ހަބީބާ ޙުސައިން ޙަބީބް – ރާއްޖޭގައި ފޯކުލޯރުފަންނުގެ ބިންގާ އެޅުއްވި

އަލްއަމީރާ ޙަބީބާ ޙުސައިން ޙަބީބަކީ މުލީގޭ ދޮން ޙަސަން މަނިކުފާނު (ދޮންބަންޑާރައިން)ގެ ސުލްޠާން ޙަސަން ނޫރައްދީނުލް އައްވަލުގެ ސުލްޠާން މުޙައްމަދު މުޢީނުއްދީންގެ އިބްރާޙީމް (ކުޑަކިބާ ތުއްތު މަނިއްޕުޅު)ގެ މޫސާ އިބްރާޙީމް (ވެޔޮގޭ މަނިއްޕުޅުގެ) އިސްމާޢީލް ޙަބީބު (ކަކާގޭ މަނިއްޕުޅު)ގެ ޙުސައިން ޙަބީބު (ކަކާގޭ ތުއްތު މަނިއްޕުޅު)ގެ ޙަބީބާއެވެ. ސުލްތާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)ގެ އަލްއަމީރާ ޝަހީމާ ޝަމްސުއްދީން (ތުއްތުގޮމަފުޅު)ގެ ހަބީބާއެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1930 ވަނަ އަހަރުއެވެ. ޙަބީބާ ޙުސައިން ޙަބީބު ވަނީ ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައެވެ. ދިވެހި ބަހާއި ތާރީޚާއި އަދަބިއްޔާތަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވެއެވެ. އަލްއަމީރާ ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވީ 21 ނޮވެމްބަރު 2022 ވީ އަންގާރަދުވަހުގެ ހަވީރުގެ ވަގުތު މާލޭގައެވެ.

“އަދަބާ ސަގާފަތުގެ ޢިލްމުވެރިއެކެވެ. ފޯކުލޯރާއި ތާރީޚުގެ މުއައްރިޚެކެވެ. އިނގިރޭސި އާއި އުރުދޫ ބަސް ދެނެވަޑައިގަންނަވައެވެ. ދޫކުރެއްވި ޢިލްމީ ލިޔުންތައް ގިނަގުނައެވެ. ދިވެހި ޢިލްމީ އުޑުން ތަރިއެއް އޮއްސުނީއެވެ. އަލްއަމީރާ ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވީއެވެ”

– އަހްމަދު އަލާ ދީދީ

ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ނިޝާން ދިޔަމިގިލީ ޢިއްޒަތުގެ ވެރިޔާ މައްޗަންގޮޅީ މާންދޫވިލާ އަލްއަމީރާ ޙަބީބާ ޙުސައިން ޙަބީބް ފަސްދާނުލެވުނީ މާލޭ ގަލޮޅު ގަބުރުސްތާނުގައެވެ.

~

1954 ވަނަ އަހަރުން ފެށިގެން ލިޔުންތެރިކަމުގެ ދާއިރާގައި ހިދުމަތްކުރައްވަން ފެއްޓެވި ޙަބީބާ ޙުސައިން ޙަބީބު ތާރީޚު އިލްމުގެ ތެރެއަށް ވެދެވަޑައިގެންނެވީ، 1955ން ފެށިގެން މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލްގެ މުދައްރިސާއެއްގެ ގޮތުގައި ތާރީޚު އުނގަންނަވައިދެއްވަން ފެށްޓެވުމާ ހިސާބުންނެވެ. މުންނާރު ނޫސް، ވިޔަފާރި މިއަދު، އަދަބީ ޝުޢޫރު، ޖިންސުއްލަޠީފް، އަމާޒު، ހިޔަލަ ފަދަ ނޫސްމަޖައްލާތަކަށް ލިޔުއްވިއެވެ. 1980 ވަނަ އަހަރުން ފެށިގެން ފަތްތޫރަ މަޖައްލާއަށް ތާރީޚީ، ސަގާފީ، އަދަބީ އެކި ލިޔުއްވުންތައް ލިޔުއްވަމުން ގެންދެވިއެވެ. ފުރަތަމަ ފަހަރަށް ފަތްތޫރަ މަޖައްލާގައި ފޯކުލޯރު ފަންނުގެ މައްޗަށް ލިޔުއްވިއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރެއްވިއެވެ.

