ފަރިހި – ގުލާބީމާފުޅު ލިބޭނީ ގުލާނުވެވިގެނޭ

ޖަމީލާ ސަލީމް (ޖޭމް ދޮންކަމަނަ)، ފޮޓޯ: އަހްމަދު ޢަލާ ދީދީ

“ގުލާބީމާފުޅު” ފަރިއްސަކީ ޖޭމްދޮންކަމަނައިގެ އަޑުން ދިވެހިންގެ ތެރެއަށް މަޝްހޫރުވެފައިވާ ފަރިއްސެކެވެ. މިއީ ބެއްޔަހުއްތުގެ ފަރިއްސެއްކަމަށް ބުނެވޭ ފަރިއްސެކެވެ. އަދި އެންމެ ބޮޑަށް ބަސް ފުރޮޅާފައިވާ އެއް ފަރިއްސެވެ. ބަސްފުރޮޅުން ގިނަވީމަ ވެސް ކަންނޭނގެއެވެ. މި ފަރިއްސަކީ “ބެރެކި” ނުވަތަ ފޮރުވިފައިވާ މާނައެއް ވާ ފަރިއްސެއްކަމަށް މިހާރުގެ ބައެއް މީހުން ކިޔާއުޅެއެވެ. މާތުރަ، މިއީ ވަރަށް ސާދާ ބަސްތަކަކުން އެކުލަވާލެވިފައިވާ ލޯބީގެ ހިތާމައިގެ ފަރިއްސެކެވެ.

ގުލާބީމާފުޅު ލިބޭނީ ގުލާނުވެވިގެނޭ

ހޮޅިލަޅުގެ ރާ ދަށުގައި ދޮޅިމަނުހިކި މޮޅިތަކެއް ލިބިގެނޭ

ހަލަމިކަމިޖަލަކު ތެރޭ ބަލިވެ ކަރުމަ ބަލަ ދެފައި ބެނދިގެނޭ

ދިކުދިކުވެނިކުމެޑިސިކު ފިކުރުމަނެތި ހިކުމަތު ނިމިގެނޭ

ވިލަތިދީމަގޭ މިތުރާ ގިލަނު މިހުރެ ޑިލަގޮމަފެޅިގެނޭ

ބިކަވެ ދުނިޔޭން މިތުރާ ށިކައެމުގުރި ނިކަމެތިވެވިގެނޭ

އޭނދަތުނިވީ މިތުރާ އޭރުމަހުރެ ހޭހަށިން ނެތިގެނޭ

ރޯސަހަމަގޭ މިތުރާ ރޯސަހަ ހުރެ ޖޯރުމަނެތިގެނޭ

ޔޫޓިއުބް ލިންކްތައް:

ޖޭމް ދޮންކަމަނަ ކިޔާފައިވާ ގުލާބީމާފުޅު

އަލީ ރަމީޒް ކިޔާފައިވާ ގުލާބީމާފުޅު

~

ތިލަވާބަހުން ގުލާބީމާފުޅު ފަރިހި:

