ވާހަކަ – މުސާފިރު

މި ވާހަކައިގައިވާ ޙަޟްރަމައުތަކީ އިހުގައި ދިވެހިންނާ ކަނޑުދަތުރުފަތުރުގެ ގުޅުން ބޮޑު ޔަމަނުކަރައިގެ حضرموت ކިޔުނު ރަށެވެ. Hadramout އެވެ. ވާހަކައިގައިވާ މަލާބާރަކީ އިންޑިޔާގެ ހުޅަނގު ދެކުނު Malabar Coast ގެ ފުޅާ ސަރަހައްދެވެ. ކާލީކޯޓަކީ މަލާބާރު ސަރަހައްދުގައިވާ Calicut އެވެ ކިޔުނު ރަށެވެ. މިއީ އިހުގައި ދިވެހި ރާއްޖެއާ ވިޔަފާރީގެ ގުޅުން ބޮޑު ރަށެކެވެ. ދެން މި ވާހަކައިގައި ވާނީ މާޅޮސްމަޑުލު ފަސްމަންދޫއާއި އުފުލަންދޫގެ ވާހަކައެވެ. މި ދެ ރަށަކީވެސް މިހާރު ފަޅު ރަށްރަށެވެ. ވެރިކަމާ ގުޅިފައިވާ މާލޭގެ ބޮޑެތި ބައެއް އާއިލާތަކުގެ ފެށުން ފަސްމަންދޫއާ ގުޅެއެވެ. މަލާބާރުން އައި ކޯލާޑި ސައްޔިދު ހޮޅިނަޚާ އަލް މަލާބާރީ ވަޒަންވެރިވީ ފަސްމަންދޫގައެވެ. މިއީ ޔަމަނުކަރައިގެ ޙަޟްރަމައުތުގެ ބަޢްލަވީ ދަރިކޮޅުގެ މީހެކެވެ. މި ވާހަކައިގެ ހިޔާލުގެތެރެއަށް ވާދޫ ދަންނަކަލޭފާނުންގެ ވާހަކަވެސް އައެވެ. ތާރީޚުގެ އެކި ދުވަސްވަރު އުޅެފައިވާ މީހުން ނަމަވެސް، ވާހަކައެއްގެ ހިޔާލު މުއްސަދިކުރުމަށް މުޅި ތާރީޚުން މަންފާވެއެވެ.

އާޅެންތަކުގެ ފޮންޓް: މޮޓަރު ދިގު

 

ފުރަތަމަބައި: ހަޟްރަމައުތުން މަލާބާރަށް

ޙަޟުރަމައުތާއި ވަށައިގެންވާ ރަށްތަކުގެ މީހުންނަށް އެނގިފައިވާ ގޮތުގައި އޭނާއަކީ އިލްމު ހޯދުމަށް މަލާބާރުން ދަތުރުކޮށް ޔަމަނުކަރައަށް އައި ދީބާތު އަލް މަޙަލްގެ މީހެކެވެ. އޭނާގެ ވަޒަނަކީ މަހަލްދީބެވެ. ޔަމަނުގައި އޭނާގެ ނަމަކީ އަލްފަޤީޙް އަޙްމަދު އަލް މަޙްލީއެވެ. އެނބުރި ވަޒަނަށް ދިއުމުން އޭނާ ވާނީ ރަށުގެ ދަންނަކަލޭފާނަށެވެ. ޢިލްމު ހޯދުމަށް އަމިއްލަ ވަޒަން ދޫކޮށް އޭނާ ޔަމަނުކަރައަށް ފުރީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގައެވެ. އިސްކަންދަރު މާހަރަދުންގެ ރަސްކަމުގައި އަސޭކަރައާއި ހިންދުކަރައާއި ދުރު ރަށްތަކުން ވިޔަފާރިކަމު އަންނަ ނާފަހަރު މާލެއަށް ބަނދަރުކުރަނީ އާދަޔާހިލާފަށެވެ. ވިޔަފާރީގެ ކަންކަމުގެ ތެރެއަށް ރަސްގެފާނު ވަދެވަޑައިނުގަންނަވާކަމުން މާލޭ ބަނދަރުވެފައިވަނީ ވިޔަފާރި ފަހި ނަފާވާ ބަނދަރަކަށެވެ.

ޔަމަނުކަރައިގެ ތުރޭމުން ނުކުމެ ޙަޟްރަމައުތުގެ ގޮނޑުދޮށަށް އޭނާއަށް ފޭބުނީ އެތައް ދުވަހެއްގެ ދިގު ދަތުރަށް ފަހުއެވެ. ޙަޟްރަމައުތުގެ ގޮނޑުދޮށަށް ފޭބުމުން ތުރޭމުން އޭނާއާ އެކުގައި ނުކުތް މީހުން ވަދާޢުގެ ސަލާމަށް ފަހު ވަކިވިއެވެ. އެއިރު އައްސައްޔިދު މުޙައްމަދު ބަޣްލަވީގެ ބޮޑުނާކޮޅު އޮތީ ހިންދުކަރައަށް ވިޔަފާރިކަމު ފުރަން ތައްޔާރުވެފައެވެ.

ސައްޔިދު ބަޢްލަވީގެ ބޮޑުނާކޮޅު ފުރާނެ އިރެއްގެ އިޝާރާތަކަށް ހަޟްރަމައުތުގެ ގޮނޑުދޮށުގައި އޭނާ ހުއްޓެވެ. ސައްޔިދު ބަޣްލަވީއަކީ އަރަބިކަނޑު ހުރަސްކޮށް ހިންދުކަރައިގެ ރަށްތަކާއި އިރުމަތީގެ ރަށްތަކަށް ވިޔަފާރިކަމު ބޮޑެތި ނާފަހަރު ދުއްވާ ޔަމަނުކަރައިގެ އަޝްރާފެކެވެ. މުޙައްމަދު ބަޣްލަވީގެ ނާފަހަރު މަލާބާރުގެ ރަށްތަކާއި ސެޓިގަމާއި އިރުމަތިން ބަތާވީކަރައާއި މަލައްކާއަށް ދަތުރުކުރެއެވެ. އަރަބިކަނޑުގެ ރަށްތަކާއި ހިނދުކަރައިގެ ބަނދަރުތަކާއި އެތެރެވަރީގެ ރަށްތަކުގައި މުޙައްމަދު ބަޣްލަވީގެ ނަން ހިނގާފައިވެއެވެ. މީނާއަކީ މިނެކިރުމުގައި ފަރުވާތެރި، ލިބިފައިވާ މުއްސަނދިކަމުން ފަގީރުންނަށް ހެޔޮފޯރުވައި އުޅޭ މީހެކެވެ. އެތައް އިރަކަށް ފަހު ބޮޑުނާކޮޅުގެ ނެވިންގެ އިޝާރާތުން އޭނާއަށް ފުރަން ވެއްޖެކަން އެންގިއެވެ. އެ ހިނދު، ދުރުގައިވާ ވަޒަނުގެ ކުލުނުން އޭނާގެ ދެލޯ ތެމުނެވެ.

