ޖަޒީރާ ގައުމެއްގެ ހިތާމަ

މިއީ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައިގެން ދިވެހި ގަައުމާއި މުހާތަބު ކުރައްވާ 2016 ވަނަ އަހަރު ދެއްވާފައިވާ ތަގުރީރެއްގެ ނަކަލެވެ.

ތަގުރީރް އަޑު އެއްސެވުމަށް

~

މިތުރުންގެ ހިތަށް ދަތިކުރި ކޮންމެ ކަޅު ރެއެއް

ފިތުރަތުގެ އުސޫލުން ނިމިދަނީ ފަތިހަށެ އަމުދުން

ގުދުރަތުގެ މި އުސޫލެއް ބަދަލެއް ނުވާނެ. މި ރާއްޖޭގެ މިލްކުވެރިކަން ވެސް ބަދަލެއް ނުކުރެވޭނެ. މި ދިވެހި ރާއްޖެއަކީ ދިވެހިންގެ މިލްކެއް. މީ ހަތަރުމަތިފުށް ދިވެހިންގެ ހަލާލު މުދަލެއް. ކާބަފައިން ބަލަހައްޓަމުން މުއްސަނދިކުރަމުން ގެނެސްދިން ދިވެހިންގެ ވާރުތަ މުދަލެއް. މި ރާއްޖޭގެ ރުއްގަހަކަސް، ކަނޑަކަސް، ފަޅަކަސް، ފަރަކަސް، ގިރިޔަކަސް، ހަލަކަސް، މުޅި މި ދިވެހި ރާއްޖެއަކީ އަޅުގަނޑުމެންގެ ރާއްޖެ. ހުރިހާ ދިވެހި ރައްޔިތުންގެ ރާއްޖެ.

މި ރާއްޖޭގެ މުއްސަނދިކަމާއި ތަނަވަސްކަމާއި ވަސީލަތްތައް ބޭނުންކުރެވެން ޖެހޭނީ ދިވެހިންގެ ތަނަވަސްކަން ލިބިގަތުމަށް. ހަމަ ކޮންމެ ދިވެއްސެއްގެ ޖީބަށް ވަންނަ ފައިސާ ދެގުނަވުމަށް. ބޯހާސްކަމެއް ނެތް ބޯހިޔާވަހިކަމެއް ހޯދުމަށް. ބަލިމީހާ ބޭސްފަރުވާ ކަށަވަރުކުރުމަށް. ދަރިންގެ ތައުލީމު ފުރާފުރިހަމަކޮށް ޒަމާނާ ގުޅާލުމަށް. އަޅުގަނޑުމެން ކޮންމެ މީހެއްގެ މި މުދާ ބޭނުންކުރާނީ އަޅުގަނޑުމެންގެ ދަރިންގެ ޅަފަތުގެ ތައުލީމާއި ތަރުބިއްޔަތަށް. ޒުވާންކަމުގެ ހަމަޖެހުމާއި އުފަލަށް. ކޮންމެ ދެމަފިރިއެއްގެ އަލަތު ކައިވެނީގެ އުންމީދަށް.

އަހަރެނާއި އަދި އޭނައާއި އަހަރެމެން ދެމީހުންގެ ހިތާހިތުގެ ގުޅުމުގެ ދަރިންނަށް.

މި ދިވެހި ކޮންމެ އާއިލާއެއްގެ ތާހިރު ދިރިއުޅުމަށް. މަންމަ އާއި ބައްޕައަށް. މާމައާއި ކާފައަށް ހައްގުވާ މާބޮޑު މިންވަރާއި ލިބެން އޮތް މާރީތި އަނެއް ގޮތް ހޯދުމަށް. އަޅުގަނޑުމެންގެ ކޮންމެ މީހަކީ ތިމަންނާގެ އަމިއްލަ ފައިމައްޗަށް ތެދުވެހުރެ ފަހުރުވެރި ދިވެއްސެކޭ އަޑުވީއްލާ ބުނުމަށް.

ހިންދު މިމާ ކަނޑުތެރޭ، އަލިރަންމުތްހެން ދިރޭ، މަގޭ މި އުފަންބިން ތިޔަ ގެންދަވާ އަނދަވަޅަށް ދިވެހިންނާއި އެކު ވެއްޓެން ދޫކޮށްލެވޭކަށް ނެތް.

