ބައެއް ފަހަރު އެކަނިވެރިވާ ވަގުތުތަކުގައެވެ. ބައެއް ފަހަރު މެންދަންތަކުގައެވެ. މަޑުހޫނުގައެވެ. ހިޔާލު ހުސްވެ، ލިޔަން ދަތިވާ ވަގުތުތަކުގައެވެ. “މަޑުލު ވަހީދުގެ ކުރުވާހަކަތައް” ކިޔަމެވެ. މަދަރުސީ ދައުރުގައިވެސް، އަބަދުވެސްއެވެ. އެ ވާހަކަތަކުން ހިތަށް ހަމަޖެހުން ގެނުވައެވެ. އެ ވާހަކަތަކުން ގެންގޮސްދެނީ ޅަފުރައިގެ ދުވަސްތަކަށެވެ. ކުރީގެ ރާއްޖެތެރޭ ރަށެއްގެ ހިމޭން ކަމަށެވެ.
“އިރާކޮޅު ހިންގާފައި ހުރި ޖަނަރޭޓަރު ނިއްވާލާފައިވުމާއެކު ވަރަށް އަނދިރިއެވެ. އަލިކަމެއް ނެތް ރަށުގައި ތަރިތަކުންދޭ އަލިކަން ފުދޭވަރެއްގެ އައްޔަކަށްވެއެވެ”
އެއީ ދިވެހި ކުރުވާހަކައިގެ އެންމެ މޮޅު ސިފަކުރުންތަކެވެ. ދިވެހި ކުރުވާހަކަ ލިޔަންވީ ގޮތުގެ ތައްގަނޑެވެ. ވާހަކަލިޔުމުގައި ހިޔާލު ތަނަވަސްކުރާނެ ގޮތެވެ. އަދަބީ މޮޅު ލިޔުންތައް އުފައްދާނެ ގޮތެވެ. އެއް ދުވަހަކު މަޑުލު މުޙައްމަދު ވަހީދާއި ބައްދަލުވެ އެހީމެވެ. ވާހަކަލިޔުމުގެ ތެރެއަށް ވަދެވުނީ ކިހިނެއް ހެއްޔެވެ؟
“އަޅުގަނޑު ރޭޑިޔޯ ހަބަރު ލިޔަން އުޅުނީ 1972 ހިސާބުގައި. އޭރު ލިޔަން ފަށައިގެން އުޅުމުގެ ތެރޭގައި ބޭރު ހަބަރު ދިވެހި ބަހަށް ތަރުޖަމާކުރަން ފެށީ. އެ ތަރުޖަމާކުރުމުގެ ތެރެއިން އަޅުގަނޑަށް ވަދެވުނީ ލިޔުންތެރިކަމަށް. ދެން އެކި އެއްޗެހި ލިޔަން ފެށުނީ. އޭރު މޫންލައިޓަށް ވަރަށް ގިނައިން ލިޔުނިން”
ބޭރު ޚަބަރު ތަރުޖަމާކުރުމުގެ ތެރެއިން ވަދެވުނު ލިޔުންތެރިކަންވީ ދިވެހި އަދަބީ މޮޅު އުފެއްދުންތަކެއްގެ ފެށުމަށެވެ. ކުރުވާހަކަ ލިޔުމުގެ ފަންނުގެ އެންމެ މައްޗަށް ވަހީދު ވަޑައިގަތެވެ. “މަޑުލު ވަހީދު” އޭ ބުނުމުން ކިޔަވާ ކުދިންނާއި ދިވެހި އަދަބީ ލޯބި ހުރި އެންމެންގެ ހިތަށް “ކުރުވާހަކަ” ވަދެއެވެ. ދިވެހި މާއްދާ ކިޔަވައިދިނުމުގައްޔާއި ދިވެހި އިމްތިހާނު ކަރުދާހުގައިވެސް “މަޑުލު ވަހީދުގެ ކުރުވާހަކަ”ތަކުގެ ބޭނުން ހިފައެވެ. މިއަދު އެއީ މާނަވީ ތަރިކައެކެވެ.
