އަސްކަނި

އެންމެން ވެސް ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށެވެ. މޮޔަ ކަންތައް ކުރަނީ އެހެން މީހުންނެވެ. އަހަންނަށް އޮންނަނީ އެ ނަމެވެ. އަހަރެންގެ ނަމުގެ ކުރިއަށް މޮޔަ އައީ ވެސް އެހެންވެއެވެ. މުޅި މުޖުތަމަޢުން އަހަންނަކީ މޮޔައެއް ކަމަށް ބެލުމުންނެވެ. އަސްލު މޮޔައީ އަހަރެން ހެއްޔެވެ؟ ނުވަތަ އެ މީހުން ހެއްޔެވެ؟ އަހަރެން މުޖުތަމަޢުން ބޭރުކޮށްލީ އެމީހުންނެވެ. މަގުމަތިވާން ދޫކޮށްލީ ވެސް އެމީހުންނެވެ. ވޭނަކަށް ދިރިއުޅުން ވިޔަސް އަހަރެން އުޅުނީ މާރުކޭޓް ކަންމަތީގައެވެ. ސައިހޮޓާ ތަކުގެ އަސްކަނީގައެވެ. އެތިބަ ގައިބާރު ވަރުގަދަ ފިރިހެނުން ސައިހޮޓަލަށް ވަދެ ނިކުމެގެން ދަމުން ސިނގިރޭޓްބުރި ވެސް އަހަރެންގެ ގަޔަށް އެއްލާފައި ހިނގައިދާނެއެވެ. ވެހޭ ވާރެއާއި ދޭއަވީގައި މަތުމަތިންދާ ފިރިހެނުން ކަނޑާ ސިނގިރޭޓްގެ އަޅީގައި ހިޔާވަހިކަން ލިބޭނެ އެހެން ތަނެއް ފެނުނު ނަމަ އަހަރެން ފިނި ރޭތަކާއި ހޫނު މެންދުރުތަކުގައި މިތާކު ނޯންނާނަމެވެ. އަހަރެން މީހަކަށް އުނދަގުލެއް ނުކުރަމެވެ. އަހަރެންގެ ދިރިއުޅުން މަގުމަތިން ހޯދަން ޖެހުނީއެވެ. ރަތްދަކައަވީގައި މާރުކޭޓުން ވަޅޯމަހާއި ރޯމަސް އަދި އުތުރު ބަނދަރު އޮޑިފަހަރުން ބާލާ ފަތާއި ތަރުކާރީ އަހަރެންގެ ބަލި ކޮނޑުގައި ގޭގެއަށް އުފުލަން ޖެހުނީއެވެ.

އަހަރެންގެ އަސްލު ވާހަކަ އެމީހުންނަށް ނޭނގެއެވެ. ނުވަތަ އަޑު އަހާކަށް ބޫނުމެއްނުވެއެވެ. އަހަރެން ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެއެވެ. ބައްޕައެއް ހުންނަކަން އަހަންނަކަށް ނޭނގެއެވެ. ނުވަތަ އަހަރެންގެ ހަނދާނުގައި ނެތީ ކަމަށްވެސް ވެދާނެއެވެ. މަންމަ ނިޔާވުމުން އަހަރެން އުޅުނު ގޭ މީހުން އަހަރެން ގެއިން ނެރެލާށެވެ. މަންމަ ނެތުމުން އަހަންނަށް ކާންދީ ގެންގުޅެން އުނދަގުލަކަށްވީއެވެ. އަހަންނަށް ޖެހުނީ މާލެ ދޫކޮށް ދާށެވެ. ހިތަށް ފަސޭހަވީ ވެސް ގެއިން ނިކުމެ ދުރަށް ދާށެވެ. މަންމަ އެއްބަނޑު ދައްތަ އިނދެގެން އުޅޭ މީހާ ކޮންމެ ރެޔަކު ކޮޓަރިއަށް ވަދެ ނިދާފައި އޮންނަ އިރު އަހަންނަށް އެކުރާ ގޯނާ ދެން ނުކުރެވޭނެތީއެވެ. އެމީހުން ފަޅުގައި އޮތް ދޯންޏަކަށް އަހަރެން އަރުވާފައި ފޮނުވާލީ ދުރު ރަށަކަށެވެ. ގޭ މީހުންނަށް އަހަރެންގެ ހަބަރެއް މަސް ދުވަހުން ނޫނީ ނީވޭހާ ދުރަށެވެ.

