ނަނާ ހުވަފެން ފަރިހި – ގުރުސް ފެންމަތިވުން

އިހުގެ ދިވެހި ޅެންވެރިކަން އަހަރެމެނަށް ވަރަށް ގިނަ ވާހަކަތައް ބުނެދެއެވެ. ދިވެހިންގެ ސަގާފަތާއިި ތާރީޙުގެ ތެރޭ ހިނގާ ދިޔަ މިވެނި ކަމެއްގެ ވާހަކައާއި ރަށްތަކުގެ ގުދުރަތީވެށީގެ ސިފަކުރުންތަކާއި ރަށްފުށުގެ ދިރިއުޅުން ހުރިގޮތާއި ދިވެހިންގެ އިޢުތިޤާދުން އެތައް ވާހަކައެވެ.

އެއްވެސް ގައުމެއްގެ ވެދިޔަހައި ކަމެއް ލިޔެކިޔުމުން ފެންނަން ނުހުރެއެވެ. އެހެންކަމުން، ހުރިހައިތަނެއްގައިމެ އެބައެއްގެ މާޒީވެދިޔަތަން ދެނެގަތުމަށްޓަކައި ޒަމާނާއެކު އެކެއްގެ ދޫމަތިން އަނެއްކެއްގެ ދޫމައްޗަށް ނަގުލުވެ އަންނަ މައުނަވީ ތަރިކަ މުހިންމު ދައުރެެއް އަދާކުރެއެވެ.ދިވެހިންގެ އިހުގެ ވާހަކަތައް މިފަދައިން ނަގުލުވުމުގައި ޅެންބަހުރުވައިގެ ދައުރު ބޮޑެވެ. ބައެއް ރަސްރަސްކަލުންގެ އަރުމާދު ދަތުރުފުޅުތަކާއި ހަނގުރާމަތަކާއި އަވަހަރާވުމުގެ ހިތާމައިގެ މަރްޘިއްޔާތަކާއި ދީނީގޮތުން ކުރެވޭ ޒިކުރު މައުލޫދު ތާހީދުތަކާއި ފޯކުލޯރާއި ދިރިއުޅުމުގެ އެތައް ވާހަކަތަކެއް ހުރީ އެކި ވަޒަނަށް ފިލިކޯޅިކާފިޔާ ހަމަކޮށް ދޫމަތިން ނަގުލުވުމަށް ފަސޭހަ ރިވެތި ތަރުތީބެއްގައި ޅެންބަހުންނެވެ.

ނާށަމިބުލުންފެށީފަޞު

ތާއަބަދުޅުން ތިބޭހި އަރު

ވާހަކަމާދު ދިވެހިއަރު

މިއީ ރަސްކަލެއްގެ އަރުމާދު ދަތުރުފުޅުގެ ތާރީޚް ލިޔެވިފައިވާ ގޮތެވެ. އިހުގެ ޅެންވެރިކަމުގެ މި ފަދަ އެތައް މަސައްކަތެއް މިއަދު ފެންނާކަށް ނެތެވެ. މިފަދަ ބައެއް މަސައްކަތްތައް މިއަދު ފެންނަން ހުރީ ވަޒަން ތަރުތީބު ގެއްލި ވާހަކަދައްކާ އާންމު ބަހުރުވައިންނެވެ. ބުރާރަކޮއި ކިޔާގޮތަށް ލިޔެފައިވާ ބޮޑުތަކުރުފާނު ވާހަކައާ ދޮންހިޔަލައާއި އަލިފުޅު ވާހަކައަކީވެސް ކުރީގައި ކިޔާ އުޅުނު ރައިވަރުބައިތަކެކެވެ. މިގޮތް ދިމާވެ މާކެޔޮކަމުގެ ރައިވަރުތައް ގެއްލި މިއަދު ފެންނަން އޮތީ ދޮންމޮހޮނާއި މިޔަރުގެ ވާހަކައެވެ. ވާހަކައިގެ ސިފައިގައި ފޯކުލޯރު ފަހަށް ގެނެވުނު ނަމަވެސް، ޅެންބަހުރުވައިން ކިޔައި އުޅުނު ތަކެތި ގެއްލުނީއެވެ. މިއީ ދިވެހި އަދަބިއްޔާތަށް ލިބުނު ފަޅުކަމެކެވެ.

މޮޅު އިރުވަރު – ނަނާ ހުވަފެން

ދިވެހިންގެ އިހު ދިރިއުޅުމުގައި އެންމެހައި ކަންކަމުގެ ފެށުން ބިނާވެފައި އޮންނަނީ ހެޔޮ އިރުވަރުތަކުގެ މައްޗަށެވެ. އޮޑިދޯނިފަހަރުގެ ފަށަން ލުމާއި އޮޑިދޯނިފަހަރު ބޭލުމާއި ދިރިއުޅުމެއް ފެށުމަށް އަލަށް ގެދޮރު ބިނާކުރުމަށް ނަކަތްމުޑި ޖެހުމާއި ދަނޑުވެރިކަމަށް ފަށައިގަތުމަށް އެހުރުން ލައްވައި ކުރުވާ ކަންތައްތަކާއި މިނޫންވެސް ދިރިއުޅުމުގެ އެކި ކަންކަން ހެޔޮއިރުވަރުގައި ފެށުމަކީ އިހުގެ ގަބޫލުކުރުންތަކުގެ މަތީން ހިނގަމުން އައި ކަންކަމެވެ. ނަކަތާއި މޫސުން ދެނެގަތުމާއި ދަތުރުކުރަންވީ މިސްރާބުތައް ދެނެގަތުމުގައި ވެސް ތަރިތަކުގެ އެތުރުމާއި ތަރުތީބު އެހީއަކަށްވެއެވެ. މި ޒަމާނުގެ ވަސީލަތްތައް ނެތް އިރު ދަތުރުފަތުރުކުރުމަށް މަގު ދެއްކީ ތަރިތަކުގެ މިސްރާބާއި ފިލާ އަޅައި ޖަހާ ހިސާބުތަކެވެ. މިސްރާބުތައް ދެނެގަތުމާއި ނަކަތްތަކާއި ވިއްސާރަ ބެލުމާއި މޫސުމާގުޅޭ އެހެނިހެން ކަންކަން ދެނެގަތުމުގެ އިލްމަކީ އިހުގައި ދިވެހިންގެ މެދުގައި ކުރިއަރާފައި އޮތް އިލްމެކެވެ. ރާހިތަކާއި އިރުވަރުތަކުގެ ބޭނުން ބޮޑަށް ގުޅިފައިވަނީ ގަބޫލުކުރުންތަކުގެ މައްޗަށް ދިރިއުޅުމުގެ ކަންކަން ފެށުމަށް ނުވަތަ ދިރިއުޅުމުގައި ކުރިއަށް ހުރި ގޮތެއް ދެނެގަތުމުގެ ޞާއަތްތަކާ ނުވަތަ ވަގުތުތަކާއެވެ. ފަހުން މި ބުނެވުނު ކަންކަން ގުޅެނީ ޚުރާފާތާއި އިޢުތިޤާދުތަކުގެ މައްޗަށެވެ.

އަހަރެމެންގެ މިހައިރަށް މި ބާވަތުގެ ގިނަ ގަބޫލުކުރުންތައް ވަނީ ނެތި ގޮހެވެ. އަދި އެތަކެތި ލިޔެވިފައިވާ ފޮތްތައްވެސް އެކި ދުވަސްވަރު އަންދާލެވި އަދި އެނޫން ވެސް ގޮތްގޮތުން ވަނީ ނެތިފައެވެ. ތަރިތަކުގެ އެތުރުމަށް ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރުމަށް ވުރެ އެ ތަރިތައް ލެއްވެވި ކަލާނގެ ކިބަފުޅަށް ހިތްނިޔަތް ޚާލިސްކުރުން ބުއްދީގެ ތަރާދުގައި ބޮޑުކަމުންނެވެ. ޙިޖުރައިން ބާރަ ވަނަ ގަރުނުގައި މާލޭގައި އުޅުއްވި ޒާހިދު އަޅުވެރި ދަންނަބޭކަލެއް ކަމުގައިވާ ޙާޖީ އެދުރުކަލޭފާނުން ދިވެހިންގެ އެއިރުގެ އިޢުތިޤާދުގެ ބައެއް ކަންކަމާއި މެދު ހެއްދެއްވި މަޝްހޫރު ޅެންބައިގައި ކިޔުއްވާފައިވާ ފަދައިންނެވެ:

އޭމަގޭ އެކުވެރިންނޭވެ! ބައިރަ ނުވަތަ އަތްބަންތުރަ އަކީ ހައްދަވާފައިވާ އެއްޗެއް ކަމެއް އެއްވެސް ނަބީބޭކަލަކު ނުވަތަ ރަސޫލުބޭކަލަކު ދެނެވަޑައެއް ނުގަންނަވައެވެ.

ކަފިކޮޅުން ނިއުޅުން ޖެހުމާއި ރަމަލުބެލުމާއި ރިޔަންކޮޅުލުމާއި ކުޅިޔަންކިޔުމާއި ފާލުބެލުންވެސް ވަނީ މިބުނި ކަންކަމުގެ ތެރެއިންނެވެ.

ދަންނާށެވެ! މިންވަރުކުރެއްވި ރިޒުޤު މާތް ރަސްކަލާނގެ ހަނދާއި ނުވަތަ ތަރިތަކާއި ގުޅުވާފައެއް ނުވެއެވެ.

ނަނާ ހުވަފެން ފަރިހި – ދިވެހި ޅެންވެރިކަމުގެ ގުރުސް

ނަނާހުވަފެން” ފަރިއްސަކީ ދިވެއްސަކު ހަދާފައިވާ އެންމެ ފުރިހަމަ އެއް ޅެމެވެ. މި ޅެމުގައި ވަނީ “ގުރުސް” ފެންމަތިވާ ހިނދު ފެންނަކަމަށް ދިވެހިން ކިޔައި އުޅޭ އާދަޔާހިލާފު ކަންކަމުގެ ވާހަކައެވެ. ތަރިތަކުގެ އެތުރުމާއި ތަރުތީބު ބަލައި އުޅޭ ނަކަތްތެރިންގެ ކައިރީ ދުނިޔެއަށް އަންނަ އެންމެ މޮޅު އިރުވަރަކީ ގުރުސްފެންމަތިވާ ހިނދެވެ. ދިވެހި ޅެންވެރިކަމުގެ މައްޗަށް ހޯދައިބަލައި އުޅޭ މީހަކަށް “ނަނާ ހުވަފެން” ފަރިއްސަކީ ދިވެހި ޅެންވެރިކަމުގެ އެންމެ މޮޅު އެއް ޅެމަށް ނުވަތަ ދިވެހި ޅެންވެރިކަމުގެ އެންމެ އުހުގައިވާ “ގުރުސް”އަށް ނުވެނުދާނެއެވެ. ގުރުސްއަކީ ހަތަރު އަހަރުން އެއް އަހަރު ދުނިޔެއަށް އަންނަ ވަރުގަދަ އިރުވަރެކެވެ. ވެރިކަމުގެ ބާރާއި މުދާވެރިކަން ލިބުންވާ އިރުވަރެވެ. ދިވެހި ބަސްފޮތުގައިވަނީ “ގުރުސް” ނުވަތަ ގުރުސް ފެންމަތިވުމަކީ “ނަކަތްތެރިން ބަލާ ކަންތައްތަކުގެ ތެރެއިން، ފަސްކަމެއް ނުވަތަ ތިން ކަމެއް އެންމެ މޮޅަށް ދިމާވާ ވަގުތު އައުން” ކަމުގައެވެ. އިރުހަނދާއި ތަރިތައް އެރުމަށް ނުވަތަ ފެންމަތިވުމަށް ދިވެހި ބަހުގައި “އުދަވުން” ނުވަތަ އުދަވަނީއޭ ބުނެއެވެ. މިއީ އޮއްސުމުގެ އިދިކޮޅެވެ. އިރު އުދަވުމަކީ އިރު އެރުމެވެ.

“ނަނާހުވަފެން” އަކީ ފާދިއްޕޮޅު ނައިފަރު އަބްދުﷲ މޫސާ ނުވަތަ ނައިފަރު ދޮހޮއްކޮ ކިޔާފައިވާ ލަވަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އަހާފައިވާ އަދި އެންމެ މަގުބޫލު އެއް ލަވައެވެ. އޭގެ ސަބަބެއްކަމުގައި ފަހުގެ އެކި ލަވަކިޔުންތެރިން އެކި ޝޯތަކުގައި މި ލަވަ ކިޔަމުން ގޮސްފައިވުމާއި މި ފަހުން ސިޔާސީ އެކި ކެންޕޭނުތަކަށް އަދި ސިޔާސީ އެކި ވާހަކަތައް ބުނެދިނުމަށް އެ ލަވަ ބޭނުން ކުރަމުން ގޮސްފައިވުން ހިމެނެއެވެ. މަގްބޫލު މި ލަވައިގައި ބުނަނީ ލޯބީގެ ހުވަފެނެއްގެ ވާހަކަކަމުގައި އެއް ބަޔަކު ދެކެއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ވެރިކަމަށް އައުމުގެ ކުލަރީތި ހުވަފެނެކެވެ. ޅެމެއްގެ މާނަ އޮންނަނީ ހެދި މީހެއްގެ ހިތުގައި ފޮރުވިފައެވެ. ކިޔާ މީހުންނާއި އަޑު އަހާ މީހުން އަބަދުވެސް ޅެމެއް ގުޅުވާނީ އެބައެއްގެ އެދުވަހެއްގެ ހާލަތާއި އިހުސާސްތަކުގެ މައްޗަށެވެ.

ދޮހޮއްކޮބެ ކިޔާފައިވާ ބައެއް ލަވަތަކަކީ އެ ލަވަތަކުގެ ޅެން ހަދާފައިވާ ޅެންވެރިޔަކު އެނގެން ނެތް ޅެމާއި ފަރިއްސެވެ. ނުވަތަ އެއިރެއްގެ ހާލަތުގެ ސަބަބުން ޅެންވެރިޔާގެ ނަން ހާމަވުން ނޭދޭތީ އެގޮތަށް އެކަން ހިނގާފައިވަނީއެވެ. “ނަނާ ހުވަފެން” އަށް ވެފައި ވަނީ ފަހުން މި ދެންނެވިގޮތް ކަމުގައި ގަބޫލުކުރެވެއެވެ. ދޫދޫމަތިން ކިޔެމުންދިޔަ ބައެއް ފަރިއްސާއި މީހަކު ހަދާފައި ދޫކޮށްލާ ޅެންފަރިހި ދޮހޮއްކޮބެއާއި ހަމައަށް އައުމުން އެތަކެތި ކިޔާފައިވަނީ ކަމުގައި ގަބޫލުކުރެވެއެވެ. މިގޮތުން ދޮހޮއްކޮބެ ކިޔާފައިވާ ބައެއް ޅެމާއި ފަރިހިތައް ކިޔާފައިވަނީ ކަޑިތައް މަދުކޮށެވެ. އަދި ލަވައާއި ރާގަށް ކޮށިކަން ނުގެނައުމަށް ފިލިތަކަށް ނުވަތަ އަކުރުތަކަށް ހިސާބަކަށް ބަދަލު ގެނެސް ހުންނަކަން ފާހަގަކުރެވެއެވެ. މިހެންވެ ބައެއް ބަސް އެއްކޮށް ބަދަލުވެގެންދެއެވެ.