ގުލާބީމާފުޅު ލިބޭނީ ގުލާނުވެވިގެނޭ

ހޮޅިލަޅުގެ ރާ ދަށުގައި ދޮޅިމަނުހިކި މޮޅިތަކެއް ލިބިގެނޭ

  • ހޮޅިލާ ރާޅުގެ ދަށުގައި މަ ދޮޅި ނުހިކި މޮޅިތަކެއް ލިބިގެނޭ

ހަލަމިކަމިޖަލަކު ތެރޭ ބަލިވެ ކަރުމަ ބަލަ ދެފައި ބެނދިގެނޭ

  • މި ކަހަލަ މި ޖަލަކު ތެރޭ

ދިކުދިކުވެނިކުމެޑިސިކު ފިކުރުމަނެތި ހިކުމަތު ނިމިގެނޭ

  • ކުދި ކުދިވެ ނިކުމެ ސިކުޑި ފިކުރުމަ ނެތި ހިކުމަތު ނިމިގެނޭ

ވިލަތިދީމަގޭ މިތުރާ ގިލަނު މިހުރެ ޑިލަގޮމަފެޅިގެނޭ

  • ދީލަތި ވި މަގޭ މިތުރާ ގިލަނު މިހުރެ މަ ލަގޮޑި ފެޅިގެނޭ

ބިކަވެ ދުނިޔޭން މިތުރާ ށިކައެމުގުރި ނިކަމެތިވެވިގެނޭ

  • ބިކަވެ ދުނިޔޭން މިތުރާ ކަށި އެ މުގުރި ނިކަމެތި ވެވިގެނޭ

އޭނދަތުނިވީ މިތުރާ އޭރުމަހުރެ ހޭހަށިން ނެތިގެނޭ

ރޯސަހަމަގޭ މިތުރާ ރޯސަހަ ހުރެ ޖޯރުމަނެތިގެނޭ

  • ސަހަރޯ މަގޭ މިތުރާ ސަހަރޯ މަ ހުރެ ޖޯރުނެތިގެނޭ

ބަސް ނިއުޅުން:

“ރައިވަރުގެ ބަސްމަގު” މި ފޮތުގައި ޔޫސުފް އަލިފުޅު ރައިވަރުގެ ދޭހަކުރުމާއި ބެހޭގޮތުން ލިޔުއްވާފައިވަނީ:

ދިވެހި ބަހުންހެދިފައިވާ ގިނަ ރައިވަރުތައް އެމުނި އެކުލެވިފައިވަނީ ވާހަކަދައްކާ ބަހުރަވައިން ނޫންކަމުގައި، ހީވާވަރަށް ލަފުޒުތަކުގެ އަކުރުތައް ބަދަލުކޮށް ބަސް އޮޅުވާފައިވެއެވެ. އެބަހެއްގައިވާ އަކުރުތައް ލަފުޒުތަކަށް ބަދަލުކޮށް ޢިބާރާތްކޮށްގެން މެނުވީ ބުނެފައިވާ އެއްޗެއް ދޭހައެއް ނުވެއެވެ.

އާއްމުކޮށް ގިނަ ފަހަރަށް ބަސް އޮޅުވުމުގައި އަދީބުން ލަފުޒުތައް ބަދަލުކުރައްވާފައި ހުންނަގޮތަކީ، ލަފްޒުގެ ކުރީ އަކުރު ފިއްޔާއިއެކު އެހެން އަކުރުތަކުގެ ފަހަތަށް ގެނައުމެވެ. އެގޮތުން ފެށޭ އަކުރާއި، ޖެހިގެން އޮންނަ އަކުރާ ދެއަކުވެސް ލަފްޒުގެ ފަހަތަށް ބަދަލުކުރެއެވެ. އެހެން ގިނަ ފަހަރަށް ގެނެވިފައި ހުންނަނީ ދެވަނަ އަކުރަކީ ސުކުން އަކުރަކަށް ނުވަތަ އައިބައިފިލީގެ އަލިފަކަށްވާ ތަންތާނގައެވެ.

މިސާލު:

ތާންތިކިތެރެށްއަރު ( މި ބަހުގައި ތެރަށްއަރު ގެ ރަނގަޅު ގޮތަކީ އަރުތެރަށް މިހެންނެވެ).

ބަސްއޮޅުވުމުގައި ލަފްޒުގެ ފަހުއަކުރަކީ، ސުކުނެއްކަމުގައި ވާނަމަ، ފަހުއަކުރުގެ ކުރީ އަކުރާއި، ފަހުއަކުރާއި ދެ އަކުރު، ލަފްޒުގެ އެހެން އަކުރުތަކުގެ ކުރިއަށް ގެނެސްފައިހުރެއެވެ.