މިހައިތަނަށް ހާއްސަ ގޮތެއްގައި ފާހަގަކުރެވިފައި ނުވި ނަމަވެސް، ޙަބީބާ ޙުސައިން ޙަބީބުގެ ހިދުމަތުގެ ސަފުން އެންމެ އަގުހުރި އެއް ހިދުމަތަކީ ދިވެހި ރާއްޖޭގައި ފޯކުލޯރު އިލްމު Folkloristics ގެ ބިންގާ އެޅުއްވުމެވެ. ދިވެހި ތާރީޚާއި ސަގާފަތުގެ ދިރާސީ ވަކި ދާއިރާއެއްގެ ގޮތުގައި ފޯކުލޯރުގެ މައްޗަށް ލިޔުއްވަން ފެއްޓެވުމެވެ. ފޯކުލޯރުގެ މުހިންމުކަމުގެ މައްޗަށް ލިޔުއްވަމުން ގެންދެވި މުހިންމު ލިޔުއްވުންތަކެވެ. ފޯކުލޯރަކީ މިއަދުގެ ދުނިޔޭގެ ތާރީޚާއި ސަގާފަތުގެ ދިރާސާގައި ވަކި ހާއްސަ ދާއިރާއެކެވެ. ފަންނެކެވެ. ޙަބީބާ ޙުސައިން ޙަބީބު ފޯކުލޯރުފަންނުގެ މައްޗަށް ލިޔުއްވަން ފެއްޓެވުމުގެ ކުރީގައި، ދިވެހި ތާރީޚާއި ސަގާފަތުގެ ދާއިރާގައި ފޯކުލޯރަކީ ވަކި އިލްމެއްގެ ގޮތުގައި ދެކިގެން، ލިޔުންތައް ލިޔެވިފައި ނުވެއެވެ. ވަކި ފަންނެއްގެ ގޮތުގައި، ފޯކުލޯރަށް ސަމާލުކަން ދެވިފައިވެސް ނުވެއެވެ.

ފޯކުލޯރަކީ ދޫދޫމަތިން ޖީލުން ޖީލަށް ވާރިދުވެފައިވާ ވާހަކަތަކެވެ. ބޮޑުތަކުރުފާނު ވާހަކަ، ކޮއިމަލާކަލޯ ވާހަކަ ފަދަ ތާރީޚީ ވާހަކަތަކެވެ. ފޯކުލޯރު ފަންނުގެ ފުޅާ ދާއިރާއިގައި ދޫދޫމަތިން އައިސްފައިވާ ތާރީޚީ ވާހަކަތަކުގެ އިތުރުން ފުލޯކުތަކާއި ވަޒަންބަހުރުވައާއި މިސާލުބަހާއި މުސްކުޅިބަހާއި ސަގާފީއާދަކާދަތައް ފަދަ އެތައް ކަމެއް ހިމެނެއެވެ. 1994 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަތްތޫރަ މަޖައްލާގައި ފޯކްލޯރް Folklore މި ސުރުހީގެ ދަށުން ޙަބީބާ ޙުސައިން ޙަބީބު ޝާއިއުކުރި ލިޔުމަކީ ދިވެހި ތާރީޚާއި ސަގާފަތުގެ ދިރާސާގައި ފޯކުލޯރު ވަކި ދާއިރާއެއްގެ ގޮތުގައި ދިވެހި ރާއްޖޭގައި ލިޔަން ފެށުމުގެ ބިންގަލެވެ. “ފޯކްލޯރް”ގެ ސުރުހީގައި ޙަބީބާ ޙުސައިން ޙަބީބު މި ލިޔުމުގައި ބަޔާންކުރައްވާފައިވެއެވެ؛

“”ފޯކް”ގެ ޢާންމު މާނައަކީ މީހުން ނުވަތަ ބައެކެވެ. “ލޯރް” މި ލަފްޒު “ފޯކް”އާ ގުޅުނީމާ މީހުންނާ ބެހޭ އެތައް ކަމެއް ދޭހަކޮށްދެއެވެ.

