އަޝްރަފް ޢަލީއަށް ޝުކުރުގެ ޖިޒީއެއް – ދިވެހި ބަހުގެ އެކެޑަމީއާ ވަކިވިޔަސް ހިދުމަތާ ވަކިވުމެއް ނެތެވެ

އެއީ މީގެ ނުވަ ވަރަކަށް އަހަރު ކުރިއެވެ. ދިވެހި ބަހާ މެދު ޒުވާނުންގެ ޝައުގުވެރިކަން އަމުދުން ނެތެވެ. މީސްމީޑިޔާގެ މަންސަތައް އާންމުވަމުން ދިޔަ ނަމަވެސް، ދިވެހި ބަހުން ޝުއޫރުފާޅުކޮށް ލިޔާ ކުދިން މަދެވެ. ނުވަަތަ ލިބިދާނެ މަލާމާތަކަށް ލިޔަން ނުކެރެނީއެވެ. ކޮށިކޮށް ނަމަވެސް، ތަރުހީބު ދެވެނީ އިނގިރޭސިން ބަހުން ލިޔާށެވެ. ނުވަތަ ދިވެހި ބަހުން ލެޓިނުން ލިޔާށެވެ. ދިވެހި ބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ އާ ބައްދަލުވީ މި ދުވަސްވަރުއެވެ. ދެ އެކުވެރިޔަކާ އެކު ފޭސްބުކްގައި އެއިރު ދިވެހި ބަހުގެ ގްރޫޕެއް ހިންގަމުން ދިޔައީމެވެ. މިއީ ފޭސްބުކްގައި އުފެއްދި ދިވެހި ބަހުގެ ފުރަތަމަ ގްރޫޕެވެ. ދިވެހި ބަހުގެ ޝައުގުވެރި އެތައް ވާހަކަތަކެއް އެ ގްރޫޕްގައި ހިނގަމުން ދިޔައެވެ. ގްރޫޕް ހިންގަމުން ދިޔަ ޒުވާން ކުދިންނާއި ދިވެހި ބަހުގެ އެކެޑަމީގެ އޮފީގައި އަޝްރަފް އަލީ ބައްދަލުކުރެއްވިއެވެ. ހިތްވަރު ދެއްވައި ކުރިއަށް ދާނެ މަގު ދެއްކިއެވެ. އެހީތެރިކަން ފޯރުކޮށްދިނެވެ.

އެއީ އަހަރެން އަޝްރަފް ޢަލީ ދަންނަ ގޮތެވެ. ބަހުގެ ރަނގަޅު ހަމަތައް ކިޔާ ދެއްވުމުގައި މުޅި ދުވަސް ހޭދަކުރައްވަފާނެެއެވެ. ކޮންމެ މީހަކާ ވެސް ބައްދަލުކުރައްވާނީ ހިނިތުންވުމާއި އެކުއެވެ. ހަޔާތުގެ ދިރާސީ ދައުރުގައި ދަސްވި އެއްޗެއް އަނެއް މީހާއަށް އުނގަންނައިދިނުމުގެ ޝައުގުވެރިކަމުގައެވެ. ލިޔުންތެރިކަމާއި ބަހުގެތެރެއަށް ކިތަންމެ ޅަ ކުއްޖަކު ނަމަވެސް އަތުގައި ހިފައިގެން ކުރިއަށް ނެރެދިނުމުގެ ގަސްދުގައެވެ. އެކެޑަމީގެ ދޮރުތައް ދަރިވަރުންނާއި ދިރާސާކުރާ މީހުންނަށް ފަހިކޮށްދިނެވެ. އަޝްރަފް އަލީއަކީ އެތައް ދަރިވަރުންގެ އެދުރެވެ. އަދަބީ ގޮތުން ދިވެހި ބަހަށް ޝައުގުވެރި ޖީލެއް ބިނާކޮށްދެއްވުމުގެ އެންމެ ބޮޑު އެއް މަސައްކަތެއް ކުރެއްވި، އަދި ކުރައްވަމުންގެންދަވާ ދިވެހި ބަހުގެ މުދައްރިސެވެ. މި ޒަމާނުގެ ވަސީލަތްތައް މެދުކޮށް ދިވެހި ބަހާއި އަދަބިއްޔާތުގެ އިހުގެ ލިޔުންތައް ދަރިވަރުންނާއި ދިރާސާކުރާ ކުދިންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ބިންގާ އަޅުއްވައިދެއްވީ އަޝްރަފް އަލީއެވެ. އެ މަސައްކަތްތަކުގެ ފައިދާ މިއަދުގެ ދަރިވަރުންނަން ދަނީ ކުރަމުންނެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސްގެ މަގާމުގައި ހުންނަވައި އަޝްރަފް އަލީ ވަނީ ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ. ދިވެހި ބަހުގެ އަދަބީ، ދިރާސީ އެތައް މަސައްކަތެއް ފޮތްފިހާރަތަކަށް ނެރެދެއްވާފައެވެ. ދިވެހި ވަޒަން ބަހުރުވައިގެ ބާވަތްތައް އެއްކުރެއްވުމާއި ސަރަހައްދީ ބަހުރުވަތަކުގެ ރަދީފުތައް ތައްޔާރުކުރުމަށް ކުރައްވާފައިވާ މަސައްކަތް ފޮހެވިގެން ނުދާނެއެވެ. ޅެންވެރިޔާ ވިދާޅުވެފައިވާ ފަދައިން؛