މިސާލު:

އަބަދަށް ( މި ލަފްޒުގެ ފަހު ދެއަކުރު ކުރިއަށް ބަދަލުކޮށް ދަށްއަބަ ކިޔާފައި ހުރެއެވެ).

އިތުރު މިސާލުތަކީ:

ދުލުން – ލުންދަ

އަމުދުން – ދުންއަމު

އެކަކަށް – ކަށްއެކަ

ދިވެހި އިހުގެ ޅެންވެރިކަމުގެ ތެރެއިން ރައިވަރު ފަރިހީގެ ބަސްފުރޮޅުމުގެ މައްޗަށް “ދާރުއޮފު މާތް – ދޮހޮއްކޮބޭގެ އެންމެ އުނދަގޫ ލަވަ” މި ލިޔުމުގައި ވެސް ބެލިފައިވާނެއެވެ. މިއީ ސިލްސިލާ ގޮތުގައި އެމުނި ގެތެމުންދާ “ޅެންމާފާނެއް” ކަމުން ބަސްފުރޮޅުމުގެ ތަފްސީލަށް އިތުރަށް ނުގޮސް ފަރިހީގެ ނިއުޅުންތަކަށް ދާނަމެވެ.

ގުލާބީމާފުޅު ލިބޭނީ ގުލާނުވެވިގެނޭ

  • ގުލާބީ އަކީ ފިޔާތޮށި ފިނިފެންމަލެވެ. ގުލާބީމާފުޅަކީ ލޯބިން އެ މަލަށް ފަރިހީގައި ނިސްތަބްކޮށްފައިވާގޮތެވެ. މިއީ ފިނިފެންމަލެއްގެ ލޯބީގައި އެ މާ ލިބުން އެދި ކިޔާފައިވާ ފަރިއްސެކެވެ. އެ މާފުޅު ލިބުން ވަނީ ނުހަނު އުނދަގުލުންނެވެ.

ގުލާބީގެ އަސްލަކީ އުރުދޫ ބަހުގެ گلابی އެވެ. ފެނިފެންމަލުގެ މާނައިގައި ނުވަތަ ފިޔާތޮށި ފިނިފެންމަލުގެ ކުލައިގެ މާނަގައިވެސް ބޭނުން ބޭނުންކުރެވޭ ބަހެކެވެ. މާ ނުވަތަ ފިނިފެންމަލަށް އުރުދޫބަހުގައި گل (ގުލް) ކިޔައެވެ. ފިނިފެންމަލުގެ ބަގީޗާއަށް އުރުދޫބަހުގައި گلستان ކިޔައެވެ. މިއީ ދިވެހި ބަހުގައި ވެސް މާމެލާމެލީގެ ބަގީޗާއަށް ބޭނުންކުރެވޭ ގުލިސްތާނެވެ. ވަރަށް ގިނަ މާމަލުގެ ދިވެހި ނަންތައް گل (ގުލް) އިން ފެށިފައިހުރެއެވެ. ގުލްބަކާ، ގުލްއަލާ، ގުލްސަންޕާ، ގުލްހަޒާރު އަދި މާބަގީޗާއަށް ކިޔާ ގުލްޝަންގައި ވެސް ވަނީ “ގުލް”އެވެ. “ގުލް” ހިމެނޭ ދިވެހި ބަހުގެ އެންމެ ރީތި އެއް ލަފްޒަކީ ގުލްކަނދެވެ. ގުލްކަނދަކީ ހަކުރާއި މަލުގެ ފިޔަ އެއްކޮށް އަވީގައި ނުވަތަ ހަނދުވަރުގައި ބަހައްޓައިގެން ތައްޔާރުކުރާ އެއްޗެކެވެ. ބޭސްވެރިކަމަށާއި ކާތަކެތީގައި ފޮނި ރަހަ ލެއްވުމަށް ގުލްކަނދު ބޭނުންކުރެވެއެވެ. ގުލްކަނދު އެޅުމަށް އާއްމުކޮށް ބޭނުންކުރެވެނީ ފިނިފެންމާ ނުވަތަ ޗާންދަނީމަލެވެ.

