަކުވެސް ކަމަދޫގައި ވަޒަންވެރިވެފައި ވެދާނެކަމަށް ގަބޫލުކުރެވެއެވެ. މި ކަމަށް ބާރު ލިބެނީ މުސްކުޅީންގެ ފަރާތުން ދޫދޫމަތިން އައިސްފައިވާ ވާހަކަތަކުންނެވެ. ކަމަދުވާއި ލަނޑާގިރާވަރާއި ފިނޮޅަހަކީ ކައިރީގައިވާ ރަށްރަށެވެ. ތާރީޚީ މުހިންމު ގުޅުންތަކެއް މި ރަށްރަށުގެ މެދުގައި ހިނގާފައިވެއެވެ.
ކަމަދޫ އިހުގެ މިސްކިތް
ފިނޮޅަހާއި ކަމަދޫގެ ގުޅުމުގެ އެންމެ މުހިންމު އެއް ވާހަކައަކީ ކަމަދޫ ކުރީގެ މިސްކިތުގައި ހުރި ފޮތްފޮއްޓެވެ. ފޮށްފޮށީގައި “ފިނޮޅަސް” ޖަހާފައިވެއެވެ. ފޮތްފޮއްޓަކީ ޤުރުއާނުގެ ސޫރަތްތައް ލިޔެފައި ހުންނަ ފޮތް އަޅާފައި މިސްކިތުގައި ހުންނަ ފޮއްޓެވެ. ފޮތްފޮށިތަކަކީ އެ ރަށެއްގައި ދިރިއުޅޭ ބައެއްގެ މުހިންމު ތަރިކައެކެވެ. އެ ޒަމާނަކީ ހަތިމު އާންމު ޒަމާނެއް ނޫނެވެ. ފޮތްފޮށިތަކަކީ ޤުރުއާން ކިޔަންވަން ބޭނުންވާ މީހުން ބަލައިގެން ކިޔަވަން އޮތް ހަމަ އެކަނި ގޮތެވެ. ރަށެއް ފަޅުކޮށްފައިދާ ބަޔަކު އާ ރަށަށް ގެންދާނެ އެންމެ މުހިންމު އެކައްޗަކީ ފޮތްފޮއްޓެވެ. ކަމަދޫ އިހުގެ މިސްކިތުގައި ހުރި “ފިނޮޅަހު ފޮތްފޮށި” ގެއްލުނީ ކޮން ދުވަސްވަރެއްގައި ކަން އެނގޭކަށް ނެތެވެ. މިހާރު އެ ފޮތްފޮށި ވީ ތަނެއް ނޭނގެއެވެ. ކަމަދޫ އިހުގެ މިސްކިތެއްވެސް ނެތެވެ. ކަމަދޫ މިސްކިތުގައި ފިނޮޅަހު ފޮތްފޮށި ހުރިކަން ދަންނަ މީހުންވެސް އަމުދުން ނެތެވެ. ނަމަވެސް މި ފޮތްފޮއްޓަކީ ކަމަދޫގެ މުހިންމު ތަރިކައެކެވެ.
ކަމަދޫގައި އުފެދުނު އެންމެ ހަރުދަނާ އެއް ވެރިޔަކީ ކަތީބު އަބްދުލްޣަނީއެވެ. ކަމަދޫގެ ތާރީޚާ ގުޅޭ މައުލޫމާތާއި ކުރީގެ ވާހަކަތައް އެންމެ ރަނގަޅަށް ދެނެލައްވާ އެކަކީ ކަތީބު އަބްދުލްޤަނީއެވެ. އަބްދުލްޤަނީ ވިދާޅުވެފައިވެއެވެ؛
“ތިމަންނާމެން ކުޑައިރު ކަމަދޫ މިސްކިތުގެ ފޮތްފޮށި ދުށިން. އެ ފޮށީގައި ފިނޮޅަސް ޖަހާފައި އޮވޭ. ކަމަދޫ މީހުންނަކީ ފިނޮޅަހު މީހުން. މިހާރު ބެލިޔަސް ކަމަދޫ ދެކުނު ފަރާތުގަ އެ އޮންނަ ރުކުގަ އަޅާ ކާއްޓާ ފިނޮޅަހު ކާއްޓާ އެއްވެސް ތަފާތެއް ނުވާނެ. ފިނޮޅަހުން އެ މީހުން އަންނަމުން ގެނެސް އިންދާފަ ހުރި ކާށި”
ކަމަދޫ މިސްކިތް، އޭއައި، ނަވީން ޢަލީ
ކަމަދޫގެ ކުރީގެ ވާހަކަތައް ކަމަދޫ މީހުންގެ އިތުރަށް ދަންނަ ބަޔަކީ ކުޑަރިކިލު މީހުންނެވެ. ދެ ރަށުގެ ތިމާގެ ކަމާއި ގުޅުންތައް ބޮޑެވެ. އަބްދުލްޤަނީ ވިދާޅުވިމަކަށް މި ވާހަކަ ގޮތަށް ކިޔައިދެއްވީ ކުޑަރިކިލު ޢަހްމަދު އާދަމް މަނިކެވެ. އަޙްމަދު އާދަމް މަނިކަކީ ހޮރަބަދޫގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތުގައި އެ ރަށުގައި އިސްކޮށް ހުރި އެކަކެވެ. ހޮރަބަދޫއާ ގުޅިފައިވާ ވާހަކަތައް އޭރު އަތޮޅުގައި ތިބި މުސްކުޅިންގެ ފަރާތުން ހޯދަން މަސައްކަތްކުރިއެވެ.
ކަމަދޫ މީހުންގެތެރެއިން މިހާރު އެންމެ ދުވަސްވީ މީހަކަށް ހުރީ މާލެސޮރު މުޙައްމަދު (މުޙައްމަދު އަޙްމަދު) 90އ، އެވެ. ކަމަދޫ ކުރީގެ މިސްކިތުގައި ފިނޮޅަހު ފޮތްފޮށި ހުރިތޯ އެހުމުން ބުންޏެވެ؛
“ކަމަދޫ މިސްކިތުގަ ކިޔަވާފޮށި ހުރި. ފިނޮޅަސް ފޮއްޓެކޭ ކިޔާ. އެހެން ކިޔާ އަޑު އަހަން”
މުޙައްމަދު އަޙްމަދު، މާލެސޮރު މުހައްމަދު
ކަމަދޫ ކުރީގެ މިސްކިތުގައި ހުރި ފޮތްފޮއްޓަކީ ހޮރަބަދޫ މީހުން ފިނޮޅަހަށް އައުމުގެ ކުރިން ފިނޮޅަހުގައި އުޅުނު އެ ރަށުގެ އަސްލު މީހުންގެ ފޮތްފޮއްޓަށް ވެދާނެއެވެ. އެ މީހުން ދިޔަ ތަނަކަށް ފޮތްފޮށި ގެންދިޔައީއެވެ. ކަމަދޫ ކުރީގެ މިސްކިތު އެންމެ ދުވަސްވީ ބޯގަ ފަތްކޮޅަކަށް ފެންނަން އޮތީ ޝަމްސުއްދީން ރަދުން (1928)ގައި ދެއްވާފައިވާ ބޯގަފަތްކޮޅެވެ. އެ ފަތްކޮޅުގައިވަނީ؛
“މަގޭވޮނަދޮނަރާއްޖޭ މާޅޮސްމަޑުލުދެކުނުބުރީ ފާލައްބައަށް، ފުރަބަންޑާރަކިބައަށް، ނިކުންނަނިވިހައި ތަކެއްޗެއްގެ ދެބައިންބައި މިކަމަދޫ މިސްކިތު ބޯގައަށް ލައްވައިފީކޮށެ”
ކަމަދޫގައި ޒިޔާރަތެއް ހުއްޓެވެ. ޒިޔާރަތަށް ނަދުރު ފުއްދުމަށް ޒިޔާރަތަށް ކާށި ދީ، ކަނދިކައްކައި އުޅެނެވެ. ކަމަދޫގައި އިތުރު އާސާރުތަކެއް ނެތެވެ. ކަމަދޫ ކުރީގެ މިސްކިތް ބިނާކުރި ދުވަސްވަރެއް ނޭނގެއެވެ. އުވައިން ރާނައި ފަނުން ހިޔާކޮށްފައި ހުރި އިހުގެ މިސްކިތަކީ ފިނޮޅަހުން މީހުން އައި ފަހުން ހަދާފައިވާ މިސްކިތެއްކަމުގައި ވެދާނެއެވެ.
ފިނޮޅަސް ފަޅުވިކަމަށް ދޫދޫމަތިން އައިސްފައިވަނީ؛
ރަށުގައި މާ ގަދަޔަށް ޖުޒާމްބަލި ފެތުރިގެނެވެ. ފިނޮޅަސް މީހުން އެ ރަށް ފަޅުކޮށްފައި ކަމަދުވަށް ދިޔައީއެވެ. ކަމަދޫގައިވެސް ޖުޒާމްބަލި ގިނަވެގެން “ދެކުނު މީހަކު” ފަންޑިތަ ހަދަން ގެނައެވެ. އުތުރުގެ މީހުން ދެކުނު މީހުންނޭ ކިޔައި އުޅެނީ ފަންޑިތަހަދައި ކަންވެރިކަންކޮށްއުޅޭ މީހުންނަށެވެ. ދެކުނު މީހާ ބުންޏެވެ. ކަމަދޫގައި ބަލި މީހުން ބައިތިއްބާފައި ރަނގަޅު މީހުން ގިރާވަރަށް ދާށެވެ. ދެން ކަމަދޫގައި ތިބި ރަނގަޅު މީހުން ގިރާވަރަށް ގޮސް، ގިރާވަރު އިރުމަތީ ކޮޅުގައި ވަޒަންވެރިވެއްޖެއެވެ. ދެކުނު މީހާ ރޭގަނޑަށް ދަނީ ކަމަދުވަށެވެ. ކަމަދުވަށް ގޮސް ރަށް އަމާންކުރަން ފަންޑިތަ ހަދަމުން ހަދަމުން ގޮސް ކަމަދޫ އަމާންކޮށްފިއެވެ. ކަމަދޫ އަމާންވުމުން ގިރާވަރު އިރުމަތީކޮޅުގައި ތިބި މީހުން އަލުން ކަމަދުވަށް ލީއެވެ.
ގިރާވަރަކީ ބ. އަތޮޅުގެ މަޝްހޫރު ލަނޑާގިރާވަރެވެ. މިހާރު ފޯރ ސީޒަންސް ރިސޯޓެވެ. ލަނޑާގިރާވަރުގައި ރިސޯޓް ހެދުމުގެ ކުރިން އެ ރަށުގެ އިރުމަތީކޮޅުގައި ގަބުރުސްތާނެއް އޮވެއެވެ. ކަމަދޫ މީހުން ގިރާވަރު އިރުމަތީކޮޅުގައި އުޅެފައި ވަނީ ކިހައި ދުވަހަކުކަން އެނގޭކަށް ނެތެވެ.
ކަމަދުވާއި ލަނޑާގިރާވަރު
ތާޖުއްދީނުގެ ތާރީޚުގައި ވެއެވެ؛
“އައްސުލްޠާން ޙަސަން ނޫރައްދީން މި ރަދުންގެ ޒަމާނުގައި ރާއްޖެއިން ފަޅުވި ރަށްރަށް.. މާޅޮސްމަޑުލުން ފިނޮޅަސް، ތިލަދުންމަތީން ވަގާރު، މިއެވެ.
އެ ރަދުން (ޙަސަން ނޫރައްދީން 1) ގިރާވަރުގައި ހުކުރު ކުރާނޭ އަށިގެޔެއް ބެހެއްޓެވިޔޭ”
މި ގިރާވަރަކީ ބ. ގިރާވަރު ކަމަށް ތާޖުއްދީންގެ ތާރީޚް ތަރުޖަމާކުރެއްވި ހިކޮޗީ ޔަޖީމާ ބަޔާންކުރައްވައެވެ. ގަބޫލުކުރެވޭގޮތުގައި، މިސްކިތް ބަހައްޓަނީ ރަނގަޅު އާބާދީއެއް އޮތް ރަށްރަށުގައެވެ. އަށިގެ ބަހައްޓަނީ އާބާދުވަމުން އަންނަ ރަށެއް، ނުވަތަ އާބާދީ މަދު ރަށްރަށުގައެވެ. އަށިގެއަކީ ނަމާދުގެއެކެވެ. ބ. ގިރާވަރުގައި ޙަސަން ނޫރައްދީން 1ގެ ރަސްކަމުގައި އަށިގެއެއް ބެހެއްޓުމުން އެ ދުވަސްވަރު އެ ރަށުގައި ކޮންމެވެސް ބަޔަކު ވަޒަންވެރިވިކަން އެނގެއެވެ. ފިނޮޅަސް ފަޅުވެފައިވަނީ ޙަސަން ނޫރައްދީން 1ގެ ރަސްކަމުގެ ދުވަސްވަރުގައެވެ. މި ރަދުން ވިއްސަކަށް އަހަރު ރަސްކަން ކުރެއްވިއެވެ. ފިނޮޅަހުގައި ޙަސަން ނޫރައްދީން ރަދުން ބެހެއްޓެވި އަށިގެއަކީ ކަމަދޫން ގިރާވަރަށް ބަދަލުވި މީހުންނަށް ބެހެއްޓެވި އަށިގެކަމަށް ވެދާނެއެވެ. ބ. އަތޮޅުގެ ބައެއް ރަށްތަކާ ޙަސަން ނޫރައްދީނުގެ މުޢީނުއްދީން ރަދުންނާ ގާތްގުޅުންތަކެއް އޮތެވެ. މުޢީނުއްދީން ރަދުން ހޮރަބަދުވަށް ވަޑައިގަންނަވައެވެ. ދޮންފަނަށް ރަސްކަލަކު ވަޑައިގަންނަވާކަން އެ ރަށުގެ ފޯކުލޯރުންނާ “އަރުމާޒު” މަގުން އެނގެއެވެ. އޭދަފުށީ ހިރިގަލު ހުކުރު މިސްކިތް ބެހެއްޓެވީ މުޢީނުއްދީން ރަދުން އެ ރަށަށް ވަޑައިގެން ހުންނަވާކަމަށް ބުނެވެއެވެ. މި ގުޅުންތަކުގެ އަސްލަކީ ޙަސަން ނޫރައްދީނާއި އެ ދަރިކޮޅުގެ އިހުގެ ގުޅުންތަކެއްކަމަށް ވެދާނެއެވެ.
ހޮރަބަދުވާއި ފިނޮޅަހާއި ދޮންފަނާއި ކަމަދުވާއި ލަނޑާގިރަވަރަކީ ތާރީޚީ އަދި ހިޖުރަކުރުމުގެ ދައުރުވުމެއްގައި ހިމެނޭ ރަށްތަކެކެވެ. އެއް ރަށުން އަނެއް ރަށަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބަދަލުވެފައި ވެދާނެއެވެ. ފިނޮޅަސް ބަޔަކު ކަމަދުވަށް ހިޖުރަކުރުމަކީ ގަބޫލުކުރެވޭ ކަމެކެވެ. ފިނޮޅަހުގެ އިތުރުން ކަމަދުވާ ކައިރި ފަޅުވެފައިވާ ބައެއް ރަށްރަށުގެ މީހުން ކަމަދޫގައި އާބާދުވެފައި ވެދާނެއެވެ.
ކަމަދޫ މީހުންނާއި ދޮންފަނު މީހުންނާ ގާތް ގުޅުންތަކެއް އޮތެވެ.
ދުވަސްވީ މީހުން ކިޔާ ވާހަކައެކެވެ.
“ހޮރަބަދޫ ފަޅުކޮށްފައި އެއް ބަޔަކު ފިނޮޅަހަށް ދިޔައީ. އަނެއް ބަޔަކު ދިޔައީ ކަމަދުވަށް. ކަމަދޫގައި ޖުޒާމްބަލި ގިނަވެގެން އެ މީހުން ދިޔައީ ގިރާވަރަށް. ޖުޒާމްބަލީގެ މީހުން ކަމަދޫ އިރުމަތީކޮޅުގަ ތިބީ. ކަމަދޫ އިރުމަތީކޮޅުގަ ތިބި މީހުންނަށް ގޮވާލަން ދޮންފަނު މީހުން އަންނާތީ ކަމަދޫ ބައްޕައަލީ ކުރި ކަމަކީ އެ ދިމާ ނެރު ގުދުގުދު ލެއްވީ. ދޮންފަނު މީހުން ވަންނަން އުނދަގޫކުރަން”
ހޮރަބަދޫ ފަޅުކޮށްފައި ބަޔަކު ކަމަދުވަށް ދިޔައީކަމަށްވެސް ވެދާނެއެވެ. އަދި ފިނޮޅަހުގައި ތިބެފައި ހޮރުބަދު ބަޔަކު ކަމަދުވަށް އައީކަމަށްވެސް ވެދާނެއެވެ. ދޮންފަނާއި ކަމަދޫގައި ތިބި މީހުންގެ ބޮޑު ތިމާގެ ކަމެއް އޮތްކަން އެނގެއެވެ. އެހާ އުނދަގުލުންވެސް ކަމަދޫ އިރުމަތީކޮޅުގައި ތިބި ޖުޒާމްބަލީގެ މީހުންނަށް ގޮވާލަން ދޮންފަނު މީހުން އަންނާނީ ތިމާގެކަން ބޮޑުވީމައެވެ. އެ ގުޅުމުގެ އަސްލަކީ ހޮރަބަދޫ އާއިލާއެވެ.
