މަދަހަ: އިތުރު ރަސޫލާ

އެ މަދަހައެއްގެ އަޑު އިވުމުން ހިތަށް ނުހަނު ހަމަޖެހުމާއި އަދި ކުޑައިރުގެ ހަނދާންތައް ގެނުވާ އެއް މަދަހަ އަކީ “އިތުރު ރަސޫލާ” މި މަދަހައެވެ. އަހަރެމެންގެ ޅަފުރައިގެ ދުވަސްތަކުގައި، 90ގެ އަހަރުތަކުގައި ހުކުރު ނަމާދަށް ފަހު ދިވެހި ރާއްޖޭގެ އަޑުން ފޮނުވަމުން ދިޔަ “މަދަހަ ޘަނާއާއި ދުޢާ” މަދަހަ ރިކުއެސްޓް ޕްރޮގްރާމްގައި އެންމެ ގިނައިން ޖަހާ އެއް މަދަހައަކީ ވެސް މިއެވެ. އެއިރު ރޭޑިއޯ އިން  އަބަދުވެސް އިވޭ މި މަދަހަ ޓީވީ އާއްމުވެ އަދި ރެޑިއޯ އަޑުއެހުން މަދުވުމާއި ދިވެހި ރާއްޖޭގެ އަޑުން މި މަދަހަ ފޮނުވުން ވެސް މަދުވެފައި ވަނިކޮށް އިތުރަށް މި މަދަހައިގެ ތެރެއަށް ވަދެވުނީ 2013 ވަނަ އަހަރު ބައްޕަ ގެނެސްދެއްވި މުސްކުޅި ދިވެހި މަދަހަ ސީޑީއަކުންނެވެ. ސީޑީގައި ހުރި މަދަހަ ތައް އަޑު އަހަމުން ދިޔަ އިރު އެންމެ ބޮޑަށް ހިތަށް އަސަރެއް ކުރުވީ ވެސް ހަމަ ޖެހުމެއް ގެނެސްދިނީ ވެސް މި މަދަހައިންނެވެ. އަދި ސީޑީ ހަލާކުވެ ނުވަތަ މަދަހަ އަތުން ގެއްލިދާނެތީ އަޅުގަނޑުގެ ޔޫޓިއުބް ޗެެނަލްއަށް ލީމެވެ. މިއަދާއި ހަމައަށް ޔޫޓިއުބް ޗެނަލް އިން މި މަދަހަ 75،100 އަށް ވުރެ ގިނަ މީހުން އަޑު އަހާފައިވެއެވެ.

މަދަހަ އަޑު އެއްސެވުމަށް

އަންހެން އަޑުން ކިޔާފައިވާ މަދަހަ

މިހާރު ނޫހުގައިވާ ލިޔުން ކިޔުއްވުމަށް

މި މަދަހާއި ބެހޭ އިތުރު މައުލޫމާތެއް ނޭނގި ހުއްޓައި އުފާވެރިކަމެއް ގެނެސްދިނީ މިހާރު ނޫހުގައި 2017 ވަނަ އަހަރު ޖަހާފައިވާ ލިޔުމަކުންނެވެ. މި މަދަހަ ކިޔާފައިވާ ކ. ކާށިދޫ މުޝްތަރީ ކްލަބް އީސާ މޫސާ އާއި އިސްމާލު މޫސާގެ އިންޓަރވިއު އެއް ގެނެސްދިނުމުންނެވެ. އިސްމާއިލް މޫސާއާއި އީސާ މޫސާ އަކީ ކ. ކާށިދޫ ފިނިވާގޭ ކަތީބު ކަލޭފާނުގެ ދެ ދަރިންނެވެ. މުޝްތަރީ ކްލަބާއި ބެހޭގޮތުން މި އިންޓަވިއުގައި އިސްމާއިލް މޫސާ ވިދާޅުވެފައިވަނީ:

“އެއީ މުޅި ރާއްޖެ އަށް މަޝްހޫރު ކްލަބެއް. އަޅުގަނޑުމެންގެ ކްލަބްގެ އޮންނާނެ މައިގަނޑު ތިން ކަމެއް. އެއީ މިޔުޒިކް ކުޅުމާއި މަދަހަ ކިޔުމާއި މާލޫދު ކިޔުން. އެއީ މި ގޭ ތެރޭގައި ހިންގި މި އާއިލާގެ ކްލަބެއް. މިހާރު ވެސް އެ ކްލަބް އެބަ ހިނގާ. މިހާރު އެ ކްލަބް ހިންގުމުގައި އުޅެނީ އަޅުގަނޑުމެންގެ ދަރިންތައް”