ފޯކުލޯރަކީ ޢިލްމެއް ކަމުގައި ބަލައި މި ޢިލްމާ ބެހޭ ހޯދުންތައް ހޯދަން ފެށުނީ 19 ވަނަ ގަރުނުގެ ކުރީ ކޮޅުގައި ޖަރުމަނު ވިލާތުގައެވެ.

ފޯކުލޯރަކީ އޭގެ އަމިއްލަ ޒާތުގައި ވަކި އުޞޫލެއްގެ މައްޗަށް ބިނާވެފައިވާ ފަންނެއް ކަމުގައި ބެލުނަސް ޢިލްމީ ރޮނގުން މި ފަންނު ދިރާސާ ކުރުމުގައި އެހެން އެތައް ފަންނުތަކެއް މިއާގުޅަން ޖެހެއެވެ. އެންމެ ފުންކޮށް، އެންމެ ބަދަހިކޮށް ފޯކްލޯރާ ގުޅިފައިވާ ޢިލްމުތަކަކީ އެންތްރޮޕޮލޮޖީއާއި އަދަބިއްޔާތެވެ. ބަހުގެ ޢިލްމެވެ.

ފޯކުލޯރަކީ އިރެއްގައި، ދުނިޔޭގައި އެނބުރެމުން ދިޔަ ފުލޯކު ވާހަކަ ތަކެއް ކަމުގައި ބަޔަކު ދެކެމުން އައި ދުވަސް މާޒީގެ އަނދިރިގަނޑުގެތެރެއަށް ހިނގައްޖެކަން އަދު އަޅުގަނޑުމެން ގަބޫލުކުރަން ޖެހެއެވެ”

ޙަބީބާ ޙުސައިން ޙަބީބު ފޯކުލޯރު ފަންނުގެ މައްޗަށް ފަތްތޫރަ މަޖައްލާގައި މި ލިޔުން ޝާއިއުކުރި އިރު، މި ދުވަސްވަރުގެ ތާރީޚީ ބައެއް ލިޔުންތެރީން، ދޫދޫމަތިން އައިސްފައިވާ ތާރީޚީ މުހިންމު ފޯކުލޯރުތަކަށް “ހިޔާލީފުލޯކު ވާހަކަ”ތައް ކަމުގައިވެސް ދިރާސީ މަޒުމޫނުތަކުގައި ލިޔުއްވާފައިވެއެވެ. މިހެންކަމުން، ފޯކުލޯރާ މެދު ދެކެވެމުން އައިސްފައިވަނީ، އަދި ތާރީޚީ ދިރާސީ މަޒުމޫނުތަކުގައި ލިޔެވެމުން އައީ އެންމެ އެދެވޭގޮތެއްގައި ނޫނެވެ. ތާރީޚީ ފޯކުލޯރާއި ހިޔާލީ ފުލޯކު ވަކިކުރައްވައި، ޙަބީބާ ޙުސައިން ޙަބީބު ފަތްތޫރައިގައި ލިޔުއްވާފައިވެއެވެ؛

“ދިވެހި ބަހުން ކިޔާ އުޅޭ “ފުލޯކު” ވާހަކަތަކުގައި “ފުލޯކާއި، ފޯކުލޯރު” އަކީ ވަރަށް ގާތް އަޑަކާއި އެއް ބާވަތެއްގެ މަފްހޫމެއް ދޭހަވާ އެއްޗެއް ކަމުގައި ވިޔަސް، މިއަދު ފުލޯކު ވާހަކަތަކާއި ފޯކުލޯރަކީ ތަފާތު ދެ އެއްޗެކެވެ”

