ރެދަންވާދޫ – ދިވެހި ގޮނޑުދޮށު ނާމާންކަން ދުނިޔޭގެ ވަރުގަދަ ބްރޭންޑަކަށް!

މާޅޮސްމަޑުލު ވާދުވަކީ ރާއްޖޭގެ ގަދީމީ ތިނެސްކަނެއްގެ ރަށެކެވެ. އިހު މީހުންގެ ބަހުގައި، މާލެއަށް ރަސްކަން ބަދަލުވުމުގެ ކުރީގައި ކޮއިމަލާ ރަސްގެފާނު ހުންނެވީ ރަސްގެތީމުގައެވެ. މި ގަދީމީ ދައުލަތުގެ އަޅުން (މަސައްކަތްތެރިން) ތިބީ އަނގޮޅިތީމުގައެވެ. ވާވެރިން ތިބީ ވާދޫގައެވެ. ވާވެރިންނަކީ ރާވެރިކަމާއި ވަލުން އާމްދަނީ ނެރުމުގެ މީހުންނެވެ. ފަހަކާ ޖެހެންދެން ވެސް ވާދޫގެ އާމްދަނީ އަކީ ވަލުން އުފައްދާ ތަކެއްޗެވެ. ރާވެރިކަމާއި އޭގެ ނަފައެވެ. މަސްވެރިކަމަކީ ވާދޫގެ ދެވަނަ މަސައްކަތެވެ. ރާވެރިކަމަށް ހާއްސަ ވާދޫގައި ރާވެރިންގެ މާލޫދު ކިޔައި އުޅުނެވެ. ރާވެރިންގެ ވާދޫ މިއަދު ވެފައިވަނީ “ރެދަން ވާދޫ”އަށެވެ.

ވާދޫން ފެނިފައިވާ ބައެއް އާސާރީ ތަކެތި

އަތޮޅަށް އިރުވައިގެ މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. މަހުން ލަފާނެ އިރެއްގެ އިންތިޒާރުގައި މަސްވެރި ގޭގޭގެ އަންހެނުން ދަރިންނާ އެކު އަތިރީ އޮޑިހަރުގެތައް ކައިރީ ތިއްބެވެ. މަސްވެރިން މަހުން ލެފި އިރު ގޮނޑުދޮށަށް އަނދިރިކަން ވެރިވާން ފަށައިފިއެވެ. މަސްދޯނިފަހަރު ލަފައި، ބާނާފައިވާ ކަނޑުމަހުން ގޮނޑުދޮށް ފުރާލައިފިއެވެ. ފިރިން މަސްކަނޑަމުން ދާ ވަރަކަށް އަންހެންވެރިން މަހާއި ކަށިފައްޗާއި ބޯތައް ތެލި ތެއްޔަށް އަޅަމުންދެއެވެ. ވާދޫ ގޮނޑުދޮށް ހީވަނީ ހަނދުވަރު ނުދޭ ރެޔެއްގެ އުޑުމަތި ހެނެވެ. ވިދާ ތަރިތައް ވަނީ ވާދޫ ގޮނޑުދޮށުގައެވެ. ދުރު ގައުމުތަކުން ވާދުވަށް އަންނަ ފަތުރުވެރިން ސިފަ ކުރާ ފަދައިން އެއީ “ސީ އޮފް ސްޓާރސް”އެވެ.

“ގޮނޑުދޮށުގައި އެ އޮތީ ރެދަން ލާފަ. ރެދަނާ ކުޅޭކަށް ނުވާނެ. އެއްގަމަށް އަރާ. އެއްޗެއް އަވަލަފާނެ”

މަސްވެރިން މަހުން ލަފާތަނަށް އައިސްހުރި މުސްކުޅި ދައިތައަކު ގޮނޑުދޮށަށް ފައިބާ ތިބި ދެ ކުއްޖަކަށް ގޮވާލި އަޑު އިވުނެވެ.

~

އެއީ ރެދަން ލާފައިވާ ދުވަހެއްގެ ކުރީގެ މަންޒަރެވެ. ރަށެއްގެ ގޮނޑުދޮށުގައި ލާ ރެދަން ފަޅުރަށަކަށް ދޭ ރީތި ހަނދުވަރު ފަދައެވެ. އިހުގައި ފަޅު ރަށަކަށް ދޭ ހަނދުވަރު ބަލަން ބަޔަކު ނުދާނެއެވެ. ހަނދުވަރުން ގެނެސްދޭ އަލިކަމަށް ވުރެ ގަބޫލުކުރުންތަކުގައިވާ ނާމާންކަމުންނެވެ. ރެދަނުގެ ހިތްގައިމު ރީތިކަމަކީވެސް އެއިރުގެ ނާމާންކަމެކެވެ. ރެދަން ލާފައި އޮންނަ ގޮނޑުދޮށުގެ ރީތިކަން ބަލަން، ރެދަނާ ކުޅެން އެއިރު މީހުން ނުދެއެވެ. ރެދަންލުން ހިތްގައިމުކަމަކަށް ވެ ރެދަން ލާތަން ބަލަން މީހުން ދާން ފެށީ މިދާކަށް ދުހުއެވެ.

