ފެދުއުނުމި ކޯޅި އެމާ – ފަރިހީގައި ބަސްފުރޮޅުން

ގަސްދޮށަށް ޖަންބުމާ، ނަސްވެރުމަ ތަލި ރަންކޮޅާ

ފުރަތަމަވެސް ހިތަށް އަންނާނީ ރައިވަރުގެ ބަސްތަރުތީބުކުރުމަށް ދިވެހި އިމްތިހާނު ކަރުދާހުގައި ދީފައިވާ ފޫހި ސުވާލެކެވެ. އެއާ އެކު ހިތުގައި ދެން އުފެދޭ މާ ގިނަ ސުވާލުތަކެވެ. އަބަދު އެއް ރައިވަރުތަކެކެވެ. އެއް ސުވާލުތަކެކެވެ. ރައިވަރެއްގެ ބަސް ތަރުތީބުކުރުމުން ދަސްވަނީ ކޮންކަމެއް ހެއްޔެވެ؟ މީގެން އަހަންނަށް އޮތީ ފައިދާއެއް ހެއްޔެވެ؟ އަހަރެމެން ގައުމުގެ އަދަބިއްޔާތަކީ އިމްތިހާނު ދީ ކިޔަވައި ހަދަން އެހާ މޮޅު އެއްޗެއް ހެއްޔެވެ؟ އަހަރެން ކިޔާނީ ހުޅަނގު އަދަބުގެ “އިލިއާޑް” އާއި އޮޑިސީ” އެވެ. އުނގެނޭނީ އިނގިރޭސި ލިޓެރޭޗާރއެވެ.

ރައިވަރެއްގެ ބަސްތަރުތީބުކުރުމާ އެކު ބުނެދޭން ޖެހޭ ވާހަކަތައް ގިނައެވެ. ކުރީގެ ޅެންފަރިހިރައިވަރުތަކުގައި ބަހެއް ނުވަތަ ދެ ބަހެއްގެ އަކުރުތައް އިސްފަސްކޮށް އެެއްކުރުމުން މާނައަށް ބަދަލެއް ނާދެއެވެ. އަދި ކިޔާ ވަޒަނަށް ތަފާތު ކަމެއް އަޔަނުދެއެވެ. ފަހަރުގައި އަޑުއަހާ މީހަކަށް ބުނާ އެއްޗެއް ދޭހަވުން އުނދަގޫވިޔަސް، ކިޔާ މީހަކަށް ރާގަށް ކިޔުމުގައި ފަސޭހަވެގެން ދެއެވެ. ވަޒަނާއި ރާގަކަށް ފެތުމަކީ ހިތުގައި ތަކެތި ހަރުލުމުގެ އެއް އަސާސެވެ. ލިޔެފައި އޮންނަ ޖުމްލައަކަށް ވުރެ އަޑުއިވޭ ޅެންބައިތެއް ހިތުގައި ހަރުލަނީ މިހެންވެއެވެ. މިގޮތުން، ލިޔެކިޔުން އާންމު ނޫން ދުވަސްވަރެއްގެ ގިނަ ވާހަކަތައް ރާގާއި ވަަޒަނުން ފަހަށް ފޯރުކޮށްދިނެވެ. ހިޔާލުގެތެރެއިން ދޮންހިޔަލަގެ ވާހަކަ އާއި ހިނގާދިޔަކަމެއްގެ ވާހަކައިން ދިވެހި ރަސްކަލެއްގެ އަރުމާޒު ދަތުރުފުޅު ޅެންބަހުން މިއަދާ ހަމައަށް އައިސްފައި އެވަނީއެވެ.

~

ކުރީގެ ޅެން ފަރިހީގައި ބަސްފުރޮޅުން

ރާގަށް ހަމަކޮށް އަހަރެމެންގެ މި ޒަމާނުގައި ކިޔާ ތަކެތީގައި ކުރީގެ ރައިވަރާއި ފަރިހިތަކުން އެ ފެންނަ ގިނަ ފުުރޮޅުންތައް ހުންނާތީ ނުފެނެއެވެ. އަމުދުން އެ ގޮތް ނެތި ހިނގައްޖެއެވެ. އަޑުއަހާ ބަޔަކަށް ޅެމުގައި ބުނާ އެއްޗެއް ދޭހަވުން ދަތިކަމަށްޓަކައި އެކަން ދޫކޮށްލީއެވެ. ނުވަތަ ބަސްތައް ފުރޮޅަނީ ބުނަން ބޭނުންވާ “ވިޔާނުދާ” ވާހަކަތަކެއް ޅެމެއްގައި އެކުލަވަން ކަމުގައި ހީކުރެވި އެގޮތް ދޫކޮށްލީއެވެ. އިހުގައި ބަސްފުރޮޅައިގެން ކިޔާފައި ހުރި ތަކެތި ނިއުޅައި ބަލާއިރު، ފެންނަނީ ސާދާ ރީތި ބަސްތަކަކުން ގަތާލެވިފައި ހުންނަ މުތީގެ ހާރުތަކެކެވެ.

