އިހުމާލުކުރެވުނު އާޘާރީ ތަރިކަ – މާލޭ ކަޅުވަކަރު މިސްކިތް

މިއީ ދިވެހި ރާއްޖޭގެ ޤައުމީ ތަރިކައިގެ ލިސްޓްގައި ހިމެނޭ މާލޭ ކަޅުވަކަރު މިސްކިތް ބިނާކުރުމާއި، އެކި ދުވަސްވަރު އެ މިސްކިތް ހުރި ތަނުން އެހެން ތަންތަނަށްބަދަލުކުރިކަމަށް ދޫދޫމަތިން ކިޔޭ ވާހަކަތަކާއި، އަދި މިސްކިތުގައިވާ މުސްކުޅިތާނަ އަދި އަރަބި ލިޔުންތަކުގެ ތަންޤީޙްކުރެވުނު ތާރީޚެވެ.

________________

އިސްބަސް – އިހުމާލުކުރެވުނު އާޘާރީ ތަރިކަ

ޒަމާނުގެ ބަދަލުތަކާއި ތަރައްގީގެ ނަމުގައި އިހުގެތަންތަން ތަޅާ ސުންނާފަތިކޮށް، އިހުގެ މިސްކިތްތަކާއި އިންވެގެން އޮތް ގަބުރުސްތާނުތައް ނެގެވި، އިހުގެ މިސްކިތްތައް އުވާލެވި މާފަހުގެ ސިމެންތީގެ މަސައްކަތްތަކުން މާލެ ފުރިގެންދިޔައިރު ފެންނަންހުރީ ހުކުރު މިސްކިތާއި އީދު މިސްކިތާއި ދަރުމަވަންތަ މިސްކިތާއި ކަޅުވަކަރު މިސްކިތާއި ބޮޑުގަނޑުވަރު އުސްގެކޮޅާއި އިހުގެ ބިނާތަކުން ދާދި މަދު ތަނެކެވެ. ދެން ހުރީ މުސްކުޅީންގެ ހަނދާނުގައި ވާ ތަންތަނާއި ދުވަސްވީ ލިޔުންތަކުން ފެންނަން ހުރި މުސްކުޅި ބިނާތަކުގެ ނަންތަކެވެ.

ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި 1922 ވަނަ އަހަރު މާލެއާއި ރަށްރަށަށް ދުރުވަންނަވާ ދިވެހި ރާއްޖޭގެ ތާރީޚް ލިޔުއްވި މަޝްހޫރު ބެލް ސާހިބު ލިޔުއްވާފައިވާ ތާރީޚާއި އާޘާރު އަދި އިހުގެ ލިޔުންތަކުގެ ތަރުތީބު (މޮނޮގްރާފް)ގައި މާލޭގައި އޭރު ހުރި 31 މިސްކިތެއްގެ ނަން ލިޔުއްވާފައި ވެއެވެ. މީގެ ތެރެއިން ބައެއް މިސްކިތްތަކަކީ މިއަދާއި ހަމައަށް އައި އިރު ނަން ފިޔަވާ އިތުރު މައުލޫމާތެއް އެނގެން ނެތް މިސްކިތްތަކެވެ. ބެލް ލިޔުއްވާފައިވާ މާލޭގެ މިސްކިތްތަކުގެ ތެރެއިން އައްތާރަފަނިންގެ މިސްކިތާއި ފާރުރީތި މިސްކިތާއި ބޮޑުކާށި މިސްކިތާއި ކަލާފާނު މިސްކިތާއި އަދި މީގެ އިތުރުންވެސް ދުވަސްވީ ބައެއް މިސްކިތްތައް މިހާރު ފެންނާކަށް ނެތެވެ. ގެއްލުނު މި އާޘާރީ މިސްކިތްތަކުގެ ހަނދާން ފެންނަން ހުރީ ބޮޑުބުރުޒާއި ނާނޭ ބުރުޒާއި ކިލެގެބުރުޒާއި ތިންބަޑި ބުރުޒާއި އާކޯއްޓޭ ފަދައިން ދުވަސްވީ ލިޔުންތަކުންނެވެ.

އާކޯއްޓޭ ބުރުޒު، 1920

އިހުގެ މިސްކިތްތަކުގެ އިތުރުން ކަޅުވަކަރު ޒިޔާރަތާއި ލޮނު ޒިޔާރަތާއި ދެބޭރަނިންގެ ޒިޔާރަތާއި ޝީރާޒީ ފަނޑިޔާރު ކަލޭގެފާނު ޒިޔާރަތާއި ނަސްރުއްދީން ރަސްގެފާނު ޒިޔާރަތާއި ހަބްޝީގެފާނު މަގާމް މިއަދު ފެންނާކަށް ނެތެވެ. އަދި މަދު ތަނެއްގެ ނޫނީ ތަސްވީރެއް ފަދަ ވެސް ފެންނާކަށް ނެތެވެ. ފަހަށް ފެންނަން ހުރި މަދު ތަންތަން ވެސް ޒަމާނުގެ ބަދަލުތަކާއި ވެރިންގެ އިހުމާލުގައި ނެތި ހިނގައްޖެއެވެ. ދުވަސްވީ މިފަދަ ބިނާތަކަކީ ދިވެހިންގެ މަސައްކަތްތެރިކަމާއި އިމާރާތްކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ މުހިންމު ތަންތަނެވެ.

އިހުތިބިންގެ ފަރާތުން ވާރުތަވެ މިދާކަށް ދުވަހަށް މިވޭލާ ފުރަމާލޭގައި ފެންނަން ހުރި މިފަދަ ދުވަސްވީ އެއް އާޘާރަކީ ދިވެހި ފަންނުވެރިކަމުގެ ފުރިހަމަކަން ދައްކުވައިދޭ މާލޭ ކަޅުވަކަރު މިސްކިތެވެ. ކަޅުވަކަރު މިސްކިތަކީ ތާނަ އަކުރުގެ އެންމެ ދުވަސްވީ އެއް ލިޔުން ބިންވަޅުނެގިފައިވާ ތާރީޚީ، ބަހަވީ ތަރިކައެކެވެ. ކަޅުވަކަރު މިސްކިތް މިއަދު ފެންނަން ނެތް ނަމަވެސް، ދުވަސްވީ އެކި ލިޔުންތަކުގައިވާ ކަޅުވަކަރު މިސްކިތުގެ ވާހަކަތައް އެއްކޮށް ލިޔެވި މިސްކިތުގެ ތާރީޚް މިއަދާއި ފަހުގެ ޖީލުތަކަށް ފެންނަން އޮތުމަކީ މިބާވަތުގެ މުސްކުޅި އާޘާރުތަކަށް ވެރިކަމުގެ ފަރާތުންނާއި އިދާރާތަކުން އަދި ފަރުދުންގެ ފަރާތުންވެސް އިހުމާލުވުން ހުއްޓުވުމަށް ބޭނުންތެރިކަމެކެވެ.

____________

މާލޭ ކަޅުވަކަރު މިސްކިތުގެ ތާރީޚް

ކަޅުވަކަރު މިސްކިތަކީ ހިރިގަލުން ބިނާކުރެވިފައިވާ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ރީތި މިސްކިތެކެވެ. ހިރިގަލާއި ކަޅުވަކަރުގައި ކުރެހުންތައް ކަނޑާނެގިފައިވާ އަދި މިސްކިތުގެ އެތެރޭގެ ބައިތައް ލާފެންކުރެވިފައިވާ ފުރިހަމަ މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގެ ނަމުން މި މިސްކިތަށް ނަން ދެވިފައިވަނީ މިސްކިތުގެ މަސައްކަތްތަކުގައި ކަޅުވަކަރު ބޭނުންކޮށްފައިވާތީއެވެ. ކަޅުވަކަރު ބޭނުންކޮށްފައިވާ އެހެން މިސްކިތެއް ހުރި ކަމެއް އެނގޭކަށް ނެތެވެ. ނަން މޮޅު ހައިވަކަރު ބައެއް މިސްކިތަކުގައި ބޭނުންކޮށްފައިވެއެވެ.

ކަޅުވަކަރު

ކަޅުވަކަރަކީ ކަޅުކުލަ ގަދަ ކީލި ހިމުން ލަކުޑިއެކެވެ. ހޯދަން އުނދަގޫ ލިބުން ދަތި ނަންހިނގާ ލަކުޑިއެކެވެ. ކަޅުވަކަރަކީ ޒަމާނުއްސުރެ އަގުހުރި މޮޅު ލަކުޑިއެއް ކަމުގައި ބަލާ ލަކުޑިއެކެވެ. މުއްސަނދީންގެ ގެތަކާއި ގަނޑުވަރުތަކުގައި ކަޅުވަކަރުން ހަދާފައިވާ ތަކެތި ބޭނުންކުރެވެމުން ދިޔައެވެ. ކަޅުވަކަރު ނުވަތަ ކަޅުވަކަރު ގަހަކީ އިނގިރޭސި ބަހުގައި Ebony Wood އެވެ. ސިންގަޅަ ބަހުގައި ކަލުވަރައެވެ. މިއީ އެޒަމާނުގައި ބޭރުގެ ގައުމުތަކުން ރާއްޖެ އެތެރެކުރާ ލަކުޑިއެއް ކަމުގައި ބެލެވެއެވެ.

ކަޅުވަކަރު ގަސް

“ކަޅުވަކަރު މިސްކިތަކީ ހިރިގާ ކަނޑާ ކޮށައިގެން ކުރެހުން އަޅައި އެގާތަކުން ތަރަހަގަޑާއި މިސްކިތުގެ ތިރީބައި ހަދާފައިވާ މަސައްކަތްތެރިކަމުގެ ނަމޫނާއެއްވެސް ދައްކައިދޭ މިސްކިތެކެވެ. މަތީބައިވަނީ ކަޅުވަކަރާއި، ކަޅުކުލައިގެ ވަކަރާއި އަދި އެނޫންވެސް ބައިތަކުން ހަދާފައިވާކަމަށް ފެނެއެވެ. ވަރަށް ރީތި ލިޔުންތައް ލާފެންކޮށްގެން ލިޔެފައިވެއެވެ. އިހުގައިކިޔާ ޅިޔައަކުރު ފާޑަށްދާ ލިޔުންތައްވެސް ހުއްޓަތީ ފެނެއެވެ. ހުއްޓަތީ ފެނެއެވެ. މިސްކިތަކީ ކުޑަކުޑަ މިސްކިތެކެވެ. ސާޅީހަކަށް މީހުންނަށް އެއްފަހަރާ ނަމާދު ކުރެވިދާނެކަމަށް ފެނެއެވެ. އެމިސްކިތުގެ ދާލައަކީ ވަރަށްގިނަ މީހުން ވަރަށްގިނައިރު ވަންދެން ކިޔެވުމުގައި މަޑުވެތިބޭ ދާލައެކެވެ. އެމިސްކިތުގެ އެންމެ ހަދާންނުނެތޭ މުދިމަކީ، އަދި ހީވާގޮތުން އެންމެ ގިނަދުވަހު ހުންނެވީ މުދިމަކީ އަލްޙާއްޖި އަލްމަރުޙޫމް ޢަބްދުﷲ އެވެ.

ކަޅުވަކަރު މިސްކިތަށް އަރާ ސިޑި

އެމިސްކިތުގެ ވަށާބޭރުގައި ފަހުންހުރީ ރިޔާކަޑާފޮތީގެ ފޮތިގަޑެކެވެ. ކުރިން ހުންނަނީ ގަތާފައި ހުންނަ ގޮޅިބޮޑު ރޯނު ދަލެވެ. މިމިސްކިތަކީ އިންޑިޔާގައި ކުރިންހުންނެވި ޕްރައިމް މިނިސްޓަރ މިސިޒް އިންދިރާ ގާނދީ މާލެވަޑައިގެންނެވި ފަހަރު އަރާވަޑައިގެން ދެކެވަޑައިގެންފައިވާ މިސްކިތެވެ”

  • މޫން ލައިޓް، 19878

ކަޅުވަކަރު މސްކިތް ބިނާކުރެވުނު ދުވަސްވަރަކީ ދިވެހި ތާރީޚްގައި ހިތަމާވެރި ޞަފްހާތަކެއް ލިޔެވުނު ދުވަސްވަރެކެވެ. ކަޅުވަކަރު މިސްކިތަކީ ހިރިގަލުގެ މަސައްކަތްތަކާއި ކަޅުވަކަރު ބެރިތަކުގެ އިތުރުން މާޒީގެ ތެރެއަށް ދޫކުރެވިފައިވާ ދިވެހި ތާރީޚް ފޮތެކެވެ. ހިރިގަލުގެ މަސައްކަތްތަކަކީ ފޮތުގެ ބޭރުގަނޑެވެ. މިސްކިތުގެ ބެރިތަކަކީ ފޮތުގެ ޞަފްހާތަކެވެ. މިއީ ކުޑަ މިސްކިތެއްގެ ދިގު ތާރީޚެވެ.

ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވި ޝަމްސުއްދީން ދެވަނަ

ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފައްޓަވާފައިވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ސިރީ ބޮވަނަ މަހާރަދުންގެ ރަސްކަމުގައެވެ. މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު ޝަމްސުއްދީން ރަދުންނެއް ނޫނެވެ. މި ޝަމްސުއްދީން ރަސްގެފާނަކީ ހުރާ ޙުސައިން ދަހަރާދަކަލޭގެފާނުގެ ފުތް އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނުގެ ޙުސައިން ބޮޑުދޮށިމޭނާކިލެގެފާނުގެ (ހުސައިން މަނިކުފާނު) ގެ ހުރާ މުހައްމަދު މަނިކުފާނެވެ. މި ރަސްގެފާނަށް މުހައްމަދު ބޮޑުފާށަނާ ކިލެގެފާނުގެ ނަންފުޅުންވެސް ނިސްބަތްކުރެވެއެވެ. މިއީ އައްސުލްޠާނުލް ޢާޒީ ޙަސަން އިއްޒުއްދީން (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން، ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި މަޝްހޫރު ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

ކަޅުވަކަރު މިސްކިތް ބިނާކުރެެއްވީ އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) ކަމުގައި މިފަހުން ކަޅުވަކަރު މިސްކިތާއި ބެހޭގޮތުން ލިޔެވިފައިވާ އެކި ލިޔުންތަކުގައި ބަޔާންކޮށްފައި ހުރި ނަމަވެސް، ލިޔެވިފައިވާ ތާރީޚުން ފެންނަން ހުރި މައުލޫމާތުން އެނގޭގޮތުގައި ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފައްޓަވާފައިވަނީ  އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ބޮޑުފާށަނާކިލެގެފާނުގެ ރަސްކަމުގައެވެ. ކަޅުވަކަރު މިސްކިތުގެ މަސައްކަތް ނިމިފައި ވަނީ ޝަމްސުއްދީން 2 ގެ ރަސްކަމަށް ފަހު ރަސްކަންކުރެއްވި ދޮންބަންޑާރައިންގެ ދޮށީދަރިކަލުން އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ސިރީ ކުލަ ސުންދުރަ ބޮވަނަ މަހާރަދުން (ކަޅުބަންޑާރައިން) ގެ ރަސްކަމަށް ފަހު ރަސްކަން ކުރެއްވި އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) ސިރީ ކުލަ ސުންދުރަ ބޮވަނަ މަހާރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުއެވެ. މަޝްހޫރު ބެލް ސާހިބު ލިޔުއްވާފައިވާ ތަރުތީބުގައި ވެސް ވަނީ މިމަގަށެވެ. ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވާ ދިވެހި ރާއްޖޭގެ ތާރީޚްގެ ތަންޤީޙުގައި ވެސް ވަނީ މި ގޮތަށެވެ.

