މުހައްމަދު އަމީން ދެކެލެއްވި ގްރޭޓާރ މާލެ

މިއީ މުހައްމަދު އަމީން ސަރުކާރު ހަބަރަށް “ކެރެމާތޯ؟ – މާލެއިން ހުޅުލެޔަށް ނުވަތަ ވިލިގިއްޔަށް” މި ސުރުހީގެ ދަށުން ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ. މީގެ އެތައް އަހަަރެއްކުރިން މުހައްމަދު އަމީން ލިޔުއްވާފައިވާ މި ލިޔުން މިއަދާއި މާ ބޮޑަށް ގުޅެއެވެ. އަދި އެ މަނިކުފާން ސިފަކުރައްވާ ތަސައްވުރު ކުރައްވާފައިވާ ގޮތް މިއަދުގެ އަސްލާއި އެއްގޮތެވެ. މާލޭ ތޮއްޖެހުމަށް އޮތް ހައްލަކީ ހުޅުލެ ނުވަތަ ވިލިނގިއްޔަށް މާލެއިން ބަޔަކު ގޮސް އާބާދުވުން ކަމުގައި އަމީން ދެކެލެއްވިއެވެ.

މުޅި ލިޔުމުން ސާފުވާނެ ގޮތުން، އަމީނުގެ ވިސްނުންފުޅަކީ “ގްރޭޓާރ މާލެ” އެއް އުފައްދާ ރާއްޖޭގެ އާބާދީ މާލެ ސަރަހައްދަށް ޖަމާކުރުމެއް ނޫނެވެ. މާލޭގައި ދިރިއުޅެމުންދާ މާލޭގެ ރަށްވެހިންނަށް މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ހުޅުލެއާއި ވިލިނގިލީގައި އާބާދުވާށް ފެށުމެވެ. ގްރޭޓާ މާލޭގެ ވިސްނުމާއި އެކުވެސް ރަށްވެހިކަމުގެ ވިސްނުން މުޅި އަތޮޅުތަކަށް މުހައްމަަދު އަމީން ގެންގުޅުއްވާފައިވެއެވެ. އަމީނުގެ ތަސައްވުރުން ކުރެހިގެން އައި ގްރޭޓާރ މާލޭގެ ހިޔާލުން މިއަދު ހުޅުލޭ ފަޅުން އާ ރަށެއް ހިއްކާ ހުޅުމާލެއަށް ވަނީވެފައެވެ. މާލެ ކައިރި ވިލިނގިލީގައި މިއަދު ވަނީ މީހުން އާބާދުވެ ރަށްވެހިވެފައެވެ. ގްރޭޓާރ މާލޭގެ ތަޞައްވުރުގެ ހަގީގީ ބާނީ އަކީ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާން ކަމާއި މެދު މި ލިޔުން ކިޔާ އެއްވެސް މީހަކު ދެބަސްނުވާނެއެވެ.