ފަރިހީގެ އެކި ކިޔުންތަކުގައި ގުލާބީމާފުޅު ލިބޭނީ “ގުލާނުވެވިގެނޭ” އަދި “ގުލާމުވެވިގެނޭ” މި ދެ ގޮތަށް ވެސް ކިޔާފައިހުރެއެވެ. ޖޭމް ދޮންކަމަނަ ކިޔާފައިވާ ލަވައިގައި ވަނީ “ގުލާމުވެވިގެނޭ” އެވެ. ގުލާނު އަދި ގުލާމު ކިޔުމުންވެސް ރާގަށް އެއްވެސް ބަދަލެއް ނާއެވެ. މި ދެގޮތުގައި ވެސް ވަނީ 4 ފިއްޔެވެ. އަދި ދެބަހުގެ މާނައިގައި ވެސް އެއްގޮތްކަމެއް ވެއެވެ. ދިވެހި ބަސްފޮތުގައި ގުލާނުކަމަށް ބުނެފައިވަނީ ނޯކިރީ ނުވަތަ ގުދާރު ބިންދައިގެންދާވަރަށް މީހަކަށް ކޮށްދޭ މަސައްކަތްކަމަށެވެ. ގުލާނުކުރުމަކީ ނޯކިރީކުރުން ކަމަށެވެ.

ދިވެހި ބަހަށް ގުލާނު” އައިސްފައިވަނީ އުރުދޫބަހުގެ “ގުލާމު” އިން ކަމުގައި ވެދާނެއެވެ. އުރުދޫބަހުގައި غلام ގެ މާނައަކީ ނޯކިރީކުރާ މީހާ ނުވަތަ އަޅެވެ. އަޅުމަސައްކަތުގައި ގެންގުޅޭ މީހާއެވެ. އަދި އަޅުވެތިކަމުގެ މާނައިގައި غلامی (ގުލާމީ) ބޭނުންކުރެއެވެ. ތާސްބައިގެ ދަރަޖަކުރުންތަކުގެ ތެރޭގައިވާ “ގުލާމު” ވެސް ފަރިހީގެ މާނައާއި ފުށު ނާރައެވެ. ގުލާމަކީ ތާސްބައިގެ ދަރަޖައިން ރަސްގެފާނުގެ ދަރުބާރުގެ އެންމެ ދަށެވެ. ރަސްގެފާނުގެ ދަށުން މަސައްކަތްކުރާމީހާއެވެ. މި ފަރިހީގެ ލިޔެވިފަިއިވާ އަސްލެއް ނެތެވެ. އެހެންކަމުން ބެލެވެން އޮތީ ކިޔާފައިވާ ފަރިހީގެ ކިޔުންތަކަށެވެ.

ގުލާބީ މާފުޅު ލިބޭނީ ގުދާރުބިންދައިގެން ދާވަރަށް މަސައްކަތްކޮށްގެނެވެ.

ހޮޅިލަޅުގެ ރާ ދަށުގައި ދޮޅިމަނުހިކި މޮޅިތަކެއް ލިބިގެނޭ

  • ފަރިހީގައި ކިޔަނީ “ހޮޅިލަޅުގެ” ރާ ދަށުގައި ކަމަށް އަޑުއަހާއިރު ހީވި ނަމަވެސް އަސްލަކީ “ހޮޅިލާޅުގެ ރާ ދަށުގައި”އެވެ.  ރާގަށް ފަސޭހައަށް ކުރުފިލިން ކިޔާފައިވަނީއެވެ. ހޮޅިލުމަކީ ބޮޑެތި ރާޅު ބިންދައިލާ ލަނބާލުމެވެ. “ދޮޅިމަނުހިކި” މި ބަސް ނިއުޅާލުމުން އެއީ “މަ ދޮޅި ނުހިކި” އެވެ. ގުލާބީ މާފުޅު ލިބޭނީ “ހޮޅިލާ ރާޅުގެ ދަށުގައި” މަ ދޮޅި ނުހިކި މޮޅިތަކެއް ލިބިގެނެވެ.