ދޫވާށިތޯ ފަހެ ކިހާ
ދޫމިލްކު ނުވިއަސް ހިތާ
ދޫގޮއިގެޔާ އުޅޭ ހިރުނު
 

މިއީ ނައިބު ތުއްތޫ ކިޔުއްވާފައިވާ ހަބަސް ރައިވަރަކުން ބައެއް ބަސްތަކެވެ. މި ރައިވަރުގައި ވަނީ ދުލާއި ހިތުގެ ވާހަކަކަމަށް ހީކުރެވުނަސް، ރައިވަރުގައި އެކުލެވިފައިވަނީ ރަށްތަކެއްގެ ވާހަކައެވެ. ކިހާދޫ ވާށިތޯ، ހިތާދޫ މިލްކު ނުވިއަސް، ގޮއިދޫ ގޮޔާ ނުރުހިއުޅޭ، މި ބާވަތުގެ ވާހަކަތަކެކެވެ. ބަސްފުރޮޅުމާ މެދު ބަލާއިރު ދެން ފެންނަން އޮތީ ޙުސައިން ޞަލާހުއްދީންގެ އެންމެ މަޝްހޫރު އެއް ބައިތެވެ.

އަދަބުވެރިކަން ނެތުނު މީހާ ދެދުނިޔޭން ގެއްލި ނިމިދާނޭ
މަދަރުވެރިކަން ނެތީވިއްޔާ ޤަދަރުނެތިގެން ހިނގައިދާނޭ
 

ދިވެހި ބަހުގެ ހުރިހާ ބަސްފޮތެއް ހޯދައި ބެލި ނަމަވެސް، “މަދަރުވެރިކަމުގެ” މާނައެއް ނުފެންނާނެއެވެ. މިތަނުގައި ޙުސައިން ޞަލާހުއްދީން ކިޔުއްވާފައި އެ ވަނީ “ދަރުމަވެރިކަން” ނެތީ ވިއްޔާ ޤަދަރުނެތިގެން ހިނގައިދާނެކަމުގައެވެ. ނައިބު ތުއްތޫ އަދި ޙުސައިން ޞަލާހުއްދީން ފަދަ އަދީބުންގެ ދައުރަށް ވުރެ ފަހަށް ބެލުމުން ފެންނަނީ އެންމެންގެ މެދުގައިމެ މަގްބޫލު ފަރިއްސަކުން ބައިތުތަކެކެވެ.

ރެންއަފުނަފުރާ ބޭނުންނަމައީ (އަފުރެން ފުރާނަ ބޭނުންނަމައީ)
ފެންނަން އަހުރެން އޮތް ހިނދުގައި
ނޫހޭ ނަފުރާ އަހުރެން މިއެދޭ (އަހުރެން މި ފުރާނަ އެދޭ ނޫންހޭ)
 

ފަރިހީގެ ބަސްތައް ފުރޮޅައި ރާގަށް އެކުލަވައި ގެނެސްދީފައިވާ ގޮތުގެ ފުރިހަމަކަމެވެ. ދިވެހި ކުރީގެ ޅެންވެރިކަމުގައި ހުރި ބަސްތަކުގެ ފުރޮޅުންތަކަކީ ދިވެހި އަދަބިއްޔާތުގެ އެއް މުއްސަނދިކަމެވެ. އެކި ދުވަސްވަރުގެ ބަސްފުރޮޅުންތަކަށް ބެލުމުން މިއީވެސް ހަރުދަނާގޮތެއްގައި އެއިރުގެ މީހުން ރާގަށް ފަހިކޮށް ކޮށްފައިވާ ކަމެއްކަން އެނގޭނެއެވެ. ދިވެހި އިހުގެ ޅެންވެރިކަމުގައި ބަސްފުރޮޅާފައިވާ ގޮތްތަކާއި މެދު ޝައިޚް ޒުބައިރުގައި ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވެއެވެ:

“އިހުގެ މީހުން އެކަންތައް ކޮށްފައި ހުރީ ވަރަށް ވަރުގަދަ ޤަވާޢިދެއްގެ މައްޗަށެވެ. އަދި ވަރަށް މަސައްކަތުން ނޫނީ މީހުނަށް އެނގުނަ ނުދިނުމަށް ބަސްފުރޮޅާ ވަކި ޤަވާއިދެއްވެސް އޮވެއެވެ. އިހުގެ މީހުން ވަކި ޤަވާޢިދަކަށް ޅެންބަސްފުރޮޅައިފައި ހުއްޓަސް މިފަހަކަށް ހެދުނު މީހުން ޅެންބަސްކިޔައި އުޅުމުގައި ބަސްފުރޮޅައިފައި ހުރީ އެއީ އެއްވެސް ޤަވާޢިދެއް ނެތް ކަމެކޭ މީހުނަށްވެސް ހީވެދާހައިވެސް ވަރަށެވެ. މިހެންކަމުން މިބުނި ޤަވާއިދުތައް ދަންނަ މީހުން މި ޒަމާނުގައި ހީވަނީ ވަރަށް މަދުހެނެވެ”

 

