ހާޖީންގެ ވާހަކަ : ތާރީޚްގެ ތެރެއިން ދިވެހިން ޙައްޖަށް ދިއުން

وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ

އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.

  • އަލް ޙައްޖު 27

~

އާލަމަށް ތީބުތަރު، މާދާއިގެން ރިވެތި އަރު

ތާއި ނަކައިރު ބަލައިވަރު، ވާވެވޮޑި އިނަނަވައި ފަރު

ނާމަނު ވެލުން ލޯބިވީއަ، ފާރަދުން ފުރުއްވީއަ

ދިވެހިންނަކީ ހިންދު މާ ކަނޑުގެ ދަތުރުވެރިންނެވެ. އެކަހެރި ކުދި ޖަޒީރާތަކުގެ ދެހާސް އެތައް އަހަރެއްވީ ވަޒަންވެރިންނެވެ. މާކަނޑުގެ ބިޔަ ރާޅުތަކާއި މޫސުމުގެ ތޫފާނުތަކާ ކުރިމަތިލައި ދުރު ރަށްރަށާއި ކަރަތަކާއި ބައްރުތަކަށް ތަރިތަކަށް ބަލައިގެން ދަތުރުކޮށް އުޅުނު ކުޅަދާނަ ނިޔަމިންނެވެ. އިހު ވޭލާގައި ދިވެހިން ފުރެއްދެ ދަތުރުތައް ގިނައިން ކޮށްފައިވަނީ ބަޙްރުލް ހިންދުތެރޭ ވިޔަފާރިކަމު އެތެރެވަރީގެ އޮޅުދޫކަރައާއި މަލާބާރުގެ ރަށްތަކަށެވެ. ހުޅަނގު މޫސުމުގައި ހިންދު ކަނޑުގެ އިރުމަތީ އައްސޭރީގައިވާ ރަށްތަކަށެވެ. އިރުވައި މޫސުމުގައި އަރަބި ކަނޑު ހުރަސްކޮށް ޢަރަބިކަރައަށާއި ފާރިސީންގެ ރަށްތަކަށާއި އެފްރިކާ ބައްރުގެ އިރުމަތީ އައްސޭރީގައިވާ ބަނދަރުތަކަށެވެ. އަދި ވެދުން ހިފައިގެން ސީނުކަރައާއި ރޯމަށް ދިވެހިން ދަތުރުކޮށްފައިވާކަން އިހުގެ ލިޔުންތަކުން އެނގެއެވެ.

މީލާދީން 1316 ވަނަ އަހަރު ވިލިއަމް ޖީލޯން ކިޔާ ބޭރުގެ ލިޔުންތެރިއަކު ލިޔެފައިވާ ލިޔުމެއްގައި އެ ދުވަސްވަރު ދިވެހި ރާއްޖޭގައި ބަންނަ އޮޑިފަހަރުގެ ރަނގަޅު ވާހަކަ ލިޔެފައިވެއެވެ. ޖީލޯން ލިޔެފައިވެއެވެ:

“އެ ދުވަސްވަރަކީ، އިންޑިޔާއިން ހަވާދުގެ ބާވަތްތަކާއި ފަށުވި ފޮއްޗާއި އެކިވައްތަރުގެ ޖަވާހިރުފަދަ އަގުބޮޑު ތަކެތި ޔޫރަޕްގެ ބާޒާރުތަކަށް ގެންގޮސް ބޮޑު އަގުގައި ވިއްކައި އުޅުނު ދުވަސްވަރެވެ. މި ކަމަށްޓަކައި އެމީހުންނަށް (ޔޫރަޕްގެ ވިޔަފާރިވެރިން) ބޭނުންވެފައި އޮތީ މި ދަތުރުތައް ކުރަން ކަމުދާ ނައުފަހަރެވެ. (ވިޔަފާރީގެ ދަތުރުތަކަށް ބޭނުންކުރުމަށް) މި ނައުފަހަރު އެންމެ ރަނގަޅަށް ބަންނަ ރަށްރަށަށް ބެލިއިރު، އެންމެ ރަނގަޅު އެއްތަނަކަށް ވީ ދިވެހި ރާއްޖެއެވެ”

ބޭރުގެ ރަށްތަކަށް ވިޔަފާރިކަމު ދިވެހިން ކޮށްއުޅުނު ދަތުރުތަކުގެ އިތުރުން، ދިވެހި ރާއްޖެ އިސްލާމްވުމަށް ފަހު ޙައްޖުގެ މަތިވެރި ފަރުޞު އަދާކުރުމަށް ދިވެހިން ކޮށްފައިވާ ޙައްޖު ދަތުރުތަކުގެ ވާހަކަ ތާރީޚީ ލިޔުންތަކާއި ޞަފަރުނާމާތަކުގައިވެއެވެ. ކުރިއަރާފައިވާ މި ވޭލާ ދުނިޔޭގެ ވައިގެ އުދުހުންތަކުން ދިވެހިންގެ ޙައްޖު ދަތުރު ރާސްތާކުރުވެ އަވަސްވި ނަމަވެސް އިހުގައި މިއީ ނުހަނު ދިގު އުނދަގޫ ދަތުރެކެވެ.

ތާރީޚުގައި ލިޔެވިފައިވާ ދިވެހިންގެ ގިނަ ޙައްޖު ދަތުރުތަކަކީ ރަސްރަސްކަލުންގެ ޙައްޖު ދަތުރުފުޅުތަކެވެ. ރަދުން ވަޑައިގަންނަވާ ޙައްޖު ދަތުރުފުޅުތަކުގައި އެތަކެއް ސަތޭކަ ދިވެހިން ރަދުންގެ އަރުމާދާއި އެކު ނައުފަހަރުގައާއި ފުރެއްދެ އޮޑިފަހަރުގައި ޙައްޖު އަޅުކަން އަދާކުރުމަށް ބޭރުގެ ބަނދަރުމަތީ އެކި ރަށްރަށުގައި މަޑުކުރުމަށް ފަހު ހިޖާޒުކަރައަށް ދެއެވެ. އަދި ރަދުން ޙައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުމުން ތަހުތުގެ މައްޗަށް ބާރުގަދަ އަނެކަކު ވެރިވެ ރަސްކަންތައް ބަދަލުވެފައި ވެސްވެއެވެ.

____________

ހާޖީންގެ ވާހަކަ

ޙައްޖުވެރިން މައްކާގައި، 1953

ހިޖާޒުކަރައިގެ މައްކާއަށް ގޮސް ޙައްޖުވެގެން އަންނަ މީހުންނަށް ދިވެހިން ހާޖީންނޭ ކިޔައެވެ. ދިވެހި ބަހަށް އައިސްފައިވާ ހާޖީގެ އަސްލަކީ ޢަރަބި ބަހުގެ حاجي (ޙާޖީ)އެވެ. ޙައްޖުވެގެން އަންނަ މީހުންގެ ނަމުގެ ކުރިއަށް އަލްޙާޖީ، އަލްޙާޖް ޢަރަބި ލިޔުންތަކުގައި އިތުރުކުރެވެއެވެ. “ހާޖީ” މި ބަސް ދުވަސްވީ ބައެއް ލިޔުންތަކުގައި ލިޔެވިފައިވަނީ “ހަދި” މިފަދައިންނެވެ. “ހަދި” ކިޔުނު ގޮތާއި މެދު ބުރާރަ މުޙައްމަދުފުޅު އަނިޔާވެރި ޙާޖީ ޙަސަން ތިންވަނައިގެ ދުވަސްވަރުގެ ވާހަކައިން ކިޔާފައިވެއެވެ:

“ދެން އާލާސްކަންފުޅު ދެތިންމަސްދުވަހަށް ދެމި އެއާލާސްކަންފުޅުގައި (ހާޖީ) ހަސަން ރަސްގެފާނު އަވަހާރަވެއްޖެޔޭ. އެރަސްގެފާނު ކުރެއްވި ކަންތަކާމެދު ތިބި މީހުން ނުގަބޫލުގާ “ހ” ކުރުކޮށްފާ “ޖ” (ޖީމު) ވީތަނަށް ދާލުލައިގެން އޭގެފަހުގައި ހަދި ހަސަން ރަސްގެފާނޭ ކިޔައެވެ. ދެބައިލަސްކަރީނަށް ބެރުޖަހާ ދެބައިލަސްކަރީން އެއްކުރައްވާ ދެން ހަދި ހަސަން ރަސްގެފާނު ހިނަވާ ކަފުންކުރައްވާ ސަންދޯކުއަޅުއްވައިފިއެވެ”

ފުލޯކުވާހަކައިގައި މިހެން ކީ ނަމަވެސް ހަދި ހަސަން ރަސްގެފާނުގެ ކުރީގެ ލިޔުންތަކުގައި ވެސް “ހަދި” ބޭނުންކޮށްފައި ހުރެއެވެ. ހާޖީ “ހަދި”އަށް ބަދަލުވެފައިވަނީ މުސްކުޅި އެވޭލާ އަކުރުގައި “ޖ” ނެތުމުން “ޖ” ލިޔަން ޖެހޭ ތަންތާގައި “ދ” ލިޔުމުގައި ބޭނުން ކުރަމުންގޮސްފައިވާތީއެވެ. ދިވެހި ބައެއް އެހެން ލަފުޒުތައް ވެސް މި ގޮތަށް ބަދަލުވެފައިވެއެވެ. “ރާޖަވަޅި” ރާދަވަޅިއަށް އަދި “ރާޖޭޝްވަރަ” ރާދޭސްވަރަ އަށް ފަހުގެ ލިޔުންތަކުގައި ބަދަލުވެފައިވެއެވެ.

ދަތުރުފަތުރުގެ ފަސޭކަން އައުމުގެ ކުރީގައި ދިވެހިންގެ ތެރެއިން ހައްޖަށް ދިއުމުގެ ނަސީބު ލިބިފައިވަނީ މަދުބަޔަކަށެވެ. ހައްޖަށް ދިއުމަށް ގަސްތުކޮށް ރާއްޖެއިން ފުރައިގެން ގޮސް މައްކާއަށް ނުދެވި ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ބެހިގެން ގޮސް އެތައް ދުވަހަކަށް ފަހު އެނބުރި ރަށަށް އައިސް ހާޖީންގެ ގޮތުގައި އުޅުނު މީހުން ތިބި ކަމުގައި ވެސް ކިޔާއުޅެއެވެ. މައްކާއަށް ގޮސް ހައްޖުވެގެން އަންނަ މީހުންގެ ފަރާތުން ހައްޖު ދަތުރުގެ ވާހަކަތައް ޝައުގުވެރިކަމާއި ދިވެހިން އަހާއުޅުނެވެ.

އިހުވޭލާގެ ހާޖީން

ޙައްޖުވެރިންގެ ޖަމާއަތެއް، 1953

ލިޔެވިފައިވާ ތާރީޚުން ފެންނަ އޮތް އެންމެ ފުރަތަމަ ދިވެހި ޙައްޖުވެރިޔަކީ ދިވެހި ރާއްޖެ އިސްލާމް ކުރެއްވި އައްސުލްޠާން މުޙައްމަދު އިބްނު އަބްދުﷲ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން، ދަރުމަވަންތަ ރަސްގެފާނެވެ. ދަރުމަވަންތަ ރަސްގެފާނަށް ފަހު ދިވެހި އެކި ރަސްރަސްކަލުންނާއި ދިވެހީން ޙައްޖަށް ގޮސްފައިވާކަން ތާރީޚީ އެކި ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. އެންމެ ދުވަސްވީ ދިވެހި ހާޖީންގެ ނަންތައް ފެންނަން ހުރީ ތީމުގޭ ރަސްކަމުގެ ދުވަސްވަރުގެ ލޯމާފާނުތަކުންނެވެ. އައްސުލްޠާން ސިރީ ވައްލަދިޔޯ، މުސްކުޅި ރާއަރާދޭސް މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރު ލިޔެފައިވާ ކުޑަހުވަދޫ ލޯމާފާނުގައިވާ އެއިރުގެ ބައެއް ވަޒީރުންގެ ނަންތަކުގެ ތެރޭގައި “ފެހެންދޫގެ ހަދި އުމަރު ހެނެވިރަސް” އަދި “ކެންދޫގެ ހަދި އައިދިގެ ސުދެމިގިރިން” މި ދެ ވަޒީރުންގެ ނަން ހިމެއެވެ.

ކުޑަހުވަދޫ ލޯމާފާނުގައިވާ މި ދެ ވަޒީރުންގެ ނަންފުޅުގެ ކުރިއަށް “ހަދި” (ހާޖީ) އިތުރުކޮށްފައިވުމުން މި ދެ ވަޒީރުންނަކީ ވެސް ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ދެ ދިވެހިންކަން އެނގެއެވެ. އެ ޒަމާނުގައި ޙައްޖަށް ދިއުން އެންމެނަށް ތަނަވަސްވެގެން ނުވާކަމަށްޓަކައި، މުސްކުޅި ރާއަރާދޭސް މަހާރަދުންގެ މި ދެ ވަޒީރުންނަކީ ރާއްޖެ އިސްލާމް ވުމަށް ފަހު ހިނގި ފުރަތަމަ ސަތޭކަ އަހަރުގެ ތެރޭގައި ޙައްޖުގެ ފަރުޟު އަދާކޮށްފައިވާ މަދު ދިވެހިންގެ ތެރެއިން ދެ ދިވެހިންނެވެ. ދިވެހިންގެ މަޝްހޫރު ދެއްވަދޫ ރަސްގެފާނުގެ ބައްޕާފުޅަކީ ވެސް ހާޖީއެކެވެ. ދެއްވަދޫ ރަސްގެފާނަކީ އަލްޙާއްޖަ ޢަލީތުއްކަލާ މާފަތްކިލެގެފާނުގެ ދަރިކަލެކެވެ. އައްސުލްޠާން މުޡައްފަރު މުހައްމަދު ޢިމާދުއްދީންގެ (1704މ – 1721މ) ރަސްކަމުގައި ފެންފުށީ ހާޖީ އިސްމާޢީލް ތަކުރުފާނު ކިޔުނު ވަޒީރަކު ހުއްޓެވެ. މުޢީނުއްދީން އެއްވަނައިގެ ރަސްކަމުގައި (1799މ – 1835މ) ހާޖީ މޫސާ ތަކުރުފާނު ކިޔުނު ވަޒީރަކު ހުއްޓެވެ. އަދި ހަމަ މި ރަސްކަމުގައި ހާޖީ މުޙައްމަދު ފަޑިއްތަކުރުފާނު ކިޔުނު ވަޒީރަކު ވެސް ހުއްޓެވެ. މި ނަންގަނެވުނު ވަޒީރުންނަކީވެސް ތާރީޚުން ފެންނަން ހުރި ބައެއް ހާޖީންނެވެ.

އުތީމު ގަނޑުވަރު

އުތީމު އަލްޢާޒީ މުޙައްމަދު ބޮޑުތަކުރުފާނު ފުށެތިކާލުންނާއި ދެކޮޅަށް ކުރި ހަނގުރާމައިގެ ވާހަކައިގައި ކިޔޭ ދެހާޖީންނަކީ ވެސް ޙައްޖުގެ ފަރުޟު އަދާކުރި ދެ މީހުންނެވެ. މި ދެހާޖީންނާއި މެދު ޙަސަން ތާޖުއްދީން ތާރީޚް ދީބާމަޙަލް ގައި ލިޔުއްވާފައިވެއެވެ:

“މުޙައްމަދު ޚަޠީބު ތަކުރުފާނުންގެ ހިތްޕުޅުގައި ހަނގުރާމައިގެ ފަރްޟް އަދާކުރައްވައި ކާފަރުންގެ އަތުން ދިވެހި ރާއްޖެ ސަލާމަތްކުރެއްވުމަށް ޖައްސަވައިފޫއެވެ. ދެން ހަރުކޮށްދުވާ އޮޑިޔަކަށް ސިލޭހަތަކާއި ކާނޭބޯނޭ ތަކެއްޗާއި އަންނައުނާއި އަނބިދަރީނާއި ލައިގެން އަލީ ރާޖާގެ ރައްކައުތެރިކަމުގައި އޮތް މަލިކަށް ދުރުވެއްޖެއެވެ. އެތަނުން އަރަބި ކަރަޔަށް ގޮއްސާ އައި ދިވެހީންގެ ދެމީހުނާއި ބައްދަލުވެއްޖެއެވެ. އެދެމީހުނީ އެއްބަނޑު އެއްބަފައި ދެމީހުންނެވެ. އޭގެ ތެރެއިން ދޮށީ މީހާގެ ނަމީ ޢަލީ ޙާޖީއެވެ. އަނެއް މީހާގެ ނަމީ ޙަސަން ޙާޖީއެވެ.

