މި ދައުރު ނުފެނުނު ނަމަ…

ސިޔާސީވުމަކީ ބައެއް މީހުން އެހާ ރުހޭ ކަމެއް ނޫނެވެ. ސިޔާސަތާ ބެހުމަކީ ވެރިން އަމުދުން ނުރުހޭ ކަމެކެވެ. ގައުމުގައި ހިނގާ ކަންކަމާއި މެދު ފެންނަގޮތް ހާމަކުރުމުން ގިނަ ފަހަރަށް އޮންނަނީ “ސިޔާސީ” ވެފައެވެ. ކުށަކަށްވެފައެވެ. ގައުމުގައި ހިނގާ ނޭދެވޭ ކަމެއްގެ ވާހަކަ ދެއްކިޔަސް “އޭ ހާދަ ސިޔާސީ އޭ ދޯ” ބުނެ އަނެކާ ރައްދު ދީފާނެއެވެ. ގައުމުގައި ހިނގާ ނޭދެވޭ ކަންތައްތަކުގެ ވާހަކަ ނުދެއްކުމަށް ދައްކާ ހުއްޖަތަކަށް ގިނަ ފަހަރަށް “ސިޔާސީ”ވެއެވެ. ސިޔާސަތާއި ބެހުމާއި ސިޔާސީ ވުމަކީ ކުރަން ނުވާވަރުގެ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ. ސިޔާސީ ވާހަކަ ދެއްކުމާއި ސިޔާސަތާއި ބެހުމަކީ އަރުވާލެވި ނުވަތަ ޖަލަށް ދާން ޖެހޭ ސަބަބެއް ކަމުގައި ޒަމާނުއްސުރެ އޮންނަނީ ވެފައެވެ. ބުރިން ހަންނަގާ އަރުވާލެވި ނުވަތަ ހުރަގޭގައި ހަޔާތުން ދުވަސްތަކެއް ހޭދަކުރަން ނުޖެހި ގައުމުގައި ހިނގާ ކަންތައްތަކާއި މެދު ހިޔާލުފާޅުކުރެވޭނެ ދުވަހެއް ދުށުން އެދި އެތައް ޖީލެއް އަހަރުމެން ފަސްދީ ހިނގައްޖެއެވެ.

އޭރުވެސް، މިހާރުވެސް ހާލަތަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ހެޔޮވެރިކަންތަކުގައި ގައުމުގައި ހިނގާ ކަންތައްތަކާއި މެދު ފާޑުކިޔުމުގެ މިނިވަންކަން ލިބިފައިވީ ނަމަވެސް، ގިނަ ސަރުކާރުތަކަކީ ފާޑުކިޔުމަށް ޖާގަދޭން ބޭނުންވާ ސަރުކާރުތަކެއް ނޫނެވެ. ފާޑުކިޔާ އެންމެންނަކީ ވެރިކަމާ ތޮޅޭ “ސިޔާސީ މީހުން”ގެ ގޮތުގައި ސަރުކާރު ތަކުން ބަލައެވެ. ވެރިކަމާ ތޮޅޭ މީހުންނާއި ނުވަތަ ސިޔާސީ އުއްމީދެއްގައި ވެރިކަމާއި ހިފާ މީހުންނާއި ގައުމުގެ ކަންކަން ވެރިކަމާއި ތޮޅުމުގެ މަގްސަދެއް ނެތި އިސްލާހުކުރުމަށް މަސައްކަތްކުރާ ފަރުދުންނަކީ އެއް ބައެއް ކަމުގައި ބަލައެވެ. މިނިވަން ނޫސްވެރިންނާއި މިނިވަން ގަލަންތަކުގެ ވެރިންނަކީ ވެސް ވެރިކަމާއި ތޮޅޭ “ސިޔާސީ މީހުން” ކަމުގައި ބަލައެވެ. ގައުމުގެ ކަންކަމާއި މެދު ފާޑު ކިޔާ އެންމެންނަކީ ވެރިކަމާއި ތޮޅޭ މީހުން މީހުންނެއް ނޫނެވެ. އަދި އެންމެން އޭރަކު އޮންނަ ސަރުކާރަކަށް ފާޑު ކިޔަނީ ސިޔާސީ މަގްސަދެއްގައި ވެސް ނޫނެވެ. ސިޔާސަތާއި ބެހުމުން އެއީ ސިޔާސީވުން ކަމުގައި ވެސް ބަލައިގެން ވެސް ނުވާނެއެވެ.

ދިވެހި ބަހުގެ ރަދީފުގައި ސިޔާސަތު ކަމުގައި ބުނެފައިވަނީ:

“ސަރުކާރު ހިންގުމާއި ސޮސައިޓީއެއްގެ ގޮތުގައި އެއްވެފައިވާ މީހުންތަކެއް، ޤާނޫނާއި ޤަވާއިދުގެތެރޭގައި ގެންގުޅުމުގެ އިލްމް”

“އިންސާނީ މުޖްތަމައެއްގެ މައްޗަށް ވެރިކަން ހިންގުމުގެ ފަންނު”

މި ގޮތަށެވެ.

ސިޔާސަތަކީ އެ ގައުމެއްގެ ރައްޔިތުންނާއި ގުޅިލާމެހިފައިވާ އެއްޗެކެވެ. ސިޔާސަތު ހިންގަނީ އިންސާނީ މުޖްތަމައުގެ މައްޗަށް ކަމުގައިވާތީއެވެ. ސިޔާސަތުގެ ސަބަބުން އެދެވޭ އަދި ނޭދެވޭ އަސަރުވެސް ކުރާނީ އެ މުޖްތަމައެއްގެ އަފްރާދުންނަށް ކަމުގައިވާތީއެވެ. ސަޔާސަތާއި އެންމެ ގާތް ބަޔަކީ އެ ގައުމެއްގެ ރައްޔިތުންނެވެ. ގައުމުގައި ހިނގާ ގިނަ ކަންކަން ގޮސް ހުއްޓެނީ ސިޔާސަތު ރާވާ ހިންގާ ނުވަތަ އެ އިރަކު ވެރިކަމުގައި ތިބޭ ބަޔަކަށެވެ. އިޖްތިމާއީ، އުމްރާނީ އަދި މުޖްތަމައުގެ އެކި ކަންކަމާއި ގުޅިފައިވަނީ އެ އިރަކު އޮންނަ ވެރިކަމެއްގެ ސިޔާސަތުތަކުގެ މައްޗަށެވެ. ސިޔާސަތަށް ފާޑު ނުކިޔާ  ތޮޅުންކަމުގައި ސަރުކާރުން ދެކިގެން ނުވާނެއެވެ.