ގައުމަށް ކުޅަ ޚިދުމަތެއް، މީހާގެ ނަން މަތިވެރިވެ ދާށި
                   އައުކަމާ ތާޒާކަމާ ފެހިކަން، ނަމަށް ދާއިމް ވެދާށި
~

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ގެ މަގާމުގައި ހުންނަވައިގެން، ދިވެހި ބަހާއި އަދަބިއްޔާތާއި، ދިވެހި  ތާރީޚާއި ސަގާފަތުގެ ދާއިރާއަށް އަޝްރަފް ޢަލީ ކޮއްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އޮތް ހަފްލާގައި ހ. އާމުލީގެ އަބްދުﷲ ޞާދިގު (ސޯދުބެ) ވިދާޅުވިއެވެ.

“ވަކިވުމަކީ، އަލްވިދާޢު ކިޔުމަކީ އެންމެ އުނދަގޫ ކަންތަކެވެ”

“މިއީ ހަމަ އެކަނި ރީތި މަންޒިލެއް ނޫނެވެ. މިއީ އެ މޫދަކުން، އެތައް ދުވަހަކު ފެންވެރި، އެ ދޮންވެލިގަނޑެއްގައި އެތައް ދުވަހަކު ހިނގައި، ދުވެ، ފުރޮޅި، އެތައް އުފާތަކެއް ހިއްސާކުރި އުފާވެރި އުފަން ރަށުގެ ރީތި ތުނޑިއެވެ. ދުނިޔެ  މަތީގައި އޮތް އެންމެ ރީތި ޖަންނަތުގެ އެންމެ ހިތްގައިމު މަންޒިލެވެ. އަދިވެސް ތުނޑީގެ ނަލަކަމާއި ރީތިކަމަކަށް ބަދަލެއް ނާދެއެވެ. އެހެނަސް އެތައް ކަމެއް ވަނީ މޫސުމީ ބަދަލުތަކުން ބަދަލުވެފައެވެ. އޭރު ދިރުންހުރި ފެހި އެތައް ގަހެއް މިއަދު ވަނީ ނެތިގޮސްފައެވެ. އަނެއްބައި ގަސްތައް ވަނީ މަރުވެ ހިކި މުރަނަވެފައެވެ. ބައެއް ފަހަރު ހިތަށް އަރައެވެ. މަންޒަރު މިވަނީ ގަނޑުވެ މަންމަން ވެފައެވެ. ކޮންމެއަކަސް، މިއީ ދުނިޔެއެވެ. މި ޖަންނަތުގެ މަންޒަރު އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ބަދަލުވަމުންނެވެ. ކިތަންމެ ކަމެއް ބަދަލުވިޔަސް ބަދަލު ނުވާނެ އެތައް ކަމެއް މި ތުނޑިމަތީގައްޔާއި މި ދޮންވެލިގަނޑުގައްޔާއި މި ސާފު ލޮނުގަނޑުގައި ވަނީ ފޮރުވިފައެވެ. އެއީ ހާސްހާސް ވާހަކައެކެވެ. އެތައް ކުންނެކެވެ. އެތައް ވިންދެކެވެ. އެތައް އިހުސާސެކެވެ”

މިއީ އަޝްރަފް ޢަލީގެ ގަލަމުން ހިންގަވާފައިވާ ޝުއޫރުތަކެވެ. ދުށްތަނުގެ މައްޗަށް ކޮންމެ މީހެއްގެ ހިތުގައިވެސް ގިނަ އިހުސާސްތަކެއް ހިނގަމުންދާނެއެވެ. ލިޔުންތެރިކަމަކީ ލިޔާ މީހާއާއި ކިޔާ މީހާގެ ހިތަށް ތަސައްލީއެކެވެ. އަޝްރަފް އަލީ އަކީ ލިޔުންތެރިކަމުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް އަބަދުވެސް ފޯރުކޮށްދޭ އެއް މުދައްރިސެވެ. ދިވެހި ބަހުގެ އެކެޑަމީގެ ހިދުމަތާއި ވަކިވި ނަމަވެސް، ދިވެހި ބަހާއި އަދަބިއްޔާތުގެ ހިދުމަތާ އަޝްރަފް ޢަލީ ވަކިވުމެއް ނެތެވެ. މިއަދުވެސް ފެންނަނީ އެކެޑެމީގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރުގެ ހީވާގި ކަމުގައި ބަހުގެ މަސައްކަތުގައި ހަލުވިކޮށް ކުރިއަށް ވަޑައިގަންނަވާތީއެވެ. ރަށްރަށަށް ދަތުރުކުރެއްވުމާއި ކިޔަވައި ދެއްވުމުގައެވެ. ބަހުގެ ހަމަތަކުގެ ރަނގަޅު ގޮތް ބުނެދެއްވުމުގައެވެ. އެއްވެސް މީހަކީ އެ މީހަކާ މެދު އެންމެން ރުހޭނެ މީހެއް ނޫނެވެ. ނަމަވެސް، ކުޅަ ހިދުމަތެއް ދެމި އޮންނާނެއެވެ. އަޝްރަފް ޢަލީގެ ދިވެހި ބަހުގެ އަދަބީ، ދިރާސީ ހަޔާތުގައި އަބަދުވެސް ކާމިޔާބަށް އެދެމެވެ.