The Kaluvakaru Miskit (Mosque) commenced by this Sultan (S. Muhammad Shams-udin II), was completed by Hasan Nur-ud-din – H.C.P Bell, The Maldive Islands Monograph on the History, Archaeology and Epigraphy, 1840, P: 40.

ޝަމްސުއްދީން އަމިއްލަފުޅަށް އޭނާގެ ނަންފުޅެއްކަމުގައި ހެއްދެވީ، މުޙައްމަދު ފާށަނާކިލެގެފާނެވެ. ކަޅުވަކަރު މިސްކިތް އިމާރާތްކުރައްވަން ފެއްޓެވީ މި ރަދުންނެވެ – މުޙައްމަދު އަމީން، ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު، ސ. 246

ކަޅުވަކަރުގައި ކުރެހުންތައް ކަނޑާފައިވާ މިސްކިތުގެ މައި ދޮރު

ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ގެ ރަސްކަމުގައެވެ. މި މިސްކިތް ބިނާކުރައްވަން ފެއްޓެވީ، ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައިފައި އެ ގަނޑުވަރު ހުރި ބިމުގައެވެ. މިއީ މިތާނގައި މިސްކިތެއް ބިނާކުރެއްވުމަށް މި ޝަމްސުއްދީން ރަދުން ނަދުރުފުޅެއް ވިދާޅުވެފައިވާތީ ކަމަށް ވިދާޅުވިއެވެ. މި މިސްކިތް ބިނާކޮށް ނިމުނީ މި ރަދުންގެ ދެބޭންގެ ދެދަރި ކޮއްކޯފުޅު އައްސުލްޠާން ހަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބޮވަނަ މަހާރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުއެވެ – ނަސީމާ މުޙައްމަދު، ދިވެހި ރާއްޖޭގެ ރަހުންނާއި ރަނީން

ކަޅުވަކަރު މިސްކިތުގައިވާ މުސްކުޅި ތާނަ ލިޔުމުގައިވަނީ “އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބޮވަނަ މަހާރަދުންގެ ދިހަވަނަ އަވެރުދު މިދަނާރު ދަނާވަތި ބިނާކުރައްވާފައި” މިފަދައިންނެވެ. މިއީ ކަޅުވަކަރު މިސްކިތުގެ މަސައްކަތް އެކި ދުވަސްވަރު ކުރެވެމުން ގޮސް މިސްކިތުގެ މަސައްކަތް ނިންމި ވާހަކަ ކަމުގައި ބެލެވެއެވެ. ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވި ރަސްކަލަކާއި މެދު އޮތް އޮޅުމެއްކަމުގައި ނުފެނެއެވެ.

ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައި އެ ގަނޑުވަރު ހުރި ބިމުގައި މިސްކިތެއް ބިނާކުރެއްވުމަށް ޝަމްސުއްދީން ދެވަނަ  ވިދާޅުވެފައިވާ ނަދުރުފުޅާއި ބެހޭ އިތުރު ތަފްސީލެއް އެނގޭކަށް ނެތެވެ. ނަމަވެސް، މިއީ ދިޔަމިގިލީ ހާންދާނުން ހުރާގޭ ހާންދާނަށް ރަސްކަން ބަދަލުވުމާއި ގުޅިފައިވާ ނަދުރުފުޅެއް ކަމުގައި ވެދާނެއެވެ. ޝަމްސުއްދީން ދެވަނައިގެ ރަސްކަމުގައި ކަޅުވަކަރު މިސްކިތުގެ މަސައްކަތް ކުރެވިފައިވަނީ ކިހާ މިންވަރަކަށް ކަން ތާރީޚުން ސާފުވާކަށް ނެތެވެ. ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވި ތާރީޚުން މިސްކިތުގެ މަސައްކަތް ނިމުނު ތާރީޚަށް ތިން ރަސްކަލެއްގެ ރަސްކަން ހިނގާފައި ވެއެވެ.

ރާދަވަޅީގައި ލިޔެވިފައިވާގޮތުގައި  ޝަމްސުއްދީން ދެވަނަ ރަސްކަން ކުރެއްވީ 1773މ އިން 1774މ އާއި ދެމެދުގައެވެ. 4 މަހާއި 2 ދުވަހު ރަސްކަން ކުރެއްވުމަށް ފަހު އެރަދުންގެ ބޮޑުބޭބޭފުޅު ޙަސަން އިއްޒުއްދީން ދޮންބަންޑާރައިންގެ މުޙައްމަދު ކިޔުނު ދޮށީ ދަރިކަލުން (މުޙައްމަދު މުޢިއްޒުއްދީން، ކަޅުބަންޑާރައިން) ނަށް ރަސްކަން ދެއްވާފައި އަމިއްލަފުޅަށް މުޙައްމަދު ފާށަނާކިލެގެފާނުގެ (ބޮޑުފާށަނާކިލެގެފާނު) ނަންފުޅު ދެއްވެވިގެން ރަސްކަމުގެ ކަންތައްތައް ހިންގެވުމަށް ހުންނެވީއެވެ. ބޮޑުފާށަނާކިލެގެފާނު ނުވަތަ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ސިރީ ބޮވަނަ މަހާރަދުން 12 ރަބީޢުލް އާޚިރް 1193 ވީ ހޯމަ ދުވަހު އަވަހާރަވެ މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގައި ފަސްދާނުލެވުނެވެ. ހުކުރު މިސްކިތު ގަބުރުސްތާނުގައިވާ މުހައްމަދު ބޮޑުފާށަނާކިލެގެފާނުގެ މަހާނަ ގަލުގެ އަރަބި ލިޔުމުގައި ވަނީ:

شاهد تربة سلطان محمد شمس الدين العزيز حسين بن الوزير محمد الهروى فذاق كاءس الحمام يوم الاربعاء ثامن عشر من رببع الاخر في سنة ١١٩٣ من هجرة النبي المدني عليه الصلاة والسلام الزكي

“އަލްވަޒީރު މުޙައްމަދުލް ހުރަވީގެ އަލް ވަޒީރު ޙުސައިންގެ ސުލްޠާން މުޙައްމަދު ޝަމްސުއްދީން އަވަހާރަވިކަމު ހަނދާން”

ކަޅުވަކަރު މިސްކިތް ބިނާކޮށް ނިންމެވި ޙަސަން ނޫރައްދީން ރަދުންގެ ވާހަކަ

ޝަމްސުއްދީން ދެވަނަ (ބޮޑުފާށަނާކިލެގެފާނު) ވިދާޅުވި ނަދުރުފުޅުގެ މައްޗަށް ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ހުރި ބިމުގައި ބިނާކުރައްވަން ފެއްޓެވި ކަޅުވަކަރު މިސްކިތުގެ މަސައްކަތް ނިމިފައިވަނީ އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އެއްވަނައިގެ ރަސްކަމުން ދިހަ ވަނަ އަހަރުއެވެ. މި ޙަސަން ނޫރައްދީން ރަދުންނަކީ ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ އަލްވަޒީރު ޙުސައިން ދަހަރާތަކުރުފާނުގެ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދޮން ހަސަން މަނިކުފާނު (ދޮންބަންޑާރައިން)ގެ ޢަލީ މަނިކުފާނެވެ. މަންމާފުޅަކީ ދޮންބަންޑާރައިން ކައިވެނިބައްލަވައިގަތް ފެންފުށީ ކަކާ ޢަލީތަކުރުފާނުންގެ ފެންފުށީ އާމިނާ ބޮޑުދީދީ އެވެ. މިރަދުން ރަސްކަން ކުރައްވާފައިވަނީ 1779މ އިން 1799މ އާއި ދެމެދެވެ.

މި ރަދުން ދެ ފަހަރަށް ޙައްޖަށް ވަޑައިގަތުމަށް ފުރާވަޑައިގަތެވެ. ފުރަތަމަ ދަތުރުފުޅުގައި ޙައްޖުގެ އަޅުކަން އަދާކުރެވިފައިނުވެއެވެ. ދެވަނަ ފަހަރަށް ހައްޖަށް ވަޑައިގަތުމުގެ ދަތުރުފުޅު ފެއްޓެވުމަށް ހިޖުރައިން 1209 ވަނަ އަހަރު ހެންވޭރުކޮޅުގައި ބޮޑު ނަވެއް ބަންނަވަން ފެއްޓެވިއެވެ. މި ބެންނެވި ނަވާއި އަދި އިތުރަށް އެހެން ނަވެއްވެސް ހިއްޕަވައިގެން މިދެނަވުގައި ޙައްޖަށް ވަޑައިގަތުމަށް ފުރާވަޑައިގަތީ ހިޖުރައިން 1213 ވަނަ އަހަރުގެ ޝައުބާން މަހުގެ 17 ވީ ބުރާސްފަތި ދުވަހުއެވެ. ޙައްޖަށް ފުރާ ވަޑައިގަތުމުގެ ކުރިން މި ރަދުންގެ މުހައްމަދު ކިޔާ ދަރިކަލުންނާއި ރަސްކަން ޙަވާލުކުރައްވައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރުގެ ނަންފުޅު ކިޔައި ކޮލި ލެއްވިއެވެ.

ޙަސަން ނޫރައްދީން ރަދުން އަވަހާރަވީ ޙައްޖު އަޅުކަން އަދާކުރައްވައި އެނބުރި އަރަބިކަރައިން ރާއްޖެ ވަޑައިނުގެންނެވެނީސް ކަށިވިދުރީގެ އާލާސްކަންފުޅެއްގައި ޙިޖުރައިން 1213 ވަނަ އަހަރު ޙައްޖު މަހުގެ 27 ވީ އާދީއްތަ ވިލޭރޭ (1 ޖޫން 1799) ޖިއްދާގައެވެ.

ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައި އެ ބިމުގައި ކަޅުވަކަރު މިސްކިތް ބިނާކުރުން

ޝަމްސުއްދީން ދެވަނަ (ބޮޑުފާށަނާކިލެގެފާނު) ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލެއްވި ތާރީޚުން ފެށިގެން އެރަދުންނަށް ފަހު ރަސްކަމަށް އިސްވި އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ކަޅުބަންޑާރައިންގެ ރަސްކަމުގެ 5 އަހަރާއި 9 މަހާއި ކަޅުވަކަރު މިސްކިތުގެ މަސައްކަތް ނިންމާ އެ މިސްކިތް ބެހެއްޓެވި އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން (އެއްވަނަ) ގެ ރަސްކަމުން 10 އަހަރާއި އެކު ކަޅުވަކަރު މިސްކިތް ބެހެއްޓިފައިވަނީ ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލިތާ 16 އަހަރާއި 1 މަސް ފަހުންކަން އެނގެއެވެ. ކުޑަމިސްކިތެއް ބެހެއްޓުުމުގެ މަސައްކަތަށް 16 އަހަރާއި މަސްދުވަސް ހޭދަވީ ކީއްވެކަން ވަނީ ތާރީޚްގެ ފުސްކަމުގެތެރޭގައެވެ.

މާލޭ ހުކުރު މިސްކިތް މިހާރު ހުރިގޮތަށް ބިނާކޮށް ނިމިފައިވަނީ 2 އަހަރު ދުވަހުންކަން ތާރީޚުން ފެންނަން އެބައޮތެވެ. ހުކުރު މިސްކިތަށް ވުރެ ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ގިނަ އަހަރުތަކެއް ނަގާފައިވަނީ އިމާރާތްކުރުމުގެ މަސައްކަތް ނޫން އަދި އެހެން ސަބަބުތަކެއް މެދުވެރިވެގެންކަމުަގައި ވެދާނެއެވެ. ޝަމްސުއްދީން ދެވަނަ ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލެއްވުމަށް ފަހު އެބިން ވަޤްފު ބިމެއްގެ ގޮތުގައި ހުސްކޮށް އޮތީކަމުގައި ވެދާނެއެވެ. ނުވަތަ މިސްކިތުގެ ބިންގާ އެޅުމަށް ފަހު އެގޮތުގައި ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ހުރި ބިން އަހަރުތަކެއް ވަންދެން އިތުރު ބިނާކުރުމެއް ނެތި ދިޔައީކަމުގައި ނުަވަތަ ޝަމްސުއްދީން ދެވަނައަށް ފަހު އާއިލާއިން އެ ރަދުން މިސްކިތެއް ބިނާކުރައްވަން ވިދާޅުވި ނަދުރުފުޅު ފުއްދުމުގެ ގޮތުން ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ހުރި ބިމުގައި އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ކަޅުބަންޑާރައިންގެ ރަސްކަމުގައި ވެސް ކަޅުވަރަު މިސްކިތުގެ މަސައްކަތް ކުރެވެމުން ގޮސް ޙަސަން ނޫރައްދީން 1 ގެ ރަސްކަމުގައި މިސްކިތުގެ މަސައްކަތް ނިންމީކަމުގައި ވެދާނެއެވެ.

ކަޅުވަކަރު މިސްކިތުގެ ލާފެނުގެ މަސައްކަތްތައް

ކަޅުވަކަރު މިސްކިތް ބިނާކުރެވުނު ދުވަސްވަރަކީ ވެރިކަމުގެ ފިތުނަތައް ބޮޑު ދުވަސްވަރެކެވެ. ޝަމްސުއްދީން (ދެވަނަ) ބޮޑުފާށަނާ ކިލެގެފާނު ދިޔަމިގިލީ ހާންދާނުގެ ވެރިކަން ނިމުމަކަށް ގެނެސް ހުރާގޭ ހާންދާނުގެ މައްޗަށް ރަސްކަން ބަދަލުކުރެއްވި ދުވަސްވަރެވެ.  ކަޅުބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރު ޢިޔާޘުއްދީން ރަދުން ޙައްޖު ދަރުތުފުޅުން އެނބުރި ރާއްޖެ ވަޑައިގަތުމުން ކަނޑުފެއްތުނެވެ. ޝަމްސުއްދީން ދެވަނަ ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ހުރި ބިމުގައި މިސްކިތެއް ބިނާކުުރުމަށް ވިދާޅުވި ނަދުރުފުޅު އެރަދުންގެ ރަސްކަމުގެ ކުރު 4 މަހާއި 2 ދުަވަހުގައި ފުއްދުމަކީ ކުރެއްވޭނެކަމެއް ނޫނެވެ. އަދި ޝަމްސުއްދީން ދެވަނަ އަށް ފަހު ހަމަނުޖެހުންތަކާއި އެކު ދިޔަ ކަޅުބަންޑާރައިންގެ ރަސްކަމުގައި ވެސް މިސްކިތް ބިނާކޮށް ބެހެއްޓުމުގެ މަސައްކަތް ނުކުރެވި ހިނގައިދާނެއެވެ.

ޝަމްސުއްދީން ދެވަނަ ވިދާޅުވި ނަދުރުފުޅު އާއިލާގެ ފަރާތުން ފުއްދެވުމުގެ ގޮތުން ދޮންބަންޑާރައިންގެ ހަގު ދަރިކަލުން ޢަލީ (ކަޅުވަކަރު މިސްކިތް ނިސްބަތްކުރެވޭ އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އިސްކަންދަރު އެއްވަނަ) ރަސްކަމަށް އިސްވެ ރަސްކަމުގެ ކަންތައްތައް ހަމަޖެހި ފިތުނަތައް ކުޑަވުމުން ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ހުރި ބިމުގައި ކަޅުވަކަރު މިސްކިތް ބިނާކުރެއްވުމުގެ މަސައްކަތް ފައްޓަވައި އެރަދުންގެ ރަސްކަމުން 10 ވަނައަހަރު މިސްކިތް ބެހެއްޓެވީކަމުަގައި  ވުމީ ވެސް ޖާއިޒުކަމެކެވެ.

ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު އަދި ކަޅުވަކަރު މިސްކިތް ފުރަތަމަ ބެހެއްޓުނު ތަނާއި އެކި ތަންތަނަށް ބަދަލުކުުރުމުގެ ތާރީޚް

ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައި އެ ބިމުގައި ބިނާކުރި ކަޅުވަކަރު މިސްކިތް އެކި ދުވަސްވަރު އެކިތަންތާގައި ހުރި ކަމަށް ދޫދޫމަތިން ކިޔެމުން އައިސްފައިވެއެވެ. އެއް ދުވަސްވަރެއްގައި ކަޅުވަކަރު މިސްކިތް ޗާންދަނީ މަގުގެ ކޮންމެވެސް ހިސާބެއްގައި އެމަގުގެ އިރުމަތީ ފަޅީގައި ހުރިކަމަށް ބުނެވެއެވެ. އަދި މަޖީދީމަގުގެ ދެކުނުފަޅީގައި މައްޗަންގޮޅީގެ ކޮންމެވެސް ހިސާބެއްގައި ހުރިކަމުގައި ވެސް ބުނެވެއެވެ. މާތުރަ، މިއިން އެއްވެސް ބުނުމަކީ ތާރީޚުން ސާފުވެ އެނގެންނެތް ވާހަކަތަކެވެ.

ކަޅުވަކަރު މިސްކިތުގެ ކަޅުވަކަރު މަތި ވަޑާންގަނޑު

މުހައްމަދު އަމީން ދީދީގެ ދުވަސްވަރު އެއިރު އޮތް ތާރީޚް ކޮމިޓީން މާލޭގެ މިސްކިތްތަކާއި ގަބުރުސްތާނުތަކާއި ބެހޭގޮތުން އެއްކުރައްވާފައިވާ މައޫލޫމާތު ވެސް ހިމަނައިގެން ލިޔެފައިވާ “މާލޭގެ މިސްކިތައްތައް” މި ފޮތުގައި ކަޅުވަކަރު މިސްކިތް އެކި ދުވަސްވަރު މާލޭގެ އެކި ތަންތަނުގައި ހުރިކަމަށް ދޫދޫމަތިން ދެކެވޭ ވާހަކައިގެ ތާރީޚީ ބުރަދަނުގެ މައްޗަށް ލިޔެފައިވަނީ:

“ނަމަވެސް މިފަދަ ވާހަކަތަކަށް ސާބިތު ކަމެއް ގެނެސްދޭނެ ހެއްކެއް އަޅުގަނޑުމެންނަށް އަދި ފެންނަން ނެތަތީވެ އަޅުގަނޑުމެން އެވާހަކަތަކާއި މެދު ވަކިގޮތެއް ނިންމުމުން އެއްކިބާވީއެވެ”

ލިޔެވިފައިވާ ތާރީޚުން ކަޅުވަކަރު މިސްކިތް ފުރަތަމަ ހުރިތަނާއި މެދު އެނގޭ އެނގުންތަކަކީ:

  • ކަޅުވަކަރު މިސްކިތް ބިނާ ކުރައްވަން ފެއްޓެވީ ޝަމްސުއްދީން (ދެވަނަ) ބޮޑުފާށަނާކިލެގެފާނު
  • ކަޅުވަކަރު މިސްކިތް ބިނާކުރެވުނީ ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ހުރި ބިމުގައި އެ ގަނޑުވަރު ރޫޅާލުމަށް ފަހު
  • ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލެއްވީ ޝަމްސުއްދީން (ދެވަނަ) ބޮޑުފާށަނާކިލެގެފާނު

ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ހުރީ ކޮންތާކުބާއެވެ؟ މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގައި ބާއެވެ؟ ނުވަތަ އެތެރެކޮއިލު (މިހާރުގެ ރަސްރަނި ބަގީޗާ) ގައި ހުރި ގަނޑުވަރެއްބާއެވެ؟ ނުވަތަ އެތެރެކޮއިލާއި ކައިރިިން ހުރި އެހެން ގަނޑުވަރެއްބާއެވެ؟  އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް މާލެ އަތޮޅު ފުރަނަފުއްޓަށް ބަދަލުކުރި އިރު އެ މިސްކިތް ހުރީ މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީ ހެންވޭރުގައެވެ.  ކަޅުވަކަރު މިސްކިތް ބިނާކޮށް ފުރަތަމަ ބެހެއްޓުނު ތަނަކީ ކަރަންކާމަގާއި މަޖީދީމަގު އިންވާ ހިސާބު ކަމުގައިވާ ނަމަ ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ވެސް ހުރި ބިމަކީ އެއީ އެވެ. ނަމަވެސް، އިހުގައި މާލޭގައި ހުރި ގަނޑުވަރުތަކާއި ހުރިތަންތަނުގެ މައްޗަށް ލިޔެފައިވާ “ހަނދާނާއި ތާރީޚްގެ ތެރެއިން މާލޭގެ ގަނޑުވަރުތައް” މި ލިޔުމުގައި ވެސް “ޢިޔާޘުއްދީން ގަނޑުވަރު” ކިޔާ ވަކި ގަނޑުވަރެއް ނުވަތަ މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމައްޗަށް ހުރި ގަނޑުވަރެއްގެ ވާހަކައެއް ނެތެވެ. އަދި މަޝްހޫރު އެޗް.ސީ.ޕީ ބެލް އިހުގެ މާލެއާއި ގުޅޭ ގޮތުން ލިޔުއްވާފައިވާ ނޯޓްތަކުގައި ވެސް ކަރަންކާމަގު އެހިސާބުގައި ހުރި ގަނޑުވަރެއްގެ ވާހަކައެއް ނެތެވެ.

ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ހުރި ތަނަކާއި މެދު ލިޔެވިފައިވާ ތާރީޚުން ފެންނަން އޮތް ހަމައެކަނި ޤަރީނާއަކީ ގެންގުޅޭތާ އެންމެ ގިނަ ދުވަސްވީ  ޙަސަން ތާޖުއްދީންގެ ތާރީޚް ފޮތުން ފެންނަން އޮތް މި ބަޔާނެވެ.

“ދެން މި ރަދުން (ޝަމްސުއްދީން ދެވަނަ، ބޮޑުފާށަނާކިލެގެފާނު) ރަސްކަމަށް އިސްވެވަޑައިގަންނަވައިފައި ރަސްކަމުގެ ކޯލުގެ ދެކުނުން ހުރި ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅުމަށް އަމުރުކުރައްވަވައި އެ ގަނޑުވަރު ރޫޅުވައިގެން އެ ގަނޑުވަރުގައި ހުރިހާ ތަކެތި ގެންނެވިޔޭ. އަދި އިބްރާހިމް ރަސްގެފާނުންގެ ގޮވަތި ގޮވައްޗާއި ވަޤްފުކުރައްވާފއި ހުރި ތަކެއްޗާއި ވެސް ހިއްޕެވިޔޭ. އިބްރާހިމް ރަސްގެފާނުންގެ ބޭބޭފުޅުންނަށް އެބޭފުޅުންގެ ކާފަ މުޙައްމަދު ޢިމާދުއްދީން ރަދުންގެ ދިޔަމިގިލީގައި ހުރި ގަނޑުވަރު ނޫން އެހެން އެއްވެސް ތަނެއް ނުވީއްލަވައި ހިއްޕެވިޔޭ”

އެތެރެކޮއިލު ނުވަތަ ބޮޑުގަނޑުވަރު ބޭރުން، 1920

އިބްރާހީމް ރަސްގެފާނަކީ ޢިޔާޘުއްދީން ރަދުންގެ ބައްޕާފުޅެވެ. ޙަސަން ތާޖުއްދީންގެ ތާރީޚުން އެނގޭ ގޮތުގައި ޢިޔާޘުއްދީން ގަނޑުވަރު ހުރީ ރަސްކަމުގެ ކޯލުގެ ދެކުނުންނެވެ. ރަސްކަމުގެ ކޯލަކީ އެތެރެކޮއިލު ނުވަތަ ބޮޑުގަނޑުވަރެވެ. ބޮޑުގަނޑުވަރު ތަޅާލުމަށް ފަހު އެއީ ސަލްޓަން ޕާރކެވެ. މި ފަހުގެ ރަސްރަނި ބަގީޗާއެވެ. އެތެރެކޮއިލު ނުވަތަ ބޮޑުގަނޑުވަރުކަމުގައި އިހުގައި އޮތީ މުޅި ރަސްރަނި ބަގީޗާގެ ބިމާއި ޗާންދަނީ މަގާއި އިންވެގެން ކުރިން ހުރި ދިރާގު އިމާރާތުގެ ބިމާއި މިހާރުގެ ދާރުލް އާސާރު ހުރި ބިމާއި އެކު މުޅި ކޮއްޓެވެ. އެތެރެކޮއިލު ދެކުނުން މިހާރު ހުރީ ސީ.އެޗް އެސް.އީ ގެ ބިމާއި އަމީނިއްޔާ ސްކޫލް ހުރި ބިމެވެ. މިތަނުގައި ކުރިން ހުރީ މައްޗަންގޮޅީ ގަނޑުވަރެވެ. ކަޅުވަކަރު މިސްކިތް ފުރަނަފުއްޓަށް ބަދަލުކުރި އިރު ހުރީ ހެންވޭރު މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގައި ކަމުން، ކަޅުވަކަރު މިސްކިތް އިމާރާތްކޮށް ބެހެއްޓުނު ފަހުން މާލޭގެ އެކި ތަންތަނަށް އެ މިސްކިތް ބަދަލުކުރިކަމަށް ބުނެވޭ ވާހަކައަށް ބާރުލިބެއެވެ.

މަޖީދީމަގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބަދަލުކުރެއްވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން ކަމުގައި ބުނެވޭކަމަށް ނަސީމާ މުޙައްމަދު ލިޔުއްވައެވެ.  މިއީ މަޝްހޫރު ހާޖީ ޢިމާދުއްދީނެވެ. މި ރަދުން ރަސްކަން ކުރައްވާފައި ވަނީ މީލާދީން 1893ން 1903 އަށެވެ. މިރަދުން ކަޅުވަކަރު މިސްކިތް މަޖީދީމަގާއި ކަރަންކާމަގު އިންވާ ހުޅަނގު ކަންމައްޗަށް ބަދަލުކުރެއްވީ މާލޭގެ ކޮން ހިސާބަކުން ކަމެއް އެނގޭކަށް ނެތެވެ. އަދި ކަޅުވަކަރު މިސްކިތް މަޖީދީމަގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމައްޗަށް ބަދަލުކުރީ ހާޖީ ޢިމާދުއްދީން ކަމަށް ބުނެވޭ ވާހަކައިގެ އިތުރުން އެއްވެސް ތާރީޚީ ހެއްކެއް ފެންނަން ނެތެވެ.

ކަޅުވަކަރު މިސްކިތުގެ ނަމާއި ގަނޑުވަރަކާ ހުރި ގުޅުން

މާލޭ ކަޅުވަކަރު މިސްކިތް ފިޔަވައި ކަޅުވަކަރުގެ ނަމުން ނަންދެވިފައިވާ އެހެން މިސްކިތެއް އަދި މިސްކިތުގެ މަސައްކަތްތައް ކަޅުވަކަރުން ކުރެވިފައިވާ އިތުރު މިސްކިތެއް ރާއްޖޭގައި ހުރިކަން އެނގޭކަށް ނެތެވެ. ނަމަވެސް، މާލޭގައި ކަޅުވަކަރުން ބިނާކުރެވިފައިވާ ޒިޔާރަތެއް އިހުގައި ހުރިކަމަށް ބެލެވިދާނެ ފަދަ މައުލޫމާތެއް އެޗް.ސީ.ޕީ.ބެލް ލިޔުއްވާފައިވާ މާލޭގެ ޒިޔާރަތްތަކުގެ ލިސްޓުން ފެންނަން އެބައޮތެވެ. މި ޒިޔާރަތާއި ކަޅުވަކަރު މިސްކިތާއި ނުވަތަ ކަޅުވަކަރު މިސްކިތް ބިނާކުރެއްވި ދުވަސްވަރުގެ ރަސްކަލަކާއި ގުޅުމެއްވާކަން ނުވަތަ ނޫންކަން އެނގޭކަށް ނެތެވެ. އެޗް.ސީ.ޕީ ބެލް ލިޔުއްވާފައިވާ މޮނޮގްރާފްގައި މާލޭގެ ޒިޔާރަތްތަކުގެ ނަންތައް ލިޔުއްވާފައިވާ އިރު ހެންވޭރުގައި “ކަޅުވަކަރު ޒިޔާރަތް” ހުރިކަމަށް ލިޔުއްވާފއިވެއެވެ. އަދި މި ޒިޔާރަތް ހުރި ތަން ބެލްގެ މާލޭ ޗާޓުގައި ފާހަގަކޮށްފައިވެއެވެ. ބެލް ގެ މާލޭގެ ޗާޓުގައިވާ މައުލޫމާތުން ކަޅުވަކަރު ޒިޔާރަތް ހުރީ ހެންވޭރުގައި މިހާރުގެ އޫރިދޫ އޮފީސް ހުންނަ ގަދަގޭ އިމާރާތްހުރި ހިސާބުގައެވެ.

ދުރުން ފެންނަ ދިދަ ޖެހި ހުދު ބިނާ އަކީ ކަޅުވަކަރު ޒިޔާރަތް

މާލޭގެ އެއްވެސް މިސްކިތެއްގައި ކަޅުވަކަރު ފެންނަން ނެތި “ކަޅުވަކަރު” މިސްކިތުގެ ނަމުން ނަންކިޔޭ މިސްކިތުގައި އެ ލަކުޑި ބޭނުންކުރެވިފައިވަނީ ކީއްވެބާއެވެ؟ ކަޅުވަކަރަކީ އަގުބޮޑު މޮޅު ލަކުޑިއެކެވެ. ކަޅުވަކަރު ބޭނުންކުރެވިފައި ހުރީ ގަނޑުވަރުތަކުގެ ވަޑާންތަކުގެ މަސައްކަތްތަކުގައާއި ގަނޑުވަރުތަކުގައި ބޭނުންކުރާ ގޮނޑިމޭޒު ފަދަ ތަކެތީގެ ޖެހުމަށެވެ.  އިސްވެ ބަޔާންކުރެވިފައިވާ ފަދައިން ކަޅުވަކަރު މިސްކިތް ބިނާކުރެވިފައިވަނީ އެތެރެކޮއިލުގައި ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ހުރި ބިމުގައި އެ ގަނޑުވަރު ރޫޅާލުމަށް ފަހުއެވެ. އެހެންކަމުން ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރުގެ ވަކަރުތައް އެ ބިމުގައި ބިނާކުރަން ފެށި މިސްކިތުގެ މަސައްކަތުގައި ބޭނުންކުރުމަކީ ގަބޫލުކުރެވޭ ގޮތެކެވެ. އެތެރެކޮއިލު ގަނޑުވަރެއްގައި އެ ޒަމާނުގައި ހުންނާނީ ލިބެން ހުންނާނެ އެންމެ މޮޅު ލަކުޑިއެވެ. ގަނޑުވަރެއް ރޫޅާލުމަށް ފަހުއެ ބިމުގައި ނަދުރުފުޅެއްގެ މައްޗަށް މިސްކިތެއް ބިނާ ކުރައްވާނީ ގަނޑުވަރުގެ މޮޅު ލަކުޑިން ކަމަށް ގަބޫލުކުރެވއެވެ. ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރުގެ ވަކަރުން ކަޅުވަކަރު މިސްކިތް ބިނާކޮށްފައިވާ ނަމަ ކަޅުވަކަރު މިސްކިތުގެ ތާރީޚީ މުހިންމުކަން އަދި މާ ބޮޑެވެ. އެތެރެކޮއިލު ނުވަތަ އެތެރެކޮއިލާއި ގުޅިފައިވާ ގަނޑުވަރަކަށް މިއަދު ހުރީ ރަސްރަނި ބަގީޗާގައިވާ މިހާރުވެސް ފެންނަން ހުރި ހާޖީ ޢިމާދުއްދީން ބިނާކުރެއްވި އުސްގެކޮޅު އެކަންޏެވެ.