ފުލުހުން އަހަރެން ފުރަތަމަ ހައްޔަރުކުރީ 2014 ވަނަ އަހަރު ފެބްރުއަރީ މަހުގައެވެ. މާފަންނު ކުނޫޒް ކައިރިން ދަމުން ފުލުހުން ސައިކަލުތަކެއްގައި ސްޓިކާ ޖަހާތީ މަޑުކޮށްލެވުނީއެވެ. އެތަނުގައި ތިބި އެހެން ބަޔަކު އޭރު ފުލުހުންނާއި ޒުވާބު ކުރަމުން ދިޔައެވެ. ފުލުހުންނަށް އިނގޭނީ ހަމައެކަނި އާއްމު ރައްޔިތުންގެ ސައިކަލުތަކުގައި ސްޓިކާ ޖަހަންކަމާއި މީހުން ވަގަށް ނަގައި ގެއްލުވާ އަދި ރައްޔިތުންގެ މުދަލުން ވައްކަން ކުރާ އިރު ނުހުއްޓުވޭކަމަށް ބުނުމުން ފުލުހަކު ވަރަށް ރުޅި އައިސް ބިޑިއަޅުވާ ހައްޔަރުކުރިއެވެ. މިހާރު ކަލޭ ތިހުރީ އަހަރުމެންގެ އަތްދަށުގައި ކަމަށް ބުނެ އަނިޔާވެސް ކުރާނެ ކަމަށާއި “ފުނޑާލާނެ” ކަމަށް ބުނެ ފުލުހުންގެ ވެހިކަލަށް އަރުވާ ހުސައިން އާދަމް ބިލްޑިންއަށް ވެއްދިއެވެ. ހުސައިން އާދަމް ބިލްޑިންއަށް ވައްދާ އެކި ފުލުހުން ވަރަށް ރުޅިގަދަކޮށް ވާހަކަ ދައްކަން ފެށިއެވެ. ކަލޭ އުޅުނީ މީހުން އެއްކޮށް ސަރުކާރު ވައްޓާލަން ކަމަށް ފުލުހުން ބުންޏެވެ. ކަލޭ ތީ އަދި ކާކުހޭ ކަލެއަށް ވުރެ މާ ބޮޑެތި މީހުންވެސް މި ސަރުކާރު ވައްޓާލަން އުޅެ ނުވިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އެ ގޮތަށް ވާހަކަ ދެއްކުމުން 7 ފެބްރުއަރީގައި ފުލުހުން ނިކުމެ ސަރުކާރެއް ވައްޓާލީ ޤާނޫނާ ހިލާފަށް ކަމަށް ބުނީމެވެ. މަގުމައްޗަށް އަޑު އުފުލަން ނިކުމެވެނީ ވަކި ބަޔަކަށް ހޭ ވެސް އެހީމެވެ. އެހިސާބުން ފުލުހުންގެ ރުޅި އަދި މާ ގަދަވިއެވެ. ކަލެއަށް ޤާނޫނު ދައްކާނަމޭ ބުނެ “މަތިން މިހާރު ކަލޭ ބަންދުކުރަން މަތިން އަންގައިފި” ކަމަށް ބުނެ ވެހިކަލް އަރާ އަތޮޅު ވެއްސަށް ގެންދަން ނިންމިއެވެ.

އަތޮޅުވެއްސަށް ގެންގޮސް ގޮޅިއަކަށް ވެއްދިއެވެ. ގޮޅިތެރެއަށް ދޫކޮށްލުމަށް ފަހު ފުލުހުން ހިނގައްޖެއެވެ. މިއީ ގޮޅިއެއްގައި ހޭދަކުރަން ޖެހުނު ފުރަތަމަ ރެއެވެ. ގޮޅިއަށް ވެއްދުމުން ކާކުކަން ގޮޅީގައި ތިބި ގިނަ ބަޔަކަށް އެނގިއްޖެއެވެ. އަދި މާލެތެރޭގެ ހަބަރުތައް އަހާ އޮޅުން ފިލުވިއެވެ. ޖެހިގެން އެހުރީ އަހަރުތަކެއް ކުރިން ހުސައިން ސަލާހް ވަގަށް ނަގާ މަރާލި ގޮޅިކަމުގައި ބުންޏެވެ. ދަންވަރަށް ފުލުހުން އައިސް ގެންދަން އުޅުނު ނަމަވެސް ގޮޅީގެ އެންމެނަށް ގޮވުމަށް ގޮޅީގައި ތިބި މީހުން ބުންޏެވެ. އަހަރެން ކަހަލަ “ސިޔާސީ” މީހަކަށް ރައްކާތެރި އެއްވެސް ތަނެއް ނުވާނެ ކަން އެ މީހުންނަށް ވެސް މޭރުންވީއެވެ. ކަލޭ ގެންދެވޭނީ އަހަރުމެން އެންމެނާއި އެކު ކަމަށް ވެސް އެ ވަގުތު ގޮޅީގައި ތިބި މީހުން ބުންޏެވެ. އެރޭ އަތޮޅުވެހީ ގައި ބޭންދުމަށް ފަހު ހެނދުނު ދޫކޮށްލިއެވެ. .

ދެންމިއީ ދެވަނަ ހައްޔަރުގެ ވާހަކައެވެ. 2016 އޮގަސްޓް މަހުގެ ވާހަކައެވެ.

ހަޔާތުން އޮގަސްޓެއް މަހެއް ޖަލުގައި ހޭދަކޮށްފައި އައުމުން އެންމެން ވެސް ކުރީ އެ ސުވާލެވެ. “ޖަލުގެ ވާހަކަ ކިޔާދީބަލަ” “ޖަލުގައި ވީ ކިހިނެއް؟” “އަނިޔާ ކުރިތަ؟”. މި ސުވާލުތަކެވެ. ޖަލުގައި އަނދަގޮޑި ޖަހާ ޖިސްމާނީ އަނިޔާތައް ދިން ދުވަސްތައް ފާއިތުވި ނަމަވެސް، ކޮންމެ ނުހައްގު ބަންދަކީ އަނިޔާއެކެވެ. ނުހައްގުން، ބޭއިންސާފުން ކުރެވޭ ކޮންމެ ބަންދަކީ އަނިޔާއެކެވެ. މިއީ އަހަރެން ޖަލުގައި ހޭދަކުރި ދުވަސްތަކާއި އަދި ހަޔާތުން ބައެއް ވާހަކައެވެ. ޖަލުގެ ވާހަކަތައް ލިޔުމަށް އެންމެ ފުރަތަމަ އަހަރެން ކައިރީ އެދުނީ އަހަރެންގެ ލޯޔަރ އަހުމަދު ޝިނާޒުއެވެ. ގޮޅިން ނިކުމެ “ދޫނިދޫ ގަނޑުވަރު” ބޭރުގައި މަދިރި ދުންދަނޑިއާއި އެކި ދިމާއިން އަޅުވާފައިވާ ސީސީޓީވީ ކެމެރާތަކުގެ ދަށުގައި ހޭދަކުރެވުނު “ލޯޔަރު މީޓިންގ” ތަކުގައި އަހަރުމެން ދެމީހުންނަށް ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. ހަޔާތުން ގެއްލުނު އޮގަސްޓްމަހުގެ ނަމުގައި ލިޔުމަށް ޝިނާޒު ބުންޏެވެ. ހަޔާތުން ދޫނިދޫގައި ގެއްލޭނީ ހަމައެކަނި އޮގަސްޓް މަސް ބާއޭ އޭރުވެސް ހިތަށް އެރިއެވެ. ދޫނިދޫ ޤައިދުން މިންޖުވީ އޮގަސްޓް ނިމި ސެޕްޓެމްބަރގައި ބަންދަށް 40 ދުވަސް ހަމަވިފަހުންނެވެ.

