ދިޔަވަތް ރަނގަޅު އޮޑި – ފަރިހިން ކިޔައިދޭ ދިވެހިންގެ ނިޔަމިކަން

ކުޅުދުއްފުށީ ތަރިވިދާ ބޯޓް، ނާލުބައްތެލި. ފޮޓޯ: މައިކަލް ފްރީޑެލް

ދިޔަވަތް ރަނގަޅު އޮޑި ފަރިހި

ދިވެހިންނަކީ ކަނޑުތަކުގެ ނިޔަމިންނެވެ. އަމިއްލަ އޮޑިފަހަރުގައި ގަދަކަނޑުތައް ހުރަސްކޮށް ދުރު ރަށްތަކަށް ދަތުރުކުރި މާލިމީންނެވެ. މާކަނޑުގައި ހޭރިޔާކޮށް ދުއްވި ދިޔަވަތް ރަނގަޅު އޮޑިފަހަރުގެ ކަލާސީންނެވެ. އެބައިމީހުން ކުރި ދަތުރުތަކުގައި ލައިގަތް ކޮޅިގަނޑުތަކާއި ނެގި ވިއްސާރައިގެ ވާހަކަ އަޑުއަހާ މީހުންގެ ހިތްތަކުގައި ހަރުލާނެ ރިވެތި ތަރުތީބަކުން ދަތުރުނާމާ ފަރިހިތަކާއި ރައިވަރުން ކިޔައިދިން ޅެންވެރިންނެވެ. މިފަދަ ދަތުރުނާމާ ފަރިހިތަކާއި ރައިވަރުތަކުން މިއަދު ފެންނަން ހުރީ މަދު އެއްޗެކެވެ. މުސްކުޅިންގެ ހަނދާނުގައި ހުރި ގިނަ ތަކެތި ބަދަލުވިޒަމާނުގެ އަތުން ނުލިޔެވި ގެއްލިގެން ހިނގައްޖެއެވެ.

“ދިޔަވަތް ރަނގަޅު އޮޑި” އަކީ ނައިފަރު ދޮހޮއްކޮގެ އަޑުން މިއަދާ ހަމައަށް ވެސް ގިނަ ބަޔަކު ދަންނަ މަގުބޫލު ފަރިއްސެކެވެ. އުންމީދާއި ހިތްވަރު ދިނުމަށް މި ފަރިހީގެ ކަޑިތައް އެކި މަންސަތަކުގައި ނުފެންނަ ދުވަސްވަރެއް ނުދެއެވެ. މުސްކުޅިންގެ ހަނދާނުން މިއަދާ ހަމައަށް އައިސްފައިވާ މަދު ފަރިހިތަކުގެތެރެއިން އެންމެ މޮޅު ފަރިއްސަކީ މިއީ ކަމުގައި ބުނެވިދާނެއެވެ. އެހެނީ، މި ފަރިހިން ބުނެދޭ ވާހަކަތަކުގެ ގިނަކަމެވެ. ރާއްޖޭގެ މޫސުމާއި ދިވެހިންގެ ނިޔަމިކަން ހުރިނެތްގޮތެވެ. އޮޑިދޯނި ފަހަރުގެ އެކި ބައިތަކަށް ދިވެހިން ކިޔާ އުޅުނު ނަންތަކެވެ. ދިވެހި ރާއްޖޭގެ ކަނޑުފަޅުގެ ޖިއޮގްރަފީއެވެ. ކޮންމެ ދުވަސްވަރަކާއި ދާއިރާއަކާ ގުޅޭނެ ގޮތުން “ލީޑާރޝިޕް” ފޮތެއްކަމުގައި ވެސް މި ފަރިހި ފުދެއެވެ. ފަރިއްސަކާއި މެދު “ތީސިސް” އެއް ލިޔެވިދާނެ ފަދަ ގިނަ ވާހަކަތައް “ދިޔަވަތް ރަނގަޅު އޮޑިން” ބުނެދެއެވެ.

“ދިޔަވަތް ރަނގަޅު އޮޑި ފަރިހި” މާނަކުރުން:

“ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގައިވަނީ ފޮރިވިފައިވާ މާނައެއްގައި ކިޔާފައިވާ “ބެރެކި” ވާހަކަތަކެއް ކަމުގައި ބުނާ މީހުން މިހާރު ގިނައެވެ. މިފަދަ ގޮތަކަށް އެކި ޅެންފަރިއްސާ މެދު ދެކެވި އަހަރެމެންގެ ތެރެއިން މި ބާވަތުގެ ވަރަށް ގިނަ ތަކެތި ވަނީ ނެތިގެން ގޮހެވެ. އަދި ފަރިއްސާ މެދު އަދަބީ ގޮތުން ދިރާސާ ނުކުރެވި ދިވެހި ޅެންބަހުރުވައިގެ އަދަބިއްޔާތުން މޮޅު އެތައް އުފެއްދުމަކަށް ދޭންވާ މުހިންމުކަން ވަނީ ނުދެވިއެވެ. “ޅެން މާނަކުރުން” މި ސުރުހީގެ ދަށުން ޢާދަމް ޢަބްދުއްރަޙްމާން، އުތީމު ލިޔުއްވާފައިވެއެވެ:

“ބޭރުފުށުން ފެންނަ މާނަ ނޫން ދެވަނަ މާނައެއް ނަންގަވާއިރު އަމިއްލަފުޅަށް ނިޔާއެއް ކަނޑައެޅުއްވުމުގެ ކުރިން އަނެކާގެ ފިޔަވަޅު މައްޗަށް ހުއްޓިލުމަކީ ނެތްކަމެއް ނޫނެވެ. މިސާލަކަށް: “ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ ވިޔަކަސް ރުޅާ ބޮޑު ދީލައި ނުލާށޭ” ހަމައެކަނި ޅެން ބަހުރުވައިން އޮތް މި ޢިބާރާތަށް ބަލާއިރު ދަތުރުކުރާ އޮޑިއެއްގެ ނިސްބަތުގައި ބޭރުފުށުން ފެންނަ ފުރިހަމަ މާނައެއް އެބައޮތެވެ. ނަމަވެސް ސިޔާސީ ކަނޑެއްގެ ހަލަބޮލި ރާޅުތަކުގެ ތެރޭގައި ހުރި ދަތުރުވެރިޔަކު އޭނާގެ ދަތުރު އޮޑީގެ ނިސްބަތުން ބަލައިފިނަމަ މާނަކުރެވިގެން ދާނީ މުޅިން ސިޔާސީ ގޮތަކަށެވެ. އަދި ހަމައެފަދައިން މި ދިޔަވަތް ރަނގަޅު އޮޑިއަކީ، އިންސާނީ ހަސްތީގައި ހިމެނޭ ދިރުންހުރި ފަރާތެއް ކަމަށް ބަލައިގެން މާނަކުރަން އުޅުމުން ހިތަށް ވަންނަ ތަރުޖަމާ ލިއުމަށް ވުރެ ރީތިކަންބޮޑީ ނުލިޔެ ދޫކޮށްލުމެވެ”

ކޮންމެ ގޮތަކަށް މާނަ ކުރި ކަމުގައިވިޔަސް މި ފަރިއްސަށް ދިވެހި އަދަބީ ހިޔަލުގައި ދެވޭނެ މަގާމު ބޮޑެވެ. މިއީ ދިވެހި ޅެންބަހުރުވައިން ފެންނަން އޮތް އެންމެ ފުރިހަމަ އެއް މަސައްކަތެވެ. މިއީ ނައިފަރު ދޮހޮއްކޮގެ އަޑުން އިވިފައިވާ “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ ނަކަލެވެ.


ދިޔަވަތް ރަނގަޅު އޮޑި ފަރިހި، ނައިފަރު ދޮހޮއްކޮގެ އަޑުން

ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ، ވިޔަކަސް ރުޅާބޮޑު ދީލާނުލާށޭ
މިވަރަށް ދުވާ ނަމަ ނިވަލަށް ނުދެވެނީސް، ދިވަރަށް ދަމާ އޮޑި ކިޔަމަންކުރާށޭ

ޖުންޖުލާ ގަދަ ކުރިމަތި ވަނިއްޔޭ، ދުއްވާނު އޮޑި މަޑު ކޮށްގެން ނުވާނޭ
ހުންގާނު ތިޔައީ މޮޅު ލަކުޑިއެއްހޭ ޤުއްވަތުގާ ހުރިގޮތް ރަނގަޅަށް ބަލާށޭ

ހަޑިވެ އުދަރެސް ނުފެނެވިދަނީއޭ، ބަނޑިލާ ނަގާ ބޯމަތިކޮށް ނިމިއްޖޭ
އަޑިވާ ނަގާ ދިޔަ ނަމައީ ކުދީންނޭ ދަނޑިވަޅު ބަލާފައި އެނގަކުރި ހިފާށޭ

މުގުރިރާޅުގެ ފުއްޓަރުފަރާތޭ، ގުގުރާ ވިދުންތައް ގިނަވެސްވަނީއޭ
ނުގުޑާނެހެން ކަނޑުގާ ހިތްވަރު ކުދީންނޭ މުގުލަށްވެ ތައްޔާރު ހަންޖާތިބޭށޭ

ބަނޑުރިޔަލު ފެނުއެޅެމުންދަނީއޭ އަޑުފަށްކުރީންކުނބު އިވެމުންދަނީއޭ
ކަނޑުއޮޅި މިހާކައިރި ކުޑަތަންވަނީއޭ މަޑުމައިތިރިވެ މަތިކިބަޔަށް އަރާށޭ

ބިރުތަކުން އުދަ ލިބިގެންދަނީއޭ ކިރުފެންކުލައިގައި ފަޅުމަތިފެނިއްޖޭ
އިރުއޮއްސިވާ އަނދިރި ކުޑަތަންވަނީއޭ ދިރުނބާކޮޅަށް ރަނގަޅުކުއްޖަކުއަރާށޭ

ފަސްކަނީންފެންނަ ރަށްތައް އެހާގިނަ، ހައްތާ ވަމުން ބޮޑު އަސްތާދަނީއޭ
ގަސްކަރަމަތިން ރޯޅި އައުމުގެ ކުރީގާ ފަސްގަނޑުގެ ކައިރިން ބަނދަރެއްބަލާށޭ

ދިލިމިލޯދާ ހިނދުގައި ކުދީންނޭ ގިލިތައް ނަގައި ކެނބު ގަދަޔަށް ޖަހާށޭ
ވިލިގެންއަ ނުދަނީސްލި ފުރުމެއް ނުފެނެޔޭ ވިލަކުން މަގޭ އޮޑި ނުނަގަންބުނާށޭ

ދިޔަވަތް ރަނގަޅު އޮޑި ފަރިހީގެ ދުވަސްވީ ކިޔުމެއްކަމަށް ފެންނަން އޮތީ 1976 ވަނަ އަހަރު ދިވެހިންގެ އާދަކާދަ ހުރިނެތްގޮތް ދިރާސާކުރެއްވުމަށް ރާއްޖެ ދުރުވެންނެވި ފަރަންސޭސި އެތުނޮލޯޖިސްޓް ބާރނާޑް ކޮޗްލިން ކުރައްވާފައިވާ ރެކޯޑިންއެކެވެ. ނައިފަރު ދޮހޮއްކޮގެ އަޑުން އިވިފައިވާ “ދިޔަވަތް ރަނގަޅު އޮޑި’ ފަރިއްސާއި ކޮޗްލިން ކުރައްވާފައިވާ ފަރިހީގެ ރެކޯރޑިންގައި ބައެއް ތަފާތު އެބަހުއްޓެވެ. މިތަނުގައި މި ވަނީ އެ ތަފާތުތަކެވެ.

ބާރނާޑް ކޮޗްލިން ކުރައްވާފައިވާ ދިޔަވަތް ރަނގަޅު އޮޑި ފަރިހީގެ ރެކޯރޑިން

ފަސްކަނިން ފެންނަ ރަށްތައް ވަނީ ގިނަ

ލަސްނުވެ ވަމުން ބޮޑު އަސްތާ ދަނީއޭ

ގަސްކަރަމަތިން ރޯޅި އަމުދުންމެ ނުވަނީސް

ފަސްގަނޑުގެ ކައިރިން ބަނދަރެއް ބަލާށޭ

ބަނޑުރިޔާ ފެނު އެޅެމުން ދަނީއޭ

އަޑުފަށް ކުރިންކުނބު އިވިގެން ހިނގައްޖޭ

ދިޔަވަތް ރަނގަޅު އޮޑިއަކީ ދަތުރުނާމާއެއްގެ ވާހަކައިން އޮތް ނަސޭހަތުގެ ފަރިއްސެކެވެ. އެ ފަރިއްސަކުން ދިވެހިންގެ އިހުގެ ނިޔަމިކަމާއި ދަތުރުފަތުރުގެ ވާހަކަ ކިޔައިދޭ ދިވެހި އަދަބިއްޔާތުގެ މޮޅު ފަރިއްސެކެވެ. ހަޔާތުގައި ދަތި ދުވަސްތަކެއް ވޭތުކުރަމުންދާ މީހަކަށް ހިތްވަރުގެ ބަސްތަކެކެވެ. ގައުމެއްގެ ހަޔާތުގައި ކަނޑައްތުކުރަމުންދާ އުނދަގޫދުވަސްތަކަކަށް ތަސައްލީއެކެވެ. ކަމަކުން ކުރިއަށް ދާން ވިސްނާ މީހަކަށް ނުވަތަ ކަމަކާ ހަވާލުވެހުންނަ ވެރިއަކަށް ދާންވީގޮތުގެ މަގު ދައްކާ ސަމުގާއެކެވެ. “އަލިވިލިގެން ނުދަނީސް ވިލަކުން މަގޭ އޮޑި ނުނަގަން ބުނާށޭ” ފަދަ ބަސްތަކަކީ ފުންމާނަހުރި އެބަހުގެ ފައިދާ ކިތަންމެ ރަނގަޅަކަށްވެސް ކުރާނެ ބަސްތަކެވެ.

