ފާގަތި ޒަމާން
“އަހަރަކީ ހިޖުރައިން 1358 ވަނަ އަހަރެވެ. ފެންނަ ފެނުމަށް ދިވެހި ރާއްޖޭގައި ރަސްކަންކުރަނީ ހިތްހަމަޖެހުމާއި އަމާންކަމެވެ. ސުލްހަވެރިކަމާއި ބާއްޖަވެރިކަމެވެ. ރާއްޖޭގެ ސިންގާ ސަނާގައި އިންނެވީ އައްސުލްޠާން ޙަސަން ނޫރައްދީނުއް ޘާނީ އިސްކަންދަރު މަހާރަދުންނެވެ. ކާބޯތަކެތި ރާއްޖެއަށް އައިސްހުރީ ރާއްޖޭގެ ތާރީޚު ނުދެކޭ ފަދަ މަތިވެރި މިންވަރަކަށެވެ. ބާޒާރުގެ ފިހާރަތައް ފުރިފައިވަނީ، އިންސާނެއްގެ ހިތަށް ސިފަކުރެވޭހައި އެއްޗެތީންނެވެ. ފޭރާމުގެ ވައްތަރު ވައްތަރު ގިނަގުނަވެފައި ހައިރާންވާފަދަ އަގުހެވެވެ”
ދެވަނަ ބޮޑު ހަނގުރާމަ ފެށުނު ދުވަސްވަރުގެ ރާއްޖެ ސިފަކުރައްވައި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނޭކިލެގެފާނު ދެވަނަ ބޮޑު ހަނގުރާމައިގެ ތާރީޚްގެ ގޮތުގައި ލިޔުއްވި “ދިވެހި ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި” މި ފޮތުގައި ލިޔުއްވާފައިވެއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ވިލާތައް ދުނިޔެ ބަނަ ކުރަމުން ދިޔައިރު ރާއްޖޭގައި އޮތީ އުފާ ފާގަތިކަމާއި ތަނަވަސްކަމެވެ. ޙިޖުރައިން 1357 ވަނަ އަހަރުގެ ޖުމާދިލް އާޚިރާ މަހުގެ 22 ވަނަ ދުވަހު އައްސުލްޠާން ޙަސަން ނޫރައްދީނުއް ޘާނީއަށް ކޮލިލުމުގެ އުފާވެރި މަންޒަރުތަކުން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ލިބުނު ފިނިކަމުގައި އެއިރު 13 މަސް ފާއިތުވެ ހިނގައްޖެއެވެ. މުޙައްމަދު އަމީން ލިޔުއްވާފައިވެއެވެ:
“ދުނިޔޭގެ ދިރިއުޅުމަކީ ތޮށަލި ދުޅަޔަށް ހިނގަމުންދާ އެއްޗެއްކަން އާންމުންގެ ހިތްތަކުން ވަނީ ކެހިގެން ގޮސްފައިކަން ކަށަވަރެވެ. ތިޔާގިކަމުގެ ދުވަސްވަރެއްގެ މައްޗަށް އަލިއަޅުވައިލި އިރެއް، ތަދުމަޑުކަމުގެ ދައުރަކަށް ވެސް އަލިއަޅުވައިލުމަކީ އެކަށީގެންވާ ކަމެއްކަމުގައި ހީވާ މީހުން ވަރަށްވެސް މަދެވެ. ކުއްލިއަކަށް މުޅި ދުނިޔެމަތި ބަނަވުމީ ވެސް ޤުދްރަތީ ޤާނޫނެއްކަން ވަނީ ގިނަ މީހުންގެ ހިތްތަކުން ކެހިގެން ގޮއްސައެވެ”
ދެވަނަ ބޮޑު ހަނގުރާމަ ފެށުން
“ގަޑީގެ ކަށި ހުރެގެން އެނބުރެއެވެ. ސިކުންތަކަށް ފަހު ސިކުންތެއް، މިނިޓަކަށް ފަހު މިނިޓެއް، ގަޑިޔަކަށް ފަހު ގަޑިޔެއް ވެއަތުވެދެއެވެ.
ޓިން! ޓިން! ނުވައެއް ޖަހައިފިއެވެ.
