ފުށެތިކާލުން (ޕޯރޗުގީޒުން) ރާއްޖެއާއި މެދު ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުން

މިއީ ފުށެތިކާލުން (ޕޯރޗުގީޒުން) ދިވެހި ރާއްޖެއާއި މެދު ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޝާއިއުކޮށްފައިވަނީ ޗަންޑްރާ ރިޗަރޑް ޑެސިލްވާ ލިޔުއްވާފައިވާ

Portuguese Encounters with Sri Lanka and the Maldives: Translated Texts from the Age of the Discoveries

މި ފޮތުންނެވެ. މި ފޮތުގައި ހިމެނުމަށް ޑެސިލްވާ ލިޔުންތައް ހޯދާފައިވާނީ ޕޯރޗުގަލް އާއި އަދި ވިލާތުގެ އެހެން ގައުމުތަކުގެ އަރުޝީފުތަކުންނެވެ. ޑެސިލްވާ ޕޯރޗުގީޒް ބަހުން އިނގިރޭސިބަހަށް ތަރުޖަމާކޮށްފައިވާ ފުށެތިކާލުންގެ މި ލިޔުންތައް ނިސްބަތްވަނީ މީލާދީން 15، 16 އަދި 17 ވަނަ ގަރުނުގެ ދުވަސްތަކަށެވެ. ކަނޑުމަތީގެ ބާރެއްގެ ގޮތުގައި ފުށެތިކާލުންގެ އިސްތިއުމާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔަ ދުވަސްވަރަށެވެ. ޑެސިލްވާ އޭނާގެ ފޮތުގައި ދިވެހި ރާއްޖެއާއި ޕޯރޗުގީޒުންނާއި ގުޅޭ ބައެއް އިހުގެ ލިޔުންތައް އަދި ފަތްކޮޅުތަކުގެ އިނގިރޭސި ތަރުޖަމާ ލިޔުއްވާފައިވެއެވެ. މިއީ ދިވެހި ރާއްޖޭގެ ތާރީހް ދިރާސާކުރާ ފަރާތްތަކަށް މުހިންމު ލިޔުންތަކަކަށް ވާނެއެވެ. ދިވެހި ރާއްޖެ ފުށެތިކާލުންގެ އަޅުވެތިކަމަށް ދިޔަ ގޮތާއި އަދި އުތީމު ބޮޑުތަކުރުފާން ދިވެހި ރާއްޖެ ފެށެތިކާލުންގެ އަޅުވެތިކަމުން ސަލާމަތްކުރި ދުވަސްވަރާއި އަދި އެ ދެމެދުގައި ހިނގާދިޔަ ކަންކަމުގެ ތާރީޚަށް މި ލިޔުންތަކުން އައު އަލިކަމެއް ލިބިގެންދާނެއެވެ.

ފުށެތިކާލުން ދިވެހި ރާއްޖެ ހިފައި ވެރިކަން ހިންގަން ފަށާފައިވަނީ 1558މ ގައެވެ. އެ އަހަރުން ފެށިގެން 15 އަހަރާއި ދުވަސްތަކެއް ވަންދެން ފުށެތިކާލުން އެމީހުންގެ ބާރު ރާއްޖޭގެ މައްޗަށް ހިންގިއެވެ.

މި ފޮތުގައިވާ ދިވެހި ރާއްޖެއާއި ބެހޭ ލިޔުންތަކުގެ ތެރެއިން ފުރަތަމަ ތަރުޖަމާ ކުރުމަށް ގަސްތުކުރަނީ ފުށެތިކާލުން ދިވެހި ރާއްޖެއާއި މެދު ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުމެވެ. މި ލިޔުން ލިޔެފައިވަނީ މީލާދީން 1500 ވަނަ އަހަރުގައެވެ. ދިވެހި ރާއްޖެއާއި އަދި ދިވެހިންގެ ދިރިއުޅުމާއި އާދަކާދައާއި މަސައްކަތްތަކާއި މިނޫންވެސް ގިނަ މައުލޫމާތު ހިމެނޭ މި ލިޔުން ލިޔެފައިވަނީ ވެލެންޓައިން ފާރނާންޑެޒް ކިޔާ ޖަރުމަނު ވިލާތު މޮރާވިއާ ކިޔާ ހިސާބަށް ނިސްބަތްވާ މީހެކެވެ. މީލާދީން 1459 އިން 1518އަށް މަރުވުމާއި ހަމައަށް ފާރނާންޑެޒް އުޅެފައިވަނީ ޕޯރޗުގަލްގެ ލިޒްބަނުގައި ޗާޕުކުރުމުގެ މަސައްކަތުގައެވެ. ފުށެތިކާލުންގެ ރަސްގެފާން މެނުއަލް އެއްވަނަ ފާރނާންޑެޒްއަކީ ލިޒްބަނުގައި ތިބި ޖަރުމަނު މީހުންނާއި ފުށެތިކާލުންނާއި ދެމެދު ލިޔާ ލިޔުންތައް ބަލަހައްޓާ ވެރިއެއްކަމުގައި ހަމަޖެއްސިއެވެ. ފުށެތިކާލުންގެ ވިޔަފާރި ދަތުރުތަކާއި ބެހޭ މައުލޫމާތު ފާރނާންޑެޒްގެ އެކުވެރި ޖަރުމަނު ބޭންކަރުންނަށް ފޮނުވަމުންދިޔައެވެ.

ފާރނާންޑެޒްގެ މި ލިޔުމުގެ އަސްލު ވަނީ ޖަރުމަނުގެ މިޔުނިކުގެ އަރުޝީފެއްގައެވެ.

~

ދިވެހި ރާއްޖެއާއި އެ ރަށްތަކުގެ މީހުން – ވެލެންޓައިން ފާރނާންޑެޒް، 1500މ

މިބައިމީހުންގެ ގައުމުގައި ކުދި ބޮޑު 12،000 ރަށްވެއެވެ. މި ރަށްތަކުގެ ތެރެއިން މީހުން އުޅެނީ 2000 ރަށުގައެވެ. ދެން ހުރި ޖަޒީރާތަކަކީ މީހުން ނޫޅޭ ފަޅުރަށްރަށެވެ. ގިނަ ރަށްރަށަކީ ކުދި ޖަޒީރާތަކެވެ. ބައެއް ރަށްރަށުގައި 3 ލީގު (ލީގަކީ 3 މޭލެވެ) ހުންނައިރު ބައެއް ރަށްރަށުގައި ހުންނަނީ 2 ލީގެވެ. އަދި ދޮޅު ލީގުގެ ރަށްރަށްވެސް ހުރެއެވެ. އަދި މި ރަށްރަށުގެ ވަށައިގެން ހުންނަނީ ލީގަކަށް ވުރެ ތަންކޮޅެއް ބޮޑު މިނެކެވެ. އެއް ރަށާއި އަނެއް ރަށާއި ދެމެދު ހުންނަނީ ވަރަށް ކުރު ރާސްތާއެކެވެ. ހަތަރު ފަސް ލީގުގެ ދުރުމިނެވެ. ދެ ލީގު ތިން ލީގުގެ ދުރު މިމެވެ. އެއް ލީގު ނުވަތަ އެއްވުރެ ވެސް ކައިރި މިނެކެވެ. ބައެއް ރަށްރަށުގެ ދެމެދު ހުރީ ދުނިދަނޑިއެއް އެއްލީމައި ޖެހޭ ހިސާބުގެ ދުރުމިނެވެ. ހިކިދިޔައިގައި އެއްރަށުން އަނެއް ރަށަށް ހިނގާފައި ދެވޭނެއެވެ.

