ފާދިއްޕޮޅު ނައިފަރު އަބްދުﷲ މޫސާ ނުވަތަ ނައިފަރު ދޮހޮއްކޮގެ ލަވަތަކަކީ އެ ލަވަތަކާ ނުލައި ދިވެހި މިޔުޒިކްގެ ދިވެހިވަންތަކަން ފުރިހަމަނުވާނެ މަޢުނަވީ ތަރިކައެކެވެ. ލަވަ ކިޔަން ފެށުނު ދުވަސްވަރެއް ބުނަން ނޭނގޭކަމަށާއި ލަވަ ކިޔަން ދަސްކޮށްދިން މީހަކު ވެސް ނެތް ކަމަށް ދޮހޮއްކޮބެ ބުނެފައިވެއެވެ. އަމިއްލައަށް ލަވަ ހެދުމުގެ އިތުރުން ފަރިހި، ރައިވަރު އަންބާ ފަދަ ދިވެހި ޅެންވެރިކަމުގެ ދުވަސްވީ ބާވަތްތައް ދޮހޮއްކޮބެ ކިޔާ އުޅުނެވެ. ހާއްސަކޮށް އިހުގެ ގޮތަށް ރައިވަރުކިޔުމުގެ ފަންނުގައި ދޮހޮއްކޮބެއަކީ ކުޅަދާނަ މީހެކެވެ. ދިވެހިންގެ ތެރޭގައި އިހުއްސުރެ ރައިވަރު ކިޔާ އެކި ރާގުތައް ހުރެއެވެ. މިއަދާއި ހަމައަށް އައިރު އެ ރާގުތައް ދަންނަ މީހުން ނެތެވެ. އިރުވައިތޮށި ރާގު ފިޔަވައި ރާގެއްގެ ނަން ދަންނަ މީހަކު އަމުދުން ނެތެވެ.
ދޮހޮއްކޮބެގެ އަޑުން އިވިގެންގޮސްފައިވާ މަޝްހޫރު ބައެއް ލަވަތަކަކީ އިހުގެ ފަރިހިތަކެވެ. ފަރިއްސަކީ އޭގެ މިންވަރެއް ކަނޑައެޅިފަ ނެތް ދިގު އެއްޗެކެވެ. މިގޮތުން ދޮހޮއްކޮބެ ކިޔާފައިވާ ލަވަތަކުން ފަރިހީގެ ކަޑިތައް މަދުކޮށް ކިޔާފައި ހުންނަކަން ފާހަގަކުރެވެއެވެ. ރާގާއި ލަވައަށް ކޮށިކަން ނުގެނައުމަށް ބައެއް ބަސްތައް ތަފާތުކޮށް ކިޔާފައި ހުންނަކަން ވެސް ފާހަގަކުރެވެއެވެ. އަދި ދޮހޮއްކޮބެ ކިޔާފައިވާ ބައެއް ފަރިހިތަކަކީ ހެދި މީހަކާއި ދުވަސްވަރެއް އެނގެން ނެތް ތަކެއްޗެވެ. ދޫދޫމަތިން ކިޔެމުންދިޔަ މި ބާވަތުގެ ފަރިހިތައް ދޮހޮއްކޮބެއާއި ހަމައަށް އައުމުން އެތަކެތި ކިޔާފައިވަނީ ކަމުގައި ގަބޫލުކުރެވެއެވެ. މިހެންކަމުން، ދޮހޮއްކޮބެގެ ބައެއް ލަވަތަކުގެ މާނަ ވަނީ ހެދި ޒަމާނެއް އެނގެން ނެތް ހެދި ޅެންވެރިއަކުވެސް އެނގެން ނެތް ޅެންވެރިޔާގެ ނުވަތަ އިނގިރޭސި ބަހުން ނަމަ “އަންނޯން ޕޮއެޓް”ގެ ބަނޑުގައެވެ.