މިދެމީހުނީވެސް ލޮންސީގެ ހެވިކަމަށް މަޝްހޫރު ވެގެން ތިބި ދެއެދުރު ބޭކަލުންނެވެ. އެދެމީހުން ޙައްޖަށް ދާން ނުކުތީ ކާފަރުން ދިވެހި ރާއްޖެ ވަނުމުގެ ކުރީގައެވެ. ދެން އެމީހުން މާތް ކަލާންގެ ކިބަޔަށް ވަކީލުކޮށްފައި ދިވެހި ރާއްޖެޔާއި ހަނގުރާމަށް (ބޮޑުތަކުރުފާނާ ޢަހްދުވެގެން) އަތުވެއްޖައޫއެވެ”

މި ދެ ހާޖީންނަށްވެސް ބޮޑުތަކުރުފާނު ފުށެތިކާލުންގެ ރާއްޖެ ސަލާމަތްކުރެއްވުމަށް ފަހު ވަޒީކަން ދެއްވިއެވެ. ޢަލީ ހާޖީއަށް ބޮޑުވަޒީރުކަން ދެއްވައި އޭނާއަށް ދޮށިމޭނާ ތަކުރުފާނެވެ ކިޔައި ކޮލި ލައްވައި ޙަސަން ހާޖީއަށް ވެލާނާކަމަށް ކޮލިލެއްވިއެވެ.

____________

ރަސްރަސްކަލުންގެ ޙައްޖު ދަތުރުތައް:

1 – ދަރުމަވަންތަ ރަސްގެފާން ޙައްޖަށް ވަޑައިގަތުން

އެންމެ ފުރަތަމަ ޙައްޖަށް ދިޔަ ދިވެހި ރަސްކަލަކީ ދިވެހި ރާއްޖެ އިސްލާމް ކުރެއްވި ރަދުން، އައްސުލްޠާން މުޙައްމަދު އިބްނު އަބްދުﷲ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން، ދަރުމަވަންތަ ރަސްގެފާނެވެ. އެންމެ ފުރަތަމަ ޙައްޖަށް ދިޔަކަމަށް ތާރީޚުން ފެންނަން އޮތް ދިވެއްސަކީ ވެސް ދަރުމަވަންތަ ރަސްގެފާނެވެ. މިރަދުން ރަސްކަން ކުރައްވާފައިވަނީ މީލާދީން 1142 ން 1165 ވަނަ އަހަރަށެވެ. ދަރުމަވަންތަ ރަސްގެފާން ޙައްޖަށް ވަޑައިގެންނެވީ ޙިޖުރައިން 561 ވަނަ އަހަރުގައި ކަމަށް ޙަސަން ތާޖުއްދީން ސަނަތު ޖައްސަވާފައިވެއެވެ. މިއީ އައްބާސީން ހަލީފާ އަލްމުސްތަންޖިދު ގެ ދުވަސްވަރެވެ. ދަރުމަވަންތަ ރަސްގެފާން ޙައްޖަށް ފުރާވަޑައިގަތް ވާހަކަ އަޖާއިބެއް ފަދައިން ދައްކާ އުޅުނެވެ.

މާލޭ ދަރުމަވަންތަ ރަސްގެފާނު މިސްކިތް

“މިއުޅެނީ ޙައްޖަށް ދާން. ހުކުރު ދުވަހު ނަވެއް މާލެ ބަނދަރުކުރާނެ. އެ ނަވުގައި މައްކާއަށް ދާނަން”

ދަރުމަވަންތަ ރަސްގެފާނު ރައްޔިތުންނަށް މިހެން ވިދާޅުވި ފަހުން އައި ހުކުރު ދުވަހުގައި މާލޭ ބަނދަރަށް ނަވެއް މަޑުކުރިއެވެ. ހުކުރު ނަމާދު ކުރައްވައިގެން ރަދުން އަވަސް އަވަހަށް ގޮނޑުދޮށަށް ވަޑައިގެން ނަވަށް އަރުއްވައިފިއެވެ. އަރިހުގައި އެހީތެރިއެއް ވެސް ނުގެންދަވައެވެ. ރަސްގެފާނު ނަވަށް އަރާވަޑައިގަތުމުން “އުދުހިގެން ދިޔަ ދޫންޏެއް ފަދައިން” ނައު މީސްތަކުން ލޯމަތިން ގެއްލިއްޖެއެވެ.

ޙައްޖަށް ފުރާވާޑައިގަތުމަށް ފަހު ފަހު ދަރުމަވަންތަ ރަސްގެފާނުގެ އިތުރު ހަބަރެއް ދިވެހިންނަށް ލިބިފައިނުވެއެވެ. އެހިސާބުން ދަރުމަވަންތަ ރަސްގެފާނުގެ ރަސްކަން ނިމުމަކަށް އައީއެވެ. އޭގެ ފަހުގައި ރަސްކަމަށް އިސްވެވަޑައިގަތީ މުތެއި ކަލަމިންޖާއެވެ. ދަރުމަވަންތަ ރަސްގެފާނު ޙައްޖަށް ވަޑައިގަތް ވާހަކައިގެ މައްޗަށް ތަންޤީޙު ކުރެވުނު ތާރީޚުގައި މުހައްމަދު އަމީން ލިޔުއްވާފައިވެއެވެ:

“ޙަސަން ތާޖުއްދީން އޭނާގެ ތާރީޚްގައި ލިޔުއްވާފައިވަނީ، އަބުލްބަރަކާތުލް ބަރުބަރީ އަވަހާރަވުމަށް ފަހު އެތަކެއް ދުވަހަކު ރަސްކަމުގައި ހުންނަވާފައި ރަދުން ޢާއިބުވެވަޑައިގަތީކަމުގައެވެ. ޙައްޖަށް ވަޑައިގަތުމުގެ ގަސްދުގައި ޙިޖުރައިން 561 ވަނަ އަހަރުގެ ތެރެއިން ހުކުރު ދުވަހަކު ހުކުރުން ފައިބާވަޑައިގެން ބޭރުން އައިސް އޮތް ނަވަކަށް އަރާވަޑައިގަތުމުން “އުދުހިގެން ދިޔަ ދޫންޏެއް ފަދައިން” ނާ ދުވެފައިގޮސް މީސްތަކުންގެ ލޯމަތީން ޢާއިބުވެއްޖެކަމަށެވެ.

އެޒަމާނަކީ ދުނިޔޭގެ އެތަން މިތަނަށް ދަތުރުފަތުރުކޮށް އުޅުނު ނައުފަހަރު ރާއްޖެ އައިސް ގޮސް އުޅުނު ޒަމާނެވެ. އެހެންކަމުން، މިގޮތުގެމަތީން އައި ނަވެއްގެ ވެރީންނާއި ވާހަކަ ދައްކަވައިގެން ރަދުން ޙައްޖަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސަވާނޭ ފުރުސަތެއް ލިބިވަޑައިގެންފައިވުމަކީ، ވަރަށް ކައިރީގައި އޮންނާނޭ ކަމެކެވެ. “ހުކުރު ދުވަހަކު ހުކުރުން ފޭބިއިރު” މާލޭގެ ބަނދަރުން އެފެނުނު ނަވަކީ ރަދުން ޙައްޖަށް ވަޑައިގަތުމަށް ގޮވައިގެން ދާން އައި ނަވެއް ކަމުގައި ވުމީ ވަރަށް ވެސް އެކަށީގެންވާ ކަމެކެވެ. ދުވަހަކީ ވައިގަދަ ދުވަހެއްކަމުގައި ވަނީނަމަ، ރަދުން ދަތުރަށް އަރާވަޑައިގަތުމަށް ފަހު ލަސްތަކެއް ނުވެ “އުދުހިފައި ދިޔަ ދޫންޏެއް ފަދައިން” ނައުގޮސް އޮބާ ލުމަކީ އަޖާއިބު ވާންވީ ކަމެއް ނޫނެވެ”

2 –  ހަދި (ހާޖީ) ޙަސަން ރަސްގެފާނު ޙައްޖަށް ވަޑައިގަތުން

ދަރުމަވަންތަ ރަސްގެފާނު ޙައްޖަށް ވަޑައިގަތް ފަހުން ހަދި ހަސަން ރަސްގެފާނާއި ދެމެދު އެހެން ރަސްކަލަކު ޙައްޖަށް ދިޔަކަން ތާރީޙުން ފިލާކަށް ނެތެވެ. ހަދި ހަސަން ރަސްގެފާނަކީ އައްސުލްޠާނުލް ޙާއްޖަ ޙަސަން ސިރީ ރާދަވީރު މަހާރަދުންނެވެ. މިއީ ފަނޑިޔާރު ކަލޭގެފާނުންގެ ގައިގާ ކަފަ ބަންނަވައި އަންދާލެއްވި ރަސްގެފާނެވެ. މިރަދުން ރަސްކަން ކުރައްވާފައި ވަނީ ދަރުމަވަންތަ ރަސްގެފާނު ޙައްޖަށް ފުރާވަޑައިގަތް ސަނަތުން 260 އެތައް އަހަރެއް ފަހުންނެވެ. ޙައްޖަށް ފުރާވަޑައިގެންނެވީ ރަސްކަމުގެ ބޮޑުންނާއި މި ރަސްގެފާނުގެ ތުއްޕުޅު ދަރިކަލުންނާ ރަސްކަން ހަވާލުކުރެއްވުމަށް ފަހުއެވެ.

ހަދި ހަސަން ރަސްގެފާނު ޙައްޖަށް ފުރާވަޑައިގެންނެވުމުން އެއިރު ފަނޑިޔާރުކަމުގައި ހުންނެވި ސައްޔިދު މުޙައްމަދު ތަހުތުގެ މައްޗަށް ވެރިވެގަނެ އެއް އަހަރު ރަސްކަން ކުރެއްވިއެވެ. މިއީ އަރަބި ކަރައިގެ ބޭކަލެކެވެ. ހަދި ހަސަން ރަސްގެފާނު ޙައްޖުން އެނބުރި ވަޑައިގެން ސައްޔިދު މުހައްމަދު ރަސްކަމުން ވަކިކުރައްވައި އިތުރު އެއް އަހަރުގެ މުއްދަތަށް ރަސްކަން ކުރެއްވިއެވެ. ހަދި ހަސަންރަސްގެފާނުގެ ޙައްޖު ދަތުރާއި ބެހޭގޮތުން ތަންޤީހު ކުރެވުނު ތާރީޚުގައި މުޙައްމަދު އަމީން ލިޔުއްވާފައިވެއެވެ:

“މި ރަދުން ޙައްޖަށް ވަޑައިގެންފައި އަހަރެއް ހައި ދުވަހު މައްކާގައި ހުންނެވުމަށް ފަހު، އެނބުރި ވަޑައިގަތްކަމަށް ބުނެވެނީ 70 އަޅުން ގޮވައިގެނެވެ. މި އަޅުން އޭނާ ގެންގުޅުއްވާން ފެއްޓެވީ ދިވެހި ޚާދިމުންގެ ބަދަލުގައި އޭނާގެ ގަނޑުވަރުގައެވެ. ދުވަސްކޮޅެއްވީތަނާ މީތެރެއިން އެއް އަޅަކު ދިވެހި ރައްޔިތަކު މަރާލައިފިއެވެ. އެއިރު ފަނޑީޔާރުކަމުގައި ހުންނެވި އަލްޤާޒީ ޙަސަން ޝީރާޒީ ގަދައެޅުއްވީ، އެ އަޅު ކަލޭގެއާއި މެދު އިންސާފުކުރެއްވުމުގެ މައްޗަށެވެ.

ނަމަވެސް، ރަދުން އެގޮތް ގަބޫލުފުޅެއް ނުކުރެއްވިއެވެ. ރަދުންނާއި ފަނޑިޔާރު ކަލޭގެފާނާއި ދެމެދުގައި ވަރަށް މަތިވެރިދަރަޖައަކަށް ދެބަސްވެވިއްޖެއެވެ. ބުނެވެނީ މި ދެބަސްވުމުގެ ނަތީޖާއެއްގެ ގޮތުން ރަދުންގެ އަމުރުފުޅަށް ފަނޑިޔާރުކަލޭގެފާނުންގެ ގައިގާ ކަފަ ބަނދެފައި ރޯކޮށްލެވުނީ ކަމަށެވެ.

ގިނަ ދުވަސްތަކެއް ނުވަނީސް، ވަރަށް ބިރުވެރި ނާމާން އާލާސްކަންފުޅެއްގައި ރަދުން އަވަހާރަވެއްޖެއެވެ. މި ރަދުން ފަސްދާނުލާފައިވަނީ ލޮނުޒިޔާރަތްކޮޅުގައި އޮންނަ ގާސަންދޯކުގައެވެ”

ލޮނުޒިޔާރަތްކޮޅުގައި އިހު އޮތް ގާ ސަންދޯއް

މި ރަދުންގެ ރަސްކަމުގެ ތާރީޚާއި ޙައްޖަށް ފުރާވަޑައިގަތް އަހަރާއި ހައްޖުގެ އަޅުކަން ފުރިހަމަކުރެއްވި އަދަދާއި މެދު އޮޅުންތަކެއް އަރައެވެ. 25 އަހަރު ރަސްކަން ކުރެއްވުމަށް ފަހު ހަދި ޙަސަން ރަސްގެފާނު ޙައްޖަށް ވަޑައިގެންނެވީ ޙިޖުރައިން 871 ވަނަ އަހަރުގައި ކަމަށް ޙަސަން ތާޖުއްދީންގެ ތާރީޚުގަ އާއި މުޙައްމަދު އަމީންގެ ތަންޤީހުގައި ވެއެވެ. އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފްގައި ލިޔުއްވާފައިގޮތުން ހަދި ޙަސަން ރަސްގެފާނު 25 އަހަރު ރަސްކަން ކުރެއްވުމަށް ފަހު ޙައްޖަށް ވަޑައިގެން ޙައްޖުގެ ފަރުޞު އަދާކުރުމަށް ފަހު ދެވަނަ ޙައްޖަކަށް މައްކާގައި މަޑުކުރެއްވިއެވެ.

މުޙައްމަދު އިބްރާހިމް ލުތުފީގެ ޗާޕުނުކުރާ ދިރާސާއަކާ ހަވާލާދީ ނަސީމާ މުހައްމަދު ލިޔުއްވާފައިވާގޮތުގައި ޙިޖުރައިން 1384 ވަނަ އަހަރު މިޞުރުގެ އަލްޤާހިރާގައި ޗާޕުކޮށްފައިވާ އަބްދުލްޤާދިރުލް ޖުޒުރީ ލިޔުއްވި “ދުރަރުލް ފުޢާދު އަލް މުނައްޘަމަތު ފީ އަޙްބާރުލް ޙައްޖު ވަޠަރީޤު މައްކަތުލް މުޢައްޘަމަތު” (މައްކާއަށް ހައްޖަށް ވަޑައިގަންނަވާ އިއްޒަތްތެރިންގެ ރެކޯރޑްސް) މި ފޮތުގައި ހަދި ޙަސަން ރަސްގެފާނު ޙައްޖުގެ ފަރުޟު ހިޖުރައިން 838 ވަނަ އަހަރު އަދާކުރެއްވިއެވެ. މި ޙައްޖު ރެކޯޑްތަކަށް ބަލާނަމަ ހަދި ޙަސަން ރަސްގެފާނު ދެ ފަހަރު ޙައްޖު ދަތުރުފުޅަށް މާލެއިން ފުރާވަޑައިގެން 3 ޙައްޖު އަދާކުރެއްވި ކަމުގައި ބަލަން ޖެހެއެވެ. އެއީ ހިޖުރައިން 838 ވަނަ އަހަރު މި ރަދުންގެ ރަސްކަމުން 11 ވަނަ އަހަރު ކުރެއްވި މައްކާގެ ރެކޯޑްތަކުގައިވާ ޙައްޖު ދަތުރުފުޅާއި އަދި 25 އަހަރު ރަސްކަން ކުރެއްވުމަށް މައްކާއަށް ފުރާވަޑައިގެން ދެ ޙައްޖު އަދާކުރައްވައި 70 އަޅުން މާލެއަށް ގެންނެވި ދަތުރުފުޅެވެ.

3 – ހަދި މުޙައްމަދު

ހަދި ޙަސަން ރަސްގެފާނަށް ފަހު ރަސްކަންކުރެއްވީއެ ރަދުންގެ ދަރިކަލުން އައްސުލްތާން ހަދި މުޙައްމަދުލް ހިލާލީއެވެ. ރާދަވަޅީގައި މި ރަދުންގެ ނަންފުޅަކީ “ހަދި މުޙައްމަދު ކަލަމިންޖާ”އެވެ. މި ރަދުންގެ ނަމުގެ ކުރިއަށް ވެސް ހަދި (ހާޖީ) އައިސްފައިވުމުން މި ރަދުން ވެސް ޙައްޖުގެ ފަރުޟު އަދާކުރެއްވިކަމުގައި ބަލަން ޖެހެއެވެ. ނަމަވެސް، ހަދި މުޙައްމަދު ރަސްގެފާނާއި ބެހޭ އިތުރު މައުލޫމާތެއް ތާރީޚުން ފެންނާކަށް ނެތެވެ. މި ރަދުންނަށް “ހަދި” މި ލަގަބު އަރުވާފައިވަނީ ބައްޕާފުޅު ހަދި ޙަސަން ރަސްގެފާނާއި ގުޅުވާފައިކަން ނުވަތަ ހަދި ޙަސަން ރަސްގެފާނު ޙައްޖަށް ވަޑައިގަތް އިރު ގެންދެވި ދަރިކަލެއް ކަން ނުވަތަ ރަސްކަމަށް އިސްވުމަށް ފަހު ހައްޖުގެ ފަރުޟު އަދާކުރެއްވީކަން އެނގޭކަށް ނެތެވެ. ހަދި މުޙައްމަދު 13 ނުވަތަ 14 އަހަރު ރަސްކަން ކުރެއްވިކަމަށް ތާރީޚީ ލިޔުންތަކުގައިވެއެވެ.

