ފުރަތަމަ ބޮޑު ހަނގުރާމަ އާއި ކުޑަރިކިލުގައި ކަނޑުމައިނެއް ގޮވުން

ދުވަސްވަރަކީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ދުނިޔެއަށް ވެރިވެފައިވަނީ ހަނގުރާމައިގެ ބިރުވެރިކަމެވެ. އިންޑިއާ ކަނޑުގެ ހަމަހިމޭން ދިވެހި ރާއްޖެއަށް ހަނގުރާމައިގެ ބިރުވެރިކަން އަންނާނީ ކިހިނެއްކަން އެކަކަށް ވެސް ނޭނގެއެވެ. މިއިރު ހަނގުރާމައިގެ ވާދަވެރި ގައުމުތަކުން ދިޔައީ ދުޝްމަނުންގެ ކަނޑުގެ ލަޝްކަރުތަކާއި މަނަވަރުތައް ހަލާކުކުރުމަށް ކަނޑަށް މައިންތައް އަޅަމުންނެވެ. އަދި ޓޯޕީޑޯ ފަދަ ބޯޓުފަހަރު ފޫއަޅުވާ ގޮއްވާލާޒާތުގެ ކަނޑުގެ ހަތިޔާރުތައް ވެސް ދުޝްމަނުންނާ ދެކޮޅަށް ފޮނުވަމުންނެވެ.

މި ދުވަސްވަރު އިރުވައިގެތެރޭގައި އަަތޮޅުގެ މަސްވެރިން މަހަށް ނިކުތެވެ. މާޅޮސްމަޑުލު ދެބުރި ވަކިކުރާ ބަތަލާ އުތުރުން އޮންނަ ހަނިކަނޑަށް އެ ދުވަހު ފަސްދޭތެރެ އުނޑޫދޫ މީހުންނާއި، ހަކުރު ފުނަދޫ މީހުންނާއި، ކެންދޫ މީހުންނާއި ކަމަދޫ މީހުން އަދި ކުޑަރިކިލު މީހުން މަހަށް ނިކުތެވެ. އެ ދުވަސްވަރު ކުޑަރިކިލުގައި 11 ގަނޑެތި ދުއްވާކަމަށް ވެއެވެ. މާކަނޑުގެ ބިޔަ ރާޅާއި އެކު ހަނގުރާމައިގެ ނުރައްކާ ކަނޑުމަތިން ރަށެއްގެ ގޮނޑުދޮށަށް އަރުވަން ޖެހިދާނެކަން މަހަށް ނުކުތް މަސްވެރިން ނުވިސްނައެވެ. މާދަމާގެ ތާރީޚްގައި އެ ދުވަހާއި ޖެހިގެން އަންނަ ދުވަސްތައް ލިޔެވިގެންދާނެކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ހަނގުރާމަައިގެ ހަތިޔާރެއް ގޮވާޒާތުގެ އެއްޗެއް ދުވަހަކުވެސް ފެނިފައިވާ ނުވާ ބަޔަކަށް ގޮވާޒާތުގެ އެއްޗެއް މަސްކަނޑުގައި އޮޔާދާނެ ކަމަށް ނުބަލާނެއެވެ. އާދައަކީ ކަނޑުމަތިން ހޮވާ ތަކެތި އެންމެކައިރީ މީހުން އުޅޭ ރަށަށް އަރުވާފައި އަތޮޅު އޮފީހާއި ހަވާލުކުރުމެވެ. އެ ޒަމާނުގައި އަތޮޅުވެރިކަން ކުރަނީ މާޅޮސްމަޑުލު ދަރަވަންދޫގައެވެ. އޭގެ ކުރީގެ ދުވަސްތަކުގައި 1800ގެ އަހަރުތަކުގައި މާޅޮސްމަޑުލު ދެބުރިއަށް ވާރުކަން ކޮށްފައިވަނީ ކުޑަރިކިލުގައެވެ. ވަރަށްމޮޅަށް ހަދާފައިވާ ވާރުގެއް އެ ޒަމާނުގައި ކުޑަރިކިލުގައި ހުރެއެވެ.