ފެދުއުނުމި ކޯޅި އެމާ

“ފެދުއުނުމި ކޯޅިއެމާ” އަކީ ނައިފަރު ދޮހޮއްކޮގެ އަޑުން އިވިގެން ދިޔަ ހިތްގައިމު ރީތި ލަވައެވެ. ކިޔާފައިވާ ރާގާއި ބޭނުންކޮށްފައިވާ ބަސްތަކާއި ފޮރޮޅުންތަކުން މި ލަވަ އަކީ ފަރިހި ދައުރުގެ “ޝާއިރެެއް އެނގެން ނެތް” މުތެއްކަން ބުނެދެއެވެ. ނައިފަރު ދޮހޮއްކޮގެ އަޑުން އިވިފައިވާ އެހެން ބައެއް ޅެން ފަރިހިތައް ފަދައިން ހެދި މީހަކު އެނގެން ނެތް، ދޮހޮއްކޮބެއާ ހަމައަށް އައުމުން ކިޔާފައިވާ މޮޅު ފަރިއްސެކެވެ. “ފެދުއުނުމި ކޯޅި އެމާ”ގެ އެންމެ ހާއްސަކަމަކީ ބަސްތަކުގެ ފުރޮޅުންތަކެވެ. ސާދާވެފައި ރީތިކަމެވެ. ދިވެހި ކުރީގެ ޅެންވެރިކަމުގައި ބަސްފުރޮޅާފައިވާ ގޮތްތައް ދެނެގަތުމަށް މިއީ މުހިންމު އަދަބީ ގެތުމެކެވެ.

ފެދުއުނުމިކޯޅިއެމާ އެދުމުގަބިނދެވޭނެބާ
މެދުއެޔާއެދިހުރިމާ ތެދުވެރިބިނދެވޭނެބާ
 
ގުފަރަނުމެވާގަހުގާ ޑުފަނުވެއިންފަރިވެއެމާ
ލުފަސުފެށުމުންފުޅުމާ އުފަލުގަބިނދެވޭނެބާ
 
ވަސްދުވާމަގުމަގުގާ ކަސްގޮމަތޫރީގެމިވާ
ގަސްތުކޮށްގެންހުރިމާ ލަސްނުވެބިނދެވޭނޭބާ
 
ރޯޅިފިނިޗާއެބަގީ މޯޅިނުވެގަހުންފަރިވީ
ގޯޅިތެރެއިންފުޅުމާ ކޯޅިއެބިނދެވޭނޭބާ
 
ފެންފިނިވަހާއެކުގާ ސެންޓުލިވޯނާހުގެވަސް
އެންމެބޭނުންފުޅުމާ ދެންމަށަށްބިނދެވޭނެބާ
 
ޔާފިކުލަފެންޒުވިދާ މާފުޅުއިންގޮފިކޮޅުގާ
ރާގުތައްރީތިގޮވާ މާމަށަށްބިނދެވޭނެބާ
 
ނީލަމުއަގީދުގެވަސް، ވީރުހަފިނިވާއިރުގާ
ކީލަގަދަކުރިފުޅުމާ ހީވެޔޭބިނދެވޭނެބާ
 
ކަރުގަނޑުގެރަހަމަލުގާ ޝަރުބަތުވެދެޔޭނުތަފާ
ޒަރުޖުދުބަކުލަހުރިމާ ޖަރުމަނުބިނދެވޭނޭބާ
 
 

“ފެދުއުނުމި ކޯޅި އެމާ” ފަރިހީގައިވާ ސާދާ ބަސްފުރޮޅުން

ފެދުއުނުމި ކޯޅި އެމާގެ ގިނަ ކަޑިތައް ފެންނަން އޮތީ ނައިފަރުދޮހޮއްކޮގެ އަޑުން އިވިފައިވާ ލަވައިގެ ރެކޯރޑިންތަކުންނެވެ. މިފަހުން އެކި ލަވަކިޔުންތެރިންގެ އަޑުން “ފެދުއުނުމި ކޯޅި އެމާ” އިވިގެންގޮސްފައިވަނީ ކަޑިތައް މަދުކޮށެވެ. ނައިފަރު ދޮހޮއްކޮގެ އެކި ލަވަތަަކުން ފަރިހީގެ އަސްލާއި ނައިފަރު ދޮހޮއްކޮގެ ކިޔުމުގައި ތަފާތުތައް ހުންނަކަން ފާހަގަކުރެވޭނެއެވެ. ރާގަށް އިތުރަށް ފަސޭހަކުރުމަށް ނުވަތަ އެނޫންވެސް ސަބަބުތަކަށްޓަކައި ބައެއް އަކުރު ނުވަތަ ފިއްޔަށް ބަދަލުގެނެސްފައި ހުންނަކަން ނައިފަރު ދޮހޮއްކޮގެ ލަވަތައް އަޑުއަހައި، އެއާ މެދު ވިސްނުމުން މޭރުންވާނެއެވެ. ހަމަ އެކަނި ކިޔުމުން ފެންނަން ހުރި މި ފަދަ ޅެން ފަރިހިތައް ލިޔާއިރު އެ ތަފާތުތައް ލިޔުމުގައި ފާހަގަވާނެއެވެ. ކިޔުމުގައި ހުރި މި ތަފާތުތައް ލިޔުމުން ފާހަގަކުރުމަކީ ނައިފަރު ދޮހޮއްކޮ އެ ތަކެތި ކިޔާފައިވަނީ ގޯސްކޮށް ކަމުގައި ބުނުމެއް ނޫނެވެ. މި ބާވަތުގެ ދިވެހި އަދަބީ އުފެއްދުންތަކުގައި ހުންނަގޮތްތަކެއް ބުނެދިނުމެވެ.

