މި ދައުރު ނުފެނުނު ނަމަ

އަހަރެން ސިޔާސީއެއް ނުވަމެވެ.

މިނިވަން ދިދައެއްގެ ހިޔަލުގައި ވެރިއެއްގެ އަޅުވެތިކަމުގައި ހުންނަން ނޭދުނީއެވެ.

އެ ފަޅާ މިފަޅާ ޖެހިގެން އޮތް ފަޅުރަށްކޮޅު ވިއްކާލާއިރު ހަނުހުންނަން ދަތިވީއެވެ.

އިންސާނަކު ވަގަށް ނަގާ ގެއްލުވާލުމުން ބަހެއް ނުބުނެ ނިދަން އުނދަގޫވިއެވެ.

ގައުމުގެ މައިން ކަރުނައަޅާ ރޯތަން ދެކެން ހިތަށް ކެތްނުވީއެވެ.

ބޭއިންސާފުން އެތައް ބަޔަކު ޖަލަށްލާއިރު ގޭގަ ހުންނަން ބޭނުންނުވީއެވެ.

ރައްޔިތުންގެ މުދަލުން އެތައް ގުނަ ވައްކަން ކުރާއިރު އަތްޖަހަން ޟަމީރު ދެކޮޅުހެދީއެވެ.

ހައްޤުމިންވަރު ނުލިބި ގަނޑުވަރުންދޭ މިންވަރުގެ މައްޗަށް ރުހެން ބޭނުންނުވީއެވެ.

މިއަދުގެ ހަނުހުރުމުން މާދަމާ ގެއްލިދާނެތީ ބަސްނުބުނު ނުހުރެވުނީއެވެ.

ސިޔާސީވުމަކީ ބައެއް މީހުން އެހާ ރުހޭ ކަމެއް ނޫނެވެ. ސިޔާސަތާ ބެހުމަކީ ވެރިން އަމުދުން ނުރުހޭ ކަމެކެވެ. ގައުމުގައި ހިނގާ ކަންކަމާމެދު ފެންނަގޮތް ހާމަކުރުމުން ގިނަ ފަހަރަށް އޮންނަނީ “ސިޔާސީ” ވެފައެވެ. ސިޔާސަތާ ބެހުނީކަމަށް ވެފައެވެ. ކުށަކަށްވެފައެވެ. ގައުމުގައި ހިނގާ ނޭދެވޭ ކަމެއްގެ ވާހަކަ ދެއްކިޔަސް “އޭ ހާދަ ސިޔާސީ އޭ ދޯ” ބުނެ އަނެކާ ރައްދު ދީފާނެއެވެ. ގައުމުގައި ހިނގާ ނޭދެވޭ ކަންތައްތަކުގެ ވާހަކަ ނުދެއްކުމަށް ދައްކާ ހުއްޖަތަކަށް ގިނަ ފަހަރަށް “ސިޔާސީ”ވެއެވެ. ސިޔާސަތާ ބެހުމާއި ސިޔާސީ ވުމަކީ ކުރަން ނުވާވަރުގެ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ. ސިޔާސީ ވާހަކަ ދެއްކުމާއި ސިޔާސަތާއި ބެހުމަކީ އަރުވާލެވި ނުވަތަ ޖަލަށް ދާން ޖެހޭ ސަބަބެއް ކަމުގައި ޒަމާނުއްސުރެ އޮންނަނީ ވެފައެވެ. ބުރިން ހަންނަގާ އަރުވާލެވި ނުވަތަ ހުރަގޭގައި ހަޔާތުން ދުވަސްތަކެއް ހޭދަކުރަން ނުޖެހި ގައުމުގައި ހިނގާ ކަންތައްތަކާ މެދު ޚިޔާލުފާޅުކުރެވޭނެ ދުވަހެއް ދުށުން އެދި އެތައް ޖީލެއް އަހަރުމެން ފަސްދީ ހިނގައްޖެއެވެ.

އޭރުވެސް، މިހާރުވެސް ހާލަތަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ހެޔޮވެރިކަންތަކުގައި ގައުމުގައި ހިނގާ ކަންތައްތަކާއި މެދު ފާޑުކިޔުމުގެ މިނިވަންކަން ލިބިފައިވީ ނަމަވެސް، ގިނަ ސަރުކާރުތަކަކީ ފާޑުކިޔުމަށް ޖާގަދޭން ބޭނުންވާ ސަރުކާރުތަކެއް ނޫނެވެ. ފާޑުކިޔާ އެންމެންނަކީ ވެރިކަމާ ތޮޅޭ “ސިޔާސީ މީހުން”ގެ ގޮތުގައި ސަރުކާރު ތަކުން ބަލައެވެ. ވެރިކަމާ ތޮޅޭ މީހުންނާ ނުވަތަ ސިޔާސީ އުންމީދެއްގައި ވެރިކަމާ ހިފާ މީހުންނާއި ގައުމުގެ ކަންކަން ވެރިކަމާ ތޮޅުމުގެ މަގްސަދެއް ނެތި އިސްލާހުކުރުމަށް މަސައްކަތްކުރާ ފަރުދުންނަކީ އެއް ބައެއް ކަމުގައި ބަލައެވެ. މިނިވަން ނޫސްވެރިންނާއި މިނިވަން ގަލަންތަކުގެ ވެރިންނަކީ ވެސް ވެރިކަމާ ތޮޅޭ “ސިޔާސީ މީހުން” ކަމުގައި ބަލައެވެ. ގައުމުގެ ކަންކަމާމެދު ފާޑު ކިޔާ އެންމެންނަކީ ވެރިކަމާ ތޮޅޭ މީހުންނެއް ނޫނެވެ. އަދި އެންމެން އޭރަކު އޮންނަ ސަރުކާރަށް ފާޑު ކިޔަނީ ސިޔާސީ މަގްސަދެއްގައެއްވެސް ނޫނެވެ. ސިޔާސަތާ ބެހުމުން އެއީ ސިޔާސީވުން ކަމުގައި ވެސް ބަލައިގެން ވެސް ނުވާނެއެވެ.

ދިވެހި ބަހުގެ ރަދީފުގައި ސިޔާސަތު ކަމުގައި ބުނެފައިވަނީ:

“ސަރުކާރު ހިންގުމާއި ސޮސައިޓީއެއްގެ ގޮތުގައި އެއްވެފައިވާ މީހުންތަކެއް، ޤާނޫނާއި ޤަވާއިދުގެތެރޭގައި ގެންގުޅުމުގެ އިލްމް”

“އިންސާނީ މުޖްތަމައެއްގެ މައްޗަށް ވެރިކަން ހިންގުމުގެ ފަންނު”

މި ގޮތަށެވެ.

ސިޔާސަތަކީ އެ ގައުމެއްގެ ރައްޔިތުންނާ ގުޅިލާމެހިފައިވާ އެއްޗެކެވެ. ސިޔާސަތު ހިންގަނީ އިންސާނީ މުޖްތަމައުގެ މައްޗަށް ކަމުގައިވާތީއެވެ. ސިޔާސަތުގެ ސަބަބުން އެދެވޭ އަދި ނޭދެވޭ އަސަރުވެސް ކުރާނީ އެ މުޖްތަމައެއްގެ އަފްރާދުންނަށް ކަމުގައިވާތީއެވެ. ސިޔާސަތާ އެންމެ ގާތް ބަޔަކީ އެ ގައުމެއްގެ ރައްޔިތުންނެވެ. ގައުމުގައި ހިނގާ ގިނަ ކަންކަން ގޮސް ހުއްޓެނީ ސިޔާސަތު ރާވާ ހިންގާ ނުވަތަ އެ އިރަކު ވެރިކަމުގައި ތިބޭ ބަޔަކަށެވެ. އިޖްތިމާއީ، އުމްރާނީ އަދި މުޖްތަމައުގެ އެކި ކަންކަމާ ގުޅިފައިވަނީ އެ އިރަކު އޮންނަ ވެރިކަމެއްގެ ސިޔާސަތުތަކުގެ މައްޗަށެވެ. ސިޔާސަތަށް ފާޑު ނުކިޔާ ގައުމުގައި ހިނގާ ކަންކަމާމެދު ފާޑުކިޔުމުގެ ނަޒަރަކުން ބެލޭކަށް ނެތެވެ. ސިޔާސަތަށް ފާޑު ކިޔުމުން އެއީ ވެރިކަމާ ތޮޅުންކަމުގައި ސަރުކާރުން ދެކިގެން ނުވާނެއެވެ.