އިހުގެ ކަޅުވަކަރު މޭޒެއް، ފޮޓޯ: މުޢިއްޒު އަދުނާން

ފަހުގެ ތާރީޚްގައި ކަޅުވަކަރު މިސްކިތް އެކި  ތަންތަނަށް ބަދަލުކުރުން

އެންމެ ދުރު ހަނދާން ހުރި މިއަދުގެ މުސްކުޅީންގެ ހަނދާނުގައިވެސް އަދި މިހާރު ތިބީންނާ ބައްދަލުވެ ނިޔާވެފައިވާ މުސްކުޅީންގެ ހަނދާނުން ކަޅުވަކަރު މިސްކިތުގެ ވާހަކަ ކިޔާ އުޅޭ މީހުން ވެސް އެ މިސްކިތް މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތި ފިޔަވައި މާލޭގެ އެހެން ހިސާބެއްގައި ހުރި ކަމަށް ދުށް ހަނދާން ގެނެސްފައި ނުވެއެވެ. ކަޅުވަކަރު މިސްކިތް މާލޭގެ އެހެން ހިސާބަކުން މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގައި ބެހެއްޓެވީ ހާޖީ ޢިމާދުއްދީނު ކަމަށް ބުނެވޭ ވާހަކައަށް ފަހު އެ މިސްކިތް ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރެވުނު ކަމަށް ލިޔެވި ފެންނަންއޮތީ މިފަހުގެ ތާރީޙުގައި އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ކަޅުވަކަރު މިސްކިތް ފުރަނަފުއްޓަށް ބަދަލުކުރެއްވުމެވެ.

ނާސިރު ދައުރުގައި ކަޅުވަކަރު މިސްކިތް ރޫޅާލެވެނީ

“ކަޅުވަކަރު މިސްކިތް އުވާލެެވުނީ 7 އޯގަސްޓް 1978ގައެވެ. 1 އޮކްޓޯބަރ 1978ގައި ނީލަން ކިޔައިގެން މިސްކިތް ނެންގެވީ ފުަރަނަ ޓްއަރިސްޓް ރިސޯޓްއަށެވެ. 9،715 ރުފިޔާ 26 ލާރި އަށެވެ. 15 ޖެނުއަރީ 1979ގައި ސަރުކާރުން ބަދަލު ދެއްވައި މިސްކިތް ނީލަން ކިއުމަކީ ހަމަޖެހޭ ކަމަށް ނުވާތީއާއި އަދި ކަޅުވަކަރު މިސްކިތަކީ އާޘާރީ ތަނެއްކަމުގައި ވާތީ އެ މިސްކިތް ސަރުކާރަށް ބޭނުންފުޅުކުރެއްވިއެވެ.

ނަމަވެސް، ފުރަނަ ޓްއަރިސްޓް ރިސޯޓް ހިންގަވާ ފަރާޓެއް ކަމަށްވާ ޓްރެޝަރ އައިލެންޑް އެންޓަރ ޕްރައިޒަސްގެ ފަރާތުން އެކުންފުނީގެ ޗެއަރމަން މިސްޓަރ ވޭން. ވީ. ރީޑް މިސްކިތް އަނބުރާ ދިވެހި ސަރުކާރާ ހަދިޔާކުރެއްވީއެވެ. މި ހަދިޔާ ދިވެހި ސަރުކާރުގެ ފަރާތުން ޤަބޫލުކުރެއްވީ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާރސް އޮނަރަބްލް އަލްއުތާޛް ފަތުހުﷲ ޖަމީލު އެވެ.

  • ފުރަނަފުށިން ސަލްޓަން ޕާރކް ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބަދަލުކުރެއްވުމަށް ފަހު އަލުން ހުޅުއްވައި ދެއްވުމަށް ފަހު ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ، 5 ނޮވެމްބަރ 1980

މިކަން އޮތީ 22 ފެބްރުއަރީ 1979ގައެވެ. ނީލަން ކިއުމާއި ގުޅިގެން މިސްކިތް ރޫޅައިގެން މާލެއަތޮޅު ފުރަނަފުއްޓަށް ގެންދެވިފައި ހުއްޓާ އަނބުރާ މާލެ ގެނެވުނެވެ”

  • މާލޭގެ މިސްކިތައް ފޮތުން

އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ކަޅުވަކަރު މިސްކިތް ނީލަން ކިޔުމަށް ނިންމާ ކަޅުވަކަރު މިސްކިތުގެ ނީލަމަށް އަންނަމުންދާ ބަދަލުތަކާއި ހުށަހެޅޭ އަގުތަކުގެ ތަފްސީލް އޭރުގެ މޫންލައިޓް ނޫހުގައި ޖަހަމުން ގޮސްފައިވެއެވެ. 1978 ސެޕްޓެމްބަރ 26 ވަނަ ދުވަހު ކަޅުވަކަރު މިސްކިތުގެ ނީލަމާއި ގުޅޭގޮތުން މޫންލައިޓް ނޫހުގައި “ކަޅުވަކަރު މިސްކިތުގެ ނީލަން 500/-” މި ނަމުގައިވާ އިއުލާނެއްގައި ވަނީ:

“މިހާރު ނީލަމަށް ހުށަހެޅިފައިވާ ކަޅުވަކަރު މިސްކިތުގެ ނީލަމުގައ މިއަދު 11:30 ވީއިރު އޮތީ 8616 ރުފިޔާ 50 ލާރިއެވެ.

ޕީ.އާރ. އެފް ޑިވިޝަންގެ ފަރާތުން މިއަދު ނުރުއްވި އިޢުލާންއެއްގައި އަންގަވާފައިވާގޮތުގައި މީގެ ފަހުން ނީލަމުގެ އަގަށް ބަދަލެއް ގެނެވޭނީ އެންމެ ފަހުގެ އަގަށް 500 ރުފިޔާއަށް ވުރެ މަދުނޫން އަދަދެއް އިތުރުކޮށް ހުށަހެޅުމުންނެވެ. އަދި މިގޮތަށް އަގު ބަދަލުވަމުން ދިއުމުގައި ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއް އޮވެއްޖެ ނަމަ އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ”

ކަޅުވަކަރު މިސްކިތުގެ ނީލަމުގެ ކަންކަން ހިނގަމުން ދިޔަ ދުވަސްވަރު މޫންޓްލައިޓް ނޫހުގައި ލިޔެފައިވެއެވެ:

“މިގޮތުން ރޫޅާލައިގެން ގެންގޮސް ރޭއްވެވުމަށްޓަކައި ގަސްދުކުރައްވާ ފަރާތްތަކުން މިގޮތުން ބެހެއްޓުމަށްފަހު ބޭނުންކުރައްވާނީ ކުރިއެކޭވެސް އެއްފަދައިން މީހުން ނަމާދުކޮށް ޤުރްއާން ކިޔަވައި އުޅެންކަމެއް ނުވަތަ ކިޔަވައިދޭ ތަނަކަށްކަމެއް ނުވަތަ، ހަމައެކަނި މީހުން އެމިސްކިތް ބެލުމަށްޓަކާ ބަހައްޓާނީކަމެއް، ނުވަތަ އެބާވަތުގެ ހިރިގަލުގެ މަސައްކަތާއި، ލާފެން ކުރުމާއި ލިޔުމުގެ މަސައްކަތް ދަސްކުރާ ބަޔަކަށް ގެއްލިނުދާ ފިލާވަޅުތަކެއްގެ ގޮތުގައި ބަހައްޓާނީކަމެއް ނޭގެއެވެ.

ކޮންމެއަކަސް މިސްކިތް ރޫޅައިގެން ގެންގޮސް އެހެންތަނެއްގައި ރާވައިގެން ބޭނުންކުރުމަކީ، މިރާއްޖޭގައި ވަރަށް މަދުން ކޮށްއުޅޭކަމެކެވެ. މިގޮތުން މީންޒަމާނަކުވެސް ގެންދިޔަ މިސްކިތަކީ ހަމައެކަނި ނ.ކުރެދިވަރުގައި ހުރި މިސްކިތެވެ. އެމިސްކިތް ރޫޅައިގެން އެރަށުން ގެންދިޔައީ، ނ.ބޮމަސްދޫއަށެވެ. އެއީ މާލޭ ހުކުރު މިސްކިތާގާތް މޮޑަލްއަކަށް ކުޑަކުޑަކޮށް ހަދާފައިވާ މިސްކިތެކެވެ. އެމިސްކިތް ގެންދިޔަގޮތަށް ނަމާދުކުރީއެވެ. ކަޅުވަކަރު މިސްކިތުގައި ކުރާނެކަމެއް އަދި ނޭގެއެވެ”

ކަޅުވަކަރު މިސްކިތުގެ އިތުރުން އެތަނުން އަނެއް ތަނަށް ބަދަލުކުރެވިފައިވާ މިސްކިތަކީ ށ. ކުރެދިވަރު މިސްކިތްކަމަށް މި ލިޔުމުގައި ބުނެފައި ވީ ނަމަވެސް މިކަމުގެ ތާރީޚީ އިތުރު ހެއްކެއް ފެންނާކަށް ނެތެވެ. ކުރެދިވަރު ފަޅުކޮށް އެ ރަށުގެ މީހުން ބޮމަސްދޫއަށް ފޭބި އިރު ކުރެދިވަރު މިސްކިތުގެ މަތިވަޑާންގަނޑު ގެންދިޔަކަމުގައި ވެއެވެ. ބޮމަސްދޫ އިިން ކުރެދިވަރު މީހުން ފަހުން ބަދަލުކުރެވުނީ ށ. ފަރުކޮޅު ފުނަދޫއަށެވެ. ކުރެދިވަރުގައި މިހާރު ވެސް އުވައިން ރާނާފައިވާ މިސްކިތެއްގެ ވީރާނާވެފައިވާ ގާފޮޅުތަކާއި މުންނާރެއްގެ ބައެއްް ކަމަށް ބެލެވޭ ބައެއް އެބަ ހުއްޓެވެ. ނަމަވެސް، ކުރެދިވަރުގައި ހުރި މިސްކިތަކީ އެއްތަނުން އަނެއް ތަނެއް ބަދަލުކުރެވޭ ގޮތަށް ހުރި ހިރިގަލުގެ މިސްކިތެއް ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.

ފަރުކޮޅު ފުނަދޫގައި ވެސް އަދި ބޮމަސްދޫގައި ވެސް މިހާރު އާޘާރީ މިސްކިތެއް ނެތެވެ. އެހެން ކަމުން މި ވާހަކައިގެ ތާރީޚީ ބުރަދަނުގެ މައްޗަށް އިތުރަށް ބަލާ ހޯދަން ޖެހެއެވެ.

ކަޅުވަކަރު މިސްކިތް މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތިިން ފުރަނަފުއްޓަށް ބަދަލުކުރުމަށް ފަހު އެ ކަންމަތީގައި ބިނާކުރެވުނީ މަސްޖިދުލް ސުލްޠާން ޢާދިލްއެވެ. އިބްރާހިމް ނާސިރުގެ ދައުރުގައި ބިނާކުރެވުނު މި ދެބުރި މިސްކިތް މިއަދުވެސް ފެންނަން އެބަހުއްޓެވެ.

ކަޅުވަކަރު މިސްކިތް ހުރި ތަނުގައި ބިނާކުރެވުނު މަސްޖިލދުލް ޢާދިލް،

ކަޅުވަކަރު މިސްކިތް ސަލްޓަން ޕާރކް ކަންމަތިން ނެގުން:

ކަޅުވަކަރު މިސްކިތް ރޫޅާލެވިފައި

އިބްރާހިމް ނާސިރު ކަޅުވަކަރު މިސްކިތް ނީލަން ކިޔައި ފުރަނަފުށީގައި ބަހައްޓާފައި ވަނިކޮށް 1980 ފެބްރުއަރީގައި ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މިސްކިތް މާލެ ގެންނަވައި ސަލްޓަން ޕާރކް އިރު ދެކުނު ކަނުގައި ބެހެއްޓެވިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ސަލްޓަން ޕާރކް އިރު ދެކުނު ކަނުގައި ހުރި ކަޅުވަކަރު މިސްކިތުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ހިމާޔަތްކުރުމުގެ މަސައްކަތަށް ކަޅުވަކަރު މިސްކިތް ބަންދުކުރުމަށް ފަހު  އަލުން ހުޅުއްވައި ދެއްވީ އޭޕްރީލް 19، 2009 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ.

  • ކަޅުވަކަރު މިސްކިތް ގިނަ ދުވަހަށް ހުންނާނެ ހެން އާބާތުރަފިލުވުމަށް ފަހު ރައީސް ނަޝީދު މިސްކިތް އަލުން ހުޅުއްވައި ދެއްވުން

2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެތެރޭގައި ސަލްޓަން ޕާރކްގެ އިރު ދެކުނު ކަނުގައި ބެހެއްޓިފައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލެވި އެތަނުން ނެގުނެވެ. އޭގެ ފަހުގައި ކަޅުވަކަރު މިސްކިތް ގދ. ތިނަދޫއަށް ބަދަލުކުރުމުގެ ވާހަކައެއް ވެސް ދެކެވުނެވެ. އަދި ހުޅުމާލޭގައި މިސްކިތް ރާވާ ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމި ވާހަކަވެސް އިވުނެވެ. ސައޫދީ ސަރުކާރަށް އެގައުމުގައި ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ހަދިޔާ ކުރާ ވާހަކައެއް ވެސް ދެކެވުނެވެ. ހެރިޓޭޖް ޑިޕާރޓްމަންޓުގެ ބެލެމުގެ ދަށުގައި ރައްކާތެރިކަމާއި އެކު މިސްކިތުގެ ބައިތައް ބެހެއްޓިފައިވާކަމަށްއެފަރާތުން ހާމަކުރި ނަމަވެސް ކަޅުވަކަރު މިސްކިތަށް ދެން ވާނެ ގޮތެއް ވަނީ ނޭނގުމުގެ ތެރޭގައެވެ.

