ޖެނުއަރީ 1915، ބ. ކުޑަރިކިލު
ފަތިހުގެ ހާލާއިއެކު ސަންޕާފުޅަށް ހޭލެވިއްޖެއެވެ. އެނދުމަތިން ތެދުވެ ކިޑިކީން ބޭރު ބަލާލަން ހިނގައިގަތްތަނާ ލޮލުގައި އަޅައިގަތީ ބިންމައްޗަށް އެއްލާލައިފައި އޮތް އޮޅާފައިވާ ފަތްކޮޅެކެވެ. ހައިރާންވެ ހުރެ ސަންޕާފުޅު ފަތްކޮޅު ނިއުޅާ ކިޔަން ފެށިއެވެ.
“ތިބާއީ ކާކު؟”
ދެ ލަފްޒެވެ. ލިޔެފައިވަނީ ފައިކަށި ދިގު ތާނައިންނެވެ. ސަންޕާފުޅު ހިތާ ހިތާ ސުވާލުކޮށްލިއެވެ. މި ފަތިހުގެ ވަގުތު މި ފަތްކޮޅު މިތަނަށް ލީ ކާކުބާއެވެ؟ ނިދަން ދިޔައީ ކިޑިކީ ފޮތިގަނޑު ދަމާފައެވެ. ފަތްކޮޅު ބޭއްވުމަށް ފަހު ސަންޕާފުޅު ގިފިއްޔާއި ދިމާއަށް ހިނގައިގަތެވެ. ނަމާދުން އަވަދިވެގެން އަންމާފޮތުން 3 ސޫރަތް ކިޔަވާ ހަތިމު ބާއްވާފައި ސަންޕާފުޅު ދިޔައީ ހެނދުނަށް ސައި ތައްޔާރުކުރުމަށް ބަދިގެއަށެވެ.
” ދަރިފުޅާ ސަންޕާޅާ! ކުރާ ކެކިއްޖެތަ؟”
މަންމަ ގޭތެރެއިން ގޮވާލިއަޑު އިވުނެވެ.
“އާން. މަންމާ! މިހާރު ފެން ހޫނު ވެއްޖެ. މާނިޔާމަސް ރިހަ ތެލި ހޫނު ކުރަން މި އުދަނީ”
ކުރާ އުނދުން މަތިން ބާލާ ރިހަތެލި ހޫނުކުރަން އުދުމަށް ފަހު ސަންޕާފުޅު އުނދޯލި ގެއާ ދިމާއަށް ހިނގައިގަތެވެ. ކުއްލިއަކަށް ހަނދާންވީ ހެނދުނު ކޮޓަރިން ފެނުނު ފަތްކޮޅު މަތިންނެވެ. ސަންޕާފުޅު އަވަހަށް ނިދާ ކޮޓަރިއަށް ގޮސް ފަތްކޮޅުނަގާ ޖޯލީގައި ހަމަޖެހިލައިގެން އިނދެ ވިސްނަންފެށިއެވެ. ފަތްކޮޅުގައި ފުރަތަމަ ސުވާލަކަށް އަހާފައިވަނީ:
“ތިބާއި ކާކު؟”
ސަންޕާފުޅު ހުސްކަމެއްގެ ތެރެއަށް ގެއްލުނެވެ. އަހަރެންނަކީ ކެޔޮޅު މުހައްމަދު ފުޅުގެ ސަންޕާފުޅެވެ. މިއަށް ވުރެ ބޮޑަށް ކިޔާދޭކަށް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް ކަތްދާދީ ކީ ނަމަ އަހަރެން ވާނީ ހަމަ އަހަރެންނަށް ހެއްޔެވެ؟ ނުވަތަ އެހެން މީހަކަށް ހެއްޔެވެ؟ ބައްޕަ ބުނި ހަނދާނެއްވެއެވެ. ފުރަތަމަ އަހަރެންނަށް ކިޔަން އުޅުނީ ހައްވާފުޅެވެ.