ފެދުއުނުމިކޯޅިއެމާ:

ފެދުއުނުމިކޯޅިއެމާ އެދުމުގަބިނދެވޭނެބާ

އުފެދުނު މި އެދުމުގައި އެމާ ކޯޅި ބިނދެވޭނެބާ

މެދުއެޔާއެދިހުރިމާ ތެދުވެރިބިނދެވޭނެބާ

އެޔާމެދު މި އެދިހުރި ތެދުވެރި މާ ބިނދެވޭބާ

ހިތުގައި މި އުފެދުނު އެދުމުގައި އަހަންނަށް އެމާކޯޅި ބިނދެވޭނެބާއެވެ. އެމަލާ މެދު އެދި މި ހުރި ތެދުވެރި މާ މަށަށް ބިނދެވޭނެބާއެވެ.

“ފެދުއުނުމިކޯޅިއެމާ” އަކީ “އުފެދުނު، މި، އެ، މާކޯޅި” މި ބަސްތަކުގެ އިސްފަސްކޮށް އެއްކުރެވިފައިވާ ފުރޮޅުމެވެ. ބަސްތަކުގެ ފުރޮޅުން ވަކިން އޮންނަ އިރު އެއަށް މާނައެއް ގެނެސް ނުދިން ނަމަވެސް، ބަސް ނިއުޅުވައި، ދެން އޮތް ވަޒަންހަރުގައިވާ ދެ ބަހާ (އެދުމުގަ ބިނދެވޭނެބާ) ގުޅުވުމުން ފުރިހަމަ މާނައެއް ގެނެސްދެއެވެ. އުފެދުނު މި އެދުމުގައި އެމާ ކޯޅި ބިނދެވޭނެބާއެވެ. “މެދުއެޔާއެދިހުރިމާ” އަކީ “އެޔާމެދު، އެދިހުރި، މާ” މި ބަސްތަކުގެ އިސްފަސްކޮށް އެއްކުރެވިފައިވާ ފުރޮޅުމެވެ. އެޔާ މެދު އެދިހުރި މާ ބިނދެވޭނެބާއެވެ.

ބަސްތަކުގެ ފުރޮޅުންތައް ނެތް ނަމަ ފަރިހި އޮންނާނެ ގޮތަކީ މިއެވެ:

އުފެދުނުމިއުދުމުގައި (10ފިލި) އެމާކޯޅިބިނދެވޭނެބާ (14ފިލި)

އެޔާމެދުއެދިހުރިމާ (11ފިލި) ތެދުވެރިބިނދެވޭނެބާ (11ފިލި)

ފަރިހީގެ ރާގަށް ކޮށި، އުނދަގޫ ގޮތެކެވެ.

ފަރިހީގައި ބަސްތައް ފުރޮޅާފައިވާ ސަބަބަކީ ރާގުގެ ހަމަ ހިފެހެއްޓުމެވެ. ރާގަށް ކޮށިކަން ގެންނަ އެއްޗަކަަށް ބަސްތަކުގެ ވަކި އަޑުތައް ނުވުމެވެ. މި ކަޑިތަކުގެ ވަނީ އެގާރަ ފިލި އެގާރަ ފިލިން ވަކިކުރެވޭ 22 ފިލީގެ ދެފަށްކުރުމެކެވެ. ދެން ހުރީ އެގާރަ ފިލީގެ ބައިކުރުމަކާއި ބާރަ ފިލީގެ ބައިކުރުމަކުން ގެނެވޭ ވަޒަނުގެ ދެފަށްކުރުމެވެ. ބައެއް ކަޑިތަކުން ބާރަ ފިލީގެ އިތުރު ފަށްކުރުމެކެވެ. މުޅި ފަރިހީގައިވެސް މި ހަމަ، 11 ފިލި، 11 ފިލި ނުވަތަ 11 ފިލި 12 ފިލި އަދި އިތުރަށް ގެނެވޭ 12 ފިލީގެ ދެމުންތައް، ނުވަތަ ރާގުގެ ބައިކުރުންތައް ގެންގުޅެފައި ވެއެވެ. މި ފަރިހީގެ (ރިދަމް) ތާލަކީ އެއީއެވެ.

ނަނަނާނާނާނަނާ ނަނަނާ|ނާނާނަނާ (11 ފިލީގެ ދެބައި)

ފެދުއުނުމިކޯޅިއެމާ އެދުމުގަ|ބިނދެވޭނެބާ

ނަނަނާނާނާނަނާ ނަނަނާ|ނާނާނަނާ (11 ފިލީގެ ދެބައި)