ހަލަމިކަމިޖަލަކު ތެރޭ ބަލިވެ ކަރުމަ ބަލަ ދެފައި ބެނދިގެނޭ

  • ހަލަމިކަމިޖަލަކު” ބަސްނިއުޅާލުމުން އެއީ “މިކަހަލަ މި ޖަލަކު”އެވެ. ގުލާބީ މާފުޅު ލިބޭނީ މިކަހަލަ ޖަލެއްގެތެރޭ ބަލިވެ، ކަރާއި ދެފައިވެސް ބެނދިގެނެވެ

ދިކުދިކުވެނިކުމެޑިސިކު ފިކުރުމަނެތި ހިކުމަތު ނިމިގެނޭ

  • ފަރިހީގެ މި ބަސްތައް ނިއުޅާލުމުން “ދިކުދިކުވެނިކުމެޑިސިކު” އަކީ “ކުދިކުދިވެ ސިކުނޑި ނިކުމެ” ފުރޮޅާފައިވާ ގޮތެވެ.  ގުލާބީމާފުޅު ލިބޭނީ ސިކުނޑި ކުދިކުދިވެ ހިކުމަތު ނިމިދާފަހުންނެވެ. ހޭބުއްދި ފިލާފަސްވެ ދާފަހުންނެވެ.

ވިލަތިދީމަގޭ މިތުރާ ގިލަނު މިހުރެ ޑިލަގޮމަފެޅިގެނޭ

  • ފަރިހީގެ ކިޔުމުގައި ކުރުފިއްޔަށް “ވިލަތިދި” މަގޭ މިތުރާ ކީ ނަމަވެސް، މިއީ “ވިލަތިދީމަގޭ” މިތުރާއެވެ. ބަސްނިއުޅުމުން ކިޔެނީ ދީލަތިވި މަގޭ މިތުރާއެވެ. މިބައިގެ ފަހަށް އޮތް “ޑިލަގޮމަފެޅިގެނޭ” އަކީ “މަ ލަގޮޑި ފެޅިގެނެވެ” މި ބަސްތަކުގެ ފުރޮޅުމެވެ. މަގޭ ދީލަތި މީތުރާއެވެ! ގުލާބީ މާފުޅު ލިބޭނީ ގިލަނުގައި ހުރެ ލަގޮނޑި ފަޅައިގެންދާފަހުންނެވެ. ނިހާޔަތުގެ ހިތްދަތިކަމަށް ފަހުގައެވެ.

ބިކަވެ ދުނިޔޭން މިތުރާ ށިކައެމުގުރި ނިކަމެތިވެވިގެނޭ

  • ގުލާބީމާފުޅު ލިބޭނީ ދުނިޔޭން ބިކަވެ ކަށި އެ މުގުރި ނިކަމެތިވެވިގެނެވެ. “ށިކައެމުގުރި” މި ފަރިހީގައިވާ އެންމެ ހާއްސަ ބަސްފުރޮޅުންކަމުގައި ދެކެމެވެ. ޖޭމް ދޮންކަމަނަ ކިޔާފައިވާ ފަރިހީގައި ވަނީ “ށިކައެމުގުރި” އެވެ. ފަރިހީގެ މިބައި އަޑު އަހާއިރު “ރިކައެމުގުރި” ކިޔާކަމަށް ހީވަނީ ށަވިޔަނީގެ އަސްލު އަޑު މައްދިވެހިކޮށް ކިޔުމުން ރ ގެ އަޑު ފާޅުވާހެން ހީވާތީއެވެ. “ށަވިޔަނި” ގެ މުސްކުޅިން އަޑުން ކިޔާފައިވާތީއެވެ. އަލީ ރަމީޒް ކިޔާފައިވަނީ “ޑިކައެމުގުރި”އެވެ. މިއީ ކިޔުމުގައިވާ ކުށެކެވެ. މިހިސާބުން ދިވެހި ބަހުގެ “ށ”ގެ އަޑުގެ މައްޗަށް ބަލައިލަން ޖެހެއެވެ.

