ޅެން: ހުރިކަންތަކާ ދުރުވާށެ ޑަރް

ފަޟީލަތުއްޝައިޙް އަބްދުﷲ ފަޙްމީ ދީދީ (އަބްދުﷲ ޖަލާލުއްދީން) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 ޒުލްޤައިދާ 1319ހ (17 ފެބްރުއަރީ 1902މ.) ގައި ފާދިއްޕޮޅު ނައިފަރުގައެވެ. ތަޢުލީމް ޙާޞިލްކުރެއްވީ މިސްރުގެ އަލްޖާމިއުލް އަޒަހަރުންނެވެ.

އަބްދުﷲ ފަހުމީ ދީދީއަކީ ސަރުކާރުގެ ވަރަށް ގިނަ ދާއިރާތަކެއްގައި ޤައުމަށް ޙިދުމަތް ކުރެއްވި ބޭފުޅެކެވެ. އެންމެ ޙާއްޞަގޮތެއްގައި ފާހަގަކޮށްލެވެީ ދިވެހި ރާއްޖޭގެ އުއްތަމަފަނޑިޔާރުކަމެވެ. އާދެ! އެމަނިކުފާނަކީރާއްޖޭގެ ތާރީޚްގައި ޝައިޚުލްއިސްލާމްގެ ލަޤަބު އެރުވިފައިވާ ދެވަނަ އުއްތަމަފަނޑިޔާރެވެ.

ފަޟީލަތުއްޝައިޙް އަބްދުﷲ ފަހުމީ ދީދީއަކީ، ރާއްޖޭގައި އުފެދުނު ވަރަށްމަތީ ދަރަޖައިގެ ދީނީ އިލްމުވެރިޔެކެވެ. ދިވެހީންގެ ތެރެއިން އެންމެފަސޭހަ އެއްދޫފުޅެއްގެ ވެރިޔެކެވެ. ކުޅަދާނަ އަދީބެކެވެ. މަޝްހޫރު ޅެންވެރިޔެކެވެ.

ފަޟީލަތުއްޝައިހް އަބްދުﷲް ފަހުމީ ދީދީއަކީ ދިވެހީންގެ ތަޢުލީމަށާއި ދިވެހި އަދަބިއްޔާތަށް ވަރަށް މަތިވެރި ޚިދްމަތްތަކެއްކުރެއްވި ބޭފުޅެކެވެ. ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މަދަރުސާއަކީ އޭނާ އުފެއްދެވި މަދަރުސާއެއް ކަމަށްވާ އަލްމަދަރުސަތުލް އިފްތިތާޙެވެ.

ދިވެހި އަދަބިއްޔާތަށް އެމަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި ލިއުއްވަފައިވާ އަގުހުރި ފޮތްތަކާއި ހައްދަވާފައިވާ ފަށުވި ޅެންތަކުގެއިތުރަށް “އައްރަފީޤު” ގެ މެމްބަރެއްގެ ގޮތުންނާއި “ދީނީ ރޫޙް” ގެ މުޙައްރިރެއްގެ ޤާއިމްމަޤާމުގެ ޙައިޘިއްޔަތުން ކުރެއްވި ޚިދްމަތް ފާހަގަކުރެވެއެވެ.

ފަޟީލަތުއްޝައިޙް އަބްދުﷲް ފަހްމީދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 11 ރަމަޟާން 1377ހ. (1 އެޕްރީލް 1958މ.) ގައެވެ. އޭރު އެމަނިކުފާން ހުންނެވީ މަޖީދިއްޔާ ސްކޫލުގެ ނާޒިރެއްގެ މަޤާމުގައެވެ.

“މީހެއްގެ ނަސޭޙަތެއް” ގެ ނަމުގައި އަބްދުﷲ ފަހްމީދީދީ ހައްދަވާފައިވާ ހުރިކަންތަކާ ދުރުވާށެ ޑަރް މި ޅެމަކީ ވަރަށް ފުރިހަމަ ޅެމެކެވެ.