_________

ކަޅުވަކަރު މިސްކިތުގައިވާ މުސްކުޅި ތާނަލިޔުން:

ކަޅުވަކަރު މިސްކިތުގައިވާ މުސްކުޅި ތާނަ ލިޔުން

ހިރިގަލުގައި މުސްކުޅި ތާނައިން ބިންވަޅުނަގައި ލިޔެފައިވާ ލިޔުމެއް ކަޅުވަކަރު މިސްކިތުގައި ބެހެއްޓިފައިވެއެވެ.  މި ލިޔުމުން އެނގޭ ގޮތުގައި ކަޅުވަކަރު މިސްކިތް ބެހެއްޓިފައި ވަނީ ޙަސަން ނޫރައްދީން އެކެއްގެ ރަސްކަމުން 10 ވަނަ އަހަރުގައެވެ. ޙަސަން ނޫރައްދީނު އެއްވަނައިގެ ރަސްކަމުން 10 ވަނަ އަހަރަކީ މީލާދީން 1789 މި ވަނަ އަހަރެވެ. މިއީ އެ ރަދުން ފުރަތަމަ ޙައްޖު ދަތުރުފުޅު ނިންމަވާ މާލެ ވަޑައިގަތް ދުވަސްވަރެވެ. މި ރަދުން ފުރަތަމަ ހައްޖު ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަތީ 27 އޯގަސްޓު  1786ގައެވެ. ކަޅުވަކަރު މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެފައިވާ މި ލިޔުމަކީ ތާނަ އަކުރުން ލިޔެފައިވާ އެންމެ ދުވަސްވީ އެއް ލިޔުމެވެ. ކަޅުވަކަރު މިސްކިތަކީ ދިވެހިންގެ މަސައްކަތްތެރިކަމުގެ ކުޅަދާނަކަން ދައްކުވައިދޭ އަގުބޮޑު އަޘާރެއްގެ  އިތުރުން ދިވެހިންގެ އަކުރާއި ވެސް ގުޅިފައިވާ ބަހަވީ ތަރަކިއެކެވެ.

  • ކަޅުވަކަރު މިސްކިތުގައިވާ މުސްކުޅި ތާނަ ލިޔުން

ކަޅުވަކަރު މިސްކިތުގައިވާ މުސްކުޅި ތާނަ ލިޔުން ފޮޅުވަތް ތަރުތީބުން:

1: ސުވަސްތީ ސިރިމަތަ މަހާ ސިރީ ކު

2: ލަ ސުންދުރަ ސިއާކަ ސާސްތުރަ އައު

3: ދަ ކީރިތި އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު

4: ކައްތިރި ބޮވަނަ މަހާރަދުންގެ ދިހަވަނަ އަވެރުދު މިދަނާރު ދަ

5: ނާވަތި ބިނާކުރައްވާފައި މި ދަނާރުފައްގަހައި ވޮއްތެލަލައި ހިފި

6: ހުންނާނޭ ފަދަ ބޯގައެއް ބަލާށެވެ ހުއްދަ ވިދާޅުބަސްފުޅު އިއް

7: ވެވި ހިދު މިރަދުންގެ ފުރަ އެކަސްވަޑުނަ މުޙައްމަދު ހަދޭގިރި އަޅާ ދަން

8: ނަވައިގަތް ބަހީ ތިލަދުންމަތީ މުޅަދޫ ގޮއިފާލައްބަ ދެއް

9: ވައި ދަރުމަކުރެއްވުން ހިތްފުޅާ އެކަށޭނަތޯވެ މިހެން ދެންނެވި

10: ހިދު މިބަހާއި ޤަބޫލު މަހާ ސިއްތާވެ ވޮޑިގެނިދެ މިތަކެތީގެ

11: މަންފާ ކައި ފައްގަހައި ވޮއް ތެލަޅުމުގެ ތައުލިއަމޫ

12: ލަވެރިކަން ދޮއްކަލޮއިންގެ އަށް އަޅުށްމަ

13: ތި ކުރައްވައިފީކޮށު

“ސުވަސްތީ ސިރިމަތަ މަހާ ސިރީ ކުލަ ސުންދުރަ ސިއާކަ ސާސްތުރަ އައުދަ ކީރިތި އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބޮވަނަ މަހާރަދުންގެ ދިހަވަނަ އަވެރުދު މި ދަނާރު ދަނާވަތި ބިނާކުރައްވާފައި މި ދަނާރު ފައްގަހައި ވޮއްތެލަޅައި ހިފިހުންނާނޭ ފަދަ ބޯގައެއް ބަލާށެވެ ހުއްދަ ވިދާޅުބަސްފުޅު އިއްވެވި ހިދު މިރަދުންގެ ފުރަ އެކަސްވަޑުނަ މުޙައްމަދު ހަދޭގިރި އަޅާ ދަންނަވައިގަތް ބަހީ ތިލަދުންމަތީ މުޅަދޫ ގޮއިފާލައްބަ ދެއްވައި ދަރުމަކުރެއްވުން ހިތްފުޅާ އެކަށޭނަތޯވެ މިހެން ދެންނެވި ހިދު މިބަހާއި ޤަބޫލު މަހާ ސިއްތާވެ ވޮޑިގެނިދެ މިތަކެތީގެ މަންފާ ކައި ފައްގަހައި ވޮއް ތެލަޅުމުގެ ތައުލިއަމޫލަވެރިކަން ދޮއްކަލޮއިންގެ އަށް އަޅުށްމަތި ކުރައްވައިފީކޮށު”

މި ލިޔުމުގައިވާ މުސްކުޅި ދިވެހި ބަސްތަކުގެ އިތުރުބަޔާން:

  • ސުވަސްތީ – މިއީ ރަސްގެފާނަށްވާ ސަލާމުގެ ކުރީނީސްކުރުމެކެވެ. ނުވަތަ މަރުހަބާގެ ލަފުޒެކެވެ. ބާއްޖަވެރިކަން ހުރި މި މާނައިގައި ވެސް ސުވަސްތީ ބޭނުންކުރެވެއެވެ.
  • ސިރީ – މާތް، ނަންއުފުލިގެންވާ، ވިދާޅުބަސްފުޅުގަދަ
  • މަތަމަހާ – މިއީ ރަސްގެފާނުގެ ބާރުގަދަ ކަމާއި ކިޔަމަނުގެ ދަށުގައި މީހުން ގެންގުޅުމުގެ ފުރިހަމަކަން ބުނެދިނުމަށް ބޭނުންކޮށްފައިވާ ބަހެއްކަމަށް ވެސް ވެދާނެއެވެ. އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފްގައި މި ބަސް މާނަކުރައްވާފައިވަނީ މުދައުގިނަކަން މި މާނައިގައެވެ. މިއީ “ސިރިމަތަ” އަދި މަހާ މި ދެބަސްކަމުގައި ވެސް ވެދާނެއެވެ. ސިރިމަތަ އަކީ ބޯދާބަހުގައި ތާހިރުކަން ބޮޑުކަމެވެ. ނަމަވެސް، ކަޅުވަކަރުމިސްކިތުގެ ލިޔުމުން ފެންނަނީ “ސިރީ” އެވެ. ދެން “މަތަމަހާ”އެވެ.
  • ކުލަސުންދުރަ – މާތް ދަރިކޮޅަކުން އައިސްފައިވާ ރަސްކަލެއްކަން ބުނެދިނުމަށްޓަކައި ރަސްރަސްކަލުންގެ ނަންފުޅުގެ ކުރިއަށް ކުލަސުންދުރަ ގެނެވިފައިހުރެއެވެ.
  • ސިއާކަސާސްތުރަ – ހެވިކަމާއި އެކި އިލްމުތަކަށް އަރާހުންނެވިކަން
  • އައުދަ – މިއީ އިއްޒަތްތެރި ނުވަތަ ނަންހިނގާފައިވާ
  • ކީރިތި – އިއްޒަތްތެރިކަމާއި މާތްކަމުގެ ބޮޑުކަން
  • ކައްތިރި – ހަނގުރާމަވެރި، ގަދަފަދަ، ހެވިކަމުގައި ކުޅަދާނަ
  • ބޮވަނަ – ބަވަނަ ނުވަތަ ދުނިޔެ، ރަސްގެފާނުގެ ބާރު ދުނިޔޭގައި ހިނގާކަން
  • އަވެރުދު – އެއް އަހަރުގެ މުއްދަތު، އަހަރު، މިއީ ސިންގަޅަ ބަހުގައި އަވުރުދުއެވެ.
  • ދަނާރު – މުސްކުޅި ބޯދާ ލިޔުންތަކުގައި މިސްކިތަށް ބޭނުންކޮށްފައި ހުންނަނީ “ދަނާރު” މި ބަހެވެ.
  • ދަނާވަތި – މިއީ މުސްކުޅި ބޯދާ ދިވެހި ބަހުގައި ކަށްބިން ނުވަތަ ގަބުރުސްތާނެވެ.
  • ފައްގަހައި – ފަންޖަހައި، މިއީ މިސްކިތްބިނާކުރައްވާ ފަނުން ހިޔާކުރެއްވި ވާހަކައެވެ.
  • ވޮއްތެލަޅައި – މިސްކިތް ބިނާކުރައްވާ ރޭގަނޑުގައި އަލިކުރުމަށް ވޮށް (ބައްތި) ތަކަށް ތެޔޮ އަޅުއްވައި
  • ބޯގަ -–މިސްކިތްތަކާއި ޒިޔާރަތްފަދަ ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަސް
  • ފުރައެކަސްވަޑުނަ –ފުރައުކަސްވަޑުނަ، މިއީ ބޯދާ ބަހުގައި ބޮޑުބަނޑޭރިއެވެ. މިއީ ދައުލަތަށް ލިބޭ ފައިސާއާއި މުދައު ބަހަލައްޓާ މީހާއެވެ.
  • ހަދޭގިރި – ހަނދޭގިރި، ކޮލީނަމެއް، އެތެރޭގެ ހިންގުމާބެހޭ
  • ގޮއިފާލައްބަ – މިއީ ގޮޔާއި ފާލައްބައެވެ.
  • މަހާސިއްތާވެ ވޮޑިގެނިދެ – މަހާސިންތާވެ، ވަރަށް ބޮޑަށް ވިސްނާފިކުރު ހިންގަވާ މަޝްވަރާކުރެއްވުމަށް އިންނެވުމަށް ފަހު
  • ތައުލިއަމޫލަވެރިކަން – ވަގުފު ބެލެހެއްޓުމުގެ ހަވާލުވެރިކަން

ތާނަ އަކުރު އުފެދުމުގެ ތާރީޚާއި ކަޅުވަކަރު މިސްކިތް:

ދިވެހިން އިހު ވޭލާގައި ބޭނުންކުރަމުން އައި ވާތުން ކަނާތަށް ލިޔެވޭ އެވޭލާ އަކުރާއި ދިވެސް އަކުރު ދޫކޮށް ކަނާތުން ވާތަށް ލިޔެވޭ ތާނަ އަކުރު އުފެދި ބޭނުންކުރެވުން ފެށީ ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހު އައި ޤަރުނުތަކުގައި ދިވެހި ބަހުން ލިޔާ ލިޔުންތަކުގައި ޢަރަބި ލަފްޒުތައް ގިނަވެ ކަނާތުން ވާތަށް ލިޔާ އަކުރެއްގެ ބޭނުން ދިވެހިންނަށް ބޮޑުވުމުންނެވެ. ތާނަ އަކުރަކީ މިވޭލާ ދުނިޔޭގައި އަޑުތަކުގެ ހަށަނަރަ ލިޔަން ބޭނުންކުރާ އެންމެ ސައިންޓިފިކް އެއް އަކުރެވެ. ތާނައިގެ އެންމެ ޙާއްސަ އެއް ސިފަ އަކީ ކިޔާ ގޮތަށް ލިޔުމެވެ.

ތާނަ އަކުރު އުފެނުނު ދުވަސްވަރަކާއި މެދު ތާރީޚް ލިޔާ މީހުންގެ މެދުގައި ތަފާތުތަކެއް އެބަ ހުއްޓެވެ. ތާނަ އަކުރު އުފެދިފައިވަނީ އުތީމު ބޮޑުތަކުރުފާނު ދިވެހި ރާއްޖެ ފުށެތިކާލުންގެ އަޅުވެތިކަމުން ސަލާމަތްކުރެއްވުމަށް ފަހު ހިނގާދިޔަ އަހަރުތަކުގައި އެތަކުރުފާނުން ކަމުގައި ބުރަވާ ބުނުމަކާއި ތާނަ އަކުރު އުފެދުމުގެ ތާރީޚް ބޮޑުތަކުރުފާނުގެ ޒަމާނަށް ވުރެ ފަހަތަށް ދާކަމުގައި ބުރަވާ ބުނުމެކެވެ. ފަތްކޮޅުތަކާއި ރާދަވަޅިތަކާއި ދުވަސްވީ މަހާނަގާތަކުން ފެނިފައިވާ މުސްކުޅި ތާނައިގެ ލިޔުންތަކުގެ ތެރެއިން އެންމެ ދުވަސްވީ ދެ ލިޔުމުގެ ގޮތުގައި  ބެލެވިފައި ވަނީ މިލަދޫ އޮތް މަޑުލު ކަނޑިތީމު ހުކުރު މިސްކިތުގައިވާ ލިޔުމަކާއި (މީލާދީން 1500 އާއި 1600 އާއި ދެމެދަށް ނިސްބަތްވާ) މާލޭ ލޮނުޒިޔާރަތްކޮޅުގައި ހުރި މަހާނަ މަހާނަގަލެއްގައިވާ (މީލާދީން 1400 އާއި 1500 އާ ދެމެދަށް ނިސްބަތްވާ) ތާނަ ލިޔުމެކެވެ. ތާނަ އަކުރު އުފެދުނު ދުވަސްވަރަކާއި އޮތް ހިލާފުގެ އަސްލަކީ މިދެލިޔުމެވެ.

މީލާދީން 1700، 1800 – މާލޭ ކަޅުވަކަރު މިސްކިތުގައިވާ ލިޔުމާއި ތާނަ އަކުރު ރަސްމީވުން

ދަތުރުފަތުރާއި މުވާސަލާތުގެ ދަތިކަން ހުރި ޒަމާނެއްގައި އަކުރެއް އުފެދި ފެތުރެން އެތައް ސަތޭކަ އަހަރެއް ފާއިތުވެދާނެއެވެ. ތާނަ އުފެދުނު ދުވަސްވަރެއްގެ ތާރީޚްވަނީ މާޒީގެ ފުސްކަމުގެތެރޭގައި ވީ ނަމަވެސް ދިވެހި ރާއްޖޭގެ ވެރިކަމުގެ ފަރާތުންދިވެހި ހަށަރަނަ ލިޔާ ރަސްމީ އަކުރަކީ ތާނަ ކަމުގައި ހަމަޖެހިގެން ދިޔައީ ކަޅުވަކަރު މިސްކިތް އެރަސްކަލަކަށް ނިސްބަތް ކުރެވޭ އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އިސްކަންދަރު އެއްވަނައިގެ ރަސްކަމުގައި ކަމަށް ބުނެވެއެވެ. މިރަދުންގެ ރަސްކަމާއި ހަމައަށް ދިވެހީންގެ ރަސްމީ ލިޔުންތަކުގައި ބޭނުންކޮށް އުޅުނީ ދިވެސް އަކުރާއި ތާނައަކުރާއި ދެބާވަތުންނެވެ.  ހުރިހައި ރަސްމީ ލިޔުންތަކުގައި ދިވެސް އަކުރުގެ ބަދަލުގައި ތާނަ އަކުރު އެކަނި ބޭނުންކުރުމަށް ޙަސަން ނޫރައްދީނު ރަދުން އެންގެވުމުން ތާނަ އަކުރަށް މަޤްބޫލުކަމާއި ކުރިއެރުން ލިބި އަދި ރަސްމީ ޙައިސިއްޔަތު ލިބިގެންދިޔައެވެ.

