ބައްޕަގެ ހަނދާން – އަހަރެން ދުށް ކުޑަރިކިލު ޖަލީލް

ރެޔަކީ ނުވަދިހައިގެ ރޯދަމަހުގެ ރޭތަކުން ރެޔެކެވެ. ތަނަކީ މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ނޫރާނީމާގެއެވެ. ތެޅިގަލުން ރާނާފައިވާ ގޭގެ ސިޓިންރޫމްގައި ސަރަންފީ ގޮނޑިއެއްގައި ބައްްޕަ އިންނެވިއެވެ. އެއީ ރަށުން ބޭރުގައި އަތޮޅު އޮފީސްތައް ހިންގަވަން އުޅުއްވުމަށް ފަހު ބައްޕަ ރަށަށް ދުރުވެ ހުރި ރޯދަމަހެކެވެ. ކޮންމެ ކުއްޖެއްގެ އަތަށް ބައްޕަ ކަރުދާސްގަނޑެއްް ދިނެވެ. އަދި ވާހަކައެއް ލިޔެގެން އަންނަން ބުންޏެވެ. އެންމެ ރީތި ވާހަކަ ލިޔާ ކުއްޖަކަށް ބައްޕަގެ ހަދިޔާ ދިނުމަށެވެ. އެއީ ކުޑަރިކިލު މުޙައްމަދު ޖަލީލެވެ. ލިޔުންތެރިކަމާ ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީޚަށް ލޯބިކުރެއްވިއެވެ. ފޮތްކިޔުމާއި ރައްކާތެރިކަމާ އެކު ފޮތް ގެންގުޅުމަށް ލޯބިކުރިއެވެ. އެ ލޯބި ދަރިންގެ ހިތުގައި އިންދިއެވެ. މާލޭގައި ނުކުންނަހާ ފޮތާއި ނޫސްމަޖައްލާ ބ. ކުޑަރިކިލު ނޫރާނީމާގެއަށް މާލެއިން ރަށަށް ދާ އޮޑިފަހަރުން ފޮނުވައެވެ. ރަށު މަދަރުސާ ކުތުބުހާނާއަށް ފޮތާއި ނޫސްމަޖައްލާ ހަދިޔާކުރައްވައެވެ.

ވައިފެންހެޔޮ އަމާންބަނދަރެއް އޮތް ކުޑަރިކިލަކީ ދަތުރުވެރިންގެ މަންޒިލެކެވެ. ރަށަކީ ފަންނުތަކަށް މޮޅު ހަރުދަނާ ބަޔަކު ދިރިއުޅުނު ރަށެކެވެ. މާޅޮސްމަޑުލު ވާރުގެ އެއްދުވަސްވަރެއްގައި ހުރި ރަށެވެ. ދުރު ރަށްރަށާއި މާލޭގެ އާއިލާތައް ރަށުގައި ފެތުރިފައިވެއެވެ. ބައްޕައަކީ ފާފު ހިމިތީ ބޮޑުގޭ ހާޖީމާލިމީގެ މުޙައްމަދު މާލިމީ (ހިމިތީ ބޮޑުމާލިމީ)ގެ ކުޑަރިކިލު ބޮޑުގޯތި ކުޑަ ޙަސަންފުޅުގެ ކުޑަރިކިލު ބޮޑުގޯތި ކުޑަ މޫސާފުޅުގެ އަހްމަދުފުޅުގެ ކުޑަރިކިލު  އިބްރާހީމްފުޅު ކަތީބުގެ ކުޑަރިކިލު ކުޑަކަތީބު މުޙައްމަދު ޖަލީލެވެ. ބައްޕަ އުފަންވީ 1947 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ބައްޕަގެ ވަރަށް ޅަފަތުގައި ބައްޕަގެ މަންމަ ނިޔާވެއްޖެއެވެ. މާމަ ނިޔާވުމުން ބައްޕަ ބެލީ ބޮޑުދައިތަ އައިމިނަތު އަޙްމަދުފުޅެވެ. ބައްޕަގެ މަދަރުސީ ދައުރު ފުރިހަމަކުރެއްވީ އޭދަފުށީ ބަހިއްޔާ ސްކޫލްގައެވެ. މަދަރުސީ ދައުރުގެ ގިނަ އެކުވެރިންނަކީ މުޅި ހަޔާތުގެ މިތުރުންކަމުގައިވިއެވެ. ބައްޕަގެ ދެފަރާތު އާއިލާއިންވެސް ކުޑަރިކިލުގެ ވެރިކަންކުރިއެވެ. އާއިލާއަކީ ރަށުގެ ހިންގުންތެރި އާއިލާއެކެވެ. ތަޢުލީމް ފެތުރުއްވިއެވެ.