އޮގަސްޓް 29 ވަނަ ދުވަހު ވެސް އޭރު ކޮންމެ ހުކުރު ދުވަހަކު އޮންނަ އެމް.ޑީ.ޕީގެ ސައި ހަރުގެ ކައިރީ އޮތެވެ. ކޮންމެ އެއްވުމަކަސް ދަނީ ފޮޓޯ ނަގާ ލައިވް ޓްވީޓްކުރާށެވެ. އެ ހުކުރު ދުވަހަކީ ފުލުހުންގެ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ދުވަހެކެވެ. ހުކުރު ނަމާދަށް ފަހު އަނިޔާވެރިކަމުން ސަލާމަތްކުރައްވާތޯ ދުޢާކުރަން ތިބި މީހުން ގަޔަށް ފުލުހުން އަރައިގަތެވެ. މުސައްލައާއި އެކު މީހުން ނަގާ ހޫރުވާލިތަން ވެސް ފޮޓޯތަކުން ހުއްޓެވެ. ދުޢާކޮށްގެން އެ ދުވަހު ވަރަށް ގިނަ ބަޔަކު ހައްޔަރުކުރިއެވެ. މިހުރިހައި ކަމަކާއި އެކު ފުލުހުންނަށް ހިތުގައި އޮތް ރުޅިވެރިކަމާއި އެކު ހަވީރު ސަޔަށް ހަރުގެ ކައިރިއަށް ދިޔަ އިރުވެސް ފެނުނީ އެމަންޒަރެވެ. ސުލްހަވެރިކަމާއި އެކު ހަރުގެ ކައިރީ ސައި ބޯންތިބި މީހުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމަށް ފަހު ސަޔަށް އަތުރާފައި ހުރި ހެދިކާތައް ވެސް މީހުންގެ މޫނަށް ފުލުހުން ބުރުވާލިއެވެ. މިއިރު އެންމެ ކައިރީ ތިބީ ސައިބޯން އައިސް ތިބި އަންހެނުންނެވެ. ސައިތައްޓެއް ބޯލަން ނިކުތީމަވެސް މޫނުމައްޗަށް ޖަހަނީ ޕެޕަރް ސްޕްރޭއެވެ. މި ގައުމުގައި ހަވީރު ފިންޏަށް ސައި ތައްޓެއް ބުއިމުގެ މިނިވަންކަންވެސް ނެތީބާއޭ ހިތަށް އެރިއެވެ. .

ހަވީރުގެ ސައި ހަލަބޮލިވެ ހިނގާދިޔަ ކަންތައްތައް ޓްވީޓްކުރުމަށް ފަހު އަހަރެން ދިޔައީ މައްޗަންގޮޅީގައި ހުންނަ އެމް.ޑީ.ޕީ އެކުވެރިއެއްގެ ގެއަށް ސައިބޯށެވެ. އެ ގޭގައި އަހަރެންގެ އެހެން އެކުވެރިން ވެސް ތިއްބެވެ. ސައިމޭޒުމަތީ ވެސް އަދި ނިމިގެންވެސް ދެކެވުނީ ސިޔާސީ ވާހަކައެވެ. ރާއްޖޭގެ ހާލަތު ގޮސްފައިވާ ހިސާބާއި ވެރިކަމުގެ ފަރާތުން ކުރިމަތިކޮށްފައިވާ ބިރުވެރިކަމުގެ ވާހަކައެވެ. ސަޔަށް ފަހު އެއް އެކުވެރިޔަކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުގައި އުޅުއްވި ގޮތް ކިޔާދިނެވެ. މި އެކުވެރިޔާ އަކީ އިސްލާހީ ހަރަކާތުގައި ވަރަށް ކުރިއްސުރެ އެޅެމުން އައި ފަރާތެކެވެ. ސަޔަށް ފަހު ވާހަކަ ދައްކަމުން ނޫހެއްގައި މަސައްކަތްކުރާ އަހަރެންގެ އެހެން އެކުވެރިޔަކަށް ޖަލަށް ލައިފި ނަމަ އަހަރެން ސަލާމަތްކޮށްދެއްޗޭ ބުނީމެވެ. މިހުރިހާ ވާހަކަތަކެއް އެ ގަޑީގައި ދެކެވުނީ ސައިބޮއެ ނިމިގެން މަގުމައްޗަށް ނިކުންނަތަނުން ފުލުހުން ހައްޔަރު ކުރާނެކަން ނުއެނގިއެވެ. އިއްތިފާގުން ޖަލުގެ ވާހަކަ އާއި ހައްޔަރުގެ ވާހަކަ ދެކެވިފައި ބޭރަށް ދިއުމަށް ނިކުތީމެވެ.