4 – އިސްކަންދަރު ރަސްގެފާނު ޙައްޖަށް ވަޑައިގަތުން

އިސްކަންދަރު ރަސްގެފާނު ބިނާކުރެއްވި މާލޭ މުންނާރު

މިއީ އައްސުލްޠާން އިބްރީހީމް އިސްކަންދަރު ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން، މިހާރު ހުރިގޮތަށް މާލޭ ހުކުރު މިސްކިތާއި މުންނާރު ބިނާކުރެއްވި މަޝްހޫރު އިސްކަންދަރު ރަސްގެފާނު ކުރެއްވި ޙައްޖު އަދި އުމުރާ ދަތުރުފުޅުތަކުގެ ވާހަކައެވެ. އިސްކަންދަރު ރަސްގެފާނުގެ ޒަމާނަކީ “މާލޭގެ ބަނދަރަށް އަސޭކަރައިންނާއި ހިންދުކަރައިންނާއި އެތައްމިތަނުން ވައްތަރުވައްތަރުގެ ވިޔަފާރި ހިފައިގެން ނައުފަހަރުގައި އައިސް އުޅުނު” ރަނގަޅަށް ވިޔަފާރި ހިނގި ޒަމާނެކެވެ. އިސްކަންދަރު ރަސްގެފާނު ޙައްޖަށް ވަޑައިގަތީ ޙިޖުރައިން 1078 (މީލާދީން 1558) ވަނަ އަހަރުއެވެ. މި ދަތުރުގައި ޙައްޖުގެ ފަރުޞު އަދާކުރައްވައި ޢުމްރާވެވަޑައިގެން ރާއްޖެ ވަޑައިގަތެވެ.

އިސްކަނދަރު ރަސްގެފާނު ޙައްޖުން އެނބުރި ވަޑައިގަތުމަށް ފަހު ހުކުރު މިސްކިތު ދެކުނު ދޮރޯށި ބިނާކުރައްވައި އެތަނަށް ބައިތުލްމާލުން އުޖޫރައެއް ދެއްވާ ފިޤްހުވެރިޔަކު ލައްވައި ކުދީންނަށް ޤުރުޢާން ކިޔަވައިދިނުމާއި ފަރުޟު އިލްމު އުނގަންނައި ދިނުން އެމީހާއާއި މަތިކުރެއްވިއެވެ. އަދި ޙައްޖަށް ވަޑައިގަތުމުގެ ކުރީގެ އަހަރުތަކުގައި ބިނާކޮށް ނިންމެވި ހުކުރު މިސްކިތަށް މުންނާރެއް ބިނާކުރައްވައި ފަސްވަގުތު ނަމާދަށް ގޮވާނެ މީހަކު ލެއްވިއެވެ. މުންނާރު ބިނާކުރެއްވީ އެއިރު ޢަރަބި ކަރައިގެ މުންނާރުތައް ހުންނަ ގޮތަށެވެ.

އަރަބި އަދި އިސްލާމީ ދުނިޔޭގެ ބައެއް މުންނާރުތައް، ހޯލްޓާ މުންނާރު، އުޒްބަކިސްތާން، މޯލޭ އިދުރީސް މުންނާރު، މޮރޮކޯ

މި ޙައްޖު ދަތުރުފުޅަށް ފަހު ޙިޖުރައިން 1093 ވަނަ އަހަރު ރަސޫލުﷲ ގެފާނުންގެ ޒިޔާރަތްފުޅަށް ދިއުމަށް އިސްކަންދަރު ރަސްގެފާނު މާލެއިން ފުރާވަޑައިގަތެވެ. މި ދަތުރުފުޅުގެ ވާހަކައިން ތާޖުއްދީނުގެ ތާރީޚުގައިވެއެވެ:

“ދެން ބޮޑު އޮޑީގެ ތިން އޮޑިޔާއި ހަތަރު ނަވާއި އެކު ހަތް ގަނޑެތީގައި ޙިޖުރައިން 1093 މިތައްވަނަ އަހަރު މުޙައްރަމު މަހު ހަތާވީސް ވީ ބުރާސްފަތި ދުވަހު މިރަދުން ފުރައިވަޑައިގެންފިއެވެ. މިއީ މި ރަސްގެފާނުންގެ ރަސްކަމުން ތިރީސް ފަސްވަނަ އަހަރުގައެވެ. ދެން ދަތުރުކުރައްވައި ސަލާމަތުން ޖިއްދާގެ ބަނދަރަށް ވަޑައިގެންނެވޫއެވެ. ދެން ޖިއްދާއިން ފައިބައިވަޑައިގެން މަދީނާޔަށް ވަޑައިގެން ރަސޫލުﷲ ގެފާނުންގެ ޒިޔާރަތަށް ޒިޔާރަތްފުޅު ކުރައްވައި މަދީނާގައި ހުރި އަޞްހާބު ބޭކަލުންގެ ޒިޔާރަތާއި ޝަހީދުންގެ ޒިޔާރަތްތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

ދެން މި ރަސްގެފާނުންގެ އަރިހުގައި ދިޔަ އެންމެނާއިގެން މައްކާޔަށް ވަޑައިގަންނަވައި ގެފުޅަށް ވެދެވެޑައިގެން ޢުމްރާވެވަޑައިގެން ޠޮވާފުކުރައްވައި ޞަފާމަރްވާގައި ހިންގަވައި ވަދާޢުގެ ޠަވާފުކުރައްވައި މައްކާއިން ނުކުމެވަޑައިގެން ޖިއްދާޔަށް ވަޑައިގެންފިއެވެ. ޖިއްދާއިން ފުރައިވަޑައިގެން މަޚާގެ ބަނދަރަށް ވަޑައިގެން އެތަނުގެ ބަނދަރުން ޝައުބާން މަހު ފަނަރަ ދުވަހު ފުރާވަޑައިގެން ފިޠުރު އީދު ވިލޭރޭ މާލޭގެ ބަނދަރަށް ވަޑައިގެންނެވިއެވެ. މާލޭގެ އަހުލުވެރިން ދޯނިދޯނި ފަހަރުގައި ދިޔައޫއެވެ. ރަދުން ވަޑައިގެންނެވިކަމަށްޓަކައި ރަށް ޒީނަތްވިއެވެ.

ދެން އެދުވަހުގެ އީދު ނަމާދުގެ ވަގުތުގައި މާލެޔަށް ރަދުން ފައިބާވަޑައިގަންނަވައިގެން އީދަށް ވަޑައިގެންނެވިއެވެ. އެއީ ދިވެހި ރާއްޖެޔަށް ދެ އީދު އެކުގައި އައި ދުވަހެކެވެ”

5 – މުޡްހިރުއްދީން ރަދުންގެ ޙައްޖު ދަތުރުފުޅު

އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީން ރަސްކަންކުރައްވާފައިވަނީ 1701މ އިން 1705މ އާ ދެމެދުއެވެ. މި ރަދުން ޙައްޖަށް ވަޑައިގަތުމަށް ދަތުރުފުޅު ތައްޔާރުކުރެއްވީ ޙިޖުރައިން 1115 (1703/1704މ) ވަނަ އަހަރުއެވެ. ޙައްޖަށް ފުރާވަޑައިގަތުމަށް ގަސްދުކުރައްވައި ދަތުރުފުޅުގައި އަވަހާރަ ވެއްޖެ ނަމަ އެރަދުންގެ ތުއްޕުޅު ދަރިކަލުން ތަހުތަށް އިސްކުރުމަށް ވަޒީރުން ލައްވައި އަޙްދުކުރެއްވިއެވެ. ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ވެއެވެ:

“ދެން ހުކުރު މިސްކިތް (ކިލެގެފާނު މިސްކިތް) ނިއްމަވައިފައި އަރަބިކަރާ ވަޑައިގެންނެވުމަށް (މުޡްހިރުއްދީން) ނަވެއް ބައްލަވައިގެންނެވިއެވެ. ދެން ހަތަރު ފުރެއްދެ އޮޑި ބެންނެވިއެވެ. ދެން މި އޮޑިފަހަރު ބާލައި ދަތުރަށް ހެއްދެވޫއެވެ. ދެން މި އޮޑިފަހަރަށް ކާއްޓާއި ރޯނާއި ބޮއްޔާއި ލައްވައި މި އޮޑިފަހަރު ބަރާކުރައްވަވައި ދެން ބޮޑު ކޯއްޓޭ ބުރުޒުން ނަވަށް އަށްޑިހަ ބޮޑުބަޑި ލެއްވޫއެވެ. މި ބަޑިތަކާއި ވާނޭ އުންޑަޔާއި ބޭހާވެސް ލެއްވޫއެވެ.

ދެން ޙިޖުރައިން ހާހާއި އެއްސަތޭކަ ފަނަރަވަނަ އަހަރު ރަމަޟާން މަހު ދިހަޔެއްވީ ހުކުރު ދުވަހު އިރުއޮސްފުހުނުތަނާ މިރަދުން ޙައްޖަށް ވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވިއެވެ”

މުޡްހިރުއްދީން ރަދުންގެ ޙައްޖު ދަތުރުފުޅުގައި ރަސްކަމުން ބޭލި އައްސުލްޠާން ޙަސަން (ދިހަވަނަ) ވެސް ގެންދެވިއެވެ. މި ޙަސަން ދިހަވަނަ ރަސްކަމުން ބޭލީ މުޡްހިރުއްދީން ރަދުން ރަސްކަމަށް އިސްވާން ތަޞައްރަފު ނުފުދޭ ތުއްޕުޅު ބޭފުޅަކަށް ރަސްކަން ނުކުރެއްވޭނެ ކަމަށް ބުނެއެވެ. އެއިރު މި ޙަސަން ރަސްގެފާނުގެ އުމުރުފުޅަކީ 13 އަހަރެވެ. ރަސްކަމުން ބޭލި ޙަސަން ރަސްގެފާނުގެ އިތުރުން މި ޙައްޖުދަތުރުގައި މުޒްހިރުއްދީން ރަދުންނާއި އެކު އަލްޤާޒީ ޙަސަން ތާޖުއްދީނާއި، އޭރުގެ ފަނޑިޔާރު މަނިކުފާނު އަބްދުލް ޙަކީމާއި މި ރަދުންގެ ބޭބެ ޙަސަން ހަނދޭގިރިމަނިކުފާނުން ގެންދެވިއެވެ.

މުޡްހިރުއްދީން ރަދުންގެ ހަތަރު އޮޑިޔާއި ނަވާއި މާލެއިން ފުރައިގެން ގޮސް މަޑުކުރީ ރަސްދޫ ބޭރުގައެވެ. ރަސްދޫ ބޭރުގައި މަޑުކުރެއްވުމަށް ފަހު ރަސްދޫން ފުރާވަޑައިގެން ޖިއްދާއަށް ވަޑައިގެންނެވީމައި ޖިއްދާގެ ސުލައިމާން ބާޝާ ވަޑައިގެން މުޒޡްހިރުއްދީން ރަދުން ފައިބާވަޑައިގަތުމަށް ދެންނެވިއެވެ. ދެން ރަދުން ޖިއްދާއަށް ފައިބާވަޑައިގެން ޖިއްދާއިން މައްކާއަށް ވަޑައިގެން ޙައްޖުގެ ފަރުޞު އަދާކުރެއްވިއެވެ. މުޡްހިރުއްދީން ރަދުންގެ ޙައްޖުދަތުރުފުޅުގައި ޙައްޖުގެ އަޅުކަމަށް ފަހު ހިނގާދިޔަ ކަންކަމާއި މެދު ޙަސަން ތާޖުއްދީންގެ ތާރީޚުގައި ވަނީ:

“ދެން އެޔަށް ފަހު (މުޡްހިރުއްދީން ރަދުންނާއެކުގައި ޙައްޖަށް ވަޑައިގެންނެވި) ޙަސަން ހަނދޭގިރި މަނިކުފާނު ނިޔައުވެއްޖެއެވެ. އެތާނގައި މުޡްހިރުއްދީން ރަދުންގެ އަނބިކަނބަލަކުވެސް އަވަހާރަވިއެވެ. ދެން މަދީނާޔަށް ވަޑައިގަންނަވައި މާލެ ވަޑައިގެންނެވުމަށް ފުރާވަޑައިގަންނަވާން އަވަސްވެވަޑައިގެންނެވިއެވެ. ދެން އަބްދުލް ޙަކީމް ފަނޑިޔާރުމަނިކުފާނު ނިޔައުވެއްޖެއެވެ. އޭނާ ވަޅުލީ ޖިއްދާގެ ގަބުރުސްތާނުގައެވެ. އެތަނަކީ މައްކާޔަށް ނިކުންނަ ދޮރޯށީގެ ކަނާތްފަރާތެވެ. މިރަދުންގެ އަރިއަހުގައި ޙައްޖަށް ދިޔަ 500 މީހުން ކުރެން އަންހެނުންނާއި ފިރިހެނުންގެ 300 ދިވެހިން ކަށިވިދުރި ޖެހިގެން މަރުވިއެވެ.

ދެން ޞަފަރު މަހަށް ހަނދުބެލިތަނާ ޖިއްދާއިން ފުރާވަޑައިގެންނެވިއެވެ. އޭރު މުޡްހިރުއްދީން ރަދުންނަށް ކަށިވިދުރީގެ އަލާސްކަންފުޅު ޖެހިވަޑައިގެންފައިވެއެވެ. ދެން (އޮޑިފަހަރާއި ނަވަށް ފެން ލައްވައި) ޖިއްދާއިން ރަދުން ފުރާވަޑައިގަންނަވަން އުޅުއްވީމާއި ޖިއްދާގެ އަމީރު ޝައިޙް ޞޯލިޙުލް ޙަރީރީ ދެންނެވިއެވެ. މިއީ ވިއްސާރައިގެ މޫސުމެވެ. ބުއްދިވެރީންނަށް އެކަށީގެންވާ މޮޅުގޮތީ މިމޫސުން ދާންދެން މިތާގައި ތިއްބެވުމޭ. ދެން މި ބަސްވެސް ނާއްސަވައި ޖިއްދާއިން މުޡްހިރުއްދީން ރަދުން ފުރާވަޑައިގެންނެވިއެވެ. އެއީ މިއަހެލިހައިގެ ފަހުކޮޅުގައި ޞަފަރު މަހު ތޭވީސް ދުވަހުގައެވެ.

ދެން ފުރައިގެން ގޮސް ސުއްކަތުރާ ފަހަނައެޅިތަނާއި ވިއްސާރަ ޖެހި އޮޑިފަހަރުގެ ކުނބުތައް ބިދި، ނަވުގެ ފިލަޔެއްވެސް ނެއްޓި، ނުކުޅަދާނަ ވިއްސާރަޖެހިފައި އަލިވީއިރު ނަވުގެ ރިޔައުތައް ވީދި، ކުނބުވެސް މުގުރި ކިރިޔާ ފެންމަތީގައި ހުރިއްޔެވެ”

ޔަމަނުގެ ސުއްކަތުރާ ބަނދަރުމަތި (Socotra, Yemen)

ސުއްކަތުރާ (سُقُطْرَى، Socotra) އަކީ ޔަމަނު ކަރައިގެ ޖަޒީރާއެކެވެ. މިރަށް އޮންނަނީ އަރަބި ކަނޑުގެތެރޭގައި އަދަނު ކަނޑުއޮޅި އަނގަމަތީގައެވެ. ސުއްކަތުރާ ކަނޑަކީ ގަދަކަނޑެއްކަމަށް ދިވެހިންގެތެރޭގައި މަޝްހޫރު ކަނޑެކެވެ. ސުއްކަތުރާ ފަހަނަ އެޅިތަނުން ޖެހުނު ވިއްސާރައިން އަލިވެ، ވައިމަޑުވުމުން މުޡްހިރުއްދީން ރަދުން އިންނެވި ނައުގެ ކުނބަށް ވަކަރުގަނޑެއް ޖަހައިގެން ރިޔާ ނެގިއެވެ. އެއިރު ވައި ޖެހެނީ ދެކުނުންނެވެ. ދެން ދަތުރު ފަށައިގެން ދުއްވަމުން ގޮސް ނަވާއި އޮޑިފަހަރަށް ނަވާބަންދަރާއި ހިސާބަށް ދެވިއްޖެއެވެ. ނަވާބަންދަރަކީ (Nava Bandar) މިހާރުގެ އިންޑިއާގެ ގުޖުރާތުގައިވާ ބަނދަރުމަތީ ރަށެކެވެ. ތާޖުއްދީންގެ ތާރީޚްގައި ލިޔުއްވާފައިވެއެވެ:

“ދެން ގޮސް ގޮނޑުވީ ނަވާބަންދަރޭ ކިޔާ ތަނަކަށެވެ. އެއީ ރަބީޢުލް އައްވަލު މަހު އޮނަތިރީސް ވިލޭރެއި ފަޖުރުލުމުގެ ކުރީގައެވެ. ދެން ބަޔެއްމީހުންނަކު ނޫރެނީސް ކަނޑަށް ފުމުނެވެ. ފުމުނު މީހުންގެ ތެރެއިން ބަޔެއް މީހުން ފާތާފާގޮސް އެއްގަމަށް އެރޫއެވެ. ބަޔެއް މީހުން މަރުވިއެވެ. އެއްގަމަށް އެރި މީހުންގެ ތެރޭގައި ރަސްގެފާނާއި ރަސްކަން ނެންގެވި މަނިކުފާނާއި (އައްސުލްޠާން ޙަސަން ދިހަވަނަ) ޙަސަން ތާޖުއްދީން ފަނޑިޔާރުކަލޭގެފާނާއި ހާޖީ ކާސިމު މާލިމީޔާ ދެން އަސްކަރުން ކުރެން މަދު މީސްކޮޅަކާއި މިމީހުން ވިއެވެ.