ނުވަދިހައިގެ އަހަރުތަކުއް ސުރެ ބައްޕައާ ބައްދަލުވަނީ އަހަރަކު އެއް ފަހަރުއެވެ. އަތޮޅު އޮފީސްތައް ހިންގެވުމަށް ދުރު އަތޮޅުތަކުގައި އުޅުއްވުމަށް ފަހު ރަށަށް ދުރުވަނީ އަހަރަކު އެއް ފަހަރުއެވެ. ބައްޕަގެ ނުވަދިހައިގެ ކުރީގެ ހަނދާންތައް ނެތެވެ. މާލެއަށް 1988ގެ ނޮވެމްބަރ 3ގެ ހަމަލާ ކުރިމަތިވި އިރު ބައްޕަ ހުންނެވީ ރަށުއޮފީހުގެ ހިސާބު ހިފައިގެން ބ. އޭދަފުށީގައެވެ. އެއިރު ބައްޕަ އަކީ ކުޑަރިކިލު ކުޑަކަތީބެވެ. ބައްޕަ ރަށުގައި ނެތި އެރޭ މަންމަ އަހަރުމެން ތުއްތު ކުދިންނާ އެކު ގިނިކަންޏާ ހޭދަކުރީ ބިރުވެރި ރެއެކެވެ. އަބަދުސް އެ ވާހަކަ ކިޔައިދެއެވެ. ނޮވެމްބަރ 3ގެ ކުރިން ގޭގައި ހެއްދި މިރުހާއި ފަޅޯ ފީއަލީ ބަކުރު އަތަށް ދީފައި މާލެފޮނުވި ވާހަކައާއި އެ ހުރިހާ ތަކެތި މާލޭ ބަނދަރުގައި އޮޑީގައި ހުރެ ހަލާކުވި ވާހަކަ ބުނެއެވެ.

ރަށު ކުޑަކަތީބުކަމުގައި ހުންނެވުމަށް ފަހު ބައްޕަ ބަދަލުވީ މާލެއެވެ. އެޓޯލްސް މިނިސްޓްރީގައި ހިދުމަތްކުރައްވަން ފެއްޓެވުމާ އެކު އެއީ “އެޓޯލްސް” ޖަލީލެވެ. ރާއްޖޭގެ 13 އަތޮޅެއްގެ އަތޮޅު އޮފީސް 26 ފަހަރެއްގެ މަތިން ހިންގަވާފައިވެއެވެ. “އެޓޯލްސް ޖަލީލް” ވެފައިވަނީ ރާއްޖޭގެ އެންމެ ގިނަ އަތޮޅުތައް ހިންގެވި ދައުލަތުގެ ހިންގުންތެރިޔާއަށެވެ. ބައްޕަގެ ހިދުމަތުގެ ދައުރުގައި ބ. ކުޑަރިކިލު ކޯޓުގެ ޤާޟީކަމާއި އެޓާނީޖެނެރަލްގެ އެހީތެރިކަން (ބ. އަތޮޅު)، ރައްޔިތުންގެ ޙާއްސަ މަޖްލީގެ ބ. އަތޮޅު މެންބަރުކަން (ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި)، ބ. އަތޮޅު އަތޮޅުކުރިއަރުވާ ކޮމިޓީގެ މެންބަރުކަން، ބ. ކުޑަރިކިލު ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުކަން، ބ. ކުޑަރިކިލު މަދަރުސާގެ ނާޒިރުކަން ކުރައްވާފައިވެއެވެ. ރަށުގައި އެންމެ ފަހަށް އަދާކުރެއްވީ ކުޑަރިކިލު ކުޑަކަތީބުކަމެވެ. ހިދުމަތުގެ މާލޭ ދައުރުގައި އެންމެ ފަހަށް ހުންނެވީ ހޯމް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުގައެވެ.