މިއީ ފުަރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކުޑަރިކިލުގައި އެއްޗެއް ގޮވުމާއި ބެހޭގޮތުން ކުަޑަރިކިލު އަޙްމަދު އާދަމް މުހައްމަދު މޫސާމަނިކަށް އޭނަގެ ކާފަ ކިޔާދިން ގޮތަށް ލިޔެފައިވާ ލިޔުމެއްގެ ނަކަލެވެ. އަޙްމަދު އާދަމް މުހައްމަދު މޫސާމަނިކުގެ މުނިކާފަ، ކާފަގެ ބައްޕަ އަކީ ބޮންގޮވި ދުވަސް ދުށް މީހެކެވެ. މިއީ އެދުވަހުގެ ހާދިސާގެ ކުޑަ ތަފްސީލީ ހަނދާނެކެވެ. ރަށުގައި އެއްޗެއް ގޮވި ގޮތުގެ ހަނދާންހުރި އެކެއް އަނެއްކެއްގެ ކިބައިން ފަހުން ތިބި މުސްކުޅިން އެކި ގޮތަށް އެވާހަކަ ކިޔައެވެ. މައިގަނޑު އެއްވާހަކައެކެވެ. ފުރަތަމަ ހަނގުރާމައިގެ ދުވަސްވަރު ހިނގި މި ހާދިސާ ދޫދޫމަތިން ކިޔާގޮތަށް ކިޔާންދޭން އެނގޭ އެންމެ ފަހުން ތިބި ދުވަސްވީ މީހުން ވެސް ވަނީ ނިޔާވެފައެވެ. އެހެންކަމުން އެ ހާދިސާ ހިނގި ގޮތުގެ އިތުރު މައުލޫމާތު ލިބޭނެގޮތެއް ނެތެވެ. މި ހާދިސާ ހިނގިފަހުން މިހާރު މިވަނީ 102 އަހަރުވެފައެވެ.

~

“އަޅުގަނޑުގެ މުނިކާފަ ބ. ކުޑަރިކިލު އިނގުރައިދޫ މޫސާ މަނިކު އިންނެވީ ކުޑަރިކިލު ކަތީބު މަނިކު ދޯނި ޞަލަވާތްފުޅު ކިޔަވާށެވެ. ދޯނި ބާލަން އައިސްތިބި މީހުން އެވަގުތު ދައްކަމުން ދިޔައީ ބޮމުގެ ވާހަކައެވެ. އެވަގުތު އެތަނަށް އައި މަޑުއްވަރި ގޯތި އަލީ ކިޔާ މީހަކު އައިސް މި ބުނަނީ މަށަކީ ބިރުގަންނަ މީހެއް ނޫނޭ! މިހާރުވެސް ކަނދުގަނޑުން ޖަހާ އޭތި ފަޅާލަފާނަމޭ މިހެން ބުނެ އޭނާ ކަދުގަނޑު ކޮޑުމަތީ ބާއްވައިގެން ހިނގައިގަތެވެ. އެވަގުތު އެތާ ތިބި މީހުން ގޮވާލިއެވެ. ޅާއައްޔާ ގޮވާޅެ! އަލީ ބުނަނީ ނުގޮވާޅެއެވެ. މިހެން ބުނެ ކަދު ގަނޑުން ބޮމުގައި ޖަހައިފިއެވެ. އެވަގުތު ބޮން އެނބުރެން ފެށިއެވެ. އަޅުގަނޑުގެ ކާފަ ކިޔާދިން ގޮތުގެ މިސާލަކީ ވައިޖަހާފައި އޮންނަ ފުއްޕާހަމެއް ތުންނާއްސަ ބިންމަތީގައި ބޭއްވީމައި ވައިދޫވާއިރު ހަން އެބުރޭ ގޮތް، އެ ގޮތަށް އެބުރުމަށް ފަހު ގޮވީއެވެ.

މި ހިތާމަވެރި ހާދިސާގައި 9 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވިއެވެ. އޭގެތެރޭގައި އަޅުގަނޑުގެ މުނިކާފަ މޫސާ މަނިކުގެ އެއްލޯފުޅު ޒަހަމްވިއެވެ.

މި ހިތާމަވެރި ހާދިސާ ހިނގި ތާރީޚް:

17 – 05 – 1333ހ.

02 – 04 – 1915 މ.

މި ހާދިސާ ހިންގީ ހުކުރު ދުވަހު މެންދުރުފަހު ވަގުތެއްގައެވެ.