ނައިފަރު ދޮހޮއްކޮ ކިޔާފައިވާ “ހުރިކަންތަކާ ދުރުވާށެ ޑަރ” އަޑުއެއްސެވުމަށް

ހުރިކަންތަކާ ދުރުވާށެ ޑަރް

ބުރިކަށި މަތިން ބައިލާށޭ ބަރް

ހުރިހާކުދިން ކަމުވާނެ މަރް

ފުރިހަމަ އައިސްފާވެޔެ ޚަބަރް

~

މަސްތެއްކަމަށް މިޙަޔާތަކީ

އަސްތާ ރިވެތި އަންގަޔެ އަސަރް

ރަސްތާ ކޮށާއަލިކޮށް ހަދާ

ގަސްތައް ހޮވާނެރުވާށެ ދަރް

~

ބޮނިކޮށް ވެދާފަދަ އެހިނދުމަރް

ފޮނިއެއްޗެތީ ގިނަވެޔެ ޒަަހަރް

ކޮނިބިން ނެގޭ ނެތަކަސް ޒަހަރް

އޮނިގަނޑުގެ ބަލަވިސްނާށެ ވަރް

~

ވިނަފާ އެތައްކަމަކަށް އެނގޭ

ގިނަފާއިދާ ވެޔެ ގައި ހަބަރް

މިނަކާ ނުލާ ކައިހުސްކުރެޔެ

ސިނައެކަތަޔާ ދަނގަޑާ ދަބަރް

~

ވިރުވައިލުމުން ނެގެވެޔެ ދަގުއި

ދިރްޢާއި ރިހި ޚާލިޞް ތިމަރަ

ތިރްޢާ ކުޅިން ލިބެވެޔެ ކިސަޑް

ވިރުވައި އަޅައިކަމުދާނެ ވަރް

~

ދެދިމާޔަކަށް ޖެހެޔޭ ނުގޮސް

ހެދިމީހަޔަށް ނުލަފާ މަކަރް

އެދިހުރި ކަމަކަށް ވުރެވީ ކަމެއް

ވެދިޔާމަ ރަނގަޅޭ ގިނަފަހަރު

~

މޮޅުކޮންމެ އެއްޗެއް ވާހުށީ

ކޮޅުގައެބިރާ ގިނަތަކުގެ ބަރް

ދޮޅުދަން ފަށުން ހޮޅިލާނަގައެ

ކޮޅުރާޅު ރަސްމާދޫގެ ފަރް

~

މީހާއެދޭ އެންދެރި، އިތާ

ވީހާ އަވަހަކަށް ބެނދިކަމަރް

ހީހާދަބޮޑު އުފަލުން ކަނޑަށް

ޖީ، ހާނ! ދެކޭފީނާ އެވަރު

~

ވެވުމުން މިފުށޮޅުން ކެޔޮޅުކަން

ބެވުނަސް ތަމެންނަށް މަޑުމިޔަރް

ދެވުމުން ދުރަށް، ގެބުރަށް ބެވެޔެ

އެވުރެން އެބާނާ ކަށި މިޔަރް

~

ނިބެވޭށިޔޭ ކަޅުބިލަމަހެއް

މިބެރިއްމަ ދުވަހަކަށް ރިތިފަރް

ތިބެގެން މެނޫނީ ކަނޑުއަވީ

އިބުރެން ޖަހާ ފަލިބަލިވެ ވަރް

~

ހުއްޓާނުލާ ކިޔަޔޭ އަބަދު

ފުއްޓަރުގެ ރާޅު ނުލާ އެވަރް

ފުއްޓާފަރާ އުވިގޮސް ދުނިޔެ

ހުއްޓޭށިޔޭ އެންމެންވެ މަރް

 

  • މަޢުލޫމާތު އަދި ޅެން؛ މަލަސް އަދަދު 71

1 ކޮމެންޓު ”ޅެން: ހުރިކަންތަކާ ދުރުވާށެ ޑަރް“

    ދޮންބެ

    ވަރަށް ފުރިހަމަ ލިޔުއްވުމެއް