ފުލުހުން އަހަރެން ފުރަތަމަ ހައްޔަރުކުރީ 2014 ވަނަ އަހަރު ފެބްރުއަރީ މަހުގައެވެ. މާފަންނު ކުނޫޒް ކައިރިން ދަމުން ފުލުހުން ސައިކަލުތަކެއްގައި ސްޓިކާ ޖަހާތީ މަޑުކޮށްލެވުނީއެވެ. އެތަނުގައި ތިބި އެހެން ބަޔަކު އޭރު ފުލުހުންނާއި ޒުވާބު ކުރަމުން ދިޔައެވެ. ފުލުހުންނަށް އިނގޭނީ ހަމައެކަނި އާންމު ރައްޔިތުންގެ ސައިކަލުތަކުގައި ސްޓިކާ ޖަހަންކަމާއި މީހުން ވަގަށް ނަގައި ގެއްލުވާ އަދި ރައްޔިތުންގެ މުދަލުން ވައްކަން ކުރާއިރު ނުހުއްޓުވޭކަމަށް ބުނުމުން ފުލުހަކު ވަރަށް ރުޅި އައިސް ބިޑިއަޅުވާ ހައްޔަރުކުރީއެވެ. މިހާރު ކަލޭ ތިހުރީ އަހަރުމެންގެ އަތްދަށުގައި ކަމަށް ބުނެ އަނިޔާވެސް ކުރާނެ ކަމަށާއި “ފުނޑާލާނެ” ކަމަށް ބުނެ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ހުސައިން އާދަމް ބިލްޑިންއަށް ގެންދިޔައެވެ. ހުސައިން އާދަމް ބިލްޑިންއަށް ވައްދާ އެކި ފުލުހުން ވަރަށް ރުޅިގަދަކޮށް ވާހަކަ ދައްކަން ފެށިއެވެ. ކަލޭ އުޅުނީ މީހުން އެއްކޮށް ސަރުކާރު ވައްޓާލަން ކަމަށް ފުލުހުން ބުންޏެވެ. ކަލޭ ތީ އަދި ކާކުހޭ ކަލެއަށްވުރެ މާ ބޮޑެތި މީހުންވެސް މި ސަރުކާރު ވައްޓާލަން އުޅެ ނުވިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އެ ގޮތަށް ވާހަކަ ދެއްކުމުން 7 ފެބްރުއަރީގައި ފުލުހުން ނިކުމެ ސަރުކާރެއް ވައްޓާލީ ޤާނޫނާ ޚިލާފަށް ކަމަށް ބުނީމެވެ. މަގުމައްޗަށް އަޑު އުފުލަން ނިކުމެވެނީ ވަކި ބަޔަކަށް ހޭ ވެސް އެހީމެވެ. އެހިސާބުން ފުލުހުންގެ ރުޅި އަދި މާ ގަދަވިއެވެ. ކަލެއަށް ޤާނޫނު ދައްކާނަމޭ ކިޔާ “މިހާރު ކަލޭ ބަންދުކުރަން މަތިން އަންގައިފި” ކަމަށް ބުންޏެވެ. އަތޮޅުވެއްސަށް ގެންދަން ނިންމާ ވެހިކަލަށް އެރުވިއެވެ.

އަތޮޅުވެއްސަށް ގެންގޮސް ގޮޅިއަކަށް ވެއްދިއެވެ. ގޮޅިތެރެއަށް ދޫކޮށްލުމަށް ފަހު ފުލުހުން ހިނގައްޖެއެވެ. މިއީ ގޮޅިއެއްގައި ހޭދަކުރަން ޖެހުނު ފުރަތަމަ ރެއެވެ. ގޮޅިއަށް ވެއްދުމުން ކާކުކަން ގޮޅީގައި ތިބި ގިނަ ބަޔަކަށް އެނގިއްޖެއެވެ. އަދި މާލެތެރޭގެ ޚަބަރުތައް އަހާ އޮޅުން ފިލުވިއެވެ. ޖެހިގެން އެހުރީ އަހަރުތަކެއް ކުރިން ހުސައިން ސަލާހް ވަގަށް ނަގާ މަރާލި ގޮޅިކަމުގައި ބުންޏެވެ. ދަންވަރަށް ފުލުހުން އައިސް ގެންދަން އުޅުނު ނަމަވެސް ގޮޅީގެ އެންމެނަށް ގޮވުމަށް ގޮޅީގައި ތިބި މީހުން ބުންޏެވެ. އަހަރެން ކަހަލަ “ސިޔާސީ” މީހަކަށް ރައްކާތެރި އެއްވެސް ތަނެއް ނުވާނެ ކަން އެ މީހުންނަށް ވެސް މޭރުންވީއެވެ. ކަލޭ ގެންދެވޭނީ އަހަރުމެން އެންމެނާއެކު ކަމަށް ވެސް އެ ވަގުތު ގޮޅީގައި ތިބި މީހުން ބުންޏެވެ. އެރޭ އަތޮޅުވެހީ ގައި ބެހެއްޓުމަށް ފަހު ހެނދުނު ދޫކޮށްލިއެވެ.

ދެން މިއީ ދެވަނަ ފަހަރަށް ހައްޔަރުކުރި ގޮތުގެ ވާހަކައެވެ. 2016 އޮގަސްޓް މަހުގެ ވާހަކައެވެ.

ހަޔާތުން އޮގަސްޓެއް، މަހެއް ޖަލުގައި ހޭދަކޮށްފައި އައުމުން އެންމެން ވެސް ކުރީ އެ ސުވާލެވެ. “ޖަލުގެ ވާހަކަ ކިޔާދީބަލަ” “ޖަލުގައި ވީ ކިހިނެއް؟” “އަނިޔާ ކުރިތަ؟”. މި ސުވާލުތަކެވެ. ޖަލުގައި އަނދަގޮޑި ޖަހާ ޖިސްމާނީ އަނިޔާތައް ދިން ދުވަސްތައް ފާއިތުވި ނަމަވެސް، ކޮންމެ ނުހައްގު ބަންދަކީ އަނިޔާއެކެވެ. ނުހައްގުން، ބޭއިންސާފުން ކުރެވޭ ކޮންމެ ބަންދަކީ އަނިޔާއެކެވެ. މިއީ އަހަރެން ޖަލުގައި ހޭދަކުރި ދުވަސްތަކާ އަދި ހަޔާތުން ބައެއް ވާހަކައެވެ. ޖަލުގެ ވާހަކަތައް ލިޔުމަށް އެންމެ ފުރަތަމަ އަހަރެން ކައިރީ އެދުނީ އަހަރެންގެ ލޯޔަރ އަހުމަދު ޝިނާޒުއެވެ. ގޮޅިން ނިކުމެ “ދޫނިދޫ ގަނޑުވަރު” ބޭރުގައި މަދިރި ދުންދަނޑިއާއި އެކި ދިމާއިން އަޅުވާފައިވާ ސީސީޓީވީ ކެމެރާތަކުގެ ދަށުގައި ހޭދަކުރެވުނު “ލޯޔަރު މީޓިންގ” ތަކުގައި އަހަރުމެން ދެމީހުންނަށް ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. ހަޔާތުން ގެއްލުނު އޮގަސްޓްމަހުގެ ނަމުގައި ލިޔުމަށް ޝިނާޒު ބުންޏެވެ. ދޫނިދޫގައި ގެއްލޭނީ ހަޔާތުން ހަމައެކަނި އޮގަސްޓް މަސް ބާއޭ އޭރުވެސް ހިތަށް އެރިއެވެ. ދޫނިދޫ ޤައިދުން މިންޖުވީ އޮގަސްޓް ނިމި ސެޕްޓެމްބަރގައި ބަންދަށް 40 ދުވަސް ހަމަވިފަހުންނެވެ.