މި ބޮން ކުޑަރިކިލު ގޮނޑުދޮށަށް އައިގޮތް:

މާޅޮސްމަޑުލު ދެކުނު ބުރި ފަސްދޭތެރެ ހަކުރު ފުނަދޫ ރަތްމަސް ދޯނި މަހަށް ގޮސް އުޅެނިކޮށް މާޅޮސްމަޑުލު ދެބުރި ދޭތެރޭގައި އޮންނަ ހަނިކަނޑު ދެފެން ދޭތެރޭގައި މޮއިއަޅައަޅަ އޮތް އެއްޗެއް ފެނިގެން އެޔާ ގާތްކޮށް އޭގަ ވާބައްދައިގެން ކަފުޖަހައިގެން ދުއްވާފައި އައިސް ކުޑަރިކިލު އުތުރުފަރާތުގައި އޮންނަ މާނެރުން ވަދެގެން ގޮސް ކުޑަރިކިލު ގޮނޑުދޮށަށް ބީއްސާލުމަށް ފަހު އެއިތި ކުޑަރިކިލު ކާޑުގެ ކިޔާގެ ކައިރީ ބާއްވާ ކެޔޮޅު މީހާ ކުޑަރިކިލު ކަތީބު މަނިކު ކައިރީ މިބުނަނީ މި ގޮތްނޭނގޭ އެތި ދަރަވަންދުއަށް (އެޒަމާނުގައި އަތޮޅުވެރިކަން ކުރާ ރަށް) ގެންގޮސްދޭށެވެ. ކުޑަރިކިލު ކަތީބު މަނިކު ގޮތްނޭނގޭ އެތި ކައިރިއަށް ގޮސް ބެލިއިރު އޭތި މަތީގައި ބޯލްޓްއަޅާ ހަރުކޮށްފައި ހުރި އުޅައްގަނޑުތަކެއް ހުއްޓެވެ. އުޅައްގަނޑުގައި ޖަހާފައި ހުރީ މިޒަމާނުގައި ކިޔާ ނަމަ ދަގަނޑު ޗޭނު، އިހުޒަމާނުަގައި ކިޔާ ގޮތަކީ ހިލިހިލާ ބޮޅުފައްޗެވެ.

ކަތީބު މަނިކު ބުނެގެން ކުޑަރިކިލު މީހުން އޭތި މޫދަށް ލައިގެން ދަމާފައި މިހާރު ކުޑަރިކިލު ބަނދަރު އޮތް ދިމާލަށް ގެންގޮސް ބަންނެހެރު ނެރު ދެކުނު ފައިކަށިން ދެކުނަށް 30 ފޫޓް އެއްގަމަށް އަރުވާފައި އޮއްވާ ކަނދުބުރިން ޖަހައި ގޮއްވާލީއެވެ. މީގެ އިތުރުން އެ ގޮވިއެތީގައި ރަތްކުލައިގެ ލިޔުމެއް ފެންނަން ހުއްޓެވެ. އަޅުގަނޑަށް އިނގޭގޮތުގައި އެއީ ކަނޑުމައިނެކެވެ.”

މި ހިސާބުން ކުޑަރިކިލުގައި އެއްޗެއް ގޮވި ގޮތުގެ ވާހަކައިގެ ނަކަލު ނިމުނީއެވެ.

އަޅުގަނޑުމެންގެ ހަނދާނުގައި ކުޑައިރު “ބޮންގޮވި ފަސްގަނޑު” ކިޔާ ވަރަށް އުސް ފަސްގަނޑެއް ރަށުގައި އޮވެއެވެ. އެ ފަސްގަނޑު މައްޗަށް އަރާ އުޅޭ ހަނދާން ހުރެއެވެ. މި ފަސްގަނޑު އޮންނަނީ ކަނޑުމައިން ގޮވި ހިސާބުކަމަށް ބުނާ ހިސާބަށްވުރު އެއްގަމުގައެވެ. މިއީ އެދިމާލުގައިވާ ބޮޑު ނިކަގަހެއްގެ ބުޑަށް މޫސުމުގެ ވަޔާއި އެކު އަރާފައިވާ ފަސްގަނޑެއްކަމަށް ވެސް ކިޔާއުޅެއެވެ. އަޑިގުޑަން ހިސާބަކަށް ފަހު އޮންނަ އުސް ފަސްގަނޑު ކަހާފައިވަނީކުޑަރިކިލުގައި ބަނދުރު ހެދުމަށް ފަޅު ކޮނުނު ދުވަސްވަރު 2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އެ ހިސާބުން މިހާރުވަނީ ގޯތި ދޫކޮށް މީހުން ދިރިއުޅެން ފަށައިފައެވެ.