ދިވެހި ބަހުގައި “ށަވިޔަނި” ގެ އަސްލު އަޑާއި ބެހޭގޮތުން ދިވެހި ބަހުގެ އެދުރު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ލިޔުއްވާފައިވަނީ:

“ށ” ގެ އަޑަކީ “ش”ގެ އަޑެއް ނޫނެވެ. އެއީ އެއް އަޑެއް ނަމަ ދިވެހިބަހުގައި ތާނައިގައި “ށ” އޮއްވައި “ސ”އެއްގައި 3 ނުކުތާ ޖަހައިގެން “ޝ”އެއް އުފައްދާކަށް ނުޖެހުނީސްތާއެވެ. “ش”ގެ އަޑަކީ ޢަރަބި ބަހުގައި ވެސް އިނގިރޭސި ބަހުގައިވެސް ދިވެހި ބަހުގައިވެސް އޮންނަ އަޑެކެވެ. މިސާލަކަށް “ހުޝިޔާރު” “NEVIGATION” “شـريعــة” ފަދަ ލަފުޒުތަކުން މިކަން ފާހަގަކުރެއްވޭނެ އެވެ. މި ދެ އަޑު (“ށ” އާއި “ޝ”) އޮއްވައި 1977  ގައި “ޜ” އުފެއްދީ އެއީ ވެސް ތަފާތު މަޚުރަޖެއް ކަމުގައި ވާތީއެވެ.

ކުރިން ދެންނެވި އެއްވެސް ލަފުޒެއް ލިޔާކަށް އަޅުގަނޑުމެން “ށ” ބޭނުމެއް ނުކުރަމުއެވެ. އެކަމަކު ބަށި، ފޮށި، ކަށަވަރު ފަދަ ލަފުޒުތައް އަޅުގަނޑުމެން ލިޔަނީ “ށ” ބޭނުންކޮށްގެންނެވެ. ނަމަވެސް “ށ” އާއި “ޝ” ގެ އަޑު ތަފާތުކޮށް ވިދާޅުވާން އެނގިވަޑައިގަންނަވާ ބޭފުޅުން ދާދި މަދެވެ”

މައްދިވެހި ށަވިޔަނީގެ އަޑު ދިވެހިންގެ ތެރެއިން އެކުގައި ހެން ގެއްލެމުން ދާއިރު ޖޭމް ދޮންކަމަނަ ކިޔާފައިވާ “ގުލާބީމާފުޅު” ފަރިހީގައިވާ ށަވިޔަނީގެ އަސްލު އަޑު ހިމެނޭ “ށިކައެމުގުރި” މި ތަންކޮޅަކީ ފަހުގެ ޖީލުތަކަށް ށަވަޔަނީގެ އަސްލު އަޑު އަރުޝީފުކުރެވުން ކަމުގައި ދެކެމެވެ. ށަވިޔަނީގެ އަސްލު އަޑު ފަހުން ދަސްކުރަން ބޭނުންވާ މީހުންނަށް ވެސް އަދި އެ އަޑު އަހަން ބޭނުންވާ މީހުންނަށް ވެސް ޖޭމް ދޮންކަމަނަގެ މި އަޑުކޮޅު މުހިންމު ކަމުގައި ދެކެމެވެ.


