މާޅޮސްމަޑުލު ރައިވަރު

ދިވެހި ޅެންވެރިކަމުގެ އެންމެ ރީތި އެއްބާވަތަކީ ރައިވަރެވެ. ރައިވަރު ހަދަންފެށުނު ދުވަސްވަރެއް އެނގެން ނެތް ނަމަވެސް މިއަދާ ހަމައަށް ދޫދޫމަތިން އަހަރެމެންނާއި ހަމައަށް އައިސްފައިވާ ރައިވަރުތަކުން ދިވެހިންގެ ޒަމާންވީ ދިރިއުޅުމާއި ޅެންވެރިކަމުގެ ފުރިހަމަކަން ދައްކުވައިދެއެވެ.

މާޅޮސްމަޑުލު ރައިވަރުތަކަކީ އަޅުގަނޑު ބ. އަތޮޅުގެ އެކި ރަށްރަށަށް ކުރެވުނު ދަތުރުތަކުން ދުވަސްވީ މުސްކުޅިންގެ ފަރާތުން އަޑުއަހާ ނޯޓްކޮށްފައިވާ ރައިވަރުތަކުގެ ތެރެއިން އަތޮޅާއި ގުޅޭ ރައިވަރުތަކެވެ. ރައިވަރު ބަނދި ކާ ފަދަ އަދަބީ ތަރިކަ ފަހުގެ ޖީލުތަކަށް ރައްކާކުރުމަށް މަސައްކަތް ކުރެވިފައި ނެތެވެ. އަދި މިއަދާއި ހަމައަށް އައި އިރު ހަނދާނުގައި ރައިވަރު ހުރި މުސްކުޅީންނަކީ ވެސް މަދު ބައެކެވެ. މިއީ ހެދި މީހެއް ޒަމާނެއް ނޭނގޭ އެކަކު އަނެކަކުގެ ދޫދޫމަތިން ކިޔާފައިވާ ރައިވަރަށް ވާތީ ރައިވަރުގެ ސީދާ ހަމަތަކަށް ނުހުރެވެސް ދާނެއެވެ. މިބާވަތުގެ ރައިވަރުތަކަށް ތައިވަރުވެސް ކިޔާއުޅެއެވެ. މިއީ ވެސް ދިވެހި އަދަބިއްޔާތުަގައި މުހިންމުބައެކެވެ.

އައި އުނގުލު  އޮޑިއަކުން

ވާހަކަގެނައީ އެމީހުން

ވާދޫން ނިކުމެ ދަށްދަށުން

ބާނަނީ މަސް ހަނިކަނޑުން

އައިނުގައި އޮޑިތަކެއްލާޔޯ

ފައިއެބަ އޮތު ދީލަދީލާޔޯ

~

އޭދަފުށި މާއްޑޫ

ރޭމަނުކަރަމެ ހިތާދޫ

ހޭބަލުގަބުޅި އެ ގޮއެދޫ

ހޭރިޔާކުޅަ ފެެހެންދޫ

ރޭވެތެދެ ފުޅަދުއަށްރިކިލޫ

ރޭގަނޑުވާން ކުޑަރިކިލޫ

ހުރުވަޅިން ފަރެސްމާ ކަށިފުށިން މާރިކިލުލާ
އަންހެނުންފުށި ދިގުފަރާ ގާގަނޑު ފަރާ ބަތަލާޔާ
ވިނަނެތްފަރާ ގިރާވަރާ ކަމަބަލަވާދޫ ތިލަދޫއާ

ހަނިކަނޑުން އުތުރުގައި

ބަންނައޮޑިއެކެ ފައިނުގައި

ދަންނަވަމެގޮސް އަރިހުގައި

މައްޔަލަށްލީ މޫނިމާ

ގަނޑުވަރުތެރޭން ބަޔަކު

ބޭލިއޮޑީގެ މައްޔަލަކު

  • މިއީ އެ ޒަމާނުގައި އޮޑިފަހަރު ބަންނަން މުނިމާ ކެނޑުން މަނާކުރީމައި ހަދާފައިވާ ރައިވަރެކެވެ. ބާރު އޮތް ބަޔަކު މޫނިމާ ބޭނުންކުރި ވާހަކައެވެ.

