“ކަންޒުލް އަދަބު” މި ފޮތަކީ ދިވެހި އަދަބިއްޔާތުގެ ތެރެއިން ހިމެނޭ ޅެންވެރިކަމުގެ މައްޗަށް އެންމެ ތަފްސީލުގޮތެއްގައި ލިޔެވިފައިވާ އެއް ފޮތެވެ. މި ފޮތް ލިޔުއްވާފައިވަނީ ޙުސައިން އަފީފުއްދީން، ދިވެހިންގެ ހިމާރުލް ޤައުމު، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީއެވެ. އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ މި ފޮތް އެކުލަވައި ލައްވައިފައިވަނީ 1962މ ގައެވެ. ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ އިސްދަރިވަރުންގެ ޖަމްޢިއްޔާގެ ފަރާތުން އަލްފާޟިލް އަބްދުލް ޙަކީމް ކާންނާ ކަލޭގެފާނުގެ އެދިވަޑައިގަތް އެދިވަޑައިގަތުމެއްގެ މަތީންނެވެ. ދިވެހި ޅެންވެރިކަމުގެ މައްޗަށް ލިޔުއްވުމަށް ފަހު ބޮޑުފެންވަޅުގޭ ސީދީ މި ފޮތުގައި ހިމަނުއްވާފައިވަނީ:
– ބަނޑޭރި ހަސަން މަނިކުފާނުގެ “ދިޔޯ”
– ނައިބު ތުއްތޫގެ “ސިއްކަ މޮހޮރީ”
– ނައިބު ތުއްތޫގެ “ދަގަނޑު ދަހަނާ”
– ނައިބު ތުއްތޫގެ “މުޑަނުފޮތް”
– ނައިބު ތުއްތޫގެ “ލަކުޑިފޮތް”
– ނައިބު ތުއްތޫގެ “ހަބަރުފޮތް”(ސުއްކަތުރާ ހަބަރު)
– ނައިބު ތުއްތޫގެ ޅެމެއް
– ނައިބު ތުއްތޫގެ “ރާޒުވާ ރައިވަރު”
މި ފޮތްފޮތެވެ. ކަންޒުލް އަދަބު ޗާޕުކޮށްފައި ވަނީ ދިވެހި ބަހާއި ތާރީޚަށް ހިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން “މަލަސް 40” ގައި 1 އޮކްޓޫބަރ 1992މ ގައެވެ.
އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ މި ރައިވަރު ފޮތްފޮތް އެއްކޮށް “ކަންޒުލް އަދަބު”ގައި ހިމެނުއްވިކަމަށްޓަކައި ޝުކުރުހުއްޓެވެ. އެހެން ނޫން ނަމަ މިއަދާއި ހަމައަށް ދިވެހި އަދައްބިއްޔާތުގެ މި މުހިންމު މަސައްކަތްތައް ފެންނަން ނެތިވެސް ހިނގައިދާނެއެވެ. ކަންޒުލް އަދަބަކީ ދިވެހި އަދަބީ ތަރިކައެކެވެ. އަދި ކިޔަވާ ކުދިންނާއި ދިވެހި ބަހަށް ލޯބި ކުރާ އެ ބަސް އުނގެނި ދަސްކުރާ ފަރާތްތަކަށް ނުހަނު ބޭނުންތެރި ފޮތެކެވެ.
ހުރިހާ ދަރިވަރުންނަށް އަދި ކިޔަވާދެއްވާ މުދައްރިސުންނަށް ވެސް ކުތުބުހާނާއަށް ދިއުމަކީ ފަސޭހަކަމަކަށް ނުވެދާނެވެ. ވަކިން މި ތަދު ފޮތްތައް ހުރީ މާލޭ ކުތުބުހާނާތަކުގައެވެ. އެެހެންކަމުން އަތޮޅުތަކުގެ ކިޔަވާ ކުދިންނާއި މުދައްރިސުންނަށް މި ފޮތް ފޮތާއި ހަމައަށް ވާސިލުވުމަކީ އުނދަގޫ ކަމެކެވެ. އަދި ދިވެހި ރާއްޖޭގެ ކުރީގެ ފޮތްތައް “ޑިޖިޓަލް” ކޮށް ފެންނާނެ އަރުޝީފެއް ގާއިމުކުރެވިފައި ނެތެވެ. މައުލޫމާތުގެ ރަސްމަގު އިންޓަރނެޓް އަދި މީސްމީޑިއާގެ އެކި މަންސަތަކުގައި މައުލޫމާތު ހޯދާ މި ޒަމާނުގައި ދިވެހި ބަހާއި ގުޅޭ ލިޔުންތައް މި ވަސީލަތްތަކުން ފެންނަން ހުރުމަކީ ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.
ޕީ.ޑީ.އެފް ލިންކް: https://www.docdroid.net/Ot3C0Uz/kanzul-adhabu.pdf