ފަރެހާއި ހޮރަބަދުވާއި ފިނޮޅަކީ އެއް ދުވަސްވަރެއްގައި ފަޅުވެފައިވާ ރަށްތަކެވެ. މި ކަމުގެ އެއް ސަބަބަކަށް އެ ދުވަސްވަރު އަތޮޅުގައި ފެތުރުނު ބަލިމަޑުކަމެއް ވެދާނެއެވެ. ފަރެހުން ހޮރަބަދުވަށް މީހުން ދިޔަކަމަށް ގަބޫލުކުރެވެއެވެ. “މާޅޮސްމަޑުލުން ފަރެހާއި މި އަތޮޅުގެ މެންދުއެވެ ކިޔާ ރަށްގަނޑު” ފަހުން އޮތީ ބިހުރޯޒުކަމަނާ މިސްކިތުގެ ވަގުފަށެވެ. ބިހުރޯޒުކަމަނާ މިސްކިތަކީ ބޮޑުތަކުރުފާނުގެ އާއިލާއާ ގުޅިފައިވާ މިސްކިތެވެ. ހޮރަބަދުވަކީ ބޮޑުތަކުރުފާނުގެ މާމާފުޅުގެ ރަށެވެ.
ބ. ތިލަދޫ އަދި ފޮނިމަގޫދޫ ފަޅުވުން
ކަމަދޫ، ތިލަދޫ، ފޮނިމަގޫދޫ
ތިލަދުވަކީ ކަމަދޫގެ އިރުދެކުނުން އޮންނަ ފަޅުރަށެކެވެ. މިއީ އެއް ދުވަސްވަރެއްގައި މީހުން އުޅުނު ރަށެކެވެ. މުޙައްމަދު އިބްރާހީމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި “1237ހ ވަނަ އަހަރު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އައި “ކޭލަކުނުތަޅާލިޠޫފާނު” ގައި މި އަތޮޅު (މާޅޮސްމަޑުލު ދެކުނުބުރި) ތިލަދޫ ފަޅުވިއެވެ”. ޙަސަން އަޙްމަދު މަނިކު ލިޔުއްވާފައިގޮތުގައި، ބ. ތިލަދޫ ފަޅުވެފައި ވަނީ 1819 ވަނަ އަހަރު އައި ތޫފާނެއްގައެވެ. މި ތޫފާނުގައި އުތުރާއި މާޅޮސްމަޑުލުގެ ރަށްތަކަށް ގެއްލުންވިއެވެ. ކޭލަކުނުތަޅާލި މާވިއްސާރަ އައީ 1821 ވަނަ އަހަރުގައެވެ. ތިލަދޫ ފަޅުވީ ތޫފާނެއްގައިކަން ތާރީޚުން އެނގެއެވެ. ތިލަދޫ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭކަށް ނެތެވެ. އެބައިމީހުން ތިލަދޫ ފަޅުކޮށްފައި ދިޔަ ރަށެއް، ފަހުން ވީގޮތެއްވެސް ނޭނގެއެވެ. ނުވަތަ ދޫދޫމަތިން މިހިސާބަށް އެ ވާހަކަތައް އައިސްފައި ނެތީއެވެ.
މުޙައްމަދު އިބްރާހީމް ލުތުފީ ލިޔުއްވާފައިވެއެވެ؛
“ބ. ތިލަދޫގެ 3/1 ބަޔަކީ ކަމަދޫ ހަސަން ދަންޑެހެލުގެ މިލްކެކެވެ. އަނެއް 3/2 އޮންނަނީ ކުޑަފުށީ (ރ. އަތޮޅު) މިސްކިތް މައްޗަށެވެ”
މި ޙަސަން ދަންޑެހެލު އުޅުނު ދުވަސްވަރެއް އެނގޭކަށް ނެތެވެ. ގަބޫލުކުރެވޭ ގޮތުގައި ތިލަދޫގެ 3/1 މީހެއްގެ ވަގުފުކަމުގައި އޮންނާނީ ތިލަދޫ ފަޅުވި ފަހުންނެވެ. ކަމަދޫ މީހަކަށް ތިލަދޫގެ ވަގުފު އޮތުމުން، ތޫފާނުގައި ތިލަދޫ ފަޅުކޮށްފައި ފޭބި މީހުން ކަމަދުވަށް ދިޔައީ ކަމުގައި ވެދާނެއެވެ. ތިލަދުވާ އެންމެ އަވަށްޓެރި ރަށަކީ ކަމަދުވެވެ.
ބ. ފޮނިމަގޫދުވަކީވެސް އެއް ދުވަސްވަރެއްގައި މީހުން އުޅުނު ރަށެކެވެ. ރިސޯޓް ހެދުމުގެ ކުރީގައި މި ރަށުގައި ގަބުރުސްތާނެއް އޮތެވެ. މި ރަށް ފަޅުވެފައިވާ ދުވަސްވަރެއް، ރަށް ފަޅުކޮށްފައި މީހުން ދިޔަ ތަނެއް ނޭނގެއެވެ. ފޮނިމަގޫދުވަކީވެސް ކަމަދުވާ އަވަށްޓެރި ރަށެކެވެ.
ކަމަދޫގައި މިނިއާލާނުވުން
ކަމަދުވަކީ މިނިއާލާވުން (އާބާދީ އިތުރުުވުން) ކުޑަ ރަށެކެވެ. އެ ޒަމާނުގައި ގަބުލުކުރާ ރޫހާނީ ސަބަބުތަކާއި ބަލިމަޑުކަމުގެ ސަބަބުންނެވެ. ފިނޮޅަހުން ކަމަދުވަށް މީހުން ބަދަލުވިފަހުން ޖުޒާމްބަލި ގިނަވެގެން ކަމަދޫ މީހުން ގިރާވަރު އުތުރުކޮޅަށް ބަދަލުވެ ތިބެފައި ކަމަދުވަށް ބަދަލުވިފަހުންވެސް ކަމަދޫ މީހުން ގިރާވަރަށް ބަދަލުވެފައިވެއެވެ. ކަމަދޫގައި މިހާރު ހުރި އެންމެ ދުވަސްވީ މީހާ، މާލެސޮރު މުހައްމަދު ކިޔައިދިނެވެ؛
“މި ރަށު މީހުން ގިރާވަރަށް ދިޔަ ވާހަކަ އެހިން. ގޮސް އަނެއްކާ އައީ ރަށަށް. އޭރު ނޫޅޭނެ މާ ގިނަ މީހުންތަކެއް ދެން ކުޑަރިކިލު މީހުންނާ އެހެން ތަންތަނުގެ މީހުން އައިސް ގިނަވީ”
މިއީ ފަހުގެ ތާރީޚެއްގައި ކަމަދޫ މީހުން ގިރާވަރަށް ބަދަލުވި ވާހަކައެވެ. ގާއުނޑުދޫ އާދަމްފުޅު ކިޔައިނެވެ؛
“މި ރަށަށް ރޯގާއެއް އެރީ ކުރީގަ. އެ ދުވަސްވަރު 4 ނާޅި ހަނޑުލުން ރަށުގެ ރައްޔިތުންނަށް ކެއްކޭނެ. ރޯގާ އަރައި މިނިއާލާނުވެގެން ފައިނު އާދަންމަނިކު އައިސް ފަންޑިތަ ހަދާފަ ކަމެއް ކުރިފަހުން މީހުން ހަމަ ޖެހުނީ. ދުވަސްކޮޅަކު ގިރާވަރުގެ ތިބެފައި މި ރަށަށް އަމާންކޮށްފަ ގެނައީ. އޭގެ ފަހުން މިނިއާލާނުވެގެން މާލޭ ބޮޑުގަލުމާފަތްގޭ ޅަސީދީ މިނިއާލާކުރަން ފަންޑިތަ ހެދީ. ޅަސީދީ އަކީ ކަމަދޫ މީހުން މަސްވެރިކަމަށް ކިޔަވަން ގެނައި މީހެއް. އޭނާ ދަމުން ދިޔައީ ކިޔަވާފަ މިނިއާލާކުރަން ހިރިއެއް ވަޅުލާފަ އެ ހިރި މިހާރުވެސް ކުރީގެ މިސްކިދޮށުގަވާނެ. އޭގެ ފަހުން މި ރަށުގަ މިނިއާލާވީ އެއީ ނާސިރު ދައުރުގެ ފަހުކޮޅު”
މިއީ ކަމަދޫ އާބާދުކަން ގެނައުމަށް ކޮށްފައިވާ އުނދަގޫ ދަތުރެވެ. ކަމަދޫގައި މިނިއާލާކޮށް ރަށް އަމާންކުރުމުގެ މަސައްކަތްތައް ކުޑަރިކިލު އާގޯތި މުޙައްމަދުފުޅުވެސް ކުރިއެވެ.
ބޮޑުތަދުގައި ކަމަދޫ
ޞާބިރާ މޫސާ
ކަމަދުވަކީ “ބިންގަނޑު ރަނގަޅު ފެން ހެޔޮ ފެހިކުލަ ގަދަ” ރަށެކެވެ. ކަށިކޭލުގެ ބާވަތްތަކާއި ފަތްކޭލާއި ފަލަމަޑީގެ ބާވަތްތައް ގަދައަށް ހެދޭ ރަށެކެވެ. މަސްވެރިކަމަށް ރަނގަޅު ރަށެކެވެ. އަތޮޅުގެ މީހުން ބުނެ އުޅެއެވެ.
“ދެކުނު އޮއިމަތިން ކަމަދޫ މީހުން ތިން ހަތަރު ދުވަހު މަސްބާނާ ފަހުންނޭ އަތޮޅުގެ އެހެން ބަޔަކަށް ރޭކާލަނީ”
އެކަމުގެ އެއް ސަބަބަކީ ކަމަދޫ އޮންނަނީ ބަރަވެލި ކަނޑުގެ ދެކުނު ދުނީގައިކަމެވެ. ކަމަދުއަކީ މަސްވެރިކަމަށް “ކަލަމިދި” ވެފައިވާ ރަށެކެވެ. މަސްވެރިކަމަށް ފައްކާ ރަށެކެވެ. މަސްވެރިކަމުގެ މުބާރާތްތަކުން ކަމަދުވަށް ވަނަތައް ލިބިފައިވެއެވެ. ބޮޑުތަދުގެ ދުވަސްވަރު ކަމަދޫ ވެގެން ދިޔައީ ބ. އަތޮޅުގެ ރަށްތަކާއި އަދި އަތޮޅާ ކައިރި ބައެއް ރަށްތަކަށް ކާބޯތަކެތި ފޮރުކޮށްދިން ރަށަކަށެވެ. އެހެން ރަށްރަށުގެ މީހުން ކަމަދޫން ބޯކޭލާއި ކަށިކޭލާއި ފަތްކޭލާއި ކާނާގެ ބާވަތްތައް ލިބިގަތެވެ. އެއީ ތަދުގަނޑުގެ ތަދު ކުޑަ ރަށެކެވެ.
ބޮޑުތަދުގެ ދުވަސްވަރު ރަށްރަށަށް ދަތުރުކޮށް އާންމު ހާލަތުގެ އެއްކުރެއްވި މަލިންމަނިއްޕުޅު މުޙައްމައިދީ ލިޔުއްވާފައިވެއެވެ؛
“މި ރަށު (ކަމަދޫ) ރައްޔިތުންގެ އެދުން، މި ރަށުގެ ވަރުވާ ބޮޑުކަމުން ވަރަށް ބޮޑަށް ދަރަނިވެރިވެއްޖެއެވެ. މިހެންވެ ވަރުވާ ލުއިކޮށްދެއްވުން އެދެމެވެ… ރުއް ވަރަށް ގިނައެވެ. ކާޑުގެތަކެތި އެއްވެސް ވަރަކަށް ނުގެނެވެއެވެ. މިހާރު ކައިއުޅެނީ ބޯކޭލާ ގަބުޅި ކިހައް ފަދަ ތަކެއްޗެވެ. މަހެއް ނުބާނައެވެ. މަސް ނުބާނާތީއޭ ކިޔާފައި މަހަކަށް ނުވެސްދެއެވެ. މަސައްކަތް ނުކޮށް ތިބެން ނުވާނެކަން އެންގީމެވެ”
މި ދަތުރުގައި މަލިންމަނިއްޕުޅު މުޙައްމައިދީ ކުޑަރިކިލަށް ވެސް ވަޑައިގަތެވެ. ލިޔުއްވާފައި ވަނީ ތަދުހާލު ބޮޑުކަމުގެ ވާހަކައެވެ؛
“މި ރަށުގެ (ކުޑަރިކިލު) ހާލު މި ވަގުތު ވަރަށް ބޮޑެވެ. ކާޑަށް ގެންނަ ތަކެއްޗެއް ނުގެނެވެއެވެ. އެހެންކަމުން މިހާރު ރަށުގައި އެއްވެސް އެއްޗެއް ނެތެވެ. ރުއްކޮޅުވެސް މުޅީން ހުސްވެއްޖެއެވެ. ވަލުގައި ވަރަށް މަދުން ބޯކެއު ހުންނަ ކަމަށް ފެނެއެވެ. މިހާރު ކައިއުޅޭ އެއްޗަކީ އެއެވެ.. ދުވާލަކު ދެމީހުން އެކަކު މަރުވެއެވެ.. ފެން ވަރަށް ލޮނެވެ”
އެއީ ތަދުގަނޑުގެ ކުޑަރިކިލެވެ. ޖެހިގެން އޮތީ ބޯކޭލާއި ފަތްކޭލާއި ލިބޭ ހިސާބަކަށް ތިޔާގި ކަމަދޫއެވެ.
ކަމަދޫ ފަތްކެޔޮދަނޑުތައް
ތަދުގަނޑުގައި ކުޑަރިކިލު މީހުން ކަމަދުވަށް ހިޖުރަކުރުން
އަހަރުތަކެއް ކުރިން ކަމަދުވަށް ދެވުނު ދުވަހެއްގައި ރަށުތެރޭގައި ހިގަމުން ދަނިކޮށް ތެޅިގަލުން ރާނާފައި ހުރި މުސްކުޅި ގެއެއްގައި އެކަނި އަށްޓެއްގެމަތީގައި އޮތް މުސްކުޅި އަންހެނަކު ފެނުނެވެ. ކަމަދޫގެ ދުވަސްވީ ވާހަކަތައް އެހުމުގެ ޝައުގުގައި އެ ގެޔަށް ވަނީމެވެ. ދައިތާ ހާލު ކިހިނެއްހޭ އެހުމުން ކޮން ކުއްޖެއްތޯ އަހަފިއެވެ. ކުޑަރިކިލު ކުއްޖެކޭ ބުނުމުން ވަރަށް އުފާވެފައި ތިމަންނާއަކީވެސް ކުޑަރިކިލު މީހެއް ކަމަށް ބުންޏެވެ. ކަމަދޫގެ ދުވަސްވީ ގެއެއްގައި އެކަނި މި އުޅޭ ކުޑަރިކިލު މީހަކީ ކާކުބާއެވެ؟
“ކުޑަރިކިލު އަލިމަނިކުގެ އައިމިނާ މަނިކެގެ މުރީދު އަޙްމަދު މަނިކުގެ ދިގު އަލިމަނިކުގެ އައިމިނާ މަނިކެ”
އަހަރުމެން ދެ މީހުންވީ ދެބޭންގެދެދަރި މީހުންނަށެވެ.
“މަންމައަށް ކިޔަނީ އައިމިނައެއް. ކުޑަރިކިލުގައި ވިހެއީ. ކަމަދުވަށް އައީ ބޮޑުތަދުގެ ދުވަސްވަރު ރަށް ތަދުވެގެން. ކަމަދޫގަ ބޯކޭލާ ކަށިކެޔޮ އޮވޭ. ކަމަދުވަށް އައިސް ހުރީ ކުޑައިބްރާހިމްމެންގޭގަ. ބައްޕަ އާ އެކީ އެގޭގަ އުޅުނީ. ބައްޕަ ދާ ބަނދެ އެކަހަލަ ކަންކަން ކުރާތީ ގެނައީ. އެ އައިގޮތަށް މި ރަށުގައި މީހަކާ އިނދެ ދަރިން އެބަ ތިބި”
ކުޑަރިކިލު ދިގުއަލިމަކާއި ހައްވާނިކެ
ބޮޑުތަދުގެ ދުވަސްވަރު ކުޑަރިކިލު އާއިލާތައް ކަމަދުވަށް ހިޖުރަކުރިއެވެ. މި ހިޖުރަކުރުން ވެގެންދިޔައީ މިއަދުގެ ކަމަދޫ ބިނާކުރުމުގެ ފެށުމަށެވެ. ކަމަދޫގެ އާބާދީގައި މިއަދު ކުޑަރިކިލު ދަރިކޮޅު ބޮޑެވެ. ތަދުގަނޑުގައި ބޯކޭލާއި ކަށިކެޔޮކާން ހިޖުރަކުރި މީހުންގެ ކައިވެނިތަކުން އުފެދުނީ ރަށް ބިނާކުރުމުގެ ލޯތްބެވެ. ކަށިކޭލާއި ލޯތްބެވެ.
”ތަދުގަނޑުގައި މި ރަށުން ކަށިކޭލާ ފަލަމަޑީގެ އެއްޗެހި ލިބޭނެ. ކުޑަރިކިލު މީހުންތައް މި ރަށުގައި އައިސް އުޅޭނީ. އެހެން ގޮސް މި ރަށުގަ ކުޑަރިކިލު މީހުންތައް ހަރުވީ. ކުޑަރިކިލު ބޮޑުގޯތި ދިގު އަލިމަނިކު މިރަށަށް ގެނައީ ދާ ހަދަން” – އާދަމްފުޅު ބޮޑުތަދުގެ ދުވަސްވަރުގެ ވާހަކަތައް ކިޔައިދިނެވެ.