“ބޮންގޮވި ފަސްގަނޑު” ކިޔާ ހިސާބުން ގޯތި ލިބުނު މީހުން ގެ އިމާރާތްކުރަން އެ ހިސާބު ކޮނުނު އިރު ސީދާ ފަސްގަނޑު އޮތް ތަނުން ގަބުރު ފެނިފައި ވެއެވެ. ނަމަވެސް މިއީ 1915 ގައި ހިނގި ހާދިސާއާއި ގުޅޭ ބަައެއްގެ ގަބުރުތައް ކަމަށް ބުނާކަށް ނޭނގެއެވެ. މި ގަބުުރުތައް ހުރީ ހަމަ ގަބުރުސްތާނުގައި ވެސް ވަޅުޅާގޮތަށް ކަފުންކޮށް ވަކި ވަކިން ވަޅުލާފައެވެ. މިއީ ދަތުރުވަރެއްގައި މަރުވި ބައެއް ނުވަތަ އެހެންވެސް ސަބަބަކާއި ހުރެ ވަކިންް އެކި ދުވަސް މަތިން ވަޅުޅާފައިވާ ބަޔަކަށް ވެސް ވެދާނެއެވެ. ކުޑަރިކިލު ފަޅަކީ އުތުރުން މާލެއަށް އަދި މާލެއިން އުތުރަށް ދާ އޮޑި ދޯނި ފަހަރު މަޑުކުރާ ހިތްފަސޭހަ ފަޅެކެވެ. ފަސްގަނޑު ދަށުން ފެނުނު ގަބުރުތައް ވަނީ ކުޑަރިކިލު ގަބުރުސްތާނުގައި ފަހުން ވަޅުލާފައެވެ.

ކަނޑުމައިނަކީ ކޮބާ؟

  • ފުރަތަމަ ބޮޑު ހަނގުރާމައިގެ އިނގިރޭސިންގެ ކަނޑުމަތީ ލަޝްކަރެއް

ނޭވަލް މައިންސް ނުވަތަ ކަނޑު މައިނަކީ ހަނގުރާމަމަތީ މަނަވަރުތަކާއި ސަބްމެރިންތަކަށް ހަމަލާދިނުމަށް ކަނޑަށް އަޅާލެވޭ އަމިއްލައަށް ގޮވާޒާތުގެ ހަތިޔާރެކެވެ. ހަނގުރާމައިގެ ވާދަވެރި ފަރާތްތަކުން އިދިކޮޅު ހަނގުރާމަމަތީ މަނަވަރު ތަކާއި ސަބްމެރިންތަކަށް ގެއްލުން ދިނުމަށް މަނަވަރުތަކާއި ސަބްމެރިންތައް ދަތުރުކުރާ ކަނޑުގެ މަގުތަކަށް މި މައިންތައް އަޅައެވެ. ކަނޑުމައިންތަކުގައި ޖެހުމުން ސަބްމެރިންތަކާއި ބޯޓު ފަހަރު ގޮވައެވެ. ސަބްމެރިން ދަތުރުކުރާ ކަނޑުގެމަގުތަކުން އަޑިއަށް މިފަދަ މައިންތައް ޗެންޗޭނުގައި ބަރުލާފައި ފައްތާފައި ވެސް ހުރެއެވެ.

  • ޗެންޗޭނު ބޮޅުފަތި ޖަހާ ކަނޑުމައިނެއް ފައްތާގޮތުގެ ނަމޫނާ ކުރެހުމެއް

  • އިނގިރޭސިންގެ ހަނގުރާމަމަތީ މަނަވަރު ދަ އޮޑޭސިއަސް ޖަރުމަނުގެ ކަނޑުމައިނެއްގައި ޖެހި އަޑިއަށް ދަނީ

ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސިފައިންގެ މަރުކަޒުތައް ހުރި އަދި މުހިންމު ބަނދަރުތައް ހުރި އައްސޭރިފަށުގެ ހިސާބުތަކާއި އަދި ރަށްތަކުގެ ގޮނޑުދޮށްތަކަށް ދުޝްމަނުންގެ ހަނގުރާމަމަތީ ކަނޑުބޯޓު ފަހަރާއި ސަބްމެރިންތައް ވަނަ ނުދިނުމަށް ގިނަ އަދަދެއްގެ ކަނޑުމައިން ކަނޑުގެ އެކި ސަރަހައްދުތަކަށް އަޅާފައިވެއެވެ. މި ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުން އިނގިރޭސިންގެ މުދާ އުފުލާ ބޯޓުތަކާއި ހަނގުރާމަމަތީ ބޯޓުތަކަށް ހަމަލާ ދިނުމަށް ވިޔަފާރިގެ ދަތުރުތައް ކުރެވޭ ކަނޑުގެ މަގުތަކަށް މައިން އަޅާފައިވެއެވެ. ހަނގުރާމައިގެ ވާދައިގައި އެތައް ލައްކަ ކަނޑުމައިނެއް ދުނިޔޭގެ އެކި ކަނޑުތަކަށް އަޅާފައިވެއެވެ.