އެއީ އަހަރެންގެ ލޭފަވެތި ވަޒަނެވެ

ހިންދުމާކަނޑުތެރޭ އަލިރަންމުތް ހެން ދިރޭ، އެއީ މަގޭ މަހަލްދީބެވެ.

އަރަބި ކަނޑުގެ ސަފަރުވެރިންގެ ދޫތަކުން ނަންއިވޭ، އެއީ ދީބާޖާތެވެ.

ދަތުރުކޮށްދާ ނިޔަމީންނާއި ކަލާސީން ދެކޭ، އެއީ މާކަނޑުގެ އަޖާއިބެވެ.

އަހަރެންގެ ވަޒަނުން ނުކުމެ ފުންކަނޑުތައް ހުރަސްކުރީ އިލްމު ހޯދާށެވެ

ހެއިނަކަތު މާލެއިން އުތުރުކަރައަށް ވިޔަފާރިކަމު ފުރި ނަވަކަށް އެރީމެވެ

މޫސުމުގެ ވައި މަލާބާރުގެ ތިޔާގި ރަށެއްގެ ގޮނޑުދޮށަށް އަހަރެން ލައިދިނެވެ

އެތަނުގެ ނަވަކުން އަރަބިކަނޑު ހުރަސްކޮށް، ޔަމަނުކަރައިގެ ޙަޟްރަމައުތަށް ފޭބީމެވެ

ދިގު ދުވަސްތައް ފާއިތުވެހިނގައްޖެއެވެ

ޔަމަނުކަރައިން ފުރައިގެން ސުއްކަތުރާ ކަނޑުގެ ބިޔަ ރާޅުތަކާއި އަރަބިކަނޑުގެ ކަނޑުފޭރޭމީހުންގެ ހަމަލާތަކުން ދިފާއުވަމުން ސައްޔިދު މުޙައްމަދު ބަޣްލަވީގެ ބޮޑުނާކޮޅު މަލާބާރުކަރައިގެ ކަރަގޮނޑު ފެންނަ ހިސާބަށް އާދެވުނީ ހަނދުމަހެއްގެ ސޯޅަ ވިލޭރެއެވެ. މަލާބާރު ކަރަގޮނޑުގައި ދުއްވައި ކާލީކޯޓު ބަނދަރަށް ވަދެވުނީ އެ ކަރައިގެ ބޮޑު ވަލީވެރިއެއްގެ ފާތިހާ ދުވަހުއެވެ. ކާލީކޯޓަކީ މަލާބާރު އައްސޭރީގެ ރަށްތަކުގެ ތެރެއިން ވިޔަފާރިއާ ކަނޑުދަތުރުފަތުރުގެ މުހިންމު ބަނދަރެވެ. ޙަޟްރަމައުތުގެ ވިޔަފާރިވެރިންނާއި ސަފަރުވެރި ސައްޔިދުން ކާލީކޯޓަށް ގޮސްއައިސްވެއެވެ. ޙަޟްރަމައުތުން ދަތުރުކޮށް އަންނަ ސައްޔިދުންނާއި ވާދީ ޙަޟްރަމައުތުގެ މުއްސަދި ތުރޭމުން ނުކުމެ އަންނަ އެހެނިހެން އަރަބީން މަލާބާރާއި މަހަލްދީބުގެ ރަށްތަކަށް ގޮސް ވަޒަންވެރިވެ އުޅެއެވެ. މަޤްރިބުކަރައިގެ ޞައްޔާޙު އިބްން ބަތޫތާ މަހަލްދީބަށް ދުރުވެންނެވި އިރު ފަނޑިޔާރު ކަމުގައި ހުންނެވީ އީސާ ކިޔުނު ޔަމަނުގެ ބޭކަލެކެވެ. މަލާބާރާއި މަހަލްދީބުގައި ޔަމަނުކަރައިގެ ޙަޟްރަމައުތުގެ ދަރިކޮޅުތައް ހިނގާފައިވެއެވެ. ޙަޟްރަމައުތުން ފުރައިގެން މަލާބާރަށް ކުރި ދިގު ދަތުރަށް ފަހު ކާލީކޯޓުގެ ބަނދަރުމައްޗަށް ފޭބުވުމާ އެކު ވަޒަނުގެ ހަނދާންތަކާއި ދިގު ދަތުރުގެ ވަރުބަލިކަން އޭނާއާ ބައްދަލުކުރިއެވެ.

ކާލީކޯޓަކީ، އަހަރެންގެ ގައުމުގެ މީހުން ވިޔަފާރިކަމު އަންނަ އެއް ބަނދަރެވެ

ހިކިކަނޑުމަހާއި ރޯނު، އާރޮހާއި ކުފުރާ ވިިއްކަން ގެންނަ އެއް ރަށެވެ

މި ރަށުގެ ބަނދަރުގައި އަހަރެންގެ ގައުމުގެ ވިޔަފާރި އޮޑިފަހަރު ވާނެއެވެ

ގައުމުގެ މީހުންގެ އޮޑިފަހަރު ފުރަހަަޅަ ނިމޭ ކޮޅަށް ދަތުރަށް ތައްޔާރުކުރާނެއެވެ

ކާލީކޯޓުން ފަށުއްވާއި ކަސަބުބާދަލާ، ދުންބޯފަތާއި ހަވާދު، މުށިކަންވާރާއި އީޓު ބަރުކުރާނެއެވެ

ގައުމުގެ މީހުންގެ ވިޔަފާރި އޮޑިއަކާ ދިމާވެއްޖެ ނަމަ އަހަރެންގެ ވަޒަނަށް ގެންގޮސްދޭނެއެވެ

އެއީ ހިންދުކަނޑުގެ ދަތުރުވެރިން އަމާންކަމުގައި ބަނދަރުކުރާ މާޅޮސްމަޑުލު ފަސްމަންދޫއެވެ

ލަސް ހިނގުމެއްގައި އޭނާ ކާލީކޯޓު ބަނދަރުމަތީ ހިނގަހިނގާ ހުއްޓެވެ. ޔަމަނުކަރައިގައި ދިގު އަހަރުތައް ފާއިތުވި ނަމަވެސް، ގައުމުގެ އޮޑިފަހަރުގެ ކިއްސަރު އޭނާގެ ހިތުގައި ވަނީ ހަރުލާފައެވެ. އެއީ ފަރުމާ ފުރިހަމަ، ކަނޑަށްގަދަ މޮޅު އޮޑިފަހަރެވެ. ކާލީކޯޓުގެ ބަނދަރުގައި އެތައް ސަތޭކަ ނަވާއި އޮޑިފަހަރުވެއެވެ. އެއީ ވިޔަފާރިކަމު ހިންދުކަރައިގެ އެކި ހިސާބުތަކުންނާއި މަސްކަތުންނާއި ޢަރަބި ރަށްރަށުން އަދި ޔަމަނުކަރައިން އައިސްފައިވާ ނައުފަހަރެވެ. ގައުމުގެ އޮޑިއެއް ފެނޭތޯ އެތައް ހިސާބަކަށް އޭނާއަށް ހިނގިއްޖެއެވެ. ބަނދަރުމަތީގައި އޭނާ އަޅަމުން ދިޔަ ވަރުބަލި ލަސް ފިޔަވަޅުތަކަށް ހުއްޓުން ގެނުވީ ދުރުން އިވެމުން ދިޔަ އަންބާއެއްގެ އަޑެވެ.

