ޅެން: ފުރައަމެންގޭ މާދަރީ ބަސް

ފަޟީލަތުއްޝައިޙު ޙުސައިން ޞަލާހުއްދީން އުފަންވީ 15 ޖުމާދިލްއާޚިރާ 1298ހ. (11 މޭ 1881) ގައި މާލޭ ދަރަވަންދޫގޭގައެވެ. ވަރަށް ހަގު އުމުރުފުޅެއްގައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ޙާޖީ ޢިމާދުއްދީން) ގެ ރަސްކަމުގައި ބަންޑާރަ ނާއިބުގެ މަގާމަށް އިސްކުރެވުނެވެ. މުހައްމަދު ޝަމްސުއްދީން ތިންވަނައިގެ ދިގު ރަސްކަމުގެ ދުވަސްވަރުގައި ވެސް ޙުސައިން ޞަލާހުއްދީން ހުންނެވީ ފަނޑިޔާރު މަނިކުފާނުގެ މަގާމުގައެވެ. ފުރަތަމަ ލިޔެވުނު ޤާނޫނު އަސާސީގެ ދަށުން ހަމަޖެހުނު ވަޒީރުންގެ މަޖިލިސްގައި ވަޒީރުއްޙައްގާނިއްޔާގެ މަގާމަށް ޙުސައިން ޞަލާހުއްދީން އިސްކުރެވުނެވެ. އަދި އޭގެ ފަހުގައި ހިނގާދިޔަ ސިޔާސީ ހަމަނުޖެހުންގަނޑު ތެރޭގައި، ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ހޭަދަކުރެއްވުމާއިއެކު އެ މަގާމުން ވަކިކުރެވުނެވެ. 11 އޭޕްރިލް 1936ގައި ދެވަނަ ފަހަރަށް ޙުސައިން ޞަލާހުއްދީން ދެވަނަ ފަހަރަށް އުއްތަމަ ފަނޑިޔާރުގެ މަގާމަށް އިސްކުރެވުނެވެ.

ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ ކުޅަދާނަ އަދީބެކެވެ. އަދި އެހާމެ ޢިބްރަތްތެރި ޅެންތަކެއް އެކުލަވާލެއްވި ޝާއިރެކެވެ. މީގެ އިތުރުން ޙުސައިން ޞަލާހުއްދީނަކީ މަދަރުސަތުލް މަޖީދިއްޔާގެ ފުރަތަމަ ނާޟިރެވެ. އެ މަދަރުސާގެ ބިންގާ އެޅުމުގައި އެންމެ މުހިންމު ދައުރެއް ކުޅުއްވި އެއްބޭފުޅެކެވެ. ފަޟީލަތުއް ޝައިޙް ޙުސައިން ޞަލާޙުއްދީން އަވަހާރަވެފައިވަނީ 20 ސެޕްޓެމްބަރ 1948 ގައި ސިލޯނުގެ ކޮޅުނބުގައެވެ.

“ފުރައަމެންގޭ މާދަރީ ބަސް” މި ޅެމަކީދިވެހި ބަހާއި ބައެއް ޤަވާއިދުތަކުގެ މައްޗަށް ޙުސައިން ޞަލާހުއްދީން 4 ބައެއްގެ މައްޗަށް ލިޔުއްވާފައިވާ ދިގު ޅެމެކެވެ. މިތަނުގައި ނަކަލު މި ކުރަނީ ޅެމުގެ ފުރަތަމަ ދެ ބައެވެ.

~

1 – ބަސް

بسم الله الرحمن الرحيم

ކޮންމެބަޔަކަށްވެސް އެބަޔަކު މޮށޭބަހެއްނެޔެ ދެރަނުވާ

އޮންނައިރު މޭރުންވެދާހެން ށޭނިކަން ހަމައައްސަވާ

އެންމެހައިބަސްތަކެއްމެ ވާހިނދު މުޢުޖިޒާތެއްކަމު މުޅީން

ފެންނަ ކީރިތިވަންތަކަން ރައްބީގެ އަބަދަށް ދައްކަވާ

އެންމެހައި އިންސާންތަކުންވާތީވެ ޚުލަފާއުލްއިލާހް

ހުންނަ ނަފްސުއްނާޠިޤާ އުލުފާ އަމާނަތް ދޭހަވާ

ބަސްބަހީމީހުން ހަދާއެއްޗެއް ބަލަގަނޫނޭ ތެދޭ

އަސްތައަސްތާ ޤުދްރަތުގެ އޭއެއްޗެކޭ ހަމަހިންގަވާ

އޭގެމައްޗަށް މީހަކަށް ބާރެއްނުދެއްކޭ ނެއެހިލާ

ހެއިހަށީގައި ބުއްދިވާނަމަ ށޭވެކަންދީ ވިސްނަވާ

މީހުނަށް ވެވިދާނެކަމީ، ހޯދުމޭ ދަސްކޮށްމޮޅަށް،

ހީއެވެތިގެން އުނގެނިއުޅުމުން އެއިގެހުރިތައް ޢިދްޤަވާ

އުނގެނިދަސްކޮށް އުޅުނުވަރަކުން ކުރިއަރާނެއެ ބަސްބަހަށް

ނުގެހިފަސްހޯދައި ބަލައި ބަސްތައްބުގިސް މަގުތައްއެވާ

އައިގޮތާމެދު ބަސްއިހުއްސުރެ ވިސްނުމޭ ފަރުވާއަކީ

ލައިބަހޯދައިބަހުގެ މަގުއެނގިދާވަރަށް ފެނިނުވާ

~

2 – ދިވެހި ބަސް

ފުރައަމެންގޭ މާދަރީބަސް އެކުވެގެންވެއެ އުފެދިގެން،

ކުރެވިދާހިނދު ފިކުރުގިނަބަސް އެއްވެގެން ޝަރުގަށްމިވާ

ސެންސިކިރްތާ، ޕާލިޔާ، ސިންހަޅަ، ތަމަޅަ، ފެނެޔޭނިކަން

ފެންނަހެން ޢަރަބީގެ ބަސްތައް ފާރިސީޔާ ޕޮސްތުވާ

ހަމައެފަދައިންހުރެދެޔޭ ޔޫރަޕްގެބަސްތައްވެސް ލިބޭން

ނަމަބަލައި ހޯދައިއުޅެފި ކަތަކަށް ރަނގަޅު ހަމަބުއްދިވާ

މަޢުލޫމާތު، ޅެން އަދި ތަސްވީރު: އަބްދުލްޙަކީމް ޙުސައިން މަނިކު އެއްކޮށް ތައްޔާރުކޮށްފައިވާ “ޙުސައިން ޞަލާޙުއްދީނުގެ ޅެންތައް” މިފޮތުން