ޖުލައި 29 ވަނަ ދުވަހު ވެސް އޭރު ކޮންމެ ހުކުރު ދުވަހަކު އޮންނަ ހަވީރުގެ ސައި އެމް.ޑީ.ޕީ ހަރުގެ ކައިރީ އޮތެވެ. ކޮންމެ އެއްވުމަކަށް ދަނީ ފޮޓޯ ނަގާ ލައިވް ޓްވީޓްކުރާށެވެ. އެ ހުކުރު ދުވަހަކީ ފުލުހުންގެ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ދުވަހެކެވެ. ހުކުރު ނަމާދަށް ފަހު އަނިޔާވެރިކަމުން ސަލާމަތްކުރައްވާތޯ ދުޢާކުރަން ތިބި މީހުން ގަޔަށް ފުލުހުން އަރައިގަތެވެ. މުސައްލައާއެކު މީހުން ނަގާ ހޫރުވާލިތަން ވެސް ފޮޓޯތަކުން ފެންނަން ހުއްޓެވެ. ދުޢާކުރަނިކޮށް އެ ދުވަހު ވަރަށް ގިނަ ބަޔަކު ހައްޔަރުކުރިއެވެ. މިހުރިހާ ކަމަކާއެކު ފުލުހުންނަށް ހިތުގައި އޮތް ރުޅިވެރިކަމާއެކު ހަވީރު ސަޔަށް ހަރުގެ ކައިރިއަށް ދިޔަ އިރުވެސް ފެނުނީ އެމަންޒަރެވެ. ސުލްހަވެރިކަމާ އެކު ހަރުގެ ކައިރީ ސައި ބޯންތިބި މީހުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމަށް ފަހު ސަޔަށް އަތުރާފައި ހުރި ހެދިކާތައް ވެސް މީހުންގެ މޫނަށް ފުލުހުން ބުރުވާލިއެވެ. މިއިރު އެންމެ ކައިރީ ތިބީ ސައިބޯން އައިސް ތިބި އަންހެނުންނެވެ. ސައިތައްޓެއް ބޯލަން ނިކުތީމަވެސް މޫނުމައްޗަށް ޖަހަނީ ޕެޕަރ ސްޕްރޭއެވެ. މި ގައުމުގައި ހަވީރު ފިންޏަށް ސައި ތައްޓެއް ބުއިމުގެ މިނިވަންކަންވެސް ނެތީބާއޭ ހިތަށް އެރިއެވެ. .

ހަވީރުގެ ސައި ހަލަބޮލިވެ ހިނގާދިޔަ ކަންތައްތައް ޓްވީޓްކުރުމަށް ފަހު އަހަރެން ދިޔައީ މައްޗަންގޮޅީގައި ހުންނަ އެމް.ޑީ.ޕީ އެކުވެރިއެއްގެ ގެއަށް ސައިބޯށެވެ. އެ ގޭގައި އަހަރެންގެ އެހެން އެކުވެރިން ވެސް ތިއްބެވެ. ސައިމޭޒުމަތީ ވެސް އަދި ނިމިގެންވެސް ދެކެވުނީ ސިޔާސީ ވާހަކައެވެ. ރާއްޖޭގެ ހާލަތު ގޮސްފައިވާ ހިސާބާއި ވެރިކަމުގެ ފަރާތުން، ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ބިރުވެރިކަމުގެ ވާހަކައެވެ. ސަޔަށް ފަހު އެއް އެކުވެރިޔަކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުގައި އުޅުއްވި ގޮތް ކިޔާދިނެވެ. މި އެކުވެރިޔާ އަކީ އިސްލާހީ ހަރަކާތުގައި ވަރަށް ކުރިއްސުރެ އުޅެމުން އައި ފަރާތެކެވެ. ސަޔަށް ފަހު ވާހަކަ ދައްކަމުން ނޫހެއްގައި މަސައްކަތްކުރާ އަހަރެންގެ އެހެން އެކުވެރިޔަކަށް ޖަލަށް ލައިފި ނަމަ އަހަރެން ސަލާމަތްކޮށްދެއްޗޭ ބުނީމެވެ. މިހުރިހާ ވާހަކަތަކެއް އެ ގަޑީގައި ދެކެވުނީ ސައިބޮއެ ނިމިގެން މަގުމައްޗަށް ނިކުންނަތަނުން ފުލުހުން ހައްޔަރު ކުރާނެކަން ނުއެނގިއެވެ. އިއްތިފާގުން ޖަލުގެ ވާހަކަ އާއި ހައްޔަރުގެ ވާހަކަ ދައްކާފައި ބޭރަށް ދިއުމަށް ނިކުތީމެވެ.

އެކުވެރިޔާގެ ގެއިން ނިކުމެ މަގުމަތީ ހުރެ ހަވީރުގެ އެއްވުމުގެ ތެރެއިން މީހަކު ނަގާފައި އިން އަހަރެންނާއި ފުލުހެއްގެ ފޮޓޯއެއް ޅެން ބައިތަކާ އެކު ޓްވީޓް ކޮށްލީމެވެ. މި ދުވަސްވަރު އަހަރެން ކިޔާފައިވާ އެއްފޮތަކީ މިސްރުގެ ލިޔުންތެރިޔާ މާޖިދް ނަވާޒުގެ ފޮތެކެވެ. މާޖިދު ނަވާޒު މިސްރުގެ އޭރުގެ ރައީސާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ. އަދި މިސްރުގެ ޢަމަނުއް ދައުލަތުގެ ފުލުހުން ޖާސޫސްކޮށް ގެއަށް ވަދެގެނެ އޭނާ ހައްޔަރުކުރި ގޮތާއި ތަހުގީގުތަކުގެ ވާހަކައާއި އަނިޔާ އަދި ބިރުވެރިކަން ލިޔެފައިވެއެވެ. އެ ޓްވީޓްކުރުމަށް ފަހު މަގުމަތީ މަޑުކޮށްލާ ސިނގިރޭޓެއް ރޯކުރަން އުޅެފައި ދުފާނެ އެއްޗެއް ނެތުމުން މަގު ހުރަސްކޮށް ކައިރީ ހުރި ފިހާރައަށް ވަދު ކިއްލި ޕެކެޓެއް ގަނެގެން ކުރިން ހުރި ހިސާބަށް އަންނަނިކޮށް ފުލުހުންގެ ޖިޕެއް އަންނަތަން ފެނުނެވެ. ޖިޕު އަންނަ ގޮތުން އެ އަންނަނީ މަޑުކުރަން ކަން އެނގެއެވެ. އަހަރެން ހީކޮށްގެން ހުރީ ޕޭވްމަންޓްމަތީ އެއް ކައިރީ ތިބި ބިދޭސީންތައް ކައިރިއަށް މަޑުކުރަނީ ކަމަށެވެ.

މަގު ހިނގާއިރު މިތިބެނީ ހައިރާންވެފައި

ވަގުތު ނެތް ދައުވަތުގެ ފުން އަނދަވަޅުގައޭ

ނަމަވެސް ޖިޕު ކުއްލިއަކަށް މަޑުކުރުމަށް ފަހު ޖިޕުގައި ތިބި އެސް. އޯ ފުލުހުންތައް ފުންމައިގަތެވެ. އެ އަންނަނީ އަހަރެން ހައްޔަރުކުރަން ކަން އެނގުނުނެވެ. އޭރު އަހަރެންނާއެކު މި ގެއަށް ސައިބޯން އައި އެމް.ޑީ.ޕީގެ ގައުމީ މަޖްލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ތަންކޮޅެއް ދުރުގައި ފޯނުކޯލެއްގައި ހުއްޓެވެ. ފުލުހުން އަންނަން ފެށުމުން ވަހީދުއަށް ފެންނަ ހިސާބަށް ކައިރިއަށް ދިއުމަށް ބާރަށް ހިނގައި ގަތުމުން ފުލުހުންގެ މީހުން ހަޅޭލަވަމުން ކަލޭ ހަމަ މިހާރު ހުއްޓޭށޭ ދެން އެންމެ ފިޔަވަޅެއް އެޅިޔަސް ނިމުނީކަމަށް ބުންޏެވެ. ފުލުހުން އަންނަން ފެށުމުން ބާރަށް ހިނގީ ފުލުހުން އަހަރެން “ވަގަށް ނެގުމުގެ” ފުރުސަތު ނުދިނުމަށެވެ. ފޯނުކޯލުގައި ހުރި ވަހީދުއަށް ފެންނަ ހިސާބަށް ދިއުމަށެވެ. އޭރުން “ގެއްލުނަސް” ވީނުވީ އެނގޭ އެކަކު ހުންނާނެ ކަމަށް ބަލައިގެނެވެ. އަހަރެން ސަލާމަތީ ބާރުތަކަށް އިތުބާރެއް ނުކުރަމެވެ. ދިވެހި ރާއްޖޭގެ “މާފިއާ” އާއި ސަލާމާތީ ބާރުތަކާއި ގުޅިގައިވާ މިންވަރު އަބްދުﷲ ޔާމިންގެ ވެރިކަމުގެ މަދު އަހަރުތަކުގައި ފެނިފައިވާތީއެވެ. ތިލަވާ ބަހުން ބުނާނަމަ ވެރިކަމުގައި އޮތީ “އިންޑިއާ ކަނޑުގެ މާފިއާ”އެވެ.