“މި މަންޖެ ބަހައްޓާނެ ގެއެއް ވޭތޯ އިދުރީސްބެ ކައިރީ ބުނޭ. ގަމަރިއްޔާ ގޯތި ވެސް މިހާރު ހުންނަނީ ހުސްކޮށް. މަސައްކަތެއް ހަވާލުކޮށްފަ ބަހައްޓާ”

އަހަރެން ގޮވައިގެން އޮޑިކައިރިއަށް އައި ދައްތަބެ ކާފަ އެހެން ބުނިހަނދާން އަދިވެސް އެބަ ހުއްޓެވެ. އޮޑި އޭރު ނައްޓާލަނީއެވެ. އެއީ މުހައްމަދު ފަރީދުގެ ރަސްކަމުގައެވެ. ރަސްކަމުގައި ރަސްގެ ޖަހާފައި ޖުމްހޫރިޔައްތު ގެނެސް ކަމު ނުގޮސްގެން އަލުން އަނބުރާ ރަސްކަމަށް ދިޔަ ޒަމާނެވެ. ޖުމްހޫރިއްޔަތާއި ރަސްކަމުގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ އަހަންނަށް އޭރު އަޑު އިވުނު ގޮތުގައި ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ވެރިކަމެވެ. ރަސްކަމަކީ ގޯސް ވެރިކަމެވެ. މަންމައާ އެކު ހެންވޭރު މައިޒާން ކައިރީ ހުރި ފޮއްޓަކަށް ވޯޓްލާން ދިޔަ ހަނދާން ހުރެއެވެ. ރަސްކަމާއި ދިމާލުގައި ރަސްގެ ލާން ވޯޓް ފޮށިކައިރީ ހުރި މީހަކު ބުންޏެވެ. އެމީހާ ބުނި ގޮތަށް މަންމަ އައީ ރަސްކަމުގައި ރަސްގެލާފައެވެ. ރަސްގެފާނު ނުބައިވާނޭ ސިލޯނުން ކިޔަވައިގެން އައި އަތިރީގޭ އަހަންމައިދީގެ ސޮރު ބުނާ ގޮތް މާ ރަނގަޅުވާނެކަމަށް މަންމަ ގެއަށް ދަމުން ބުންޏެވެ. ނުބައީ ނިޒާމް ނޫންކަން ގޯހީ މީހުންކަން އަހަންނަށް ދަސްވީ މަންމައާ ނުލައި އުޅެން ޖެހުނު ހަޔާތުގެ އުނދަގޫ ދުވަސްތަކުންނެވެ.

ގޭމީހުން އަހަރެން ފޮނުވާލީ އެންމެ އުތުރުގެ ރަށަކަށެވެ. ރަށުގެ މީހުންނާއި ވެރިން އަމުދުން ނުލަފާ ރަށަކަށެވެ. މާލޭގައި އުޅުނު ގެއިން ލިބުނު އަނިޔާތަކާއި އެކު ފައިބާ ހުންނަން މި ޖެހުނު ރަށުންވެސް ލިބެމުން ދިޔައީ އަނިޔާއެވެ. ހިޔާ ރީތި ލިބިފައި ވިޔަސް މި ރަށުގެ ރުއްގަނޑުތަކާއި ދަނޑުފަނގުތަކުން އަހަންނަށް ލިބޭ އުފަލެއް ނެތެވެ. މި ރަށުގެ މީހުން އަހަންނަށް މަސައްކަތް ކުރަން ޖައްސާއިރު އަހަންނަކީ އިއްޔެ މެންދުރު ފުރާވަރަށް އެރި ކުޑަ އަންހެން ކުއްޖެއް ކަމެއް ހަނދާނެއް ނުހުރެއެވެ. ވަރުހެސަ ބޮޑެތި ފިރިހެނުންނަށް ކުރެވޭ ވަރުގެ މަސައްކަތް ކުރަން އަހަންނަށް ޖެއްސުމުން ވީ އަނިޔާއަކަށެވެ. ރަށުތެރެއިން އަހަންނާ ބެހެން ވެސް ފެށީއެވެ. މަސައްކަތް ކުރުވަނީ ވެސް ހަށިގަނޑު އަނަރޫފަ ވާވަރަށެވެ. ނުވިތާކަށް ކާން ލިބެނީ އެހެން މީހުން ކައި ބާކީ ހުންނަ އެތިކޮޅެވެ. ނުވަތަ އުކާލާ އެތިކޮޅެވެ. ރޭވެފައި ހުންނަ ބަތްކޮޅެވެ. ގަމަރިއްޔާ ގިނަ ފަހަރަށް ގޭގައި ނުކައްކައެވެ. ގޭ ގަހުން ވެރިފައި ހުންނަ ފާ ބަނބުކެޔޮކޮޅު ވެސް ފެނުކައްކައިގެން ކާ އިރު އަހަންނަށް ކާން ގޮވާ ފަހަރަށް ވުރެ ގިނަ ވާނީ ފެނުކެއްކި ކެޔޮކޮޅު ހުސްވެ ތެލި ދޮންނަން ގޮވާފަހަރެވެ. ބައެއް ރޭރޭ ބަދިގޭ މަސައްކަތުން އަވަދި ނުވަނީސް ގަމަރިއްޔާ ގޭދޮރު ތަޅުލައެވެ. އަހަނަށް ޖެހެނީ ގޭ އަސްކަނިދޮށުގައި އޮވެ ނިދާށެވެ.