ދޮހޮއްކޮބެގެ ލަވަތަކުގެ ތެރެއިން އެންމެ ގިނައިން އަޑު އެހުނު އެއް ލަވައަކީ “ދާރުއޮފުމާތް” ނަމުގައި ކިޔާފައިވާ ފަރިއްސެވެ. މި ލަވައަށް އެހާ ބޮޑަށް ޝައުގުވެރިކަމެއް ދެވުނު ސަބަބަކީ، ދޮހޮއްކޮބެގެ އަޑާއި މި ލަވައިގެ ދިވެހި ބަސްކޮށާރު އެކުވުމުން ކުރެވޭ ދިވެހި މުސްކުޅި އިހުސާސެވެ. އަޑުއަހާލަން ފަސޭހަކަމާއި އެކު އެތައް ފަހަރަކު ލަވަ އަޑުއަހައިގެން ވެސް ދޮހޮއްކޮބެ ބުނާ އެއްޗެއް ބައެއް ކަޑިތަކުގައި ސާފު ނުވުމެވެ. ދޮހޮއްކޮބެގެ ލަވަތަކުގެ ސާފު ރެކޯޑިންއެއް ހެދިފައި ނެތުމަކީ ގައުމީ ހިތާމައެކެވެ. އެކި ސްޓޭޖްތަކުގައި ބޮޑުބެރު ގްރޫޕްތަކުންނާއި އަދި ލަވަކިޔުންތެރިން ކިޔާފައިވާ “ދާރުއޮފުމާތް” ލަވައިގެ “ކަވަރު”ތަކުގައި ތަފާތު ހުރިކަން ފާހަގަކުރެވެއެވެ. މި ތަފާތުތައް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އަސްލު ލަވައިގެ ސާފު ރެކޯރޑިންއެއް ނެތުމާއި ލިޔެވިފައިވާ ފަރިއްސަކަށް ނުވުމެވެ.
“ދާރުއޮފުމާތް” ލަވައިގައި ބުނާ އެއްޗެއް ސާފުވޭތޯ ވަރަށް ގިނަ ދުވަހު މަސައްކަތްކުރުމަށް ފަހު ލިޔަންފަށަމެވެ. މި ޝަރަހައިގެ ތެރެއިން ދިވެހި ބަހާއި ޅެންވެރިކަމުގެ އެތައް ފިލާވަޅެއް މި ލިޔުން ލިޔުނު މީހާ އާއި ކިޔާމީހަކަށްމެ ލިބޭނެއެވެ. މި ޝަރަހަ ލިޔުމަށް އަޅުގަނޑު އަތުގައި އޮތް ދޮހޮއްކޮބެ ކިޔާފައިވާ “ދާރުއޮފުމާތް”ގެ ތަފާތު 3 ރެކޯޑިން ތަކުރާރުކޮށް އަޑު އެހިފައިވާނެއެވެ. އަޑު އެހުނު 3 ރެކޯޑިންގެ ތެރެއިން އެންމެ ނުސާފު ރެކޯޑިންގައި ފަރިހީގެ އިތުރު ކަޑިއެއް ކިޔައެވެ.
ފާޅުގައި ނަމެ މަ ބުނާ، ފާޅުނުމެވީ މިތުރާ
ފާޅުރަނު ކުލަ އެއަރާ ފައިފުޅު ނަލަ ބިރާގަމީ
މި ކަޑި ދޮހޮއްކޮބެގެ އާންމުކޮށް އިވޭ “ދާރުއޮފުމާތް” ލަވައިގައި ނެތެވެ. އެހެންކަމުން، އަސްލު ފަރިހީގެ ކަޑިތަކުގެ ތެރެއިން މި ލަވައިގައި ނުކިޔާ އިތުރުކަޑިތަކެއް ވެދާނެކަމަށް ގަބޫލުކުރެވެއެވެ.
~
ދޮހޮއްކޮބެ ކިޔާފައިވާ ދާރުއޮފުމާތް:
~
ފަރިހީގެ ބަސްތައް ނިއުޅުން
ދިވެހި އިހުގެ ޅެންވެރިކަމުގައި ބަސް ފުރޮޅުމަކީ އާންމުކަމެކެވެ. ރައިވަރުގައި މި ގޮތް ބޮޑެވެ. ބައެއް ފަރިހީގައިވެސްމެއެވެ. މިގޮތަށް ބަސް ފުރޮޅާފައިވާ އެންމެ މަޝްހޫރު އެއް ފަރިއްސަކީ “ގުލާބީމާފުޅު ލިބޭނީ ގުލާނުވެވިގެނޭ” މި ފަރިއްސެވެ. “ދާރުއޮފުމާތް” ފަރިއްސަކީ ވެސް ބައެއް ކަޑިތަކުގައި ބަސްފުރޮޅާފައިވާ ފަރިއްސެކެވެ. ފުރޮޅާފައިވާ ބަސްތައް ދެނެގަތުމަށް އަޅުގަނޑު ބަލާފައިވާނީ “ބަނޑޭރި ހަސަން މަނިކުފާނުގެ ދިޔޯ ޅެން ބަހުރުވައިން ލިޔާ ބަހުރުވައަށް” މި ނަމުގައި އަބްދުﷲ ޞާދިގު ކުރައްވާފައިވާ “ދިޔޯގެ ރައިވަރުގެ” ޝަރަހައަށާއި “ރައިވަރުގެ ބަސްމަގު” މި ނަމުގައި ޔޫސުފް އަލިފުޅު ލިޔުއްވާފައިވާ ރައިވަރުގެ ހަމަތަކުގެ ފޮތަށާއި އަދި ބޮޑުފެންވަޅުގޭ ސީދީގެ ކަންޒުލް އަދަބާއި އަދި ހުސައިން ޞަލާހުއްދީންގެ “ޝައިހް ޒުބައިރު” މި ފޮތްފޮތެވެ. އެހެނީ، ބަސްފުރޮޅުމުގައި އިހުގައި ގެންގުޅޭ ހަމަތަކަކީ އެއް ހަމަތަކެއް ކަމުގައި ފެންނާތީއެވެ. އަދި މި ހަމަތައް ދެނެގަތުމަށް އޮތް އެންމެ ފަސޭހަ މަގަކީ ރައިވަރުގެ ބަސްމަގުގެ މައްޗަށް ހޯދާބަލައި ވިސްނުންކަމެވެ.