~

ހުޅަނގުބިތު ފަރުދޫތުޅާ

ކަނޑުއޮޅިވި ވިލިގިލީގާ

މާވަރާ ހުރުވަޅީމާ

އަހިވަށްފުށީ ފަރަށްވާ

ކަމުގައިވެޔޭ ފަރެސްލާފައި

ނަމުގައި އޭރު ގުޅުވާފައި

~

ފަރެހާ ދަކަންދުއާ

މާކަށިފަރާ ރިކިލުމާ

އަންހެނުންފުށި ދިގުފަރާ

ގާގަޑުފަރާ ބަތަލާޔާ

ވިނަނެތްފަރާ ގިރާވަރާ

ކަމަދޫވޭ ޖެހިފަރާ

~

ވޯވައް ކުޑަރިކިލާ

ހުރުވަޅިއުޑޫ ފުނަދޫއާ

ހުޅުދޫގެމެން ކެންދޫއާ

ކެޔޮދޫއާ ކެޔޮދުއްފަރާ

ކަށިދުގިރި ކަށިދުއްފަރާއީ

ހަނިފަރާ މާފަރާއީ

ތުޅާބޮޑޭ އޮޅޭހިތޭ މާކަނައޭ އުފުލި އިނގިލި ކުޑަދުވޭ ކުރެދިގަޑޭ ހުޅުމިރިޔަން ކޮރައިމާ އޭދަފުނަ ނެލިމާ ހިބަދަރަވަން އައިހުރައިން މާމުގުލުން ވާތިލަ ކަމަ ގިރާވިނަބަ ގާގަޑުދިގު އަންހެންމާކަށި ހަނިދަކަން ފަރެސް އަހިވައް މާވަރު ވިލިގިލިގާ

މިއީ މާޅޮސްމަޑުލު ހުޅަނގުބިތު ތުޅާދޫއިން ފެށިގެން މާޅޮސްމަޑުލު ދެބުރި ވަކިވާ ހިސާބު ރަށްތަކުގެ ނަންތައް ހިމަނައިގެން ކިޔާއުޅޭ ރައިވަރުތަކެވެ. އަދި އެންމެ ފަހު ބައިގައި އެވާ ތުޅާބޮޑޭ އޮޅޭހިތޭ މި ބަޔަކީ ބަންޖެއްގެ ބައެކެވެ.

~

އެއްތިނގިލި އަލިފުށީ

ފެންނަ ވާދޫ މައްދެތީ

ޅެން ބަހުން އަޅު މި ބުނަނީ

ދެން އެ ހުޅުދުއްފާރަކީ

ގެންއުނޑޫދޫ ހުޅުދުއާއީ

ފެން އިފުރާއި އުނގުލާއީ

~

އުނގުލު ތިބެ ހަލަވެލީ

އުނގޫފާރުން ކަށަކެވެލީ

ދުވާފަރު ދެބައްރާޅުވެލީ

މާކުރަތު ގަހުމަލާމެލީ

ކުޑަކުރަތު އީސަޔަށް ދެލިދޭ

ރަސްބަލަ މާދޫން ފީ ދެލިދޭ

~

މާދުވާ މާދުވާ

ވަންދޫން ކޯއްޓެނެނަށްލާ

އިނގުރާފައިން ކިނޮޅާހާ

ބެރިއަންފާރާ ވާދޫއާ

ވާދޫ ހުރުވަޅި ވިލިގިއްޔޭ

ގިރިލަންދޫ މާމުއްޔޭ

~

ފަރެހާ ދަކަންދުވާ

މަމުނަގަލާ ރިކިލުމާ

އަންހެނުން ފުށި ދިގުފާރާ

ގާގަނޑުފަރާ ބަތަލާޔާ

  • މި ރައިވަރު ބައިގައި އެ ވަނީ މާޅޮސްމަޑުލު އުތުރުބުރިއާއި އަދި ދެބުރި ވަކިކުރާ ހިސާބުގެ ރަށްތަކުގެ ނަމެވެ. އެކި މުސްކުޅިން ކިޔާ ކިޔުމުގައި ތަފާތު ހުއްޓަސް ދާދި އެއް ރައިވަރުތަކެވެ. މި ރައިވަރުތައް ހަދާފައިވާނީ މާޅޮސްމަޑުލު އިދާރީގޮތުން ދެބަޔަށް ބައި ނުކުރާ ދުވަސްވަރެއްގައި ކަމަށް ފެނެއެވެ.

