ތާރީޚުގެތެރެއިން ދިވެހިންނާއި ސްރީ ލަންކާގެ ގޯލް އަދި ޢަލީ ދޮށިމޭނާ ކިލެގެފާނު

ދިވެހިން ސިލޯނަށް ދޫކޮށްފައިވާ ހަނދާންތައް 2 

ލިޔުނީ: 2019 – 2017

ފުރަތަމަ ބައި

މިއީ އަހަރެންގެ ދަތުރުނާމާ އޮޅުދޫކަރައެވެ. ސަރަންދީބުގެ ރަށްތަކަށް ދިވެހިން ދޫކޮށްފައިވާ ހަނދާންތައް ހޯދުމަށް ކުރެވުނު ދަތުރުތަކުގެ ވާހަކައެވެ. މި މަސައްކަތުގެތެރެއިން ދިވެހި ރާއްޖޭގެ ރަށްރަށުގެ ތާރީޙާ މެދު ހިތުގައި އުފެދިފައިވާ ފަދަ ޝައުގުވެރިކަމެއް އޮޅުދޫކަރައިގެ ބައެއް ރަށްރަށުގެ މައްޗަށްވެސް އުފެދުނެވެ. ހާއްސަގޮތެއްގައި މި ކަރައިގެ ހުޅަނގު ދެކުނުގައިވާ މުސްލިމް ރަށްވެހިކަމުގެ އަސަރު ހުރި ރަށްރަށުގެ މައްޗަށެވެ. އޮޅުދޫކަރައިން ދިވެހި  ރާއްޖެއާ އެންމެ ކައިރީގައިވާ ބޭރުވެލި، ގާލީ، ވެލިގަމަ ފަދަ ރަށްރަށަށެވެ. މި ރަށްތަކަށް ހުރި ޝައުގުވެރިކަން ފުރަތަމަ ގެންގޮސްދިނީ އޮޅުދޫކަރައިގެ ގާއްޔަށެވެ. މިހާރު ގިނަ މީހުން ދަންނަ ގޮތުން ނަމަ ސްރީ ލަންކާގެ ދެކުނުގައިވާ ސަގާފީތަރިކައިގެ ފަތުރުވެރި މަންޒިލް ގޯލްއަށެވެ. “ގާލީ”އަކީ ދިވެހިން އޮޅުދޫކަރައިގެ ގޯލްއަށް ކިޔާ އުޅުނު ނަމެވެ.

ގާއްޔާމެދު ހިތުގައި އުފެދިފައިވާ ޝައުގުވެރިކަމުގެ އަސްލަކީ 1800ގެ މެދުތެރޭ އަހަރުތަކުގައި ދިވެހި ރާއްޖެ ދޫކޮށް ގާއްޔަށް ވަޑައިގެންނެވި އަލީ ދޮށިމޭނާކިލެގެފާނު ބިނާކުރައްވާފައިވާ މިސްކިތާއި އެ ކިލެގެފާނުގެ ޒިޔާރަތް ބެލުމެވެ. ގާއްޔަށް ދިއުމަށް ނިޔަތްގަނެ ނުދެވި ކޮޅުނބުގައި ހުންނަތާ އެތައް ދުވަހަކަށް ފަހު ކޮޅުނބުގައި ގޮސް ތިބޭގެއަށް ފައިބާ ހުންނަ ވެލިގަމާއި ގާއްޔަށް ނިސްބަތްވާ ދިވެހިންނާ ހަވާސާ މީހެއް ކައިރީ ގޯލުގައި ދިވެއްސަކު ބިނާކޮށްފައި ހުންނަ މިސްކިތެއް ހުރިތޯ އެހެމުން މިދާކަށް ދުވަހުވެސް އެ މިސްކިތަށް ދިޔަ ވާހަކަ ބުންޏެވެ. އަދި އެ މިސްކިތް ހޯދާނެ ގޮތް އޮޅުންފިލުވައިދިނެވެ.

ދެން މި ދުވަސްވަރު ދަތުރުވަރެއްގައި ކޮޅުނބަށް އައި އެކުވެރިއަކާ އެކު އޭނާވެސް ގާލީގެ ތަންތަން ބެލުމުގެ ޝައުގުވެރިކަން ހުރުމުން ކޮޅުނބުގެ ވެއްލަވައްތަ ރެއިލްވޭ އިސްޓޭޝަނަށް ގޮސް ގާއްޔަށް ދިއުމަށް ފުރައިފީމެވެ. އަހަރެމެންގެ މި ޒަމާނުގައި ރެއިލްވޭއާއި ހައިވޭގެ ކުރު ރާސްތާއިން ކޮޅުނބުން ގާއްޔަށް ދެވުނަސް އިހުގައި ކޮޅުނބުން ގާއްޔަށް ނުވަތަ ގާލީން ކޮޅުނބަށް ދިއުމަށް އޮންނަނީ މިހާރު ވެސް ބޭނުންކުރާ މުސްކުޅި ގޯލް ރޯޑެވެ. މުޅި ކޮޅުނބުގެތެރެއިން ވެސް ފެންނަ ގޯލްރޯޑެވެ.

ގޯލްރޯޑް ނުވަތަ ގާލީމަގު

ކޮޅުނބުގެ ވިޔަފާރި ބަނދަރުން ފެށިގެން ކޮޅުނބުތެރޭންގޮސް މިކަރައިގެ ދެކުނުގައިވާ ގާލީއާ ހަމައަށް އޮންނަ މި ދިގު މަގަކީ އޮޅުދޫކަރައިގެ ވިޔަފާރީގެ ތާރީޚާއި ދިވެހިން އޮޅުދޫކަރައަށް ކޮށްފައިވާ ވިޔަފާރީގެ ދަތުރުތަކުގެ ހަނދާންތަކާވެސް ގުޅިފައިވާ މުހިންމު މަގެކެވެ. މުޙައްމަދު އަމީން ލިޔުއްވާފައިވާގޮތުން “ގާލީމަގު”އެވެ. އިހުގައި ކޮޅުނބާއި ވިޔަފާރީގެ ބަނދަރު ގާލީ ގުޅުވައި ދިނުމުގެ އިތުރުން އޮޅުދޫކަރައިގެ ހުޅަނގު ދެކުނު އަތިރީގައިވާ އެތައް ރަށެއްގެ ގުޅުމަކީ މި މަގެވެ. މިތަނުން ބައެއް ރަށްރަށަކީ ސޯޅިޔާއިން ނުވަތަ ސްރީ ލަންކާގެ މުސްލިމުންގެ ރަށްރަށެވެ. މުސްލިމުންގެ ސަގާފީ މުހިންމު ތަނަކަށް މި މަގު ގުޅުވައިދޭ ބައެއް ރަށްރަށް ވެފައިވަނީ އަރަބި އަދި މަލާބާރުކަރަައިގެ ވިޔަފާރިގުޅުންތަކުގެ ސަބަބުންނެވެ. އިސްލާމުންގެ މުހިންމު ބޭރުވެލި ކިޔާ ރަށާއި ޕާނަދުރާ އަދި ކަލުތުރާ އޮންނަނީ ގޯލް ރޯޑުން ގުޅުވައިދޭ ހުޅަނގު ދުކުނު އަތިރީގައެވެ. އޮޅުދޫކަރައަށް އިހުގައި ދަތުރުކޮށްފައިވާ ބޭރުގެ ބައެއް ދަތުރުވެރިންގެ ވާހަކަތަކުގައިވެސް ގާލީމަގުގެ މުހިންމުކަމާއި ހިތްފަސޭހަކަމުގެ ވާހަކަ ގެނެސްފައިވެއެވެ.

  • ގޯލް ރޯޑް، 1880ގައި

“ކޮޅުނބުން ފުރައިގެން ސިލޯނުގެ ކުރީގެ މަޝްހޫރު ބަނދަރުމަތީ ރަށް ގާލީއަށް ދިއުމަށް އޮންނަ މަގަކީ ދުނިޔެއިން ފެންނާނެ އެންމެ ރީތި އެއް މަންޒަރެވެ. މިއީ ފެހިކަން ލިބިފައިވާ 70 މޭލު ދިގު ސާދާ މަގެކެވެ. މަގުގައިވާ ރުއްތަކުގެތެރެއިން ބަލާ މީހަކަށް އައްސޭރިފަށުން މޫދާއި ގުޅިފައިވާ ރަތް ހިލަތަކުގެ ހިތްގައިމުކަމާއި މުރަކައިގެ ފަރުތަކުގެ މައްޗަށް ބިންދަމުންދާ ރާޅުގެ ހުދުފޮނު ރީތިކަން ފެންނާނެއެވެ.

ތަނުގެ އެންމެ ރީތިކަމަކީ، މިރަށުގެ ރަށްވެހި ރާވެރިންނަށް އެންމެ ބޭނުންތެރި ރުއްތަކެވެ. ރުއް އެންމެ ރަނގަޅަށް ހެދެނީ ގޮނޑުދޮށާއި ގުޅިފައިވާ ލޮނުފެނުގެ އަސަރުހުރި ފަސްގަނޑުގައެވެ. ގޯލް ރޯޑުގެ އަރިމަތިން ކަރިއިކައިރިން ރުއްތައް ހެދިފައިވުމުން މިހިސާބު ފެންނަނީ ރުއްދަނޑުތަކެއްގެ ގޮތުގައެވެ. މިތަނުގެ ރަށްވެހިން މި ރުއްތަކުން ރާބާލައެވެ. އަދި އަރަކް ކިޔާ ބުއިމެއް އުފައްދައެވެ. ރުއްތަކުގެ ހިޔާ ލިބޭހިސާބުގައި މަސްވެރިންގެ އަވަށްތައް ގިނައެވެ. އަވަށްތަކާއި ގުޅިފައިވާ އަތިރިން ރިޔާ ނަގައިގެން ދުއްވާ ކުދި ދޯނިފަހަރު އެހެލާފައި ހުންނަތަން ފެންނާނެއެވެ”

– އަލްފްރެޑް ކްލާރކް، ސިލޯން، ޕީޕްސް އެޓް މެނީ ލޭންޑްސް، 1910

އަވަށްޓެރި އޮޅުދޫކަރައިގެ ގޯލް ރޯޑަކީ އިހުގައި މި ކަރައަށް ގޮސްއައިސްވި ދިވެހިންނަށް އާ މަގަކަށް ނުވާނެއެވެ. ވިޔަފާރީގެ މުހިންމު ދެ ބަނދަރުކަމުގައިވާ ކޮޅުނބާއި ގާއްޔާ ދެމެދު ދަތުރުކުރުމަށް އަދި މި ދެ ރަށުގައި ތިބޭ މީހުން އެއް ބަޔަކު އަނެއް ބަޔަކަށް އެކި ހަބަރުތައް ފޯރުކޮށްދިނުމުގައި މުވާސަލާތު ހިނގާފައިވާނީ މި މަގުގެ ދަތުރުތަކުންނެވެ. މިކަމުގެ ހެއްކެއްގެ ގޮތުގައި ކޮޅުނބު ބަނދަރުގައި އޮތް ދިވެހި އޮޑިއެއްގެ މާލިމީ ގާލީގައި ތިބި ދިވެހިންނަށް ފޮނުވާފައިވާ މި ސިޓީ ފުދެއެވެ. މިއީ 1837 ވަނަ އަހަރު މުސްކުޅި ގަބުޅިތާނައިން ލިޔެފައިވާ ދުވަސްވީ ލިޔުމެކެވެ.

“ގާލީގައި ތިބި ދިވެހީންގެ އެންމެ ކަލުންނައް އަރަބު އޮޑި މާލިމީ ކަލޭގެފާނު ސަލާމް

މި ފަހަރައް މި ރަށުގައި ހުށި އޮޑިފަހަރީ އަރަބު އޮޑި، ފިންލަދު އޮޑި، ވެދުން އޮޑި، ފަޑިޔާރު އޮޑި، އަހަށްމާދީ އޮޑި، މާންދުގޭ އޮޑި، ހިތިގަސްދަށުގޭ އޮޑި. މީފަހަރައް އެންމެ ކަލުން ގަދަވެ އެބަތިބޫވެވެ. ތިޔާ ރަށުގައި ހުށި ކަބަރެއް ފޮނުވާތި. މި ރަށުގައި ހުށި ކަބަރު މި ފޮނުވީއެ. ވިލާތުން އައު ބޮޑު ސާހިބެން އަތުއެވެ. ވިލާތު ރަސްގެ މަރުވެށްޖެވެ. ލަންކަ ގިނަ ފަށުން ސަލާމް.

މިރަށު މަސް ވިއްކީ ހިމިތީ މަސް ހަންދިހަ ހަތް ރިޔާލައައް. މާލެ އަތޮޅު މަސް ފަސްދޮޅޮސް ހަތަކައް. ފާދިންފުޅު ކިރާ މަސް ސާޅީސް ހަތަކައް. މިހިދުން ވިށްކައިގެން ތިބި އަގީ މިވެވެ. ލަންކަ ގިނަ ފަށޫން ސަލާމް. މި ލިޔުނީ މިތަންވީ ބާރުސްފަތި ދުވަހުން. މާތް ކަލާގެ ރުއްސެވީޔައި ސައުދަ ދުވަހު އަޅުގަޑު ފުރާނެމެވެ ހިތައި ހުށިމެވެ”

“އަރަބު އޮޑި” އަކީ އެ ދުވަސްވަރު ކޮޅުނބަށް ދަތުރުކުރި ދިވެހި އޮޑިއެއްގެ ނަމެވެ. “ވިލާތުން އައު ބޮޑު ސާހިބެން އަތުއެވެ. ވިލާތު ރަސްގެ މަރުވެށްޖެވެ” ކޮޅުނބު ބަނދަރުން ގާލީގައި ތިބި ދިވެހިންނަށް މި ދިން ހަބަރަކީ 1837 ވަނަ އަހަރުގެ ޖޫން މަހު އިނގިރޭސި ވިލާތުގެ ރަސްގެފާނު ވިލިއަމް ހަތަރު ވަނަ އަވަހާރަވި ވާހަކައެވެ. އަދި އޭގެ ފަހުގައި ކްއީން ވިކްޓޯރިއާގެ ދައުރުފެށި 1837 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސީންގެ ފަރާތުން ސިލޯނަށް އާ ގަވަރުނަރުގެ ގޮތުގައި ޖޭމްސް އެލެގްޒެންޑަރ ވަޑައިގެންނެވި ވާހަކައެވެ. ކޮޅުނބު ބަނދަރުން ގާލީ ބަނދަރުން މި ހަބަރު އޮޑިފަހަރާއި އެކު ދެން ދާނީ ދިވެހި ރާއްޖެއެވެ. އެ ޒަމާނުގައި ހަބަރުތައް ދައުރުވުމާއި މުވާސަލާތު ހުރިގޮތެވެ. އަދި ދިވެހިން ދުނިޔޭގެ ހަބަރުތައް ހޯދުމަށް ދޭ ޝައުގުވެރިކަމާއި ދުނިޔޭގައި ހިނގަމުންދާ ކަންކަމުގެ މައްޗަށް ރޯފިލާފައިވާލެއް ބޮޑުކަމެވެ.

~

ކޮޅުނބުން ގާއްޔަށް

ކޮޅުނބުގެ ވެއްލަވައްތަ އިސްޓޭޝަނުން ފުރި ރޭލު އެކި ރަށްރަށުގައި މަޑުކުރުމަށް ފަހު ހުއްޓީ އަލުތުގަމަ ކިޔާ ރަށަށެވެ. މިއީ ކޮޅުނބުން ފުރައިގެން ދެކުނަށް ދާއިރު ހުޅަނގުބިތުގައިވާ ރަށެކެވެ. މި ރަށުގެ ނަމާއި މެދު ވިސްނާލުމުން އަލުތު އަކީ އަހަރެމެން ދިވެހިން ކިޔާ އުޅޭ އަލަތުކަން އެނގުނެވެ. ގަމަ އަކީ ގަމެވެ. މިރަށުގެ ނަން ހިތަށް ވަނީ އާގަމުގެގޮތުގައެވެ. އަހަރެމެންގެ ރާއްޖޭގައިވެސް އުލިގަން، މާލެގަން ކިޔާ ރަށްރަށާއި އަވަށްތައް ހުންނަ ފަދައިންނެވެ. އަލުތުގަމައިން ރޭލު ބަދަލުވެ ގާއްޔާ ހަމައަށް ފޯރީ އިރު އޮއްސެން ކައިރިވެފަހުއްޓައެވެ. ރޭލު އިސްޓޭޝަނުން ނިކުމެ މޮޓަރެއްގައި ގާލީ ބަނދަރުމައްޗަށް ދެވުނު އިރު އުދަރެހަށް ރޭގަނޑުގެ އަނދިރިކަން ވެރިވާން ފަށައިފިއެވެ.

  • ގާލީ ކޯއްޓޭ އަދި މީރާން މިސްކިތް

ތަނަކީ އޮޅުދޫކަރައިގެ މުސްކުޅި ވިޔަފާރިބަނދަރު ގާލީއެވެ. އޮޅުދޫކަރައިގައި އޮތް ދިވެހިންނާ އެންމެ އޮޅު ރަށެވެ. ދިވެހިންގެ ވިޔަފާރި އާއި ކަނޑުދަތުރުފަތުރުގެ އެތައް ހަނދާންތަކާ ގުޅިފައިވާ އަދި އިހު މާޒީގެ ސިޔާސީ ގަޑުބަޑުތަކުގައި ދިވެހިން އޮޑިކަނޑައިގެން އަންނަ އެއް ރަށެވެ. މާދުރު ކަރަތަކަށް ކުރި ދަތުރުތަކުގައި މޫސުން ގޯސްވެ އޮޑިފަހަރު ގޮނޑުވި ރަށެވެ. ދިވެހިންނާއި ދުނިޔެ ގުޅުވައިދިން އެއް ބަނދަރެވެ. ފެންނަނީ އިހުގައި އޮޅުދޫކަރައިގެ މި ރަށާއި ދިވެހިންނާ ދެމެދު އޮތް ގާތްކަމެވެ. ކުރީގެ މި ރައިވަރުންވެސް ބުނެދެނީ އެ ގާތްކަމެވެ.

ގާލީގެ ބަދަރުދެން

ތާމިތިބެ އޮޑިއަޅައިގެން

ހާމިހުރިދަތުހަދާރެއް

ލާތަކެތިމަދުބޯނެފެން

ވާމިފަދަ ދެއްވިއަސްފަރުގަ

ރީކުޑަޢީދުއަމިހަރުގަ

މިތާ ގާލީގެ ބަނދަރުގައި އޮޑިއަޅައިގެން ތިއްބާ ހުރިހާ ދަތުރެއް ހަދައިދީ، މަދުވެފައިވާ ކާ ތަކެއްޗާއި ބޯފެންލައި މިފަދަ ފަރުވާ ދެއްވިއަސް މިހާރު މިއަހަރުގެ ކުޑައީދު މިވަނީ ދާދި ކައިރީގައެވެ.

ތާރީޚުގެ އެކި ދުވަސްވަރު ދުނިޔޭގެ އިސްތިއުމާރީ ބާރުތަކުން މިރަށުގައި ގާއިމުވެތިބި ކަމުގެ އަސަރުތައް ގާލީގެ ބުރުޒުތަކާއި ކޯއްޓޭތަކުން މިއަދުވެސް ފެންނަން އެބަ ހުއްޓެވެ. އެއީ ޕޯރޗުގީޒުންނާއި ލަންދޭސީން މި ރަށަށް ދޫކޮށްފައިވާ ހަނދާންތަކެވެ. ދެން ފެންނަނީ އިހުގައި މާކަނޑުގެ ދިގު ދަތުރުތައް ކޮށްފައި އަންނަ އޮޑިފަހަރަށް މަގުދައްކާ ގޯލްގެ ލައިޓްހައުސް، ގާލީބައްތިއެވެ. ރާއްޖެއާ ކައިރިން މިފަދަ އެހެން ބައްތިއެއް ވަނީ މަލިކުގައެވެ. މަލިކު ބައްތި ބެހެއްޓުމުގެ މަސައްކަތް ކުރީ ގާލީގެ މީހުންނެވެ. މިބައިމީހުންނަކީ މިފަދަ ބައްތިތައް ބެހެއްޓުމުގެ ފަންނުގައި އެއިރު ނަން ހިނގާ ކުޅަދާނަބައެކެވެ. ގާލީ ބައްތީގެ އިތުރުން އެ ދުވަސްވަރު ދިވެހިންނަށް އޮޅުދޫކަރައިގެ އަލިން މިސްރާބު ދައްކައިދިނީ މި ކަރައިގެ ބޭރުވެލީގައި ހުންނަ ބައްތިއާ ކޮޅުނބުގެ ބައްތިއެވެ.