  • ރާއްޖޭގައި ވަނީ 12،000 ޖަޒީރާކަަމަށް ކުރީގެ އެކި ލިޔުންތަކުން ފެންނަން ހުރެއެވެ. 12،000 ޖަޒީރާގެ ވެރިޔާގެ ނަމުން ރާއްޖޭގެ ރަސްރަސްކަލުންނަށް ވެސް ނިސްބަތްކުރެވެއެވެ. މިއީ އެ ޒަމާނުގައި ރާއްޖޭގައި އޮންނަނީ ކިތައް ރަށްކަމުގެ  އަންދާސީ އަދަދެއް ކަމަށް ބެލެވެއެވެ.

އިސްލާމުންގެ “މޫރްސް” މީހުން މި ޖަޒީރާތަކުގައި ވަޒަންވެރިވެ އުޅެއެވެ. މީގެ ދެހާސް އަހަރު ނުވަތަ އޭގެ ކުރީގެ ދުވަސްތަކުގައި މި ރަށްތަކުގެ އަހުލުވެރިން ތިބީ އޮޅުދޫކަރަައިގެ ރަސްކަމުގެ ދަށުގައެވެ. މިބައިމީހުންގެ ރަށްތަކުގައި ބިނާކުރެވިފައިވާ ފައްޅިތައް ވަނީ ފަހުން މިސްކިތްތަކަށް ބަދަލުކުރެވިފައެވެ. މި ރަށްތަކުގެ އަހުލުވެރިންގެ ތެރޭގައި ނަސްރާނީންނާއި ޔަހޫދީ ދީނުގެ ބަޔަކު ނުވެއެވެ. އަދި އެއީ ކޮން ބައެއް ކަންވެސް މިބައިމީހުން ނުދަނެއެވެ.

މީހުން އުޅޭ ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުގައި އެއް ހާސް ގޮވަތިގެދޮރުހުރެއެވެ. ބައެއް ރަށްރަށުގައި ފަސްސަތޭކަ ގެ ހުންނަ އިރު އަނެއްބައި ރަށްރަށުގައި ސަތޭކަ ގެ އަދި ދިހަ ގެ ނުވަތަ ފަސް ގެ ހުންނަ ރަށްރަށް ވެސް ހުރެއެވެ. މި ރަށްތަކުގައި ޝަހަރުތަކާއި އަވަށްތަކެއް ނުހުރެއެވެ. ފެންނަނީ އެތަން މިތަނުގައި ހުންނަ ގެތަކެވެ. ނުވަތަ ދެ ގޯތި ތިން ގޯތި ނުވަތަ އެއަށް ވުރެ ގިނައިން އެކީ ވެސް ހުރެއެވެ. މިއީ ބައްޕައާއި ދަރިފުޅުގެ ގެ ނުވަތަ ގޯތި އެއްކޮށެވެ.

މިބައިމީހުންގެ އަންހެނުންނާއި ފިރިހެންނުންގެ އެންމެންނަކީ ވެސް ކަޅު މީހުންނެވެ. ނަމަވެސް، މިއީ އެފްރިކާގެ ގިނީ މީހުންހާ ކަޅުބައެއް ނޫނެވެ. އެއަށް ވުރެ ދޮންކަމަށް ދައްކާ ބައެކެވެ. މިބައިމީހުންގެ އިސްތަށިގަނޑަކީ ފަން އިސްތަށިގަނޑެކެވެ. ހަބަޝާ(އިތިއޯޕިއާ)ގެ މީހުންގެ އެ ހުންނަ ކަހަލަ ބުޅި އިސްތަށިގަނޑެއް ނޫނެވެ. މިބައިމީހުންނަކީ ރަށްފުށުގެ އާދައިގެ ބައެކެވެ. އަދި ސާފު ތާހިރު ދިރިއުޅެއް އެޅެމުންދާ އީމާންތެރިކަން ރަނގަޅުބައެކެވެ. މިބައިމީހުން އުޅޭ ރަށްތަކަކީ ވަރަށް ތިރި ރަށްތަކެކެވެ. ރަށްތަކަށް ވުރެ މޫދުގެ ލޮނުގަނޑު އުސްކަމުގައި ފެނެއެވެ. މި ރަށްތަކުގައި އުސްކޮށް ހެދިފައިވާ ރުށްގަނޑުތައް މަލަމަތިން ފެންނަން ނެތް ނަމަ ދަތުރުކުރާ ގިނަ އޮޑިދޯނި ފަހަރު މަގު އޮޅި ގެއްލިދާނެއެވެ. މި ރަށްތައް ވަނީ ކާލީކޯޓުން (މިއީ އިންޑިއާގެ ކެރެލާގެ ރަށެއް) 80 ލީގު ދުރުމިނުގައެވެ.

1683 މީލާދުގެ ރާއްޖެއާއި އުތުރުކަރަ އަދި އޮޅުދޫކަރަ ދައްކުވައިދޭ ޗާޓެއް

މި ރަށްތަކުގެ އަހުލުވެރިންނަށް ވާހަކަދައްކާނެ އަމިއްލަ ބަހެއް ލިބިގެންވެއެވެ. ވިޔަފާރިވެރިން ފިޔަވައެވެ. ވިޔަފާރިވެރިން ވާހަކަދައްކާ އުޅެނީ އަރަބި ބަހުންނެވެ.

މިބައިމީހުން ގެދޮރު އިމާރާތްކޮށް އުޅެނީ ކޮންމެ ވަގުތަކުވެސް ރޫޅާލައިގެން ގެންދެވޭނެ ގޮތަށް ވަގުތީ ގެތަކެއްގެ ގޮތުގައެވެ. އުޅޭ ރަށާއި ގަޔާ ނުވެއްޖެ ނަމަ އެހެން ރަށަކަށް ބަދަލުވަނީއެވެ. އަދި ގެދޮރު އިމާރާތްކޮށް އުޅެނީ ބިމަށް ދަނޑި ޖަހާ އޭގެ ބޭރުން ރުކުގެ ފަން ބައްދައިގެންނެވެ.

ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނު މިބައި މީހުންގެ އަތުގައި ނުރެއެވެ. މި ތަކެތި ހުންނަ މީހުންގެ އަތުގައި ވެސް ހުންނަނީ މައުދަނުގެ ބާވަތްތަކުން ހަދާފައިވާ ތަކެއްޗެވެ. މިއީ އެބައިމީހުން ރުކުން އަރާ ރާ ކައްކާ ތެއްޔާއި، ތަވާ އަދި ތައްޓެވެ. މިހުރީ ތަކެއްޗެއް ވެސް ހަދަނީ ތުތިޔާ (ޓިނު) ކިޔާ މައުދަނަކުންނެވެ.

މިބައިމީހުންގެ ކެއުމަކީ ހަނޑުލެވެ. ކެއުމަށް ބޭނުންވާ ހަނޑޫ ގެންނަނީ ބޭރުގެ އެހެން ގައުމުތަކުންނެވެ. މި ރަށްތަކުގައި ހަނޑޫ ނުހެދެއެވެ. ކެއުމަށް މިބައިމީހުން ކުދިބަތް ވެސް ބޭނުންކުރެއެވެ. ކުދިބަތަކީ ހިސާބަކަށް މި ރަށްރަށުގައި ހެދޭ ގޮވާމެކެވެ. ކާއްޓާއި މަސް މި ބައިމީހުން ކައި އުޅޭތަކެތީގެ ތެރޭގައި ހިމެނެއެވެ. މިއީ ގިނަ އަދަދަކަށް މި ރަށްރަށުން ލިބޭ ތަކެއްޗެވެ. ފަލަމަޑިއާއި ގޮދަނަކީ މިބައިމީހުން ދަންނަ އެއްޗެއް ނޫނެވެ. މަދު ބަޔަކު ފިޔަވައެވެ. އެއީ ގައުމުން ބޭރަށް ގޮސް އެނބުރި އައިސްފައިވާ މީހުން އެކަންޏެވެ. މި ރަށްތަކުގައި ކުކުޅާއި ކުކުޅު ބިސް ވަރަށް އަގުހެވެވެ. މި ރަށްތަކުގައި ގެންގުޅޭ ކުކުޅާއި އަހަރުމެންގެ ރަށުގައި އުޅޭ ކުކުޅާއި އެއްގޮތެވެ.

މިބައިމީހުން ބޮއެ އުޅެނީ ރަށުގައި ހުންނަ ފެންވަޅުތަކުން ނަގާ ސާފު ވަޅުފެނެވެ. ސާފު ބޯފެން ނުހުންނަ ރަށްރަށުން ކައިރި ރަށްރަށް ގޮސް ސާފު ފެން ގެނެސްގެން ބޮނީއެވެ. ނުވަތަ ވާޜޭ ފެން ނަގައިގެން ބޮނީ އެވެ. މިފެން މިބައިމީހުން ނަގަނީ ބައެއް ކުޅިތަކުންނެވެ.

މިބައިމީހުންގެ ފިރިހެނުންގެ ހެދުމަކީ އުނަގަނޑުން ފެށިގެން ތަނބިކައްޓާއި ދެމެދަށް ހުންނަ ކަފައިގެ ފޭރާމެކެވެ. ރަސްގެފާނުގެ ހުއްދަ ނެތި ހަރުވާޅު ލުމާއި ފަގުޑި އެޅުން އަދި ފައިވާނަށް އެރުން މި ބައިމީހުންނަށް މަނާކުރެވިގެން ވެއެވެ. އެހެން ނަމަވެސް ބޮލުގައި ރުމާއެއްސުމުގެ ހުއްދަ އޮވެއެވެ. މިބައިމީހުންގެ އަންހެނުން ލައި އުޅެނީ ހުދާއި އަދި ކަޅުގެ ގެތުންތަކެއްވާ ކަފައިގެ ދިގު ހެދުމެކެވެ.

މި ރަށްތަކުގެ ތެރެއިން މައި ރަށަކީ “މާލެ” ކިޔާ ރަށެވެ. އެހެން ރަށްރަށަށް ވުރެ މާލެ ބިމުގެ ގޮތުން ބޮޑުކަމަކުން ނޫނެވެ. ނަމަވެސް، ރަސްގެފާނާއި ރަސްކަމުގެ ގަނޑުވަރު ހުންނަ ރަށަކީ މާލެކަމުގައި ވާތީއެވެ. އަރަބިން މި ރަށަށް ކިޔަނީ ‘ދީވީ މަހަލް”އެވެ. މި ބަހުގެ މާނައަކީ “ހަޒާނާ ހުންނަ ރަށެވެ”. މަހަލް ގެ މާނަ އަކީ ހަޒާނާއެވެ. މި ރަށުގައި ކޯއްޓޭއެއް ހުރެއެވެ. އަދި ހުރިހާ ރަށެއްގައި އުޅޭ މީހުން ވެސް ކިޔަމަންވާން ޖެހެނީ މި ރަށުގައި ހުންނަ ރަސްގެފާނުންގެ އަމުރަށެވެ. އަދި ރަސްކަލަކަށް ވާނޭ މީހަކާއި މެދު ހިލާފު އުފެދިއްޖެ ހިނދެއްގައި، “މާލެ”އޭ ކިޔާ މި މައި ރަށުގެ ބާރު އަތުލާ މީހަކު އެހެން ހުރިހާ ރަށެއްގެ ވެސް ރަސްގެފާނުކަމުގައި ވެދެއެވެ. އެހެނީ، މި ރަށަކީ ރަށްތަކުގެ މައި ރަށެވެ.

މި ރަށް ވަށައިގެން ހުންނާނީ 4 ލީގެވެ. އަދި ދެހާހެއްހައި މީހުން އުޅެއެވެ. ސަހަރުތަކާއި އަވަށްތަކުގައެއް ނޫނެވެ. ދުރުދުރުގައި ބެހިފައިވާ ގެތަކާއި ހިސާބުތަކުގައެވެ. ކޮންމެ ދުވަހަކު ވެސް ރަސްގެފާނަށް ތަފާތު އެކި ބާވަތްތަކުގެ 35 ކޭން ގެނެސްދެވެއެވެ. މިއީ ރަސްގެފާނުންގެ ދަރަޖައަށް ޓަކައި ކުރެވޭ ކަމެކެވެ.

