ވަޒަނަށް ފައްތައިގެން ޅެން ހެދުން މިއަދުގެ ޖީލަށް ވަނީ ދަތިކަމަކަށްވެފައެވެ. ނުވަތަ ޅެމާއި ޅެން ވަޒަނާއި ބެހޭގޮތުން ލިޔެވިފައިވާ ލިޔުންތައް މަދުކަމާއި އެކު ދަސްކުރަން އުނދަގޫވެފައެވެ. ދިވެހި ޅެމާއި ޅެންވެރިކަމަށް ފަށައިގަތުމުގެ ކުރިން ދިވެހި ޅެން ވަޒަނުގެ ހަމަތައް ދަސްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ކޮންމެ މީހަކީ ވެސް ޅެންވެރިއެކެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ އެބައި މީހުންގެ ޝުއޫރުތައް ވަޒަނަކަށް ފެތޭ ބަސްތަކަކުން ހާމަކުރަމުން ދިޔަ ބައެކެވެ. ހަދަން ފެށި ޒަމާނެއް ނުއެނގޭ ބަނދި ކާ ރައިވަރުން ފެށިގެން ފަހުގެ ދުވަސްވަރެއްގައި ތައާރަފްވި ވަޒަން ޅެމާއި އަދި މި ފަހަކުން ވަޒަނެއް ނެތި ހަދަން ފެށުނު އާޅެމުން ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަން ދައްކުވައިދެއެވެ. ދިވެހިންނަކީ އިންޑިއާ ކަނޑުގެ ޅެންވެރިންނޭ ބުނާހާ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ޅެންވެރިކަން އޮތެވެ. ޅެމާއި ބެހޭގޮތުން މުހައްމަަދު ޖަމީލު ދީދީ ވިދާޅުވެފައިވަނީ:
“ޅެމަކީ ވަޒަނަކަށް ފެތޭ ގޮތަށް ޤާފިޔާ ހަމަކޮށް ކިއިފައިވާ ބަސްތަކެކެވެ. ފުނަށް އަސަރު ފޯރާފަދަ ގޮތަކަށް ސިފަކޮށް ދައްކާ ރީތި ޙިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ. ބައެއް ފަހަރަށް އެބަސްތައް ފަތިފައްޗަށް އެކުލަވައި އަމުނާލެވެއެވެ. ބައެއް ފަހަރަށް އަމުނައިލުމެއް ނެތި އުކައިލެވެއެވެ”
ޅެންވެރިކަމަށް ފަށައިގަތުމުގެ ކުރިން އެހެން ބަސްބަހުގައި ޅެންވެރިކަން އައިސްފައިވާ ގޮތާއި ހަމަތަކުގެ މައްޗަށް ކޮންމެވެސް ވަރަކަށް ބަލައިލުމަކީ ބޭނުންތެރިކަމެކެވެ. މި މަޢުލޫގައި ދިވެހި ބަހުން އެންމެ ފުރިހަމަ ދިރާސާ ލިޔުމެއް ލިޔުއްވާފައި ވަނީ ޑރ. ހަސަން ހަމީދެވެ. ތިރިގައި އެ ވަނީ ޑރ. ހަސަން ހަމީދު ލިޔުއްވާފައިވާ “އިންގިރޭސި ޅެންވެރިކަމަށް ތަޢާރުފެއް” މި ލިޔުމުގެ ލިންކެވެ.
ބައެއް ތަޢާރުފް:
ޞަދުރު: ޅެންބައިތުގެ ފުރަތަމަ ފޮޅުވަތް
ޢަޖުޒު: ޅެންބައިތުގެ ދުވަނަ ފޮޅުވަތް
ކާފިޔާ: ޅެންބައިތުގެ އެންމެ ފަހަށް އޮތް އަކުރާއިފިލި ، ޅެން ބައިތު ނިމޭ އަކުރާއި ފިލި އެއްގޮތް ކުރުން
މުލައަކުރު: ޅެންބައިތުގެ ޞަދުރާއި ޢަޖުޒުގެ ފުރަތަމަ އަކުރު، މިދެއަކުރު އެއްގޮތްކުުރުން
އާއްމުގޮތެއްގައި ޅެމުގެ މުލަ އަކުރު އެއްގޮތްކޮށްފައި ނުހުރެއެވެ
ބަނޑުވައްއަކުރު: ޞަދުރާއި އަޖުޒުގެ ދެވަނަ އަކުރު، މިދެއަކުރު އެއްގޮތް ކުރުން
ފިލިކޯޅި: ޞަދުރާއި އަޖުޒުގެ ފުރަތަމަ ދެ އަކުރުގެ ފިލި، މި ފިލި އެއްގޮތް ކުރުން
ޅެމެއްގެ އެންމެ ފުރިހަމަ އެއް ސިފައަކީ ބަނޑުވައްއަކުރު އެއްގޮތްކޮށްފައި ހުރުމެވެ.