ތަދުގަނޑުގައި ކުޑަރިކިލު މީހުން އުޅެމުން އައީ ބަނޑުހައިހޫނުކަމުގައެވެ. ތަދުގަނޑުގައި ކުޑަރިކިލުން ކަމަދުވަށް އައި އެކަކީ ކުޑަރިކިލު ކަނޑާ މުޙައްމަދެވެ.
“އެއީ ކާޑު ޒަމާން. ބައްޕަމެން (ކަމަދޫއަށް ދިޔަ ކުޑަރިކިލު ޙަސަންމަނިކު) ތިޔާގި. ބައްޕަ މިލައިދުވާ ފޮނިމަގޫދުވާ ތިލަދޫގަ ރާއަރާނެ. ހަރިޔަނުގެ ބޮއްކުރައެއް އޮންނާނެ. އެއް ދުވަހަކު ބައްޕަ މި ދިޔައީ ކުޑަރިކިލުގައި ހުރި ބޮޑުދައިތައަކަށް ހަކުރުކޮޅަކާ މަސްކޮޅަކާ ހިފައިގެން. ކުޑަރިކިލަށް ގޮސް ބޮޑުދައިތަ ކައިރިއަށް ދިޔައީމަ ބުނެފި “ކޮއްކޯ ހަސަނާ ދައްތައަށް ކަމެއް ކޮށްދެންޏާ ދައްތަގެ މުޙައްމަދު ގޮވައިގެން ކަމަދުވަށް ދާށޭ” ހަސަންމަނިކު މުޙައްމަދު ހޯދަން ދިޔަ އިރު ހުރީ ހާންތިވެ ގޮސް ތޮށިމަތީ ބޮޑުހިރިއެއްގެ މަތީ ހިކާ ބާނާށެވެ. ބޮއްކުރާ ގާތްކޮށްފަ އަތުހިފައި ބޮއްކުރަޔަށް އަރުވައިގެން ކަމަދުވަށް ގެނައީއެވެ. މުޙައްމަދު އިނީ ކަމަދޫ ރާއައިސަޔާއެވެ.
ކަމަދޫ އައިޝަތު އިސްމާޢީލް، ރާއައިސަ (ރައިސަ)
އެއީ ކަމަދުވަށް ތަދުގަނޑުގައި މީހުން އަންނަމުން ދިޔަ ގޮތެވެ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ވަނައިގެ ރަސްކަމުގައި، 1926 ވަނަ އަހަރު ކުޑަރިކިލުގައި ތިބީ ވާރުދޭ އުމުރުގެ 51 މީހުންނެވެ. ކަމަދޫގައި ތިބީ 24 މީހުންނެވެ. ވާރުދޭން ޖެހޭ އުމުރަކީ 15 އަހަރާ 60 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. 1926 ވަނަ އަހަރުގެ ވާރުދޭ އުމުރުގެ ތަފާސްހިސާބާއި ފަހުގެ ބޯހިމެނުންތަކުން ބޮޑުތަދަށް ފަހު ކަމަދުވާއި ކުޑަރިކިލުގެ އާބާދީއަށް އައި ބަދަލު ދެނެގަނެވޭނެއެވެ. ކަމަދޫ އާބާދީ އިތުރުވި އެއް ސަބަބަކީ ކުޑަރިކިލުން ކަމަދުވަށް މީހުން ހިޖުރަކުރުމެވެ.
ބުނެވޭގޮތުގައި ކަމަދޫގެ އަސްލު އާއިލާތަކީ ކުޑައިބްރާހިމް ގޯތި މީހުންނާއި ކަނބުރުހަސަނު ގޯތި މީހުންނާއި ފަންގި ހުސޭނު ގޯތި މީހުންނާއި ނަށާ ދޮންބެ ގޯތި މީހުންނާއި ދޮންފުތުބެ ގޯތި މީހުންނާއި މާލެސޮރު ގޯތި މީހުންނެވެ. މިއީ ފިނޮޅަހުން އައި މީހުންގެ އާއިލާތައް ބުނެވެއެވެ. މިއީ ކުޑަރިކިލުން ކަމަދުވަށް މީހުން ހިޖުރަކުރުމުގެ ކުރިން ކަމަދޫގައި ތިބި ކަމަދޫގެ އަސްލު އާއިލާތަކެވެ. ކަނބުރު ހަސަނު ގޯތި މީހުންނަކީ ފިނޮޅަހުގައިވެސް ކަތީބުކަން ކުރި މީހުންނެވެ. ކަމަދޫގައި ވެސް ކަތީބުކަން ކުރަމުން އައީ އެމީހުންނެވެ. ފިނޮޅަހުގައި އެންމެ ފަހަށް ކަތީބުކަމުގައި ހުރީ ކަނބުރު ހަސަނުގެ ބައްޕަކަމަށް ވެއެވެ. ކަނބުރު ހަސަނު ބައްޕަ ފިނޮޅަހުގައި ކަތީބުކަން ކޮށްފައި ކަމަދޫގައިވެސް ކުރިކަމަށް ބުނެއެވެ. ދެން އަބްދުލްޣަނީގެ ބައްޕަ ކަތީބުކަން ކުރިއެވެ. އެއަށް ފަހު އަބްދުލްޣަނީއެވެ.
ކުޑަރިކިލު އާގޭ މުޙައްމަދުފުޅު ކަމަދޫ ބިނާކުރުން
ކުޑަރިކިލު މުޙައްމަދުފުޅާއި އޭނާގެ އިސްމާއިލްފުޅު
މިއަދުގެ ކަމަދޫ ބިނާކުރުމުގެ އެންމެ ބޮޑު އެއް ދައުރެއް އަދާކޮށްފައިވަނީ ކުޑަރިކިލު ބޮޑުގޯތި ބޮޑު ހަސަންފުޅުގެ އާގޭ ކުޑަމަރިޔަންފުޅު (ކުޑަމަރިޔަން ދައިތަ)ގެ އާގޭ މުޙައްމަދުފުޅު، ކަމަދޫ މީހުންގެ މަޝްހޫރު އެދުރުބެއެވެ. ކުޑަރިކިލު އާގޭ މުޙައްމަދުފުޅު ކަމަދުވަށް ހިޖުރަކޮށްފައިވަނީ ބޮޑުތަދުގެ ފަހު ދުވަސްތަކުގައެވެ. ނުވަތަ ތަދުގަނޑުގައި ކުޑަރިކިލު އާއިލާތައް ކަމަދުވަށް ބަދަލުވި ފަހުން، ތަދުގަނޑު ނިމުނުކޮޅުގައެވެ. ކުޑަރިކިލު ބޮޑުގޯތި އާއިލާ އަކީ ރަށުގެ އެންމެ ބޮޑު އެއް އާއިލާއެވެ. އަތޮޅުގެ ހަރުދަނާ، އިލްމީ ބަޔެކެވެ. ކުޑަރިކިލު އާގޯތި މުޙައްމަދުފުޅު ކަމަދުވަށް ބަދުލުވީ ކަމަދޫން އެދިގެނެވެ. އެ ދުވަސްވަރު ކަމަދުވަކީ ތައުލީމީ ގޮތުންނާއި އުމްރާނީ ކުރިއެރުން ނެތް ރަށެކެވެ. ކުޑަރިކިލުގައި އޮތް ފަދަ ތައުލީމަކާއި އުމްރާނީ ކުރިއެރުންތަކެއް ކަމަދޫގައި ނެތެވެ. އެއީ މަދު ބަޔަކު އުޅެމުން އައި އެކަނިވެރި ރަށެކެވެ.
ބ. އަތޮޅުގެ ބައެއް ރަށްތައް ތައުލީމީގޮތުން ކުރި އެރުވުމުގައި އެ ދުވަސްވަރު ކުޑަރިކިލު މީހުން އިސް ދައުރެއް އަދާކޮށްފައިވެއެވެ. ތައުލީމާއި ފަންނާއި އުމުރާނީ ކުރިއެރުމުގެ ވިސްނުން ކުޑަރިކިލުގައި އޮތެވެ. އެ ދުވަސްވަރު އަތޮޅުގެ އެހެން ރަށްރަށުގައި ނެތް ފަދަ ފުރިހަމަ ބިނާތައް ކުޑަރިކިލުގައި ހުއްޓެވެ. ތައުލީމީ ފަންނީ މީހުން ތިއްބެވެ. ކުޑަރިކިލު ބޮޑުގޯތި ބޮޑު ހަސަންފުޅުގެ އާގޭ އަހުމަދުފުޅުގެ އިބްރާހީމްފުޅު (ކަތީބު އިބްރާހީމްފުޅު) ދިޔައީ ދަރަވަންދުވަށެވެ. ކުޑަރިކިލު ބޮޑުގޯތި ދަރިކޮޅު ދަރަވަންދޫގައި ދެމިގެން އައިސްފައިވެއެވެ. ކުޑަރިކިލު ނާއިބު މުޙައްމަދު ކަލޭފާނު ދިޔައީ ކެންދުވަށެވެ. އެއީ ކެންދޫ މީހުންގެ އެދުރުބެއެވެ. ކެންދޫގައި މަދަރުސާ ހަދައި، ތައުލީމް ފަތުރައި، މިއަދުވެސް ކެންދޫން ފެންނަން ހުރި ރީތި މަގާމުފުޅު ބިނާކުރެއްވީ މި މުޙައްމަދު ކަލޭފާނެވެ. ކުޑަރިކިލު ނާއިބު މުޙައްމަދު ކަލޭފާނު ކަމަދޫ ނާއިބުކަން ވެސް ކުރެއްވިއެވެ. އެއީ ދެ ރަށުގެ ނާއިބުކަލޭގެއެވެ. “މުޙައްމަދު ކަލޭފާނު ކުޑަރިކިލުގައި ހުރެފައި ދޭތެރެއަކުން ދުއްރަ ހިފައިގެން ކަމަދުވަށް ދޭ” މީހުން ބުނެއުޅެއެވެ. ރަށް ހަންމަތަކުރުމަށެވެ. މިއީ ކުޑަރިކިލު އާގޯތި މުޙައްމަދުފުޅު ކަމަދޫ ބިނާކުރަމުން ދިޔަ ދުވަސްވަރެވެ.
މުޙައްމަދުފުޅު، އޭއައި، ނަވީން ޢަލީ
ކަމަދުވަށް ދިޔަ ކުޑަރިކިލު އާގޯތި މުޙައްމަދުފުޅަކީ ކަންވެރިއެކެވެ. މޮޅު ފަންޑިތަވެރިޔެކެވެ. އަޑުމަހުރަޖު ރީތި މުދިމެކެވެ. އެ ޒަމާނަށް ތައުލީމު އުނގަންނައިދެވޭ ފަދަ އެދުރެކެވެ. ތެދުއިވަޑާމުގެ ވަޑިއެކެވެ. ރޭނުމުގެ މަސައްކަތް ދަންނަ މީހެކެވެ. ރަށެއް ބިނާކުރުމުގެ ހުނަރު ހުރި ވެރިކުލައިގެ މީހެކެވެ. ކުޑަރިކިލު އާގޯތި މުޙައްމަދުފުޅު ކަމަދުވަށް ބަދަލުވީ އަނބި ހައްވާނިކެއާއި ދަރިން ގޮވައިގެނެވެ. ކަމަދޫ މުދިންކަމުގައި ހުރި މުދިން ސައީދަކީ ކުޑަރިކިލު އާގޯތި މުޙައްމަދުފުޅުގެ ދަރިއެކެވެ. އާގޯތި މުޙައްމަދުފުޅުގެ މުދިން ސައީދާއި އެހެން ދަރިންގެ ފަރާތުން ކަމަދޫގައި ބޮޑު އާއިލާއެއް އުފެދިފައިވެއެވެ. އެއީ މިއަދުވެސް ކަމަދޫގެ ހިދުމަތްތެރިންނެވެ.
“އެދުރުބެ އައިސް ކުޑަ މަދަރުސާއެއް އަޅައިގެން ކިޔަވައިދޭން ފެށީ. ނާސިރު ދައުރު ނިމުނުތަނުން ކިޔަވައިދިނުން ހުއްޓިއްޖެ. ދެން ރައްޔިތުން އަމިއްލައަށް ކިޔަވައިދޭން ފެށީ. ފަހަށް ފެކްޓްރީ ހުރި ތާ ބޮޑު މަދަރުސާއެއް އެޅީ” – އާދަމްފުޅު
ކަމަދުވަށް ބަދަލުވުމަށް ފަހު ކުޑަރިކިލު އާގޯތި މުޙައްމަދުފުޅަކީ ކަމަދޫ މީހެކެވެ. މުޙައްމަދުފުޅުގެ ހުރިހާ ލޯތްބެއް ހުސްކުރީ ކަމަދޫ ބިނާކުރުމަށެވެ. އެއީ ކަމަދޫގެ މުދިމެވެ. މަދަރުސާގެ މުދައްރިސެވެ. ކަމަދޫ އެންމެންގެ އެދުރުބެއެވެ. އެ ދުވަސްވަރު ކަމަދޫ މަދު ގެއެއްގައި ނޫނީ ވަޅެއް ނުހުރެއެވެ. ކުރީގެ މިސްކިތް ދޮށުގައި ވެވެއް އޮވެއެވެ. ކުޑަރިކިލު އާގޯތި މުޙައްމަދުފުޅު ކަމަދޫ ގޭގައި ވަޅު ބެހެއްޓުމުގެ މަސައްކަތްކުރިއެވެ. ގޭގޭ ރޭނިއެވެ. ގޭގޭގެ ދޮރުޖެހުމާއި ތެދުއިވަޑާމުގެ މަސައްކަތްތައް ކުރިއެވެ. އެ ދުވަސްވަރު ކަމަދޫގައި ހުންނަނީ މިހާރު ބަނދަރު ހަދާފައިވާ އަތިރިން ފެށިގެން ރަށުތެރެއަށް ދެބަރިއެއް ހައި ގޯޗެވެ. ގޯތިތަކާ ދިމާ އަތިރިމަތީގައި މަދަރުސާއެއް ހަދައި ކިޔައިދޭން ފެށިއެވެ. ކަމަދޫ މީހުންގެ އެދުރުބެ، ކުޑަރިކިލު އާގޯތި މުޙައްމަދުފުޅުގެ ކިބައިން ތައުލީމް ނުލިބޭ މީހަކު އެ ދުވަސްވަރު ނުހުންނާނޭ ބުނެއެވެ. ޖީލަކަށް އުނގަންނައިދިނެވެ.
ކަމަދޫގެ މުދިމަކީވެސް އޭނާއެވެ. އެދުރަކީވެސް އޭނާއެވެ. އޮޑިދޯނިފަހަރު ބާލަން ކިޔަވާނީވެސް އޭނާއެވެ. މަސްވެރިކަމަށް ކިޔަވާނީވެސް އޭނާއެވެ. ފަޅަށް ވެހިމަސްގަނޑުވެއްދުމާ ރަށަށް ވެލާ އަރުވަން ކިޔަވާނީވެސް އޭނާއެވެ. ރަށަށް ރޯގާއެއް އަރައިފި ނަމަ ރޯގާ ބޭރުކުރުމަށް ރަށުގެ މީހުން ގޮވައިގެން އިސްވެހުރެ ތަކުބީރު ކިޔައި ދަމުހިނގާނީވެސް އޭނާއެވެ. އަންހެނަކު ވިހަން ވެއްޖެ ނަމަ ބޭސްފަންޑިތަވެރިކަމުގެ ކަންކަން ކުރާނީވެސް އޭނާއެވެ. ވިހެއުން ލަސްވާ ނަމަ “..މާތެލާ ސަންފާތެޔޮ ލާ އެއްކޮށް ފަންވަތް ކަޅިކޮށް ކިޔަވައި އަނބުރައި އުނަގަނޑުގައި ބަނދެލާނީ”ވެސް އޭނާއެވެ. މަސްތުރަ ނުވިޔަސް އެކަމުގެ ބޭސްފަންޑިތަ ހަދާނީވެސް އޭނާއެވެ. އަލަށް ގޯތި އެޅުމަށް ހެޔޮ އިރުވަރުގައި ގޭގޭ ކަންމުޑި ޖަހާނީވެސް އޭނާއެވެ. ރަށުފަންޑިތަ ހެދުމާއި މިނިއާލާނުވުމުން ރަށްއަމާންކުރުމުގެ މަސައްކަތް ވެސް މުޙައްމަދުފުޅު ކުރިއެވެ.
ކުޑަރިކިލު އާގޭ މުޙައްމަދުފުޅަކީ އޭނާގެ ދުވަސްވަރު ކަމަދޫ އެންމެންގެ ލޯބި ހޯދިމީހެކެވެ.