ނަނާ ހުވަފެން ފަރިހީގެ ޝާއިރަކާމެދު

މި މަސައްކަތުގައި އަހަރެންގެ އެދުރު ދޮންފަނު މުޙައްމަދު ޔޫސުފް ވިދާޅުވީ “ނަނާ ހުވަފެނަކީ” އަނގައިންނުބުނާގޭ ކަޅުތުއްތުގެ ފަރިއްސެއް ކަމުގައެވެ. މި ކަޅުތުއްތުއަކީ އެ ދުވަސްވަރު އާންމުވެފައިވާ ބައެއް ފަރިހިތަކުގެ ޝާއިރެވެ. މިހާރެ ފެންނަން ނެތް އެއް ދުވަސްވަރެއްގައި އާންމު “ބޮޑުނާކޮޅު ފަރިހި”ގެ ވެސް ޝާއިރެވެ. މުޙައްމަދު އަމީންގެ ވެރިކަން އިންގިލާބު ކުރެވުނު ދުވަހު ހިނގާދިޔަ ބައެއް ކަންކަމުގެތެރެއިންވެސް މި ކަޅުތުއްތުގެ ނަން އާދެއެވެ. ނަނާހުވަފެން ފަރިހި ހެދީ ސަރޫރުހޮއްކޮ ކަމުގައިވެސް ބުނެވެއެވެ. އަދި ބޮޑުފެންވަޅުގޭ ސީދީ މާމަކުނުދޫއަށް އަރުވާލާފައި ހުންނެވި ދުވަސްވަރު އެ ސީދީ ހެއްދެވި ފަރިއްސެއްކަމުގައި ވެސް ބުނެވެއެވެ. ހައްތަހާވެސް އެކި މީހުންގެ ބުނުންތަކެވެ. “ނަނާހުވަފެން”ގެ ޝާއިރަކާއި މެދު ދެކެވޭ މި ވާހަކަތަކުން ފަރިހީގެ މުސްކުޅިކަން ބުނެދެއެވެ.

“ނަނާ ހުވަފެން” ފަރިއްސާއި ބެހޭގޮތުން ތާރީޚު އިލްމުވެރިޔާ މުޙައްމަދު ވަޙީދު ނަދުވީ ނުރަސްމީގޮތެއްގައި ލިޔުއްވާފައިވެއެވެ. “ފަރިހީގެ ފަހަތުގައި ވާހަކައެއް ވެއެވެ. އެ ވާހަކައިގައި ވަނީ ރަންނަބަނޑޭރި ކިލެގެފާނެވެ. ކިލެގެފާނާއި އަންހެނެކެވެ. މި ވާހަކަ އެ ހިސާބަށް ކުރުކޮށްލަމެވެ. އެބޭފުޅަކު ވެސް އެ ވާހަކަ އިތުރަށް ލިޔުއްވާފައި ނުވާތީއެވެ. ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވިތާ 67 އަހަރު ވެއްޖެއެވެ. މި ފަރިހި ހެއްދެވީ ޙުސައިން ޞަލާހުއްދީން ކަމުގައި ވެސް އެއް ބަޔަކު ބުނާތީ އަހަމެވެ. ޙުސައިން ޞަލާހުއްދީންގެ އާއިލާ ބޭފުޅުންކުރެ މި ބާވަތުގެ ކަންކަމުގެ މައުލޫމާތު ދަންނާނެ މުޙައްމަދު މުޢިއްޒު އަދުނާނު ވިދާޅުވަނީ ޙުސައިން ޞަލާހުއްދީންގެ ޅެމެއްކަން އެނގެން ނެތް ކަމުގައެވެ.

މި ލިޔުން ލިޔުމަށް ދޮހޮއްކޮބެ ކިޔާފައިވާ “ނަނާހުވަފެން” ލަވަ އަޑުއަހައިގެން ފަރިހި ލިޔަމުންދިޔައިރު ހަނދާންވީ ސްކޫލް ދުވަސްވަރު ދިވެހި މުދައްރިސަކު ފިލާވަޅެއްގެ ގޮތުން ކުލާހުގައި ކިޔައިދިން ނަނާހުވަފެނުގެ ބައެއް ކަޑިތައް ލަވައިގައި މަދުވާކަމެވެ. އެހެންކަމުން، ފަރިހީގެ މަދުވާ ކަޑިތައް ހޯދާން ޖެހިއްޖެއެވެ. ފަރިހީގެ އެ ކަޑިތައް ފެނުނީ 1970 …. އަމާޒު 23 ވަނަ އަދަދުގައި މުޙައްމަދު ޞާދިގު ލިޔުއްވާފައިވާ ލިޔުއްވުމަކުންނެވެ. ފަރިހީގެ ނަކަލެއް ގެންނަވަމުން އަބްދުﷲ ޞާދިގު ލިޔުއްވާފައިވެއެވެ:

“ދާދި މިދާކަށް ދުވަހު ރޭޑިޔޯ މޯލްޑިވްސުން އިވުނު މިޅެން ނުވަތަ ފަރިހި (އާދެ، “ނާނާ ހުވަފެން ދުށީމޭ) އިވުނު ހިނދު އަޅުގަނޑަށް ކުރި އަސަރެއްގެ ބަޔާންކުރާނެ ޢިބާރާތެއްވެސް ނޭނގުނެވެ. މީން ޒަމާނަކުވެސް މި ބާވަތުގެ ޙިޔާލެއްގެ މައްޗަށް ބިނާކޮށް ހެދިފައިއޮތް ދިވެހި ޅެމެއް ނުވަތަ ފަރިއްސެއް ވިޔަސް އަޅުގަނޑުކަށް އިވިފައެއް ނެތެވެ. ޅެމުގެ ޝާއިރަކާމެދު އަޅުގަނޑަކަށް ހަމަ އެއްވެސް އެއްޗެއް ދަންނަވާކަށް ނޭނގުނެވެ. ބުނާތީ އިވެނީ މިޅެން ނުވަތަ ފަރިހި ހެދީ ސުރޫރު ހޮއްކޮ ކަމުގައެވެ. ވީމާ އެކަން އޮތް ހިސާބަށް އެގޮތަށް އޮތަދެމާ ހިންގަވާށެވެ”

އަމާޒު 23 ވަނަ އަދަދުގައިވާ ނަނާހުވަފެން ފަރިހީގެ ނަކަލުގެ އިތުރުން މި ފަރިހީގެ ނަކަލެއް ލިޔުމުން ފެންނަން އޮތީ މޫސާ ޢަލީ ލިޔުއްވާފައިވާ “ދިވެހީންގެ އާދަކާދަ” މިފޮތުންނެވެ. ދޮހޮއްކޮބެ ކިޔާފައިވާ ނަނާހުވަފެން ލަވައާއި މި ދެ ނަކަލު އެއްތަންކޮން ބަލާއިރު ނައިފަރު ދޮހޮއްކޮ ކިޔާފައިވާ “ނަނާ ހުވަފެން” އާއި މި ދެ ނަކަލު އެއް ނަކަލު އަނެއް ނަކަލާ ވެސް ތަފާތުތަކެއް އެބަހުއްޓެވެ. އެހެންކަމުން މި ފަރިހީގެ އަސްލަކީ ކޮބައިބާވައެވެ؟ އަސްލުކަމުގައި ބަލަންވީ ކޮން އެއްޗަކަށް ބާއެވެ؟ އަސްލު ލިޔުމުން ފެންނަން ނެތް ފަރިއްސެއްގެ އެކި ކިޔުންތައް ހުރެދާނެއެވެ. އެއިރު 70ގެ ތެރޭ ރެޑިއޯ މޯލްވިސް އިން ފޮނުވި “ނަނާ ހުވަފެން” ލަވަ މިހާރު އޮތްކަމުގައި ނުވެއެވެ. ނުވަތަ ބާ ކެސެޓެއްގައި ވަނީއެވެ. އަމާޒުގެ އަދަދުގައިވާ ނަކަލާއި ދޮހޮއްކޮބެގެ އަޑުން އިވުނު ލަވައިގެ ކިޔުންތަކުގައި ތަފާތު އެބަ ހުއްޓެވެ. މި ލިޔުމުގައި ފަރިހި ނަކަލުކޮށްފައިވާނީ މި ތަފާތުތަކުގެ މައްޗަށް ބެލުމަށް ފަހު، ނައިފަރު ދޮހޮއްކޮގެ އަޑުން އިވިފައިވާ ގޮތަށް އަދި ދޮންފަނު މުޙައްމަދު ޔޫސުފް އިސްލާހުކޮށްދެއްވި ވަޒަނަށެވެ. ގިނަބަޔަކަށް އިވިފައިވާ ގޮތަށް ނަގައިގަންނަން ފަސޭހަވާނެކަމަށްޓަކައެވެ. މަދުވާ ކަޑިތައް އަމާޒުގެ 23 ވަނަ އަދަދުގައިވާ ގޮތަށެވެ.

“ނަނާހުވަފެން” ފަރިހި

ނަނާހުވަފެން ދުށީމޭ، ދަރާވާހިނދު ދުނިޔޭން
ބާރަކައި މީހަކުގެ ނުމެލައި، އާރަކަށް މާމުއި ފެތޭތީއޭ
 
ޅަފިސާރި މަގޭ މިތުރާ، މަފިސާރި ތެދެއް ބުނަންތާ
އަފިލާ ގަސްގަހުގެ ކުރިއަށް ކަފިހިބޮލި މަސްލާ ދުވާތީއޭ
 
އަޙުމަގޭ ހެޔޮކަތުންނޭ، ތަހުވާވެ އަނާ ބުނަންހޭ؟
ބަޚްތު ޖަމާލު ހެދިފަދަ ތަޚުތެއްމަތީގައި ނިދީތީއޭ
 
މިލަކުން މަގޭ މިތުރާ، ފިލުވައި ޅެންބަހުން ބުނަންތާ
ކިލަނބުނަގާ މަތިންދޮރު، ބިލަކަޅު ކަނޑުމަސް ފުމޭތީއޭ
 
ނާނާ ތެދެކޭ ކަތުންނޭ، ވާނާދި ނުވާ ވަރެއްހޭ
އާނުގެ އަޑިން ދިރޭރަހަ، ބާނިލާ ކެކިގެން އަރާތީއޭ
 
ރޯދީނޭ އައްސަވާށޭ، ތޯނުވާ މީ ބަހެކޭ
ގޯތިތެރެއިން ޖަވާހިރު، ކޯދުލައި ފުރިގެން އަރާތީއޭ
 
އަސްތާ ތެދެކޭ ކަތުންނާ، ގަސްތުން އިނދެފާ ބުނަންހޭ
އަސްތާ އަޅުގަނޑު ދުށީމޭ، ރަސްރުކަކު ދަނބު އެތް ފޮޅޭތީއޭ
 
ދަތިނުވެ ނިދުމަށް މަ އޮއްވާ، ލަތިދީ މިތުރާ މަގޭގާ
ހަތިޔާރެއް ނެތި ދެފައިގައި، ގަތިމި އޮޅިފައި ނަންނުދާތީއޭ
 
ކުރިކީލަ މަގޭ މިތުރާ، ފުރިއު ނޭވާ ދަނީބާ
ހުރި ދެފަރާތު މަގޭގޭ، ތުރިއުވަޅު ފެންފުރި އަރާތީއޭ
 
ތަފާތެއްނުވެ ހުރެފައި، ބަފާގާތުގައި ބުނަންތާ
ލަފާކަމަކަށް ވެދާނޭހޭ؟ ހަފާ މާރިނދަ ގޮވާތީއޭ
 
އައިބެއްނުވެ ދެން މިތުރާ، ހައިކޮށް ނުމެލާ ބުނަންތާ
ގައިމުކޮށް އަދު މަ ބެލިއިރު، ދާޔަކަށް ކަޅުވަޅި ވަނީތީއޭ
~
ނަނާ ހުވަފެން ފަރިއްސާ ގުޅޭ އިހުގެ ބައެއް ވާހަކަތައް: 

ނަނާހުވަފެނުގެ ޝަރަހައަށް އެންމެ މުހިންމު މައުލޫމާތަކީ ގުރުސްފެންމަތިވުމާއި ގުޅޭގޮތުން ހުރި އެކި ވާހަކަތަކެވެ. ގުރުސް ފެންމަތިވުމާއި ގުޅޭ ބައެއް ކަންކަން މުޙައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ހުވަދު އަތޮޅުގެ މުސްކުޅި ވާހަކައެއްގައި ވެއެވެ. މި ވާހަކަ ފިޔޯރީ އަޙްމަދު ދީދީ ވެސް ލިޔުއްވާފައިވެއެވެ. އަދި ބުރާރަ މުޙައްމަދުފުޅު ކިޔާގޮތަށް ލިޔެފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި ވެސް މިފަދަ ބައެއް ވާހަކަ ވެއެވެ. ގުރުސްފެންމަތިވުމާއި މެދު ހުރި ލިޔުންތަކުގައި އެ އިރުވަރު ލައިގަތުމުން ފެންނަ އަލާމާތްތައް ތަފާތެވެ. “ނަނާހުވަފެން” ފަރިހީގައިވާ ވާހަކަތަކާއި ގުޅޭ އެހެން ނަމަވެސް، ތަފާތު އެހެން ބައެއް އިޝާރާތްތަކުގެ ވާހަކަވެސް މި ލިޔުންތަކުގައި ވެއެވެ.

މުޙައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވެއެވެ:

“ފިޔޯރީގައި މުސްކުޅި ދެމަފިރިއަކު އުޅުނެވެ. އެއީ އެރަށު ޙުސޭންކަލޭގެފާނާއި އޭނާގެ އަންހެނުން ބީފާނު އެވެ. މި ދެމަފިރިންނަށް ލިބިފައިވަނީ ތިން އަންހެން ކުދިންނެވެ. ދޮށީ ޙައްވާ ބޫއްޔާ އަކީ ލޯފަން ކުއްޖެކެވެ. އެއްރެއަކު ދަންވަރު ޙައްވާ ބޫއްޔާ އަތިރިއަކަށް ދާން ޖެހިގެން ކައިދާ ބޫއްޔާ (ހަގު ދަރި) ގޮވައިގެން އަތިރިޔަށް ހިނގައްޖެއެވެ. އެބައިމީހުން ދިރިއުޅޭގެ ހުރީ އަތިރިމައްޗާ މާ ދުރުނޫން ހިސާބެއްގައެވެ. އަތިރިޔަށް ދިޔަ މަގުމަތީގައި ހުރި ރުއްގަސް އޭރު އޮތީ ބިމަށް ތިރިވެ އެކަތި އަނެކައްޗާ ވާހަކަ ދައްކާށެވެ. މިކަމާ ހައިރާންވެ ތިބެގެން އަތިރިޔަށް އެރެން ދިޔައިރު މޫދުގެ ލޮނުގަނޑު އޮތީ ރިހި ފަތެއް ހެނެވެ. އޭރު ލޮނުގަނޑު ކެކި އުތުރެނީއެވެ.

ޙައްވާގެ އަތުގައި ހިފައިގެން ކައިދާ ދުވަމުންގޮސް އެކުދިންގެ ބައްޕައަށް ގޮވައި ހެއިލައްވާފައި އެ ވާހަކަ ކިޔައިދީފިއެވެ. ޙުސޭންކަލޭގެފާނު ސިހިގެންގޮސް ބޭރު ބެލިއިރު ގަސްގަހާގެހި ބިމަށް ތިރިވެއޮވެ ވާހަކަ ދައްކަނީއެވެ. ގޭދޮރުމަތީގައި ހުރި ވަޅުގެ ފެންގަނޑު ބޮޑުވެ ކެކި އުތުރެނީއެވެ.

ދެން ޙުސޭންކަލޭގެފާނު އިތިކޮށްފައި ދުވެ އަތިރިމައްޗަށް ދިޔައިރު މޫދުގެ ލޮނުގަނޑުވެސް ކެކި އުތުރެމުން އެއްގަމަށް އަރަނީއެވެ. މަސްލާފައި ހުރި އެކި ވައްތަރުގެ ބޮއްޔާއި ތެލި، ތަވާ، ލޯގަނޑު، ރުނބާ، ޖަހަލާ، ތަށި ބުލިބުލި ތަކެތިވެސް އެއްގަމަށް އަރަނީއެވެ. މިވާގޮތަކާ މެދު ވިސްނަން ހުރެލާފައި އުޑުމައްޗަށް ބަލައިލިއިރު “ގުރުސް” ނަކަތް ހުރީ މެދު ޖެހިފައެވެ. އަދި ރެޔަކީ ހިޔަރަކާތްވިލޭރެއެވެ.

ކަންވީގޮތް ދެނެހުރި މީހަކު އެރަށަކު ނެތެވެ. ޙުސޭންކަލޭގެފާނުގެ ދެމަފިރިންވެސް އެ ވާހަކަ ނުދައްކައެވެ. އަދި ކުދިންނަށް ވެސް އަންގާފައި އޮތީ އެވާޙަކަ ނުދެއްކުމަށެވެ.

އެ އަހަރުގެ ބަދުރުވައި މޫސުމުގައި ޙުސޭންކަލޭގެފާނު މާލެ ދުރުވެ އުޅުއްވަނިކޮށް ބޮޑުގަނޑުވަރަށް ގެންގޮސް “މާރާދަކަމަށް ކޮލިލައި ޢިއްޒަތް ދެއްވައިފިއެވެ. އޭގެފަހުގައި ޙަސަން މާރާދަކަލޭގެފާނަކީ ވާރުވެރިޔާ ފިޔަވައި އަތޮޅުގައި އެންމެ އިސްކޮށް ހުރި މީހާއެވެ. ވީނުވީ ގޮތެއް ނޭނގި އޭނާގެ ތަނަވަސްކަން އިތުރުވެ ދެކުނުގެ ތިން އަތޮޅުގައި ހުރި އެންމެ މުއްސަނދި މީހާ ކަމުގައި ވެއްޖެއެވެ.

ފިޔޯރީ އަޙްމަދު ދީދީ ލިޔުއްވާފައިވާ ކުރިއްސުރެ ހުވަދު އަތޮޅުގައި ކިޔާ އުޅޭ “ފިޔޯރީ ބީފާނު” ވާހަކައިގެ ވެއެވެ:

އެއްރެއަކު ދަންވަރު ބީފާނުގެ ލޯފަން ދަރިފުޅު އައިސާބުއްޔާ ވަޅުދޮށަށް ދިޔައިރު ވަޅުގެ ފެން އުތުރު އަރަނީއެވެ. އަތުގައި ވަޅުގެ ފެންގަނޑު ޖެހެއެވެ. ދެން މި އައިސާބުއްޔާ އަވަސްއަވަހަށް ބައްޕަ ޙަސަންކަލޭގެފާނަށް ގޮވުމުން ޙަސަންކަލޭގެފާނު އަވަހަށް ތެދުވެގެން ގޮސް އޭނާގެ ދެ އަންހެން ކުދިން ވަޅަށް ގަންބާފައި ނަގައިފިއެވެ. އަދި “މި ދުނިޔެއިން ރޯދި ދެއްވައިފާނދޭވެ” ގޮވަން ފަށައިފިއެވެ. ޙަސަންކަލޭގެފާނު އަތިރިމައްޗަށް ދިޔައިރު ކަނޑުގެ ލޮނުގަނޑު އުތުރި އަރަނީއެވެ. ކަނޑުން އުޑިއައިނާއި ތަރާފަތިއައިނާއި އަދި ތަފާތު މުދާތައް އޭނާގެ ގެއަށް އަންނަނީއެވެ.

ދެންފަހެ، ފިޔޯރީ ޙަސަންކަލޭގެފާނާއި ބީފާނާއި މިދެމީހުންގެ މުއްސަނދިކަން ބޮޑުވެގެންގޮސް ސަރުކާރާ ނުބައްދަލުވެއްޖެއެވެ”

ނަނާ ހުވަފެން ފަރިހީގެ ނިއުޅުން

1- މާމުއި އާރު

ނަނާހުވަފެން ދުށީމޭ، ދަރާވާހިނދު ދުނިޔޭން

ބާރަކައި މީހަކުގެ ނުމެލައި، އާރަކަށް މާމުއި ފެތޭތީއޭ

މިއީ ނައިފަރު ދޮހޮއްކޮގެ އަޑުން އިވޭ “ނަނާ ހުވަފެން” ފަރިހި ނުވަތަ ލަވައިގެ ފުރަތަމަ ކަޑީގައި ކިޔާ ގޮތެވެ. އަމާޒު 23 ވަނަ އަދަދުގައި އަބްދުﷲ ޞާދިގު ލިޔުއްވާފައިވާ “ނަނާ ހުވަފެން” ފަރިހީގެ ފުރަތަމަ ކަޑީގައިވަނީ:

ދައުރުވާ ހިނދު ދުނިޔޭން، ބާރަކާ މީހަކުގެ ނުމެލައި

އާރަކަށް މާމުއި ފެތޭތީ، އަނާ ހުވަފެން ދުށީމޭ

މޫސާ ޢަލީ ލިޔުއްވާފައިވާ “ދިވެހި އާދަކާދަ” ފޮތުގައި ފަރިހީގެ މިސާލެއް ގެންނަމުން ލިޔެފައިވާ “ނަނާ ހުވަފެން” ގައި ވަނީ:

ދައުރުވާ ހިނދު މިދުނިޔޭން، ބާރަކާ މީހަކުގެ ނުމެލައި

އާރަކަށް މާމުއި ފެތޭތީ، އަނާ ހުވަފެން ދުށީމޭ، އެވެ.

ލިޔެވިފައިވާ ދެ ގޮތާއި ނައިފަރު ދޮހޮއްކޮގެ އަޑުން އިވިފައިވާ ގޮތާއި ވެސް ތަފާތު ތަކެއް އެބަ ހުއްޓެވެ. ރަނގަޅު ގޮތަކީ ކޮބައިބާއެވެ؟ ލިޔުމުން އަސްލު ފެންނަން ނެތް ފަރިއްސެއްގެ އެކި ކިޔުންތަކާއި ލިޔުމުގައި ވެސް އެ ތަފާތުތައް ފެންނަން ހުރެދާނެއެވެ. އަސްލު ކިޔަން ޖެހޭ އަދި ލިޔަން ޖެހޭ ގޮތަކީ މިވެނި ގޮތް ކަމަށް ބުނެ، ދެން ހުރި ގޮތްތަކަކީ ގޯސް ގޮތްތައް ކަމަށް ނިންމޭކަށް ނެތެވެ. ނައިފަރު ދޮހޮއްކޮ “ނަނާ ހުވަފެން” ލަވައެއްގެ ގޮތުގައި ކިޔުއްވާފައިވާ ރާގާއި ކުރިން އެކި މީހުން މި ފަރިހި ކިޔާ ރާގު ނުވަތަ ގޮތްތަކުގައި ތަފާތުތަކެއް ވަނީ ކަމުގައި ވެދާނެއެވެ.

ނަނާތަ؟ އަނާތަ؟ ނާނާތަ؟

“ނަނާ” އަކީ ދިވެހި އެއްވެސް ބަސްފޮތެއްގައި ހިމެނޭ ލަފުޒެއް ނޫނެވެ. އަބްދުﷲ ޞާދިގު ލިޔުއްވާފައިވާ މި ފަރިހީގައި ޝަރަހައިގައި ވެސް ވަނީ “އަނާ”އެވެ. “މާމުއި އާރަކަށް ފެތޭތީ އަހަންނަށް ހުވަފެނުން ފެންނަނީ” އެވެ. ދިވެހި ޅެންވެރިކަމުގެ މައްޗަށް ހޯދާބަލާ މީހަކަށް “އަނާ” އަކީ އާ ބަހަކަށް ނުވާނެއެވެ. ދިވެހި ޅެންތަކުން ފެންނަ “އަނާ” އަކީ އަރަބި ބަހުގެ “أنا” (އަހަރެން) އެވެ. ވަރަށް ގިނަ ރައިވަރާއި ބައެއް ފަރިހީގައި ވެސް އަހަރެންގެ ބަދަލުގައި “އަނާ” ބޭނުންކޮސްފައިހުރެއެވެ. ނައިފަރު ދޮހޮއްކޮގެ އަޑުން އިވިފައިވާ އެހެން ލަވައެކެވެ. “ނާނާވީ ސީދާ ލޯބި” އަކީ (އަނާ) އަހަރެން ވީ ސީދާ ލޯތްބަށް ނުވާނެބާއެވެ؟

ބޭހާއި ފަރުވާތަކާ

ދޭހަކޮށް ދިނަކަސް އަނާ

މޭރުން ސަފުން ނުވަންޏާ

ހަބަސް ރައިވަރެއްގެ ފުރަތަމަ ތިން ބަހެވެ. ރައިވަރެއްގައި “އަނާ” ބޭނުންކޮށްފައިވާ ގޮތެގެ މިސާލަކަށް ފުދެއެވެ. ފަރިއްސެއްގައިވާ މިގޮތުގެ މިސާލަކީ:

އަސްތާއަނާ މިކުރީމެކުރު މަސަލަސްކަމާއެކު ޝުކުރު

ލަސްވާދަތުރު ގުދުރަތްފުޅުން ވީގޮތް ހަނދާންވަނީ، މިއީ ދަތުރުނާމާ ފަރިއްސެއްގެ ފަހު ކަޑިއެވެ.

ދެވަނަ ގޮތަކީ “ނަނާ ހުވަފެން” ފަރިހީގެ” ފެށުމުގައިވާ “ނަނާ” އަކީ “ނާނާ” ކަމުގައި ބެލުމެވެ. ހަމައެކަނި އަޑުން އަޅުވާ ކިޔާ ރާގު އެއީ ނާނާއެވެ. އަދި “ނޫނެކޭ” ބުނުން ގަދަކުރުމަށް ދިވެހިން “ނާނާ” ބުނެއެވެ. ނޫނެކޭ ބުނުމާއި އެކު ތިމާ ބުނި ބަހަކަށް ބާރުދިނުމުގެ ގޮތުންނެވެ. މި ގޮތުގެ އެންމެ ރީތި މިސާލެއް ފެންނަން އޮތީވެސް ހަމަ މި ފަރިހިންނެވެ.

ނާނާ ތެދެކޭ ކަތުންނޭ، ވާނާދި ނުވާ ވަރެއްހޭ

ނޫނެކެވެ. ހަމަ ހަގީގަތުގައި މި ބުނަނީ އަހަންނަށް ފެނުނު ތެދު ހަގީގަތެވެ. ފުރަތަމަ ކަޑީގައި ވެސް ވަނީ “ނާނާ” ކަމުގައި ބަލަމާ ހިނގާށެވެ. އެއިރުންވެސް، ފަރިހީގެ މާނައާ ފުށުއެރުމެއް ނެތެވެ. ނާނާ! ހުވަފެން ދުށީމޭ! ނޫނެކެވެ. ހަމަ ހަގީގަތުގައި މި ހުވަފެން އަހަންނަށް ފެނުނެވެ. މީހެއްގެ ބާރަކާނުލައި، މާމުއި އާރަކަށް ފެތޭތީއެވެ.

ބުނާ ވާހަކައަށް ބާރުދިނުމުގެ ގޮތުން އެހެން ފަރިއްސެއްގައި “ނާނާ” ގެނެސްފައިވާ ގޮތުގެ މިސާލަކީ:

ނާނާ ތެދެކޭ މިބުނީ، ވާހައި ރަނގަޅަށް ބަލައިގެން

ބާޒާރުން ދުއްކާނަކުން، ނުފެނުނަކަސް

މި ފަރިހީގެ ނަކަލުވަނީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ކަންޒުލް އަދަބުގައެވެ.