މި ކުރެހުމުގައި އެވަނީ ތަފާތު އެކި ބާވަތުގެ ކަނޑުމައިންތައް އަޅާ ފުންމިނެވެ.

1 – އޮޔާދާ ކަނޑުމައިން 2 – އޮޔާދާ ކަނޑުމައިން 3 –  ދަގަނޑު ޗޭނު މައިން

4 – ޗޭނު ކުރު މައިން 5 – ކަނޑުއަޑީ މައިން 6 – ޓޯރޕީޑޯ މައިން

7 – އަރާ މައިން

ކޮންމެ ގޮވާ އެއްޗަކީ ބޮމެއް ނޫނެވެ. 1915ގައި ކުޑަރިކިލުގައި އެއްޗެއް ގޮވި ވާހަކައަކީ މަޝްހޫރު  ވާހަކައެކެވެ. މި ހާދިސާ ހިނގަން މެދުވެރިވިގޮތާއި ގޮވި އެއްޗެއްގެ ބާވަތް އެކި މީހުން އެކިގޮތަށް ކީ ނަމަވެސް، އެ ހާދިސާ ގައި ގޮވި އެތި ސިފަކޮށްދީ އެކި މުސްކުޅިން ކިޔާދީފައިވާ ގޮތް ބެލުމުން އެއީ ކަނޑުމައިނެއްކަން އެނގެއެވެ. ކުޑަރިކިލު ގޮނޑުދޮށަށް އަރުވާފައިވާ އެތި ސިފަކޮށްދީފައިވާ ގޮތުން އޭގައި ބޯލްޓް އަޅާ ހަރުކޮށްފައިވާ އުޅައްގަނޑުތައް ހުރިކަމަށް ވެއެވެ. އަދި ދަގަޑު ޗޭނު ނުވަތަ ހިލިހިލާ ބޮޅުފަތިތައް ހުރިކަމަށް ވެއެވެ. މިއީ ބޮމެއްގެ ސިފަތަކެއް ނޫނެވެ. ކަނޑުމައިންތަކުގެ ސިފަތަކެވެ. ކަނޑުމައިން ކަނޑުމަތީގައި އޮންނާނީ ބޮއެއްގެ ގޮތުގައެވެ. އެހެންގޮތަކަށް ބުނާ ނަމަ ކަނޑުމައިނަކީ އަމިއްލައަށް ގޮވާޒާތުގެ މާއްދާތަކުން ފުރާފައިވާ ބޮއެކެވެ.

  • ދެފެންދޭތެރޭ އޮތް ކަނޑުމައިނެއް

ހަނގުރާމައިގެ އެ ދުވަސްވަރު ކަނޑުން ހޮވީ “ބޮއެ’އެކެވެ. މިއީ ފުރަތަމަ ބޮޑު ހަނގުރާމައިގައި ވާދަވެރި ގައުމުތަކުން ކަނޑަށް އަޅާފައިވާ މައިންތަކުގެ ތެރެއިން އިންޑިއާ ކަނޑަށް އޮޔާ ގޮސްފައިވާ މައިނަކަށް ވުމުގެ ފުރުސަތު ބޮޑެވެ. ހަނިކަނޑުން ފެނިގެން މަހަށް ދިޔަ ދޯނިތަކުން އެ “ބޮއެ” ކުޑަރިކިލަށް އެރުވީ ބޮމެއް ނުވަތަ އެހެންވެސް ގޮވާޒާތު އެއްޗެއް ކަމަށް ބަލާފައިކަމަށް ނުވެދާނެއެވެ. އަދި އެ ދުވަސްވަރު މި ހާދިސާއަށް ބޮންގޮވި ހާދިސާއޭ ކިޔާފައި ވެސް ނުވެދާނެއެވެ. ކުޑަރިކިލުގައި އެއްޗެއް ގޮވި ހާދިސާއާއި ގުޅުވައިގެން އަތޮޅުގައި ރައިވަރުބައެއް ކިޔާ އުޅޭކަމަށް ވެއެވެ. ރައިވަރު ބަޔަކީ 30 ރައިވަރެވެ. މިރައިވަރު ތަކުން އަޅުގަނޑު ވާހަކަދެއްވި ދުވަސްވީ މުސްކުޅިންގެ ހަނދާނުގައި ހުރީ އެންމެ ރައިވަރެކެވެ. އެއީ:

