ވާހަކަ: ނުވަދިހައިގެ ރޭތައް

 ފުރަމެންދަން 

“ގަޑިން މެންދަމުން އަލިވެ ތިންގަޑި ސުންމިނެޓު. އައްސަވަމުން ތިޔަ ގެންވަނީ ދިވެހި ރާއްޖޭގެ އަޑު”

ރެޑިއޯ ނިވާލުމަށް ފަހު އެނދުން ތެދުވީމެވެ. މިރޭވެސް ނިންޖެއްނައެވެ. ކޮންމެ ރެޔެއްވެސް ފާއިތުވަނީ މި ހިމޭންކަމުގައެވެ. އުފާވެރި ހަޔާތެއްގެ މާދަމާއަށް ކުރެވޭ އުންމީދުގައެވެ. މާލޭގައި ތިބި އަނބިދަރީންގެ ފިކުރުގައެވެ. ކަތީބު އައިސް ރަށު ބައްތެލިން މާލެ ފުރަންވީކަމުގައި ބުނާނެ އިރެެއްގެ އަވާމެންދުރުގައެވެ. ދެން އެޅުނީ ފުން އިހުސާސްތަކުގެ ލަސް ފިޔަވަޅުތަކެވެ. ފާނޫޒުގެ އަލިކަން ފޯރާ ހިސާބު ފާރުގައި އެލުވާފައި ހުރި ކަލަންޑަރު ކައިރީ ގޮސް ހުއްޓި ހުރެވުނެވެ.

“3 އޭޕްރިލް 1993”

އަރުވާލި މީހެއްގެ ދުވަސްތައް ފާއިތުވާލެއް ކިހާ ލަސްހެއްޔެވެ. މި ރަށުގައި އަދި ހަތް އަހަރު ހޭދަކުރަން ޖެހެއެވެ. މުއްދަތުން ފާއިތު މި ވީ އެންމެ ފަސް މަހެވެ. ފަރީދާގެ ސިޓީއެެއް ނުލިބޭތާ ވެސް ދެ މަސްވީއެވެ. ދެކުދިންގެ ހާލު ހުރިގޮތެއް ނޭނގެއެވެ. އަނބިދަރިންގެ ހިޔާލުތަކުން ނިކުމެވުނީ ޖެހިގެން ހުރިގޭ ގިފިލިން ފެން ދާންޏެއް އޮއްސާލި އަޑާއި އެކު ޖަނބުރޯލު ގަހުން ވާތައް އުދުހިގެންދިޔަ އަޑަށެވެ. މި ފުރަދަންވަރު ސަކީނާމެންގޭގައި ހޭލާ އެއުޅެނީ ކާކުބާއެވެ؟

ސަކީނާ ޔޫނުސް ގޮވައިގެން ބޭހަކަށް ކައިރި ރަށަކަށް ދިޔަ ފަހުން ގެ ހުންނަނީ ފަޅަށެވެ. ރުކުން ވެއްޓި ލިބުނު އަނިޔާގަ ދަރިއަކު ނެތް އެ ދެމަފިރިންގެ ދިރިއުޅުން ހުއްޓުމަކަށް އައީއެވެ. ދުނިޔޭގެ ތަގުދީރު ގިނަ ފަހަރު ދިމާކުރަނީ ތަދުބީރުކުރި އެތައް ކަމެއް ނުވުމަށެވެ. ޔޫނުސް އެހެންނާ ހުރީ ޖުންޖުލައިގެ ކުރިން ގޭފުރާޅު އީޓު އާކޮށް ފަންބަދިގެ އާ ކުރާށެވެ. އެންމެންނަކީ ނިކަމެތިންގެ ހާލުގެ މައްޗަށް އެހީތެރިކަން ފޯރުވައިގެން އުޅޭ ބައެއް ނޫނެވެ. މި ރަށުގައި ހޭދަކުރަން ޖެހުނު ފުރަތަމަ ދެ މަސްދުވަހު ސަކީނާއާ ޔޫނުސްގެ އޯގާތެރިކަން ނުލިބުނު ނަމަ…

~

ފަރުދޭސީ

އަހަންނަކީ ފަރުދޭސީއެކެވެ. ބޭރުން އައިސް ހުރި ތަނުގެ ހަބަރު ނުފިލާ މީހެކެވެ. މި އެކަހެރި ގާމަތީ ރަށަށް ފުރަތަމަ ފޭބި ދުވަހުގެ ހަނދާނަކީ އެއީއެވެ. މާލެއިން ދިން ސިޓީއާ އެކު ރަށަށް ފެއިބުމުން ހަވާލުވީ ކަތީބެވެ. މުސްކުޅިފުރައިގެ ސާދާ މީހެކެވެ. މޫނުމަތިން ރުޅިވެރިކަމެއް، ހަރުކަށިކަމެއް އޭނާގެ ނެތެވެ. މަޑުމައިތިރި ރާގެއްގައި ކުރީ ދެތިން ސުވާލެވެ.