މިސްކިތްތަކާއި މަގާމްތަކާއި ޒިޔާރަތްތަކީ އިހު ޒަމާނުއްސުރެ ވެރިމަކުގެ ފަރާތުން އެންމެ އިސްކަމެއް ދީ ބަލަހައްޓަމުން ގެންގޮސްފައިވާ ތަންތަނެވެ. މިސްކިތްތަކާއި މަގާމްތަކާއި ޒިޔާރަތްތައް ބެލެހެއްޓުމަށް ދައުލަތުގެ ފަރާތުން ބޯގަދެއްވިކަމުގެ ފަތްކޮޅު ދެއްވައެވެ. މިސްކިތްތަކާއި ޒިޔާރަތްތައް ބެލެހެއްޓުމަށް ފަތްކޮޅު ދެއްވާ ވަގުފުކޮށްފައި ފަޅުރަށްރަށާއި މީހުން އުޅޭ ރަށްރަށުގެ ބިން ބިމާއި ރުއްގަސް ( ގޮއި އަދި ފާލައްބަ) ލައްވާފައި ހުރެއެވެ. ދައުލަތުގެ ފަރާތުން ދޭ ބޯގަތައް ލިޔެވިފައިހުރީ ފަތްކޮޅުތަކުގައާއި ލޯ ފޮއްޗާއި ހިރިގަލުގައި ބިންވަޅުނަގައިގެނެވެ. އެހެންކަމުން ދައުލަތުގެ ފަރާތުން އަކުރެއް ރަސްމީކުރިކަން އެނގޭނޭ އެންމެ ބޮޑު ހެއްކަކީ ފަތްކޮޅުތަކާއި ލޯ ފޮތިތަކާއި ހިރިގަލުގައި ބިންވަޅު ނަގައި ލިޔެފައިވާ ބޯގަފަތްކޮޅުތަކުންނެވެ. ދައުލަތުގެ ރަސްމީ ބޯގަ ފަތްކޮޅެއް ތާނައިން ހިރިގަލުގައި ބިންވަޅުނަގައި ލިޔުމަކީ ތާނަ އަކުރު ރަސްމީވުމެވެ.

ކަޅުވަކަރު މިސްކިތުގައި ބިންވަޅުނަގާ ލިޔެފައިވާ ބޯގަފަތްކޮޅަކީ ރާއްޖެއިން މިހާރު ފެންނަން ހުރި އެންމެ ދުވަސްވީ އެއް ތާނައިގެ ލިޔުމެވެ. ނުވަތަ މާލޭގައި ހުރި އެންމެ ދުވަސްވީ ތާނަ ލިޔުމެވެ. ހުކުރު މިސްކިތާއި އަދި މާލޭގެ ދުަވަސްވީ އެހެން މިސްކިތްތަކުަގައިވާ ރަސްމީ ލިޔުންތައް ހުރީ ޢަރަބި ބަހުންނެވެ. ހުކުރު މިސްކިތު ހުޅަނގު ބިތުގައި ވެސް ކަޅުވަކަރު މިސްކިތުގައި ތާނައިން ބިންވަޅުނަގާ “ބޯގަފަތްކޮޅު” ލިޔެފައިވާ ގޮތަށް ހިރިގަލުން ކަނޑާ ނަގައި ލިޔެފައިވާ ވަރަށް ދިގު ބޯގަ ލިޔުމެއް ވެއެވެ. މި ލިޔުން ވަނީ ޢަރަބި ބަހުންނެވެ. ހުކުރު މިސްކިތުގައިވާ ލިޔުމުގައިވާ ތާރީޚަކީ ޙިޖުރައިން އެކުސާސްތުރަ ފަސްދޮޅަސް އަށްވަނަ އަހަރު ބުރާސްފަތި އާޝޫރާ ދުވަހެވެ. ޙިޖުރައިން 1068 ވަނަ އަހަރެވެ.

ހުކުރު މިސްކިތުގައި ބިންވަޅުނަގާ ލިޔެފައިވާ “ބޯގަފްތކޮޅު”ގެ ލިޔުމުގެ އިތުރުން މިސްކިތުގައިވާ އެހެން ލިޔުންތަކާއި މިހާރު ދާރުލް އާޘާރުގައިވާ ހުކުރު މިސްކިތު ފިލާފަތްކޮޅު ވެސް ލިޔެވިގެންވަނީ ޢަރަބިންނެވެ. ބިންވަޅުނަގާ ލިޔެފައިވާ މި ބާވަތުގެ އެންމެ ދުވަސްވީ ލިޔުމަކަށް މާލޭގައި މިހާރު ހުރީ ހެންވޭރު އާޘާރީ ބާ މިސްކިތް ނުވަތަ ސީދީ މިސްކިތުގެ މިހުރާބުގައި ހިލައެއްގައި ކަނޑާނަގައި ލިޔެފައިވާ ލިޔުމެވެ. މިއީ މީލާދީން 1300ގެ އަހަރުތަކުގައި އައްސުލްޠާން ޖަލާލުއްދީން އުމަރުވީރު ރަދުން ރަސްކަމުގއި ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުންވެސް ވަނީ އަރަބިންނެވެ. މީލާދީން 1356 ވަނަ އަހަރާއި 1357 ވަނަ އަހަރާއި ދެމެދު ލިޔެވިފައިވާ މާލޭ ބޮޑުގަލު މިސްކިތު ބޯގަފަތް  ލިޔެފައިވާ ދިހަ ފޮތި  ލޯމާފާނެއް ޝަމްސުއްދީން ރަދުންގެ ދުވަސްވަރު މާލެ ވަޑައިގެންނެވި ބެލް ސާހިބު ދެކެލެއްވިއެވެ. މިއީ އެވޭލާ އަކުރުން ދިވެސް އަކުރުރައް ދިވެހި ލިޔުން ބަދަލުވަމުން ދިޔަ ދުވަސްވަރުގެ ލޯމާފާނެކެވެ. މި ބޯގަފަތްކޮޅު ލޯމާފާނު މިހާރު ފެންނާކަށް ނެތެވެ. މި މުހިންމު ލޯމާފާނު ގެއްލިފައިވާ އިރު ކަޅުވަކަރު މިސްކިތުގައި ބިންވަޅުނަގާ ލިޔެފައިވާ ތާނަ ބޯގަފަތްކޮޅުގެ މުހިންމުކަން މިއަދުގެ ގިނަބަޔަކަށް އެނގިފައި އޮތުމަކީ މި އަގުބޮޑު ތަރިކަ ދެމެހެއްޓުމަށް މުހިންމު ކަމެކެވެ.

__________

ކަޅުވަކަރު މިސްކިތުގެ ބެރިތަކުގައިވާ އަރަބި ލިޔުންތައް:

ކަޅުވަކަރު މިސްކިތުގެ ބެރިތަކުގައި ލާފެންކޮށް އަރަބިން ލިޔެފައިވާ ވަރަށް ގިނަ ލިޔުންތައް ވެއެވެ. އިހުގެ ހިރިގަލުގެ ގިނަ މިސްކިތްތަކުގެ ބެރިތަަކާއި ފިލާތަކުގައި ލާފެންކުރެވި ޢަރަބި ބަހުން ލިޔުންތައް ލިޔެފައި ހުރެއެވެ. މިގޮތަށް ބެރިތަކާއި ފިލާތަކުގައި ލާފެންކޮށް ލިޔެވިފައި ހުންނަ ލިޔުންތަކުގައި ކީރިތި ޤުރުއާނުގެ ޢާޔަތްތަކާއި އިތުރު ރަސޫލާގެ ހަދީޘްފުޅުތަކާއި މިސްކިތުގެ ތާރީޚާއި އަދި ރަސްރަސްކަލުންގެ ވާހަކަ ހިމެނެއެވެ. ކަޅުވަކަރު މިސްކިތުގައިވާ މިފަދަ ލިޔުންތަކުަގައި ވަނީ އަރަބި ބަހުން ލިޔެވިފައިވާ ޙަމްދު ޘަނާ ޞަލަވާތާއި މިސްކިތް ބިނާކުރުމުގެ މާތްކަމާއި އަދި މިސްކިތް ބިނާކުރެއްވި ރަދުންގެ ވާހަކައާއި ދިވެހި ތާރީޚުގައި ހިނގާފައިވާ ބައެއް ހާދިޘާތަކުގެ ޙަބަރުތަކެވެ.

ކަޅުވަކަރު މިސްކިތުގައި ލާފެންކޮށް ލިޔެވިފައިވާ ޢަރަބި ލިޔުންތައް ނަކަލުކުރެވިފައި މި ވަނީ ޑިޕާރޓްމަންޓް އޮފް ރިލިޖަސް އެފެއާރޒް އިން ޝާއިޢުކުރައްވާފައިވާ “މާލޭގެ މިސްކިތްތައް” މި ފޮތުންނެވެ. މި ފޮތުގައި މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރު އެކިލެގެފާނުގެ އިރުޝާދުގެ ދަށުން އެއިރު އޮތް “ތާރީޚް ކޮމިޓީ”ގެ ފަރާތުން މާލޭގެ މިސްކިތްތަކާއި ގަބުރުސްތާނުތަކާ ބެހޭގޮތުން އެއްކުރައްވާފައިވާ މައުލޫމާތު ވެއެވެ. މި ފޮތް ޝާއިއުކުރެވުނު ތާރީޚް އެނގޭކަށް ނެތެވެ. ފޮތުގެ މުޤައްދިމާގައި ވަނީ:

“މައުލޫމާތު ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ބަލާލުމަށްވަނީ ވަރަށްވެސް މަދު އެއްޗެކެވެ. މި މަސައްކަތް އަޅުގަނޑު ފެށިއިރު އަޅުގަނޑު މިކަމުގައި އެހީ ލިބިގަންނާނެ ފަރާތެއް ނުވަތަ ލިއުމެއް ނުފެނިގެން އުޅެނިކޮށް އަޅުގަނޑުގެ އަތްމައްޗަށް އެރީ ސުމުއްވުލް އަމީރު މުޙައްމދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރު އެކިލެގެފާނުގެ އިރުޝާދުގެމަތީން އެއިރު އޮތް “ތާރިޚް ކޮމިޓީ” ގެ ފަރާތުން ކުރެއްވި ތަޙްޤީޤް ތަކެއް ލިޔެވިފައިވާ ފޮތްތަކެކެވެ. މި ފޮތްތަކުގައި އެދުވަސްވަރު މާލޭގައި ހުރި ގިނަ މިސްކިތަކުގައިވާ ލިއުންތަކާއި އެތަންތާގެ މަހާނަ ގައުތަކުގެ ލިއުންތައް ނަކަލުކުރެވިގެން ވެއެވެ.

އަޅުގަނޑު ކުރި މަސައްކަތުން ލިބުނު މައުލޫމާތު ފޮތެއްގެ ސިފައިގައި ތިޔަ އަރިސްތަކަށް މިހުށަހަޅަނީ މީގެ އުނިކަން ޤަބޫލުކުރައްވަމުންނެވެ. އަދި އަޅުގަނޑު ލިޔެފައިވާ ޢިބާރާތްތަކުގައިވާ މައުލޫމާތުގެ ތެދުދޮގާމެދު ތިޔަ ބޭފުޅުން ފާޑުވިދާޅުވުމަށް ތަންދެމުންނެވެ”

ކަޅުވަކަރު މިސްކިތުގެ ބެރިތަކުގައިވާ ޢަރަބި ލިޔުންތައް އިތުރަށް ދިރާސާކޮށް މި ލިޔުމުގައި ހިމެނެމަށްޓަކައި އެ ލިޔުންތައް ބަލައި ލިޔުންތަކުގެ ދިވެހި ތަރުޖަމާއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާފައިވަނީ އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ލެކްޗަރަރ އަދި ދިވެހި ތާރީޚް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރައްވާ އަޙްމަދު ޢަލާ ދީދީ، މާފަންނު ރީހުއްޞަބާއެވެ. ތިރީގައި މިވަނީ ކަޅުވަކަރު މިސްކިތުގެ ބެރިތަކުގައިވާ ޢަރަބި ލިޔުންތަކުގެ ދިވެހި ތަރުޖަމާކުރެއްވި ފަރާތުގެ ބަޔާނެކެވެ.

  • މުތަރުޖިމް ނޯޓް މި ލިޔުމުގައި ހުރި އެއްޗެއް ދެނެގަތުމުގައި ވަރަށް ގިނަ ހުރަސްތައް ކުރިމަތިވިއެވެ. އެ ހުރަސްތަކަކީ1:  – ނަކަލުކޮށްފައިވާ މީހާއަށް ޢަރަބި ބަސް ނޭނގުމުގެ ސަބަބުން އޭނާވަނީ ލޮލަށް ފެނުނު އެއްޗެއް އެއީ ކޮންއެއްޗެއްކަން ނޭނގިހުރެ ލޮލަށް ސިފަވީ ގޮތަށް ކުރަހާފައި ކަމަށް އަޅުގަނޑަށް ބެލެވެއެވެ. އެހެންކަމުން ޢަރަބި ލަފުޒަށް ނުވާ ޢަރަބި އަކުރުތަކަކުން ލަފްޒެއް ސިފަޔަށް އެކުލަވާފައި ހުރި އެތައް ބައިވަރު “ކުރެހުމެއް” މި ޢިބާރާތްތަކުގެ ތެރޭގައި ހިމެނިފައި އެބަހުއްޓެވެ. އެހެންކަމުން އެފަދަ ތަންތަނުގެ މާނަ ނޭނގުމުގެ އިތުރުން ކިޔާނެ ގޮތެއްވެސް ނޭނގުނެވެ. 2 – ޢިބާރާތްތަކުގެ ތެރޭގައި ފުރިހަމަ މާނަޔެއް ދޭހަކުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާނެ ވަރަށް ގިނަ ލަފްޒުތައް ވެއްޓިފައިވެއެވެ. އެހެންކަމުން ލަފްޒު ކިޔަން އެނގޭ ޙާލަތުގައިވެސް މައުނައެއް ދޭހަނުވާ ޢިބާރާތްތައް ގިނަކަމަށް ފާހަގަކުރެވެއެވެ. މުތަރުޖިމުގެ އިލްތިމާސް: މި ލިޔުންތަކުގެ އަސްލު އެންމެ ކުޑަމިނުން ފޮޓޯގަނޑެއްގެ މިންވަރު ވިޔަސް މިސްކިތުގެ ބެރިތަކާއި ފިލާތައް ގެއްލިދިޔުމުގެ ކުރީން އަތުޖެއްސޭތޯ ބެލުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެކެވެ.

ޢަރަބި ލިޔުންތަަކާއި ތަރުޖަމާ:

  • ޗާޓު: ކަޅުވަކަރު މިސްކިތުގައިވާ ޢަރަބި ލިޔުންތައް ހުރި ތަންތަނުގެ ފާހަގަކުރުން. އަދަދުތައް އެ ވަނީ ޢަރަބި ވިޔައަކުރުން

1 – 2 بــســم اللــه الــرحــمــن الــرحــيــم

2 – 3 الـحمــدللــه

4 – 5 الأجــل الممـــآمـــد

5 – 6 والصـــلاة

7 – 8 والـسـلام علي

8 – 9 ســيــدنـا مـحــمــد

9 – 10 خـيـر راكـع وسـاجـد

10 – 11 وعـلي ءآلــه وأصـحـابـه

މިސްކިތުގެ މަތިވަޑާންގަނޑުގައިވާ ލިޔުންތަކުގެ މިހިސާބަށް ނަކަލުކޮށްފައިވާ މިވާ ލިޔުންތަކުގައި ޙަމްދު ޘަނާއާއި އިތުރު ނަބިއްޔާއަށް ޞަލަވާތެވެ.