ތަފާތެއްނުވެ ހުރެފާ ބަފާ ގާތުގަ ބުނަންތާ

ލަފާކަމަކަށް ވެދާނޭހޭ ހަފާ މާރިނދަ ގޮވާތީއޭ

ފުލުހުން އައިސް ބިޑިއަޅުވާ އަހަރެން ހައްޔަރުކުރުމަށް ފަހު ޖިޕަށް އެރުވިއެވެ. އަދި ވަރަށް ރުޅި އައިސް ޖިޕުތެރޭ “ބަވަން” ފެށިއެވެ. ކަލޭ އުޅުނީ ފިލާށޭ ފިލަން ގެއަކަށް ވަތް ނަމަވެސް ފުނޑާލާފަ ނެރޭނަމޭ ފުލުހުން ބުންޏެވެ. ކަލޭއަށް އަހަރެމެންގެ ބާރު ނޭނގެނީ އޭ މިހާރު ތިއޮތީ އަތު ޖެހިފަކަމަށާއި ދެން ނުފިލޭނެކަމަށް ބުންޏެވެ. ފިލަން ނޫޅޭކަމަށާއި ކައިރީ ހުރި އެކުވެރިޔަކަށް ގޮވަން ދާން ހިނގައިތީކަމަށް ބުނުމުން ވެސް ޖިޕުގައި ތިބި ފުލުހުން ކަލޭ އުޅުނީ ފިލަން ކަމަށް ބުނެ ޒުވާބުކުރަމުން ދިޔައެވެ. މިހިސާބުން މި މީހުން މިއުޅެނީ އަހަރެން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފިލަން އުޅުމުގެ ތުހުމަތުކުރަން ކަމަށް ހީވިއެވެ. މި ދުވަސްވަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އަހަރެންގެ އެކުވެރި އަހުމަދު މަހްލޫފް ވެސް ހުރީ މި ބާވަތުގެ ދައުވާއެއްގެ ތެރޭ ތާށިކޮށްފައެވެ. ޖިޕަށް އަރުވައިގެން ފުލުހުން ގެންދިޔައީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ. މި ދިޔަ މަގުމަތީ ވެސް ޖިޕުގައި ތިބި ފުލުހުން އަހަރެންނާ ވަރަށް ބޮޑަށް ދިމާކުރަމުން ދިޔައެވެ. ކަލޭތިއީ ފިނޑިއެއް ކަމަށާއި މިހާރުވެސް ތިއިނީ ބިރުން ތުރުތުރު އަޅައަޅަ ކަމަށް ކިޔާ ދިމާކުރަމުން ދިޔައެވެ. ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ވެއްދުމަށް ފަހު ފޯނާއި ޕާސްވޯޑް އަތުލާ ފުލުހުންގެ ކާރަކަށް އަހަރެން އެރުވިއެވެ. މި ކާރުގައި ތިބީ ބޮޑީގާޑު ހެދުމުގައި ތިބި 3 ފުލުހުންނެވެ. މި މީހުން ކާރުގައި އަހަރެން ގޮވައިގެން ދިޔައީ އަތޮޅުވެއްސަށެވެ. މި ފުލުހުންނަކީ ރަނގަޅު ބައެކެވެ. ކާރުގައި ދިޔަ މަގުމަތީ ހައްޔަރުކުރީ ކީއްވެތޯ އަހައި އެކުވެރިކޮށް ވާހަކަދެއްކިއެވެ.

އަތޮޅުވެއްސަށް ގެންގޮސް ފުލުހުން އަހަރެންލީ އެންމެ ދުރުގޮޅިއަށެވެ. މިގޮޅީގައި ތިބީ ހުސް ބިދޭސިންނެވެ. އަހަރެންނާ ޖެހިގެން ހުރި ގޮޅީގައި ތިބީ އެދުވަހު މެންދުރު ހުކުރު ނަމާދަށްފަހު ދުޢާކޮށްގެން ގެންދިޔަ މީހުންނާއި ހަވީރު ސައިބޯން އެއްވި މީހުންގެ ތެރެއިން ހައްޔަރުކުރި މީހުންނެވެ. އެ ގޮޅިކުރިމަތިން ހުރަސްކޮށް ފުލުހުން ގެންދަން ފެށުމުން ގޮޅީގައި ތިބި މީހުން އަހަރެންނަށް ގޮވާ ހައްޔަރުކުރީ ކީއްވެތޯ އަހަން ފެށިއެވެ. ދެން އެރޭ ހޭދަކުރީ އަތޮޅުވެހި ބިދޭސީންގެ ގޮޅީގައެވެ. ފެންވެރުމަށް ފަހު ކުނާ ގަނޑެއް އަޅައި ނިދަން އޮށޯތީމެވެ. މިއީ ނުސާފު އަދި ނުބައި ވަސްދުވާ ގޮޅިއެކެވެ. ހިސާބަކަށް ނިދިފައި ހެނދުނު ހޭލެވުނީ ޖަލު ގާޑަކު ގޮވީމައެވެ. ދެރަވެފައި ހުރި ކަހަލަ ގޮތަކަށް މި ގާޑު ގޮޅީގެ ދޮރުކައިރިން ބޭރުގައި ހުރެ ވާހަކަ ދައްކަން ފެށިއެވެ. އަދި މި އައީ ނޫހުގައި “ލޫކަސް” ހައްޔަރުކޮށްފަ އޮތް ވާހަކަ އޮތީމައޭ ބުންޏެވެ. ކުރާނީ ކީއްހޭ މިއީ އަނިޔާވެރި ސަރުކާރެކޭ އަހަރުމެން ވެސް މި ސަރުކާރު ނިމުމަށް އެދެމޭ ބޭނުންވަނީ ކޮން ކަމެއްހޭ ގާޑު އެހިއެވެ. މި ގޮޅީގައި ހުސް ބިދޭސީން ތިބުމުން ޖެހިގެން ހުރި ގޮޅިއަށް ބަދަލުކޮށް ދިނުމަށް އެދުމުން އެ ގާޑު އަހަރެން ޖެހިގެން ހުރި ގޮޅިއަށް ބަދަލުކޮށްދިނެވެ.

ހެނދުނުގެ ނާސްތާ ކުރީ ހުކުރު ދުވަހު ދުޢާކޮށްގެނާއި އަދި ހަވީރުގެ ސައިގައި ބައިވެރިވެގެން ބަންދުކޮށްފައިވާ މީހުންނާ އެކުގައެވެ. މީގެ ތެރޭގައި މަގުމަތީ ހަރަކާތްތަކުން އާންމުކޮށް ފެންނަ އަހަރެންގެ އެކުވެރިން ތިއްބެވެ. އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްގެ ބައްޕަ ވެސް މި ހައްޔަރީންގެ ތެރޭގައި ބަންދުކޮށްފައި ހުއްޓެވެ. މި ދުވަހުގެ މެންދުރު އަހަރުމެން އެންމެން މުއްދަތު ޖެހުމަށް ޖިނާއީ ކޯޓަށް ގެންދިޔައެވެ. އަހަރެން ހާޒިރުކުރީ ނާއިންސާފުން ހުކުމްތައް ކުރާތީ އެ ޤާޒީއަކަށް އަހަރެން ޓްވިޓަރގައި ވަރަށް ބޮޑަށް ފާޑުކިޔާ ގާޒީއެއްގެ ކުރިމައްޗަށްށެވެ. “ޝަމްއޫން ޖަލީލް” ހޭ އަހާލުމަށް ފަހު ގާޒީ އިއްވީ 15 ދުވަހަށް ބަންދުކުރުމަށެވެ. މި ދުވަހު އަހްމަދު މަހްލޫފް ގެ ބައްޕަ ޝަރުތުތަކަކާ އެކު ދޫކޮށްލިއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވަކި މުއްދަތަކަށް އިސްލާމީ މަރުކަޒަށް ހުކުރަށް ނުދިއުމަށް އަންގާފައިވެއެވެ.

