ރާއްޖެ އިސްލާމްވުމާއި ކެންދޫ މަގާމްގެ ވާހަކަ

ކެންދޫ

މާޅޮސްމަޑުލު ކެންދޫ އަކީ ދިވެހި ރާއްޖޭގެ ގަދީމީ ރަށްތަކުގެ ތެރެއިން އެއްރަށެވެ. އަދި ދިވެހި ރާއްޖޭގެ އިސްލާމީ ތާރީޚާއި ގުޅިފައިވާ މުހިންމު ރަށެކެވެ. މި ރަށުގައި ހުންނަ މަގާމަކީ ދިވެހި ރާއްޖޭގެ ތާރީޚާއި ގުޅިފައިވާ އަދި ދިވެހިންގެ ފަންނުވެރިކަން ދައްކުވައިދޭ މުހިންމު އާޘާރެކެވެ. އަބަދުވެސް ތަފްސީލުގޮތެއަގައި ލިޔެވޭ ތާރީޚަކީ ވެރި ރަށާއި ވެރިރަށުގައި ހިނގާ ކަންކަމުގެ ތާރީޚެވެ. އެއްވެސް ގައުމަކީ ވެރިރަށާއި ހަމައިން ފެށި އަދި ވެރިރަށާއި ހަމައިން ނިމޭ ގައުމެއް ނޫނެވެ. ކޮންމެ ގައުމެއްގެ ވެސް މާޒީވަނީ މުޅި ގައުމުގެ އެކި ރަށްތަކުގައެވެ.

ކެންދޫ މީހުންނަކީ ދިވެހި ރާއްޖޭގެ ރަސްކަމުގެ ކުރީ ކޮޅު ނުފޫޒްގަދަ ބާރުގަދަ ބައެއް ކަމަށް ތާރީޚީ ލިޔުންތަކުން ފެންނަން އެބަ ހުއްޓެވެ. ރާއްޖެ އިސްލާމްވުމަށް ފަހު ރަސްކަންކުރި ހަތަރު ވަނަ ރަސްގެފާން އައްސުލްޠާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގައި ފާމުލަދޭރިކަމުގައި ހުންނެވީ ކެންދޫ އުތުރު އާއިލާގެ އައިސިރެވެ. ފާމުލަދޭރިކަމަކީ ގަނޑުވަރުގެ ހަޒާނާ ބެލެހެއްޓުމުގެ ވަޒީރުކަމެވެ. މި ގަޑަނާދީއްތަ މަހާރަދުން ރަސްކަން ކުރައްވާފައިވަނީ މީލާދީން 1192 ވަނަ އަހަރުން 1198 ވަނަ އަހަރާއި ހަމައަށެވެ. މި ރަދުން 7 އަހަރު ރަސްކަން ކުރެއްވިއެވެ. މި ރަދުންގެ ރަސްކަމުގައި މިސްކިތްތައް ބިނާ ކުރައްވާ ޒީނަތްތެރިކުރެއްވިއެވެ.

ގަޑަނާދީއްތަ މަހާރަދުންނަށް ފަހު ތިން ވަނައަށް ރަސްކަން ކުރެއްވި އައްސުލްޠޯން ސިރީ ވައްލަދިޔޯ، ސިރީ ރާދޭސްވަރަ މަހާރަދުންގެ ރަސްކަމުގައި ވެސް ކެންދޫ އާއިލާއެއްގެ ވަޒީރަކު ހެންނެވި ކަމަށް އިހުގެ ލިޔުންތަކުގައި ވެއެވެ. މި ރަދުންގެ ރަސްކަމުގައި ވަޒީރަކަށް ހުންނެވި އެއްބޭފުޅަކީ “ކެންދޫގެ ހަދި (ޚާޖީ) އައިދިގެ ސުދެމިގިރިން” އެވެ. ކެންދޫގެ ހާޖީ އައިދިގެ ސުދެމިގިރިންއެވެ. ކުރީ ޒަމާނުގައި ހައްޖަށް ދިއުމަކީ އެންމެނަށް ފަސޭހަކަމެއް ނޫނެވެ. މިހެންކަމުން، ޒަމާނުއްސުރެ ރާއްޖޭގައި ހައްޖުވެގެން އަންނަ މީހުންގެ ނަމުގެ ކުރިއަށް “ޚާޖީ” މި ބަސް ބޭނުންކުރެވެއެވެ. ޚާޖީ ދިވެހި ބަހުން ލިޔާއިރު “ހަދި” މިގޮތަށް އިހުގެ ލިޔުންތަކުގައި ލިޔެވިފައި ހުރެއެވެ. މި ނަމުގައި އޮތް ކެންދޫގެ ހަދި އައިދި އަކީ އެޒަމާނުގައި ހައްޖަށް ދިޔަ މަދު މީހުންގެ ތެރެއިން މީހަކަށް ވެދާނެއެވެ. މި ހުރިހާ މަޢުލޫމާތުތައް ހިމަނާލުމުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ އިސްލާމީ ތާރިޚްއާއި އަދި އިހުގެ ވެރިކަމުގެ ތެރޭ ކެންދޫ މީހުންގެ ނުފޫޒް އޮތް މިންވަރު ބަޔާން ކުރުމެވެ. ރާދޭސްވަރަ މަހާރަދުން ރަސްކަން ކުރައްވާފައި ވަނީ މީލާދީން 1232 ވަނަ އަހަރުން 1257 ވަނަ އަހަރަށެވެ.

މިހާރު ކެންދޫގައި ތިބި މީހުންނަކީ ކެންދޫގެ އަސްލު ވަޒަންވެރިންނާއި ބ. ލުންފަރެސް ފަޅުކޮށްފައި ފޭބި މީހުންކަމަށް ވެއެވެ.

ކެންދޫ މަގާމް

ކެންދޫ މަގާމަކީ ޒަމާނުއްސުރެ ރަނގަޅަށް ބެލެހެއްޓެމުން އަންނަ ތަނެކެވެ. މިއީ ޒިޔާރަތެއް ނޫނެވެ. މިތަނުގައި އެއްވެސް މީހަކު ވަޅުލެވިފައި ނުވެއެވެ. މި ބާވަތުގެ ތަނެއްގެ އެހެން މިސާލަކީ މާލޭ ލޮނު ޒިޔާރަތްކޮޅުގައި އިހުގައި ހުރި އަދި ނާސިރު ދައުރުގައި އައި “ދުވަސްވީ ތަންތަން ތެޅުމުގެ” އޮއެވަރެއްގައި ނެތިގެންދިޔަ އަލްހާފިޟް ޔޫސުފް ނަޖީބުލް ހަބަޝީ (ހަބަޝީގެފާނު)ގެ މަގާމެވެ. ނަޖީބުލް ހަބަޝީގެ ޒިޔާރަތް ވަނީ ފާދިއްޕޮޅު ލޯކުރެންދޫގައެވެ. މިއީ މަޝްހޫރު ލޯކުރެންދޫ ޒިޔާރަތެވެ. ހަބްޝީގެފާނާއި ގުޅުވައިގެން ހަދާފައިވާ މަގާމް ހުރީ މާލޭގައެވެ. ނަޖީބުލް ހަބަޝީއަކީ އެފްރިކާގެ ހަބުޝްކަރަ، މިހާރުގެ އިތިއޯޕިއާގެ ބޭކަލެކެވެ. ނަޖީބުލް ހަބަޝީ ރާއްޖެ އައިސްފައިވަނީ އެފްރިކާގެ ވިޔަފާރި ނަވަކުންނެވެ. އަދި މާލޭގައި ހުންނެވި ހުންނެވުމުގައި ރޭއަޅުކަން ކުރައްވާ އުޅުއްވީ މާލޭ އިރުމަތީ ފަރާތުގައެވެ. ފަހުން ނަޖީބުލް ހަބަޝީގެ މަގާމް ބިނާކުރެވުނީ އެތަނުގައެވެ.

މި ނަޖީބުލް ހަބަޝީއާއި ގުޅޭ ޒިޔާރަތެއް ބ. އައިދޫގައި ވެސް ހުރެއެވެ. ނަމަވެސް މިހާރު އެތަން ވަނީ ވީރާނާވެ ނެތިގޮހެވެ. އައިދޫ ޒިޔާރަތުގައި ވަރަށް ދިގު ދިދަ ދަނޑިއެއް ހުންނަކަމަށް ވެއެވެ. މި ދިދަ ދަނޑި ފަހުން ގެންގޮސްފައިވަނީ ބ. އޭދަފުއްޓަށެވެ. އައިދޫއަކީ ބ. ހަނިފަރާ ދިމާ ބޭރުން އޮންނަ ފަޅު ރަށެކެވެ. ޒަމާނުއްސުރެ މިއީ ބަރަކާތްތެރި ރަށެއްގެ ގޮތުގައި އެއިރުގެ މީހުން ދެކެއެވެ. އެ ރަށެއްގެ ނަން ބުނުމުން މީހުން ބިރުގަނެ ޖެހިލުންވާ ރަށެއްވެސް މެއެވެ.