12 – 13 الـسـادةالـمـاجـد

13 – 14 وبعــد قـال من أولي

15 – 16 وجمـرةالـبـرعـمــارت

16 – 17 المـســاجــد لـقـولـه تـعـالي

17 – 18 إنـمـا يـعـمـر مـسـاجـداللـه

18  19 مـن ءآمـن باللــه والــيـوم

20 – 21 الآخـر وإقــام

21 – 22 الـصـلاة وءآتي الـزكـاة

23 – 24 ولـم يـخــش إلااللـه

24 – 25 فـعـسـي ألـئـك

25 – 26 أن يكـونــوا من الـمـهــتـديـن

28 – 29 وسـلـم من بـنـي مـسـجـداللـه

29 – 30 تـعـالي ولـولمعخـــص قـطـاة

31  32 بن اللـه لـه قـطـر في الـجـنـة

32 – 1 فلهذا علي كل حال والصلاة وسلام علي سيدنا محمد

މި ލިޔުންތަކުގެ ތަރުޖަމާ:

އެންމެ އިސްވެގެންވާ ހެޔޮކަންތައްތަކުގެ ތެރޭގައި މިސްކިތް ބިނާކުރުން ހިމެނެއެވެ. އެހެނީ މާތް ﷲ ވަޙީ ކުރައްވާފައިވަނީ:

ﷲގެ މިސްކިތްތައް ފަޅު ފިލުވައި ބަލަހައްޓާނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ޤާއިމްކޮށް، ޒަކާތް ދީ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތް ބަޔެކެވެ. (މިއީ ތައުބާ ސޫރަތުގެ 18 ވަނަ އާޔަތެވެ)

ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއޭ “ﷲ އަށްޓަކައި ކިތަންމެ ކުޑަނަމަވެސް އެއީ ދޫނި ހާއްޔެހައި ކުޑަނަމަވެސް މިސްކިތެއް ބިނާކުޅަ މީހާއަށްޓަކައި ﷲ ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނެތެވެ”

އެހެންކަމުން އަހުރެން މި ބަރަކާތްތެރި މިސްކިތް ބިނާކުރީމެވެ. ﷲ އަށް ޙަމްދާ ޝުކުރު ހުއްޓެވެ. އަދި ޞަލަވާތާއި ސަލާމްލެއްވުން އެދެނީ އެކަލާނގެ ނަބިއްޔާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށެވެ.

33 – 31 والال وبعد فلما كان تاريخ ست وستين ومأته والف من

6 – 35 الهجرة النبوية وقفة الموقعة الميباربة من طرف علي ارحا فيأ

އެޔަށްފަހު ދަންނައޭ ހިޖުރައިން ހާހާއި އެއްސަތޭކަ ފަސްދޮޅަސް ހަޔެއްގައި މަލާބާރީންގެ ޢަލީ އަރުޙާފިޔާގެ ޙާދިޘާ ހިނގިއެވެ.

35 – 24  ست البلاد نيف بجة اطؤ جماعة مبا كما قبل فدخلو ادار

34-4  السلطفة واقربوها اخذ والبلاد ثم لما نكن امرهم تشيجع

11-36 عليهم ابطال من البلاد ورئيتهم الولد البيت عصنفر حسن

36-7  بن الوزير محمد الروي خا اخذ والبلاد منهم عمر دار السلطنة

އެމީހުން ވަދެގަތޭ ދިވެހި ރަސްކަމުގެ ގަނޑުވަރަށް އަދި އަމުރުކުރިޔޭ …. ؟

ދެން އެޔަށްފަހު އެމީހުންނަށް ބާރު ލިބުނު ހިނދު އެމީހުންގެ މައްޗަށް ހިއްވަރު ހޯދައިފިޔޭ ޤައުމުގެ ބަތަލުންތަކެއް. މި ބަޠަލުންގެ ވެރިޔަކަށް ހުންނެވީ ގަދަފަދަ ސިންގާއެއް ފަދަ ޙަސަން އިބްނުލް ވަޒީރު މުޙައްމަދުލް ހުރަވީއެވެ (މިއީ ދޮންބަންޑާރައިންގެ ވާހަކައެވެ).

އެޔަށްފަހު އެމީހުންގެ އަތުން ރާއްޖެ ހިފިޔޭ ޢުމަރު ….

14 – 38 . . . . العصووتوني و عليهم  سمو . . . . .

އެޔަށްފަހުގައި ޒަމާންތައް ފާއިތުވުމަށްފަހު ސުމުއްވު ….

36 – 37 ولفوله صلي الله عليه  . . .  حسن عزالدين

އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވާފައިވެއޭ … (މިބައި ނަކަލުގައި ނެތެވެ). ޙަސަން އިއްޒުއްދީން

38 – 37 ثم لما مضي من سلطنة سبع  سنبين فغلب علي البلاد

37-12 السلطان محمد غياث الدين  بن ا السلطان ابراهيم اسكندر

19 – 39 ابن السلطان محمد عماد الدين  الد يمفي ثم لما مضي من سلطنة سبع سنبين علب

39 – 15 علي البلاد السلطان محمد شمس الدين العزيز حسين اخ

31 – 41 السلطان حسن عز الدين قولا علي البلاد السلطان محمد معز الدين

 

އެޔަށްފަހު 7 އަހަރަށްފަހު ރާއްޖޭގެ މައްޗަށް އިސްވެއްޖެޔޭ މުޙައްމަދު ޢިޔާސުއްދީން (މިއީ ޝަހީދުކުޅަ ބަންޑާރައިންނެވެ) އިބްނުއް ސުލްޠާން އިބްރާހިމް އިސްކަންދަރު އިބްނުއް ސުލްޠާން މުހައްމަދު ޢިމާދުއްދީން އައްދިޔަމިގިލީ (މިތަނުގައި މިވަނީ މުކައްރަމް މުހައްމަދު ޢިމާދުއްދީން، ކޮރުބަންޑާރައިންގެ ވާހަކައެވެ) އެޔަށްފަހު 7 އަހަރު ފާއިތުވުމަށްފަހު ރާއްޖޭގެ މައްޗަށް ވެރިވެއްޖޭ މުޙައްމަދު ޝަމްސުއްދީން (މިއީ ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވި ރަދުންނެވެ) އަލް ޢަޒީޒު ޙުސައިން އެއީ އައްސުލްޠާން ޙަސަން ޢިއްޒުއްދީނުގެ އަޚު މަނިކުފާނެވެ.

ގައުމުގެ މައްޗަށް …. އިބްނުއް ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން …..

40 – 41 . . . . . . . حسن عز الدين المنظفر

ޙަސަން ޢިއްޒުއްދީން އަލް މުންޒަފިރު

40 – 20 20 فبنا هذ المسجد المبارك لله تعالي  الي يوم الدين

އެހެންކަމުން މި ބަރަކާތްތެރި މިސްކިތް ﷲ އަށްޓަކައި ބިނާކުރެއްވިއެވެ.

30 – 44 السلطان الغازي  محمد اسكندر بن السلطان

އައްސުލްޠާނުލް ޢާޒީ މުޙައްމަދު އިސްކަންދަރު ބިން އައްސުލްޠާން

44 – 43 الغازي حسن عز الدين افخرفي  تاريخ الف ومأئة واثني وثبعين

43 – 28 من هجرة النبي الهادي والامين صلي الله عليه  واله وصحبه اجمعين

އަލްޢާޒީ ޙަސަން ޢިއްޒުއްދީން.

ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ޙިޖުރައަށް ވަޑައިގަތްފަހުން ހާހާއި އެއްސަތޭކަ ބާވީސް އަހަރުފަހުން …

އެކަލޭގެފާނާއި އަޙުލުބައިތުންނާއި އަޞްހާބުންނަށް ޞަލަވާތާއި ސަލާމް ހުއްޓެވެ.

~

އަރަބި ލިޔުންތަކުގެ ތާރީޚީ އިތުރުބަޔާން:

ކަޅުވަކަރު މިސްކިތުގެ ބެރިތަކުގައި ލިޔެވިފައިވާ ޢަރަބި ލިޔުންތަކުން ފާހަގަވާ ރަސްރަސްކަލުންނާއި ނަންތަކާއި ހާދިސާތަކުގެ ތަފްސީލަކީ ދިވެހި ތާރީޚްގެ ފަތްފުށްތަކުން ފެންނަން އޮތް ދިގު އަނދިރި ސަފުހާތަކެކެވެ. މަލާބާރީން ރާއްޖެ ހިފައި ކޮރުބަންޑާރައިން ޖަހައިގަނެގެން ގެންދިޔަ ވާހަކައާއި ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކުރެއްވި ވާހަކައާއި އޭގެފަހުގައި ދިޔަމިގިލީ ދަރިކޮޅާއި ހުރާގޭ ޚާންދާނުގެދެމެދު ހިނގާދިޔަ ވެރިކަމުގެ ފިތުނައިގެ ދުވަސްވަރުގެ ވާހަކަތަކެވެ.  މިއީ ތާރިޚްގައި ދިގުކޮށް ލިޔެވިފައިވާ ވާހަކަތަކެއް ކަމުން މިތަނުގައި މިލިޔަނީ އެ ވާހަކަތަކުން ކަޅުވަކަރު މިސްކިތުގައިވާ ޢަރަބި ލިޔުންތައް އޮޅުންފިލާނެ މިންވަރަށެވެ.

 1 – ހޮޅިން މާލެއަރާ ހުޅުޖެހުން

  • 6 – 35  -އެޔަށްފަހު ދަންނައޭ ހިޖުރައިން ހާހާއި އެއްސަތޭކަ ފަސްދޮޅަސް ހަޔެއްގައި މަލާބާރީންގެ ޢަލީ އަރުޙާފިޔާގެ ޙާދިޘާ ހިނގިއެވެ

 މިކަން ހިނގަން މެދުވެރިވި ސަބަބަކީ ރާއްޖޭގައި އެއިރު ފަނޑިޔާރު މަނިކުފާނުން ކަމުގައި ހުންނެވި އަލްޤާޒީ ހަސަން ތާޖުއްދީންގެ ފުތް މުޙައްމަދު ޝަމްސުއްދީނާއި އަލްޤާޒީ ހަސަން ތާޖުއްދީންގެ ދަރިކަލުން ޚަތީބު އަޙްމަދު މުޙުޔިއްދީނާ ދެބެއިން ދިވެހި ރާއްޖޭގެ ރަސްކަމަށް ދަހިވެތިވެ ދިވެހި ރާއްޖޭގެ ވެރިކަން ޤަސްބުން ފޭރިގަތުމަށް ކަންނަންނޫރު އަލީރާޖާގެ އެހީއަށް އެދިވަޑައިގެން ފަތެއްފޮނުއްވުމެވެ. މިފަތުގައި އެއިރު ރަސްކަމުގައި ހުންނެވި އިސްވެ ނަކަލުކުރެވިފައިވާ ކަޅުވަކަރު މިސްކިތުގެ ޢަރަބި ލިޔުންތަކުން ފާހަގަކުރެވޭ “ސުލްޠާން މުހައްމަދު ޢިމާދުއްދީން އައްދިޔަމިގިލީ”އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތައް ކުރައްވާކަމަށް ލިޔެފައިވެއެވެ. “ސުލްޠާން މުހައްމަދު ޢިމާދުއްދީން އައްދިޔަމިގިލީ” އަކީ އައްސުލްޠާން މުކައްރަމް މުޙައްމަދު އިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން ނުވަތަ މަޝްހޫރު ކޮރުބަންޑާރައިންނެވެ.

އަލްޤާޒީ ޙަސަން ތާޖުއްދީންގެ ދެބެއިން ކަންނަންނޫރު އަލީ ރާޖާއަށް ފޮނުއްވި ފަތަށް ޖަވާބު ލިބިވަޑައިނުގަތުމުން ފަނޑިޔާރުމަނިކުފާން މުހައްމަދު ޝަމްސުއްދީން އަލީރާޖާއަށް ދެވަނަ ފަތެއް ފޮނުއްވިއެވެ. މިފަތުގައި ދިވެހި ރާއްޖޭގެ މީހުން ފިތުނަވެރިވެ ރަށްބަލަހައްޓަން ރޭގަނޑު ހޭލައި ނުތިބޭކަމަށާއި “މިހާރު ތިޔަބައިމީހުން އަތުވެއްޖެ ނަމަ ރާއްޖެ އަތުލައި މިލްކުކޮށްދިނުން ތިމަން ކަލޭގެފާނު މައްޗެވެ. ރޭގަނޑު ރަށުމީހުން ނިދައިފައި ތިއްބައި އައިސް ރަށަށް އަރާށެވެ” މިފަދައިން ލިޔެފައިވެއެވެ. މިމަގުން މިކަން ހިނގާފައިވަނިކޮށް އަލީރާޖާ ނަވަކާއި ދެ ފުރެއްދެއޮޑިޔަށް ހަނގުރާމާއިގެ ތަކެއްޗާއި މަލާބާރީންގެ މީހުން ލައްވައިފައި ރާއްޖެއާއި ތޮޅުމަށް ފޮނުއްވައިފިއެވެ. އަލީ ރާޖާގެ މީހުން މާލޭ ކަނޑިންމާ ތަޅުނުލައި ހުއްޓައި ކަނޑިންމައިން ވަނީ ހިޖުރައިން 1166ހ ވަނަ އަހަރު ޞަފަރުމަހުގެ 13 ވިލޭރޭ (19 ޑިސެމްބަރު 1752) ދަންވަރު އެވެ.

2 – ހޮޅިން ކޮރުބަންޑާރައިން ޖަހައިގަނެގެން ގެންދިއުން

  • 35 – 24 އެމީހުން ވަދެގަތޭ ދިވެހި ރަސްކަމުގެ ގަނޑުވަރަށް އަދި އަމުރުކުރިޔޭ …. ؟

މިސްކިތު ބެރރިތަކުގައިވާ ޢަރަބި ލިޔުންތަކުން މިބައިގެ ތަފްސީލަކީ، މަލާބާރީން މާލޭ ކަޑިންމައިން ވަތް އިރު މާލޭގެ އެންމެން ތިބީ ނިދާފައެވެ. މިބައިމީހުން ގަނޑުވަރު އެތެރެކޮއިލަށް ވަންއިރު ގަނޑުވަރުގެ ފާރަވެރިންވެސް ތިބީ ނިދާފައެވެ. އަލީރާޖާގެ މީހުން ގަނޑުވަރުތެރެއަށް ވަދެ ބަޑިޖަހައި މީހުން މަރަން ހެދީމައި އެމީހުންގެ ކިބައިން ސަލާމަތްވެވަޑައިގަތުމަށް “ސުލްޠާން މުހައްމަދު ޢިމާދުއްދީން އައްދިޔަމިގިލީ” ވަޑައިގަތީ އެރަދުންގެ މާފަންނު ގަނޑުވަރަށެވެ. މިކަންތައްގަނޑުގައި މަލާބާރިން ޖެހި ހުޅުގައި އެތެރެކޮއިލުގައި ހުރި ހުރިހާ ގެތަކާ ދޮރޯށިތައް އަދި ފުރަމާލޭގައި ހުރި ގެތަކުގެ ދެބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ. 63 ގޯއްޗާއި 3 މިސްކިތާއި 3 ގަނޑުވަރު އަނދައިގެން ދިޔަކަމަށް ލިޔެވިފައިވެއެވެ. މި އަލިފާންގަނޑުގައި އަލްޤާޒީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ “ތާރީޚް ދީބާ މަޙަލް”ގެ އަސްލު ފޮތް އަނދައިގެން ދިޔައެވެ.