  • ގާލީ ބައްތި

ދިވެހި ރާއްޖެއާއި ސްރީ ލަންކާގެ ގޯލްއާ ހުރި ގާތްކަން އެންމެ ރަނގަޅަށް ސިފަކޮށްދެއްވާފައިވަނީ ދިވެހި ދައުލަތުގެ އިސްމަގާމްތަކެއް ފުރުއްވި އައްނަބީލު އިބްރާހިމް ފަރީދެވެ. އައްނަބީލު އިބްރާހިމް ފަރީދަކީ ގޯލްގައި ފަސްދާނުލެވިފައިވާ އަލީ ދޮށިމޭނާ ކިލެގެފާނުގެ މުނިކާފަ ދަރިކަލެކެވެ. އިބްރާހިމް ފަރީދު ގޯލްއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު 1982 ވަނަ އަހަރު ލިޔުއްވާފައިވެއެވެ:

“ވޭތުވެދިޔަ އަހަރުގެ މެދުތެރޭގައި ސިރީލަންކާއަށް އަޅުގަޑު ބޭސްފަރުވާގެ ދަތުރެއްގައި އެތާގެ އެންމެ އިސްއަހަންމިއްޔަތެއް ދެމުން އައި ކުރީގެ ބޮޑު ބަނދަރުކަމުގައި ހިމެނޭ ގާއްޔަށް ދެވުމުގެ އުފާ އެތައް ގޮތަކުން ހާސިލްވިއެވެ. ގާލީގެ ނުވަތަ ގޯލްގެ މައިރަށުތެރޭގަޔާއި ޕޯރޓްތެރޭގައި ރައްކާކުރެވިފައިވާ ފެންނަން ހުރި ގަދީމީ އާސާރުތަކުގެ ގިނަކަމާއި މުއްސަނދިކަމުންނެވެ. ދިވެހި ތާރީޚްގެ ކުރީ ދުވަސްވަރުގައި ދިވެހި ރާއްޖޭގެ ކަންކޮޅުތަކުން ބަރާކޮށް ނައުފަހަރުގަޔާއި އޮޑިދޯނިފަހަރުގައި ކެނޑިނޭޅި ބޭރުކުރެވެމުން ދިޔަ ވިޔަފާރީގެ އެކި ބާވަތުގެ ދިވެހި މުދާ ވިއްކުމުގެ އެންމެ ހަރުދަނާ ގުޅުން ބޭއްވެމުން އައި މަރުކަޒަކީ ގޯލްކަމުގައި ވާތީއެވެ. ސިލޯނުގެ މުސްލިމު ރަށްވެހިންގެ އަދަދު ގިނަ ނުފޫޒު ގަދަ ރަށަކަށް ގޯލް ހޮވޭތީއެވެ. ދިވެހިންގެ ވަރަށް ގިނައަދަދެއްގެ ވިޔަފާރިވެރިންނާއި ކަމުވޮށިގެންވާ މީހުން ދިރިއުޅުމުގެ ބައެއް އުފެއްދުންތައް އެތަނުން ފަހިވާކަމުގައިވާތީ ދިރިއުޅުމުގެ ހިޔާވައްސެއް ކަމުގައި ގޯލްގެ ގެދޮރު ގިނައަހަރުތަކެއް ވަންދެން ބެލިފައިވާތީއެވެ. ތަރައްގީގެ އޮއިވަރުގައި މިޢުމާރީގޮތުން ގޯލް، އާބާދުވުމުގައި ޕްލޭންކޮށް ރޭނިފައިވާ ބައެއް އިމާރާތްތަކާއި އާސާރީ ގެތައް ދިވެހީންގެ އެދުވަސްވަރުގެ އެފަދަ ތަންތަނާއި ގާތްތިމާގެ ކަމެއް ހުރިކަން ދައްކައިދޭ ސާބިތު އެތައް ހެއްކެއް އަދިވެސް ފެންނަން ހުރީތީއެވެ”

ތާރީޚީގޮތުން އޮޅުދޫކަރައިގެ ގާލީ

  • ގާލީ ބަނދަރުމަތި، 1870

ގާއްޔަކީ އޮޅުދޫކަރައިގެ ދެކުނު ޕްރޮވިސްގެ އިދާރީ ވެރިރަށެވެ. މި ރަށަކީ އޮޅުދޫކަރައިގެ ތާރީޚުގައި މުހިންމު ރަށެކެވެ. މި ކަރައިގެ މުސްކުޅި ވިޔަފާރި ބަނދަރެވެ. އިހުގެ ވިޔަފާރީގެ ގުޅުންތަކާއި އެކު މިއަދުގެ ސްރީ ލަންކާ ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ރަށެކެވެ. އޮޅުދޫކަރައިގެ ރަށްވެހިކަމުގައި ދީނީ، ސަގާފީ އަދި ނަސްލުގެ ސިންދަފާތު ގެނެސްދިން އެއް ރަށެވެ. އާ ބަނދަރު ހުޅުވި ވިޔަފާރީގެ މުހިންމު ރަށަކަށް ކޮޅުނބު ވުމުގެ ކުރިން މި ކަރައިގެ ވިޔަފާރީގެ ވެރިރަށެވެ. އޮޅުދޫކަރައިގެ މުސްކުޅި ބަނދަރުތަކާއި ގުޅޭގޮތުން 1950 ވަނަ އަހަރު ޝާޢިއުކޮށްފައިވާ ދިރާސީ ލިޔުމެއްގައި ވެއެވެ:

“ގޯލަކީ އޮޅުދޫކަރައިގެ ދެކުނުގެ އެންމެ ބޮޑު ވިޔަފާރި ބަދަރެވެ. މި ބަނދަރުމަތީ ރަށުގެ މުހިންމުކަން ބޮޑުވެފައިވަނީ ހިންދުކަނޑުގެ އެއްކޮޅުން އަނެއް ކޮޅަށް ދަތުރުކުރާ އޮޑިދޯނިފަހަރު ވަދެނިކުމެ އުޅުމަށް ގޯލަކީ ފަސޭހަ ބަނދަރަކަށް ވުމެވެ. މިއީ ހިންދު ކަނޑުން އިރުމައްޗަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ދަތުރުތައް ހޭރިޔާކުރާ ތަނެވެ. މީލާދީން 11 ވަނަ ގަރުނުގެ މުސްލިމް ދަތުރުވެރިޔާ އަލް މަސްޢޫދީ ވެސް މި މުހިންމުކަން ބަޔާންކޮށްފައިވެއެވެ. އަލް މަސްޢޫދީ ލިޔުއްވާފައިވާގޮތުގައި އެ ޒަމާނުގައި އިންޑިއާ އާ ސީނުކަރަ ސީދާ ގުޅުވައިދޭ މަގެއް ނެތެވެ. ޗައިނާގެ އޮޑިދޯނިފަހަރު ޚާން ފޫއަށް ކުރާ ދަތުރު ދެބައިވާ ތަނުގައި ވަނީ ގޯލްއެވެ.

ގޯލްގެ މުހިންމުކަން އިތުރުވާ އަނެއް ސަބަބަކީ ހަވާދުގެ ބާވަތްތަކުން މުއްސަނދި ބިންގަނޑު ރަނގަޅު ރަށަކަށް ވުމެވެ. 15 ވަނަ ގަރުނުގެ ފަހުކޮޅަށް އައި އިރު ގޯލުން މައިގަނޑުގޮތެއްގައި ބޭރުކުރާ މުދަލަކަށް ވެފައި އޮތީ ފޮނިތޮއްޓާއި އެތެވެ. ފޮނިތޮއްޓާއި އެތް އަރުވާ ބަރާކޮށްގެން ދަތުރުކުރާ މުސްލިމުންގެ ވިޔަފާރި ނައުފަހަރު ޕޯޗުގީޒުންގެ ޑޮމް ލައުރެންކޯ ދެކެލެއްވިއެވެ”

  • – ދަ ޕޯރޓްސް އޮފް އޭންޝަންޓް ސިލޯން، 1950

މީލާދީން 13 ވަނަ ގަރުނުގެ މުސްލިމް ދަތުރުވެރިޔާ އިބްން ބަތޫތާ އޭނާގެ ސަފަރުނާމާ “ރިޙްލަތު”ގައި އޮޅުދޫކަރައިގެ ގާލީއަށް ދަތުރުކުރެއްވި ވާހަކަ ލިޔުއްވާފައިވެއެވެ. އިންޑިއާގެ މުސްކުޅި ދިއްލީގައި އުޅުއްވުމަށްފަހު އެތަނުން ފުރައިގެން ކަންނަންނޫރުގެ ބައެއް ރަށްތަކާއި ކާލީކޯޓަށް ވަޑައިގަތުމަށް ފަހު އިބްން ބަތޫތާގެ މަންޒިލަކަށް ވީ ދިވެހި ރާއްޖެއެވެ. އަދި އޭގެފަހުގައި އޮޅުދޫކަރައިގެ ބައެއް ރަށްތަކަށް ދަތުރުކުރެއްވިއެވެ. އިބްން ބަތޫތާގެ ރިޙްލަތު”ގައި ވެއެވެ:

“… މިތަނުން (އޮޅުދޫކަރައިގެ މެދުތެރެއިން) ފުރައިގެން ދެ ދުވަހުގެ ދުއްވުމަށް ފަހު އަހަރެމެންނަށް އާދެވުނީ ދީނަވާރަށެވެ. މިއީ ވިޔަފާރިވެރިން ވަޒަންވެރިވެއުޅޭ ބަނދަރުމަތީ ރަށެކެވެ. މި ރަށުން ފުރައިގެން ދެން އާދެވުނީ ދީނަވާރާ 21 މޭލު ދުރުގައިވާ ގާލީ އަށެވެ. ގާލީގައި އިބްރާހިމް ކިޔާ މުސްލިމް މާލިމީއަކު އުޅެއެވެ. އޭނާގެ ގޭގައި އަހަރެމެންނަށް ޖާފަތެއް ދިނެވެ. ގާލީން ފުރައިގެން އަހަރެމެން ދިޔައީ ކޮޅުނބަށެވެ. ކޮޅުނބުން ބައްޞަލަ (ޕުއްޓަލަމް)އަށެވެ”

  • ހިންދުކަނޑުގައި އިބްން ބަތޫތާ ދަތުރުކުރެއްވި މަގުތައް

އިބްން ބަތޫތާގެ ރިޙްލަތުގައި ގާލީގެ ވާހަކަ ގެންނަވާފައި އޮތުމުން ގާއްޔަކީ 13 ވަނަ ގަރުނުގެ ތެރޭގައިވެސް އޮޅުދޫކަރައިގެ އާބާދުކަން ބޮޑު މުހިންމު ރަށެއްކަން އެނގެއެވެ. އަދި ވިޔަފާރީގެ ގުޅުންތަކާއި ދަތުރުފަތުރުގެ މުހިންމު ރަށެއްކަން އެނގެއެވެ.

މީލާދީން 1400ގެ އަހަރުތަކުގެ ކުރީކޮޅު ސީނުކަރައިން އެކި ފަހަރުމަތިން އެޑްމިރަލް ޗެންގްހޯގެ ވެރިކަމުގެ ދަށުގައި ހިންދު ކަނޑުގެ ސަރަހައްދަށް ބޮޑެތި ނައުފަހަރު ފޮނުވިއެވެ. 48 ނަވާއި 3000 ސިފައިންނާ އެކު ޗެންގްހޯ ކުރި ތިން ވަނަ ދަތުރުގައި އޮޅުދޫކަރައަށް އެރިއެވެ. އަދި ޗައިނާ ބަހާއި ތަމަޅަ ބަހާއި ފާރިސީ ބަހުން ލިޔެފައިވާ ލިޔުމެއް ގާލީގައި ބެހެއްޓިއެވެ. މި ދަތުރުގައި ޗެންގްހޯގެ ސިފައިންނާ އޮޅުދޫކަރައިގެ ރައިގަމަ ސަރަހައްދުގެ ރަސްގެފާނާ ވަރަށް ބޮޑަށް ހަނގުރާމަ ހިނގިއެވެ. މި ހަނގުރާމައިން ކުރި ހޯދީ ޗެންގްހޯގެ ލަޝްކަރެވެ. އަދި ރައިގަމަ ރަސްގެފާނާއި ވެރިން ސީނުކަރައިގެ ނައުފަހަރުތަކަށް އެރުވިއެވެ. އޭގެ ހަތް ދުވަސްފަހުން މި ނައުފަހަރު ދިވެހި ރާއްޖެއައެވެ. އަދި ހައްޔަރުކޮށް ނަވަށް އެރުވި ލަންކާ ރަސްގެފާނު ކޮއްޓަކަށް ލައިގެން ދިވެހިންނަށް ބިރުދެއްކުމަށް މާލޭގެ މަގުމަތިން ގެންދިޔައެވެ. އެ ދުވަސްވަރު ދިވެހި ތަހުތުގައި އިންނެވި އައްސުލްޠާން ޔޫސުފް ދެވަނަ ސީނުކަރައިގެ ލަޝްކަރަށް އަމާން ދެއްވައި ރިހި ލާރިއާ ޔާގޫތާ ނީލަމާއި އަދި މިނޫންވެސް ހަޒާނާގެ އަގުބޮޑު މުދާތައް ދެއްވިއެވެ.

  • ގާލީ ބަނދަރު، 1736

މި ޒަމާނުގެ ތާރީޚަށް ގާލީގެ ނަން އައުމާއިވެސް ދިވެހި ރާއްޖެއާ ވަނީ ގުޅިފައެވެ. އިސްތިއުމާރީ ބާރެއްގެ ލޮލަށް އޮޅުދޫކަރައިގެ ގާލީ ފެނުނީ ދިވެހި ރާއްޖެއަށް ކުރި ދަތުރެއްގައި މޫސުން ގޯސްވެ ގާއްޔަށް ގޮނޑުވުމުންނެވެ. މިއީ ޕޯރޗުގީޒުންނަށް އޮޅުދޫކަރައިގެ ގާލީ ހޯދުނު ގޮތުގެ ވާހަކައެވެ. އިންޑިއާގައި ގޯއާގައި ހުންނަ ޕޯރޗުގީޒުންގެ ވިޔަޒޯރު ޑޮމް ފްރޭންސިސްކޯ އަލްމޭދާ އޭނާގެ ދަރިފުޅު ޑޮމް ލައުރެންކޯ ވެރިޔަކުކަމުގައި ހިންދުކަނޑުގައި އަރަބި އަދި މުސްލިމް ވިޔަފާރިވެރިންގެ ނައުޒޯގުފަހަރަށް ފާރަލަމުން ދިވެހި ރާއްޖެއަށް ދިއުމަށް ފޮނުވިއެވެ. ޕޯރޗުގީޒުންގެ ސަބަބުން އަރަބި އަދި މުސްލިމް ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރީގެ ކަނޑުދަތުރުފަތުރުގެ މަގުތަކަށް އޮތީ ހުރަސްއެޅިފައެވެ. އޭގެ ކުރީގައި ދިވެހި ރާއްޖޭގެތެރެއިން ގޮސް އޮޅުދޫކަރައިގެ ދެކުނަށް ވަދު ކުރުކޮށް ކުރަމުން އައި ދަތުރުތައް ވަނީ ދިގުވެފައެވެ. އިސްލާމުންގެ ވިޔަފާރި ދަތުރުތަކަށް ފާރަލުމަށް ނިކުމެ އުޅުނު ޕޯރޗުގީޒުންގެ އަރުމާޒަށް މަގުއޮޅި ހިންދުކަނޑުގައި ބެހުނެވެ. މިބައިމީހުންގެ ނައުފަހަރު ލައްވީ އޮޅުދޫކަރައިގެ ގާލީއަށެވެ. މިތަނުން މިބަިއމީހުންނަށް އިސްލާމުންގެ ވިޔަފާރި ނައުފަހަރަށް ފޮނިތޮއްޓާއި އެތް ބަރާކުރާތަން ފެނުނެވެ.

މީލާދީން 1588 ވަނަ އަހަރު ޕޯޗުގީޒުން ގާލީގައި ގާއިމުވެ ދިފާއީ ބުރުޒުތަކާއި ކޯއްޓޭތައް ބިނާކުރަން ފެށިއެވެ. 1640 ވަނަ އަހަރު ގާލީގައިވާ މި ބުރުޒުތަކާއި ކޯއްޓޭތަކުގެ މައްޗަށް ލަންދޭސީން ގަދަވެގަނެ ގާލީން ޕޯރޗުގީޒުން ފައްސާލިއެވެ. އޮޅުދޫކަރައިގައި ވިޔަފާރިއަށް ފަސޭހަ ބަނދަރުމަތީ ރަށްތައް މަދުވުމުން ހިންދުކަނޑުގެ ވިޔަފާރި ކޮންޓުރޯލުކުރުމަށް ގާލީ އަކީ މުހިންމު ރަށެކެވެ.

“އޮޅުދޫކަރަ އުފެދިފައިވާގޮތުން ބަނދަރުގެ ފަސޭހަކަން ލިބިފައިވަނީ މި ކަރައިގެ ތިން ރަށަކަށެވެ. ކޮޅުނބާއި ތިރިކުންނަމަލު އަދި ގާލީއެވެ. ގާލީގެ އަކީ އެއްދުވަސްވަރެއްގައި އޮޅުދޫކަރައިގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ބަނދަރެވެ. އިރުމަތީ އިންޑިއާއިން ނައުފަހަރު ވިޔަފާރިކަމު އައިސްގޮސްވާ އަދި ހަނގުރާމައިގެ އުޅަނދުފަހަރުވެސް ގާތްކުރާ ބަނދަރެކެވެ. 1885 ވަނަ އަހަރު ކޮޅުނބުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ހެދުމުން ބަނދަރުމަތީރަށް ގާލީގެ މުހިންމުކަން ކުޑަވެގެންދިޔައެވެ”

  • ސިލޯން، އިންޑަސްޓްރީސް، ޓްރޭޑް، 1929

ދިވެހި ރާއްޖެއާ ގާލީގެ ކަނޑުދަތުރުފަތުރުގެ ގުޅުން

އޮޅުދޫކަރައިގެ ގާއްޔަކީ ދިވެހި ރާއްޖެއާ ކަނޑުދަތުރުފަތުރުގެ ގުޅުން ބޮޑު ރަށެކެވެ. މި ގުޅުމުގެ އަސްލަކީ ވިޔަފާރިއާއި މޫސުމުގެ ވަޔާއި  ޖޯގްރަފީ ގޮތުން ދިވެހި ރާއްޖެއާ އޮޅުދޫކަރައިގެ ގާލީ ހިއްސާކުރާ ގާތްކަމެވެ. އިހުގެ ލިޔުންތަކުން ފެންނަން އޮތްގޮތުގައި ދަތުރުވަރުގައި ދިވެހިން ގާލީއަށްދެއެވެ. އަދި ބޭރު އެކި ކަރަތަކަށް ކުރާ ދަތުރުތަކުގައި މޫސުން ގޯސްވެ ގާލީއަށް ދިވެހި އޮޑިފަހަރު ގޮނޑުވެއެވެ. އަދި އޮޑިކަނޑައިގެން ގާލީއަށް ދެއެވެ. އޮޑިކަނޑައިގެން ދިއުމަކީ ސިޔާސީ ނުވަތަ އެނޫންވެސް ސަބަކަކާއި ހުރެ، އަޅާފައި ހުންނަ އޮޑިދޯނިފަހަރު ކަނޑައިގެން ރާއްޖެ ދޫކޮށް ދިއުމުމެވެ. ދިވެހި ތާރީޚުން ފެންނަން އޮތް ގޮތުގައި 1701މ އިން 1705މ އަށް ރަސްކަން ކުރެއްވި އައްސުލްޠާން އިބްރާހިމް މުޡްހިރުއްދީން ހައްޖު ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަތް އިރު މި ރާއްޖޭގެ ރަސްކަން ވަނީ ބަދަލުވެފައެވެ. ރާއްޖެ ވަޑައިގަތުމުން މި ރަދުން ފުވައްމުލަކުގައި ހުރަގެ ޖެހުނެވެ. ތާޖުއްދީނުގެ ތާރީޚުގައި ވެއެވެ:

“ދެން ކުޑަ މުއްދަތަކަށް ފަހު މި ރަދުން ނޯކަރެއްގެ އެހީގައި ހުރަގެއިން ނިކުމެ ވަޑައިގަތެވެ. އަދި އެ ނިކުމެ ވަޑައިގަތް ރޭ ދަންވަރު ކާބޯ އެތިކޮޅެއް ހިއްޕަވައިގެން ކުޑަ ދޯންޏެއްގައި ސަރަންދީބާ (އޮޅުދޫކަރަ) ވީ ފަރާތަށް ފިއްލަވައިގެން ދަތުރު ފައްޓަވައިފިއެވެ. މި ދެބޭފުޅުންނަށް މާތްﷲ ވައި ފަހިކޮށްދެއްވައިފިއެވެ. އަދި ސަރަންދީބުގެ ގާލީ ބަނދަރަށް މި ދޯންޏަށް އާދެވިއްޖެއެވެ. ދެން ގާލީގެ މީހުން އެރަދުންނަށް އެއުރެންގެ ބޮޑުން ލައިގެން އުޅޭ ކަހަލަ މޮޅު ފޭރާން އެރުވިއެވެ. ރަދުންނާއި ޚާދިމު މީހާ އުޅުމަށް ގެއެއް އަރުވައި ވަރަށް ބޮޑަށް މެހެމާން ދާރީ އަދާކުރިއެވެ”

މީލާދީން 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީނު އެއްވަނަގެ ފުރަތަމަ ހައްޖު ދަތުރުފުޅަށް ފަހު ރާއްޖެއައި މަގުމަތީ ރަދުންގެ ގުރާބާއި އެކު ގެންދެވި ނަވަށް ބެހިގެން އޮޅުދޫކަރައިގެ ގާލީއަށް ދެވުނުކަމަށް ދިވެހި ތާރީޚުގައިވެއެވެ.

ދިވެހި ރަސްރަސްކަލުން ގާއްޔަށް ފޮނުވާފަހުރި ފަތްކޮޅުތައް

ދިވެހި ރަސްރަސްކަލުން ގާލީގެ ވެރިންނަށް ފޮނުފާއިވާ ފަތްކޮޅުތަކުގެ އަސްލު އޮޅުދޫކަަރައިގެ އަރުޝީފުތަކުގައި ވަނީ ރައްކާކުރެވިފައެވެ. ހިންދުކަނޑަށް ނިކުމެ އުޅޭ ދިވެހިން މޫސުން ގޯސްވެ ބެހިގެން ގާލީއަށް ދެވުމަކީ އެ ޒަމާނުގައި އާންމުކަމެކެވެ. އިހުގައި ދިވެހި ރާއްޖޭގެ ރަސްރަސްކަލުން ގާލީގެ ވެރިންނަށް ފޮނުވާފައިވާ ފެންނަން ހުރި މިފަދަ ފަތްކޮޅުތަކުގައި ބެހިގެން ގޮސް ގާލީގައި ތިބޭ ދިވެހިންނަށް އަޅާލުމަށް އެދިފައިވެއެވެ. ދިވެހި ރާއްޖޭގެ ދިވެހި ރަސްރަސްކަލުންގެ ފަރާތުން ގާލީއަށް ފޮނުވާފައި ހުރި މި ފަތްކޮޅުތަކާއި މެދު އެޗް.ސީ.ޕީ ބެލް ލިޔުއްވާފައިވެއެވެ:

“އޮޅުދޫކަރައިގައި ލަންދޭސީން ތިބި އިރުން ފަށައިގެން އަދި އޭގެ ފަހުގައި 1844 ވަނަ ހަމަ އަހަރާ ހަމައަށް ވެސް ގާލީގައި ހުންނަ ވެރިޔާއަށް އަދި ކޮޅުނބުގައި ހުންނަ ގަވަރުނަރަށް ދިވެހި ރާއްޖެއިން ހާއްސަ ފަތްކޮޅެއް ފޮނުވައެވެ. ދިވެހި ރާއްޖެއިން ގާއްޔަށް ފަތްކޮޅާއި ވެދުން ފޮނުވުމުގެ ކަންތައް 1645މ ގެ ކުރިން ވަނީ ފެށީފައިވެއެވެ. އެއިރު ގާއްޔަކީ އޮޅުދޫކަރައިގައި ގާއިމުވެތިބޭ ލަންދޭސީންގެ މައި މަރުކަޒެވެ”

ގާލީގައި ލަންދޭސީން ތިބި ދުވަސްވަރަށް ފަހު އައީ އިނގިރޭސިން އެ ރަށުގައި ތިބި ދުވަސްވަރެވެ. ގާލީގައި އިނގިރޭސިން ތިބި ދުވަސްވަރު ދިވެހި ރާއްޖެއާ އޮތް ގުޅުމުގެ ވާހަކަތައް ވެސް އެކި ލިޔުންތަކުގައިވެއެވެ.

“ދިވެހި ރާއްޖެއިން ވަފުދެއް އަހަރަކު ދެ ފަހަރު ގާލީގައި ތިބޭ އިނގިރޭސިންނަށް ވެދުން ހިފައިގެން ގާއްޔަށް އާދެއެވެ. ދިވެހި ރާއްޖޭގެ ރަށްވެހިންނަކީ މެހެމާންދާރީ ރަނގަޅު ސާދާ ބައެކެވެ. ވަކިން ހާއްސަކޮށް ކަނޑުދަތުރުފަތުރުގެ ބައެކެވެ. އެބައިމީހުންގެ ކަނޑަށް ގަދަ އޮޑިފަހަރުގައި މަލާބާރު އައްސޭރިއާ އޮޅުދޫކަރައަށް ދަތުރުކޮށް އުޅެއެވެ”

– ދަ އޭޝިއާޓިކް ޖާރނަލް، 1841

އޮޅުދޫކަރައިގެ އަރުޝީފުގައިވާ ފަތްކޮޅުތަކުގެތެރެއިން ތިރީގައިވާ ފަތްކޮޅަކީ 1767މ އިން 1773މ އަށް ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ޢިޔާޘުއްދީން ގާލީގެ ވެރިޔާއަށް ފޮނުވާފައިވާ ފަތްކޮޅެކެވެ. މިއީ ގާލީގައި ލަންދޭސީންގެ ވެރިކަން އޮތް ދުވަސްވަރެވެ. މީގެ 300 އެތައް އަހަރެއްގެ ކުރީގެ ހަނދާންތަކެވެ.