މެދުއެޔާއެދިހުރިމާ ތެދުވެރި|ބިނދެވޭނެބާ

މިގޮތަށް ބެލުމުން ފެންނާނީ ލިޔެވިފައިވާ ރީތި މިޔުޒިކެކެވެ. ބަސްތައް ފުރޮޅާފައި ވަނީ ރާގަށް ކިޔުމުގައި ފަސޭހަކަން ގެނައުމަށްކަން އެނގޭނެއެވެ. އިސްފަސްކުރުމާ އެކު ފުރޮޅުންތައް ގެނެސްފައިވުމުން، އެގާރަ ފިލީގެ ހަމައިގައި ރާގު ހިފެހެއްޓި، މިބައިގެ ބަނޑުވައްއަކުރާއި ފިލިކޯޅިވެސް އެއްގޮތްކުރެވުނީއެވެ. ރާގަށް ފަސޭހަ އަޑުހާލަން ރީތި ގޮތަކީ މިއީއެވެ. ކުރީގެ ޅެން ފަރިހިތަކުގައި ބަސްފުރޮޅާފައި ހުންނަނީ ހަމަތަކެއްގެ މަތިންކަން މިކަމުން ބުނެދެއެވެ. ފަރިއްސަކީ އެކި ގޮތުން އިވި ބޮލުގައި ހަރުލާފައި ހުންނަ ނުވަތަ އުފެދޭ ރާގުތަކެވެ. އެޔަށް ބަސްތަކަކަށް ވުރެ އަޑުތަކެއް ފައްތަނީއެވެ. ފިލިތަކެއް ހަމަކުރަނީއެވެ.

~

ގުފަރަނުމެވާގަހުގާ:

ގުފަރަނުމެވާގަހުގާ ޑުފަނުވެއިންފަރިވެއެމާ

ފަރަގުނުމެވާ ގަހުގައި ފަނޑުނުވެ ފަރިވެއެއިން މާ

ލުފަސުފެށުމުންފުޅުމާ އުފަލުގާބިނދެވޭނެބާ

ފަސުލު ފެށުމުން މާފުޅު އުފަލުގައި ބިނދެވޭނެބާ

ގަހުގައި ފަރަގު ނުމެވާނެގޮތުން ފަރިވެ އެއިން މާ މަށަށް ބިނދެވޭނެބާއެވެ. ތަފާތު ނުވާނެގޮތުން ގަހުގައި ފަނޑުނުވެ ފަރިވެ އެއިން މާ މި ފެށޭ އާ ފެށުމާއެކު ބިނދެވޭނެބާއެވެ.

ނައިފަރު ދޮހޮއްކޮގެ އަޑުން އިވޭ “ފެދުއުނުމި ކޯޅި އެމާ” ލަވައިގައި ކިޔަނީ “ގުފަރު” އެވެ. ނަމަވެސް މިއީ ބަހުގެ ފުރޮޅުމާއި އެކުވެސް އެއްވެސް މާނައެއް އެކުލެވޭ ލަފްޒެއް ބާއެވެ؟ ނައިފަރު ދޮހޮއްކޮގެ ބައެއް ލަވަތަކުގައި ދުލަށް ފަސޭހަވާނެގޮތުން އަކުރަށް ނުވަތަ ބަހުގެ ފިއްޔަށް ކިޔުމުގައި ބަދަލު ގެނެސްފައި ހުރެއެވެ. “ގުފަރަ” ނުމެވާ ގަހުގައި، މިގޮތަށް ލިޔުމުން މި ކަޑިއަށް ފުރިހަމަ މާނައެއް ގެނެސް ދެއެވެ. ނައިފަރު ދޮހޮއްކޮގެ ކިޔުމުގައި ވާ “ޅުފަސު ފެށުމުން” އަކީ ކޮބައިބާއެވެ؟ މިއީވެސް ކިޔުމުގައި ގެނެސްފައިވާ ބަދަލެކެވެ. އާ ބާބެއްގެ މާނައިގައި ބޭނުންކުރާ “ފަސުލު” (ލުފަސު) އަދި މި ބަހުގެ އެކި ފޮރޮޅުންތަކަކީ އިހުގެ ރައިވަރާއި ފަރިހިތަކުން އެންމެ އާންމުކޮށް ފެންނަ އެއް ފުރޮޅުމެވެ.

ފަރިހީގެ މިބައިގެ ހަމައަކީ 11 ފިލި، 12 ފިލީގެ ދެފަށްކުރުމެވެ.

ނަނަނާނާނާނަނާ ނަނާނަނާ|ނަނާނަނާ

ގުފަރަނުމެވާގަހުގާ ޑުފަނުވެއިން|ފަރިވެއެމާ

ނަނަނާނާނާނަނާ ނަނާނަނާ|ނަނާނަނާ ނަނާނަނާ|ނަނާނަނާ

ގުފަރަނުމެވާގަހުގާ ޑުފަނުވެއިން|ފަރިވެއެމާ ޑުފަނުވެއިން|ފަރިވެއެމާ

ނަނަނާނާނާނަނާ ނަނާނަނާ|ނަނާނަނާ

ލުފަސުފެށުމުންފުޅުމާ އުފަލުގާބި|ދެވޭނެބާ

ފަރިހީގެ މި ބައިގެ ފުރަތަމަ ކަޑި ތަކުރާރުވާއިރު 12 ފިލީގެ ބައި އިތުރަށް ފަށް ކުރެވެއެވެ. “ޑުފަނުވެއިން ފަރިވެއެމާ، ޑުފަނުވެއިން ފަރިވެއެމާ” ރާގުގެ އެންމެ މައްޗަށް ބައެއް ކަޑިތަކުގެ ކިޔުން ގެންދާއިރު ވަޒަނަކީ މިއެވެ.