ނެއްލައިދޫ އޮޑި މާލެ ދަމުން މިރަށަށް ޖައްސާ އިރު އަތިރިއަށް ނިކުންނަމެވެ. މާލެ ދާންވީއޭ ވެސް ބައެއް ފަހަރު ހިތަށް އަރައެވެ. ނުވަތަ މާލޭގައި އަހަރެން ހުރި ގޭމީހުންނަށް ހަދިޔާ ފޮނުވަންވީ ބާއޭ ވެސް އެކަނި އަތިރިއަށް ފައިބާ ރުއްދޮށުގައި ހުރެ ހިތަށް އަރައެވެ. އޭރުން އެމީހުން އަހަންނަށް ރަނގަޅުވެދާނެއެވެ. އޮޑިމާލެގޮސް އަންނަ އިރު ފަޅުވެރިޔަކު އަތަށް ސިޓީގަނޑެއް ދީފައި ވެސް ފޮނުވަފާނެއެވެ. ކޮއްކޯއޭ ދެން މާލެ އަންނާށޭވެސް ބުނެފާނެއެވެ. އެކަމަކު މިހާރު އެ މީހުންގެ ހަނދާނުގައި އަހަރެން ހުންނާނެބާއެވެ؟ މާލެ ދޫކޮށް މިރަށަށް ފައިބާ ރަށު މީހުންނަށް ގުލާނުކޮށްދީގެން ގަމަރިއްޔާ ކައިރީ ހުންނަތާ ދޮޅު އަހަރުވީއެވެ. މާލޭގައި ހުރި ގޭ މީހުންގެ ސަލާންގަނޑެއް ނުލިބޭތާ އަހަރެން ދުނިޔޭގައި ހުރިތޯ ވެސް ނުބަލައެވެ. ގަމަރިއްޔާ އޭގެ ފަހުން ދެ ފަހަރަކު މާލެ ގޮސްފިއެވެ. ހުރީވެސް އެގޭގައެވެ. އަހަރެންގެ ވާހަކައެއް އެގޭ މީހުން ނާހައެވެ.

އެއީ މަސައްކަތުގެ ވަރުބަލިކަމާއި އެކު ރަށުއޮފީހާ ދިމާ ރުއްގަނޑުދޮށުގައި ފިނިކޮށްލަން ހުރި ދުވަހެކެވެ. ފަހަތުން މީހަކު ގޮވާލި އަޑަށް ބަލައިލިއިރު ހުރީ އާދަން ކަތީބެވެ. ހުކުރު ދުވަހު ގެކައިރީ ހުއްޓާ މަގުމަތިން ދަމުން ވެސް ކަތީބު ގޮވިއެވެ. އެކޮއެ ވާފިރާ ގަމިރިއްޔާ ކޮބާ ހޭ އަހާފައި ފުޅަފުން އެތެރެއަށް ބޯދިއްކޮށް ބަލަމުން ދައްތަ ހޭލީމަ ކަތީބު އައި ވާހަކަ ބުނައްޗޭ މިދަނީ ނާލުބައްތެލި ލަފާތަނަށޭ ކިޔާފައި ކަތީބު މަގުކޮޅަށް ފައިބައިގެން ދިޔައީއެވެ. ފަހަރުގައި ކަތީބު އަހަންނަށް އަޅާލަފާނޭ ހިތާ ރަށުގައި އަހަރެން އުޅޭ ހާލު ކިޔާދޭން އެދުވަހު ވެސް ހިތަށް އެރިއެވެ. ޖީބުން ބިޑިއެއް ނަގައި ރޯކޮށްލުމަށް ފަހު ކަތީބު އަނެއްކާ ވެސް ވާފިރާއޭ ގޮވާލިއެވެ.