ހުވަލްޣަނިއްޔު

ސުވަސްތީ ސިރީމަތަމަހާސިރީ ބަރިކުޝަ ފުރަދާރަ ސިރީ ކުލަސުންދުރަ السلطان الغازی مُحمّد غیاث الدین اسکندر ކައްތިރި ބޮވަނަ މަހާރަދުން ގާލީ ކުމްދޯރައް މިތަންމިތަށްފަށުން ދުޢާސަލާމް

މަނިކުފާނު ގަދަދުޅަހޭ ހާއުކޮޅަކުގައި. ހިއްފުޅާއި ހަށިކޮޅު ފަސޭހައިގައި ހުންނަވާ ކަމަށް އެދި މިފަހަރަށް ގަދަވެހެއު ހާލުގައި އިބަހަރީން. މަނިކުފާނާއި ރަޙްމަތްތެރިކަން ދުވަހަކަށް ވުރެ ދުވަހެއް ގާތްވެ އިތުރުވާކަމަން އެދި އަބަދުގައި މަނިކުފާނުށްގެ ހަދާންމަތީގައިވަމެ. މަނިކުފާނު ފައިބޭ އަހަރު ފޮނުއްވި ހަދިޔާ ރަށްދުވިއެ. މަނިކުފާނު ކިބައިން ރައްދުވި ހަދިޔާއީ ދިގުކާރަ ބަޑިއެން. މި ހަދިޔާ ރަށްދުވުމުށް ހިށްހަށި ފަސޭހަވެ ރަޙްމަތްތެރިކަމުގެ އޮހާފާގަތީގައި އިބަ ހަރީން. މި ރަޙްމަތްތެރިކަމުގެ ކަރުދާސްކޮޅު މަނިކުފާނު އަރިހަށް ވާޞިލުކުޅައިން އެދި ކޮޅުބު ވެދުމާއިގެދާ ކަދޮޅުދޫ ނެވިކަލޭގެ އަތުގައި މަނިކުފާނާއި ލާހިކުވެގެންނުވާ ކުޑަ ހަދިޔާކޮޅެން އެއްފަތްކަހަބަކާއި، ދެރާތައުބައި ކަހަބުފަތާއި ތިބާފޮނުވީމެ. މި ހަދިޔާކޮޅު ގަބޫލުކުރައްވައި ރަޙްމަތްތެރިކަމުގެ ކަރުދާސްކޮޅެއް ފޮނުއްވުމަށް އެދި ހުށީމެ. މިތަށްހާސްފަށުން ދުޢާސަލާމް

~

ގާލީއަކީ ދިވެހި ވިޔަފާރި ދަތުރުތަކާއި ކަނޑުދަތުރުފަތުރުގެ މުހިންމުރަށެއްކަން ދިވެހި ރަސްރަސްކަލުން އޮޅުދޫކަރައިގެ ގާލީގެ ވެރިންނަށް ފޮނުވާފައިވާ މި ފަތްކޮޅުތަކުން އެނގެއެވެ. އޮޅުދޫކަރައިގެ މި ރަށާއި ދިވެހި ރާއްޖެއާ އޮތް ގާތް ގުޅުމާއި މި ގުޅުމުގެ ބޭނުންތެރިކަން 1799މ އިން 1835މ އަށް ރަސްކަން ކުރެއްވި މުޢީނުއްދީން އެއްވަނައިގެ ރަސްކަމުގައި ގާލީގެ ވެރިޔާއަށް ފޮނުވާފައިވާ މި ފަތްކޮޅުން އިތުރަށް ބުނެދެއެވެ.

ހުވަލްޣަނިއްޔު

السلطان مُحمّد معین الدین اسکندر ކުލަސުންދުރަ ކައްތިރިބޮވަނަ މަހާރަދުން ގާލީ ރަސްގެފާނަށް މިތައްލައްކަހާސްފަށުން ދުޢާސަލާމް

މަނިކުފާނުމެންގެ ގާލީގައި އިހުއުޅުއްވި ރަސްރަސްކަލުންނާއި މި ދިވެހި ރާއްޖޭ އިހު އުޅުށްވި ރަސްރަސްކަލުންނާއި ރަޙްމަތްތެރިކަން ބެހެއްޓެވިފަދައިންމެ ރަޙްމަތްތެރިކަން ބަހައްޓަވައިގެން އެބަ ހުންނެވީމެވެ. މި ދިވެހި ރާއްޖެއަށް ޢަދާވާތްތެރިޔަކު މަނިކުފާނުމެންނަށް އެގިތިއްބެވިނަމަ، އެބަޔަކަށް މަނިކުފާނުމެން ނުރުއްސެވުމާއި، މި ދިވެހި ރާއްޖެއިން އޮޑިޔެއް ދޯންޏެއް ބެހިގެންގޮސް މަނިކުފާނުމެނަށް ޚަބަރު އިވޭތަނަކު ތިބި ނަމަ، އެބަޔަކު ގެންދަވައި އެބަޔަކު ހައިހޫނުކަން ބެއްލެވުމާއި. މަނިކުފާނުމެންނާއު އަރަފޯދިގެންނުވާ ކުޑަ ހަދިޔާކޮޅާކާއި އިބްރާހީމް ކޭވީ ތިމާފޮނުއްވީމެވެ. މިއަޅުން ކިބައިން ތަޚްސީރެއް ވިޔަސް މަންފާކުރައްވައި އައްވަލު މޫސުމުގައި ފުރުވާކަަމަށް އެދިވަޑައިގެން އިންނެވީމެވެ.

شهر سفر 1238

އޮޅުދޫކަރައިގެ އަރުޝީފުތަކުގައިވާ ދިވެހި ރަސްރަސްކަލުންގެ ފަތްކޮޅުތަކުގެ ތެރެއިން އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު ހިޖުރައިން 1235 ވަނަ އަހަރު، 1819ހ ގައި ގާލީގެ ވެރިޔާއަށް ދިވެހި ރާއްޖެއަށް އުރުނު ނަވަކާއި ގުޅޭގޮތުން ފޮނުވާފައިވާ ފަތްކޮޅެއްވެއެވެ. މި ފަތްކޮޅު ޝާޢިއުކުރެވިފައިވަނީ 1922 ވަނަ އަހަރު އެޗް.ސީ.ޕީ ބެލްގެ ލިޔުއްވުންތައް ހިމެނޭ “އެކްސާރޕްޓާ މޯލްޑިވިއާނާ” ގައެވެ.

السلطان مُحمّد معین الدین اسکندر ކުލަސުންދުރަ ކައްތިރިބޮވަނަ މަހާރަދުން ގާލީ ކޯއްޓޭ ބޮޑޭ ސާހިބައް މިތައްލައްކަހާސްފަށުން ދުޢާސަލާމް

މަނިކުފާނުމެންގެ ތިންކުބު ނަވެއް މި ދިވެހި ރާއްޖެއަށް އުރިންޖެއެވެ. މިނަވު ކައްޕިތާނަށް ކީނަމީ، ސަރުތޯސްރިކްސް. ނައު އުރުނުތާ ހަތަރުދުވަސްވީފަހުން މީހަކު ނުދުށީމައި މިބައިމީހުން ނަވުން ފައިބާނާއް ދެބަންތެންޔާ ކަދުފަތިގަޑަކާއިގެއް ނަވުން ފައިބައިގެއް އުޅެނިކޮން ބޮޑުބަންތެންޔަން އެރިމީހުން ބަންތެއްޔާ ގެއްލިއްޖެއެވެ. ކައްޕިތާނު އެރި ބަންތެލި ބަޔަކު ދެކެގެން މަކުނުދުވެ ކިޔާ ރަށަކަށް ގެންގޮސްފައި ރަސްގެފާނު ވަޑައިގެއްވާ ރަށަން ގެނެސްލީމައި މިކައްޕިތާނު ކުރެން އަހައިފީމު ނަވުގައި ހުރީ ކޮންއެންޗެއްތޯއެވެ. އެހީމައި ކައްޕިތާނު ބުނީ ދަގަޑާއި އެކަތައާއި ފުރާޅުލޯއާއި ރާޔާއި ކަރައްފުލާއި ބިއްލޫރި ތަންޓާއި މިއޮޑީން ކައްޕިތާނާއިއެކު ސައުދަމީހުން ގާތަން އެބަފޮނުވީމު. މިނައު އުރުނުތަނަކީ މީހުންގޮސް އައިސްވާ ތަނެއް ނޫންވެ. މިނަވުން ލައްވީ އެންމެ ކަރައްފޫ ބަސްތާއެކެވެ. މިމީހުންގެ ރާންޖެއަން މިހާހެއުމީހެން ދުހާކުވެސް އައިވާހަކަވެސް ނާހަމު. ޚަލާސީންގެ ފަނަރަމީހުން އެހެން އޮޑިޔަކުން ސަޑިގަމަށް ފޮނުއްވާން ކައްޕިތާނު ބުނީމާއި އެބަތިބޫ. މަނިކުފާނުމެންނައް މިތަންލައްކަހާސް ފަށުން ދުޢާސަލާމް

1235

1819މ ގައި ހދ. މާމަކުނުދޫ ފަރަށް އުރުނުކަމަށް މި ފަތްކޮޅުގައި ބުނާ 3 ކުނބު ނަވަކީ ހޭސްޓަން ކިޔާ އިނގިރޭސި ވިލާތުގެ ބޯޓެކެވެ. މިއިރު އޮޅުދޫކަރަ އޮތީ އިނގިރޭސިންގެ ދަށުގައެވެ. ގާލީއަކީ އަކީވެސް އިނގިރޭސިން ފައިބާ ތިބޭ ރަށެކެވެ.

އޮޅުދޫކަރައިގެ ގާއްޔާއި ދިވެހި ރާއްޖޭގެ ވިޔަފާރީގެ ބައެއް ވާހަކަ

އޮޅުދޫކަރައިގެ ގާލީއަކީ ދިވެހި ރާއްޖެއާ ވިޔަފާރީގެ ގުޅުން އެންމެ ރަނގަޅަށް ހިނގަމުން އައި އެއް ރަށެވެ. ދިވެހިންނަށް އެންމެ ފަރިތަ ބޭރުގެ އެއް ވިޔަފާރީގެ ބަނދަރެވެ. ހިންދުކަނޑުގެ ވިޔަފާރީގެ ގުޅުންތަކާއި ގުޅޭގޮތުން ލިޔެވިފައިވާ ލިޔުންތަކުން މި ވިޔަފާރީގެ ގުޅުންތަކުގެ މައްޗަށް ބެލިފައިވެއެވެ. އިހުގެ ވިޔަފާރީގައި ދިވެހި ބޮލި ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައިސްފައިވާ ގޮތުގެ މައްޗަށް ޝާއިއުކުރެވިފައިވާ ލިޔުމެއްގައި ވެއެވެ:

“ދިވެހި އޮޑިދޯނިފަހަރު ވިޔަފާރިކަމު ހިކިމަހާއި ކާށި ބަރާކޮށްގެން އޮޅުދޫކަރައަށް ގޮސްއައިސްވެއެވެ. މި ވިޔަފާރީގެ ދަތުރުތަކުގައި ބޮލި ބޭނުން ކުރެވެއެވެ. ދިވެހި ރާއްޖޭގެ އޮޑިދޯނިފަހަރު އޮޅުދޫކަރައިގައި ބަނދަރުކުރަނީ ކޮޅުނބު ނުވަތަ ގާލީގައެވެ. އޮޅުދޫކަރައިގެ މި ރަށްރަށުން ދިވެހި އޮޑިފަހަރަށް ދުފަން ބޭނުންކުރާ ފުވަކާއި ހަވާދުގެ ބާވަތްތަކާއި އަދި އެހެނިހެން ވިޔަފާރި މުދާ ރާއްޖެ އެތެރެކުރުމަށް ބަރުކުރެއެވެ. މީލާދީން 1600ގެ އަހަރުތަކުގެ ނިމުމަކާއި ހަމައަށް އައި އިރު ދިވެހި އޮޑިފަހަރުގެ ވިޔަފާރި ކޮޅުނބާއި ގާލީއަށް އޮތީ ވަރަށް ރަނގަޅަށް ހިނގަހިނގައެވެ. މި ވިޔަފާރިދަތުރުތަކުން ދިވެހި ރާއްޖެއަށް ފުވަކާއި ހަވާދުގެ ބާވަތްތައް ގެންދެވެއެވެ. އަދި އޮޅުދޫގައި ދިވެހި ބޮލި ވަނީ ތިޔާގި ވެފައެވެ. ލަންދޭސީންގެ ގައުމުގައި އެބައިމީހުންގެ ބާޒާރުތަކުގައި ދައުރުވާ ބޮލީގެ ބޮޑުބަޔަކީ ދިވެހި ރާއްޖެއިން ގާލީމަގުން ދާ ބޮއްޔެވެ.

އޮޅުދޫކަރައިގެ ތިބޭ ލަންދޭސީންގެ ގަވަރުނަރުންގެ ފަތްކޮޅުތަކުގެ ތެރެއިން 1715 ވަނަ އަހަރުގެ ފަތްކޮޅެއްގައި ވިޔަފާރިކަމު އަންނަ ދިވެހި އޮޑިފަހަރު ވެރިރަށް ކޮޅުނބުގެ ބަދަލުގައި ދެކުނުގެ ބަނދަރުރަށް ގާލީއަށް އައުމަށް އެދިފައިވެއެވެ. 1720 ވަނަ އަހަރުގެ ފަތްކޮޅެއްގައި ދިވެހި ބޮއްޔާއި އެކު ރާއްޖެއިން ވިޔަފާރިކަމު އަންނަ އޮޑިފަހަރު ކޮޅުނބާއި ގާލީއަށް އައުން ލަސްވާތީ އެކަމުގެ ދިގު ޝާކުވާތައް ވެއެވެ.

– ޝެލް މަނީ އޮފް ދަ ސްލޭވް ޓްރޭޑް، ކޭންބުރިޖް، 1986

މިއީ ދިވެހި ރާއްޖެއާއި ގާލީއާ ދެމެދު ހިނގަމުން އައި ވިޔަފާރީގެ ގުޅުންތަކުގެ އިހުގެ މަންޒަރެކެވެ. ދިވެހިންގެ ވިޔަފާރިއާ ކަނޑުދަތުރުފަތުރުގެ ގުޅުންތަކުގައި އޮޅުދޫކަރައިގެ މި ރަށުގެ މުހިންމުކަން ބުނެދޭ ވާހަކަތަކެކެވެ. އެތައް ޒަމާނެއްވީ މި ގުޅުން ދިވެހިންގެ އެތައް ހަނދާންތަކެއް ގާލީއަށް ދޫކޮށްފައިވާނެއެވެ. ގާލީއާ އޮތް ޒަމާންވީ ވިޔަފާރީގެ މި ގުޅުންތައް ފަހުގެ ތާޜީޚުގެ ފެށުމާއި ހަމައަށް އައި އިރު އޮތްގޮތް އެޗް.ސީ.ޕީ ބެލްގެ ލިޔުއްވުމަކުން ސާފުވެއެވެ.

“1835 ވަނަ އަހަރު އައިރު ރާއްޖޭގެ ބޭރު ވިޔަފާރި އޮތީ ދެ މަގަކުންނެވެ. ބަންގާޅުގެ ސެޓިގަމާއި އޮޅުދޫކަރައިގެ ގާލީ އަދި މަލާބާރު އައްސޭރީގެ ވިޔަފާރިވެރިން އެބައިމީހުންގެ އޮޑިފަހަރުގައި ވިޔަފާރިކަމު ގަވާއިދުން ރާއްޖެ ގޮސްއައިސްވެއެވެ. ބޭރުގެ މި ރަށްރަށުގެ އޮޑިފަހަރު ވިޔަފާރިކަމު ރާއްޖެ އަންނަނީ އިރުވައި މޫސުމުގައެވެ. އަދި ހުޅަނގުވީމައި އެބައިމީހުންގެ ރަށްތަކަށް ދެއެވެ. މި ދުވަސްވަރު ރާއްޖެއާ ބޭރުގެ ވިޔަފާރި ހިނގާ އަނެއް މަަގަކީ ދިވެހި އޮޑިފަހަރު ބޭރުގެ ރަށްތަކަށް އެބައިމީހުންގެ އަމިއްލަ އޮޑިފަހަރުގައި ގޮހެވެ.

މި ދަތުރުތަކުގައި ވިޔަފާރި މުދާ ބަދަލުކޮށް އުޅެނީ ދިވެހި ކަނޑުމަހަށް ނުވަތަ ހިކި މަހަށެވެ. ދިވެހި ކަނޑުމަހުގެ ޑިމާންޑު އެންމެ ބޮޑީ ގާލީއާއި ސުމަޓުރާގައެވެ”

– ރާއްޖޭގެ ބޭރު ވިޔަފާރި، އެޗް.ސީ.ޕީ. ބެލް، މޮނޮގްރާފް، 1922

ދޮން އަޙުމަދު ދީދީ ދޮށިމޭނާ ކިލެގެފާނު

1835 ވަނަ އަހަރަކީ މުޢީނުއްދީން ރަދުންގެ ރަސްކަމުގެ ފަހު އަހަރެވެ. މި ރަދުންގެ ރަސްކަމުގެ ތެރޭގައި ހުރާގޭ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ބޭފުޅުންނާއި ރަދުންނާ ދެމެދު ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. މިއީ މި ދުވަސްވަރުގެ ސިޔާސީ ތާރީޚުގައި ވަރަށް ދިގުކޮށް ލިޔެވިގެންވާ ވާހަކަތަކެކެވެ. މި ހަމަނުޖެހުންތަކުގައި ހުރާގޭ ހުސައިން ދޮށިމޭނާ ކިލެގެފާނުގެ ދޮޮން އަހުމަދު ދީދީ ދޮށިމޭނާ ކިލެގެފާނު އޮޑިކަނޑާއިގެން ރާއްޖެދޫކޮށް ވަޑައިގަތެވެ.

ދޮން އަހުމަދު ދީދީ ދޮށިމޭނާ ކިލެގެފާނުގެ ހަޔާތުގެ ސަފުހާތަކަކީ އިތުރަށް ދިރާސާކޮށް ލިޔަންޖެހޭ ވާހަކަތަކެކެވެ. އެ ވާހަކަތަކާ މެދު ލިޔަން ވެއްޖެ ނަމަ “އިހު އޮތް ވިޔަފާރީގެ ގުޅުންތަކުގެ މައްޗަށް” ލިޔާ މި ލިޔުން ނުނިމި ދިގުލައި ވާވަދެދާނެކަމަށްޓަކައި ދޫކޮށްލީއެވެ. “ހިނގިކަމެއް ހިނގުމަށް ފަހު މަތިގޭން ފައިބައިގެން ވަޑައިގެން ދޮން އަޙުމަދު ދީދީ އޮޑިއެއް ކަނޑައިގެން ހަމަ އެ ދަންވަރު ރާއްޖެއިން ބޭރަށް ނުކުމެގެން ސިރީ ލަންކާގެ ގާއްޔަށް ވަޑައިގެންފިއެވެ” އޭގެ ފަހުގައި ރާއްޖެ ވަޑައިގަތެވެ. އެޗް.ސީޕީ ބެލް ލިޔުއްވާފައިވެއެވެ:

“ހިޖުރައިން 1250 ވަނަ އަހަރުގެ ރަމަޟާން މަހު މުޢީނުއްދީން ރަދުން އަވަހާރަވުމާއި ގުޅިގެން ރަސްކަމަށް އިސްވި އެރަދުންގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (މުސްކުޅި ބަންޑާރައިން) މަލާބާރުގައި ހުންނެވި ދޮން އަޙްމަދު ދީދީ ދޮށިމޭނާ ކިލެގެފާނު އެނބުރި ރާއްޖެ ވަޑައިގެން ވެރިކަން ހިންގުމުގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވުމަށް ދައުވަތު ދެއްވިއެވެ. މިއާއި އެކު ދޮން އަހުމަދު ދީދީ ދޮށިމޭނާކިލެގެފާނު އެއިރުގެ އެންމެ ނުފޫޒްގަދަ މުސްތަޝާރަށް (ރަދުންގެ ބޮޑުވަޒީރަށް) ވެވަޑައިގަތެވެ”ދޮން އަހުމަދު ދީދީ ދޮށިމޭނާ ކިލެގެފާނުގެ ވިޔަފާރި ވަރަށް ބޮޑަށް އޮތެވެ. ފުރެއްދު އޮޑިފަހަރު ހުއްޓެވެ. “ދިވެހި ބޮޑުންގެ ތެރެއިން ތަނަވަސްކަމަށް އަރާހުރި ކިލެގެއެކެވެ”. އިނގިރޭސީންނާއި ސޯޅިޔާއިންނާއި (ލަންކާގެ މުސްލިމުން) ވޯރާއިންގެ ވަރަށް ބޮޑެތި މީހުން ދޮން އަހުމަދު ދީދީ ދޮށިމޭނާ ކިލެގެފާނުގެ އެކުވެރިން ކަމުގައި ތިއްބެވެ. ދިވެހި ތާރީޚުގައި ވެއެވެ:

“މުސްކުޅި ބަންޑާރައިންގެ ރަސްކަމުން ސައުދަ ވަނަ އަހަރު ފައުރުން ބޭރުގައި ހުރި ފުރެއްދެ އޮޑިތަކަކާއި ދެ ނަވާއި އަނދައްޖެއެވެ. އެކަކީ ރަސްގެފާނުންގެ ނައުކޮޅެވެ. ޙުސައިން ދޮށިމޭނާ ކިލަގެފާނުންގެ ދޮން އަހުމަދު ދީދީ ދޮށިމޭނާ ކިލެގެފާނުގެ ތިން ފުރެއްދެ އޮޑިވެސް އެނދިއެވެ. އަދި އެހެން މީހުންގެ ކޮޅުނބު އޮޑީގެ ދެ އޮޑިވެސް އެނދިއެވެ”

މި ވާހަކަތަކުން ދޮން އަހުމަދު ދީދީ ދޮށިމޭނާ ކިލެގެފާނުގެ ތަނަވަސްކަން އޮތް މިންވަރު އެނގިގެންދެއެވެ. ދޮން އަޙްމަދު ދީދީ ދޮށިމޭނާ ކިލެގެފާނު އަވަހާރަވީ 16 ނޮވެމްބަރ 1849ގައެވެ.