~~~~~~~~~~~

މި މަޒުމޫނު ލިޔާން ފަށައިގަތުމަށް، އަޅުގަޑުގެ ގަލަން މިނެގީ، ޒަމީރު ގޮވާ ގޮވުމަކަށް، އިޖާބު ދިނުމުގެ މަތިވެރި، ގަސްދުގައެވެ. ޟުރޫރަތްތެރި ކަމަކީ، ކަމެއް ފަށައިގަތުމުގެ އަސްލުކަން ޤަބޫލު ކުރަމުންނެވެ. މައުޟޫޢު ތަޢާރަފް ކުރުމަށް، ވަގުތުތަކެއް ނަގައެއް ނުލާނަމެވެ. ފަށުވި އިބާރާތުތަކެއް، އެކުލަވާލެވޭތޯ ހިއްމަތެއް ނުމެކުރާނަންމެއެވެ. ސާފުސީދާ އިބާރާތުން، އަޅުގަޑުގެ ގަސްދު ތިޔަބޭފުޅުންނަށް، ހާމަކުރިޔަދެއްވާށެވެ. މާލެ ފުރިއްޖެއެވެ. އިތުރަށް ގެއެއް އަޅާނޭ ތަންކޮޅެއް، އަމުދުން ނެތެވެ. މާލެޔަށް އަންނަ އިސްލާހުތަކާއި، އެއްގޮތްވާ ގޮތުގެ މަތީން، އައު އިމާރާތް ތަކާއި ބޯޅަކުޅޭނޭ ތަންތަން ހަދާނޭ ބިމަށް ބޭނުންވެފައި ވަނީ ނިހާޔަތުގެ ދަރަޖައަށެވެ. ކަން މިހެން ހުރި އިރު, އާދެ! އަޅުގަނޑަށް ފެންނަނީ، ހުޅުވިފައިވާ އެންމެ ދޮރެކެވެ. މާލެއިން ބައަކު، ހުޅުލެޔަށް، ނުވަތަ، ވިލިގިއްޔަށް، ގޮސް އެދެރަށުން ކުރެ ރަށެއް، އާބާދު ކުރާން ފަށައިގަތުމެވެ. އަޅުގަނޑުގެ ހިތުގައި ޝައްކަކަށް، ވަސްވާހަކަށް ތަނެއްނެތެވެ. އިޙްލާސްތެރިކަމާއި އެކު މަސައްކަތްކުރެވިއްޖެ ނަމަ، ނުކުންނާނީ، އެދެވޭ ނަތީޖާތަކުގެ ތެރެއިން، އެންމެ ފުރިހަމަ ނަތީޖާއެވެ. ހަމައެކަނި މާލެއިން، ތަން ލިބޭނީއެއް ނޫނެވެ. މަސައްކަތް ނެތިފައިވާ، މީހުންތަކަށް، މަސައްކަތްތަކެއް ކުރިމަތިވާނީއެވެ. މަރުވެ ހުލިވަމުންދާ ރަށަކުން، އާޒާދުކަމާއި، ބާއްޖަވެރިކަމުގެ، ކުރިތަކެއް، ފަޅައިގަންނާނީއެވެ.

އެކި ނުކުތާތަކުގެ މައްޗަށް، ވަކިވަކީން، ވިސްނައިލަމާ ހިންގަވާށެވެ. އެންމެ ފުރަތަމައިން، މާލެ ފުރިއްޖެކަމެވެ. އަލުން ގެއެއް އަޅާނޭ ތަންކޮޅެއްނެތެވެ. ސަރުކާރުގެ އެތައް ތަނެއް އެޅުމަށްޓަކައި، ހުސްބިމަށްވަނީ، ކޮންމެހެން، ބޭނުންވެފައެވެ. މަދަރުސާތަކުގެ ކުދީންނާއި، ކްލަބްތަކުގެ މެމްބަރުން، އަތްފައި ދަމައިލާނޭ، ހުސްބިމެއް އަމުދުންނެތެވެ. ބޭރުންދާ، ޓީމާކާއެކު، މެޗްކުޅޭންޖެހެނީ، މިންތައް ހަމަނުވާފަދަ، ކުޑަތަންކޮޅެއްގައެވެ. އަލުން ކާރުޚާނާއެއް ހަދާނޭ، ހުސްބިންކޮޅެއް، ހޯދުމަށް ދާންޖެހެނީ، ހުވަފެނުގެ ޖައްވެއްގެ ތެރެއަށެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ، މާލޭގެ ހާލުގެ ދޫ، ގަދައަޑުން ގޮވަނީ، ހުސް ބިމަށެވެ. ތަނަވަސް ބިމަށެވެ. ސަރަހައްދެއް ނެތް ހުސްބިމަށެވެ. ދެންނިކަން، މަސައްކަތެއްނެތިގެން، މާލޭގައި އުޅޭ ޒުވާނުންނާއި، މެދު ޢުމުރުގެ މީހުންގެ މައްޗަށް، ވިސްނަވާލަ، ބައްލަވާށެވެ. އެފަދަގިނަ މީހުންނަށް ހިއްމަތާއިއެކު، މަސައްކަތްކުރެވެނީ، ތިމާމެން، އަމިއްލައަށް، އެއްވެސް މަސައްކަތެއްނުކޮށް، އެހެންމީހުންގެ އެހީތެރިކަމާއެކު، ދިރިއުޅެވޭތޯއެވެ؟ އާދެ! އެއްގޮތަކުން ނުވިއްޔާ، އަނެއްގޮތަކުންނެވެ. ނަތީޖާއެއްގެ ގޮތުން، ވައްކަންކުރުން ހައްތަހާވަނީ ގިނައެވެ. ތަރުހީބު ދެވެނީ، ކަންނެތްކަމާއި ލޮޑުކަމަށެވެ.