“ބައެއް މީހުން އަޅުގަނޑުގާތު ބުނެއެވެ. ކަލޭ ލިޔާ ކުރުވާހަކަތައް ހާދަ ރަނގަޅެވެ. އެވާހަކަތައް ހާދަ ރީޗެވެ”. ބައެއް ފަހަރަށް އުފައުވެސްވެއެވެ. އަނެއްބައިފަހަރަށް އެއީ ހަމަ ތެދެއްބާވައޭ ހިތަށް އަރައެވެ. ސަބަބަކީ އަޅުގަނޑަކީ ކުރުވާހަކަ ލިޔާނެ ގޮތް ދަސްކޮށްގެންހުރި މީހަކީމެއް ނޫނެވެ. އަދި ކުރުވާހަކަ ލިޔާނެ ގޮތުގެ އިރުޝާދު ފޮތަކުން ލިބިގަނެފައިވާ މީހަކީމެއް ވެސް ނޫނެވެ. އެހެން ނަމަވެސް، އަޅުގަނޑުގައި ކުރުވާހަކަ ލިޔުމުގެ ކުޅަދާނަކަމެއް ހުރި ނަމަ، އެއީ އަޅުގަނޑަށް ނޭނގި އަޅުގަނޑުގައި ހުރި ސިފައެކެވެ. ނޫނީ ތަފާތު ފޮތްކިޔުމުގެ ސަބަބުންނާ ތަފާތު ފިލްމުތައް ބެލުމުގެ ސަބަބުން ސިކުނޑިއަށް އައިސްފައިވާ ބަދަލަކުންވާ ކަމެކެވެ”
މަޑުލު މުޙައްމަދު ވަހީދަށް ނޭނގި ނަމަވެސް ލިބިފައިވަނީ ދިވެހި އަދަބިއްޔާތުގެ ވަރަށް މަތީ ހުނަރެކެވެ. ސާދާ، ރީތި އިބާރާތްތަކުން ސިފަކުރުމެވެ. ސިފަކުރުމުގެތެރެއިން ތަނެއްގެ އަސްލު އިހުސާސް ކިޔާ މީހާއަށް ގެނެސްދިނުމެވެ. ވާހަކައިގެ ތެރޭ އުޅެވޭކަމުގެ އިހުސާސެވެ. ތަނުގެ ތެރޭގައެވެ. ތަނުގެ މޫސުމުގެތެރޭގައެވެ. ވާހަކައިގެ ކެރެކްޓާރ ތަކާއެކުގައެވެ.
“އިރުގެ އަލިކަމާ އެކު، މަސްވެރިން މަހުން ލަފައިފިއެވެ. އިޝާ ނަމާދުން ފެއިބިތާ މާ ގިނަ އިރުތަކެއް ނުވަނީސް ރަށުގެ އެންމެން ނިދައިފި ކަހަލައެވެ. މަގުތަކުގެ މަތިން މީހެއްގެ ހިލަމެއް ނުވެއެވެ. ވަރަށް މަދު ގެއެއްގެ ދޮރަކުން ނޫނީ ގަދަ އަލިކަމެއް ފެންނާކަށް ނެތެވެ.
ގަދައަށް ގުގުރައިގަތުމާ އެކު ފުޅައްބުޑުން ބުޅަލެއް ހޭރިގެންފިއެވެ. ސަކީނާގެ ތިން އަހަރަށްދާ ދަރިފުޅު ރޮއިގަތުމާ އެކު، އޭނާގެ މަންމަގެ ގައިގައި ހިފައިގެންފިއެވެ”
ވާހަކައަކީ ސަކީނާގެ ހިތާމައެވެ. ސަކީނާއާއި އިބްރާހީމްގެ ކައިވެންޏަށް އައި ނުތަވަސްކަމެވެ. ބަދަލުވި ކަމަށް ހީކުރެވުނު ލޯތްބެވެ. ސިފަކުރުންތަކުގެ ފުރިހަމަކަމުން ސަކީނާއާއި ދަރިފުޅާ އެކު އެ ދިރިއުޅުމުގައި ހުރެވުނު ފަދައެވެ.
“ދުނިޔެމައްޗަށް އިރުގެ އަލިކަން ފާޅުވާން ތައްޔާރުވަނީއެވެ. ރޭގަނޑު ކުރި ވިއްސާރައިގެ އަސަރުތައް ޖައްވުގައި އަދިވެސް އެބަހުއްޓެވެ. ވާރޭ ވެހެން ފަށާވަރަށް ވުރެ އުޑުމަތި ފަރާތް ހަރެވެ. ދޭތެރެ ދޭތެރެއިން ވިދާލައެވެ. އެހެންކަމުން މިއީ މާ އަވަހަށް އަލިކުރާނެ ވިއްސާރައެއް ނޫނޭ ހިތަށް އަރައެވެ. ވަގުތަކީ އާންމު ގޮތެއްގައި މީހުން ބޭރަށް ނުކުމެ އުޅޭ ވަގުތެއް ނޫނެވެ. އެހެން ނަމަވެސް، ފަތިސްނަމާދަށް ތެދުވި މީހުން ފަޅުއޮޑިފަހަރު ބަލައިލަން ނަމަވެސް، އަތިރިއަށް ދާން ނަމަވެސް، ހިސާބަކަށް ގޮނޑުދޮށަށް ނިކުމެ އުޅޭތީ ފެނެއެވެ”
މަޑުލު މުޙައްމަދު ވަހީދުގެ “އެގޮތުގައި…” ރަށެއްގެ ފަތިހެއްގެ މަނާޒިރެވެ. ހާދަ ފުރިހަމައެވެ. ބަސްތައް ސާދާއެވެ. ދުވަހުގެ މޫސުމުގެ އިހުސާސް ކިޔަމުން ދާ މީހާއަށް ގެނުވައެވެ. އެ މޫސުމުގައި ރަށެއްގެ ފަތިހުގެތެރެއަށް، ގޮނޑުދޮށަށް ދެވޭ ކަހަލައެވެ.