ދޮން އަޙްމަދު ދީދީ ދޮށިމޭނާ ކިލެގެފާނަށް ފަހު މުސްކުޅި ބަންޑާރައިންގެ އެންމެ އިސް ވަޒީރުންގެ ގޮތުގައި ދުވަސްކޮޅެއް ވަންދެން ތިއްބެވީ ދޮން އަޙުމަދު ދީދީ ދޮށިމޭނާ ކިލެގެފާނުންގެ ޢަލީ ދޮށިމޭނާ ކިލެގެފާނާއި ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާއި ދެބޭފުޅުންނެވެ. އޭގެ ފަހުގައި ކަންވީގޮތާއި މެދު އެޗް.ސީ.ޕީ ބެލް ލިޔުއްވާފައިވެއެވެ:

“ދައުލަތުގެ އިޤްތިސާދީކަންކަން ހިނގަމުން ދިޔަ ދޯދިޔާ ގޮތްތަކުގެ ސަބަބުން އަލީ ދޮށިމޭނާ ކިލެގެފާނު އޭނާ ހުންނެވި މަގާމުން ދުރުވެ އުފަން ފަސްގަނޑު ދޫކުރައްވައި އޮޅުދޫކަރައިގެ ގާލީއަށް ވަޑައިގެން މަރުދުވަހާއި ހަމައަށް އެރަށުގައި ހުރެއްޖެއެވެ”

ދެވަނަ ބައި

ކަޅުވެލި މިސްކިތާއި އަލީ ދޮށިމޭނޭކިލެގެފާނުގެ ޒިޔާރަތް ހޯދުން

ކޮޅުނބުން ފުރައިގެން ގާއްޔަށް އައިސް ރޭކުރުމަށް ފަހު ގާލީގެ މުހިންމު ތަންތަން ބަލަން ނިކުމެވުނީ އަނެއް ދުވަހުގެ މެންދުރެވެ. ޕޯރޗުގީޒުންނާއި ލަންދޭސީންގެ ދުވަސްވަރުގެ ބިނާތަކަށް ވުރެ ސަމާލުކަން ދެވުނީ މި ރަށުގައިވާ މެރިޓައިމް އާކިއޮލޮޖީ މިއުޒިއަަމަށެވެ. މިތަނުގައި ގާލީއާއި ދުނިޔޭގެ އެކި ކަންކޮޅުތަކާ އޮތް ދަތުރުފަތުރާ ވިޔަފާރީގެ ގުޅުން ތަކުގެ މުހިންމު ހަނދާންތައް ރައްކާކުރެވިފައިވެއެވެ. އެ ދުވަސްވަރުގެ އޮޑިދޯނިފަހަރާއި ދަތުރުކުރުމަށް ބޭނުންކުރި އާލާތްތައް މިތަނުގައި ވެއެވެ. އިހުގައި ދުނިޔެއާ ކަނޑުދަތުރުފަތުރުގެ ގުޅުން ބޮޑު އަދި އޮޑިދޯނިފަހަރު ބަނުމުގެ ފަންނުގައި ކުޅަދާނަ ދިވެހި ރާއްޖޭގައި މި ފަދަ ކަނޑުދަތުރުފަތުރުގެ ދާރުލްއާސާރެއެް ނެތުމަކީ ހިތާމައެކެވެ.

މީގެ 162 އަހަރު ކުރިން، 1857 ވަނަ އަހަރު ރާއްޖެ ދޫކުރައްވައި ގާލީގައި ވަޒަންވެރިވި އަލީ ދޮށިމޭނާ ކިލެގެފާނު ބިނާކުރެއްވި މިސްކިތާއި އެ ކިލެގެފާނު ފަސްދާނުލެވިފައިވާ ޒިޔާރަތް ހޯދުމަށް މޮޓަރެއްގައި ނިކުމެވުނީ މެންދުރު ފަސްވީ ފަހުންނެވެ. މިސްކިތާއި ހަމައަށް ދެވުނު އިރު އަސުރުން ފަސްވެއްޖެއެވެ. މިއީ ވަރަށް ފުރިހަމައަށް ދެ ބުރިއަށް ހަދާފައިވާ މިސްކިތެކެވެ. ފަރުމާއަކީ ސިލޯނުން ފެންނަ ފަރިތަ ފަރުމާއެކެވެ. ރާއްޖޭގައި މި ފަރުމާގެ ފާޑުވެރިކަން ހުރި މިސްކިތްތައް ނެތް ނަމަވެސް އަވަށްޓެރި މަލިކު ސޭޑީވަލު ރާތީބު މިސްކިތާއި މުންނާރުން އެ ސިފަތައް ފާހަގަކުރެވެއެވެ.

  • ގާލީގެ ކަޅުވެލި މިސްކިތް

ގާލީގައި އަލީ ދޮށިމޭނާ ކިލެގެފާނު ފަސްދާނުލެވިފައިވާ މިސްކިތަށް ދިވެހިން ކިޔާއުޅެނީ ކަޅުވެލި މިސްކިތެވެ. ނުވަތަ ކަދުވަލު މިސްކިތެވެ. މިއީ ގާލީގެ ކަޅުވެއްލާގެ ކަނދެވައްތަ މަގުގައި ހުންނަ މީރާން ޖުމާ މިސްކިތެވެ. މި މީރާން މިސްކިތަކީ އިންޓަރނެޓްގެ ފޮޓޯތަކުން އާންމުކޮށް ފެންނަ ގާލީ ބޮޑުކޯއްޓޭގައި ހުންނަ “ގޯލް ފޯރޓް މީރާން މޮސްކް” އެއް ނޫނެވެ. ގާލީގައި ބޯޑުކޯއްޓޭގައި މިހާރު ފެންނަ ހުރި މީރާން މިސްކިތަކީ ހިޖުރައިން 1325 ވަނަ އަހަރު، 1904ހ ގައި ސިލޯނު އިސްލާމުންގެ އަހުމަދު ޙާޖީ އިސްމާއީލް ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި ޒިޔާރަތެއް ނުހުރެއެވެ.

އަލީދޮށިމޭނާ ކިލެގެފާނު ފަސްދާނުލެވިފައިވާ ކަޅުވެލި މިސްކިތުގެ ގޯތިތެރެއަށް ވަދެ ތަންތަން ބަލަން ފެށުމުން މުސްކުޅި ފުރައިގެ ދެމީހަކު ކައިރިއަށް އަތުވެއްޖެއެވެ. މި ދެމީހުންނަކީ ކަޅުވެލި މިސްކިތާއި އަލީ ދޮށިމޭނާ ކިލެގެފާނުގެ ޒިޔާރަތް ބެލެހެއްޓުމަށް މިތަނުގަިއ ތިބޭ ދެ ޚާދިމުންނެވެ. އެކަކީ ދިވެއްސަކާއި އިނދެގެން އުޅޭ ގާލީ މީހެކެވެ. އޭނާ ބުނިގޮތުގައި ދިވެއްސަކާއި އިންނަން ދިމާވީ ފަހާ މީހެއްގެ ގޮތުގައި ކުރިގެ ދުވަސްވަރެއްގައި މާލޭގައި މަސައްކަތްކުރަން ޖެހުމުންނެވެ. މި ޙާދިމުންނަށް އަހަރެމެންނަކީ ދިވެހިންކަން އެނގުމުން ވަރަށް އިޙްތިރާމްކުރިއެވެ. މިތަނަށް ދިވެހިން ޒިޔާރަތްކުރުމަކީ ތަނުގެ ޚާދިމުން ނުހަނު އުފާކުރާ ކަމެކެވެ. އަދި ކަޅުވެލި މިސްކިިތު އިރުމަތީފަރާތު ހަރިންމަތެރޭގައިވާ އަލީ ދޮށިމޭނާ ކިލެގެފާނުގެ ޒިޔާރަތް ކައިރިއަށް ގެންދިޔައެވެ. މިތަނުގައި ވަޅުލެވިފައިވަނީ ދިވެހިންގެ ބޮޑުންގެ ތެރެއިން ވަރަށް މާތް މީހެެއް ކަމުގައި ބުންޏެވެ. މިތަނުގައި ވަޅުލެވިފައިވާ “ދިވެހިންގެ މާތް މީހާ”ގެ ދަރިއެއް ރާއްޖޭގެ ރައީސްކަން ކުރި ކަމުގައިވެސް ބުންޏެވެ. ޚާދިމުން މި ދެއްކި ވާހަކައަކީ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެެގެފާނުންގެ ވާހަކައެވެ. މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ މިތަނުގައި ވަޅުލެވިފައިވާ އަލީ ދޮށިމޭނާ ކިލެގެފާނުގެ މުނި ކާފަ ދަރިކަލެކެވެ.

  • ކަޅުވެލި މިސްކިތާއި ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ޒިޔާރަތުގެ ޚާދިމުން

ކަޅުވެއްލާ މިސްކިތުގެ ޙާދިމުންގެ ވާހަކަތަކުން އަލީ ދޮށިމޭނާ ކިލެގެފާނަށް ގާލީގައި އެތައް ޖީލަކަށް ދެމިގެން ދިޔަ އިހުތިރާމް ވަޒަންކުރެވުނެވެ. މީގެ 142 އަހަރު ކުރިން ގާލީގައި މަރުވި ދިވެއްސެއްގެ ޒިޔާރަތް މިއަދާއި ހަމައަށް ހުރެފައި މިފަދަ ބޮޑު އިހުތިރާމެއް ގާލީގައި ދެވިފައިވާ ސަބަބަކީ އައްނަބީލު އިބްރާހިމް ފަރީދު އަލީ ދޮށިމޭނާކިލެގެފާނުގެ މަގުބަރާއަށް ޒިޔާރަތްކުރުމަށް ފަހު 1982 ވަނަ އަހަރު ލިޔުއްވާފައިވާ ފަދައިން “ދުވަހެއް ދުވަހަކަށް އެކިލެގެފާނުގެ ނަންފުޅު ދިޔައީ ސިލޯނާއި އިންޑިޔާގައި އަދި ޢަރަބި ދުނިޔޭގައިވެސް ފެތުރެމުން ވިދަމުންނެވެ. އެކިލެގެފާނުގެ ދީލަތިކަމާއި ކަމޭ ހިއްތެވުން ދިޔައީ މީހުންގެތެރޭގައި ޢާއްމުވަމުންނެވެ. މި ދެންނެވި ކަންކަމުގެ އިތުރަށް އެހެން މީހުންނަށް ހެއު ކަންކަމަށް ނަޞޭޙަތްތެރިވެވަޑައިގަތުމާއި ހުތްޕުޅުގެ އޯގާތެރިކަމީ މުޅި އޮޅުދޫކަރަހެން ހެކިވާ ކަމެކެވެ. ޝައްކެއްނެތެވެ. ދިވެހި ރާއްޖެއާއި ސިލޯނާއި ދެމެދުގައި ދެމެމުން މިދާ އެކުވެރިކަން އުފެދިގެން އައުމުގައި ވަރަށް ބޮޑު ބައެއް ޢަލީ ކިލެގެފާނު ކުޅުއްވާފައިވާނެއެވެ”

  • ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ޒިޔާރަތް

ކަޅުވެލި މިސްކިތުގައިވާ އަލީ ދޮށިމޭނާ ކިލެގެފާނުގެ މަގްބަރާ ނުވަތަ ޒިޔާރަތުގެ އެތެރެ ދައްކައި ދިނުމަށް ޒިޔާރަތުގެ ޚާދިމުން ކައިރީ އެދެމުން އަސުރުން ފަސްވުމުން މިސްކިތުގެ އިމާމް މީހާ ގެއަށް ހިނގައްޖެކަމުގައި ބުންޏެވެ. ތަޅުދަނޑި ވީ އޭނާގެ އަތުގައެވެ. ޚާދިމުން އިމާމް މީހާއަށް ގުޅުމުން އިރުތަކެއް ފަހުން އޭނާ އަތުވެއްޖެެއެވެ. ކަޅުވެލި މިސްކިތުގެ އިމާމް އަލީ ދޮށިމޭނާ ކިލެގެފާނުގެ ޒިޔާރަތް ހުޅުވުމުން ޒިޔާރަތުގެ ތެރޭގައިވާ އެކިލެގެފާނުގެ މަގްބަރާގައިވާ މަހާނަގަަލުގެ ލިޔުމުގެ ނަކަލުނެގީމެވެ.

  • ޢަލީ ދޮށިމޭނާ ކިލެގެފާނުގެ މަހާނަ

މި ގަލުގައިވާ ލިޔުމަކީ:

بــســـم اللـــه الــرحـمن الــرحــيـم. الــحــمـد للــه رب الـعــالــمــين. والــصــلاة والــســلام عـلـي ســيــدنــا مــحــمــد وءآلـــه وصــحــبــه أجــمـعــيـن. وبــعــد. خــلــي إثــنــيــن. ثــمــانــن عــشــر خــلــت مـــن شــهــر ربــيــع الأول ثــانــي مــن ألــف و مــأتــيــن وخــمــســة تــســعــيـن فــقـد تــދوفــيــقــي الــحــاج عــلــي دي دي مــلــقــب بــن دوشــي مـــيــنــا كــيــلــيــقــيــفــان إبـن الــحــاج أحــمــد دوشــي مـــيــنــا كــيــلــيــقــيــفــان إبــن حـســيــن دوشــي مـــيــنــا كــيــلــيــقــيــفــان الــمــحــلــديـب الــهـروي كانت في بــنــدرالــقــاضــي ســيــدان ســـاعــة فـي عــشــر شـــآعــة.

އަލްޙާޖީ ޢަލީ ދީދީ ދޮށިމޭނާ ކިލެގެފާނު އިބްން އަލްޙާޖީ އަޙުމަދު ދޮށިމޭނާ ކިލެގެފާނު އިބްން ޙުސައިން ދޮށިމޭނާ ކިލެގެފާނު އަލްމަހަލްދީބުލް ހުރަވީ، މި ކިލެގެފާނު ގާލީގައި އަވަހާރަވިކަމު ހަނދާން

ޢަލީ ދޮށިމޭނާކިލެގެފާނުގެ މަހާނަގަލުގެ ނަކަލާއި ތަސްވީރުތައް ނެގުމަށް ފަހު ކަޅުވެލި މިސްކިތުގެ އިމާމް މީހާގެ ފަހަތުގައި އަލީ ދޮށިމޭނާކިލެގެފާނުގެ މަގްބަރާ ކައިރީ އެކިލެގެފާގެ މައްޗަށް ފާތިހާ ކިޔެވުމަށް ފަހު ނިކުތުމުން މިސްކިތުގެ ޚާދިމުން ހަވީރުގެ ސަޔަށް އޭގެތެރެއިން އެކެއްގެ ގެޔަށް ދިއުމަށް އެދުނެވެ. އެމީހުނާއި އެކު ދިޔަ ގެއަކީ ގާލީގެ އާދައިގެ މުސްކުޅި ގެއެކެވެ. މި ގޭގެމަތިން ގާލީގެ ބަނދަރާއި އޮޑިފަހަރު ގާއްޔަށް ވަންނަ ކަނޑުއޮޅި ފެނެއެވެ. ސައިބޮމުން ހާދިމުންގެ ތެރެއިން ދުވަސްވީ މީހާ އޭނާގެ ހަނދާންތައް އާކުރަމުން ބުންޏެވެ

“މިއީ ގާލީއަށް އޮޑިފަހަރު ވަންނަ ދިމާ. އަހަރެމެންގެ ހަނދާނުގައި ދިވެހި ރާއްޖޭގެ އޮޑި ފަހަރު މިހެން ވަދެގެން އައިސް ގާލީގައި ބަނދަރުކުރާނެ. ދިވެހިން އަންނާނީ ހިކި ކަނޑުމަހާއި ރިހާކުރު ހިފައިގެން. ގާލީގައި ދިވެހިން ބަނދަރުކޮށް ފޭބެމުން މިތަކެތި ގަންނަން އަހަރުމެން ދަން”

އެއީ ކަނޑުދަތުރުފަތުރުގެ ގުޅުމުން ދެގައުމެއްގެ ދެމެދު އުފައްދައިދިން ގާތްކަމުގެ ދިގު ތާރީޚެވެ.

  • ވާހަކަ ކިޔައިދިން ޒިޔާރަތުގެ ޚާދިމު

 

ޢަލީ ދޮށިމޭނާ ކިލެގެފާނު – ގާލީގައި ވަޒަންވެރިވި ދިވެހި ވިޔަފާރިވެރިޔާ

ގާލީގައިވާ ދިވެހިންގެ ތާރީޚުގެ މައްޗަށް ލިޔުމަށް 2017 ވަނަ އަހަރު ގާއްޔަށް ކުރި ދަތުރަށް ފަހު ދެން އައި އަހަރު އިތުރު ދެދަތުރު ގާއްޔަށް ކުރެވުނެވެ. މިއީ ބޭރުގައުމެއްގައިވާ އަހަރެންގެ ޝާއުގުވެރި ރަށެވެ. އެރަށެއްގެ ގޮނޑުދޮށުގައި ހުރުމުން ދިވެހި ރާއްޖޭގެ ހަނދާންތައް އެންމެ އާވާ ރަށެވެ. ނުވަތަ ދިވެހި ރާއްޖެއަށް ގެންގޮސްދޭ ރަށެވެ. ގާލީއާއި މެދު ދިގުކޮށް ލިޔެވުނު ނަމަވެސް ޢަލީ ދޮށިމޭނާ ކިލެގެފާނާއި މެދު އިތުރަށް ލިޔާނީ ކޮން ވާހަކައެއް ބާއެވެ؟ އިތުރަށް އެނގެނީ ކޮން ވާހަކަތަކެއް ބާއެވެ؟

އަލީ ދޮށިމޭނާ ކިލެގެފާނާއި މެދު ލިޔުއްވި ގަލަންތަކުން ވެސް ހަމަ މި ސުވާލުތައް ކޮށްފައިވެއެވެ.

“އަލީ ދޮށިމޭނާކިލެގެފާނާއި ބެހޭގޮތުން، އޭނާގެ އަގުހުރި ހަޔާތްޕުޅަށް ފުރިހަމަ އައްޔެއް އަޅުވައިލެވެން ނެތްކަމުގެ މައްޗަށް ހިތާމަކުރަން ޖެހެއެވެ. މަޢުލޫމާތާއި ލިބިފައި ހުރި ހެކިތަކުގެ މަދުކަމެވެ. އުނިކަމެވެ”

“އަލީ ދޮށިމޭނާ ކިލެގެފާނުގެ ހަޔާތްޕުޅުގެ މާގިނަ ހާދިސާތަކެއް ސިފަކުރެވޭކަށް މަޢުލޫމާތެއް ނެތެވެ”

ކޮޅުނބުގައި ހުރެ މި ލިޔުން ފެށިއިރު ޢަލީ ދޮށިމޭނާ ކިލެގެފާނާ މެދު އެނގެނީ މަދު އެއްޗެކެވެ. އެއީ މާލޭ ގަލޮޅުގޭ އަލީ ދީދީކަމެވެ. މާލޭ ގަލޮޅުގައި އޮންނަ އަލިކިލެގެފާނު މަގަށް އެ ނަން ދެވުނީ މި އަލި ދީދީ ނުވަތަ އަލީ ދޮށިމޭނާ ކިލެގެފާނާ ގުޅުވައިގެންކަމެވެ. އެ ކިލެގެފާނު މާލެ ދޫކޮށް ގާލީގައި ހުންނަވާ އެރަށުގައި އަވަހާރަވެ ޒިޔާރަތް އެރުވިފައިވާކަމެވެ. ކޮޅުނބުގައި ލިޔަން ފެށި ލިޔުން މިހިސާބަށް ހުއްޓިފައި އޮންނަތާ 2 އަހަރު ފަހުން އެނބުރި ރާއްޖެ ދެވޭނެ ގޮތް މެދުވެރިވެ ޢަލީ ދޮށިމޭނާ ކިލެގެފާނާ ގުޅޭގޮތުން ފޮތްފޮތުގެ ހަވާސާއާއި ދެފޮޅުވަތް ދޭތެރޭ ހުރި މައުލޫމާތުގެ މަދު މިންވަރު ހޯދައި އޮޅުދޫކަރައިގެ ގާއްޔާ މެދު ލިޔަމުން އައި ލިޔުން ފުރިހަމަ ކުރެވޭގޮތް ވެއްޖެއެވެ.

އަލީ ދޮށިމޭނާ ކިލެގެފާނުގެ ހަޔާތުުން ތަންތަންކޮޅު

ޢަލީ ދޮށިމޭނާ ކިލެގެފާނަކީ ހުރަވީ ދަރިކޮޅުގެ ފެށުން އެރަށަކާ ގުޅޭ މާލެއަތޮޅު ހުރާ ދޮންމަރުދުރު ފަޑިއަތްކަލޭގެގެ އިބްރާހީމް އެދުރުތަކުރުފާނުގެ ޢަލީ ބޮޑު މުރީދުތަކުރުގެ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ދޮން ޢަހުމަދު ދީދީ ދޮށިމޭނާ ކިލެގެފާނަށް ނައިފަރުގޭ މަރިޔަމް މަނިކެގެ ބަނޑުން ލިބުނު ޢަލީ ދީދީއެވެ. ގަލޮޅުގޭ އަލީ ދޮށިމޭނާ ކިލެގެފާނުގެ ނަމުން މަޝްހޫރުވެފައިވާ އަތިރީގޭ އަލީ ދީދީއެވެ. އަލީ ދޮށިމޭނާ ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެލެއްވީ ފުރަމާލޭގައެވެ. އެކިލެގެފާނުގެ މުނިކާފަ ދަރިކަލުން އައްނަބީލު އިބްރާހިމް ފަރީދު ލިޔުއްވާފައިވެއެވެ:

“(މި ވާހަކަތައް ލިޔެފައި މި ވަނީ) އެނގުނު އެނގުމަކާއި އިންފޮރމޭޝަން އިން ލިބުނު މަޢުލޫމާތަށް ބުރަވެއެވެ. ޔަގީނުންވެސް އެކިލެގެފާނު ރައްކާވީ ފުރަމާލޭގައެވެ. ނަމަވެސް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ސާޢަތެއް ދުވަހެއް، މަހެއް، އަހަރެއް، އަދި އޮތީ ނޭނގުމުގެތެރޭގައެވެ”

އަލީ ދޮށިމޭނާ ކިލެގެފާނުގެ ނަން ތާރީޚުގައި ފާހަގަކުރެވެން ފަށާފައިވަނީ ޢައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ)، މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ބޮޑުވަޒީރުގެ އެހީތެރިއެއްގެ ގޮތުގައެވެ. އެއިރު ރަދުންގެ ބޮޑުވަޒީރަކަށް ހުންނެވީ އަލީ ދޮށިމޭނާ ކިލެގެފާނުގެ ބައްޕަ ދޮން އަހުމަދު ދީދީ ދޮށިމޭނާ ކިލެގެފާނެވެ. ހިޖުރައިން 1266 ވަނަ އަހަރު، 1849މ ގައި ދޮން އަހުމަދު ދީދީ ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުން މުސްކުޅި ބަންޑާރައިންގެ އެންމެ އިސް އެއް ވަޒީރަކަށް ވެގެން ދިޔައީ އަލީ ދޮށިމޭނާ ކިލެގެފާނެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނު ހުންނެވީ ބޮޑުބަނޑޭރީގެ ގޮތުގައެވެ. މިއީ ދައުލަތަށް ލިބޭހައި މުދަލަކާއި ފައިސާއެއް ބަލަހައްޓާ ވަޒީރެވެ.