ދެން އެ ނަވުގެ މީހުން އެރި ރަށުގައި ތިބީ ފޭރޭ ކާފަރުންގެ ބަޔެކޭ. އެއިންކޮންމެ މީހަކު އެއްގަމަށް އެރީމައި އެމީހުންގެ އުނުއޮތް އެތިގަނޑުވެސް ބާލާފައި ކިރިޔާ އޮރިޔާން ނިވާވާހައި ފޮތިކޮޅެއް އެމީހުންނަށް ދީފޫއެވެ. ދެން މި އެއްގަމަށް އެރި މީހުން އޮރިޔާން ހާލުގައި ބަނޑުހައިކަން ބޮޑުވެ ކިރިޔާ ނޭވާ ހުންނަހާ ދަތި ހާލުގައި ސޫރަތަށް ހިނގައްޖެއެވެ”

ގުޖުރާތުގެ އައްސޭރި ރަށް ސޫރަތު (Surat, Gujurat, India)

ސޫރަތަކީ (Surat) އިންޑިއާގެ ގުޖުރާތުގައިވާ ވިޔަފާރީގެ ރަށެކެވެ. އިހުގައި ދިވެހިން ވިޔަފާރިކަމު އަދި ބޭނުންތަކުގައި ވެސް ގޮސްއުޅޭ އެއް ރަށެވެ. ސޫރަތު މީހުން ވެސް ނައުފަހަރުގައި ރާއްޖެ އައިސް އުޅުނެވެ. މުޡްހިރުއްދީން ރަދުންނާއި އެކުގައި ސަލާމަތުން ނަވާބަންދަރަށް އެރުނު މީހުން އެހިސާބުގެ ރަށްރަށުގައި ހިންގެވުމަށްފަހު ސޫރަތަށް ގޮސް ކާބޯތަކެއްޗާއި އަންނައުނު ހޯދިއެވެ. މުޡްހިރުއްދީން ރަދުންގެ ޙައްޖުދަތުރުފުޅު މިހިސާބަށް ދިޔަ އިރު ދަތުރަށް ފެއްޓެވި އިރު ގެންދެވި އޮޑިފަހަރުގެ ތެރޭން އެއް އޮޑި ނޫން ހުރިހާ އޮޑިފަހަރު އެތަން މިތަނަށް މުގުރި ހަލާކުވެއްޖެއެވެ. ޙައްޖު ދަތުރުފުޅުގައި ބައިވެރިވި އެތައް ބަޔަކު މަރުވެ ހިނގައްޖެއެވެ. ސަލާމަތުން ތިބި މީހުންވެސް އެކި ހިސާބުތަކަށް ވިއްސިވިހާލިވެއްޖެއެވެ. އޮޑިފަހަރުން ނުމުގުރި ސަލާމަތުން ހުރި އޮޑި މީހުނާއި އެކު މާލޭ ބަނދަރަށް އައެވެ. މިއޮޑި އަކީ މޮޅަށް ބަނދެފައިވާ ވަރުގަދަ އޮޑިއެކެވެ.

މުޡްހިރުއްދީން ރަދުންގެ ޙައްޖު ދަތުރުފުޅުން ސަލާމަތުން އައި އޮޑީގެ މީހުން މާލެ އައިސް ދަތުރުގައި ދިމާވިގޮތުގެ ވާހަކަ މާލޭގައި ތިބި މީހުން ކިޔާދިނެވެ. ވިއްސާރައިގައި ޖެހި އެކި އޮޑި އެކިތަންވެ މުގުރި، މީހުންތައް މަރުވެ ޖެހުނު ހާލުގެ ވާހަކަ ބުނުމުން މީހުން ހީކުރީ ރަސްގެފާނު ވެސް ކަނޑުވެ އަވަހާރަވީކަމުގައެވެ. ރަސްގެފާނު އެނބުރި ނައެވެ. ރަސްގެފާނަށް ވީ ގޮތެއް ސަލާމަތުން އައި އޮޑީގެ މީހުނަށް ނޭނގެއެވެ.

މުޡްހިރުއްދީން ރަދުން ގެއްލުނު ހަބަރާއި އެކު މާލޭގައި ވަރަށް ބޮޑު ގަޑުބަޑެއް ހިނގިއެވެ. ރަދުންގެ ތިމާގެ މީހުނާއި ވެރިކަމުގެ ބޮޑުންގެ ތެރެއިން އެކި މީހުން ތަހުތަށް ދައުވާކުރިއެވެ. މީގެތެރެއިން މުޡްހިރުއްދީން ރަދުންގެ ބޮޑުވަޒީރަކަށް ހުންނެވި ދިޔަމިގިލީ މުޙައްމަދު ދޮށިމޭނާ ތަކުރުފާނު ގަދަބަދަވިކަމާއެކު އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނުގެ ނަމުގައި ތަހުތަށް އިސްވެއްޖެއެވެ. އިސްދޫ ދަރިކޮޅުގެ ރަސްކަން ނިމި ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަން ފެށުނީއެވެ. މީގެ ފަހުގައި އިސްދޫ ދަރިކޮޅުގެ އެންމެ ފަހުގެ ރަސްގެފާނު މުޡްހިރުއްދީން ރަދުންނަށް ވީގޮތާއި މެދު ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ވަނީ:

“ރަސްކަން ބަދަލުވުމަށް ފަހު ފޮއިދުވަސް ވެސް ނުވަނީސް ޢަރަބިކަރަޔަށް ވަޑައިގަތް ރަސްގެފާނުން (މުޡްހިރުއްދީން ރަދުން) ސޫރަތުން ނަވެއް ކިރިއްޔާޔަށް ހިއްޕަވައިގެން ވަޑައިގެން މަނަދޫ ބޭރަށް ދޫކޮށްލިތަނާއި، ރަސްގެފާނަށް ދޮށިމޭނާތަކުރުފާނު ރަސްކަން ހިއްޕެވި ވާހަކަ އަޑުއިވިވަޑައިގެންފިއެވެ. ދެން ރޭގަނޑުގައި މާލެ އަރާވަޑައިގަންނަވާންކަމަށް އެތަނުން ފުރާވަޑައިގެންނެވިއެވެ. ދެން ކުރީންއައި ކުރެދިވަރު އޮޑިޔަކު މީހުން އަރަބިކަރަޔަށް ވަޑައިގެންނެވި ރަސްގެފާނު ވަޑައިގެންނެވި ވާހަކަ ބުނީމައި މާލޭގެ އެންމެން ފާރަޔަށް ތިބޭން ރަސްގެފާނު އަމުރުފުޅު ކުރެއްވިޔޭ. އެއީ ރަމަޟާން މަހު ހަވަނަޔަށްވީ ރެޔެވެ”

މުޡްހިރުއްދީން ރަދުންގެ ވާހަކައަކީ ތާރީޚުގައި ލިޔެވިގެންވާ ނުނިމޭ ދިގު ވާހަކައެކެވެ. ޙައްޖަށް ވަޑައިގެންނެވި މުޡްހިރުއްދީން ރަދުން މާލޭގެ ހުޅަނގު ފަރާތު ތޮށިމައްޗަށް ފައިބާވަޑައިގެން އުޅުއްވަނިކޮށް ފާރަޔަށް ތިބި މީހުންނަށް ފެނި ހަޅޭލައިގަތީމައި އަވަހަށް އޮޑިއާއިގެން މާލެއިން ފުރާވަޑައިގެންފިއެވެ. މިކަން އެނގިގެން ރަސްކަން ހިއްޕަވައިގެން ހުންނެވި މުޡައްފަރު އިމާދުއްދީން ރަދުން މާހަރުކޮށް ދުވާ އޮޑިއެއް ފޮނުއްވައި މުޡްހިރުއްދީން ރަދުންގެ މާމަކުނުދޫ އާއި ހަމައިން އަތުލައިގަތެވެ. ފަހުން ފުވައްމުލަކު ބަޑަހާފަންނުގައި މުޡްހިރުއްދީން ރަދުން ހުރަގެ ޖައްސަވާފައި ބެހެއްޓެވިއެވެ. އޭގެފަހުގައި މުޡްހިރުއްދީން ރަދުންނަށް “ހުރަގެޖެހި ކިލެގެފާނު” ގެ ނަމުން ވެސް ކިޔާ އުޅުނެވެ.

ހުރަގޭގައި ހުންނެވުމަށް ޙާދިމަކަށް ވިދާޅުވެގެން ހުރަގެއިން ނިކުންނަވާ ކާބޯ އެތިކޮޅެއް ހިއްޕަވައިގެން ހުރަގެއިން ނެރެދިން ޙާދިމު ވެސް ގޮވައިގެން ވައިރޯޅި މަޑު ދުވަހެއްގައި ކުޑަ ދޯންޏެއްގައި އޮޑިކަނޑުއްވައިގެން އޮޅުދޫކަރައިގެ ގާއްޔަށް ވަޑައިގަތީއެވެ. ގާލީން އިންޑިއާއަށް ވަޑައިގެން އެތާނގެ އިސްލާމެއްގެ ގޭގައި ހުންނެވިއެވެ. ތަހުތު އަތުލެއްވި ރަދުންނާއި ދެކޮޅަށް މުޡްހިރުއްދީން ރަދުން މީގެ ފަހުގައި އިންޑިއާއިން ލަޝްކަރު ފޮނުއްވާ ހަނގުރާމަ ވެވުނެވެ. މުޡްހިރުއްދީން ރަދުން އަވަހާރަވީ އިންޑިއާގައި ކަމަށްވެއެވެ.

5 – ހާޖީ ބަންޑާރައިންގެ ޙައްޖު ދަތުރުފުޅު

މިއީ ޙައްޖުން އެނބުރި ވަޑައިގަތުމުން ބަރޯސީ ބަނދެ ކަނޑުފެއްތުނު އައްސުލްޠާން މުޙައްމަދު ޢިޔާޘުއްދީން، ޝަހީދުކުޅަ ބަންޑާރައިންގެ ޙައްޖު ދަތުރުފުޅުގެ ވާހަކައެވެ. ޢިޔާޘުއްދީން ރަދުން ރަސްކަން ކުރައްވާފައިވަނީ 1767މ އިން 1773މ އަށެވެ. ޙައްޖަށް ވަޑައިގެންނެވީ އެރަދުންގެ ރަސްކަމުން 7 ވަނަ އަހަރުގައެވެ. އެކުގައި ދެ ވަޒީރުންނާއި ދެ އަނބިކަނބަލުންނާއި ބޭފުޅުންނާއި އަދިވެސް އެތައް ބަޔަކު ގެންދެވިއެވެ. ހާޖީ ބަންޑާރައިންގެ ޙައްޖު ދަތުރުފުޅާއި މެދު ތާޖުއްދީނުގެ ތާރީޚުގައި ވެއެވެ:

“މަސްކަތު ޚަލިފާނުގެ ފުތް މުޙައްމަދުގެ ގުރާބެއް އުޖޫރައިން ހިއްޕަވައިގެން ޙިޖުރައިން ހާހާއި އެއްސަތޭކަ އައްޑިހަ ވަނަ އަހަރުގެ ޝައްވާލުމަހު ދޭއްވީ ހުކުރު ދުވަހު ޙައްޖަށް ވަޑައިގަންނަވާން ދަތުރަށް އަރައިވަޑައިގެންނެވިޔޭ. މިރަދުން ޙައްޖަށް ވަޑައިގެންނެވީ ހަތް އަހަރާއި ތިރީސް ފަސްދުވަހު ރަސްކަމުގައި ހުންނަވާފަޔޭ”

އޮމާނުގެ ބަނދަރުމަތީ ރަށް މަސްކަތު (Mascut, Oman)

މަސްކަތަކީ (مسقط، Muscat) އަރަބިކަރައިގެ އޮމާނުގެ ވެރިރަށެވެ. އޮމާނު ކަނޑުއޮޅިންވާ މި ރަށަކީ އިހުގައި ދިވެހިން ޙައްޖަށް ދއުމަށާއި އެނޫން ބޭނުންތަކުގައި ގޮސްއައިސްވާ ހިންދުކަނދާއި ޢަރަބި ކަރަ ގުޅުވައިދޭ މުހިންމު ބަނދަރެކެވެ. ޢިޔާޘުއްދީން ރަދުންނާއި އެކު މަސްކަތު މުޙައްމަދުގެ ގުރާބުގައި މާލެއިން އަރަބި ކަރަޔަށް އައި ވަރަށް ގިނަ މީހުނާއި އެކުގައި ގެންދެވި ދެ ދެ ވަޒީރުން ކަށިވިދުރީގެ އާލާސްކަންފުޅުގައި އަރަބި ކަރައިގައި ނިޔާވިއެވެ. ކަށިވިދުރީގައި ޢިޔާޘުއްދީން ރަދުންގެ ދެ އަނބިކަނބަލުންނާއި ޢިބްރާހީމް ކިޔާ ދޮށީ ދަރިކަލުންވެސް އަރަބި ކަރައިގައި އަވަހާރަވިއެވެ.

ޢިޔާޘުއްދީން ރަދުން ޙައްޖު ދަތުރުފުޅަށް ފުރާވަޑައިގަތްތާ ހަތަރުވަނައަށް ވީ ދުވަހު ރަސްކަމުގެ ކަންކަން ބެލެހެއްޓެވުމާއި މަތިކޮށްފައި ބެހެއްޓެވި އެރަދުންގެ ޅިޔަނު އަލީ ޝާހުބަންދަރު އޭނާގެ މައްޗަށް ރަސްކަން ބަދަލުކުރައްވައި ތަހުތުގެ މައްޗަށް ގަދަވެގަންނަން އުޅުއްވައިފިއެވެ.

މިކަން ޢިޔާޘުއްދީން ރަދުންގެ ކުރިން ރަސްކަން ކުރެއްވި ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު މަނިކުފާނަށް އެނގިވަޑައިގަތުމުން ވާގިވެރިންނާއި އެކު ބޮޑުކޯއްޓޭ ބުރުޒުތެރެއަށް ވެދެވަޑައިގެން ބަޑިތައް ތައްޔާރު ކުރައްވައި، މަލާބާރީން ރާއްޖެ ހިފައި ދަރަނިވެރިވެ ފެތިފަރާވަން ދުވެފައި އޮއްވައި ތިމަންގެ ބޭބެ ރާއްޖެ މިނިވަން ކުރެއްވިއޭ، ރަސްކަން ހައްގުވެގެންވަނީ ތިމަން މަނިކުފާނަށޭ، މި ރަސްކަމާއި ހުރެ މަރުދެއްވައި ތޮޅުއްވާނަމޭ ވިދާޅުވެ ދެކޮޅުން ހަތިޔާރު ހިފާ ލޭއޮހޮރުވުމަކާއި ހަމައަށް ދަނިކޮށް އެއިރު ހުންނެވި ފަނޑިޔާރު މަނިކުފާނު ބަޑި ޖެހުން މަނާކުރައްވައިފިއެވެ. ދެން މި މުޙައްމަދު މަނިކުފާނު ރަސްކަމުގެ މައްޗަށް ދައުވާ ކުރައްވައި ގިނަ ބައެއްގެ ރުހުމުގައި ޝަމްސުއްދީން އިސްކަންދަރު ދެވަނައިގެ ނަމުގައި ތަހުތުގެ މައްޗަށް ވެރިވެގަތެވެ. ތަހުތުގައި 4 މަހާއި 2 ދުވަހު އިންނެވުމަށް ފަހު ދޮންބަންޑާރައިންގެ ދޮށީދަރިކަލުން މުޙައްމަދަށް ރަސްކަން ދެއްވައި މުއިއްޒުއްދީން އިސްކަންދަރުގެ ނަމުގައި ތަހުތަށް އިސްކޮށްފިއެވެ.