ވާހަކަތަކުގައި ރަށްފުށުގެ އިހުސާސް އެހާ މޮޅަށް، އެހާ ފުރިހަމައަށް ގެނެސްދެއްވަނީ ކިހިނެއްތޯ އެހީމެވެ.
“އަހަންނަކީ ރާއްޖެތެރޭ މީހެއް”
ވިދާޅުވީއެހެނެވެ.
މަޑުލު ވަހީދުގެ ވާހަކަތަކުގައި އާންމު އެއް ސިފަކުރުމަކީ މީހެއްގެ ކެއްސައިގަތުމެވެ.
“ފުށާ ހަކުރު ހޯދަން ވިޔަފާރިގެއަށް ދާން ވިސްނާލާފައި ހިތަށް އެރިއެވެ. ލޭންދޭނު މާ ބޮޑުވެއްޖެއެވެ. އިތުރަށް ނަގާކަށް ނުވާނެއެވެ .. ކާއެއްޗެއް ނުނެގިޔަސް ދުންފަތްކޮޅެއް ނުނަގައެއް ނުވާނެއެވެ. ވިޔަފާރިގެއާ ދިމާއަށް ހިނގައިގަތްތަނާ އެއްކަލަ ކެއްސުންގަނޑު އަތުވެއްޖެއެވެ.. ބޮޑުއާވިކޮޅެއް ލިބޭނެ ނަމަ، ރަނގަޅުވާނެއެވެ” – ބިލާހެއް
“ކުރިމަތީގައި ހުރި ގެއެއްގެ އުނދޯލި ހެއްލޭކަން އެ އުނދޯލީގެ ވަހުން ކިޔާ ތޫލި އަޑުން އަންގައިދެއެވެ. ހިތަށް އެރިއެވެ. މިހާރު މި އުޅޭނީ ކިހާ އިރެއް ވެގެން ބާވައެވެ. ގަޑިއަށް ބަލައިލާފައިމެ، ހަނދާންވީ މި ގަޑީގެ އަކުރުތައް ހުރީ ދިއްލޭ ގޮތަށް ނޫންކަމެވެ. މީހަކު ގަދަ ކެއްސުންވަރެއްގައި ކެއްސައިގެންފިއެވެ.. އެ އަޑަށް ކަންނޭނނގެއެވެ. ކުއްޖަކު ހޭލައިގެން އޮއިގެންފިއެވެ. ނިދި އަޑަކުން އަންހެނަކު އޫން! އޫން! އޫން! ކިޔަން ފަށައިފިއެވެ – ފިނިމެންދަމެއްގެ މަޑު ހޫނު
“މުސްކުޅިޔާ އޭނާގެ އަތުގައި އޮތް ބިޑި އެހެން މީހެއްގެ އަތުން އަލިފާން ހޯދައިގެން ރޮކޯށްފިއެވެ. އަދި އަހަރެންގެ ބިޑި ރޯކުރުމަށް އޭނާގެ ބިޑި ދިއްކޮށްލިއެވެ.. ދުންފަތުގެ ދިލަގަނޑު ޖެހުމާއެކު ކެއްސަން ފެށިއެވެ. ނުހުއްޓުނެވެ” – ގެއްލުނު ބުއްދި
މި ސަފަކުރުން ގެންނަނީ ކީއްވެތޯ އެހީމެވެ.
” ދުންފަތުގެ އިސްތިއުމާލު ކުރާތީއާ އަންހެނުން ބަދިގޭގައި އުޅޭތީ އާ އެހެން ވީމަ އާންމު ކަމެއް އޭރު ކެއްސާ އަޑު އިވުން. ރަށެއްގެ މާހައުލު ސިފަ ކުރާއިރު ކެއްސައިގަންނަ އަޑު އެއީ އާންމު އަޑެއް”
ސިފަކުރުންތައް ގެންނަވާއިރު އެ މާހައުލަކުން އިވޭ އެކި އަޑުތައް ގެނައުމުން ސިފަކުރުންތަކަށް ފުރިހަމަކަން ގެނުވައެވެ.