  • މާލޭ ބަނދަރުމަތި

ރަދުންގެ ބާރު ކެނޑުން – ބޮޑެއްގެ ބާރު އިތުރުވުން، މި މަޢުލޫގައި މުޙައްމަދު ނަޝީދު ދަގަނޑު ދަހަނާގައި ލިޔުއްވާފައިވެއެވެ:

ދޮން އަހުމަދު ދީދީ އަވަހާރަވީ މުސްކުޅިބަންޑާރައިންގެ ރަސްކަމުން 16 ވަނަ އަހަރުއެވެ. ދޮން އަހުމަދު ދީދީ އަވަހާރަ އަވަހާރަވުމުން އެކިލެގެ ގެ މަގާމާއި މުއްސަނދިކަން ފުރޮޅިގެން ދިޔައީ ގަލޮޅޫގޭ ޢަލީ ދޮށިމޭނާ ކިލެގެއަށެވެ. ދޮން އަޙްމަދު ދޮށިމޭނާ ކިލަގެ ގެ ފިރިހެން ދަރިއަށެވެ. ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ދޮން ޢަހުމަދު ދީދީގެ މަގާމުތަކާއި މުދަލާއި ހަވާލުވީ ހިނދު ދޮން އަޙުމަދު ދޮށިމޭނާ ކިލެގެއީ ދިވެހި ބޮޑުންގެ ތެރެއިން ތަނަވަސްކަމަށް އަރާހުރި ކިލެގެއެކެވެ.

ކުރިއަށް އަރައިގެން ދިޔަ ވިޔަފާރިއާ އެކުގައި ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލަގެފާނުގެ ވިޔަފާރިވެސް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. (އަލީ ދޮށިމޭނާ ކިލެގެފާނަށް މުދަލުގެ ތަނަވަސްކަން ލިބިފައިވުމާއެކު) އަދި އެކިލެގެއަށް ފުރޮޅިގެން އައި ބާރުތައް ފުރޮލީގެން އައީ ރަދުންނާއި އެހެން ބޮޑުންގެ ކިބައިން ކަމުން، ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ވެގެންދިޔައީ ދިވެހި ތާރީޚު ދުވަހަކުވެސް ނުދެކޭފަދަ ބާރުގަދަ ބޮޑަކަށެވެ”

ޢަލީ ދޮށިމޭނާ ކިލެގެފާނަކީ ރާއްޖެ ދުށް އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ އެއް މަހުޖަނެވެ. އެ ކިލެގެފާނަކީ ހިންދުކަނޑުގެ ބޮޑު ވިޔަފާރިވެރިއެކެވެ. ދެމިގެން އައި ވިޔަފާރިއެއްގެ އުސް ކުންނާއި ހަމައަށް ފޯރި ވިޔަފާރީގައި ކާމިޔާބު މަހުޖަނެކެވެ. އަލީ ދޮށިމޭނާ ކިލެގެފާނުގެ އެކި ވިޔަފާރިތައް ރާއްޖޭގައި ހިނގަމުން އައެވެ. އަދި އެ ކިލެގެފާނުގެ ނާފަހަރާއި އޮޑިފަހަރު ވިޔަފާރިކަމު ރާއްޖެއާއި އޮޅުދޫކަރައާއި ހިންދުކަރައިގެ ދެމެދު ދުއްވިއެވެ. އަލީދޮށިމޭނާ ކިލެގެފާނުގެ ރާއްޖެއިން ބޭރަށް ދަތުރުކުރާ 9 ވަރަކަށް ގަނޑެތިއޮތެވެ. މި ދަތުރުތަކުގެ ތެރެއިން އުފެދިފައިވާ މިސާލު ބަހެއް މިއަދާއި ހަމައަށް ވެސް ކިޔަމުން އާދެއެވެ.

“ވަރު ހުންނާނީ ވަނާޖުބޭސާއަކު ނޫނެވެ. ފައިސާގައެވެ”

ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ:

“ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ބަންގާޅަށް ވަޑައިގަތް ދަތުރަކު ފާލަމުން ބޭރުގައި އެވަޑާއިގަތް ނައު އޮއްވައި ފާލަން ކެނޑީމާ ކަނޑައިލި ފާލަމުން ފުރަތަމަޔަށް ދިމާކުޅައީ އެކިލެގެފާނުންގެ ނައުކަމުގައިވިއެވެ. އެނަވުގެ ފަހަތުގައި އޮތް މަލިކު ނަވެއްގެ މީހުން އަންބާކިޔާފާ ނައު ދަމާހަލާފައި ވައްދަމުންގޮސް ކިލެގެފާނުންގެ ނަވުގައި ޖެހިގެން ދެނަވުމީހުން ހަޅޭފަޅޭލަވާފައި މަލިކު ނާ ކުރިއަރައިގެން ވަންނަނިކޮށް ކިލެގެފާނު އެނަވުގައި ހުރި ބޭފާނަކަށް ވިދާޅުވިޔޭ ބަލަބަލަ ތިޔައުޅެނީ ކިހިނަކުންހޭ؟

އެމަނިކުފާނަކު ބުނުއްވައިފިޔޭ. ދީދީވޭ. ވަނާޖުބޭސާގާ ވަރުހުރީވިއްޔާ ވަންނާނޭކަމޭ.

ކިލެގެފާނު ވިދާޅުވިޔޭ. ތިޔަގޮތްވެސް ބަލާފާނަމޭ. ވިދާޅުވެފާ އަވަސްއަވަހަށް ބައްތެއްޔަކަށް ފައިބައިވަޑައިގެން އެއްގަމަށް ފައިބައިވަޑައިގެންފިއެވެ. އިރުކޮޅަކުން ފެނުނީ ސަރުކާރުގެ ދުންބައްތެއްޔެއް އައިސް މަލިކު ނަވުގައި ޖަހައިގެން ދަމާހަލާފައި ފާލަމުން ބޭރަށް ގެންގޮސްލީތަނޭ.

އެދުވަހުގެ ފާލަންކަނޑާފާ އޮތުމުގެ ވަގުތުވެސް ހަމަވެގެން ފާލަން ވެސް ބަށްދައިފިޔޭ. އެނަވަށް ފާލަމުން އެތެރެއަށް ވަދެވުނީ އަނެއް ދުވަހު ފާލަން ކެނޑީމައެވެ.

އެ މަލިކު ބޭފާނު ކިލެގެފާނުންގެ ނަވަށް އައިސް ކިލެގެފާނުންގެ އަރިހުގައި ދެންނނެވިޔޭ ދީދީވޭ، ވަރުހުންނަނީ ވަނާޖުބޭސާގައެއް ނޫނޭ. ފައިސާގައޭ. އަޅުގަނޑަށް އިހަށް ނުވިސްނުނީތާޔޭ.

ކިލެގެފާނު ހިނިފުޅުވަޑުވާލާފައި ވިދާޅުވިޔޭ. ސައި ބައްލަވަން ދުރުވާށޭ. ދެންވެސް ވިސްނަވައިގެން އުޅުއްވާށޭ”

“ވަރު ހުންނާނީ ވަނާޖުބޭސާއަކު ނޫނެވެ. ފައިސާގައެވެ”

ވަނާޖުބޭސާއަކީ އަންބާއެކެވެ. ކުރީ ޒަމާނުގައި އޮޑިފަހަރު ފަޅަށް ވަންނަން ދާއިރު ފަލިޖަހަމުން އަންބާ ކިޔައެވެ. ބަސްފޮތުގައިވާގޮތުން މި މިސާލު ބަހަކީ އަންބާއަކަށް ވުރެ ފައިސާގެ ބާރު މާގަދަވާނެއޭ ބުނުމަށް ބުނެއުޅޭ ބަހެކެވެ. ފައިސާގެ ބާރު އެހެން ކަންކަމަށް ވުރެ ގަދަވާ ހާލަތުގައި މިހެން ބުނެއުޅެއެވެ. އަބްދުﷲ މުފީދު ލިޔުއްވާފައިވާ ގޮތުގައި “ވާނާޖުބޭސާ އަކީ އަންބާއަކަށް އެ ޒަމާނުގައި ކިޔާފައިވާ ނަމެކެވެ. އެކިއެކި މަސައްކަތްކުރާއިރު ފޯރިދީ ހިތްވަރުދީ މަސައްކަތްކުރުން ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ކިޔާ އަންބާތަކުގެ ތެރެއިން އަންބާއެކެވެ. އެ އަންބާގާ ވާނާޖުބޭސާ ކިޔާތީ ކީ ނަމެކެވެ”.

މިފަދަ އެއް އަންބާއަކީ

ފަޅުވެރީނޭ! ފަލިތަކުގާ ބާރަށް ހިފަހައްޓާ!

އަނހާހުތް! ޖަހަންފަށާ!

ޔާ މޫމިނައް ސަލާތު

ވާނާޖުބޭސާ ހެއްޔޯސާ

ޖުންބެރަނާ ހެއްޔޯސާ

ބާރަށްޖަހާ ހެއްޔޯސާ

އަަވަސްކުރޭ ހެއްޔޯސާ

އަލީ ދޮށިމޭނާ ކިލެގެފާނާއި މަލިކު މީހުންނާ ދެމެދު ބަންގާޅުގައި މި ކަމެއް ހިނގި ދުވަހު ކީ “ވަނާޖުބޭސާ އަންބާ” މިއީކަމެއް ނޭނގެއެވެ. މި ހާދިސާއާ ގުޅޭ ގޮތުން އަޙްމަދު ޝަފީގު ލިޔުއްވާފައިވަނީ “ވާނާޖުބޭސާ” މިސާލުބަސް އުފެދުނު ދަތުރު ހިނގީ ގާލީގައި ކަމުގައެވެ.

ޢަލީ ދޮށިމޭނާ ކިލެގެފާނު ރާއްޖެ ދޫކުރެއްވުން އަދި ވޯރާ ވިޔަފާރިވެރިން ރާއްޖެ އައުން 

ޢަލީ ދޮށިމޭނާ ކިލެގެފާނާ މެދު ޙުސައިން ޟަލާހުއްދީން ލިޔުއްވާފައިވެއެވެ:

ޢަލީ ދޮށިމޭނާ ކިލެގެފާނަކީ އެކިލެގެފާނުންގެ ޒަމާނުގައި މުޅި އިންޑިއާގައްޔާއި އޮޅުދޫކަރައިގައްޔާއި ރާއްޖޭގައި ދީލަތިލަކަމާއި މުދައުވެރިކަމަށް މަޝްހޫރު ބެއިފުޅެކެވެ. އެކިލެގެފާނުންގެ ފަހު އުމުރުފުޅުގައި ހުންނެވީ އޮޅުދޫކަރައިގެ ގާލީގައެވެ. އެރަށުގައި އެކިލެގެފާނު ކުރައްވައިފައި ހުރި ބިނާތަކާއި ބައްލަވައިގެންފައި ހުރި ބަގީޗާތަކާއި އެރަށުގެ މުސްކުޅީން ދައްކާ ގިނަ ވާހަކަތަކީ މިބުނި ބަސްމައްޗަށް ހެކިދޭ ތަކެއްޗެވެ”

އެ ޒަމާނުގައި ރާއްޖެދުށް އެންމެ ބޮޑު ވިޔަފާރިވެރިޔާ އަދި ރަދުންގެ ބޮޑެބަނޑޭރި އަމިއްލަ ގައުމު ދޫކޮށް ބޭރުގައުމެއްގެ ރަށެއްގައި ވަޒަންވެރިވާން ޖެހުނީ ކީއްވެބާއެވެ؟ އެހެން ގައުމެއްގެ ރަށެއްގައި އަމިއްލަ ދިރިއުޅުމާއި ވިޔަފާރިގެތަކާއި އަމިއްލަ ގެދޮރާއި ބިނާތައް އާރާސްތުކުރެއްވީ ކީއްވެ ބާއެވެ؟ މިކަމުގެ ސަބަބެއް ކަމުގައި މުޙައްމަދު އަމީން ލިޔުއްވާފައިވަނީ “ކިލެގެފާނު މާލެ ދޫކުރައްވައި ވަޑައިގަތުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާގެ ލަފާއާއި ދިމާ އިދިކޮޅަށް ވޯރާއިން މާލޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ދިވެހި ދައުލަތުގެ ފަރާތުން އެބައިމީހުންނަށް ދެއްވިކަމެވެ”. މި ވިޔަފާރީގެ ހުއްދަވެގެންދިޔައީ އެ ދުވަސްވަރާއި އޭގެ ފަހުގައިވެސް ރާއްޖޭގެ އިގްތިޞާދީ އަދި ސިޔާސީ ތާރީޚްގައި މުހިންމު ހާދިސާތަކެއް ހިނގާދިޔަކަމަކަށެވެ. “ވޯރާވެރިން އައުން، އިނގިރޭސިން ބެހުން” މި ނަމުގައި މުޙައްމަދު ނަޝީދު ލިޔުއްވާފައިވެއެވެ:

“ދޮން އަޙުމަދު ދީދީ ދޮށިމޭނާ ކިލެގެފާނު އެކިލެގެ އާއި އިނގިރޭސިންނާ ދެމެދު މުޑުވައްކުރި ގުޅުމަށް ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ކިތަންމެ ރަނގަޅަކަށްވެސް ފެންދީ ހެއްދިއެވެ. ގަލޮޅޫގޭ އަލީ ދޮށީމޭނާ ކިލަގެވެސް ވެގެން ދިޔައީ އިނގިރޭސިންގެ ވާގި ލިބިގެންވި ލިބިގެންވި ކިލެގެއެއްގެ ގޮތުގައެވެ. އެހެންކަމުން، މިވާގިން ލިބުނު ބާރާއި ފައިސާގެ ތަނަވަސްކަން ލިބިފައިވީތީ، އެކިލެގެއީ އެހެން ބޮޑުންނަށް އެއްގޮތަކަށްވެސް އަތް ނުފޯރާ ހިސާބެއްގައި ހުންނަން ފެށި ކިލެގެއަކަށްވާންފަށައިފިއެވެ. އަލީ ދޮށިމޭނާ ކިލެގެފާނުގެ ބާރު ކުޑަކުރަން ވެއްޖެ ނަމަ ބޮޑުންގެ ތެރެއިން އެހެން ބައެއްވެސް އެފަދަ ބާރެއް ހޯދާން އެބަޖެހެއެވެ. ވޯރާވިޔަފާރިވެރިން ހަމަ ރަނގަޅުވާނެއެވެ”

  • ވޯރާއިން މާލޭގައި

ދެ އާއިލާއެއްގެ ސިޔާސީ ވާދަވެރިކަމުގައި އެއްބައެއްގެ ވިޔަފާރި ދަށްވުމަކީ އަނެއްބައެއްގެ ބާރު ގަދަވުމަށް އޮތްގޮތްކަމުގައި ވީއެވެ. ބާރުލާފައި ވަނާޖުބޭސާ ހެއްޔޯސާ ކިޔަސް ވަރުހުންނާނީ ފައިސާގައެވެ. “ވޯރާވިޔަފާރިވެރިން ދިވެހިންނަށް ދިން ބޮޑުގެއްލުން” މި ނަމުގައި ޢަބްދުލް ޙަކީމް ޙުސައިން މަނިކު ލިޔުއްވާފައިވެއެވެ:

“މުޙައްމަދު ޢިމާދުއްދީން ހަތަރެއްގެ ރަސްކަމުގައި ރާއްޖޭގައި ހުންނެވި އެންމެ ބޮޑު ވިޔަފާރިވެރިޔަކީ (ބޮޑުބަނޑޭރި) ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނެވެ. އެތެރެއާއި ބޭރުގެ ހުރިހާ ވިޔަފާރިއެއް އޮތީ އެކިލެގެފާނަށް މިލްކުވެފައެވެ. މި ކިލެގެފާނާއި ވާދަކުރައްވާ އަނެއް ބޭފުޅަކީ (ބޮޑުވަޒީރު) ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. މި ދެބޭފުޅުންގެ ސިޔާސީ އަރާރުންތަކުގެ ސަބަބުން ޢަލީ ދޮށިމޭނާ ކިލެގެފާނުންގެ ވިޔަފާރި ރާއްޖޭގައި ބަލިކޮށްލެއްވުމަށްފަހު ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ އެހީން ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިކުރުވީ ޓީ.އައި.ޖޭ ނޫރުބަހީ ކުންފުނީގެ ވިޔަފާރީވެރިންނެވެ. ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ސިޔާސީ ގޮތުން ކަކާގޭ ބޭފުޅުންނަށް ވުރެ ބަލިވެވަޑައިގެން ވަޒަންވެރިވީ އޮޅުދޫކަރައިގެ ގާލީގައެވެ”

ޢަލީ ދޮށިމޭނާ ކިލެގެފާނު ބަންގާޅު ބަނދަރުގައި މަލިކު މީހުންނާއި ދިމާއަށް ބުނިބަސް އެކިލެގެފާނާ ވެސް ކުރިމަތިވީއެވެ. ވަރު ހުންނާނީ ފައިސާގައެވެ. އެއީ އެކަން އޮންނަންވީ ގޮތް ކަމުގައި ނުވި ނަމަވެސް، ތިމާއަށް ވުރެ ފައިސާގެ ގޮތުން ތަނަަވަސް، ނުފޫޒުގަދަ އަނެކަކު ތިމާގެ މައްޗަށް ގަދަވެގަތުން އޮންނަނީ ދުނިޔޭގެ އާދައަކަށް ވެފައެވެ. “ކުރީގެ ވިޔަފާރިއާއި ބާޒާރުމަތި” މި ފޮތުގައި އަބްދުﷲ މުފީދު ލިޔުއްވާފައިވެއެވެ:

“އިންޑިއާގެ މުސްލިމް ވޯރާ ޖަމާޢަތުގެ ބުބްބާމީހުން މާލެފައިބައި ތިބެ މާލޭގައި ވިޔަފާރި ކުރުމުގެ ހުއްދި ވިދާޅު ބަސްފުޅު، 1857މ ގައި މުސްކުޅި ބަންޑާރައިން އިއްވަވައިފޫއެވެ. މިކަމާ ދައުލަތުގެ ބޮޑުންގެ ތެރެއިން ހުރާގޭ ދޮން އަޙުމަދު ދޮށިމޭނާ ކިލެގެފާނުންގެ ގަލޮޅުގޭ ޢަލީ ދޮށީމޭނާ ކިލެގެފާނުން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ކާމިޔާބުވީ ނުފޫޒްހުރި ބުންބާ މީހުންނަށެވެ. މިހެންވެ ދައުލަތުގެ ހުރިހާ މަގާމްތަކަކުން ޢަލީ ދޮށިމޭނާ ކިލެގެފާނުން އިސްތިއުފާ ދެއްވާފައި ސިލޯނުގެ ގާއްޔަށް ވަޑައިގެން އެތާނގެ ވަޒަންވެރިއަކަށް ވެވަޑައިގެން އަވަހާރަވެއްޖައުމަށް ދާންދެން އެތާނގައި ދިރިއުޅުއްވިއެވެ”

ޢަލީ ދޮށިމޭނާ ކިލެގެފާނު ރާއްޖެ ދޫކުރެއްވި ސަބަބާއި މެދު މުހައްމަދު އަމީން އިތުރަށް ލިޔުއްވާފައިވެއެވެ:

“މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ފަހުކޮޅުގައި ދިވެހި ދައުލަތުގެ ކަންތައް ހިނގަމުން އައީ ވަރަށްވެސް ދޯދިޔާގޮތަކަށެވެ. ވަރަށްވެސް ހަރުދަނާކަމެއް ނެތް ގެއްލުންހުރި ގޮތަކަށެވެ. ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ހަރަދު ދިޔައީ ބޮޑުވަމުންނެވެ. ދައުލަތުގެ ހަޒާނާގެ ފޫ ފެންނާން ކައިރި ވެއްޖެއެވެ. ބޮޑުބަނޑޭރިއެއްގެ ނަމުގައި ހުންނެވީ ޢަލީ ދޮށިމޭނާ ކިލެގެފާނެވެ. އެކަމަކު ބަސްނުވިކޭ އޮޑިއެއްގެ ހުންގާނުގައި ހުރުމަކީ މޮޔަކަމެކޭ ބުނާ ބުނުމުގެ ތެދުކަން އޭނާއަށް ފެނިވަޑައިގަންނަވަމުން ދިޔައީ ނުހަނު ހިތިގޮތުގައެވެ. އަމިއްލަފުޅު ފައިސާއިންވެސް ބަޖެޓްގެ ދެފަރާތް އެއްވަރުކުރެއްވޭތޯ މަސައްކަތް ކުރައްވައި އެގޮތުންވެސް ފޫނުބެދިގެން އެންމެފަހުން ޢަލީ ދޮށިމޭނާ ކިލެގެފާނު ރާއްޖެ ދޫކުރައްވައި ސިލޯނުގެ ވަޑައިގެން ގާލީގައި ވަޒަންވެރިވެވަޑައިގެންފިއެވެ”

ތާރީޚަކީ އޭގެ މައްޗަށް ތެދުވެރިވެ ލިޔަން ޖެހޭ އެއްޗެކެވެ. ދެ އާއިލާއެއްގެ ސިޔާސީ ވާދަވެރިކަމުގައި ދެފަރާތުން ހިނގައި ދިޔަހައި ކަންކަމަކީ ރަނގަޅު ކަންކަމެއް ނޫނެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނުންގެ ދުވަސްވަރުވެސް ހިނގައިފައި ވާނެއެވެ. އެކިލެގެފާނަށްވެސް ކުރެއްވިފައި ހުންނާނެއެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ފަހަށްވެސް އާއިލީގޮތުން ދެމިގެން އައި ސިޔާސީ ވާދަވެރިކަން ކުރިއަށް ދިޔައެވެ. ބޮޑުހުޅު ޖެހުމާއި ހަޑި އެތައް ކަމެއް ވޯރާއިން ބޭތިއްބުމުގެ ހުއްދައިގެ ފަހަށް ދުށް ތާރީޚްގައި ވަނީ ހިނގާފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ހަލަބޮލި ތާރީޚެއް އޮތް ދުވަސްވަރެއްގެ ވާހަކަތަކެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނު ރާއްޖެ ދޫކުރެއްވީ އެކިލެގެފާނުގެ ވިޔަފާރީގެ މަސްލަހަތު ގައުމުގެ މަސްލަހަތަށް ވުރެ ބޮޑުވީމައިބާއެވެ؟ ނުވަތަ އެކިލެގެފާނުން އަދި ކޮންމެ ސަބަބެއް އޮވެގެން ނަމަވެސް ދެކޮޅުހެއްދެވި ކަންތައްތައް ގައުމީ ނަޒަރަކުން ކިރާނީ ކިހިނެއްބާއެވެ؟

ވޯރާއިން ރާއްޖޭގަ ތިބެ ވިޔަފާރިކުރުމުގެ ހުއްދަދިނުމުން ޢަލީ ދޮށިމޭނާ ކިލެގެފާނު އެކަމާ ދެކޮޅު ހައްދަވައި ރާއްޖެ ދޫކުރައްވައި ވަޑައިގަތް ފަހުން ދިވެހި ރާއްޖޭގެ އިގްތިޞާދަށް ވެގެން ދިޔަ ގޮތާ މެދު އަބްދުﷲ މުފީދު ލިޔުއްވާފައިވެއެވެ:

“ބުންބާ މީހުން މާލޭގައި އެމީހުންގެ ވިޔަފާރި ހިންގަން ހަމަ ފެށުމުން ދިވެހިންގާ އޭގެ ކުރިން ހުރި މުއްސަނދިކަމާއި، ތަނަވަސްކަން ކެނޑި ފަގީރު ވެއްޖެއެވެ. އޭގެ ކުރިން ރާއްޖެއިން ބޭރަށް މުދާހިފައިގެން ގޮސް އަދި ބޭރުން މުދާ ހިފައިގެން އަންނަ 28 ގަނޑެތި ދިވެހިންގެ މިލްކުގައި އޮތެވެ. އޭގެ ފަހުންދިވެހިން ފަގީރުވަމުންގޮސް ދަތުރު ކުރާ 4 އުޅަނދަށް ވެއްޖެއެވެ. މި 4 އުޅަނދުވެސް ބޭނުންކުރަނީ އެ ބުމްމާ މީހުންނެވެ”