ކޮޓަރިއަށް ވަދެ ލޯގަނޑު ކުރިމަތީ ސަންޕާފުޅު ހުއްޓުނެވެ. ލޯގަނޑުން ފެންނަ ސޫރައަށް ބަލަން ހުރެ ސަންޕާފުޅަށް ބުނެވުނެވެ. ” ތިބާއީ އަހަރެން”
“އަހަރެންނަކީ ތިބާ”
ފަތްކޮޅުގައި އިތުރު އެއްޗެއް ލިޔެފައިވޭތޯ ސަންޕާފުޅު ބަލަން ފެށިއެވެ. ކުދި އަކުރު ތަކަކުން ލިޔެފައިވާ އިތުރު ދެ ސުވާލު ސަންޕާފުޅުގެ ލޮލުގައި އަޅައިގަތެވެ.
“ނެތުމުގެ ތެރެއިން މި އާލަމް އުފެދުނީ ކިހިނެއް ހެއްޔެވެ؟”
“ތި ހުރެވުނީ ކޮންތާކު؟”
ސަންޕާފުޅަށް ޖަވާބު ދޭކަށް ނޭނގުނެވެ. ނެތުމުގެ ތެރެއިން މި ދުނިޔެއަށް އަހަރެން އައިސް މި ފަން ޖިފުޓީގައި ދުވަސްތައް ހޭދަކުރަމުން ދާތާ 14 އަހަރުވީއިރުވެސް ދުވަހަކުވެސް މި ފަދަ ސުވާލެއް ހިތަކަށް ނާރައެވެ. ފުރަތަމަ ފަހަރަށް ދުނިޔޭގެ ޙަޤީޤަތް ހޯދުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނެވެ.
ގޮތް ނޭނގޭ ފަތްކޮޅާ އެކު ވިސްނުމުގެ އޮއެވަރެއްގައި ސަންޕާފުޅު ބެހުނެވެ. މި ދުނިޔެއާއި ހަނދާއި ތަރިތަކަކީ ފަލަކުގައިވާ ޙަޤީޤަތް ނޭނގޭ ތަކެއްޗެވެ. ފަލަކު؟ ފަލަކު އުފެދުނީ ކިހިނެއް ހެއްޔެވެ؟ ކަޅުފޮއެ ރޭރޭ އުޑު މަތީ ހަނާ އެ އަޅަނީ ކޮން ތަރިތަކެއް ބާވައެވެ؟ ބޮޑުއަށި ކައިރީ ހުންނަ ފާނޫޒުގެ އަލިކަން ބަދިގެއާއި ހަމައަށް ފޯރަނީ ހަމަ ކިރިޔާއެވެ. ދުރުން މާ ދުރުން ހަނދުގެ އަލިކަން މި ދޭހަށް އަލިކޮށްދެނީ ކޮން ފަދައަކުން ބާވައެވެ؟ މި ކައުނުގައިވާ ކޮންމެ އެއްޗެއްގެ ވެސް ފެށުމެއް ވާނެއެވެ. ފަލަކުވެސް އުފެދޭނީ ކޮންމެސް އެއްޗަކުންނެވެ. ވީމާ އެ އެއްޗެއް ވެސް އުފެދޭނީ ކޮންމެވެސް އެއްޗަކުންނެވެ. ކޮންމެވެސް ހިސާބަކުން ކޮންމެވެސް އެއްޗެއް ނެތުމުގެ ތެރެއިން އަންނާން ޖެހެއެވެ. ސަންޕާފުޅަށް ވިސްނުނީ މިހެންނެވެ.