~
ކްރިއޭޓިވް ރައިޓިން، އުފެއްދުންތެރި ލިޔުމަކީ އަދަބީ ފަންނެކެވެ. އުފެއްދުންތެރި ލިޔުން ހިމެނޭ އަދަބި އެއް ދާއިރާ އަކީ ކުރުވާހަކައެވެ. އުފެއްދުން ލިޔުންތެރިކަމަކީ އަމިއްލައަށް ތަރައްގީކުރެވިދާނެ ހުނަރެކެވެ. މަޑުލު މުޙައްމަދު ވަހީދު އިރުޝާދު ދެއްވައި ލިޔުއްވާފައިއެވެ؛
“ކްރިއޭޓިވް ރައިޓިންގ އެހެން ގޮތަކަށް ދަންނަވާނަމަ އުފެއްދުންތެރި ލިޔުމަކީ މަޑުމަޑުން ތަރައްގީ ކުރެވިދާނެ ފަންނެކެވެ. އުފެއްދުންތެރި ލިޔުމުގައި ހުންނާނީ އަމިއްލަ ހިޔާލުން ލިޔެފައިވާ ވާހަކަތަކެވެ .. އުފެއްދުންތެރި ލިޔުންތެރިކަމުގައި ބަސް ތިމާ ބޭނުންވާ ގޮތްގޮތަށް ހާނުވާ ތިމާ ބޭނުންވާ ތައްގަނޑުތަކަށް ވިރުވާ އަޅާލަދެއެވެ .. އުފެއްދުންތެރި ލިޔުންތެރިކަމަކީ އާދާޔާ ހިލާފު މަސައްކަތެކެވެ”
“އަހަރެން ކަލޭ ދުށީ އެކަނިވެރި ރެއެއްގައި ހަނދު ހޯދަން ދަނިކޮށެވެ”
ވަހީދުގެ ކުރުވާހަކައަކުން އެންމެ ޖުމްލައެކެވެ. އުފެއްދުންތެރި ލިޔުމަކީ އާދަޔާ ހިލާފު މަސައްކަތެއް ވިދާޅުވެފައި އެ ވަނީ މި ފަދަ މަސައްކަތަށެވެ. އެންމެ ޖުމްލައެކެވެ. ނަމަވެސް، މާހައުލާއި މުޅި ވާހަކަ ކިޔައިދޭފަދައެވެ. އިހުސާސް އޭގެ އެންމެ ފުރިހަމައަށެވެ. މަޑުލު ވަހީދުގެ ކުރުވާހަކަ ލިޔުމުގެ ތަޖުރިބާއިން ލިޔުއްވާފައިވެއެވެ؛
“އެއްބަސްވެވަޑައިގަންނަވާނެ ފަދައިން، ހިޔާލެއް ނެތި ހުސްއަތާ އިށީނދެ އެކަކަށްވެސް ވާހަކައެއް ނުލިޔެވޭނެއެވެ. ސިކުނޑީގައި ހިޔާލެއް އުފެދިގެން އެ ހިޔާލުގެ މައްޗަށް ވާހަކައެއްގެ ސިފަ ގެންނަނީއެވެ”
ވަހީދުގެ ހިޔާލު ތަނަވަހެވެ. ވަހީދުގެ ކުރުވާހަކަތަކުން ހިޔާލު ހިންގަވާފައިވާ ދާއިރާތައް ގިނައެވެ. އުފެދޭ ހިޔާލެއް އުފެއްދުންތެރި ލިޔުމަކަށް ބަދަލުކޮށްލެއްވުމުގައި ކުޅަދާނައެވެ. ހިޔާލާ މެދު ވަހީދު އިތުރަށް ލިޔުއްވާފައިވާ ފަދައިން، “ހިޔާލުތަކުގެ ދުނިޔޭގެ މޮޅުކަމަކީ އެއީއެވެ. ސިކުންތެއްގެ ތެރޭގައި މުޅި ދުނިޔޭގައި ބުރެއް ޖަހާފައިވެސް އާދެވިދާނެއެވެ”.
