މައުންޓް ލެވެނިއާ ހޮޓެލްގައި ހުންނަ ސަރ މިޓްލޭންޑާއި ލޮވިނިއާ އަޕޮންސުވާގެ ކުރެހުން
މިޓްލޭންޑާއި ލޮވިނިއާ އަޕޮންސުވާ
މީލާދީން 1805 ވަނަ އަހަރު އޭރުގެ އިނގިރޭސި ރަސްގެފާން ޖޯރޖް ތިންވަނަ އެގައުމުގެ މިލިޓަރީ ޖެނެރަލެއްކަމުގައިވާ ސަރ ތޯމަސް މިޓްލޭންޑް އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް ސިލޯނަށް ގަވަރުނަރުކަމުގައި އައްޔަންކޮށް ފޮނުވިއެވެ. ސަރ ތޯމަސް ގަވަރުނަރުކަމުގައި ހުރީ 1811 އާއި ހަމައަށެވެ. 1806 ވަނަ އަހަރު ސަރ ތޯމަސް ގަލްކިއްސައިން ބިމެއް ބައްލަވައި ގަނެ ގަވަރުނަރު ހުންނަވާ އަމިއްލަފުޅު ގަނޑުވަރަކީ އެގެކަމުގައި ހަމަޖައްސަން ނިންމިއެވެ. މި ބިން ސަރ ތޯމަސް ބައްލަވައިގަތީ ގަލްކިއްސަގެ ގޮނޑުދޮށާއި ކައިރިން އުހުގައިވާ ތަންކޮޅަކުންނެވެ. މިއީ މިހާރުގެ މައުންޓް ލެވެނިއާ ހޮޓެލް ހުރި ބިމެވެ.
މައުންޓް ލެެވެނިއާ ހޮޓެލްއާއި ގޮނޑުދޮށް
އިނގިރޭސި އިސްތުއިމާރުގެ ގަވަރުނަރު ކަމުގައި މިޓްލޭންޑް ސިލޯނަށް ވަޑައިގަތް ދުވަހު ސިލޯނު މީހުންގެ ފަރާތުން ގަވަރުނަރަށް މަރުހަބާކިޔުމަށް ނެށުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. މަރުހަބާގެ މިޔުޒިކާއި ނެށުމުގެ ހަރަކާތުގެގެތެރެއިން ގަވަރުނަރުގެ ހިތްދެވުނީ ނަށާ ގްރޫޕްގައި އިސްކޮށް ހުރި ނެށުންތެރިޔާ ލޮވިނިއާ (ލެވެނިއާ) އަޕޮންސުވާއަށެވެ. ގަވަރުނަރަށް މަރުހަބާ ކިޔުމުގެ ނެށުމުގެ ހަރަކާތް ހުށަހަޅައިދިން ގްރޫޕްގެ ވެރިޔަކީ އަޕޮންސުވާގެ ބައްޕައެވެ. ލޮވިނިއާ އަޕޮންސުވާއަކީ ފުށެތިކާލުން (ޕޯރޗުގީޒުން)ނާއި އަދި ރޮޑްޔާއިންގެ ރީތިކަން އެއްވެފައިވާ ދެ ނަސްލެއްގެ ގުޅުމުގެ ތެރެއިން ލިބިފައިވާ ރީތި ކުއްޖެކެވެ. ލޮވިނިއާގެ ބައްޕަ އަކީ ފެށިތިކާލުންގެ މީހެއްކަމަށާއި މަންމަ އަކީ ސިލޯނުގެ ރޮޑްޔާއިންގެ މީހެއްކަމަށް ބުނެވެއެވެ.