“އެކޮއެ މިތާ އެކަނި ތިހުރީ ކީއްވެފައި؟”

ކަތީބު އެހެން އެހުމުން ހަރީރާ ބުނެގެން ރޭ އެގޭގައި ކެއްކި މަސްކޮޅު ދުމަށިމައްޗަށްލައި ދިލަޖައްސަން އުޅެފައި ހޫނު ވާތީ ފިނިކޮށްލަން އައީ ކަމަށް  ބުނީމެނެވެ. އަދި ވާހަކައެއް ދައްކަންވެފައި އެބަ އޮތޭ ބުނުމުން އަތޮޅު އޮފީހުން ބަޔަކު އަންނާތީ މާފަޅު އަތިރިއަށް ދާންޖެހެއޭ އަސުރުން އިރު ތިރިވީމަ ގެއަށް ދާނަމޭ ބުނެފައި ކަތީބު ހިނގައިގެންފިއެވެ. އަހަރެންވެސް ހަރީރާމެން ގެއަށް ދިއުމަށް އޮފީސްމަގުން ހިނގައިގަތީމެވެ. އޭރު މާދުރުން ހަރީރާ އެތިވަރުތަކެއް ގޮވަމުން އާދެއެވެ. ބީރައްޓެހި ރަށެއްގައި ހުއްޓަސް މީހަކު ބުނާ ކަމެއް ކޮށްދެވެނީއެއް ނޫނޭ މަސައްކަތެއް ދަންނަނީއެއްނޫނޭ ދިލަ ޖައްސަން ބުނީމަ އެއައީ ދުމަށީގައި ރޯވާވަރަށް ހުޅުގަނޑު ބޮޑުކޮށް ދަރުޖައްސާފައޭ އަހަންނާ އަރާ ހަމަކޮށް ރުޅިވެރިކަން ދައްކަމުން ހަރީރާ ބުންޏެވެ. ހަރީރާގެ ވާހަކަތަކެއް ސަމާލުކަމެއް ނުދީ ބަދިގެފަރާތަށް ގޮސް މަސައްކަތް ފެށީމެވެ. މިއީ އެކުވެރިއެއް ތިމާގެމީހެއް ނެތި މި ރަށުގައި އަހަރެންގެ ދުވަސްތައް ހޭދަވާގޮތެވެ.