މާލޭ ލޮނުޒިޔާރްކޮޅުގައި ހުރި ހަބްޝީގެފާންގެ މަގާމް. ފޮޓޯ: 1950ގެ އަހަރުތައް

ތާރީޚީ މިފަދަ ކޮންމެ ބިނާއަކާއި ގުޅުވައިގެން ވެސް ދޫދޫމަތިން ނަގުލުވެގެން އަންނަ ވާހަކަތައް ދިވެހިންގެ ތެރޭގައި ކިޔާ އުޅެއެވެ. މި ފަދަ ގިނަ ވާހަކަތަކީ އޭގެ އަސްލު އޮޅި ހަގީގަތާއި ނުބައްދަލު އެތައް ކަމެއްވެސް އޭގެ ތެރޭގައި ހިމެނިގެން އެއްޒަމާނުން އަނެއް ޒަމާނަށް ދޫދޫމަތިން ހިނގާފައިވާ ވާހަކަތަކެވެ. މިފަދަ ވާހަކަތައް އެއްކޮށް ލިޔެވި ރައްކާކުރުމަކީ މުހިންމުކަމަކަށް ވަނީ އެބައެއްގެ ދިރިއުޅުމާއި އާދަކާދަ އިހު ހުރި ގޮތް ފަހަށް އަންނަން ތިބި މީހުންނަށް ވެސް ބުނެދިނުމެވެ. އަދި އިލްމީ ގޮތެއްގައި ބަހާއި ތާރީޚް އަދި ސަގާފަތުގެ މައްޗަށް ކިޔާވާ ކުދިންގެ މައުލޫމާތަށްޓަކައި ވެސް މެއެވެ.

ކެންދޫ މަގާމްއާއި ބެހޭގޮތުން ވެސް މުސްކުޅިން ކިޔާ އުޅޭ ވާހަކަތަކުގެ ތެރޭގައި ތަފާތުތަކެއް ހުރި ނަމަވެސް، މައިގަނޑަކީ އެއް ވާހަކައެކެވެ. އޮޑިއަކުން އެ ރަށަށް އަރާ މަޑުކުރި މީހެއްގެ ވާހަކައާއި އެމީހާގެ ކިބައިން އެ ރަށުގެ މީހުންނަށް އިސްލާމީ ހިދާޔަތުގެ އަލިކަން ލިބުނު ގޮތުގެ ވާހަކައެވެ. އަދި އެ ޒަމާނުއްސުރެ ބަލަހައްޓަމުން އަންނަ މަގާމެއްގެ ވާހަކައެވެ. 800 އެތައް އަހަރެއްގެ ކުރީގެ ހިނގާދިޔަ ކަމެއްގެ ވާހަކަ އެކި މީހުން ކިޔާ އިރު ގިނަ ތަފާތުތަކެއް ހުރެދާނެއެވެ. ރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާއި މެދު ތާރީޚް ލިޔާ މީހުންގެ މެދުގައި ޚިލާފްތަކެއް ހިނގައެވެ. އެހެންކަމުން، މި ވާހަކަތައް ވެސް އެ ބަހުސްގެ ތެރެއަށް މުހިންމުވާނެ ކަމަށް ފެެނެއެވެ. ރާއްޖޭގެ އިސްލާމީ ތާރީޚްއާއި ގުޅިފައިވާ އެންމެ މުހިންމު އެއް ރަށަކީ ކެންދޫއެވެ.

ކެންދޫ މަގާމްގެ ވާހަކަ: ކެންދޫ ގާޒީ ބަކުރު ކިޔާދެއްވި ގޮތް

މަގާމްއާއި ބެހޭގޮތުން ބުނެވެނީ، އެއީ މާލެ ދަތުރުކުރާ އޮޑިއަކުން ކެންދޫއަށް ވަޑައިގަތް ބޭކަލަކާއި ގުޅިފައިވާތަނެއް ކަމުގައެވެ. އެއީ ކިނޮޅަހު އޮޑިއެއް ކަމަށް ވެސް ކިޔާ އުޅެއެވެ. މާލެ ދިޔަ މަގުމަތީ ކެންދޫގައި މަޑުކޮށްފައި ރަށުގައި މަޑުކުރީއެވެ. އެ އޮޑި ކެންދޫއަށް ލަފާފައި މި ބޭކަލަކު އެރަށަށް ބާލަފައި ދިޔައީއެވެ. އިރުވައި ފާންވެފައި އޮންނަ އިރު، މަޑު އިރު ކެންދޫ މީހުން މަހަކަށް ނުފުރައެވެ. އެ ޒަމާނުގައި ދުއްވަނީ ފަންރިޔާލުގައެވެ. ކަނޑުމަސްބާނަން އިރުވައި ފާންގައި ފަލި ޖަހާފައި ދާން ޖެހެނީ ދުރަށެވެ.  މޫސުން މިހެން އޮންނަ ދުވަސްވަރު ރަށު ބޭރަށް ކަނދުފަތި ބަނދެގެން ކަނދުފަތީގައި ފަރުމަސް ބާނަން ކެންދޫ މީހުން އޭރު ނިކުމެއެޅެއެވެ. ކެންދޫއަށް އެބޭކަލަަކު އައީ މިހެން ރަށު ބޭރުފަރާތުގައި ކަނދުފަތިތަކުގައި ރަށު މީހުން ފަރުމަސް ބާނަން އުޅުނު ދުވަހެއްގައި ކަމަށް ވެއެވެ. އޭރު ކަނދުފަތިތައް ނެރެ މަހަށް ދާން ތައްޔާރަށް ރަށުގެ މީހުން ގޮޑުދޮށުގައި އުޅެއެވެ. އޮޑިން ފައިބައިގެން އެ ބޭކަލަކު ގޮނޑުދޮށުން އައިސް ކަނދުފަތިތައް ކައިރިއަށް ގޮސް މަހަށް ގެންދާށޭ ބުންޏެވެ. ކަނދުފަތިތައް ކައިރީ ތިބި މީހުން އެބޭކަލަކަށް ތަންކޮޅެއް ދުރުން ރަކައިކަލޯ ކިޔާ މީހެއް ދައްކާފައި އެހެރަ އުޅެނީ ކަނދުފަތިތައް ދޮށުގަ އެކަނި ހުރި މީހެކޭ ބުންޏެވެ. ދެން އެބޭކަލަކު ރަކައިކަލޯ ކައިރިއަށް ގޮސް މަސްބާނަން ދާން ކަނދުފައްޗަށް އަރުވަދޭށޭ ބުނުމުން އެބޭކަލަކު ކަނދުފައްޗަށް އަރުވަން ރަކައިކަލޯ އެއްބަސް ވެއްޖެއެވެ. ދެން ރަކައިކަލޯ އާއި އެ ބޭކަލަކު ކަނދުފަތީގައި ފަރުމަސް ބާނަން ރަށު ބޭރަށް ނިކުމެއްޖެއެވެ.

ގިނަބަޔަކު ކަނދުފަތީގައި މަހަށް ނިކުމެ އުޅުނެވެ. ރަކައިކަލޯ އަށް ލިބުނީ އެންމެ އުތުރެވެ. ދެން އެންމެ އުތުރު ކަނު ފަރާތުގައި ކަނދުފަތި އަޅާ މަސްބޭނުމުގެ ކަންތަކާއި ރަކައިކަލޯ އުޅެގެންފިއެވެ. އެހިސާބުން އެބޭކަލަކު ކަނދުފަތީގައި އިންނަވާފައި ރަކައިކަލޯ ކައިރީ ބަސްމާނަށް ނަނު ދޭން ބުނެފިއެވެ. ރަކައިކަލޯ ހީލާފައި ޖަވާބު ދިނީ ބޭބެއަށް މަސްބާނަށް އިނގޭ ހެއްޔެވެ؟ އެބޭކަލަކު އާއެކޭ އެނގެއޭ ދެން ނަނު ދޭށޭ ބުނުމުން ރަކައިކަލޯ އެބޭކަލަކަށް ނަނު ދީފިއެވެ. ދެން އެބޭކަލަކު އެން އަޅާފައި ކަނޑަށް ނަނު އެއްލާފައި ދަމާ ނެގީ ކަޅުބިލަމަހެކެވެ. ކަޅުބިލަބަހަކީ ދޮށީގައި ބާނާމަހެއް ކަމުން ރަކައިކަލޯ ހައިރާންވެފައި ބަލަން ހުއްްޓެވެ. ދޮށީގައި ބާނާ ކަޅުބިލަމަސް ކަނދުފަތީގައި ފަރުމަސް ބާނަން ނިކުމެ ނަނުގައި މި ބޭބެ ބާނާ ތަން މަހަށް ނިކުމެ އުޅުނު އެހެން ކަނދުފަތިތަކުގައި ތިބި މީހުންނަށް ވެސް ފެނިއްޖެއެވެ. އޭރުވެސް މިބޭކަލަަކު ދަނީ ނަނުގައި ކަޅުބިލަމަސް ބާނާ ކަނދުފަތިީގައި ހުރި މަސްއަޅާ ފޮށިގަނޑު ފުރަމުންނެވެ.