~

ކަސްގޮމަތޫރި:

ވަސްދުވާމަގުމަގުގާ ކަސްގޮމަތޫރީގެމިވާ

ގޮމަކަސްތޫރީގެ ވަސްދުވާ މިވާ މަގުމަގުގައި

ގަސްތުކޮށްގެންހުރިމާ ލަސްނުވެބިނދެވޭނޭބާ

ގޮމަކަސްތޫރިގެ ވަސްދުވާ މަގުމަގުގައި ވާތީ އަހަންނަށް މި ފެންނަ މާ، ގަސްތުކޮށްގެން ހުރި ގޮތަށް ލަސްނުވެ ބިނދެވޭނެބާއެވެ. ގޮމަކަސްތޫރި ނުވަތަ “މަސްކް” އަކީ ވަކި ވައްތަރެއްގެ ފުއްލާއެއްގެ ބަނޑުދޮށުގެ ތަނަކަށް ޖަމާވެހަރުވެ ހިކިފައި އޮންނަ މީރުވަސްދުވާ އޮލަ މާއްދާއެކެވެ. ބޭހާއި އަތަރު ހެދުމަށް ގޮމަކަސްތޫރި ބޭނުންކުރެވެއެވެ.

ފަރިހީގެ މި ބައިގެ ހަމައަކީވެސް 11 ފިލި، 12 ފިލީގެ ދެފަށްކުރުމެވެ.

~

ރޯޅިފިނިޗާއެބަގީ:

ރޯޅިފިނިޗާއެބަގީ މޯޅިނުވެގަހުންފަރިވީ

އެ ފިނިރޯޅި ބަގީޗާގައި މޯޅިނުވެ ގަހުން ފަރިވި

ގޯޅިތެރެއިންފުޅުމާ ކޯޅިއެބިނދެވޭނޭބާ

ގޯޅިތެރެއިން އެމާފުޅު އިން ކޯޅި ބިނދެވޭނެބާ

ފިނިރޯޅި ދޭ ބަގީޗާގައި މޯޅިނުވެ ގަހުގައި ފަރިވެ އެއިން މާ އަހަންނަށް ބިނދެވޭނެބާއެވެ. މިތާ ގޯޅިތެރެއިން އެމާ އިން ކޯޅި މަށަށް ބިނދެވޭނެބާއެވެ.

ފަރިހީގެ މިބައިގެ ހަމައަކީވެސް 11 ފިލި، 12 ފިލީގެ ދެފަށްކުރުމެވެ.

~

ސެންޓްލިވޯނާހުގެ ވަސް:

ފެންފިނިވަހާއެކުގާ ސެންޓުލިވޯނާހުގެވަސް

ފިނިފެން ވަހާއެކު ލިވޯނާ ސެންޓުގެވަސް

އެންމެބޭނުންފުޅުމާ ދެންމަށަށްބިނދެވޭނެބާ

އެންމެ ބޭނުން މާފުޅު މަށަށް ދެން ބިނދެވޭނެބާ

ފިނިފެން ވަހާއި އެކު ލިވޯނާ ސެންޓުގެ ވަސް ގެނެސްދޭ އެ މާ އަހަންނަށް ބިނދެވޭނެބާއެވެ. ފިނިފެނަކީ ފިނިފެންމަލުގެ ފިޔަތަކުގެ ތާސީރުން އުފެއްދޭ ފެނެކެވެ. ކާތަކެތީގެ ރަހަ މީރުކުރުމަށާއި ބޭހަށް ފިނިފެން އަދި ފިނިފެން ބޭނުންކުރެއެވެ. ފިނިފެންއަތަރަކީ ވެސް ކުރީގައި މީރުވަސް ދުއްވުމަށް ބޭނުން ކުރި އެއްޗެކެވެ. ލިވޯނާ ސެންޓަކީ އެ އެއިރުގެ ހިނގާ އެއް ސެންޓެވެ. އެ ދުވަސްވަރުގެ އެންމެ މީރުވަސްތައް ދޭ މާ މަށަށް ދެން ލިބޭނެބާއެވެ.

ފަރިހީގެ މި ބައިގެ ހަމައަކީވެސް 11 ފިލި، 12 ފިލީގެ ދެފަށްކުރުމެވެ.

~

ޔާފިކުލަފެންޒުވިދާ:

ޔާފިކުލަފެންޒުވިދާ މާފުޅުއިންގޮފިކޮޅުގާ

ފެންފިޔާޒުކުލަވިދާ މާފުޅު އިން ގޮފިކޮޅުގައި

ރާގުތައްރީތިގޮވާ މާމަށަށްބިނދެވޭނެބާ

ރީތި ރާގުތައް ގޮވާ މާ މަށަށް ބިނދެވޭނެބާ

ގަހެއްގެ ގޮފިކޮޅުގައި ރީތި ރާގުތައް ގޮވަން އެއިން ފެންފިޔާޒުކުލައިން ވިދާ މާ މަށަށް ބިނދެވޭނެބާއެވެ.
ފެންފިޔާޒަކީ މަޑު ކުލަކުލައިގައި ހުންނަ ރީތި ޖަވާހިރެކެވެ.