“ށިކައެމުގުރި” – ޖޭމްދޮންކަމަނަ

ށަވިޔަނީގެ އަޑާއި ބެހޭގޮތުން އިތުރަށް ލިޔުއްވަމުން ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ލިޔުއްވާފައިވަނީ:

“ށ”ގެ އަޑަކީ ވޮއިސްލެސް، ރިޓްރޮފްލެކްސް، ފްރިކަޓިވް އަޑެކެވެ. މި އަޑު އުފެއްދޭނީ ދުލުގެ ކޮޅުގެ ދަށްފުށް ގެންގޮސް އިލްވިޔުލާރ ރިޖް ގެ ފަހަތުބަޔާ ޖެހޭ ނުޖެހޭ ވަރަށް ކައިރިވެ ވޯކަލް ފޯލްޑްސް އަށް ލޮޅުން ނާރާ ގޮތަށް އަނގައިން ވައި ބޭރުކޮށްގެންނެވެ.

ވީމާ ފަންނީ ގޮތުންނާއި ޢިލްމީ ގޮތުން ބެލިޔަސް މިއީ ވަރަށް ތަފާތު ދެ އަޑުކަން އެބަ ސާބިތުވެ އެވެ. އެހެނވީމާ ދިވެހީންނަށް މި ޚާއްޞަ މަޚުރަޖު ޚިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މި ޖީލުގެ އަމާނާތެއްކަން ކަށަވަރެވެ. އެކަމަކު މި މަސައްކަތް ކާމިޔާބުވާނީ ޕްރީ ސްކޫލްތަކުގެ މުދައްރިސުންނާއި އެފަދަ ސްކޫލްތަކުގެ ވެރީން މިކަމަށް ވަރަށް ބޮޑު ސަމާލުމެއް ދެއްވައިގެންނެވެ. އަދި “ދިވެހިބަހުގެ އެކެޑަމީ” އާއި، ކުދީންނަށް އަކުރުދަސްކޮށްދޭ އޯޑިއޯ/ވީޑިއޯ އުފައްދަވާ ބޭފުޅުން ވެސް މި ޙަޤީޤަތްތައް ޤަބޫލުކުރައްވައިގެންނެވެ.

އާދޭހެވެ! މި ކަމަށް ސަމާލުކަން ދިނުން ލަސްކޮށްފިނަމަ “ދިވެހީންގެ ޚާއްޞަ މަޚުރަޖު ގެއްލެނީ އެވެ.”

ށަވިޔަނީގެ އަސްލު އަޑުގެ މުހިންމުކަމަށް ޓަކައި ތަފްސީލުގޮތެއްގައި ފަރިހީގެ މިބަޔަށް ބަލައިލެވިފައިވަނީއެވެ.

އޭނދަތުނިވީ މިތުރާ އޭރުމަހުރެ ހޭހަށިން ނެތިގެނޭ

ރޯސަހަމަގޭ މިތުރާ ރޯސަހަ ހުރެ ޖޯރުމަނެތިގެނޭ

  • ސަހަރޯ! މަގޭ މިތުރާއެވެ. ގުލާބީ މާފުޅު ލިބޭނީ މަގޭ ޖޯރުނެތިދާފަހުނެވެ.

ހިތާމައާއި ހިތްތަދިކަމުގެ ބޮޑުކަން ހާމަކުރުމަށް “ސަހަރޯ!” ބޭނުންކުރެވެއެވެ. މިނޫން އެހެން އެކި މާނައިގައި ވެސް ސަހަރޯ ބޭނުންކުރެވެއެވެ. ރީތިކަމާއި ފުރިހަމަކަން ފެނި ހައިރާން ވެގެން ވެސް “ސަހަރޯ” ބުނެއެޅެއެވެ. ރައިވަރާއި ފަރިހީގެ ބަސްފުރޮޅުމުގައި “ސަހަރޯ” މިބަސް “ރޯސަހަ” މިގޮތަށް ފުރޮޅާފައި ހުރުމަކީ އާއްމުކަމެކެވެ. މީގެ އެއް މިސާލަކީ “ބިރިކިސިންޑާ” ރައިވަރުބައިގައިވާ މި ރައިވަރެވެ.

