ޅެން: މުށުންދޫވި ޤުމްރީ

އަބްދުﷲ ފަހްމީދީދީ (އަބްދުﷲ ޖަލާލުއްދީން) ހައްދަވާފައިވާ މި ޅެމަކީ ވާހަކައެއް ހެން ކިޔާލެވޭ ފުރިހަމަ ލެމެކެވެ. ގުމްރީއަކީ ކޮތަރާއި ވައްތަރު ދޫންޏެކެވެ. އިނގިރޭސިން މި ދޫންޏަށް ކިޔަނީ “ޓާރޓްލް ޑޯވް”އެވެ. ވަލުކޮތަރުގެ ބާވަތެކެވެ.

~

މުށުންދޫވި ޤުމްރީ ވިފަދަ އަލި ޤަމަރް

ދުށުން އެދެމެ އަދި ސާފުކޮށް އެއްފަހަރް

ނުވާދެވަނަޔެއް އޭގެ އެއްތާކުގައި

ދުވާވަސްދެފިޔަފުޅުދަށުން މާވަހަރް

ނެރޭހައިނުވާ އޭގެ ފަދަޔެއް އެހެން

ތެރޭމުޅި ސުވޭހާއި މިޞްރުގެ ޝަހަރް

ކިޔާފަތިހުލަވަ ޤަޤްނަސީ ރާގުގައި

ހިޔާތަންތަނަށްވަދެ ކުރާހެން ޛިކުރް

ވިސާލެއްމަތީ ބުރިކަށީ ޢަބްޤަރީ

މިސާލަށް ކުރެހިފުޅުގެ ދޫނީ ނިމެރް

އަޅާފައިވާ އެވާ ޗާލު އުނަގަނޑުމަތީ

މަޅައިލާގޮތުން ސާފު ތިބްރުގެ ކަމަރް

މެޅެވިދާނެހެން ފަށްފަށުން ރަނުގެ ބަންދު

އެޅެވިފައިއެވާ ނަލަ ވަށައިގެން ގެކަރް

އުކައިފައިއޮތަސް ކާތަކެތި ތަންތަނަށް

ނުކާދެވަނަ އެއްޗެއް މެނޫނީ ކަދުރް

ކުނބޯލީގެ ޒާތަށް އުޅޭގަހު ކުރީ

ނުބޯފެން މެނޫނީ ގެގަންގާ ނަހަރް

ނިދާމާކުރީ ގަހުގެ ފިނިފެން އަރައި

ވިދާމާދުރަށް އޭގެ މަޙްމާ ޞަދުރް

ނުބައްދަލުވި ބުނުމާއި ޖެހިފައި ދެއެސް

ތުނބައްލެއްވިފައިވާ ޒަބަރުޖުދުގެ އުރް

ގަޔަށްހެޔޮވަރަށް ކެނޑެވިފައި ސުންދުސީ

ފަޔަށްލެވުނު ހަރުވާޅު މާޖެހިގެ ޒަރް

ވެލޯބީގެ ފުރިހަމަވިދެކަލީ ޞިފާތު

ދެލޯފަދަ ދެފިރޮޒް ކޯ ޒަންޖުފަރް

ވެފައި އިންނަރަތް ފަތުގެ ހީނާކުލައި

ދެފާއެޅެވި ތަކަހޮޅިގެ މަރްޖާނުހަރް

ވިދާ ދޮޅުދަމަށް އެއިގެހުޅި ނީލަމީ

ރިދާޔާއި ބިޖިލީގެ ދާއުދުހި އިރް

ދަރާލީ މަގެންއުދުހިދާ އިލޮށިކިރު

މަރައިފައި ވަރަށްނޫ ޒުމުއްރުދުގެ ޕަރް

ހުޅިންއޭގެ ދުންބުރުވިނަމަ އޮޑި މަހަށް

މުޅިން ދުރުވެދާ މަޑިތަކާ ތައްހިބަރް

ޖަހައްޓައިފިނަމަ އޭގެ ކޮޅުފަތްކަފީ

މަހަށްތޫނުވާ ކަނޑުތެރޭ އޮޑި ފަހަރް

ހަލަށްނަމަ އެޅީ ފަޅުފަޅާ އެއިގެ ލޭ

ގަލަށްބުރަކި މުގުރާން އަރާފަރުގެ ފަރް

ޔަކަށްބޮނޑި ވެހޭލާގެ އޭބަރަކަތުން

ތަކަށްބޯދި ހުއި ހޮނޑެލި ގާގަލުގެ ހަރް

ލޭވޭނަމައޮޑީ އޭގެނިޔަފަތި ތަވީދު

ބެވެޔެކެޔޮޅުކަން ފަހިވެގޮސް މާމިޔަރް

ދެވުންނެތިބޭސް އޭގެ މޭބިސްކުރަނޑި

ކެވުންނަމަވި ތިރިޔާޤް ކަމު މޮޅުޒަހަރް

ކަށީގާ އެދުނީގެވާ މޮޅުތަވީދު

ހަށީރައްކަލާ ގިނަތަކަށް ހިތުގެ ޑަރް

މިލާފާއޮތަސް އޭގެކެއުމުން ސިކުނޑި

ފިލާދާ މުޅިން ނެތިވެ ޅަކުދިންގެ ބިރް

ވިލައިފައި އެނަމަވެސް ކޮށީ ގޭތެރޭ

ފިލައިދާގެއިން މުޅި އެސިހްރުގެ އަސަރް

ދެތާކަށް ނުގޮސްނަމަ އެއިންތާކުގައި

އެތާކަށްނުވެސް ނޭޖެހޭ ބަދު ނަޒަރް

ބިތަށް އުދުހިދާތީ ދުށުންވެސް ހިޔަނި

ހަތަށްމާ އަސޭރަސްކަމަށް ވުރެ އިތުރް

ގޮވުންއެއިގެ އަޑު ޖެއްސިޔަސް ކަންފަތަށް

ބޮވުންފަދަވި ފުޅި ތިންހަތަރު ނަރުވިގަރް

ފަތެއް އޭގެލައި ބަޑިޔަކަށް ނަމައެޅީ

ހަތެއްދަށުވެ ލިބިދާށި އަބުރާ ޤަދަރް

މެޔާވިރި ހިތާފިތް އެޔާޖެދި ކަތުން

ހެޔާބުއްދި ނެތިގޮސް ވެދާ ބޭޚަބަރް

ޚިލާފެއްނުވާ އޭގެހެޔޮ އެއްދުށުން

ވިލާތުގެ ކަމަށްވުރެ މެވެރި ތިންހަތަރް

މިޔާމެދު ދިވާނާ މަވެއްޖައިމު އަދު

ޚިޔާލާތު ކޮށްކޮށް ބަދަލުކޮށް ފިކުރް

މިތަނގާ ހިތަށްދަތިވެފައި އަދު ވަމޭ

ހިތާމާގެ އަސަރުން މާގޭ ބޯވެ ބަރް

ލިބުން މީހަކަށް އޭގެ ފުރިހަމަ ނަޞީބް

މިބުންބާގެ ލިބިދާށި އަބުރާ ފަޚުރް

ޖަބީ ލިބުނުމުން ބުނަމެ ކުރުވަން ނަދުރު

ނަބިއްޔާގެ މައުލޫދު ވަންހާ ފިހުރް

މަލިންބޭކަލުން ލައްވަ ކިއުވާ ޛިކުރް

ވަލިއްޔާގެ ޙަބަޝީ އަރިހުގައި ޤަބުރް

 

ފޮޓޯ: އަހުމަދު ޒާހިރު