ގާއުނޑޫދޫ އާދަމްފުޅު ކަމަދުވަށް ހިޖުރަކުރުން
ރ. ގާއުނޑޫދުވަކީ މިހާރު ފަޅުރަށެކެވެ. ލަފާފުރަން ދަތި ގާމަތީ ރަށެކެވެ. އެކުވެރި ބަޔަކު އުޅުނު، ސަގާފީ މުއްސަނދި ރަށެކެވެ. އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ގާއުނޑޫދޫ މީހުން މިހާރު ދިރިއުޅެމުންދަނީ ރ. ހުޅުދުއްފާރުގައެވެ. ނަމަވެސް ގާއުނޑޫދޫގެ އިހުގެ އީދުކުޅިވަރުތަކާއި ސަގާފީ އާދަތައް ހުޅުދުއްފާރަށް ނުދެއެވެ. ނުވަތަ ހުޅުދުއްފާރަށް ބަދަލުވި މީހުންގެތެރޭގައި އެ ސަގާފީ ކުޅިވަރުތައް ކުރިއެރުވިފައި ނެތެވެ. ގާއުނޑޫދޫގެ އީދުކުޅިވަރުތަކާއި ސަގާފީ ކަންކަން އައިސް ހުއްޓުނީ ބ. ކަމަދޫގައެވެ. އެއީ ކިހިނެއްވީ ކަމެއްހެއްޔެވެ؟ ކުޑަރިކިލު އާއިލާތަކުގެ އިތުރުން މަދުމަދުން ނަމަވެސް އެހެން ރަށްރަށުގެ އާއިލާތައް ކަމަދުވަށް ހިޖުރަކޮށްފައިވެއެވެ. ކައިވެނީގެ ގުޅުންތަކުންނާއި ހިޖުރަކުރުމުގެތެރެއިން ކަމަދޫގައި ވަޒަންވެރިވެފައިވެއެވެ. ބ. އުނޑޫދުވާއި ރ. މީދުވާއި ޅ. ނައިފަރު ދަރިކޮޅު ކަމަދޫގައިވެއެވެ. މި އެންމެންގެ ތެރެއިން ވެސް ކަމަދޫގެ އިޖްތިމާއީ އެކުވެރިކަމާއި އީދުކުޅިވަރުގެ ތާރީޚުގައި އެކަކު ހާއްސަވެއެވެ. އެއީ ގާއުނޑޫދޫ އާދަމް ޙަސަންފުޅެވެ. މިއަދުގެ ކަމަދޫ ބިނާކުރުމުގެ އެންމެ އިސް އިޖްތިމާއީ ހަރަކާތްތެރިޔަކީ އާދަމްފުޅެވެ. ގާއުނޑޫދޫ އާދަން ކަލޭފާނަކީ އާދަމްފުޅުގެ މަންމަފަރާތު ކާފައެވެ. ދޮންތަކުރު މޫސައަކީ ބައްޕަ ފަރާތު ކާފައެވެ.
އާދަމްފުޅު ކަމަދުވަށް އާދެވުނު ގޮތް ކިޔައިދިނެވެ؛
” ކުޑަރިކިލު މީހުން ގިނަ ވާނެ މި ރަށުގައި މި ރަށު މީހުންނަށް ވުރެ. ކުޑަރިކިލުން އެކި ގޮތްގޮތުން އައިސް ތިބި މީހުން. ކުޑަރިކިލު ހަސަންމަނިކު އައީ އޭނަގެ ކޮއްކޮ އުމަރުމަނިކުވެސް ގޮވައިގެން. އެއީ އަހަރުމެންގެ ޅަފުރާގަ. ހަސަންމަނިކުގެ މަސައްކަތެއް ކުރަން ފުރަތަމަ އައީ. ދެން އޭނަގެ އޮޑި ދޯނި ފަހަރު ބަނދެދީ ހުރިހާ ކަމެއް ކުރީ”
އެއީ ކުޑަރިކިލު އަލިމަނިކުގެ ހަސަން މަނިކެވެ. ކަމަދޫ ނާއިބުކަން ކުރެއްވި ކުޑަރިކިލު ނާއިބު މުޙައްމަދު ކަލޭފާނަކީ މި އަލިމަނިކުގެ ދަރިޔެކެވެ. ބޮޑުތަދުގެ ދުވަސްވަރު ހަސަންމަނިކު ކަމަދުވަށް ހިޖުރަކުރީ އެގޭ އުމަރު މަނިކާއި އައިމިނާމަނިކެވެސް ގޮވައިގެނެވެ. އައިމިނާނިކެ ފަހުން ކިހާދޫ މީހާކާ އިނދެގެން ކިހާދުވަށް ދިޔައީއެވެ. ހަސަންމަނިކާއި އުމަރުމަނިކުގެ ފަރާތުން ކަމަދޫގައި ދަރިކޮޅު ދެމިގެން އައިސްފައިވެއެވެ.
ރ. ގާއުނޑޫދޫ އާދަމް ހަސަންފުޅު
ކުޑަރިކިލު ހަސަންމަނިކަކީ ތަދުގަނޑުގެތެރޭ ކަމަދުވަށް ހިޖުރަކޮށް ކަމަދޫ ކުރިއެރުވުމަށް މަސައްކަތްކުރި މީހެކެވެ. ކަމަދޫ ކައިރި ތިލަދުވާއި މިލައިދުވާއި ފޮނިމަގޫދޫގައި ހަސަންމަނިކު ރާވެރިކަމުގެ މަސައްކަތްކުރިއެވެ. ދޯނިފަހަރު ހުއްޓެވެ. ކުޑަރިކިލު ހަސަންމަނިކުގެ މަސައްކަތަށް އައި ގާއުނޑޫދޫ އާދަންފުޅު ވެގެން ދިޔައީ ކަމަދޫގެ އެއްބައިވަންތަކަމާ، އިޖްތިމާއީ އެކުވެރިކަން ކުރި އެރުވި، ހިންގުންތެރިއަކަށެވެ. ކަމަދޫގައި އަމިއްލަ ދިރިއުޅުމެއް ބިނާކުރުމުގެ އިތުރުން ކަމަދޫގެ އީދުކުޅިވަރު މުއްސަނދިކޮށްދިނެވެ. ކަމަދޫގެ ވެރިކަމާ ހަވާލުވުމަށް އެދުމުން އާދަމްފުޅު ގަބޫލުނުކުރިއެވެ. އާދަމްފުޅުގެ މަސައްކަތަކަށްވީ އިޖްތިމާއީ ގޮތުން ކަމަދޫ ކުރިއެރުވުމެވެ. ކަމަދޫ މީހުންގެ އޮޑިދޯނިފަހަރު ބަނުމާއި މިސްކިތްތައް އެޅުމާއި ސުކޫލުތައް އެޅުމާއި ރަށު އޮފީސް އެޅުން ފަދަ އުމުރާނީ ތަރައްގީގެ ހުރިހާ މަސައްކަތަކާއި ރަށަށް އަލަށް ޖަނަރޭޓާރު ގެނެސް ކަރަންޓްދިނުމުގައި އާދަމްފުޅުގެ އިޖްތިމާއީ ރޫހު ބޮޑެވެ. އެންމެން ލަފާއަހައި، އެ މީހެއްގެ ބަސް ގަބޫލުކުރާ މީހަކީ އާދަންފުޅެވެ.
ކަމަދޫ ކުރީގެ އީދާއި ކުޑަރިކިލު
ކަމަދޫގެ އީދުކުޅިވަރު މިއަދު މުޅި ރާއްޖެއަށް މަޝްހޫރުވެފައި ވިޔަސް އިހުގައި ކަމަދުވަށް އެ މަގުބޫލުކަން ލިބިފައި ނެތެވެ. ސަގާފީ ކުޅިވަރުގައި ކަމަދޫގެ ނަން ފުރަތަމަ ވިދާލީ ކަމަދޫ އަންހެނުންގެ ބަނޑިޔާޖެހުމަށް 90ގެ ތެރޭގައި ލިބުނު ތަރުހީބުންނެވެ. ގާއޮޑިލަވަޔާއި ތާރަޖެހުމާއި ބޮޑުމަސް ބޭނުމާއި އީދުކުޅުމުގައި ބ. އަތޮޅުގައި ޒަމާނުއްސުރެ މަޝްހޫރުކަން ލިބިފައި އޮތީ ކުޑަރިކިލަށެވެ. ކުޑަރިކިލަކީ އެ ރަށެއްގެ ސަގާފީކުޅިވަރުތައް ބެލުމަށް މާލެއިން ޒަމާނުއްސުރެ ބޭބޭފުޅުން ވަޑައިގަންނަވާ ރަށެކެވެ. މާޅޮސްމަޑުލު ދެބުރީގައިވެސް ސަގާފީ ކުޅިވަރުގެ ހުނަރުވެރިކަމަށް ކުޑަރިކިލު ފަދަ ރަށެއް އެއިރުގައި ނެތެވެ. ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްރަށަށް ސަގާފީ ބައެއް ކުޅިވަރުތައް ދަސްކޮށްދިނުމުގައި ކުޑަރިކިލު މީހުން މަސައްކަތްކޮށްފައިވެއެވެ. ހާއްސަކޮށް ގާއޮޑިލަވަޔާއި ތާރައެވެ.
ކަމަދޫ މީހުން ކަމަދޫގައި ކުޅޭ ސަގާފީކުޅިވަރުތަކުގެ ގޮތުގައި ކުރީގައި އޮތީ ކޯޑިޖެހުމާއި ނާކެނޑުމާއި ބޮޑުބެރެވެ. ބޮޑުބެރުޖެހުމުގެ އާދަޔާހިލާފް ހުނަރުވެރިން ކަމަދޫގައި ތިއްބެވެ. ދޮންފަނު މުޙައްމަދު ޔޫސުފް ލިޔުއްވާފައިވެއެވެ؛
“… އޭރު އަޑު އަހާފައި އޮންނަނީ ކަމަދޫ ކުޑަ އިބްރާހީމްގެ ބެރުޖެހުމުގެ ކުޅަދާނަކަމުގެ ވާހަކައެވެ. ކަމަދޫ އަބްދުއްރަޙީމްގެ ރީތި ފަރި ނެށުމުގެ ވާހަކައެވެ. ކަމަދޫ ކުޑަ އިބްރާހީމް ފަސް ބެރުގެ ދިހަ ކޮޅުގައި ހަމަ އޮޅުވައިނުލައި ޖަހާއިރު ހީވާނީ މަސްއައިނެއްގައި އަޅާ ހޯރައެއް ހެންނެވެ. މީހުން މިހެން ކިޔާތީ އަޑު އަހަމެވެ”
އެއީ ކަމަދޫ ބެރުޖެހުމުގެ ހުނަރުވެރިންނެވެ. ކަމަދޫގެ އީދެއް ފުރިހަމަވަނީ ކުޑަރިކިލު މީހުންނާ އެކުގައެވެ. ކުޑަރިކިލު މީހުންގެ އީދުކުޅުމުންނެވެ. އަވަށްޓެރިކަމާއި އާއިލީ ގުޅުންތަކުގެ އިތުރުން ދެ ރަށް އީދު ހިއްސާކުރެއެވެ. އާދަމްފުޅު ކިޔައިދިނެވެ؛
“އޭރު އަންނާނެ ކުޑަރިކިލު ކިޔަވާ މޫސަބެ. އެއީ މިރަށުގަ ބޮޑުމަސް ބާނާ ކުޅިވަރުކުޅެން. ކުޑަރިކިލު މީހުން ވަރަށް ގިނައިން ގެންނާނެ ތާރަޖަހާށާ ކުޅިވަރުގެ އެއްޗެހި ހަދަން. އޭރު ކުޅިވަރުގެ ކަންތަކާ އަންނާނެ ކުޑަރިކިލު ވަރަށް ގިނަ މީހުން. އައިސް މި ރަށުގަ ތިބޭނީ. ތާރަ ޖަހަން ގެންނާނީ ހަމަ ކުޑަރިކިލު މީހުން. މި ރަށު މީހުން ނުޖަހާނެ ތާރައެއް. ބޮޑުމަސް ބާނާ އެއްޗެހި ހަދަންވީމަ ގެންނާނީ ވެސް ކުޑަރިކިލު މީހުން. ކުޑަރިކިލު ކިޔަވާމޫސަބެމެން ބެރު މުހައްމަދުމެން ގެންނާނީ”
ކުޑަރިކިލު މީހުންގެ ގާއޮޑި ދިގުމަގު ކުޅި
ކުޑަރިކިލު ކިޔަވާ މޫސަބެއަކީ ބޮޑުމަސް ބޭނުން ފަދަ ސަގާފީ އީދުކުޅިވަރުތަކުގައި އަރާހުރި އެދުރެކެވެ. އަހަރުމެން ކުޑައިރު ކިޔަވާ މުސަބޭމެން ކުޑަރިކިލުގައި އީދުކުޅޭ ހަނދާންހުރެއެވެ. ކިޔަވާ މުސަބޭމެން ބޮޑުމަސް ބާނައި އުޅުނީ ވަރަށް މުސްކުޅިގޮތަކަށެވެ. ބޮޑުމަސް ބޭނުމަކީ ސަގާފީ ބޯދާ ފަންނެކެވެ. ބޮޑުމަސް ބާނާއިރު ވާހަކަ ދައްކާ ބަހުރުވަޔާއި ކިޔާ ރައިވަރުތަކާއި ބޮޑުމަސް ބޭނުމުގައި ދައްކާ “އާރޓް”ތަކަކީ ދިވެހީންގެތެރެއިން ގެއްލިދިޔަ ތަރިކައެކެވެ. ބޮޑުމަސް ބާނަތަން ބަލަން އައިސް ތިބޭ މީހުންގެ ފަހަތުން ފިއްލެޔޮ ހާކާފައިވާ ދަނޑިގަނޑެއް ހިފައިގެން ދުވާއިރު އެ އަރާ ފޯރި އީދުގެ އެހެން ކުޅިވަރަކުން ނުފެންނާނެއެވެ.
ކަމަދޫގެ އެންމެ ދުވަސްވީ މާލެސޮރު މުޙައްމަދު ކުޑަރިކިލު މީހުން ކަމަދުވަށް ތާރަޖަހަން އަންނަ ވާހަކަ ކިޔައިދިނެވެ.
“ތާރަޖަހަން އެންމެ އިސްކޮށް އުޅުނީ ކުޑަރިކިލު އާގޯތި މުހައްމަދުފުޅު، ދެން އެކަމުގައި ކަމަދޫ މީހުން ބައިވެރިވާނެ”
ކަމަދޫގެ އެންމެ ދުވަސްވި އެކަކީ އުނޑޫދޫ މޫސައެވެ. މިއީ ނާސިރު ދައުރުގައި ފަޅުކުރި ބ. ފަސްދޭތެރެ އުނޑޫދޫ މޫސައެވެ. ކުޑަރިކިލު މީހުން ކަމަދޫގައި ދަފިނަގާ ހަނދާންތައް ކިޔައިދިނެވެ؛
“ދިގުމަގު ކުޅީގަ ކުޑަރިކިލު މީހުން ކަމަދޫގަ ދަފި ނަގާ. އޭރު މާލެ ގިރާވަރު ދޮހުއްތު މި ރަށަށް އައިސް ހުރޭ – ބ. އުނޑޫދޫ މޫސަ
އެއީ ކަމަދޫ މުސްކުޅިންގެ ހަނދާންތަކެވެ. އެ މީހުން ކަމަދޫން ދުށް އީދުތަކާއި ސަގާފީ ކުޅިވަރުތަކެވެ. ކަމަދޫ އީދާއި ސަގާފީ ކުޅިވަރުގައި ކުޑަރިކިލުގެ ހިއްސާ އޮތް މިންވަރެވެ. ދެ ރަށުގެ ތިމާގެކަމާއި ސަގާފީ ކުޅިވަރުތަކުގެ ގުޅުމެވެ.
ރ. ގާއުނޑޫދޫ އީދު ކަމަދުވަށް!
ގާއުނޑޫދުވަކީ އިޖްތިމާއީ އެކުވެރިކަން ބޮޑު، ސަގާފީ ކުޅިވަރުތަކުގެ ރޫހު އޮތް ރަށެކެވެ. ފޯރީގައި އީދު ފާހަގަކުރަމުން އައި ރަށެކެވެ. ކަމަދޫ އީދުކުޅިވަރުގެ ވާހަކަތަކުގެ ވާހަކަ އާދަމްފުޅުބެ ފެށީ ގާއުނޑޫދޫ އީދު ހަނދާންތަކުންނެވެ.
“ގާއުނޑޫދޫގަ އެއްފަހަރަކު އީދު ނައުގަ ލާނެ ގޯނި ނުލިބިގެން މިސްކިތު ކުނާތައް ގެންގޮސް ބޭނުންކުރީ. މިސްކިތު މުދިމު މީހާ ރުޅި އައި. އެކަމަކު ރައްޔިތުން ބޭނުންވީމަ ކީއް ކުރާނީ؟ ނާ ބޮޑުކަމުން ފަންސާހަކަށް މީހުންނަށް އެރޭނެ”
އެއީ މިހާރު ފަޅުވެފައިވާ ގާއުނޑޫދޫގައި އިހުގައި އޮތް އީދު ފޯރިއެވެ. އީދުކުޅުމަކީ ގާއުނޑޫދޫ އެންމެން އެއްބައިކުރުވާ، އިޖްތިމާއީ ބަދަހިކަމެކެވެ. ގާއުނޑޫދޫގައި ކުޅެމުން އެންމެ ހާއްސަ ސަގާފީ ކުޅިވަރަކީ ނާ ކެނޑުމެވެ. ނާ ކެނޑުމަކީ ރ. އަތޮޅުގެ ރަށްރަށުގައި އީދުކުޅުމުގެ އެންމެ ހާއްސަ ކުޅިވަރެވެ. ބ. އަތޮޅުގެ ރަށްތަކުގަ ނާ ކެނޑުމުގެ ކުޅިވަރުގެ ހާއްސަގޮތެއްގައި ކުޅެމުން އައިސްފައިނުވެއެވެ. ނަމަވެސް ކަމަދޫ ތަފާތެވެ. ކަމަދޫގައި ކުޅެމުން އައި އީދުގެ އެންމެ ފޯރިގަދަ އެއް ކުޅިވަރަކީ ނާ ކެނޑުމެވެ. ބ. އަތޮޅުގެ އެހެން ރަށްރަށާ ތަފާތުކޮށް ކަމަދޫގައި ނާ ކެނޑުމުގެ ކުޅިވަރު އޮތީ ކީއްވެހެއްޔެވެ؟
“އަހަރެން މި ރަށަށް މި ކުޅިވަރުގެނައީ”
ގާއުނޑޫދޫ ބައެއް މީހުން ކަމަދުވަށް ހިޖުރަކުރުމުގެތެރެއިން، ގާއުނޑޫދޫގެ އީދުވެސް ކަމަދުވަށް ހިޖުރަކުރީއެވެ. ކަމަދޫގެ އީދަށް ލިބުނު ސަގާފީ އެންމެ ބޮޑު އެއް މުއްސަނދި ކަމަކީ ގާއުނޑޫދޫގެ ސަގާފީ އީދު ކަމަދުވަށް އައުމެވެ. އެއީ ކަމަދޫގެ އީދުކުޅިވަރުތަކުގެ ގޮތުގައި ދެމިގެން އައުމެވެ. ގާއުނޑޫދޫން މީހުން ފައިބައި، ރަށް ފަޅުވެ، އީދުކުޅިވަރުތައް ގެއްލުނު އިރުވެސް، ކަމަދޫގައި ގާއުނޑޫދޫގެ ސަގާފީ އީދު އައީ ދެމެމުންނެވެ.