ހެލުންބިލާ ހެލޭ ޔައްލަ ޔައްލާ – ހެއްޔޯސާން

އައްލާ ސަލާމާ – ހެއްޔޯސާން

ސައްޓި ބުނި ކަލާމް – ހެއްޔޯސާން

އެއީ ގައުމުގެ މީހުންގެ އަޑެވެ. ބަނދަރުގެ އެ ހިސާބުގައި މަހަލްދީބުގެ އޮޑިފަހަރުވާނެއެވެ. ކާލީކޯޓު ބަނދަރުން އިވޭ އަންބާގެ އަޑަށް ކަނުލައި އޭނާ ހިނގަން ފެށިއެވެ. އެއީ ބަނދަރުގައިވާ އަރަބިކަރައިގެ ނައުފަހަރުގެ ބޭރުގައި އަޅަމުންދާ ބަނޑުއޮޑިއެއްގެ ފަޅުވެރިންގެ އަޑެވެ. އަންބާ ކިޔަމުން ކާލީކޯޓު ބަނދަރުގައި އެޅި އޮޑީގެ ކަލާސީން ފައިބާނެ އިރަކަށް އޭނާ ބަނދަރުމަތީގައި މަޑުކޮށްގެން ހުއްޓެވެ. މޫނުމަތން ފެންނަނީ ދިގު ދަތުރުގެ ވަރުބަލިކަމާއި އެނބުރި ވަޒަނަށް ދިއުމަށް ކުރެވޭ ދިގު އިންތިޒާރެވެ. މިހާރު ރޭގަނޑުގެ އަނދިރިކަން ކާލީކޯޓަށް ވެރިވަމުންދަނީއެވެ. އޮޑި އެޅުމަށް ފަހު ކަލާސީންގެެ ބަޔަކު ބަނދަރުމައްޗަށް ފައިބައިފިއެވެ. ޔަމަނުން އައިސް ހުރި އެކަނިވެރިޔާ އާދޭހުގެ ހިތަކާ އެކު ބަނޑުއޮޑީން ފޭބި ކަލާސީންގެ ގާތު ހުއްޓުނެވެ.

އަހަންނަކީ ކަލޭމެންގެ ވަޒަނުގެ މުސާފިރަކީމެވެ

އިސްކަންދަރު މަހާރަދުންގެ ރަސްކަމުގައި އަަހަރެންގެ ގައުމުން ނުކުތީމެވެ

ޙަޟްރަމައުތާއި ވަށައިގެންވާ ރަށްތަކަށް ޢިލްމު ހޯދުމަށް ދަތުރުކުރީމެވެ

ހަޔާތުގެ ވަރުބަލިކަމާއި ދަތުރުގެ ދިގުކަން އަހަންނާ ބައްދަލުކޮށްފިއެވެ

މޫސުމުގެ ވައި ލިބުމުން އަހަރެންގެ ރަށަށް ގެންގޮސްދޭށެވެ

އެއީ ވިޔަފާރިކަމު އުތުރުން މާލެދާ އޮޑިފަހަރު ބަނދަރުކުރާ ފަސްމަންދޫއެވެ

މައިންބަފައިންނާއި ޅަފުރައިގެ އެކުވެރީންގެ ގާތަށް އަހަރެން ގެންގޮސްދޭށެވެ

ރަށުން ފުރި އިރު ކާފަ ވަނީ އަރުޒަލިލް އުމުުރުގެ ބަލި އެނދުގައެވެ

ހަކީމުންގެ ބޭސްފަރުވާއިން ލުއި ލިބޭވަރަށް ވުރެ މާމަގެ ހާލު ދެރައެވެ

އެ މީހުން ދުނިޔޭގައި ތިބިނަމަވެސް، ސަތޭކަ އެތައް އަހަރެއް ވެދާނެއެވެ.

އަަހަރެންގެ ވަޒަނަށް ގެންގޮސްދޭށެވެ.

ބަނޑުއޮޑިން ފޭބި ކަލާސީން ހައިރާންކަމާއެކު އޭނާގެ ވާހަކަ އަހަން ތިއްބެވެ. ވަޒަނުގެ މުސާފިރުގެ ވާހަކަތައް ނިމުމުން ކަލާސީންގެ ތެރެއިން މީހަކު ވާހަކަ ފެށިއެވެ.

އަހަރެމެންނީ، ކޮޅުމަޑުލު ކަނިމީދޫ ބަނޑުއޮޑީގެ ފަޅުވެރީންނީމުއެވެ.  ރަށުން ފުރައިގެން ދިގު ދަތުރުކޮށް ކާލީކޯޓުގެ ބަނދަރަށް ވަދެވުނީ ޝައްވާލު މަހުއެވެ. އަހަރެމެނާއެކު ކޮޅުމަޑުލާއި އަރިއަދޫ ބަޔަކު ޙައްޖުވުމަށް މައްކާއަށް ދިއުމަށް އައެވެ. އެބައިމީހުން މަލާބާރުގެ ނައުފަހަރުގައި ޢަރަބިކަރައަށް ހިނގައްޖެއެވެ. އަހަރެމެން ގެނައި ވިޔަފާރި މުދާ ރަނގަޅަށް ވިކި މި ދަތުރުގައި ނަފާވެއްޖެއެވެ. ރަށަށް ގެންދިއުމަށް ފަށުއްވާއި ކަސަބުބާދަލާ، ދުންބޯފަތާއި ހަވާދު، މުށިކަންވާރާއި އީޓު ޖަމާކުރެއްވިއެވެ. މިއަދަކީ މަލާބާރުގެ ބޮޑު ވަލީވެރިއެއްްގެ ފާތިހާދުވަހެވެ. ކާލީކޯޓުގެ ބަނދަރުން ނުކުމެ އަހަރެމެން ދުއްވާފައި ދިޔައީ ކައިރި ރަށެއްގެ ބަނދަރަށެވެ. އެއީ އޮޑީގައި ހުރި އަހަރެމެންގެ ބޮޑުމާލީމީގެ އެކުވެރި ސައްޔިދަކު ފައިބާ ހުންނަ ރަށެވެ. އޭނާ އަކީ ޔަމަނުކަރައިގެ ޙަޞްރަމައުތުގެ ރަށެއްގެެ މީހެކެވެ. އޭނާގެ ގޭގައި އަހަރެމެންނަށް ވަރަށް ބޮޑު ޖާފަތެއް ދިނެވެ. އަހަރެމެނާ އެކު އޮޑިއަށް ހިނގާށެވެ. ބޮޑުމާލިމީ ކަލެއާ ވާހަކަ ދައްކަން ބޭނުން ވާނެއެވެ.