“ހާލިދު ދަންނަ މީހަކު މި ރަށުގައި އެބަހުރިތަ؟ ދާން ބޭނުންވާ ގެއެއް އެބަހުރިތަ؟”

މާލޭން ލެފި އޮޑި ދޮށަށް މުދާ ބާލަން އައިސް ތިބި މީހުން ކަތީބުގެ ވާހަކަތަކަށް އެއް ކަންފަތްދީގެން ތިއްބެވެ.

“ދަންނަ މީހަކުވެސް ނެތް. ދާނެ ވަކި ގެއެއްވެސް ނެތް”

“ސައްތާރު! މީނާ ތި ގޭގައި ބެހެއްޓޭނެތަ؟”

އޮޑިން ކަރާސީނު ހަންތައް ބާލަން ހުރި ސައްތާރަށް ގޮވަމުން ކަތީބެ އެއްސެވެ. ސައްތާރުގެ ރުންކުރު ޖަވާބުން ހިތުގައި ޖެހުނެވެ.

“އަރުވާލި މީހުން ގޭގައި ނުބައިތިއްބަން. އެހެން ރަށަކަށް ފެއްސެން ބުނޭ”

އޮޑި ދޮށުން ކަތީބު ދެން އެހި މީހުންގެ ޖަވާބުވެސް ހުރީ ރުޅިވެރި ގޮތަކަށެވެ. އޮޑިދޮށުން މީހުން ހުސްވުމުން ކަތީބު އަހަރެން ގޮވައިގެން އެއްގަމަށް ދިއުމަށް ހިނގައިގަތެވެ. މިއީ މީހުން މަދު މާ ރަށެކެވެ. އަރާފައިބަން އުނދަގޫ ގާމަތީ ރަށެކެވެ. މީހުން އަރުވާލަނީ މިކަހަލަ ރަށްރަށަށެވެ. އެކަނިވެރިކަމުގައި ވޭނުގައި އުޅެންޖެހޭ ގޮތަށެވެ. އަހަރެން ކުށެއް ނުކުރަމެވެ. އެހެން މީހަކު ކުރި ވައްކަމެއްގެ ބަދުނާމު ބޮލުގައި އަޅުވައި މި ރަށަށް ފޮނުވާލީއެވެ. އިންސާފަކީ އަބަދުވެސް ފަނޑިޔާރުގެއިން މޮޅު މީހާ ގަންނަ އެއްޗެކެވެ. އެއްގަމުން ވަކި ހިސާބަކުން ފެންނަން އޮތީ ރަށުގެ މިސްކިތާއި ގަބުރުސްތާނެވެ. ދެން މާ ދުރުން އަންނަ މުސްކުޅި ފުރައިގެ ދެމަފިރިންނެވެ.

“މި ރަށަކީ އަރުވާލި މީހުންނަށް ހެޔޮ ރަށެއް ނޫން. ބޮޑެތި އަނިޔާތައް ދީ ހަދާ. ބަހައްޓާނެ ގެއެއް ނުވެއްޖެއްޔާ އަހަރުމެން ގޭގަ ހުރެވިދާނެ”

ކަތީބު ރަށުގެ ވާހަކަތައް ކިޔައިދެމުން މަޑުކުރިއެވެ. އެއިރު ދުރުން ފެނުނު މުސްކުޅި ފުރައިގެ ދެމަފިރިންނާ އަރާ ހަމަވެއްޖެއެވެ.

“ޔޫނުސް! މީނަ ތި ގޭގަ ބަހައްޓަން ވީނު؟”

“ސަކީނާ ރުހެންޏާ”

ޔޫނުސްގެ ޖަވާބު ކުރެވެ. ސަކީނާ އެންމެ ރަނގަޅޭ ބުންޏެވެ. އެއީ ސަކީނާމެން ގެއަށް އަންނަން ޖެހުނު ގޮތެވެ. ޔޫނުސްއަކީ މި ރަށު މީހެއް ނޫނެވެ. ސަކީނާމެން ގޭގައި ހުރެވޭގޮތް ވީ މަދު ދުވަސްތަކެއްގައެވެ. ސަކީނާމެން ދެމަފިރިންގެ ދިރިއުޅުން ހުރިލެއް ދަތިކަމުން އަވަށްޓެރި އާދަންކޮއެމެން ގެއަށް ބަދަލުވާން ޖެހުނީއެވެ. އެދެމަފަރިންގެ ހަޔާތަށް އިތުރު ތުރާލަކަށް ވުމަށް ނޭދެވުނީއެވެ. އާދަންކޮއެބެއަކީ މި  މި ރަށުގައި އުޅޭ ހެޔޮ މަދުމީހުންގެ ތެރެއިން އެކެކެވެ. މުސްކުޅި އުމުރުގެ ހިސާބަކަށް ތަނަވަސް މީހެކެވެ.