މަސްބާނާ ނިމިގެން އެބޭކަލަަކު ރަކައިކަލޯ އާއި އެކު ކަނދުފަތީގައި ގޮނޑުދޮށަށް އައުމުން ގޮނޑުދޮށުގައި ތިބި މީހުން ބޭނީ ކޮންކަހަލަ މަހެއްތޯ އަހައިފިއެވެ. ބުނީމަ އެބޭކަލަކު ދެންނެވީ ރޮނގު ދަމާފައި ހުރި ކަޅުބިލަމަސް ކަމުގައެވެ. ދެން އެކި މީހުން އައިސް މަސްދޭން ރަކައިކަލޯއާއި ދެމީހުން ކައިރީ އަހައެވެ. މީހުންތައް މަސް ބޭނުންވެގެން ވިއްކަން ބުނީމަ އެބޭކަލަަކު ރަކައިކަލޯ ކައިރީ ވިއްކާނެ ކަމެއް ނެތޭ އަހަރެން ބުނާ އެއްޗެއް ކިޔާށޭ އެ މީހުން ކައިރީ ބުނުދޭން އެދުނެވެ. އެހެން ކިޔާ ކޮންމެ މީހަކަށް މަހެއް ދޭށޭ ރަކައިކަލޯ ކައިރީ އެބޭކަލަކު ބުންޏެވެ. ދެން ރަކައިކަލޯ ކިޔަންވީ ކޯޗެއް ހޭ އަހަފިއެވެ. އެހީމަ ވިދާޅުވީ لا إله إلا الله ކިޔުމަށެވެ. ދެން ރަކައިކަލޯ ނޭނގޭނޭ ކިޔަން ބުނީމަ ބުނީ ލާ އެއް ގެންނާށޭ، ލާއަކީ އެއްކޮޅަށް ފަލަކޮށް އޮންނަ ދަގަނޑެކެވެ. ދެން ލާ ގެނައީމަ އަތް ފޯރާފަށުގަ ހުރި ރުކެއްގެ އިލާ ކޮޅު ލާގަ އައްސާފައި ކިޔަން ބުންޏެވެ. މިއީ އަރަބި ބަހުން އަލަށް ކިޔަން ޖެހުމުން ރަށުގެ މީހުންނަށް އުނދަގޫ ވުމުން ފަސޭހައިން ކިޔަން ދަސްކޮށްދިންގޮތެވެ. މިގޮތަށް ކިޔާދީގެން ދަސްވި އެންމެންނަށް މަސްދީފިއެވެ. ރަނގަޅަށް ކިޔަން ނޭނގުނު މީހުނަށްވެސް ހިސާބަކަށް މަސް ދިނެވެ.

މީހުންނަށް މަސްބަހާ އަވަދިވެ ކަނދުފަތި ސާފުކޮށް ނިމުނު އިރު އިރުއޮއްސި އަނދިރި ވެއްޖެއެވެ. ރަކައިކަލޯ އެބޭކަލަކާއި ދިމާއަށް ދެން ގެއަށް ހިންގަވާށޭ ބުނެފިއެވެ. ރަކައިކަލޯ އާއި އެކު ގެއަށް ދިއުމަށް އެދުމުން އެބޭކަލަކު ދެކޮޅު ހަދާ ނުދާނަމޭ ބުނެފިއެވެ. މިއޮއް ރީތި ހަނދުވަރު ދޭ އިރު ގަ އަހަރެން ހުންނާނީ މިތާނގައޭ އެބޭކަލަކު ރަކައިކަލޯ އަށް ބުންޏެވެ. ދެން ރަކައިކަލޯ އެބޭކަލަކު ބަހައްޓާފައި ދުރަށް ހިނގައްޖެއެވެ. އެބޭކަލަކު ރީތި ނަލަ ދޮންވެލިގަނޑު މަތީ ހުރީއެވެ. ރަށަށް ފައިބާ ހުރީ އާދަޔާ ހިލާފު މީހެއްކަން ރަށުގެ މީހުންނަށް އެނގުމުން އެ މީހާ ކުރަނީ ކީއްތޯ ސިއްރުން ބަލަން އެކި މީހުން އައިސް އުޅެއެވެ. ރަކައިކަލޯ ވެސް މި މަންޒަރު ބަލަން ހުއްޓެވެ. އެބޭކަލަކު ދޮންވެލި ގަނޑުމަތީ ގުދުވެ ގުދުވެފައި ތެދުވެ ތެދުވެފައި އުޅޭތަން އެމީހުންނަށް ފެނެއެވެ. ހުދު ސާލެއް ގައިގައި އަޅާތީވެސް ފެނެއެވެ. ރޭގަނޑު އެބޭކަލަކު ހޭދަކުރީ ހަނދުވަރުގައި ސާފު ދޮންވެލިގަނޑުމަތީ އަޅުކަމުގައެވެ.

ހެނދުނު ހޭލައިގެން ރަކައިކަލޯ ކުރުނބައެއް ހިފައިގެން އެބޭކަލަކު ހުންނަވާ ސާފު ދޮންވެލި ފަސްގަނޑަށް ހިނގައްޖެއެވެ. ދެން އެ ކުރުނބަލުން ފެންފޮދެއް ބައްލަވާފައި އެބޭކަލަކު ރަކައިކަލޯ އާއި ދީމައަށް މީގެ ފެން އެހާ މީރެެއް ނޫނޭ ބުނެ ރަކައިކަލޯ ގޮވައިގެން އެހެން ރުކަކާއި ދިމާއަށް ހިނގައިގަތެވެ. އަދި ރުއްއަރާ މީހާއަށް 4 ބައިކޮށްފަ އެއްބައި އޮންނާނެ ނުންހޭ ބުންޏެވެ. އަދި ރުކެއް ދައްކާފައި އެރުކަށް އެރުމަށް ބުންޏެވެ. ރަކައިކަލޯ އެރުކަށް އަރާ ކުރުނބާ އަޅައިގެން ގެނައީމަ އޭގެ ފެން ހިއްޕާވާފައި އެބޭކަލަކު ބުނިކަމަށް ވަނީ “ހާދަހާ މީރޭ. މިޔަށް މިއީ ހަކުރު އަޅާފައިހޭ” ދެން ރަކައިކަލޯ ނޫނެކޭ ހަމަ ރުކުން އަޅާއިގެން ގެނައިގޮތަށޭ ބުނީމަ އެބޭކަލަކު ބުނިކަމަށް ވަނީ “ހީވަނީ ފަނިފޮދެއް ހެންނޭ. މިއީ ފަނިކެންދޫތާއޭ”އެވެ. އޭގެ ފަހުގައި ކެންދޫއަށް ފަނިކެންދޫ ކިޔާވެސް އުޅެއެވެ. ރަކައިކަލޯ އެޅީ ފެހި ކުލައިގެ ރުކުގެ ކުރުނބަލެވެ. މިހާރުވެސް ކެންދޫގައި ފެހިކުލައިގެ ރުއްރުއް އެއީ ވަރަށް ފޮނި ފެންމީރު ރުއްރުކެވެ.

އެބޭކަލަކު ކެންދޫގައި 8 ވަރަކަށް ދުވަހު މިގޮތަށް ހުންނެވިއެވެ. އެ ހުންނެވި ދުވަސްތަކުގައި ކެންދޫ މީހުން ބޭރުން އައި އެބޭކަލަކު ދޮންވެލިގަނޑުމަތީ ނަމާދުކުރަން ހުންނަވާތާ މެހެމާންދާރީ އަދާކުރުމުގެ ގޮތުން ދަނޑިފަނުން އުނދޯލި އެލުވާފައި ކުޑަ ގެކޮގަނޑެއް އެޅިއެވެ. ފަހުން އެބޭކަލަކު ހުންނެވީ މާލެ ފުރަންދެން ދޮންވެލިގަނޑު މަތީ ދަނޑިފަނުން ހެދި ގޭގައެވެ. ނަމާދުކުރައްވާ ނިދަނީ ވެސް އެތާނގައެވެ.

އެބޭކަލަކު ރަށުގައި ހުރި ދުވަސްތަކުގައި ކުރާ އަޅުކަން ފެނި ރަށުގެ މީހުން އެ ވާހަކައިން އެބޭކަލަކަށް ސުވާލުކުރިއެވެ. ސުވާލުކުރުމުން ބުނުއްވީ އެ އަޅުކަމަކީ ނަމާދު ކަމުގައެވެ. އަދި ކަލޭމެން އެންމެން ވެސް އިސްލާމް ވާށޭ ކަލޭމެން މިހާރު ތިއުޅޭ ގޮތަށް އުޅުނީމަ ދާނީ އަލިފާންގަނޑަކަށޭ އެބޭކަލަކު ބުންޏެވެ. ދެން ދީނުގެ ވާހަކައިން އިތުރަށް ރަށުގެ މީހުންނަށް ކިޔާދީ، ދީނުގެ ކަންކަން ދަސްވީމައި ކެންދޫ ބޭރުންލާފައި ދިޔަ މާލެ ދަތުރުކުރާ އޮޑިއެއް ކެންދޫއާ ގާތްކުރުމުން އެ އޮޑިއަށް އަރާ މާލެ ހިނގައްޖެެއެވެ.

މާލެ ފައިބާ އެބޭކަލަކު ހުންނެވީ މާލޭ ދެކުނުފަރާތުގައެވެ. އެއީ އެއިރު މީހުން މަދު ހިސާބެކެވެ. ދެން މާލެފައިބާ މިހެން އުޅުއްވަނިކޮށް އެހިސާބު ފަގީރު ދައިތައެއްގެ ގޭގައި މީހުން ރޯ އަަޑު އެ ބޭކަލަކަށް އިވިއްޖެއެވެ. ދެން އެބޭކަލަކު އެގޭ ދައިތަ ކައިރިއަށް ގޮސް ވެގެން އުޅެނީ ކީއްތޯ އަހަފިއެވެ. އެ ދައިތަ ދެރަވެފައި މިރަށަށް ކޮންމެ މަހަކު ރަންނަމާރި ކިޔާ ބޮޑު ޖިންނި ފުރޭތައެއް އަރާ ވާހަކަ އެބޭކަލަކަށް ދެންނެވިއެވެ. އަދި އެ ފުރޭތަ އަރާ އިރު ރަށުން ބިކުރުވެރި އަންހެން ކުއްޖެއް ގެންދަން ޖެހޭ ވާހަކަ އާއި ފޭލިގެއެއް ހަދާފައި އެތަނަށް އެކުއްޖާ ލާފައި ބައިންދަން ޖެހޭ ވާހަކަ ކިޔައިދީފިއެވެ. އެ ފުރޭތަ އަރާ އެކުއްޖާގެ ލޭބޯލާ ދާއިރު ދަނީ ކާލާފައި ކަމުގަ އެދައިތަ ކިޔާދިނެވެ. މި ރޮނީ މި މަހަށް ދައިތަގެ އަންހެން ކުއްޖާ ގެންދަން ޖެހިގެންނޭ އިރު އޮއްސުމުން ގަނޑުވަރުން ބަލާ އަންނާނޭ ބުނެ ރޮއެގަތެވެ.