ހަމަ މި ދުވަސްވަރުގެ ތާރީޚާއި ގުޅޭގޮތުން ދިރާސާކުރެއްވި މުޙައްމަދު ނަޝީދު ލިޔުއްވާފައިވެއެވެ:

“ރާއްޖޭގައި ވޯރާވިޔަފާރިވެރިން ވަޒަންވެރިވެގެން ތިބުމާ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ދެބަސްވީ ހަމައެކަނި އެކިލެގެ ގެ ވިޔަފާރިއަށް އުނިކަމެއް އަންނާތީކަމަށް ދެކެވޭކަށް ޖާގައެއް ނެތެވެ. މާޅޭގައި ވޯރާވިޔަފާރިވެރިން ތިބޭން ފެށުމުންވެސް އެކިލެގެ ގެ ވިޔަފާރިއަކަށް ތިޔަހާބޮޑު ބަދަލެއް ނާދެއެވެ. ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ލަންކާގެ ގާލީއަށް ހިޖުރަކޮށް އެތާގައި ހިމެނޭ އެންމެ ބޮޑު ވިޔަފާރިވެރިންގެ ތެރޭގައި ހަރަކާތްތެރިވަމުން ގެންދިޔައެވެ. ވީމާ، ޢަލީ ދޮށިމޭނާ ކިލަގެ ރާއްޖޭގައި ވޯރާވިޔަފާރިވެރިން ތިބުމާ އިންކާރުކުރި ސަބަބުތަކުގައި އެފަދައިން ބޭރުގެ ވިޔަފާރިވެރިން ރާއްޖޭގައި ވަޒަންވެރިވެއްޖެ ނަމަ، ދިވެހި ފައިސާގެ ދުނިޔެއަށާއި މިނިވަންކަމަށް ކުރާނެ އަސަރު ދެނެވަޑާއިގަތީކަމަށްވެސް ބަލާންޖެހޭނެއެވެ. އެ އިންކާރު ކުރުމަކީ ރާއްޖެއަށް ލިބިދާނެ ގެއްލުމެއްގެ މަންޒަރު ފެނިވަޑައިގަތުމުން ކުރެއްވި އިންކާރެއްކަން ކޮންމެވެސް ދަރަޖައެއްގައި ޖެހޭނީ ގަބޫލުކުރާށެވެ”

ޢަލީ ދޮށިމޭނާ ކިލެގެފާނު ގާލީގައި

އަލީ ދޮށިމޭނާ ކިލެގެފާނު 1857 ވަނަ އަހަރު ރާއްޖެ ދޫކުރައްވައި އޮޅުދޫކަރައިގެ ގާލީއަށް ވަޑައިގަތުމުން އެކަރައިގައި އެ ކިލެގެފާނުގެ ނަން ހިނގަން ފަށައިފިއެވެ. އަވަހާރަވުމާ ހަމައަށް އަލީ ދޮށިމޭނާ ކިލެގެފާނު ވިއްސަކަށް އަހަރު ގާލީގައި އުޅުއްވިއެވެ. އެކިލެގެފާނުގެ އާއިލާގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މާލެއިން ގެންދެވެން ތިއްބެވި އެންމެ ބޭފުޅުން ގާއްޔަށް ގެންދެވިއެވެ. އަލީ ދޮށިމޭނާ ކިލެގެފާނުގެ ހަޔާތުން ހިސާބަކަށް ނަމަވެސް ތަފްސީލުގޮތެއްގައި އެނގެން އޮތީ މި ދުވަސްވަރުގެ ވާހަކަތަކެވެ. މުޙައްމަދު އަމީން ލިޔުއްވާފައިވެއެވެ:

“ޢަލީ ދޮށިމޭނާ ކިލެގެފާނަކީ ދިވެހި ރާއްޖެ އަދި ދުވަހަކުވެސް ނުދެކޭ ފަދަ ވިޔަފާރިވެރިއެކެވެ. ރާއްޖެ އަދި ދުވަހަކުވެސް ނުދެކޭފަދަ ފައިސާގެ ހިންގުންތެރިއެކެވެ. މިހެންކަމުން، ގާލީގައި ވަޒަންވެރިވެވަޑައިގެން ހުންނަވާން ފެއްޓެވިތާ މާކަގިނަދުވަސްތަކެއް ނުވަނީސް، އެކިލެގެފާނުންގެ ދީލަތިކަމާއި މުއްސަނދިކަމުގެ އަސަރުތައް ސާބިތުކަމާއެކު ސިލޯނުގައި ފެތުރޭން ފަށައިފިއެވެ. އޭނާއަކީ ސިލޯނުގައި ނަންހުރި، މީހުން އިހުތިރާމްކުރާ ބޭފުޅެއްކަމުގައި ވެއްޖެއެވެ. މީސްތަކުންގެ ޝުކުރާއި ސަނާ ލިބިވަޑައިގަންނަވާން ފައްޓަވައިފިއެވެ. ގާލީން އެތައް ބިމެއް ބައްލަވައިގެން އެތަންތަންގައި ނުހަނު ބޮޑަތި ގޭގައާއި ފިހާރަތައް އާރާސްތުކުރައްވައިފިއެވެ. އެކިލެގެފާނުންގެ ނައުތައް ވިޔަފާރީގެ މުދައު ހިފައިގެން އިންޑީޔާގެ އެކި ބަނދަރާއި ސިލޯނާއި ދެމެދުގައި ދުވާން ފަށައިފިއެވެ”

ޢަލީ ދޮށިމޭނާ ކިލެގެފާނު ގާލީގައި ހުންނެވި ދުވަސްތަކުގެ ވާހަކަތައް މީރުބަހުރު މުޙައްމަދު އިސްމާއީލް ދީދީގެ “ދޮންތުއްކަލާގެ ބައްޕަގެ ހަނދާން” މި ފޮތުގައިވެއެވެ. އަދި ޙުސައިން ސަލާހުއްދީން ލިޔުއްވާފައިވާ “ދިވެހިންގެ ވާހަކަ” މި ފޮތުގައިވެސް ކިލެގެފާނުންގެ ބައެއް ވާހަކަތައް ގެެނެސްދީފައިވެއެވެ. މި ދެފޮތުގައިވާ ވާހަކަތަކުން ޢަލީ ދޮށިމޭނާ ކިލެގެފާނު ގާލީ އުޅުއްވި ދުވަސްތަކުގައި އެ ކިލެގެފާނުގެ ދިރިއުޅުން ހުރިގޮތް އޮޅުންފިލާދެއެވެ. އަލީ ދޮށިމޭނާ ކިލެގެފާނު ގާލީގައި ހުންނެވި ދުވަސްވަރުގެ ވާހަކައިން މީރުބަހުރު މުޙައްމަދު އިސްމާއީލް ދީދީ ލިޔުއްވާފައިވެއެވެ:

“އެދުވަސްވަރު ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ވިޔަފާރި އެންމެ ބޮޑުކޮށް ހިންގަވާ ތަނަކީ ގާއްޔެވެ. އަމިއްލަފުޅު ގެތަކާއި ބޮޑެތި ގޯތިތައް ގާލީގައި ހުއްޓެވެ. ގާއްޔާއި ކޮޅުނބުގައި ފިހާރަތައް ހުއްޓެވެ. ކޮޅުނބުގައި އަލީ ދޮށިމޭނާ ކިލެގެފާނުގެ މަސްފިހާރައެއް ހުއްޓެވެ”

އަލީދޮށިމޭނާ ކިލެގެފާނުގެ ގެތަކުގެ ތެރެއިން އެނގެން އޮތީ ދެ ގެއެކެވެ. އެއީ ގާލީގައި ހުރި އެކިލެގެފާނުގެ ބޮޑުގެ އާއި އެންތޯނިސްގެއެވެ. މި ދެގެއަކީ ގާލީގެ ދަންގެދަރުވައްތޭގައި އެއްމަގުގެ ދެފަރާތުގައި ކައިރިކައިރީ ހުރި ދެގެއެވެ. ބޮޑުގެއަކީ ގާލީގައި ޢަލީ ދޮށިމޭނާ ކިލެގެފާނު ހުންނެވިގެއެވެ. މިގޭގައި އެކިލެގެފާނާއި އެކު އާއިލީ އެތައް ބަޔަކާއި ކިލެގެފާނުގެ ގާލީ އަނބިކަނބަލުން ޚަދީޖާ ދީދީ އުޅުއްވިއެވެ. މާލޭގައި ހުންނެވި އަނބިކަނބަލުން މުލީގޭ ދޮންދީދީ ވަޑައިގެން ހުންނެވީ އެންތޯނިސްގޭގަައެވެ. އެންތޯނިސްގެއަކީ އެންތޯނިސްކިޔާ މީހެއްގެ އަތުން ޢަލީ ދޮށީމޭނާ ކިލެގެފާނު ބައްލަވައިގަތް ގެއެކެވެ.

ގާލީގައި ހުރި އަލީ ދޮށިމޭނާ ކިލެގެފާނުގެ ބޮޑުގެ އަކީ އެކިލެގެފާނު އާރާސްތުކުރައްވާފައިވާ އަމިއްލަ ގެއެކެވެ. އަލީ ދޮށިމޭނާ ކިލެގެފާނުގެ އާއިލާގެ މީހުންގެ އިތުރުން ދަތުރުވަރުގައި ގާލީއަށް ގޮސްއައިސްވާ ދިވެހިންގެވެސް ހިޔާވައްސަކަށް ވެފައިވާ އާބާދުކަން ބޮޑު ދިރުންލިބިފައިވާ ގެއެކެވެ. ކުޑަކުދިން ބެލުމާއި ގޭތެރޭގެ ކަންކަން ތަރުތީބުކުރުމަށް ނޯކަރުންނާއި އާޔާއިން ލައްވާފައިވެއެވެ. ގޭގެ ގޯތިތެރޭގައި ބަގީޗާތަކާއި އެކި ބާވަތުގެ މޭވާ ލިބޭނެ ގަސްތައް ހައްދާފައި ހުރެއެވެ. ކިރުފެލާ ތިންހަތަރު ގެރި އެގޭގައި ނުއޮންނަ އިރެއް ނުދެއެވެ. މި ގެއަށް އަރަބިންގެ ދަންނަ ބޭކަލަލުންނާއި ސައްޔިދު ބޭކަލުން ދުރުވެ ތިއްބަވައެވެ. މި ބޭކަލުން ފަރާތުން އެގޭގައި ތިއްބަވާ ކުދިންނަށް އަރަބި ބަހާއި އިސްލާމް ދީނުގެ މާއްދާ އުނގައްނަވައިދެވެއެވެ.

  • ގާލީގެ ޗާޓެއް، 1726

އަލީ ދޮށިމޭނާކިލެގެފާނުގެ ހެޔޮކަމާއި ދީލަތިކަން

ޢަލީ ދޮށިމޭނާ ކިލެގެފާނު ނަމާދަށް ފަރުވާތެރިކަން ބަހައްޓަވައި އެހެން މީހުން ނަމާދުކުރުމަށް ބާރު އެޅުއްވިއެވެ. ކިލެގެފާނު ގާލީގައި ހުންނެވި ދުވަސްވަރު ޙައްޖަށް ދިއުމަށް ބޮޑުގޭގައި ގޮސް ހުރި ދަންވަރު މޫސާ ކަލޭފާނު ކިޔާދެއްވިކަމަށް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިއެވެ:

“އެތާނގައި (ގާލީ ބޮޑުގޭގައި) އުޅޭ މީހަކަށް ފަސްނަމާދު ނުކޮށް ނުހުރެވޭނޭ. ކިލެގެފާނުން ފަތިހު ނަމާދުފުޅު ކުރައްވައިގެން އެ ނުކުމެވަޑާއިގަންނަވާއިރު ތަނެއްގައި ނުތެދުވެ ނިދާން އޮތް މީހަކަށް ވިއްޔާ އެވީ ފެންބާލިދީޔެއް ޖަހާން”

އަލީ ދޮށިމޭނާ ކިލެގެފާނު ދިވެހި ރާއްޖެ ދޫކުރައްވައި ގާލީއަށް ވަޑައިގަތުމުން އޮޅުދޫކަރައިގައި އެކިލެގެފާނަކީ މީހުންގެ އިހުތިރާމް ލިބިފަިއވާ ނަންހުރި ބޭފުޅަކަށް ވީ ދިވެހިންގެ އިތުރުން އޮޅުދޫކަރައިގެ މީހުންގެ މައްޗަށް ވެސް އޮތް ދީލަތިކަމުގެ ބޮޑުކަމުންނެވެ. “މާތްރަސްކަލާންގެ ވަޖުހުފުޅަށްޓަކައި ހޭދަކުރާ މީހަކު އެމީހާގެ އަތުން ބޭރުކުރާ ތަކެތި ބޭރުވުމަށް ފަހު ދެން އެދަނީ ކޮންތާކަށްތޯ ބަލަބަލާފަޔެއް ނުއުޅޭނެޔޭ” ޢަލީ ދޮށިމޭނާ ކިލެގެފާނު ވިދާޅުވެފައިވާ މި ބަހުން އެކިލެގެފާނުގެ މުއްސަނދިކަމާ އެކު ހޭދަކުރެއްވުން ހުރި ގޮތް އެނގެއެވެ. ޢަލީ ދޮށިމޭނާކިލެގެފާނު މި ބަސް ވިދާޅުވާން ދިމާވި ހާދިސާގެ ވާހަކަ ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ. އެއީ ނައިބު ތުއްތޫ އޮޅުދޫކަރައިގެ ބޭރުވެލީގައި ހުންނެވި ދުވަސްވަރު ގާލީއަށް ގޮސް ކިލެެގެފާނާއި ބައްދަލުވި ދުވަހެއްގެ ވާހަކައެވެ.

“ކޮޅުނބަށް އައިސްގެން ސައްޔިދުބޭކަލެކޭ ކިޔައިގެން ރޯދޮގު ހަދައިގެން އުޅޭ މީހަކު ތިމަން ގާލީގައި އަލްއަމީރު ޢަލީ ދޮށިމޭނާ ކިލެގެފާނުންގެ ގޭގައި ހުއްޓައި އެގެޔަށް އަތުވެއްޖެއެވެ. އައިސް ކިލެގެފާނުންގެ އަރިހުގައި ތިމަންނާޔަކީ ސައްޔިދު ބެއިކަލެކޭ، ސައްޔިދު ބޭކަލުންގެ ހައްގު ކޮބައިތޮއޭ ކިޔައިގެން ކިލެގެފާނުންގެ އަތްޕުޅުން ތިންސަތޭކަ ރުފިޔާ އަތުލައިގެން ރައްކާވެއްޖޭ. ތިމަން ހުރެފައި ދަންނަވައިފީމޭ. ކިލެގެފާނު ކޮންމެކަހަލަ ޑަކައިތަކު އައިސްގެން ކޮންމެ އެއްޗެސް ކިޔަސް ތަކެތި ދެއްވާކަށް މާބޮޑު ބެއްލެވުމެއް ނުގެންގުޅުއްވަމުތާޔޭ. އޭނާ އަކީ ސައްޔިދު ބެއިކަލެއްވެސް ނޫނޭ. ކޮޅުނބުގައި އުޅޭނީވެސް ވަރަށް ނުބައި އުޅުމެކޭ.

ކިލެގެފާނު: ތުއްތޫވޭ. ތިމަން ދިން އެއްޗެއް ދިނީ އޭނާޔަށްހޭ އޭނާ އެދެއްކި ވާހަކައިގެ މައްޗަށް ނޫންހޭ. އެއިގެ ދޮގުތެދު ހޯދުމެއް ކޮންމެހެން ތިމަންނާޔަކަށް ބޭނުމެއް ނޫނޭ. މާތްރަސްކަލާނގެ ވަޖުހުފުޅަށްޓަކައި ހޭދަކުރާ މީހަކު ހޭދަކުރާ އެއްޗެސް އަތުން ބީވީމަކާ ދެނެއް އެދާގޮތެއް ހޯދާކަށް ނޫޅޭނެޔެއް ނޫންހޭ”

އަލީ ދޮށިމޭނާ ކިލެގެފާނު ހައްޖަށް ވަޑައިގަތުމާއި ގާލީގައި ހުރެ ދިވެހިން ޙައްޖަށް ފޮނުވުން

ޢަލީ ދޮށިމޭނާ ކިލެގެފާނު ހައްޖަށް ވަޑައިގަތީ މާލެ ދޫކުރައްވައި އޮޅޫދޫކަރައިގެ ގާލީގައި ވަޒަންވެރިވުމުގެ ކުރިންނެވެ. މިއީ ތާރީޚުން ފެންނަން އޮތް ފަހަރެވެ.

“މުޢީނުއްދީން ރަދުންގެ ރަސްކަމުން ފަސްވަނަ އަހަރު ދޮން އަޙުމަދު ދީދީ އޭނާގެ ދަރިކަލުން ޢަލީ ދީދީޔާއި ދެބަފައިންކަލުން ހައްޖަށް ވަޑައިގަންނަވާން އޮޑިޔެއް ހައްދަވައިގެން މާލެއިން އެތައް ބަޔަކު ގޮވައިގެން ފުރާވަޑައިގެންނެވޫއެވެ. ފުރާވަޑާއިގެންނެވީ ހާޙައި ދުއިސައްތަ ފަންސާސް ހަތަރުވަނަ އަހަރު ޝައްވާލު މަހު ހަވަނަޔަށްވީ ހޯމަ ދުވަހުގައެވެ. މިއޮޑީން ގެންދެވީ ފަންސާސް ފަސް މީހުންނެވެ”

މި ހައްޖު ދަތުރަށްފަހުގައި ކިލެގެފާނު ހައްޖަށް ދިޔަކަމެއް ނުދާކަމެއް ނުއެނގެއެވެ. ގާލީގައި ހުންނެވި އިރުވެސް ކިލެގެފާނުގެ ބޮޑުގޭގައި ހިޔާވަހިކަން ދިނުމަށްފަހު ދިވެހިން ޙައްޖަށް ފޮނުއްވައި އުޅުއްވިއެވެ. ދަންވަރު މޫސާ ކަލޭފާނު ގާލީއަށް ގޮސް އެތަނުން އަލީ ދޮށިމޭނާ ކިލެގެފާނުގެ އެހީތެރިކަމުގައި ހައްޖަށް ދިޔަގޮތުގެ ވާހަކައިން ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިއެވެ:

“އަލީ ދޮށިމޭނާކިލެގެފާނު ގާއްޔަށް (ސްރީ ލަންކާގެ ގޯލް) ވަޑައިގެން އެތާގައި ހުންނަވާން ފެއްޓެވިފަހުން މާލޭގެ ކިތަންމެ މީހުންނަކު ގާއްޔަށް ގޮސްއުޅެލައިފައި ޙައްޖަށް ގޮސްފައި މާލެއަށް އަތުވެދާނެތޭ. މިތަން ދެކެފައި އަހަރެން ވެސް ޙައްޖަށް ދާހިތްވެއްޖެއެވެ. ދެން މާލޭގައި ދަންނަވައިގެން އަމުރުފުޅު ލިބިގެން ކޮންމެވެސް ގޮތަކުން ގާއްޔަށް ހިނގައްޖައީމެވެ.

އަހަރެއްހައި ދުވަސްވީތަނާ އަރަބީންގެ ނަވެއް އައިސް ގާއްޔަށް ވަދެއްޖޭ. މިބައިމީހުން އަބަދުވެސް އައިސްގެން އުޅޭނީ ކިލެގެފާނުންގެ ބޮޑުގޭތެރޭގައެވެ. އެނަވުގެ ވެރިޔަކީ މުޙައްމަދު ޢުލޫބު ކިޔާ ސާދާގަރެކެވެ. އެއްދުވަހަކު އެ މުހައްމަދު ޢުލޫބު ގާތުގައި ކިލެގެފާނު ވިދާޅުވިޔޭ މުޙައްމަދު ޢުލޫބުވޭމި ދަތުރު މިހިރަ ކަލޭގެޔާ އަދިވެސް އެހެން ދެކުއްޖަކާ ޖިއްދާއަށް ގެންގޮސްދީބަލާށޭ. އެމީހުން ޙައްޖުވެގެން ނުކުތީމާ ކަލޭގެ ކޮންމެވެސް ނަވެއް އަންނައިރަކުން މިތަނަށް ގެނެސްލަނިކޮށް ވީއެވެ.

ދެން އެ ނަވަށް އަރައިގެން ގޮސް ޖިއްދާޔަށް ގޮސް ޙައްޖުވެ މަދީނާވެގެން މުޙައްމަދު ޢުލޫބުގެ ނަވަކުން ގާއްޔަށް އަތުވެއްޖައީމުއެވެ. ދެން ދުވަސްކޮޅަކު ގާލީގައި ހުރެފައި މާލެ އައިއިރު އަހުރެން ހުރީ ހާޖީއަކަށް ވެފައެވެ. މިގޮތުގެ މަތީން އެދުވަސްވަރު ޙައްޖަށް ދިޔަ މީހުން އަހުރެންނަކަށް ގިނަކަމުން ކިޔާކަށް ވެސް ނޭނގޭނެއެވެ”

ހަނޑުލުގެ ވިޔަފާރި

އަލީ ދޮށިމޭނާ ކިލެގެފާނުގެ ސޮއެ އޮތް ދުވަސްވީ ލިޔުމެއް

ދިވެހި ރާއްޖެ ދޫކޮށް އޮޅުދޫކަރައިގެ ގާލީގައި ވަޒަންވެރިވި ނަމަވެސް ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އޮޑިއާއި ނާފަހަރުތަކުން ބޭރުގެ ގައުމުތަކާ ރާއްޖެއާ ދެމެދު ވިޔަފާރީގެ ދަތުރުތައް ކުރަމުން ދިޔައެވެ. މުޙައްމަދު އަމީން ލިޔުއްވާފައިވެއެވެ:

“ޢަލީ ދޮށިމޭނާ ކިލެގެފާނު ރާއްޖެ ދޫކުރައްވައި ވަޑައިގެންފިއެވެ. އެކަމަކު އެ ކިލެގެފާނާއި ދިވެހި ރާއްޖެއާއި ދެމެދުގެ ގުޅުންތަކެއް ކަނޑައެއްނުލައްވައެވެ. ވިޔަފާރިކުރެއްވުމަށްޓަކައި އޭނާގެ ނާފަހަރާއި އޮޑިފަހަރު ރާއްޖޭއާއި ސިލޯނާއި ދެމެދުގައި ދުއްވަވަވއި ހެއްްދެވިއެވެ. މިކަމުގެ ސަަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަވެގެންވާ ފައިދާ ހާސިލުކުރެއްވިއެވެ”

ދިވެހިންގެ ތަރިކައިގެ ދިވެހި ވިޔަފާރި ނަންބަރުގައިވެއެވެ:

“ސިލޯނުގައި ހުންނެވި ނަމަވެސް، ޢަލީ ދޮށިމޭނާ ކިލެގެފާނާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުންތަކެއް ކަނޑުއްވައެއް ނުލައްވައެވެ. ވިޔަފާރި ކުރެއްވުމަށްޓަކައި އެކިލެގެފާނުގެ ނައުފަހަރާއި އޮޑިފަހަރު ދިވެހި ރާއްޖެއާއި ސިލޯނާ ދެމެދުގައި ދުއްވަވަމުން ގެންދެވިއެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނު ވަޒަންވެރިވެ ވަޑައިގެންނެވި ގާއްޔަކީ ދިވެހި ވިޔަފާރިވެރިންގެ ފުރާދުއްވާ އުޅަނދުފަހަރު ވަރަށް ގިނައިން ދަތުރުކޮށް އުޅުނު ބަނދަރެކެވެ. ޢަލީ ދޮށިމޭނު ކިލެގެފާނު އެރަށަށް ވަޑައިގަތުމަށް ފަހު ދިވެހި ރާއްޖެއާއި ގާއްޔާ ދެމެދުގެ ވިޔަފާރި އިތުރުވެ މި ބަނދަރަކީ ދިވެހިންނަށް ވަރަށް މުހިންމު ބަނދަރަކަށް ވެއްޖެއެވެ. ދިވެހި ވިޔަފާރީގެ ތާރީޚުގައި ދިވެއްސަކު ދިވެހި ރާއްޖެއިން ބޭރުގައި ވިޔަފާރީގެ ރޮނގުން މިފަދަ ކާމިޔާބީތަކެއް ހޯދި ފުރަތަމަ ދިވެއްސަކީ ޢަލީ ދޮށިމޭނާ ކިލެގެފާނެވެ”

ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އެންމެ ބޮޑު އެއް ވިޔަފާރިއެއްގެ ގޮތުގައި އޮތީ ހަނޑޫލުގެ ވިޔަފާރިއެވެ. އެކިލެގެފާނުގެ ނައުފަހަރު ބަންގާޅުން ހަނޑޫ ބަރާކޮށްގެން ރާއްޖެއާއި ސިލޯނުގައި ހަނޑުލުގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއެވެ. އެދުވަސްވަރުގެ ބައެއް ވާހަކަތަކުންނާއި ވިޔަފާރީގެ ލިޔުމަކުން މިކަން ސާފުވެއެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ފޮޓޯއެއް ތަސްވީރެއް ނެތެވެ. އެކިލެގެފާނާއި އެންމެ ގާތް އެއްޗަކަށް ފެންނަން އޮތީ ހަނޑުލުގެ ވިޔަފާރިއާ ގުޅޭގޮތުން އެކިލެގެފާނު ސޮއި ކުރައްވައިފައި އޮތް މުސްކުޅި ސިޓީއެކެވެ. މި ސިޓީގެ އަސްލު މިހާރު ވީތަނެއް ނޭނގެއެވެ. މި ސިޓީގެ ނަކަލު ވަނީ ދިވެހި ބަހާއި ގުޅޭގޮތުން 1919 ވަނަ އަހަރު ވިލްހަމް ގެއިގަރ ލިޔުއްވާފައިވާ ފޮތުގައެވެ.