ރޮޑްޔާ އަކީ ސިލޯނުގެ އިޖްތިމާއީ ބައިކުރުންތަކުގެ ތެރެއިން އެންމެ ދަށުގައިވާ ބައެވެ. ނަސްލީގޮތުން ރޮޑްޔާއިންނަކީ ސިންހަޅައިންކަމުގައި ނުބަލައެވެ. ރޮޑްޔާއިންގެ އަސްލު ވަނީ ތާރީޚްގެ ފުސްކަމުގެތެރެއަށް ގެއްލިފައެވެ. ރޮޑްޔާއިން ސިލޯނަށް އައިސްފައިވަނީ އުތުރުކަރަ(އިންޑިއާ)ގެ އިރުމަތިން މީލާދީން އެއް ވަނަ ގަރުނުގެތެރޭގައި ކަމަށް ބުނެވެއެވެ. މީލާދީން 1500އިން 1900އަށް އޮތް ސިލޯނުގެ ކެންޑީ ރަސްކަމުގައި ރޮޑްޔާއިންނަށް ތަފާތުކުރުމާއި އެކި އަނިޔާތައް ތަހައްމަލުކުރަން ޖެހުނެވެ. ރޮޑްޔާއިންގެ އަންހެނުންނަށް ވެސް އަދި ފިރިހެނުންނަށް ވެސް މޭމަތި ނިވާކުރުން މަނާކުރެވިފައި އޮތެވެ. މީލާދީން 20 ވަނަ ގަރުނާއި ހަމައަށް ވެސް ރޮޑްޔާއިންގެ އަންހެނުން ސިލޯނުގައި އުޅުނީ މޭމަތި ނިވާނުކޮށެވެ. ރޮޑްޔާއިންނަށް މޭމަތި ނިވާކުރުމުގެ ހުއްދަ ލިބުނީ ލޮވިނިއާއާއި ގަވަރުނަރުގެ ލޯބީގެ ގުޅުމުގެ ތެރެއިން ކަމަށްވެއެވެ.
އިނގިރޭސި ގަވަރުނަރު ސަރ ތޯމަސް މިޓްލޭންޑް
މިއީ އިސްތިއުމާރީ ލޯބީގެ ވާހަކައެކެވެ. މަރުހަބާގެ ނެށުމުގެ ހަރަކާތްތަކުން ފެނުނު ރޮޑްޔާ ނަށާ ކުއްޖާއަށް ގަވަރުނަރު މިޓްލޭންޑްގެ ހިތް ދެވުނެވެ. އަޕޮންސުވާގެ ހިނިތުންވުމާއި ދެ ނަސްލެއްގެ އެކުވެފައިވާ ރީތިކަަމުގެ ޖާދޫގައި ގަވަރުނަރު މިޓްލޭންޑް ޖެހުނެވެ. ނެށުމުގެ ހަރަކާތް ހުށަހަޅާއިދިން ކުއްޖާ އިތުރަށް ދުށުމަށް މިޓްލޭންޑްގެ ހިތް އެދެމުން ދިޔައެވެ. އަދި ގަވަރުނަރު ހުންނަވަން މިޓްލޭންޑް ގަލްކިއްސައިގައި ބިނާކުރި ގޭގައި އެކި ނެށުމުގެ ހަފްލާތަކަށް ލޮވިނިއާގެ ބައްޕަގެ ނަށާ ގްރޫޕަށް ދައުވަތު ދެމުން ދިޔައެވެ. ގަލްކިއްސައިން ގަވަރުނަރު ހުންނެވުމަށް އިމާރާތްކުރި ގެ އެ ބިމުގައި އެޅުމަށް ނިންމީ އެހިސާބު ގޮނޑުދޮށުގައި އަޕޮންސުވާ ފެންވަރަން ހުރިތަން ގަވަރުނަރަށް ފެނިގެންކަމުގައި ވެސް ބުނެވެއެވެ. ގަވަރުނަރު ގަލްކިއްސައިން ބައްލަވައިގަތް ބިމުގައި އިމާރާތްކުރުމުގެ މައްސަކަތްކުރުމުގައި ހަރަކާތްތެރިވި މީހުންނަށް ގަވަރުނަރުގެ ގެއިން ލޮވިނިއާގެ ގެއާއި ދެމެދު ބިމުގެ އަޑިން ސިއްރު ޓަނަލެއް ކޮނުމަށް ގަވަރުނަރު އިރުޝާދު ދިނެވެ. ލޮވިނިއާގެ ގެ ހުންނަނީ ގަވަރުނަރު ކަލްކިއްސައިން ބައްލަވައިގަތް ބިމާއި ކައިރި ހިސާބެއްގެއެެވެ. މި ޓަނަލް ނުވަތަ ސިއްރު ބިންގަރާސް ގުޅިފައިވަނީ ގަވަރުނަރުގެ ގޭގެ ރާގުދަނާއި ލޮވިނިއާ ދިރިއުޅޭ ގޯތި “ރޮޑީކުއްޕަޔަމަ” ފެންވަޅާއި އެވެ.