މި ވާހަކަތައް އެ ދައިތަ ކިޔާ ދިނުމުން އެބޭކަލަކު ނިންމީ ދައިތަގެ ކުއްޖާއާއި އެކު މިރޭ ފޭލިގެއަށް ދިޔުމަށެވެ. ގަނޑުވަރުން ބަލާ އައުމުން ކުއްޖާ އާއި އެކު އެބޭކަލަކު ވެސް ފޭލިގެއަށް ދިޔައީއެވެ. ފޭލިގެއަށް ވަން ގޮތަށް އެބޭކަލަކު ފެށީ ކިޔަވާށެވެ. ކިޔަވައި ކިޔަވައި ހުއްޓާ އެތާ ކަނޑުން ދިއްލާލާފައި ނަވެއް އައިސް އެދިމާގައި ޖެއްސިއެވެ. ނަވަކީ އެ އެރި އެއްޗެވެ. އެ އެތި އަރާ އިރު ސިފަވަނީ މުޅި ކަނޑު ދިއްލާލާފައި ނަވެއް ގާތްކުރާހެންނެވެ. ދެން އެ އެތި ކަނޑުން އަރާ ފޭލިގެއާއި ދިމާލުގައި ހުއްޓި ހުރެއްޖެއެވެ. ފޭލިގެތެރެއަށް ވަންނާކަށް ނުކެރެއެވެ. ދެން މުޅި ރޭ ކިޔެވުމުގައި ގޮސް ފަޖުރުލާން ކައިރިވީމައި އެބޭކަލަކު ފޭލިގެތެރެއިން އެ ފުރޭތަ ކައިރީ ކަލޭ އެތެރެއަށް ވަންނަންވީ ނޫންހޭ ތިހުންނަނީ ކީއްވެފައި ހޭ އަހައިފިއެވެ. އެ ފުރޭތަ ތި ކިޔަވަނީ ކޯޗެއްހޭ އެބޭކަލަކުގެ ކައިރީ އަހައިފިއެވެ. ތިޔަ ކިޔަވާ އެއްޗެއްގެ އަޑު އިވިފައި މި ހުންނަނީ ހުއްޓިފައޭ އެތެރެއަށް ވަންނަންވެސް ދާންވެސް ނުކެރިފައޭ އަދި ތިއީ އަންހެނެއްގެ އަޑެއްވެސް ނޫނޭ ކަނޑުން އެރި އެތި އެބޭކަލަކާއި ދިމާއަށް ބުންޏެވެ.

ދެން އެބޭކަލަކު ބުނެފިއޭ ކަލޭ ކޮންމެ މަހަކު މިރަށުން އެބަ އަންހެން ކުއްޖަކު ޝިކާރަ ކުރަމުނޫންހޭ، ކިހާ ނުބައި ކަމެއްހޭ، ދެން ނުމެރޭނޭ ބުނެ ޒުވާބުދީފިއެވެ. މި ޒުވާބުގައި އިރު އަރަން ކައިރިވީމައި އެބޭކަލަކު އެ ފުރޭތައަށް ދެން މިރަށަށް އަރައިގެން ނުވާނެކަމަށް އެންގިއެވެ. އެ ފުރޭތަ ދެން ނާރާނަމޭ ބުނެފިއެވެ. ދެން އޮންނާނީ އަހަރެންގެ ވެރިކަމޭ އެބޭކަލަކު އެ ފުރޭތަ ކައިރީ ބުންޏެވެ. އެހެން ބުނުމުން އެއި ކިހިނެއްހޭ ކަނޑުން އެރި ފުރޭތަ އެހިއެވެ. ކޮންމެ ރެޔަކު އިރު އޮއްސި އަނދިރިވުމުން މިރަށުން ބެރެއްގެ އަޑު އިވޭނެ ކަމަށާއި އެ ބެރުގެ އަޑު އިވޭހާ ހިނދަކު އެއީ ތިމަންގެ ވެރިކަަމޭ އެބޭކަލަކު ކަނޑުން އަރާ ފުރޭތައަށް އެންގިއެވެ. މިބެރަކީ ނާބައެވެ. ނާބައަކީ މަޤްރިބް ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގިވާ ނިމުމާއި ވިދިގެން ނާބުސްޚާނުން ޖަހައި އުޅުނު ބެރެކެވެ

ކޮންމެ މަހެއްގެ އާދައިގެ މަތިން ކަނޑުފުރޭތަ އަރާ ލޭބޮއެ މަރާލާ ކުއްޖާ ވަޅުލަން ހެނދުނު މީހުން ދިޔަ އިރު އެ ކުއްޖާއެއް ނެތެވެ. އެބޭކަލަކު އޭރު ހުރީ ފޭލިގެތެރޭގައެވެ. ދެން މި މީހުން އެބޭކަލަކު ކައިރީ ކުއްޖާ ކޮބައިތޯ އަހައިފިއެވެ. މިހިސާބުން އެމީހުންނަށް އެ ކުއްޖާގެ ބަދަލުގައި ރޭގައި ފޭލިގޭގައި ހުރީ މިބޭކަލަކުކަން އެނގިއްޖެއެވެ. މި ހަބަރު ރަސްގެފާނާއި ހަމައަށް ދިއުމުން ރަސްގެފާން އެބޭކަލަކަށް ދައުވަތުދީ ގަނޑުވަރަށް ގެނެސް އެރޭ ކަން ހިނގާދިޔަގޮތް ކިޔާދިނުމަށް އެދުނެވެ. އެބޭކަލަކު ރަސްގެފާނަށް ދެންނެވީ މިއީ އިސްލާމް ދީނުގައި ހުރި ގޮތްކަމަށެވެ. ކަނޑުން އެރި ފުރޭތަ ކިބައިން ސަލާމްތްކޮށްދިނީ އިސްލާމް ދީނުން އުނގެނިފައިވާ އެއްޗެއްގެ ބޭނުން ހިފައިގެންކަމަށެވެ. ދެން ރަސްގެފާނު ވެސް އިސްލާމްދީން ގަބުލުކުރުމަށް އެބޭކަލަކު ރަސްގެފާނަށް ދެންނެވިއެވެ. މިކަންކަމާއި މެދު ވިސްނުމަށް ފަހު އޭގެ އަނެއް ދުވަހު އެބޭކަލެއްގެ އަތްޕުޅު މައްޗަށް ރަސްގެފާން އިސްލާމްވެއްޖެއެވެ. އެ ރަސްގެފާން ގެ ނަމަކީ ކޮއިމަލާ ޝަނިވިރާޒާއެވެ.

~

މިހިސާބުން ކެންދޫ ޤާޒީ ބަކުރު މި ވާހަކަ ކިޔާދެއްވި ގޮތަށް ލިޔެ ނިމުނީއެވެ. تَمَّتْ

ދެން މި ނަކަލު ކުރާ ލިޔުމަކީ ކެންދޫ ދޮން ޔޫސުބް ކެންދޫ މަގާމާއާއި ބެހޭގޮތުން އެއްކުރައްވާފައިވާ މަޢުލޫމާތުން ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެވެ.

ކެންދޫ މަގާމްގެ ވާހަކަ: ކެންދޫ ދޮން ޔޫސުބް ލިޔުއްވާފައިވާ ގޮތް

މި މަޢުލޫމާތަކީ އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެ، އެއީ 1940 ހާނތާގައި ރަށުގައި ތިއްބަވާ ދުރު ހަނދާންތައް ހުންނަ އަދި ކަންކަމާ ދޭތެރޭ ފިކުރާއި ހިޔާލްކުރާ ތެދުވެރި ވަފާތެރި މުސްކުޅި ބޭބޭކަލުންނާއި ކަނބަލުންގެ ފަރާތުން އަޅުގަނޑު އަހައި އޮޅުންފިލުވާފައިވާ ޚަބަރުތަކެވެ.

އާދެ، މި ދަންނަވާ ތަބްރޭޒްގެފާން ކެންދޫއަށް ވަޑައިގަތްކަމަށް ބުނެވެނީ، ރާއްޖެއިން ބޭރުކަރައިން ވިޔަފާރިކަމު އައި ނައުޒޯގުފަހަރުން ކުރެ ނައުޒޯގަކުންނެވެ.

ކެންދޫއަށް ވަޑައިގެން މަޑުކޮށްލަންބޭނުން ފުޅުވާތީ ހުންނާނޭ ގެއެއް ވޭތޯ ހިންގެވި ހިންގެވުމުން، ކުޑަވަރެއްގެ ފިރިހެން ކުއްޖަކުގޮވައިގެން އުޅޭ ފިރިމަރުވެފައި އިން އަންހެނަކު މިގޭގައި ހުރެވެދާނޭ އެކަމަކު އަޅުގަނޑަކީ މި ރަށުގައި ނެތްވަރު ފަގީރެކޭ ލައިގެން ކާނޭ މަސްކޮޅެއްވެސް ލިބެނީ ވަރަށް މަދު ދުވަހަކު ރަށުމީހުން ކަނދުފަތިތަކުގައި ނުކުމެ ތޮށިމަތިން ބާނައިގެން ގެންނަ ފާނަ ހިކައި ކުރުބުޅި ފާޑުގެ އެއްޗެތި ކަނޑާފައި އުކާލާ ބޯކޮޅު ގެނެސް އޭގައި ގަރުދިޔަ ކައްކައިގެންނޭ ބުންޏެވެ.