~

ދެވަނަ ބައި

ދިވެހިންގެ ކަނޑުދަތުރުފަތުރުގައި ރިޔާ

އެންމެ އިހުގައި ދިވެހިން ބޭނުންކޮށް އުޅުނީ ފަންރިޔަލެވެ. މިއީ ފަނުން ސަޓާ ނުވަތަ ސާންތި ވިޔާގޮތަށް ވިޔެ ގުޅުވައިގެން އުފައްދާ ރިޔަލެކެވެ. ފަންރިޔަލުގެ މިސާލަކީ މަޝްހޫރު ކަޅުއޮށްފުންމީގެ ރިޔަލެވެ. ފަންރިޔާ ވިޔެ އުޅުނީ ހަތަރެސްކަނަށެވެ. އެހެންކަމުން މި ބާވަތުގެ ރިޔަލަށް “ފެހުރު ރިޔާ” އާންމުކޮށް ކިޔައެވެ. ފަނުން ނުވަތަ ފޮތިން ކަމުގައިވިޔަސް ހަތަރެސްކަނަށް ހުންނަ ކޮންމެ ރިޔަލަކީ ފެހުރުރިޔަލެވެ. ފަނުން ވިޔެފަ ހުންނަ ފެހުރު ރިޔަލާއި ފޮތީގެ ފެހުރު ރިޔާ ނަގަައި އުޅުނީ ހަތަރެސްކަން ހިފެހެއްޓުމަށް އޮޑިދޯނި ފަހަރުގެ ކުނބަށް ހުރަސް ފަރުމާނު އަޅައިގެނެވެ. މިގޮތަށް ނަގާ ފެހުރުރިޔަލަށް “ހަމަރިޔާ” ވެސް ކިޔައި އުޅެއެވެ.

ފަންރިޔާ، ފެހުރު ރިޔާ

ހަތަރު ކަނަށް ހުންނަ ރިޔާ (ފެހުރުރިޔާ، ހަމަރިޔާ) ދޫކޮށް ދިވެހިން ތިން ކަނަށް ހުންނަ ރިޔަލަށް (ކަތިރިޔަލަށް) ބަދަލުވީ 1890ގެ އަހަރުތަކުގައި ކަމަށް އަޙްމަދު ޝަފީޤް ލިޔުއްވައެވެ. ކަތިރިޔަލަށް ކަޗޭރިޔާ ނުވަތަ ކައްޗޭ ރިޔާ ވެސް ކިޔައި އުޅުނެވެ. މިއީ ފަރުމާނަށް ނަގާ ކޮޅު ދިގުކޮށް ހުންނަ ތިނެސްކަން ރިޔަލެވެ. ރިޔަލުގެ ބަދަލުވަމުން އައި ދައުރުތަކާ މެދު އިބްރާހީމް ޝިހާބު ވިދާޅުވެފައިވެއެވެ:

“ފަލީގެ ދުވަސްތަކަށް ފަހު އައީ ފަން ރިޔަލުގެ ދައުރެއް. ހަތަރެސްކަން ފަން ރިޔަލެއް. ދިވެހި ރާއްޖޭގެ މީހުން އެ ރިޔާ ވިޔަނީ. އެ ރިޔާ ނަގައިގެން މަސްވެރިކަން ކުރީ. ދެން އައީ ފޮތި ރިޔާ. ރިޔާ ކަނޑާފޮތީގެ ރިޔާ. އެކަމަކު ފަންރިޔާ ފާޑަށް ހަތަރެސްކަނަށް

ހަމަރިޔަލުން (ފެހުރުރިޔާ) ދެން ބަދަލުވީ ބޯޓު ރިޔަލަށް. ބޯޓު ރިޔަލޭ މި ކިޔަނީ ފުރަތަމަ އެ ރިޔާ ގެންގުޅުނީ މިތަނަށް އައި ކަޗޭ ބޯޓު ފަހަރުގެ މީހުން. އެއީ ކަތިރިޔާ

ކަތިރިޔާ، ކަޗޭ ރިޔާ. ކުރެހުން: އަޙްމަދު ޝަފީޤް

ދިވެހި އޮޑިދޯނިފަހަރު 1560މ އަހަރުތަކުގެ ގެތެރޭގައި ވެސް ބޭނުންކުރެވެމުން ދިޔަ ފަންރިޔަލުން އޭގެ ފަހަށް ފޮތީގެ ފެހުރު ރިޔަލުން 1800ގެ އަހަަރުތަކުގެ ފަހު ކޮޅު ބަދަލުވި ކަޗޭ ރިޔަލުން އިންޖީނު އެޅި އުޅަނދުފަހަރަށް ބަދަލުވީ 1974 ވަނަ އަހަރުއެވެ.

ދިޔަވަތް ރަނގަޅު އޮޑި ފަރިހީގެ ޝަރަހަ

“ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ މި ޝަރަހައަކީ ދިވެހިންގެ ނިޔަމިކަމާއި ރިޔަލު ދޯނީގެ ދަތުރުފަތުރާއި މޫސުމާ ގުޅޭގޮތުން މާލިމީ މުޙައްމަދު ޔޫސުފާއި އަދި ކުރީގައި ދަތުރުކޮށް އުޅުނު ބައެއް މުސްކުޅީން ކިޔާދެއްވި ވާހަކަތައް އަސްލެއް ކަމަށް ބަލައިގެން ކުރެވިފައިވާ ޝަރަހައެކެވެ. މައިގަނޑަކީ މުޙައްމަދު ޔޫސުފް “ދިޔަވަތް ރަނގަޅު އޮޑި” ކިޔާ ދެއްވި ގޮތެވެ. ދިޔަވަތް ރަނގަޅު އޮޑި ފަރިހީގައި ބުނާ ވާހަކަތަަކަށް އިތުރަށް ދޭހަކުރުމަށް “ސަމުގާ ނުބައްޔާ ކަމުގައި މަގޭވެރި ފުރާކަށް ނެތީމޭ” މި ފަރިއްސާއި ޔޫސުފް ޢަލިފުޅުގެ ބައެއް ޅެންތަކާއި ކުރީގެ ބައެއް ރައިވަރުތަކަށް ބެލުނެވެ.

ފާހަގަވާ ހާއްސަކަމަކީ “ދިޔަވަތް ރަނގަޅު އޮޑި” ފަރިއްސާއި “ސަމުގާ ނުބައްޔާ” ފަރިހި އެއްތާކު ބާވައިގެން ކިޔާ މީހަކަށް ދިޔަވަތް ރަނގަޅު އޮޑި ފަރިހިން ބުނެދޭ ވާހަކަތައް އަދި މާ ސާފުވާކަމެވެ. “ސަމުގާ ނުބައްޔާ” ފަރިހި ހެއްދެވީ ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު ކަމުގައި ބުނެވެއެވެ. މިއީ ދިޔަވަތް ރަނގަޅު އޮޑި ފަރިހިވެސް ނިސްބަތްކުރާ މަޝްހޫރު ލަގޮނޑި މާލިމީއެވެ. މާލިމީ މުޙައްމަދު ޔޫސުފް، ދޮންފަނު ވިދާޅުވީ “ސަމުގާ ނުބައްޔާ” ފަރިހި ހެއްދެވީ ދޮންޢަލީ ޙާޖީ ކަލޭފާނުކަމަށެވެ. މި ދޮންޢަލީ ޙާޖީ ކަލޭފާނަކީ ދިއްދޫ އިބްރާހިމް ކަލޭފާނުގެ ބައްޕައެވެ. އޮޑިވެރި ނިޔަންމެކެވެ.

~

ރިޔާ ނެގި ދިޔަވަތް ރަނގަޅު އޮޑި: 

ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ، ވިޔަކަސް ރުޅާބޮޑު ދީލާނުލާށޭ
މިވަރަށް ދުވާ ނަމަ ނިވަލަށް ނުދެވެނީސް، ދިވަރަށް ދަމާ އޮޑި ކިޔަމަންކުރާށޭ

ބަނދަރުހިފަން ދަތުރުކުރާ ރިޔަލަށް ކެރޭ ދިޔަވަތް ރަނގަޅު އޮޑިފަހަރު ކަނޑުގައި ކިތަންމެ ރާޅުބޮޑުވިޔަސް އަނބުރާ ނުލާށެވެ. ރަނގަޅަށް ދުވާނަމަ ރަށެއްގެ ނިވަލަށް ނުދެވެނީސް މިސްރާބު ބަދަލުނުކުރާށެވެ. ދިވަރަށް ދަމާ އޮޑި ކިޔަމަންކުރާށެވެ.

ދިވަރު އަދި ފަންރިޔަލުގެ ބައިތައް. ކުރެހުން: އަޙްމަދު ޝަފީޤް

“ދިޔަވަތް ރަނގަޅު އޮޑި” އަކީ ކަނޑަށް ގަދަކޮށް ބަނދެފައިވާ މޮޅު އޮޑިއެވެ. ފަރިހީގައިވާ “ރުޅާބޮޑު” އަކީ “ރާޅުބޮޑު”ގެ ފުރޮޅުމެވެ. “ދީލައިލުމަކީ” ފުރާދުއްވާ އޮޑިދޯނިފަހަރުގެ މިސްރާބު ބަދަލުކޮށް އަނބުރައިލުމެވެ. ބުރާރަކޮއި ކިޔާފައިވަނީ “އެހެންވިއްޔާ އަތޮޅުވެރީންނާ ބައްދަލުވެފާ ނޫނީ މާލެޔަކަށް ނުދާނަމޭ. އޮޑި ދީލާލަހަރޭ. އެހެން ބުނުއްވީމައި ދީލާލި އޮޑިޔާއިގެން ގޮސް ބާރަށު ކަޑިންމައިން ވަދެގެން ބާރަށު ގޮނޑަށް” ގާތްކުރީއެވެ.

ގަދައިގައި އޮޑިދޯނިފަހަރު ދުއްވާއިރު ކަނޑުގައި ނަގާ ރާޅުގެ ގޮތްތައް ދެނެގަތުމަކީވެސް މުހިންމުކަމެކެވެ. އޮޑި ރާޅާ ކުރިމަތިލާ ގޮތަކުން އޮޑިއަށް ގެއްލުންވެ ދިޔަވެދާނެތީ ނުވަތަ އޮޑި ބަނޑުންޖެހުމުން ދުރުވުމަށެވެ. ދިވެހި ނިޔަކަމުގައި ރާޅު ދެނެގަތުމުގެ ވާހަކައިން މާލިމީ އަކު ކިޔައިދިނެވެ:

“ގަދަ ކަނޑުގައި ދުއްވާފައި ދާއިރު ރާޅާ އޮޑި ގަންބާނުލައި ހިފެހެއްޓުމަށްޓަކައި ދިވެހި މާލިމީން ރާޅުގެ ބާވަތްތައް ދެނެގަނޭ. ހަރުރާޅާ މަޑުރާޅު ދެނެގަނޭ. މިއީ އޮޑި އެ ރާޅެއްގައި ޖައްސައިފި ނަމަ ލިބިދާނެ ގެއްލުމުގެ މައްޗަށް ރާޅު ބަހާ ގޮތެއް.  ރާޅުގެ ބާވަތްތައް ވަކި ކުރަނީ އެ މޫސުމެއްގެ ވައިމަތި ފަރާތާ ދަށްފަރާތުން އަދި އޮޑިކޮޅަށް ސީދާކޮށް އަންނަ ރާޅުން. ދަށްފަރާތުން އަންނަ ރާޅާ، މަތިފަރާތުން އަންނަ ރާޅާ، ކޮޅުން އަންނަ ރާޅު. ރާޅުގެ ބާވަތްތައް ދަންނަ މީހަކަށް ގަދައިގައި ދުއްވާފައި ދެވޭނެ. އޮޑި ބަހައްޓަންވާނީ ރާޅުގެ މަޑަށް. ކޮޅުން އަންނަ ރާޅުގަ ގަންބާލާނީ

މޮޅު މާލިމީން ރާޅާ ކުރިމަލާ އަނެއް ގޮަތަކީ މި ތިން ރާޅަށް އޮޑި ތިރިކޮށް ބަހައްޓާފަ ހުންގާނު ދޫނި ފައިން ގަދައަށް  އޮބާލާނީ އަޑިއަށް”

ރާޅުބޮޑުވިޔަސް ދީލާނުލުމަކީ އޮޑި ފައްސިޔަށް ދުއްވުމެވެ. ޖެހޭ ވަޔާއި އޮޔާ އެއްކޮޅަށް އޮޑި ދުއްވުމެވެ. ކަނޑުގައި ރާޅު ކިތަންމެ ބޮޑުވި ނަމަވެސް ކަނޑަށްގަދަ ރިޔަލަށް ކެރޭ އޮޑިއެއް ފައްސިޔަށް ނުދުއްވޭނޭ ހިތާ އަނބުރައި ނުލުމެވެ. ކުޅަދާނަ ހުޝިޔާރު މާލިމީއަކު ނޫނީ ގަދަވަޔާއި ވިއްސާރައިގެ ތޫފާނެއްގައި އޮޑި ދީލައިނުލާނެއެވެ. ޖެހޭ ވަޔާއި އިދިކޮޅަށް ތޫފާނެއްގެ ތެރޭ އޮޑި ދީލާލައި ދުއްވުމަކީ ނުރައްކާތެރިކަމެކެވެ.