ރަށްރަށުން ރަސްގެފާނަށް ވާރު ނެގެއެވެ. މިގޮތަށް ނެގޭ ވާރު މަގުކުރެވެނީ ރިނދައްޔާއި އިތާއަށެވެ. ރިނދައްޔާއި އިތާއިން ވާރުނެގެނީ ހަމައެކަނި މި ރަށްތަކުގެ އަހުލުވެރިންގެ ކިބައިންނެވެ. ބޭރުގެ ވިޔަފާރިވެރިން ރަސްގެފާނަށް އަރުވަން ޖެހެނީ ރަނާއި ރިހިން ނުވަތަ ވިޔަފާރި މުދަލުންނެވެ. އިތައާއި ރިނދަލިން މިބައިމީހުން ވާރު ދައްކަނީ މި ރަށްތަކުން މިތަކެތި ލިބުން ގިނަވެފައި ފަސޭވުމުން ނޫނެވެ. ލިބޭ އާމްދަނީން ދައްކަން ޖެހޭ ބައި އެތައް ހާސް މި ބާވަތުގެ ރިނދައްޔާއި އިތާއަށް އަގުކުރެވޭތީއެވެ.

ރަސްގެފާންގެ ހުއްދަ ނެތި އެއްވެސް މީހަކަށް ފަގުޑި އެޅުމާއި ފައިވާނަށް އެރުމާއި އަދި ހަރުވާޅު ލުން މަނާކުރެވިފައި ވެއެވެ. ރަސްގެފާންގެ ތިމާގެ މީހުން ފިޔަވައެވެ. ރަސްގެފާންގެ ކުރިފުޅުމަތީގައި ފަގުޑި އެޅުމާއި ފައިވާނަށް އެރުމާއި ހަރުވާޅުލައިގެން ހުރުން ތިމާގެ މީހުންނަށްވެސް މަނާކުރެވިފައި ވެއެވެ. މިހުރިހާ ޤަވާއިދުތަކެއް ހިނގަނީ މި ރަށްތަކުގެ އަހުލުވެރިންގެ މައްޗަށް އެކަންޏެވެ. މި ރަށްތަކުގައި އުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް އެ މީހަކު ބޭނުން އެއްޗެއް ފޭރާމުގެ ގޮތުގައި ބޭނުން ކުރެވެއެވެ. އާދަކާދައިގެ މަތިން މިބައިމީހުންގެ އެންމެންގެ ވެސް ކަރުގައި އޮޅާލެވިފައިވާ ފޮތިކޮޅެއް އޮވެއެވެ. މި ފޮތިކޮޅުގެ ބޭނުމަކީ ކަމުވޮށިގެންވާ މީހުންނާއި އަދި އާއްމުންވެސް ރަސްގެފާނަށް އަދި ގެންގުޅޭ މީހުން ސާހިބުންނަށް އެބައިމީހުން ކުރާ އިހްތިރާމް ދައްކުވައިދިނުމެވެ. ރަސްގެފާނާއި ބައްދަލުވާ ހިނދާއި، ގެންގުޅޭ މީހާ އޭނާގެ ސާހިބާއާއި ބައްދަލުވާ ހިނދާއި، އަދި އާއްމު މީހާ ކަމުވޮށިގެންވާ މީހަކާއި ބައްދަލުވާ ހިނދު މިބައިމީހުން ކަރުގައި އޮޅާލެވިފައިވާ ފޮތިކޮޅު ދެއަތުން ހިފައި ކޮނޑުމައްޗަށް ބާލައެވެ. އަދި އިސްދަށަށް ޖަހައެވެ. ބައްދަލުވާނީ އަދި ވާހަކަ ދައްކާނީ މިގޮތަށް ހުރެއެވެ.

މި ރަށްތަކުގެ އަހުލުވެރިން ރަސްގެފާނާއި ރަސްކަމުގެ ގަނޑުވަރު ހުންނަ ރަށަށް ދާއިރު، ކަރުގައި އޮޅާފައި ހުންނަ ފޮތިކޮޅު އޮންނަން ޖެހެނީ ބާރު ގޮށަކާއި އެކު އުނަގަނޑުގައި އައްސާފައެވެ. ގޭގައާއި އެހެން ރަށްރަށުގައި އުޅޭ އިރު އާދައިގެ ގޮތަކަށް ފޮތިކޮޅު އޮޅާލައިގެން އުޅުނަސް ރަސްގެފާނު ހުންނަވާ ރަށުގައި ފޮތިކޮޅު ބާރުގޮށަކާއި އެކު އައްސައިގެން އުޅެން ޖެހެނީ ރަސްގެފާނުގެ މީހަކަށް ނުވަތަ އެނޫންވެސް މީހަކަށް ގޮށް ނުޖަހާ އޮއްވައި ފެނިއްޖެ ނަމަ، އަދި ފޮތިކޮޅަށް ދަމާލުމުން ބިންމައްޗަށް ވެއްޓިއްޖެ ނަމަ ރިނދައްޔާއި ބޮލި ދޭން ޖެހޭތީއެވެ.

މިބައިމީހުންގެ ތެރޭގައި އަމިއްލަ އިހްތިޔާރުގައި އެހެން މީހުއްގެ އަޅަކަށްވާ މީހުންވެސް އުޅެއެވެ. މިކަން މިބައިމީހުން ކުރާ ގޮތަކީ، މުއްސަދިން ކައިރިއަށް ގޮސް ވަކި އަދަކަށް ފައިސާ ދިނުމަށް އެދެއެވެ. އަދި އެ ފައިސާ އަބުރާ ދެވެންދެން މުއްސަނދި މީހާގެ އަޅެއްގެ ގޮތުގައި ހުރެދާނަމޭ ބުނެއެވެ. ގިނަފަހަރަށް މިގޮތަށް މުއްސަދިންގެ އަޅުންނަށް ވާ މީހުން އުމުރަށްވެސް ޖެހީ އަޅެއްގެ ގޮތުގައި ހުންނާށެވެ. އެއީ ފަހަށް ރައްކާކޮށް އަނބުރާ ފައިސާ ދެއްކޭނެ ތަނަވަސްކަމެއް ނުލިބުމުންނެވެ. އަދި އަބުރާ ފައިސާ ނުދެއްކި ދަރިންވެސް މުއްދަސަނދި މީހާގެ އަޅުންނަށް ވެއެވެ. ބައްޕަ މަރުވި ނަމަވެސްވެހެވެ. އަބުރާ ފައިސާ ދައްކަންދެން ތިބެނީ އަޅުންގެ ގޮތުގައެވެ.

ހިސާބަކަށް ފައިސާ ހުރި މީހުން ވިޔަފާރިކަމު މި ރަށްރަށަށް އައިސް އުޅޭ ވިޔަފާރިވެރިންގެ އަތުން އަނބުރާ ރައްދުކުރާ ގޮތަށް ފައިސާ ނެގުމަށް ފަހު ބޭރު ވިޔަފާރިވެރިޔާގެ އަޅުންނަށް މުއްދަތެއް ވަންދެން ތިބެއެވެ. އަދި އަނބުރާ ފައިސާ ދެއްކުމަށް ފަހު މިނިވަންވެއެވެ. ނަމަވެސް، ބޭރުވިޔަފާރިވެރިޔާގެ މިލްކެއްގެ ގޮތުގައި ދެމިތިބެއެވެ. މިއީ ތިމަންނާއަކީ އެވެނި މިވެނި މީހަކަށް ނިސްބަތްވާ މީހެކޭ ބުނެ އަމާންކަން ހޯދުމަށް ކުރާކަމެކެވެ.