އެދުވަހުގެ އަސުރުން ފަސްވީމައި އާދަން ކަތީބު އަހަރެން ހުންނަ ގަމަރިއްޔާމެން ގެއަށް އައެވެ. އަހަރެން އިނީ ދާވެފައި ހުރި ގަމަރިއްޔާގެ ލިބާސްތައް ދޮންނަން ފެންފުރައިގެން ގިފިލީގައެވެ. ގޯތިތެރެއަށް ނިކުތް އިރު ބޭރުގޭ އުނދޯލީގައި ކަތީބު އިނެވެ. އެކޮއެ ހަރީރާ ގަމަރިއްޔާ ކޮބާހޭ ކަތީބު އެހުމުން ދައްތަވީ އަތރިއަށް ގޮހޭ ބުނީމެވެ. ކަތީބު އައިސް އުނދޯލީގައި އިނުމަށް ބުންޏެވެ. ކަތީބު އެ އުޅޭނީ އަހަރެންގެ ހިތާމަތަކަށް ލުޔެއް ގެނެސްދޭންކަމަށް ހިތާ އަހަރެންގެ ވާހަކަތައް ކިޔާދޭން ފެށީމެވެ. ރަށުގެ ފިރިހެނުން ކުރާ އުނދަގޫތަކާއި ކުރަން ޖައްސާ ބުރަ މަސައްކަތުގެ އުނދަގުލާއި ބައެއް ފަަހަރު ގަމަރިއްޔާ ނެތިސް ގެކައިރި ފިރިހެނުން ގެއަށް ވަދެ އަހަންނަށް ކުރާ ގޯނާގެ ވާހަކަ ކިޔާދިނީމެވެ. މިހުރިހާ ވާހަކަތަކެއް ކިޔާ ދިނުމުން ވެސް ކަތީބު މޫނުމަތިން އަޅާލުމުގެ އަސަރެއް ނުފެނުނެވެ. އަހަންނާއި އެއްފުރާގެ ފުރާވަރު ކުއްޖަކު ލޯބިން ބަލާހެން ކަތީބު އަހަންނާއި ދިމާއަށް ބަލަން އިނެވެ. މި މުސްކުޅި ކަތީބުގެ ހިތުގައި ވަނީ ކޮންއެއްޗެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ދެން ކޮޓަރިއަށް ދާން ހިނގާށޭ ބުނެފައި ކަތީބު އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެންގެ ހިތްބިރުން ތެޅެންފެށިއެވެ. ކަތީބު އަތުން ދުލެއް ނުކުރިއެވެ. ކޮޓަރިއަށްނުދާނަމޭ ބުނުމުން ކަތީބުގެ މޫނުމަތިން ކުލަވަރުބަދަލުވިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެންގެ އަތުގައި ހިފައިގެން ގޭތެރެއަށް ވެއްދިއެވެ. އަސުރުން ތިރިވުމުން ގޭތެރޭ ވަނީ އަނދިރިކަމެވެ. އަހަރެންގެ ހަޔާތަށް ވެރިވި އަނދިރިކަން ކަޅޮފޮއެކަމަށް ދިޔައީ އެ އަސުރުން ފަހެވެ. އިރު އޮއްސި ރޭވީފަހުން ކަތީބު ކޮޓަރިން ނިކުތީ އައިނަކަށް ވަތް ހައިވެފަިއވާ ފެމުނުމިޔަރެއް ފަދައިން އަހަރެންގެ ފުރާވަރު ގެއްލުވާލާފައެވެ. ފިރިހެނުންމަތިން އަހަރެން ފޫހިވިއެވެ. ހަޔާތުގައި ފިރިހެނަކާއި އެކު އިނދެގެން ވިޔަސް ދުވަސްތައް ހޭދަ ނުކުރުމަށް އެ ދުވަހު ނިންމީމެވެ.

 

މަންމަ ނިޔާވި ފަހުން މާލޭގޭތެރެއިން ވެސް ލިބުނީ އަނިޔާއެވެ. އުފަން ރަށް ދޫކޮށް މި ރަށަށް އައުމުން ވެސް ލިބެމުން ދަނީ އަނިޔާއެވެ. ބުރަ މަސައްކަތާއި ގިލަނުގެ ދުވަސްތެކެވެ.  އަނިޔާއިން މިންޖުކޮށްދޭނެކަމަށް ހީކުރި ކަތީބު ވެސް ހޯދީ އަހަރެންގެ ހަށިގަނޑުން އުފަލެވެ. ދިނީ އަނިޔާއެވެ. އެ ދުވަހު އަހަރެން ދިރިއުޅުމާއި މެދު އުންމީދު ކެނޑުނެވެ. އަދި ޖެހިގެން އޮތް ރަށަށް ފުރަން ތައްޔާރުވެފައި އޮތް ދޯންޏަކަށް އެރީމެވެ. ވަންނާނެ ގެއަށް ނުހުންނާނެކަން ވެސް އެނގިހުރެއެވެ. ތުރާލާއި އަނިޔާއަކީ އަހަރެންގެ ދިރިއުޅުމުގެ ބައެއް ކަމަށް ނިންމާ އެއް ރަށުން އަނެއް ރަށަށް މަސައްކަތްކޮށްދީގެން އަހަރެންގެ ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރަމުންދިޔައީމެވެ. އިންސާފަކީ ފަގީރުންނަށް ލިބޭ އެއްޗެއް ނޫނެވެ. މުއްސަނދިން އަގު ދީފައި ގަންނަ އެއްޗެކެވެ. މިގޮތުގައި އަހަަރުތައް ފާއިތުވެ  އަހަރެންގެ ފުރާވަރުގެ ދުވަސްތައް ނިމި ބޮޑު އަންހެނަކަށްވި ފަހުން ދިރިއުޅުން މާލެއަށް ބަދަލުކުރީމެވެ.  އަހަރެން އުފަންވި ގެއަށް ދިޔަ އިރު އެއީ އެހެން ގެއެކެވެ. އެގޭ މީހުން އަހަރެން ދަންނަކަމަށް ނުހެދިއެވެ. އަހަންނަށް ޖެހުނީ ވެރި ރަށުގައި ގެދޮރު ހުރެ މަގުމަތި ވާށެވެ. މޮޔައެކޭ ކިޔާ ޅަފުރައިގެ ކުދިންވެސް އަހަންނަށް ގޮވަން ފެށިއެވެ. އަހަރެންގެ ދަބަސްގަނޑު ހިފައިގެން އުޅުނީ މާލެތެރޭ އެއްގެޔަށް މަސައްކަތް ކޮށްދީ އަނެއް ގެޔަށް މަސް ގެނެސްދީ ބާޒާރުކޮށްދިނުމުގައެވެ. އަހަރެން ސަލާން ނުޖަހަމެވެ. އަހަރެން ކޮށްދިނީ މަސައްކަތެވެ. ގޭގެއިން އަހަންނަށް ދިނީ އުޖޫރައެވެ. ނިކަމެތި ހާލުގައި ވެސް އަހަރެން ދިރިއުޅެން ބޭނުންވީ ބުރަ މަސައްކަތުންނެވެ.