” ތިހުރެވެނީ ކޮންތާކު؟”
މިހުރީ އަހަރެންގެ ނިދާ ކޮޓަރީގައެވެ. ސުވާލުކުރި މީހާ ބޭނުންވި ޖަވާބަކީ މިއީ ނޫން ކަމުގައި ވެސް ވެދާނެއެވެ. ސަންޕާފުޅު ވިސްނަންފެށިއެވެ. އަހަރެން މިހުރީ މާޅޮސް މަޑުލު ދެކުނު ބުރީ ކުޑަރިކިލުގައެވެ. ރޭނިގޭގައެވެ. ކާފަ ކިޔައިދިން ގޮތުގައި މި ރަށުގައި މިހުން އާބާދުވެ އުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. އަތޮޅުގައި ކުރިން ވާރުކަން ކުރީ މި ރަށުގައެވެ. ރިކިލަކީ ޖަވާހިރުގެ ބާވަތެއް ކަމުގައި ކާފަ ބުންޔެވެ. އަންހެނުންފުށި ކައިރީ މާރިކިލު ކިޔާ ރަށެއް އޮންނަ ވާހަކަ ވެސް ކާފަ ބުންޔެވެ. ސަންޕާފުޅުގެ ވިސްނުން ރަށު އަސްދަނިން ބޭރުވެއްޖެއެވެ. އަހަރެން މިހުރީ މަހަލްދީބުގައެވެ. މަހަލްދީބަކީ އިންޑަސް ކަނޑަށް އުކާލާފައިވާ މުތް ތަކެއް ކަމުގައި ބުނާ ޅެމެއް އަޑު އަހަމެވެ. އަދި މަހަލް ދީބުގެ މާދުރުން ލަކުޑިދީބް ކިޔާ ޖަޒީރާތަކެއް ހުންނަ ކަމުގައި ވެސް މީހުން ކިޔާތީއަޑުއަހަމެވެ. ކާފަ ބަންގާޅު ދަތުރު ނިންމާފަ އައީމަ އަހާނީއެވެ. އެހެން ނޫނަސް މި ކަންކަމާ ވިސްނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
“ސަންޕާފުޅާ، ސައިބޯން އާދޭ!’
މަންމަ ގޮވާލިއަޑު އިވުނެވެ. ސަންޕާފުޅު އަވަސް ވެ ގަތީ ބޮޑު އަށްޓާއި ދިމާއަށް ދިއުމަށެވެ. މިހާރު ބައްޕަވެސް ރަށް ވަށާ ހިނގާފައަންނާނެއެވެ.
“ދަރިފުޅާ ކޮން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ތީނީ؟” ސަންޕާފުޅަށް ވިސްނުމުގެ ތެރެއިން ނުކުމެވުނީ ބައްޕަ ގޮވާލީމައެވެ.
މަންމާ! ދެން ނެތްތަ ރިހާކުރު ކޮޅެއް؟”
“އާނ! ދަރިފުޅާ ނެތް. ދުނިޔޭގައި ދަނީ ފުރަތަމަ ބޮޑު ހަނގުރާމަ ކުރަމުން. ކާ އެއްޗެއްސަށް ބަލައިގެން އުޅެން ވާނީ”
“މަންމާ! ކީއްވެ އެ މީހުން ހަނގުރާމަ ކުރަނީ؟”
“ނޭނގެ ދަރިފުޅާ، މާ ސުވާލު ގިނަ ނުކޮށް ކައިގެން މެންދުރު ކައްކަށް ހަނޑޫކޮޅު ހޮވަން ދޭ”
……………………………………………………………………………………………………………………………………..