މި ރަށްރަށުގެ މީހުން ކަފައިން ވަރަށް މޮޅަށް ފޮތި ތައްޔާރުކުރެއެވެ. ކަފައާއި ފަށުއި އެކޮށްގެން ހަދާފައިވާ މި ފޭރާން ވަރަށް އަގުބޮޑުކޮށް ވިކެއެވެ. އަދި އަގު ހެޔޮކޮށް ވިއްކުމަށް ދެރަކޮށް ވެސް މި ބައިމީހުން ފޭރާން އުފައްދައެވެ. މިރަށްތަކުގައި ބޭނުންވާ މިންވަރަށް ކަފަ ނުހެދެއެވެ. އެހެންކަމުން މި ބައިމީހުން ކަފަ ގެންނަނީ ކަމްބަތު ކިޔާ ރަށަށް (ކަމްބަތަކީ އުތުރުކަރައިގެ ގުޖުރާތުގައިވާ ވިޔަފާރީގެ ރަށެކެވެ) ކަޅުބިލަމަސް ވިއްކައިގެނެވެ. ކަފައަށް ކަޅުބިލަމަސް ދީގެނެވެ.

ކަޅުބިލަ މަހަކީ އުތުރުކަރައިގެ ވިޔަފާރި މުދާ އުފުލާ އުޅަނދުތަކުން މިރަށްތަކުގެ މީހުންގެ އަތުން ނަގައިގެން ރަނގަޅު ފައިދާ އެއް ލިބޭ މަހެކެވެ. މި މަހަކީ ދިލަޖައްސާ ހިއްކާފައިވާ ގިނަ ދުވަހަށް ހަލާކުނުވެ ހުންނަ މަހެކެވެ. ކަލުބިލަމަސް ފެންނަނީ މިރަށްތަކުގެ ވަށައިގެންވާ ސަރަހައްދުންނެވެ. ކަޅުބިލަބަހަކީ ދެމުށް ހުންނަ އަދި ބައްޓަން ހިސާބަކަށް ވައްކޮށް ފެންނަ މަހެކެވެ. މިބައިމީހުން މި މަސް ބާނާ އުޅެނީ ފުރަތަމަ އެންދަމައިގެނެވެ. އެޔަށް ފަހު މި އެމުގެ ބޭނުންކޮށްގެން ކަނޑުގެ އެހެން ސަރަހައްދުތަކަށް ގޮސް ކަޅުބިލަމަސް ބާނަނީއެވެ.

މިބައިމީހުން އެންދަމާ އުޅެނީ ވަރަށް ރަނގަޅަށް ގަތާފައިވާ ދަލުގެ ބޭނުންކޮށްގެނެވެ. މިދާ ޖަހާފައި އޮންނަ އިރު ދެ ދޯނި ދެމެދުން އިނގިއްޔެގެ ބަދައެއްގެ މިންވަރު ވެސް ނުނިކެމެވެއެވެ. މި ދައު ހިފައިގެން މި ބައިމީހުން ރަށްތަކުގެ ބޭރުން ކަނޑަށް ނިކުމެ އެއްލަނީއެވެ. މި ދަލުގައި ހުންނަނީ އަޑިއަށް ފެއްތުމަށް ގަލުން ބަރު އައްސާފައެވެ. ދާ އެއްލުމަށް ފަހު އޭގެ މައްޗަށް ކާށި ކުދިކޮށްފައި އަދި އެނޫންވެސް ކާ އެއްޗެހި އަޅައެވެ. މިގޮތަށް ކަންތައް ކުރުމުން އިސާހިތަކު ދަލަށް އެންތައް އަރައެވެ. ދަލަށް އެންތައް އެރުމުން ދާ ނަގައި ދޯންޏަށް އެންތައް ހުސްކުރެއެވެ.

އެންދެމުމަށް ފަހު މިބައިމީހުން ނިކުންނަނީ ރަށްތަކާއި 9 ވަރަކަށް މޭލު ބޭރަށް ކަޅުބިލަމަސް ބާނާށެވެ. އަހަރުގެ އެކި ދުވަސްތަކުގައި ކަޅުބިލަމަސް އައިނުތައް ކަނޑުގައި އުޅޭ ދިމާ މިބައިމީހުނަށް އެނގެއެވެ.

ކަނޑަށް ނިކުމެ މި އެންތައް އެކުމުން ކަޅުބިލަމަސް އަރައެވެ. ކުރަން ޖެހޭހާ ވެސް ކަމަކީ ދޮށި އުކުމެވެ. އެންތައް އުކުމުން އަރާ ކަޅުބިލަމަސް ހުސްބުޅީގައި ގަނެއެވެ. މިގޮތަށް އެބަޔަކު ބޭނުންވާ ވަރަށް މަސް ބާނަނީއެވެ. ފަސް ހަ މީހުން ވެގެން މިގޮތަށް ކަޅުބިލަ މަސް ބާނާ މަހުން ދޯނި ފުރާލައެވެ.

އެއްވެސް އެމެއް އެކުމެއް ނެތި ވެސް މިބައިމީހުން ދޮށި އައިނަށް އުކައިގެން ހުސް ބުޅީގައި ހައްސަ ބާނައެވެ. މިކަން ކުރާގޮތަކީ ދޯނީގެ ދިޔަހިއްކާ ފައިން ކަނޑަށް ފެން ޖަހަނީއެވެ. މި ގޮތަށް ފެން ޖެހުމުން އިސާހިތަކު ކަޅުބިލަސްމަސް ތިލަވެއެވެ. އަދި ހުސްބުޅީގައި ދޮށިއުކުމުން ކަޅުބިލަމަސް ގަނެއެވެ. މަސް ބާނައި ނިމި ރަށަށް ގޮސް މަސް ކަނޑާ ފޮތިކުރެއެވެ. މަހެއް ހަތަރު ބަޔަށް ނުވަތަ ފޮތިކުރެއެވެ އަދި ދެބައިކޮށްފަ އެއްބަޔަށް ލޮނު އަދި ފޮނިކަންދޭ ފެންގަނޑަކަށް އެޅުމަށްފަހު މަސްކައްކައެވެ. މަސްކެއްކުމަށް ފަހު ދުމަށިތަކުގެ މައްޗަށް އަޅައެވެ. ދުމަށީގެ ދަށުން އަލިފާން ރޯކުރުމަށް ފަހު މަސް ހަރުވެ ގަދަ ރަށްކުލައެއް މަސްގަނޑުގެ އެތެރެއަށް އަރަންދެން މަހުގައި ދިލަޖައްސައެވެ. މިގޮތަށް ދިލަ ޖެއްސުމުން ނުބައި ނުވެ ގިނަ ދުވަހަށް މަސް ހުރެއެވެ. މިބައިމީހުން ދިލަޖެއްސި ކަޅުބިލަ މަސް ކެރެލާގެ ކާލީކޯޓާއި ގުޖުރާތުގެ ކަމްބަތާއި އުތުރުކަރައިގެ އެކި ހިސާބުތަކަށް ވިއްކައެވެ. މެލޭގެ ކަރަގޮނޑުން އޮންނަ މަލައްކާ އަށާއި ސުމަތުރާއަށް އަދި މިބައިމީހުންގެ އަވައްޓެރި އޮޅުދޫކަރައަށް  ވެސް މި ހިކިމަސް ވިއްކައެވެ.