ދުލެއް ނުވެސް ކުރާނަން. މި ރާއްޖެއާއި މެދު ގޮތް ނިންމާނީ ހަމަ އެކެއް ވެސް ނޫން. މި ރާއްޖޭގެ ރައްޔިތުން. އެ ރައްޔިތުންގެ ތެރެއިން ހަމަ އެކަކަށް ވެސް ބިރެއް ނުދެއްކޭނެ. ފަހަތަކަށް ވެސް ނުޖެއްސޭނެ. އަޅުގަނޑުމެން ނުކުތީ އަދި ތެދުވެމިތިބީ މި ރާއްޖެ އަނބުރާ ހޯދުމަށް. ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އިރާދަކުރެއްވިޔާ ހެޔޮވެރިކަމެއް އަޅުގަނޑުމެން ކޮށްދޭނެ. ކަނޑުން ކެހެރިއެއް ތެމޭހާ ހިނދަކު މިކަން ނުކޮށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނެއް ދުލެއް ނުކުރާނަން. މިކަން އަޅުގަނޑުމެން މިދަނީ ކާމިޔާބު ކުރަމުން. އަޅުގަނޑުމެން އެނބުރި އަންނާނެ. ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް އަޅުގަނޑުމެން ކޮށްދޭނެ.

ހުރިހާ ދިވެހިންގެ އަގުބޮޑު މިލްކު، ވައްކަމާއި ފަސާދައިގެ ތެރެއަށް ގެއްލި ހުސްވާއިރު ގޮތް ހުސްވެފައި ތިބޭކަށް އަޅުގަނޑުމެން ނެތިން. އެޔޮއް ފަޅާ، މިއޮއް ފަރާ، މި ގިރިއާ އެ ހަލާ ދެން އޮތް ރަށް ފެން ތައްޓަކާނުލާ ދިރުވާލާ ފަދައިން، ތިޔަހެން ހައްދަވާ ދޮގުގެ ޖާދޫގައި މާތްކަލާކޯ އަޅުގަނޑުމެން މި ތިބީ ޖެހޭކަށެއް ނޫން. ފަންސާހަށް ވުރެ ގިނަ ރަށާއި، ފަސްރަށް ފުރާ ފަސްސަތޭކައިގެ ނޫޓް ވަގަށް ނަގައިފި. ކަންނެލި އޮޑިއެއް ބަރުކުރާހާ ރުފިޔާއާއި ޑޮލަރު ގެއްލިއްޖެ. ދިވެހިންގެ މުދަލުން ވައްކަންކޮށްފި. ނުވާކަންތައް ވީކަމަށް ބުނެ ވީ ކަންތައް ނުވާކަމަށް ބުނެ ތިޔަ ހިންގަވާ ނާ އިންސާފާއި އަނިޔާއާއި ބޭއިންސާފު ޝަރިއަތްތަކަށް ވަރިހަމަކޮށްގެން ތިބޭކަށް އަޅުގަނޑުމެނެއް ނެތިން. ނުވެސް ތިބޭނަން.

މުޅި މި ދިވެހި ރާއްޖެ އުވާލާ

ޖަޒީރާ ދިވެހި ގޮތް ނަގާލާ

ހިއްކި ބިމެއްގެ ހަތަރެސްކަން ގޮޅި އަކަށް ދިވެހިން ގެނެސް އަޅާލާ

އެ ބިމުގެ ވެއްޔާއެކީ ހިމުންވެ ހަފުސްވެ ދާ ދިރިއުޅުމަކަށް ދިވެހިންގެ ބޯމަހައެއް ނުލެވޭނެ. ލިޔަކަ ނުވެސް ދޭނަން

އިންސާނީ ތަޖުރިބާއަށް ވިސްނަވާ! ތޮއްޖައްސާ ހިފަހައްޓާ އޮބަހައްޓާ ބައްކޮށްގެން ކުރިއަރާ ދިޔަ އެއްވެސް ބަޔަކު މި ދުނިޔެއަކު ނެތް. އުޑު ބަޅުކުރެއްވި ހިސާބުގައި އެފަދަ ގައުމެއް ނެތް. ތިޔަ ވިދާޅުވާ މޮޅު އިގްތިސާދީ ގޮތަކީ އޮތްގޮތެއް ނޫން. އެއީ ނެތް ގޮތެއް.

ކޮން ގައުމެއް ކޮން ތަނެއްގައި ތޯ ފަސް ހަސަތޭކައިގެ އެކި ވަކި ކުދި އާބާދީ ނެތީ؟ ވިލެޖް ޓައުންއާއި ސިޓީއާއި ހިމެނޭ ކުދި ރަށްރަށަކީ ގައުމެއް. އެ ގައުމުތައް އެހުރީ ތަރައްގީވެ ކުރިއަރާ ގޮސްފައި. ދުނިޔެއަށް މި އަންނަ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ނުރައްކާ ވަށާޖެހި ހަތަރު އުދަރެސް ފެނު ޖެހުން ފަރަކު ނުޖެއްސޭނެ. ދަރިންގެ އާ ހަޔާތުގައި މާ އުފާވެރި އުންމީދު ގެނބިގޮސް މާ ފުނަށް ގެއްލޭކަށް ދުލެއް ނުކުރެވޭނެ.

1 ކޮމެންޓު ”ޖަޒީރާ ގައުމެއްގެ ހިތާމަ“

    ރާއްޖެތެރޭ މީހާ

    ވަރަށްވެސް ފުރިހަމަ