ހުރުމަތާއެކު އިންނަވާފައި ހިތްތަކުގެ މޮޅު ތަޚުތުގައި

ބުރުއަޅާ ދިޔަ ސަބަބަކީ އޭނާ އެކުޅަ އަނިޔާތަކޭ

ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި

ޚާލިގުލް ކައުނައިނި ވާކަން ނޭނގެނީތަ، އަޖައިބެކޭ!

މި ދުވަހު މުއްދަތު ޖެހުމަށްފަހު ގެންދިޔައީ އަތޮޅުވެއްސަށެވެ. އަދި އެރޭ އަތޮޅުވެހީގައި ބެހެއްޓުމަށް ފަހު ހެނދުނު ދޫނިދޫއަށް ގެންދިޔައެވެ. ދޫނިދޫއަށް ގެންދިއުމުން ފުލުހުންގެ ކިބައިން އަހަރެން އެދުނީ އެންމެ އެދުމަކަށެވެ. ބަލި ހާލަތު ހުރި ގޮތުން ކުޑަ ގޮޅިއަކަށް ލައިފި ނަމަ ސިއްހަތަށް ނުރައްކާވެދާނެތީ، ތަނަވަސް ގޮޅިއަކަށް ލުމަށް އެދުނީމެވެ. ގިނަ ރޭރޭ ނިދެނީ ވަރަށް އުނދަގުލުންނެވެ. ސައިނަސްގެ އުނދަގޫ އިންތިހާއަށް ކުރިމަތިވެއެވެ. ނޭފަތް ބެދި ނޭވާލާން އުނދަގޫވެ ގިނަ ރޭރޭ ހޭލާ ހުންނަން ޖެހެއެވެ. ފުލުހުން ހައްޔަރުކުރި އިރުވެސް އަތުގައި “ކޯރާޑި ތެޔޮ ފުޅި”އެއް އޮންނާނެއެވެ. އަބަދުވެސް މި ސިއްހީ އުނދަގުލުގެ ފަރުވާއަކީ އެ ތެލެވެ. ނަމަވެސް އެ ތެޔޮފުޅިވެސް ހިމެނުނީ ހައްޔަރުކުރެވުނު ތަކެތީގެތެރޭގައެވެ.

ދޫނިދޫއަށް ގެންދެވުނު ރޭ ފުލުހަކު ގޮޅިކައިރިއަށް އައިސް ހާލު އަހާ ވަރަށް ބޮޑަށް ހިތްވަރުދީ އަދި އެރޭ ހަރުގޭގައި އޮންނަ އެމް.ޑީ.ޕީގެ ޖަލްސާގައި ކިޔުމަށް އެއްވެސް މެސެޖެއް ދޭން ބޭނުންތޯ އެހިއެވެ. އަހަރެން ރަނގަޅުކަމަށާއި އަދި އެންމެން ވެސް ހިތްވަރާއި އެކު މި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްރުމަށް ބުނެދިނުމަށް ފުލުސް ކުއްޖާ ކައިރީ ބުނީމެވެ. އަހަރެންގެ ފަރާތުން އެރޭ ހަރުގޭގައި އެ މެސެޖް ކިއެވެ. މިހުރިހާ ކަމަކާއި އެކު ވެރިކަން ބަދަލުވާނެ ކަމުގެ އުއްމީދު މި ދުވަސްތަކުގައި އާވެއާވެ ހުރެއެވެ.

އޮތުން މޮޅު ކޮންމެ ވެރިކަމަކަށް މަތިން ދެއްވާނެ ގަދަބާރެއް

ކަތުން އުރެދިއްޖެ ނަމަ އެކަމަށް ރަތުން ދައްކާނެ އިންޒާރެއް

އަހަރެންގެ އެދުމުގެ މަތިން ފުލުހުން އަހަރެން ބެހެއްޓީ ތަނަވެސް ބޮޑު ގޮޅިއެއްގައެވެ. މި ގޮޅިތަކުގައި އެކި ކުށްތަކުގެ ތަހުގީގަށް ބަންދުކުރެވިފައިވާ ގިނަ ބަޔަކު ތިއްބެވެ. މަސްތުވާ ތަކެތީގެ މައްސަލަތަކާއި ވަޅި ޖެހުމާއި މީހުންމެރުމާއި އަދި މިނޫން ވެސް އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހުން ތިއްބެވެ. ކުށްތަކުން ބާވަތުން ޖަލުތަކުގައި ޤައިދީން ތަރުތީބު ކުރެވުން މުހިންމުކަމުގައި ދެކެމެވެ. މަސްތުވާތަކެއްޗާއި ކުށުގެ ވެއްޓަށް ޒުވާންކަން ގޮސްފައިވާ އެކި ޒުވާނުންނާއި މި ގޮޅިތަކުން ބައްދަލުވިއެވެ. ދޫނިދޫގައި ހޭދަކުރަން ޖެހުނު ދުވަސްތަކުން އެކި ޤައިދީންނާ ދެކުވުނު ވާހަކައިން އެންމެ ހަނދާން ހުންނަ އެއް ވާހަކައަކީ ބަންދުކުރެވިފައިވާ ޒުވާނަކު ބުނި މި ޖުމްލައެވެ.

“އަހަރެމެން މުޖްތަމައަށް ނުރައްކަލަކަށް ވީއެއްނޫނެވެ. މުޖްތަމައު އަހަރެމެންނަށް ނުރައްކަލަކަށް ވީއެވެ”

އެ ޒުވާނާ އެހެން ބުނީ ކޮންމެ ފަހަރަކުވެސް ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން މުއްދަތު ޖަހަނީ “މުޖްތަމައަށް ނުރައްކަލަކަށް” ވާތީ ކަމަށް ގާޒީ ނިންމާތީއެވެ. އިޖްތިމާއީ އެކި މައްސަލަތަކާއި ކުށުގެ ވެއްޓަކަށް މުޖްތަމައު ބަދަލުކޮށްލީ ޒުވާނުންގެ ކުށަކުން ނޫނެވެ. ސަރުކާރުތަކުގެ އިހުމާލުންނެވެ. އިދާރާތަކާއި މުއައްސަސާތަކުގެ ވެރީންގެ ދޯހަޅިކަމުންނެވެ. ސިޔާސަތު ރާވާ ހިންގާ މީހުންގެ ނާގާބިލްކަމުންނެވެ. ސިޔާސަތުތައް ފެއިލްވީ ވެރިންގެ ކުށުންނެވެ. މި ހުރިހާ ސަބަބަކާހުރެ އުފެދޭ ކުށުގެ ވެށީގެ ޝިކާރައަކަށްވެ ޖަލުގައި ބަންދުވެގެން ހަޔާތުގެ ޒުވާން ދުވަސްވަރު ގެއްލިނިމިދަނީއެވެ. ކުށަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫނެވެ. ނަމަވެސް، ސިޔާސަތާއި ވެރިންގެ އިހުމާލާމެދު ވިސްނާލުމަކީ ވެސް އޮތްކަމެކެވެ.