ޒުންފިޔާ ހަދާފާ
ހުންނަ ކިއްލާ ވިދަވިދާ
ތުންކަފުލުހުގެ އެތާނގާ
 
 

ފިޔާޒުން ހަދާފައި ވިދަވިދާ ހުރި ކިއްލާއެއްގެ ވާހަކައެވެ. ކުރީގެ މި ރައިވަރުގައި ވަނީ ބަސްފޮރޮޅުމުގެ އެންމެ އާންމު ހަމައިން ފިޔާޒު މި ބަސް ފޮރުޅާފައެވެ. “ޔާފިކުލަފެންޒުވިދާ” ފަރިހީގައިވާ މި ފޮރޮޅުމުގައި ވަނީ ތިން ބަހެއްގެ ފޮރުޅުން އެކުއެކީއެވެ. ކިޔާލަން ފަސޭހަ ރީތި ގޮތެއްގައެވެ. އެއް ބަސް ނުވަތަ ދެބަހެއްގެ އަކުރުތައް އިސްފަސްކޮށް އެއްކުރުމުން (ބަސްފުރޮޅުމުން) ރާގަށް އަޑުތައް ތަރުތީބުކުރެވި ކިޔަން ފަސޭހަވެފައި ރީތިކަމެވެ.

ފަރިހީގެ މިބައިގެ ހަމައަކީވެސް 11 ފިލި، 12 ފިލީގެ ދެފަށްކުރުމެވެ.

~

ނީލަމުއަގީދުގެ ވަސް:

ނީލަމުއަގީދުގެވަސް، ވީރުހަފިނިވާއިރުގާ

ނީލަމު އަގީދުގެ ވަސް ހަވީރު ފިނިވާ އިރުގައި

ކީލަގަދަކުރިފުޅުމާ ހީވެޔޭބިނދެވޭނެބާ

ގަދަ ކުރިކީލަ މާފުޅު ބިނދެވޭނެހެން ހީވޭބާ

ހަވީރުގެ ފިންޏަށް ނީލަމާއި އަގީދުގެ ވަސްދުވާ ކުރިކީލަކަން ގަދަ މާފުޅު މަށަށް ބިނދެވޭނެބާއެވެ.

ނީލަމަކީ ގަދަ ނޫކުލައިގެ މޮޅު އެހެކެވެ. ޖަވާހިރުގެ ބާވަތެކެވެ. އަގީދަކީ ރަތްކުލައިގެ ރީތި ޖަވާހިރެކެވެ. އެންމެ މޮޅު އަގީދަކީ ޔަމަނު އަގީދެވެ. ކުރިކީލައަކީ ކިރުކުލައިގައި ހުންނަ މޮޅު ބިއްލޫރިއެކެވެ. މަލުގެ ސިފަކުރުންތައް ވަނީ އެންމެ އަގުބޮޑު ތަކެތިންނެވެ. ފަރިހީގައި ކީލަގަދަކުރިފުޅުމާ އަދި ޔާފިކުލަފެންޒުވިދާ މި ދެ ފުރޮޅުމުގައިވެސް ވަނީ ތިން ބަސް އެކުގައި ފުރޮޅާފައެވެ.

ގަދަ ކުރިކީލަ މާފުޅު ކީލަގަދަކުރިފުޅުމާ

ކުލަ ފެންފިޔާޒު ވިދާ ޔާފިކުލަފެންޒުވިދާ

ރީތި ތަރުތީބެއްގައި ތިންބަސް އެކުގައި ފުރޮޅާފައިވަނީ ކޮންމެވެސް ހަމަތަކެއްގެ މަތިންކަން ބުނެދެއެވެ.

ކީލައިނެ ހެއްދެވީ ކުރި

މީހުން ކަވެތި ބުނާރިމަށް

ހެއްދެވީ މީހުން ރިވެތިކަމަށް ބުނާ ކުރިކީލައިންނެވެ. މިއީ އިހުގެ ރައުވަރެއްގައި ކުރިކީލަ މި ބަސް ފުރޮޅަފައިވާ ގޮތެވެ. ދެބަހުގެ ފުރޮޅުމާ، ތިން ބަހުގެ ފުރޮޅުން ދެނެގަތުމަށް މުހިންމު މިސާލެކެވެ. ފަރިހީގެ މިބައިގެ ހަމައަކީވެސް 11 ފިލި، 12 ފިލީގެ ދެފަށްކުރުމެވެ.

~

ޒަރުޖުދުބަކުލަހުރިމާ:

ކަރުގަނޑުގެރަހަމަލުގާ ޝަރުބަތުވެދެޔޭނުތަފާ

މަލުގެ ކަރުގަނޑުގައި ޝަރުބަތު ރަހަ ތަފާތުނުވެ ދޭ

ޒަރުޖުދުބަކުލަހުރިމާ ޖަރުމަނުބިނދެވޭނޭބާ

ޖަރުމަނުގެ ޒަބަރުޖުދު ކުލަ ހުރި މާ ބިނދެވޭނެބާ

އެ މަލުގެ ކަރުގަނޑުގައި ޝަރުބަތުގެ ރަހަ ތަފާތުނުވެ ދޭ ޖަރުމަނުގެ ޒަބަރުޖުދު ކުލަ ހުރި މާ މަށަށް ބިނދެވޭނެބާއެވެ. ޒަބަރުޖުދުކުލަ ހުރި ޖަރުމަނުގެ މާ ބިނދެވޭނެބާއެވެ.

