ދުންފަތް މަނާކުރުމާއި އަމީން ދައުރުގެ ބައެއް ޤާނޫނުތައް

މުހައްމަދު އަމީން ދުންފަތް މަނާކުރި ވާހަކަ އަކީ މިހާރުވެސް ދެކެވޭ މަޝްހޫރު ވާހަކައެކެވެ. ރައްޔިތުން އެމަނިކުފާނާއި ދެކޮޅަށް އަރައިގަތީ ދުންފަތް މަނާކުރުމުންނޭ ކިޔާއުޅެއެވެ. ނަމަވެސް، އެއީ ހަގީގަތްކަމަށް ނުވެދާނެއެވެ. ސަރުކާރާއި ދެކޮޅުވުމަށް އެތައް ސަބަބުތަކެއް ހިނގައިފާނެއެވެ. އަދި ވެރިކަމުގެ ތެރޭގައި ތިބި އެއްބަޔަކު އަނެއްބަޔަކަށް ރޯކުރާ ހަސަދައިގެ އަލިފާންވެސް އޭގެތެރޭގައިވެއެވެ. ދުވަސްވަރަކީ ދުނިޔޭގައި ބޮޑު ހަނގުރާމައެއް ހިނގައިގެން އުޅޭ ދަތި ދުވަސްވަރެއްކަމުން ވެރިކަމުގަ ހުންނަ ފަރާތާއި މެދު ހިތް ހަމަ ނުޖެހޭނެ އެތައް ސަަބަބެއް އާއްމުންނަށް ވެސް ފެނިދާނެއެވެ.

ދުންފަތް މަނާކުރުމުގެ ޤާނޫން

ބިލް ނަންބަރު 2/72

ބިޑި، ސުއްޓާ، ސިގިރެޓް، ގުޑާކު، ދުންފަތް ދިވެހި ރާއްޖެއަށް ގެނައުމާއި އެތަކެތީގެ އިސްތިއުމާލުކުޅައުން މަނާކުރުމުގެ ޤާނޫން

1- ބިޑި، ސުއްޓާ، ސިގިރެޓް، ގުޑާކު، ދުންފަތް، ދިވެހި ރާއްޖެއަށް ގެނައުމާއި، ދިވެހި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، އެއިގެ އިސްތިއުމާލު ކުރުމީ މަނާކަމެކެވެ. ބިދޭސީއަކަށް ވެސް، ދިވެހި ރާއްޖޭގެ ސަރަހައްދުގގެތެރެއަށް، އެއިން އެއްޗެއް ގެނެވޭނީ، ވަޒީރުލް އަޢުޠަމްގެ ހާއްޞަ އަމުރެއް ލިބިގެންނެވެ.

2- މި ޤާނޫންއަށް އަމަލު ކުރެވޭނީ ޤައުމުގެ ރައީސް މި ޤާނޫން ތަޞްދީޤް ކުރައްވާތާ އެއް އަހަރު ދުވަހަށް ފަހުގައެވެ.

22 ރަޖަބު 1373ހ މި ދުވަހު ރައްޔިތުންގެ ގެ އިން ފާސްވެ 72/7/29ހ މި ދުވަހު ސެނޭޓްއިން ފާސްވި “ބިލް ނަންބަރު 2/72” ބަލައި ގަބޫލުވެ ތަޞްދީޤްކޮށް މި ޤާނޫން ދިވެހި ރާއްޖޭގައި ހިންގުމަށް ވަޒީރުލް އަޢުޠަމްއަށް އަމުރު ދީފީމެވެ.

8 ޝައުބާން 1372

ސޮއި

މުހައްމަދު އަމީން

ޤައުމުގެ ރައީސް

~

ވައްކަން ކުރާ މީހުންގެ އަތް ކެނޑުމުގެ ޤާނޫން

ބިލް ނަންބަރު 3/72

ވައްކަންކުރާ މީހުންގެ އަތް ކެޑުމުގެ ޤާނޫން

ވައްކަންކުރާ މީހުންނަށް، ިއސްލާމްދީނުގެ ޝަރީއަތުގައި، ކަޑައެޅިގެންވާގޮތުގެމަތިން، އަތްކެޑުމުގެ އުޤޫބާތް މި ބިލް ފާސްވުމަށް ފަހު، ދިވެހި ރާއްޖޭގައި ދެވޭނެއެވެ.