އެބައިމީހުން އޭނާ ގޮވައިގެން ކާލީކޯޓު ބަނދަރުގައި އޮތް ކަނިމީދޫ ބަނޑުއޮޑިއަށް ދިޔައެވެ. އެއިރު ބޮޑުމާލިމީ އިނީ ދަތުރުގެ ހިސާބުތައް ނިންމާށެވެ. ކައިރީގައި ދަތުރަށް ބޭނުންވާ ނިޔަމިކަމުގެ ބައެއް ސާމާނާއި ޗާޓުތައް ހުއްޓެވެ. މާލިމީ ފެނުމުން އޭނާގެ ހިތް މާލިމީގެ މައްޗަށް ލެނބުނެވެ. އެއީ ހަރުދަނާ މޮޅު މީހެއްކަން މާލިމީގެ ކޮންމެ ހަރަކާތަކުން އެނގެއެވެ. ރޫޖެހިފައިވާ މޫނުގެ ހަންގަނޑާއި ނުރަވެފައިވާ ބޮލުގެ އިސްތަށިގަނޑުން އުސް ބާނިތަކުގެ ގަދަކަނޑުތަކުގައި އޭނާ ކޮށްފައިވާ ކޮށްފައިވާ ދަތުރުތަކުގެ ގިނަކަމާއި ތަޖުރިބާގެ ބޮޑުކަން ބުނެދެއެވެ. ޔަމަނުން އައި މުސާފިރު އޭނާގެ ބޭނުން ބޮޑުމާލިމީއަށް ކިޔައިދިނެވެ. މާލިމީ އިރުކޮޅަކު އޭނާގެ މޫނަށް ބަލަން ހުރެފައި ވާހަކަފެށިއެވެ.

ދިގު ދަތުރެއްގެ ވަރުބަލިކަން ކަލޭގެ ހަށިގަނޑުގައިވެއެވެ.

ވަޒަނުން ބޭރުގައިވީ ދުވަސްތަކުގެ އަސަރު ރާގުގައިވެއެވެ.

ޢިލްމު ހޯދަން ނުކުތް މުސާފިރެއްގެ އަލިކަން މޫނުގައިވެއެވެ

ކަލޭ ގައުމުން ނުކުތް ފަހުން ޒަމާންތަކެއް ފާއިތުވެއްޖެއެވެ

އިސްކަންދަރު މަހާރަދުން އަވަހާރަވެ ފަސްދާނަށްހިނގައްޖެއެވެ

ކުޑަ މުހައްމަދު ރަސްގެފާނު ފަަސްގަނޑުގެދަށަށް ހިނގައްޖެއެވެ

އަދުލުވެރި މުޙްޔިއްދީނުލް ޢާދިލް ރަސްކަމަށް އިސްވެ،

ހާހާއި އެއްސަތޭކަ ތިންވަނަ އަހަރު އާލާސްކަންފުޅެއްގައި އަވަހާރަވެއްޖެއެވެ

ދެން، ޔަމަނުގެ ޙަމާތެވެ ކިޔުނު ރަށެއްގެ ސައްޔިދަކު ރަސްކަމަށް އިސްވެއްޖެއެވެ

ރަމަޟާން މަހެއްގައި ޖެހުނު ހުންފުޅެއްގައި އެ ރަދުން އަވަހާރަވެ،

ޝާމުކަރައިން ދުރުވި ސައްޔިދު މުރުތަޟާގެ ގަބުރުކައިރީ ފަސްދާނުލެވިއްޖެއެވެ

އެއަށްފަހު، މުޙައްމަދު އިބްން އަލްޙާއްޖަ ޢަލީތުއްކަލާ ރަސްކަމަށް އިސްވިއެވެ

ހާހާއި އެއްސަތޭކަ ބާރަ ވަނަ އަހަރު މި ރަދުން އަވަހާރަވެ،

މިހިނދަށް ތަހުތުގައި އިނީ، ހިތްގަދަ ޢަލީ ޝާހުބަންދަރެވެ

ކާލީކޯޓު ބަނދަރުގައި އޮތް ކަނިމީދޫ ބަނޑުއޮޑީ ބޮޑުމާލިމީގެ ވާހަކަތައް އެހެމަށް ފަހު އޭނާގެ ނަފްސު ހިމޭންވިއެވެ. ޙަޟްރަމައުތާއި ވަށައިގެންވީ ރަށްތަކުގައި ޢިލްމު ހޯދުމަށް ދަތުރުކުރި ދުވަސްތަކުގައި ގައުމުގެ ތަޙުތަށް އެތައް ރަސްކަލުންނެއް އިސްވެއްޖެއެވެ. އަހަރެން ނުކުމެގެން މި އައި ޔަމަނުގެ ސައްޔިދަކުވެސް ތަހުތަށް އިސްވެ ފަސްދާނަށް ހިނގައްޖެއެވެ. އެތައް ރަސްކަލުންނެއް ފަސްގަނޑުގެ ދަށަށް ހިނގައްޖެއެވެ. ތިމާގެ މީހުންނާއި އެއިރުގެ އެކުވެރީންކުރެ މިހިނދަށް ފަސްވެ ތިބީ ކިތައް މީހުންބާވައެވެ؟ ހިމޭންކަމަށް ފަހު އޭނާ މާލިމީ އާ ވާހަކަ ފެށިއެވެ.

މި އޮޑީގެ ކަލާސީންނާ އެކު އަހަރެން ހުރިޔަދޭށެވެ. ކާލީކޯޓު ބަނދަރުން ނުކުމެ މި އޮޑި މާމަލޭ ކަނޑު ހުރަސްކޮށް ގައުމަށް ވަންނާނެ އިރަކަށް އަހަރެން އިންތިޒާރުކުރަމެވެ.

ޔަގީންކަމުގެ މުސްކުޅި އަޑުން މާލިމީ ޖަވާބުދިނެވެ. ރުއްސެވިއްޔާ ކަނދި ދުވަހު ކަލޭ ހުންނާނީ ފަސްމަންދޫގައެވެ.

 

ދެވަނަ ބައި 

 ކާލީކޯޓުން ފަސްމަންދޫއަށް

ކާލީކޯޓުން ފުރި ކަނިމީދޫ ބަނޑުއޮޑި ފަސްމަންދޫއަށް ބަނދަރުހިފީ މުޙައްރަމް މަހެއްގެ ނުވަ ވަނަ ދުވަހުއެވެ. އޭނާގެ ގައުމުގެ މީހުންގެ ކަނދި ދުވަހުއެވެ.  ޞަލަވާތްކިޔަވައި ކަންޖާއަޅައި ކުދީން ކިރާ ދުވަހެވެ. ހިންދު ކަނޑުގެ ބިޔަ ރާޅުތަކާއި އެތައް ދުވަހަކު ކުރިމަތިލުމަށް ފަހު މާޅޮސްމަޑުލަށް ވަދެވުނު އިރު އޭނާ ވަނީ ވަރުބަލިވެފައެވެ. ފަސްމަންދޫގެ މަލަ ފެންނަވަރަކަށް ޅަފުރާގެ ހަނދާންތައް އޭނާގެ ހިތުގައި އާވަމުން ދިޔައެވެ. މިހާރު ފަސްމަންދޫގެ ބޯ ގަސްކަރައިގެ ފެހިކަން ފެންނަން ފަށައިފިއެވެ.