ރައިވަރުގެ ބަސް ފުރޮޅުމާއި ބެހޭގޮތުން ފަޟީލަތުއް ޝައިޙް ހުސައިން ޞަލާހުއްދީން ޝައިހް ޒުބައިރުގައި ލިޔުއްވާފައިވެއެވެ:
“ޅެންބަހުރުވައިގެ ތެރޭގައި ބަސްތަކުގެ ޖުމްލަތައް އެގޮތްމިގޮތަށް ފުރޮޅަމުން ކިއުމީ ޅެމުގެ ވަޒަނުގެ ޟަރޫރަތަށްޓަކައި އެހެނިހެން ބޮޑެތި ބަސްބަހުން ޅެންހަދާ މީހުން ވެސް ގެންގުޅެފައި ހުރިގޮތެކެވެ. މާތުރަ، އެކިއެކި ލަފުޒުގެ އަކުރުތައް އެކިތަނަށް ގެންގޮސް ފުރޮޅައި ހެދުމަކީ ގިނަ ހަރުދަނާ ބަސް ބަހުގައި ޅެން ހެދުމުގައިވެސް ގެންގުޅޭ ގޮތެއްނޫނެވެ. ދިވެހި ބަހުގައި ބަސްކޮޅުމަދުކަމާއި އެބަހުން ޅެންހަދާ މީހުންގެ ޚިޔާލުގެ ސަހަލު ކަމުންވެސް ތޯއްޗެކޭ މި ބުނި ގޮތަށް އެކި ލަފުޒުގެ އަކުރުތައް ވަކިވަކިކޮށް ފުރޮޅައި އެކިތަނަށް ގެންގޮސް ހަދައިފައި ހުރެއެވެ. އިހުގެމީހުން އެކަންތައް ކޮށްފައިހުރީ ވަރަށް ވަރުގަދަ ޤަވާއިދެއްގެ މައްޗަށެވެ”
~
“ދާރުއޮފުމާތް” ފަރިހީގެ ޝަރަހަ:
1- ބިރާގަމީ
ދާރުއޮފުމާތްވި ޅަމުރާލިއެފުޅު ބިރާގަމީ
ޚާނުޖަލުގައި ޖެހިވިފާއިނީ
(އޮފުދާރުވި މާތް އެ ބިރާގަމީ، ޖަލުޚާނުގައި ޖެހެވިފައި އިނީ)
ބިރާގަން އަކީ ބާވަތެއްގެ ރަނަކުން ހަދާ ސިއްކައެކެވެ. މިއީ އިހުގައި ފައިސާގެ ގޮތުގައި ބޭނުންކޮށް އުޅުނު އެއްޗެކެވެ. ބިރާގަންއަށް މި ފަރިހީގައި “ބިރާގަމީ” ކިޔާފައިވާ ކަމަށް ފެނެއެވެ. ބިރާދަން ނުވަތަ ބިރާދަމީ ކިޔާ އެއްވެސް ލަފުޒެއް ދިވެހި ބަސްފޮތްތަކުން ފާހަގަނުކުރެވުނެވެ. ބިރާގަން އާއި ގުޅުންހުރި ލަފްޒުތަކުގެ ގޮތުގައި ފެންނަނީ “އަސްރަފީ” އެވެ. އަދި މޮހޮރީއެވެ. މިއީ ވެސް ރަނުން ޖަހައިފައި ހުންނަ ސިއްކަތަކަކަށް ނުވަތަ ރަންފައުނުތަކަކަށް ކިޔާ ނަންނަމެވެ. އަސްރަފީ، މޮހޮރީ، ބިރާގަމީ، އޮފުދާރު މި ސިއްކަ (ލާރި)ތަކަށް ކިޔާ ނަންތައް ގުޅެއެވެ.