އިސްތިއުނާފުގެ އަޑު އެހުންތައް އޮންނަ ބައެއް ދުވަސްދުވަހު ހައިކޯޓުން ނިމި ގެންނަނީ އަތޮޅުވެއްސަށެވެ. ދޫނިދޫއަށް ދެވޭގޮތް ވަނީ ހެނދުނުއެވެ. މިގޮތަށް އަތޮޅުވެހީގައި ހޭދަކުރެވުނު އެއްރޭ ކަރަޕްޝަން ހުއްޓުވަން ވާހަކަ ދައްކަނީ އެވަގުތު ގޮޅީގައި ތިބި ބައެއް ޒުވާނުންއެހިއެވެ . ތިމަންމެނަށް ޖަލުން ނިކުމެވެން އޮތް ހަމަ އެކަނި މަގަކީ ކަރަޕްޝަންކަމުގައި ބުނެ ކަރަޕްޝަން ހުއްޓުވަން ނޫޅެން ބުންޏެވެ. ނޭނގި ނަމަވެސް މަސައްކަތްކުރެވިފައިވަނީ ބޮޑެތި ކުށްތައް ކުރެވިފައިތިބި ޒުވާނުންގެ ހަމަ އެކަނި ޖަލުން ނިކުތުމުގެ އުއްމީދުގައި ކަމަށް ހިތަށް އެރިއެވެ. ރާއްޖޭގެ ކަންކަން އަބަދުވެސް އޮންނާނީ މިފަދަ ގޮތަކަށް ކަމަށާއި ކަންކަން ރަނގަޅުކުރަން އުޅުމަކީ ބޭކާރުކަމެއް ކަމުގައި ދެން ޒުވާނުން ވެސް ބުނަމުން ދިޔައެވެ. މި ވާހަކަތަކަކީ އަހަރެން އެހާ ގަޔާވާ ވާހަކަތަކަށް ނުވިއެވެ. މި ފަދަ އެތައް ވާހަކަތަކާއި އެކު އޮގަސްޓް މަސް ދޫނިދޫއިން އަތޮޅުވެހިން ބަންދުގައި ހޭދަކުރަމުން ދިޔައީމެވެ.

ކޮންމެ ފަހަރަކު ވެސް މުއްދަތު ހަމަވުމުން ކޯޓަށް ގެންދާއިރަށް 15 ދުވަސް ޖަހަމުން ދިޔައެވެ. ބަލި ހާލަތުގެ ވާހަކައާއި ގެއަށް ބަދަލުކޮށްދިނުމަށް ކޮންމެ ފަހަރަކު ވެސް ވަކީލު، ގާޒީ ކައިރީ އާދޭސްކުރެއެވެ. ނަމަވެސް މި ގާޒީންނާ ވާހަކަ ދެއްކުމަކީ ކޯޓުގެ ހަތަރު ފާރާއި ގޮނޑި މޭޒާއި ވާހަކަ ދެއްކުން ފަދަ ކަމެކެވެ. ގާޒީ މުއްދަތު ޖަހަމުން ދިޔައީ އަދި އެހެން ފަރާތެއްގެ ނުފޫޒުންކަން އެނގެއެވެ. އެ ފަރާތެއް ބޭނުންވީ އަހަރެން ގިނަ ދުވަހު ބަންދުގައި ބަހައްޓާށެވެ. ކޯޓުން ނިކުމެ އެނބުރި ދޫނިދޫއަށް ދާން ޖެހެނީ އިންސާފު ލިބޭނީ މި ނޫން ދައުރެއްގައި ކަމަށް ކުރެވޭ ފަނޑު އުއްމީދާ އެކުގައެވެ. ދޫނިދޫގައި ގިނަ ރޭރޭ ނިދެނީ ގޮޅިތައް ހިމޭންވެ ދޫނިދޫ ފުއްޓަރަށް ބިންދާ ރާޅުގެ ހިތްގައިމު އަޑާއި އެކުއެވެ.

ކޮންމެ ފަހަރަކު ވެސް މުއްދަތު ޖަހައިގެން ދޫނިދޫއަށް ގެންދިއުމުން އެ ރަށުގައި ތިބޭ ފުލުސް ކުދިން ވެސް އަނެއްކާވެސް ގެނައީ ހޭ އަހައި ވާހަކަ ދައްކާހަދައެވެ. އަދި ހިތްވަރު ލިބޭ ވާހަކަތައް ވެސް ބައެއް ފަހަރު ދައްކައެވެ. އަހަރެން ބަންދުގައި ހުންނަން ނުޖެހޭނެ ކަމަށާއި އަދި އެއީ ފުލުހުން ކުރާ ކަމެއް ނޫން ކަމަށާއި ކޯޓުތަކާއި ސަރުކާރުން ކުރާ ކަމެއްކަމުގައި ބުނެއެވެ. ބައެއް ދުވަސް ދުވަހު ކޯޓަށް ހާޒިރުކުރާ ފުލުސް ވެހިކަލްގައިވެސް ބައެއް ފުލުހުން ހިތްވަރު ލިބޭ މި ބާވަތުގެ ވާހަކަތައް ދައްކައެވެ. ހިތްވަރުކުރުމަށާއި އަހަރުމެން ބޭނުންވެގެން ކޯޓަށް ގެންނަނީ ނޫން ކަމަށާއި ކުރާނީ ކީއްހޭ ވެސް ބުނެއެވެ. ދޫނިދޫގައި ހޭދަކުރަން ޖެހުނު ދުވަސްތަކުގައި އެންމެ ބޮޑަށް ބޭނުންވީ ލިޔަން ފަށައި ނުނިމި އޮތް ވާހަކަފޮތެއް ނިންމާށެވެ. ފޮތުގެ ކޮޕީ އަކާއި ލިޔާނެ ގަލަން ގެނެސްދިނުމަށް ވަކީލު އެދުމުން ވެސް އެކަން ހަމައެއް ނުޖެހުނެވެ. ނަމަވެސް ފުލުސް ކުއްޖަކު އެއްރޭ ގަލަމެއް ގެނެސް ދިނެވެ. ގަލަން ފޮރުވައިގެން ގެންގުޅެން ފުލުސްކުއްޖާ ބުންޏެވެ. އަހަރެން އެންމެ ބޭނުންވަނީ ގަލަމެއްކަން އޭނާއަށް ވެސް އެނގުނީއެވެ. ގަލަން ލިބުމުން ގޮޅިތެރޭ ހުރި ބައެއް ފޮތްފޮތުގެ ހުސް ގަނޑުތަކުގައާއި އަދި ކޯޓުއަމުރުތަކުގެ ފަހަތުގައި ހިތަށް އަންނަ ބައެއް ތަކެއްޗާއި ދުވަހުގެ ބައެއް ކަންކަން ނޯޓްކުރަމުން ދިޔައީމެވެ.

ބަންދުގައި ތިބޭ މީހުންނަށް ކިޔާނެ ފޮތް ލިބުމަކީ ވެސް އުނދަގޫ ކަމަކެވެ. ދިވެހި އެކި ވާހަކައާއި ތާރީޚް ޅެން ފޮތް ވެސް ވެއްދުމުގެ ހުއްދަ ނޯވެއެވެ. ހަމަ އެކަނި ކިޔަން އެތެރެކުރެވެނީ ދީނީ ބައެއް ފޮތްތަކެވެ. ކޮންމެ ހަފްތާއަކު ވެސް އާއިލާގެ ފަރާތުން ފޮނުވާ ދީނީ އެކި އެކި ފޮތްފޮތް ލިބެއެވެ. މި ގޮތަށް ގޮޅީގައި ކިޔަން ލިބުނު ފޮތްތަކުގެ ތެރެއިން އެންމެ ހިތްވަރު ލިބުނު އެއް ފޮތަކަށް ވީ އާއިލާއިން ފޮނުވި އިމާމް އަހްމަދު ބިން ހަންބަލް އާއި ބެހޭ ފޮތެކެވެ. އައްބާސީ ހަލީފާ އަލް މައުމޫންގެ ދުވަސްވަރު އިމާމް އަހްމަދު ޖަލަށް ލައި އަނިޔާތައް ދެވުނެވެ. ދޫނިދޫގައި ހޭދަކުރެވުނު ދުވަސްތަކުގައި އެންމެ ބޮޑު ހަމަޖެހުމެއް އަދި މާޔޫސްވުމުން ދުރުކޮށްދިނީ ގަޑިން ގަޑިއަށް ނަމާދުކުރުމެވެ. އަދި ކީރިތި ޤުރުއާނުގެ ތަރުޖަމާއި ކީރިތި ރަސޫލާގެ ހަދީޘް ފޮތްތަކުންނެވެ. ދޫނިދޫއަށް ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވެ އިމާމް މާލިކްގެ މުވައްތާ އާއިލާއިން ފޮނުވިއެވެ. އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ނޯޓެއް ލިޔެފައި ޝަރަހައާއި އެކު ލިޔެފައި އޮތް ޝަހީހް ބުހާރީގެ ވަރަށް ބޯ ފޮތެއް ވެސް ލިބުނެވެ. ރޭގަނޑުގެ ގިނަ ވަގުތުތައް ޝަހީހް ބުހާރީ އާއި މުވައްތާ ކިޔުމުގައި ހޭދަކުރީމެވެ. އަނިޔާވެރިކަމާއި އަނިޔާ ދިނުން ދީނުގައި މަނާކުރެވިފައިވާ މިންވަރާއި ބެހޭ ހަދީޘްތައް ތަކުރާރުކޮށް ކިޔުނެވެ. އަދި ދެރަވާ ވަރަށް ގިނަ ވަގުތުތަކުގައި އީވާ އަބްދުﷲ ލިޔެފައިވާ ނޯޓް ކިޔުނެވެ. އެ ނޯޓަކީ ވަރަށް ބޮޑު ހިތްވަރަކަށް ވިއެވެ. އެކި ވަކީލުން ބައްދަލުކުރަން އަންނަ ދުވަސްތަކުގައި ރައީސް ނަޝީދުގެ ސަލާމް އާއި ހިތްވަރުގެ ބަސްތައް ލިބެއެވެ. އަދި އެކި އެކުވެރިން އަދި ޓްވިޓާރ ފޭސްބުކްގައި އަހަރެންގެ މިނިވަންކަމަށް ގޮވާލާ ކުރާ ކެމްޕއެިންގެ ވާހަކަ އިވުމުން ވަރަށް އުފާވިއެވެ.