އައިދުވަހު ދެ އޮޑިބޮޑު

ލައިފިޔެ ފަނާ ގަލަށްބޮޑު

ވާހަކަމިދެއްކުމަށް ބޮޑު

މާމަޑުއްވަރީ ނެގުންބޮޑު

ތާދޫކުދިން ނުތިބެމާހީ

ހިފައިގަންނާން އުޅޭމާހީ

~

މާވަރުން އެންދެމޭނީ

ދާދެފަށްކޮށް ބާރުލިއްޔާ

ފައިމިއޮޑީގައި ހަރުލިއްޔާ

ތުޅާދޫ ކުދީންނޭ

ވަރުއެރުވުމުން ކޮބާހޭ

އަމިއްލަފަޅެއް އެބައޮތޭ

ދެންކުރާނީ ކިޔެއްހޭ

ދެންމިތާ ތިބެ ވަރެއްވެފައި

ދެންމިދަނީ ނިންމާފައި

  • މިއީ ތުޅާދޫއާއި ހިތާދޫގެ ދެމެދުއޮތް ދެކޮޅުވެރި ވާދަވެރިކަމެއްގެ ރައިވަރެކެވެ. ތުޅާދޫ ދޮންކަތީބަކީ މާ ބާރުގަދަ މީހެކެވެ. ދޮންކަތީބުގެ ބާރުގައި ހިތާދޫ މީހުން މާވަރު ފަޅުން އެން ދެމުން އޮންނަނީ މަނާކޮށްފައެވެ. ހިތާދޫ ހާޖީބެއަކީ އެ ރަށުގެ ހަރުމީހެކެވެ. ހާޖީބެގެ އޮޑީގައި ކަންވެރިކަމަށް ރަނގަޅު މީހުންވެސް ތިބެއެވެ. ހިތާދޫ މީހުންނަށް މާވަރު ފަޅުން އެންދެމުން މަނާވެފައި އޮންނާތީ ހާޖީބެ މާލެ ގޮސް ކިލެގެފާނަށް އެ ވާހަކަ ދެންނެވިއެވެ. ހާޖީބެ ގޮސް ކިލެގެފަނަށް ދެންނެވީ:

“ތުޅާދޫ މީހުންނަށް ފަޅެއް ދެއްވާފައި އެބަ އޮތޭ. އެހެންވީމައި ތިމަންމެނަށް އިންނަފުށި މައްޗާ ގޮއެދޭ މައްޗާ ކަނޑު ލިޔުއްވާ ދެއްވާށޭ”

ކިލެގެފާނުން ވިދާޅުވީ ކަނޑެއް ފަޅެއް އެއްވެސް ބަޔަކަށް ނުލިޔުއްވަމެވެ. މާވަރުފަޅުން އެން ދެމުން ހުއްދަވީއެވެ. އޭގެ ފަހަށް ހާޖީބެ ރަށަށް ގޮސް މާވަރުފަޅުން އެންދެމީއެވެ.