ކަމަދޫގައި ކުޅެ އުޅުނު ނާކެނޑުމުގެ ކުޅިވަރު
ރ. ގާއުނޑޫދޫގަ އީދަށް ނައު ހެދުން
ނާ ކެނޑުމަކީ ސަގާފީ ފަންނުވެރި ކުޅިވަރެކެވެ. އެ ކުޅިވަރުގެތެރެއިން ރަށު މީހުންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ފެނެއެވެ. އޮޑިދޯނިފަހަރު ބަނުމުގެ ހުނަރެވެ. ރީތި ފަރުމާތަކާއި ގެންނަ ފުރިހަމަކަމެވެ. އޮޑިދޯނިފަހަރުގެ ޒީނަތްތެރިކަމަށް ކުރެވޭ ކަންކަމެވެ. އެ ހުރިހާ ސަގާފީ ހުނަރަކާއި އާދައެއް އީދުގެ ނަވަށް އެ މީހުން ގެނެއެވެ. ނާ ކެނޑުމާއި ނަވާ ގުޅިފައިވާ ކުޅިވަރުތަކަކީ ރ. އަތޮޅުގެ ދުވަސްވީ ސަގާފީ ކުޅިވަރުތަކެކެވެ. ރ. އަތޮޅަކީ ވަޑިންނާއި އޮޑިދޯނިފަހަރު ބަނުމުގެ އަތޮޅެވެ. ނާ ކެނޑުން ކުޅިވަރެއްގެ ގޮތުގައި ތަރައްގީވެފައި ވަނީ އެކި ދުވަސްވަރުގެ ވާހަކަތަކާއި ހާދިސާތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ފޯކުލޯރު މުހިންމު ދައުރެއް އަދާކުރެއެވެ. ބައެއް ރަށްރަށުގައި އެއީ ބޭރުން ރަށަށް ބަޔަކު އެރި ހާދިސާއެވެ. އެ މީހުންގެ ނައު ފަހަރުގައި އައިހެވެ. ނުވަތަ ނަވެއްގައި ބޭރުން އަންނަ މީހަކާ ގުޅޭ ވާހަކައެކެވެ. ބުނެދެނީ ދިވެހީންނާއި ކަނޑުދަތުރުފަތުރުގެ ގުޅުންތަކެވެ.
“އެއީ އީދު ފުރުވާލަން ބަންނަ ނާ. “ތަކުބީރު ފުރުވާލާށޭ” ކިޔާނީ އޭރު. އީދުތެރޭ ތަކުބީރުކިޔާ އުޅޭ އައްޔާމުއްތަޝްރީގުގެ ތިން ދުވަސް ނިންމާ ދުވަހު ނާ ކަނޑާނީ. ނަވުގައި ތަކުބީރު އެ ދަނީރާއްޖޭން ބޭރަށް. ތަކުބީރު ނިމޭ ދުވަހަށް ނާ ކެނޑުމުގެ ކަންތައް ހަދަނީ” – ގާއުނޑޫދޫގެ ނާ ކެނޑުމުގެ ކުޅިވަރު ކަމަދުވަށް ގެނައި އާދަމްފުޅު ބުންޏެވެ.
ތަކުބީރު އަންނާނީ އަނެއްކާވެސް އަނެއް އީދަށެވެ. ތަކުބީރު އައުމަކީ އީދުއައުމެވެ. ތަކުބީރު ފުރުވާލުމަކީ އީދު ފުރުވާލުމެވެ. އީދުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ތަކުބީރު ފާހަގަވަނީ އީދުގެ ދުވަސްތައް ނިމެންދެން ތަކުބީރު ގޮވުން އޮންނާތީއެވެ.
“އެ ނަވަކީ މުސްކުޅި ދައިތައެއްގެ ނަވެއް. އެ ނަވުގައި ދައިތަ އަންނަނީ ބޮޑު ދޫންޏެއް ހިފައިގެން. ރޭކުރާން ރަށު ފަޅުގައި ނާ އަޅާފައި އޮއްވައި ރަށުގެ މީހުން ރޭގަނޑު ދަންވަރު ވަގަށް ނަވަށް އަރައި އެ ދޫނި ގެނެސްގެން ކަތިލައިގެން ކަނީ. ދެން އަންހެން މީހާ ރުޅިއައިސްގެން ނާ ކަނޑާލަނީ. އެހެން ވީމަ ޝަރީއަތް ކުރަނީ”
އެ ނަވަކީ ފިރިހެނުން ކައްކަން ކާޑު ގެނެސް އޮންނަ ނައުކަމަށް ވެސް ބުނެއެވެ. ކަމަދޫގައި ކުޅެމުން އައި ނާކެނޑުމުގެ ކުޅިވަރުގެ ވާހަކައަކީ މިއެވެ. މިއީ އިހުގައި ގާއުނޑޫދޫގައި ނުވަތަ ރަށެއްގައި ހިނގަފާއިވާ އަސްލު ހާދިސާއަކަށް ފަހުން ކުޅެމުން އައި ކުޅިވަރަކަށް ވެދާނެއެވެ. ނާކެނޑުމުގެ ކުޅިވަރުގެ ތެރޭގައި ސަގާފީ އެތައް އާދަކާދައެއް ހިމެނެއެވެ. ޝަރީއަތްކުރުމާއި ކެއްކުމާއި އިޖްތިމާއީ އާދަކާދައެވެ.
“ބޮޑެތި ޖުއްބާ ލައިގެން ތިބި ބައެއް ޝަރިއަތްކުރާނީ. ޝަރިއަތް ގޮސް ނިމޭނީ ރަށުގެ ރައްޔިތުން އެ މީހުންނަށް އެއް ދުވަހު ކާން ދީ އަނެއް ދުވަހު ނަވުގެ މީހުން ރަށުގެ ރައްޔިތުންނަށް ކާން ދީގެން”
ނަވުގެ މީހުންނަކީ ފިރިހެންވެރިންނެވެ. ރަށުގެ މީހުންނަކީ އަންހެންވެރިންނެވެ.
ނާ ކެނޑުމަކީ ކަމަދޫގެ އީދަށް އަލުން ގެންނަން ޖެހޭ ސަގާފީ ތަރިކައެކެވެ. ނާ ކެނޑުމަކީ މީގެ އަހަރުތަކެއް ކުރިއާ ހަމައަށް ކަމަދޫގައި އިޖްތިމާއީ ރޫހާއި އީދުގެ ފޯރި އެންމެ ބޮޑަށް ގެނުވާ އެއް ކުޅިވަރެވެ. އަންހެނުންނާއި ފިރިހެނުންގެ ވާދަ ބޮޑު ކުޅިވަރެކެވެ. ނާ ކެޑުމުގެ ކުޅިވަރު ހުއްޓުނީ ކުޑަރިކިލު ޙަސަންމަނިކު ބުނި އެއްޗަކަށް ކަމަށްވެއެވެ. ޙަސަންމަނިކުގެ މަސައްކަތުގައި އުޅޭ މީހުން އޭރު ގިނައެވެ. އެހެން މަސައްކަތްތައް ހުއްޓޭ ވަރަށް ނާ ކެނޑުމުގެ ކުޅިވަރުގެ ކަންތައް ބޮޑުވީއެވެ. ކަމަދޫގައި އީދަށް ހެދި ނަވެއް ރީތިވެގެން ކަފުޖަހައިގެން އޭދަފުއްޓަށްވެސް ގެންދިޔައެވެ.
ކަމަދޫ އީދު ބޮޑުދޫނި
ކަމަދޫ ގޮނޑުދޮށް، މިހާރުގެ ބަނދަރުމަތި
ބޮޑު ދޫނި ހެދުމަކީ ކަމަދޫގައި އީދަށް ކޮށްއުޅުނު ކަމެކެވެ. މިއީ ނާ ކެނޑުމުގެ ކުޅިވަރާ ގުޅިފައިވާ ކަމެކެވެ. މި ބޮޑު ދޫންޏަކީ ނަވުގައި މުސްކުޅި ދައިތަ ގެނައި ދޫންޏެވެ. ނަވުގެ ފޯކުލޯރުގައި ބުނާ ބޮޑު ދޫނި ހަދަނީއެވެ. ނާކެނޑުމުގެ ކުޅިވަރުގައި އެންމެ މުހިންމު އެއް ކަމަކީ ބޮޑުދޫނި ހެދުމާ ގުޅިފައިވާ ސަގާފީ އިޖްތިމާއީ ހަރަކާތެވެ.
“ނާ ކެނޑުމުގެ ކުޅިވަރަށް ބޮޑު ދޫންޏެއް ހަދާނެ. ދޫނި ހަދާނީ ފޮތި ފޭލިން. ދޫނީގެ ގިޔުގަނޑު ހަދާނީ ދަނޑިން، ދޫނީގެ ސިފައަށް. ދޫނި ހެދިޔަސް އެއީ ނަވުގަ ބައިދާ އެއްޗެއް ނޫން. ނާކެނޑި މީހުންގެ ޝަރީއަތް ކުރާނީ ދޫނި ހަލާކުކޮށްލި މައްސަލައިގައި. އީދުގައި ބޮޑު ދޫނި ތިން ފޭލި ފޮތި ރައްކާކޮށްފަ އޮންނާނެ. މާލުދުގޭގަ ދަމަން އިހުގަ ފޮތިފޭލި ބަހައްޓާހެން. ބޮޑުދޫނި ހަދަން ބޭނުންކުރާނީ ރަތް ފޭއްޔަކީ ހުދު ފޭއްޔަކާ ކަޅު ފޭއްޔެއް. ދޫނި ހަދާފަ ހޭޅިފަށުގަ، އަތިރިމަތީގައި ބައިންދަނީ. އެރޭ ނާކެނޑުމުގެ ކުޅިވަރު ކުޅޭން ވީމަ ގެންދާނީ”
ބޮޑު ދޫނި ހެދުމަކީ އެންމެންގެ ބައިވެރިވުމާއި އިޖްތިމާއީ އެކުވެރިކަން ފެންނަ ކަމެކެވެ. ބޮޑު ދޫނި ރަށުތެރެއަށް އީދުގެ ހަލަބޮލިކަން ގެނުވައެވެ. ނާކެނޑުމުގެ ކުޅިވަރު އޮންނަނީ އީދު “ތަކުބީރު ފުރުވާލަން” ވުމުންނެވެ. އެއީ އީދުގެ ފަހު ދުވަހެވެ. ނާކެނޑުމުގެ ކުޅިވަރުގެ ކުރިއަށް އީދުގެ ދުވަސްތަކުގައި ބޮޑު ދޫނި ރަށުތެރެއަށް އަރައެވެ. ގޭގެއަށް ހިނގައެވެ. މިއީ ކުޑަކުދިންނާއި ރަށަށް އަރާ މެހެމާނުންނާއި ބޮޑެތި މީހުންގެ ޝައުގުވެރިކަން ލިބޭ ކަމެކެވެ.
”އީދު ބޮޑު ދޫނި ދާނެ ގޭގޭ ދޮށަށް ގޮސް ދޮރަށް ތުން ވައްދާލީމަ ގޭގޭން ދޭނެ ހަދިޔާ ކޮތަޅެއް. ހަދިޔާކޮތަޅުގަ ހުންނާނީ އީދުކުޅޭ މީހުން ކާން ހުންނަ އެއްޗެހި. ބޮޑުދޫނި ގޭގެއަށް ހިނގާނީ އީދުތެރޭ. އީދު ބޮނޑިޔާ އުޅާއްޔާ ބޮޑު ދޫންޏަށް ދޭނެ. މީ އުނޑޫދޫގަ ކުޅޭ ގޮތް، އަހަރެން މި ރަށަށް މި ކުޅިވަރުގެނައީ”
އަންހެނުން ކޯޑި ޖަހަނީ ބޮޑު ދޫނި ހަދާ ދުވަހުއެވެ. މި ދުވަހު ފިރިހެނުން ފިރިހެނުން ބޮޑުމަސް ވިޔާނެއެވެ. ރަށުތެރޭން ހަދިޔާ އެއްކޮށްފައި ބޮޑުދޫނި ގޮނޑުދޮށަށް ދެއެވެ. އެ ބޮޑު ދޫންޏަށް ފަހުން ވާ ގޮތަކީ ރައްޔިތުން އީދުކުޅުމުގައި އަވަނެތި އުޅެނިކޮށް ކޮންމެވެސް ބަޔަކު އެ ބޮޑުދޫނި ހަލާކޮށްލަނީއެވެ. ނާކެނޑުމުގެ ކުޅިވަރުގެ ޝަރީއަތަކީ މި ބޮޑު ދޫނި ހަލާކުކޮށްލި މައްސަލައެވެ.
ކަމަދޫގެ މަޝްހޫރު ކޯޑިޖެހުން
ކޯޑި ޖެހުމަކީ ހުރިހައި ރަށެއްގައި އިހުއްސުރެ ކުރަމުން އައި ކަމެކެވެ. އެކި ރަށްރަށުގައި ކޯޑިޖެހުމުގެ އާދަ ތަފާތެވެ. ކަމަދުވަކީ ކޯޑިޖެހުމުގެ ފޯރި އާދަޔާހިލާފަށް ގަދަ ރަށެކެވެ. ކަމަދޫ ކޯޑިޖެހުމުގެ ސަގާފަތަކީ ރަށުގެ މުހިންމު ތަރިކައެވެ. މިއީ މުޅި ކަމަދޫގައި އޮންނަ އީދުގެ އެންމެ ބޮޑު ހަރަކާތެވެ. އިހުގައި ކޯޑިޖަހާއިރު ކިޔައި އުޅުނީ ވަރަށް ބޯދާ ލަވަތަކެކެވެ. އަރަބި ފާޑު ލަވަތަކެވެ. މިހާރުވެސް ކަމަދޫ އަންނުން ކޯޑި ޖަހާއިރު ކިޔަނީ އެ ލަވަތަކެވެ.
ކޯޑީގެ ކުޅިވަރު ފެށުމަށް ވަޅުއީދު ދުވަހުގެ ހެނދުނާ ރަށުގެ އަންހެންވެރިން ކޯޑި ހެދުމުގެ ހުއްދައަށް އެދި ކަތީބަކު ނުވަތަ އެއިރަކު ތިބޭ ވެރިންގެ ގޭގޭދޮށަށް ދެއެވެ. ވެރިޔެއްގެ ގޭދޮށަށް އަންހެނުން އެއްވާނީ ރަށުތެރޭ ލަވަކިޔަމުން ކުޑަ ބިލެއްމަލާފަތެއް ހިފައިގެނެވެ. ކޯޑި ހެދުމުގެ ހުއްދަ ލިބުމުން ކޯޑި ހަދަން ދަންނަ ފިރިހެނެއްގެ ގާތަށް ދެއެވެ. ކޯޑި ހަދަނީ ރައްޔިތުންނަށް ނުފެންނަ ތާކުއެވެ. އަންހެންވެރިން ކޯޑި ހަދާ މީހާއަށް ދުވަހުގެ ކެއިންބުއިން ދެއެވެ. ކޯޑި ހަދައި ނިމޭނީ ހަވީރަށެވެ. އެހައިއިރަށް އަންހެންވެރިން ކޯޑި ހެދުމުގެ ހުއްދަދިން ވެރިޔާ ކައިރިއަށް ގޮސް ކޯޑިއަށް އަގުކިޔަން އެދެއެވެ. ކޯޑިހަދާ މީހާ ކައިރިއަށް އަގު ގެނައުމުން ކޯޑީގައި އެ އަގު ޖަހައެވެ.
ހަވީރަށް ވުމުން ފިރިހެނުން ކޯޑިއާ އެކު ރަށުތެރެއަށް ނުކުމެއެވެ. ބެރުޖަހަމުން ލަވަކިޔަމުން މަގުތަކުގައި ހިނގާފައި ކޯޑިހިފައިގެން ހިގާނފައި އަތިރިމައްޗަށް ދެއެވެ. އަތިރިމަތީގައި ރަށުގެ ވެރިންގެ އަނބިންނާއި ކަމުވޮށިގެންވާ މީހުންނާއި އޮޑިވެރިންގެ އަނބިންގެ ބޮލަށް ކޯޑި ޖަހާނެއެވެ. ކޯޑީގެ ޒިންމާ އެ މީހުންގެ ބޮލުގައި އެޅުނީއެވެ. މި ގޮތަށް އަންހެންވެރިންގެ ބޮލަށް ފިރިހެނުން ކޯޑި ޖަހަނީ ކޯޑީގެ އަގު އަދާނުކުރުމުންކަމަށް ވެއެވެ. އަންހެނުންގަޔަށް ކޯޑި ޖަހައި ނިމުމުން، ކޯޑި ގެންގޮސްދިގު ރުކެއްގައި އެލުވައެވެ. ރޭގަނޑުގެ އީދުކުޅުން ފެށޭނީ ދެނެވެ. އަންހެނަކު ފިރިހެނަކު މުސްކުޅިޔަކު ނުނިދާނެއެވެ. ކޯޑީގެ ފޯރީގައި މުޅި ރަށް އޮންނާނީ ނުނިދައެވެ.