ގަވަރުނަރުގެ ގެއާއި ލޮވިނިއާގެ ގެއާއި ދެމެދު ސިއްރު ބިންގަރާހަކުން ގުޅޭލެވުނު ސަބަބަކީ، ހުއްސަރިބަޔަށް ހުރި އިނގިރޭސި އޮފިސަރަކާއި ނަށާކުއްޖެއް ލޯބީގެ ގޮތުން ގުޅިގެން ބައްދަލުވާތަން ފެނުމަކީ އިނގިރޭސި އިސްތިއުމާރުގެ އަގު ވެއްޓިދާނެފަދަ ކަމެއްގެ ގޮތުގައި އިނގިރޭސިން ދެކޭނެތީއެވެ. ގަވަރުނަރާއި އަޕޮންސުވާ ބައްދަލުކުރަމުން ދިޔައީ ގަވަރުނަރުގެ ގެއާއި އަޕޮންސުވާގެ ގެއާއި ދެމެދު ކޮނެވުނު ސިއްރު ބިންގަރާސް މަގުގެ ތެރެއިންނެވެ. އަޕޮންސުވާގެ ގޭގެ ވަޅުގެ ހުންނަތަނުން ގަވަރުނަރުގެ ގަނޑުވަރަށް މި ސިއްރު ބިންގަރާސްތެރެއިން ރޭގަނޑު އަޕޮންސުވާ ގެންދެވޭކަމަށް ބުނެވެއެއެވެ.
ނެށުމުގެ ހަފްލާތަކާއި ބައްދަލުވުންތަކުގެ ތެރެއިން ގަވަރުނަރާއި އަޕޮންސުވާގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދިގެން ދިޔައެވެ. ގަވަރުނަރާއި ރޮޑްޔާ ނަށާކުއްޖާގެ މި ސިއްރު ލޯބި ސިލޯނު މީހުންނަށް ވެސް އަދި އިނގިރޭސި ރަސްކަމަށް ވެސް އެއިރު ނޭނގެއެވެ. ސިލޯނުގެ ތާރީޚުން އިސްތިއުމާރުގެ ދުވަސްތައް ގުނެމުންދާވަރަކަށް ގަވަރުނަރުގެ ލޯބީގެ ގުޅުމަށް ވެސް ދުވަސްތައް ގުނެމުން ފާއިތުވަމުންދެއެވެ. ދެހިތެއްގެ ލޯބި އަބަދު ސިއްރެއްގެ ގޮތުގައި ނޯވެއެވެ. ގަލްކިއްސަގެ ގޮނޑުދޮށުގައި ހުރި ގަވަރުނަރުގެ ގަނޑުވަރާއި ރަށުތެރޭގައި ހުރި އަޕޮންސުވާގެގެއާއި ދެމެދު ބިންގަރާސްމަގުން ހިނގަމުން ދިޔަ ލޯބީގެ ގުޅުމުގެ ވާހަކަ އިނގިރޭސި ރަސްކަމާއި ހިސާބަށް ފޯރިއެވެ. ބާރުގަދަ އިނގިރޭސި ރަސްކަމުގެ ފަރާތުން ސިލޯނަށް ކަނޑައަޅަފައި ހުންނަވާ ގަވަރުނަރު އެ ގައުމުގެ އެންމެ އާދައިގެ މީހުންގެ ތެރެއިން ކުއްޖަކާއި ހިތާވެ ހިނގާދިޔަ ލޯބީގެ ގުޅުމަކީ އިނގިރޭސި ދައުލަތަށް ލިބުނު ދަށްކަމެއްގެ ގޮތުގައި ދެކި އިނގިރޭސިން އެބައިމީހުންގެ ސިލޯނު ގަވަރުނަރު އިންޑިއާ ކަނޑުގެ ސިލޯނުން މެޑިޓްރޭނިއަން ކަނޑުގެ މޯލްޓާއަށް ބަދަލުކުރުމަށް ނިންމިއެވެ.