ރަށް މަތިން ފުރާފާ
ދަންނަހާ ފަންޑިތަ ހަދާ
ވައްލުހާ އާ ކުރުޝިޔާ
އައްތަލީގައި ލިޔެވިފާ
ފަންގަނޑު ހިބަރު ދުރުވެދާނޭ
މަސް އޮޑިޔާއި ލެފިދާނޭ
ކެޔޮޅު މުހައްމަދުފުޅު ދިރުނބާ ކޮޅުގައި އިނދެގެން ރައިވަރު ކިޔަމުން ދަނީއެވެ. ހަނި ކަނޑުން މަސް ބާނައިގެން ބޮޑުގޯތި އަހުމަދު ފުޅުގެ ދޯނީގެ މިސްރާބު ކުޑަރިކިލާއި ދިމާއަށް ޖަހައިފިއެވެ. ފަޅުވެރިންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. މަސްވެރިކަން ތަދު ދުވަސްވަރަކަށް ވާތީއެވެ. މަސްވެރިކަން ތަދުވުމާއި އެކު ލިބިފައިވާ ހާސްކަން ވެސް ވަކިން ކުޑައެއް ނޫނެވެ. ދުނިޔޭގެ ބާރުތަކުން 1914 ގައި ފެށި ބޮޑު ހަނގުރާމަ އަދިވެސް ނުނިމެއެވެ. އޮސްޓްރިއާގެ އަމީރު ފްރާންޒް ފާރޑިނާންޑް އަދި އަމީރާ ޞަފިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން ފެށުނު ހަނގުރާމައިގައި އެތައް ލައްކަ ބަޔަކު ދުނިޔޭން މަރުވެ ހިނގައްޖެއެވެ. ހަނގުރާމައިގެ އަސަރު ދިވެހި ރާއްޖެއަށް މާ ބޮޑަށް ނުކުރި ނަމަވެސް މަސްވެރިން ތިބެނީ ސަމާލުވެއެވެ.
މަހަށް ދިޔަ ދޯނިފަހަރު އަންނާނެ އިރެއްގެ އިންތިޒާރުގައި މޫސާ މާލިމީ ބަންނެހެރު ހޮޅުއަށީގައި އިނެވެ. އޮއްސެމުން ދާ އިރާއެކު ބަންނެހެރުގައި ތިން މުގޯލި ކުޅެމުން ދާ ކުދިންގެ ހިލަމެއް މޫސާ މާލިމީއަށް ވާހެނެއް ހިޔެއް ނުވެއެވެ. ރައިވަރަކަށް ފަހު ރައިވަރެއް ކިޔަމުން ދަނީއެވެ.
އައިނެކޭ ތިޔަ ހުރީ
ވައިމަތި އޮޑީ ބޮލުކުރީ
މާރަގަކުރަގި ތިކޮށްރީ
ގާތަށޭ ހުރެ އަންނަނީ
ބާލާށެ އޮޑި ހަފަލިތައްއައި
ރާނުވަނީސް ހަމަތައްއައި
” މޫސަބޭ ބޮޑުގޯތި އޮޑި ލަފައިފި” މާދުރުން ކުޑަސޮރުބެ ގޮވާލިއަޑަށް މޫސާ މާލިމީ ބަނދި ކިޔުން ހުއްޓާލާފައި ގޮނޑުދޮށަށް ދިއުމަށް ހިނގައިގެތެވެ.
” ކިހާ މަހެއް ބޭނިން؟” މޫސާ މާލިމީ ފަޅުވެރިންނަށް ގޮވާލިއެވެ.
” މަސްވެރިކަން ވަރަށް ދަށް. ފަޅުވެރި ކުދިންނަށް ބާހާފަ ބާކީ ހުރިއްޔާ ދޭނަން”
މަހަށް ދިޔަ ތިން އޮޑިންކުރެން އެންމެ ފުރަތަމަ ލެފީ ބޮޑުގޯތި އޮޑިއެވެ. މުއްސަނދި ހުސޭނުމެންގޭ ދޯންޔާއި ހަކީމުގޭ ދޯނި ވިނަނެތްފަރާ ދިމާއިން މަސް ބައިގެން އެބަ އާދެއެވެ. ރަށުގެ ކޮންމެ އާއިލާއަކުން ވެސް މަހެއް ރޯދި ކުރައްވާތޯ ވަނީ ބަންނެހެރު ބަނދަރާ ދިމާއަށް އައިހެވެ.