އަޅުގަނޑު މި ވަކާލާތުކުރާ ފަދައިން މާލެއިން ބައަކު ގޮސް، އެދެރަށުންކުރެ ރަށެއްގައި، ވަޒަންވެރިވަނިކޮށް، ކުރިމަތީގައި ހާމަވެފައި އޮންނާނީ، ރަނުގެ ފުރުސަތުތަކެވެ. މަސްދޯނިތަކެއް ބަދެގެން، މަހަށް ދިއުމުގެ ސިފާގައެވެ. ފެހި ކުލާގެ ދަނޑުތަކެއްގެ ގޮތުގައެވެ.

އާދޭހެވެ! މިދެންނެވި ދެރަށުން ކުރެ ރަށެއް، އާބާދު ކުރާންފަށައި ގަންނަބައެއްގެ ކުރި މައްޗަށް، ހިދާޔަތެއްގެ ގޮތުގައި ހުށަހެޅޭނީ، ހުވަފެނުންވެސް ނުދެކޭފަދަ ފުރުޞަތު ތަކެކެވެ. އެދެރަށުން ކުރެރަށެއް، ރާއްޖޭގެ އެންމެ މުއްސަނދި، ރާއްޖޭގެ އެންމެ “ފެހި” ރަށެއްކަމުގައި ވަމުންދާތަން، ސިފަކުރައްވަން، ދަތިފުޅުތޯއެވެ؟ އަޅުގަޑަކަށް ދައްޗެއް ނޫނެވެ.

ހުޅުލޭ ގޮޑުދޮށަށް، ވިހިތިރީސް، މަސްދޯނިލަފާތަން، އަޅުގަޑުގެ ހިތަށް ގެނެވެއެވެ. ހުޅުލޭގެ ދަނޑުތަކުން، ހަރުވަމުން އަންނަ ކުރާތައް، އަޅުގަޑަށް ސިފަކުރެވެއެވެ. ރަށުމީހުން ލައްވާ، މަސައްކަތް ކުރުވާން، ޚަޠީބު ކަލޭގެފާނު އުޅޭނޭ އުޅުން، އަޅުގަނޑުގެ ޚިޔާލަށް ގެނެވެއެވެ. އަންހެނުންގެ މުރުޝިދާ އެއްގެ ގޮތުން، ޚަޠީބު ގޭ ޙުސްނާ ރަށުމީހުންގެ މައްޗަށް، ފޯރުވާނޭ ނުފޫޒު އަޅުގަޑަށް ސިފަކުރެވެއެވެ.

އަތްތެރި މަސައްކަތުގެ އެކިއެކި މަޢުރަޒުގައި، ހުޅުލޭ އަންހެންކުދީން، އިނާމް ބަލާއަންނާނޭ އައުން، ހުޅުލޭގެ ފުޓްބޯޅަ ޓީމްއާއި، މާލޭގެ ހެންވޭރު ކްލަބުގެ ފުޓްބޯޅާ ޓީމް ބައްދަލުވާ، ބައްދަލުވުން ، އާދެ! މިހުރިހައިކަމެއް، ސިފަކުރާކަށް އަޅުގަޑަކަށް އުދަގުލެއްނޫނެވެ. ނަމަވެސް، ބަޙުޘެއްނެތެވެ. މަގެއް ފެންނަނީ، ކާމިޔާބީއެއް ކުރިމަތިލަނީ، ހިއްމަތާއެކު މަސައްކަތްކުރާ ބައަކަށެވެ.