“ނިވަލަށް” ދިއުމަކީ ދަތުރުކުރާ އޮޑިދޯނިފަހަރު ރަށެއްގެ ވައިދަށް ފަރާތަށް ދިއުމެވެ. މޫސުމުގައި ވައިޖެހޭ ދިމާ ނޫން ރަށުގެ އަނެއް ފަރާތަށް ދިއުމެވެ. މިއީ ރަށެއްގެ ގަސްކަރައިގެ ސަބަބުން ވައި ނިވާލާ ހިސާބެވެ. އެހެންކަމުން “ބޭރުމަތިން ދާ އޮޑިއަކަށް ނިވަލެއް ނޯންނާނެއެވެ” ބުނެއުޅެއެވެ. އޮޑިއަޅައިގެން ތިބެވޭނީ ނިވަލުގައެވެ. ރަށެެއްގެ ނިވަލަށް ދެވެންދެން ދިވަރަށް ދަމާ އޮޑި މިސްރާބުކޮށް ދުއްވާށެވެ.

“ދިވަރަކީ” ފަންރިޔަލުގައި ވަޔަށް ފަހިކޮށް ދަތުރުކުރާއިރު ބަނޑުރިޔާ (ރިޔަލުގައި ވައި އަޅާ އަޑިވެފައި އޮންނަ ބައި) ތިލަކޮށް ފުންކުރުމަށް ކުނބުގެ ކުރިއަށް ގޮށްއަޅާ އައްސާފައި ހުންނަ ވަލަށް ކިޔާނަމެކެވެ. ދިވަރު ހަރުކުރަނީ އޮޑީގެ ވައިމަތިފަރާތު ފަޑިއަށެވެ. ދިވަރުގެ ދެފަރާތުން ފަރުމާނުގައި އިތުރު ދެ ވާ އައްސާފައި ހުރެއެެވެ. މިއީ ދެ ބަނޑަވަރެވެ. ދިވަރާއި ބަނޑަވަރުގެ ބޭނުމަކީ އޮޑި ފައްސިޔަށް ދުއްވުމުގައި ބަނޑުރިޔާ (ރިޔަލުގައި ވައި އަޅާ އަޑިވެފައި އޮންނަ ބައި) ތިލަކޮށް ފުންކުރުމެވެ.

އަންނަލެކޮ ދަށުންފަރު

ނަންކުރާ އޮޑިތީބުތަރު

ރަށްމަތިން ދާލެކޯ ހަރު

ބަންނަވަރުވޭ ރިޔަލުދަރު

ޔަށްކާރިދެރަކަމުންލާވަ

ޔަށްއޮޑިދާރަކޯށްލާވަ

ހަރުކޮށް ރަށްމަތިން ދުވެލާފައި ނަންކުރާ ތަރުތީބު އޮޑި ފަރުދަށުން އަންނަ ލެކެވެ (އަންނަ ގޮތެވެ). ރިޔަލުން ދެ ދަރު ބަދެލާހައިވެއެވެ. އޮޑި ކައިރިއަށް ދެރަކަމުން އޮޑިވަޔަށް ދާރަކޮށްލަމުން (އަރިކޮށްލަމުން)ނެވެ. ފަންރިޔަލުގެ ދަތުރުގައި ވައިގަދަވެގެން ރިޔާކުޑަކުރަން ވެއްޖެ ނަމަ ހުންގާނުގައި ހުންނަ މީހާ ރިޔަލުން ދަރެއް ބަނދެލާށޭ ބުނާނެއެވެ”. ދެން ހަންޖަލާ ދިވަރާ ދަންމާނާ ކަނިވާގަނޑު މޮހައި އެއްސުންތައް ބަދަލުކޮށްފާނެއެވެ.

އަޙްމަދު ޝަފީޤް ލިޔުއްވާފައިވެއެވެ:

“ފައްސިޔަށް ދަތުރުކުރާ ނަމަ ބަނޑަވަރުތަކަށް ދޫކޮށް ދިވަރަށް ވެސް ދޫކުރާނީއެވެ. އެއިރުން ރިޔަލުގެ ގޮނި (ރިޔަލުގެ ވައި އަޅާ އަޑިވެފައި އޮންނަ ބައި) ބޮޑުވާނެއެވެ. ވަޔަށް ދަތުރުކުރުމުގައްޔާއި ވައި ގަދަވެގެން ރިޔާ ކުޑަކުރުމުގައި ދިވަރާއި ބަނޑަވަރުތަކަށް ދަމާ ބާރުކޮށް އޮޑި އެއްސުމުން ރިޔަލުގެ ގޮނި ތިލަވެ ރިޔާ ހުންނާނީ އޮޑިޔާ ލެފިފައެވެ”

ދިވަރަށް ދަމާ އޮޑި ކިޔަމަން ކުރުމަކީ މިއެވެ.

~

އެނގަކުރިހިފުން:

ހަޑިވެ އުދަރެސް ނުފެނެވިދަނީއޭ، ބަނޑިލާ ނަގާ ބޯމަތިކޮށް ނިމިއްޖޭ
އަޑިވާ ނަގާ ދިޔަ ނަމައީ ކުދީންނޭ ދަނޑިވަޅު ބަލާފައި އެނގަކުރި ހިފާށޭ

ކަޅުބޯވިލާތަކުން އުދަރެސް ނުފެނި ގުގުރައިވިދަން ފަށައިފިއެވެ. ބަނޑިލާ ނަގާ އަންނަ ރާޅުތައް ދަނީ ބޯމަތިންނެވެ. ވަތުން ދިޔަ ނަގާ އަޑި ވާނަމަ ދަނޑިވަޅު ބަލާފައި އެނގަކުރި ހިފާށެވެ.

“ނުފެނެވިދަނީއޭ” އޮތް ބަހުގެ ނިއުޅުމަކީ އުދަރެސް ބަނަވެ “ނުފެނުމާއި” ގުގުރައި “ވިދުމެވެ”. “އަޑިވާނަގާދިޔަނަމައީ” މި ބަހުގެ ނިއުޅުމަކީ  “ދިޔަ ނަގާ އަޑިވާ ނަމައީ”އެވެ. އޮޑިދޯނިފަހަރުގެ ވަތުން ދިޔަ ނަގަނީ ލަކުޑިން ހަދާފަ އޮންނަ “ފައިން” ނެވެ. “ފޫނެތް ފަޔަކަށް ފެން ފުރުމުން” ވަތް އަޑިއެއް ނުވާނެއެވެ. އޮޑި ދިޔަވެ ގާތީ އަޑިއަށް ދިއުމެވެ. މުޅި ފަރިއްސަކީ މި ކަޑީގައިވާ “އަޑިވާ ނަގާ ދިޔަ ނަމައީ ކުދީންނޭ ދަނޑިވަޅު ބަލާފައި އެނގަކުރި ހިފާށޭ” ބުނާ ބުނުމެވެ. ވަތުން ދިޔަ ނަގާ އަޑި ވާނަމަ ދަނޑިވަޅު ބަލާފައި އެނގަކުރި ހިފުމަކީ “ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރުމެވެ”.

ދޯނީގެ ވަތްތައް، ކުރެހުން: އަޙްމަދު ޝަފީޤް

“އެނގަ” އަކީ ފަންރިޔާ ނުވަތަ ހަތަރެސްކަން ރިޔާލީ އޮޑިދޯނިފަހަރުގެ ފަރުމާނުގެ ދެކޮޅުގައި ތިރިޔަށް ޖަހާފަ ހުންނަ ދެވަލެވެ. ފަރުމާނުގެ ކޮޅުފަސްކޮޅާ ވީބައިގެ ކޮޅަށް ހަރުކުރާ ދަށު އެނގައާއި ދިރުނބާކޮޅަށް ވީބައިގަައި އައްސާ މަތި އެނގައެވެ. މިއީ އޮޑިދޯނިފަހަރުގެ ރިޔަލާ ގުޅޭ ވާވެލާވެލީގެ ބައިތަކެވެ. “އެނގަކުރި ހިފުމަކީ” ގަދަ ކަނޑުގައި އޮޑި ދުއްވާއިރު އެނގައިގެ މި ދެވަލަށް ދޫކުރުމާއި ބާރުކުރުމެވެ. އެނގަކުރި ހިފާ ގޮތާ މެދު އަޙްމަދު ޝަފީގު ލިޔުއްވާފައިވެއެވެ:

“ރާޅުބޮޑު ގަދަކަނޑުގައި އޮޑިދުއްވާ އިރު އޮޑީގައި ގަދަ ރާޅު ނުޖެއްސުމަށްޓަކައި ހަދަން ޖެހޭ ގޮތަކީ، ދަށު އެނގައަށް ދޫކޮށް، މަތި އެނގައަށް ދަމާލަނީއެވެ. ދެން އަނެއްކާވެސް ދޫޖެއްސިހާވަރު ބާރުކޮށްލާފައި ދެ އެނގަ އައްސާނީއެވެ”

އެނގަ އަކީ މާލިމީގެ ބާރުގެ ދަށުގައިވާ ވަލެކެވެ. ގަދަކަނޑުގައި އޮޑިފަހަރު ބާރަށް ދުވާނީ މޮޅަށް އެނގަތައް ބާރުކޮށް ދޫކޮށް ހަދަން ދަންނަ ހުޝިޔާރު ފަޅުވެރިން ތިބެގެނެވެ. ފަހިވައިގައި މާލިމީއަށް އެކަނި އެނގަކުރި ހިފުނަސް ގަދަކަނޑުގައި ދުއްވޭނީ ފަޅުވެރިން އެނގަކުރި ހިފައިގެނެވެ. “ސަމުގާ ފަރިހީ”ގައި ކިޔާފައިވެއެވެ:

ފަތިހު ފުރިޔަސް އަލިކަން ނުވާހާ ދަތި ކަތުންނޭ ކުރުމަށް ވެގެންދާ

ކަތިރާޅު ނެގުމުން މަތި ދެން އެނގައިގާ މީހަކު ނެތީމާ

ގަދައިގައި ދުއްވާފައިދާއިރު މާލިމީއަށް އެކަން ނުވެ އެނގަކުރި ހިފާނެ މީހަކު ނެތި ދުއްވަން ވެއްޖެ ނަމަ އޮޑި ފައްތާލަފާނެއެވެ. މުސްކުޅި ރައިވަރެއްގައި އެނގަކުރިހިފައިގެން ކުރިއަށްދާ ދާ އޮޑިއެއްގެ ވާހަކަ ގެނެސްފައިވަނީ ގޮތަކީ:

އައިފަހަށް ދާނޭތަ އޮޑި
މާދަ އެނގަކުރި ހިފަންޏާއި
ވައިހުރެ ބާރު ވަންޏާއި

ވައި ހުރެ ބާރުވާ ވަގުތު އެނގަކުރި ހިފަންޏާ އޮޑި ފަހަތަށް ނުދާނެއެވެ. އެނގައަށް ދަމާ ހިފަންޏާ ހޭރިޔާކޮށް އޮޑި ދާނީ ކުރިއަށެވެ. “ޖެހޭ ވަޔަކަށް އޮބާ އެނގަދީލުމޭ ބާރަށް ދުވާ ގޮތަކީ” އެނގަކުރި ހިފުމުގެ ބޭނުމަކީ އެއެވެ.