ކުރުވާހަކައިގެ ސިފަތައް މަޑުލު ވަހީދު އަޅުގަނޑަށް ކިޔައިދެއްވާފައިވާ ގޮތަކީ މިއެވެ؛
– ކުރުވާހަކަ އެކި މިނަށް ލިޔެވޭނެ. 8 ސަފްހާ 20 ސަފްހާއަށްވެސް ލިޔޭވޭނެ
– ކުރުވާހަކަ ލިޔުމަށް ވަކި މިނެއް ކަނޑައެޅިފައި ނޯވެ
– ކުރުވާހަކައެއްގައި އޮންނާނީ އެއް ހާދިސާ، އެ ހާދިސާއެއް ފެށިގެން އެ ހާދިސާއެއް ނިމޭ ގޮތް ވާހަކައިގައި އޮންނަން ވާނެ
– ކުރުވާހަކައިގައި މާ ގިނަ ސިފަކުރުންތަކެއް ނުހުންނާނެ
– ކުރުވާހަކައިގައި ޑައިލޮގްތައް މަދުވާނެ
“ގިނައިން ކިޔުއްވަން ވީ އޭރުން އެ ސްޓްއިލް ލިބޭނެ”
~
މަޑުލު ވަހީދުގެ ކުރުވާހަކަތަކުގެ ތެރެއިން އެންމެ ރީތި، އެންމެ އެންމެ އުފެއްދުންތެރި އެއް ވާހަކައަކީ “ފިނި މެންދަމެއްގެ މަޑު ހޫނު..”އެވެ. މިއީ ވާހަކަލިޔުންތެރިކަމާ ގުޅޭ ގޮތުން ކިޔަވައިދޭ އިރު އެންމެ ގިނައިން ބޭނުންކުރާ އެއް ވާހަކައެވެ. ވަހީދުގެ ވާހަކަތަކުގެ ތެރެއިން އަޅުގަނޑުގެ ޝައުގުވެރިކަން އެންމެ ބޮޑު ވާހަކައެވެ. ކުރުވާހަކަލިޔުމާ ގުޅޭ އިރުޝާދުތަކެއް ކިޔައި ދެއްވި ދުވަހެއްގައި “ފިނިމެންދަމެއްގެ މަޑު ހޫނު”ގެ ވާހަކަ ވަހީދު ކައިރިން އެހީމެވެ؛
“އެއީ ބިރުވެރި ވާހަކައެއް ލިޔަން ވެގެން އަޅުގަނޑު ކުރި މަސައްކަތުގެ ނަތީޖާ”
ފިނިމެންދަމެއްގެ މަޑު ހޫނަށް ހިންގަވާށެވެ!
“ދުރުގައި ހުރި ބިޔަ ނިކަގަހުން ވާތަކެއް އުދުހިގެންފިއެވެ. އެ ވާތައް އެއް ފަހަރާހެން ގޮވައިގަތުމާ އެކު ހަމަހިމޭން ދަންވަރުގެ އޮމާންކަން ގެއްލިއްޖެ ކަހަލައެވެ..”
ވާހަކައެއްގެ ރީތިކަމަކީ ސިފަކުރުންތަކާއި ޑައިލޮގްތައް ގެނެސްދޭ ގޮތެވެ. ސިފަކުރުންތަކާއި ޑައިލޮގްތަކުގެ ތެރޭގައި ޝައުގުވެރިކަން ހިފެހެއްޓުމެވެ. އެއް ފޮޅުވަތް ކިޔާފައި އަނެއް ފޮޅަވަތަށް ދާހިތްވުމެވެ. “ފިނިމެންދަމެއްގެ މަޑު ހޫނު” އަކީ ވާހަކަލިޔުންތެރިކަމުގެ ނަމޫނާއެކެވެ. ދިވެހި ކުރުވާހަކައިގެ އެއް “މާސްޓަރޕީސް” ހޮވާނަމަ އެއީ މި ވާހަކައެވެ.
“ތިޔަ ގެ އަކީ އަހަރެންގެ ގެ. އަހަރެންގެ ނަމަކީ ނެވި ކުޑަތުއްތު”
“އެކަމަކު އިރާކޮޅު އަހަރެން ކަލެއެއް ނުދެކެން. އަހަރެންގެ ނަން އެނގުނީ ކިހިނެއް؟”
“އަހަރެން މިހާރު އުޅެނީ މިގެޔަކު ނޫން. މި ރަށަކުވެސް ނޫން. ނަން އެނގުނު ގޮތަކީ، އަހަރެންގެ ގޭގައި ނިދާ މީހުންގެ ނަން އެންގެން ޖެހޭތީ”
“މިގޭގައި ނޫޅޭންޏާ މިހާ ދަންވަރު މިހެން ތިދަނީ ކޮންތާކަށް؟”
“މިދަނީ މޫދަށް”
“މިހާ ދަންވަރު؟”
“ކަނޑުގެ ދަރިންނަށް މޫދަށް ދިއުމަށް އިރެއް އިރެއް އޮވޭތަ؟”
ސާދާ ރީތި އިބާރާތްތަކަކުންނެވެ. ކިޔާ މީހާގެ ޝައުގުވެރިކަން ކޮންމެ ޑައިލޮގްކޮޅަކަށް ދަމައިގަނެއެވެ.