1939 ވަނަ އަހަރުގެ ސެޕްޓެމްބަރުން 3 ވީ އާދީއްތަ ދުވަހުގެ ހެނދުނު 9 ޖެހި އިރެވެ. އިނގިރޭސީންނާއި ފަރަންސޭސީން ޖަރުމަނުންނާއި ދެކޮޅަށް ހަނގުރާމައިގެ އިއުލާން ކުޅަ ތާރީޚީ ވަގުތެވެ. އާދޭހެވެ! ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށުނީއެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. ހަނގުރާމައިގެ ވަރުގަދަ އެނބުރޭ އޮއިގަނޑެއްގެ ތެރެއަށް ދުނިޔެ ވެއްޓިއްޖެއެވެ. އާދޭހެވެ! އާދޭހެވެ! އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަކީވެސް ކިތަންމެ ކުޑަ ނަމަވެސް ދުނިޔޭގެ ބައެކެވެ” – ދެވަނަ ބޮޑު ހަނގުރާމައިގެ ފެށުން ސިފަ ކުރައްވައި މުޙައްމަދު އަމީން ހަނގުރާމައިގެ ތާރީޚުގައި ލިޔުއްވާފައިވެއެވެ.
ދެވަނަ ބޮޑު ހަނގުރާމަ ފެށުނީ މީލާދީން 1939 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ނާޒީ ޖަރުމަނުން ފޮލެންޑަށް އަރައި އެ ގައުމު ހިފުމާއި އެކު ސެޕްޓްބަރުން 3 ވީ އާދީއްތަ ދުވަހު އިނގިރޭސީންނާއި ފަރަންސޭސީން ޖަރުމަނާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމުންނެވެ. އައްސުލްޠާން ޙަސަން ނޫރައްދީނުއް ޘާނީގެ ރަސްކަމުގައި ހިތްހަމަޖެހޭފަދަގޮތެއްގައި ހިނގަހިނގައި އޮތް ދިވެހި ރާއްޖެ ހަނގުރާމައިގެ ބަނަކަމާ ކުރިމަތިލާން ޖެހުނީއެވެ. މާލެއަށް ދެވަނަ ބޮޑު ހަނގުރާމައިގެ ހަބަރު އައި ގޮތާއި މެދު މުޙައްމަދު އަމީން ލިޔުއްވާފައިވެއެވެ:
“ދުވަހަކީ ޝައްވާލު މަހުގެ ފަސްވަނަ ދުވަހެވެ. ވަގުތަކީ މެންދުރުގެ ވަގުތެވެ. 12 ޖަހާ 22 މިނެޓް ހިނގިތަނާ މާލޭގެ ބަނދަރަށް ނަގިލި ވައްޓައިލީ އަކްބަރު ޢަލީ އަޙްމަދު ޢަލީގެ “ކީސްތީފަތޭ” ފިއަވާ އެހެން ބަނގަލާއެއް ނޫނެވެ. ބޯޓުގެ ކައިރިޔަށް މީރުބަހުރު ދިޔަތާ ކުޑަ އިރުކޮޅެއް ވެއްޖެއެވެ.
“ކީސްތީފަތޭ” ގެ ނަކުވާގެ ކިބައިން މީރުބަހުރަށް އިވުނު ވާހަކައަކީ އިނގިރޭސިންނާއި ޖަރުމަނުން ހަނގުރާމަ ފެއްޓި ހަބަރެވެ. ދުނިޔެ އަދި ނުދެކޭ ފަދަ ހަނގުރާމަޔަކަށް ދުނިޔެ ކުރިމަތިލައިފިއެވެ”
މާލެއަށް ދެވަނަ ބޮޑު ހަނގުރާމަ ފެށުނު ހަބަރު ގެނެސްދިން އަކްބަރު ޢަލީ އަޙްމަދު ޢަލީގެ “ކީސްތީފަތޭ” އަކީ މާލޭގައި ވިޔަފާރިކަމު ފައިބާ ތިބި ވޯރާއިންގެ ބަނގަލާއެއްކަން ފިޔަވައި އިތުރު މައުލޫމާތެއް އެނގޭކަށް ނެތެވެ.