މުޅި ފަރިހީގެ ރާގުގައި ވެސް ވަނީ އެހެން މީހަކަށް ކަމެއް ހިނގި ގޮތުގެ ވާހަކަ ކިޔާ ދިނުމެވެ. “އަނާ” ނުވަތަ “ނާނާ” “ނަނާ”އަށް ބަދަލުވެފައި ވަނީ ނައިފަރު ދޮހޮއްކޮގެ އަޑުން މި ފަރިހި އިވިގެން ދިޔަ އިރު ލަވައެއްގެ ގޮތުގައި ކިޔުމަށް ރާގަށް އައިބުކަމެއް ނުގެނައުމަށް ކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން މިހާރު އެއީ “ނަނާހުވަފެން”އެވެ. މާނައެއް އެކުލެވިގެންވާ ބަހަކަށް ވީއެވެ. ކުލަ ނުޖެހޭ، ހަގީގަތަކަށް ނުވާނެ ހުވަފެނެއް މީހަކު ދައްކާ ނަމަ “ނަނާ ހުވަފެން” ދައްކަނީ ކަމުގައި ބުނެއެވެ. ބަހަކީ އޭގެ ގުދުރަތީ ތަބީއަތުގައި ދިރޭ އެއްޗެކޭ ބުނަނީ މިހެންވެއެވެ.

ދަރާވާހިނދުތަ؟ ދައުރުވާހިނދުތަ؟

ނައިފަރު ދޮހޮއްކޮ ކިޔާފައިވާ “ނަނާހުވަފެން” ލަވައިގައި ކިޔަނީ “ދަރާވާ ހިނދު”އެވެ. އަބްދުﷲ ޞާދިގު އަދި މޫސާ ޢަލީ ލިޔުއްވާފައިވާ ފަރިހީގައި ވާ ގޮތުން “ދައުރާ ހިނދު” އެވެ. އަސްލު ލިޔެވިފައި ނެތް ފަރިއްސެއްގެ އެކި ކިޔުންތައް ހުރެދާނެއެވެ. ކަޑިތަކުގައި ބުނާ ވާހަކައާއި ދޭހަވާ މާނައާ ފުށުއެރުން ނެތް ފަރިހީގެ ބަހުގެ އެކި ތަފާތުތަކަކީ ގޯސް ގޮތްކަމުގައި ބުނެވޭކަށް ނެތެވެ. ދައުރުވާ ހިނދު ދުނިޔޭން އަދި ދަރާވާ ހިނދު ދުނިޔޭން ކީ ކަމުގައި ވީ ނަމަވެސް، ކަޑީގެ ޖުމްލަ މާނައާއި އަރައިރުން ވުމެއް ނެތެވެ. ދުނިޔޭގެ ދައުރުވުމާއި އެކު ހަޔާތުން ދުށް އާރާއި ބާރު ލިބިފައިވާ ދުވަހެއްގެ ވާހަކައެވެ. ނުވަތަ ދުނިޔޭން ބިކަވެ ދަރާފައިވަނިކޮށް ދެއްވެވި ތަނަވަސްކަމެއްގެ ވާހަކައެވެ. ތަނަވަސްކަމާއި އެކު އެމީހެއްގެ އަތްމައްޗަށް އިހު ނެތް ބާރުތައް އައުމަކީ ދުނިޔޭގެ ދައުރުވުމެވެ. މީހެއްގެ ބާރަކާ ނުމެލައި ފެތުނު މާމުއި އާރަކީ އެއީއެވެ.

2- ގަސްގަހުގެ ކުރިއަށް ކަފިހިބޮލި މަސްލައި އެރުން

ޅަފިސާރި މަގޭ މިތުރާ، މަފިސާރި ތެދެއް ބުނަންތާ

އަފިލާ ގަސްގަހުގެ ކުރިއަށް ކަފިހިބޮލި މަސްލާ ދުވާތީއޭ

އަބްދުﷲ ޞާދިޤް ލިޔުއްވާފައިވަނީ “ޅަފިސާރި މަގޭ މިތުރާ”އެވެ. ނައިފަރު ދޮހޮއްކޮގެ ކިޔުމުގައި ވަނީ ޅަފިސާރިމަގޭ ރަންކޮޅާއެވެ. ދެގޮތުގައި ވެސް ފަރިހީގައި ބުނާ ވާހަކައާ ފުށު އެރުމެއް ނެތެވެ. މަގޭ މިތުރާއެވެ. އަހަރެން މި ބުނަނީ ހައްގު ތެދެވެ. އެއްގަމުގައި މި ހުރި އަފިލާ ހެދިފައިވާ ގަސްތަކުގެ ކުރިއަށް މޫދުގައި އެއުޅޭ ކަފިހި ބޮލި މަސްލައި ދުވާތީ އަހަންނަށް ފެނުނެވެ. ކަފިހި ބޮއްޔަކީ ކަޅާއި ހުދުން ހުރަސް ރޮނގު ހުންނަ ބޮއްޔެކެވެ. ބޮލިފަދަތަކެތި މޫދުގައި ދަތުރުކުރަނީ މަސްލައިގެނެވެ. ފަރުހިލައިގެން ގެނެސް ވަޅުލައި ހިއްކަނީ ބޮލީގެ މަސްގަނޑު ދުއްވާލުމަށެވެ. ފަރާއި މޫދު އަޑީ ދޮންވެލިގަނޑުގައި މަސްލައި ދުވާ ބޮލި އެއްގަމަށް އަރައި އަފިލާ ހެދިފައި ހުންނަ ބޮޑެތި ގަސްގަހުގެ ކުރިއަށް މަސްލައި ދުވުމަކީ ގުރުސް ފެންމަތިވުމުގެ އިޝާރާތެކެވެ.

އިސްވެ ލިޔެވުނު ފިޔޯރީ ބީފާނު ވާހަކައިގައި ވާގޮތުން “މަސްލާފައި ހުރި އެކި ވައްތަރުގެ ބޮއްޔާއި ތެލި، ތަވާ، ލޯގަނޑު، ރުނބާ، ޖަހަލާ، ތަށި ބުލިބުލި ތަކެތިވެސް އެއްގަމަށް އަރަނީ”އެވެ. “ކަނޑުން އުޑިއައިނާއި ތަރާފަތިއައިނާއި އަދި ތަފާތު މުދާތައް އޭނާގެ ގެއަށް އަންނަނީ”އެވެ. އަފިލާ ގަސްގަހުގެ ކުރިއަށް މަސްލާފައި ބޮލި ދުވުމާއި ހިފާގެންގުޅޭ ތަށި، ރުންބާ ޖަހަލާއާއި ބިންބި މުގުރާ އުޑިއާ ރާކެއްކުމާ މެޓާހިއްލުމަށް ބަދިގޭގައި ބޭނުންކުރާ ތަރާފަތް އައިނު އައިނަށް ކަނޑުން އެއްގަމަށް އެރުމަކީ އާދަޔާހިލާފު ކަންކަމެވެ.

3- ބަޚުތު ޖަމާލު ހެދި ފަދަ ތަޚުތު

އަޙުމަގޭ ހެޔޮކަތުންނޭ، ތަހުވާވެ އަނާ ބުނަންހޭ؟

ބަޚްތު ޖަމާލު ހެދިފަދަ ތަޚުތެއްމަތީގައި ނިދީތީއޭ

މިއީ ނައިފަރު ދޮހޮއްކޮ ކިޔުއްވާފައިވާގޮތެވެ. އަބްދުﷲ ޞާދިޤް އަމާޒުގައި ލިޔުއްވާފައިވަނީ:

އަޚުމަގޭ ހެޔޮތަކުންނޭ، ތަހުވާވެ އަނާ ބުނަންހޭ

ބަޚްތު ޖަމާލު ހެދިފަދަ ތަޚުތެއްމަތީގައި ނިދާތީ، މިގޮތަށެވެ. ތަހުވާ އަކީ ހުވާގެ ބުނުމެކެވެ. އަހަރެން ހުވާކޮށްފައި ބުނަންހެއްޔެވެ. ބަޚުތު ޖަމާލު ހެދި ފަދަ ތަޚުތެއްގެ މަތީގައި ނިދާތީ ހުވަފެނުން ފެނުނެވެ. ފަރިހީގެ މި ކަޑީގެ ޝަރަހައިގައި އަބްދުﷲ ޞާދިގު ލިޔުއްވާފައިވެއެވެ:

“އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުށްކަމުގައި ނުވަނީ ނަމަ، ބަޚުތު ޖަމާލަކީ ކިސްރާ އަނޫޝޭރަވާންގެ މަޝްހޫރު ބޮޑުވަޒީރު ބުޒުރު ޖަމްހަރުގެ ބައްޕައެވެ. އޭނާ ތަޚުތު ހެދީ ރަތުރަނުންނެވެ. ޖަވާހިރުން އަތްކަން އަޅައިގެންނެވެ”

މި ކުރު ޝަރަހައިގައި އަބްދުﷲ ޞޯދިގު ނަންގެންފައިވާ އަނޫޝޭރަވާންއަކީ ފާރިސީންގެ ސާސާނީ ޝަހެންޝާހުންގެ ތެރެއިން އަދުލުވެރި ކިސްރާ އެއްވަނަ އަނޫޝޭރަވާންއެވެ. ބަޚުތު ޖަމާލްއަކީ ކިސްރާ އަނޫޝޭރަވާންގެ ބައްޕަ ޤުބާދު އެއްވަނައިގެ ބޮޑުވަޒީރު އަލްޤާޝްއަށް ތަރިތަކުގެ އިލްމު ނުވަތަ ނަކަތްތެރިކަން ދަސްކޮށްދެއްވި އެދުރެވެ. ކިސްރާ އަނޫޝޭރަވާންގެ ބުއްދިވެރި ވަޒީރު ބުޒުރު ޖަމްހަރުގެ ބައްޕައެވެ. އެހެންކަމުން، ބަޚުތު ޖަމާލު ތަޚުތު ހައްދަވާދެއްވީ ޤުބާދު އެއްވަނައަށް ކަމަށް އަދި އެ ތަޚުތު ކިސްރާ އަނޫޝެރަވާންއަށް ވާރުތަވެފައިވަނީ ކަމުގައި ގަބޫލުކުރެވެއެވެ.

ކިސްރާ އަނޫޝޭރަވާންKhosrow I Anushirvan

ބަޚުތު ޖަމާލްKhawaja Bakht Jamal

ބުޒުރު ޖަމްހަރުBozorgmehr

  • ކިސްރާ އަނޫޝޭރަވާންގެ ޒަމާނަށް ނިސްބަތްކުރެވޭ އާޘާރެއް

“ބަޚުތު ޖަމާލު ހެދި ފަދަ ތަޚުތު” ސިފަކުރުމަށް އިތުރު ތަފްސީލު ލިބޭނެ ފަދަ ވާހަކައެއް އައްޝައިޚް އުމަރު ޢީސާ ލިޔުއްވާފައިވާ “އަމީރު ހަމްޒާ” ވާހަކައިގައި ގެންނަވާފައިވެއެވެ. “އަމީރު ހަމްޒާ ވާހަކަ” އަކީ އުމަރު އީސާ ކުރައްވާފައިވާ ފާރިސީ އަދަބިއްޔާތުގެ މަޝްހޫރު “ހަމްޒާނާމާ” ނުވަތަ “ދާސްތާނެ އަމީރު ހަމްޒާ”ގެ ދިވެހި ތަރުޖަމާއެކެވެ. ފާރިސީންގެ “ހަމްޒާނާމާ” އަކީ 40 އެތައް ޖިލްދެއްގެ މައްޗަށް އެކުލެވޭ ދިގު ވާހަކަތަކެކެވެ. އުމަރު އީސާ “އަމީރު ހަމްޒާ ވާހަކަ” ލިޔުއްވާފައި ވަނީ ކިސްރާ އަނޫޝެރަވާންއާ ހަމައިން ފެށިގެން 4 ޖިލްދަށެވެ. ފުރަތަމަ ޖިލްދުގެ ފެށުމުގައި އުމަރު އީސާ ލިޔުއްވާފައިވެއެވެ:

“ވާހަކަ ރިވާކުރެއްވި ބޭކަލުން ބުނުއްވިއެވެ. ފާރިސީންނަކީ އިހުޒަމާނުގައި ދައުލަތް ވަރަށްބޮޑަށް ޝާނާޝައުކަތު ހުރި ބަޔެކެވެ. އެއުރެންގެ ރަސްކަމާއި، ވެރިކަން ޒަމާނުން ގިނަ ދުވަސްތަކެއްގައި ދެމިއޮތެވެ… މި ވާހަކަ ފެށުނު އިރު ހުންނެވީ ކިސްރާ އަނޫޝަރުވާން ރަސްގެފާނެވެ. ތުރުކުރައްވާ ތާޖަކީ ބޮޑެތިވެގެންވާ އަގު މާތް ޖަވާހިރުން ފުރިފައިވާ ތާޖެކެވެ.

މި ވާހަކަ ފެށުނު ދުވަސްވަރުގައި ހުންނެވި ކިސްރާ އަނޫޝިރްވާނު ރަސްގެފާނުންގެ ތިއްބެވި ބުއްދިވެރި ދެވަޒީރުންކުރެ އެކަކީ ބުރުޒު ޖަމްހަރެވެ. އެއީ ހިތުން އީމާންވެގެން މާތްރަސްކަލާނގެއަށް އަޅުކަންކުރާ މީހެކެވެ. ބުނެވެނީ ރަސްކަމުގެ ތަޚުތުގައި ވިހި ޤިންޠާރުގެ ބުރަދަންހުންނަ ކަމުގައެވެ. މުޅީން ރަނާއި ޖަވާހިރެވެ. ރަސްކަމުގެ ބޮޑުންނާއި ވަޒީރުންނަށް ވެސް ހުންނަނީ ރަތުރަން ގޮނޑިތަކެއްކަމުގައެވެ. ކިސްރާ އަނޫޝަރުވާން ރަސްގެފާނަކީ އޭރު ދުނިޔޭގައި ހުންނެވި އެންމެ އެންމެ މުއްސަނި ޝަހެންޝާހެވެ”

މި ވާހަކަތަކުން “ބަޚުތު ޖަމާލު ހެދި ފަދަ ތަޚުތު”ގެ މޮޅުކަން ހިތްމައްޗަށް ގެނައުމަށް އުނދަގުލެއް ނެތެވެ. ކިސްރާ އަނޫޝަރުވާންގެ މޮޅު ތަޚުތުގެ ވާހަކަ ޙުސައިން ޞަލާހުއްދީން ކިޔުއްވާފައިވާ މި ބައިތުގައިވެސް އެވަނީއެވެ:

އަދުލުވެރިކަމުން ނަންއަރާހުރި މިދޭހަށް

އަނޫސޭރަވާން ކާ ތަޚުތު އަބް ކަހާ ހޭ

އަދުލުވެރިކަމުން ދުނިޔެއަށް ނަން އަރާހުރި ކިސްރާ އަނޫޝޭރަވާންގެ މޮޅު ތަޚުތު މިހައިރު ކޮބައިބާވައެވެ؟ އޭނާގެ ރަސްކަން މިއަދު ކޮބައިބާވައެވެ؟