އަހަރެން ޙަޟްރަމައުތަށް ގެންގޮސްދިނީ މި ރާޅުތަކެވެ.

އެނބުރި ފަސްމަންދޫއަށް ގެނެސްދެނީވެސް އެރާޅުތަކެވެ.

ރަށުގެ މަލަމަތިން އެ ފެންނަ ބޮޑު ނިކަގަހަކީ ކުޑައިރުގެ ހަނދާނެވެ.

މިއަދު އެ ގަހަށްވެސް އަހަރެން ވާނީ ނުދަންނަ މީހަކަށެވެ.

އެ ގަހާއި މާ ދުރުނޫން ހިސާބެއްގައި އަހަރެންގެ ލޯބިވެރިޔާގެ ގެ ވާނެއެވެ

އަހަރެން އޭނާ ދޫކޮށްލާފައި ޙަޟްރަމައުތަށް ދިޔައީ އެނބުރި އަންނާނެކަމަށް ބުނަމުންނެވެ.

ފަސްމަންދޫން ފުރި އިރު އަހަންނަކީ ރަށުގެ އެންމެން ދަންނަ ފުރާވަރުގެ ކުއްޖެކެވެ

މިއަދު އެކުދިންނަށް ވެސް އަހަރެންވާނީ ބޭރުން އައި މުސާފިރަކަށެވެ

ދިގު ދުވަސްތައް އަހަރެމެން ބީރަށްޓެހިންނަށް ހަދައިފިއެވެ

މެންދުރުގެ ވަގުތެވެ. އަރަބި ހެނދުމެއްގައި ހުރި މުސާފިރަކު އަތިރި މަގުން ރަށުތެރެއަށް ހިނގާފައި ދާތީ ދެކުނުކޮޅު ހޮޅުއަށީގައި ތިބި މީހުން ހައިރާންކަމާ އެކު ބޭރުން އައި މުސާފިރުގެ ފިޔަވަޅުތަކަށް ހުއްޓި ބަލަން ތިއްބެވެ. އެ މީހުން ބުނަމުން ދިޔައެވެ. އެހެންނާ އެއީ އަރަބިކަރައިން އައި ވަލީވެރިއެކެވެ. އެހެންނާ ބޭރު ނަވަކުން ރަށަށް ފޭބި ސައްޔިދު ބޭކަލެކެވެ. ނުވަތަ މަލާބާރުން ވިޔަފާރިކަމު ފޭބި މީހެކެވެ. ނަމަވެސް، އޭނާގެ އަތުގައި މާ ގިނަ ތަކެއްޗެއް ނެތެވެ. އޭނާ ދަތުރުކޮށްފައި އައި ނައު ރަށާ ދުރަށް ހޭރިޔާކޮށް ދުއްވާތީ އެބަ ފެނެއެވެ. އަހަރުމެން އޭނާގެ ފަހަތުން ދަމާ ހިނގާށެވެ. އޭނާ އާ އެންމެ ފުރަތަމަ ބައްދަލުވެ އެކުވެރިކަން ހިނގާނެ ބަޔަކަށް ވާނީ އަހަރެމެނެވެ. އޭނާގެ ކިބައިން އަހަރެމެނަށް ފައިދާއެއް ކޮށްފާނެއެވެ.

ހޮޅުއަށީގައި ތިބި މީހުންގެ އޭނާގެ ފިޔަވަޅުތަކަށް ޝައުގުވެރިކަމާއެކު ބަލަން ތިއްބެވެ. އެ އަންނަނީ ހޮޅުއަށްޓާ ދިމާއަށެވެ. އެއީ މުސްކުޅިކަމާ ބައްދަލުކުރަމުންދާ އިސްކޮޅުން ދިގު ކުލައަލި މީހެކެވެ. ބަލައިފި ކޮންމެ މީހެއްގެ ހިތް އޭނާގެ މައްޗަށް ލެނބޭ ފަދަ ބާރެއް އޭނާގެ ހަރުދަނާ ހިނގުމުގައްޔާއި މޫނުމަތިން ފެންނަ އަލިކަމުގައިވެއެވެ. އޭނާ އައިސް ހޮޅުއަށީގެ އެއްފަރާތެއްގައި މަޑުކޮށް އިސްޖަހައިގެން ހުއްޓެވެ. ނުދަންނަ ބީރައްޓެހި ރަަށަކަށް އާދެވުނު ފަދައެވެ. ހޮޅުއަށީގައި ތިބި މީހުން ވަނީ ބަސްހުއްޓިފައެވެ. އެމީހުންގެ ހިތުގައި ހިނގަމުން ދިޔައެވެ. އޭނާ އާ ވާހަކަ ދައްކާނީ ކޮން ބަހަކުންބާވައެވެ؟ ވިޔަފާރިކަމު އަންނަ ނައުފަހަރު ފަސްމަންދޫއަށް ބަނދަރުކުރާތީ ހޮޅިބަހާއި އަރަބި ބަސް ދަންނަ މީހުން ރަށުގައި އެބަ ތިއްބެވެ. ހޮޅުއަށީގައި ތިބި މީހުން ކުރެ ހިސާބަކަށް އަރަބި ދަންނަ މީހަކު ހާލުގެ ވާހަކައިން އޭނާ އާ ސުވާލުކުރިއެވެ. އެ ވަގުތު އޭނާ ރަށު މީހުންގެ ބަހުން ޖަވާބުދިނެވެ. ރާގުގައި ދުރުކަމެއް ހުއްޓަސް އޭނާ ވާހަކަ ދައްކަމުން އެ ދަނީ ރަށު މީހުންގެ ސާފު ބަހުންނެވެ. ހޮޅުއަށީގައި ތިބި މީހުންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ހަރަކާތްހުއްޓިފައިވާތަނެވެ.

އަހަންނަކީ ކަލޭމެންގެ ތެރެއިން މީހަކީމެވެ

އަހަރެން މި ރަށް ދޫކޮށް ޔަމަނުކަރައަށް ފުރީ އިސްކަންދަރު މަހާރަދުންގެ ރަސްކަމުގައެވެ

އެފަހުން، އެތައް ރަސްކަލުންނެއް ތަހުތަށް އިސްވެ، ފަސްގަނޑުގެދަށަށް ހިނގައްޖެއެވެ

އިލްމު ހޯދުމަށް އަހަރެން ޔަމަނުކަރައިގައި ކަލޭމެނާއި ވަކިން ޒަމާންތަކެއް ވޭތުކޮށްފީމެވެ

ދުވަސްތައް ފާއިތުވެއްޖެއެވެ. އެނބުރި ރަށަށް މި އައީ ބޭރުން އައި މުސާފިރެއް ފަދައިންނެވެ

ދުރު ދަތުރުކޮށް ބީރަށްޓެހި ރަށެއްގެ ބަނދަރަށް ފޭބި ނަވެއްގެ ކަލާސީއެއް ފަދައިންނެވެ

އަހަންނާއެކު ދޮންދަލޭކަދައިތަމެންގެއަށް ހިނގާށެވެ. ދަލޭކައަކީ އަހަރެންގެ މަންމައެވެ.