ބައްޕަގެ ކުރީގެ ގިނަ ހަނދާންތަކަކީ ރޯދަމަހާ ގުޅިފައިވާ ހަނދާންތަކެވެ. ނޫރާނީމާގޭ ސަރަންފީގައި ސިޔަރަތު އަޑު އަހަން އިންނަ ރީތި މަންޒަރާއި، އޮއްސޭ އިރަށް ގޮވާ ސަންގާ އެކު ކޯދޮންނަ ހަނދާނެވެ. ބައްޕަގެ ކެސެޓުން އިވެމުން ދިޔަ ތޮއްލަތު މަޙްމޫދާއި މުޙައްމަދު ރަފީޢުގެ ލަވަތަކެވެ. ރަށުގެ ހަރު މީހުންނާއި ގެއަށް ޒިޔާރަތްކުރާ އަތޮޅުގެ ހަރުދަނާ މީހުންނާ އެކު ސަރަންފީ ގޮނޑިތަކުގައި ބައްދަލުވި ބައްދަލުވުންތަކެވެ. ރަށާއި މާލެއާއި އަތޮޅުތަކުގެ ވެރިކަމުގެ ވާހަކަތަކާއި ބެންސަން ސިނގިރޭޓުގެ ވަހެވެ. ސަރަންފީ ގޮނޑީގައި ކެންދޫ އަލިފުޅު ރަށުބިޑިން ބޯކުރަމުން ދިޔަ ދުންތަކެވެ. ރަސްމާދޫ ކުޑޭ ބައްޕަ ކައިރިއަށް އަންނަ ދުވަސްތަކާއި ތެޅިގަލުން ރާނާފައިވާ ނޫރާނީމާގޭ ސުފުރާމަތީގެ ފުސް ހަނދާންތަކެވެ. ދަރަވަންދޫ ސައީދު އަލިފުޅާއި ޔޫސުފް އަލިފުޅު ދެެކެވީ ލޯތްބެވެ. އޭދަފުށީ ބަހިއްޔާ ސްކޫލުގައި ކިޔެވި ވާހަކައާއި ޔޫސުފް ކަލޭފާނުގެ ގާތްކަމެވެ.

އަތޮޅު އޮފީސްތައް ހިންގަން ރަށުން ބޭރުގައި އުޅުއްވުމަށް ފަހު ގިނަ އަހަރަތަކުގައި ރޯދައަށް ބައްޕަ ރަށުގައި ހުރެއެވެ. ބައްޕަ ލަފާތަނަށް ދިއުމާއި ގެންނަ ހަދިޔާތައް ގެއަށް އައިސް ކެނޑުމާއި އަލަށް ގެންނަ ގަމީސް ލުމަކީ ޅަފުރައިގެ އެންމެ އުފާވެރި ހަނދާންތަކެވެ. އާ ހެނދުން ލައްވާފައި ބައްޕަގެ ހުރިހާ ކުދިން ގޯތިތެރޭ ސަފަށް އަތުރާފައި ބައްޕަ ގެންގުޅޭ ކެމެރާއިން ފޮޓޯ ނަންގަވާނެއެވެ. ރަށުގައި ހުންނަވާއިރު ރަށުގެ ދުވަސްވީ މިސްކިތާއި ދުވަސްވީ އިމާރާތްތަކާއި، މުސްކުޅީންގެ ފޮޓޯ ނަންގަވައެވެ. ނަންނަވާ ފޮޓޯތައް އަލްބަމުގައި ފަރުވާތެރިކަމާ އެކު ރައްކާ ކުރައްވައެވެ. ނަންގަވާ އެކި ބޭފުޅުންގެ ފޮޓޯތައް އާއިލާތަކަށް ފޮނުއްވައެވެ. ފޮޓޯ ނެންގުމާއި ފޮޓޯ ރައްކާތެރިކޮށް އަރުޝީފްކުރުމަށް ބައްޕަ ނުހަނު ލޯބިކުރިއެވެ.