ޙަސަން ނޫރައްދީން އެއްވަނައިގެ ދުވަސްވަރުގެ ރަން މޮހޮރީ
“ބިރާގަމީ” އަކީ އަންހެން ކުއްޖާއަށް ލޯބިން މި ފަރިހީގައި ކިޔާފައިވާ ގޮތްކަމަށް ވެދާނެއެވެ. ނުވަތަ އެ ކުއްޖާއަށް ބިރާގަންއެއްގެ ފުރިހަމަ ސިފަތައް ލިބިފައިވާކަން ހާމަކުރުމަށް ބިރާގަމީ ކިޔާފައިވުން އެއީވެސް ވެދާނެގޮތެކެވެ. މިއީ އޮފުދާރު މާތް ބިރާގަންއެވެ. ދާރުއޮފުމާތްވި ޅަމުރާލިއެފުޅު “ބިރާގަން މީ”، ބިރާގަމީއަށް ވެފައި އޮތުންވެސް އެކަށީގެންވެއެވެ. ޚާނުޖަލަކީ ޖަލުޚާނު ޖަލުގެ ނުވަތަ ހުރަގެއެވެ. ނުވަތަ ޤައިދުވެފައި އޮތުން ކަމަށް ފަރިހީގައި ބުނާ އެއްޗަކާއި ގުޅެއެވެ.
~
2- ކުންފަސުލަ
ކުންފަސުލަ ނަމޭ ފަށާ، ދުންއަމު މަގޭ މިތުރާ
(ފަސުލަކުން ފަށިގަންނަމެވެ. އަމުދުން މަގޭ މިތުރާއެވެ)
މިއީ ރައިވަރު ތަކުގައި އެންމެ ގިނައިން ފެންނަ އެއް ބަސްފުރޮޅުމެވެ. “ކުންފަސުލައިން” ވަރަށް ގިނަ ރައިވަރު ފަށާފައި ހުރެއެވެ. މިއީ ފަސުލަކުން ފަށައިގަންނަމެވެ. فصل މިއީ އަރަބި ބަހެކެވެ. ފަޞްލު ދިވެހިން “ފަސުލު” މި ގޮތަށް ކިޔަނީއެވެ. ފަޞްލުގެ މާނައަކީ ބާބު، ބައި، ނުވަތަ ޗެޕްޓަރެވެ.
ދިޔޯގެ ރައިވަރުގެ ފުރަތަމަ ރައިވަރު ވެސް ފަށާފައި އޮންނަނީ “ފަސުލަކުން”ނެވެ.
ކުން މިލަ ފަށައިގަތީ ފަސު (ފަސުލަކުން މި ފަށައިގަތީ)
ރުންގެ ވަދެ ޅެންބަހުގެ އަށް ދޮ (ޅެންބަހުގެ ގެޔަށް ދޮރުން ވަދެ)
ގުން ސަނާ ދިޔޯއަށް (ދިޔޯއަށް ދޮގުން ސަނާ)
ނައިބު ތުއްތޫ ސިއްކަ މޮހޮރީ ފައްޓަވާފައި އޮންނަނީ ވެސް “ފަސުލަކުން” ނެވެ.
ކުންމިލަމަވެސް ފެށީފަށު (މަމި ފަސުލަކުން ފެށީވެސް)
ލުންދެލޮރުނުނު އަޅައިހަނުކަ (ދެލޮލުން ނުހަނު ކަރުނަ އަޅައި)
މުންޅެމަށް ފަސޭ ހަނުކަ (ޅެމަށް ނުފަސޭހަ ކަމުން)
މި ފަރިހީގައިވާ “ދުންއަމު މަގޭ މިތުރާ”ގެ ނިއުޅުމަކީ “އަމުދުން މަގޭ މިތުރާ” އެވެ. ފަސުލަކުން ފަށާނަމޭ، އަމުދުން މަގޭ މިތުރާއެވެ. ދިޔޯގެ ރައިވަރުގައިވާ “ދުންއަމު” ގެ މިސާލަކީ:
ދުންއަމުވެދިޔަ އިނގޭމަޑު (އަމުދުން މަދުވެދިޔައިނގޭ) އެވެ.