ޙަބީބާ ޙުސައިން ޙަބީބު ހާމަކުރައްވާފައި އެ ވަނީ މިއަދުގެ ފޯކުލޯރު ފަންނުގެ ވަރަށް މުހިންމު އަސާސެކެވެ. ފޯކުލޯރަކީ ފުލޯކެއް ނޫނެވެ. ފުލޯކަކީ ފޯކުލޯރުގެ ދާއިރާގެ ތެރޭގައި ހިމެނޭ ވަކި ބާވަތެކެވެ. ފޯކުލޯރު ފަންނުގެ މި ފަދަ މުހިންމު އަސާސްތައް ބަޔާންކޮށްދެއްވައި،  ޙަބީބާ ޙުސައިން ޙަބީބު ވަނީ ފޯކުލޯރަށް ހޭލުންތެރިކަން ގެނައުމަށް ގިނަ ލިޔުއްވުންތަކެއް ލިޔުއްވާފައެވެ. ފޯކުލޯރަކީ ދިވެހި ތާރީޚާއި ސަގާފަތު ދިރާސާކުރުމުގެ ވަކި ފަންނެއްގެ ގޮތުގައި ތަރައްގީކުރުމަށް ޙަބީބާ ޙުސައިން ޙަބީބު ކުރައްވާފައިވާ އިލްމީ ދިރާސީ މަސައްކަތްޕުޅުތަކަކީ، ދިވެހި ގައުމަށް، ތާރީޚާއި ސަގާފަތަށް ކުރައްވާއިވާ ނުހަނު ބޮޑު ހިދުމަތެކެވެ. “ފޯކުލޯރާއި ތާރީޚު” މި މަޢުޟޫގައި ޙަބީބާ ޙުސައިން ޙަބީބު ލިޔުއްވާފައިވެއެވެ؛

“ފޯކުލޯރަކީ ހަމައެކަނި ފުލޯކު ވާހަކައެއްވެސް ނޫނެވެ. މީގައި އެކިއެކި ގައުމުތަކުގައާއި މުޖްތަމައުތަކުގައި ހުންނަ އޭގައި ކޮންމެވެސް ވަރެއްގެ ހަގީގަތް އެކުލެވޭ، ތާރީޚީ ހާދިސާތައް ހިމެނިފައި ހުރެއެވެ. މިއީ އެއްވެސް މާނައެއްގައި ހިޔާލީ ވާހަކައެއްވެސް ނޫނެވެ.

މިސާލު:

– އަޙްމަދު ކާމިލް ދީދީ ލިޔުއްވި “ކަނބޮލޮ” ވާހަކައަކީ އެ މަނިކުފާނުގެ ފިކުރާއި ހިޔާލު

– މުޙައްމަދު އަމީން ލިޔުއްވި “ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި”، މިއީ އެ އަދީބުގެ ހިޔާލީ އުފެއްދުމެއް، ހިޔާލީ ވާހަކައެއް

– މިއާ ހިލާފަށް، ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައިވާ އިހުގެ ވާހަކައިގެ ތެރެއިން ހޮވާލެވޭ “ދޮންމޮހޮނާ މިޔަރު” “ރަންނަމާރި ވާހަކަ” ގަދ. ގަން ފަޅުވި ވާހަކަ” ކަހަލަ ވާހަކަ ތަކަކީ މި ވާހަކަތަކުގައި ތާރީޚީ ގޮތުން ކޮންމެވެސް ވަރެއްގެ ހަގީގަތެއް ހުންނަ ވާހަކައެވެ. މިއީ ފޯކުލޯރު Folklore އެވެ. މީހުންނާ ބެހޭ، މީހުންގެ ވާހަކައެވެ”

ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ މައްޗަށް އެތައް ލިޔުއްވުންތަކެއް ލިޔުއްވި ޙަބީބާ ޙުސައިން ޙަބީބުގެ ހާއްސަ ދާއިރާއަކީ ފޯކުލޯރެވެ. ފޯކުލޯރު ފަންނުގެ ދިރާސީ މަސައްކަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް “އަންހެނުން ފޯކްލޯރގެ ދިރާސާގައި ބައިވެރިވުން” މި ސުރުހީގެ ދަށުން ޙަބީބާ ޙުސައިން ޙަބީބު ލިޔުއްވާފައިވެއެވެ؛