ކަމަދޫ ކުރީގެ ގޮނޑުދޮށް، އޭއައި، ނަވީން އަލީ
އަންހެންވެރިން ހިނގާނީ ރުކުގައި އެލުވާފައި ހުރި ކޯޑި ކަނޑާނެ ފިރިހެނަކު ހޯދާށެވެ. މިކަމަށް ފައިސާގެ އިނާމުވެސް ހުށަހަޅައެވެ. ނަމަވެސް، ކޯޑި ކަނޑާ މީހާއަށް ލިބޭ އަދަބުގެ ބޮޑުކަމުން ކޯޑިކަނޑާދޭނެ މީހަކު ހޯދުމަކީ އުނދަގޫކަމެކެވެ. ރުކުގައި އެލުވާފައި ހުންނަ ކޯޑި ކަނޑަން ޖެހެނީ ހެނދުނާ އަންހެންވެރިން ފިރިހެނުންގެ ބޮލަށް ކޯޑި ޖަހައި ކޯޑިކުޅުމަށެވެ. ކޯޑި ނުކަނޑައިފި ނަމަ ހެނދުނު އަންހެނުންގެ ގައިގައި ކުރެހުން އޮވެއެވެ. ކޯޑި ނުކަނޑައިވާނެ އެއްވެސް ގޮތެއް ނޯވެއެވެ. ރުކުގައި ކޯޑި އެލުވީއްސުރެ ފިރިހެނުން ތިބޭނީ ރުއްދޮށުގައި ބެރުޖަހައި ލަވަކިޔައި ފޯރިއަށެވެ. ދަންވާވަރަކަށް މީހުން މަދުވެއެވެ.
މި ފޯރީގަނޑު ތެރޭގައި އަންހެނުންގެ އެއްބަޔަކު އުޅޭނީ ކޯޑި ކަނޑާ މީހާއަށް ކާންދިނުމަށް ބޮނޑިބަތް ކައްކާށެވެ. ބޮނޑިބަތް ކައްކާނީ ސިއްރުންނެވެ. ކޯޑިކަނޑާ މީހާއަށް ކާންދޭން އަންހެނުން ވަލުގައި އުނދުން ޖަހައިގެން ކައްކާއިރު ގަސްގަހު ކުރިއަށް އަރައިގެންވެސް ބަލަން ތިބެއެވެ. ބައެއް ފަހަރު ހަކުރުހަދަން ރާ ކައްކާ މީހުން ރާ ކެއްކީމަ އުނދުނުގެ އަލިފާންގަނޑުމަތީ ސައިކުރައެއްގައި ބޮނޑިބަތް އުދައެވެ. އޮޅުވާލުމުގެ ގޮތުންނެވެ. އެހައި ސިއްރުން ބޮނޑިބަތް ކައްކާ އިރުވެސް ބޮނޑިބަތްކޮޅު އަތުލައިގަނެއެވެ. ކޯޑިކެނޑި މީހާއަށް ބޮނޑިބަތް ކާކަށް ނުލިބޭނެއެވެ. ބައެއް ފަހަރު ކޯޑިކެނޑި މީހާ އަތުލައިގަންނަނީ އަންހެނުންނާ އެކު ކޯޑިކެނޑި ބޮނޑިބަތް ކާން ހުއްޓައެވެ.
ކޯޑި ކެޑުމުން އަންހެނުން ހެނދުނާ ކޯޑި ޖަހައެވެ. ރަށުގެ މަގުތަކަށް ކޯޑި ހިފައިގެން ނުކުމެ ލަވަ ކިޔަމުން ބެރުޖަހަމުން ކަތީބާއި މުދިމާއި ރަށުގެ ކަމުވޮށިގެންވާ ފިރިހެނުންގެ ބޮލަށް ކޯޑިޖަހައެވެ. އޭގެ ފަހުގައި ފިރިހެނުން ނުކުމެ އަންހެނުންނަށް ކޯޑި ކަނޑައިދިން މީހުންގެ ޝަރީއަތް ހިންގާނެއެވެ. ހުކުމް ކުރާނީ އަންހެން ވެރިން ފިރިހެންވެރިންނަށް ކާން ދިނުމަށެވެ. އެއީ ކޯޑިޖެހި ފަރިވަޅުކަމަށެވެ. ކޯޑިކެނޑި މީހުންގެ ގައިގައި ނުބައި ވަސް ދުއްވަން ފިއްލެޔޮ ހާކައި ގައިގައި ކުރަހައި ހާއްސަ ލަވައެއް ކިޔަމުން ބެރުޖަހައި ރަށުތެރޭގައި ހިންގުވާނެއެވެ. ކޯޑިކެނޑި މީހުން މޫދަށް އެރުވައި ސާފުކޮށް ރީތިކުރުމަކީ އަންހެންނުންގެ ކަމެކެވެ. އޭގެ އަނެއް ދުހު ހަވީރު އަންހެނުން ކުޅޭ ފެންކުޅީގައި ކޯޑި ކެނޑި މީހުންގެ ގަޔަށް ފެން ނުޖަހާނެއެވެ. އެ މީހުން އަންހެނުންގެ ހާއްސަ ބަޔެކަށް ވީއެވެ.
ކޯޑިޖެހި ފަރިވަޅު ލަސްވުމުން ބިންމަތީ ނައުކުރަހައި ގޭގެޔަށް ނަގިލިލުން
އަނެއް އަހަރުގެ އީދު ގާތްވަމުން އަންނަ އިރު، ކޯޑިޖެހިފަރިވަޅު ނުވަތަ ފައިބެ އަހަރު އީދާ ގުޅިގެން ކައްކަން ޖެހޭ ކެއްކުންތައް ލަސްވެއްޖެ ނަމަ ބިންމަތީގައި ނަވެއް ކުރަހައި އެ ނަވުގެ ނަގިލިތައް ގޭގެއަށް ލައެވެ. މި ނަވަކީ އަތިރީމަތީގައި ވެލިން ކުރަހާ ބޮޑުނަވެކެވެ.
“ގޮނޑުދޮށުގަ އޮންނާނެ އެ ނާ ކުރަހަފާ. އޭގައި ރޭޑިޔޯ ތެލިފޯނާ ސެޓުވެސް އިންޖީނާ ބުރަފަތިވެސް ހަދާފަ އޮންނާނީ. ކެޔޮގަނޑުގެ ބަޅުކޮށް އޮންނަ ބައިން ފަސްވަރަކަށް ނަގިލިވެސް ދިރުނބާކޮޅުގަ އެލުވާފަ. ގޭގޭ ދޮރުމައްޗަށް ނަގިލި ގެންދާނީ ނަވުން ފެށިގެން ދޮންވެލިން މަގުމަތީގައި އަޅަމުން. ހެނދުނު ވީމަ ގޭގޭގެ މީހުންނަށް އެނގޭނެ ކޯޑިޖެހި ފަރިވަޅު ލަސްވީކަން”
ކޯޑިޖެހި ފަރިވަޅު ލަސްވުމުން ބުނެދިނުމަށް އެހެން ބައެއް ކަންކަން ވެސް ކޮށްއުޅެއެވެ.
“އޮށިގަނޑުން މީހެއްގެ ސިފައަށް ގިޔުގަނޑުހަދާފަ އަންހެނުންގެ ލިބާސް ލައްވާފަ ގޭގޭގެ ބޭރުގަ ބަހައްޓާފަ ހުންނާނީ. އެ ފެނުނީމަ އެނގޭނެ ކޯޑިޖެހި ފަރިވަޅު ކައްކަންވީކަން. ގޭގޭ ހަތަރު އަނގޮޅިމަތީގައިވެސް ބަހައްޓާފަ ހުރޭ”
“ވެލިން ނާކުރަހާފަ އެ ނަވުގެ ނަގިލިތައް ހުންނާނީ ވެލިން ކުރަހައިގެން ގެންގޮސް ހުރިހާ ގެއެއްގެ ގޭދޮށަށް. މިކަން ކުރާނީ ފިރިހެންވެރިން. އޭގެ މާނަ އަކީ މީހުން ހެންދުނު ހޭލާފަ ބޭރަށް ނުކުންނަ އިރު އެނގޭނެ މިހާރު ކާޑުހިފައިގެން އައި ބޯޓް ބަނދަރުކޮށްފިކަން. ކޯޑިޖެހި ފަރިވަޅަށް ކައްކަންވީކަން”
ކޯޑިޖެހި ފަރިވަޅު ލަސްވުމުން ގޭގޭ ދޮރުމައްޗަށް ސިޓީވެސް އަޅައެވެ. ފުރަތަމަ ކައްކާނީ ފިރިހެނުންނެވެ. އީދުގާތްވާ ވަރަކަށް ފަރިވަޅު ނުދޭނަމަ ފޯރިގަދަވެއެވެ. އޭގެ ފަހުގައި އަންހެނުން ފަރިވަޅުކައްކާފައި ފިރިހެނުންނަށް ކާންދެއެވެ. ފަރިވަޅަށް ދައުވަތު އަރުވާނީ އިހުގައި މާލޫދުހަރުގެއަށް ކިޔާހެން، ރަށުތެރޭގައި އެކަމަށް ހާއްސަ ލަވައެއް ކިޔަމުންނެވެ
ކަމަދޫ ކޯޑިޖެހި ފަރިވަޅުގެ އަސްލު
”ނާސިރު ދައުރުގައި ހުކުރު ހަމަނުވާ ރަށްރަށުން މީހުން ބާލަން ނިންމީ. ކަމަދޫމީހުން ކުރި މަސައްކަތުން، ކަމަދޫން މީހުން ނުބާލާ ގޮތަށް ހަމަޖެހުނީމަ ރައްޔިތުން ބުނި ނަދުރެއް އެއީ މާލޫދުކިޔަން. ދެ އަހަރެއް ކެއްކި ފަހުން އަހަރެން ކިޔައިފިން ތިޔަ މާލޫދު އުޅޭށޭ އެހެން ގޮތަކަށް އަނބުރާލަން. ދެން އަހަރުމެން ކެއްކީ ކޯޑިޖެހި ފަރިވަޅު ކިޔާ ފަރިވަޅެއް. އަންހެނުން އެއް ދުވަހު ފިރިހެނުން އަނެއް ދުވަހު. އީދަށް ބަދަލުކުރީ އެ މާލޫދު ދަމަހައްޓަން. އެކަން ކުރާތާ މިވީ 70 ވަނަ އަހަރުން ފެށިގެން، އެ މާލޫދު މި ބަދަލުވީ ކޯޑިޖެހި ފަރިވަޅަށް”
މިއީ އާދަމްފުޅު ކޯޑިޖެހި ފަރިވަޅުގެ އަސްލު ކިޔައިދިން ގޮތެވެ.
ނަމަވެސް، ކޯޑިޖެހި ފަރިވަޅުގެ އަސްލާ މެދު ބައެއް މީހުންގެ ވާހަކަޔަކީ:
” ކޯޑިޖެހި ފަރިވަޅަކީ ނާ ބަތްގަނޑު”
“އެ ފަރިވަޅަކީ އެރޭ އަންހެން ވެރިންގޮސް މި ކަނޑާލަނީ ނާ. ނާ ކަނޑާލި މައްސަލައިގައި އަންހެން ވެރިންގެ މައްޗަށް ޝަރީޔަތުން ލައްވަނީ އަންނަ އަހަރުގެ އީދުގެ ކުރިން ފިރިހެން ވެރިންނަށް ކައްކާފަ ކާން ދޭން. އަންހެންވެރިން ކަނޑާލާ ނާ އެ ނަވަކީ ފިރިހެންވެރިން ކައްކަން ކާޑު ގެނެސް އޮންނަ ނާ”
ކޯޑި ކެނޑިމީހުންގެ ޝަރީއަތުގައިވެސް ކައްކާފައި ކާންދިނުމަށް ހުކުމް ކުރެއެވެ. ކޯޑިޖެހި ފަރިވަޅަކީ އީދުކުޅުމާއި ގުޅިފައިވާ ކޭމެކެވެ. އެ ކޭން އެއީ އިހުގެ މާލޫދު ކޭން އީދާ ގުޅުވައި ދެމެހެއްޓުން ކަމުގައިވިޔަސް، ކަމަދޫން މީހުން ނުބާލާތޯ ބުނި ނަދުރު ކޭން ކަމުގައިވިޔަސް، ނާ ބަތްގަނޑު ކަމަށް ވިޔަސް، އެއީ ރަށު އެންމެންގެ އިޖްތިމާއީ ބޮޑު ކެއުމެވެ. ކޮންމެ އަހަރެއްގެވެސް އީދުގެ ކުރިން މި ބޮޑު ކޭން ކަމަދޫގައި އޮވެއެވެ.
ކެތި މެދުޖެހޭ ދުވަހު ކަށިކެޔޮ ފޯ ކެއުމާއި ބޮޑުމަސް ކުޅުން
ހައްވާނިކެ ކަށިކެޔޮ ލިޔުން
ރަށްރަށުގައި ކުޅެމުން އަންނަ ބައެއް އީދު ކުޅިވަރުތަކަކީ އީދަށް ނިސްބަތް ނުވާ އިހުގެ އާދަކާދަތަކެވެ. އިހުގެ އާދަކާދައިން ބައެއް ކަންކަން އީދުގެތެރެއަށް ވަދެފައިވެއެވެ. ބޯޑުމަސް ބޭނުމަކީ ކަމަދޫގައި ކުރިއްސުރެ ކުޅެމުން އައި ކުޅިވަރެކެވެ. ނަމަވެސް، އެއީ އިހުގައި އީދުގައި ކުޅެމުން އައި ކުޅިވަރެއް ނޫނެވެ. ބޮޑުމަސް ބޭނުމަކީ ސަފަރު މަހުގައި ކަށިކެޔޮ ފޯކޭމާއެކު ކުޅޭ ކުޅިވަރެކެވެ. އެ ދުވަހަކީ ސަފަރު މަހުން 10 ކަމުގައި ބުނެވެއެވެ. އަދި އެއީ ކެތި މެދު ޖެހޭ ދުވަސްކަމުގައިވެސް ބުނެވެއެވެ. ކެތި މެދު ޖެހޭ ދުވަހަށް ފޯ ކޭން ތައްޔާރުކޮށް ކަމަދޫގައި ބޮޑުމަސް ބޭނުމުގެ ކުޅިވަރު ބާއްވައެވެ. ބޮޑުމަސް ބޭނުމުގެ ކުޅިވަރު ކަމަދޫގައި ކުޅުނީ ކުޑަރިކިލު މީހުން ކަމަދުވަށް ގޮހެވެ. މިކަން މިގޮތަށް ހިނގަނީ ކޮން ސަބަބަކާ ހުރެކަމެއް ނޭނގެއެވެ. ބޮޑުތަދުގައި ކުޑަރިކިލު މީހުން ކަމަދުވަށް ހިޖުރަކުރި އެއް ސަބަބަކީވެސް ކަމަދޫގައި ކަށިކެޔޮ ތިޔާގިކަމެވެ.
އާދަމްފުޅުބެ ކިޔައިދިނެވެ؛
“ކުރީ ޒަމާނުގައި މި ރަށު މީހުން ބޮޑުމަސް ބާނަން ގެންނާނީ ކުޑަރިކިލު މީހުން. ކިޔަވާ މޫސަބޭމެން ގެންނާނީ. ފޯކޭން އޮންނަ ދުވަހަށް ކުޑަރިކިލަށް ދާނެ ބޮޑުމަސް ކުޅޭ މީހުން ބަލާ. އޭރު ފޯކޭން މި އޮންނަނީ 15ގެ ކުރިން ސާދަ ނުވަތަ ތޭރަ ވިލޭރޭ. ކެތި މެދު ޖެހުނީމަ ކުރާ ކަމެއް ފޯ ކެއުމަކީ. ސަފަރުމަހުން ލަސްވެގެން 15ގެ ކުރިން ކުޑަރިކިލަށް ފުރާނެ މީހުން ބަލާ”
ކަށިކޭލަކީ ކަމަދޫގެ ރަމްޒެވެ. ކަމަދުވަކީ އިހުގައި ކަށިކޭލުގެ ބާވަތްތައް ގިނަ ރަށެކެވެ. ހުސް ނުވެ ކަށިކެޔޮ އޮންނަ ރަށެކެވެ. ބޯކޭލާއި ކަށިކޭލާއި މެދުކޭލާއި މާކަށިކޭލެވެ. އެކި ދުވަސްވަރު ކަމަދުވަށް ރަށްރަށް ފަޅުކޮށްފައި މީހުން ހިޖުރަކުރުމުގެ އެއް ސަބަބަކީވެސް ކަމަދޫގައި ކަށިކެޔޮ ތިޔާގިކަމެވެ. ބޮޑުތަދުގެ ދުވަސްވަރު ރަށްރަށުން ކަމަދުވަށް މީހުން ހިޖުރަކުރި އެއް ސަބަބަކީވެސް ކަމަދޫގެ ކަށިކޭލެވެ. ކަމަދޫގައި ކަށިކޭލުގެ ހާއްސަ ބަވާތްތައް ތައްޔާރުކޮށް އުޅުނެވެ. ކަމަދޫ ކަށިކޭލުގެ އެންމެ ހާއްސަ ކެއުމަކީ “ފޯ”އެވެ. ކަށިކެޔޮ ފޯ ހިލުމަކީ ކަމަދޫގެ ދުވަސްވީ އާދަކާދައެކެވެ. ކަށިކޭލާއި ކަށިކެޔޮ ފޯ އަކީ ކަމަދޫގެ މެހެމާންދާރީއެވެ. މެހެނާނަކަށް ދިއްކޮށްލާ ކަމަދޫގެ މީރު ކެއުމެވެ. ކަމަދޫން ފުރައިގެންދާ ބަޔަކުވެސް ދާނީ ކަށިކެޔޮ ގަނޑެއް ހިފައިގެނެވެ. ކަށިކޭލަކީ ކަމަދޫގެ އައިޑެންޓިޓީއެވެ.