~
3- ފުންސަކައިރީ
ފުންސަކައިރީ ނެތިގެން ޑުންމަޑު އެމަޑުން ރޮވެނީ
(ސަފުންކައިރީ ނެތިގެން މަޑުމަޑުން އެ ރޮވެނީ)
ރައިވަރުތަކުގައި “ސަފުން” މި ބަސް ފުރޮޅާފައި ހުންނަނީ “ފުންސަ” މިގޮތަށެވެ. ދިޔޯގެ ރައިވަރުގައިވާ މިގޮތުގެ މިސާލަކީ:
ފުންސަލަ ތެރަށް ދިޔޯދަތު ( ސަފުން ދިޔޯ ދަތުރަށް ލަތެ)
ރުންކަގެ ހިފޮށި ފޮށީހައިވަ (ހައިވަކަރުން ގެހި ފޮށި ފޮށީ)
ތުންބާބޭސް ހުރިހައިވަ ( ހުރިހައި ބާވަތުންބޭސް)
4- ގޯލަރަން
ގޯހެއްނެތި ދަންނަވަމޭ، ލޯދެފަދަވީ މިތުރާ
(ގޯހެއް ނެތި ދަންނަވަމެވެ. ދެލޯފަދަވީ މިތުރާއެވެ)
ގޯލާރަން ކުލައެއަރާ ކޯފުޅު ނަލަ ބިރާގަމީ
(ނަލަ ކޯފުޅަށް ގޯލާރަނު ކުލަ އަރާ ބިރާގަމީއެވެ)
ބަސްފޮތްތަކުގައި “ގޯލާރަން” އެއް ނެތެވެ. ވަނީ ރަތުރަނެވެ. ރަތުރަނުގެ މާނަކަމުގައި ލިޔެފައިވަނީ “ގަޑުބަޑުނުކޮށް ހުރި ރަން” އެވެ. ޚާލިސް ރަނުގެ ކުލައަކީ ރަތްކުލައަކަށް ދާ ރީނދޫކުލައެކެވެ. ގޯލާރަނަކީ ކޮބައިބާވައެވެ؟ ނުވަތަ ރަނުގެ ކޮން ކުލައެއް ބާވައެވެ؟ ގޯލާރަން ހޯދަމުން ދަނިކޮށް ފެނުނީ ބަނޑޭރިހަސަންމަނިކުފާނުގެ ދިޔޯގެ ރައިވަރުފޮތުންނެވެ. ދިވެހި ބަހުގެ ޅެންވެރިކަމުގެ ދިރާސާގައި ވެސް ރައިވަރުތަކުގެ މުހިންމުކަން ނުހަނު ބޮޑެވެ. އާދަކާދައާއި ބަހުގެ އެތައް ކަމެއް ސާފުވެދާތީއެވެ. ދިޔޯގެ ރައިވަރުގެ 129 ވަނަ ރައިވަރުގައިވަނީ:
ހުންނަހައި ވައުތަކަށް ނަވު (ނަވު ހުންނަހައި ވައުތަކަށް)
ށުންއެވޭމޮޅު ދިޔޯލާރު (އެވޭލާ ރަށުން މޮޅު ދިޔޯ)
ނުން ހެއްދޫ ގޯލާރަ (ގޯލާ ރަނުން ހެއްދޫ)
ނަވުގެ ހުރިހައި ވާތަކެއް ހެއްދީ އެވޭލާ ގޯލާ ރަނުންނެވެ.
ގޯލާރަނަކީ ގޯލްޑުރަން ކަމުގައި ގަބޫލުކުރެވެއެވެ. ކުރީގެ އެހެން ލަވައެއްގައި “ގޯލްޑްރަން” ކިޔާފައިވާ ކަމުގެ މައުލޫމާތު ބޭފުޅަކު ދެއްވާފައި ވުމާއި ވެސް އެކުއެވެ. މިގޮތަށް އެއް މާނައިގެ ދެ ލަފްޒު މިފަހުގެ ބައެއް ބަސްތަކުންވެސް ފެނެއެވެ. ކުކިންއޮއިލްތެޔޮ މިސާލެއް ކަމުގައި ފުދެއެވެ. ރަތުރަނަށް ބަދަލުގެނެވި އިތުރަށް ރީނދޫކަން ގަދަވާ ރަނަށް ގޯލާރަން އެއިރު ކިޔާފައިވަނީ ކަމުގައި ވުން އެކަށީގެންވެއެވެ. އެއިރު ގެނެވޭ ރަނުގެ ބާވަތްތަކުގެ ތެރޭގައި ރަތުރަނާއި ގޯލާރަން ހުންނަނީއެވެ. ގޯލްޑްރަން ނުވަތަ ގޯލާރަން މި ބަސް ބޭނުންކުރުން މަދުވެ ރަންރީނދޫ ބަހެއްގެ ގޮތުގައި ފަހުން ބޭނުންކުރެވެމުން އައީ ކަމުގައި ވެދާނެއެވެ. ގޯލްޑުރަން ކުލަ އެއަރާ ކޯފުޅު ނަލަ ބިރާގަމީއެވެ.