ރަށުގައި ހޭދަވި ފުރަތަމަ ދުވަސްތަކުގެ ހިޔާލުން ނިކުމެވުނީ ސަކީނާމެންގޭ ގިފިލިން ބާރު އަޑުފައްގަނޑެއް އިވުމުންނެވެ. އެއްޗެއް ބާރަށް ޖެހުނު އަޑާއި ތެލިތަކެއް ބިންމައްޗަށް ފައިބައިގެން ދިޔަ އަޑެވެ. މިވާގޮތެއް ބެލުމަށް ބޭރަށް ނިކުންނަ ހިތްވިއެވެ. ސަކީނާމެެންގެ އާ މި ގެއާ ވަކިކުރަން ހުންނަނީ ތިރި ފުޅަފެކެވެ. ބައެއް ހިސާބުން ފުޅައްގަނޑު ވަނީ ވެއްޓިފައެވެ. ފާނޫޒު ހިފައިގެން ފުޅައްގަނޑުން ވެެއްޓިފައިވާ ދިމާއިން ސަކީނާމެންގޭ ގޯތިތެރެއަށް ވަނީމެވެ. މިއަދު އެ ގޯތިން ފެންނަނީ ފަޅުކަމެވެ. ބޭރު ފުޅިބައްތިވެސް ރޯކުރާނެ މީހަކު ނެތި އަނދިރިކަމެވެ. ހިފައިގެން ދިޔަ ފާނޫޒުގެ އަލިކަމުން މަގު ހޯދައިގެން ގިފިލީގެ ދޮރުގައި ހިފީމެވެ. ހުރީ މަކުޑި ނުލައެވެ. ގިފިލިތެރެއަށް އަލިކޮށް ބެލި އިރު ދާނި އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ގިފިލީގައި ހުރި ތެލިތައް ހުރީ އެކި ދިމާލަށް ބުރައިގެން ގޮހެވެ.

“ހާލިދު!”

ހުއްޓުން އެރީ އަހަރެންގެ ނަމުން ފަހަތުން ގޮވާލުމުންނެވެ. އެއީ އަންހެނެއްގެ އަޑެވެ. އަހަންނަކީ ބިރުގަންނަ މީހެއް މީހެެއް ނޫނެވެ. އެނބުރި ފަހަތަށް ބެލީމެވެ. އެއްވެސް މީހަކު ފެންނާނަކަށް ނެތެވެ. އެއީ ފުރަދަންވަރެއްގެ ސަމާސާއެކެވެ. ނުވަތަ މި ހިމޭން ފަޅުކަން ގެނެސްދިން އަޑެކެވެ. އެނބުރި ދިރިއުޅޭ ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އާދަންބެކޮއިބެމެންގޭ ގޯތިތެރެއަށް މިރޭ ޖެހެނީ މާ ހިތްފަސޭހަ ވައެކެވެ. ގެއަށް ވަންނާނީ ބޭރު ޖޯލީގައި އޮތުމަށް ފަހުއެވެ. އެއީ ނިދި ޖެހުނު ވަގުތެވެ. ދެން ހޭވެރިކަންވީ ކައިރީގައި އަންހެނަކު ވާހަކަ ދައްކާ އަޑަށެވެ. އެއީ ސަކީނާމެންގޭ ގޯތިތެރޭން އިވުނު އަޑެވެ. ރަނގަޅަށް ދެލޯ ފުހެލާފައި ބެލި އިރު ޖެހިގެން އެއްޖޯލި ދޫކޮށްފައި ޒުވާން އަންހެން ކުއްޖަކު އިނެވެ.

“މަންމަ ހާލިދުއަށް ބަލަން ބުނެފަ އޮތީ. ފާނޫޒު ހިފައިގެން މީހަކު ގޯތިތެރެއަށް ވަތް ކަން އެނގޭ. ގޮވާލީމަ ޖަބާބެއް ނުދިން. އެހެންވެ މިއައީ. ކަމަކަށް ދަތިވީތޯ ބަލަން”

ހައިރާންވެފައި އަހަންނަށް ހުރެވުނީ އެ ކުއްޖާގެ މޫނަށް ބަލާށެވެ. ސަކީނާއާއި ޔޫނުސްގެ ކުދިންގެ ނުތިބޭކަން އަހަންނަށް އެނގެއެވެ. އަހަރެން މި ރަށުގައި ދިރިއުޅޭތާ ފަސް މަސް ވީއެވެ. “މަންމާ!” އޭ ކިޔާފައި ސަކީނާއަށް ކުއްޖަކު ގޮވާލި އަޑެއް ނާހަމެވެ. އެހެން ނޫނަސް ދުވާލުގެ ވަގުތު ނުފެނި ރޭގަނޑު….

(ނުނިމޭ)

ފޮޓޯ: ޗަކް ބޯޔާރ