އެކުވެރިޔާގެ ގެއިން ނިކުމެ މަގުމަތީ ހުރެ ހަވީރުގެ އެއްވުމުގެ ތެރެއިން މީހަކު ނަގާފައި އިން އަހަރެންނާއި ފުލުހެއްގެ ފޮޓޯއެއް ޅެން ބައިތަކާއި އެކު ޓްވީޓް ކޮށްލީމެވެ. މި ދުވަސްވަރު އަހަރެން ކިޔާފައިވާ އެއްފޮތަކީ މިސްރުގެ ލިޔުންތެރިޔާ މާޖިދް ނަވާޒުގެ ފޮތެކެވެ. މާޖިދު ނަވާޒު މިސްރުގެ އޭރުގެ ރައީސް އާއި ދެކޮޅަށް އަޑުއުފުލާފައިވެއެވެ. އަދި މިސްރުގެ ޢަމަނުއް ދައުލަތުގެ ފުލުހުން ޖާސޫސްކޮށް ގެއަށް ވަދެގެނެ އޭނާ ހައްޔަރުކުރި ގޮތާއި ތަހުގީގުތަކުގެ ވާހަކައާއި އަނިޔާ އަދި ބިރުވެރިކަން ލިޔެފައިވެއެވެ. އެ ޓްވީޓްކުރުމަށް ފަހު މަގުމަތީ މަޑުކޮށްލާ ސިނގިރޭޓެއް ރޯކުރަން އުޅެފައި ދުފާނެ އެއްޗެއް ނެތުމުން މަގު ހުރަސްކޮށް ކައިރީ ހުރި ފިހާރައަށް ވަދު ކިއްލި ޕެކެޓެއް ގަނެގެން ކުރިން ހުރި ހިސާބަށް އަންނަނިކޮށް ފުލުހުންގެ ޖިޕެއް އަންނަތަން ފެނުނެވެ. ޖިޕު އަންނަ ގޮތުން އެ އަންނަނީ މަޑުކުރަން ކަން އެނގެއެވެ. އަހަރެން ހީކޮށްގެން ހުރީ ޕޭވްމަންޓްމަތީ އެއް ކައިރީ ތިބި ބިދޭސީންތައް ކައިރިއަށް މަޑުކުރަނީ ކަމަށެވެ. ނަމަވެސް ޖިޕު ކުއްލިއަކަށް މަޑުކުރުމަށް ފަހު ޖިޕުގައި ތިބި އެސް. އޯ ފުލުހުންތައް ފުންމައިގަތެވެ. އެ އަންނަނީ އަހަރެން ހައްޔަރުކުރަން ކަން އެނގުނުނެވެ. އޭރު އަހަރެންނާއި އެކު މި ގެއަށް ސައިބޯން އައި އެމް.ޑީ.ޕީގެ ގައުމީ މަޖްލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ތަންކޮޅެއް ދުރުގައި ފޯނުކޯލެއްގައި ހުއްޓެވެ. ފުލުހުން އަންނަން ފެށުމުން ވަހީދުއަށް ފެންނަ ހިސާބަށް ކައިރިއަށް ދިއުމަށް ބާރަށް ހިނގައި ގަތުމުން ފުލުހުންގެ މީހުން ހަޅޭލަވަމުން ކަލޭ ހަމަ މިހާރު ހުއްޓޭށޭ ދެން އެންމެ ފިޔަވަޅެއް އެޅިޔަސް ނިމުނީކަމަށް ބުންޏެވެ. ފުލުހުން އަންނަން ފެށުމުން ބާރަށް ހިނގީ ފުލުހުން އަހަރެން “ވަގަށް ނެގުމުގެ” ފުރުސަތު ނުދިނުމަށެވެ. ފޯނުކޯލުގައި ހުރި ވަހީދުއަށް ފެންނަ ހިސާބަށް ދިއުމަށެވެ. އޭރުން “ގެއްލުނަސް” ވީނުވީ އެނގޭ އެކަކު ހުންނާނެ ކަމަށް ބަލައިގަނެވެ. އަހަރެން ސަލާމަތީ ބާރުތަކަށް އިތުބާރެއް ނުކުރަމެވެ. ދިވެހި ރާއްޖޭގެ “މާފިއާ” ބާރުތަކާއި ސަލާމާތީ ބާރުތަކާއި ގުޅިގައިވާ މިންވަރު އަބްދުﷲ ޔާމިންގެ ވެރިކަމުގެ މަދު އަހަރުތަކުގައި ފެނިފައިވާތީއެވެ. .

ފުލުހުން އައިސް ބިޑިއަޅުވާ އަހަރެން ހައްޔަރުކުރުމަށް ފަހު ޖިޕަށް އެރުވިއެވެ. އަދި ވަރަށް ރުޅި އައިސް ޖިޕުތެރޭ “ބަވަން” ފެށިއެވެ. ކަލޭ އުޅުނީ ފިލާށޭ ފިލަން ގެއަކަށް ވަތް ނަމަވެސް ފުނޑާލާފަ ނެރޭނަމޭ ފުލުހުން ބުންޏެވެ. ކަލޭއަށް އަހަރެމެންގެ ބާރު ނޭނގެނީ އޭ މިހާރު ތިއޮތީ އަތު ޖެހިފަކަމަށާއި ދެން ނުފިލޭނެކަމަށް ބުންޏެވެ. ފިލަން ނޭޅޭކަމަށާއި ކައިރީ ހުރި އެކުވެރިޔަކަށް ގޮވަން ދާން ހިނގައިތީކަމަށް ބުނުމުން ވެސް ޖިޕުގައި ތިބި ފުލުހުން ކަލޭ އުޅުނީ ފިލަން ކަމަށް ބުނެ ޒުވާބުކުރަމުން ދިޔައެވެ. މިހިސާބުން މި މީހުން މިއުޅެނީ އަހަރެން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފިލަން އުޅުމުގެ ތުހުމަތުކުރަން ކަމަށް ހީވިއެވެ. މި ދުވަސްވަރު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި އަހަރެންގެ އެކުވެރި އަހްމަދު މަހްލޫފް ވެސް ހުރީ މި ބާވަތުގެ ދައުވާއެއްގެ ތެރޭ ތާށިކޮށްފައެވެ. ޖިޕަށް އަރުވައިގެން ފުލުހުން ގެންދިޔައީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ. މި ދިޔަ މަގުމަތީ ވެސް ޖިޕުގައި ތިބި ފުލުހުން އަހަރެންނާއި ވަރަށް ބޮޑަށް ދިމާކުރަމުން ދިޔައެވެ. ކަލޭތިއީ ފިނޑިއެއް ކަމަށާއި މިހާރުވެސް ތިއިނީ ބިރުން ތުރުތުރު އަޅައަޅަ ކަމަށް ކިޔާ ދިމާކުރަމުން ދިޔައެވެ. ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ވެއްދުމަށް ފަހު ފޯނާއި ޕާސްވޯޑް އަތުލާ ފުލުހުންގެ ކާރަކަށް އަހަރެން އެރުވިއެވެ. މި ކާރުގައި ތިބީ ބޮޑީގާޑު ހެދުމުގައި ތިބި 3 ފުލުހުންނެވެ. މި މީހުން ކާރުގައި އަހަރެން ގޮވައިގެން ދިޔައީ އަތޮޅުވެއްސަށެވެ. މި ފުލުހުންނަކީ ރަނގަޅު ބައެކެވެ. ކާރުގައި ދިޔަ މަގުމަތީ ހައްޔަރުކުރީ ކީއްވެތޯ އަހައި އެކުވެރިކޮށް ވާހަކަދެއްކިއެވެ.