މާލެއައިސް ކުރަން ފެށި އެކި މަަސައްކަތުން ފަހުން ފައިސާ ދޭނެކަމަށް ބުނެ އަހަރެން މާފަންނުކޮޅު ގެޔަކުން ކުއްޔަށް ހިފި ކޮޓަރީގެ ކުލި ދެއްކޭގޮތްވިއެވެ. ހެނދުނު ހޭލައިގެން އަހަރެން ދަނީ މާރުކޭޓާ ދިމާއަށެވެ. ރަށްރަށުން އަންނަ އޮޑި ފަހަރު އަޅާފައި އޮންނަ ތަނަށެވެ. އެކި ގޭގެއަށް ބާޒާރުކޮށްދީ މަސްއުފުލަދިނުމަށް ފަހު މާރުކޭޓް ހޮޓަލަށް ވަދު ސައިބޮއެގެން ކޮޓަރިއަށް ވަދެވޭ އިރު ގިނަ ރޭރޭ ހުންނަނީ ބާރަ ޖަހާ ބޮޑުވެފައެވެ. އެއީ ވެސް ބުރަ މަސައްކަތަށްފަހު ގެއަށް ދިޔަ ދުވަހެކެވެ. ކޮޓަރިއަށް ވަދެ ވެފައި ހުރ ވަރުބަލީގައި އެދުގައި އޮށޯތީމެވެ. ބޮކި ޖައްސަން ހަނދާނެއް ނެތެވެ. ނިދިޖެހުނީ މާ އަވަހަށެވެ. އިރުކޮޅަކުން ހޭވެރިކަން ވީ ގައިމަތީ އެއްޗެއް ހަރަކާތްކުރާހެން ހީވެގެނެވެ. އަހަރެން ތެދުވަން މަސައްކަތްކުރީމެވެ. ނަމަވެސް މީހަކު ދެއަތުގައި ހިފަހައްޓައިގެން ހުރި ހެން ހީވިއެވެ. އަހަންނަށް ހީވީ ރަނގަޅަށެވެ. ޖެހިގެން ހުރި ކޮޓަރި ހޮޅިބުރިން ދޭ ފަނޑުއަލިން އެއީ ކާކުކަން އަހަންނަށް އެނގިއްޖެއެވެ. ދަންވަރަށް ހައިވެފައިވާ ފުރޭތައެއް ފަދައިން އަހަރެން ގައި މައްޗަށް އަރާ އޮތީ މިގޭ ވެރިމީހާއެވެ. އުމުރުގެ ދުވަސްތައް އަހަންނަށްވުރެ މައްޗަށް ގޮސްފައިވާ މީހެކެވެ. އެރޭ ގޭ ވެރިމީހާ އޮތީ އަހަރެންގެ އެނދުގައެވެ. ގަދަކަމުން އެމީހާ ބޭނުންވާ އުފާތައް ހޯދުމަށް ފަހު ދިޔައީ ފަތިސްވީ ފަހުންނެވެ.