“ނަނާ ހުވަފެން ފަރިހީގައި ވަނީ “ގުރުސް ފެންމަތިވާ ހިނދުގެ” އިޝާރާތްތަކާއި ފެނިދާނެ ނާދިރު ކަންކަމެވެ. މި ލިޔުމުގައި ބަޔާންކުރެވުނު “ފިޔޯރީ ބީފާނު” ވާހަކައިގައި ގުރުސްފެންމަތިވުމުގެ އަލާމާތްތަކަށް ފަހު ޙަސަންކަލޭގެފާނު އެ އަހަރުގެ ބަދުރުވައި މޫސުމުގައި މާލެ ދުރުވެ އުޅުއްވަނިކޮށް ބޮޑުގަނޑުވަރަށް ގެންގޮސް “މާރާދަކަމަށް ކޮލިލައި ޢިއްޒަތް ދެއްވިއެވެ. އެފަހުން ޙަސަން މާރާދަކަލޭގެފާނަކީ ވާރުވެރިޔާ ފިޔަވައި އަތޮޅުގައި އެންމެ އިސްކޮށް ހުރި މީހާއެވެ. ފަރިހީގެ މި ކަޑިއާއި ގުޅޭ އެހެން ވާހަކަތަކެއް ބުރާރަ މުހައްމަދުފުޅު ކިޔާގޮތަށް ލިޔެފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި ވެސް ވެއެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަހު ރަސްކަންކުރި ހިލާލީ ދަރިކޮޅަށް ރަސްކަން ލިބުނުގޮތުގެ ވާހަކައެވެ. ބުރާރަ މުހައްމަދުފުޅު ކިޔާފައިވެއެވެ:

“ފެހެންދޫ އުޘްމާން ރަސްގެފާނުގެ ރަސްކަމުގައި އެރަސްގެފާނުގެ ހަނދޭގިރިންނަކީ ނިޞްފު ހަނދޭގިރިންނެވެ. އެ ނަޞްފު ހަނދޭގިރިންނަކީ ގުރަހަލި އެއްކުރާވަރުގެ ބޮޑު ނަކަތްތެރިއެކެވެ”

ގުރަހަލި އެއްކުރުމަކީ ވަކި ކަމަކަށް މޮޅު އިރުވަރު ހޯދުމަށް ހަތަރު އަހަރު ދުވަހުގެ ނަކަތް ރާހި ބަލައިގެން އެންމެ މޮޅު އިރުވަރުހޯދުމެވެ. އެ ނިޞްފު ހަނދޭގިރިން ގުރަހަލި އެއްކުރަމުން ދިޔައީ “ގުރުސް ފެންމަތިވާ” އިރުވަރަށެވެ. ވާހަކައިގެ މި ދެމެދަށް އެތައް ކަމެއް ހިނގައިފިއެވެ. ގުރަހަލި އެއްކުރާ ވާހަކައިން ބުރާރަ މުހައްމަދުފުޅު އިތުރަށް ކިޔާފައިވެއެވެ:

“އަނެއްކާ ހަނދޭގިރިން ގުރަހަލި އެއްކުރާން ފަށަތްޕޭ. ވަށައިގެން ބަލަމުން ގޮސް ހަތަރު އަހަރުގެ ކޮޅުން ބަލާފާ ހަތަރު އަހަރު ވީމާ އެއްރޭ ކޭން ބައްލަވައިގެން ދުރުވެ އޮށޯންނެވީމާ ފަގީރުކަލޭގެ ދަރި ހުސައިނު އެދިޔަދިޔާނުން ގޮސް ހަނދޭގިރީގެ ދެފައިނަގާ އުނގައްލައި އިނދެ މޯޑޭން ފަށަތްޕޭ. ހަނދޭގިރިން ފުންމައިގެން ތެދުވެފާ ބުނުއްވިޔޭ ހުސައިނު އަންނާށޭ. މިހެން ކިއުއްވާ ހުސައިނު ގޮވައިގެން ތެދުވެފާ ބުނުއްވިޔޭ ހުސައިނު އަންނާށޭ. ހުސައިނު ގޮވައިގެން ދޮރުމައްޗަށް ނުކުމެފާ ބެއްލެވިއިރު އުޑުމަތި ސާފު ރެޔެކޭ. ހަނދޭގިރިން ބުނުއްވިޔޭ އެހެރަފެންނަ ތަރި މެދު ޖެހުނީމަ ތިމަންނާޔަށް ގޮވާޓި އިނގޭޔޭ. މިހެން ކިޔާފަ ހުސައިންނަށް އުޑުން ތަރިއެއް ދައްކަވާފަ ދުރުވެ ބާލީސްމަތީގައި އޮށޯންނެވިޔޭ”

ދެެން މި ހަނދޭގިރިންނަށް ނިދިފައި އޮއްވައި ހުސައިނު އަތިރިއަކަށް ދުއްވައިގަތެވެ. ހަނދޭގިރިންނަށް ހޭލެވުމުގެ ކުރިން އަތިރިން އަވަދިވެގެން އައުމަށެވެ. އެހެން ނަމަވެސް، އަތިރިއަށް ދިޔަ ވަގުތުވީ ހަނދޭގިރިން ހަތަރު އަހަރު ވަންދެން ގުރަހަލި އެއްކުރަމުން “އެހެރަފެންނަ ތަރި މެދު ޖެހުނީމާ” ބުނާށޭ ބުނި ތަރި މެދުޖެހުނު ވަގުތަށެވެ. ބުރާރަ މުހައްމަދުފުޅު ކިޔާފައިވެއެވެ:

“ހުސައިނު ދުވެފައި އަންނަނިކޮށް އަށްކަންވެޔޮ އޮތް ދިމާގާ ހުދު ހެނދުމުގައި ތިބި ދެމީހުން ގޮވައިލިއެވެ. ހުސައިނުވޭ، ހުސައިނަށް ހުރި ގޮނޑި މިހިރީއޭ. މިހެން ބުނީމާ މިތަނަށް ހުސައިނު އައިރު މިތާގާ ތިން ގޮޏޑި ހުއްޓޭ. މީގެ ދެމީހުން ދެ ގޮނޑީގައި އިށީނދެއްޖޭ. ހަނދޭގިރިން ނިދިކުރައްވާފާ ތެދުވިއިރު ހުސައިނެއް ނެތޭ. ހެންވޭރު ދެދޮރާށި އެހެރަ ހިސާބަށް ދިޔަތަނާ ހަނދޭގިރިން ދެކެފާ ހުސައިން ތެދުވެގެން ހިނގައިފާ ކުރިޔަށް ތަންކޮޅަކަށް ގޮއްސަ އެނބުރި ބެލިއިރު އޭގެ ދެމީހުން ނެތެވެ. އެތިން ގޮނޑިއެއްވެސް ނެތެވެ. އަނެއް ދުވަހު ވިލުނު އައްޔާއެކުގާ ހަނދޭގިރިން ދުރުވެ ގަނޑުވަރަށް ވަންނަވާ އުޘްމާން ރަސްގެފާނުއަރިހުގައި ދެންނވިޔޭ، ފަގީރުކަލޭގެ ދަރި ހުސައިނު ކޮންމެވެސް ބޭނުންފުޅަކު ހިއްޕަވާން ވެއްޖެޔޭ (ހުސައިނުގެ ކަންތައް ނިންމާލަންވެއްޖެއެވެ).

މިއީ ވަރަށް ދިގުކޮށް ބުރާރަކޮއި ކިޔާފައިވާ ވާހަކައެކެވެ. މިތަނުގައި މިވަނީ “ނަނާހުވަފެން” އަށް ފުދޭ މިންވަރަށެވެ. މި ހުސައިނަކީ އުޘްމާނު ރަސްގެފާނު ރަސްކަމުގައި ހުޅުލޭގައި ވަޒަންވެރިވެ ހުރި ހިލާލީ ކަލޯއާއި ގޮލާވެހި ކަނބުލޯގެ ދެ ދަރިން ކުރެ ހަގު ދަރިއެވެ. ހިލާލީކަލޯ އާއި އަންހެނުން އެ ދެމަފިރިންގެ ދެ ދަރިންނާއި އެކު ފަހުން މާލޭގައި ވަޒަންވެރިވީއެވެ. ގުރަހަލިއެއްކޮށް ތަރިތަކަށް ބަަލައި އުޅުނު އުޘްމާން ރަސްގެފާނުންގެ ނަކަތްތެރި ނަޞްފު ހަނދޭގިރިންނަށް ނަށް ހިލާލީކަލޯގެ ދަރިންނަށް ރަސްކަމުގެ ތަހުތު އަތުލާނެކަން އެނގެއެވެ. މިހެންކަމުން، ހިލާލީކަލޯގެ ދޮއްޓަށް ހުރި ހަސަނު ލަންދޫ ގޮއިއޮޑިއަށް އަރުވާ އެރަށަށް ފުރުވާލީއެވެ. ދެން ހުރި ހުސައިނު ވެސް އެ ދެމަފިރިންނާ ވަކިކޮށް މި ހަނދޭގިރިން ކައިރީ ބަހައްޓަނީއެވެ. ހުސައިނަށް ގޮތެއް ހެދެން ދެނެވެ. އެންމެފަހުން ކަންވީގޮަތަކީ އުރުނު ނަވެއްގައި މާލެއައީއެވެ. އަދި ހިނގާދިޔަ އެތައް ކަމަށް ފަހު އުޘްމާނު ރަސްގެފާނު ތަހުތުން ބާލައި މި ހަސަނު ދެބައި ލަޝްކަަރަށް ބެރު ޖައްސަވާ ތަހުތަށް އިސްވީއެވެ. ދިވެހި ތާރީޚުގައި މިއީ އައްސުލްޠާން ޙަސަނުލް ހިލާލީ (އެއްވަނަ) އެވެ. މި ވާހަކަގައި ކިޔޭ ހުސައިނަކީ ފަހުން އައްސުލްޠާން ޙުސައިނުލް ހިލާލީ (އެއްވަނަ) އެވެ. ތާރީޚީ ހަގީގަތުގައި ނުހިމެނޭ އެތައް ކަމަކާއި އެކުވެ ކިޔެމުން އައި ފޯކުލޯރުގައި މި ވާހަކަ ވާގޮތެވެ. ގުރުސްފެންމަތިވުމާއި އިހުގައި ތަރިތަކަށް ބަލައިއުޅުނު ގޮތާއި ވެރިކަމުގެ ބާރާ ގުޅޭ ތާޜީޚީ ފޯކުލޯރުގެ ބައެއް ހިމާނުލުމުގެ ގޮތުން މި ދިގު ވާހަކަވެސް ހިމަނާލީއެވެ. ހިލާލީ ދަރިކޮޅުގެ ދައުރުގައި 29 ރަސްކަލުން ރަސްކަން ކުރައްވާފައިވެއެވެ.

4- ގޭދޮރުމަތިން ކަޅުބިލަމަސް ފުމުން

މިލަކުން މަގޭ މިތުރާ، ފިލަވައި ޅެންބަހުން ބުނަންތާ

ކިލަނބުނަގާ މަތިންދޮރު، ބިލަކަޅު ކަނޑުމަސް ފުމޭތީއޭ

“މިލަކުން” މި ބަހަކީ މިބަސް ދިވެހި ބަސްފޮތުގައި ނެތެވެ. “މިހެން” މިބަހުގެ މާނައިގައި “މިލެކުން” ހިމަނާފައިވެއެވެ. “މިލަކުން” ނުވަތަ “މިލެކުން” އަކީ މިފަދައިން، މިމަގުން ނުވަތަ މިގޮތަށް މި މާނައިގައި ބޭނުން ކުރެވޭ ބަހެކެވެ. ބަސްފޮތުގައި “މިލެކުން” އޮތް ނަމަވެސް، ދުވަސްވީ ބައެއް ރައިވަރާއި ޅެމުގައި ވަނީ “މިލަކުން” އެވެ. ނައިބު ތުއްތު ހައްދަވާފައިވާ “ދަގަނޑު ދަހަނާ” ފޮތުގެ މި ރައިވަރުން “މިލަކުން” ސާފުވެއެވެ.

ބުންބާ ފަށައިގަތީ (ބާބުން ފަށައިގަތީ)

ހުންމުރިތި އައިބައަކުރީ (މުރިހުން އައި ރީތިބައަކު)

ރުންފިކު އެލަތް ނެރުނުހީ (ފިކުުރުން އެނެރުނު ހީލަތް)

ލުންއަތިބެ މައިނުގައިސީ (އަލުން މައިސީނުގައިތިބެ)

ކުންމިލަވަރަށް ބުނަމެމަށަކަ (މިލަކުން ކަމަށަވަރަށް ބުނަމެ)

ތުންނަށަ ފާޅުކުރުމަށަކަ (ކަތުންނަށަ ފާޅުކުރުމަށަ)

ކަތުން ފާޅުކުރުރަންވީ މިފަދައިން ކަމަށް ވަރަށް ބުނަމެވެ. މިއީ ރައިވަރެއްގައިވާ “މިލަކުން” ނުވަތަ “މިލެކުން”ގެ މިސާލެކެވެ. ފަލީޟަތުއް ޝައިޙް އަބްދުﷲ ޖަލާލުއްދީން ލިޔުއްވާފައިވާ “އަބުރާއި ޢިއްޒަތުގައި އުޅޭނެގޮތް” މި ޅެމުގައިވެސް “މިލަކުން” ގެންނަވާފައިވެއެވެ.

ކަންނެތް ނުވެތިބެ ހީވާވިވެގެން، އެންމެން އެންމެނާ ޞުލްހަވެގެން

ހިތުގާރުޅި ޙަސަދަނުލައި ތިބެގެން، އެކުގާ މިލަކުން އުޅޭމާދޯއޭ

ހިތުގައި ރުޅިއާއި ހަސަދަ ނުލާ ތިބެ މިފަދައިން އެކުގައި އުޅެމާ ހިނގާށެވެ.

ވިލަޔަށް ބުރުނޫއަރާ ކުލަ މިހަޔާތަށް ގެނުވާފައި

މިލަކުން ލޯތްބަށް މި ތޫފާން ޖެއްސީ ކީއްވީމާބާ

ކެލާ ދޮހޮއްތު ހައްދަވާފައިވާ ޅެމެއްގައިވާ “މިލަކުން”ގެ މިސާލެވެ.

ފިލަވައި ޅެންބަހުން ބުނަންތާ” ޅެންބަހުން ފިލުވައިދެމެވެ. ސާފުކޮށް ބުނެދެމެވެ.

ކިލަނބުނަގާ މަތިންދޮރު، ބިލަކަނޑު ކަޅުމަސް ފުމޭތީއޭ

މިއީ މި ފަރިހީގައި ވަރަށް ބޮޑަށް ބަސްފުރޮޅާފައިވާ ބައެކެވެ.