އަތޮޅުވެއްސަށް ގެންގޮސް ފުލުހުން އަހަރެންލީ އެންމެ ދުރުގޮޅިއަށެވެ. މިގޮޅީގައި ތިބީ ހުސް ބިދޭސިންނެވެ. އަހަރެންނާއި ޖެހިގެން ހުރި ގޮޅީގައި ތިބީ އެދުވަހު މެންދުރު ހުކުރު ނަމާދަށް ފަހު ދުޢާކޮށްގެން ގެންދިޔަ މީހުންނާއި ހަވީރު ސައިބޯން އެއްވި މީހުންގެ ތެރެއިން ހައްޔަރުކުރި މީހުންނެވެ. އެ ގޮޅިކުރިމަތިން ހުރަސްކޮށް ފުލުހުން ގެންދަން ފެށެމުން ގޮޅީގައި ތިބި މީހުން އަހަރެންނަށް ގޮވާ ހައްޔަރުކުރީ ކީއްވެތޯ އަހަން ފެށިއެވެ. ދެން އެރޭ ހޭދަކުރީ އަތޮޅުވެހި ބިދޭސީންގެ ގޮޅީގައެވެ. ފެންވެރުމަށް ފަހު ކުނާ ގަނޑެއް އަޅައި ނިދަން އޮށޯތީމެވެ. މިއީ ނުސާފު އަދި ނުބައި ވަސްދުވާ ގޮޅިއެކެވެ. ހިސާބަކަށް ނިދިފައި ހެނދުނު ހޭލެވުނީ ޖަލު ގާޑަކު ގޮވީމައެވެ. ދެރަވެފައި ހުރި ކަހަލަ ގޮތަކަށް މި ގާޑު ގޮޅީގެ ދޮރުކައިރިން ބޭރުގައި ހުރެ ވާހަކަ ދައްކަން ފެށިއެވެ. އަދި މި އައީ ނޫހުގައި “ލޫކަސް” ހައްޔަރުކޮށްފަ އޮތް ވާހަކަ އޮތީމައޭ ބުންޏެވެ. ކުރާނީ ކީއްހޭ މިއީ އަނިޔާވެރި ސަރުކާރެކޭ އަހަރުމެން ވެސް މި ސަރުކާރު ނިމުމަށް އެދެމޭ ބޭނުންވަނީ ކޮން ކަމެއްހޭ ގާޑު އެހިއެވެ. މި ގޮޅީގައި ހުސް ބިދޭސީން ތިބުމުން ޖެހިގެން ހުރި ގޮޅިއަށް ބަދަލުކޮށް ދިނުމަށް އެދުމުން އެ ގާޑު އަހަރެން ޖެހިގެން ހުރި ގޮޅިއަށް ބަދަލުކޮށްދިނެވެ.

ހެނދުނުގެ ނާސްތާ ކުރީ ހުކުރު ދުވަހު ދުޢާކޮށްގެނާއި އަދި ހަވރުގެ ސައިގައި ބައިވެރިވެގެން ބަންދުކުރެވިފައިވާ މީހުންނާއި އެކުގައެވެ. މީގެ ތެރޭގައި މަގުމަތީ ހަރަކާތްތަކުން އަހަރެންގެ އެކުވެރިން ތިއްބެވެ. އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްގެ ބައްޕަ ވެސް މި ހައްޔަރީންގެ ތެރޭގައި ބަންދުކުރެވިފައި ހުއްޓެވެ. މި ދުވަހުގެ މެންދުރު އަހަރުމެން އެންމެން މުއްދަތު ޖެހުމަށް ޖިނާއީ ކޯޓަށް ހާޒިރުކުރެވުނެވެ. އަހަރެން ގޮސް ހާޒިރު ކުރެވުނީ ނާއިންސާފުން ހުކުމްތައް ކުރާތީ އެ ޤާޒީއަކަށް އަހަރެން ޓްވިޓަރގައި ވަރަށް ބޮޑަށް ފާޑުކިޔާ ޤާޒީއެއްގެ ކުރިމައްޗަށްށެވެ. “ޝަމްއޫން ޖަލީލް” ހޭ އަހާލުމަށް ފަހު ޤާޒީ އިއްވީ 15 ދުވަހަށް ބަންދުކުރުމަށެވެ. މި ދުވަހު އަހްމަދު މަހްލޫފް ގެ ބައްޕަ ޝަރުތުތަކަކާއި އެކު ދޫކޮށްލިއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވަކި މުއްދަތަކަށް އިސްލާމީ މަރުކަޒަށް ހުކުރަށް ނުދިއުމަށް އަންގާފައިވެއެވެ.

މި ދުވަހު މުއްދަތު ޖެހުމަށް ފަހު ގެންދެވުނީ އަތޮޅުވެއްސަށެވެ. އަދި އެރޭ އަތޮޅުވެހީގައި ބެހެއްޓުމަށް ފަހު ހެނދުނު ދޫނިދޫއަށް ގެންދެވެނެވެ. ދޫނިދޫއަށް ގެންދިއުމުން ފުލުހުންގެ ކިބައިން އަހަރެން އެދެނީ އެންމެ އެދުމަކަށެވެ. ބަލި ހާލަތު ހުރި ގޮތުން ކުޑަ ގޮޅިއަކަށް ލައިފި ނަމަ ސިއްހަތަށް ވަރަށް ބޮޑު ނުރައްކަލަކާއި ކުރިމަތިވެދާނެތީ ތަނަވަސް ގޮޅިއަކަށް ލުމަށް އެދުނީމެވެ. ގިނަ ރޭރެއަށް ނިދެނީ ވަރަށް އުނދަގުލުންނެވެ. ސައިނަސްގެ އުނދަގޫ އިންތިހާއަށް ކުރިމަތިވެއެވެ. ނޭފަތް ބެދި ނޭވާލާން އުނދަގޫވެ ގިނަ ރޭރޭ ހޭލާ ހުންނަން ޖެހެއެވެ. ފުލުހުން ހައްޔަރުކުރި އިރުވެސް އަތުގައި “ކޯރާޑި ތެޔޮ ފުޅި”އެއް އޮންނާނެއެވެ. އަބަދުވެސް މި ސިއްހީ އުނދަގުލަށް ފަރުވާއަކީ އެ ތެލެވެ. ނަމަވެސް އެ ތެޔޮފުޅި ވެސް ހިމެނުނީ ހައްޔަރުކުރެނު ތަކެތީގެތެރޭގައެވެ.

އަހަރެންގެ އެދުމުގެ މަތިން ފުލުހުން އަހަރެން ބެހެއްޓީ ތަނަވެސް ބޮޑު ގޮޅިއެއްގައެވެ. މި ގޮޅިތަކުގައި އެކި ކުށްތަކުގެ ތަހުގީގަށް ބަންދުކުރެވިފައިވާ ގިނަ ބަޔަކު ތިއްބެވެ. މަސްތުވާ ތަކެތީގެ މައްސަލަތަކާއި ވަޅި ޖެހުމާއި މީހުންމެރުމާއި އަދި މިނޫން ވެސް އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހުން ތިއްބެވެ. ފުރާވަރު ގެއްލި މަސްތުވާތަކެއްޗާއި ކުށުގެ ވެއްޓަށް ޒުވާންކަން ގޮސްފައިވާ ޒުވާނުންނާއި މި ގޮޅިތަކުން ބައްދަލުވިއެވެ. އެކި ޒުވާނުންނާއި ދޫނިދޫގައި ހޭދަކުރަން ޖެހުނު ދުވަސްތަކުން ދެކުވުނު ވާހަކައިން އެންމެ ހަނދާން ހުންނަ އެއް ވާހަކައަކީ ބަންދުކުރެވިފައިވާ ޒުޗާނަކު ބުނި މި ޖުމްލައެވެ.