“1970 ވަނަ އަހަރުތަކުގެ ތެރޭގައި، ތަފާތު އެކި ގައުމުތަކުގެ އަންހެނުން ފޯކުލޯރާއި ފޯކުލޯރިސްޓުންގެ މަސައްކަތަށް ޙާއްޞަ ސަމާލުކަމެއް ދޭން ފެށިއެވެ. ފޯކުލޯރިސްޓުން އާ ނަޒަރިއްޔާއަކުން މި ޢިލްމަށް ބެލުމަށް އަންހެނުން ގޮވާލައިފިއެވެ. ފޯކުލޯރުގެ ތަކެތި ޖަމާކުރުމަށާއި، އެ ތަކެތި ދިރާސާ ކުރުމަށް އަންހެން ފޯކުލޯރިސްޓުން އުފެދުމަށެވެ”

ފޯކުލޯރު ފަންނާއި ފޯކުލޯރުތަކުގެ މައްޗަށް ޙަބީބާ ޙުސައިން ހަބީބު ވަނީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. ފޯކުލޯރު ފަންނުގެ ހާއްސަ އެކި ބައިތަކަށް ލިޔުއްވާފައިވެއެވެ. ފޯކުލޯރާއި ގުޅޭ “ރިވާޔަތީ ކަންތައްތައް Tradition” އާ ގުޅޭ ގޮތުން ވަކިން ލިޔުއްވާފައިވެއެވެ. “ފޯކުލޯރު” މި މަޢުޟޫއަށް ހާއްސަ ފޮތެއް ލިޔުއްވާފައިވެއެވެ. ފޯކުލޯރަކީ ތާރީޚާއި ސަގާފަތުގެ ވަކި ފަންނެއްގެ ގޮތުގައި ދެމެހެއްޓުމަށް ޙަބީބާ ޙުސައިން ޙަބީބު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ ޒިކުރާ އާކުރެވޭނެ ގައުމީ ހިދުމަތެކެވެ. އިސްކޫލު މަދަރުސާ ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނާއި ދިވެހި ތާރީޚާއި ސަގާފަތުގެ މައްޗަށް ހޯދައި ބަލައި، ދިރާސާކުރާ ފަރާތްތަކަށް އަގުހުރި ދަރުސްތަކެކެވެ. ފޯކުލޯރު ފަންނަށް ގެނެސްދެއްވި ދިރުމެކެވެ.

ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވުމަކީ ދިވެހި އަދަބާއި، ތާރީޚާއި، ސަގާފަތުގެ ދިރާސީ ދުނިޔެއަށް ލިބުނު ފަޅުކަމެކެވެ. “ހިތެއްގެ އިންދިރާސް” މި ނަމުގައި ޙަބީބާ ޙުސައިން ޙަބީބުގެ ކުޅަދާނަ އަދަބީ ގަލަމުން ލިޔުއްވާފައިވާ ފަދައިން؛

“ވިއްސާރަ ރޭތަކުގެ ފިނި ވައިގަޔާއި ވާރޭވެހުމުގެ މިޔުޒިކީ އަޑުގައި އިހަށް ހުރި އުފާވެރި، ހިތްގައިމު ގޮތެއް މިހާރަކު ނެތެވެ”. މާތް اَللّٰهُ، ޙަބީބާ ޙުސައިން ޙަބީބުގެ ފާފަ ފުއްސަވައި، ސުވަރުގެ މިންވަރު ކުރައްވާށި!

آمیـــــــــــــن

ހަންހާރަވެތި ހިތުގައިމިވާ ރަންމުތް އުފައްދާ މަންބަޢެއް

ފަންނާނަކަށް ނުވިޔަސް މިއަދު ރަމްޒެއްކަމަށް ނުބެލޭނެތޯ