މިދެންނެވި ފަދަ ރަށަކަށް. މާލެއިންދާން، އަޅުގަނޑަށް، ފެންނަނީ، ހަމައެކަނި، މަސައްކަތެއް ނެތިފައިތިބި، މީހުންނެއްނޫނެވެ. އެބައިމީހުންނާއި އެކު، އަމިއްލަ މަސައްކަތްކުރާ ބައެއް މީހުން ވެސް ދިއުމަކީ، އެދެވޭކަމެއްކަން ކަށަވަރެވެ. ވަޑިންނާއި، ދަގަޑު ތަޅާމީހުންނެވެ. ލޯވިރުވާމީހުންނާއި، އަތްކަންކުރާ މީހުންނެވެ.

ހަމަ މިފަދައިންމެ، އަޅުގަޑު ވަކާލާތުކުރަނީ، މާލޭގައި ހުރިހައި މަސްދޯނިފަހަރެއް، ގެންގުޅޭނެތަނަކީ، މިދެންނެވި ދެރަށުންކުރެ ރަށެއްކަމުގައި ވުމަށެވެ. ދެރަށުންކުރެ ރަށެއްގެ މީހުންނަށާއި، މާލޭގެ މީހުންނަށް، ދަތިނުވާނޭ ފަދަ ގޮތެއްގެ މަތީން، ރޯމަސް ވިއްކާން މާލެއަށް ގެންދެވޭނޭފަދަ، އިންތިޒާމެއްކުރެވިދާނޭކަމީ، ޝައްކެއް އޮތްކަމެއް ނޫނެވެ. މިދެންނެވި ބަދަލު ގެނެވިއްޖެ ނަމަ، ނުކުންނާނޭ، ނަތީޖާއަކީވެސް،  އާދެ! މާލޭގެ ގޮޑުދޮށް އޮންނާނީ، ނުހަނު، ސާފުކޮށެވެ. ފަޅުތެރެ، ނުލާހިކު ރީތިވާނެއެވެ. އެތައް ބައެއް، މާލެއިން މަދުވާނެއެވެ. މަސްވެރީންނަށް މިހާރަށްވުރެ، ތަނަވެސް ގޮތެއްގައި، ދިރިއުޅެވޭނެއެވެ. ޢާއްމު ޞިއްޙަތް މިހާރަށްވުރެ ފުރިހަމަވާނެއެވެ. ޞިއްހަތޭތޯއެވެ؟ އަޅުގަޑު މި ވަކާލާތުކުރާ ފިޔަވަޅަކީ، ޞިއްހީގޮތުން އެޅޭން އޮތް އެންމެ ހަރުދަނާ އެއްފިޔަވަޅެވެ. ބައެއްގެ ޞިއްހަތަށް ހެޔޮގޮތުގެމަތީން، ދެމިއޮވެވެނީ، ވަކި ވަރެއްގެ ބިމެއްގައި، ވަކިވަރަކަށްވުރެ، މީހުން ގިނަނުވުމުންނެވެ. ތާޒާވައި ލިބުމުންނެވެ. ކަސްރަތްކުރާނެ ހާމަބިންތައް ހުރުމުންނެވެ. ކަންމިހެންހުރި އިރު، ޞިއްހީ ނަޒަރަކުން، ވިސްނާއިރު، މިފިޔަވަޅު އަޅާންވީތާ، ކިތަންމެ ދުވަހެކެވެ. ތިޔަބޭފުޅުންނާއި ތިޔަބޭކަލުން، ނިކަންވިސްނަވާށެވެ. ދުނިޔޭގެއާއި ރާއްޖޭގެ ތާރިޚުގެ ގަނޑުތައް އުއްކަވައި، ބައްލަވާށެވެ. އަޅުގަޑު މިވަކާލާތުކުރާ އުޞޫލަކީ، އައު އުޞޫލެއް ނޫނެވެ. އެޅުމަށް އަޅުގަޑު މިގޮވާ ފިޔަވަޅަކީ، އައު ފިޔަވަޅެއް ނޫނެވެ. ހުރިހައި ޒަމާނެއްގައިމެ، ހުރިހައިތަނެއް ގައިމެ، ރަށެއް ފުރުނީމާ، އެހެން ރަށަކަށް ދަނީއެވެ. ރަށްރަށް އާބާދުވަނީ އެގޮތުގެ މަތީންނެވެ. އާދޭހެވެ! އެންމެ ވިދާ މިސާލަކީ، މުޅިދުނިޔެއަށް ވިދާ، އެމެރިކާއެވެ.