“މިހެން ބުނެފައި އޭނާ ހިނގައިގެންފިއެވެ. އަހަރެން ހިތް ހަމަ ޖެހޭ ގޮތެއް ނުވިއެވެ. ޝައްކުތައް ވަދެއްޖެއެވެ. އޭނާ އެއޮށް ދަނިއެވެ. އެހެން ނަމަވެސް ހިނގާފައެއް ނޫނެވެ. ފައިގުޑުވާހެނެއް ހިޔެއް ނުވެއެވެ. އަދިރިކަމުން ނޭނގެނީ ކަންނޭގެއެވެ. ނޫނެކެވެ. އޭނާގެ އަތެއް ފަޔެއްވެސް ހަރަކާތެއް ނުކުރެއެވެ. އެކަމަކު އައިސްމަތީގައި ސޮހެމުންދާ ބުދެއްހެން އެއޮއްދަނީއެވެ”
އެ ދިމާވީ އަސްލު ނާމާންކަމެއްތޯ ވަހީދު ކުރެން އެހީމެވެ.
“އެއީ ފާރުބުރިކައިރީ ހުރި އިރު ދަންވަރަށް ހިތަށް ވަތް ބިރުވެރިކަމެއްގެ ތެރެއިން އޭނަ އަށް ވަސްވާސްތައް ވަނީ. އަސްލުކަމަކާ ނޫން.. އޭނަ މި ގުޅުވީ ހުރިހާ ކަމެއް ވަސްވާހާ. މި ވާހަކައަކީ އުފެއްދުންތެރި ހިޔާލެއް”
ނުވިކުޑަތުއްތަކީ އަސްލު މީހެއްތޯ އެހެމުން ޖަވާބު ދެއްވީ ހިނިގަނޑަކުންނެވެ.
ކުރުވާހަކަ ލިޔުމުގެ ތަޖުރިބާއިން ވަހީދު ލިޔުއްވާފައިވެއެވެ؛
“ކުރުވާހަކައަކީ ހިތުގައި ހިނގާ ޝުއޫރެއް ނުވަތަ ހިޔާލެއް ލިޔެލުމެވެ. ފެށުމަކާއި މައިގަނޑަކާއި ނިމުމެއް އޮންނަ ގޮތަށެވެ. ވާހަކައެއްގައި މިވެނި ޝަރުތުތަކެއް ހުންނަން ވާނޭ އެވެނި ހަމަތަކެއް ހުންނަން ވާނޭ ބުނެއެވެ. މިއީ އަޅުގަނޑު މާ ބޮޑަށް ގަބޫލުކުރާ ކަންތައްތަކެއް ނޫނެވެ”
މަޑުލު ވަހީދުގެ އެންމެ މޮޅު އެއް ވާހަކަ އަކީ “އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށް ވެފައި” އެވެ.
“އެމެރިކާ ޖިންސާ ޗައިނާ ފެންފައިވާނާ އެމެރިކާ ފޮލާލީން ގަމީހުގައި މި ފަސްގަނޑަށް އަރައިގެން މިހިރަ ހިނގާފައި ދަނީ މާޒީއެއް ނެތި ދާ މީހެއްގެ ގޮތުގައެވެ. ބޭރުން އައި ޓުވަރިސްޓެއްގެ ގޮތުގައެވެ. ލަދެއް ނެތެވެ. ތިމާގެ ޝަހުސިއްޔަތު ދެއްކިދާނެހެން ހީވާ ދަނޑިވަޅެއްގައި މާޒީގެ މަތިން ހަނދާންކުރަނީ ކާކުބާވައެވެ؟”
މިއީ ކޮން ހިޔާލެއްގެ މައްޗަށް ލިޔުނު ވާހަކައެއްތޯ ވަހީދުން ކުރެން އެހީމެވެ.
“ބޯޓުދަތުރުކުރާ މީހުންނާ މެދު ކުރެވުނު ހިޔާލެއްގެ ތެރެއިން”
އެއީ ބޯޓުދަތުރުކުން އާންމުވެފައިވާ ދުވަސްވަރެވެ. ރަށެއްގެ އެންމެ ތަނަވަސް މީހާއަކީ ބޯޓް ދަތުރުކޮށްފައި އަންނަ މީހާއެވެ. ވާހަކައިގައިވާ ސިފަކުރުންތައް މޮޅެވެ. އިހުސާސްތައް ގެނުވައެވެ.