މަދަހަ ހެދުމާއި އަދި މަދަހަ ކިޔަން ފެށުނު ގޮތާއި ބެހޭ ގޮތުން އިސްމާއިލް މޫސާ ވެފައިވަނީ:

“އަޅުގަނޑުމެންގެ އެންމެ ދޮށީ ދެ ބޭބެ، ރިޒާބެ (އަލީ ރިޒާ) އާއި ޒާހިރުބެ (ހަސަން ޒާހިރު)، އަޅުގަނޑުމެން ކުޑައިރު ވެސް މައުލޫދު ގުރޫޕެއް ގެންގުޅޭނެ މި ގޭގައި. އޭގައި އަޅުގަނޑުމެން ބައިވެރިވެގެން އެންމެ ފުރަތަމަ މައުލޫދު ކިޔަން ގޭގެ އަށް ފެށީ. އެހެން އުޅެނިކޮށް ރިޒާބެ އެންމެ ފުރަތަމަ ދިވެހި ބަހުން މަދަހަ ހައްދަވަން ފެއްޓެވީ. މަރްހޫމް ޝައިޚް މުހައްމަދު ޖަމީލް ދީދީގެ ލަފާފުޅާ އެއްކޮށް ރިޒާބެ ފެއްޓެވި ކަމެއް އެއީ. ދެން މަދަހަ ހަދާފައި އަޅުގަނޑުމެން ދެބެން ލައްވައި މަދަހަ ކިޔުއްވީ. ބޭބެ ބޭނުމެއް ނުވި އެހެން މީހަކު ލައްވާ ކިޔުއްވާކަށް”

އިސްމާއިލް މޫސާ، ފޮޓޯ: މިހާރު

މަދަހަ ޅެން: އިތުރު ރަސޫލާ

އިތުރު ރަސޫލާ ފާޅުވި ޠާހާ އެންމެ ވިދާ އަލި ނޫރު މާތް

ފެންނަނީ އަލިވި ޒަމާނޭ ދުނިޔޭން ސާފު ނިޝާން

ޢާލަމަށް އެންމެ މާތް ރަޙުމަތުގެ ހިޔާ ދެއްވެވީ

ސާހިބާ ފާޅުވީ ދުނިޔެ އުޖާލާ ވީ އަލިން

ހާއުފާ ވެރިވެ ހިތެއްގައި ލިބިދޭ ރީތި އަމާން

~

ޠުލްމުގައި ވީ އަޚުން އޭގެ އަސަރު ކުރުވާލުމުން

ގުލްޝަނުން ފަރިވަމުން ރީތި ފޮޅޭހާ މާމަލުން

އަޝްރުގައި އުފެދި ހަޔާތުން ހިތްތައް ފަރިވި ޒުވާން

~

މަންޒިލޭ މީ އެދޭ އެންމެ މަތީ ފަޚްރެއް ލިބޭ

މަންބަޢޭ މީ އެނގޭ ނިޢުމަތުގެ ސިރާތުން ދެވޭ

އެންމެ މާތް ޝަރަފުން ހިމެނޭ ފާޅުވެގެންވި ބަޔާން

~

އޭ (ނަސީބް) އޭ ހަބީބް ކޮންމެ ހިތެއްގައި ރަމްޒުވީ

ރޭދުވާ ދައުރުވީ އަލިވެ އުޖާލާ ނޫރަކީ

އާވަނީ ވަކިވެ މި އުއްމަތް އަބަދު ތިބާގެ ހަނދާން

~

ކުރިއަރާތީ ނިކަން ދެއްވި އަަޤީދާ ޢާލަމުން

ދުރުވެގެން ދިޔަ މަގުން (  ) ފިލައިގެން ހިތްތަކުން

ޙުރުމަތުން އުފެދި މި އުއްމަތް އަބަދު ވަނީ އިޙްސާން

~

ދާއިމީ ނިޢުމަތާ ޖަންނަތުގެ ސަޒާ ޙާއްޞަވީ

ޢާފިޔާ ދެއްވަވާ ކޮންމެ ހިނދެއްގައި ލިއްނަބީ

ޖާހުގައި ލެއްވި އިލާހީ އިތުރުވެ ލެއްވި ނިޝާން

  • (  ) އެވަނީ ސާފު ނުވާ ބަސްތަކެވެ. މަދަހަ ލިޔެފައި މި ވަނީ މަދަހައިގެ ކުރީގެ ދެ އރެކޯރޑިންގ އަޑު އަޑުއަހައިގެނެވެ.

1 ކޮމެންޓު ”މަދަހަ: އިތުރު ރަސޫލާ“