މާލޭގައި ހުންނަވާ އިރު މާލޭގައި ނުކުންނަ ނޫސްމަޖައްލާ ފޮތްތައް ގަވާއިދުން ރަށަށް ފޮނުވައެވެ. ތާރީޚީ ފޮތްތަކާއި ފަތްތޫރައާއި ދުވަހު ނޫސްތަކާއި ހުކުރު ސަންގު ފަދަ މަޖައްލާތައް ރައްކާތެރިއެކު ރަށުގައި އަމިއްލަ ކޮޓަރީގައި އަރުޝީފުކުރެއްވިއެވެ. އެންމެ ކުޑައިރުއްސުރެ ކުދިންގެ ހިތުގައި ފޮތަށް ލޯބި އުފެއްދިއެވެ. ބަލި އެނދުގައި އޮންނަން ޖެހުމަށް ދާންދެން ރަށު މަދަރުސާއަށް މާލޭގައި ނުކުންނަހާ ފޮތެއް ހަދިޔާކުރަމުން ދިޔައެވެ.

މާލޭގައި ވަރަށް ގިނަ ދުވަހު އުޅުއްވުމަށް ފަހު ހަޔާތުގެ ހިމޭން ދުވަސްތައް ހޭދަކުރައްވަން ރަށަށް ދުރުވިއެވެ. މި ދުވަސްތަކުގައި ވަރަށް ބޮޑަށް ވިއްސާރަކުރި ހަފްތާއަކު ވަރަށް ގިނައިން ގުޅާފައި ބައްޕައާ އެކު ރަށުގައި ހުންނަން އައުމަށް އެދުނެވެ. ބައްޕަ ކުރުނުކުރުމުން ރަށަށް ފުރީމެވެ. އެހާވަރަށް ރަށަށް އަންނަން އެދުނު ސަބަބު ފާއިތުވި ދުވަސްތައް ބުނެދިނެވެ. އެއީ ބައްޕައާ އެކު ރަށުގައި، އުފަންގޭގައި ހޭދަކުރެވުނު ފަހު ދުވަސްތަކެވެ. ދެމީހުން އެކަންޏެވެ. ބައްޕަގެ ޅެންތަކާއި ލިޔުއްވި ބައެއް މަޒުމޫނާއި އަރުޝީފުކުރައްވާފައި ހުރި ގިނަ ފޮތްތައް ދެއްކެވިއެވެ. އެތައް އަހަރަކުއް ސުރެ ބައްޕަ ނަގަމުން އަރުޝީޕު ކުރަމުން އައި ފޮޓޯ އަލްމަބްތައް ދެއްކިއެވެ. ފޮޓޯތަކުގައި ތިބި ރަށުގެ ނިޔާވެފައިވާ މީހުންގެ ނަންތަކާއި ހަނދާންތައް ކިޔާ ދެއްވިއެވެ.

ފޮޓޯ އަލްބަމްތައް ދައްކަމުން އެއް ދުވަހަކު ބައްޕަ ބުނެފައިވެއެވެ؛

“ފޮޓޯތައް ބަހައްޓާތި. ވަރަށް މުހިންމު އެއްޗެއް. ކިހާ ރީތި”

ރަށުގައި ބައްޕަ އާ އެކު ހޭދަކުރި ފަހު ދުވަސްތަކުގައި އަތުހިފައިގެން ރަށުގެ މަގުކޮޅުތަކަށް ގޮސް ބައްޕަ އިންދާފައި ހުރި ރުއްގަސް ދެއްކިއެވެ. ހަޔާތުގެ ދަތުރުގައި ބަން ދޯނިފަހަރުގެ ވާހަކައާއި ދިރިއުޅުމަށް ކުރި މަސައްކަތްތަކުގެ ވާހަކަ ކިޔައިދިނެވެ. އެ ދަތުރަށް ފަހު ބައްޕަގެ ދުވަސްތައް ހޭދަކުރަން ޖެހުނީ މާލޭގައި ފަރުވާކުރެއްވުމުގައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ބައްޕަގެ ހާލަތު ދިޔައީ ދަށަށެވެ. ވަރަށް ގިނަ ދުވަހު ވަރަށް ވޭނުގައި ބަލި އެނދުގައި އޮތެވެ. އެތައް ދުވަހަކަށް ފަހު ވާހަކަ ދެއްކެން ހުއްޓުނެވެ. އެންމެ ފަހަށް ރަނގަޅަށް ވާހަކަ ދެއްކި ދުވަސްތަކުން ދުވަހެއްގައި ދަންވަރު ތެދުވެގެން އައިސް ކައިރީ އިނދެ ވަރަށް ލޯތްބާ އެކު ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ހަޔާތުގެ ހިތާމަތަކާއި އުފާތައް އެކި ރޭ ކިޔައި ދިނެވެ. އެއް ރެއެއްގެ ދަންވަރު ތެދުވެގެން އައިސް ކައިރީ އިނދެފައި “ދަރިފުޅު ދެކެ ވަރަށް ލޯބިވޭ” ބުނެފައި ދިޔައެވެ. ނިޔާވުމުގެ އެންމެ ފަހަށް ރަނގަޅަށް ވާހަކަ ދައްކަމުން ދިޔަ ދުވަސްތަކުގައި ދަންވަރު ތެދުވެގެން އައިސް ބުންޏެވެ؛