ދިވެހި ޅެން ވަޒަންތައް:
1- ދިގު ވަޒަން
ނާނާނަނާ/ނާނާނަނާ/ނާނާނަނާ/ނާނާނަނާ
28 ފިލި
- ވަޒަން ބައިކޮށްލެވެނީ:
7 ފިލީގެ 4 ބައި ހިމެނޭ ޞަދްރަކާ ހަމަ މިގޮތަށް ހަމަޖެހިފައިވާ ޢަޖްޒަކަށެވެ.
މިސާލުބައިތު:
ހ- ރައްބީމިހެން/ ކުރަވަތެވަޙީ/ޤުރުއާނުގާ/މާގަދަހުކުމް
އާދަމްދަރިން/ނާއެއްމެހާ/ތަކުހެއްދެވީ/ނީންނާއިޖިން
މައުލަވީ ހުތްއަލި ދިދީ
ނަމޫނާ ބައިތު:
ށ. ތާޒާމަލާ/ނުފޮޅޭމަލާ/ފަރިވަންފަށާ/ނަލަމާމަލާ
އާޒާދުކަން/ގެނުވާނަޔާ/ފިނިފެންމަލޭ/ތިބެފަރިވަނީ
އާދަމް ސަލީމްހޯރަފުށި
2- ފަސޭހަ ވަޒަން
ނަނާނާ / ނަނާނާ / ނަނާނާ / ނަނާނާ
20 ފިލި
- ވަޒަން ބައިކޮށްލެވެނީ:
5 ފިލީގެ 4 ބައި ހިމެނޭ ޞަދްރަކާ، ހަމަ އެފަދަ އަޖްޒަކަށެވެ.
މިސާލު ބައިތު:
ހިތާމައި/ގެވޭނުން/ނިމޭހާ/ނުވޭހޭ
ހިތާމޭ/ވިރޭތީ/ރޮވޭހާ/ނުވޭހޭ
ޞަލާހުއްދީން
ނަމޫނާ ބައިތު:
ސުވާލާ/ޖަވާބާ/ލިބޭނޭ/ގޮތޭމީ
ދުވާލާ/ރެޔާހެކި/ވެދާނޭ/ގޮތޭމީ
އާދަން ސަލީމް ހޯރަފުށި
3- އަވަސް ވަޒަން
ނާނަނާ / ނާނާނަނާ / ނާނާނަނާ
19 ފިލި
ވަޒަން ބައިކޮށްލެވެނީ:
5 ފިލީގެ 1 ބަޔާ 7 ފިލީގެ ދެބައި އެކުލެވޭ ޞަދުރަލާ ހަމަ އެފަދަ އަޖްޒަކަށެވެ.
މިސާލުބައިތު:
ހާއުފާ/ވެރިކަން ލިބޭ/ތޯދާނަމޭ
މާބަގީ/ޗާއަށް މިރޭ/ވަންނާނަމޭ
ޞަލާހުއްދީން
ނަމޫނާ ބައިތު:
ހާމަވާ/މަންޒަރުދެކެން/ހުންނާނަމޭ
މާމަލާ/ގުލްޝަން ބަލަން/އަދި ދާނަމޭ
އާދަމް ސަލީމް ހޯރަފުށި
4- ތަނަަވަސް ވަޒަން
ނާނާނަނާ / ނާނަނާ / ނާނާނަނާ / ނަނަނާ
24 ފިލި
*ވަޒަން ބައިކޮށްލެވެނީ:
7 ފިލީގެ ބަޔަކާއި 5 ފިލީގެ ބަޔަކާ އަދިވެސް 7 ފިލީގެ ބަޔަކާ 5 ފިލީގެ ބައެއް ހިމެނޭ ޞަދްރަކާއި އެފަދަ އަޖުޒަކަށެވެ.