މަންމަ ދުނިޔޭގައި ހުރި ކަމެއް ނޭނގެއެވެ

އޭނާގެ ވާހަކަ ނިމުމުން ހޮޅުއަށިން ތެދުވަން ނޭނގި އާޝޯހުވެފައި އެމީހުން ތިއްބެވެ. ހިމޭންވަގުތުތަކަށް ފަހު އޭގެތެރެއިން އެކަކު ހޮޅުއަށިން ފައިބައި އޭނާގެ ގައިގައި އޮޅުލައިގަތެވެ. އަދި ރޮމުން ބުންޏެވެ.

ކަލޭގެއީ، އަހަރެންގެ ހަގަށް ހުރި ކޮއްކޮއެވެ

އަހަންނަކީ ދޮންދަލޭކަ ދައިތަގެ މުހައްމަދެވެ

މަންމަ ކަލޭ ވިހަން ދިޔައީ އުފުލަންދޫއަށެވެ

ރަށުގައި ބޭކެންބަކު ނެތި ވިހަން ދަތިވުމުންނެވެ

މަންމައާއި ބައްޕަ ދުނިޔެ އާ ވަކިވެއްޖެއެވެ

އަހަރެންގެ ކޮނޑުމަތީގައިވާ ލަކުނަށް ބަލާށެވެ.

އެއީ ކަލޭގެ އަތުން އަހަންނަށް ލިބިފައިވާ،

ދެމިހުރި ޒަހަމެއްގެ ދުރު ހަނދާނެވެ.

ޒަމާން އަހަރުމެން އަލުން އެއްކޮށްފިއެވެ

އަދި ޒަމާން އަހަރުމެން ވަކިކުރާނެތެވެ

ދޮންދަލޭކަދައިތަގެ ދެބެންގެ ވާހަކަތަކަށް ފަހު ހޮޅުއަށީގައި ތިބި މީހުން އޭނާގެ ޅައިރުގެ ހަނދާންތައް އާކޮށް ވާހަކަ ފެށިއެވެ. އެކަކު ބުންޏެވެ. އަހަރެންގެ ބަލި ހަނދާނުގައި ކަލޭގެ ޅައިރު އެބަ ހުއްޓެވެ. ދޮންދަލޭކަމެންގޭ ބަނދިގެއާވީ ފަރާތު ރުއްގަނޑުތެރޭ ކަލޭ އަހަރެމެންނާއެކު ކުޅެން ގޮސް އުޅެމުއެވެ. ކަލޭ އަހަރެމެންނާ ވަކިވީ ފުރާވަރަށް ފެށުނުތަނާއެވެ. އަނެކަކު ބުންޏެވެ. ކަލޭގެ ޅައިރުގެ ފަނޑު ހަނދާންތައް އަހަރެންގެ ހިތުގައި އެބަ އާވެއެވެ. މި ރަށު އައިމިނަ އާ އިނދެގެން އުޅުނު އުފުލަންދޫ މާވަޑި އަލިބެގެ ހަރުގެ އެއިރު ހުންނަނީ މިދިމާ އަތިރީގައެވެ. އަސުރަށް އިރުދަށްވުމުން އަހަރުމެން އެ ހަރުގެ ދޮށަށް ގޮސް އިރުއޮއްސެންދެން ގޮނޑުދޮށުގައި ސަކަރާތްގަންނަމެވެ. އަނެކަކު އޭނާގެ ހަނދާންތައް ކިޔައިދިނެވެ. އަހަންނާ ކަލޭ ބައްދަލުވީ ރަށު މަކުތަބުންނެވެ. އެއިރު އަހަރެމެން އެދުރުދައިތައަށް ފިލަމެވެ. ނުކިޔަވަން ގަދަދައްކަމެވެ. ކަލޭވީ މަކުތަބަށް އެންމެ އަވަހަށް އަންނަ، އެންމެ ލަހުން ނުކުންނަ ދަރިވަރަށެވެ.

އެންމެންގެ ވާހަކަތައް ނިމުމުން އެމީހުނާއެކު އެކު އަތިރީމަގުން އެއްގަމަށް ދިއުމަށް އޭނާ ހިނގައިގަތެވެ. ރަށުތެރެއިން އޭނާ ފެންނަ ކޮންމެ މީހަކު ބޭރުން ރަށަށް އަރައިގެން މި ދާ މުސާފިރާ މެދު ހައިރާންވެފައި ބަލަން ތިބެއެވެ. މީހުންގެ އެންމެ ބޮޑު ހައިރާންކަމަކީ އޭނާ ރަށުބަހުން މޮށެމުންދާތީއެވެ. މަލާބާރުން ފައިބާ ވިޔަފާރިވެރިންނާއި ސޫރަތުން އައި ދަންނަކަލޭފާނު އެމީހުން ދެކެފައިވެއެވެ. ބޭރުން އަންނަ މުސާފިރުންގެ ބަހަކީ ހޮޅިބަހާއި ހިންދުކަރައިގެ ބަސްތަކާއި އަރަބި ބަހެވެ. ރަށުތެރޭ ހިނގަމުން ގޮސް އޭނާ މަޑުކުރީ ރަށުގެ ހުކުރު މިސްކިތް ދޮށުގައެވެ. މިއީ ހިރިގަލުން ބަހައްޓައި ބެރިތައް ލާފެންކޮށްފައިވާ ރީތި މިސްކިތެކެވެ. މިސްކިތާއި ގުޅިފައިވާ ވަރަށް ބޮޑު ގަބުރުސްތާނެއް މިތަނުގައި ވެއެވެ. މިސްކިތަށް ވަންނަން ހިރގަލުން ބިނާކުރެވިފައިވާ ވަރަށް ބޮޑު ދޮރާއްޓެއް ހުރެއެވެ. ދޮރާށި ކައިރީ މަޑުކުރުމަށް ފަހު އެކުގައި އައި މީހުންނަށް އޭނާ ބުންޏެވެ:

ކަލޭމެން ދިޔަޔަސް އެންމެ ރަނގަޅެވެ. ދޮންދަލޭކަގެ މުހައްމަދު ފިޔަވައެވެ. އޭނައަށް ވުރެ އަހަންނާ ގާތް އަނެކަކު މިހާރު ރަށުގައި ނެތެވެ. ކަލޭމެން އެނބުރިދާށެވެ. އަޞުރުން ފަސްވީމައި އަހަރެން ކަލޭމެންނާއި ހޮޅުއަށިން ބައްދަލުކުރާނަމެވެ. ދެން އެ މީހުން އައިކޮޅަށް އެނބުރި ހިނގައްޖެއެވެ. އެއަށް ފަހު އޭނާ މިސްކިތު ހަރިންމަތެރޭގައިވާ އެއްހިރި ވަޅުން ވުޟޫކުރުމަށް ފަހު މިސްކިތުގައި ދެރަކުއަތު ނަމާދެއް ކުރިއެވެ. ނަމާދަށް ފަހު ޒިކުރުގައި އޭނާގެ ނަފްސު ހިމޭންވިއެވެ. ޒިކުރުގެ ވަގުތުތަކަށް ފަހު އޭނާ މިސްކިތުން ނުކުމެ މުހައްމަދުގެ އަތުގައި ހިފާފައި ބުންޏެވެ:

“އަހަރުމެން ދެބޭންގެ މަންމަ އާއި ބައްޕަގެ މަހާނަ ވީ ތަން ދައްކައި ދީ”

ވަށައިގެން ފެންނަނީ ފަސްމަންދޫގެ އެތައް ޖީލެއް ހިމޭންކަމުގައި ނިދާފައިވާ ކަށްބިމެވެ. ރަށް ދުށް މައިންނާއި ހަރުދަނާ ބަފައިންނާއި ރަށުގެ ވެރީންނާއި ކަނޑުތަކަށް ނުކުމެ ދިރިއުޅުން ހޯދި މަސްވެރީންނާއި ރަށުގައި ތިބެ ރުކުން ނަފާ ހޯދި ރާވެރީންނާއި ބަނޑުއޮޑިފަހަރު ދުއްވި ނިޔަމިންނާއި ދަތުރުވަރުގައި ރަށަށް ފޭބި މޫސާފިރުން ހިމޭންވެ ތިބި ގޮވައްޗެވެ. އެއީ ރަށެއްގެ ކާބަފައިންނެވެ. އެ މީހުންގެ މަތިކޮޅުތައް ވަނީ މަހާނަގާތަކުގައި ބިންވަޅުކަނޑައި ލިޔެފައެވެ. އޭނާ ރަށް ދޫކޮށް ދިޔަ ފަހުން ނިޔާވި ތިމާގެ މީހުންގެ މަހާނަތައް މުޙައްމަދު އިޝާރާތްކޮށް ކިޔައިދެމުން ދިޔައެވެ.

އެންމެ އުސްކޮށް އެވާ ގަލަކީ ބޮޑުބޭބެ ހަކީމް ޔޫސުފްގެ މަހާނައެވެ

ބޮޑުބޭބެއާއި ޖެހިގެން އެ ވަނީ މަންމަގެ މަހާނައެވެ.

ދެން އެވަނީ މުދިންކަލޭފާނުގެ މަހާނައެވެ.

ދެ ގައު ދޫކޮށް އޭގެ އެކޮޅުގައި އެވަނީ ބައްޕަގެ މަހާނައެވެ.

ދެން އެ ފެންނަ ޒިޔާރަތުގައި ވަނީ ސޫރަތު ނަވަކުން މި ރަށަށް ފޭބި ދަންނަބޭކަލެއްގެ މަހާނައެވެ.

ޖީލުތަކެއް ފަސްގަނޑުގެ ދަށަށް ހިނގައްޖެއެވެ.

އަދި އެތައް ޖީލެއް މި ފަސްގަނޑުގެ ދަށަށް ދާނެއެވެ.

އެހިނދު އޭނާގެ ދެލޯ ކަރުނުން ތެމުނެވެ. އަދި ދުޢާ އަށް އަތްނަގައި ރައްބަށް ދެންނެވިއެވެ.

“ކުޑަ ކުއްޖަކު ކަމުގައި މިއަޅާ ވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެދެމީހުންނަށް ރަހުމަތް ލައްވާފާނދޭވެ!”

 

ކަރުނުން ފުރިގެންވާ ހާލު ދޮންދަލޭކަގޯތި މުހައްމަދާ އެކު ގެއަށް ދިއުމަށް އޭނާ ހިނގައިގަތެވެ. އޭނާގެ ހިތުގައި ވަނީ ކުޑައިރުގެ ހަނދާންތަކެވެ. ޅަފުރައިގެ ހަނދާންތަކެވެ. މަންމައާ އެކުގައި ވީ ދުވަސްތަކެވެ. ބައްޕައާ އެކުގައި އިރުވައިގައި ވަދާ ނުކުމެ އުޅުނު ދުވަސްތަކުގެ ހަނދާންތަކެވެ. މާވަޑިއަލީ ދޯނީގައި ރަށާ އަވަށްޓެރި އުފުލަންދޫއަށް ދާ ހަނދާނެވެ. ވަލަށް ދަރުހޮވަން ދާ ހަނދާއި މަދު ބިނދެގެން ކައި އުޅުނު ހަނދާނެވެ. ލިބޭ އެއްޗަކަށް ޝުކުރުކޮށް ކާއަށިމަތީގައި ކާން ތިބޭ ހަނދާނެވެ. މާމަގެ ހަނދާނެވެ. މާމަ އުޅެނީ އެެއް ގޯތި ދޫކޮށްފައެވެ. ގަރުދިޔަ ބޯތައްޓެއް ކޭލުފަނިތައްޓެއް ހިފައިގެން މާމަ ގޭގެ އޮޅި ގިރާކުރާ ހަނދާނެވެ. އެ ދުވަސްތައް ދިގު މާޒީގެ ތެރެއަށް ހިނގައްޖެއެވެ. އެ މީހުންވެސް ފަސްގަނޑުގެ ދަށަށް ހިނގައްޖެއެވެ.

ބޭރުން އައި މުސާފިރަކީ ދޮންދަލޭކަ ގޯތި އަޙްމަދު ކަން ރަށުގެ އެންމެނަށް ޚަބަރު ފޯރައިފިއެވެ. ބައެއް މީހުން ވަނީ އަޙްމަދުގެ މަތިން ހަނދާން ނެތިފައެވެ. އަނެއް ބަޔަކު ބުނެއެވެ. އޭނާ އަހަރެމެންނާއި އެކު މަސް ހިފަން އުޅުނެވެ. އެއީ އަހަރުމެންގެ ތެރޭގައި އޭރު ވީ އެންމެ ތޫނުފިލި ކުއްޖާއެވެ. އޭނާ ރަށު މަކުތަބުން އެއްވަނަ ހޯދިއެވެ. އެއިރުވެސް، އޭނާ ބޭނުންވީ ކިޔަވާށެވެ. މިއަދު އެ އައީ މާ ދުރު ކަރަޔަކުން ކިޔަވައިގެނެވެ.