ސިޓީގައި ވަނީ:

الحمد لله

ދޮށިމޭނާ ކިލެގެފާނުންގެ ސަލާން ހުއްޓެވެ

މުޙައްމަދު މަރައްކާރުގެ ދެކަލުންނަށް އިސްޕިނިސްގެ އަޑަށްތުއޯ އާގުބޯޓުށް ގެނާ ހަޑުލުގެ ނާލު އެމީހުންނަށް ނުދީގެން ތިޔައުޅެނީ ކީއްވެގެންހޭ. އަދު ސިޓީޔެތް އެބަފޮނުވިޔެ ނާލީހަށް ހިނގާދާނަމޭ ކިޔާ އެ ރުފިޔާ އެމީހުށްނަށް ލިބޭނޭގޮތް އަވަހަށް ހަދާށެވެ.

މި ސިޓީ ލިއުނީ މައި 17

މި ސިޓީގެ ތާރީޚުގައި އަހަރު ޖަހާފައި ނެތެވެ. ސިޓީގެ ނަކަލާއެކު ވިލްހަމް ގައިގަރ ލިޔުއްވާފައިވެއެވެ:

“މިއީ 19 ވަނަ ގަރުނުގައި ޢަލީ ދޮށިމޭނާ ކިލެގެފާނު ލިޔެފައިވާ ސިޓީއެކެވެ. މި ކިލެގެފާނަކީ ގާލީގައި ވަޒަންވެރިވެވަޑައިގެން ހުންނަވާ ދިވެހި ރާއްޖޭގެ ބޮޑެކެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނު އަވަހާރަވީ 1878 ވަނަ އަހަރުއެވެ. މި ސިޓީގައި ލިޔުނު އަހަރު ޖަހާފައި ނެތް ނަމަވެސް، ލަފާކުރެވޭގޮތުގައި މިއީ 1875 ވަނަ އަހަރު ނުވަތަ އޭގެ ކުރީގައި ލިޔެފައިވާ ސިޓީއެކެވެ. ސިޓީގައިވަނީ ސްޕެއިން އޭޖެންސީއެއްގެ އާގުބޯޓަކުން ގެނައި ހަނޑުލުގެ ނާލު ލަސްވެގެން އެ އެޖެންސީން އެކަމާއި ނާލީހަށް (ޝަރީއަތަށް) ދާނަމޭ ކިޔައި ކިލެގެފާނަށް ސިޓީ ފޮނުވުމުން ސްޕޭންގެ ބޯޓަށް ދައްކަން ޖެހޭ ނާލު އަވަހަށް ދެއްކުމަށް މުހައްމަދު މަރައްކާރުގެ ދެކަލުންނަށް އެންގި ވާހަކައެވެ”

މުހައްމަދު މަރައްކާރުގެ ދެކަލުންނަކީ ބެލެވޭގޮތުގައި ކިލެގެފާނުގެ ވިޔަފާރި އޭޖެންޓުންގެ ގޮތުގައި ތިބި ބައެކެވެ.

މީރުބަހުރު މުޙައްމަދު އިސްމާއީލް ދީދީގެ ލިޔުއްވުންތަކުން އެނގޭ ގޮތުގައި ކިލެގެފާނު ގާލީގައި ހުންނެވި ދުވަސްވަރު އެކިލެގެފާނުގެ ވިޔަފާރީގެ ލިޔުންތައް ލިޔުއްވައި ހެއްދެވީ ގާލީ ބޮޑުގޭގައި އުޅުއްވި ހޮޅުދޫ ނެވިންގޭ ދޮންކޮއްކޯގެ ދޮންމަނިކުގެ އަލީ ދީދީއެވެ. މިއީ ކިލެގެފާނަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. މުޙައްމަދު އިސްމާއީލް ދީދީ ލިޔުއްވާފައިވެއެވެ: “ގޭތެރޭގެ ހިސާބުކިތާބު ބެލެހެއްޓެވުމާއި ޢަލީ ދޮށިމޭނާ ކިލެގެފާނު ލިޔުއްވަން ޖެހިވަޑައިގަންނަވާ ތާނަ ސިޓީތައް ލިއުއްވަނީ އަލީ ދީދީއެވެ. އަލީ ދީދީއަކީ ގޭގައި ހުންނެވުމަށް ލޯބިކުރައްވާ ލިއުއްވުން ރީތި ބޭފުޅެކެވެ”

އެހެންކަމުން މިއީ ދޮންމަނިކުގެ އަލީ ދީދީގެ އަތު ލިޔުން ފެންނަން އޮތް އަލީ ދޮށިމޭނާ ކިލެގެފާނުގެ ސޮއި ހިމެނޭ ތާނަ އަކުރުގެ 144 އަހަރުވެފައިވާ ސިޓީއެކެވެ.

ކިލެގެފާނުގެ ހަނޑުލުގެ ވިޔަފާރިއާ ގުޅޭގޮތުން އަލީ ދޮށިމޭނާކިލެގެފާނުގެ އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ކިޔައިދެއްވިކަމަށް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ:

“މާތްރަސްކަލާނގެ ދެއްވި ނިއުމަތުގައި ރަނގަޅަށް ދުނިޔޭގައި އުޅެއުޅެ ތިއްބައި މުޅި އޮޅުދޫކަރަޔަށް ވަރަށްބޮޑު ތަދުކަމެއް އައިސް ކަންތައް ބޮޑުވެއްޖެއެވެ. މިތަންވަޅު ބައްޕާގެ ތިން ނައު ބަންގާޅުން ހަނޑޫ އަރުވައި ބަރާކޮށްގެން އައިސް ގާލީ ބަނދަރަށް ވަދެއްޖެއެވެ. ސަރުކާރުގެ މީހުން އައިސް ބައްޕާ އަރިހުގައި ދަންނަވައިފޫއެވެ. ކިލެގެފާނުން ތިޔަ ގެންނެވި ހަނޑޫ ކިލެގެފާނު ހިތްޕުޅަށް އެރި ގޮތަކަށް ވިއްކަވާކަށް ސަރުކާރު އަމުރެއް ނުދޭނެޔޭ.

ހަނޑުލަށް ހަދާންވީ ގޮތަކީ ސަރުކާރުން ވިއްކަވާންވިއްޔޭ. ރުފިޔާއެއްގެ މައްޗަށް އަނާޔެއް ދެއަނާޔެއް ލައިގެން ކިލެގެފާނަށް ސަރުކާރު އަގުއަދާކުރާނެޔޭ.

ސަރުކާރުން އައި މީހުންގެ ވާހަކަތަކާ ނުރުއްސަވާ ކިލެގެފާނު ވިދާޅުވިއެވެ: ތިމަންގެ ހަނޑުލަށް ތިމަން ހިތުހުރި ގޮތެއް ހަދާން ނުލިބުނިއްޔަކާ މިރަށަށް ނުބާލާނަމޭ. ތިމަންނާޔަކީ މިރަށު މީހެއްވެސް ނޫނޭ. ތިމަންގެ ރަށަށް ތިމަންގެ ހަނޑޫތައް ފޮނުވާލާފާނަމޭ. އެހެންނާ ތިމަން ހުރީ ތިޔަ ހަނޑޫ މިތާގެ މީހުންނަށް ވިއްކާކަށްވެސް ނޫނޭ. ބަހައިދޭށޭ”

މި ވާހަކަތަކަށް ފަހު ކިލެގެފާނު ގެނައި ހަނޑޫ މީހަކަށް ދުވާލަކު ބައިނާޅީގެ މަގުން އޮޅުދޫކަރައިގެ މީހުންނަށް ބެހުމުގެ ހުއްދަ އެތަނުގެ ސަރުކާރުން ދިފިއެވެ. ކިލެގެފާނު ތިން ނަވުން ގެނައި ހަނޑޫ އޮޅުދޫކަރައިގެ މީހުންނަށް ބެއްސެވީއެވެ. ހަނޑޫ ނުވިއްކާ ބައްސަވާތީ އެކިލެގެފާނުގެ އަރިހުގައި އުޅޭ ބައެއް ހަރު މީހުން ތިޔަކުރައްވާ ކަންތައް ދެކޮޅުޖެހޭނެހޭ ބުނުމުނހް ދެންނެވީ “ދެކޮޅު ޖައްސަވާނީ މާތްކަލާނގެއެވެ”. މިކަމުންވެސް އެކިލެގެފާނުގެ ދީލަތިކަން ހުރި މިންވަރާއި އޮޅުދޫކަރައިގައި އަލީ ދޮށިމޭނާކިލެގެފާނަށް އިހުތިރާމް ލިބިފައިވަނީ ކީއްވެކަން އެނގެއެވެ.

ޢަލީ ދޮށިމޭނާ ކިލެގެފާނު ގާލީއަށް ވަޑައިގެންފަހުން ރާއްޖެ އައުން

ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ހަނޑުލުގެ ވިޔަފާރިއާ ގުޅޭ އެހެން ވާހަކައެއް މުޙައްމަދު އަމީން ލިޔުއްވާފައިވެއެވެ. މުޙައްމަދު އަމީން ލިޔުއްވާފައިވެއެވެ:

“ދިވެހި ރާއްޖެއަށް ހަނޑޫ ގެނައުމަށް ފުރަތަމަ ޗާޓަރުކުރި އާގުބޯޓު މާލެއައިރު އެބޯޓުން ޢަލީ ދޮށިމޭނާކިލެގެފާނާއި އެކިލެގެފާނުންގެ އިބްރާހީމް ދީދީއާއި ދެބަފައިކަލުން މާލެ ވަޑައިގެންފައި އެނބުރި ގާއްޔަށް ވަޑަައިގަތީ ވަރަށް އުހައުވެރި ކުދިކުދި ފަސިންޖަރުންތަކެއް ގޮވައިގެނެވެ. މި ފަސިންޖަރުންގެ ތެރޭގައި ޢަލީ ކިލެގެފާނުންގެ އާމިނަތު ދީދީއާ ދޮންމަނިކުގެ އަބްދުﷲ ދީދީ ހިމެނިގެންވިއެވެ”

މި ވާހަކައިން ޢަލީ ދޮށިމޭނާކިލެގެފާނު ރާއްޖެ ދޫކުރައްވައި ގާއްޔަށް ވަޑައިގަތްފަހުންވެސް ދިވެހި ރާއްޖެއާ އޮތް ވިޔަފާރީގެ ބޮޑުގުޅުން އެނގެއެވެ. އަދި ގާއްޔަށް ވަޑައިގަތް ފަހުންވެސް ޢަލީ ދޮށިމޭނާ ކިލެގެފާނު މާލެއައިކަން އެނގެއެވެ.

ޢަލީ ދޮށިމޭނާ ކިލެގެފާނު އަވަހާރަވުން 

ކިލެގެފާނަށް އާލާސްކަންފުޅު ޖެހުން

ރާއްޖެ ދޫކުރައްވައި އޮޅުދޫކަރައިގެ ގާލީގައި ހުންނެވި ޢަލީ ދޮށިމޭނާ ކިލެގެފާނަށް 1878 ވަނަ އަހަރު އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. މި އާލާސްކަންފުޅުގެ އަސްލަކީ ބަންގާޅަށް ކުރެއްވި ދަތުރެއްގައި ޖެހުނު ހުމެކެވެ. ކިލެގެފާނަށް ޖެހިވަޑައިގެން ހުމުގެ މި އާލާސްކަންފުޅުގެ ވާހަކައާއި އެކިލެގެފާނުގެ ފަހު ދުވަސްތަކުގެ ވާހަކަތައް މީރުބަހުރު މުޙައްމަދު އިސްމާއީލް ދީދީ ތަފްސީލުގޮތެއްގައި ލިޔުއްވާފައިވެއެވެ. މުޙައްމަދު އިސްމާއީލް ދީދީގެ ބައްޕަ އިސްމާއީލް ދީދީގެ ޅަދުވަސްވަރު ހޭދަކުރެއްވީ ގާލީގައި، ކިލެގެފާނުގެ ބޮޑުގޭގައެވެ. ކިލެގެފާނަށް އާލާސްކަންފުޅު ޖެހުނު ދުވަހުގެ ވާހަކައިން މުޙައްމަދު އިސްމާއީލް ދީދީ ލިޔުއްވާފައިވެއެވެ:

“ހިޖުރައިން 1295 ވަނަ އަހަރު (1878މ) ރަބީޢުލްއާޚިރު މަހުގެ ވަރަށް ކުރީކޮޅުގެ އެއްދުވަހަކު އިސްމާއީލް ދީދީ ގާލީ ބޮޑުގޭ މަތީގައި ދަވާދުލައްވާން އަރައިއުޅުއްވަނިކޮށް ޢަލީ ދޮށިމޭނާ ކިލެގެފާނުން ބޭރުންވަޑައިގެން ވެދެވަޑައިގެންފައި ވިދާޅުވިޔޭ:

އަހުރެން މާގަދަޔަކަށް ހުންއަތުވެއްޖެޔޭ ތިޔަ މަސައްކަތް ހުއްޓާލާފައި ޑަކްޓަރު އެންތޯނިސް ގޮވައިގެން އަންނަހަރޭ”

ޑަކްޓަރު އެންތޯނިސްއަކީ އެ ދުވަސްވަރު އޮޅުދޫކަރައިގައި ހުންނެވި އެންމެ ބޮޑު ޑަކްޓަރެވެ. އިސްމާއިލް ދީދީ ޑަކްޓަރު އެންތޯނިސް ހޯދަން ދިޔުމުން އެނގުނީ އެ ދުވަހު ޑަކްޓަރު ވީ ސިލޯނުގެ ގަވަރުނަރަށް ބޭސްކޮޅެއް ހެއްދެވުމަށް މަހާނޫރާ (ކޭންޑީ)ގައެވެ. އެނބުރި ގެއަށް އައިރު ބޮޑުގޭގައި ތިބި މީހުން ކަންބޮޑުވެގެން ވައިގުގުލާއި ކޮތަނބިރީން ދުންއަޅަނީއެވެ. އެ ދުވަހު ކިލެގެފާނަށް ބޭސްކޮޅު ހެއްދެވީ ސިންގަޅަ ޑަކްޓަރެކެވެ. ބޭސްކޮޅު ހިއްޕެވުމަށް ފަހު އަލީދޮށިމޭނާ ކިލެގެފާނު އިސްމާއިލް ދިދީއަށް ވިދާޅުވިއެވެ: ގާލީ ކޯއްޓޭޔަށް ގޮސް މަގޭ އިބްރާހިމް ދީދީއަށް މިހުމުގެ ވާހަކައާއި އަވަހަށް އަންނާން ތެލިގްރާފް ކުރާށެވެ. ހުންފުޅު ޖެހިވަޑައިގެންނެވި އިރު ކިލެގެފާނުންގެ ދޮށީ ދަރިކަލުން އިބްރާހިމް ދީދީ (އިބްރާހިމް ދޮށިމޭނާ ކިލެގެފާނު) ހުންނެވީ އިންޑީއާގެ ކަލްކަތާގައެވެ.

ސިންގަޅަ ޑަކްޓަރު އަލީ ދޮށިމޭނާ ކިލެގެފާނަށް ބޭސްކޮޅު ހަދާތާ ތިންވަނަ ދުވަހު ފިތްތަކެއް ނަގާ ގައި ރަތްވެއްޖެއެވެ. ކިލެގެފާނުގެ އަރިކައްޓަށްވެސް ތަދެއް އަރައިފިއެވެ. ކުރީ ދެދުވަހަށް ވުރެ ހުން މާ ގަދަވެއްޖެއެވެ. އެރޭގެ ރޭގަނޑު ޑަކްޓަރު އެންތޯނިސް ކޭންޑީއިން ގާލީއަށް އައިސް އޭނާގެ ގެޔަށްވެސް ނުގޮސް އައީ ކިލެގެފާނުންގެ ބޮޑުގެއަށެވެ. އޭގެ އަނެއް ދުވަހުގެ ހެނދުނު ކިލެގެފާނުގެ ބަލިހާލަށް ލުއިކަމެއް އައެވެ. ނަމަވެސް ހަވީރަށް ވީއިރު ހުން ގަދަވެއްޖެއެވެ. ހަވީރު ފަސްގަޑިބައި ވީއިރު ޑަކްޓަރު އެންތޯނިސް އައިސް ކިލެގެފާނުގެ ހާލުކޮޅު ބެއްލެވުމަށް ފަހު އިސްދަށަށް ޖަހައިގެން ހިނގާން ފެށިއެވެ. މުޙައްމަދު އިސްމާއިލް ދީދީ ލިޔުއްވާފައިވެއެވެ:

“މުއްސަނދިކަމާއި ދީލަތިކަމަށް އޮޅުދޫކަރައިގައި މަޝްހޫރުވެފައިވާ ޢަލީ ދޮށިމޭނާ ކިލެގެފާނު އާލާސްކަންފުޅާ އުޅުއްވާ ހަބަރު މުޅި ރަށުތެރޭގައި ފެތުރިއްޖެއެވެ. ކިލެގެފާޏުގެ ރަހުމަތްތެރިންނާއި ސަރުކާރުގެ ބޮޑަތި މީހުން ބައްދަލުވާން އަންނާން ފަށައިފިއެވެ. ޑަކްޓަރު އެންތޯނިސް ބޭސްކޮޅު ކޮށްކޮށް ހުއްޓައިމެ އާލާސްކަންފުޅު ދިޔައީ މަޑުމަޑުން ބޯޑުވަމުންނެވެ. ރޭގަނޑު ހޭލާ ތިބޭން ފަށައިފިއެވެ. ޑަކްޓަރު ހަދާ ބޭސްކޮޅުގެ އިތުރަށް އެގޭގައި ތިއްބެވި މެހެމާނުންގެ ތެރެއިން ސައްޔިދު ބޭކަލުން ފަންޑިތަވެސް ހަދައެވެ”

ކިލެގެފާނު އެ ހާލުކޮޅުގައި އޮންނަވާތާ ދިވަހަވަރަކަށް ދުވަސް ފަހުން ފަރަންސޭސި ބޯޓެއްގައި އެކިލެގެފާނުގެ ދޮށި ދަރިކަލުން އިބްރާހިމް ދީދީ (ދޮށިމޭނާ ކިލެގެފާނު) ގާލީގެ ބަނދަރަށް އަތުވެއްޖެއެވެ. ޑަކްޓަރު އެންތޯނިސް ދުވާލަކު ދެއިރު ކިލެެގެފާނުގެ ހަށިކޮޅު ބައްލަވައެވެ. މި ދުވަސްތަކުގައި އަލީ ދޮށިމޭނާކިލެގެފާނު ގަލީގައި ދިރިއުޅުއްވި އަދި މަރުބަލީގައި އޮންނެވި ގާލީގައި އެކިލެގެފާނު ބިނާކުރެއްވި ބޮޑެގެއަށް އައިސްފައިވާ ހިތާމަވެރިކަން ސިފަކޮށް މުޙައްމަދު އިސްމާއިލް ދީދީ ލިޔުއްވާފައިވެއެވެ:

“މިހުރިހައިކަމަކާ އެކުވެސް، ޢަލީ ދޮށިމޭނާ ކިލެެގެފާނުގެ ހާލުކޮޅު ދިޔައީ ދުވަހަކަށް ވުރެ ދުވަހަކު ބޮޑުވަމުންނެވެ. ކިލެގެފާނުގެ އާއިލާގެ ބައެއް ބޭފުޅުންގެ ލޮލުން ހިތާމައިގެ ކަރުނަފޮދު އޮހޭވަގުތުވެސް އާދެއެވެ. ޒަމާނުއްސުރެ ކިލެގެފާނު އަރިހުގައި އުޅުނު އިހުލާސްތެރި ކިޔަމަންތެރި ޚާދިމުން ތަންތާ ބިތްޖެހި ހިތާމައިގެ ޙައިރާނުގައި ތިބޭން ފަށައިފިއެވެ”

އޮޅުދޫކަރައިގެ ގާލީއަށް ފައިސާގެ ވާރޭ ވެހުނު ދުވަސް

ޢަލީ ދޮށިމޭނާ ކިލެގެފާނު އަވަހާރަވުން:

19 ވަނަ ގަރުނުގައި ދިވެހި ރާއްޖެއާ ބޭރުގެ ރަށްރަށާއި ދެމެދު ވިޔަފާރީގެ އަދި އެކުވެރިކަމުގެ މުހިންމު ގުޅުންތަކެއް އުފެއްދެވި ދިވެހި ރާއްޖެ ދުށް އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ އަދި ފައިސާގެ ހިންގުންތެރިޔާ، 1857 ވަނަ އަހަރުއްސުރެ ރާއްޖޭ ދޫކުރައްވައި އޮޅުދޫކަރައިގެ ގާލީގައި ދިރިއުޅުއްވަމުން ގެންދެވި މާލޭ ގަލޮޅުގޭ ޢަލީ ދޮށިމޭނާކިލެފާނު ބަންގާޅަށް ކުރި ދަތުރުގައި ޖެހުނު ހުންފުޅު ފަސޭހަ ނުވެ ކުރިމަތިވި އާލާސްކަންފުޅުގައި އޮޅުދޫކަރައިގެ ގާލީގައި އަވަރާވެއްޖެއެވެ. އެކިލެގެފާނު އަވަހާރަވީ ގާލީގައި ދިރިއުޅުއްވާތާ 20 އަހަރަށް ވުރެ ގިނަދުވަސް ވަނީވެފައެވެ. އަލީ ދޮށިމޭނާ ކިލެގެފާނު އަވަހާރަވީ ދުވަހުގެ ވާހަކައިން މުޙައްމަދު އިސްމާއިލް ދީދީ ލިޔުއްވާފައިވެއެވެ:

“ޢަލީ ދޮށިމޭނާކިލެގެފާނުގެ ހާލުކޮޅު ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުންގޮސް އެ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 20 ވަނަ ދުވަހު އެކިލެގެފާނަށް މިންވަރުކުރައްވާފައިވާ ނޭވާފުޅުތައް ހަމަކުރެއްވުމަށް ފަހު، މިދުނިޔޭގެ ޚާރުބާރާއި މަސައްކަތްތަކާއި ވަކިވެވަޑައިގެން އާޚިރަތުގެ ދެމިއޮންނަނިވި ގޮވައްޗަށް ފުރާވަޑާއިގެންފިއެވެ”

  • ޢަލީ ދޮށިމޭނާ ކިލެގެފާނުގެ މަގުބަރާ

ޢަލީ ދޮށިމޭނާ ކިލެގެފާނަށް މި އާލާސްކަންފުޅު ޖެހުނުގޮތާއި ގާލީ ބޮޑުގެއަށް ދިމާވި ބޮޑު ހިތާމައާ މެދު މުޙައްމަދު އަމީން ލިޔުއްވާފައިވެއެވެ:

“ގާލީގައި ދިވެހި ޕާރޓީގެ ދިރިއުޅުން ވަރަށް އުހައުވެރިގޮތުގައި ހޭދަވަމުން ދަނިކޮށް އެބައިމީހުންގެ ދިރިއުޅުމުގެ ވިދުވަރެއްކަމުގައިވި އުޖާލާ ތަރި އޮއްސިއްޖެއެވެ. ބަންގާޅަށް ކުރެއްވި ދަތުރުފުޅެއްގައި ޖެހިވަޑައިގެންނެވި ހުންފުޅެއްގެ ނަތީޖާއެއްގެ ގޮތުން އަލްއަމީރު ޢަލީ ދޮށިމޭނާކިލެގެފާނު ގާލީ ބޮޑުގޭގައި އަވަހާރަވެއްޖެއެވެ. އެކިލެގެފާނު މި ހުވަފެނއްފަދަ ދުނިޔެއިން ވަކިވެވަޑައިގަތީ އީސާގެފާނުންގެ ސަނަތުން 1878 ވަނަ އަހަރުގެ ތެރޭގައެވެ. ފަސްދާނުލެވިފައިވަނީ ގާލީ ކަލުވެއްލާ މިސްކިތުގެ ޙަރީމްގެ ތެރޭގައެވެ. އެކިލެގެފާނާއި އެއްކޮށިކޮޅުގެތެރޭގައި ވަޅުލާފައިވަނީ އެކިލެގެފާނުން އަވަހާރަވީއިރު ކާވަނިބައްލަވައިގެން އުޅުއްވި ޚަދީޖާ ދީދީއެވެ. މި ދެ މަހާނަފުޅު ހައްދަވައި އެމަހާނަފުޅު ބެލެހެއްޓެވުމަށްޓަކައި ކަޅުވެއްލާ މިސްކިތާއި އިންވެގެން އޮތް ބިންގަނޑެއް ބައްލަވވައިގެން ވަޤުފުކުރައްވާ ހެއްދެވީ ޢަލީ ދޮށިމޭނާ ކިލެެގެފާނުންގެ ދޮށީދަރިކަލުން އިބްރާހީމް ދޮށިމޭނާކިލެގެފާނެވެ”

ދިވެހި ރާއްޖެއާއި އޮޅުދޫކަރައިގެ ރައްޔިތުންގެ މައްޗަށް ދީލަތިކަން ބެހެއްޓެވި މާލޭ ގަލޮޅުގޭ އަލީ ދޮށިމޭނާ ކިލެގެފާނު އޮޅުދޫކަރައިގެ ގާލީގައި އަވަހާރަވުމުން އެ ކިލެގެފާނު ގާލީގައި އާރާސްތުކުރެއްވި ބޮޑުގެއަށް ވެރިވި ހިތްދަތިކަމާއި ގާލީގެ ރައްޔިތުން އެކިލެގެފާނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރިގޮތް މުޙައްމަދު އިސްމާއިލް ދީދީ ވަރަށް ފުރިހަމައަށް ސިފަކުރައްވައި ލިޔުއްވާފައިވެއެވެ.

“ޢަލީ ކިލެގެފާނު އަވަހާރަވުމާއެކު ގޭތެރޭގައި ހިތާމައިގެ ރުއިމުގެ އަޑު ގަދަވެއްޖެއެވެ. އެދުވަސްވަރު ޢަލީ ކިލެގެފާނުގެ ބޭފުޅުންނާއި ބޭފުޅުންގެ ބޭފުޅުންނާއި ގާތްތިމާގެ ބޭފުޅުންގެ ތެރެއިން ތުއްޕުޅު ބޭފުޅުންވެސް ގާލީގައި ވަރަށް ގިނައިން ތިއްބެވޫއެވެ. ޚައްދާމުންނާއި ބައެއް ނޯކަރުންނަށް ނުހަނު ބޮޑު ހިތާމަވެރިކަން ލިބުނެވެ.

އަވަހާރަވީ ކިލެގެފާނުގެ ހަށިކޮޅު ތަޖުހީޒު ތަކުފީން ކުރައްވައި ސަންދޯއްޕުޅުގައި ވަޑުވައިފިއެވެ. އެ ސަންދޯއްޕުޅު ގެންދިޔައިރު އަރިހުގައި މީހުން ދިޔަހައި ގިނަކޮށް އެއިގެ ކުރީގެ ސަންދޯކަކާއި އެކީ ގާލީގައި ދުވަހަކުވެސް ބަޔަކު ދިޔަކަމަކަށް ނުވެއެވެ. ސަންދޯއްޕުޅު ބޮޑުގެއިން ނުރުނީއްސުރެ ކަޅުވެލީ މިސްކިތާ ހަމަޔަށް ދެވުމަށް ދާންދެން ހަތަރުއަނާޔާއި ބައިރުފިޔާއާއި އަދި ރުފިޔާ ބެހިއެވެ. މިފަދައިން ގާލީ ބޮޑުގޭގަޔާ ކިލެގެފާނުގެ ފިހާރަތަކުގައި ހަނޑުލާއި “ފޭރާން ބެއްސެވެ. އަދިއަދަށްދާންދެންވެސް ގާލީގެ މުސްކުޅިން އެދުވަހަށް ކިޔައި އުޅޭނީ ގާއްޔަށް “ރުފިޔާގެ ވާރޭ ވެހުނު ދުވަސް” މިހެނެވެ

އެތައް ވެރިންނެއްގެ ދުރު ކާފަ ގާލީގެ ފަސްގަނޑުދަށުގައި

މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވާ ގޮތުގައި ޢަލީ ދޮށިމޭނާ ކިލެގެފާނަށް 3 ކައިވެނިފުޅަކުން 13 ބޭފުޅަކު ލިބިވަޑައިގަތެވެ. ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތް ބަނޑުން 4 ބޭފުޅުން ލިބިވަޑައިގަތެވެ. މި ބަނޑުގެ އެންމެ މަޝްހޫރު ބޭފުޅަކީ 19 ވަނަ ގަރުނުގައި ރަސްކަން ކުރެއްވި ތިން ރަސްކަލެއްގެ ބޮޑުވަޒީރުކަމުގައި ހުންނެވި އަލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. ފަހެ, ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ފުރަތަމަ ކައިވެނިފުޅު ނުވަތަ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ މަންމާފުޅުގެ ނަމަކާއި މެދު ލިޔެވިފައިވާ ލިޔުންތަކުގައި ތަފާތު އެބަހުއްޓެވެ. ނަސަބުގެ ދިރާސާކުރައްވާ ބޭފުޅުން މިކަމުގެ މައްޗަށް ދިރާސީގޮތުން ލިޔުއްވާފައިވުމުން އެކަން ދޫކޮށްލަމެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނަށް ފަހު އިބްރާހިމް ދޮށީމޭނާ ކިލެގެފާނުގެ ނަންވެސް އޮޅުދޫކަރައިގައި ވަރަށް ބޮޑަށް ފެތުރުނެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނުވެސް ވެވަޑައިގަތީ އޮޅުދޫކަރައިގެ ވެރީންގެ އިހުތިރާމް ލިބުނު ފަރާތަކަށެވެ. ގާލީގައި ހުންނަ ތުރުކީގެ ކޮންސަލް (ސަފީރު) ކަން އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައިގަތެވެ.

  • އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އަދި މާލޭ އިބްރާހީމީ މިސްކިތް ކުރީގައި

ޢަލީ ދޮށިމޭނާ ކިލެގެފާނު ދެވަނައަށް ކައިވެނިފުޅު ބައްލަވައިގަތީ ގަމު އަލިމަނިކުގެ ދަރިއަކާ ކަމުގައި މުޙައްމަދު އަމީން ލިޔުއްވައެވެ. މި ބަނޑުން ސަންފާދީދީ ލިބިވަޑައިގަތެވެ. އެކިލެގެފާނުގެ ތިން ވަނަ ކައިވެނިފުޅަކީ މުލީގޭ ދޮންދީދީއާ ކުރެއްވި ކައިވެނިފުޅެވެ. މި ކައިވެނިފުޅުން 5 ބޭފުޅަކު ލިބިވަަޑައިގަތެވެ. އެންމެ ފަހުން ކައިވެނިބައްލައިގަތީ ޗަރުކޭސީ ބޭކަނބަލަކާއެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނު ކައިވަނި ބައްލަވައިގަތުމަށް ފަހު އެއީ ޚަދީޖާ ދީދީއެވެ. ޗަރުކޭސީ އަކީ ސަރކަސިއަނުންނެވެ. މި ނަސްލު މިހާރު ބޮޑަށް އޮތީ ރަޝީޔާއާ ގާތް، ކުރީގެ އުސްމާނީ ހިލާފަތުގެ ބައެއް ސަހަރައްދުތަކުގައެވެ. ޗަރުކޭސީ ޚަދީޖާ ދީދީގެ ބަނޑުން 3 ބޭފުޅުން ލިބިވަޑައިގަތެވެ. އެއް ބޭފުޅަކީ ސިފައިންގެ ދެވަނަ ކޮމާންޑަރުކަން ކުރެއްވި މަޝްހޫރު އަތިރީގޭ އަބްދުﷲ ދީދީއެވެ. އަބްދުލް މަޖީދު ދީދީ ރަންނަބަނޑޭރި ކިލެގެފާނާއި 20 ވަނަ ގަރުނުގެ ތެރޭގައި ދިވެހި ދައުލަތުން ސިލޯނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އަބްދުލް ހަމީދު ދީދީ އަފަންދީއަކީ ހިމެނެނީ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ކާފަ ދަރިދަރިކަލުންގެތެރޭގައެވެ.

  • އަބްދުލް މަޖީދު ދީދީ، އަބްދުﷲ ދީދީ، ޢަބްދުލް ޙަމީދު ދީދީ

ދިވެހި ރަސްކަމުގެ ތަހުތުގައި އެންމެ ފަހަށް އިންނެވި އައްސުލްޠާން މުޙައްމަދުލް ފަރީދުލް އައްވަލާއި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި ދިވެހި ދައުލަތުގެ އިސްގާމުތަކެއް ފުރުއްވި އަލް އަމީރު ޙަސަން ފަރީދު ދީދީ ހިމެނިވަޑައިގަންނަވަނީ އަލީ ދޮށިމޭނާ ކިލެގެފާނަށް މުނިކާފަ ކިޔާ ބޭފުޅުންގެތެރޭގައެވެ. އެހެންކަމުން ދުރު ރަށެއްގައި ފަސްދާނުލެވިފައިވާ އަލީ ދޮށިމޭނާ ކިލެގެފާނަކީ ދިވެހި ދައުލަތުގެ އެންމެ އިސް މަގާމްތައް ފުރުއްވި އަދި މިހާރުވެސް ފުރުއްވަމުންދާ އެތައް ވެރިންނެއްގެ ދުރު ކާފައެވެ.

  • މުޙައްމަދު އަމީން، ޙަސަން ފަރީދު، މުހައްމަދު ފަރީދު

ގާލީގައިވާ ދިވެހިންގެ ތަރިކަ

ގާއްޔާއި އެ ރަށުގައިވާ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ޒިޔާރަތާއި މިސްކިތުގެ މުހިންމުކަން ދިވެހިންނާ ގުޅިފައިވަނީ ވަކި ޢާއިލާއެއްގެ ދުރުކާފައާ އޮތް ގުޅުމުގެ ސަބަބުން ނޫނެވެ. ދިވެހި ތާރީޚުގެ ބައެއް ސަފުހާތަކާއި ދިވެހިންގެ މަސައްކަތްތެރިކަން އެތަންތަނުގައި ވާތީއެވެ. ގާލީގައިވާ ދިވެހިންގެ ތަރިކައިގެ މުހިންމުކަމުގެ މައްޗަށް އަލް އަމީރު އިބްރާހިމް ފަރީދު 1982 ވަނަ އަހަރު ލިޔުއްވާފައިވެއެވެ:

“ޢަލީ ދޮށިމޭނާ ކިލެގެފާނުގެ މަޤްބަރާއަކީ އެއިރު ތިބި ދިވެހީންގެ ޚިޔާލު ތަންދިން އެންމެ ފުރިހަމަގޮތުގައި ތިންކޮޓަރިއަކަށް ބިނާކޮށް ހިޔާކުރެވިފައިވާ ރީތި އާސާރީ ތަނެކެވެ. ދޮރުތައް ހަދާފައި ހުރީ ކަޅުވަކަރުންނެވެ. ޖާލީތަކާއި ތުނޑުބަރި ލީ ފައިދޮށު ކޮޅުފިލާ ވެސް ހަދާފައި ހުރީ ކަޅުވަކަރުން ބިންވަޅުނަގައި ކަވި ކުރެހުންތަކުން ފުރިހަމަކޮށްފައެވެ. ބިސްތާނާގައި ހުރި ހުރިހައި ގަލެއްވެސް ހުރީ ހިރިގަލުން ހަދައި އާދަޔާ ޚިލާފަށް ބިންވަޅުނަގައި ކުރަހާފައެވެ.

  • ކަޅުވެލި މިސްކިތުގެ ބައެއް ތަސްވީރުތައް

ކަޅުވެއްލާ މިސްކިތް އެންމެ ފުރަތަމަ ބިނާކުރެއްވީ ވެސް ޢަލީ ދޮށިމޭނާ ކިލެގެފާނު ވަޤުފުކުރައްވާފައިވާ އަމިއްލަފުޅު ބިމެއްގައި ކަމަށް ބުނެވެއެވެ. މިހާރު (ކަޅުވެއްލާ) މީރާ މިސްކިތުގެ ބިނާވަނީ ބޮޑުކޮށް ޒަމާނާއި އެކަށީގެންވާ ވަރަށް ފުރިހަމަ ތަނަވަސް މިސްކިތަކަށް ހަދާފައެވެ. މިއައު މިސްކިތް ހުޅުވީވެސް މިދިޔަ އަހަރު ފަހުކޮޅުގައެވެ. މީރާ މިސްކިތް ބިނާކުރުމުގައި ހެދިފައިހުރި ބައެއް ބޯކާއި ކުރެހުން ޢަލީ ދޮށިމޭނާ ކިލެގެފާނުގެ މަޤްބަރާގައި ހުރިގޮތާއި ވަރަށް އެއްގޮތެވެ.

ދިވެހިންގެ އެފަދަ އާސާރީ ދެވަނަ ތަނެއް ގޯލް ފިޔަވައި ބޭރު ދުނިޔޭގެ އެހެން ތަނެއްގައި ހުރިކަމެއް އެނގިފައި ނެތެވެ”

  • ގާލީގެ ގޮނޑުދޮށް

ގާއްޔަކީ އިހުގައި އޮޅުދޫކަރައިން ދިވެހިންނާ އެންމެ ގުޅުން ބޮޑުރަށެވެ. އެރަށަކަށް ދިވެހިންގެ އެންމެ ގިނަ ބަޔަކު ގޮސްއައިސްވާ އަދި ދިރިއުޅެފައިވާ ރަށެވެ. ސަގާފީ ތަރައިކައިގެ މުއްސަނދި ގާލީގައިވާ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ޒިޔާރަތާއި ކަޅުވެލި މިސްކިތަކީ ދިވެހިންގެ ތާރީޚީ އާސާރީ ތަރިކައެކެވެ. މިއަދުވެސް އޮޅުދޫކަރައަށް ދިވެހިންގެ އެތައް ބަޔަކު އެކި ބޭނުންތަކުގައި ދާއިރު އަދި ދިރިއުޅެމުންގެންދާއިރު ދިވެހި ތާރީޚުގެ މުހިންމު ވާހަކަތަކެއް އެ ރަށެއްގައިވާ ގާއްޔަށް ޒިޔާރަތްކޮށް އިހުގެ ދިވެހިންނާ މި ރަށާ އޮތް ގުޅުމާއި ދިވެހި މަސައްކަތްތެރިކަމުގެ އާސާރުތައް ބެލުމަކީ ބޭނުންތެރިކަމެކެވެ. އަދި ސްރީ ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުން ގާއްޔަށް ޒިޔާރަތްކޮށް އެރަށުގައިވާ ދިވެހިންގެ ތާރީޚާ ގުޅިފައިވާ އާސާރުތައް ދެނެގަތުމަކީ ފަހުގެ ޖީލުތަކަށް ބޭރުގައުމެއްގައިވާ ދިވެހިންގެ ތަރިކަ ފޯރުކޮށްދިނުމަށް މުހިންމުކަމެކެވެ. ހާރިޖީ ގުޅުމުގެ ތެރެއިން ދެގައުމުގެ ގުޅުމުގެ ރަމްޒެއްގެ ގޮތުން ގާލީގައިވާ ޢަލީ ދޮށިމޭނާކިލެގެފާނުގެ ޒިޔާރަތާއި ކަޅުވެއްލާ މިސްކިތް ބެލެހެއްޓޭނެގޮތް ވުމަކީ އެދެވޭކަމެކެވެ.

~

އެހީތެރިކަން

  • އަޙުމަދު ޢަލާ ދީދީ
  • މުޙައްމަދު ނާޖިހް
  • މަޢުލޫފް އަޙުމަދު
  • ބަދުރުއްދީން ނަސީމް
  • އަބްދުﷲ ނާހީން މުޙައްމަދު

ހަވާލާދެވުނު ލިޔުންތައް

  •  1922 ދަ މޯލްޑިވް އައިލެންޑްސް، މޮނޮގްރާފް، އެޗް.ސީ.ޕީ ބެލް
  • އެކްސާރޕްޓާ މޯލޑިވިއާނާ، އެޗް.ސީ.ޕީ ބެލް، 1926 – 1922
  • މޯލިޑިވިއަން ލިންގިއުސްޓިކް ސްޓަޑީސް، ވިލްހަމް ގައިގަރ، 1919
  • ސިލޯން ޓްރޭޑް އިންފޮމޭޝަން ބްލެޓިން، 601، 1929
  • ސިލޯން، ޕީޕްސް އެޓް މެނީ ލޭންޑްސް، އަލްފްރެޑް ކްލާރކް، 1910
  • ރިޙްލަތު އިބް ބަތޫތާ، ކޮމެންޓްރީ، އޮރިއެންޓަލް އިންސްޓިޓިއުޓް، 1953
  • ޖަރނަލް އޮފް ދަ ސިލޯން ރޯޔަލް އޭޝިއާޓިކް ސޮސައިޓީ، 14.59, 1907
  • މިޒަމާނުގެ ދިވެހިރާއްޖޭގެ ހަގީގީ ބައްޕަ، މުހައްމަދު އަމީން، 1369ހ
  • ދަރިއެެއްގެ ޝުކުރު، މުޙައްމަދު އަމީން
  • ދިވެހިންގެ ވާހަކަ، ޙުސައިން ޞަލާހުއްދީން
  • ދޮންތުއްކަލާގެ ބައްޕަގެ ހަނދާން، މުޙައްމަދު އިސްމާއިލް ދީދީ
  • ޢަލީ ދޮށިމޭނާ ކިލެގެފާނު، އިބްރާހިމް ފަރީދު، ފަތްތޫރަ، 1982
  • ވޯރާވިޔަފާރިވެރިން ދިވެހިންނަށް ދިން ބޯޑު ގެއްލުން، ޢަބްދުލް ޙަކީމް ޙުސައިން މަނިކު
  • ކުރީގެ ވިޔަފާރިއާއި ބާޒާރުމަތި، އަބްދުﷲ މުފީދު
  • ދަގަނޑު ދަހަނާ، މުޙައްމަދު ނަޝީދު
  • ސިލޯނު އަރުޝީފުގައިވާ ފަތްކޮޅުތަކުގެ ނަކަލްތައް، ދިވެހި ތާރީޚަށް އައު އަލިކަމެއް
  • ދިވެހިންގެ ތަރިކަ 13، ދިވެހި ވިޔަފާރި
  • އަޙްމަދު ޝަފީގުގެ ލިޔުއްވުންތައް
  • ރޯޔަލް އޭޝިއާޓިކް ސޮސައިޓީގެ އަރުޝީފު، ކޮލަންބޯ،
  • އެއްކުރުވެނު މަޢުލޫމާތު

ސިލޯނާއި ގާލީގެ ދުވަސްވީ ފޮޓޯތައް

  • ލަންކަޕޫރާ

ދިވެހި ރާއްޖޭގެ ފޮޓޯތައް

ވޮނަދޮނަ ރާއްޖެ، ފޭސްބުކް

3 ކޮމެންޓު ”ތާރީޚުގެތެރެއިން ދިވެހިންނާއި ސްރީ ލަންކާގެ ގޯލް އަދި ޢަލީ ދޮށިމޭނާ ކިލެގެފާނު“

    އޮއްޕޮ

    ވަރަށް ފުރިހަމަ ލިޔުމެއް

    އިބްރާހީމް ޚަލީލް

    އަލްޙަމްދުލިއްﷲ ޝަޢުޤުވެރިވި ފުރިހަމަ ލިޔުމެއް

    އާދަމް ނާޒިމް ( ނާޒިމްބެ )

    ވަރަށް ޝައުގުވެރިވި ފުރިހަމަ ލިޔުންކޮޅެއް ބޭނުންވަނީ ގާލީ ނުވަތަ ގޯލް އަށްގޮސް ދިވެހިންގެ ޝަގާފީ މުއްސަނދިތަރިކަ ބަލައިލުން.

Leave a Reply to އާދަމް ނާޒިމް ( ނާޒިމްބެ ) ކެންސަލް ރިޕްލައި