ތުޅާދޫ އޮޑިއެކޭ

ނޭކުރެންދޫ ވަކަރެކޭ

އަރުވާމަދޮޅި ޖެހިއްޖޭ

ކަނޑުގާ މަވީ ފަތާށޭ

އެދުވަހަށްގޮވި ނަދުރުތަކުން

އެޅި ހުންގާނު ދޫނިތަކުން

~

އޮޅަގިރިން ދެފަޑިލާ

މޮޅަކަށެ މިބަތް އޮޑީގައި

ކޮޅުކުނެތޮ އެއްކަމެއްވާ

އޮޅުލާނަގާ ރާޅުހެންދީ

ކޮޅުމައްޔާއި ތިހެންދީ

~

ސާހިބޭގަނޑަށް އަޅު

ވާށެދެއްވާ ރަށެއްފަޅު

ތާކުދުރުތަނަކުން ރަނގަޅު

ކާށިވަރުވާއަކަށް އަޅު

މާބޮޑެއްކޮށް ނޫނެވާކޫ

ޑައިކޮށްދޭށެ ވަރުވާކޫ

  • ފަޅުރަށެއް ވަރުވާއަށް ލިޔުއްވުމަކީ ބޮޑުކަމެކެވެ. މިއީ ފައިނު އާދަންމަނިކު ކިޔާ މީހަކު ފަޅުރަށެއް ހޯދަން އެއިރު ހުރި ރަސްގެފާނަށް ފޮނުވި ކަމަށް ބުނާ ރައިވަރެކެވެ. ސާހިބާއޭ ވަރުވާއަށް ދައްކަން ޖެހޭބައި ކުޑަކޮށް ދެން ރަނގަޅު ފަޅު ރަށެއް އަަޅުގަނޑަށް ދެއްވާށެވެ.

މުޑިއަކުން ޖެހީމައި

ކުޑިކުޑިވެއްޖެ އެ ބޮއެތާ

އުޑިއެޅި ބިންބިޔަށް މިސާ

ގުޑިގެން ރިކިލު ކުޑަދިޔާ

ކުނޑިހަޑުލުހެން ފުށަށްވެފައި

ގޮނޑުދޮށުގައި މަރުވެފައި

  • މިއީ ކުޑަރިކިލު ބޮން ގޮވި ރައިވަރު ބައިން މުސްކުޅިންގެ ހަނދާނުގައި ހުރި ހަމައެކަނި ރައިވަރެވެ. ރައިވަރު ބަޔަކީ 30 ރައިވަރެވެ. މި ރައިވަރު އެހެން ގޮތަކަށް ވެސް ކިޔައެވެ.

މުޑިއަކުން ޖެހީމާ

ކުނޑިކުނޑި އެ ބޮން ވެއްޖެތާ

އުޑި އެޅި ހަނޑުލަށް މިސާ

ގުޑިގެން ރިކިލު ކުޑަ ދިޔާ

ފުނޑި ހަނޑޫހެން ފުށަށް ވެގެން

ގޮނޑުދޮށުގާ މަރުވެގެން

~

ދޭދެބަންޑާތުރުން

ދޭފުރާ ދެއޮޑި މިރަށުން

ހޭރިޔާކޮށް އަނބުރަމުން

އޭކަނޑަން އެމުޑި މެންދޫން

އޭގޮސް އެރަށުތެރެން ގެނައި

އޭފަންސާސް މުޑިގެނައި

  • ކެންދޫ މީހުން ބަންޑާރަ ދަތުރުގައި މެންދޫއަށް ތިންގަނޑެތީގައި މުޑިކަނޑަން ދާ ވާހަކަ.

މާފަރާ ލަންދުއާ

ކާށިގިނަހާ ރަށްރަށާ

މާލޭގަތިބި ބޮޑުންނާ

ކާށިދޫ ދިގު ހިންނައާ

މާކޮށާރުން އެއްބަޔާއި

ތާވަމުހޭ ދިނިއްޔާއީ

  • ފަޅުރަށެއް ލިޔެދޭން އެދިފައިވާ ރައިވަރެއް

ދޫދޫމަތިން ކިޔަމުން އަންނަ ރައިވަރުގެ މުހިންމުކަމަކީ ދިވެހިންގެ ދިރިއުޅުމާއި ރަށްތަކުގެ ނަންތަކާއި އަދި އެއިރު އުޅުނު މީހުންގެ ނަންތައްވެސް ރައިވަރާއިއެކު އައިސްފައިވުމެވެ.

© ފޮޓޯ: ހަސަން ނަޖުމީ، އޭދަފުށީގެ މަންޒަރެއް، 1979