ކިލަނބުނަގާ މަތިންދޮރު – ގޭ ދޮރުމަތިން ކިލަނބުނަގާ

ބިލަކަނޑު ކަޅުމަސް ފުމޭތީއޭ–- ކަނޑުގައި އުޅޭ ކަޅުބިލަމަސް ފުމޭތީއޭ

މަގޭ މިތުރާއެވެ. މި ދުށް ހުވަފެނުގައި ފެނުނު ކަންތައް ޅެންބަހުން ސާފުކޮށް އޮޅުންފިލުވައިދެމެވެ. ކަނޑުގައި އައިނުއައިނަށް ދަތުރު އެ ކުރާ ކަޅުބިލަމަސް މިގޭ ދޮރުމަތީގައި ކިލަނބުނަގާ ފުމެ އުޅޭތީ ފެނުނެވެ. ދިވެހިންގެ އިހުގެ އިޢުތިޤާދުގެ ބައެއް ކަންކަމާއި ކަޅުބިލަމަސް ގުޅިފައިވާކަން ތާރީޚީ ބައެއް ފޯކުލޯރުތަކުން އެނގެއެވެ. އެކި ހިސާބުތަކުގައި މި ބާވަތުގެ ވާހަކަތައް ހުރެއެވެ. ތަބްރޭޒްގެފާނުން ރާއްޖެ އިސްލާމްކުރެއްވި ވާހަކައާއި ގުޅުވައި ކިޔޭ ފޯކުލޯރުގައިވެސް އެކަލޭގެފާނުން ބުނާކަމުގައި ވެއެވެ:

“ދެން ތަބްރޭޒްގެފާނު ރޯނުގަނޑަށް ދަމާ ތޮށިމައްޗަށް އަރުވާ ކަނބާފާ ގެނެސް ގޮނޑުދޮށްކޮށް މަސްތައް އުކާ އެއްގަމަށް އަރުވަން ފެށީމާ ތޮށިމައްޗަށް ނުކުމެތިބި ކަނދުފަތިތައް ފަޅަށް ވަދެ އެންމެ މިތަނަށް އައިސް އަޖައިބުވެ އަންތަރީސްވެފާ އަހާލަނީ އޭ ބީރައްޓެހި ބޭބޭ މީ ކޮންކަހަލަ މަހެއް ހޭ ހާދަ ރީއްޗޭ އަހަރުމެން ދުވަހަކުވެސް މިކަހަލަ މަހެއް ނުދެކެމޭ މީ އަނެއްކާ މަސް ކައި އުޅެ ވައްތަރުގެ މަހެއްހޭ؟ ތަބްރޭޒްގެފާން ބުނުއްވީ މީ ވަރަށް މީރު ވަރަށް އަގުބޮޑު ހަށިގަނޑަށް ފައިދާހުރި މަހެކޭ. މި މަހަށް ކިޔަނީ “ކަޅުބިލަ” މަހޭ، މި މަހުގާ ދިގަށް ފަސް ރޮނގު ހުންނާނެއެވެ”

މި ވާހަކައިގެ އިތުރުން މިގޮތަށް ދޫދޫމަތިން އައިސްފައިވާ އެހެން ވާހަކައެއްގައި މި ފަދަ އެހެން ބޭކަލަކު ވަޅަށް އަތް ބާނުއްވައި މަސް ނަގާ ވާހަކަވެސް ވެއެވެ. އިހުގެ އިޢުތިޤާދުގެ ތެރެއިން ކަޅުބިލަމަހާއި ގުޅިފައިވާ މާތްކަމަކީ އެ މަހުގައިވާ ރޮނގުތަކެވެ. އެ ރޮނގުތަކާއި ގުޅުވައި ދެކެވޭ ގޮތެވެ. ގުރުސްފެންމަތިވުމުގެ ވާހަކައިގެ ތެރޭގައި ހުރީ އެއިރުގެ ގަބޫލުކުރުންތަކުގެ މައްޗަށް ހުރި މިފަދަ އާދަޔާ ހިލާފް ކަންކަމެވެ. ކަނޑުގައި އުޅޭ ކަނޑުމަސް އެެއްގަމަށް އަރައި ގޭދޮރުމަތީ ކިލަނބުނަގައި ފުމެއުޅޭތީވެސް ފެންނަނީއެވެ.

5- އާނުގެ އަޑިން ދިރޭ ރަހަ އެރުން

ނާނާ ތެދެކޭ ކަތުންނޭ، ވާނާދި ނުވާ ވަރެއްހޭ

އާނުގެ އަޑިން ދިރޭރަހަ، ބާނިލާ ކެކިގެން އަރާތީއޭ

މިތަނުގައިވާ “ވާނާދި” އަކީ “ދިވާނާ”ގެ ފުރޮޅުމެވެ. އަހަންނަށް ފެނުނު ހުވަފެނުގެ ވާހަކަ އަޑުއަހަން ތިބި މީހުންނެވެ! ހަމަ ހަގީގަތުގައި ވެސް މި ބުނަނީ އަހަރެން ދުށް ތަނުގެ ވާހަކައެވެ. އާނުގެ އަޑިން ދިރޭ ރަހަ ބާނިލާ ކެކިގެން އަރާތީ އަހަންނަށް ހުވަފެނުން ފެނުނެވެ. މިކަމާ ދިވާނާ ނުވާ ވަރެއް ހެއްޔެވެ؟ ހައިރާންވެ އަންތަރީސްވެއްޖެއެވެ.

ދިރޭރަހަ އަކީ އިނގިރޭސި ބަހުގައި މާކިޔުރީ ނުވަތަ ކުއިކްސިލްވަރއެވެ. އާންމު ފިނިހޫނުމިނުގައި ދިޔާކޮށް ހުންނަ ހަމައެކަނި މައުދަނުގެ ބާވަތަކީ މިއެވެ. ރަން ރިއްސާއި ޓިނުން މައުދަންތައް އެއްކުރުމަށް އަދި ސާފުރަން އުފެއްދުމުގެ މަސައްކަތުގައި އިހުއްސުރެ ބޭނުންކުރާ މުހިންމު މައުދަނެކެވެ. އިސްވެދިޔަ ކަޑީގައި ކަޅުބިލަމަހުގެ ވާހަކަ އޮތުމަށް ފަހު މި ކަޑީގައި ދިރޭރަހައިގެ ވާހަކައެވެ. ބައެއް ކަނޑުމަހުގައި ދިރޭރަހަ ހުންނަ މިންވަރާއި މެދު މިހާރު ބަހުސްކުރެވެއެވެ.

6- ޖަވާހިރު ކޯދުލައި އެރުން

ރޯދީނޭ އައްސަވާށޭ، ތޯނުވާ މީ ބަހެކޭ

ގޯތިތެރެއިން ޖަވާހިރު، ކޯދުލައި ފުރިގެން އަރާތީއޭ

ދަރީންނޭ! އަޑު އަހާށެވެ. އަހަންނަށް ފެނުނު މި ހުވަފެނުގެ ވާހަކައަކީ ދޮގުބަސްތަކެއް ނޫނެވެ. ގޭގެ ގޯތިތެރެއިން ޖަވާހިރު ކޯދުލައި ފުރިގެން އަރާތީ އަހަންނަށް ހުވަފެނުގައި ފެނުނެވެ.

“ރޯދީނެ” މި ބަސް ބައެއް ޅެންމާއި ރައިވަރުގައި ހުންނާތީ ފެނެއެވެ.

ރޯދީނެ ޢާލިމުން ބަހެ

އޯގައިވެރައި ކިއަމެވަރުން

ތޯމިނުވާށި ކަށަވަރުން

ދަރީންނެވެ! އޯގާވެ ރައިވަރުން ބުނަމެވެ. މިއީ ޢާލިމުން ބުނާ ކަށަވަރުން ދޮގުނުވާނެ ބަހެވެ. މިއީ އެދުރު އުމަރު މާފަތްކަލޭފާނުގެ ބޮޑުތާހީދުގެ ރައިވަރެކެވެ. މި ރައިވަރުގެ ޝަަރަހައިގައި ޔޫސުފް އަލިފުޅު، ދަރަވަންދޫ ލިޔުއްވާފައިވަނީ “ރޯދީނެ” އަކީ “ދަރީންނޭ” ކަމުގައެވެ.

ރޯދީނޭ ޤައުމީ ގޮތްތައް އައުކޮށް އަލުން

އާލާވާނޭ ހެން ދާށޭ ގުލްޒާރަކަށް، މިއީ އިބްރާހިމް ޝިހާބް ހައްދަވާފައިވާ ޅެމަކުން “ރޯދީނެ”ގެ މިސާލެވެ.

ކޯދުލާއެރުމަކީ ބިންފަޅައިގެން މައްޗަށް އެރުމެވެ. އަބްދުﷲ ޞާދިގު ލިޔުއްވާފައިވަނީ ގޯތިތެރެއިން ޖަވާހިރު “ކޯދުލާ މައްޗަށް އަރާތީއޭ” އެވެ. ނައިފަރު ދޮހޮއްކޮގެ ފަރިހީގެ ކިޔުމުގައި ވަނީ “ކޯދުލާ ފޮޅިގެން އަރާތީ”އެވެ. މިއީ “ކޯދުލައި ފުރިގެން އަރާތީ”އެވެ. ނައިފަރު ދޮހޮއްކޮގެ ފަރިހީގެ ކިޔުމުގައި އައި ތަފާތެކެވެ. ފަރިހި ކިޔާ މީހާގެ ހިތެކެވެ.

7- ރަސްދަބުރުކު އެތް ފޮޅުން

އަސްތާ ތެދެކޭ ކަތުންނާ، ގަސްތުން އިނދެފާ ބުނަންހޭ

އަސްތާ އަޅުގަނޑު ދުށީމޭ، ރަސްރުކަކު ދަނބު އެތް ފޮޅޭތީއޭ

އަހަރެން ދުށް ހުވަފެނުގެ ވާހަކަ އަހަން ތިބި މީހުންނެވެ! މިއީ އަހަރެން ގަސްތުން އިނދެ ބުނާ ވާހަކައެކެވެ. ބުނަން ބޭނުންވެގެން ބުނާ ވާހަކައެކެވެ. ރަސްދަނބު ރުކަކު އެތް ފޮޅޭތީ އަހަންނަށް ފެނުނެވެ.

ނައިފަރު ދޮހޮއްކޮގެ ފަރިހީގެ ކިޔުމުގައި ވަނީ “ރަސްދަނބުރުކަކު އެތް ފޮޅޭތީ”އެވެ. އަބްދުﷲ ޞާދިގުގެ ނަކަލުގައި ވަނީ “ރަސްރުކަކު ދަނބު އެތް ފޮޅޭތީ”އެވެ. ފަހުން މި ލިޔެވުނު ބަސްފުރޮޅުމާ އެކު އޮތް ގޮތް މާ ރީތިކަމުގައި ފެނެއެވެ.

ކާބަފައިން ދިވެހި ބިމުގައި ހެދޭ ރުކަށް ނަންދީފައިވަނީ މައިގަނޑޫ ދެ ބަޔަކަށް ބަހައިގެންނެވެ. ރުކުގައި ނުކުންނަ މޭވާގެ ކުލައަށް ބަލައިގެންނާއި ރާވެރިކަމުގެ ގޮތުންނެވެ. މިގޮތުން ރުކުގައި ނުކުންނަ މޭވާއަށް ބަލައިގެން ރުއްތަކަށް ކިޔާ އެތައް ނަމެއް ހުރެއެވެ. ރަތުރުކާއި ނުލުރުކާއި ފަޑިހިރުކާއި ދޮންދަނބުރުކާއި ރަސް ދަނބުރުކާއި އަދި އެތައް ނަމެކެވެ. ރަތުރުކު މިރިއާއި ކިހައް ބޭސްވެރިކަމާއި ފަންޑިތައަށް ބޭނުންކުރެއެވެ. ދޮންދަނބުރުކު ކިހަ އެއީ ފަންޑިތަވެރިމުގެ ހާއްސަ އެއްޗެކެވެ. ދެން ރަސްދަނބުރެކެވެ. ޔޫސުފް އަލިފުޅު، ބ. ދަރަވަންދޫ ލިޔުއްވާފައިވާގޮތުގައި ރަސްދަނބު ރުކަކީ ރުކުގައި ގަންނަ ތަކެތީގެ ބޭރު ހިލަތޮށި ރަތްދޮން ކުލައިގައި ހުންނަ ރުކެވެ.

ދިވެހިންގެ އިހުގެ ގަބޫލުކުރުންތަކުގައި ރަސްދަބުރުކަކު އެތް ފޮޅޭތަން ފެނުމަކީ ނަސީބުވެރިކަމުގެ އަލާމާތެކެވެ. އެމީހަކަށް ހެޔޮ ނަސީބުވެރި އެތައް ކަމެއް އަންނަން ހުރީއެވެ.

8- ފައިގައި ނަންނުގަތި އޮޅިފައި ދިއުން

ދަތިނުވެ ނިދުމަށް މަ އޮއްވާ، ލަތިދީ މިތުރާ މަގޭގާ

ހަތިޔާރެއް ނެތި ދެފައިގައި، ގަތިމި އޮޅިފާ ނަންނުދާތީއޭ

މިތަނުގައިވާ “ލަތިދީ” އަކީ “ދީލަތި” މި ބަހުގެ ފުރޮޅުމެވެ. ގަތިމި އޮޅިފައި ނަންނުދާތީއޭ، މިއީ ފަރިހީގައިވާ ބަސްފުރޮޅުން ގިނަ ބައެކެވެ. ނަންނުގަތި އޮޅިފައި ދާތީއޭ، ބަސްފުރޮޅުންތައް ތަރުތީބު ކުރުމުން އެތުރޭ ގޮތަކީ މިއެވެ. އަބްދުﷲ ޞާދިގު ލިޔުއްވާފައި ވަނީ “ހަތިޔާރެއް ނެތި މިއޮއްވާ، ގަތިމި އޮޅިފައި ނަންނުދާތީއޭ” އެވެ. ނައިފަރު ދޮހޮއްކޮ ކިޔާފައިވާ ފަރިހީގެ ކިޔުމުގައި ވަނީ “ހަތިޔާރެއް ނެތި މިތާނގައި، ގަތިނުއޮޅިފައި ނަންނުދާތީ”އެވެ. ކިޔުމާއި ލިޔުމުގައި ހުރި ތަފާތުތަކެކެވެ. މި ލިޔުމުގައި ” ހަތިޔާރެއް ނެތި ދެފައިގައި” ކަމަށް ލިޔެފައި އެ ވަނީ ދިވެހިންގެ އިހުގެ ގަބޫލުކުރުންތަކުގެ މައްޗަށެވެ.