މުޑިއަކުން ޖެހީމައި

ކުޑިކުޑިވެއްޖެ އެ ބޮއެތާ

އުޑިއެޅި ބިންބިޔަށް މިސާ

ގުޑިގެން ރިކިލު ކުޑަދިޔާ

ފުނޑިހަޑުލުހެން ފުށަށްވެފައި

ގޮނޑުދޮށުގައި މަރުވެފައި

މުޑިއަކުން ޖެހީމައި ހަނިކަނޑުން ހޮވައިގެން ކުޑަރިކިލަށް އެރުވި “ބޮއެ” ނުވަތަ ކަނޑުމައިން ގޮވި ވާހަކައެވެ. އުޑިއަށް އަޅާ ބިންބީގެ މިސާލުގައެވެ. އެ ގޮވުމާއި އެކު ކުޑަރިރިކިލު ގުޑިގެން ދިޔަ ވާހަކަ އާއި ފުނޑާފައި ހުންނަ ހަނޑޫހެން ފުށަށްވެ ގޮނޑުދޮށުގައި އެތައް ބަޔަކު މަރުވި ވާހަކައެވެ. މިއީ 102 އަހަރުވެފައިވާ އެ ހާދިސާ ހިނގިގޮތެވެ.

ކުޑަރިކިލުގައި އެއްޗެއް ގޮވި އަޑާއި ކުޑަރިކިލު މަލަމަތިން ދުން އަރަމުން ދިޔަ ތަން ކައިރި ބައެއް އެހެން ރަށްރަށުގެ މީހުންނަށް ވެސް ފެނުނު ކަމަށް ކިޔާއުޅެއެވެ. އަދި އެ ވާހަކަ އެކި ރަށްރަށު މީހުން ދޫދޫމަތިން އެކި ގޮތަށް ދައްކައިވެސް އުޅެއެވެ. ކުޑަރިކިލުގައި އެއްޗެއް ގޮވި ދިމާއިން ކުރިމަތީގައި އޮންނަނީ މާޅޮސްމަޑުލު ފަސްދޭތެރެ ރަށްތަކެވެ. ފަސްދޭތެރޭގައި މިހާރު މީހުން އުޅޭ ރަށަކަށް އޮތީ ކެންދޫ އެކަންޏެވެ. ކަނޑުމައިން ހޮވި ދުވަހު ފަސްދޭތެރެ ހަކުރު ފުނަދޫއާއި އުނޑޫދޫ މީހުންނާއި ކެންދޫ މީހުން މަހަށް ނިކުތްކަމަށް ވެއެވެ. އުނޑޫދޫއާއި ހަކުރު ފުނަދޫ މީހުން ވަނީ ނާސިރު ދައުރުގައި މާޅޮސްމަޑުލު އޭދަފުއްޓަށް ބަދަލުކުރެވިފައެވެ. މި 3 ރަށުން ކުޑަރިކިލުގައި އެއްޗެއް ގޮވި ގޮތާއި ބެހޭ މައުލޫމާތު ދެވޭނެ އެންމެ އުމުރުން ދުވަސްވީ މީހަކަށް އަޅުގަނޑާއި ބައްދަލުވީ ކެންދޫ އަބޫބަކުރު މުހައްމަދު (ގާޒީ ބަކުރު) އާއެވެ. ގާޒީ ބަކުރު އުފަންވެފައިވަނީ 1927 ވަނަ އަހަރެވެ. މިއީ ކުޑަރިކިލުގައި ކަނޑުމައިން ގޮވިތާ 12 އަހަރުފަހެވެ. ކުޑަރިކިލުގައި ކަނޑުމައިން ގޮވި ގޮތާއި ބެހޭގޮތުން ގާޒީ ބަކުރު ކިޔާދެއްވި ވާހަކަ ތިރީގައި މިވަނީއެވެ.

“މިއީ މަންމަމެންނާއި އަދި އޭރުގެ މުސްކުޅިން އަދި ކުޑަރިކިލު ނައިބު މުހައްމަދު މަނިކު ކިޔާދިން ވާހަކަތަކުން އަހަރެންގެ ހަނދާނުގައި ހުރި މިންވަރެވެ. އެއީ އިރުވައި ހަޅައިގެތެރޭގައި ހިނގާދިޔަކަމެކެވެ. އެއިރު އިރުވައިގައި ފަސްދޭތެރެ ރަށްރަށު މީހުންނާއި ކުޑަރިކިލު މީހުން މަހަށް ނިކުމެ އުޅެނީ “ކަންދޮށު ކަނޑުއޮޅި” ކިޔާ ކަނޑުއޮޅިއަށެވެ. މި ކަނޑުއޮޅި އޮންނަނީ ގިރާވަރާއި ވިނަނެތްފަރާއި ދޭތެރޭގައެވެ. އެ ދުވަހަު މަހަށް ނިކުތީ ފަސްދޭތެރެ ހަކުރު ފުނަދޫ މީހުންނާއި އުނޑޫދޫ މީހުންނާއި ކެންދޫ މީހުންނާއި އަދި ކުޑަރިކިލު މީހުންނެވެ.