22 ރަޖަބް 1372ހ މި ދުވަހު ރައްޔިތުންގެ ގެއިން ފާސްވެ 72/7/29ހ މި ދުވަހު ސެނޭޓް އިން ފާސްވި “ބިލް ނަންބަރު 3/72” ބަލައި ޤަބޫލްކޮށް، މި ޤާނޫން ދިވެހި ރާއްޖޭގައި ހިންގުމަށް ވަޒީރުލް އަޢުޠަމްއަށް އަމުރުދީފީމެވެ.

8 ޝައުބާން 1372

ސޮއި

މުހައްމަދު އަމީން

ޤައުމުގެ ރައީސް

~

އަންހެނުން މަޖްލިސް އަށް އެރުމުގެ ޤާނޫން

ބިލް ނަންބަރު 8/71

ފިރިހެނުންނެކޭ އެއްފަދައިން، އަންހެނުންވެސް “މަޖްލިސްއަށް” އެރެވޭނެއެވެ. މަޖްލިސްއަށް އަރައިފި އަންހެނަކަށް ކިޔާނީ “ކަބުލޭގެފާނެ”ވެ.

12 ޒުލްޤައިދާ 1371ހ މިދުވަހު، ރައްޔިތުންގެ މަޖްލިސްއިން ފާސްވި “ބިލް ނަންބަރު 8/71” ބަލައި ޤަބޫލުވެ ތަޞްދީޤޮކޮށް މި ޤާނޫން ދިވެހި ރާއްޖޭގައި ހިންގުމަށް ވަޒީރުލް އަޢުޠަމްއަށް އަމުރު ދީފީމެވެ.

27 ޒުލްޤައިދާ 1371

ސޮއި

މުހައްމަދު އަމީން

ދިވެހި ރާއްޖޭގެ ވަލިއްޔުލް އަމްރު

~

ދިވެހި އަންހެން ކުދީން މީހުނާއި ދެވުމުގެ ޤާނޫން

ބިލް ނަންބަރު 2/71

ދިވެހިރާއްޖޭގެ އިންހެން ކުއްޖަކު މީހަކާއި ދެވާންވާނީ، އެކުއްޖަކު އަބިފިރިކަމާއި ފިރިޔަކާއި އެކު އުޅުމުގެ ހުރިހައި ކަމެއް ތަޞައްރަފް ފުދުމަށް ފަހުގައެވެ.

19 މުޙައްރަމް 1371ހ މި ދުވަހު ރައްޔިތުންގެ މަޖްލިސްއިން ފާސްވި ބިލް ނަންބަރު 2/71 ބަލައި ޤަބޫލްވެ ތަޞްދީޤްކޮށް، މި ޤާނޫން ދިވެހިރާއްޖޭގައި ހިންގުމަށް ވަޒީރުލް އަޢުޠަމްއަށް އަމުރުދީފިމެވެ.

21 މުޙައްރަމް 1371

ސޮއި

މުހައްމަދު އަމީން

ދިވެހި ރާއްޖޭގެ ވަލިއްޔުލް އަމްރު

~

މުހައްމަދު އަމީންގެ ދައުރުގައި ފާސްކުރެވުނު މި ޤާނޫނުތަކުގެ ތެރެއިން ދުންފަތުގެ ޤާނޫނާއި އަތްކެނޑުމުގެ ޤާނޫނާއި އަދި އަންހެނުން މަޖްލިސްއަށް އެރުމުގެ ޤާނޫންވަނީ މުހައްމަދު ފަރީދު ރަސްކަަމަށް އިސްވެ ބިލް ނަންބަރު 2/73ކުން އުވާލާފައެވެ. އެ ބިލުގައިވަނީ:

  • މައުލޫމާތު: ކުރީގެ ޤާނޫންތައް، މި ފޮތުން