“ރިހިސިލިންޑަރު..” އޭ ބުނުމުން އެ ވާހަކަ ނޭނގޭ ބަޔަކު މަދުވާނެއެވެ. އެއީ ދިވެހި އިމްތިހާނު ކަރުދާސްތަކާއި ދިވެހި މާއްދާ ކިޔަވައިދިނުމުގައިވެސް އާންމުކޮށް ބޭނުންކުރާ ވާހަކައެކެވެ. ދަރިވަރުންނަށް ވާހަކަ ލިޔުމުގެ ހިޔާލާއި ވާހަކަ ލިޔެފައި ހުންނަ ގޮތްތަކުގެ މައްޗަށް ވިސްނުމަށެވެ. ވާހަކައަކީ ތާރިޚީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ފުރަތަމަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ބ. ކުޑަރިކިލުގައި “ބޮމެއް” ގޮވި ހާދިސާއެވެ. ތާރީޚީ ހާދިސާތަކުން ހިޔާލު އުފެއްދައި އުފެއްދުންތެރި ލިޔުމަށް ބަދަލުކުރާ ގޮތުގެ ރީތި ނަމޫނާއެކެވެ.
“ހަސަންފުޅު އަވަށާ ހަމަޔަށް ނުދެވެނީސް ވޯކީޓޯކީ ހިފައިގެން އަތިރިމައްޗަށް ދިޔަ އޮފީހުގެ ކާތިބާ ދިމާވެއްޖެއެވެ. އަދި ތުނޑިއަށް އެއްޗެއް ލައްވެފައި އޮތް ވާހަކަ ކަތީބަށް ނަންގަތުމަށް ބުނެފައި ގޭދޮށަށް ހިނގައްޖެއެވެ. ކާތިބު ހިތަށް އެރިއެވެ. މިސްކިތްމަގުން އަތިރިމައްޗަށް ފޭބުމުގެ ބަދަލުގައި ވޯކީޓޯކީ ހުޅުވާނީ ތުނޑިއަށް ގޮހެވެ.. ހިނގުން ބާރުކޮށްލާފައި އަތިރިމަތިން އޭނާ ބެހެއްޓީ ތުނޑިއާ ދިމާއަށެވެ
ރަށުގެ މެދުތެރޭގައިވާ މަގުން އަރުއްވައިގެން ދުރުވެ އަވަށާ ވަރަށް ކައިރިވެފައި ވަނިކޮށް ހޮނު ގުގުރިއެއް ޖެހިފަދަ ގަދަ އަޑެއް އިވިއްޖެއެވެ”
“ރިހިސިލިންޑަރު..” ވާހަކަ ލިޔުނީ ކުޑަރިކިލުގައި ބޮންގޮވި ހާދިސާގެ މައްޗަށްތޯ ވަހީދުކުރެން އެހީމެވެ. ވިދާޅުވީ؛
“ކުޑަރިކިލު ބޮން ގޮވި ވާހަކައިން ރިހިސިލިންޑަރު ވާހަކައިގެ ހިޔާލު އައީ. ކުޑަރިކިލަށް ވެސް ދިޔައިން. ބޮންގޮވިފަސްގަނޑަށް ވެސް ދިޔައިން. އެ ވާހަކަ ރަށު މީހުން ކިޔައިދިން”
މަޑުލު ވަހީދަކީ ވާހަކަ ލިޔުމުގެ ފަންނުގައި އާދަޔާ ހިލާފް މޮޅު ބޭފުޅެކެވެ. ހާއްސަގޮތެއްގައި ވާހަކަތަކުގައި ގެންނަވާ ސިފަކުރުންތަކެވެ. ސިފަކުރުމަކީ ވާހަކަ ލިޔުމުގައި އެންމެ އުނދަގޫ ހުނަރެވެ. ގިނަ ޑައިލޮގްތަކާ ހާސަރުތަކެއް ދެމިދާނެއެވެ. ރީތި ސިފަކުރުންތަކެއް ނުހިމެނޭނަމަ އެ ވާނީ ކިޔަން ފޫހި ވާހަކައަށެވެ.