މައުންޓް ލެވެނިއާ ހޮޓެލްގެ ބަންދުކުރެވިފައިވާ ޓަނަލް މުވައްޒަފަކު ދައްކާލަނީ
އެކުގައި ލޮވިނިއާ ގެންދިއުމުގެ ފުރސަތެއް މިޓްލޭންޑަކަށް ނުލިބުނެވެ. ބިންގަރާހުން ލޯބިން ގުޅެމުން ދިޔަ ދެހިތެއް އިސްތިއުމާރީ އިނގިރޭސި ދައުލަތުގެ ޝަރަފަށްޓަކައި ވަކިކުރެވުނީއެވެ. ސިލޯނުގެ ގަވަރުނަރުކަަމުގައި ހުންނެވި ސަރ މިޓްލޭންޑް އަވަހާރަވެފައިވަނީ ލޮވިނިއާ އާއި ވަކިވުމުގެ ހިތާމައިގައި މީހަކާއި ނުއިނދެ އެކަނިވެރި ދުވަސްތައް ގުނަމުން ކޯފޫ ޖަޒީރާގެ އިނގިރޭސި އިސްތިއުމާރުގެ ގަވަރުނަރުކަމުގައި ހުންނަވަނިކޮށެވެ. މިޓްލޭންޑްގެ ލޯބިވެރިޔާ ލޮވިނިއާ އަޕޮންސޫވާ މަރުވެފައިވަނީ މިޓްލޭންޑްއާއި ވަކިވުމުގެ ހިތާމައަށް ކެތް ނުކުރެވިގެން ގަލްކިއްސައިގައި މިޓްލޭޏްޑް ބިނާކުރި ގަވަރުނަރު ހުންނަވާ ގަނޑުވަރުގެ މަތިން ފުންމާލައިގެން އަމިއްލަށް މަރުވެގެންކަމަށްވެއެވެ.
ޓަނަލްއަށް ވަނުމަށް ކަނޑާފައިވާ ދޮރު
ޓަނަލްގެ އެތެރެ
1920 ވަނަ އަހަރު ގަވަރުނަރުގެ ގެއާއި ލޮވިނިއާ ދިރިއުޅުނުގެއާއި ދެމެދު ބިންގަރާސްމަގުން އަޅާފައިވާ ޓަނަލް ބަންދުކުރެވުނެވެ. އަދި ގަވަރުނަރުގެ ގަނޑުވަރު ވަށައިގެންވާ “ގަލްކިއްސަ” އަވަށް ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރެވިގެން ދިޔައެވެ. މި އާ ސިޓީއަށް ވެސް ނަންކިޔާފއިވަނީ ރޮޑްޔާ ނަށާ ކުއްޖާގެ ހަނދާނުގައި “ލޮވިނިއާ”ގެ ނަމުން “މައުންޓް ލެވެނިއާ” އެވެ. އަދި ގަވަރުނަރު ބިނާކުރި ގަނޑުވަރު އިނގިރޭސި އިސްތިއުމާރުގެ ތަރިކަ ރަމްޒުކޮށްދޭ ހޮޓަލެއްގެ ގޮތުގައި ހުޅުވުނެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ގަވަރުނަރު ގަލްކިއްސައިގައި ބިނާކުރި ގަނޑުވަރު އިނގިރޭސިންގެ މިލިޓަރީ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ. ހަނގުރާމަ ނިމި 1947ގައި ގަވަރުނަރުގެ ގެކޮޅު “މައުންޓް ލެެވެނިއާ ހޮޓެލް” ގެ ގޮތުަގައި އަލުން ހުޅުވުނެވެ. އިނގިރޭސިންގެ ހަނދާނާއި ގުޅިފައިވާ މި ހޮޓަލަށް މިހާރުވެސް ގިނަ އަދަދެއްގެ އިނގިރޭސިން ޒިޔާރަތްކުރަމުން ދެއެވެ. ހޮޓެލްއަށް ވަންނައިރު ގޯތި ތެރޭ ފެންއަރުވާވަޑާމުގައި ހިލައިގައި ކަނޑާނަގާފައިވާ އަންހެން ކުއްޖެއްގެ މޮނިއުމެންޓް ހުރެއެވެ. މި މޮނިއުމަންޓްގައި ވަނީ ލޮވިނިއާ އަޕޮންސުވާއެވެ.