~
5- ހަރުފަމޮހޮރާ
ވަރުހަށީ ނެތިމަގޮވާ، ތަރުހަދަމު އިނދެ މިތުރާ
(ހަށީން ވަރު ނެތިވެސް، ހަތަރުދަމު މިހެން އިނދެ މަމިގޮވާ މިތުރާއެވެ)
“ތަރުހަދަމު” އަކީ “ހަތަރު” އަދި “ދަމު” މި ދެ ބަހުގެ ފުރޮލުމެވެ. ދިޔޯގެ ރައިވަރުގައިވާ މި ގޮތުގެ މިސާލަ
ތަރުހަ ހިޔަކީ ތިބޫތުރު (ހަތަރު ހިޔަ ތުރުކީ ތިބޫ)
ތަރުތީބުތުން ދިޔޯގެ މެހި (ތަރުތީބު ދިޔޯގެ ހިތުންމެ)
ތަރު އަރުމާދު ކަމުގެ މެހި (އަރުމާދު މެހިތަރުކަމު)
ހަރުފަ މޮހޮރާ ކުލަވާ ކަރުފުޅުނަލަ ބިރާގަމީ
(ހަރުފަ މުތުގެ ކުލަވާ ކަރުފުޅު ނަލަ ބިރާގަމީއެވެ)
ހަރުފަ މޯރާ ކިޔުމުން މި ކަޑީގެ މާނަ އަރައިރުންވެއެވެ. “މޯރާ” އަކީ ދިވެހި ކަތިރިޔަލުގެ އޮޑިމަތީ ކުރެވީގެ ކަންޏެވެ. މޮހޮރާ ކިޔުމުން ދޭހަވާ މާނަ ހަމަޖެހެއެވެ. މޮހޮރާ އަކީ ހަރުފަމުތެވެ. ހަރުފަމުތަކީ ހަށިގަނޑުން ވިހަދަމާ ހިލައެކެވެ. މީގެ އަސްލު އުފެދެނީ ހަރުފައިގެ އެތެރެހަށީގައި ކަމަށް ބުނެވެއެވެ. ހަރުފަ މުތުގެ ކުލަހުރި ނަލަ ކަރުފުޅުގެ ވެރި ބިރާގަމީއެވެ.
~
6- އިންނަވަލުހެންބުޅާ
އިންނަވަލުހެން ބުޅާ މީގޮތަށް ފެހިދެދާ
(ވަލު އިންނަ ބުޅާހެން، ދެމީދާ ފެހިގޮތަށް)
ވީވަރެއްވީއެ ލަތިދީނަލަފުޅު ބިރާގަމީ
(ވީވަރެއް އެވީ، ދީލަތި ނަލަފުޅު ބިރާގަމީ)
މިއީ ކޮން ވާހަކައެއްބާއެވެ؟ ލަވަ އަޑު އަހާއިރު ސީނުވަލުހެން ބުޅާ މީގޮތަށް ފެހި ދެދާ، މިގޮތަށް ކިޔާ ހެން ވެސް ހީވެއެވެ. އިންނަވަލު ހެން ބުޅާ، މީގޮތަށް ފެހި ދެދާ، މިހެން ކިޔާ ކަމުގައި ވެސް ހީވެއެވެ. މިއީ ފަރިހީގައި ވަރަށް ބޮޑަށް ފުރޮޅާފައިވާ ބައެކެވެ. ބޮޑަށް ހަމަ ޖެހެނީ ފަހުން ބުނެވިދިޔަގޮތެވެ. ވަލުގައި އިންނަ ބުޅާ ދެމީދާ ފެހިގޮތަށް، ބޭނުންކޮށްފައިވާ މިސާލުބަހެއް ކަމުގައި ފެނެއެވެ. ” ލަތިދީ” މިއީ ދީލަތި މި ބަހުގެ ފުރޮޅުމެވެ. ދީލަތި “ލަތިދީ” މިގޮތަށް އެހެން ފަރިއްސެއްގެ ބަސްފުރޮޅުމުގައި ވެސް ވެއެވެ.