މި މަޒުމޫނު ލިއުމަށްޓަކައި، އަޅުގަޑުގެ ގަލަންނެގީ، ދިވެހި ދައުލަތުގެ ސިޔާސަތެއް ހާމަކުރުމަށްޓަކައެއް ނޫނެވެ. ދިވެހި ދައުލަތުގެ އެދުމެއް، ފާޅުކުރާކަށް ނުމެނޫންމެއެވެ. މިކަމަށް ދިވެހި ދައުލަތުން ތަރުހީބު ދެއްވާނޭ ކަމެއް ވެސް އަޅުގަޑަކަށް ނޭގެއެވެ. އަޅުގަޑުގެ އެދުމަކީ، އަޅުގަޑުގެ ގަސްދަކީ، މަސްއަލާގެ މައްޗަށް ޙިޔާލު ހިންގާން ފެއްޓުމަށް މާލޭގެ މީހުންނަށް އިލްތިމާސެއް ކުޅައުމެވެ. ކަމަކީ، ފެންނަކަމަކަށް ވަނީ ނަމަ އިސްނަގައިގެން، ދައުލަތުގެ އަމުރު ލިބޭތޯ ހިނގައިގަތުމީ،

އާދެ، މާލޭގެ ރައްޔިތުންކުރެ، އެކަމަށް ބޭނުންވެފައިވާ ބައެއްގެ މައްޗަށްވާ، ވާޖިބެކެވެ. އެބައަކަށް، ދިވެހި ޤައުމު ދަރާނޭ ދަރަނި ބޮޑެވެ. އަދާކުރުން ހައްޤުވާނޭ ޝުކުރު ގިނަގުނައެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. ހަމަކަށަވަރުންވެސް އަޅުގަޑުގެ ނަޒަރުގައި، މިފިޔަވަޅަކީ ކޮންމެހެން، އަޅަންވެއްޖެ ފިޔަވަޅެކެވެ. ވީހައިވެސް އަވަހަކަށް، އަޅަންވެއްޖެ ފިޔަވަޅެކެވެ. ވިހައިވެސް އަވަހަކަށޭ، ދެންނެވުމުން، އަޅުގަޑުގެ މަޠުލަބު އޮޅުވާނުލެއްވުން އެދެމެވެ. އަޅުގަޑުވެސް، ހަމަ މުޅިން އެއްބަހެވެ. ކަމަކީ، އެއްދުވަހަކުން، ދެދުވަހަކުން، އެއްމަހަކުން، ދެމަހަކުން، ވާނޭކަމެއް ނޫނެވެ. މިކަން ފަށަންވާނީ، ހުރިހައި ފަރާތަކަށް، ނަޒަރުހިންގުމަށް ފަހުއެވެ. ކުރަމުންގެންދަންވާނީ، ލަސްލަހުން ކެތްތެރިކަމާއި އެކުގައެވެ. މިކަމުގައި، އިސްނަގައިފި ބަޔަކަށް، އެއެހީވެވެނީ، އެބައިމީހުން އަމިއްލައަށް، އެކަންޏެއްނޫނެވެ. މާލޭގެ ރައްޔިތުންނާއިއެވެ. ދިވެހި ޤައުމުގެ މުސްތަޤްބަލާއެވެ. މިކަން ފެންނަ ބައެއް ތިބި ކަމުގައި ވަނީނަމަ، އެއަވަށެއްގެ އަވަށުވެރީންނާއި، ވާހަކަދައްކަނިކޮށް، ސީދާމަގެއް ފެނިދާނެކަން ނޭގެއެވެ. އިސްނަގާނޭ މީހަކު، އާދެ! އިސްނަގަންކެރޭފަދަ، ހިތްވަރުގަދަ ޤައުމަށް ހެޔޮއެދޭ މީހަކީ ކާކުބާވައެވެ؟