ހިތުގާ/އަނދާ/ގިންޏަކުން/ހޭތިޔަ ކަރުނަ/އަޅަނީ
މިތުރާގެސިފަ/ތައްހަނދުމަ/ވާތީހެ ހިތް/ތެޅެނީ
ޞަލާހުއްދީން
ނަމޫނާ ބައިތު:
ތާޒާމަލާ/ރީތި ފަރި/ފިނިފެންމަލޭ/ފޮޅެނީ
އާޒާދުކަން/ބާޢުގާ/ވާތީހިތޭ/ދިރެނީ
އާދަމް ސަލީމް ހޯރަފުށި
5 – ގުނަ ވަޒަން
ނަނާނާނާ/ނަނާނާނާ/ނަނާނާ
19 ފިލި
- ވަޒަން ބައިކޮށްލެވެނީ
7 ފިލީގެ 2 ބަޔާ 5 ފިލީގެ 1 ބައި ހިމެނޭ ޞަދްރަކާ އެފަދަ އަޖްޒަކަށެވެ.
މިސާލު ބައިތު:
ޢަޖާއިބުދެކެ/ނިގާބުގެ މާ/ވަރާއިން
ޙިޖާބުވެގެން/ނިވާވެއްޖޭ/ސުރައްޔާ
ޞަލާހުއްދީން
ނަމޫނާ ބައިތު:
މަޖާތައްފެނި/ނަޖާނުވެގެން/ޒަމާނީ
ރަޖާ ޢަފްލަތު/އޮޅާލައިގެން/ހެދާނީ
ޔޫސުފު އަލިފުޅު ބ. ދަރަވަންދޫ
6- ލުއިވަޒަން
ނަނަނާނާ/ނަނާނަނާ/ނާނަނާނާ
19 ފިލި
- ވަޒަން ބައިކޮށްލެވެނީ
6 ފިލީގެ 2 ބަޔާ 7 ފިލީގެ 1 ބައިގެ ޞަދްރަކާ ހަމައެފަދަ ޢަޖުޒަކަށެވެ.
މިސާލުބައިތު:
ހިތުގައިވާ/ހިތާމައިން/ހޭނިމޭނީ
ފިތުނާރާ/ލުގާފަތާ/ހޭފެތޭނީ
ޞަލާހުއްދީން
ނަމޫނާބައިތު:
ފަރިވާހާ/ލިލީމަލެއް/ހޭފޮޅެނީ
ބަރިބަރިއަށް/ގަތަންއެމާ/ހޭލިބޭނީ
ޔޫސުފު އަލިފުޅު ބ. ދަރަވަންދޫ
7- ކުރު ވަޒަން
ނަނަނާނާނާ/ނަނަނާނާނާ/ނަނަނާނާނާ/ނަނަނާނާ
30 ފިލި
- ވަޒަން ބައިކޮށްލެވިފައިވަނީ
8 ފިލީގެ 3 ބަޔާ 6 ފިލީގެ 1 ބައި ހިމެނޭ ޞަދްރަކާ ހަމައެފަދަ ޢަޖްޒަކުންނެވެ.
މިސާލުބައިތު:
ދަތިކަން ހިތަކުން/ނުފިލާނޭހޭ/ފަތިހުގެހަނދުވަރު/ފެނުނީމާ
މަތިސާފުވެއުޑު/ވައިމަޑުރެއަކަށް/އަތިރިމަތީގާ/ހުރެލީމާ
ނަމޫނާ ބައިތު:
އުފަލެއް ހިތަކަށް/ނުލިބޭނޭހޭ/މިފަހަރު މިދަތުރު/ދެވުނީމާ
އުފަކާރުވެގެން/ޅަފުރާގެކުދިން/ރަޙްމާއެކުގާ/އުޅުނީމާ
ޔޫސުފު އަލިފުޅު ބ. ދަރަވަންދޫ
8 – އަލި ވަޒަން
ނާނާނަނާ/ނަނާނަނާ/ނާނާނަނާ/ނަނާނަނާ
26 ފިލި
- ވަޒަން ބައިކޮށްލެވިފައިވަނީ
7 ފިލީގެ ބަޔަކާ 6 ފިލީގެ އެއްބަޔާ ދެންވެސް 7 ފިލީގެ ބަޔަކާ 6 ފިލީގެ ބައެއްގެ މައްޗަށް އެކުލެވޭ ޞަދްރަކާ ހަމަ އެފަދަ ޢަޖުޒަކުންނެވެ.