އިހަކަށް ދުވަހު މަކުތަބު ނިމުނު ފުރާވަރުގެ ކުއްޖަކު މަންމަ ކައިރީ އެހިއެވެ. މަންމާއެވެ! ދޮންދަލޭކަ އަކީ ކާކު ހެއްޔެވެ؟ އަދި ބޭރުން ކިޔަވައިގެން އެ އައި އަޙްމަދަކީ ކާކު ހެއްޔެވެ؟

މަންމަ ޖަވާބު ދިނެވެ. ރަށުގެ ނިކަމެތީންގެތެރެއިން ދޮންދަލޭކަ އާއި އޭނާގެ ފިރިމީހާވިއެވެ. އެދެމަރިންގެ ތިބީ ދެކުދިންނެވެ. އަހުމަދާއި މުހައްމަދެވެ. ދޮންދަލޭކަ ފިރިމީހާގެ ބައްޕަގެ ފަރާތުން ވާރުތަވި ވަދުދޯންޏެއް ފިޔަވައި އެބައިމީހުންގެ މިލްކުގައި އެއްޗެއް ނެތެވެ. އެ ދޯނިގަނޑު ހުޅަނގު މޫސުމެއްގައި ގަދައިގައި ރަށުގެ ދެކުނުފަރާތު ފަރަށް ފުނޑުފުނޑުވިއެވެ. އޭގެފަހުގައި ނިކަމެތިކަން އެ މީހުންގެ ދިރިއުޅުމާ ބައްދަލުކުރިއެވެ. ދަތިކަމުގައި އެ މީހުންގެ ގިނަ ދުވަސްތައް ހޭދަކުރިއެވެ. ރޭގަނޑުވެއްޖެ ނަމަ ފުޅިބައްތި އަލީގައި އަހުމަދު ކިޔަވަން އިންނާނެއެވެ. އޭނާގެ ވިސްނުން ކުޑައިރުއްސުރެ ހުރީ އިލްމު ހޯދާށެވެ. އޭނާގެ ނަފްސު ދެނެގަންނާށެވެ. ދަލޭކަ އެއް ރެޔަކު އަހުމަދާ ދިމާއަށް ބުނިކަމުގައިވެއެވެ.

ދަރިފުޅާ އަޙްމަދެވެ! މަކުތަބު ނިމުނީއެވެ. ދަރިފުޅު ދެން ކުރާނީ ކީއްހެއްޔެވެ؟ ބައްޕަ ވަދާ ދުއްވާ ދޯނިގަނޑު ހުޅަނގު ގަދައިގައި ހަލާކު ނުވި ނަމަ ދިރިއުޅުމެއް ހޯދޭނެ ކޮންމެވެސް ގޮތެއް ފެނުނީހެވެ

އަހުމަދު ޖަވާބު ދިނެވެ.

މަންމާއެވެ! އަހަންނަށް ހުވަފެނުގައި ޔަމަނުކަރައިގެ ޙަޟްރަމައުތަށް ދެވޭތީ ފެނިއްޖެއެވެ. އެ ކަރައިގެ ޢިލްމުގެ ވާދީތަކުގައި ހިނގާތީ ހޯމަވިލޭރޭ ދުށް ހުވަފެނުގައި ފެނުނެވެ. އަދި ހުދު ހެނދުމެއްގައި ހުރި މީހަކު ބުނާ އަޑު އިވުނެވެ. ލަސްނުކުރާށެވެ! އަވަހަށް ޔަމަނުކަރައަށް އަންނާށެވެ. މިތަނުގެ އެކަހެރިވެ ތިބި އަޅުންވެރިންގެ ގޭގެޔާއި ޢިލްމުވެރިންގެ މަދަރުސާތަކުގެ ދޮރު ވަނީ ހުޅުވިގެންނެވެ. މަލާބާރަށް ފުރާށެވެ. އެތަނުގެ ނަވަކުން ޔަމަނުކަރައަށް އަންނާށެވެ. ކަލޭގެ ތަރި އަރާނީ ޔަމަނުންނެވެ. އޮއްސެން ދާނީ ދީބާތު އަލް މަޙަލަށެވެ. އެއީ ކަލޭ ތިޔަ ނުކުންނަ މަހަލްދީބެވެ. މަންމާއެވެ! އަހަރެން ޔަމަނުކަރައަށް ދެވޭނޭ މަގެއް ދައްކަވާތޯ ދުއާ ދަންނަވާށެވެ. އަހަރެން ޔަމަނުގެ ވާދީތަކަށް ގެންގޮސްދޭށެވެ.

ހަވީރުގެ ވަގުތެވެ. ގެއިން ނުކުމެގެން އަތިރީމަގުން ހިނގާފައި ގޮސް ހޮޅުއައްޓާ ހަމައަށް އޭނާއަށް ދެވުނު އިރު ރަށުގެ އެކި އެކި ގޭގޭގެ މީހުން ވަނީ ހޮޅުއައްޓަށް ޖަމާވެފައެވެ. ބޭރުން ކިޔަވައިގެން އައި ދޮންދަލޭކަ ގޯތި އަޙްމަދު ރަށުގެ މީހުންނާއި އަސުރަށް ފަހު ހޮޅުއަށީގައި ބައްދަލުކުރާނެ ވާހަކަ އެކި ގޭގެއަށް ވަނީ ޚަބަރުވެފައެވެ. އޭނާ ފެނިފައި ހޮޅުއަށިގައި ތިބި މީހުން ކޮޅަށް ތެދުވިއެވެ. އޭނާގެ މޫނުމަތިން ތޫނުފިލިކަމާއި ހިތުގެ އަލިކަން އެމީހުންނަށް ފެނެއެވެ. ހުދު ހެނދުމެއްގައި އެފަދައިން ވާތީ އެންމެ ފަހަށް ރަށުގެ މީހުންނަށް ފެނިފައި ވަނީ ސޫރަތު ދަންނަކަލޭފާނެވެ. އެއީ ވިޔަފާރިކަމު ފަސްމަންދުވަށް ބަނދަރުކުރި ސޫރަތު ނަވަކުން ރަށަށް ފޭބި އިލްމުވެރިއެކެވެ. ދުޅަ ބަލީގެ އާލާސްކަންފުޅެއްގައި އެ ދަންނަކަލޭފާނު އަވަހާރަވީ ޝައުބާން މަހެއްގެ ފުރަތަމަ ދުވަހުއެވެ. ރަށުގެ މީހުން އެ ދަންނަކަލޭފާނަށް ރަށު ހުކުރު މިސްކިތު ގަބުރުސްތާނުގައި ޒިޔާރަތްއެރުވިއެވެ.

އެންމެން ހޮޅުއަށީގައި އިށީނދެ ހިމޭންވުމުން ރަށުގެ ހަރު މީހުންގެތެރެއިން ދުވަސްވީ މާލިމީއަކު ތެދުވެ އަޙްމަދާއި ސުވާލުކުރިއެވެ.

ކަލޭ ދިގުދަތުރުތައް ކޮށްފިއެވެ. ގަދަ ކަނޑުތައް ހުރަސްކޮށް ދުރު ރަށްތަކަށް ބަނދަރުކުރިއެވެ. ދަތުރާއި މަންޒިލާ މެދު އަހަރެމެންނަށް ބުނެދޭށެވެ!

އޭނާ ޖަވާބުގައި ބުންޏެވެ:

މަންޒިލެއް ނެތި އެއްވެސް މީހަކު ދަތުރަށް ނުފުރައެވެ

ދަތުރަށް ފުރި ހުރިހާ އޮޑިފަހަރު މަންޒިލަށް ފޯރާފައި ނުވެއެވެ

(ނުނިމޭ)

1 ކޮމެންޓު ”ވާހަކަ – މުސާފިރު“

    ވަހީދު

    މަތިމަތިން ކިޔައިފިން. ޝައުގުވެރިވެއްޖެ