ރަށު މީހުން ކަނދުފަތިތަކުގައި ތޮށިމައްޗަށް ބޭރުމައްޗަށް ނެރެންފެށީމާ، ތަބްރޭޒްގެފާން ކަނދުފަތި ދޮށަށް ވަޑައިގެން، އަޅުގަނޑު ގެންދާނަންހޭ އައްސަވާއިރަށް ކަދުފަތީގައި ހުންނަ މީހާ ބުނަނީ މި ކަނދުފައްޗަކު ދެމީހުނަކަށް ނޭރޭނެއޭ ވީމާ ނުގެންދެވޭނެއެވެ.

މިގޮތަށް ދެތިން ދުވަސް ވީ ފަހުން، އެކަލޭގެފާނު ހުންނެވި ގޭގެ ކުއްޖާއާ ވެގެން ކަނދުފައްޗެއް ބަނދެ އަނެއް ދުވަހު ކަނދުފަތީގައިބޭރުމައްޗަށް ނުކުމެ ރަށުގެ އުތުރުފަރާތުން ދެގަނޑު ރޯނުގެ ދިގުމިނަށް ކަނޑުތެރެއަށް ދޫކޮށްލާފާ ބަހައްޓައިގެން ހުންނަވަނިކޮށް ކަނޑުތެރެއިން ކުރަނގި ދޫނިއަޅާފައި އަންނަ މަސްއައިނެއް މަސްތަކާ ކަންނެލި ތަޅާފޮޅާފައި އައިސް ކަނދުފައްޗާ ކައިރިވީމާ، ގެންދެވި ދޮށި ކަނޑަށް ޖައްސަވާ އިރަށް ފުންމައިގެން އަރާ މަހެއް ގަތީމާ ކަނދުފަތިތެރެއަށް ލާއިރަށް އޭގާއިން ކޮއެ ރޮއެހޭރިގަތީމާ ކޮޔާ ކިހިނެއްވީހޭ އެއްސެވީމާ އެކޮއެ ރޮމުން ރޮމުން ބުނީ އަހަރެން ބިރުގަންނަނީއެވެ. ވިދާޅުވީ އެހެންވީއާ ދެލޯމަރައިގެން ލޯނުހުޅުވާ ބޭބެ ބުނަންދެން އިންނާށެވެ. ދެނެކާ ދެނެއް ތަބްރޭޒްގެފާން ހަމަ ޖަހާ ބުޅީގާ އެހެރަ ރޮނގުދެމި ގޮދަޔަށް ކިޔާވަރުގެ މަސް ބާނާ ކަނދުފަތީގެ ދެފަރާތުން ފައިބަން ފެށީމާ އެކޮޔަށް ގޮވާލާފާ ވިދާޅުވީ ކޮޔާ ދެލޯ ހުޅުވާފާ ރޯނުގަނޑަށް ދަމާ އަތްދޮށްކުރާށޭ ބުނީމާވެސް އިންތަނުން ހިރިލާކަށް މިކޮޔަކަށް ނުކެރުނެވެ. ދެން ތަބްރޭޒްގެފާނު ރޯނުގަނޑަށް ދަމާ ތޮށިމައްޗަށް އަރުވާ ކަނބާފާ ގެނެސް ގޮނޑުދޮށްކޮށް މަސްތައް އުކާ އެއްގަމަށް އަރުވަން ފެށީމާ ތޮށިމައްޗަށް ނުކުމެތިބި ކަނދުފަތިތައް ފަޅަށް ވަދެ އެންމެ މިތަނަށް އައިސް އަޖައިބުވެ އަންތަރީސްވެފާ އަހާލަނީ އޭ ބީރައްޓެހި ބޭބޭ މީ ކޮންކަހަލަ މަހެއް ހޭ ހާދަ ރީއްޗޭ އަހަރުމެން ދުވަހަކުވެސް މިކަހަލަ މަހެއް ނުދެކެމޭ މީ އަނެއްކާ މަސް ކައި އުޅެ ވައްތަރުގެ މަހެއްހޭ؟ ތަބްރޭޒްގެފާން ބުނުއްވީ މީ ވަރަށް މީރު ވަރަށް އަގުބޮޑު ހަށިގަނޑަށް ފައިދާހުރި މަހެކޭ. މި މަހަށް ކިޔަނީ “ކަޅުބިލަ” މަހޭ، މި މަހުގާ ދިގަށް ފަސް ރޮނގު ހުންނާނެއެވެ.

އެވަގުތު އެތަނަށް އައިސްތިބި މީހުންނަށް މަސްތައް ބައްސަވާފައި އެކަލޭގެފާނު ދެތިން ހަތަރު މަހެއް ހިއްޕަވައިގެން ދިޔައީމަ ކޮއެގެ މަންމަ ބުނީ މީ ކޮން ވައްތަރެއްގެ މަހެއް ތޯއޭ؟ ތަބްރޭޒްގެފާން ވިދާޅުވީ މީ ކަޅުބިލަ މަހޭ ވަރަށް މަސް ރަހަ މީރު އެހާމެ ފައިދާ ހުރި މަހެކެވެ.

މިގޮތަށް ދުވަސްތަކެއްގާ މަސްބާނާ މީހުންނަށް މަސް ބަހާދެއްވަން ފެށުމުން ކަނދުފަތީގައި ބޭރުދޮށަށް ހުއްޓާލާފައި ތަބްރޭޒްގެފާނު މަސްބާނައިގެން ލެފީމާ އެތަނުން މަސް ގެނެސްގެން ކެއުން އާދަވީ ފަހުން އެއްދުވަހަކު އެކަލޭގެފާނު ވިދާޅުވީ އަހަންނަކީ މާތްވެގެންވާ އިސްލާމް ދީނަށް ގޮވާލާ މީހަކީމެވެ. އެކަލޭގެފާނަށް ބައިއަތުހިފާ އިސްލާމް ދީން ހުށަހަޅާ ޝަހާދަތުގެ ދެ ކަލިމަ ކިޔައިދެއްވާ މީސްތަކުންނަށް  ދަސްކޮށްދެއްވާ ނަމާދުކުރުމަށް މިސްކިތެއް ދަނޑިފަނުން ރަށުގެ ހުޅަނގުކޮޅު ރުއްގަސް ނެތް ތަނެއްގައި އަޅުއްވައި އެކަލޭގެފާނު ހުންނެވުމަށް މިސްކިތާ ގުޅައިގެން ގެއެއް އަޅުއްވާ މިސްކުތުގާ ދީނުގެ ޢިލްމާއި ޤުރުއާން ކިޔަވާން  ދަސްކޮށްދެއްވާ މިރަށުގެ އެންމެން ހެން އިސްލާމް ދީން ގަބޫލުކޮށް ދީނަށް ވަނުމުން މިސްކިތަށް ޙާދިމުން ލައްވާ ފަސްވަގުތު ބަންގިގޮވަން އަންގަވާ އެރަށުގެ އެންމެނާ ސަލާމް ގަލާމް ކުރައްވާ ބަނދަރަށް އައި ނަވަކުން ފުރާވަޑައިގަންނަވަން އުޅުއްވި ދުވަހު މީހަކު އެކަލޭގެފާނަށް ގެނެސްދެއްވި ކުރުނބައެއްގެ ފެން ހިއްޕަވާފާ ވިދާޅުވީ ހާދަ ފެންފޮންޏޭ، ހީވަނީ ހަކުރުގައި ގިރާފަ ހުރި ފަނި ހެނޭ، ދެން އެކުރުނބާ ގެނެސްދިން މީހާއަށް ވިދާޅުވީ މި ކުރުނބައިގެ ފެން ފޮނިކަމުން މި ރަށަށް ފަނިކެންދޫ ކިޔާހާވެސް ކުރުނބައިގެ ފެން ފޮނިކަމަށެވެ.

ދެން އެކަލޭގެފާނު ފަގީރު ދައިތާގެ ދަރިފުޅު ގޮވައިގެން ވަޑައިގަތީ މާލެއަށް ކަމަށް ވެއެވެ. އެ ދައިތަގެ ދަރިފުޅުގެ ނަމަކީ ރެއްކަކަލޯއެވެ. މީހުން ކިޔަނީ ރަކައިކަލޯއެވެ. ތަބްރޭޒްގެފާނު ރަޖަބު މަހުގެ ހަވަނަ ދުވަހު މާލޭ މެދުޒިޔާރަތް ހުރި ތާނގައި އެކަލޭގެފާނު ހުންނެވި ގެކޮޅުގައި އަވަހާރަވުމުން އެތަނުގެ ކައިރީ ފަސްދާނުލީއެވެ. އެތާ ކައިރީ ރަކައިކަލޯ ނިޔައުވުމުން ވެސް ވަޅުލި ކަމަށް ކުރީޒަމާނުގެ މުސްކުޅިން ބުނެއެޅެއެވެ.

ކެންދޫގައި ހުރި މަގާމްގައި ހުންނެވި ބޭކަލެއްގެ ފާތިހާ ކަމަށް އިހުގެ ފޮތްފޮތުގައި ހުންނަނީ

‎  مولناالحافظ يوسف شمس الدين أبوالركاب التبريزى

“މަވްލާނާ އަލްހާފިޟް ޔޫސުފް ޝަމްސުއްދީން އަބޫ ރިކާބް އައްތަބްރީޒީ”

މިހެންނެވެ.