7- ޅާއަތައްމަތު
ނާއަކީ ފަރިހިމިވާ، ޔާކިނިންމާ ހިނދުގައި
(އަނާ ކީ މި ފަރިހި ކިޔާ ނިންމާ ހިނދުގައި)
ޅާއަތައްމަތުފަހުގައި މާނަލަފުޅު ބިރާގަމީ
(ތައްމަތު އަޅާ ފަހުގައި، މާލަފުޅު ބިރާގަމީ)
ފަރިހީގެ އެންމެ ފަހު ކަޑި އަޑު އަހާ އިރު ކިޔަނީ ތަންމަތުގަހުގައި ކަމަށް ވެސް ހީވެއެވެ. މިއީ ގަހުގައި އިން ދޫންޏެއްގެ ވާހަކަ ބާވައެވެ؟ “ތަންމަތު” ކިޔާ ގަހެއް ނުހުރެއެވެ. ތައްމަތުފަހުގައި ނުވަތަ ތައްމަތުބަހުގައި ކިޔާހެންވެސް ހީވެއެވެ. މި ފަރިހީގައިވާ ތައްމަތު މިއީ އަރަބި تَمَّتْ އެވެ. އަރަބި ބަހުގައި މިއީ “ނިންމުން” މި މާނަ ދޭހަވާ ލަފުޒެކެވެ. ބައެއް ރައިވަރު ނިންމުމުގައި “ތަންމަތުން” ނިންމާފައިހުރެއެވެ. އަނދިރި އީސަގެ މަޝްހޫރު ބޮޑުވިއްސާރަ ރައިވަރު ނިންމާފައިވަނީ ވެސް “ތަންމަތުން” ނެވެ.
ދުންހެ ގަދަ ވިލަޔަކުން
ޑުންކަ އެރި ބޮޑު ރާޅަކުން
ސުންނާފަތިވި ޒަޚަމަކުން
ރުންރައިވަ ފަސް ދޮޅަހަކުން
ތުންރަޙުމަ ހެޔޮސަލާމަތުން
ހުއްޓާލީމެ ތަންމަތުން
ދިވެހި ބަސްފޮތުގައި ވަނީ “ތައްމަތު”އެޅުމަކީ ކަމެއް ނިންމުންކަމަށެވެ.
ކުރީގެ ބައެއް ލިޔުންތައް ނިންމާއިރުވެސް تَمَّتْ ން ނިންމާފައި ހުރެއެވެ. ހުސައިން ޞަލާހުއްދީން ޝައިހް ޒުބައިރުގައިވާ އަރުމާދު ރައިވަރުގެ ނަކަލު ނިންމާލަމުން ލިޔުއްވާފައިވަނީ:
“تَمَّتْ (ތަންމަތު)، މިހައިތަނަށް ހެޔޮބަޑޭރި ޙަސަންމަނިކުފާނުން ހެއްދެވި ދިވެހިއަރުމާދު ރައިވަރުފޮތް ނިމުނީއެވެ”
ލިޔުމަށް ކުޅަދާނަ ނުވެގެން، ކިޔުމުގެ އެނުލާކޮޅުން ދެން
ދިޔުމަށް ވަކިތަނެއް އެމީހުން ނެތި، ލިޔުމުގަ ތަންމަތު އަޅައި ނިމުނީ
މިއީ އުތުރު ގަޑުބަޑު ނުވަތަ ބޮޑު ދަތުރުގެ ވާހަކައިން ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު، މަޝްހޫރު ލަގޮނޑި މާލިމީ ހެއްދެއްވި “ބޮޑުދަތުރު ފަރިހި” “ތަންމަތުން” ނިންމާފައިވާ ގޮތެވެ.
~
ކުންފަސުލަ ނަމޭ ފަށާ، ދުންއަމު މަގޭ މިތުރާ
ފުންސަކައިރީ ނެތިގެން ޑުންމަޑު އެ މަޑުން ރޮވެނީ
ނާއަކީ ފަރިހިމިވާ، ޔާކިނިންމާ ހިނދުގައި
ޅާއަތަންމަތުފަހުގައި މާނަލަފުޅު ބިރާގަމީ
ފަސުލަކުން އާ ފަށައިގެން އޮފުދާރުމާތް ބިރާގަންއަށް އަހަރެން ކިޔަން ފެށި ފަރިހި ނިންމާ ހިނދަކީ މިއެވެ. ތަންމަތު.
ވަރަށް ރަނގަޅު މުހިންމު މަސައްކަތެއް. ފަރިހި ނަކަލުކުރުމުގައި އަދި ވެސް ބައެއް ކުށް އެބަ ހުރި އިނގޭތޯ!
ޝުކުރިއްޔާ. ވިދާޅުވެދެއްވާ!
އަގުހުރި ގައުމީ މަސައްކަތެއް!ޝުކުރިއްޔާ ލޫކަސް!
ފުރަތަމަވެސް ތިޔަދެއްކެވި ޝައުޤުވެރިކަމަށް އައްސަރިބަހާ ސާބަސް ދަންނަވަން. ތިޔަ ފެއްޓެވީ ވަރަށް އަގުހުރި މަސައްކަތެއް.
ވަރަށް ފުރިހަމަ މަސައްކަތެއް.. ކުރިޔަށް ގެންދަވާ..