އަހަރެންގެ ދީލަތި މިތުރާއެވެ. މީހެެއްގެ އުނދަގުލެއް ނެތި ގޭގައި ނިދަން އޮއްވައި ފެނުނީ އަހަރެންގެ ދެފައިގައި ނަންނުގަތި އޮޅިފައި ދާތީއެވެ. އެކަމުން ސަލާމަތްވާނެ އެއްވެސް ބާރެއް އަހަންނަށް ލިބިގެން ނުވެއެވެ.

ދިވެހިންގެ އިހުގެ އިޢުތިގާދުގެ ތެރެއިން ނަންނުގައްޗަށް ހާއްސަކަމެއް ދެވިފައިވެއެވެ. މިގޮތުން މުއްސަނދިކަމާ ނަންނުގައްޗާ ގުޅިފައިވާކަމަށް ބުނާ ގަބޫލުކުރުންތައް ގިނައެވެ. އަދި ގޭތެރެއިން ނަންނުގަތި ފެނުމަކީ ބަރަކާތްތެރިކަމެއް ކަމުގައި ދެކެއެވެ. އަދި ކުރިމަތިވެދާނެ ބަދުނަސީބަކަށްޓަކައި ގޭތެރެއިން ފެންނަ ނަންނުގަތި މެރުމާ ދުރުހެލިވެއެވެ. “ނަންނުގަތި” މި ބަހަކީ ވެސް މި ފަދަ ހުރާފާތީ ގާބޫލުކުރުންތަކުގެ ސަބަބުން އެ ހައިވާނުގެ ނަން ނުގަތުމަށް ބުނެއުޅޭގޮތް ކަމުގައި ވެސް ކިޔައެވެ. އެހެންނަމަވެސް، “ނަންނުގަތި” މި ނަމަކީ އެ އެތި އެތަނުން އަނެއް ތަނަށް ދިއުމުގެ ތަބީއީ ސިފަ، ކަތިކޮށްދާ ދިއުމަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއް ކަމުގައި ގަބޫލުކުރެވެއެވެ. ބައެއް ހިސާބުތަކުގައި ނަންނުގައްޗަށް “ނަނުކަތި” ކިޔައެވެ.

ދިވެހިންގެ އިހުގެ ގަބޫލުކުރުންތަކުގެ ތެރެއިން ނަންނުގައްޗާ ގުޅިފައިވާ ގަބޫލުކުރުންތަކުގެ ތެރޭގައި، ރުކެއްގެ ބުޑަށް ނުވަތަ ބިންމަތީގައިވާ ހޮރަކަށް ކިރު އެޅުމުން ނަންނުގަތި ނިކުމެއްޖެ ނަމަ އެއީ ރަސްކަން ލިބުމުގެ އަލާމާތެއްކަމުގައި ކިޔާ އުޅެއެވެ. ނަންނުގަތި އައިސް ފައިގައި އޮޅުމަކީ މުއްސަނދިކަމުގެ އަލާމާތެއްކަމުގައި ވެސް ކިޔާ އުޅެއެވެ. ގަނޑުވަރަށް ގެންދެވި އެމީހެއްގެ ފައިގައި ތަކަހޮޅި އެޅޭނެއެވެ. މުއްސަނދިކަމާއި ނަންނުގައްޗާ ގުޅުވައި ރާއްޖޭގެ ހުރިހައި ހިސާބެއްގައި ހެން މިފަދަ އިހުގެ ގަބޫލުކުރުންތައް ހުރެއެވެ. މިގޮތުން އެންމެ މަޝްހޫރު ވާހަކައަކީ ނަންނުގަތި ބޮނޑެއް ކައިގެން ކޮޅަށް ޖެހިފައި ހުންނަ ތަނުގެ ބިމުއަޑީގައި ހަޒާނާއެއް ހުންނާނެކަމަށް ދެކެވޭ ވާހަކައެވެ. “ނަނާހުވަފެން” ފަރިހީގައި މުޅިންވެސް ހުރީ ބާރާއި މުއްސަނދިކަން ލިބޭނެ ކަމަށް ދިވެހިންގެ ތެރޭގައި ކިޔާއުޅޭ މިފަދަ ގަބޫލުކުރުންތަކުގެ ވާހަކައެވެ.

9- ވަޅުން ފެން އުތުރިއެރުން

ކުރިކީލަ މަގޭ މިތުރާ، ފުރިއު ނޭވާ ދަނީބާ

ހުރި ދެފަރާތު މަގޭގޭ، ތުރިއުވަޅު ފެންފުރި އަރާތީއޭ

ކުރިކީލަ މަގޭ މިތުރާއެވެ. ފެންނަމުން މިދާ ކަންތައްތަކާއި މެދު ބިރުހީވެ ނޭވާ އުފުރިދާ ވަރުވެއެވެ. އަހަންނަށް ފެނުނީ ގޭގެ ދެފަރާތު ވަޅުގެ ފެން އުތުރި އަރާތީއެވެ.

ކުރިކީލަ (މިލްކުގްލާސް)އަކީ ކިރުކުލައިގައި ހުންނަ މޮޅު ބިއްލޫރިއެކެވެ. މި ބާވަތުގެ ބިއްލޫރި ފުރަތަމަ އުފައްދާފައިވަނީ މީލާދީން ފަނަރަ ގަރުނުގެ ކުރިން ވެނިހުގައެވެ. “ކުރިކީލަ މަގޭ މިތުރާ” މިއީ ލޯބި އިތުރުކޮށް ބުނެފައިވާ ބުނުމެކެވެ. މިތަނުގައިވާ “ފުރިއު” އަކީ “އުފުރި” މި ބަހުގެ ފުރޮޅުމެވެ.

ނައިފަރު ދޮހޮއްކޮ ކިޔާފައިވާ “ނަނާހުވަފެން” ފަރިހީގެ ކިޔުމުގައި މި ކަޑިއެއް ނެތެވެ. ނަމަވެސް، މި ކަޑީގައިވާ ވާހަކަތަކީވެސް ގުރުސް ފެންމަތިވާހިނދު ފެންނަ އާދަޔާ ހިލާފް ކަންކަމުގެ ތެރެއިން ދިވެހިން ކިޔާ އުޅޭ އެއް ވާހަކައެވެ. މި ލިޔުމުގައި އިސްވެދިޔަ ފިޔޯރީ ބީފާނު ވާހަކައިގައި ވެސް ގުރުސް ފެންމަތިވުމާ ގުޅޭ މި ވާހަކަތައް އާދެއެވެ:

“ޙުސޭންކަލޭގެފާނު ސިހިގެންގޮސް ބޭރު ބެލިއިރު ގަސްގަހާގެހި ބިމަށް ތިރިވެއޮވެ ވާހަކަ ދައްކަނީއެވެ. ގޭދޮރުމަތީގައި ހުރި ވަޅުގެ ފެންގަނޑު ބޮޑުވެ ކެކި އުތުރެނީއެވެ. ދެން ޙުސޭންކަލޭގެފާނު އިތިކޮށްފައި ދުވެ އަތިރިމައްޗަށް ދިޔައިރު މޫދުގެ ލޮނުގަނޑުވެސް ކެކި އުތުރެމުން އެއްގަމަށް އަރަނީއެވެ”

10- ހަފާއި މާރިނދަ ގޮވުން

ތަފާތެއްނުވެ ހުރެފައި، ބަފާގާތުގައި ބުނަންތާ

ލަފާކަމަކަށް ވެދާނޭހޭ؟ ހަފާ މާރިނދަ ގޮވާތީއޭ

ބައްޕާއެވެ! އަހަންނަށް ފެންނަމުން މިދާ ކަންތައްތައް ބައްޕަ ދޮގުނުކުރާނެކަން އެނގެއެވެ. ބައްޕައާ މެދު އަހަރެން ދެކޭގޮތަށް ބަދަލެއް އައިސްފައި ނުވާނެތީއެވެ. ކަނޑުން އެ އަރާ މާރިނދައާއި ބޮލުގައި ހުޅިއެއް ހުންނަ ނަންނުގަތި ފާޑު ހަފު ބައްދަލުވެ ގޮވާތީ އަހަންނަށް ހުވަފެނުން ފެންނަނީއެވެ. މިއީ ލަފާކަމަކަށް ވެދާނެ ހެއްޔެވެ؟ މީގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނެއެވެ.

ފަރިހީގައިވާ “ހަފާ މާރިނދަ” އަކީ ދެ ހައިވާނެއްގެ ނަމެވެ. ބަސްފޮތުގައިވާ ގޮތުން ހަފަކީ ބޮލުގައި ހުޅިއެއް ހުންނަ ނަންނުގަތި ފާޑު އެއްޗެކެވެ.  މާރިނދައަކީ ވަރަށް މަދުން މޫދުން އެއްގަމަށް އަރާ ކަނޑުހަރުފައެކެވެ. މާރިނދަ އަކީ “މާރިދު” އެއް ނޫނެވެ. މާރިދު ނުވަތަ ދެޔޯމާރިދު ކިޔަނީ ޖިންނީންގެ ތެރޭގައި ހިމެނޭ ގަދަފަދަ ބިޔަ ބިޔަ ޖިންނިތަކަކަށެވެ. މާރިނދައަކީ ލޮނުފެނުގެ އެއްޗެކެވެ. މަދުން އެއްގަމަށް އަރާ އުޅޭ ކަނޑުގެ ދިރުމެކެވެ.

ރާއްޖޭގެ ކަނޑުފަޅުން މިހާރުވެސް މާރިނދަފެނެއެވެ. މާރިނދައަކީ “ޔެލޯ ބެލީޑް ސީ ސްނޭކް”އެވެ. މިއީ ވިހަގަދަ ކަނޑުހަރުފައެކެވެ. ބޭރުގެ އެކި ހަބަރުތަކުން ވެސް ކަނޑުން ނުވަތަ މޫދުން ގޮނޑުދޮށަށް މާރިނދަ އެރުމުން އެ ހަބަރު ލިޔެފައި ހުންނަތަން ފެނެއެވެ. ރާއްޖޭގެ ރަށްރަށުގެ ހޭޅިފަށުން ހަރުފަ ބިހަކީ ގަބޫލުކުރެވޭގޮތުގައި މާރިނދަ ބިހެވެ. މާރިނދައިގެ ހިލަން ރަށްރަށުންނާއި ކަނޑުފަޅުންވި ނަމަވެސް، ހަފުގެ އެއްވެސް ހިލަމެއް ނުވެއެވެ. މިއީ އިހުގެ ގަބޫލުކުރުންތަކުގައިވާ ހިޔާލީ އެއްޗެއް ބާއެވެ؟ ހަފެއް ދުށް މީހަކު އެބަ ހުރިބާއެވެ؟ ފެންހަރުފައަށް ބޯދާބަހުގައި ދަހަނާގަ ކިޔައެވެ. އަދި ފެންހަރުފައަށް ފެންހަފު ކިޔާ އުޅެއެވެ. ބައެއް ހިސާބުތަކުގައި ނަންނުގައްޗަށް ވެސް ހަފު ކިޔައެވެ.

މި ފަރިހީގައިވާ ހަފަކީ ފެންހަރުފައަކަށް ވެދާނެއެވެ. ނުވަތަ ދަތުރުކުރާ އިރު ވައިމަޑު ދުވަސްދުވަހު ފެންމަތިން ބޯ ހިއްލައިލައިގެން ދާތަން ފެންނަ “ފެންހަފު”އަށްވެސް ވެދާނެއެވެ. ނުވަތަ ނަންނުގަތީގެ ތަފާތު ބާވަތެއް ކަމަށް ވެސް ވެދާނެއެވެ. ހަފާއި ގުޅޭގޮތުން ކުރީގައި ކިޔާ އުޅޭ ކުޑަކުދިންގެ ބަންޖެއްގައި ކިޔާ އުޅެނީ:

މި އިނގިލި ބުންޏޭ ކުޅޭމާހޭ

މި އިނގިލި ބުންޏޭ ކޮންތާކު ކުޅެމާހޭ

މިއިނގިލި ބުންޏޭ “ހަފުވަލު” ކުޅޭމާހޭ

މިއިނގިލި ބުންޏޭ ހަފު ދައިގެންފާނޭ

މިއިނގިލި ބުންޏޭ ތިމަންކަލޯ ކުޑަޔަސް ބޭސްދޭނަމޭ

މި ބަނދި އެކި ގޮތްތަށް ކިޔައެވެ. “ހުއިފަލު ކުޅެމާހޭ” އަދި “ހަފުގަސްދޮށު” ކުޅެމާހޭ މި ގޮތްގޮތަށް ވެސް ކިޔައެވެ. ހަފުގެ ވެއްޓާ މެދު ހުރީ މި ކަހަލަ ވާހަކަތަކެކެވެ.

މިއީ މުސްކުޅިއަކު ހަފާއި މާރިނދަގެ ވާހަކަ ކިޔައިދިން ގޮތެވެ.

ހަފާއި މާރިނދައަކީ ތޫލި އަޑުން ވަރަށް ބާރަށް ގޮވާ ދެ ލޯބިވެރިންނެވެ. ހަފާއި މާރިނދައިގެ މިސާލު ލޯބިވެރިންނާގުޅުވައެވެ. މިއީ ވަރަށް ނާދިރު ބައްދަލުވުމަކުން ރަށްރަށުގެ ހޭޅިފަށުގައި ބައްދަލުވާ އަދި ތޫލި އަޑުން ވަރަށް ބާރަށް ގޮވާ ދެ އެއްޗެވެ. މި ދޭތީގެ ބައްދަލުވުން އެތައް އަހަރަކުން އެއް ފަހަރު ވެސް ހިނގައިފާނެއެވެ. “ނަނާހުވަފެން” ފަރިހީގައިވާ އާދަޔާ ހިލާފް މަދުން ހިނގާ އެހެން ކަންކަމުގެ ވާހަކަ ފަދައިން “ހަފާއި މާރިނދަ އެކީ ގޮވާ އަޑު” އިވުމަކީ އަންނަން ހުރި ބޮޑު ކަމެއްގެ ތަދު އިޝާރާތެކެވެ. ހަފާއި މާރިނދަ ގޮވާ އަޑު އިވުމަކީ ލިބޭން އުޅޭ މުއްސަނދި ކަމަކާއި އަންނަން ހުރި ނަސީބުވެރިކަމެއްގެ އަލާމާތެކެވެ.