މި މަގާމުގެ ކައިރީގައި ވަޅެއް (ވެލިގާޖެހި) ހުންނަކަމާ އެވަޅާ ދިމާލު އިރުމަތީ ވިއްސަކަށް ފޫޓް ހަމައިގައި ވެލިގާ ޖެހި ވަރަށް ބޮޑު ވަޅެއްވެސް ހުއްޓެވެ. އެވަޅު އަޑީބައި މިހާރުވެސް އެތަނުގައި ވާނޭކަމަށް ލަފާކުރެވެއެވެ. އެވަޅު ތަޅާލީ އެވަޅުހުރި ހިސާބުން މިރަށުގާ އޮންނަ ޒުވާނުންގެ ޖަމުއިއްޔާއަށް ގޯޗެއްދިނުމުންނެވެ.

މި ހިސާބުން ދޮން ޔޫސުން ކިޔާދެއްވި މަގާމްގެ ވާހަކަ ނިމުނީއެވެ. تَمَّتْ

~

ތަބްރޭޒްގެފާންތަ ނުވަތަ ބަރުބަރީތަ؟

އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުންގެ ރަސްކަމުގައި ކެންދޫއަށް ދެއްވާފައިވާ ބޯގަ ފަތްކޮޅެއްގައި ވަނީ “ފަނިކެންދޫ ހުރި ތަބްރީޒް މަގާމް” މިފަދައިންނެވެ. މި ފަތްކޮޅުގެ ނަކަލަކީ:

“އައްސުލްޠާން މުޙައްމަދު މުޢީނުއްދީން ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން، ފަނިކެންދޫ ހުރި ތަބްރީޒް މަގާމް ހަދައި ބައުވިޔަ ނުދިނުމަށް، މި ރަށު ގޮއިފާލައްބަ އަށް ނުކުންނަ ކާއްޓާއި ރިއްސާއި ކޮޅުވަނާއި، މަގާމްއަށް ހުންނައީކޮށު. މަގާމްއަށް ވާރޭވެހުނު ނުދެނީކޮށު. މިކަން މިމަގަށް ހުންނައީކޮށު” މިއެވެ.

މިތަނުގައި ނަކަލުކުރެވިފައި މިވަނީ، މުޢީނުއްދީން ރަދުން ފަނިކެންދޫ މަގާމަށް ދެއްވި ބޯގަ ފަތްކޮޅު ހަލާކުވެގެން 1954 ވަނަ އަހަރު މަހްކަމަތުލް ޝަރިއްޔާއިން ކޮށްފައިވާ އަސްލު ފަތްކޮޅުގެ ނަކަލަކުންނެވެ. ހަލާކުވެފައިވާލެއް ބޮޑުކަމުން މުޢީނުއްދީން ރަދުންގެ ފަތްކޮޅުގައިވާ ތާރީޚް ކިޔަން ނޭނގޭކަމަށް ނަކަލުގައި ވެއެވެ. މުޢީނުއްދީން ރަދުން ރަސްކަންކުރައްވާފައި ވަނީ 1888މ އިން 1886 މީލާދަށެވެ. ގޮއިފާލައްބައަކީ ގޮއި އަދި ފާލައްބައަށް އެއްކޮށް ކިޔާގޮތެވެ. ގޮއިއަކީ އިހުގައި ސަރުކާރުގެ ބިމެއްގައި އަމިއްލަ މީހުން ކުރާ އޮއްޓަރު ގޮވާމުން ސަރުކާރަށް ނަގާބައެވެ. މި ބައި ސަރުކާރަށް ނަގަނީ ތައްޖަހާ ތަކެތި ނޫން ތަކެތި ހެއްދުމުންނެވެ. ތައްޖެހުމަކީ ބަންޑާރަރުއްގަހާއި އަމިއްލަ ރުއްގަހާ ދެބައި ވަކިކުުރުމަށް ރުއްގަހުގައި ފާހަގަޖެހުމެވެ. ތައްޖަހާ އުޅުނީ ރުއް، ފެންފޯއްރުއް، ބަނބުކެޔޮ، ކަށިކެޔޮ މި ބާވަތްތަކުންނެވެ. ފާލައްބައަކީ އިހުގައި ރަށްރަށުގައި އިންދާ ގަސްރުކުގެ ތެރެއިން ތައްޖަހައިގެން ސަރުކާރަށް ނެގޭ ރުކެވެ. ރުކުގައި އަޅާ ތަކެއްޗެވެ. ކޮޅުވަނަކީ ފަންތޮށިގަނޑު ބުރިކޮށްފައި ހުންނަ ހިކިފަނެވެ.

ދޮން ޔޫސުފްގެ ލިޔުމުގައިވާ ގޮތުން މި މަގާމްގެ އިހުގެ ފާތިހާ ފޮތްފޮތުގައި ލިޔެފައިވަނީ “މަވްލާނާ އަލްހާފިޟް ޔޫސުފް ޝަމްސުއްދީން އަބޫ ރިކާބް އައްތަބްރީޒީ” އެވެ. ކެންދޫ މަގާމް މަޝްހޫރުވެފައިވަނީ ވެސް ތަބްރޭޒްގެފާންގެ މަގާމްގެ ނަމުގައެވެ. ގާޒީ ބަކުުރު ވިދާޅުވަނީ ބަރުބަރީ ކަމަށެވެ. އެހެން ބުނާ ސަބަބަކީ މުހައްމަދު އަމީން އުފައްދާފައިވާ ތާރީޚް ކޮމެޓީއަކުން ހުކުރު މިސްކިތުގައި ހުރި ފިލައެއް ކިޔާފައި ސަރުކާރުން ނިންމި ގޮތެއްގެ މައްޗަށް ކަމަށް ގާޒީ ބަކުރު ވިދާޅުވިއެވެ. ނަމަވެސް އެންމެ އިހުގައި ކިޔާ އުޅެނީ ތަބްރޭޒްގެފާނުގެ މަގާމް ކަމަށް ބަކުރު ބުންޏެވެ. ބަރުބަރަކީ މަޤްރިބް ކަރައިގެ ރަށެކެވެ. އެއީ މިހާރުގެ މޮރޮކޯއެވެ. އަރަބި ގައުމެކެވެ. ތަބްރޭޒް އަކީ ފާރިސް ކަރައިގެ ރަށެކެވެ. އެއީ މިހާރުގެ އީރާނެވެ. އެ ރަށުގެ ބަހަކީ ފާރިސީ ބަހެވެ. ދިވެހިންގެ އިސްލާމް ދީނަށް އެނބުރުމަށް ފަހު ދީނުގެ ގިނަ ކަންކަމާ ގުޅޭ ބަސްތައް އައިސް ހުރީ ފާރިސީ ބަހުގެ ތެރެއިންނެވެ. މިއީ އެކި ތާރިޚް އިލްމުވެރިން ބަހުސް ކުރައްވާފައިވާ ވަރަށް ދިގު ބަހުސެކެވެ.

މިހާރު ހުރި ގޮތަށް މަގާމްބިނާކުރުން

ކުޑަރިކިލު މުހައްމަދު ކަލޭފާން މަގާމް ބިނާކުރެއްވި ގޮތް

ތަބްރޭޒްގެފާން ކެންދޫ ގޮނޑުދޮށުން އެއްގަމުގައި ސާފު ދޮންވެލިގަނޑުމަތީގައި ނަމާދުކުރަން ހުންނެވިތަނުގައި ދަނޑިފަނުން އަޅާފައިވާ ގެގަނޑު އެކި ދުވަސްވަރު އެކި ގޮތަށް އިމާރާތްކުރެވެމުން ދަމަހައްޓަމުން އާބާތުރަފިލުވަމުން ބަދަލުތައް ގެންނަމުން އައިސް މިހާރު ހުރި ގޮތަށް އެ މަގާމް ބިނާކުރީ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާންގެ ދުވަސްވަރުއެވެ. އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާން ރާއްޖެތެރޭގެ މިސްކިތްތަކާއި ޒިޔާރަތްތައް އާބާތުރަ ފިލުވަން ނިންމަވާ ހުރިހާ މިސްކިތްތަކާއި ޒިޔާރަތްތަކަށް ދެއްވާފައިވާ ބޯގަފަތްތައް ގެންގޮސް އޭގެތެރެއިން އުވާލަން ފެންނަތަންތަނުގެ ބޯގަ އުވާލާ އަދި އާބާތުރަ ފިލުވަން ޖެހޭ ތަންތަނުގެ ބޯގަފަތްކޮޅު އާކޮށްދެއްވިއެވެ. ކެންދޫމަގާމްގެ ފަތްކޮޅު ގެންގޮސް އާކޮށްދެއްވިއެވެ.

މި ދުވަސްވަރު ކުޑަރިކިލު މުހައްމަދު މަނިކު (ކުޑަރިކިލު މުހައްމަދު ކަލޭފާން) އަތޮޅު އޮފީހުން ފޮނުވަައިގެން ކެންދޫއަށް ގޮސް މަގާމް މިހާރު ހުރިގޮތަށް ބިނާކުރުމުގެ މަސައްކަތް ފެށިއެވެ. މެދުޒިޔާރަތާ ތަފާތުނުވާނެ ހެން މަގާމް ހަދާނަމޭ ބުނެ ކެންދޫ މީހުންނާއި އެކު ގޮނޑުދޮށުގައި ހުރި ޅޮސްގަހެއްގެ ކައިރީ ވަޑާންގެ ހަދާ އުވަދަވާ މަގާމް މިހާރު ހުރި ގޮތަށް ހެދުމުގެ މަސައްކަތް ކުޑަރިކިލު މުހައްމަދު ކަލޭފާން ފެށިއެވެ. ބަދަލުތައް ގެނެސް އަލުން މަގާމް ބިނާކުރުމުގެ ކުރީގައި އެތަން ހަދާފައިވަނީ ދަނޑިން ބިއްގަތާ ދެފަރާތުން އުވަ ޖަހައިގެންނެވެ. މިއީ އިހުގައި އިމާރާތްކުރާ ގޮތެކެވެ. މިގޮތަށް އިމާރާތްކުރުމަށް ކިޔަނީ ދަރުބަނދެގެން ރޭނުމެވެ.