ކަނޑު އޮޅިން މަސް ބޭނުމުގައި ރަށްރަށު މީހުން ތިއްބާ ކުޑަރިކިލު އޮޑިއަކުން ހަންޖަހައިފިއެވެ. ކުޑަރިކިލު އޮޑިން ހަން ޖެހުމުން އެހެން ރަށްރަށު އޮޑި ފަހަރުވެސް ގޮސް އެ އޮޑިއާއި ގާތްކޮށްފިއެވެ. އޮޑި ފަހަރުގޮސް ބެލި އިރު އޮތީ ބޮޑު ބޮއެކެވެ. އެޔަކަށް ބޮމެއް ނުކިޔައެވެ. ކަނޑުމަތިން ފެނުނު އެއްޗަށް ކިޔަނީ “ބޮއެ”އެވެ. ގޮވާ އެއްޗެއް ކަމަށް ހިޔެއް ނުކުރެއެވެ. ކުޑަރިކިލު މީހުން ކަނޑުން ފެނުނު މި އެތި އަތޮޅު އޮފީހަށް ގެންދަން ޖެހޭނެއޭ، ކަފުޖަހަން ހިނގާށޭ ބުނުމުން ކެންދޫ އޮޑި ފަހަރުގެ މީހުން އެއީ ނުރައްކާތެރި އެއްޗަކަށް ވެސް ވެދާނެއޭ ބުނެ ކަފު ޖަހަން ބޭނުން ނޫންކަމަށް ބުންޏެވެ. އެއީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ދެން ކުޑަރިކިލު މީހުން އެރަށުގެ އޮޑި ފަހަރުގައި ކަފު ޖަހައިގެން އެ އެތި އަތޮޅު އޮފީހަށް ގެންދިއުމަށް ކުޑަރިކިލަށް އަރުވައިފިއެވެ. އެ ދުވަސްވަރު އަތޮޅުވެރިކަން ކުރަނީ މާޅޮސްމަޑުލު ދަރަވަންދޫގައެވެ.

މިކަން ހިނގާފައިވަނިކޮށް އައި ބުރާސްފަތި ދުވަހެއްގައި މަހަށް ގޮސް އޮޑި ފަހަރު އެހެލައިފިއެވެ. ޖެހިގެން އައި ހުކުރު ދުވަހު މީހުން ހުކުރަށް ދިއުމަށް ތައްޔާރުވަނިކޮށް އޮޑިހަރުގެ ތަކާއި ދިމާއިން ދުން އަރާތީ ފެނުނެވެ. މިކަމެއް ހިނގީ ހުކުރު ވަގުތުގެ ކުރީގައި އެ ހިސާބުގައި އުޅުނު ކުއްޖަކު ރަށަށް އަރުވާފައި އޮތް “ބޮއެ” ގައި ހުރި ރަން އިސްކުރެއް ނައްޓަން އުޅުމުންނެވެ. ހުކުރުން ފައިބައިގެން އެންމެން އައީ އޮޑި ފަހަރު ބާލަން ޞަލަވާތް ކިޔަވާށެވެ. ޞަލަވާތް ކިޔަވާ ނިމުނުތަނުން ދުން އަރަމުން ދިޔަ ބޮއެ ގޮވައިފިއެވެ. ބޮއެ ގޮވީ އެބުރިފައި ހަރުތަނެއްގައި ޖެހުމަށް ފަހުއެވެ. ގޮވީ ކައިރީ ހުރި އޮޑި ފަހަރާއި ވެސް އެކުއެވެ. ހުކުރުން ފައިބައިގެން އައި ކެންދޫ މީހުންނަށް ވެސް ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އިވުނެވެ. ކެންދޫ މީހުން އެއަޑު އައި ދިމާއަށް އަތިރިމައްޗަށް ނިކުމެ ބެލި އިރު ކުޑަރިކިލާއި ދިމާއިން ދުން އަރައެވެ. ކެންދޫ މީހުން ނިންމީ ކަނޑުމަތިން ހޮވައިގެން ކަފު ޖަހައިގެން ކުޑަރިކިލަށް އެރުވި ބޮއެ ގޮވީކަމަށެވެ. އެހެންކަމުން އެ ހަބަރު ދޭން ކެންދޫ އެއް އޮޑި އަތޮޅު އޮފީހަށް ހަބަރު ދޭން ފުރުވާލިއެވެ. އަނެއް އޮޑީގައި ކެންދޫ މީހުން އައީ ހާލު ބެލުމަށް ކުޑަރިކިލަށެވެ. ކެންދޫ މީހުން އައިސް ބެލި އިރު އެއްޗެއް ގޮވާ އޮޑި ދޯނިފަހަރާއި މީހުންގެ އިނގިލިތަކާއި ބޯތައް ވެސް ވަނީ ބުރައިގެން ގޮހެވެ.