“އެނގަކުރި ހިފުމާއި ގުޅޭގޮތުން މާލިމީ މުޙައްމަދު ޔޫސުފް، ދޮންފަނު ލިޔުއްވާފައިވެއެވެ:

“ދަނޑިވަޅުބަލާފައި އެނގަކުރި ހިފުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކެތްތެރިއަކަށް ވާން ޖެހެއެވެ. ކަންކަމަށް ލޯ ހުޅުވޭ ހުށިޔާރު މީހަކަށް ވާން ޖެހެއެވެ. ކެރޭ ހީވާގި މީހަކަށް ވާން ޖެހެއެވެ.

ހުޝިޔާރު ދެތިން ހަތަރު ފަޅުވެރިޔަކު ފަންރިޔަލުގައި ދަތުރުކޮށް އުޅުނަސް އެއީ ފަސޭހަކަމެއް ނޫނެވެ. ފަހިވައިގައި ދަތުރުކުރަން ފަންރިޔަލުގައި ފަސޭހަވިޔަސް ވައިމައްޗަށް ދަތުރުކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

ގަދަވަޔާ ވިއްސާރައިގައި އޮޑި އަނބުރާލަން ޖެހޭ ކޮންމެ ފަހަރަކު ކެޔޮޅު ވިސްނަން ޖެހޭނީ އޮޑިއަށް ލިބިދާނެ ގެއްލުމަކަށެެވެ. އަދި އޮޑި އަބުރާ ނެގުމުގައި ދަނޑިވަޅު ދަނޑިވަޅު ބަލާފައި އެނގަކުރި ހިފަން ޖެހޭނެއެވެ. މިކަމުގެ ތެރޭގައި ކިރިޔާ ފަރުވާ ކުޑަވިޔަސް އޮޑި ފެން ކަށްވާލާފާނެއެވެ”

~

ޖުންޖުލާ:

ޖުންޖުލާ ގަދަ ކުރިމަތި ވަނިއްޔޭ، ދުއްވާނު އޮޑި މަޑު ކޮށްގެން ނުވާނޭ
ހުންގާނު ތިޔައީ މޮޅު ލަކުޑިއެއްހޭ ޤުއްވަތުގާ ހުރިގޮތް ރަނގަޅަށް ބަލާށޭ

ޖޫން ޖުލައިގެ ގަދަ ވިއްސާރައާ ކުރިމަތިވަނީއެވެ. އޮޑި ނުދުއްވައި މަޑުކޮށްގެން ނުވާނެއެވެ. ހުންގާނު ހަދާފައިވަނީ މޮޅު ލަކުޑިއަކުންތޯ ބަލާށެވެ. ހުންގާނުގައި ބާރު ހުރިވަރު ރަނގަޅަށް ބަލާށެވެ.

“ދުއްވާނު” އަކީ “ނުދުއްވާ” މި ބަހުގެ ފުރޮޅުމެވެ.

“ޖުންޖުލާ” އަކީ ޖޫން އަދި ޖުލައި މަހުގެ ތެރޭ މާކަނޑު ކައްކުވައިލައި ގަދަވަޔާއި ކޮޅިގަނޑުތަކުގެ ވިއްސާރައާ އެކު އަންނަ ހުޅަނގުގެ ގަދައެވެ. ޖޫން ދިމާވަނީ ހުޅަނގުގެ މިއަހެލި އަދި އަދަ ނަކަތާއެވެ. ކޮޅިގަނޑުތައް ގިނަ ކަނޑުގަދަ ނަކަތްތަކެވެ. ޖުލައި ވަންނަނީ ފުނޯހުގެ ބޯ ވިއްސާރައަށެވެ. ނިމެނީ އަދަނަކަތުގެ ގަދައަށް ފަހު އަހުލިހައިގެ މަޑުކަމަށެވެ. ދެން ޖުލައި ނިމުމުން މާނަކަތްގެން މަޑުވެދާނެއެވެ. މޮޅު ނިޔަމިންނާއި ފަޅުވެރިން ތިބޭ އޮޑިފަހަރު ޖުންޖުލާގެ ގަދައިގައިވެސް ދިވަރަށް ދަމާ އޮޑި ކިޔަމަންކޮށް ބަނދަރުހިފާނެއެވެ.

މާލިމީއަކު ވާހަކަ ކިޔައިދިނެވެ. އެއިރު މާލެއިން ރަށަށް ފުރަންވީމައި ނައިބުގޭ ދޮންބެ ބުނުއްވައެވެ:

 ނަގައިފި ރިޔަލެއް ދޫނުކުރާށެވެ

ނަގާ ރިޔަލުގައި ވައި އެޅުމުން އެ ރިޔާ ނުބާލާށެވެ. ރިޔަލަށް ކެރޭނެއެވެ. މިއީ ފަންޑިތަބަހެކެވެ. އެ ރިޔަލެއްގަ ހިފަހައްޓާނެއެވެ. ކޮޅިގަނޑުގެ ވިލާ އަޔަސް އެ ރިޔަލުގައި ދޯނި ހިފެހެއްޓޭނެއެވެ. ނައިބުގޭ ދޮންބެއަކީ ކަންވެރި މާލިމީއެކެވެ.

ބައެއް ރައިވަރާއި ފަރިހީގައި ޖުންޖުލާގެ ވާހަކަ އޮވެއެވެ. މުޑަނުފޮތުގައި ނައިބުތުއްތޫ ކިޔުއްވާފައިވެއެވެ:

ޖުންޖުގައި ތެރޭލާ (ޖުންޖުލާ ތެރޭގައި)

ކުންއެބޮޑުހިނދުރާޅުވާ

ނުންހިމޭނައު ނުވާމާ

މުންފުތައް ރޫޅައިރިޔާ

ގުންއޮތް ބަލައިނުރައްކާމަ

ރުންނުވެވޭށި ރައްކާމަ

ޖުންޖުލާތެރޭ ކަނޑަށް ހިމޭންކަމެއް ނުލިބި ރާޅުބޮޑުވެގެންދާ ހިނދު ސަލާމަތުން ދަތުރުކުރާނެ މަގު ނުހޯދައިފިނަމަ، ނައުގެ ރިޔާތައް ރޫޅި ޖެހޭ ގަދައިގައި މަރުން ސަލާމަތްވުން ދުރެވެ. އެއީ ޖުންޖުލައިގެ ގަދަކަން އެއިރުގެ މީހުން ސިފަކުރާގޮތެވެ.

 

“ސަމުގާ” ފަރިހީގައި ކިޔާފައިވެއެވެ:

ޖުންޖުލާ ލައިގަތީމާ ކަތުންނޭ ފުންސަ ކަނޑު ދެން އުތުރެން ފަށަތްޕޭ

ހުންގާނަކަށް ދުއްވާކަށެއް ދީލަ ނެގުމެއް ނުފެނުނޭ

ޖުންޖުލާ ލައިގަތީމާ ބުނަންހޭ! ކަނޑު އުތުރިއަރަން ފަށައިފިއެވެ. މާލިމީއަށް ދީލައިލާންވެސް ދުއްވާކަށް ވެސް ނޭނގުނެވެ. ގަދަކަނޑުގައި ދާނެ މަގެއް ނުފެނުނެވެ.

ދޯނީގެ ބައިތަކަށް ކިޔާ ނަންތައް، ކުރެހުން: އަޙްމަދު ޝަފީޤް

“ޤުއްވަތަކީ” ބާރުހުރި މިންވަރެވެ. ހުންގާނަކީ އޮޑިދޯނިފަހަރު މިސްރާބަށް ކިޔަމަން ކުރުމުގައި އެންމެ މުހިންމު ބައެވެ. ގަދަކަނޑުގައި ހުންނާގަނު ނެއްޓި ހަލާކުވެއްޖެ ނަމަ އޮޑި ކަނޑުވެދާނެއެވެ. އެހެންކަމުން ހުންގާނު ހަދަން ޖެހެނީ “ޤުއްވަތު” ހުރި މޮޅު ލަކުޑިންނެވެ. ލޮނުފެނަށް ގިރުން ކުޑަ އަދި އަތްވާއި ވާރޭގައި ކީލި ހިމުން ލަކުޑިއެވެ. މިގޮތުން ހުންގާނު ހެދުމަށް ފުނަ އަދި ކާނި ބޭނުންކުރެއެވެ. “ދިޔަވަތް ރަނގަޅު އޮޑި” އަކީ މޮޅު ލަކުޑިން ބަން، ގަދަކަނޑުގައި ހުންގާނު ހިފެހެއްޓޭވަރުގެ ބާރުހުރި އޮޑިއެވެ.

ހުންގާނުގައި ބާރު ނެތް ނަމަ ވާނެ ގޮތާމެދު ޔޫސުފް މުޙައްމަދުފުޅު ކިޔުއްވާފައިވެއެވެ:

އުތުރުމުރިނގަށް އެރިތަނާ ހުންގާނުމޮހި ދޫވެއްޖެ އޭ

އުތުރިއެރި ރާޅާއި ގަދަ އޮއިގައި އެ ދޯނި ޖެހިއްޖެ އޭ

ބަދަލުގައި ރިތަކާއި ފަލިތައް ބޭނުންކުރިއަކަސް

ގަދަކަމުން މިސްރާބުގައި ނުހިފޭއްޓި ހޫރިއްޖެ އޭ

~

ހަންޖާތިބުން:

މުގުރިރާޅުގެ ފުއްޓަރުފަރާތޭ، ގުގުރާ ވިދުންތައް ގިނަވެސްވަނީއޭ
ނުގުޑާނެހެން ކަނޑުގާ ހިތްވަރު ކުދީންނޭ މުގުލަށްވެ ތައްޔާރު ހަންޖާތިބޭށޭ

ރަށެއްގެ ފުއްޓަރުފަރާތަށް ރާޅުމުގުރާހެން އޮޑިއަށް ރާޅު ބިންދަން ފަށައިފިއެވެ. ގުގުރުމާއި އެކު ވިދުންތައް ވެސް ގިނަވެއްޖެއެވެ. ފަޅުވެރީންނެވެ! ނުގުޑާނެހެން ރިޔަލު ހަންޖާގެ މުގުލަށްވެ ތިބެ މި ގަދަ ކަނޑުގައި ހިތްވަރުކުރާށެވެ.

“ފުއްޓަރަކީ” ރަށްރަށުގެ ފަޅާއި މާކަނޑާ ގުޅޭ ހިސާބުގެ ތޮއްޓެވެ. ތޮއްޓަށް މުގުރާ ރާޅާއެކު އަބަވެސް ރަށެއްގެ އެންމެ ގަދަ ފަރާތަކީ ފުއްޓަރު ފަރާތެވެ. ދަތުރުގެ ގަދަކަން ސިފަކޮށްދިނުމަށް “މުގުރި ރާޅުގެ ފުއްޓަރު ފަރާތޭ” ބުނެފައި އޮތުމުން އެ ސިފަކުރުން ވެގެންދަނީ “ދިޔަވަތް ރަނގަޅު އޮޑި” ފަރީހީގައިވާ ދިވެހި ޖޯގްރަފީގެ ވަރަށް ފުރިހަމަ އިސްތިލާހަކަށެވެ.

“ހަންޖާތިބުމަކީ” ފަރުވާވެތިބެ ފަޅުވެރިން ހަންޖާއަށް ލާ ބާރެވެ. “ހަންޖާ”އަކީ އޮޑިދޯނިފަހަރުގެ ރިޔާ ނަގާ ވަލެވެ. ރިޔާ އަޅާފައިވާ ފަރުމާނު، ކުނބުގެ ކުރީގައި ހިފިހުރުމުގެ ބާރަކަށް ބޭނުންކުރާ ވަލެވެ. އަޙްމަދު ޝަފީގު ލިޔުއްވާފައިވެއެވެ:

“ހަންޖަލުގެ ދެފަށް އެކުލަވާގޮތަށް ދެފަށް ކައިރިކޮށް ފަރުމާނު ކުނބު ކުރިއަށް ނެގިފައި ހުންނަންވީ ހިސާބުގައި ދެފަށްކޮށް ބަނދެ، ދެފަށްކޮށް ދަމާ ކުނބު ކުރިއަށް ފަރުމާނާ އެކު ރިޔާ އުފުލަނީއެވެ. މި ބަނުމަށް ހަންޖާކެވުން” މިހެން ކިޔައެވެ”. “މުގުލަށްވެ ތައްޔާރު ހަންޖާތިބުމަކީ” ހަންޖާ ނެއްޓުނަ ނުދިނުމަށް ހަންޖާގެ މުގޫކަމުގައި ފަޅުވެރިން ތިބުމެވެ. މުގުލަކީ އޮޑީގައި ހަންޖާ އައްސާފަ އޮންނަ ކޮޅެވެ.