ކެންދޫ މަގާމްގެ އެތެރެފާރާއި މާލޭ މެދުޒިޔާރަތުގެ ބޭރުފާރުގެ ފަރުމާ އެއްގޮތް

މިހާރު ހުރިގޮތަށް މަގާމް ބިނާކުރި މޭސްތިރި

ކުޑަރިކިލު މުހައްމަދު ކަލޭފާނަކީ ފަންނީ މަސައްކަތްތެރިއެކެވެ. އަތްތެރިމަސައްކަތާއި ރޭނުމާއި އުވަޖެހުމުގެ މަސައްކަތަށް އެ ދުވަސްވަރު ރާއްޖޭގައި އަރާ ހުރި މާހިރެކެވެ. މިއީ ކުޑަރިކިލު ނައިބު މުހައްމަދު ކަލޭފާނެވެ. ކަލޭފާންކަން ދެއްވާފައިވަނީ ހަސަން ފަރީދެވެ. ކެންދޫ، ކުޑަރިކިލު އަދި ކަމަދޫގެ ނައިބުކަން މުހައްމަދު ކަލޭފާން ކުރައްވާފައިވެއެވެ. ނައިބު ކަމަކީ ގާޒީކަމެވެ. މުހައްމަދު ކަލޭފާން ކުޑަރިކިލު ކުޑަކަތީބު ކަން ވެސް ކުރައްވާފައިވެއެވެ. ކެންދޫ މަދަރުސާގައި ކިޔަވައިދިނުމުގެ މަސައްކަތުގައި ވެސް އުޅުއްވިއެވެ. އަތޮޅުގެ ބައެއް ރަށްްރަށުގެ މީހުން ކުޑަރިކިލު މުހައްމަދު ކަލޭފާނަށް ހުދު ކަތީބު ވެސް ކިޔާ އުޅުނެވެ.

މުހައްމަދު ފަރީދު ކުޑަރިކިލަށް ވަޑައިގަތް ދުވަހު ކުޑަރިކިލު މުހައްމަދު ކަލޭފާން (ފޮޓޯގެ ކަނާތްފަރާތުގައި)

ކެންދޫ މަގާމްގެ އިތުރުން ކުޑަރިކިލު މުހައްމަދު ކަލޭފާން ކުރައްވާފައިވާ އެހެން މަސައްކަތްތަކުގެ ތެރޭގައި ހދ. ކުމުންދޫ މިސްކިތުގެ މަސައްކަތާއި ކިހާދޫގައި މިސްކިތެއް އެޅުމާއި އަދި ކުޑަރިކިލު ބާމިސްކިތުގެ މަސައްކަތާއި ވެލާނާގޭ މުސްކުޅި އިމާރާތުގެމަސައްކަތާއި މާލޭ މެދުޒިޔާރަތް މިހާރު ހުރި ގޮތަށް (އުވައިގެ މަސައްކަތް) ހެއްދެވުމުގެ މަސައްކަތާއި އަދި މުލީއާގޭގެ ބައެއް މަސައްކަތްތައް ކުރައްވާފައިވެއެވެ. މެދުޒިޔާރަތުގެ މަސައްކަތް ނިންމުމުން މޭޒުމައްޗަށޭ ވިދާޅުވެ ސަރުކާރުން މުހައްމަދު ކަލޭފާނަށް ދެއްވި ރަށަކީ ބ. ލަނޑާގިރާވަރެވެ. ރުއްއިންދާ ރަށް ބެހެއްޓީ މުހައްމަދު ކަލޭފާނެވެ.

މަގާމްއާއި ގުޅޭ އެހެން ބައެއް ވާހަކަ

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މަގާމްތަކާއި ޒިޔާރަތްތަކާއި ގުޅުވަައިގެން އެކި އާދަޔާހިލާފް ވާހަކަތައް ދެކެވިފައިހުރެއެވެ. މިބާވަތުގެ ގިނަ ވާހަކަތަކީ ގަބޫލުކުރަން ދަތި އަދި ދޫދޫމަތިން ދެކެވޭ ވާހަކަތައް ނަމަވެސް ތާރީޚަށްޓަކައި ލިޔެވިފައި ހުރުން މުހިންމު ވާހަކަތަކެކެވެ. ކެންދޫ މަގާމްގެ އާބާތުރަ ފިލުވައި ދިދަ ދަނޑި ބާވެގެން ސަރުކާރުގައި ކެންދޫ މީހުން އާ ހައިވަކަރު ދިދަ ދަނޑިއަކަށް އެދުމުން އެއިރު ސަރުކާރު ހިންގުމުގައި އިސްކޮށް ހުންނެވި ބޮޑުކިލެގެފާނު (އިބްރާހިމް ދޮށިމޭނާ ކިލެގެފާން) ކެންދޫ މީހުންނަށް ދެންނެވީ އާ ހައިވަކަރު ދިދަ ދަނޑިއެއް ހޯދައިދެވެން ނެތް ކަމަށެވެ. ރަށުން ކޮންމެވެސް ގަހެއްގެ ދަނޑިއެއް ކަނޑައިގެން މަގާމްގައި ޖެހުމަށެވެ. ދެން އާދައިގެ ދަނޑިއެއް ޖަހައިފިއެވެ. މިގޮތަށް މިކަން ހިނގަފާއި ވަނިކޮށް،އިރުވައި ގައި މަހަށް ނިކުމެ އުޅުނު ބަޔަކަށް ކެންދޫ ތޮށިމަތީގައި ކޯޅިތަކެއް ހޫރޭތަން ފެނިއްޖެއެވެ. މިބައިމީހުން އެހެން އޮޑިތަކުގެ މީހުންނަށް ވެސް ގޮވާ ތޮށިމައްޗާ ގާތްކޮށް ބެލި އިރު ތޮށިމައްޗަށް ލައްގާފައިވަނީ ރަނގަޅު ބޮޑު ގަހެކެވެ. ދެން ރަށު މީހުންނަށް ގޮވާ އެންމެން ތޮށިމަތިން ދަމާ ކޫތާ އެއްގަމަށް ގެނެސް ބެލިއިރު އެއީ ހަމަ ރަނގަޅު ހައިވަކަރު ގަހެކެވެ. ހައިވަކަރު ގަސް ލެއްގެމުން މި ވާހަކަ ކެންދޫ މީހުން ސަރުކާރަށް ދަންނަވައިފިއެވެ. އެއީ މަގާމްގެ ބޭނުމަށް ލައްގާފައިވާ ގަހެއްކަމަށް ސަރުކާރުން ބުނުމުން ލެއްގި ހައިވަކަރު ގަހުން އާ ދިދަ ދަނޑި ހަދާ ހަރުކޮށްފިއެވެ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގައި ވެސް ވަނީ މިގޮތަށް އެރަށަށް ލެއްގި ހައިވަކަރު ގަހެއްގެ ދަނޑިކަމަށް ވެއެވެ.

ލެއްގި ހައިވަކަރު ގަހުން ހެދިކަމަށް ބުނާ ދިދަ ދަނޑި

މި ހައިވަކަރު ގަހުގެ ބުޑު ފަހަކާއި ޖެހެންދެން ވެސް ކެންދޫގައި އޮތްކަމަށް ވެއެވެ. މި ގަހުގެ ބުޑަށް “ދިދަ ދަނޑި ބުޑު” ކިޔާ އުޅެނެވެ. ތަދު ދުވަސްވަރު އައިސްގެން ކަޅަނގާރި ހުސްވެ ހައިވަކަރު ގަހުގެ ބުޑުން ދުން އަޅަން ބޭނުންކޮށްގެން އެ ބުޑު ހުސްވީއެވެ. ކަޅަނގާރި އަކީ ދުން އެޅީމާ މީރުވަސް ދުވާ ލަކުޑިއެކެވެ. މިއީ ލަކުޑީގެ އާރު ނޫން ބައި ގިރިފައި ހުންނަ ލަކުޑިއެކެވެ. މިއީ ގަހެއްގެ މުލެއް ކަމުގައި ބުނެވެއެވެ. އިހުގައި ކަޅަނގާރި ގެނެސް އުޅުނީ ސެޓިގަމުންނެވެ. ސެޓިަގަމަކީ ބަންގާޅުގެ ޗިޓަގޮންއެވެ. އިހުގައި ކޮންމެ ހުކުރު ހޯމަ ވިލޭރެއަކު ޞަލަވާތް ފާތިޙާކިޔަވާ އުޅުނެވެ. ސަލަވާތް ފާތިހާ ކިޔަވާއިރު ދުން އެޅުމަކީ އާދަކާދައިގެ ތެރެއިން ހިމެނޭކަމެކެވެ. ދުން އަޅަން ކަޅަނގާރި ހުސްވެ ހައިވަކަރު ބުޑުން އެތިކޮޅު ކޮޅަށް ދުންއަޅަން ނަގާ ނަގާ ގަހުގެ ބުޑު ހުސްވީއެވެ. ހައިވަކަރަކީ ވެސް އެންދުމުން މީރު ވަހެއް ދުވާ ލަކުޑިއެކެވެ. ކެންދޫމަގާމްގެ އުނދޯލިކޮޅުތަކާއި އަދި އެހެނިހެން ބައެއް މަސައްކަތްތައް ކުރެވިފައިވަނީ ހައިވަކަރުންނެވެ.