މި ރަށްތަކުގައި ގިނަ އަދަދަކަށް ރުއް ހެދެއެވެ. މިބައިމީހުންގެ ބަހުން ރުއްތަކަށް ކިޔަނީ “ރުކޯ”އެވެ. އަރަބިން އެއީ “ނާޗިލް”އެވެ. މިރުކުގައި އަޅާ މޭވާ އަކީ ކާއްޓެވެ. ކާށިން މިބައިމީހުންނަށް ކިރާއި އަދި ތެޔޮ ލިބެއެވެ. ކާށި ތާޒާކޮށް އޮންނަ އިރު ގާނައިގެން ކިރު ނަގައެވެ. އަދި ކާށި ހިކުނީމައި އެ ގާނައި ތެޔޮ ހާނައެވެ. ނާށިތައް އަންދައި ދެލި އުފައްދައެވެ. މި ދެލި މިބައިމީހުން ބޭނުންކުރަނީ ތިލޭރުންގެ މަސައްކަތަށެވެ. އަދި ކާށީގެ ބޮނބިތަކުން ރޯނު އުފައްދައެވެ. މި ރޯނު ބޭނުންކުރަނީ އޮޑިދޯނި ފަހަރަށެވެ. މިއީ އަހަރުމެންގެ ރަށުގައި ގަންޖާގަހު އޮފިން ރޯނު އުފައްދާ ގޮތަށެވެ.

މި ރަށްތަކުގައި އުފައްދާ ރޯނު މިބައިމީހުން މުޅި އުތުރުކަރައިގެ އެކި ހިސާބުތަކަށް ވިއްކަން ގެންދެއެވެ. މި ރަށްތަކުގައި އުފައްދާ ރޯނަށް ވުރެ މޮޅު ރޯނެއް އެހެން ބަޔަކު ނުއުފައްދައެވެ. އެހެނީ މޫދުގައި ވެސް މި ރޯނު ހަލާކުނުވާތީއެވެ. މިއީ މިބައިމީހުންގެ އެންމެ މުހިންމު އެއް ވިޔަފާރި މުދަލެވެ. ކޮންމެ އަހަރަކުވެސް މިރަށްތަކުން ބާރަ ނުވަތަ ފަނަރަ އޮޑީގައި ރޯނުބަރުކޮށްގެން ކާލީކޯޓާއި ކަމްބަތާއި އަދި މި ހިސާބު ކަރަގޮނޑުގެ އެކި ރަށްތަކަށް ވިއްކައެވެ. މި ރޯނު ފިޔަވާ އެހެން މުދަލެއް މި އޮޑިފަހަރުގައި ނުއުފުލައެވެ.

ރުކުގެ ދެ ބާވަތެއް މި ރަށްތަކުގައި ހުރެއެވެ. އެއް ބާވަތަކީ ކާށި އަޅާ ރުއްރުކެވެ. އަނެއް ބާވަތަކީ ރާ އަޅަން އެތްކޮށާ ރުއްތަކެވެ. މި އެތްތަކަކީ މާމުއި ހާ ފޮނި ބުއިމަކުން ފުރިފައިވާ އެތްތަކެކެވެ. މި އެތްތަކުން ނިކުންނަ ފޮނިން މިބައިމީހުން “މާމުއި” އަދި ހަކުރު މެޓާ އުފައްދައެވެ (މިއީ ދިޔާ ހަކުރާއި ކަރު ހަކުރު އަދި ރުކުން އުފައްދާ ހަކުރުގެ ބާވަތްތަކުގެ ވާހަކައެވެ). މި “މާމުއި” މިބައިމީހުން ކައި އެޅެނީ މަހާއި ހަނޑުލު ބަތާއި އެކުއެވެ.

އުތުރުކަރައާއި އަދި މި ރަށްތަކުގެ ބައެއް މީހުންނަށް ހަނޑުލަކީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ކައި އުޅެނީ ކާއްޓާއި މަހެވެ. މި ރަށްތަކުގެ ތެރެއިން ރަސްގެފާނު ހުންނަވާ ރަށް ފިޔަވައި އެހެން ރަށްރަށުގައި ކެއުމަށް އެއްގަމު މަހެއް ނުލިބެއެވެ. ރަސްގެފާނު ހުންނަވާ ރަށުންވެސް ޖާފަތަކަށް ފުދޭވަރަށް އެއްގަމު މަސް ނުލިބެއެވެ.

ކުރިން މި ބުނެވިދިޔަ ބާވަތުގެ ރުކުގެ އެތްތަކުން ނެގޭ ފޮނިން މިބައިމީހުން ރާ އުފައްދައެވެ. އެތްތަކުން ނެގޭ މި ފޮންޏާއި ކާށީގެ ހަރުބައި ވެސް ގުޅިތަކަށް އެޅުމަށް ފަހު ބިމުއަޑީގައި ވަޅުލައެވެ. މިގޮތަށް ދުވަސްގަނޑަކު ބެހެއްޓުމުން މި އެތު ފޮނި ރަލަށް ބަދަލުވެއެވެ. އަދި މިބައިމީހުން އެތުގެ ފޮނިން ރާހުތްވެސް އުފައްދައެވެ. މިކަން ކުރާ ގޮތަކީ، ރުކުގެ އެތްތަކުން ނެގޭ ފޮނި އިރުގެ އަވިން ހޫނު ލިބޭގޮތަށް އަވީގައި ބަހައްޓަނީއެވެ. އެތުގެ ފޮނި މިގޮތަށް އަވީގައި ބެހެއްޓުމުން ތިން ހަތަރު ދުވަހުގެ ތެރޭގައި ރާހުތަށް ބަދަލުވެއެވެ. މި ރުށްތަކުގެ ވަކަރު މިބައިމީހުން ބޭނުންކުރަނީ އޮޑި ދޯނިފަހަރު ބަނުމަށާއި ގެދޮރު އެޅުމަށް އަދި ފޮށި ފަދަ ގެންގުޅޭ އެކި ސާމާނު ހެދުމަށެވެ.

