ޅެން: ގުލްޒާރުގައި ނަޔާމަގޭ

މިއީ އަލްޤާޟީ ޙުސައިން އަފީފުއްދީން، ދިވެހިންގެ ހިމާރުލް ޤައުމު، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ހައްދަވާފައިވާ “މަގޭ ގުލްޒާރު” މި ޅެމެވެ. މި ޅެން މަޝްހޫރުވެފައި ވަނީ “ގުލްޒާރުގައި ނަޔާ މަގޭ” ގެ ނަމުންނެވެ. މި ޅެން ފުރަތަމަ ޗާޕުވެފައި ވަނީ ހިޖުރައިން 1377 ވަނަ އަހަރު އުފެދުނު ޅެންވެރިންގެ ގުލްޒާރުގެ ފަރާތުން ނެރުނު “ނޫރާނީމާ” މި ނަން ކިޔާ ޅެންފޮތުގައެވެ. ނޫރާނީ މަލަކީ ޅެންވެރިންގެ ހިޔާލީ މަލެކެވެ. ޅަވައެއްގެ ގޮތުގައި މި ޅެން ކިޔާފައިވާ އެކި ލަވަކިޔުންތެރިން ކިޔާފައިވަނީ މި ޅެމުގެ ބައެއް ބައިތުތައް ނުލައެވެ. ބައިތުތައް މަދުކޮށް ކިޔާފައިވަނީ ލަވައަށް ފައްތަންކަމުގައި ވެސް ވެދާނެއެވެ. އަސްލު ޅެމުގައި 12 ބައިތު އޮވެއެވެ. މިތަނުގައި މިލިޔާ ނަކަލަކީ ޅެމުގެ 12 ބައިތެވެ.

~

ގުލްޒާރުގައި ނަޔާމަގޭ ނޫރާނީ މާ ފޮޅޭނެ ޔޭ

ބުލްބުލަތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެޔޭ

މުނިޔާތަކާ ގުރާތަކާ މިނިވަންކަމާ އެކީ އެތާ

ދުނިޔޭގެވައި ލިބޭގޮތުން ފިނިހިތްނިކަންކުރާނެޔޭ

ބަޅިނދާކޮކާ ދިހުން އަރާ އުދުހޭ ހިތުން ވެގެންއުފާ

ހުޅިރީތި މާބުރާއެކީ ގޮސްގެންމަޒާ ނެރޭނެޔޭ

ތަރިތައްމިދީބުގައި ވިދާ އުދަރެސްމަތިން އެފެންނަހައި

މަރިޔާދުކަމުހިތައި އެތަން ހިނިތުންވެގެން ބަލާނެޔޭ

ހޯދާބަލާކަމާވެގެން މުޑުވައް ވެވޭނެހައި ގޮތުން

އޯގާވެ އިންދިހައިއޮށުން ލޯބީގެ ގަސް ފަޅާނެޔޭ

ހެދެމުންއެދާ މިތައްގަހުން ހެދިގެން އަރާ އެފޯދުމުން

ވެދުމެއްކަމަށް ފުދޭވަރަށް މާވެސް ނިކަން ލިބޭނެޔޭ

ތަހުޒީބުވާގޮތުން އެގަސްތައް ފޯދިގެން އުޅޭއިރުން

އަހުރެންގެ ހިތުން އުފާވެގެން ރަޙްމަތުގެ މާ ފޮޅޭނެޔޭ

ބަސްތީތެރޭ އެމީރުވަސް ފަތުރައިލުމަށް ދަމާޢްތައް

ގަސްތާނުލާ ތާޒާވެގެން ހަމްދަމް އެކީ ވެދާނެޔޭ

މަސަލަސްކަމާއެކީ ދަރީން އެއްހިތްވެގެން އުޅޭއިރުން

އަސަރެއް އަލުން މި ހިތްތަކަށް ރަގަޅަށް ވަކިން ކުރާނެޔޭ

އުސްތާޠުނާއި ޢާލިމުން އުދަބާއުނާއި ޝާއިރުން

މުސްލިމްތަކުންގެ މުރުޝިދުން ޢިލްމީ ބަހުޘްކުރޭނެޔޭ

ތަޢުފީޤްދެއްވެވުން އަދައި، ކުރަމުން ދުޢާ ކަލާގެއަށް

ޤައުމީ ނަޝީދަކުން ކިޔާ ޝުކުރެއް އަދާކުރާނެޔޭ

ތެދުނިޔަތުގައި އެހިތްތަކުން އެއްމެން އުފާކުރާގޮތުން

މެދުމިންވަރުން ފިލައިނުދާ ވެދުމާސަލާމް ކުރާނެޔޭ