ހިތަށް އަރަނީ ބަސްފޮރޮޅި އިރު ބިރާގަމީ ގަރާބިމީ އަށް ބަދަލު ނުކުރީ ކީއްވެބާއެވެ. އެހެނީ ގަރާބި އަކީ އަންހެން ކުދިންނަށް ކިޔާނަމެއް، މާނައަކީ ސާފު/ ޠާހިރު. އަސްލެއްކަމަށްވަނީ ބަސްކު (Basque) ބަސް. ގަރާބިމީ/ މީ ގަރާބި
ވަރަށްވެސް ފުރިހަމަ. ޝައުގުވެރި.
ޒުވާން ލިޔުން ތެރިޔާއަށް އައްސަރިބަސް.
ލޫކަސް ޖަލީލު، މި ފަރިހި މާނަކުރައްވަން މަސައްކަތް ކުރައްވައިފައިމިވަނީ، ދިވެހި ބަހަށް އޮތް ލޯތްބެއްެ ބޮޑުކަމުން ކަމުގައި ދެކެމެވެ. ބަސްދެކެ ލޯބިވާ އެންމެންނަކަށް މިކަހަލަ ކަންކަމެއް ނުކުރެއްވޭނެއެވެ. ނަމަވެސް ލޫކަސް ޖަލީލު ގެ މި މަސައްކަތް އަޅުގަނޑުދެކެނީ ބަސްދެކެ ލޯބިވާ، ބަހަށް ޝައުޤުވެރިވާ އަދި ބަސް ދިރުވަން އާލާކުރައްވާ ދަރިއަކު، ދިވެހި ބަސް ދިރާސާކުދީންނަށް ދެއްވައިފައިވާ ވަރުގަދަ ނަމޫނާ ފިލާވަޅެއްގެ ގޮތުގައެވެ. ލޫކަސް ޖަލީލުގެ މިބާވަތުގެ މަސައްކަތްތަކަށް ﷲ ތަޢާލާ ހެޔޮ ތައުފީޤު ދެއްވާށިއެވެ!
ވަރަށް ފުރިހަމަ… އައްސަރި ބަހުން ސާބަސް! ތިޔަ މަސައްކަތްޕުޅުގައި ބަރަކާތް ލައްވާށިއެވެ! އާމީން..
މަ ހީކުރީ ބަންގާޅުން ނުވަތަ ހިންދު ކަރައިން ހިތާވި
“ ގަމީރާ ބި “ ކިޔާ އަންހެނެެެއްގެ ވާހަކަ ކަމަށް.
ދިވެހީންނަށް ނިސްބަތުން ލިބިފައިވާ މިފަދަަ އިހުގެ ޅެންވެރިކަމުގެ ބަސްތައް ނުހަނު މަދު. ޢެއާއި އެކު ލޫކަސް ތިޔަކުރައްވާ މަސައްކަތަކީ ފަހުގެ ޖީލަށް ދެވޭ އަގުހުރި ހަދިޔާއެއް ކަމުގައިދެކެން.
[…] ތެރެއިން ރައިވަރު ފަރިހީގެ ބަސްފުރޮޅުމުގެ މައްޗަށް “ދާރުއޮފު މާތް – ދޮހޮއްކޮބޭގެ އެންމެ އުނދަގޫ ލަވަ&#… މި ލިޔުމުގައި ވެސް ބެލިފައިވާނެއެވެ. މިއީ ސިލްސިލާ […]
” ކަރަޔާ ދުރައްދިޔަބޯޓްދެން ފަރަކަށްއަރާ ބީހެއްޖެތާ
ދަރަޖައިން ދެނަންބަރު މާލިމީ ސަރަގަ އަރާރުން ވެއްޖެތާ
މިއީ ދަރަވަންދޫ ސަބޭއަހައްމަދު ހައްދަވާ ފައިވާ ފަރިއްސެއް ކަމަށް ދަރަވަންދޫގެ މުސްކުޅިން ބުނެއުޅެއެވެ މީގެ ބައެއްކަނޑި އަޅުގަޑަށްވެސް އެގެއެވެ މި ފަރިއެއްކޮށް ލިބިއްޖެނަމަ ލޫކަސްއާ ޝެއާކޮށްލާނަމެވެ އަޅުގަނޑުގެ ބެނުމަކީ މި ފަރިޙީގެ ޝަރަޙައާމެދު ކޮންމެވެސް އެއްޗެ ބުނެލަދެއްވުމެވެ
ވަރަށް ފުރިހަމަ މަސައްކަތެއް. ޢަގުހުރި ފިލާވަޅުތަކެއް ލިބިއްޖެ.