މާލެ ދުށް ދެވަނަ ބޮޑު ހަނގުރާމައިގެ އުޅަނދުފަހަރު
ދެވަނަ ބޮޑު ހަނގުރާމައިގައި މާލެ ބަނދަރުކުރި ހަނގުރާމައިގެ އުޅަނދުފަހަރުގެ މައުލޫމާތު އެއްކުރެވިފައިވަނީ 1949 ވަނަ އަހަރު އިންޑިއާގެ ކަލްކަތާގެ ސިތާރާ ހިންދު ޕްރެސް އިން އިން ޗާޕުކޮށްފައިވާ މުޙައްމަދު އަމީން ލިޔުއްވި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ތާރީޚް ފޮތް ” ދިވެހި ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި” މި ފޮތުންނާއި ހަނގުރާމަ ނިމުމަށް ފަހު ހިގާ ދިޔަ ކަންކަމުގެ ތާރީޚުގެ ގޮތުގައި މުޙައްމަދު އަމީން ލިޔުއްވާފައިވާ “ހަނގުރާމައަށް ފަހު ދިވެހި ރާއްޖެ 1” މިފޮތުންނާއި؛
މުޙައްމަދު އަމީނަށް ފަހު އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނުން އަންގަވައިގެން ވަޒީރުލް އަޢުޡަމް އޮފީހުން ލިޔުއްވަމުން ދިޔަ ހަނގުރާމައިގެ ފަހަށް ހިނގާ ދިޔަ ކަންކަމުގެ ތާރީޚް އެކުލެވޭ “ހަނގުރާމައަށް ފަހު ދިވެހި ރާއްޖެ 2” މި ފޮތުންނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ އުޅަނދު ފަހަރާއި ބެހޭގޮތުން ހަނގުރާމައިގެ ތާރީޚާއި އަސްކަރީ އުޅަނދުފަހަރުގެ މައުލޫމާތު އެކުލެވޭ ވެބްސައިޓްތަކުންނެވެ.
1 – ނަން އެންގެން ނެތް ބޯޓެއް
“ޝައުބާން މަސް ހުސް ވެއްޖެއެވެ. ބަރަކާތްތެރި ރަމަޟާން މަސް އަތުވެއްޖެއެވެ. ދުވަހަކީ ރަމަޟާން މަހު 8 ވަނަ ދުވަހެވެ. ވަގުތަކީ ހެނދުނުގެ 10 ގަޑި 52 މިނިޓްވީއިރެވެ. ކުއްލިއަކަށް އިވޭން އެފެށީ މަތިންދާބޯޓެއްގެ އަޑެވެ. މަތިންދާ ބޯޓުގެ އަޑަކީ ދިވެހި ހިތްތައް އާދަޔާ ޚިލާފު ފޯރިއަކުން ކެކިގަންނަ އަޑެކެވެ. އާދޭހެވެ! ބޯޓު އައިސް ތިރިކޮށްލައިފިއެވެ.
ބޯޓުގެ ދެ އޮފިސަރުން ނުކުމެ ވީހައި އަވަހަކަށް ދޯންޏެއް އޭގެ ކައިރިއަށް ދިއުމަށް ވަރަށް އަވަސްއަވަހަށް އިޝާރާތް ކުރާތަން ފެންނާން ފަށައިފިއެވެ. އެއިރު މާލޭގެ ފާލަން ކައިރީގައި މީރުބަހުރު ދޯނި ތައްޔާރަށް އޮތެވެ. ކުޑަ އިރުކޮޅަކަށް ފަހު އަޅުގަނޑު ބޯޓު ކައިރިއަށް ހިނގައްޖައީމެވެ. އެއިން ވެރިޔަކަށް އައިސް ހުރީ ފްލައިޓް ލެފްޓަރނާންޓް ވޯމަލްއެވެ. އެ ބޯޓު އައުމުގެ ބޭނުމަކީ ޖަރުމަނުންގެ މަނަވަރެއް އެއްޗެއް އައިތޯ އަހައިލުމެވެ.
އެ މީހުން ހޯދާންވީ ބޭނުންވި ހަބަރު ހޯދައިގެން މެންސުރު 12 ޖަހާ 30 ވީއިރު ފުރައިގެން ހިނގައްޖެއެވެ. މަތިންދާ ބޯޓު އައިސްފައި ދިޔަ ފަހުން ހަނގުރާމައިގެ އެއްވެސް ހަރަކާތެއްގެ ނިޝާނެއް ނުފެނި 15 ވަރަކަށް ދުވަސް ވެއަތުވެ ހިނގައްޖެއެވެ” – މުޙައްމަދު އަމީން
ދެވަނަ ބޮޑު ހަނގުރާމަ ފެށުނު ފަހުން މާލެ އައި ފުރަތަމަ މަތިންދާބޯޓުގެ ގޮތުގައި ފެންނަން އޮތީ ނަން އެނގެން ނެތް މި ބޯޓެވެ. މުޙައްމަދު އަމީންގެ ލިޔުމުން ފާހަގަވާގޮތުން މިއީ އާރު.އޭ.އެފްގެ ކަނޑަށް ޖައްސާ ވައްތަރުގެ މަތިންދާ ބޯޓެކެވެ.