“އަހަރެމެން މުޖްތަމައަށް ނުރައްކަލަކަށް ވީއެއްނޫނެވެ، މުޖްތަމައު އަހަރެމެންނަށް ނުރައްކަލަކށް ވީއެވެ”

އެ ޒުވާނާ އެހެން ބުނީ އެ ކޮންމެ ފަހަރަކު ވެސް ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން މުއްދަތު ޖަހަނީ “މުޖްތަމައަށް ނުރައްކަލަކަށް” ވާތީ ކަމަށް ޤާޒީ ނިންމާތީއެވެ. އިޖްތިމާއީ އެކި މައްސަލަތަކާއި ކުށުގެ ވެއްޓަކަށް މުޖްތަމައު ބަދަލުކޮށްލީ ޒުވާނުންގެ ކުށަކުން ނޫނެވެ. ސަރުކާރުތަކުގެ އިހުމާލުންނެވެ. އިދާރާތަކާއި މުއައްސަސާތަކުގެ އިހުމާލުންނެވެ. ސިޔާސަތު ރާވާ ހިންގާ މީހުންގެ އިހުމާލުންނެވެ. ސިޔާސަތުތަކެއް ފެއިލްވެސް ވެރިންގެ ކުށުންނެވެ. މި ހުރިހައި ސަބަބަކާއި އެކު އުފެދޭ ކުށުގެ ވެށީގެ ޝިކާރައަކަށްވެ ޖަލުގައި ބަންދުވެގެން ހަޔާތުގެ ދުވަސްތައް ގެއްލެނީ ޒުވާނުންނެވެ. ކުށަށް އަރައި ގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫނެވެ. ނަމަވެސް، ސިޔާސަތާއި ވެރިންގެ އިހުމާލާއި މެދު ވިސްނާލުމަކީ ވެސް އޮތްކަމެކެވެ.

މި ދުވަސްވަރު ބޮޑު ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ޒުވާނަކު އެއްރޭ ގޮޅިތެރޭގައި އޭނާ އަހަރެން ދެކެ ރުޅިއައި ސަބަބު ބުންޏެވެ. ކަރަޕްޝަން ހުއްޓުވަން ވާހަކަ ދައްކަނީ ކީއްވެހޭ އޭނާ އެހިއެވެ. ތިމަންނާއަށް ޖަލުން ނިކުމެވެން އޮތް ހަމަ އެކަނި މަގަކީ ކަރަޕްޝަންކަމުގައި ބުނެ ކަރަޕްޝަން ހުއްޓުވަން ނޫޅެން ބުންޏެވެ. ނޭނގި ނަމަވެސް މަސައްކަތްކުރެވިފައިވަނީ ޒުވާނާގެ ހަމަ އެކަނި ޖަލުން ނިކުތުމުގެ އުއްމީދުގައި ކަމަށް ހިތަށް އެރިއެވެ. ރާއްޖޭގެ ކަންކަން އަބަދުވެސް އޮންނާނީ މިފަދަ ގޮތަކަށް ކަމަށާއި ކަންކަން ރަނގަޅުކުރަން އުޅުމަކީ ބޭކާރުކަމެއް ކަމުގައި ދެން ތިބި ޒުވާނުން ވެސް ބުނަމުން ދިޔައެވެ. މި ވާހަކަތަކަކީ އަހަރެން އެހާ ގަޔާވާ ވާހަކަތަކަށް ނުވިއެވެ. މި ފަދަ އެތައް ވާހަކަތަކާއި އެކު އޮގަސްޓް މަސް ބަންދުގައި ހޭދަކުރަމުން ދިޔައީމެވެ.

ކޮންމެ ފަހަރަކު ވެސް މުއްދަތު ހަމަވުމުން ކޯޓަށް ގެންދާގޮތަށް 15 ދުވަސް ޖަހަމުން ދިޔައެވެ. ބަލި ހާލަތުގެ ވާހަކައާއި ގެއަށް ބަދަލުކޮށްދިނުމަށް ކޮންމެ ފަހަރަކު ވެސް ވަކީލު ގާޒީ ކައިރީ އާދޭސްކުރެއެވެ. ނަމަވެސް މި ގާޒީންނާއި ވާހަކަ ދެއްކުމަކީ ކޯޓުގެ ހަތަރު ފާރާއި ގޮނޑި މޭޒާއި ވާހަކަ ދެއްކުން ފަދަ ކަމެކެވެ. ގާޒީ މުއްދަތު ޖަހަމުން ދިޔައީ އަދި އެހެން ފަރާތެއްގެ ނުފޫޒުންކަން އެނގެއެވެ. އެ ފަރާތެއް ބޭނުންވީ އަހަރެން ގިނަ ދުވަހު ބަންދުގައި ބަހައްޓާށެވެ. ކޯޓުން ނިކުމެ އެނބުރި ދޫނިދޫއަށް ދާން ޖެހެނީ އިންސާފު ލިބޭނީ މި ނޫން ދައުރެއްގައި ކަމަށް ކުރެވޭ ފަނޑު އުއްމީދާއި އެކުގައެވެ.