ދޫނިދޫގައި ބަންދުގައި ހުރި 40 ދުވަހު ތަހުގީގަށް ސުވާލުކޮށްފައި ވަނީ އެންމެ ދެ ދުވަހުއެވެ. ބަންދުކުރިތާ ކުރީކޮޅު އެއް ދުވަހު ތަހުގީގު ކޮޓަރިއަށް ވެއްދުމަށްފަހު ދެއްކީ އަހަރެން ކޮށްފައިވާ އެކި ޓްވީޓް ތަކުގެ ފޮޓޯކޮޕީއެވެ. ރަނގަޅު ފޮތެއް ދެ ފޮތެއްގެ ބޯމިނަށް އަހަރެންކޮށްފައިވާ އެކި ޓްވީޓްތައް ފުލުހުން ޕްރިންޓްކޮށްފައި ދެއްކިއެވެ. އަދި އެވެނި މިވެނި ޓްވީޓެއް ކުރިންހޭ އެހިއެވެ. 3 ލައްކަ އެތައް ޓްވީޓެއް ކުރެވިފައި ވާނޭ ކުރެވުނުހާ ޓްވީޓެއް ހަނދާން ނެތޭ ބުނީމެވެ. 3 ލައްކަ ޓްވީޓް ކިޔައި ތަހުގީގު ކުރަންދެން އަހަރެންގެ ހަޔާތުން ބޮޑުބައެއް ހޭދަކުރަންޖެހޭނީ ހުކުމެއް ނެތި ޖަލުގައި ކަމަށް ހީވިއެވެ.

ދޫނިދޫގައި ބަންދުގައި ބެހެއްޓުމަށް ފަހު 40 ވަނަ އަށްވީ ދުވަހު ހައިކޯޓުން އަހަރެން ދޫކޮށްލިއެވެ. އެ ދުވަހަކީ އަލް ޖަޒީރާއިން “ދަ ސްޓީލިން ޕެރަޑައިސް” ދެއްކި ދުވަހެވެ. މި ދުވަހާއި ހަމައަށް ދޫނިދޫ ގޮޅިތަކުގައި ތިބި މީހުން އެންމެ އުންމީދު ކުރަމުން ދިޔައީ މި ޑޮކިއުމެންޓްރީ ދައްކާނެ ދުވަހަކަށެވެ. ސަރުކާރު ބަދަލުވުމާއި މި ޑޮކިއުމެންޓްރީ ދެއްކުމާއި ގުޅިފައިވާކަމަށް އޭރުގައި އެންމެންވެސް ތިބީ އުންމީދުކޮށްގެނެވެ. އަހަރެން ވަކީލާއި ބައްދަލުކޮށްފައި އަންނަ ކޮންމެ ފަހަރަކު ގޮޅިތަކުގެ މީހުން ޑޮކިއުމެންޓްރީ ދައްކައިފިތޯ އާއި މާލޭގެ ހަބަރުތައް އަހައެވެ. ބަންދުގެ ފަހު ދުވަސްތަކުގައި ދޫނިދޫ ޖަލުގެ އެކުވެރިއަކު ދުޢާއެއް ދަސްކޮށްދިނެވެ. ކޮންމެ ނަމާދެއްގެ ފަހުގައި އެ ދުޢާ ކުރުމަށް ބުންޏެވެ. އެ ޒުވާނާއަށް ވެސް މި ދުޢާ ދަސްވީ އަދި އެހެން ފަހަރަކު ޖަލަށްލާފައި ހުއްޓާ ޖަލުން ފެނުނު ގަނޑަކުންނެވެ. މި ދުޢާ ކުރަން ފެށުމާއި އެކު ބަންދުން މިނިވަން ވުމުގެ މަގުތައް ކޮށެމުން އަލިވަމުން ދާކަމުގެ އިހުސާސްކުރެވުނެވެ. މިކަމުން އަހަރެންނަށް ވަރަށް ބޮޑު ހައިރާންކަމެއް ވެސް ގެނުވިއެވެ.

މަގުތައް ކޮށެވި އާރާސްތުވެވިގެން އަންނަގޮތް ވީމާ

ތަޤްދީރުގައި ތިޔަހެން އަތުން ހިފެހެއްޓިދާނޭތޯ؟

ކަންތަކާ މެދުގައި މިހެން ހިނގަމުން އެދާ ވިސްނާލުމުން

އަންގަނީ ވެރިކަން އެއީ އެއްކައުފަރާތުގެ މިލްކެކޭ

ޔާއިލާހީ އުޑުތަކާ ބިންތަކުގެ ތިޔައީ މާލިކޭ

ތާއަބަދު ދެމިހުރުމަކީ އެކަކަށް އެހެންނެތް ސިފައެކޭ

ބަންދުން ދޫކޮށްލުމުން އޭގެ އަނެއް ދުވަހު ދިޔައީ ރަށަށެވެ. ޖެހިގެން އައި ދުވަހަކީ އީދު ދުވަހެވެ. އީދުގެ އުފާ ނިންމުމަށް ފަހު ދުވަސްތަކަކު ރަށާއި ބ. އަތޮޅުގެ އެކި ރަށްރަށުގައި އުޅުމަށް ފަހު މާލެއައީމެވެ. މާލެއަށް އާދެވުނު ދުވަސްވަރަކީ ފާފު އަތޮޅު ސައޫދީއަށް ވިއްކާލުމުގެ ވާހަކަތައް ފެންމަތިވެގެން އުޅޭ ދުވަސްވަރުކަމުން ސިޔާސީ ހަލަބޮލިކަން އިތުރުވެގެން ދިޔައެވެ. ދިވެހި ރާއްޖެއިން އަތޮޅެއް ބޭރު ބަޔަކަށް ވިއްކާލުމާއި ދެކޮޅަށް އޭރުގައި ހުއްޓެމެއް ނެތި ޓްވީޓްކުރަމުން ދިޔައީމެވެ. ޓްވިޓާރގައި އެކި ފަރާތްތަކުން ހިންގި #ސޭވްފާފު ކެމްޕެއިން އަށް ބޭރު ދުނިޔޭގެ ވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔައެވެ. ފަހުން އިވިގެން ދިޔަ ހަބަރަކީ ސައޫދީން ފާފު އަތޮޅު ގަތުމުގެ ކަންތައްތައް ހުއްޓާލި ހަބަރެވެ. މިކަމާއި އެކު ސަރުކާރުން މި ކެމްޕެއިންގައި އުޅުނު ފަރާތްތަކާއި ދިމާކުރަން ފެށިއެވެ. ތައްޔިބް ޝަހީމް ހައްޔަރުކޮށް ފޯނު އަތުލެވެނެވެ. އަދި އަހަރެންވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލެވުނެވެ. މި ދުވަހު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރެވުނީ “މައުލޫމާތު ދެނީ ކޮން ބައެއް”ތޯއެވެ. ޖަވާބުގައި ބޭރުގެ އެކި ނޫސްތަކާއި ރާއްޖޭގެ ނޫސްތަކާއި މީހުން ދައްކާ އެކި ވާހަކަތަކުން ޓްވީޓްކުރަނީ ކަމުގައި ބުނީމެވެ. އެކި ތުހުމަތުތައް ކޮށް ފޯނު އަތުލުމަށް ފަހު ތަހުގީގު އިތުރަށް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. ފޯނު އަތުލުމަށް ފަހު އޭގެ ފަހަށް އައި ދުވަސްތަކުގައި އަނެއްކާ ވެސް އަހަރެން ހައްޔަރު ކުރުމަށް ކޯޓު އަމުރު ހޯދަން އުޅޭ ހަބަރު ލިބުނެވެ. ހެޔޮއެދޭ އެކި އެކި ފަރާތްތަކުން ގުޅުމަށް ފަހު ރާއްޖެ ދޫކޮށް ދިޔުމަށް އެދެމުން ދިޔައެވެ. އޭރު ރާއްޖެއިން ބޭރަށް ނުދާތާ 7 އަހަރު ވެއްޖެއެވެ. ބޮޑެތި ގައުމުތަކާއި ރަށްތަކުގައި އުޅުމަކީ އަހަރެންނަށް ފަސޭހަކަމެއް ނޫނެވެ. އަދި އަމުދުން މަތިން ދަތުރުކުރުމަކީ އުނދަގޫކަމެކެވެ. މި ހުރިހާ ސަބަބަކާއި އެކު ރާއްޖެ ދޫކޮށް ނުދާން ހުރި ނަމަވެސް،