އާދަމްފުޅުބެ ކިޔައިދިނެވެ؛
“ކަށިކެޔޮކަނޑައިގެން ކަށިކެޔޮ ލިޔެގެން ގަބުޅި ހުންޏާ އެއްކޮށްފަ ފޯ ހިލާނީ ފެނާ ދިޔާހަކުރާ އަޅައިގެން. ރައްޔިތުން ފަންގަނޑު އަޅައިގެން މަގުމަތީ ފޯ ކާނީ. ފޯ ކައި ނިމިގެން އޮންނާނީ ބޮޑުމަސް ބޭނުމުގެ ކުޅިވަރު. ކުޑަރިކިލު ކިޔަވާމުސަބޭމެން ވަރަށް ކުޅަދާނާ ވާނެ އެކަން ކުރަން. ފާޑަކަށް ވާހަކަދައްކާނީވެސް މީހުންނަށް އޮޅުން ފިލާނީ މަދުން. ރައިވަރުވެސް ކިޔާނެ ވާހަކަވެސް ދައްކާނެ. މައިދަރިއާ ތިބޭތާ ވީމަ ނުކިޔޭ ކަހަލަ އެއްޗެހި ވެސް ކިޔާނެ. އަހާ މީހަކު ވަރަށް ވިސްނައިގެން އެ ކިޔާ އެއްޗެއް އެނގޭނީ”
ބޮޑުމަސް ބޭނުމުގެ ކުޅިވަރު އީދުގެތެރެއަށް ބަދަލުކުރީ ޒަމާނަށް އައި ބަދަލާ އެކު ފޯ ކެއުމުގެ އާދަކާދަ ހުއްޓުމުންނެވެ. އަދި ބޮޑުމަސް ބޭނުމުގެ ކުޅިވަރު މާލެއިން މީހުން އަންނަ ދުވަސްވަރެއްގައި ބޭއްވުމަށެވެ. ގިނަ ބަޔަކަށް ކުޅިވަރު ފެންނާނެ ދުވަސްވަރަކީ އީދަށް ވުމެވެ. އިހުގައި ބޮޑުމަސް ބާނައި އުޅުނީ ރަށުގެ ބޮޑު މަގަކަށް އަސްލު ދޯންޏެއް ގެނެސް އެ ދޯނީގައެވެ. ބޮޑުމަސް ބޭނުމަކީ ރޭގަނޑުގެ ކުޅިވަރެކެވެ. ފޯ ކޭން ކާ ސަރަހައްދުގައި އޮންނާނީ ފަންފަތުރާފައެވެ. އިޝާ ނަމާދަށް ފަހު ކޮންމެ ގެޔަކުން ކޭމެއް ބަހައްޓާނެއެވެ. ކޭމުގައި ހުންނާނީ ކަށިކެޔޮ ފޯ އާއި ހިކި ކަނޑުމަހާއި ކެއުމުގެ ބައެއް ބާވަތްތަކެވެ. ބޮޑުމަސް ވިޔުމަކީ ވެސް ރައްޔިތުން އެއްވެގެން ކުރާ ކަމެކެވެ. ހެނދުނު އޯލަވިޔެގެން ހަދަން ފަށާ ބޮޑުމަސް ނިންމޭނީ ހަވީރަށެވެ.
ކަމަދޫ އަންހެނުންގެ ބަނޑިޔާޖެހުން
ކަމަދޫ ބަނޑިޔާ ޖެހުން، ފޮޓޯ: ހަސަން ނަޖުމީ
ބަނޑިޔާޖެހުން ކަމަދޫގައި ފެށިގެން އައި ސީދާ ދުވަސްވަރެއް ނޭނގެއެވެ. ބަނޑިޔާޖެހުމަކީ ކަމަދޫގެ ދުވަސްވީ ސަގާފީ ކުޅިވަރެކެވެ. ކަމަދޫގެ އީދު މި ފަހުން މަޝްހޫރުވުމުގެ ކުރިން ކަމަދޫގެ ނަން ރާއްޖޭގައި ވިދާލާފައިވަނީ 90ގެ ތެރޭ ބަނޑިޔާ ޖެހުމުންނެވެ. ކަމަދޫގެ ނަން އިވުމުން “ކަމަދޫ ބަނޑިޔާ ގްރޫޕް” އެންމެނަށް ސިފަވެއެވެ. އެއީ ބަނޑިޔާ ޖެހުމުގެ އެންމެ ހުނަރުވެރި އަންހެނުން އުފެދުނު އެއް ރަށެވެ. މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްރަށަށް ކަމަދޫ މީހުން ބަނޑިޔާޖަހަން ދިޔައެވެ. ބަނޑިޔާޖަހަން ބަލާދާން ރަށްރަށުން ކަމަދުވަށް އާދެއެވެ. މިހާރު ކަމަދޫގައި ތިބި އެންމެ ދުވަސްވީ ބައެއް އަންހެނުންނަކީ ބަނޑިޔާ ޖެހި މީހުންނެވެ. 1960ގެ ތެރޭގައި އަދި އޭގެ ކުރިންވެސް ކަމަދޫގައި ބަނޑިޔާ ޖަހަމުން އައިސްފައިވެއެވެ. ކަމަދޫގެ އެންމެ ދުވަސްވީ އެއް އަންހެނަކީ ކުޑަރިކިލު ދިގު އަލިމަނިކުގެ ހައްވާނިކެއެވެ. ކަމަދޫގައި ބަނޑިޔާ ޖެހުމުގެ ހަނދާންތައް ކިޔައިދިނެވެ؛
“އެންމެ ކުރިން ބަނޑިޔާ ޖެހި މީހުން އަހަރުމެންނަކީވެސް. ދަސްކޮށްދޭން އައި މީހަކުވެސް. އެ ދުވަސްވަރު ބަނޑިޔާ ޖަހާނީ ކުޑައިބްރާހިމްބެމެންގެއާ ދިމާ އަތިރިމަތީ”
ކަމަދޫގައި ބަނޑިޔާގެ ރަންޒަމާނާއި އޭގެ ކުރިންވެސް ބަނޑިޔާ ޖަހައި އުޅުނު ޞާބިރާ މޫސާ ކިޔައިދިނެވެ؛
” ބަނޑިޔާ ޖަހަން ފަށައިފިން އުމުރުން ބާރަ ވަރަކަށް އަހަރުގަ. ބަނޑިޔާޖަހަން ކެންދުއަށް ދިޔަ އިރު ވާނީ އެވަރު. ވަރު މިހާރު 57. އޭރު ކަނދޮޅުދުއަށް ވެސް ބަނޑިޔާޖަހަން ދިޔައިން”
ކަމަދޫ ބަނޑިޔާގެ ތަރި ޞާބިރާ މޫސާ، އެހާރާ މިހާރު
ކަމަދޫގައި ފުރަތަމަ ބަނޑިޔާ ޖަހަމުން އައީ އިށީނދެ ތިބެއެވެ. ކޮޅަށް ތިބެގެން ބަނޑިޔާ ޖަހަން ފެށީ ގިނަ ކުޅިތައް ހައިގެން ބަނޑިޔާ ޖެހުމެވެ. އިށީނދެ ތިބެ ޖެހުމުން އިތުރު ގޮތްތައް ނުހެދޭތީއެވެ. ފަހުން ކުޑަ ފަންކަލާއި ތާރަ އާއި މާފަތި ބަނޑިޔާގެ ޖެހުމުގައި ބޭނުންކުރާ ސާމާނުތަކުގެތެރެއަށް އިތުރުވިއެވެ. މާފަތި ހަދަނީ އެކި ކުލައިގެ ފޮތިންނެވެ. މި ބަދަލު ގެނައުމުގައި އެކަމުގައި އިސްކޮށް ހުރީ ކަމަދޫ ގުލްޒާރުގޭ އަބްދުﷲ އާދަމެވެ. ކޯޑި ހެދުމާއި ރަށްރަށަށް ބަނޑިޔާ ގްރޫޕް ގޮވައިގެން ދިޔުމުގައިވެސް އިސްކޮށް ހުންނަނީ އޭނާއެވެ.
ބަނޑިޔާގެ ބައެއް ހުނަރުތައް ދަސްކޮށްދިނުމަށް ހޮޅުދޫ ބޮޑެބެ ކިޔާ މީހަކު އައިކަމަށްވެއެވެ. އިށީނދެ ތިބެ ޖަހަމުން އައި ބަނޑިޔާ ކޮޅަށް ތިބެ ޖަހަން ފަށާއިފައިވަނީ 1980ގެ ތެރޭގައެވެ. މިއީ ބަނޑިޔާގެ ތެރެއަށް މާފައްޗާއި ކުޑަ ފަންކަލާއި ތާރަ އިތުރުވި ދުވަސްވަރެވެ. އެ ދުވަސްވަރު ކަމަދޫގައި އޮތީ ޖަމިއްޔަތު ސާދާއެވެ. 1970ގެ އަހަރުތަކުން ފެށިގެން ވެސް ޖަމިއްޔަތުއް ސާދާ އައީ ރައްޔިތުންގެ ޖަމިއްޔާއެއްގެ ގޮތުގައި ނެށުމުގެ ހުނަރާއި ސަގާފީ ކުޅިވަރުތަކާއި އިޖްތިމާއީ އެކުވެރިކަން އާލާކުރަމުންނެވެ. އެއީ ކަމަދޫގެ ހިންގުންތެރި އަބްދުލްޣަނީ ކަތީބުގެ ދުވަސްވަރެވެ. އަބްދުލްޣަނީ ކަތީބުކަމާއި އަބްދުއްރަޝީދުގެ ކުޑަކަތީބުކަމުގެ ދުވަސްވަރު ކަމަދޫގެ ސަގާފީ ކުޅިވަރުތައް ދިރުވުމާއި އިޖްތިމާއީ އެއްބައިވަންތަކަން ބޮޑުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއެވެ. 1990ގެ އަހަރުތަކުގައި ކޮޕީ މުޙައްމަދު ރަޝީދު ބ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވިއެވެ. ކަމަދޫ ޒުވާނުންގެ ޖަމިއްޔާ އުފެދުނީ ކޮޕީ މުޙައްމަދު ރަޝީދުގެ މަޝްވަރާއާ އެކުގައެވެ. ކަމަދޫ ބަނޑިޔާ މުޅި ރާއްޖޭގައި ވިދާލީ ޖަމިއްޔަތުއް ސާދާގެ ދައުރަށް ފަހު ކަމަދޫ ޒުވާނުންގެ ޖަމިއްޔާގެ ތެރެއިން 90ގެ އަހަރުތަކުގައެވެ
ކުޑަރިކިލުގައި ބަނޑިޔާ ޖަހަން ފެށީ ކަމަދޫ މާލޫދެއްގައި ބަނޑިޔާޖެހިތަން ފެނިގެން ކަމަށް ކިޔައެވެ. އަދި ފުރަތަމަ ބަނޑިޔާ ޖަހަން ފެށީ ކުޑަރިކިލުގައިކަމަށް ވެސް ބުނެވެއެވެ. ތާރައިގެ ބަދަލުގައި ތާރައިގެ ހަމަތަކަށް އަންހެނުން ކުޅޭނެ ކުޅިވަރެއް އުފެއްދުމަށް ކުޑަރިކިލު ނާއިބު މުޙައްމަދު ކަލޭފާނު ކުރި މަސައްކަތުންނެވެ. ކުޑަރިކިލު ނާއިބު މުޙައްމަދު ކަލޭފާނު ކަމަދޫ ނާއިބުކަންވެސް ކުރެއްވިއެވެ. ކުޑަރިކިލު މުޙައްމަދު ކަލޭފާނަކީ ކުޅިވަރުގެ އެދުރެކެވެ. ތާރައިގެ މުރީދެކެވެ
ކަމަދޫއަށް އައި ގިލަންވެރިކަން – ނާސިރު ދައުރުގައި ކަމަދޫ ފަޅުކުރަން ނިންމުން
ހައެއް އޮބޮލިކު ފަސްދޮޅަސް އަށެއް އަތުވެއްޖެއެވެ. “އެރަށެއްގެ ވަޒަންވެރިންގެތެރޭގައި ހުކުރު ވާޖިބުވާ 50 މީހުން ނެތް ކޮންމެ ރަށެއް ފަޅުރަށެއްކަމުގައި ހަމަޖެއްސުމުގެ ޤާނޫނު” ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ފާސްކުރެވިއްޖެއެވެ. މި ގާނޫނަށް 1 މާރިޗް 1968 ވަނަ އަހަރުން ފެށިގެން އަމަލުކުރެވެން ފަށައިފިއެވެ. 800 އަހަރަށް ވުރެ ދިގު ތާރީޚެއް އޮތް ބ. ކަމަދޫ ފަޅުރަށަކަށް ވަނީއެވެ! ރައްޔިތުން އެބައިމީހުންގެ ފަސްގަނޑުދޫކޮށް އެހެން ރަށަކަށް ބަދަލުވާން ޖެހޭކަމުގެ ހިތާމައިގައި ރަށުގެ ކަންކަން މައްޗަށް ޖެހިފައި ތިއްބެވެ. އުފަލާއި ހިތްހަމަޖެހުމުގައި އުޅެމުން އައި ރަށަށް ގިލަންވެރިކަމެއް އައި ފަދައެވެ. އެންމެން ވެސް ދައްކަމުންދަނީ ރަށުން ފައިބަން ޖެހޭ ވާހަކައެވެ. އެއީ އިބްރާހީމް ނާސިރުގެ ގަދަފަދަ ވެރިކަމެވެ. ބައެއް ރަށްރަށުގެ މީހުންނަށް “އެ ރަށެއް ފަޅުވިކަން އެނގެނީ ރެޑިޔޯއިން ގޮވީމަ”އެވެ. ރަށުން ނުފައިބާ ގަދަ ދެއްކޭނެ ގޮތެއް ނެތެވެ. ނާސިރަކީ ނިންމުންތައް ތަންފީޒުކުރުމުގައި ހަރުކަށި ވެރިޔެކެވެ. ރައްޔިތުން ނާސިރު ދަނެއެވެ.
ރަށުން ނުފައިބާ ވާނެގޮތަކާ މެދު ރަށުގެ ކަމުވޮށިގެންވާ މީހުންނާއި މުސްކުޅީން އެ މީހުންގެ ހިކުމަތްތެރި ރޭވުންތައް ހާމަކުރަމުންދިޔައެވެ. ނާސިރުގެ ހިކުމަތަށް ވުރެ ބޮޑު ހިކުމަތެއް ކަމަދޫ މީހުން ނެރެފިއެވެ. ކަމަދޫގައި މީހުން އެބަ ތިއްބެވެ. ނެތީ ކަމަދޫ ރައްޔިތުންގެ ގޮތުގައެވެ. މަދުވިޔަސް މަދު ވާނީ ދެތިން މީހެކެވެ. ކަމަދޫގައި ކުޑަރިކިލު މީހުންތައް އޮތެވެ. އެހެން ރަށްރަށުގެ ބައެއް އާއިލާތައްވެސް އުޅެއެވެ. ރ. ގާއުނޑުދޫ ބަޔަކުވެސް އެބަ އުޅެއެވެ. އާދަންފުޅުބޭވެސް އެ ހުރީއެވެ.
އާދަމްފުޅު ކިޔައިދިނެވެ؛
“ނާސިރު ކަމަދޫން މީހުން ބާލަން އުޅުނީ. އެ ކަމާ ހުރެ އަހަރެން މި ރަށުގަ މަޑުކުރަން ޖެހުނީ. އޭގެ ކުރިން ކަމަދޫގައި ހުރީ މަސައްކަތްކުރަން. ހުކުރު ވާޖިބުވާ 50 މީހުން ހަމަ ނުވާ ރަށްރަށުން މީހުން ބާލަން އިއުލާންކުރީ. ބ. ކަމަދޫ މީހުންނާ ބ.އުނޑޫދޫ މީހުންނާ ބ.ފުނަދޫ މީހުން އޮތީ ބ. ހިތާދޫއަށް ލާން. ބ. މާއްޑޫ މީހުންނާ ބ. ފުޅަދޫ މީހުންނާ ބ. ފެހެންދޫ މީހުން އޮތީ އޭދަފުއްޓަށް ލާން. އަހަރުމެން “މަކަރެއް” ހަދަން ޖެހުނީ ރަށްދޫކޮށްލާފައި ނުދާން”
ކަމަދޫ މީހުންގެ ކުރީގެ ރެޖިސްޓްރީ
އެއީ މަކަރެއް ނޫނެވެ. އުކުޅެކެވެ. ރަށުކުލުނާއި ރަށު ލޯބިން ރައްޔިތުން ވި ގުރުބާނެކެވެ. ކަމަދޫގައި އުޅެމުން އައި ކުޑަރިކިލު މީހުންނާއި ބައެއް ރަށްރަށުގެ މީހުންގެ ތެރެއިން ކަމަދޫގެ ރެޖިސްޓްރީގައި ނެތް މީހުން ކަމަދޫގެ ރެޖިސްޓްރީއަށް ލީއެވެ. އެވަރުންވެސް މީހުން ހަމަ ނުވެގެން ރަށުން ބޭރުން ދެތިން މީހުން ޖެއްސިކަމުގައިވެއެވެ.