ކޮންމެ ފަހަރަކު ވެސް މުއްދަތު ޖަހައި އެނބުރި ދޫނިދޫއަށް ގެންދިއުމުން އެ ރަށުގައި ތިބޭ ފުލުސް ކުދިން ވެސް ވާހަކަ ދައްކަމުން އަނެއްކާވެސް ގެނައީ ހޭ އަހާ އަދި ހިތްވަރު ލިބޭ ވާހަކަތައް ވެސް ބައެއް ފަހަރު ދައްކައެވެ. އަހަރެން ބަންދުގައި ހުންނަން ނުޖެހޭނެ ކަމަށާއި އަދި އެއީ ފުލުހުން ކުރާ ކަމެއް ނޫން ކަމަށާއި ކޯޓުތަކާއި ސަރުކާރުން ކުރާ ކަމެއްކަމުގައި ބުނެއެވެ. ބައެއް ދުވަސް ދުވަހު ކޯޓަށް ހާޒިރުކުރާ ފުލުސް ވެހިކަލްގައިވެސް ބައެއް ފުލުހުން ހިތްވަރު ލިބޭ މި ބާވަތުގެ ވާހަކަތައް ދައްކައެވެ. ހިތްވަރުކުރުމަށާއި އަހަރުމެން ބޭނުންވެގެން ކޯޓަށް ގެންނަނީ ނޫން ކަމަށާއި ކުރާނީ ކީއްހޭ ވެސް ބުނެއެވެ. ދޫނިދޫގައި ހޭދަކުރަން ޖެހުނު ދުވަސްތަކުގައި އެންމެ ބޮޑަށް ބޭނުންވީ ލިޔަން ފަށައި ނުނިމި އޮތް ވާހަކަފޮތެއް ނިންމާށެވެ. ފޮތުގެ ކޮޕީ އަކާއި ލިޔާނެ ގަލަން ގެނެސްދިނުމަށް ވަކީލު އެދުމުން ވެސް އެކަން ހަމަ ނުޖުހުނެވެ. ނަމަވެސް ފުލުސް ކުއްޖަކު އެއް ރޭ ގަލަމެއް ގެނެސް ދިނެވެ. ގަލަން ފޮރުވައިގެން ގެންގުޅެން ފުލުސްކުއްޖާ ބުންޏެވެ. އަހަރެން އެންމެ ބޭނުންވަނީ ގަލަމެއްކަން އޭނާ އަށް ވެސް އެނގެއެވެ. ގަލަން ލިބުން ގޮޅިތެރޭ ހުރި ބައެއް ފޮތްފޮތުގެ ހުސް ގަނޑުތަކުގައާއި އަދި ކޯޓުއަމުރުތަކުގެ ފަހަތުގައި ހިތަށް އަންނަ ބައެއް ތަކެއްޗާއި ދުވަހުގެ ބައެއް ކަންކަން ނޯޓްކުރަމުން ދިޔައީމެވެ.

ބަންދުގައި ތިބޭ މީހުންނަށް ކިޔާނެ ފޮތް ލިބުމަކީ ވެސް އުނދަގޫ ކަމަކެވެ. ދިވެހި އެކި ވާހަކައާއި ތާރީޚް ޅެން ފޮތް ވެސް ވެއްދުމުގެ ހުއްދަ ނޯވެއެވެ. ހަމަ އެކަނި ކިޔަން އެތެރެކުރެވެނީ ދީނީ ބައެއް ފޮތްތަކެވެ. ކޮންމެ ހަފްތާއަކު ވެސް އާއިލާގެ ފަރާތުން ފޮނުވާ ދީނީ އެކި އެކި ފޮތްފޮތް ލިބެއެވެ. މި ގޮތަށް ގޮޅީގައި ކިޔަން ލިބުނު ފޮތްތަކުގެ ތެރެއިން އެންމެ ހިތްވަރު ލިބުނު އެއް ފޮތަކަށް ވީ އާއިލާއިން ފޮނުވި އިމާމް އަހްމަދު ބިން ހަންބަލް އާއި ބެހޭ ފޮތެކެވެ. އައްބާސީ ހަލީފާ އަލް މައުމޫންގެ ދުވަސްވަރު އިމާމް އަހްމަދު ޖަލަށް ލައި އަނިޔާތައް ދެވުނެވެ. ދޫނިދޫގައި ހޭދަކުރެވުނު ދުވަސްތަކުގައި އެންމެ ބޮޑު ހަމަޖެހުމެއް އަދި މާޔޫސްވުމުން ދުރުކޮށްދިނީ ގަޑިން ގަޑިއަށް ނަމާދުކުރުމެވެ. އަދި ކީރިތި ޤުރުއާނުގެ ތަރުޖަމާއި ކީރި ރަސޫލާގެ ހަދީޘް ފޮތްތަކުންނެވެ. ދޫނިދޫއަށް ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވެ އިމާމް މާލިކްގެ މުވައްތާ އާއިލީ ކިޔަން ފޮނުވިއެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ނޯޓެއް ލިޔެފައި ޝަރަހައާއި އެކު ލިޔެފައި އޮތް ޝަހީހް ބުހާރީގެ ވަރަށް ބޯ ފޮތެއް ފޮނުވިއެވެ. ރޭގަނޑުގެ ގިނަ ވަގުތުތައް ޝަހީހް ބުހާރީ ކިޔުމުގައި ހޭދަކުރީމެވެ. އަނިޔާވެރިކަމާއި އަނިޔާ ދިނުން ދީނުގައި މަނާކުރެވިފައިވާ މިންވަރާއި ބެހޭ ހަދީޘްތައް ތަކުރާރުކޮށް ކިޔުނެވެ. އަދި ދެރަވާ ވަރަށް ގިނަ ވަގުތުތަކުގައި އީވާ އަބްދުﷲ ލިޔެފައިވާ ނޯޓް ކިޔުނެވެ. އެ ނޯޓަކީ ވަރަށް ބޮޑު ހިތްވަރަކަށް ވިއެވެ. އެކި ވަކީލުން ބައްދަލުކުރަން އަންނަ ދުވަސްތަކުގައި ރައީސް ނަޝީދުގެ ސަލާމް އާއި ހިތްވަރުގެ ބަސްތައް ލިބެއެވެ.

ދޫނިދޫގައި ބަންދުގައި ހުރި 40 ދުވަހު ތަހުގީގަށް ސުވާލުކޮށްފައި ވަނީ އެންމެ ދެ ދުވަހެވެ. ބަންދުކުރެވުނުތާ ކުރީ ކޮޅު އެއް ދުވަހު ތަހުގީގު ކޮޓަރިއަށް ވެއްދުމަށް ފަހު ދެއްކީ އަހަރެން ކޮށްފައިވާ އެކި ޓްވީޓް ތަކުގެ ފޮޓޯކޮޕީއެވެ. ރަނގަޅު ފޮތެއް ދެ ފޮތެއްގެ ބޯމިނަށް އަހަރެންކޮށްފައިވާ އެކި ޓްވީޓްތައް ފުލުހުން ޕްރިންޓްކޮށްފައި ދެއްކިއެވެ. އަދި އެވެނި މިވެނި ޓްވީޓެއް ކުރިހޭ އަހައެވެ. 3 ލައްކަ އެތައް ޓްވީޓެއް ކުރެވިފައި ވާނޭ ކުރެވުނު ހާ ޓްވީޓެއް ހަނދާން ނެތޭ ބުނީމެވެ. 3 ލައްކަ ޓްވީޓް ކިޔާ ތަހުގީގު ކުރަން އަހަރެން ގެ ހަޔާތުން ބޮޑުބައެއް ހުންނަން ޖެހޭނީ ހުކުމެއް ނެތި ޖަލުގައި ކަމަށް ހީވިއެވެ.