މިތާނގެ ވަޔާ މިތާނގެ ފެނާ

މިތާނގެ ކަނޑާ އެ ކަނޑުގެ އޮޔާ

ގަތާއުދަރެސް މި ރުކުގެ ފަނާ

ހިތާ މިއަޅާގެ ގުޅިފައިވާ ގައުމުން ބޭރަށް، އަވައްޓެރި ސިލޯނަށް ދާން ޖެހުނީއެވެ. އެއާޕޯރޓަށް ދެވުނީ ވަރަށް ލަސްވިފަހުންނެވެ. ޗެކިން ނިންމާ އަވަހަށް ފްލައިޓަށް އެރުމަށް ރަންވޭ ވެހިކަލަށް އަރައި އިށީންތަނުން ސިފައިންގެ މީހެއް އެ ވެހިކަލަށް އެރިއެވެ. އަދި “ލޫކަސް” އޭ ކިޔާފައި އެ ސިފައިންގެ މީހާ ވެހިކަލަށް އަރާ ގޮވާލުމުން އަހަރެން ހީކުރީ ފުރިޔަ ނުދީ ހިފަހައްޓަން އެރި މީހެއް ކަމަށެވެ. ނަމަވެސް އެއްކައިރިއަކަށް ގޮސް ވާހަކަދައްކަމުން ތިކުރާ މަސައްކަަތަށް ސާބަހޭ އަހަރުމެން ވެސް މިތބީ އެކީ އޭ އެންމެންނަކީ ޔުނިފޯރމްގައި ތިއްބަސް ސަރުކާރަށް ތާއީދުކުރާ ބައެއް ނޫންކަމަށް ބުނަމުން އަމާން ދަތުރަކަށް އެދެމުން އޭނާ ވެހިކަލް އިން ފޭބިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ފްލައިޓް ހުޅުލޭ ފަސްގަނޑުން ނައްޓާލީމައެވެ. ގައުމެއްގެ ރައްޔިތަކަށް ކުރެވޭނެ އެންމެ ހިތާމަވެރި އެއް އިހުސާސަކީ އަމިއްލަ ވަޒަނުގައި އަމާންކަން ނެތި ދުރު ރަށްރަށަށް އަރުވާލެވިފައި ތިބުމެވެ. މިއީ ހިތަށް ފަސޭހަ ނޫން ދުވަސްތަކެކެވެ. ހިތަށް ދަތިކުރާ ގައުމަށް ކަޅުދުވަސްތަކެވެ. ފަޅު އަނދިރި ވީރާނާ ދުވަސްތަކެކެވެ. މި ނޫން ދައުރެއް ދެކެން ބޭނުންމެވެ.

ހަނދާނުގެ ފަތްފުށުން މީ ފެންނަ ތާރީޚީ ބަޔާނެއްތާ!

އަނދައިއަޅިޔަށްވެ މިނިވަންކަން މި ދީބުގަ ދިޔަ ޒަމާނެއްތާ!

ޙިޔާލުގެ އަސް ނިކަން ތަނަވަސްވި މައިދާނަށް އަލުންނެރެފައި،

ސިޔާޙަތަކަށް ފެށީމާ ފެންނަނީ ރޮވިދާނެ މަންޒަރުތާ!

6 ކޮމެންޓު ”މި ދައުރު ނުފެނުނު ނަމަ“

    ޜައޫފު

    އަހަރެން ވަރަށްވާހަކަ ދައްކަންބޭނުމެވެ. ނަމަވެސް….

    ާއހ

    މުޅި އާޓިކަލް އެކީ ކިޔައިފިން. ތިޔަކުރައްވާ މަސައްކަތައް ހިއްވަރާ ސާބަސް ރައްދުކުރަން.

    ފައިނު ފުއްގުޑި

    ލޫކަސް އަހަރެން ދަންނަނީ ވައްޑޭގެ ފަރާތުން.ތީ އަހަރެން އަބަދުވެސް ވަރައް ތާއީދުކުރާ ވަރައް ލޯބިވާ ކުއްޖެއް.އުންމީދު ކުރަނީ އަވަސް މުސްތަގްބަލެއްގައި ވެރިކަންވެއްޓި ގައުމައް އެނބުރި އަންނާނެ ކަމައް.ހިއްވަރު ކުރޭ ދޫންޏާ

    ސަނީޒު

    ލޫކަސް ގެ ހަޔާތުން ތިޔަކުރެއްވި ދަތުރުގަ ދިމާވި ކަންތައްތަކަކީ މާދަމާ އެއިން ހިތްވަރު ލިބޭނެ ކަންތައް
    އިންސާ ﷲ މި ގައުމު އަމާން ބަދަރެއް ހިފާނެ.!

    ސީކަސް

    އެރަށާއި މިރަށާއި ޖެހިގެންއޮތް ރަށާއި ދުރުގައިއޮތް ރަށާއި ކައިރީގައިއޮތް ރަށާއި ތިމާގެ ޕާޓީ ކުދީންނަށް ބަހާ ހުސްކުރިއިރު ލޫކަސްއޮތީ ފުންނިންޖަކުން (ހައިބަނޭޝަން) ނިދާފަތޯއެވެ؟ ޕްރީޕެއިޑް ޝިއުނާއާއި ދެންވެސް ތިބިއްޔާ ތިބި ބަޔަކަށް ރަށްތައް ބަހާ ހުސްކުރިކަން ހަމަ ނޭގެނީތޯއެވެ؟ އެވާހަކަ ނުދައްކާ ތާރީޚު އޮޅުވާލަނީތޯއެވެ؟ ފަނޑިޔާރަކު ވަގަށް ނަގާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުން އެއީ މި ދިވެހި ތާރީޚުގައިވެސް ޑިމޮކްރެސީގެ ދަޅަ ދައްކައިގެން އައި މާ ޑިމޮކްރެޓިކް ވެރިޔަކު ކުރި އެންމެ ލަދު ޙަޔާތް ކުޑަ ޢަމަލުކަން ބަޔާންކުރަން އަމިއްލަ ޒަމީރު ޤަބޫލުނުކުރީ ތިމާ އީމާންވާ ޕާޓީގެ މީހާއަށްވީމާ ތޯއެވެ. މިހެންގޮސް މިކަހަލަ ވާހަކަ އިރު އޮއްސެންދެންވެސް ދެއްކި ދާނެއެވެ.

    އެކުވެރިޔާ

    ލޫކް ވަރަށް ހިއްވަރުގަދަ🙂 ހިތުގަވާ ޝުއޫރުތައް ފާޅުގައި ބުނަން ކެރުމަކީ ވަރަށް ބޮދުކަމެއް. އަހަރެން ލޫކް އަށް ކުރިޔަށް ވަރަށް އުފާ ވެރި ދުވަސްތަކަށް އެދެެން.

Leave a Reply to ސަނީޒު ކެންސަލް ރިޕްލައި