~
މައުންޓް ލެވެނިއާ (ގަލްކިއްސަ)
ގަލްކިއްސަ ގޮނޑުދޮށް 1880ގައި
މައުންޓް ލެވެނިއާ އަކީ އަވަށްޓެރި ސްރީ ލަންކާ ނުވަތަ ސިލޯނަށް ޒިޔާރަތްކުރާ އަދި ދިރިއުޅޭ ދިވެހިން ގިނަ އެއް ހިސާބެވެ. މިއީ ވެރިރަށް ކޮޅުނބާއި 10 ކިލޯ މީޓަރު ބޭރުން ދެކުނަށް ދެހިވަލަ-މައުންޓް ލެވެނިއާ މުނިސިޕަލް ކައުންސިލްގެ ދަށުގައި އޮންނަ ސަރަހައްދެކެވެ. އިނގިރޭސި އިސްތިއުމާރީ ތާރީޚްއާއި ގުޅިފައިވާ އަދި ރީތި ގޮނޑުދޮށެއް ލިބިފައިވާ މި ސަރަހައްދުގެ ނަން އިސްތިއުމާރީ ވެރިކަން ނިމުނު ނަމަވެސް ވަނީ އިނގިރޭސިންގެ ހަނދާންތަކާއި ގުޅިފައެވެ. މައުންޓް ލެވެނިއާގެ ނަމުން މަޝްހޫރު ވުމުގެ ކުރިން މި ސަރަހައްދަށް ކިޔާ އުޅުނީ “ގަލްކިއްސަ”އެވެ. “ކިއްސަ” އަކީ ސިންގަޅަ ބަހުން ހިލަ (މައުންޓް) ނުވަތަ ބޮޑުހިލަގަލެވެ. މިހާރުގެ މައުންޓް ލެވެނިއާ ހޮޓެލް ހުންނަ ހިސާބު ގޮނޑުދޮށު ސަރަހައްދަށް ބޯޓެއް އުރި އޭގެ ހަޒާނާ ގާތަކުގެ ދަށުގައިވާ ކަމަށް ފޯކުލޯރުގައި ކިޔާއުޅެއެވެ. އަދި ގަލްކިއްސަ ގޮނޑުދޮށުގައި އުޅުނު މަސްވެރިން “ގަލްކިއްސަ” އަށް “ލިހިނިޔާ ކަނޑަ” ނުވަތަ “ލިހިނިޔާގަލަ” ވެސް ކިޔާއުޅެނެވެ. ކަނޑުމަތީ ގާދޫނި އުދުހި އައިސް ޖައްސާ އުޅޭ ތަނުގެ މާނައިގައެވެ.
ގަލްކިއްސަގެ މަސްވެރިން ގޮނޑުދޮށުގައި
ފުށެތިކާލުން (ޕޯރޗުގީޒުން)ގެ އިސްތިއުމާރުގެ ދުވަސްވަރު، މީލާދީން 1500 ގެ އަހަރުތަކުގެ ތެރޭގައި ގަލްކިއްސަ އޮތީ ސިލޯނުގެ ކޯއްޓޭ ރަސްކަމުގެ ދަށުގައެވެ. އެ ޒަމާނުގައި ސިލޯނު އޮތީ ދެ ދައުލަތެއް ނުވަތަ ރަސްކަމެއްގެ ގޮތުގައެވެ. ކޮޅުނބާއި އަދި ވަށައިގެންވާ ރަށްތައް ކޯއްޓޭ ރަސްކަމުގެ ދަށުގައި އޮތް އިރު މެދުތެރޭ ސިލޯނު އޮތީ ކެންޑީ ރަސްކަމުގެ ދަށުގައެވެ. މީލާދީން 1700 ގެ އަހަރުތަކުގައި ލަންދޭސީން (ޑަޗް މީހުން) ގެ އިސްތިއުމާރުގެ ދަށަށް ސިލޯނަށް ދިޔައެވެ. ލަންދޭސީން ސިލޯނުގެ އިދާރީ ހިންގުން ބަދަލުކޮށް ޓެކްސް ނިޒާމް ފުޅާކުރިއެވެ. ލަންދޭސީން ގަލްކިއްސަ ސަރަހައްދަށް “ބަލިވެއިން ކަސްބީ އަންހެން ކުއްޖާގެ” ނަމުން ނިސްބަތްކޮށް އުޅުނެވެ.