ދިވެހި ރާއްޖޭގައި ލާ ރެދަނަކީ އުތުރު ތަނޑީގެ “ނޯރދާން ލައިޓްސް” ފަދަ ފަތުރުވެރި މަގުބޫލުކަމެކެވެ. ރެދަންލާ ދުވަސްވަރުތައް ފާހަގަކޮށް، ދުރާލާ ދަތުރު ހަދައި، ވާދުވަށް ރެދަން ބަލަން ފަތުރުވެރިން އާދެއެވެ. ރ. ވާދޫގެ ގޮނޑުދޮށް ރެދަނުން ދިއްލޭ ހިތްގައިމު މަންޒަރާ ގުޅުވައި “އަސޫސް” ކުންފުނީގެ ލެޕްޓޮޕެއް ޑިޒައިންކޮށް އެ ލެޕްޓޮޕަށް އެ ރަށުގެ ނަން ވަނީ ދީފައެވެ. ވާދޫގެ ފަހުރަކީ ރެދަނުން އެ ރަށަށް ލިބުނު ނަމެވެ. “ރެދަން ވާދުވެވެ. ދުނިޔޭގެ މަގުބޫލުކަމެވެ.

ވާދޫގެ ތާރީޚާ ގުޅޭ ވާހަކަ ދެއްކެވި ދުވަހެއްގައި ވާދޫ ކުރީގެ ކަތީބު، ޗާނދަނީވިލާ މުޙައްމަދު އިބްރާހިމް (ކަތީބުބެ) އިހުގައި ލާ ރެދަނުގެ ވާހަކަ ކިޔައިދެއްވިއެވެ:

 

“މިހާރަކު (އިހުގައި ލާ ހެން) ރެދަނެއް ނުލާ. އޭރު ރެދަން ލާއިރު މުޅި ގޮނޑުދޮށް ފުރިފަ އޮންނާނީ. ކުރިން ގޮނޑުދޮށުން ދައްކާނެ “ތެލާހި” ކިޔާ އެއްޗެއް. އެ ހުންނާނީ ދިގުކޮށް، ކުޑަކުޑަ އެއްޗެއް. ފަންޏެއް ފާޑަށް ހުންނާނީ. އެ އޮންނަ ދުވަސްވަރު  ގޮނޑުދޮށު އެއް ކޮޅުން އަނެއް ކޮޅަށް އަތުން ކަހާފަ ނަގާ ވަރަށް އޮންނާނެ ތެލާހި”

ރެދަނަކީ ތެލާހި ގެނެސްދޭ ނޫކުލައިގެ ރީތިކަމެކެވެ. އިހުގައި މީހުން ބިރުގަންނަ ނާމާން ކަމެކެވެ. ގޮނޑުދޮށުގެ ރޫހާނީ ކަމެކެވެ. ތެލާއްސަކީ ރަތް ކުލައިގައި ހުންނަ އެންފަނި ތަކެކެވެ. މިއީ ހާއްސަކޮށް އިރުވައިގެ އެންވެރިކަމާއި މަސްވެރިކަމުގެ ހިތްގައިމު އަސަރެކެވެ. ރެދަން ބުނެދެނީ ރޯދިން “ކަނޑު ވިހައިފި”ކަމެވެ. ކަނޑުރޯދި ތިޔާގިވީކަމެވެ. އެން އަރަފިކަމެވެ. މަހަށް ފުރަންވީ ކަމެވެ

ރ. ވާދޫ ކުރީގެ ކަތީބު މުޙައްމަދު އިބްރާހީމް

“އިހުގައި ލާ ރެދަނަކީ މި ތެލާހި. ރެދަން ލާފައި އޮންނަލެއް ގަދަ ކަމުން ބަލައިލަން ނުކުރޭނެ. މިހާރު ކުރިން ހެން ތެލާއްސެއް ނާދެ. މިހާރު ވެސް ރެދަންލާ. އެކަމަކު އެހާ ބޮޑަކަށް ނުލާ. ރެދަން އާންމުކޮށް ލަނީ އިރުވައި މޫސުމުގަ”

ރެދަނުގެ އަސްލަކީ ތެލާއްސެވެ. ގޮނޑުދޮށަށް ތެލާހި އައުމަކީ މަސްވެރިކަމާ ގުޅިފައިވާ ކަމެކެވެ. މިހާރުގެ ބޭރު ބައެއް ލިޔުންތެރިން ރާއްޖޭގެ ދިއްލޭ ގޮނޑުދޮށްތައް “ފިކްޝަނެއް” ގެ ގޮތުގައިވެސް ސިފަކުރެއެވެ. ދިވެހި ރާއްޖޭގެ ދިއްލޭ ގޮނޑުދޮށްތަކަކީ އަސްލެކެވެ. މިއަދުގެ ސައިންސްގައި ރެދަނަކީ “ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސް”އެވެ. މި ކުދިން ދިރުންތަކުން ގެނެސްދޭ ނުލުގެ ވިދުމަކީ ފަތުރުވެރިންގެ މެދުގައި ރާއްޖެ މަގުބޫލު މަންޒިލަކަށްވެފައިވާ އެއް ސަބަބެވެ.

ރެދަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބަޔެކެވެ. ވެއްޓާއި ވެއްޓަށް ގެނެވޭ ބަދަލުތަކުން ރެދަން ލުމަށް އަންނަ ހީނަރުކަން ދިރާސާކޮށް ބަލަން ޖެހެއެވެ. އިހުގައި ވާދޫގައި ރެދަން ލާ ވަރަށް މިހާރު ނުލާކަން ދުވަސްވީ މީހުންގެ ހަނދާނުން އެނގެއެވެ. މީގެ ސަބަބު ތަކުގެ ތެރޭގައި ވެއްޓަށް ގެނެވުނު ބަދަލުތަކާއި މޫސުމީ ބަދަލުތައް ވެދާނެއެވެ. ރެދަން ވާދޫގެ ނަމުން މަޝްހޫރުވެފައިވާ ރ. ވާދޫގެ ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ވެއްޓަށް ގެނެވޭ މި ފަދަ ބަދަލުތަކުން ވާދުވަށް ހިތްގައިމުކަން ގެނެސްދޭ ރެދަން ލުމަށް ވާނެ ގޮތަކާ މެދު ވިސްނާލުން މުހިންމެވެ.