ގަދައިގައި ފަޅުވެރިންގެ ބާރު ހަންޖާއަށް ލާން ޖެހޭނެ ކަމެވެ. މިއީ ފަރުވާތެރިކަމާ އެކު ކުރަން ޖެހޭ ކަމެކެވެ. އެހެން ނޫން ނަމަ ހަންޖާ އަތުން ދޫވުން އޮންނާނީ ވަރަށް ކައިރީގައެވެ. ބުރާރަކޮއި ކިޔާފައިވެއެވެ:

“އޮޑިއޮތީ ތައްޔާރުވެފައޭ. އެހެން ކިޔުއްވާ ކޭންބައްލަވައިގެން ދުރުވެ އޮޑިޔަށް އަރުއްވާ އޮޑިކަނބާ ކަނޑިންމައިން ނެރެފާ، އޮޑީގެ ރިޔާ ނަގާން ދެހަންޖަލުގައި ހިފާ އެލިގަތްބާރުގައި އޮޑި އަރިވެގެން ދިޔައީ މާ މަތިފަރާތަށެވެ”

~

ބަނޑުރިޔާ:

ބަނޑުރިޔަލު ފެނުއެޅެމުންދަނީއޭ އަޑުފަށްކުރީންކުނބު އިވެމުންދަނީއޭ
ކަނޑުއޮޅި މިހާކައިރި ކުޑަތަންވަނީއޭ މަޑުމައިތިރިވެ މަތިކިބަޔަށް އަރާށޭ

ޖެހުނު ވިއްސާރައިގައި ބަނޑުރިޔާ ފެނު އެޅެމުންދަނީއެވެ. ކޮޅިގަނޑުގެ ގަދައިގައި އޮޑީގެ ކުނބު ހިފަހައްޓަނީ ކިރިޔާއެވެ. މިހިރަގެން މާކަނޑު ހުރަސްކުރެވި ކަނޑުއޮޅިއާ ކައިރިވަނީއެވެ. ފަޅުވެރިން އޮޑީގެ ވައިމަތިފަރާތަށް އަރާށެވެ.

“ބަނޑުރިޔަލަކީ” ރިޔަލުގެ ބަނޑުފުށް ފަރާތުން ރިޔަލުގައި ވައި އަޅާ އަޑިވެފައި އޮންނަ ބައެވެ. ރިޔަލުގެ ގޮނެވެ. ގަދަކަނޑުގައި ބޯ ވިއްސާރައިގައި ދުއްވާފައި ދާއިރު ބަނޑުރިޔަލުގައި ފެން އެޅުމަކީ ނުރައްކާތެރިކަމެކެވެ. ކުނބަށް ކުރާ ބާރުވެސް ބޮޑުވާ ކަމެކެވެ. ބަނޑުރިޔަލުގައި ފެން އެޅުމަކީ ރިޔަލާ އެކު އޮޑި ކަނޑުގެ ތެރެއަށް ގަންބައިގެންފާނެ ކަމެކެވެ. ޔޫސުފް ޢަލިފުޅު ކިޔުއްވާފައިވެއެވެ:

ދިޔަވަތުގެ ޙާލެއް ނޭނގުނޭ ކަނޑު ގަދަކަމުން، ދިޔަވެސް މި ބަނޑުރިޔަލުގެ އެތެރެޔަށް އާދެޔޭ
ވައިގަދަވެފާ ކެރިބޯކަމުން އެއްވެސް ތަނެއް، ގާތުން ދުރެއް މާރަނގަޅަކަށް ދެން ނުފެނުނޭ 

“ކަނޑުއޮޅި” އަކީ އަތޮޅެއްގެ ރަށްތައް އެތުރިފައި ހުންނަ އިރު އަތޮޅެެއްގެ ބޭރުދުނިން ކެނޑިފައި ހުންނަ ފުން ތަންތަނެވެ. މާކަނޑުގައި ދުއްވާފައި އަތޮޅެއްގެ އެތެރެއަށް ވަދެވެނީ ކަނޑުއޮޅިންނެވެ. “ކަނޑުއޮޅި ކައިރިވުމަކީ” މާކަނޑުގެ ބިޔަ ރާޅުތަކުން ސަލާމަތްވެ އަމާން ބަނދަރެއް ހިފޭކަމުގެ ކޮޅުމައްޗެވެ.

“މަތިކިބަ” އަކީ ރިޔަލު އޮޑިފަހަރުގެ ރިޔާ ހުންނަ ފަރާތް ނޫން އަނެއް ފަރާތެވެ. ވައި އަންނަ ދިމާލެވެ. ރިޔަލުގައި ދަތުރުކުރާ އިރު އޮޑީގެ “ދަށްކިބަ” އާއި “މަތިކިބަ” ހުރެއެވެ. މިކަން ބިނާވަނީ މޫސުމުގެ ވައި ޖެހޭ ދިމާއަކަށެވެ. މަތިކިބައަށް ވާނީ ވައި އަންނަ ފަރާތެވެ. ވައިމަތިފަރާތެވެ. ދަށުކިބަ އަކީ ރިޔާ ހުންނަ ފަރާތެވެ. ވައިދަށް ފަރާތެވެ. ބަނޑުރިޔާ ފެނު އެޅޭއިރު އޮޑި އޮންނާނީ ދަށުކިބައަށް ވަރަށް ބޮޑަށް އަރިއަޅާފައެވެ. އޮޑީގެ ބެލެންސް ގެއްލިފައެވެ. މަތިކިބައަށް މީހުން އެރުމަކީ އޮޑި ބެލެންސްކޮށް ދުއްވުމަށް ކުރަން ޖެހޭކަމެކެވެ. ބަނޑުރިޔާ ފެނު އެޅޭއިރު އޮޑި ފެތުނަ ނުދިނުމަށް މުހިންމު ކަމެކެވެ.

“ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގައިވާ ވާހަކަތަކަކީ ހަމަ އެކަނި ފަންރިޔަލާ ކަތި ރިޔަލު އޮޑިފަހަރަށް ހާއްސަ ކަންކަމެއް ނޫނެވެ.

މި ޒަމާނުގެ ޔޮޓުފަހަރު ދުއްވާ އިރުވެސް ޔޮޓު ބެލެންސްކުރުމަށް މަތިކިބައަށް އަރާތަން ފެނެއެވެ

ރިޔަލުގެ ވާދަވެރި ރޭސްތައް ބެލުމުން ކުރިއަރާދާ އުޅަނދަކީ މަތިކިބައަށް އެރުމާއި “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގައިވާ ފަދަ ރިޔަލުގައި ދުއްވާއިރު ފަރުވާތެރިވާން ޖެހޭ އެކި ކަންކަމަށް ސަމާލުކަން ބަހައްޓައިގެން ދުއްވާ އުޅަނދެވެ.

~

ކިރުފެންކުލައިގައި ފަޅުމަތި ފެނުން:

ބިރުތަކުން އުދަ ލިބިގެންދަނީއޭ ކިރުފެންކުލައިގައި ފަޅުމަތިފެނިއްޖޭ
އިރުއޮއްސިވާ އަނދިރި ކުޑަތަންވަނީއޭ ދިރުނބާކޮޅަށް ރަނގަޅުކުއްޖަކުއަރާށޭ

ކިރުފެން ކުލައިގައި ފަޅުމަތި ފެނުމުން މި ގަދަ ދަތުރުގެ ބިރުވެރިކަން މާ ބޮޑުވެއްޖެއެވެ. އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ފެތުރޭންވެސް ކައިރިވަނީއެވެ. އޮޑި އަޅާނެ ބަނދަރެއް ހޯދަން ދިރުނބާކޮޅަށް ފަޅުވެރި

ކުއްޖަކު އަރާށެވެ.

“ކިރުފެން ކުލައިގައި ފަޅުމަތި ފެނުމަކީ” ފެނުމަކީ ކަނޑު އިތުރަށް ގަދަވެއްޖެ ކަމުގެ ނިޝާނެކެވެ. މިއީ ކަނޑުގެ އޮއެވަރު އާދަޔާހިލާފަށް ބަދަލުވާކަމުުން ފަޅުމަތީގައި އުފެދޭ “ކިރުފެން” ކަމެވެ. ބަނދަރެއް ނުހިފާ އިތުރަށް އޮޑިއާއިގެން ދަތުރުކުރެވެން ނެތްކަމެވެ. ރިޔަލުގެ ހޭރިޔާ ދަތުރާ ގުޅޭގޮތުން ޔޫސުފް ޢަލިފުޅު ކިޔުއްވާފައިވެއެވެ:

އިރުވައެއް ނޫނޭ މިއީ، ހުޅަނގުގެ އަސަރުތައް އެބަ ފެނޭ

ބިރުތަކާ ޠޫފާނުތައް އެ އުފައްދަނީ އޮއިވަރު ދެނޭ

ވައިއެނބުރެމުންދާ ދެމޫސުންނަމަ ކުރާއިރު ކަނޑުމަތީ

ގައި އަޅާ އުދޮޔާ ވަވޮއި ވާހާ އަރާރުމަކީ ފޮނޭ

ކިރުފެން ކުލައިގައި ފެނުނު ފަޅުމައްޗަކީ މި އެވެ. އޮއެވަރުގެ ބަދަލުވުމާއެކު އަޑިން ފަޅުމަތި ކައްކުވައި އަންނަ ކިލަނބުކަމާއި ފޮނެވެ. “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގައިވާ ދަތުރަކީ ހުޅަނގުގެ ގަދަ ދަތުރެކެވެ.

“ދިރުނބާކޮޅަށް ރަނގަޅު ކުއްޖަކު އެރުމަކީ” ގަލަށްކިޔަން އެރުމެވެ

“ދިރުނބާކޮޅަކީ” އޮޑިދޯނިފަހަރުގެ ކުރީކޮޅެވެ. އަނެއް ކޮޅަކީ ކޮޅުފަސްކޮޅެވެ. އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިވުމުގެ ކުރިން ބަނދަރެއް ހިފޭނީ ދިރުނބާކޮަޅަށް ދުރު ފެންނަ، ކަނޑުފަޅުގިރި ވަކިކުރަން އެނގޭ، ފުންމިން ވަޒަންކުރަން ދަންނަ ކުއްޖަކު އަރައިގެނެވެ. “ދިރުނބާކޮޅަށް އަރާ ފަޅުވެރި ކުއްޖާ”ގެ މަސައްކަތަކީ އޮޑި ދުއްވަން ހުންގާނުގައި ހުންނަ މީހާއަށް ދުއްވަމުންދާ އޮޑީގެ ކުރިމަތިން ފެންނަ ތިލަ ގާގަލުން ނެއްޓޭނެ ގޮތް ދެއްކުމެވެ. މި މަސައްކަތަށް “ގަލަށްކިޔުން” މިހެން ކިޔައެވެ. ގަލަށްކިޔުމަކީ ސަލާމަތުން އޮޑިދޮނިފަހަރު ދުއްވުމުގައި އެންމެ މުހިންމު އެއް މަސައްކަތެވެ. އެހެންކަމުން ދިރުނބާކޮޅަށް ގަލަންކިޔަން އަރަން ވާނީ ރަނގަޅު ކުއްޖެވެ.

ފަސްކަނި:

ފަސްކަނީންފެންނަ ރަށްތައް އެހާގިނަ، ހައްތާ ވަމުން ބޮޑު އަސްތާދަނީއޭ
ގަސްކަރަމަތިން ރޯޅި އައުމުގެ ކުރީގާ ފަސްގަނޑުގެ ކައިރިން ބަނދަރެއްބަލާށޭ

އަސްތާ! ފަސްކަނިން ފެންނަ ރަށްތައް ދަނީ ހައްތަހައި ބޮޑުވަމުންނެވެ. ކޮޅިގަނޑުގެ ވައި ރަށްތަކުގެ މަތިން އެރުމުގެ ކުރިން ނިވަލުން ބަނދަރެއް ފެނޭތޯ ބަލާށެވެ.

މި ފަރިހީގެ 1976ގެ ކިޔުމުގައިވަނީ:

ފަސްކަނިން ފެންނަ ރަށްތައް ވަނީ ގިނަ

ލަސްނުވެ ވަމުން ބޮޑު އަސްތާ ދަނީއޭ

ފަސްކަނިން ރަށްތައް ފެންނަގޮތުގެ އިތުރު ސިފަކުރުމެކެވެ.

“ފަސްކަނިން” ރަށްތައް ފެނުމަކީ ހުންގާނުގައި ހުންނަ މީހަކަށް އޮޑީގައި ނަގާފައިވާ ރިޔަލުގެ ދަށުން ރައްތައް ފެނުމެވެ. މިއީ ފަސްކަނިދަށުން ދުރު ފެނުމެވެ. ފަސްކަނިދަށަކީ ދުއްވާފައިދާ އޮޑީގެ ރިޔަލާއި އޮޑިއާ ދޭތެރޭ ވައިދަށްފަރާތުން އޮންނަ ހުސްތަނެވެ. ރިޔަލުގައި ދުއްވާފައި ދާއިރު ހުންގާނުގައި ހުންނަ މީހަކަށް އޮޑީގެ ދަށްފަރާތުން ދުރު ފެންނާނެ ގޮތަކީ ފަސްކަނިދަށުން ބެލުމެވެ. ހުންގާނުގައި ހުންނަ މީހެއްގެ “ދުރުމި”އަކީ ފަސްކަންޏެވެ.