ދޫނިދޫގައި ބަންދުގައި ބެހެއްޓުމަށް ފަހު 40 ވަނަ އަށްވީ ދުވަހު ދޫކޮށްލިއެވެ. އެ ދުވަހަކީ އަލް ޖަޒީރާއިން “ދަ ސްޓީލިން ޕެރަޑައިސް” ދެއްކި ދުވަހެވެ. މި ދުވަހާއި ހަމައަށް ދޫނިދޫ ގޮޅިތަކުގައި ތިބި މީހުން އެންމެ އުންމީދު ކުރަމުން ދިޔައީ މި ޑޮކިއުމެންޓްރީ ދައްކާނެ ދުވަހަކަށެވެ. ސަރުކާރު ބަދަލުވުމާއި މި ޑޮކިއުމެންޓްރީ ދެއްކުމާއި ގުޅިފައިވާކަމަށް އޭރުގައި އެންމެންވެސް ތިބީ އުންމީދުކޮށްގެނެވެ. އަހަރެން ވަކީލާއި ބައްދަލުކޮށްފައި އަންނަ ކޮންމެ ފަހަރަކު ގޮޅިތަކުގެ މީހުން ޑޮކިއުމެންޓްރީ ދައްކައިފިތޯ އާއި މާލޭގެ ހަބަރުތައް އަހައެވެ.

ބަންދުން ދޫކޮށްލުމުން އޭގެ އަނެއް ދުވަހު ދިޔައީ ރަށަށެވެ. ޖެހިގެން އައި ދުވަހަކީ އީދު ދުވަހެވެ. އީދުގެ އުފާ ނިންމުމަށް ފަހު ދުވަސްތަކަކު ރަށާއި ބ. އަތޮޅުގެ އެކި ރަށްރަށުގައި އުޅުމަށް ފަހު މާލެއައީމެވެ. މާލެއަށް އާދެވުނު ދުވަސްވަރަކީ ފާފު އަތޮޅު ސައޫދީއަށް ވިއްކާލުމުގެ ވާހަކަތައް ފެންމަތިވެގެން އުޅޭ ދުވަސްވަރުކަމުން ސިޔާސީ ހަލަބޮލިކަން އިތުރުވެގެން ދިޔައެވެ. ދިވެހި ރާއްޖެއިން އަތޮޅެއް ބޭރު ބަޔަކަށް ވިއްކާލުމާއި ދެކޮޅަށް އޭރުގައި ހުއްޓެމެއް ނެތި ޓްވީޓްކުރަމުން ދިޔައީމެވެ. ޓްވިޓާރގައި އެކި ފަރާތްތަކުން ހިންގި #ސޭވްފާފު ކެމްޕެއިން އަށް ބޭރު ދުނިޔޭގެ ވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔައެވެ. ފަހުން އިވިގެން ދިޔަ ހަބަރަކީ ސައޫދީން ފާފު އަތޮޅު ގަތުމުގެ ކަންތައްތައް ހުއްޓާލި ހަބަރެވެ. މިކަމާއި އެކު ސަރުކާރުން މި ކެމްޕެއިންގައި އުޅުނު ފަރާތްތަކާއި ދިމާކުރަން ފެށިއެވެ. ތައްޔިބް ޝަހީމް ހައްޔަރުކޮށް ފޯނު އަތުލެވެނެވެ. އަދި އަހަރެންވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލެވުނެވެ. މި ދުވަހު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރެވުނީ “މައުލޫމާތު ދެނީ ކޮން ބައެއް”ތޯއެވެ. ޖަވާބުގައި ބޭރުގެ އެކި ނޫސްތަކާއި ރާއްޖޭގެ ނޫސްތަކާއި މީހުން ދައްކާ އެކި ވާހަކަތަކުން ޓްވީޓްކުރަނީ ކަމުގައި ބުނީމެވެ. އެކި ތުހުމަތުތައް ކޮށް ފޯނު އަތުލުމަށް ފަހު ތަހުގީގު އިތުރަށް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ފޯނު އަތުލުމަށް ފަހު އޭގެ ފަހަށް އައި ދުވަސްތަކުގައި އަނެއްކާ ވެސް އަހަރެން ހައްޔަރު ކުރުމަށް ކޯޓު އަމުރު ހޯދި ހަބަރު ލިބުނެވެ. ހެޔޮއެދޭ އެކި އެކުވެރިން ގުޅުމަށް ފަހު ރާއްޖެ ދޫކޮށް ދިޔުމަށް އެދެމުން ދިޔައެވެ. އޭރު ރާއްޖެއިން ބޭރަށް ނުދާތާ 7 އަހަރު ވެއްޖެއެވެ. ރާއްޖެ ދޫކޮށް ނުދާން ހުރި ނަމަވެސް،

 

އަހަރެން ސިޔާސީއެއް ނުވަމެވެ. އަހަރެން ސިޔާސަތާއި ބެހުނީއެވެ.

މިނިވަން ދިދައެއްގެ ހިޔަލުގައި ވެރިއެއްގެ އަޅުވެތިކަމުގައި ހުންނަން ނޭދުނީއެވެ.

އެ ފަޅާ މިފަޅާ ޖެހިގެން އޮތް ފަޅުރަށްކޮޅު ވިއްކާލާއިރު ހަނުހުންނަން ދަތިވީއެވެ.

އިންސާނަކު ވަގަށް ނަގާ ގެއްލުވާލުމުން ބަހެއް ނުބުނެ ނިދަން އުނދަގޫވިއެވެ.

ގައުމުގެ މައިން ކަރުނައަޅާ ރޯތަން ދެކެން ހިތަށް ކެތްނުވީއެވެ.

ބޭއިންސާފުން އެތައް ބަޔަކު ޖަލަށްލާއިރު ގޭގަ ހުންނަން ބޭނުންނުވީއެވެ.

ރައްޔިތުންގެ މުދަލުން އެތައް ގުނަ ވައްކަން ކުރާއިރު އަތްޖަހަން ޟަމީރު ދެކޮޅުހެދީއެވެ.

ހައްޤުމިންވަރު ނުލިބި ގަނޑުވަރުންދޭ މިންވަރުގެ މައްޗަށް ރުހެން ބޭނުންނުވީއެވެ.

މިއަދުގެ ހަނުހުރުމުން މާދަމާ ގެއްލިދާނެތީ ބަސްނުބުނު ނުހުރެވުނީއެވެ.

އަހަރެން ސިޔާސީއެއް ނުވަމެވެ. ސިޔާސަތާއި ބެހުމުން އެ މީހުން އަހަރެން ސިޔާސީ މީހަކަށް ހެދީއެވެ.

 

Lavatakuge we moLu na

ލަވަޔަކުގެ އެ މޮޅު ނަންބަރު

އަމަށަކުން  ނުދޭ ފަންވަރު

ހަމަތަކުން ނެރޭ ބުންވަރު

އަދި ނެތޭ އުފެދި އެއްވަރު

އައުވެވޭށިއޭ އެ ހަނދާން

ދައުރުވާށިއޭ އެ ޒަމާން

ގައުމުގައި ދޮހޮއްކޮ ހަނދާން