ހެނދުނު އަހަރެންގެ ދަބަސްގަނޑު ހިފައިގެން މަގު މައްޗަށް ނުކުތީމެވެ. އަދި އަހަރެން އެތަނަކަށް އެންމެ ގަޔާވާ މާރުކޭޓާއި ދިމާއަށް މިސްރާބު ޖެހީމެވެ. އެއީ އަހަރެން މާރުކޭޓްމަގުމަތީގައި ނިދި ފުރަތަމަ ރެއެވެ. ދުވަހުގެ މަސައްކަތަށް ފަހު އަހަރެން ގެއަށް އެނބުރި ނުދަމެވެ. އަހަރެންގެ އަސްލު ގެއަކީ މިއީކަން އެ ދުވަހު އަހަރެން ގަބޫލުކުރީމެވެ. ވެހެމުން ދިޔަ ވާރޭގައި އެރޭ އަސްކަނިދޮށުގައި އޮވެ އެކަނި ނިދީމެވެ. މުޅި ދުނިޔެއަކީ ވެސް ބޭއިންސާފޭ ހިތަށް އެރިއެވެ. އަހަންނަށް ރުހުމުގެ ލޮލަކުން އޯގާތެރިހިތަކުން ބަލާލާނެ އެކަކު ވެސް ނެތެވެ. އަހަންނަށް ހިމާޔަތްދޭނެ މީހެއް އަހަރެންގެ އުފަން މި މާލޭގައި ނެތެވެ. މަންމަގެ ހަނދާންތައް އާވާން ފެށިއެވެ. ކުޑަކުއްޖެއްގެ ގޮތުގައި މަންމަގެ އުނގައި އޮވެ ގޭގައި ނިދާ ހަނދާން އަހަރެން ރޮއްވާލިއެވެ. އަސްކަނިން ފައިބަމުން ދިޔަ ފެނާއި އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނައާއި ގުޅި މަގުމަތީ ކާނުގަނޑަށް ފައިބަމުން ދިޔައެވެ. އަސްކަނިދޮށުގައި އޮވެ ހޭލި އިރުވެސް ކެރިކަނޑައިގެން ނުދެއެވެ. ދުވަހުގެ ހަލަބޮލިކަމަށް އަހަރެން ނިކުތީމެވެ. މީހުންގެ ފުރައްސާރައާއި މަލާމާތާއި ގޯނާ މިއަދުވެސް އަހަންނަށް ލިބޭނެއެވެ.

އަހަރެންގެ ދުވަސްތައް ބާޒާރު މަތީގައާއި މާލޭމަގުތަކުގައި ހޭދަކުރަމުން ދިޔައީމެވެ. މަގުމަތިން އަހަންނާއި ފޮށޭ މީހުން ފޮށެއެވެ. ދިމާކުރާ މީހުން ދިމާކުރެއެވެ. އަހަރެން ހުންނަލެއް ހަޑީ ކަމަށް ވެސް ވެދާނެއެވެ. އެކަމަކު އެމީހުން އެ ކުރާ ކަންތައް އަދި މާހަޑިއެވެ. އަހަރުމެން ފަދަ ބޭއިންސާފު ލިބި މުޖްތަމަޢުގެ އަނިޔާއާއި ކުރިމަތިވެ ވަންނާނެ ގެދޮރު ނެތި މަގުމަތިވެފައިވާ މީހުންނަށް އަޅާލާނީ ކާކު ހެއްޔެވެ؟ އަހަރެން ބުރަ މަސައްކަތްކޮށްގެން އެއްކުރާ ލާރިކޮޅު ވެސް ގިނަ ފަހަރަށް ކޮންމެވެސް މީހަކު ފޭރި ގަންނާނެއެވެ. އެއީ މަސްތުވާތަކެތި ބޯ ކުދިންނެވެ. ނުވަތަ ވައްކަން ކުރާ ކުދިންނެވެ. މަގުތަކަށް ގިނަވެފައިވާ ޒުވާނުންނެވެ. އަހަންނަށް ވިސްނޭ ގޮތުގައި އެކުދިންނަށް އެންމެ އަޅާލަނީ ސަރުކާރުންނެވެ. އެކުދިން ބޯނެ އެތިކޮޅު ހޯދަދެނީ ވެސް ސަރުކާރުންނެވެ. އަދި އޭތިކޮޅު ބޭނުން ކުރުމުން ޖަލަށް ފޮނުވާލަނީ ވެސް ސަރުކާރުންނެވެ. މިއީ ވެރިން ކުރާ ކަންތަކާ އެކުދިން ފާޑުކިޔާފާނެތީ އެހެން މަސްތެއްގައި ޒުވާންކަން ގެއްލުވާލުމަށް އެވެރިން ކުރާކަމެކޭ ހިތަށް އަރައެވެ.