ޢިޔާޘުއްދީން ރަދުން ޙައްޖުދަތުރުފުޅަށް ފަހު އަރަބި ކަރައިން ދަތުރުކުރައްވާ ތިލަދުންމަތިން ރާއްޖެ ވެދެވަޑައިގެން ރާއްޖޭގެ ހަބަރުތައް އައްސަވައިފައި ތިލަދުންމަތީން ފުރާވަޑައިގެން ނައުދަށްވެގެން މާލެއަތޮޅަށް ވަދެވުނީ ގުރައިދޫ ވިލިވަރު ކައިރިންނެވެ. ދެން ވިލިވަރުގައި ނައު ބާއްވައި ނަވުން ދެ މީހަކު ތަހުތުގެ މައްޗަށް ވެރިވެގެން އިންނެވި މުއިއްޒުއްދީން ރަދުން އަރިހަށް އަމާންކަން އެދި ފަތަކާއިގެން މާލެ ފޮނުއްވިއެވެ. އަމާން ފަތް ލިބުމާއި އެކު މާލެއިން ރަދުންގެ ފަރާތުން އަސްކަރުންގެ ގޮސް ނަވުގައި ތިބި މަސްކަތު މީހުންނާއި ދިވެހީންގެ މީހުން މާލެ ގެންނެވިއެވެ. އަދި ޢިޔާޘުއްދީން ރަދުން ބަރޯސީ ބަނދެ ކަނޑު ފެއްތިއެވެ. ތާޖުއްދީނުގެ ތާރީޚުގައި ވެއެވެ:

“ދެން އެޔަށް ފަހު ރަދުންގެ އަރިއަހުގައި އަރިއަހަށް ގާތްވެތިބި މީހުން ތެރެއިން ތިން މީހުން އެނާދޮށަށް ގޮސް ޢިޔާޘުއްދީން ރަދުންނާއި ބައްދަލުވެ އެމީހުން ދިޔަ ދޯންޏަށް އެމަނިފާނު ލައިގެން މީސްތަކުންގެ ލޯތަކަށް ނިވާވާ ހިސާބަށް ދުރަށް ގެންގޮސްފައި އެމަނިކުފާނު ގައިކޮޅުގައި ބަރޯސީ ބަނދެފައި ކަނޑަށް އެއްލައިލީމައި ކަނޑުގައި އަވަހާރަވިޔޭ. މާތް ރަސްކަލާނގެ އެމަނިކުފާނަށް ހެއު ރަޙްމަތް ލައްވަވާނެތޭ. އެކަންތައްވީ ޝައުބާން މަހުގެ ކުރީކޮޅުގައޭ.

6 – ނޫރައްދީން ރަދުންގެ ޙައްޖު ދަތުރުފުޅާއި މައްކާގެ ރަސްގެފާނާ ވީ އަރައިރުން

ފުރަތަމަ ދަތުރު:

ޢިޔާޘުއްދީން ރަދުންގެ ހައްޖު ދަތުރުފުޅާއި އެނބުރި ވަޑައިގަތުމުން ހިނގާދިޔަ ހިތާމަވެރި ހާދިޘާގެ ވާހަކައަށް ފަހު ތާރީޚުގައި ލިޔެވިގެންވާ ރަސްކަލެއްގެ ޙައްޖު ދަތުރުފުޅަކީ އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އެއްވަނައިގެ ދެ ޙައްޖު ދަތުރުފުޅާއި އެއިރު ހުންނެވި މައްކާގެ ރަސްގެފާނާއި ވީ އަރައިރުމުގެ ވާހަކައެވެ. ނޫރައްދީން ރަދުން ރަސްކަންކުރައްވާފައިވަނީ 1779މ އިން 1799މ އަށެވެ. މިއީ ދޮންބަންޑާރައިންގެ ހަގު ދަރިކަލުންނެވެ. މި ރަދުންގެ ފުރަތަމަ ޙައްޖަށް ވަޑައިގަންނަވަން ފުރާވަޑައިގަތީ 1788މ ވަނަ އަހަރުގެ ޑިސެމްބަރު 29 ވީ ހޮނިހިރު ދުވަހުގައެވެ. ތާޖުއްދީނުގެ ތާރީޚްގައި ވަނީ:

“ރަދުން ޙައްޖަށް ވަޑައިގަންނަވާން ހީފުޅުކުރައްވައި ދަތުރުގެ ކަންތަކަށް ފައްޓަވައިގެންނެވޫއެވެ. ދެން މިޔަށް ފަހު ރަސްކަމުގެ ކަންތައްކާއި ރަދުންގެ ދަރިކަލުންނާއި އަޙްމަދު ދޮށިމޭނާ ތަކުރުފާނުންނާއި ހަވާލުކުރައްވައި ނަވަކާއި ގުރާބަކާއި ދެގަނޑެތީގައި ވަޑައިގެންނެވުމަށް ދަތުރު ހެއްދެވޫއެވެ. ހާހާއި ދުއިސައްތަ ތިންވަނަ އަހަރު ރަބީޢުލްއައްވަލު މަހު އޮނަތިރިސްވީ ހޮނިހިރު ދުވަހު ރަދުން މާލެއިން ފުރައި ވަޑައިގެންނެވިޔޭ.

ދެން ފުރާވަޑައިގެން ރަސްދުވަށް ވަޑައިގެން އެރަށުގައި ހަދުވަހު ތިއްބެވިއެވެ. ރަސްދޫގައި ތިއްބަވަނިކޮށް މާ އެނބޫދޫ ގަދަހަމާދި ކަލޭގެފާނުންގެ އޮޑިއެއް ހައްޖާޖީން ގޮވައިގެން އެރަށަށް ދިޔަޔޭ. ރަސްދޫން ފުރާވަޑައިގަންނަވައިގެން މަޙާޔޭ ކިޔާ ރަށަށް ވަޑައިގެންނެވިޔޭ. މަޙާގެ ވެރިކަމުހުންނެވި މުޙައްމަދު ސުރޫރް ކިޔާ ބޭކަލަކާއި ފަނޑިޔާރުކަމުގައި ހުންނެވި ޤާޒީ އިސްމާއީލް ކިޔާ ބޭކަލަކާއި މިދެކަލުން ރަދުން ވަޑައިގެންނެވި ނަވަށް ދުރުވިޔޭ. މާޙާއިން އަރަބި ކަރައިގެ އެހެން ރަށަކަށް ދުރުވެފައި އެރަށުން ފުރާވަޑައިގަންނަވައިގެން ހުދޭދާގެ ބަނދަރަށް ވަޑައިގެންނެވިޔޭ. ދެން އެތަނުން ސުލައިމާނު ކިޔާ މީހަކު އުޖޫރައިން ހިއްޕަވައިގެން ޖިއްދާގެ ބަނދަރަށް ވަޑައިގެންނެވިޔޭ”

ޔަމަނުގެ މަޙާ (Mocha, Yemen)

މި ދަތުރުފުޅުގައި ޙަސަން ނޫރައްދީން ޖިއްދާއިން ޙައްޖުގެ ކުރިން މައްކާއަށް ގޮސް ދެން ވަޑައިގަތީ މަދީނާއަށެވެ. މަދީނާގައި ފަސް ދުވަހު ހުންނެވުމަށް ފަހު އެނބުރި ޖިއްދާއަށް އައީއެވެ. މި ދަތުރުފުޅުގައި ޙައްޖުގެ ފަރުޟް އަދާނުކުރައްވައި ޙައްޖު މޫސުމުގެ ކުރިން ޙަސަން ނޫރައްދީން ރަދުން ނަވާއި ގުރާބާއި ދޭތީގައި ރަމަޟާން މަހު ދެވަނަ ދުވަހުގައި (31 މެއި 1789) ފުރާވަޑައިގެންނެވީއެވެ. ނަމަވެސް،، ރަސްދޫ ގަދަހަމާދި ކަލޭގެފާނުން ހައްޖާޖީން ގޮވައިގެން އައި އޮޑި  ޙައްޖު މޫސުން އަނަންދެން ޖިއްދާގައި މަޑުކުރިއެވެ.

ޙަސަން ނޫރައްދީން ނަވާއި ގުރާބާއި ދެ ގަނޑެތީގައި ޖިއްދާއިން ފުރައިގެން މަޙާގެ ބަނދަރަށް ގޮސް އެތަނުން ފުރައިގެން ރަސްގެފާނު އިންނެވި ގުރާބު ޙައްޖުމަހުގެ 5 ވަނަ ދުވަހު މާޅޮސްމަޑުލަށް ވަނެވެ. މި ގުރާބަށް މާލެ ދެވުނީ ޙައްޖުމަހުގެ 15 ވަނަ ދުވަހުއެވެ. ރަދުންގެ އަރިހުގައި އައި ނަވަށް ދެވުނީ އޮޅުދޫކަރައިގެ ގާއްޔަށެވެ.

ދެވަނަ ދަތުރު:

ފުރަތަމަ މޙައްޖު ދަތުރުފުޅު ނިންމަވާ މާލެ ވަޑައިގަތްތާ 6 އަހަރު ފަހުން އައްސުލްޠާން ޙަސަން ނޫރައްދީން ޙިޖުރައިން 1209 ވަނަ އަހަރު ދެވަނަ ޙައްޖު ދަތުރުފުޅަށް ތައްޔާރުވާން ފެއްޓެވިއެވެ. މި ދަތުރުފުޅާއި މެދު ތާޖުއްދީންގެ ތާރިޚުގައިވެއެވެ:

“ދެން މިޔަށް ފަހު މާލޭ ހެންވޭރުކޮޅުގައި ބޮޑު ނަވެއް ބަންނާން ބެހެއްޓިޔޭ. (ދެން އެބެންނެވި ނާކޮޅު ބަނދެ ދަތުރަށް ތައްޔާރުވީމާއި މި ރަދުން އަރުވާލެއްވި ބައެއް މީހުން މީސްމީހުން ގެންނެވިޔޭ). ދެން މިހެން ތިއްބަވަނިކޮށް ކުޑަ ދުވަސްކޮޅަކަށް ފަހު ސޫރަތު މީހުންގެ ނަވެއް އެމީހުން ފުރައިގެންދާނޭ ތަނަކަށް ދާން ދަނިކޮށް މޫރިސީގައި ތިބޭ ފަރަންސޭސީންގެ ބަޔަކާއި ކަނޑުމަތީން ބައްދަލުވެގެން އެ ފަރަންސޭސީންގެ މީހުން ސޫރަތު މީހުންގެ އަތުން އެނައު ފޭރިގެން ފަރަންސޭސީން ނަވައިގެން އަންނަނިކޮށް ހުވަދު އަތޮޅަށް އެނާ އުރިއްޖެޔޭ”

މި ނަވުގައި ރަންރިޔާލާއި ރިހިރިޔާލާއި ގަހަނާ ވަރަށް ގިނައިން ހުއްޓެވެ. ދެން މިތަކެއްޗާއި އުރުނު ނައުގައި ހުރި މުދާ ދިވެހި ރާއްޖެއަށް ލިބުނު ޢަނީމާކަމުގައި ވެއްޖެއެވެ. ނަވުގައި ހުރި މުދާ ރަސްގެފާނުން ޙައްޖަށް ދިއުމަށް ބެއްނެވި ނަވަށް ލައްވައި އަދި އެހެން ނަވެއް ވެސް ހިއްޕަވައިގެން މި ދެނަވުގައި ޙިޖުރައިން 1213 ވަނަ އަހަރުގެ ޝައުބާން މަހު ސަތާރަވީ ބުރާސްފަތި ދުވަހު ނޫރައްދީން ރަދުން ޙައްޖަށް ފުރާވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ހުދޭދާގައި ތިއްބަވައި ވިޔަފާރިކުރައްވައިފައި، ޝައްވާލު މަހު ދެވަނަ ދުވަހު ޖިއްދާއަށް ވަޑައިގަންނަވަން އުޅުއްވީމައި ހުދޭދާގެ މީހުން “ތިޔަހާ ގިނަ މުދާލާއިގެން މަނިއްޕުޅު ޖިއްދާޔަށް ވަޑައިގަތުން ލަފާކަމެއްނޫނެވެ. މައްކާގެ ވެރިޔާ ޝަރީފް ޢާލިބު މުދައު ފޭރިގެންފާނެޔޭ” ރަދުންނަށް ދެންނެވިއެވެ. ނަމަވެސް ނޫރައްދީން ރަދުން އެމީހުންގެބަސް ނާއްސަވައި ޛުލްޤައިދާ މަހުގެ 1 ވަނަ ދުވަހު ޖިއްދާއަށް ވަޑައިގަތެވެ. އެ މަހުގެ 5 ވީ ހުކުރު ދުވަހު ހުންނެވީ މައްކާގައެވެ.

ހުދޭދާ (Hudedah, yemen) ޔަމަނުގެ ބަނދަރުމަތީ ވިޔަފާރި ރަށް

ނޫރައްދީން ރަދުން މައްކާއަށް ވަޑައިގަތް ފަހުން ޝަރީފް ޢާލިބުގެ ބޮޑުވަޒީރު ފޮނުއްވައި “މައްކާއާއި ޖިއްދާގެ އަރަބިން އެބަބުނެޔޭ، ތިޔަ ރާއްޖޭޔަށް އުރުނު ސޫރަތު މީހެއްގެ ޝައިޙުޢާލަމް އެވެ ކިޔާ ނަވެއް ތިޔަ ރާއްޖެއަށް އުރުނޭ. އެނަވުގައި ތިމަންމެންގެ 4 ލައްކަ ރިޔާލަވެޔޭ” ދެންނެވިއެވެ. އުރުނު ނަވުގެ މުދަލުގެ މައްސަލައިގައި ހިނގާދިޔަ އަރައިރުމެއްގައި އައްސުލްޠާން އައްޝަރީފް ޢާލިބް އޭނާގެ ސިފައިން ފޮނުވައްވާ ނޫރައްދީން ރަދުންގެ ނަވަށް އަރައި އެ ނަވުގައިވާ ރަންރިއްސާއި ޖަވާހިރާއި ފަސް ބޮޑުބަޑި ފޭރިގަތެވެ.

މިކަންތައްތައް މިމަގުން ހިގާދިޔަ ފަހުން އައްސުލްޠާން ޙަސަން ނޫރައްދީނާއި އެރަދުންގެ އަރިހުގައި މާލޭން ދިޔަ މީހުން ޙައްޖުވެ މަދީނާވެވެގެން މައްކާއިން ޖިއްދާއަށް ވަޑައިގަންނަވަން ތައްޔާރުކުރައްވައި ބައެއް މީހުން ނިކުތްފަހުން މައްކާގެ ރަސްގެފާނު ޝަރީފު ޢާލިބު ޙަސަން ނޫރައްދީން ފުރާވަޑައިގަތަ ނުދޭން އަމުރުކުރައްވައިފިއެވެ. ޝަރީފް ޢާލިބްގެ މި އަމުރަށް ފަހު މައްކާއިން ނިކުތް ދިވެހިންގެ މީހުންވެސް އެމީހުންގެ ޖަމަލުތަކާއި އެކު މައްކާއަށް ވައްދައިފިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ނޫރައްދީން ރަދުންނަށް ކަށިވިދުރީގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އާލާސްކަންފުޅު ޖެހިވަޑައިގަތްފަހުން މައްކާގެރަސްގެފާނު އަމުރުދެއްވީމާ ޖިއްދާއަށް ވަޑައިގެން ނަވަށް ވަޑައިގަންނަވަން ބައްތެއްޔަށް އަރާ ވަޑައިގަތް ފަހުން ޖިއްދާގެ ވަޒީރުން ނޫރައްދީން ރަދުން ނަވަށް ވަޑައިގެންނެވުން މަނާކުރައްވައިފިއެވެ. ދެން ހުންނެވީ ޖިއްދާގައެވެ. އާލާސްކަންފުޅާ ޖިއްދާގައި ހުންނަވަނިކޮށް ހިޖުރައިން 1213 ވަނަ އަހަރުގެ ޙައްޖުމަހުގެ 27 ވީ އާދީއްތަ ވިލޭރޭ، 1 ޖޫން 1799މ ގައި ޙަސަން ނޫރައްދީން ރަދުން ޖިއްދާގައި އަވަހާރަވެއްޖެއެވެ.

ޖިއްދާގެ ދުވަސްވީ މަގްބަރާތަކެއް

ޙަސަން ނޫރައްދީން ރަދުން އަވަހަރާވުމަށް ފަހު އެރަދުން މާލެއިން މައްކާއަށް ވަޑައިގެންނެވި ދެ ނަވާއި އެދެނަވުގައި ހުރި މުދަލާއި މީހުންގެ މުދަލާއި އަދި ރާއްޖެއިން ގެންދެވި ފޮތްތަކާއި ވެސް އެކު މައްކާގެ ޝަރީފް ޢާލިބު ފޭރިވަޑައިގެންފިއެވެ. ރަދުން އަވަހާރަވުމަށް ފަހު މާލެއިން ފުރައިގެން ރަދުންނާއި އެކު ޙައްޖަށް އައި މީހުންނަށް ވަރަށް ދެރަ ހާލުޖެހުނެވެ. ތާޖުއްދީނުގެ ތާރީޚުގައިވެއެވެ:

“ދެން އެޔަށް ފަހު ބޮޑުބަނޑޭރި މުޙައްމަދު ހަނދޭގިރިތަކުރުފާނު ނުޔައުވިޔޭ. ދެން އެހެންވެސް އެތައް ބަޔަކު ހައްޖާޖީންގެ މަރުވިޔޭ. މަރުވި މީހުންގެ ތެރޭގައި ރަދުންގެ މައި އައިމިނާ މަނިކުފާނުވެސް ވިޔޭ. މުޙައްމަދު މާބަނޑޭރިތަކުރުފާނާއި ނެވި ޙުސައިން ކަލޭގެފާނާއި މި މީސްމީހުން ވެސް ވިޔޭ. ދެން އެޔަށް ފަހު ޝަރީފް ޢާލިބު ދިވެހީންނަށް ދެއްވެވިޔޭ “ދަވް” މިހެން ކިޔާ ނަވެއް. އެއީ ވެސް އޭނާ އެމީހުންގެ އަތުން ފޭރިފައި ހުރި އެއްޗެތީގެ ތެރެއިން އެތިގަނޑެކޭ. ދެން އެމީހުން އެއެތިގަނޑައިގެން ފުރައިގެން ޤުންފުޒާ އެވެ ކިޔާ ރަށަށް ހިނގައްޖޭ. އެރަށުގައި ނޫރައްދީން ރަދުންގެ ޢަލީއެވެ ކިޔާ ދަރިކަލުން އަވަހާރަވިޔޭ. ޤަމަރާންގައި އެރަދުންގެ ދަރިކަނބަލަކާއި ބަނޑޭރި ޢަލީ ނިޔައުވިއޭ.