ފަރިހީގެ މިބައިގެ ހަމައަކީވެސް 11 ފިލި، 12 ފިލީގެ ދެފަށްކުރުމެވެ. “ނުތަފާ” ކަމަށް އޮތް ބަހުގެ އަސްލަކީ “ނުވެތަފާތު”އެވެ. ބަސްފުރޮޅުމާ އެކު “ނުތަފާ”ގެ އަޑު ގެނެސްފައިވަނީ ރާގުގެ ބައި 12 ފިލީގެ ވަޒަނުގައި ހިފެހެއްޓުމަށެވެ. އެހެން ފަރިއްސެއްގައި ކިޔާފައި އޮންނަ “ކިޔަމޭ މި ފަރިހި ގެންފަށާ ލިޔެއަނާކޮށް ރީފުތައު (ތައުރީފު)” ނައިފަރު ދޮހޮއްކޮ ކިޔާފައި އޮންނަނީ “ލިޔެއަނާ ކޮށްރީފުތާ” މިގޮތަށެވެ.

“ޒަރުޖުދުބަ” އަކީ ފަރިހީގައި “ޒަބަރުޖުދު”ގެ ފުރޮޅުން ގެނެސްފައިވާ ގޮތެވެ. ޒަބަރުޖުދަކީ ޒުމައްރަދުގެތެރެއިން ހިމެނޭ ރީނދޫފެހި ކުލައަކަށް ދާ ޖަވާހިރެކެވެ. މިތަނުގައި ޒަބަރުޖުދު ކުލަ ހުރި ޖަރުމަނު މަލުގެ ވާހަކަ އައިސްފައިވަނީ ކީއްވެބާއެވެ؟ މި ފަރިހި ކިޔާފައިވަނީ ޖަރުމަނުގެ ރީތި ކުއްޖަކަށް އެދިބާއެވެ؟ ޒަބަރުޖުދުކުލައިގެ ކަޅީގެ ރީތިކަން ހާއްސަކުރެވޭ އެއްތަނަކީ ޖަރުމަނެވެ. މި ކުލައިގެ ކަޅީގެ ރީތިކަން ލިބިފައިވާ މީހުން ނިސްބަތުން ޖަރުމަނުގައި ގިނައެވެ. ނުވަތަ ފަރިހީގައި ކިޔާފައި ވަނީ ޖަރުމަނުގެ ބިމުން ނެގޭ ޒަބަރުޖުދުގައި ތަފާތުކަމެއް ހުރެ އެ ވާހަކަބާއެވެ؟ ކުރީގެ އެހެން ބައެއް ފަރިހިތައް ފަދައިން މި ފަރިހީގެވެސް މާނަ ވަނީ ހެދި މީހަކު އެނގެން ނެތް ޅެންވެރިޔާގެ ހިތުގައެވެ.

 

ތަންމަތު:

ކުރީގެ ޅެން ފަރިހީގައި ބަސްފުރޮޅާފައި ހުންނަނީ ރާގާއި އެކުލެވުމަށެވެ. ހުރިހާ ފިލާވަޅެއްގައި “ނަސްވެރުމަ ތަލި ރަންކޮޅާ” ތަރުތީބުކުރަން ބުނަމަށް ވުރެ، “ވެރުނަސް މަތަލި ރަންކޮޅާ” ރައިވަރުގައި ނުކިޔާ ސަބަބު ބުނެދޭން ޖެހެއެވެ. ތަރުތީބުކުރަން ދެވޭ ދެތިން ރައިވަރުން ދިވެހި އަދަބިއްޔާތަށް ޝައުގުވެރިކަން ގެނެސް ނުދެވިދާނެއެވެ. ޝައުގުވެރިކަމަކީ އުފެއްދީމަ ގެނެވޭ އެއްޗެކެވެ. ބަހުގެ ފުރޮޅުންތަކަކީވެސް އޭގައި ރީތިކަމެއް އެކުލެވޭ އެއްޗެއްކަން ދަސްވުމުން ދިވެހި އަދަބިއްޔާތަށް އިތުރު ޝައުގުވެރިކަމެއް ގެނެސްދޭނެއެވެ. “އިލިއާޑް” އާއި އޮޑިސީ” ފަދައިން ދުނިޔޭގެ މަގްބޫލުކަން ލިބިފައި ނުވިޔަސް، ދިޔޯގެ ރައިވަރާއި ދިވެހި އަރުމާދު ރައިވަރު ފޮތަކީ ވެސް އަދަބިއްޔާތުގެ މޮޅު އުފެއްދުންތަކެއްކަން ދަސްވާނެއެވެ. ބޭރު އަދައްބިޔާތަށް ކުދިންގެ ހިތުގައިވާ ޝައުގުވެރިކަމުން މިންވަރެއް ދިވެހި އަދަބިއްޔާތުގެ މައްޗަށް ހޯދޭނެ ކަމެކެވެ.

1 ކޮމެންޓު ”ފެދުއުނުމި ކޯޅި އެމާ – ފަރިހީގައި ބަސްފުރޮޅުން“

    ޒަބަރުޖުދު

    ވަރަށް ހިތްގައިމު (ކިޔާލާ ހިތްވި) ފުރިހަމަ ލިޔުމެއް. ދިވެހި ޅެންވެރިކަމަށް ދަރިވަރުންނާއި ޢާންމުން ހިތްޖެހޭނީ މިފަދަަ ސާދާ ދިރާސާތަކުގެެ ސިލްސިލާތައް ގިނައިން ޢާންމު ކޮށްގެން. ލޫކަސް އަށް ޝުކުރިއްޔާ