“ބޯހިމެނި ފަތްކޮޅުގައި އޮތީ 50 މީހުން ހަމަ ނުވާކަމަށް. އަހަރެމެން ހެދީ ލިސްޓެއް. ކަމަދޫ ރަށްވެހިންގެ ލިސްޓް ހަދާފައި މޫސާފުޅާ ކުޑަރިކިލު މީހުންނާ ޖެއްސީ. ދެން ސަރުކާރަށް އެކަން ސާބިތުކޮށްދޭން ނައިފަރު މީހެއް ހަމަޖެއްސީ. އިހުލާސްތެރި މީހެއް އޭނާއަކީ. އޭނާ އައިސް ބުނީ ތިމަންނާ ކައިރީ އެހީތެރިޔަކަށް ހުންނަން ވާނޭ ކުއްޖަކު. ދެން އަހަރުމެން މީހުން ކައިރީ ބުނީމަ އެކަކުވެސް ނުދިޔަ (މި ވަދެވެނީ ބޮޑު ކަމެއްގެތެރެއަށް). އަހަރެން ބުނެފިން ކުޑައިބްރާހިމްގެ އަބްދުރަޝީދު ފޮނުވާށޭ. މިހާރު މަހަށް ނޫންހޭ ދަނީ. ދޭނަމޭ ކޮންމެ ދޯންޏަކުން ބައެއް ފަސް ދޯނިން ފަސްބައި ލިބޭނޭ މަހަށް ދިޔައީމަ ލިބެނީ އެންމެ ބައެއް ނޫންހޭ؟”
ކުޑައިބްރާހިމްގެ އަބްދުއްރަޝީދާ ކަމަދޫ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ދަންނަވައިގެން މަސައްކަތްކޮށްދޭ ވަކީލު ކަމަދޫ ރަށްވެހިންގެ ލިސްޓާއިގެން މާލެ ފޮނުވައިފިއެވެ. ސަރުކާރާ ވާހަކަ ދައްކައިގެން ހަމަޖެހުނީ ކަމަދޫން މީހުން ނުބާލާ ގޮތަށެވެ. ކަމަދޫގައި 50 މީހުން ހަމަވާކަމަށެވެ.
“އޭރު ކަމަދޫ މީހުން ބާލަން ހިތާދޫ ވަލުތެރެ ސާފުކުރި. ރުއްކަނޑައި ވަކަރުން މެއްލަ ޖަހައިގެން ގެ އަޅަން ފެށި. މީހުން ނުބާލާ ގޮތަށްދެން ހަމަޖެހުނީމަ އަބްދުރަޝީދުމެން މާލޭން އައިސް މި ރަށުގަ ކެއްކީ. އެއީ ރައްޔިތުން ބުނި ނަދުރެއް. ރަށުން މީހުން ނުބާލާގޮތަށް ހަމަ ޖެހިއްޖެ ނަމަ މާލޫދުކިޔަން. ދެ އަހަރެއް ކެއްކި ފަހުން އަހަރެން ކިޔައިފިން ތިޔަ މާލޫދު އުޅޭށޭ ކޯޑިޖެހި ފަރިވަޅަށް ހަދަން (އެއީ ދާއިމީގޮތެއްގައި އެ ނަދުރު ބުނި ކޭން ދަމަހައްޓަން)”
ކަމަދޫން މީހުން ބޭލުން ހުއްޓުވުނީ “ގަދަކަމުން”ނެވެ. އެކަމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާކުރީ ކުޑައިބްރާހިމްގެ އަބްދުއްރަޝީދާއި ގާއުނޑޫދޫ އާދަމްފުޅާއި އޭރު ނަގާކިޔަން ތިބި މީހުންނެވެ. މީހުން ނުބާލާގޮތަށް ހަމަޖެހުމުން މާލޭން ސަނަދު ނަގައިގެން އަބްދުއްރަޝީދު ހަވާލުވީ ކަމަދޫ ކުޑަކަތީބުކަމާއެވެ. ކަމަދޫން މީހުން ބޭލުން ހުއްޓުވަން އަބްދުއްރަޝީދު ކުރެއްވި މަސައްކަތާ މެދު ދޮންފަނު މުޙައްމަދު ޔޫސުފް ލިޔުއްވާފައިވެއެވެ؛
“… ކަމަދޫ މީހުން ހިތާދުއަށް ބަދަލުކުރުމަށް ހަމަޖެހިފައި އޮތް އޮތުމުގެ ވާހަކައިންނެވެ. ނަމަވެސް ކަމަދޫ އަބްދުއްރަޝީދު (ހައްވަދައިތަގެ މާމަ ދަރިފުޅު) ގެ ކަށި ހިތްވަރުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ލިޔެ، މާލޭގައި ބަންދުވެފައި ކަހަލަ ގޮތަކަށް ހުރެގެން ކަމަދޫން މީހުން ފައިބަން ނުޖެހޭ ގޮތަށް ހަމަޖެހުނެވެ. ކަމަދޫ ހައްވަދައިތައަކީ މުއްސަނދި ހިތްވަރުގަދަ ބޭކަނބަލެކެވެ”
ނާސިރު ދައުރުގައި ކަމަދޫން މީހުން ބޭލަން ކުރި މަސައްކަތަށް ފަރިއްސެއްވެސް ވެސް ކިޔައެވެ. އެއީ އެ ދުވަސްވަރު ކަމަދޫގައި މަޝްހޫރު ފަރިއްސެކެވެ. މިހާރު ކިޔައިދޭން އެނގެނީ ތަންކޮޅެކެވެ.
ހަތެއް ފަސްދޮޅަސް ވަނަ އަހަރު ބޯހިމެނި ފަތްކޮޅު
އެއީ ފުރިހަމަ ހިސާބުކަމަށް އައީ ފާސްވެވިގެން
ފުޅަދުވާ ފެހެންދޫ މާއްޑޫ މީހުންލައްވަނީ މިތަނުން
ނަމުން އެއް ވަނަ އުޖާލާ އޭދަފުށިކަމުގައި ދަނީ ފެވެމުން
އުނޑޫދޫ ފުނަދޫ ކިހާދުވާ ކަމަދޫ ހިތާދޫކަމުގައި ދަނީ ފެވެމުން
މިއީ ނާސިރު ދައުރުގައި މީހުން ބާލަން ނިންމިތާ ކުރީކޮޅުގެ ފަރިއްސެކެވެ. ކަމަދޫ، ފުޅަދޫ، ފެހެންދޫ، ކިހާދޫން މީހުން ނުބާލާގޮތަށް ފަހުން ވަނީ ނިންމާފައެވެ. އުނޑޫދޫ ފުނަދޫ މާއްޑޫ މީހުން އޭދަފުއްޓަށް ބަދަލުކޮށް އެ ރަށްތައް ފަޅުކުރިއެވެ.
ބ. އަތޮޅާއި ފަތްމިނިން އަދި ބޮޑެތި ކައިވެނިތައް
މިއީ ކަމަދޫގެ ދިގު ތާރީޚެވެ. އާބާދުވުމާއި ހިޖުރަކުރުމާއި ސަގާފީ ކުޅިވަރުގެ ދުވަސްވީ ތާރީޚެވެ. ކަމަދޫގެ ސަގާފީކުޅިވަރުތަކަށް ލިބެމުންދާ ތަރުހީބުގެ އިތުރުން ކަމަދޫ އަންހެނުންގެ ރީތިކަމުގެ ވާހަކައަކީ އެންމެންގެ ތެރޭގައި ދެކެވޭ ވާހަކައެކެވެ. ކަމަދޫގެ ތާރީޚާ ގުޅޭ ހުރިހާ ވާހަކައެއް ދެކެވުނުތަނުގައި ކަމަދޫ “ފަތްމިނިން”ގެ ވާހަކަ ނުކިޔައި ދޫކޮށްލުމަކީ ބޭއިންސާފެކެވެ. ކަމަދޫ އަންހެން ކުދިންގެ ރީތިކަމަކީވެސް ތާރީޚުގެ ބައެކެވެ. ކަމަދޫ އަންހެނުންގެ ރީތިކަން ކުރިއްސުރެ މީހުން ދަނެއެވެ. އެއީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ރީތިކަމާއި ހިނިތުންވުން އެ މީހުންގެ ތެރޭގައިވެއެވެ. ރީތި އަންހެނުން ތިބޭ ރަށްރަށުގެ ވާހަކަ ދިވެހި ތާރީޚާއި ފޯކުލޯރުންވެސް ފެންނަން އެބަ ހުއްޓެވެ. ހުވަދު އަތޮޅު ހުޅުވާރުލަކީ މިހާރު ފަޅުރަށެކެވެ. އެ ރަށުގައި މީހުން އާބާދުވެ އުޅުނު ދުވަސްވަރު ރީތި އަންހެނުން، ފަތްމިނިން ގިނަ ރަށެކެވެ.
ދިވެހި ތާރީޚާއި ފޯކުލޯރުން ފަތްމިނީންގެ ބައެއް ވާހަކަތައް ބ. އަތޮޅާ ގުޅެއެވެ. ތާރީޚުން ފާހަގަވާ ބޮޑެތި ކައިވެނިތަކެއް ބ. އަތޮޅުގައި ހިނގާފައިވެއެވެ. އުތީމު ޙުސައިން ޚަތީބުތަކުރުފާނުގެ މަންމައަކީ ބ. ހޮރަބަދޫ ކަނބަލެކެވެ. އެއީ ބޮޑުތަކުރުފާނުގެ މާމާފުޅެވެ. އުތީމު ކަޅުޢަލިހަތީބުތަކުރުފާނު ހޮރަބަދޫން އެ ކުރެއްވި ކައިވެންޏަކީ ބޮޑުކައިވެންޏެކެވެ. އެއީ އެ ޒަމާނުގެ ރީތި އަންހެނަކާ ކުރެއްވި ކައިވެންޏަކަށް ވެދާނެއެވެ. ދިވެހި ރާއްޖޭގެ “ރޯމިއޯ އެންޑް ޖޫލިއަޓް” އަކީ ދޮންހިޔަލައާއި އަލިފުޅެވެ. ފޯކުލޯރުގެތެރެއިން އައިސްފައިވާ މި ފަދަ ވާހަކަތަކުގައި ހިސާބަކަށް އަސްލު އެކުލެވެއެވެ. “ދޮންހިޔަލައާއި އަލިފުޅު” ވާހަކައިގެ ފެށުން ކަމުގައި ހިމެނޭ ކައިވެންޏަކީ ބ. އަތޮޅުގެ ކައިވެންޏެކެވެ. ދޮންފަނު ދޮންއައިސަ ހޯދަން މުސާމަލިމަ ކުރި ދަތުރާއި ވެވުނު ކައިވެންޏެވެ. ދޮންފަނުގައި އެ ތިބީ ހޮރަބަދޫ މީހުންނެވެ. ދޮންހިޔަލަގެ އަސްލުވެސް ހޮރަބަދުވާއި ގުޅެއެވެ. ދޮންފަނު އަރުމާޒު މަގުން ރަސްކަލަކު ވަޑައިގަންނަވާ ވާހަކަ ކިޔައި އުޅެއެވެ. ދިޔަމިގިލީ ރަސްދަރިކޮޅުގެ ވާހަކައިގެ ފެށުމުގައި ހަގުކަލޯ ބ. އުނޑޫދޫން ކުރެއްވި ކައިވެންޏަކީވެސް ބޮޑު ކައިވެންޏެކެވެ. އަލްމުޠައްފަރު މުހައްމަދު ޢިމާދުއްދީނާއި އެއްކިހުނުފަން ކަދީދާމަނިކުފާނު ކާވެނިބައްލަވައިގެން އުޅުއްވީ އުނޑޫދޫ އަލިކިލެގެފާނާއެވެ. މިއީ އެ ޒަމާނުގެ ބޮޑެތި ކައިވެނިތަކެވެ. އަހަރުމެންގެ މި ޒަމާނަށް އައިސް އެންމެ މަޝްހޫރު ކައިވެންޏެއް ކުރެވުނީ ކަމަދޫގައެވެ. ކަމަދުވާއި ހޮރަބަދޫ ވަނީ ތާރީޚީގޮތުން ގުޅިފައެވެ. ފަތްމިނީންގެ ވާހަކަތަކުގެ އެ ޒަމާނާއި މި ޒަމާން ގުޅެއެވެ.
~
ބ. ކަމަދުވަކީ ދިގު ތާރީޚެއް އޮތް، މުއްސަނދި ސަގާފަތެއް އޮތް ރަށެކެވެ. ދިވެހި ރާއްޖޭގެ ކުދި ރަށްތަކަށް ނަމޫނާ ރަށެކެވެ. ރަށް ކުޑަވެފައި، މީހުން މަދުވުމަކީ އިގްތިޞާދާއި ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަސް ނޫންކަން ކަމަދޫން ދަނީ ބުނެދެމުންނެވެ. ރަށެއްގެ ކުރި އެރުމަކީ ދިވެހި އަމިއްލަވަންތަކަމާއި ދިވެހި ސަގާފަތް ކުރިއެރުވުންކަން ދަނީ ބުނެދެމުންނެވެ. ސިޔާސީ ދެބަސްވުމަށް ވުރެ ރަށުގެ އިޖްތިމާއީ އެއްބައިވަންތަކަން ކަމަދޫގައި ބޮޑެވެ. ރަށުގެ ކަންކަމުގައި ސިޔާސީ ދެކޮޅުވެރިކަން ކުޑައެވެ.
އެ ރަށުގައި އެންމެންނަކީވެސް ކަމަދޫ މީހުންނެވެ
މީހާއަކީ ސިޔާސީ ވިސްނުމެއް ނޫނެވެ
ކަމަދޫގައި އޮތީ ކަށިކޭލާއި ލޯތްބެވެ. ބޮޑުތަދުގައި ދިއްކޮށްލި ކަށިކެޔޮކޮޅާއި ރަށަށް ހިޖުރަކުރި މީހުންނަށް ދިން ލޯތްބާއި އަޅާލުމެވެ. ރަށަށް އަންނަ މީހުންނަށް ދޭ މެހެމާންދާރީއެވެ. އެއީ އިޖްތިމާއީ ބަދަހި ރަށެވެ. އެހެން ރަށްތަކަށް ނަމޫނާ ދައްކަމުން، ދިވެހިވަންތަކަމާ އެކު ކުރިއަރަމުންދާ، ބޮޑު އިގްތިޞާދުގެ ކުޑަ ރަށެވެ
#VisitKamadhoo
~
ހަވާލާ:
- އާދަމް ޙަސަންފުޅު، ގާއުނޑޫދޫ އާދަމްފުޅު، ބ. ކަމަދޫ
- މުޙައްމަދު އަަޙްމަދު، މާލެސޮރު މުހައްމަދު، ބ. ކަމަދޫ
- ޙައްވާ އަލިމަނިކު، ދިގުއަލިމަނިކުގެ ހައްވާނިކެ، ބ. ކަމަދޫ
- ޞާބިރާ މުސާ، ބ. ކަމަދޫ
- ޢަލީ ޝަރީފް އާދަމް، ބ. ކަމަދޫ
- އައިމިނަތު ޙަސަންމަނިކު، ބ. ކަމަދޫ
- އައިޝަތު އަޙްމަދު، ބ. ކަމަދޫ
- މޫސާ މުޙައްމަދު، އުނޑޫދޫ މޫސަ، ބ. ކަމަދޫ
- އިބްރާހިމް ފުޅު – ބ. ކަމަދޫ
- އަޙްމަދު އާދަމްމަނިކު، ބ. ކުޑަރިކިލު
- އަޙްމަދު ރާޒީ، ބ. ކުޑަރިކިލު
- މުޙައްމަދު ފަތުހީ، ބ. ކުޑަރިކިލު
- މުޙައްމަދު ޔޫސުފް، ބ. ދޮންފަނު
- އިބްރާހީމް ޝާން ޖަލީލް، ބ. ކުޑަރިކިލު
- އަލީ ނަސީމް، ބ. ކުޑަރިކިލު
- ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު، މުޙައްމަދު އިބްރާހީމް ލުތުފީ
- ޗޭންޖަސް އިން ދަ ޓޯޕޯގްރަފީ އޮފް ދަ މޯލްޑިވްސް، ޙަސަން އަޙްމަދު މަނިކު
- ތާރީޚް ދީބާ މަހަލް، ތާޖުއްދީނުގެ ތާރީޚް
- ބ. އަތޮޅު ވަށައިގެން، މުޙައްމަދު ޔުސުފް
- މުޙައްމަދު އިބްރާހީމް ލުތުފީގެ ނޯޓްތަކާއި ބައެއް ލިޔުންތައް
ހާއްސަ އެހީތެރިކަން
- ޙަސަން ޒަރީރް، ކަމަދޫ ކައުންސިލްގެ ރައީސް، ފިފްޓީ ފްލާވަރ، ބ. ކަމަދޫ
- މުޙައްމަދު ޝަމީމް، ސަމޭދާން، ބ. ކަމަދޫ
ވަރަށް ފުރިހަމަ. ލިޔުންތެރިކަމާއި ތާރީޚީ މަޢުލޫމާތުގެ ވަރަށް މުހިއްމު ލިޔުމެއް. މަދުން ނޫނީ ނުފެންނާނެ ފަދަ ނަމޫނާ މަސައްކަތެއް. ރަށެއް ސިފަކޮށްދޭން ކޮށްފައިވާ ފުރިހަމަ ދިރާސާއެއް.