ދެން އެތަނުން ފުރައިގެން ހުދޭދާޔަށް ގޮސް އެމީހުން އައި “ދަވް” ގަނޑު އެރަށަށް ވީއްލާލާފައި އެރަށުގެ ޚައިދަރު ކިޔާ މީހެއްގެ ދަވްގަނޑެއް (ބާވަތެއްގެ އޮޑިއެއް) އަތުލައިގެން ފުރައިގެން އައިސް ސައިޙޫތު އެވެ ކިޔާ ތަނަށް އެ ދަވްގަނޑު މުގުރިއްޖޭ. ދެން އަނެއްކާ އެރަށުން އެކަހަލަ ދަވްގަނޑެއް އަތުލައިގެން މަސްކަތަށް އަޔޭ. އެތަނުގެ ސަޙުރު މުކައްލާ އެވެ ރަށުގެ މީހެއްގެ ދަވްގަނޑެއް އަތުލައިގެން ހާހާއި ދުއިސައްތަ ސައުދަވަނަ އަހަރުގެ ރަޖަބު މަހު ފަނަރަ ވީ ބުރާސްފަތި ދުވަހު މާލެއަތުއްވެއްޖޭ.

300 މީހުން ގެންދެވިތަނުން މާލެ އާދެވުނީ 70 މީހުނަށޭ. މިއައި މީހުންގެ ތެރޭގައި ރަދުންގެ އަބްދުލް ޙަމީދު ކީ ދަރިކަލަކާއި ފާތިމާ ކީ ދަރިކަނބަލަކާއި އަޙްމަދު ދޮށިމޭނާ ތަކުރުފާނުންގެ މުޙައްމަދު މަނިކާއި ސީރާޒީ މުޙައްމަދު ފަޑިޔަތްތަކުރުފާނާއި މި މީސްމީހުންވިޔޭ. އެ ދަތުރުގައި އަންހެނުންނާއި ފިރިހެނުންތެރެއިން 230 މީހުން މަރުވިއޭ”

~

ދިވެހިންގެ މިވޭލާ ހައްޖު ދަތުރުތައް:

އިހު ވޭލާގައި ޙައްޖުދަތުރަށް ފުރާ ނައު އޮޑިފަހަރު މާލެއިން ފުރައިގެން ސޫރަތާއި މަސްކަތާއި، އަރަބި އަދި އިންޑިއާ ކަނޑުގެ ބަނދަރުތަކުން ޖިއްދާއަށް ދިޔަ ނަމަވެސް، 19 ވަނަ ގަރުނާއި ހަމައަށް އައި އިރު ޙައްޖު ދަތުރު ތަކުގެ މަގު ވަނީ ބަދަލުވެފައެވެ. އޮޅުދޫކަރައިން މިސްރުގެ ބަނދަރުމަތީ ރަށްރަށުން ޖިއްދާއަށެވެ.

ދިވެހިންގެ ސަފަރުނާމާއޭ ޙިޖާޒްގައި ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ:

“މިހާރު ޙައްޖަށް ދާ ބަޔަކު މިޞްރަށް ނުދަނީ ވިއްޔާ ދާންވީ ކޮޅުނބުން ބޫރުސޫދާނަށެވެ. މިތަނުން ޖިއްދާޔަށެވެ. ނުވަތަ ޔަންބަޢުއަށެވެ. މިތަނުން މަދީނާޔަށެވެ. މަދީނާއިން މައްކާއަށެވެ. މިތަނުން ޖިއްދާއަށެވެ. މިތަނުން ބޫރުސޫދާނަށެވެ. މިތަނުން ކޮޅުނބަށެވެ”

ދަންވަރު މޫސާކަލޭގެފާނު ކިޔާ މީހަކު ޙައްޖަށް ދިޔަގޮތުގެ ވާހަކަ ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ “ދިވެހިންގެ ވާހަކަ” ފޮތުގައިވެއެވެ.

އޮޅުދޫކަރައިގެ ގާލީ (ގޯލް) ބަނދަރު އިހުގައި

“އަލީ ދޮށިމޭނާކިލެގެފާނު ގާއްޔަށް (ސްރީ ލަންކާގެ ގޯލް) ވަޑައިގެން އެތާގައި ހުންނަވާން ފެއްޓެވިފަހުން މާލޭގެ ކިތަންމެ މީހުންނަކު ގާއްޔަށް ގޮސްއުޅެލައިފައި ޙައްޖަށް ގޮސްފައި މާލެއަށް އަތުވެދާނެތޭ. މިތަން ދެކެފައި އަހަރެން ވެސް ޙައްޖަށް ދާހިތްވެއްޖެއެވެ. ދެން މާލޭގައި ދަންނަވައިގެން އަމުރުފުޅު ލިބިގެން ކޮންމެވެސް ގޮތަކުން ގާއްޔަށް ހިނގައްޖައީމެވެ.

އަހަރެއްހައި ދުވަސްވީތަނާ އަރަބީންގެ ނަވެއް އައިސް ގާއްޔަށް ވަދެއްޖޭ. މިބައިމީހުން އަބަދުވެސް އައިސްގެން އުޅޭނީ ކިލެގެފާނުންގެ ބޮޑުގޭތެރޭގައެވެ. އެނަވުގެ ވެރިޔަކީ މުޙައްމަދު ޢުލޫބު ކިޔާ ސާދާގަރެކެވެ. އެއްދުވަހަކު އެ މުހައްމަދު ޢުލޫބު ގާތުގައި ކިލެގެފާނު ވިދާޅުވިޔޭ މުޙައްމަދު ޢުލޫބުވޭމި ދަތުރު މިހިރަ ކަލޭގެޔާ އަދިވެސް އެހެން ދެކުއްޖަކާ ޖިއްދާއަށް ގެންގޮސްދީބަލާށޭ. އެމީހުން ޙައްޖުވެގެން ނުކުތީމާ ކަލޭގެ ކޮންމެވެސް ނަވެއް އަންނައިރަކުން މިތަނަށް ގެނެސްލަނިކޮށް ވީއެވެ.

ދެން އެ ނަވަށް އަރައިގެން ގޮސް ޖިއްދާޔަށް ގޮސް ޙައްޖުވެ މަދީނާވެގެން މުޙައްމަދު ޢުލޫބުގެ ނަވަކުން ގާއްޔަށް އަތުވެއްޖައީމުއެވެ. ދެން ދުވަސްކޮޅަކު ގާލީގައި ހުރެފައި މާލެ އައިއިރު އަހުރެން ހުރީ ހާޖީއަކަށް ވެފައެވެ. މިގޮތުގެ މަތީން އެދުވަސްވަރު ޙައްޖަށް ދިޔަ މީހުން އަހުރެންނަކަށް ގިނަކަމުން ކިޔާކަށް ވެސް ނޭނގޭނެޔޭ”

މި މޫސާކަލޭގެފާނު ޙައްޖަށް ގޮސްފައިވާނީ 1800ގެ ފަހު އަހަރުތަކުގައި ކަމަށް ބެލެވެއެވެ. އެ ޒަމާނުގައި އޮޅުދޫކަރައިގެ ވިޔަފާރީގެ ވެރި ރަށަކީ ގާއްޔެވެ. އެހެންކަމުން 19 ވަނަ ގަރުނުގެ ދުވަސްތަކުގައި ދިވެހިން ޙައްޖަށް ދިއުމަށް ކޮޅުނބަށް އައި ނަމަވެސް 18 ވަނަ ގަރުނުގައި އެ ދަތުރު ރާއްޖެއިން ފުރައިގެން ކޮށްފައިވަނީ ގާއްޔަށެވެ. އަލީ ދޮށިމޭނާ ކިލެގެފާނުންގެ އިތުރުން އެކިލެގެފާނުގެ އަލްޙާއްޖު އިބްރާހިމް ދޮށިމޭނާ ކިލެގެފާނުންގެ އަލްޙާއްޖު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުން ވެސް ދިވެހިން ޙައްޖަށް ފޮނުއްވައި އުޅުއްވިއެވެ.

7 – ހާޖީ އިމާދުއްދީން ޙައްޖަށް ވަޑައިގަތުން

ހާޖީ ޢިމާދުއްދީން

ހާޖީ ޢިމާދުއްދީންގެ ނަމުން މަޝްހޫރުވެފައި ވަނީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) އެވެ. މި ރަދުން ރަސްކަން ކުރައްވާފައި ވަނީ 1893މ އިން 1903މ އަށެވެ. މި ރަދުންގެ ޙައްޖު ދަތުރުފުޅާއި ބެހޭގޮތުން މުޙައްމަދު އަމީން ދީދީ ލިޔުއްވާފައިވެއެވެ:

“ޙައްޖަށް ވަޑައިގަތުމަށްތަކައި މުޙައްމަދު ޢިމާދުއްދީން ރަދުން މާލެއިން ފުރާވަޑައިގަތީ ޙިޖުރައިން 1318 ވަނަ އަހަރުގެ ޝައުބާން މަހުގެ ފަހުކޮޅު (1900މ ވަނަ އަހަރުގެ ޑިޒެންބަރު މަހުގެ ފަހުކޮޅު) ގައެވެ. ރަދުން އެނބުރި މާލެ ވަޑައިގެންނެވީ 1319ހ ވަނަ އަހަރުގެ ޞަފަރު މަހުން 13 (1901މ ވަނަ އަހަރުގެ ޖޫނުން 1) ވީ ހޮނިހިރު ދުވަހުއެވެ.

އެ ޙައްޖު ދަތުރުފުޅުގައި ކަން ހިނގިގޮތުގެ ވާހަކަ ބަޔާން ކުޅައުމަކަށް އަޅުގަނޑުގެ އެދުމެއް ނެތެވެ. ޙައްޖު ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގަތްތާ 18 މަސްދުވަހުގެ ތެރޭގައި ޙާޖީ ޢިމާދުއްދީން ރަދުން އަނެއްކާ އެނބުރި މިސުރަށް ވަޑައިގެންނެވިއެވެ. މިސުރުގައި ހުންނަވާ އީރާނުގެ ކޮންސަލް އަބްދުއްރަޙްމާން ހާމީބެކްގެ ދަރިކަލުން ޝަރީފާ ހާނިމްއާއި ކާވަނިފުޅު ބައްލަވައިގެންނެވުމަށްޓަކައެވެ”

ހާޖީ ޢިމާދުއްދީންގެ ޙައްޖު ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ފެންނާކަށް ނެތެވެ. ހާޖީ ޢިމާދުއްދީންގެ ރަސްކަން ބަދަލުވެފައި ވަނީ ޙައްޖު ދަތުރުފުޅުން އެނބުރި މާލެ ވަޑައިގެން އޭގެ ފަހުގައި ސުވޭހުގެ ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަތުމަށް މިސުރަށް ވަޑައިގެން ހުންނަވަނިކޮށެވެ. ޙައްޖު ދަތުރުފުޅުގެ ވާހަކަ ލިޔެވިފައި ނެތް ނަމަވެސް، މި “ސުވޭހު ކައިވެނިފުޅު” ގެ ވާހަކަ ފޮތެއްގެ ސިފައިގައި ތަފްސީލުކޮށް ފެންނަން އެބައޮތެވެ. ޙައްޖަށް ވަޑައިގެންނެވި ދިވެހި ރާއްޖޭގެ އެންމެ ފަހު ރަސްކަލަކީ ހާޖީ އިމާދުއްދީން ރަދުންނެވެ.

8 – ދިވެހިންގެ ޞަފަރުނާމާއޭ ޙިޖާޒް

ސަފަރުނާމާއޭ ޙިޖާޒުގެ އަތުލިޔުން ކޮޕީ

މީގެ 90 އެތައް އަހަރެއް ކުރިން އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުން އަންގަވައިގެން ދިވެހިންގެ ފަންސާހަކަށް މީހުން ގޮވައިގެން ޙުސައިން ޞަލާހުއްދީން އިސްވެ ހުންނަވާ ޙައްޖުގެ އަޅުކަން ފުރިހަމަކުރިއެވެ. މި ދަތުރަށް ދިވެހިންގެ ދެ ޖަމާއަތެއް މާލެއިން ފުރީ ވަކިންނެވެ. ފުރަތަމަ ޖަމާއަތުގައި ހުޞައިން ޞަލާހުއްދީނާ އެކު 23 ދިވެހިން މާލެއިން ފުރިއެވެ.  ދިވެހިންގެ ދެވަނަ ޖަމާއަތުގައި 30 މީހުނާއި އެކު މަލިން މޫސާ މާފަތްކަލޭގެފާނު މާލެއިން ފުރާވަޑައިގަތެވެ.

މި ޙައްޖު ދަތުރުގެ ވާހަކަ “ދިވެހިންގެ ސަފަރުނާމާއޭ ޙިޖާޒު” (ދިވެހިންގެ ހިޖާޒުކަރައަށް ކުރި ދަތުރުގެ ވާހަކަ) ގެ ނަމުގައި ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ. އަދި މަލިން ކަލޭގެފާނުގެ ހަނދާންތަކުގެ ފޮތުގައި މި ދަތުރުގެ ވާހަކަ “އަޅުގަނޑުގެ ފުރަތަމަ ޙައްޖު ދަތުރު” މި ނަމުގައި ލިޔުއްވާފައިވެއެއެވެ.

މާލެއިން ކޮޅުނބަށް:

ޞަލާހުއްދީންގެ ޖަމާޢަތް:

“1346ހ ވަނަ އަހަރު ޖިމާދިލް އައްވަލު މަހު، ހަތެއްވީ ބުރާސްފަތި ދުވަހު ހެނދުނު މާފަންނު ގެޔަށް ދިޔައީމާ ޢަބްދުލްމަޖީދު ދީދީ ޙައްޖު ދަތުރުފުޅުގެ ވާހަކަފުޅު ދައްކަވައިގެން ވިދާޅުވީ ތިމަން ދީދީޔަކަށް މިއަހަރަށް ވަޑަޔެއް ނުގަނެވުނޭ، ޙުސައިން ކޮއްކޯ (ޞަލާހުއްދީން)ގެ ބައްޕާ ގޮވައިގެން ދެވޭތޯ ބެލިޔަސް ހަމައެވެ.

ދެން މި ވާހަކަ ދެކެވި، ރަދުންގެ އަރިޔަހުގައި ދެންނެވި މި މަހުގެ 13 ވީ ބުރާސްފަތި ދުވަހު ހަވީރު މަތިގެޔަށް ވަޑައިގެޔަށް ބޮޑުން އެއްވެ ވަޑައިގެން މަޝާވިރުކުރައްވައިފައި އަމުރުފުޅު ދެއްވައިފޫއެވެ.

ޖިމާދިލްއައްވަލު 26 ވީ އަންގާރަ ދުވަހު މުޙައްމަދު ޢަލީ ކަރީމްޖީ ފިހާރާގެ ޖުމްކާޔޭ ކިޔާ ބަގަލައިގައި ޙައްޖަށް ދާން މާލޭން ފުރައިފީމެވެ. ބޯޓު މާލޭ ބަނދަރުން ފުރީ އިރުއަރައި ތިންވަނަ ސާޢަތުގައެވެ. ހުޅަނގަށް ވާ ފިނިފަށެއްގައި ކަޅީން (މާލެއަތޮޅު ފުރަނަފުއްޓާއި ފަރުކޮޅުފުއްޓާ ދޭތެރެ) ނުކުމެގެން ނާސިޔަށް (ގަހާއިން ފެށިގެން ތިންވަނަ މިސްރާބު) އެދަނީ ބިސްމިﷲ މުޖްރީހާއޭ ކިޔަމުންނެވެ.

ކޮޅުނބު ބައްތި

“ޖިމާދިލްއާޚިރާ މަހު 8 ވީ އާދީއްތަ ވިލޭރޭ މެންދަމު އެކެއް ޖެހިއިރު ކޮޅުނބު ބައްތި ފެނިއްޖެއެވެ. ކުމެރި ކައިރިއަށް އައިފަހުން ކަނޑު ނުހަނު ގަދަވެ، ރާޅު ބޮޑުވެ ވައި ބާރުވިޔެވެ. ކޮޅުނބަށް ވަނީ ހެނދުނު އިރުއަރައި ދޭއް ޖެހި އިރުގައެވެ. ބަނދަރަށް ވަންތަނާ އީޖީ އާދަމް އަލީ ފޮނުވި މީހުން އައިސް ބައްދަލުކޮށް، މިއެންމެން ބާލައިގެން ގެންގޮސް ކޮޅުނބުގެ ޕެޓާ ފޯތު ކޮރޯސް އިސްޓްރީޓު ކިޔާ މަގުގައި ހުރި ދުއްކާނުގައި މަތީބުރީގައި ބައިތިއްބައި ކެއިންބުއިމުގެ ކަންތައް ތަރުތީބުކޮށް ނިންމައިފޫއެވެ”.