މިސާލުބައިތު:
ގުލްޒާރުގާ/ނަޔާމަގޭ/ނޫރާނީމާ/ފޮޅޭނެޔޭ
ބުލްބުލްތަކާ/ކޮކާތަކާ/ފަރިވާއިރުން/އުޅޭނެޔޭ
ނަމޫނާ ބައިތު
އިންދާށެވީ/ހިޔާލިބޭ/ގަސްތައްމިތާ/ހެދޭނެހެން
ފެންދީއެއަށް/ކަމޭހިތާ/ފަރިހާމަލެއް/ފޮޅޭނެހެން
ޔޫސުފު އަލިފުޅު ބ. ދަރަވަންދޫ
9 – އުއްމީދީ ވަޒަން
ނާނާނަނަ/ނާނާނަނަ/ނާނާނަނަ/ނާނާ
22 ފިލި
- ވަޒަން ބައިކޮށްލެވިފައިވަނީ
6 ފިލީގެ 3 ބަޔާ 4 ފިލީގެ 1 ބައިގެ މައްޗަށް އެކުލެވޭ ޞަދުރަކާއި އެފަދަ ޢަޖްޒަކުންނެވެ.
މިސާލުބައިތު
އުއްމީދުގެ/އަލިކަން އެގެ/ނައި ކުޑަކުޑަ/ސިއްރުން
އުއްމީދުއު/ފައްދައިފިޔެ/މުޅިދޭހަށާ/ރަމްޒުން
ޝިހާބު
ނަމޫނާ ބައިތު:
ބާޒާރުގެ/އަގުތައްހުރި/ގޮތަކުންއަދު/އަމުދުން
އާޒާތުގެ/އެއްޗެއްގަނެ/ފޮރުވުން އަދި/ދައްޗޭ
ޔޫސުފު އަލިފުޅު ބ. ދަރަވަންދޫ
10 – ރޯޝަނީ ވަޒަން
ނާނަނާނާ/ނާނަނާނާ/ނާނަނާނާ/ނާނަނާ
26 ފިލި
- ވަޒަން ބައިކޮށްލެވެނީ
7 ފިލީގެ 3 ބައި އަދި 5 ފިލީގެ 1 ބައި ހިމެނޭ ޞަދުރަކާއި ހަމަ އެފަދަ ޢަޖުޒަކުންނެވެ.
މިސާލުބައިތު:
ރޯޝަނީމާ/ފަރިވުމުން ގުލް/ޝަނުގެފަނޑުކަން/ނެތިދިޔާ
ރޯޝަނިފެހި/އަލިކަމެއްޖައް/ވަށް ފެތުރިގެން/ތާދިޔާ
އާމިނަތު ހުސައިން
ނަމޫނާ ބައިތު:
އަންނަމަތިވެރި/ތިޔަޙިޔާލަށް/ހިންމަތާމިން/ނަތްކުރޭ
ކަންތަކަށްލަސް/ނުވެ އެކުން ހަރަ/ކާތްތެރިވެފިކު/ރެއްކުރޭ
ފާއިޒާ
ވަޒަނުގެ މައުލޫމާތު: ގައުމީ މަރުކަޒުގެ ފޮތް، ޅެން ވަޒަނުގެ ހަމަ
ތަނަވަސް ވަޒަންގެ މިސާލުގަ ޅެންބައިތުގެ ސަދުރުގއއި އެބައޮއް 5 ބައެއް. ޢޮންނަންޖެހޭނީ 4 ބައި. ޢަޖުޒު ބަހާލެވިފއި ވަނީ ރަނގަޅަށް