11- ކަޅުހިލަދަޔަށް ވަޅިވަނުން

އައިބެއްނުވެ ދެން މިތުރާ، ހައިކޮށް ނުމެލާ ބުނަންތާ

ގައިމުކޮށް އަދު މަ ބެލިއިރު، ދާޔަކަށް ކަޅުވަޅި ވަންނާތީއޭ

މިތުރާއެވެ. އަހަންނަށް ފެނުނު އާދަޔާހިލާފު އެތައް ކަމެއްގެ ވާހަކަ ބުނުވިއްޖެއެވެ. އެހުރިހާ ކަމަކަށް ފެނުނު އަދި މާ އާދަޔާހިލާފު ކަމެއްގެ ވާހަކަ ބުނަން ހެއްޔެވެ؟ އަހަރެން މިއަދު ޔަގީންކޮށް ބެލިއިރު ފެނުނީ ކަޅުހިލަ ދަޔަކަށް ވަޅި ވަންނާތީއެވެ.

ދިވެހި ހުރާފާތުގެ ބައެއް ވާހަކަތަކުގައި ކަޅުހިލަދަޔަށް ހާއްސަ ސަމާލުކަމެއް ދެވިފައިވެއެވެ. އޮޑިތާންކަލޭގެ ދަތުރުކޮށް އުޅެނީ ކަޅުހިލަދަޔަކަށް ފަތެއް ނަގައިގެނެވެ. މީނާއަކީ ފަންޑިތަވެރިއެވެ. ކަޅުހިލަ ދަޔަށް ވަޅި ވަންނަ ވާހަކައަކީ މިހާރުވެސް ކަމެއްގެ ހިނގާނެ ކަމުގެ ޔަގީންކަން އޮތްމިންވަރު ބުނެދިނުމުގެ ގޮތުން މިސާލެއްގެ ގޮތުން ބުނާ ވާހަކައެކެވެ. އެހެން ނަމަވެސް، ކަޅުހިލަ ދަޔަށް ވަންނަނީ ވަޅިބާއެވެ؟ ނުވަތަ ދައިން ފުނޑަން ހިލައިން ހަދާފައި ހުންނަ ފޮއިބާއެވެ؟ ރިހޭ ފައިމައްޗަށްވެސް ވެއްޓެނީ ފޮއިއެވެ. މި ފަރިހި ޝަރަހަކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ދޮންފަނު މުޙައްމަދު ޔޫސުފް ވިދާޅުވީ “ގައިމުކޮށް އަދުމަ ބެލިއިރު، ދާޔަކަށް ކަޅުފޮއި ވަންނާތީ”އެވެ. މިއީ ގުރުސްފެންމަތިވެފައި ހުރިކަމުގެ އެންމެ ބޮޑު އަލާމާތެވެ. ނަސީބުގެ އެންމެ ވަރުގަދަ އިރުވަރު އުޑުމަތިން ފެންނަން ހުރިކަމެވެ.

އުޑުމަތިން ގުރުސް ފާހަގަކުރާނީ ކިހިނެއް؟

ނަކަތަކީ މޫސުމުގެ ގޮތުން އަހަރު ބައިކުރާ ތަރިތަކުގެ ތަރުތީބު ތަކެވެ. މޫސުމުގެ އެކި ކަންކަމާއި ގުޅުވާފައިވަނީ ހަނދުގެ ދައުރުވުމަށް އަންނަ ބަދަލުތަކެވެ. މި ތަރުތީބުތައް ދެނެގަންނަނީ ނުވަތަ ގުޅިފައިވަނީ ހަނދުގެ ދައުރުވުމާއި ގުޅޭ ތަރިތަކުގެ ތަރުތީބުތައް ނުވަތަ ބުރުޖުތަކާ އެވެ. މިގޮތުން ބައިކުރެވޭ 28 ބައިކުރުމެކެވެ. އައްސިދަ، ބުރުނު، ކެތި، ހުވަން، ދިނަށަ، ފުރަބަދުރުވަ، ފަސްބަދުރުވަ، މިގޮތަށް މި ބައިކުރުން ނުވަތަ ނަކަތްތަކަށް ނަން ދީފައިވެއެވެ. އަދި އުޑުމަތީގައި މި ނަކަތްތަކުގެ ތަރިތައް އުދަވާ ތަރުތީބު ސިފަކުރުމަށް ދިރޭ އެކި އެއްޗެހީގެ ބައްޓަމުން އެ ސިފަކުރުންތައް ފޮތްތަކާއި ހަނދާނުގައި ބަހައްޓައެވެ. މިހާރު އާންމުކޮށް ކިޔާ ދިވެހި ނަކަތް ތަރުތީބުގައި އެއީ 27 ބައިކުރުން ނުވަތަ ނަކަތެވެ. އިހު ޒަމާނުގައި ނަކަތްތެރި ފޮތްތެރީން ގާތު 28 ނަކަތް އޮންނަކަމުގައި ގައި ޔޫސުފް އަލިފުޅު، ދަރަވަންދޫ ލިޔުއްވައެވެ. މިހާރު މިހުރި ނަކަތްތަކުގެ އިތުރަށް ބޭނުންކުރި ނަކަތުގެ ނަމަކީ “އަވިހި” ކަމުގައި ވެސް ލިޔުއްވައެވެ.

ފިނިހޫނުމިނާއި ގުޅިފައިވަނީ އިރެވެ. ރާހީގެ ތަޢާރަފުގައި ޔޫސުފް އަލިފުޅު، ދަރަވަންދޫ ލިޔުއްވަނީ ރާހިތަކަކީ އިހުޒަމާނުގެ ނަކަތްތެރީން ބިމުގެ ފިނި ހޫނުމިނަށް ބަލައި ބިމަށް އަންނަ އާރޯކަމާއި ދަމާބާރު އަހަރުގެ ދުވަސްތަކާއި ގުޅުވައި ދުވަސްތައް ބާރަ ބަޔަށް ބަހައި އެބައިތަކަށް ދީފައިވާ ނަންތަކެވެ. މިތުނަ، ކާންޏާ، ދަނަ، މަކަރަ، ކުންބަ މިފަދަ ނަންތަކެއް ރާހީތަކަށް ދީފައިވެއެވެ. ނަކަތަކީ ހަނދުގެ ދައުރުވުމާއި ގުޅިފައިވާ، ތަރިތަކުގެ މޫސުމީ ތަރުތީބުވުންތަކެކެވެ. ރާއްސަކީ އިރުގެ ދައުރުވުމާއި ގުޅިފައިވާ، ތަރިތަކުގެ ތަރުތީބުވުންތަކެކެވެ. އިރުވަރަކީ މިއިން ކޮންމެ ކަމަކާއި ވެސް ގުޅިފައިވެދާނެ އިހު ގަބޫލުކުރުންތަކުން ހެޔޮ ޞާއަތްތަކެކެވެ. ކަމެއް ކުރާނެ ހެޔޮވަގުތެވެ.

ބޭރުގެ އެސްޓްރޮލޮޖީ މައުލޫމާތުތަކުގައި ވެސް “ގުރުސް” ދައްކާފައި ހުރެއެވެ. “Grus” ގެ ނަމުގައެވެ. ނުވަތަ “އަލްފާ ގްރުސް، އަލް ނައިރު”ގެ ގޮތުގައެވެ. މިއީ ގްރުސްގެ އެންމެ އަލިގަދަ ތަރިއެވެ. ގްރުސްގެ ތަރިތައް ސިފަކޮށްފައި ހުންނަނީ އުޑުމަތީގައިވާ ބޮޑު މާކަނާއެއް ގޮތުގައެވެ. ގުރުސްފެންމަތިވުމަކީ ދިވެހި ނަކަތްތެރިކަމާ ފޯކުލޯރާއި ހުރާފާތީ ގަބޫލުކުރުންތަކުގައި ނަސީބުގެ އިރުވަރެވެ. މުއްސަނދިކަން ލިބުމާއި ބާރުވެރިކަން ލިބުމުގެ ވަރުގަދަ އިރުވަރެވެ. މާކަނާ އަކީ ދިވެހި މި ފަދަ ގަބޫލުކުރުންތަކުގައި ބަދުނަސީބެއްގެ އަލާމާތެކެވެ. ހަވީރު ރަތްވިލާ ދަޅަމަތީގައި ނުވަތަ ރޭގަނޑުގެ ވަގުތެއްގައި ގެއެއްގެ މަތިން ނުވަތަ ރަށްމަތިން މާކަނާ ގޮވައިފިނަމަ އެ އަޑުއެހި ބަޔަކު ދިރިއުޅޭ ގެތަކުން ގެއެއްގެ މީހަކު ތިން ދުވަހުގެ ތެރޭގައި މަރުވެ ރަށްނާމާންވާކަމަށް އިހުގައި ގަބޫލުކުރެއެވެ.

އިރުވަރުބެލުމަކީ ދިވެހިންގެ އިހުގެ ގަބޫލުކުރުންތަކުގެ މައްޗަށް އެބައިމީހުން ކޮށްއުޅުނު ކަންކަމެވެ. މިއީ ތަރިތަކުގެ އެތުރުމާއި ބުރުޖުތަކާއި ގުޅިފައިވާ ކަންކަމެވެ. މިކަންކަން ދެނެގަތުމަށް ލިޔެވިފައިވާ ފޮތްތަކާއި އަދި ޗާޓުތައް އިހު ދިވެހިން ގެންގުޅުނެވެ. ތަރިތަކާއި ދިރިއުޅުމުގެ އެކި ކަންކަމާ ގުޅިފައިވާ މިންވަރު އެބައިމީހުންގެ ބޯދާ އިޢުތިޤާދުގައިވާ ކަމުންނެވެ. މި ފަދަ ބައެއް ކަންކަމުގެ މައްޗަށް މި ލިޔުމުގައި ބެލިފައިވަނީ އެފަދަ ކަންކަން ދިރުވައި އާލާކުރުމުގެ ނިޔަތަކު ނޫނެވެ. ނަނާ ހުވަފެން ފަރިހީގައި ބުނާ ވާހަކަތައް ދޭހަކޮށްދިނުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ އިހުގައި ގަބޫލުކުރާ އިރުވަރުތަކާއި ހުރާފާތުގެ ބައެއް ކަންކަމާ ބެހޭގޮތުން ކިޔައިދިނުންކަމުގައިވާތީއެވެ. ސިހުރުފަންޑިތައާއި ނުޖޫމީ އިލްމާއި ނަކަތްތެރިކަން އަދި އިރުވަރު ފޮތްތަކަކީ އެއްބާވަތުގެ ތަކެތިކަމަށް ބަލައި އަހަރެމެންގެ ތެރެއިން އެފަދަ ފޮތްތައް ގެއްލިފައިވުމުން ގުރުސްފެންމަތިވުމާއި ބެހޭގޮތުން ހޯދެން އޮތީ އިހުގައި ކިޔާ އުޅުނު ފޯކުލޯރާއި ވާހަކަތަކުންނެވެ. ނުޖޫމީ އިލްމާއި މުސްކުޅި އިޢުތިޤާދުގެ ކަންކަން ހުންނަ ފޮތްތަކާއި ފޯކުލޯރާއި އިހުގެ ވާހަކަތަކަކީ ދިވެހި ތާރީޚާއި ސަގާފަތާއި ބަސް އަދި އަދަބީ ދިރާސާގައި މުހިންމު އެއްޗެކެވެ.

~

އެހީތެރިކަން

މުޙައްމަދު ޔޫސުފް، ދޮންފަނު

ހަވާލާ ދެވުނު ލިޔުންތައް:

“އަމާޒު” 23 ވަނަ އަދަދު

ބޮޑުތަކުރުފާނު ވާހަކަ، ބުރާރަ މުހައްމަދުފުޅު

އަމީރު ހަމްޒާ ވާހަކަ، އުމަރު އީސާ

ހަސަން މާރާދަކަލޭފާނާއި ބީފާނުގެ ހައުކޮޅު، ފަތްތޫރަ 204، 1996

ޢިއުތިޤާދު، ގަބޫލުކުރާ ގޮތްތައް، މުޙައްމަދު އިބްރާހިމް ލުތުފީ، ފަތްތޫރަ

ޔޫސުފް އަލިފުޅުގެ ލިޔުއްވުންތައް، ފަތްތޫރަ

7 ކޮމެންޓު ”ނަނާ ހުވަފެން ފަރިހި – ގުރުސް ފެންމަތިވުން“

    ޒަހާ

    ވަރަށް ކިޔާހިތްވި ލިޔުމެއް. ނަމަވެސް ހާސަރުގަޑު ދިގުކަމުން ނިންމާލެވޭގޮތެއްނުވި. ވަރަށްމަޢުލޫމާތު އެބަހުރި. ނަނާހުވަފެންދުށީމޭ މިފަރިއްސަކީ ދިވެހިންގެތެރޭގާ ވަރަށް މަޝްރުވި ރީތިފަރިއްސެއް
    ފަރިހިހެއްދެވި ބޭފުޅަކު އެއީ މިހާތަނަށްވެސް އެނގިފާވާ މަޢުލޫމާތެއްނޫން. ލިޔުންތެރިޔާއަށް ހަމަސާބަސް ރައްދުކުރަންޖެހޭ.

    ސައްކެޔޮ ޖެޓްސްކީ

    ވަރަށް ފުރިހަމަ، ހިތްގައިމު ލިޔުމެއް. ކިޔާ ހިތުން ކިޔާލެވުނު. ޝުކުރިއްޔާ

    މުހައްމަދު

    މަޢުލޫމާތު މުއްސަނދި ލިޔުމެއް.

    ސާއިދު

    ވަރަށް ފުރިހަމަ ލިޔުމެއް. މިފަދަ ލިޔުމަކާާ ބަލާފަ ބައެއް އިމްލާކުށް ހުރިކަން ފާހަގަ ކުރެވުނު. ޓައިޕިންގެ މައްސަލައަކަށްވުންވެސް އެކަށީގެންވޭ. މުސްތަޤުބަލުގަ މިފަދަ އިތުރު ލިޔުންތަށް ކިޔާލަން ލިބޭނެކަމަށް އުންމީދުކުރަން އަދި މިފަދަ ޢިލްމީ ދިރާސާތައް އަދުގެ ކިޔަވާކުދިންނަށް ފަސޭހައިން ލިބޭނެގޮތް ފަހިވމަކީ، އަދަބިއްޔާތު ކުރިއެރުވުމަށް މުހިންމުކަމެއް ކަމުގައި ދެކެން.

    އިއްޓެ

    ވަރަށް ފުރިހަމަ ލިޔުމެއް ބުރަދަރ. 👏👏

    ޙުކުމަލެ

    ތަންކޮޅެއް ދިގީ. ދެބަޔަށް ބަހާލި ނަމަ.