” ކުޑަ ހަސަންބޭ މަސް ބަހަމާ ބަހީ”
މަސްތައް އެއްގަންކޮށް މަސްބެހުމުގެ މަސައްކަތް ފެށީ އިރުކޮޅެއް ވީފަހުންނެވެ.
ބޭނުނު މަހުގެ ހަތަރު ބައިކުޅަ އެއްބައި އޮޑިވެރި އަހުމަދުފުޅަށް ދިނުމަށް ފަހު، ކަތީބު ހުސައިން މަނިކަށް 4 މަސް މާމުދިންމަނިކަށް 4 މަސް އަދި ނައިބު މުހައްމަދު ކަލޭފާނަށް ބައިފަޅިއެއް ދިނެވެ. އަތޮޅުވެރިންނަށް ދަނޑިމަސް ދިނުމަށް ފަހު ފަޅުވެރިކުދިންނަށް މަސް ބަހަން ފަށައިފިއެވެ. މަސް ބެހުމަށް ފަހު ބާކީވީ ދެތިން ދޮޅަހަކަށް މަހެވެ. ބޮޑުގޯތި އޮޑިން މަސް ނުލިބުނު މީހުން މުއްސަނދި ހުސޭނުމެންގޭ އޮޑިއާއި ހަކީމްގޭ އޮޑި ލަފާނެ އިރެއްގެ އިންތިޒާރީގައި ޖެހުނީ ތިބޭށެވެ.
މަސް ބަހާ އަވަދިވެގެން މުހައްމަދު ފުޅަށް ގެއަށް އާދެވުނު އިރު އިޝާ ނަމާދަށް ގޮވަނީ އެވެ. ބަދިގެ ކައިރީ އަށިމަތީގައި ހުރި ތެއްޔަށް މަސްތައް އެޅުމަށް ފަހު މުހައްމަދުފުޅު އަނބި މަރިޔަންމަނިކެއަށް ގޮވާލިއެވެ.
” މަރިޔަންމަނިކޭ! ކޮބާ ސަންޕާފުޅު؟ “
“އެބެން އެތެރެގޭގަ ގުރުއާން ކިޔަވަން”
” އެ މަންޖެ ކައިރީ ބުނޭ ކައިގެން ނޫނީ ނުނިދާށޭ! “
މަސް ކެނޑުމަށް ފަހު މުހައްމަދުފުޅު ދިޔައީ ގައިން ތާހިރުވާށެވެ. މަރިޔަންމަނިކެ ސަންޕާފުޅު ގޮވައިގެން މަސްކައްކާ ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރަންފަށައިފިއެވެ. މަސައްކަތުގައި އަވަދި ނެތި އުޅުނަސް ހެނދުނު ލިބުނު ގޮތްނޭނގޭ ފަތްކޮޅު ސަންޕާފުޅުގެ ވިސްނުން ހުރީ މެދުއުޑުގައި ފިޔަޖަހަމުންދާ ތަރިތަކާ ހަމައަށް ގެންގޮސްދީފައެވެ.
“ސަންޕާޅާ! ބައްޕަ ކާން އަންނާނަން އިޝާނަމާދުކޮށްލައިގެން، ދަރިފުޅު ދޭ ކައިގެން ނިދަން”
“ލައްބަ، ބައްޕާ” ސަންޕާފުޅު ކެއުމުން އަވަދިވެގެން ދިޔައީ ނިދާ ކޮޓަރިއަށެވެ. ވިސްނުންތައް އެއްފަރާތް ކުރުމަށް ފަހު ނިދާ އަށީގައި އޮށޯވެ ނިދޭތޯ ދެލޯ މަރާލައިފިއެވެ. އުޑު މަތީގައި ހަނާ އަޅާމުންދާ ތަރިތައް ސަންޕާފުޅަށް އަލްވަދާޢުކިޔުމަށް ފަހު ބޯ ވިލާގަނޑަކާ ނިވާވެއްޖެއެވެ.