“މިހާރު އުމުރުން 70 ވީ. އާންމުކޮށް މީހުން މަރުވާނެ 50، 60ގަ. ރަނގަޅަށް ކާތި”

~

ވާހަކަ ލިޔުމުގައި ނަފްސަށް ހަމަޖެހުން ވެއެވެ. ރޭރޭ އެކަނި ލިޔަން އިންނަ އިރު ބައްޕަ ހޭލައިގެން ކައިރީ ހުއްޓި ހުންނާނެއެވެ. ލިޔަނީ ކޮން ވާހަކައެއްތޯ އަހާނެއެވެ. ބައެއް ފަހަރު ލިޔުން ކިޔާނެއެވެ. ނުވަތަ ދުވަސްވީ ފޮޓޯތައް އެކުގައި ބަލާފައި އެނބުރި ދާނެއެވެ. މިއަދު މި ލިޔުން ލިޔާއިރު ކައިރިއަށް އައިސް ގޮވާލަން ބައްޕަ ނެތެވެ. ބައްޕަވީ ހޭދަކުރި ހެޔޮ ހަޔާތާ އެކު ފަސްގަނޑުގެ ދަށުގައެވެ. ހިންގުމުގެ ދާއިރާގެ އިސް ގިނަ މަގާމުތަކެއް ފުރުއްވާފައި ދިޔަ އިރު އެއްކުރި މުދަލެއް ފައިސާއެއް ނެތެވެ. ދޫކޮށްފައި ދިޔައީ ހެޔޮކަމެވެ. ތިމާގެ މީހުންނަށް ކުރި ރަހުމެވެ. ރަށުގައި ބިނާކުރި ކުޑަ މިސްކިތެވެ. ރަށުގެ ބޮޑު މިސްކިތް ބިނާކުރުމަށް އިތުރުކޮށްދިން ބިމެވެ. ރަށުގައި މަދަރުސީ ތަޢުލީމް ފެއްޓެވުމަށް ކުރެއްވި މަސައްކަތެވެ. ރަށު މަދަރުސާއަށް ހަދިޔާކުރަމުންދިޔަ ފޮތެވެ. ގޭ ފުރެންދެން އެއްކުރި ފޮތެވެ. އެނދުގައި އޮންނަ ތަންކޮޅު ފިޔަވައި ވަށައިގެން ޖަހާފައިވާ ގިނަ ފޮތެވެ. ފޮތެވެ. ފޮތް ކިޔަން ގެންގުޅުނު އައިނާއި ލިޔަން ގެންގުޅުނު ގަލަމެވެ. ފޮތްތަކާއި ބައްޕަ ނެތުމުގެ ފަޅުކަމެވެ. ފުން ހިމޭންކަމެވެ. އެ ހިމޭންކަމުގައިވާ ރޫހީ ގުޅުމެވެ.