ކެންދޫ މީހުން ކުޑަރިކިލަށް ގޮސް ރަށުތެރެއަށް އަރާ ބެލި އިރު ކުޑަރިކިލު މީހުން ތަކްބީރު ކިޔާ ދަމު ހިނގަނީއެވެ. މިކަން ހިނގި ފަހުން ކުޑަރިކިލު އޮޑިފަހަރުގެ ލަކުޑިއާއި ގޭގޭގެ ޓިނުތައް ވެސް ކުޑަރިކިލު ކައިރީ އޮންނަ ކަށިދޫއިން ވެސް ގެނައި ކަމަށް ވެއެވެ. އަދި އެ ދުވަހު ކުޑަރިކިލުގައި އެއްޗެއް ގޮވި އަޑު މާލެ އަތޮޅު ކާށިދޫއަށް ވެސް އިވުނުކަމަށް ވެއެވެ”

ފުރަތަމަ ބޮޑު ހަނގުރާމައިގައި ކުޑަރިކިލުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގުކުރުމަށް އެއިރުގެ ވެރިކަމުގެ ފަރާތުން ކުޑަރިކިލަށް ސަރުކާރުގެ ވަފުދެއް ފޮނުވިއެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ ހުސައިން ޞަލާހުއްދީނެވެ. އަދި އެ ހާދިސާ ތަހުގީގުކޮށް މި ވަފުދުން ރިޕޯޓެއް ލިޔުނުވެ. ކުޑަރިކިލުގައި ފުރަތަމަ ބޮޑު ހަނގުރާމައިގައި އެއްޗެއް ގޮވި ގޮތާއި އަދި ހާދިސާގެ މައްޗަށް ލިޔުނު މި ރިޕޯރޓް ދައުލަަތުގެ ކޮންމެވެސް އަރުޝީފެއްގައި ވާނެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ނަންތައް ލިޔެފައިވާ ގަނޑެއްވެސް ރަށުގައި ގެންގުޅުނެވެ. އެ ގަނޑުވީ ތަނެއް މިހާރު ނޭނގެއެވެ.

ހަވާލާ:

  • ކުޑަރިކިލުގައި އެއްޗެއް ގޮވި ގޮތާއި ބެހޭގޮތުން ރަށުގައި ލިޔެފައިވާ ލިޔުމެއް
  • ކުޑަރިކިލު އެކި މުސްކުޅިންގެ ފަރާތުން އެނގިފައިވާ މައުލޫމާތު
  • އަބޫބަކުރު މުހައްމަދު (ގާޒީ ބަކުރުބެ)، ނިވައިދަށުގެ، ބ. ކެންދޫ ދެއްވާފައިވާ މައުލޫމާތު
  • ފުރަތަމަ ބޮޑު ހަނގުރާމަ އާއި ހަތިޔާރުތަކުގެ މައުލޫމާތު ހުރި ބައެއް އިންޓަރނެޓް ސަފްހާތައް

4 ކޮމެންޓު ”ފުރަތަމަ ބޮޑު ހަނގުރާމަ އާއި ކުޑަރިކިލުގައި ކަނޑުމައިނެއް ގޮވުން“

    ާަސާލިމް

    ފުރިހަަމަ ލިޔުމެއް

    މާޖި

    ލުކަސް އަށް ޝުކުރިއްޔާ. މުހިންމު ދިރާސާ އެއް، ތާރީޚް އަށް ޚިދްމަތެއް،

    އަލީ

    ތީގެ އަނެތް ސީމައިން ފެނުނީ ރ އަތޮޅު އާރަށުން 2017 ވަނަ އަހަރު އެ ސީމައިން ވަނީ އެމް. އެން. ޑީ. އެފް އާ ހަވާލު ކޮށްފައެވެ އަދި އެމައިންވަނީ ރައްކާތެރި ކަމާއެކު ނައްތާލާފައެވެ

    އަބުދުﷲމޫސާ

    އާރަށިގައޮތް މައިން މަ ދެކުނިން .އެއިން ބައެއް ތަކެތި ނެށްޓުވިން .ފެނުންއިރު އޮތީ ފޫގޮސް.

Leave a Reply to މާޖި ކެންސަލް ރިޕްލައި