ހަޔާތުގެ އޮއްސުނު އިރު

ރަށެެއްގެ ގޮނޑުދޮށަށް ބިންދަމުންދިޔަ ރާޅާއެކު ހަޔާތުގެ ފިކުރުތަކަށް ގެއްލިފައި އިން މުސްކުޅިއަކު ކަނދުގަނޑެއްގެ މަތީގައި އެކަނި އިނެވެ. ބަންނަމުން ދިޔަ ސޯޅަ ރިޔަނުގެ ވަދު ދޯނީގެ މަސައްކަތް ހުއްޓާލުމަށް ފަހު ހަރުގެ ދޮށުގައި ތިބި ވަޑިން އެއްގަމަށް ދިއުމަށް ހިނގައިގަތްކަމެއް އޭނާއަކަށް ނޭނގެއެވެ. އިއްޔެ ފާލުން ނެގި ބޮނބިތައް ތަޅަން އަތިރިއަށް ފައިބާމަގު ރުއްގަނޑުތެރޭ ތިބި ދެވަންފުރައިގެން އަންހެނުންތައް ދުވަހުގެ ވަރުބަލިކަމަށް ފަހު ގޭގެއަށް ދިއުމަށް ހިނގައިގަތްކަމުގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. އޮއްސެމުންދާ އިރާ އެކު ދުނިޔެމައްޗަށް ވެރިވަމުންދާ ހަނދުމަހެއްގެ ފަހު ފަނަރައިގެ އަނދިރިކަން އޭނާއަށް ނުފެންނަ ކަހަލައެވެ. މުސްކުޅިޔާގެ ހިޔާލުގައި ހިނގަނީ ޅަފުރައިގެ ހަނދާންތަކާއި ހަޔާތުގެ ޝަކުވާތަކެވެ.

“ކާފަ ބަލާ މި އައީ. މިހާރު އިރު ވެސް އޮއްސެން އެ ދަނީ. އަނދިރިވީމަ ކާފައަށް އެކަނި ހިނގާކަށް ނޭނގޭނެ”

ކާފަ ދަރިފުޅުގެ އަޑު ކަންފަތުގައި ޖެހުމުން މުސްކުޅިޔާގެ މޫނުމައްޗަށް ވެރިވީ ނުރުހުމާއި ރުޅިވެރިކަމެވެ. ރުޅިއަކީ އޭނާގެ ހިމޭންކަން ނަގާލުމެވެ. ގެއްލިފައިން އިން ދުނިޔެއިން ނުކުންނަން ޖެހުމެވެ. އޭނާގެ އަނގައިގެތެރޭގައި މުސްކުޅި ދޫ ހަރަކާތްކުރަމުން ނުދިޔަނަމަވެސް، އޭނާގެ އަޖޫޒު ސިކުނޑީގައި އެ ކުޑަ ކުއްޖާއަށް ނުރުހުމުގެ ބަސްތަކުން މުހާތަބުކުރަމުން ދިޔައެވެ. ހިމޭންކަމާއި އަހަންނާ ދެމެދަށް ކަލޭ ތިޔަ އައީ ކީއްވެ ހެއްޔެވެ؟ މިހިރަ ސުންޕާ ކުއްޖާއެވެ! އޮއްސެމުން އެ ދަނީ އަހަރެންގެ ހަޔާތުގެ އިރެވެ. ކަލޭގެ ޅަފުރައިގެ ހަޔާތުން މުސްކުޅިކަމާ ދެމެދަށް އަދި ކިތައް ދުވަހަށް އިރު އަރާނެ ހެއްޔެވެ؟ މިތަނުން އެނބުރި ދާށެވެ.

އަހަރެން އެނބުރި ގެއަށް ދާންވީ ކީއްވެ ހެއްޔެވެ؟ މެންދުރުގެ ގަދަ ހޫނުގައި ކަލޭމެންގެ ހިޔާވަހިން އަހަރެން ނެރުނީ އިރު އޮއްސި އަނދިރިވުމުން ވައްދަން ހެއްޔެވެ؟ ތި ގޭގައި އަހަންނަށް ޖާގަ ނެތްކަމަށް ބުނެ ނެރެލީ ކަލޭގެ މަންމަ ނޫން ހެއްޔެވެ؟ ގޭގެ އަލިކަމަށް ވުރެ މި އަނދިރި ގޮނޑުދޮށުގެ ހިމޭންކަން އަހަންނަށް މާ ރަނގަޅެވެ.

މި ހިމޭންކަން، އަހަންނަށް ފުދެއެވެ

އަހަރެން ދޫކޮށްލާށެވެ

ހަޔާތުގެ ހަލަބޮލިކަމަކަށް، ސިކުނޑީގެ ތޫފާންތަކަކަށް އަހަރެން ނޭދެމެވެ

ގޭތެރޭގެ ހަލަބޮލި ދިރިއުމަކަށް، ރަށުތެރޭގެ މަލާމާތަކަށް އަހަރެން ނޭދެމެވެ

ރަހުމެއް ނެތް އަތްތަކަކަށް، ކުލުނެއް ނެތް ހިޔާވައްސަކަށް އަހަރެން ނޭދެމެވެ

ޖީލެއް ދަމުން ދޫކުރި ރަނގަޅު އެއްވެސް ސިފައެއް ނެތް،

ޖީލެއް އާ ދެމިގެންދާ ފަސްގަނޑަކަށް އަހަރެން ނޭދެމެވެ.