މިބައިމީހުންގެ ގެތަކުގެ ފުރާޅުތައް ހަދަނީ ރުކުފަނުންނެވެ. ރުކުން ލިބޭ މިހުރިހާ މަންފާއަކާއި އެކު ރުކަކީ މިބައިމީހުންނަށް އެންމެ މުހިންމު ގަހެވެ. އެންމެ ކަމޭހިތާ ގަހެވެ. ރުކުން ވެއްޓޭ މީހާ އެހެން މީހުންނާއި އެކަހެރިކޮށް ވަކިކުރެއެވެ. އަދި އެކަކު އަނެކަކާއި ކިތަންމެ ބޮޑު އަދާވާތްތެރިކަމެއް އުފެދުނު ނަމަވެސް އެކަކު އަނެކަކުގެ ރުއްރުކަށް ގެއްލުންދީ ނޫޅެއެވެ.

މި ރަށްތަކުގެ ގޮނޑުދޮށްތަކަށް މާކަނޑުން މަރުވެ އޮޔާދާ ބޮޑުމަސް ގިނަ އަދަދަކަށް ލައްގައެވެ. ބޮޑުމަސް ގޮނޑުދޮށަށް ލެއްގުމުން މަސް ފަޅާ އޭގެ މަހުން މިބައިމީހުން ތެޔޮހާނައެވެ. އަދި ލައްގާ ބައެއް ބޮޑުމަސް ފަޅައިގެން ބަލާއިރު މާވަހަރުގެ އެތިކޮޅުކޮޅު ފެނެއެވެ. މިއެތިކޮޅުތައް އެކޮށްގެން މާވަހަރަކަށް ފުދޭވަރުކުރެއެވެ. މާވަހަރެއް ފެނިއްޖެނަމަ ވަގުތުން ރަސްގެފާނަށް އަރުވަން ޖެހެއެވެ. ނުވަތަ މަރުގެ އަދަބާއި ކުރިމަތިލާން ޖެހެއެވެ. އެއްވެސް މީހަކަށް މާވަހަރެއް ވަގަށް ނެގުމަކީ ކުރެވޭވަރުގެ ކަމެއް ނޫނެވެ. ފެންނަ މާވަހަރުތައް ގަނޑުވަރަށް އެއްކޮށް ވިއްކުމުގެ މަސައްކަތްކުރަނީ ރަސްގެފާނެވެ. ރަސްގެފާނު ހަދިޔާއަށް އެހެން މީހުންނަށް މާވަހަރުދީ ވެސް އުޅެއެވެ. އެއް އައުންސު މާވަހަރަށް އެއް ދޫކަތު (ފުށެތިކާލުންގެ ރަން ފައިސާއެއް) އަގުކުރެވެއެވެ.

ހިކި ދިޔައިގައި މިބައިމީހުން ދެރަށް ދެމެދު އޮންނަ ފަރުތަކަށް ނިކުމެ ބޮލި ހިލިމުގެ މަސައްކަތްކުރެއެވެ. މި ބޮލިތައް ހުންނަނީ ފަރުމަތީ ގާތަކާއި މުރަކަތަކުގެ ތެރޭގައެވެ. ބޮލި ހިލުމަށް ފަހު ރަސްގެފާނަށް މި ބޮލި އަރުވައެވެ. މުޅި އުތުރުކަރަ ހިސާބުގައި ވެސް މި ރަށްތަކުން ލިބޭ ބާވަތުގެ ބޮލި ލިބޭ އެހެން ތަނެއް ނުވެއެވެ.

ކޮންމެ އަހަރަކު ވެސް ބަންގާޅުން ފަސް ހަ އޮޑި މި ރަށްތަކަށް ހަނޑޫ، ހަކުރު، ފަށުއި، ރަން، ރިހި އަދި މޮޅު ކަފައިގެ ފޭރާން ބަރުކޮށްގެން ވިޔަފާރިކަމު އާދެއެވެ. މި ތަކެތި ބަންގާޅު އޮޑިފަހަރުން މި ރަށްތަކުގެ މީހުންނަށް ވިއްކަނީ ބޮއްޔަށެވެ. ބަންގާޅު އޮޑިފަހަރު އެނބުރި ރަށަށް ދަނީ މި ރަށްތަކުން ލިބޭ ބޮލިން އޮޑިތައް ފުރައިގެންނެވެ. އަދި ބަންގާޅުގައި މި ބޮލި ފައިސާގެ ގޮތުގައި ދައުރުކުރުވައެވެ.

ގުޖުރާތުގެ ކަމްބަތާއި މެލޭ ކަރަގޮނޑު މަލައްކާ އިން ފުރައިގެން އަންނަ އޮޑިފަހަރު ކެރެލާގެ ކާލީކޯޓު ގޮނޑުދޮށާއި ކައިރިން ދަތުރު ނުކުރަން މިބައިމީހުން ދިރިއުޅޭ ރަށްތައް ހުރަސްކޮށްފައި ދެއެވެ. އަދި އޮޑިފަހަރަށް ސާފު ބޯފެނާއި ރޯނު ބަރުކުރެއެވެ. މި ތަކެތި ބަރުކުރުމަށް މި ރަށްތަކަށް ނަގިލި ލުމާއި އެކު ހަނޑުލުން އަގު ދައްކަން ޖެހެއެވެ.

މިރަށްތަކުގެ މީހުން އެއްރަށުން އަނެއް ރަށަށް ކުދި ބޮޑު ދޯނި ފަހަރުގައި ދަތުރުކޮށް އުޅެއެވެ. މި ދޯނި ފަހަރު ބަނދެފައި ހުންނަނީ އަހަރެމެންގެ ގައުމުގައި ވެސް ބަނދުފައި ހުންނަ ގޮތަށެވެ. ތަފާތަކީ މިބައިމީހުން ދޯނި ފަހަރު ބަނުމަށް ދަގަނޑު މޮހޮރު ބޭނުމެއް ނުކުރެއެވެ. ލަކުޑި އިލި ދޯނި ފަހަރު ބަނުމަށް ބޭނުންކުރެއެވެ. އެއީ ހަރަދު ކުޑަކުރުމަށެވެ.

މި ރަށްތަކުގައި ނައަމްސޫފީގެ ބާވަތްތައް ނުގެންގުޅެއެވެ. އެހެން ނަމަވެސް ބޭރުން އަންނަ އޮޑިފަހަރުން ގެންނަ ބަކަރި ހިސާބަކަށް ގެންގުޅެއެވެ.

މި ރަށްތަކަށް އަހަރެއްގެ ތެރޭގައި ހަތަރު މޫސުން އާދެއެވެ. އެއީ ދެ ފިނިމޫސުމާއި ދެ ހޫނުމޫސުމެވެ. މިބައިމީހުން ވަގުތު ގުނާ އުޅެނީ އަމިއްލަ ހިޔަންޏަށް ބަލައިގެން ފައިން މިން އަޅައިގެނެވެ. އަދި ކޮންމެ މަހެއްގައި އަމިއްލަ ހިޔަނީގައި ކޮންމެ ގަޑިއިރަކު ހުންނާނީ ކިތައް ފައިތިލައިގެ ދިގުމިންކަން ދެނެގަނެއެވެ.