“ގަސްކަރަ” އަކީ ދުރުން ފެންނަ ރަށްތަކުގެ ފުސް މަލަމައްޗެވެ. “ގަސްކަރަ އޮބާ ހިސާބުން، މަސްހުއްޓެ ކަންނެލި ގޮދާ” ފުސްކަމާއެކު ދުރުން ފެންނަ ރަށުގެ މަލައެވެ. އިތުރަށް ގަދަވަމުން އަންނަނީ އޮޑިއާ މާ ދުރުން ނޫން ކަމުގެ ނިޝާނެކެވެ. ގަސްކަރަމަތިން ވިލާބޯވެ ރޯޅި އަންނަތަން ފެނުމުން އޮޑި ސަލާމަތްކުރަން މާލިމީއާ ފަޅުވެރިންނަށް ތައްޔާރުވާނެ ވަގުތު ލިބެއެވެ. އަދި އެތެރެވަރިން ބަނދަރެއްގައި އޮޑި އަޅަންވީކަން ބުނެދެއެވެ. އެތެރެވަރިން ގަސްކަރަ ފެންނަ ހިސާބުން “ފަސްގަނޑުގެ ކައިރިން” ހިފޭ ބަނދަރަކީ” ފަޅެއް، ފަރެއް ނުވަތަ ގިރިއަކަށް ވެދާނެއެވެ.

~

ވިލަކުން އޮޑި ނުނެގުން

ދިލިމިލޯދާ ހިނދުގައި ކުދީންނޭ ގިލިތައް ނަގައި ކެނބު ގަދަޔަށް ޖަހާށޭ
ވިލިގެންއަ ނުދަނީސްލި ފުރުމެއް ނުފެނެޔޭ ވިލަކުން މަގޭ އޮޑި ނުނަގަންބުނާށޭ

ކޮޅިގަނޑުގެ ވިއްސާރައިގައި ވިދުވަރުގެ އަލިން ދެލޯ ދިއްލިދަނީއެވެ. ވިލެއްގައި އޮޑި އަޅަން ނަގިލިތައް ދޫކުރާށެވެ. އަލިވިލިގެން ނުދަނީސް ފުރާކަށް ނުފެނެއެވެ.

“ދިލިމިލޯދާ” ހިނދަކީ ގުގުރާ ވިދުމާއެކު ވިދުވަރުގެ އަލިކަން ދިއްލި ފެތުރިގެންދާ ހިނދެވެ. ހޭރިޔާކުރަމުން “ދިޔަވަތް ރަނގަޅު އޮޑި” ކުރަމުން ދިޔަ ދަތުރު މޫސުން އިތުރަށް ގޯސްވެ ހުއްޓާލަން ޖެހުނީއެވެ. ފަސްގަނޑުގެ ކައިރިން ހިފުނު ބަނދަރަކީ ވިލެކެވެ. “ގިލިތައް ނަގައި ކެނބު ގަދަޔަށް ޖެހުމަކީ” ނަގިލީގައި ބޮޑެތި ފަލަ ވާ އައްސައި ނަގަލިތައް ދޫކޮށް އޮޑިހައްޔަރުކުރުމެވެ. ގަދައިގައި ނަގިލިތައް ދޫކޮށް ކެނބު (އޮޑީގެ ވާވެލާވެލި) ގަދަަޔަށް ނުޖަހައިފި ނަމަ ދެން ވާނެގޮތަކާ މެދު ޔޫސުފް ޢަލިފުޅު ކިޔުއްވާފައިވެއެވެ:

ހާހަލަށް ވަދެފައި ފަނާ ނުލާނަމަ ކާވިޔާ، ހާހަކުން ފަހަރަކު މެނޫނީ ވާ ކެނޑޭތަން އެބަ ފެނޭ

ނަގިލިދޫކޮށްފާ ފުރާއިރު ފަރުފަރުގެ މައްޗަށް ހަލުން، ނެގިވިލާ ހަތިތައް ފަހުން ކޮޅިގަނޑަށް ވާތީފެނޭ

ފަނާއަކީ ނަގިލީގެ ބަދަލުގައި އޮޑިދޯނިފަހަރު އަޅާއިރު ހިފެއްޓުމަށް ބޭނުންކުރާ ގަލެކެވެ. ކާވިޔާއަކީ ފަނާގެ ވަލެވެ. ގަދައިގައި ގިލިތައް ނަގައި ކެނބު ގަދަޔަށް ނުޖަހައިފި ނަމަ އޮޑި ދޫވެ ފަރެއްގެ މައްޗަށް ލައްވެ ފުނޑުފުނޑުވެދާނެއެވެ. ޔޫސުފް ޢަލިފުޅު ކިޔާފައިވެއެވެ:

“ރަށްނުފެނި ފަރުމައްޗަށް އައިސް އޮޑިލައްވުމުން

ރަށްވެރިފަރާތުން އެއްގަމަށް އޮޑި ލައިފިޔޭ”

“ވިލިގެންއަ ނުދަނީސްލި” މިއީ ފަރިހީގައި “އަލިވިލިގެން ނުދަނީސް” މި ދެ ބަހުގެ ފުރޮޅުން ގެނެސްފައިވާ ގޮތެވެ. އަލިވިލިގެން ނުދަނީސް މި މޫސުމުގައި ފުރާކަށް ނުފެނެއެވެ. ރޭއަލިވެ ކޮޅިގަނޑުގެ ބާރު ދަށްވަންދެން ވިލެއްގައި އޮޑި އަޅާފައި ބާއްވާށެވެ.

“އަލިވިލިގެން ނުދަނީސް (ގަދައިގައި) ވިލަކުން އޮޑި ނުނަގަންބުނާށޭ” މިއީ ހަރުދަނާ މުސްކުޅިބުނުމެވެ. ބުއްދިވެރި ބަހެކެވެ. ދަތުރުވެރިންނަށް އޭގެ ފަހަތުގައި އެތައް ހެވެއް އޮތް ކަމެކެވެ

“ވިލަކީ” ފަޅެއްގެ ތެރޭގައި ފަޅަށް ވުރެ ފުންކޮށް ކިރިޔާ އަޑި އެނގޭ ނޭނގޭ ވަރަށް ހުންނަ ތަންތަނެވެ. ބައެއް ރަށްރަށުގެ ގޮނޑުދޮށާއި ހަމައަށް ވެސް ވިލު އޮވެއެވެ. ގަދައިގައި ދަތުރުކުރާ އޮޑިދޯނިފަހަރަށް މާކަނޑުގެ ބިޔަރާޅުތަކުން ސަލާމަތްކޮށްދޭނެ ތަނަކީ ފުން ވިލެވެ. ފަޅުގެ ތިލަކަމުން އޮޑި ބީހުމާއި ފަރުފަރުގެ ގާތަކާ ލައްވެ އޮޑިފަހަރު ފުނޑުފުނޑުވުމުން ދުރުކޮށްދޭނެ ހިސާބަކީ މިއެވެ.

ލަވައިގެ ގޮތުގައި ހުރި “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ އެކި ކިޔުންތަކުގައި “މިލަކުން މަގޭ އޮޑި ނުނަގަން ބުނާށޭ” މިގޮތަށް ކިޔާފައި ހުރެއެވެ. ނައިފަރު ދޮހޮއްކޮގެ ކިޔުމުގައިވެސް ވަނީ “މިލަކުން މަގޭ އޮޑި”އެވެ. މުޅި ފަރިހީގައިވާ ބުނާ ވާހަކަތަކަށް ބަލާއިރު މިތަނުގައި އޮންނަން ވާނީ “ވިލަކުން”އެވެ. “މިލަކުން” އަކީ “މިފަދައިން، މިގޮތަށް”ގެ މާނައޮތް ބަހެކެވެ. މިގޮތަށް އޮޑި ނުނަގަން ބުނުމަށް ވުރެ ފަރިހީގައި ބުނާ ވާހަކަތަކާ ގުޅޭ ގޮތަކީ ވިލަކުން އޮޑި ނުނަގަން ބުނުމެވެ. ނުނަގަން ވީ ގޮތް، ފަދަ އޭރުން ކިޔާ ދެވުނީއެވެ.

މި ގަދައިގައި ވިލުގައި އޮޑި އަޅައި، އަލިވިލިގެން ނުދަނީސް ފުރާކަށް ނުފެނެއެވެ.

“ދިޔަވަތް ރަނގަޅު އޮޑި” ގަދަ ކަނޑުގައި ފައްސިޔަށް ހޭރިޔާކޮށް ކުރަމުން އައި ދަތުރު އިރުއޮއްސި ވާ އަނދިރިއަށް ހުއްޓާލައި ވިލެއްގެ އަމާންކަމުގައި ބަނދަރުކުރީއެވެ. ގަދަކަނޑުގެ ބިޔަރާޅުތަކާ ކޮޅިގަނޑުތަކުގެ ވިއްސާރައިން އޮޑިއާއި މީހުން ސަލާމަތްކޮށް ވިލަކާ ހަމައަށް އޮޑި ގެނެސް “ގިލިތައް ނަގާ ކެނބު ގަދަޔަށް ޖެހޭނީ” އޮޑި ދުއްވަން ކުޅަދާނަ މާލިމީއަކު ހުރެގެނެވެ. ހުޝިޔާރު ފަޅުވެރިން ތިބެގެނެވެ. ކޮޅިގަނޑުގެ ވިއްސާރަ އަލިވެ އާ ދުވަހަކަށް އަލި ވިލުމުން ކަނޑުގެ ބިޔަ ރާޅުތަކާ ކުރިމަތިލާނީއެވެ. މާލިމީންނާ ފަޅުވެރިންގެ ދުވަސްތަކަކީ ތޫފާނުގެ ބިރުވެރިކަމާއި ހިފޭ ބަނދަރުތަކުގެ އަމާންކަމެވެ. ކޮންމެ މީހެއްގެ ހަޔާތުގެ ދުވަސްތަކަކީވެސް އެފަދަ އެއްޗެކެވެ. “ދިޔަވަތް ރަނގަޅު އޮޑި” ފަރިއްސާއި އިންސާނީ ހަޔާތުގެ ގުޅުމަކީ އެއެވެ.

 

ތިންވަނަ ބައި

“ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ ޝާއިރަކާ މެދު

ކަނޑު ދަތުރުފަތުރުގެ އިތުރުން އންސާނީ ހަޔާތާ ގުޅިފައިވާ “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ ޝާއިރަކާ މެދު ދެތިން ގޮތަކަށް ބުނެވެއެވެ. އުތުރުން ފެށިގެން މެދުރާއްޖެތެރެއާ ހަމައަށް ފަރިހީގެ ޝާއިރަކާ މެދު ދެބަސްވުން އެބަ އޮތެވެ. ދިޔަވަތް ރަނގަޅު އޮޑި ފަރިހި ހެއްދެވީ ހދ. ކުޅުދުއްފުށީ ފާލްސާގެ ޙަސަން އަޙްމަދު، މަޝްހޫރު ލަނގޮނޑި މާލިމީ (ދޮހާމާލިމީ) ކަމުގައި ބުނާ މީހުނާއި މި ފަރިހި ހެއްދެވީ މ. މަޑުއްވަރީ ރަސްކޮއްކޮއިގެ ރަސްއަހަންމަދޭ ކަމުގައި ބުނާ މީހުން އެބަ ތިއްބެވެ. “ދިޔަވަތް ރަނގަޅު އޮޑީގެ”  ޝާއިރަކީ ނ. ވެލިދޫ ޙަސަން ކަލޭފާނު ކަމަށް ބުނާ މީހުންވެސް އެބަ ތިއްބެވެ. ބޮޑުފެންވަޅުގޭ ސީދީކަމުގައި ބުނާތީ އަޑު އަހާ މީހުންވެސް އެބަ ތިއްބެވެ.

ކުރިގެ ޅެންފަރިހިރައިވަރުތައް އެއްކޮށް އެ ތަކެއްޗާ މެދު އަދަބީގޮތުން ލިޔުމުގެ މަސައްކަތުގައި އަހަރެންގެ އެދުރު މާލިމީ މުޙައްމަދު ޔޫސުފް، ދޮންފަނު ގަބޫލުކުރައްވަނީ “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ ޝާއިރަކީ ކުޅުދުއްފުށީ މަޝްހޫރު ލަގޮނޑި މާލިމީ ކަމުގައެވެ.

“ކަނޑުފަޅާ މޫސުމުގެ ގޮތްތަކާއި ނިޔަމިކަން ރަނގަޅަށް ދަންނަ މާލިމީއަކަށް ނޫނީ މިހާ މޮޅަށް މި ފަރިހި ނުހެދޭނެ”ކަމުގައެވެ. ކުޅުދުއްފުށީ ލަގޮނޑި މާލިމީއަކީ އެފަދަ މާލިމީއެކެވެ.