ހިތްތަކުގައި ރަހުމެއް ނެތަސް، ހިމޭންކަމުގައި ރަހުމްވެއެވެ

ލޮނުފެނުގައި ރަހަ ދިނަސް،  އަޑުއަހާ މީހަކަށް ރާޅުގައި މިޔުޒިކުވެއެވެ

ފެތުރެމުންދާ އަނދިރީގެ ހިމޭންކަމަށް، އަހަރެން ދޫކޮށްލާށެވެ

ކުރެދީގެ ހޭޅިޔާ، ބޯށީގެ ހިޔަލަށް އަހަރެން ދޫކޮށްލާށެވެ

މި ހިމޭންކަން އަހަންނަށް ފުދެއެވެ

އަހަރެން ދޫކޮށްލާށެވެ

***

މުސްކުޅިޔާގެ ހިތުގައި އަނދަމުންދާ ނުރުހުމާއި ސިކުނޑީގައި ހިނގަމުންދާ ތޫފާންތައް ކުޑަ ކުއްޖާއަށް ނޭނގެއެވެ. މުސްކުޅިޔާގެ އިން ތަނުން ނަގައި އަތުގައި ހިފައިގެން ގެއަށް ދިއުމަށް ހިނގައިގަތެވެ. ކުޑަ ކުއްޖާގެ ހިތުގައި ވަނީ ހަމަ އެކަނި ހުރި ކާފައަށް ހިތުގައި އޮތް ކުލުނެވެ. މުސްކުޅިޔާގެ ރޫޖެހިފައިވާ އަތުގައި ހިފައިގެން ފުރާވަރުގެ އެ ކުއްޖާ ރަށުތެރެއަށް ދެއެވެ. ރަށަކީ ފަޅު ގޯތިތައް މީހުން މަދު ރަށެކެވެ. ގެއަކީ ގޮނޑުދޮށުން އެއްގަމުގައި ހުރި ދަނޑިފަނުން ހަދައި ފުރާޅުގައި ޓިނު ޖަހާފައިވާ އާދައިގެ ގެއެކެވެ. ފުރާޅުގައި ޖަހާފައިވާ ޓިނުތައް ބަދަލުނުކުރާތާ ވިއްސަކަށް އަހަރުވެދާނެއެވެ. ސަބަބަކީ އަތްމަތި ދަތިކަމާ ފަގީރުކަމެވެ. މުސްކުޅިވެ ގައިބާރު ދެރަވި އިރުވެސް ދިރިއުޅުމެއް ނުހޯދުނުކަމެވެ. ހަޔާތުގެ ބަދުނަސީބުކަމެވެ. ނުވަތަ މިންވަރުފުޅުގައި ހުރި ގޮތެވެ. މުސްކުޅިޔާ އޭނާގެ ޝަކުވާތައް ހިތުގައި ކުރަމުން ދިޔައެވެ.

އަަހަރެން މުސްކުޅިވެއްޖެއެވެ. ލޯބޯކޮށިވެއްޖެއެވެ

ހަޔާތުގެ ވަރުބަލިކަން ކަށިތަކަށް ފޯރައިފިއެވެ

ކަލޭ އަހަރެންގެ އަތުގައި ހިފައިގެން ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ؟

ގަމަރިއްޔާ ނިޔާވިތާ ސަތާރަ އަހަރުވެއްޖެއެވެ.

އެ ގެޔަކު އޭނަ ނެތެވެ. އަހަރެން ނުގެންދާށެވެ

ރަށަކީ ފަޅު ގޯތިތައް ގިނަ މީހުން މަދު ރަށެކެވެ. ގެއަކީ އޮޑިހަރުގެތަކާ ދިމާ އެއްގަމުގައި ދަނޑިފަނުން ހަދައި ފުރާޅުގައި ޓިނު ޖަހާފައިވާ އާދައިގެ ގެއެކެވެ. ފުރާޅުގައި ޖަހާފައިވާ ޓިނުތައް ބަދަލުނުކުރާތާ ވިއްސަކަށް އަހަރުވެދާނެއެވެ. ސަބަބަކީ އަތްމަތި ދަތިކަމާ ފަގީރުކަމެވެ. މުސްކުޅިވެ ގައިބާރު ދެރަވި އިރުވެސް ދިރިއުޅުމެއް ނުހޯދުނުކަމެވެ. ހަޔާތުގެ ބަދުނަސީބުކަމެވެ. ނުވަތަ މިންވަރުފުޅުގައި ހުރި ގޮތެވެ. މުސްކުޅިޔާ އޭނާގެ ޝަކުވާތައް ހިތުގައި ކުރަމުން ދިޔައެވެ.