މާލޭގެ މައްޗަށް ގަދަވެ މަލާބާރީން “ސުލްޠާން މުހައްމަދު ޢިމާދުއްދީން އައްދިޔަމިގިލީ” އާއި އެރަދުންގެ މުޙައްމަދު މަނިކުފާނު އެބައިމީހުން ރާއްޖެއާއި ތޮޅުމަށް އައި ފުރެއްދުއޮޑިޔަށް ގެންދިޔައީއެވެ. މިއޮޑިއަށް އަމިއްލައަށް އެދިގެން ބައެއް ވަޒީރުންވެސް އަރައިވަޑައިގަތެވެ. ދެން މަލާބާރީން މި އެންމެނާ އެކު ރާއްޖެދޫކޮށްފުރީއެވެ. މަލާބާރީންގެ އަތްދަށުގައި ހުންނެވި ދުވަސްވަރު އެބައިމީހުން “ސުލްޠާން މުހައްމަދު ޢިމާދުއްދީން އައްދިޔަމިގިލީ” ގެ ދެލޯފުޅު ކަނުކޮށްލިއެވެ. ކަންނަންނޫރުގެ ބައެއް ރަށްރަށުގައި މަލާބާރީންގެ ދަށުގައި ހުންނެވުމަށް ފަހު މަލިކަށް ބަދަލުކުރެއްވި ފަހުން 24 ޖޫން 1753މ ގައި “ސުލްޠާން މުހައްމަދު ޢިމާދުއްދީން އައްދިޔަމިގިލީ” (ކޮރުބަންޑާރައިން) މަލިކުގައި އަވަހާރަވެއްޖެއެވެ. މިއީ ނުހަނު އަނިޔާ ލިބުނު ރަސްކަލެކެވެ.

މާލޭ ހިފައިގެން ތިބި މަލާބާރިން އެބައިމީހުންގެ އެހީތެރިންކަމުގައިވި ދެބެއިންކުރެ ފަނޑިޔާރު މުހައްމަދު ޝަމްސުއްދީން އެބައިމީހުންގެ ވެރިއެއްކަމުގައި ބައިޢަތު ހިފައިގެން ދުވަސްކޮޅަކު ތިބެފައި މި ފަނޑިޔާރުމަނިކުފާނާއި ޚަޠީބު މުހައްމަދު މުޙްޔިއްދީނާއި ދެބެން ބަނދެ އަނިޔާކޮށްފައި ކަނޑުފެއްތީއެވެ.

މެދުޒިޔާރަތުގައި ހުރި ފިލައެއްގައި މި ހާދިޘާ ލިޔެފައިވަނީ

“ހިޖުރައިން ހާހާ އެއްސަތޭކަ ފަސްދޮޅަސް ހަވަނަ އަހަރު ޞަފަރު މަހު ބުދަ ތޭރަ ފޮއި ވިލޭރޭ ދަނަ ރާހިން އެގާރަޔަށް އައި، ކަންނަންނޫރު ޢަލީ ރާޖާ ފޮނުއްވީމައި، ކަންނަންނޫރުން ބަޔަކު ހޮޅީން އައިސް މާލެޔަށް އަރައި، އެތެރެކޯލާއި ރަށުން ފަސްދޮޅަސް ތިން ގޯއްޗާއި، ތިން މިސްކިތާއި، ތިން ގަނޑުވަރާއި ހުޅުލައި ދަވާފައި، މާލެ ހިފައިގެން މިވޭލާ ފުރަމާލޭ ތަޙްތުގައި އިންނެވި އައްސުލްޠާން އަލްމުކައްރަމް މުޙައްމަދު ޢިމާދުއްދީން ސިރީ ނަވަރަންނަ ކީރިތި މަހާރަދުންނާއި މިރަދުންގެ އެއްކިހުނުފަން އައްސުލްޠާން އިބްރާހިމް ރަދުނަށަ އުފަން ކަލަމިންޖާއި، މިދެބޭކަލުން އޮޑިޔަކަށް ލައިގެން ކަންނަންނޫރަށް ގެންގޮސްފައި މިދިވެހިރާއްޖޭގައި ޢަލީރާޖާޔަށް ތާނިޔާކިޔައި ސިއްކަ ހިންގާފޫ”ސާހިބާ ތެރެކޯލު އިން އަ، ކާ އަތުލޫ ހޮޅިއިން އެ

“ހާހާއި އެއްސަތޭކަ ފަސްދޮޅަސް ހަޔެއް” ގައި ހިނގި މަލާބާރިންގެ ހާދިޘާކަމަށް ކަޅުވަކަރު މިސްކިތުގެ ޢަރަބި ލިޔުންތަކުގައިވާ ހާދިޘާއަކީ މިއެވެ.

3 – ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުން

  • 34-411-3636-7   މި ނަންބަރުތަކުގެ ލިޔުމުގައިވާ ލިޔުން

“ދެން އެޔަށްފަހު އެމީހުންނަށް ބާރު ލިބުނު ހިނދު އެމީހުންގެ މައްޗަށް ހިއްވަރު ހޯދައިފިޔޭ ޤައުމުގެ ބަތަލުންތަކެއް. މި ބަޠަލުންގެ ވެރިޔަކަށް ހުންނެވީ ގަދަފަދަ ސިންގާއެއް ފަދަ ޙަސަން އިބްނުލް ވަޒީރު މުޙައްމަދުލް ހުރަވީއެވެ”

މަލާބާރީން ރާއްޖެ ހިފައި ކޮރުބަންޑާރައިންނާއި ވަލީއަޙްދު މުހައްމަދު މަނިކުފާން އަތުލައިގަނެގެން ގެންދިޔުމަށް ފަހު އެބައިމީހުންގެ އެހީތެރިންކަމުގައިވި އަލްޤާޒީ ޙަސަން ތާޖުއްދީންގެ ދެބެން ވެސް ގަތުލުކުރުމަށް ފަހު ރާއްޖޭގެ މައްޗަށް މަހާއި 20 ދުވަހު ވެރިކަން ހިންގިއެވެ. މަލާބާރީންގެ ވެރިކަން ނިމުމަކަށް އައީ މިބައިމީހުންގެ އަނިޔާވެރިކަމާއި އުނދަގޫ ބޮޑުވުމުން ދިވެހިންގެތެރެއިން ބަތަލުންތަކެއް، މަލާބާރީންގެ އަނިޔާގައި ކަންނަންނޫރުގައި އަވަހާރަވި “ވަޒީރު މުޙައްމަދުލް ހުރަވީ” ގެ ދަރިކަލުން ގަދަފަދަ ސިންގާއެއް ފަދަ ޙަސަންގެ ފަހަތުގައި މާލާބާރީންނާއި ދިމާކުރައްވައި ކުރައްވައި މާލޭގައި ކުރެއްވި ހަނގުރާމައިގައެވެ. މި ހަނގުރާމަކުރެވުނީ 3 ޖުމާދަލްއާޚިރާ 1166ހ، 7 އޭޕްރީލް 1753މ ގައެވެ.

  • ގަދަފަދަ ސިންގާއެއް ފަދަ ޙަސަން

މި ހަނގުރާމައިގެ ވާހަކައިން ކަޅުވަކަރު މިސްކިތުގެ ޢަރަބި ލިޔުންތަކުގައި ލިޔެވިގެންވާ “ގަދަފަދަ ސިންގާއެއް ފަދަ ޙަސަން” އަކީ ދިވެހީންގެ މަޝްހޫރު ބަތަލު އައްސުލްޠާނުލް ޢާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން، ދޮންބަންޑާރައިންނެވެ. މާލެހިފައި ވެޔޮދޮށުގަނޑުވަރު ކިއްލާއެއްކަމު ހަދައިގެން ތިބި މަލާބާރީންނާއި ހަނގުރާމަކުރެއްވުމަށް ދޮންބަންޑާރައިނާއި އެކު ނިކުތް ބަތަލުންނަކީ ބަނޑޭރި ޙަސަން ހިރިހަމައިދި ކަލޭގެފާނާއި، ޙުސައިން ގަދަހަމައިދި ކަލޭގެފާނާއި، މޭނާބަނޑޭރި ފަޑިއަތްތަކުރުފާނާއި އޭނާއާއި އެއްބަފާ ޢުމަރު މަނިކާއި، އަދި މިބައިމީހުންނަށް ތަބަޢަވީ މީހުންގެ ތެރެއިން ނިކުތް ހިތްވަރުގަދަ މީހުންނެވެ. މީގެފަހުގައި ވެސް ޢަލީރާޖާ ރާއްޖެއާއި ހަނގުރާމައަށް ދެއޮޑީގައި މީހުން ފޮނުވިއެވެ. ނަމަވެސް “ގަދަފަދަ ސިންގާއެއްފަދަ ޙަސަން” މިފަހަރުވެސް މަލާބާރީން ބަލިކުރެއްވިއެވެ. އަދި ޢާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނުގެ ނަންފުޅު ލިބިވަޑައިގަތެވެ.

މަލާބާރީން އަތުލައިގެން ގެންދިޔަ “ސުލްޠާން މުހައްމަދު ޢިމާދުއްދީން އައްދިޔަމިގިލީ” ކޮރުބަންޑާރައިންނާއި ވަލީ އަޙްދު މުހައްމަދު މަނިކުފާނު (ފަހުން ޤިޔާސުއްދީން ރަދުން) ސަލާމަތްކުރައްވައި ރާއްޖެ ގެނައުމަށް ކުރެއްވި މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް ހިޖުރައިން 1170 (1757މ) ޝައްވާލުމަހުގައި ކޮރުބަންޑާރައިން މަލިކުގައި އަވަހަރާވިއެވެ. ކޮރުބަންޑާރައިން މަލިކުގައި އަވަހާރިވިތާ ތިން ވަނައަށް ވީ އަހަރު ހިޖުރައިން 1173 ވަނަ އަހަރުގެ (1759މ) ރަބީޢުލްއާޚިރު 15 ވީ ބުރާސްފަތި ދުވަހު “ގަދަފަދަ ސިންގާއެއްފަދަ ޙަސަން” ދިވެހިންގެ ގިނަ ބައެއްގެ އެދުމުގެމަތިން ދިވެހި ރާއްޖޭގެ ރަސްކަން ގަބޫލުކުރައްވައި އައްސުލްޠާނުލް ޢާޒީ ޙަސަން ޢިއްޒުއްދީން (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ ނަންފުޅުގައި ދިވެހި ތަޙުތަށް އިސްވެވަޑައިގަތެވެ.

އައްސުލްޠާނުލް ޢާޒީ ޙަސަން ޢިއްޒުއްދީން (އެއްވަނަ) އަވަހާރަވީ ހިޖުރައިން 1180 ވަނަ އަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހުއެވެ. 1 ފެބްރުއަރީ 1767 މީލާދުގައެވެ. ދިވެހި ރާއްޖޭގައި ފާހަގަކުރާ ހުރަވީ ދުވަހުގެ ބަތަލަކީ މިއީއެވެ.

___________

އާޘާރީ ތަރިކަ ހިމާޔަތްކުރުން:

ދިވެހި ރާއްޖޭގައި ހުރި އާސާރީ ތަންތަނާއި ތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ދުވަސްވީ އާޘާރީ ބިނާތައް ރޫޅާލުމަކީ މަނާ ކަމެކެވެ. އެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ “ދިވެހި ރާއްޖޭގެ ސަރަހައްދު ތެރޭގައިވާ އާޘާރީ އަދި ތާރީހީ ތަންތަނާއި ތަކެތި ހަލާލުކޮށް ރޫޅާލައި އެފަދަ ތަކެއްޗަށް ގެއްލުން ދިނުމަކީ މަނާ ކަމެއް” ކަމަށެވެ.

މާލޭ ކަޅުވަކަރު މިސްކިތަކީ ދިވެހިންގެ އާޘާރީ، ތާރީޚީ އަދި ބަހަވީ އަގުބޮޑު ތަރިކައެކެވެ. ދިވެހިންގެ ފަންނުވެރިކަމާއި ބިނާކުރުމުގެ ފުރިހަމަ ނަމާނޫއެކެވެ. ދިވެހި ރާއްޖޭގެ އާކިޓެކްޗަރގެ ދާރުލްއާޘާރެކެވެ. މާލޭ އާޘާރީ ކަޅުވަކަރު މިސްކިތާއި އެ މިސްކިތުގެ ތާރިޚު އަންނަން އޮތް ޖީލުތަކާއި ހަމައަށް ރައްކާތެރިކޮށް ދެމެހެއްޓުމަކީ ގައުމީ، ފަރުދީ ޒިންމާއެކެވެ. ދުވަސްވީ ބިނާތަކާއި ގައުމީ ތަރިކައަށް އިހުމާލުވުން ހުއްޓުވައި އަޅާލުމާއި ރައްކާތެރިކަން ހޯދައިދޭން ޖެހެއެވެ.  ވެދިޔަތަނާއި އިހު ރަށްވެހިން ދޫކޮށްފައިވާ އާޘާރުތައް ނުވާ ނަމަ ގައުމެއް ނުވެއެވެ. ކޮންމެ ގައުމަކީވެސް އެ ގައުމެއްގެ  މާޒީވި ތާރީޚާއި ދުވަސްވީ  ބިނާތަކުން ފެންނަން އޮތް ހަޞާރަތުގެ މިއަދެވެ.

~

ހަވާލާ:

މޮނޮގްރާފް، އެޗް.ސީ.ޕީ ބެލް

ދިވެހި ތާރީޚް، ޙަސަން ތާޖުއްދީން

ތަންގީޙު ކުރެވުނު ދިވެހި ރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު، މުޙައްމަދު އަމީން

ދިވެހި ރާއްޖޭގެ ރަހުންނާއި ރަނިން، ނަސީމާ މުޙައްމަދު

ހަނދާނާއި ތާރީޚްގެ ތެރެއިން މާލޭގެ ގަނޑުވަރުތައް، ޔޫސުފް އަލިފުޅު، ފަތްތޫރަ

ތާނަ އަކުރު އުފެދުނީ ކޮން ދުވަސްވަރެއްގައި؟، މުޙައްމަދު އިބްރާހިމް ލުތުފީ، ފަތްތޫރަ

ތާނަ އަކުރު ފެށުމުގެ ތާރީޚް، ޢަބްދުލްޙަކީމް ޙުސައިން މަނިކު

ވޮނަދޮނަ ރާއްޖެގައިވާ މައުލޫމާތު

ކަޅުވަކަރު މިސްކިތުގެ ފޮޓޯތައް، މުޙައްމަދު ނާޖިހް

~

ޙާއްސަ އެހީތެރިކަން:

ނަސީމާ މުޙައްމަދު

އަހްމަދު އަލާ

މުޙައްމަދު ނާޖިހް

މައުލޫފް އަހުމަދު

3 ކޮމެންޓު ”އިހުމާލުކުރެވުނު އާޘާރީ ތަރިކަ – މާލޭ ކަޅުވަކަރު މިސްކިތް“

    ދވޔ

    ހާދަ ފުރިހަމައޭ. ލޫކަސް މިއީ އާދަޔާ ޚިލާފް މޮޅު ލިޔުންތެރިއެއް. އެހެރަ ރިވެތި ދިވެހި ބަހުގެ ހަމަތަކާއި ޖުމްލަތަކުގެ އެތުރުންތަކުގެ ހިތްގައިމުކަން.

    މުޙައްމަދު ވަޙީދު އިބްރާހީމް (ހަވާނާ)

    މުހިއްމު ތާރިޚީ ލިޔުންތައް ރައްކާތެރި ކުރެއްވުމަށް ލޫކަސް ޖަލީލް ތިކުރައްވާ އަގުނުކުރެވޭފަދަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވަން، ވަރަށް ބޮޑަށް ޝުކުރިއްޔާ.

    ާއހމދ

    ސާބަހޭ ދަރިޔާ!
    ވަރަށް ފުރިހަމަ!
    ޝުކުރިއްޔާ.

Leave a Reply to ދވޔ ކެންސަލް ރިޕްލައި