ރަސްކޮއްކޮއިގެ ރަސްއަހަންމަދޭއަށް ނިސްބަތްކުރެވޭ “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ ނިންމުން ތަފާތުކަމުގައި މާލިމީ މުހައްމަދު ޔޫސުފް ބުނުއްވިއެވެ. އެ ފަރިހީގައި އިތުރު ކަޑިތައް ވެއެވެ. އަދި ނިންމުމުގައި ވަނީ “ތަންމަތު އަޅާފާ ކުރުކޮށްލަނީއޭ” އެވެ. މިއީ އާންމުކޮށް އިވޭ “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ ހަމައާއި ހުރި ތަފާތެކެވެ. އާންމުކޮށް އިވޭ ދިޔަވަތް ރަނގަޅު އޮޑި ފަރިހީގެ ނިންމުތައް ވަނީ “ށޭ” އަށެވެ. ރާގުގައި އެއްގޮތް، ކަޑިތަކާއި ކިޔުމުގައި ތަފާތުތައް ފެންނަ ފަރިހިތައް ހުރެއެވެ. “ދިޔަވަތް ރަނގަޅު އޮޑި” ފަރިހި އެކި މީހުނަށް ނިސްބަތްކުރެވޭ ސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ. “ކީފަހު މަށަށް ރަން” ފަރިހީގެވެސް އެތައް ގޮތެއް ހޯދާބަލާމީހަކަށް ފެނިދާނެއެވެ.

އުތުރަށް ކުރެވުނު ދަތުރެއްގައި ތިލަދުންމަތީ ދިއްދޫގައި މިހާރު ތިބި ދުވަސްވީ މާލިމީން ކުރެ ދާންނާ ބޮޑު ހަސަންބެ ގާތުން “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ ޝާއިރާކާ ބެހޭގޮތުން އެހުމުން ބުނުއްވީ ކުޅުދުއްފުށީ ލަގޮނޑި މާލިމީކަމުގައެވެ. ކުރިއްސުރެ އަޑު އަހަނީވެސް އެގޮތަށް ކަމުގައެވެ. ކުޅުދުއްފުއްޓަށް ފައިބާ އެރަށުގެ މުސްކުޅިން ކައިރީ ހަބަރު އެހެމުންވެސް “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ ޝާއިރަކީ އެ ރަށު ދޮހާމާލިމީ ކަމުގައި ބުންޏެވެ. ރާއްޖެއަށް މަޝްހޫރު ލަނގޮޑި މާލިމީއެވެ.

ހިތާމައަކީ “ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ ޝާއިރާކާ މެދު މިއަދުގެ ގަލަންތަކުން ވަކިގޮތެއް ނިންމަން ދަތިކަމެވެ. ފަރިހި ނިސްބަތްކުރެވޭ ހުރިހާ ޝާއިރުންމެ މިއަދު އަހަރެމެނާއި ވަކިވެފައިވާކަމެވެ. އަދި ފަރިހީގެ ވާހަކަ ކިޔައިދޭނެ މުސްކުޅިން އަމުދުން މަދުކަމެވެ. މޮޅު އެތައް ފަރިއްސަކާއި އެތަކެތި ހެދި މީހުންގެ ވާހަކަ ނުލިޔެވި ގެއްލި ހިނގައްޖެކަމެވެ. އިސްކޫލު މަދަރުސާތަކުގައި ވެސް ކިޔާދެވެނީ ދެތިން “މޮޅު މީހެއްގެ” ވާހަކަކަމެވެ. މި ލިޔުމުގައި ދިގުކޮށް މި ވާހަކަތައް ގެނައުމުގެ ބޭނުމަކީ ގެއްލިފައިވާ ދިވެހި ޅެންވެރިންގެ ނަންތައް ފަހަށް ގެނެސްދިނުމެވެ. “ދިޔަވަތް ރަނގަޅު އޮޑި”ގެ ޝާއިރާކާ މެދު ގޮތެއް ނިންމުމެއް ނޫނެވެ.

~

ހދ. ކުޅުދުއްފުށީ ލަގޮނޑި މާލިމީ އާ “ދިޔަވަތް ރަނގަޅު އޮޑި” ފަރިހި

ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު، ފޮޓޯ: ދިވެހި ޑައިޖެސްޓް، ނޮވެލްޓީ

ދިޔަވަތް ރަނގަޅު އޮޑި ފަހިރި ނިސްބަތްކުރެވޭ އެއް ޝާއިރަކީ ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދުއެވެ. މިއީ ކުޅުދުއްފުށީ ދޮހާމާލިމީއެވެ. މުޅި ރާއްޖެއަށް މަޝްހޫރު ލަގޮނޑިމާލިމީއެވެ. ރާއްޖެދުށް މޮޅު ނިޔަންމެކެވެ. ބޮޑުތިލަދުންމަތި މާލެއައުން ނުވަތަ އުތުރުގަޑުބަޑުގެ ބޮޑުދަތުރުގެ ނަކައްޗާއަކަށް ހުންނެވިއެވެ. އަދި އެ ދަތުރުގެ ވާހަކައިން “ބޮޑުދަތުރު ފަރިހި” ހެއްދެވިއެވެ. ދިވެހިންގެތެރެއިން މިހާރު ނެތިފައިވާ އެެއިރުގެ ކުރިއަރާފައިވާ ނަކަތްތެރިކަމާ ނުޖޫމީ އިލްމާއި މޫސުމުގެ ނިމުތުކިޔުން (ވިއްސާރަބެލުން) ފަދަ އެތައް އިލްމެއް ދެނެލައްވާ ބެއިކަލެކެވެ.

ލަގޮނޑިމާލިމީގެ ވާހަކަތައް އަޅުގަނޑަށް ކިޔައިދެއްވީ ލަގޮނޑިމާލިމީގެ ނަސީމާއެވެ. ކުޅުދުއްފުށީ މާލިމީ ކަމަނަ ނުވަތަ ކަމަނަ ދައިތައެވެ. ފިލާއެޅުމާއި ނިޔަމިކަމުގެ ކަންކަން ލަގޮނޑި މާލިމީ މި ކަމަނައަށް ވެސް އުނގަންނައިދެއްވިއެވެ. މާލިމީ ކަމަނަ ކިޔައިދިން ގޮތުގައި ލަގޮނޑީމާލިމީގެ ހަޔާތުގައި “ރިޔާ ނެގި އެއްޗެހީގައި ކޮޅުނބަށް ކޮއްޗޭއަށް ދަތުރުކުރި. އެއީ މާލޭ ސަރުކާރު ބޮޑެތި ބޯޓު ފަހަރުގަ. އުތުރުގައި ބަން ބޮޑުތި އޮޑި ފަހަރުގައި އިންޑިއާގެ މާ ދުރު ހިސާބުތަކަށް ދަތުރުކުރި. ބައްޕަ ނިކަން ބޭނުންވާނެ އެއްޗެހި ދަސްކޮށްދޭން ކުދިންނަށް”

ލަގޮނޑި މާލިމީއަކީ ދިވެހިންގެތެރެއަށް މަޝްހޫރު އެތައް ފަރިއްސެއްގެ ޝާއިރެވެ. ފަރިހިކިޔުމުގެ ޒަމާން ގޮސް ލަވައިގެ ޒަމާން ދިވެހިންގެތެރެއަށް އައި އިރުވެސް ލަގޮނޑިމާލިމީގެ ބައެއް ފަރިހި “ލަވައިގެ” ގޮތުގައި މިއަދުވެސް މަގުބޫލެވެ. “ހޭވާ ހޭވާ ނެތިހޭ މި ދަނީ” މިހެން ބުނުމުން ނޭގޭ ދިވެއްސަކު މަދުވާނެއެވެ. ޝާއިރަކީ ކުޅުދުއްފުށީ މަޝްހޫރު ލަގޮނޑިމާލިމީއެވެ. ލަގޮނޑިމާލިމީގެ އެހެން ފަރިތައް ކިޔަން ދަންނަ މީހުން މިއަދުވެސް ދުނިޔޭގައި އެބަ ތިއްބެވެ. ލަގޮނޑިމާލިމީގެ ޅެންވެރިކަމާ މެދު މާލިމީ ކަމަނަ ބުނުއްވިއެވެ:

ވަރަށް ގިނައިން ފަރިހި ކިޔާނެ. ފަރިހި ހަދާނެ. ރައިވަރު ހަދާނެ. ރައިވަރު މީހުން ލައްވަ ކިޔުއްވާނެ

ލަގޮނޑި މާލިމީއަށް ފަރިހި އަދި ރައިވަރު ހަދަން އުނދަގޫ ވަގުތެއް ނާދެއެވެ. ހަމަ ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއި އެކު ފަރިއްސާއި ރައިވަރުތައް ހައްދަވައެވެ. އަދި މީހުން ލައްވައި އެ ތަކެތި ކިޔުއްވައެވެ. ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި އެއިރުގެ އިލްމުތައް ދެނެލައްވާކަމުން ހައްދަވާ ފަރިހީގެ އޮއްޓަރު ރަނގަޅެވެ. “ދިޔަވަތް ރަނގަޅު އޮޑި” ފަރިއްސާ ގުޅޭ ގޮތުން މާލިމީ ކަމަނަ ބުނުއްވިއެވެ:

“ދިޔަވަތް ރަނގަޅު އޮޑި އަކީ އަކީ ބައްޕަ ހެދި ފަރިއްސެއް. އެ ހަދައިގެން ގޭގަ މީހުން ލައްވައި ކިޔާކަން ހަނދާން ހުރޭ. ހީވާގޮތުން އޮޑީގަ ކުރި ދަތުރަކަށް ހަދާފަ. ކޮން ދަތުރެއްކަން ހަނދާން ނެތް”

ދިވެހި އަދަބިއްޔާތަށް އަގުނުކުރެވޭފަދަ އެތައް ފަރިއްސެއް ދޫކުރައްވާފައިވާ ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު، މަޝްހޫރު ލަގޮނޑިމާލިމީ ނިޔާވީ 70ގެ އަހަރުތަކުގެ ކުރީ ކޮޅުއެވެ. މުސްކުޅި އުމުރާ ޖެހެންދެންވެސް މާލިމީކަން ކުރެއްވިއެވެ. ލަގޮނޑި މާލިމީއަކީ ރާއްޖެދުށް މޮޅު ޅެންވެރިއެކެވެ. އެނަމެއް ދިވެހި އަދަބިއްޔާތު ފޮތްތަކުގައި އޮންނަން ޖެހޭ، މިހާތަނަށް ފާހަގަކުރެވިފައި ނުވާ ނަމެކެވެ.

~

މ. މަޑުއްވަރީ ރަސްކޮއްކޮއިގެ ރަސްއަހަންމަދޭ އާ “ދިޔަވަތް ރަނގަޅު އޮޑި” ފަރިހި 

މ. މަޑުއްވަރީ ރަސްކޮއްކޮއިގެ ރަސްއަހަންމަދޭ، ފޮޓޯ: ސާމިދު، ރަތްމަންދޫ

މ. މަޑުއްވަރީ ރަސްއަހަންމަދޭ އަކީ ދިޔަވަތް ރަނގަޅު އޮޑި ފަހިރި ނިސްބަތްކުރެވޭ އެއް ޝާއިރެވެ. މިއީ އެ ރަށު ރަސްކޮއްކޮ (ރަސްކޮއި)ގެ ރަސް އަހަންމަދޭއެވެ. މުލަކު އަތޮޅުގެ މަޝްހޫރު މޮޅު ޅެންވެރިއެކެވެ. އެކި ކަންކަމަށް ލަވައާއި ޅެންފަރިހި ހައްދަވައި އުޅުއްވި އެއިރުގެ ކުޅަދާނަ ޝާއިރެކެވެ. ވަރަށް ރީތި ފަރިހިތައް ހަދައި ކިޔާ އުޅުއްވިއެވެ. މުލަކު އަތޮޅަކީ ލަނގިރިޖެހުން ފަދަ ސަގާފީ ކުޅިވަރުތަކަށް އެންމެ ކުރިއަރާފައިވާ އަތޮޅެވެ. މިގޮތުން ބޭނުންކުރެވޭ ބައެއް ލަވަތަކަކީ ރަސްކޮކޮއިގެ ރަސްއަހަންމަދޭގެ ޅެންވެރިކަމެވެ. އަތޮޅުގެ ރަށްރަށުގެ މެދުގައި ޖެހޭ ވާދަވެރިކަމުގެ މައްޗަށްވެސް ރަސްއަހަންމަދޭ ފަރިހި ހައްދަވައި ކިޔައި އުޅުއްވިއެވެ.