ގަލްކިއްސައިގެ މަގެއް އިހުގައި
19 ވަނަ ގަރުނުގައި އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރު ސިލޯނުގެ އިދާރި ހިންގުން ޕްރޮވިންސްތަކަކަށް ބެހި ލާމަރުކަޒީ ނިޒާމަކަށް ބަދަލުކުރެވިގެން ދިޔައެވެ. އިސްތިއުމާރީ ވެރިކަން ނިމި ސިލޯނު މިނިވަންވުމަށް ފަހު ގަލްކިއްސަ ދިޔައީ، ކަޅުބޯވިލާ، ނެޑިމަލަ އަދި އިތުރު ދެހިވަލަ އަވަށްތައް ހިމެނޭ ގޮތަށް ކޮޅުނބުން ބޭރު ދެހިވަލަ-މައުންޓް ލެވެނިއާ ލާމަރުކަޒީ އިދާރީ ދާއިރާގެ ތެރެއަށެވެ.
ގަލްކިއްސައަށް ކިޔާ ރަސްމީ ނަމުގެ ގޮތުގައި “މައުންޓް ލެވެނިއާ” ބަލައިގެންފައިވަނީ 1805 ވަނަ އަހަރު މިޓްލޭންޑް އިނގިރޭސި ސެކްރެޓަރީ އޮފް ސްޓޭޓްއަށް ލިޔުއްވަމުން ޕޯސްޓަލް އެޑްރެސް އަށް Mt. Lavinia, Ceylon ޖެއްސެވުުމުންނެވެ. ލޯބިވެރިޔާގެ ނަމުން ގަވަރުނަރު ދިރިއުޅުއްވާ ރަށަށް ވެސް ނަން ދިނީއެވެ. މިޓްލޭންޑްއާއި ރޮޑްޔާ ނަށާ ކުއްޖާގެ ލޯބީގެ މައްޗަށް ސިލޯނުގެ އެކި ނޫސްތަކުން ލިޔުންތައް މިފަހުން ވެސް ލިޔެފައިވެއެވެ. އަދި މައުންޓް ލެެވެނިއާ ހޮޓެލްގެ ބިންގަރާސް މަގު ވެސް ބަލާފައިވެެއެވެ. މި ޓަނަލާއި ގުޅިފައިވާ ލޮވިނިއާ ދިރިއުޅުނުގެ އާއި އާއިލާ ހޯދުމުގެ މަސައްކަތްކުރެވި އިނގިރޭސި އިސްތިއުމާރުގެ ދުަވސްވަރުގެ މި ލޯބީގެ ހާދިސާއަށް ޑޮކިއުމެންޓްރީ ހެދިފައިވެއެވެ.
މައުލޫމާތު: ސްރީ ލަންކާގެ ބައެއް ނޫސްތައް އަދި ސްރީ ލަންކާގެ ތާރީޚާއި ބެހޭ ގޮތުން ލިޔެވިފައިވާ ބައެއް ލިޔުންތައް
ފޮޓޯތައް: ލަންކަޕޫރާ އަދި މައުންޓް ލެވެނިއާ ހޮޓެލްގެ ވެބްސައިޓް
މިވާހަކަ ވަރަށް ރީތި
މިވާހަކަ ވަރަށް ރީތި އަދި ތަންކޮޅެއް ބޮޑްށް ކިޔާހިއްވޭ