މަލިން ކަލޭގެފާނު ޖަމާޢަތް:

މަލިން ކަލޭފާނުގެ ލިޔުއްވުމުން:

“މި ދަތުރަށް މާލެއިން ފުރީ ޙިޖުރައިން 1327 ވަނަ އަހަރުގެ ޝައުބާން މަހު ކަރީމް ޖީ ސޭޓްގެ ޖުމްކާ އޭ ކިޔާ ބޯޓުންނެވެ. ކޮޅުނބަށް ގޮސް ތިބީ ރާއްޖޭގެ ސަފީރު އަބްދުލް ޙަމީދު ދީދީ އަފަންދީ ހުންނެވި ގޭގައެވެ”

ޙުސައިން ޞަލާހުއްދީންގެ ލިޔުއްވުމުން:

“މާލެއިން ޙައްޖަށް ދާން އަމުރުފުޅު ލިބުނީމާ ޙައްޖަށް އަންނާން ރާއްޖޭގެ ތެރެއިން އެޅެގަތް މީހުން ގިނަކަމުން އެކަކު އެކަނީން މި އެންމެނާއިގެން ދިއުން ރަނގަޅު ނޫން ކަމަށް ދަންނަވައިގެން، ޙައްޖަށް އަންނާން ތިބި ބަޔަކު މާލެޔަށް ޖަމާވީމާ އެބަޔަކާއިގެން އަންނާން ދެވަނަ ލަންބަރުގެ ވެރިޔަކުކަމުގައި މަލިން ކަލޭގެފާނުން ވަނީ ލައްވައިފައެވެ. މިބައިމީހުންގެ މާލެޔަށް ޖަމާވެ އެމީހުންނާއިގެން ސަރުކާރުގެ ބޯޓުގައި މަލިން ކަލޭގެފާނުން ދުރުވެ ކޮޅުނބަށް ފޭބެންނެވީ ޝައުބާން މަހުގެ 17 ދުވަހުއެވެ”

ޙައްޖަށް ދާން އަތް ކެންޑުން:

“ޖިމާދިލްއާޚިރް މަހު 14 މި ދުވަހު ބައްޕާގެ އަތްފުޅާއި، އެހެން އަތް ނުކަނޑައި ތިބި ބަޔަކުގެ އަތް ކަނޑުވައިފީމެވެ. އަތް އިހަށް ވެސް ކަނޑައިފައި ތިބި މީހުން ކުރެން އަތް ކެނޑީ އަޅުގަނޑު އެކަންޏެވެ. ދެން އަތްކެނޑިމީހުން ހުން އައިސް އަތް ދުޅަވެ ބިހިނަގައި ފެންކެނޑި ފަސޭފަވާން  ފަށައިފިއެވެ.

އެންމެ ބޮޑުވަރުވީ ބައްޕަޔަށާއި އިބްރާހީމް މަނިކަށާއި ތުއްތު ގޮމަޔަށެވެ. ބައްޕާގެ އަތްފުޅު ދުޅަވުމާއެކު އަދި އެހެންވެސް އާލާސްކަންފުޅުތަކެއް ފެށި، ހާލުކޮޅު ބޮޑުވެގެން ޑަކުތަރުން ގެނުވައި ވަރަށް ބޭސްފަރުވާކޮށް ލުއިފުޅުއަތަށް އެޅީވެސް ވިއްސަކަށް ދުވަހަށް ފަހުއެވެ”

މިތަނުގައި “އަތް ކެނޑުން” ބޭނުންކޮށްފައި އެ ވަނީ ޙައްޖު މޫސުމުގައި އެކި އެކި ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އިންޖެކްޝަން ނުވަތަ ވެކްސިންތައް ޖެހުމަށެވެ. އޭރުގެ ސިއްހީ ފަރުވާގެ ކަންތައްތައް ހުރި ގޮތުން އިންޖެކްޝަން ޖެހުމަކީ އެތައް ވޭނެއް އުފުލަން ޖެހޭ ކަމަކަށް އޮތީ ވެފައެވެ.

ކޮޅުނބުން މިސްރަށް:

ޞަލާހުއްދީންގެ ޖަމާޢަތް:

  • އެސް. އެސްސް. ޗަންޓިއްލީ، ޙުސައިން ޞަލާހުއްދީން ދިވެހި ޙައްޖުވެރިންނާއި އެކު ކޮޅުނބުން ސުވޭހަށް ދަތުރުކުރި ފަރަންސޭސި ވިލާތުގެ ފަސިންޖަރުލައިން، 1927

“ކޮޅުނބުން ފުރީ، ޝައުބާން މަހު 19 ދުވަހު އިރުއަރައި ދޭއްޖެހި އިރުގައެވެ. އަނެއް ދުވަހު މެންދުރުވީ އިރު ބޯޓް ދަނީ މަލިކުގެ ދެކުނުން މަލިކާއި ވަރަށް ގާތުންނެވެ. ދެން އައި ހުކުރު ޝައުބާން މަހު 26 ވިލޭރޭ ނުވައެއް ޖެހިއިރު ޖިބުތީގައި ޖެއްސީއެވެ. އިރު ހަމަ އެރިއިރު ފުރައިގެން ބާބުން ވަދެގެން ބަޙުރުލްއަޙްމަރްގައި ދުއްވައި ޝައުބާން މަހު 30 ވީ އަންގާރަ ދުވަހު ހެނދުނު ނުވައެއް ޖެހިއިރު ސެވޭހުގައި ޖައްސައިފައި ދެގަޑި ފަހުން ފުރައިގެން ބޫރުސައީދަށް ދެވުނީ، ރަމަޟާން މަހު 1 ވީ ބުދަ ދުވަހުއެވެ.

ބޫރު ސަޢީދުގެ ބަނދަރުގައި ޖެއްސިތަނާ ދުންބައްތެއްޔެއްގައި މުޙައްމަދު ސަޢީދު ދީދީޔާއި ހުތް އަބްދުﷲ ފަހުމީ ދީދީޔާއި ބައެއް މީހުން ބޯޓު ދޮށަށް އައިސް ތިބޫއެވެ. ދެން މެންދުރު ވީތަނާ ބޯޓުން ފައިބައި، ކަރަންޓީނާއި ފަރުމޭޓުން ވީއްލިގެން މިތާހުރި ލޯކަންދާ ހޮޓަލަށް ދިޔައީ މެންދުރު އަނބުރައި ދޭއްޖެހި އިރުގައެވެ. މީގެ ފަހު ދުވަހު މެންދުރު ރޭލުން ބައްޕަ ގޮވައިގެން އަޅުގަނޑުމެން ގޮސް މިޞުރަށް ފައިބައްޖައީމުއެވެ”

މިސްރުގެ ބޫރުސަޢީދު (Port Said)

البحر الأحمر، ބަޙްރުލް އަޙްމަރަކީ ރަތްކަނޑެވެ. މި ކަނޑު އޮންނަނީ އިންޑިއާ ކަނޑާއި ގުޅި އަދަނު ކަނޑުއޮޅިން އޭޝިއާ ބައްރާއި އެފްރިކާ ބައްރު ގުޅުވައިދޭ ގޮތުގައެވެ. ޖިބުތީ އަކީ އަނދަނު ކަނޑުއޮޅިން އޮންނަ Djibouti ކިޔާ ގައުމެވެ. ބޫރު ސަޢިދަކީ Port Said އެވެ. މިއީ ސުއޭޒް ކެނަލްގެ އުތުރު ކަނުގައިވާ މިސުރުގެ ބަނދަރުމަތީ ރަށެކެވެ.

މަލިންކަލޭގެފާނުގެ ޖަމާއަތް:

މަލިންކަލޭގެފާނުން ލިޔުއްވާފައިވެއެވެ:

މިސުރުގެ ސުވޭހު

“ކޮޅުނބުގައި ތިބެ ސުވޭހަށް ދިއުމުގެ ދަތުރު ހަދައިގެން ރަމަޞާން މަހުގެ ފަހުކޮޅުގައި އިސްޕޭނުގެ މޭލު ބޯޓަކުން ސުވޭހަށް ދިއުމަށް ފުރީއެވެ. ސުވޭހުން މިޞްރުގެ ޙައްޖާޖީންގެ ބޯޓަކުން ޖިއްދާއަށް ދިއުމަށެވެ. ފުރައިގެން ގޮސް ޢަދަނުގެ ބަނދަރުގައި އެއް ދުވަހު އޮވެފައި ސުވޭހުގެ ބަނދަރަށް ދެވުނީ ޝައްވާލު މަހުގެ ކުރީކޮޅުގައެވެ. ސުވޭހުގެ ކަސްޓަމަށް ފޭބިތަނާ އަޅުގަނޑުމެންނަށް ލިބުނު ދަލާލަކީ ހިންދުސްތާނު ބަސް ދަންނަ ޝައިޙް ޢަލީ ދަޖާޚިނީ އޭ ވަރަށް ހެޔޮލަފާ ބޭކަލެކެވެ. އަޅުގަނޑުމެންގެ ހުރިހާ ކަމެއް ކަސްޓަމުން ނިންމައިގެން ސުވޭހުގެ ހޮޓަލަކަށް ގެންގޮސްފިއެވެ. އެތާ ތިބޭތާ އެއް ދުވަސް ވީތަނާ ރާއްޖޭގެ ކުރީގެ ރަދުން ހާޖީ އިމާދުއްދީން މަނިއްޕުޅު އެ މަނިއްޕުޅުގެ ތުއްޕުޅު ދަރިކަނބަލުން، ސުވޭހުގޮމާގެ އަތްޕުޅުގައި ހިއްޕަވައިގެން އަޅުގަނޑުމެން ތިބި ހޮޓަލުގެ ދޮށަށް ވަޑައިގަތެވެ”

ސުވޭހު (السويس‎ Suez)  އަކީ މިސުރުގެ އިރު އުތުރުގައިވާ ބަނދަރުމަތީ ރަށެކެވެ. މި ރަށުގައި ބޮޑު ތިން ބަނދަރުވެއެވެ. މެޑިޓްރޭނިއަން ކަނޑާއި ރަތް ކަނޑުގުޅުވައިދޭ މަޝްހޫރު ސުއޭޒް ކެނެލް ކަނޑާފައިވަނީ ވެސް މި ރަށުންނެވެ.

މިސުރުގެ ސުވޭހުގެ ދުވަސްވީ ތަސްވީރެއް (Suez, Egypt)

މިސްރުން ޙިޖާޒުކަރައަށް:

ޞަލާހުއްދީންގެ ޖަމާޢަތް:

ހުޞައިން ސަލާހުއްދީން ލިޔުއްވާފައިވެއެވެ:

“ދެން ޝައްވާލުމަހު 27 ދުވަހު އެއްބައި މީހުން ސުވޭހަށް ފޮނުވައިފައި 28 ދުވަހު ދެންތިބި މީހުނާއިގެން ސުވާހަށް ގޮސް އެންމެންމެ ލޯކަނދާ އަލްޙަމީދިއްޔާގައި ހަތަރުދުވަހު ތިބެފައި ޛުލްޤަޢިދާ 2 ވީ ހޮނިހިރު ދުވަހު ޚަދީވީ ކުންފުނީގެ އެސްއެސްކިނާ ކިޔާ ބޯޓުން ޙިޖާޒުކަރައަށް ދާން ފުރައިފީމެވެ.

ސުވޭހުން ޙިޖާޒަށް ދާން ދަތުރަށް އެރުމަކީ ވަރަށް ބޮޑު ކަމެކެވެ. ހުރިހައި ސާމާނާއިގެން ބޫރުތަޢުފީޤު ކިޔާތަނަށް ގޮސް އެތާ އެތައް އިރަކު ތިބެގެން ކަރަންޓީނުން ފެންވެރުވި ދުންބުރުވިގެން އެތައް ކަމަކުން ފާސްވެގެން އަތިރިމައްޗަށް ނުކުމެ އެތައް އިރަކު ތިބެގެންނޭ ބޯޓަށް އެރެނީ. މި ބޯޓަކީވެސް ދާދި ކުދިވަރުގެ އާގުބޯޓޭ. އަޅުގަނޑުމެން މިޔަ ބޯޓުގައި ވެސް ޙައްޖާޖީންގެ 550 މީހުން ތިބޫއެވެ. އެމީހުން ތިބެނީ އުނދަގޫ ހާލެއްގައެވެ”

ހުޞައިން ޞަލާހުއްދީނާއި އެކުގައި ދިޔަ ދިވެހިންނަށް މިސްރުން ފުރައިގެން ދެ ބަނދަރެއްގައި ޖެއްސުމަށް ފަހު ޖިއްދާއަށް ދެވުނީ ޛުލްޤަޢިދާ މަހުގެ 5 ވަނަ ދުވަހުއެވެ. ޖިއްދާއިން މި ދަތުރުގެ ދިވެހިން ދިޔައީ މަދީނާއަށެވެ. މަދީނާގެ ދަތުރަށް ފަހު އެނބުރި ޖިއްދާއަށް އައިސް ޛުލްޤައިދާ މަހު 28 ވީ ހުކުރު ދުވަހު މައްކާއަށް ފުރުމަށް ދަތުރަށް އެރިއެވެ. ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ:

“ހަވީރު ތިނެއް ޖެހިއިރު ޖިއްދާއިން ފުރައިގެން ހަތަރެއް ޖެހި އިރު އުއްމުސަލަމެވެ ކިޔާ މަންޒިލަކަށް ހުއްޓައި، ދެން ގޮސް ބަޙަރާއެވެ ކިޔާ މަންޒިލަކަށް ފައިބައި ނަމާދުކޮށްގެން ފުރައިގެން އައިސް އިރުއޮއްސި ހަތެއް ޖެހިއިރު މާތްވެގެންވާ މައްކާގެ ރަށްބޭރަށް ފައިބައްޖައީމުއެވެ.

ޙައްޖުވެރިންގެ ޖަމާއަތެއް މައްކާގައި ދަތުރުކުރަނީ، 1953

“މައްކާގެ ވާހަކަ ދަންނަވާނީ ކީކޭތޯޔޭ. ޢަރުޟުން 21 ދަރަޖަ ޠޫލުން 40 ދަރަޖަ ހަމަވީ ރަށެވެ. މުޅީން ފަރުބަދައިން އޮންނަނީ ވަށައިފާރުލެވިފައެވެ. ހަތްހާސް ގެޔަށްވުރެ ބޮޑެތި ގޭގެ ގިނަވާނެއެވެ. ވަކިވަކި ނަމުން ނަން ކިޔައިގެންވާ ބޮޑަތި ދެތިން ބާޒާރު އޮވެއެވެ. ހުރިހައި ބާވަތެއްގެ މުދައުތައް ނަންސިފަކުރެއްވިހައި ތަކެއްޗެއް މައުޖޫދުވެގެންވެއެވެ. ރަންރިހި ގަހަނާ ހެނދުން ވަރަށް ގިނައެވެ.

މައްކާގެ ބާޒާރުތައް, 1953

މައްކާގައި ވަޒަންވެރިވެ ތިބޭ މީހުން އެއްލައްކަ ފަންސާސް ހާސް ކަމަށް ވެއެވެ. އޭގެތެރޭގައި އެތާގެ އަހުލުވެރީން ވާނީ ތިންބައިކުޅަ އެއްބައި މީހުންކަމަށެވެ. އަނެއް ދެބައީ ބޭރު ރަށްރަށުގެ މީހުންނެވެ. އެންމެ ގިނައީ ޖާވާއިންނެވެ. ވިޔަފާރިވެރިންނަކީ ބޭރު މީހުންނެވެ. ޢަރަބި ބަސްވެސް މައްކާގައި ވަނީ މަސްހުނިވެފައެވެ. މިތާގެ ވައި ނުވަތަ އުދަރެސް ނުހަނު ހިކި ހޫނެވެ. ވައި ނުހަނު ގަދަމެއެވެ”

މަލިން ކަލޭގެފާނުގެ ޖަމާޢަތް:

ހުޞައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ:

ރަމަޟާން މަހުގެ 19 ދުވަހުން މަލިން ކަލޭގެފާނުމެން ސުވާހަށް އަންނާނޭކަން އެގި އޮތަތީވެ އެމީހުންނާއި ބައްދަލުކުރާން ނައިފަރު މުޙައްމަދު ވަޙީދު ސެވޭހަށް ފޮނުވީ 18 ދުވަހުއެވެ. މީނާޔާއެކުގައި ސިޓީޔެއް ފޮނުވީމެވެ. މި ސިޓީގައި ޙައްޖަށް ދާން ފުރާނީ ޝައްވާލު މަހު ފަހުކޮޅުން ކަމާއި، މިޞުރުގައި ޚަރަދު ހުރިގޮތް އަންގައި، އެހައި ދުވަސް ވާދެން ސުވޭހުގައި ތިބޭން ފެންނަނަމަ ތިބޭން ނުވަތަ މިސުރަށް އަންނާން ފެންނަނަމަ އައިސް ތިބޭން ނުވަތަ ކުރީން ދާން ކެރެނީ ނަމަ އަރަބި ކަރަޔަށް ދާން އަންގައިފައި ވެއެވެ.