ދިޔަވަތް ރަނގަޅު އޮޑި ފަރިއްސާ މެދު މައުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތުގައި ރަސްކޮއްކޮއިގެ ޢަލީ އަޙްމަދު ދިރިއުޅޭ ގެއަށް ދިޔައިރު ޢަލީ އަޙްމަދުގެ ވަނީ ބަލިއެނދުގައެވެ. އުމުރުން 76 އަހަރެވެ. ބަލި ހާލަތުގެ ސަބަބުން ވާހަކަ ދެއްކޭގޮތެއް ނުވެއެވެ. ބައްޕައާ ގުޅޭގޮތުން އެހުމުން ޖަވާބަކަށް ދެއްވީ ހިނިތުންވުމެކެވެ. ދިޔަވަތް ރަނގަޅު އޮޑި ފަރިއްސާއި މ. މަޑުއްވަރީ ރަސްކޮއްކޮއިގެ ރަސްއަހަންމަދޭ ހުރި ގުޅުމުގެ ވާހަކަ އަޅުގަނޑަށް ކިޔާދެއްވީ ރަސްކޮއްކޮއިގެ ރަސްއަހަންމަދޭގެ ޢަލީ އަޙްމަދުގެ ޝިރުމީނާ ޢަލީއެވެ.

“އެއީ ކާފަ ހެދި ފަރިއްސެއް. ކާފަމެންގެ ފަރާތު ފިރިހެން ކުއްޖަކު އިންނަން އުޅުނީ މި ރަށު ކުއްޖަކާ. ރަށުގެ ނަގާކިޔާ ނުފޫޒުގަދަ ދެ އާއިލާއެއް ދެމެދުގެ ކަމެއް. އެއިރުގެ ކަތީބު އާއިލާއާ ނައިބުގޭ އާއިލާ. މިއީ އެހާ މަސްލަހަތު ރަނގަޅު ދެ އާއިލާއެއް ނޫން. އެހެން ނަމަވެސް، މި ދެ އާއިލާގެ ދެމެދު ކައިވެނިތައް ވެވިފައިވޭ. ކާފަ ފަރާތުގެ ކުއްޖާއަށް ކާފަ ދިން ނަސޭހަތެއް “ދިޔަވަތް ރަނގަޅު އޮޑި” އަކީ. ދެފަރާތުގެ އާއިލާ ޖެހުނު ނަމަވެސް އަންހެން ކުއްޖާ ހުރީ އިންނަން.

އޮޑި ރަނގަޅިއްޔާ ހުންގާނު ދޫކޮށްނުލާށޭ.

ކާފަ ބުނި ހަނދާން ހުރޭ. ދޯނި އެއީ އަންހެން ކުއްޖާ. ހުންގާނުގައި އެ ހުރީ ފިރިހެން ކުއްޖާ. ދޯނި ދިޔަނުވެ ދުއްވޭކަމުގައި ވާނަމަ އެ ދީލާ ނުލާށޭ

ދެފަރާތުގެ އާއިލާ ޖެހިފައިވީ ނަމަވެސް، އަންހެން ކުއްޖާ އެކުގައި ހުރިހާ ހިނދަކު ދެކުދިން އެކީގައި ދިރިއުޅުން ކުރިއަށް ގެންދަން ކާފަ ދެއްވި ނަސޭހަތަކީ ދިޔަވަތް ރަނގަޅު އޮޑި ފަރިހި”

 

މ. މަޑުއްވަރީ ރަސްކޮއްކޮއިގެ ރަސްއަހަންމަދޭ އަކީ އެކި ކަންކަމާ ގުޅުވައި ވަގުތުން ޅެންފަރިހި ހެއްދެވި ކުޅަދާނަ ޝާއިރެކެވެ. ދާދި އަވަހަށް ފަސޭހަކަމާއެކު ފަރިހި ހައްދަވައެވެ. ބަސްތައް އެތުރުމުގައި ފުރިހަމަވެފައި ފުން މާނަ ގެނެސްދެއެވެ. “ތިޔަކެއްކިފޮލާ ލަކުނު މިޒަމާން، ހިޔަލުގެ ފިނިކަން ނުލިބި ހުއްޓާ ދިޔައީ ފެނިގެންނޭ” މިއީވެސް ރަށުގައި އިންނަން އުޅުނު ކުއްޖަކަށް ކައިވެނިވާން ވަލީނުލިބި ހުންނަން ޖެހުމުން އެކަމާ ގުޅުވައި ރަސްއަހަންމަދޭ ކިޔާފައިވާ ފަރިއްސެއްގެ ތަންކޮޅެކެވެ. ނީލަމުން ނެގި ބޮއެބައްތިއަކާ މެދު ދިއްގަރާއި މަޑުއްވަރީ ދެމެދު ހިނގި ދެކޮޅުވެރިކަމަކަށް ކިޔުއްވި “ކުރުކޮށް ހިކާޔަތުގެ ޅެމުރާގުތައް ލިޔެ ނުރުހުންވިހާގޮތް ބުނެ އިއްވަނީ” ފަދަ ޅެންތަކަކީ ރަސްއަހަންމަދޭގެ ހަނދާންތަކެވެ. ރަސްކޮއްކޮއިގެ ރަސްއަހަންމަދޭގެ ކުޅަދާނަކަން ފެންނަ އެއް ޅެމަކީ ދިވެހި ހުރިހާ ވިޔަނި އަކުރުތައް ހިމަނައި ކުޑަވަގުތުކޮޅެއްގެ ތެރޭ ހެއްދެވި ޅެމެވެ.

ޒާތަކު ދެ ސަޓަންޏާ މާ ރަނގަޅު ރަޔަކާއަސާ ކާހިތުން ހިއްޗާ ބަތާ

ށަފަނަށް އެ މޮޅުވާނޭކަމަށް ރަށަކުން ގެނައި ނިރޮޅާ ވަކަރު

ވަށަމިން ދެފޫޓުގަ ނެތް ކަމުން ނެހެދޭނެޔޭ މި ބުނީ މަށޭ

ޏަމްޏަމްގެ ހުތްރަހަ ކެނޑުވުމަށް ދެލޮނުން އަޅައިގެން ކެއްކިޔަސް

ދަމުގާ ހަތަރު ގުނީމޭ، ރަހައަށް ދެގޮތް ނުވަންޏާ

މުލަކު އަތޮޅުގެ ކުޅަދާނަ ޅެންވެރިޔާ މ. މަޑުއްވަރީ ރަސްކޮއްކޮއިގެ ރަސްއަހަންމަދޭ ނިޔާވީ 1994 ވަނަ އަހަރުއެވެ. ރަސްކޮއިގެ ރަސްއަހަންމަދޭއަކީ ޅެން ފަރިއްސާއި ވާހަކަތައް ރަށުގެ މީހުންނަށް އެއްކޮށްގެން ކިޔައިދީ އުޅުނު ރަށުގެ މުދިންކަމާއި ނައިބުކަން ކުރެއްވި ހަރުދަނާ މޮޅު މީހެކެވެ.

~

ތައްމަތު:

“ދިޔަވަތް ރަނގަޅު އޮޑި” ފަރިހިން ރާއްޖޭގެ މޫސުމާއި ދިވެހިންގެ ނިޔަމިކަން ހުރިނެތްގޮތް ބުނެދިނެވެ. އޮޑިދޯނި ފަހަރުގެ އެކި ބައިތަކަށް ދިވެހިން ކިޔާ އުޅުނު ނަންތައް ދަސްކޮށްދިނެވެ. ދިވެހި ރާއްޖޭގެ ކަނޑުފަޅުގެ ޖިއޮގްރަފީގެ އެތައް ކަމެއް އުނގަންނައިދިނެވެ. “ދިޔަވަތް ރަނގަޅު އޮޑީ”ގެ ދަތުރުން ހަޔާތުގައި އުނދަގޫ ދުވަސްތަކެއް ވޭދުކުރަމުންދާ ބަޔަކަށް ހިތްވަރު ލިއްބައިދެއެވެ. ސިޔާސީ ކުރިމަގަށް މަސައްކަތްކުރާ މީހަކަށް ދާންވީގޮތުގެ މިސްރާބު ދައްކައިދެއެވެ. ގައުމީ ހިދުމަތުގެ ހުންގާނުގައި ހުރި މީހަކަށް ގައުމީނައު ހޭރިޔާކޮށް ދުއްވަންވީގޮތް ބުނެދެއެވެ.

“ދިޔަވަތް ރަނގަޅު އޮޑި” ފަރިހީގެ ވާހަކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަކީ ދިވެހި އަދަބިއްޔާތުގެ މުއްސަނދިކަން ބުނެދެވޭނެކަމެކެވެ. ބޭރު ބަސްބަހުން ލިޔެފައި ހުރި ޅެންތަކުގެ މޮޅު ވާހަކަ މިއަދުގެ ކުދިން ދައްކަމުންދާއިރު އަމިއްލަ ބަހުން މި ފަދަ މޮޅު ޅެންވެރިކަމުގެ އުފެއްދުމެއް އޮތް ކަމީ

“އަހަރެމެން ދިވެހިންނަކީވެސް ކިތައްމެ ޤައުމުމަދުވެފައި ރާއްޖެ ކުޑައަކަސް” އަދަބީ މޮޅު އުފެއްދުންތަކެއް އެބައެއްގެ ތެރޭގައި ހުރި ބައެއް ކަމުގެ ހެއްކެކެވެ

~

ހާއްސަ އެހީތެރިކަން:

މާލިމީ މުޙައްމަދު ޔޫސުފް، ދޮންފަނު

މާލިމީ ދާންނާ ބޮޑުހަސަންބެ، ދިއްދޫ

ހިތާދޫ އަހުމަދު މާލިމީ

~

ހަވާލާދެވުނު ލިޔުންތައް:

ޔޫސުފް ޢަލިފުޅުގެ ޅެންތައް

އޮޑިދޯނިފަހަރު ބަނުން، އަޙްމަދު ޝަފީޤް

ދިވެހި ރާއްޖޭގެ ޖޯގްރަފީއަށް ތަޢާރިފްކުުރުމެއް، މުޙައްމަދު އަމީން

ބޮޑުތަކުރުފާނު ވާހަކަ، ބުރާރަ މުޙައްމަދުފުޅު

7 ކޮމެންޓު ”ދިޔަވަތް ރަނގަޅު އޮޑި – ފަރިހިން ކިޔައިދޭ ދިވެހިންގެ ނިޔަމިކަން“

    ޙަލީމް

    ވަރަށް ރަނގަޅު މޮޅު ލިޔުމެއް. މިފަދަ ލިޔުމެއް ލިޔުމަކީ ވަރަށް ބައިވަރު ދިރާސާކޮށް ވަރަށް ގިނަ ވަގުތު ހޭދަވާނޭ ކަމެއް. ލޫކަސްގެ މަސައްކަތަށް އައްސަރިބަހާ ސާބަސް.

    އިއްޓެ

    Lucas Jaleel 👏

    ‏ ވ ވ މޮޅު އާދަޔާހިލާފު މޮޅު ދިރާސާއެއް

    މިހައިތަނަށް ފެނުނު އެންމެމޮޅު އެއް ދިވެހި ލިޔުން

    އައިޝަތު ލަތީފާ

    މި ލިޔުމަކީ ގިނަ ދިރާސާތަކެއް ކުރައްވައިގެން ލިޔުއްވާފައިވާ މަޢުލޫމާތު މުއްސަނދި މޮޅު ލިޔުމެއް. ޝުކުރިއްޔާ

    އިބްރާހިމް ނަސީރު / ޒެނާނާ، ސ.ހިތަދޫ

    ދިޔަވަތް ރަނަގޅު އޮޑި މިފަރިއްސަކީ ސ.ހިތަދޫ ދޮންރަހާގެ އަބްދުﷲ ދީދީ ނާލު ބައްތެއްޔެއް ގަނެގެން ރަށައް (ސ.ހިތަދޫ) އައުމުގެ މަގުމަތީގައި (ދަތުރު މަތީގައި) ހެދި ފަރިއްސެއް. މިކަން ދަނެތިބި ވަރަށް ގިނަ އުމުރުން ދުވަސްވީ މީހުން އަދިވެސް ދުނިޔޭގަ އެބަތިބި. މިބުނި ބައްތެއްޔަށް ފަހުން ކިޔާ އުޅުނީ ސީދީ ބައްތެލި
    މިފަރިހީގެ އިތުރަށް އައްޑޫ ވެށި ވެސް ހަދާފައިވަނީ އަބްދުﷲ ދީދީ. އިތުރަށް މައުލޫމާތު ހޯއްދެވުން ފެނޭ

    ރާނީ

    ވަރަށް ޝައުގުވެރި ބޭނުންތެރި ލިޔުމެއް

    އަޙްމަދު ޞިއްދީޤު

    ވަރަށް ރަނގަޅު ލިޔުމެއް.
    މިއީ ވަރަށް މަސައްކަތް. ވަރަށް ގިނަވަގުތު.
    މި ލިޔުން ލިޔުނު ލިޔުންތެރިޔާ އަށް މި ރޮގުން ކުރިއަށް ދިއުމަށް ހިއްވަރުދެން.

Leave a Reply to އިއްޓެ ކެންސަލް ރިޕްލައި