އިހުގައި މަގާމްގައި އަހަރުމަތިފުޅު ފާތިޙާ ކިޔަވައި އުޅުނީ ރަޖަބު މަހުގެ 6 އަދި 7 ވަނަ ދުވަހުގެ ރެއެވެ. ރަޖަބު މަހުގެ 6 ވަނަ ދުވަހުގެ ރޭ (ރަޖަބް 7 ވިލޭރޭ) އޮންނަނީ ފޮތްފޮށި ކިޔެވުމެވެ. ފޮތްފޮށި ކިޔެވުމަކީ އިހުގައި ހަތިމުކުރުމެވެ. ކީރިތި ޤުރުއާނުގެ ފުރަތަމަ ފޮތުން ފެށީގެން ފަހުފޮތުގެ ނިލަޔަށް ކިޔެވުމެވެ. ފޮތްފޮށި ކިޔަވާ ދުވަހުގައި ވެސް ކެއުން ތައްޔާރުކޮށްފައި ބަހައްޓައެވެ. ބޮޑު ކޭން އޮންނަނީ ރަޖަބު މަހުގެ 7 ވަނަ ދުވަހުގެ ރޭ ކިޔަވާ ފާތިޙާއަށް ފަހުއެވެ. 7 މީހަކަށް ކޭމެއްގެ މަގުން ކޭން ތައްޔާރުކުރެއެވެ. މި ދުވަހުގައި އެހެން ރަށްރަށު މީހުން ވެސް ކެންދޫއަށް އައިސް ފާތިހާ ކޭމުގައި ބައިވެރިވެއެވެ. އެންމެ ގިނައިން އަންނަނީ ކަނދޮޅުދޫ މީހުންނެވެ.

މަގާމްގެ އެތެރެއިން ބޭރު ފާރާއި ގުޅިފައިވާ ވަރަށް ރީތި އުސް ހަރުފަތް ލީ ސިޑިއެއް މި މަގާމުގައި ހުރެއެވެ. ފާރާއި އެކު މިތަން ސިފަވަނީ ކިއްލާއެއްގެ ގޮތުގައެވެ. މި ހަރުފަތްތަކުގެ ބޭނުމަކީ ސިޑިން މައްޗަށް އަރާ ބޭރުފާރު އެންމެ މަތީގައި ހަދާފައިވާ ތަންކޯޅެއްގައި ބައްތިއެއް ދިއްލުމެވެ. އިހުގައި މިތަނުގައި ޤަވާއިދުން ބައްތި ދިއްލަމުން ދިޔަކަމަށް ވެއެވެ. އެހެންކަމުން މަގާމްގެ މި ބަޔަކީ “ލައިޓް ހައުސް” އެއް ކަމުގައި ވެސް ބުނެވިދާނެއެވެ. ބޭނުމަކީ ރަށް ބޭރުން ކަނޑުމަތިން ދާ އޮޑިދޯނި ފަހަރަށް މަގާމްހުރި ތަން އަންގައި ދިނުމެވެ. މިޔާއި އެކު ނިޔަމިކަމަށް މި ބައްތީގެ އަލިން އެހީތެރިކަން ލިބިފައިވާނެއެވެ. އޮޑިދޯނި ފަހަރު މާލެދަމުން ވެސް ކެންދުއާއި ދޭތެރޭ މަގާމްއާއި ދިމާ ބޭރުން މަޑުކޮށް ރިޔާތަކުން ވައިދޫކޮށް ބާއްވައިގެން ފާތިހާފުޅު ކިޔަވައެވެ. ބޭރުފާރުން އެތެރެއިން ހަރުފަތްތަކުން އަރައިގެން ބައްތި ބެހެއްޓޭގޮތަށް ހަދާފައިވަނީ ރޭނގަޑުގައި ކެންދޫ ބޭރުން ދަތުރުކުރާ އޮޑިދޯނި ފަހަރަށް މަގާމް ހުރިތަން އަންގައި ދިނުމަށެވެ.

މަގާމްގެ ބޭރު ފާރު އެތެރެއިން މައްޗަށް އެރޭގޮތަށް ލާފައިވާ ހަރުފަތްތައް އަދި ބައްތި ބަހައްޓާތަން

ހަރުފަތްތައް ހުރި ފާރުގެ ބޭރުފަރާތް

ބައްތި ހަރުކުރަނީ އެތެރޭގައިވާ ހަރުފަތްތަކުން އަރައިގެން އެންމެ އުސްކޮށްއެވާ ބައިގައި

ހަވާލާ:

 • އަބޫބަކުރު މުހައްމަދު (ގާޒީ ބަކުރުބެ)، ނިވައިދަށުގެ، ބ. ކެންދޫ (އުފަންވެފައިވަނީ: 1927ގައި)
 • ޔޫސުފް ހުސައިން (ދޮންޔޫސުބް)، މޯރނިންގ ހައުސް، ބ. ކެންދޫ (އުފަންވެފައިވަނީ 1933ގައި)
 • އަބޫބަކުރު އިބްރާހިމް (ބެރު ބަކުރު) ޖަންބުމާގެ، ބ. ކެންދޫ (އުފަންވެފައިވަނީ: 1933ގައި)

އެންމެ ފަހުން މަގާމް ބަހަލައްޓާފައިވަނީ ބެރު ބަކުރެވެ. މިއީ އޭރުގައި ދައުލަތުން މުސާރަ ދޭ މަގާމެކެވެ. 20 ރުފިޔާ 25 ރުފިޔާ ވަރު ދެއެވެ.

 • ލޯކުރެންދޫ ޒިޔާރަތް – ނަސީމާ މުހައްމަދު
 • މުޢީނުއްދީން ރަދުންގެ ބޯގަފަތެއްގައިވާ މައުލޫމާތު
 • ކުޑަރިކިލު މުހައްމަދު ކަލޭފާނާއި ބެހޭގޮތުން ކުޑަރިކިލު ނާޒިރު އަލިމަނިކު ދެއްވާފައިވާ މަޢުލޫމާތު
 • ބ. އައިދޫއާއި ބެހޭގޮތުން އަޙްމަދު ނާފިޢު ލިޔުއްވާފައިވާ ލިޔުމެއް

ގިނަ މައުލޫމާތުތައް އަޅުގަނޑު ނޯޓްކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. މި ލިޔުން ލިޔެފައި މިވަނީ 2017 ވަނަ އަހަރުގައެވެ. ކެންދޫ ގާޒީބަކުރުބެއާއި ކުޑަރިކިލު ނާޒިރު އަލި މަނިކު މިހާރު ވަނީ ނިޔައުވެފައެވެ. އެންމެ ފަހުން މަގާމް ބެލެހެއްޓި ބެރު ބަކުރުބެ ފަރާތުން މައުލުމާތު އެއްކުރެވިފައިވާނީ 2017ގެ ކުރީކޮޅެވެ.

9 ކޮމެންޓު ”ރާއްޖެ އިސްލާމްވުމާއި ކެންދޫ މަގާމްގެ ވާހަކަ“

  ވަރަށްފުރިހަމަ މައުލޫމާތު މުއްސަނދި ލިއުމެއް، ލޫކަސްއަށް ސާބަސް

  ބުލްބުލް

  ކިޔާހިތުން ކިޔާލެވުނު ލިޔުމެއް، ތާރީހީ މިފަދަ ކަންކަމަށް ގިނަ ދިވެހިންދޭ ސަމާލުކަން ކުޑަވުމަކީ ހިތާމަހުރި ކަމެއް

  ާއެޑަމް

  ސާބަހޭ ދަރިޔާ🙏🙏🙏

  ކުޑަރިކިލުޖަލީލު

  ކުޑަރިކިލުގަ ބޮން ގޮވި ވާހަކަވެސް ލިޔެބަލަ

  ކެންދޫ ކުއްޖާ

  ތަން ވީރާނާ ވެއްޖެ.

  މުސްތަފާ އަބްދުލް ކަރީމް

  ޢަސްލު ހަގީގަތުގަވެސް ރަންނަމާރިއެއް އަރައި އަންހެންކުދިން މެރިތަ؟ އަދި ވަކިން ބިކުރުވެރި ކުދިން ގެންދަން ފުރޭތަ އެނަގީ ރަސްގެފާނަށްތަ؟މި ސުވާލު ތަކުގެ ޖަވާބެއް މި ލިޔުމަކުން ފެންނާކަށްނެތް.ގަބޫލް ކުރެވޭގޮތުގައި ރަންނަމާރި ވާހަކަ ގެނެސްދީފައިވަނީ އޮޅުވާލުމުގެ ތެރޭން.ހަގީގަތުގައި ބިކުރުވެރި ކުދިންގެ ޝިކާރައަކަށްވީ ރަސްގެފާނު. މިކަމުގެ ހަގީގަތް ލޫކަސް ހޯދުން ވަރަށް މިހިއްމު

  ޚަލީޖް

  “ޚާޖީ” އެއް ނޫން. “ޙާޖީ” ކިޔަނީ.

  ހުސެން

  ސަޅި ލޫކަސް. ގަބޫލުކުރަން ދަތި ވާހަކަތައް ހުރި ކަމަށް ފެނޭ. ނަމަވެސް ވަރަށް ފުރިހަމަ

  ޞައްދާމު

  ވަރަށް ފުރިހަމަ ލިއުމެއް. އެންމެ ފުރިހަމަ ކަމަކީ އިހުގެ ބަސް ތައް މިހާރުގެ ގޮތަށް މާނަ ކޮށްދީފައި ހުރުން.