އޯގާވެ އުޕަރުގާ
ޒޯ ގުނާތީ ފަހަރުދާ
ތޯ އެއީ ބިރިކިސިންޑާ
ލޯގަނޑު އަޅަމެ ދުރުބަލާ
ޚޯބުވެތި މަދަވިޔަސް ކުންނު
ރޯސަހަ ދާށި ހިތަކުން ނު (ސަހަރޯ ހިތަކުން ނުދާށި)

“ރޯސަހަ”ގެ އިތުރު މިސާލެއްގެ ގޮތުން މުސްކުޅި ފަރިއްސެއްގެ ބައިތެއް ހިމަނާލާނަމެވެ.

ހައިވާވަރުވެޔޭ އަމުދުން ބޯވަލުތެރޭގަ އުޅުމުން

ރޯސަހަ އެގުރާ ދިއުމުން، ވޯވަށުމަތިން އެރީމާ

ސާދާ ބަސްތަކަކުން ފުރޮޅާފައިވާ ހެދި މީހަކު އެނގެން ނެތް ގުލާބީމާފުޅު ފަރިއްސާއި މެދު ހިނިތުންވުމާއި ރުއިން ގެނައި ޒިކުރާތަކެއްގެ ނަންމަތީ ލިޔެނިމުނީއެވެ. ގުލާބީ މާފުޅު ލިބުންވަނީ ގުލާނުވެވިގެނެވެ. ހޮޅިލާ ނަގާ ރާޅުގެ ދަށުގައި ދޮޅި ނުހިކި މޮޅިތަކެއް ލިބިގެނެވެ. މި ކަހަލަ ލޯބީގެ ޖަލެއްގެ ތެރޭގައި ޤައިދުވެ ކަރާއި ދެފައި ބެނދި ސިކުނޑި ކުދިކުދިވެ ފިކުރާއި ހިކިމަތުވެސް ނިމިގެނެވެ. ގިލަނުގައި ހުރެ ހޯދަން އުޅޭ މީހާގެ ލަގޮނޑި ފެޅިގެނެވެ. ދުނިޔޭން ބިކަވެ ކަށިތައް މުގުރި ނިކަމެތިވެވި ހޭހަށިން ނެތިދާފަހުންނެވެ. ސަހަރޯއެވެ!

~

ހަވާލާ: ށ ގެ އަސްލު އަޑު، ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު

ހާއްސަ އެހީތެރިކަން: މުހައްމަދު ނާޖިހް، ދިވެހި ބަހާއި ތާރީޚް ދިރާސާކުރައްވާ ފަރާތެއް

ނޯޓް: އެއްވެސް ލިޔުމަކީ ފުރިހަމަ ލިޔުމެއް ނޫނެވެ. ލިޔުމެއް ފުރިހަމަ ވަނީ ފާޑުކިޔުންތަކާއި އެކު އަލުން އެކުލަވައިލުމުންނެވެ. ޅެންފަރިހީގެ ލިޔުންތައް މި ވެބްސައިޓްގައި ޝާއިއުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑު ލިޔަމުންދާ ދިވެހި އިހުގެ ޅެންފަރިހިރައިވަރު ފޮތަށް އިތުރު ފުރިހަމަކަމެއް ގެނައުމަށެވެ.

2 ކޮމެންޓު ”ފަރިހި – ގުލާބީމާފުޅު ލިބޭނީ ގުލާނުވެވިގެނޭ“

    ރަށިމީހާ

    ދިވެހި ބަހަށަ ޚިދުމަތް ކެރާ ޒުވާން ކޫދުން ވަރަހަ މަދޮ. ޝުކުރިއްޔާ ތިކެރާ ހިތްވަރަހަ. ފުވައްމުލަކި ބަހިއަސް އޮންނާ ނަވިޔަނި އާ ބެހޭ ގޮތެން ލިއުމަށް ލޭ ދެރެފީ ފަހެނާ ވަރަހަ ރަގަޅަ.

    Garrett Field

    ވަރަށް ބޮޑަށް ޝުކުރިއްޔާ