ލިޔުމުގައިވާ ބައެއް ބަސްތަކުގެ އިތުރު ބަޔާން:

  • ފުށެތިކާލުން؛ ޕޯޗުގީޒުން
  • Moors “މޫރސް” – އަކީ މަގުރިބުކަރާއާއި ސިސިލީ އަދި އުތުރު އެފްރިކާ އާއި އިސްޕޭގެ ބައެއް ހިސާބުތަކުަގައި ވަޒަންވެރިވެ އުޅުނު މުސްލިމުންނެވެ. މިހިސާބުގެ އަރަބިންނާއި އުތުރު އެފްރިކާގެ ބަރުބަރުންނާއި އަދި ވިލާތު ހިސާބުތަކުގެ މުސްލިމުން “މޫރސް”ގެ ގޮތުގައި ނިސްބަތްކުރެވެއެވެ.
  • Calicut – މިއީ ދިވެހިން ކިޔާ އުޅޭ ކާލީކޯޓެވެ. ކާލީކޯޓަކީ ދިވެހިން އިހުގައި ގިނައިން ގޮސްއުޅުނު އުރުރުކަރައިގެ މަލާބާރު އައްސޭރިފަށުގެ ކެރެލާގެ ރަށެކެވެ. މި ރަށަށް މިހާރު ކިޔާއުޅެނީ Kozhikode އެވެ.
  • އުތުރުކަރަ: އިންޑިއާ
  • ތުތިޔާ – މިއީ ތިމަރައަށް ވުރެ ހަރު މައުދަނެކެވެ. އިނގިރޭސި ބަހުން ލިޔެފައިވަނީ Tin އެވެ. ތުތިޔާ އަކީ ޓިނެވެ.
  • Millet – ކުދިބަތް.
  • Mussel – ރިނދަލި ނުވަތަ ރިނދަ، މިއީ ރާޅުޖަހާ ހިސާބު ގޮނޑުދޮށުގައި ވަޅުަޖަހައިގެން އުޅޭ ހަރު ތޮއްޓެއް އޮންނަ އެތެރޭގައި މަސްލާފައި އޮންނައެއްޗެކެވެ.
  • Oyster – އިތާ
  • Silk – ފަށުއި، ފަށުވި، މިއީ ފަށުއިފަނީގެ ދަވައިން އުފެދޭ ހިމަ ފައްތަކަކަުން އުފައްދާ ފޭރާމެވެ.
  • Cambay – ކަމްބަތު، މިއީ އިންޑިއާގެ ގުޖުރާތު އައްސޭރިންވާ ރަށެކެވެ.
  • Calmelas – ކަޅުބިލަމަސް
  • Melaka, Malacca – މިއީ މެލޭ އައްސޭރިފަށުން ވާ ހިސާބެކެވެ
  • Ceylon – އޮޅުދޫކަރަ
  • Vinegar – ރާހުތް
  • Ambergris – މާވަހަރު، މިއީ ބޮޑުމަސް ނުވަތަ އަންބަރުމަހުގެ ބަނޑުގައި އުފެދޭ އެއްޗެކެވެ. މާވަހަަރށް އަންބަރު ވެސް ކިޔާ އުޅެއެވެ.
  • ކަރަގޮނޑު – ކަރަ ރަށްރަށުގެ އައްސޭރި، ކަރަތަކުގެ ކަނޑާއި ކައިރި ގޮނޑުދޮށުގެ ހިސާބުތައް

އަސްލު ލިޔުން: Portuguese Encounters with Sri Lanka and the Maldives: Translated Texts from the Age of the Discoveries، Chandra Richard De Silva.

ތަސްވީރު: ފެށެތިކާލުންގެ ދޯނި، ރޮބާރޓް ޕިޓްމަން، ފްލިކަރ

9 ކޮމެންޓު ”ފުށެތިކާލުން (ޕޯރޗުގީޒުން) ރާއްޖެއާއި މެދު ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުން“

    މުޙައްމަދު ނައުޝީރު

    ޕޯޗްގީޒު މީހުން އެދުވަސްވަރު، ލަންކާއި އިންޑިއާ އަދި ބަންގާޅު މުސްލިމުންނަށް މޫރިސީންނޭ ކިޔާ. މިލިޔުމުގައި މޫރިސްއޭ އެބުނަނީ ލަންކާ މުސްލިމުންނަށް ކަމަށް ވެދާނެ. ދިވެހި ތާރީޚު ފޮތްތަކުން ވެސް މޫރިސީއޭ ލިޔެފައި ހުންނާތީ ދެކެމުއެވެ.

      lucasjaleel

      ޝުކުރިއްޔާ. ލިޔުމަށް ތިގޮތަށް އިސްލާހު ގެނެވޭނެ.
      ރިޕްލައި

    ޙުސަެިން ސިރާޖު

    މިލެޓް އާއިލާގައި ކުދިބަތުގެ އިތުރުން، ބާދިރީ އާއި ބިންބިވެސް ހިމެނޭތީ ބޮޑަށް މިތާ ފާހަގަ ކުރެވިފައި މިވަނީ ބިންބި ކަމަށް ލަފާކުރެވެއެވެ. ޢަދި ކަފައިން ފޮތި ވިޔުނީމާ އެފޮތިބަދަލުވަނީ އުއިފޮތްޗަށެވެ. ވަރަށް މުހިންމު އާޓިކަލެއް ކަމުގައި ދެކެމެވެ.

      lucasjaleel

      ޝުކުރިއްޔާ. ވަރަށް މުހިންމު ނުކުތާތަކެއް. ލިޔުމަށް ތިގޮތަށް އިސްލާހު ގެނެވޭނެ.

    ވަރަށްސަޅި ލިއުމެއް ލޫކަސްގެ މަސައްކަތައް ހަމަސާބަސް

    ނާނު

    ރަނގަޅު ލިޔުމެކެވެ.

    އަހުމަދު

    ތާރީޚީ އަގުބޮޑު ތަރިކައެއްކަމަށް ދެކެން. ޝުކުރިއްޔާ !

    ވވ މުހިއްމު ތާރީޚަށް ޓަކައި ރައްކާކުރެވޭނެ ފަދަ އަގުބޮޑު ލިޔުމެއްކަަށް ދެކެން. ތިޔަ މަސައްކަތަށް ސާބަސްދޭ ޙާލު ޝުކުރުވެރިވަން… ވަރަށް މުހިއްމު މަޢުލޫމާތެއް.

    ފައިސަލް

    ވަރައް މުހިއްމު ލިއުމެއް ޝުކުރިއްޔާ