މިބައިމީހުން މިކަމާއި މެދުގައި ވިސްނައިހަދައިފައި މިސުރުގައި ރަނގަޅުކަމުގާވެގެން މިސުރަށް އައީ ރަމަޞާން މަހު 21 ދުވަހުއެވެ”

އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުން އަންގަވައިގެން ދެ ޖަމާއަތެއްގެ ގޮތުގައި ދިވެހި ޙައްޖުވެރިން މާލެ އިން ފުރި ނަމަވެސް، މި ދެ ޖަމާއަތް މިސުރުން ބައްދަލުވެ އަރަބިކަރައަށް ގޮސް ޙައްޖުގެ އަޅުކަންމުގެ ކަންތައް ފުރިހަމަކޮށްފައި ވަނީ އެކުގައެވެ.

ހިޖާޒުކަރައިން މިސުރުން ކޮޅުނބަށް:

އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުން އަންގަވައިގެން ދިވެހިންގެ ފަންސާހަކަށް މީހުން ގޮވައިގެން ޙުސައިން ޞަލާހުއްދީން މައްކާއަށް ކުރެއްވި ދަތުރުފުޅުގައި ޙައްޖުގެ އަޅުކަމާއި އެހެނިހެން އަޅުކަމުގެ ކަންކަން ނިންމުމަށް ފަހު މުޙައްރަމް މަހު 7 ވީ ހޯމަ ދުވަހު މައްކާއިން ފުރައިގެން ޖިއްދާއަށް އާދެވުނީ އަންގާރަ ވިލޭރެއެވެ. ޖިއްދާއިން ފުރައިގެން އެނބުރި ކޮޅުނބަށް ދިއުމަށް ކުރި ދަތުރުގެ ވާހަކައިން ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ:

“އެސްއެސް ޤިނާޔެވެ ކިޔާ ބޯޓުގައި ޖިއްދާއިން ފުރައިގެން އަނެއް ދުވަހު ނުވަޔެއް ޖެހިއިރު ޔަންބަޢުއަށް އަތުވެއްޖެއެވެ. މިތަނަށް މުދައު ބައިލާން ފަށައިފިއެވެ. މި ބޯޓުގައި ތިބި މިޞްރީ ޙައްޖާޖީން މިބަނދަރުގައި އޮތް ޢައްބާސިއްޔާޔަށް ލައިފިއެވެ. މުޙައްރަމު 14 ވީ ހޯމަ ދުވަހު ހެނދުނު އިރުއަރައި އަށެއް ޖެހިއިރު ވަޖްހޭކިޔާ ރަށުގައި ޖައްސައި މިތަނަށް ބާލަން ހުރި ތަކެތި ބައިލައިފައި، ދިހައެއް ޖެހި އިރު ފުރައިގެން އައިސް މުޙައްރަމު މަހު 15 ދުވަހު އެގާރަ ޖެހިއިރު ޠޫރުގައި ޖައްސައިފިއެވެ.

މުޙައްރަމު މަހު 18 ދުވަހު ފަސްގަޑީގައި ޠޫރުން ފުރައިގެން މުޙައްރަމު މަހު 19 ދުވަހު އިރުއަރާއިރަށް ސުވޭހަށް އަތުވެއްޖައީމެވެ. ދެން މިތަނުން ފޮށިތަންމަތި ބައިލައި ނިމިގެން ލޯކަންދާ އަލްޙަމީދިއްޔާޔަށް ހިނގައްޖައީމެވެ. ފަސްގަޑީގެ ރޭލުން އެއްބައިމީހުން މިޞްރަށް ހިނގައްޖައީމުއެވެ.

މިސުރުގެ ދުވަސްވީ ރެއިލްވޭއެއް

ޞަފަރުމަހު 8 ވީ ބުދަ ދުވަހު މަސާޖަރީމަރަތީމް ކުންފުނީގެ އެސް. އެސް ޗަލްޓަލީޔޭ ކިޔާ ބޯޓަށް ދަތުރަށް އަރައްޖައީމުއެވެ. މި ބޯޓުގައި މިސުރުން ފުރައިގެން ކޮޅުނބަށް ކުރި ދަތުރުގެ ވާހަކައިން ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ:

“އިރުއޮއްސުނުތަނާ ފުރައިގެން ބަޙްރުލްޢަޙްމަރުގައި ދުއްވާން ފަށައިފިއެވެ. ބޯޓަށް އެރުމުން މީގެ ކޮމިސްނަރާ ކައްޕިތާނާ ބައްދަލުކުޅައެވެ. މިބައިމީހުން މުބާރަކްބާދީގެ ސަލާމްތައް ކޮށްހެދޫއެވެ.

ޞަފަރުމަހު 12 ވީ އާދީއްތަ ދުވަހު ޖިބުތީގައި ޖައްސައި ހަތަރުގަޑިއިރު އޮވެފައި ފުރައިގެން އަންނައިރު ސުއްކަތުރާ ވަރަށް ގަދަވެ ނުކުޅަދާނަ ރާޅު ބޮޑުވެ، ވައިގަނޑު ބާރުވިއެވެ. ވާރެއެއް ނުވެހެއެވެ. އައީ ސުއްކަތުރާގެ ދާދި ކައިރީންނެވެ. ތިންދުވަހުން ތަންކޮޅެއް މަޑުވެއްޖެއެވެ. ޞަފަރުމަހު އާދީއްތަ ދުވަހު ހަވީރު ކޮޅުނބު ބަނދަރަށް ވަދެއްޖައީމުއެވެ. މިރޭ ދިހައެއް ޖެހި އިރު ފައިބައްޖައީމުއެވެ”

ޞަފަރުނާމާއޭ ޙިޖާޒުގައި މަރުވި ދިވެހިންގެ  ވާހަކަ:

އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުން އަމުރުފުޅު ދެއްވީމައި ދިވެހިންގެ ދެ ޖަމާއަތެއްގެ މީހުން މައްކާއަށް ގޮސް ކުރި ޙައްޖު ދަތުރުގައި 9 ދިވެހިން މަރުވެފައިއެވެ. މިއީ މައްކާއަށް ދެވުމުގެ ކުރިން މި ދަތުރުގައި މަރުވި މީހުންނާއި ޙައްޖުގެ އަޅުކަމަށް ފަހު އެނބުރި އައުމުގެ ދަތުރުގައި މަރުވި މީހުންނެވެ. އެމީހުނީ:

ހައްޖު މޫސުން، 1436ހ

  • – ބޮޑުގަލު މޫސާ ދީދީ، އަވަހާރަވީ 20 ރަމަޟާން ހޯމަ ދުވަހު މިޞުރުގައި

މިއީ ޙުސައިން ޞަލާހުއްދީންގެ ބައްޕާފުޅު ބޮޑުގަލު މޫސާ ދީދީއެވެ. ޞަލާހުއްދީން ލިޔުއްވާފައިވެއެވެ:

“ރަމަޟާން މަހު 15 ދުވަހު ބައްޕާ މާގަދަޔަށް ހުންފުޅު އަތުވެއްޖެއެވެ. ރަމަޟާން މަހު 18 ވިލޭރެއި ޢައްބާސް ރިޟްވާން ޙުސައިނުގެފާނު މިސްކިތުގައި ތަރާވީޙު ކުރައްވައިގެން ގެޔަށް ދުރުވެފައި ހާރުދަމުގައި އަވަހާރަވެއްޖެއެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

އެއިގެ ފަހު ދުވަހު ވަރަށް ބޮޑު ޢިއްޒަތުގައި ކަށުކަމާކެމީގެ ކަންތައް ޤަރާފަތުލްމުޖާވިރީން އެވެ ކިޔާ ޤަބްރުސްތާނުގައި އައްޝައިޚުލް އަންބާބީގެ ޤުއްބުތެރޭގައި ފަސްދާނުލެވިއްޖެއެވެ. ފަސްދާނުލެވުނުތާނގައި ވަރަށް މޮޅުމޮޅު މީހުން ގިނަ ޚުޠްބާތައް ކިޔައި ހަދަހަދައިގެން ޅެންތައް ކިޔައިވެސް ހެދޫއެވެ”

  • – ހުވަރަފުށީ ކާސިމްތަކުރުފާނު، ނިޔާވީ 1 ޝައްވާލު ހުކުރު ދުވަހު

“މިއެންމެން މިސުރުގައި ތިއްބައި އީދު އަތުވެއްޖެއެވެ. މިއީދު ހުކުރު ދުވަހު ކުޑަސޮރު ކާސިމު މަރުވެއްޖެއެވެ. ވަޅުލީ ޤަރާފަތުލްމުޖާވިރީންގައެވެ”

  • – ކަނދޮޅުދޫ އިސްމާއީލް ކަލޭގެފާނު، ނިޔާވީ 12 ޛުލްޤައިދާ ބުރާސްފަތި ދުވަހު

“ކަނދޮޅުދޫ އިސްމާއީލް ކަލޭގެފާނުން ހުންއައިސް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައީ ޝައްވާލުމަހު 20 ދުވަހުއެވެ. ދެން އަޅުގަނޑުމެން ޢަރަބި ކަރަޔަށް ފުރާންވީއިރު ކަނދޮޅުދޫ އިސްމާއީލް ކަލޭގެފާނުންގެ ހާލު ބޮޑުކަމުން އެ ކަލޭގެފާނަށް ވާނުވާ ބެލުމަށާއި ގަދަވެއްޖެ ނަމަ ގޮވައިގެން އައުމަށާއި މަރުނުވެ ގަދަނުވެ އޮވެއްޖެ ނަމަ ޙައްޖު ލިބޭހައި ހިނދު ހުއްޓައި އެ ކަލޭގެފާނުންގެ ކަންތައް ބެލުމަށް އައްޑޫ ތުއްތީދިޔާއި ހަވާލުކޮށްފައި މަލިންކަލޭގެފާނު މައްކާއަށް އައުމަށް ….

ޙައްޖު މަހުން 4 މި ދުވަހު މިޞުރުން ތަލަރާފް އައެވެ. (އޭގައި ވަނީ)

މަލިންކަލޭގެފާނު ފުރައިފިއެވެ. އެމީހާ މަރުވެއްޖެއެވެ. ކުދީން ގަދަވެތިއްބެވެ”

  • – ހުސެން ރަހާ، ނިޔާވީ ޛުލްޤައިދާ 14 ހުކުރު ދުވަހު މަދީނާގައި

“ޛުލްޤައިދާ 14 ވީ ހުކުރު ދުވަހު ނުވައެއް ޖެހިއިރު ކެޔޮދޫ ޚަތީބު ޙުސައިން ރަހާ ނިޔާވެއްޖެއެވެ. މެންދުރުގެ ކުރީގާ ޖަންނަތުލްބަޤީޢުގައި ވަޅުލެވިއްޖެއެވެ. މީނާގެ ބައްޔަކީ ހުންއައުމެވެ. ހުން އަންނަނީ ކޮޅުނބުން ފުރީއްސުރެންނެވެ. ބޭސްފަރުވާ ވެސް ކުރެވުނެވެ”

  • – ގުޅީ ރަށްވެރިއަލީ، ނިޔާވީ 19 ޛުލްޙައްޖު ހުކުރު ދުވަހު މައްކާގައި

“ޙައްޖު މަހު 19 ވީ ހުކުރު ދުވަހު ގުޅީ ރަށްވެރިޢަލީ ނިއައުވެއްޖެއެވެ. މިދުވަހު މީނާ ޖައްނަތުލް މަޢައްލާގައި ވަޅުލެވިއްޖެއެވެ. މީނާގެ ބައްޔަކީ ހުމާއި ބޭރަށް ހިންގުމެވެ. މިޞުރުން އައިއިރުވެސް ވަރަށް ބައްޔެވެ”

ހައްޖު މޫސުން 1347ހ

މިތަނުގައިވާ މީހުން މަރުވެފައި ވަނީ ހަމަ މި ޙައްޖު ދަތުރުގައި ޙައްޖު މަސް ނިމި މުޙައްރަމް އަދި ޞަފަރު މަހުގައެވެ.

  • އާދަމްކޮއި، ނިޔާވީ 13 މުޙައްރަމް އާދީއްތަ ދުވަހު ޔަންބުޢުގައި

“މުޙައްރަމު 13 ވީ އާދީއްތަ ވިލޭރެއި ނައިފަރު އާދަމުކޮއި (ޖިއްދާއިން ސުވޭހަށް ދިޔަ) ބޯޓުގައި ނިޔާވެއްޖެއެވެ. ފަހު ދުވަހު ހެނދުނާ ހިނަވާ ކަފުންކޮށް ނަމާދުކޮށްފައި ޔަންބުޢަށް ބައިލައި ވަޅުލައިފޫއެވެ”

  • މާކުން އާދަމްފުޅު، ނިޔާވީ 19 މުޙައްރަމް ހޮނިހިރު ދުވަހު ޠޫރުގައި
  • ވަށަފަރު ކަތީބު، ނިޔާވީ 14 ޞަފަރު ބުދަ ދުވަހު ކަނޑުމަތީގައި
  • ނައިފަރު އަލިކޮއި، ނިޔާވީ 24 ޞަފަރު ހުކުރު ދުވަހު ކޮޅުނބުގައި

“އަޅުގަނޑު ކަނޑުމަޑުވާންދެން ކޮޅުނބުގައި ހުރެލުމަށް ޤަސްދުވެވިއްޖެއެވެ. މީގެ ފަހު 24 ދުވަހު އަލޮކޮއި ނިޔާވެއްޖެއެވެ”

މި ޒަމާނުގައި ޙައްޖަށް ދިއުމަކީ ލުއި ފަސޭހަ ކަމެކެވެ. މަގުތައް ކުރެވެ. މުވާސަލާތުގެ ފަސޭހަކަން ވަނީ ލިބިއެވެ. ޙައްޖުވުމަށް މައްކާގެ ބިމުގައި ހުންނަ ތިމާގެ މީހާގެ ހާލު ބެލޭނެ މަގު ވަނީ ތަނަވަސް ވެފައެވެ. ނަމަވެސް ވެދިޔަ ޒަމާނުގައި ޙައްޖު ދަތުރަށް ފުރުމަކީ މައިންބަފައިންނާއި އެއްބަނޑުތިމާގެ މީހުނާއި އެކުވެރިންނާއި ރަށުގެ މީހުންނާއި އަބަދަށް އަލްވިދާޢު ކިޔުމެކެވެ. ފަހަރުގައި މާކަނޑުގެ ބިޔަ ރާޅުތަކާއި ތޫފާނުތަކާއި މޫސުމުގެ ރޯގާތަކާއި ކަށިވިދުރިން ސަލާމަތްވެ އެނބުރި ތިމާގެ މީހުން ކައިރިއަށް، ގައުމަށް، ރަށަށް އާދެވިދާނެއެވެ. އެހެންނާ ދަތުރުމަތީގައި އަމިއްލަ ގައުމާއި ތިމާގެ މީހުނާއި ވަކިވެވި ތޫފާނުގައި މާކަނޑުގެ ފުންކަމަށް ހިނގައިދާނެއެވެ. ނުވަތަ ދަތުރުމަތީގެ ބޭރު ފަސްގަނޑެއްގައި ފަހު މަންޒިލުކުރަން ޖެހިދާނެއެވެ.

ދިވެހިންގެ ޙައްޖު ދަތުރުތަކާއި ގުޅޭގޮތުން ލިޔެވިފައިވާ އެކި ރެކޯޑުތަކުން ފެންނަ ގޮތުގައި ރާއްޖެ އިސްލާމް ވީއްސުރެ މި ފަހުގެ ތާރީޚްގެ ކުރިން އެކި ދުވަސްވަރު ޙައްޖަށް ދިޔަ ދިވެހިންގެ ތެރެއިން 540 އަށް ވުރެ ގިނަ ދިވެހިން ޙައްޖު ދަތުރުން އެނބުރި ރާއްޖެ ނާދެވި މަރުވެފައިވެއެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

މި އެންމެނަށް އަދި ޙައްޖު ދަތުރުތަކުގައި ނިޔާވެފައިވާ ހުރިހާ ދިވެހިންނަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވާނެތެވެ. އާމީން.

____________

ހަވާލާ ދެވުނު ލިޔުންތައް:

  • ދިވެހި ތާރިޚް، ޙަސަން ތާޖުއްދީން
  • މޮނޮގްރާފް، އެޗް.ސީ.ޕީ ބެލް
  • ތަންޤީހު ކުރެވުނު ދިވެހި ރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު، މުޙައްމަދު އަމީން
  • ދިވެހި ރާއްޖޭގެ ރަހުންނާއި ރަނިން، ނަސީމާ މުޙައްމަދު
  • ދިވެހިންގެ ސަފަރުނަމާއޭ ޙިޖާޒު، ޙުސައިން ޞަލާހުއްދީން
  • ދިވެހިންގެ ވާހަކަ، ޙުސައިން ޞަލާހުއްދީން
  • ބޮޑުތަކުރުފާނު ވާހަކަ، ބުރާރަ މުޙައްމަދުފުޅު
  • މުޙައްމަދު އަމީންގެ އެކި ލިޔުންތައް
  • މަލިން މޫސާ މާފަތްކަލޭގެފާނުގެ ލިޔުއްވުމެއް
  • މުޙައްމަދު މުޢިއްޒު އަދުނާން، ވޮނަދޮނަ ރާއްޖެ

ތަސްވީރު ހަވާލާ:

  • މައްކާގެ ދުވަސްވީ ފޮޓޯތައް: ނެޝަނަލް ޖިއޮގްރަފިކް މަޖައްލާ، 1953
  • ވޮނަދޮނަ ރާއްޖެ
  • ވެބް ސާރޗްތައް