އަހަރެން ވެސް އުޅެ ބޮޑުވީ މި މަގުތައް މަތީއެވެ. އެކުދިން ވެސް އުޅޭ ބޮޑުވީ މި މަގުތައް މަތީއެވެ. މިއީ އަހަރުމެންގެ ކަންކަން ބަލަހައްޓަން ގަނޑުވަރުތަކުގައި ތިބި މީހުންގެ މައްސަލައެވެ. ފުލުސް އޮފީހަށް ދިޔައީމަވެސް ގޯސްވަނީ އަހަންނެވެ. އަހަރެން މޮޔައީއެވެ. މަސްތުވާތަކެތި ބޮއެގެން ޖަލަށް ދާންވީޔޭވެސް ހިތަށްއެރިއެވެ. އެމީހުންނަށް ވެސް ސަރުކާރުން މާ އަޅާލައެވެ. އަހަރެން މިހެން މަގުތައް މަތީ ގިނަވެ އަސްކަނިތައް ދޮށިުގައި ނިދާ އުޅޭތީ ގިނަ މީހުން އަހަރެން ދަނެއެވެ. އެމީހުން ދެކެނީ ރަށުތެރެއާއި ބާޒާރުމަތީ އުޅޭ މޮޔައެއްކަމަށެވެ. އަހަރެން ކައިރިއަށް އިންޓަވިއުކުރަން އައި ކުއްޖެއް ކައީރީވެސް އެހެން ބުނީމެވެ.

“ދާންވީ ޖަލަށް. މަސްތުވާއެއްޗި ބޮއެގެން. ހާދަ އަރާމޭ ސަރުކާރުން އެމީހުން ގެންގުޅޭލެއް”

އެ ކުއްޖާ ފެށީ ހޭށެވެ. އަހަރެން އަހަރެންގެ މަސައްކަތަށް އެނބުރި ދިޔައީމެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ބާޒާރުމަތީގެ ހަލަބޮލިކަމަށް ކަމަށް ފަހު ކޮންމެ ރެޔެއްވެސް ނިމެނީ ހިމޭން ކަމަށެވެ. މޫސުން ސާފު ރޭތަކާއި ވިއްސާރަ ރޭތަކެވެ. ބަދަލުވާ ރޭދުވާ އަހަރެންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލެއް ނުގެނެސްދިނެވެ. އަހަންނާއި ފޮށޭ މީހުންާއި ގޯނާ ކުރާ މީހުންގެ އަމަލުތަކަށް ވެސް ބަދަލެއް ނާދެއެވެ. ބަދަލު އައީ އަހަރެންގެ ސިއްހީ ހާލަށެވެ. އުމުރުން ދުވަސްވުމަށް ވުރެ އަސްކަނިތައް ދޮށުގައި ނުސާފު މަގުަތައް މަތީ ނިދުމުން ހައްޓަށްކުރި ދެރަ އަސަރެވެ. ބާޒާރުމަތީ ފިހާރަތަކަށް ގެންނަ މުދާ ހުސްކުރި ފޮށިގަނޑުގަނޑު ބިންމަތީގައި އަޅައިގެން އަސްކަނިތައް ދޮށުގައި އަހަރެން ނިދާތާ ވީ ދުވަހެއް ބުނެދޭކަށް ނޭނގެއެވެ. ފަހަކަށް އައިސް ގިނަ ރޭރޭ ނުނިދި ފަތިސްވަނީ މައިބަދައަށް ކުރާ ތަދާއި ނޭވާއަށް ކުރާ އުނދަގުލާއި އެކު ހޭލާއޮވެއެވެ. އަހަރެންގެ ވެސް ތިމާގެ ބަޔަކު ތިބޭނެއެވެ. އެ މީހުން އަހަރެން ހޯދަން މި އަސްކަނިދޮށަށް އައިސް ގެއަށް ދާން ހިނގާށޭ ބުނާނީ ކޮން ދުވަހަކުން ބާއެވެ؟