“ހެނދުނު ވެހުނު ވާރޭން މަގުމަތީގައި ހެދިފައިވާ ފެންގަނޑުތަކުން ނެއްޓެމުން ހިނގާ މީހުން އަވަސް އަވަހަށް ކޮޅުކޮޅުމައްޗަށް ދެއެވެ. ރޯލު އަވަސްވެފައިވާ ފިލްމެއް ފަދައެވެ”
ދިވެހި ލިޓެރޭޗާރ ރިވިއުތައް ލިޔުއްވާ ނަސްމާ އަބްދުލް މުޙްސިން، މަޑުލު މުޙައްމަދު ވަހީދުގެ ކުރުވާހަކަ ލިޔުއްވުމުގެ ހުނަރާ މެދު ލިޔުއްވާފައިވެއެވެ؛
“ދިވެހި ކުރުވާހަކައިގެ މާހިރުންގެ ތެރެއިން އިބްރާހިމް ޙުސައިން މަނިކަކީ އިޖުތިމާއީ ކޮމެންޓޭޓަރު ކަމުގައިވާ ނަމަ، މުޙައްމަދު ވަހީދަކީ އިހުސާސްތަކާއި ޖަޒުބާތުތަކުގެ ކޮމަންޓޭޓަރޭ ދެންނެވިދާނެއެވެ. ކޮންމެއަކަސް ދިވެހި އަދަބީ ގުލްޝަނަށް ވަހީދު ދޫކުރައްވާފައިވާ ވާހަކަތަކުގެ އެހީގައި ތިމާގެ އިހުސާސްތައް ތަހުލީލުކޮށްލާނެ ފުރުސަތު ތަނަވަސްވެގެންދެއެވެ”
މަޑުލު މުޙައްމަދު ވަހީދަކީ ދިވެހި ކުރުވާހަކައިގެ އިހުސާސެވެ.
“… ކުއްލިއަކަށް ވިއްސާރަ ހުއްޓިއްޖެއެވެ. މުޅި ދުނިޔެ ހިމޭންވެއްޖެއެވެ. އަފުނޯސް ކައްޓެއް ވައްޓާލިޔަސް އެ އަޑު މިހާރު ވަރަށް ގަދަވާނެއެވެ”
ކިޔުންތެރިޔާއަށް އެ ހިމޭންކަން އިހުސާސްކުރެއްވިއްޖެއެވެ. ސިފަކުރުން ކިހައި ފުރިހަމަ ހެއްޔެވެ؟
“ފަތިހުގެ ހާ ގޮވަން ފަށައިފިއެވެ. އަނެއްކާވެސް އައު ދުވަހަކެވެ. އެއްވެސް ތަފާތެއް ނެތް ދުވަހެކެވެ”
ނަމަވެސް މިއަދުތަފާތެވެ. ދުވަހަކީ ފަޅު ދުވަހެކެވެ. ދިވެހި ވާހަކަލިޔުންތެރިކަމާއި އަދަބިއްޔާތަށް ފަޅުކަން ގެނުވި ދުވަހެކެވެ. ދިވެހި އަދަބީ ގުލްޝަނުގައި ވަނީ ފަޅުކަމުގެ އިހުސާސެވެ. އެ ފަޅުކަމުގެ ތެރޭގައި ވަނީ ކިޔާނެ ރީތި ވާހަކަތަކާއި ވާހަކަލިޔުންތެރިކަމުގައި ކުރިއަށް ދިއުމަށް ދެއްވާފައިވާ މަޑުލު މުޙައްމަދު ވަހީދު އިރުޝާދުތަކެވެ. އެއީ މިއަދުގެ ޖީލަށް ބޭނުންތެރި އަދަބީ ފިލާވަޅުތަކެކެވެ.
~
ހަވާލާ:
- މަޑުލު ވަހީދުގެ ވާހަކަތަކާ ގުޅޭ ގޮތުން ދެއްވާފައިވާ ބައެއް މައުލޫމާތު
- އަޅުގަނޑުގެ ތަޖުރިބާ، ކުރުވާހަކަ ލިޔުން، މަޑުލު ވަހީދުގެ ލިޔުއްވުމެއް
- އުފެއްދުންތެރި ލިޔުން، މަޑުލު ވަހީދުގެ ލިޔުއްވުމެއް
ވަރަށް ފުރިހަމަ އާޓކަލެއް. ލިޔުންތެރިކަން ފުރިހަމަ ކަމުން ދެވަނަ ފަހަރަށްވެސް ކިޔާލެވިއްޖެ.
މަޑުލު ވަހީދު މިޖީލަށް ދޫކޮށްދީފައި އެވަނީ ދުވަހަކުވެސް އޭގެ އަގުނުކުރެވޭނެ މުހިންމު ތަރިކަ ތަކެއް.
ﷲ ސވ. މަރުހޫމްގެ ފާފަތައް ފުއްސަވާ ޖަންނަތުލް ފިރުދަޢުސްގެ އެންމެ މަތީ ދަރަޖަ މިންވަރު ކުރައްވާށި.
އާމީން!