 

އިއްޔެ ފެންނަންހުރި ގޮތެއް ނޫނޭ މިއަދު ފެންނަން ހުރީ
އިއްޔެ ދޭހުން ހާމަވީ ގިނަ ކުލަތައް މިއަދަކު ނެތޭ
ދުނިޔެ ދޫކޮށްފައި އެދާއިރު ފެންނަފަށުގައި އެންމެނަށް
ފުނިޖަހާފައި ހުންނަ ފަސްކޮޅަކާ ދެގާ ނޫނީ ނެތޭ
ދާދިއަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް
ތާއަބަދު ދެމިހުންނަ ހެއު ޛިކްރާއަކަށް ނިމުމެއް ނެތޭ
~

 ބައްޕަގެ މަންމަ އާއި ބައްޕަގެ މަންމަ ނިޔާވުމުން ބައްޕަ ބެލި ތިމާގެ މީހުންނަށް މާތްﷲ ހެޔޮ ރަޙްމަތްލާށި. މާތް ﷲ ބައްޕަގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާށި.

امين

9 ކޮމެންޓު ”ބައްޕަގެ ހަނދާން – އަހަރެން ދުށް ކުޑަރިކިލު ޖަލީލް“

    ވ ފުރިހަމަ
    —————————-
    إنا لله وإنا إليه راجعون
    ކޮންމެ އިންސާނަކީވެސް އެމީހެއްގެ ވަގުތު އައިސްޖެހުނީމަ ދުނިޔެއާ އަލްވަދާޢު ކިޔާނެ މީހެއް. މާތް ﷲ ޖަލީލު ބޭބެގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ފުރާނަ ފުޅައް ސުވަރުގޭގެ މަތިވެރިދާއިމީ ނިޢުމަތް ލައްވާށި އަދި އާއިލާއައް ކެއްތެރިކަން ދެއްވާށި. އާމީން

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
    اَللَّهُمَّ اغْفِرْ لَه وَارْحَمْهُ
    اَللَّهُمَّ ثَبِّتْهُ عِنْدَ السُّؤَالِ فِي الْقَبْرِ وَيَوْمِ الْقِيَامَةِ
    آمِين يَارَبَّ الْعَالَمِيْن 🤲

    ާސެޒް

    އާމީން. ވަރަށް ފުރިހަމަ

    އައިންސްޓެއިން

    ވަރަށް ވެސް ފުރިހަމަ ލިޔުންކޮޅެއް . ލޫކަސް

    އަލީ މުހައްމަދު

    މާޝާﷲ.. ހާދަފުރިހަމަ ސިފަކޮށްދެއްވުމުކެވެ. ބައްޕަގެ ފުރާނަފުޅަށް ހެޔޮރަހުމަތް ލައްވާށި. އާމީން

      އިބްރާހީމް

      މާޝާ الله ، ދެމެދުގައި އޮތް ގުޅުން ، ލިޔުމުގައި ވީ އަސަރު ބުނެދީފި

    ބޮއި ޚަލީލް

    އަޅުގަނޑު ކުޑައިރު ޖަލީލް އާއި ވަރަށް ގިނައިން ދިމާވެއެވެ. ޢެއީ މއ. ކާމިނީގެއިންނެވެ. ޖަލީލް އޭރު ވަރަށް ޒުވާނެވެ. ހަނދާންވާގޮތުގައި، އޭރު ކޮންމެވެސް ރޮނގަކުން ޚައްސަވުމަށްޓަކައި ކިޔަވާވިދާޅުވަނީއެވެ. ރައީސް މައުމޫން ގެ ބައްޕަ، އަލްމަރުޙޫމް ޢަބްދުލް ގައްޔޫމް ސީދީގެ ވަރަށް ގާތް، އިތުބާރު ކުރައްވާ ބޭފުޅެއްގެ ގޮތުގައި އެގޭގައި ހުންނެވިއެވެ. އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

    އަލައިކާ

    އަސަރުން ފުރިފައިވާ ލިޔުންކޮޅެއް. ބައްޕައަށް މާތް الله ރަހްމަތްލައްވާށި. ބައްޕަ ހިންގެވިމަގުގައި ސާބިތުކަންމަތީ ލޫކަސް ހުންނާނެކަމަށް އުންމީދުކުރަން

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ 🤲

    މަރޭ

    އާމީން
    ވަރަށްފުރިހަމަ ލިޔުމެއް! ބައްޕައެއްގެ ހަނދާންތަށް ދަރިއަކަށް ލިޔުމަކުން ސިފަކޮށް ލިޔެފައިވާ ލިޔުމެއް ހިންހަމަ ޖެހުމާއެކު ކިޔާލެވުނު ފުރަތަމަ ފަހަރު.