2 – އެޗް.އެމް.އެސް ގްލޮސްޓަރ، HMS Gloucester 62
އެޗް.އެމް.އެސް ގްލޮސްޓަރ ބަނުމުގެ މަސައްކަތް ފަށާފައިވަނީ 22 ސެޕްޓެމްބަރ 1936 ވަނަ އަހަރު ސްކޮޓްލޭންޑްގައެވެ. 1937 ވަނަ އަހަރު މަނަވަރުގެ މަސައްކަތް ނިމި ކަނޑަށް ބޭލުނެވެ. އެޗް.އެމް.އެސް ގްލޮސްޓަރ ރަސްމީކޮށް އިނގިރޭސި ކަނޑުމަތީ ފްލިޓާއި ގުޅިފައިވަނީ 31 ޖަވަނަވަރީ 1939 ވަނަ އަހަރުއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭ އިނގިރޭސިންގެ އެކި އޮޕްރޭޝަންތަކުގައި ބޯޓުދެލިން ދުއްވާ މި މަނަވަރު ހަރަކާތްތެރިވެފައިވެއެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުނު އިރު އެޗް.އެމް.އެސް ގްލޮސްޓަރ އަކީ އިނގިރޭސިންގެ އީސްޓް އިންޑީޒް ސްޓޭޝަނަށް ހާއްސަކުރެވިފައިވާ އެއް މަނަވަރެވެ.
އިނގިރޭސި އަރުޝީފުގެ ލިޔުންތަކުން އެނގޭ ގޮތުގައި އެޗް.އެމް.އެސް ގްލޮސްޓަރ ރާއްޖެ ސަރަހައްދަށް ވަނީ 25 އޮކްޓޫބަރ 1939ގައެވެ
25 Oct
1939
HMS Gloucester (Capt. F.R. Garside, CBE, RN) departed Colombo to patrol in the
Indian Ocean, Maldives area.
1939 އޮކްޓޫބަރ 25 ވަނަ ދުވަހު އެޗް.އެމް.އެސް ގްލޮސްޓަރ އިންޑިއާ ކަނޑުން ދިވެހި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޮޅުނބުން ފުރިއެވެ.
އެޗް.އެމް.އެސް ގްލޮސްޓަރ މާލެއައުން
“ދެން އައީ ބަރަކާތްތެރި ރަމަޟާން މަހުގެ 26 ވަނަ ދުވަހެވެ. ގަޑީގެ ކަށި 6 ގަޑި ބަޔާއި ދިމާވިތަނާ އިވޭން އެފެށި އަޑުގެ ނަތީޖާއެއް ކަމަށްވީ ގާދޫކޮލާއި ދިމާއިން މަތިންދާބޯޓެއް އަންނަތަން ލަސްތަކެއް ނުވެ ފެނުމެވެ. ފުރަތަމަ އެއް ބޯޓެވެ. އެއަށް ފަހު އިރުކޮޅަކުން އަނެއްބޯޓެވެ.
އާރު.އޭ.އެފްގެ ދެ މަތިންދާބޯޓު އައިސް މާލޭ ކަނޑިންމާ ތޮށީގެ ބޭރަށް ތިރިކޮށްލައިފިއެވެ. ލަސްތަކެއްނުވެ މީރުބަހުރު ދޯނީގައި ދެބޯޓު ކައިރިއަށް އަޅުގަނޑު ހިނގައްޖައީމެވެ. ހަބަރު އަހާ ބަލާލިއިރު އެދެބޯޓު އައުމުގެ މަގްސަދަކީ އެ ދުވަހު 9 ޖަހާއިރަށް އެޗް.އެމް.އެސް “ގްލޮސްޓަރް” މިނަން ކިޔާ މަނަވަރު އަންނާނެ ވާހަކަ އެންގުމެވެ.
ރަމަޟާން މަހު 26 ވަނަ ދުވަހު ހެނދުނު 9 ޖެހިތަނާ ވަރަށް ޗާލުކޮށް ދުވެލާފައި އައިސް މާލޭގެ ބަނދަރަށް ނަގަލި ވައްޓައިލީ އެޗް.އެމް.އެސް “ގްލޮސްޓަރ” ފިޔަވައި އެހެން މަނަވަރެއް ނޫނެވެ. ވަގުތަކީ ހަނގުރާމައިގެ ވަގުތެވެ. އެހެންކަމުން އާދަވެގެން ބަދަލުކުރާ ސަލާމުގެ ބަޑިތަކެއް ނުޖަހައެވެ.
މިހާރު 10 ގަޑި 30 ވެއްޖެއެވެ. މަނަވަރުގެ ސްޓީމް ލާންޗުގައި ފާލަންމައްޗަށް އައިސް އެފޭބީ މަނަވަރުގެ ކައްޕިތާނެވެ. ފާލަންމަތިން އޭނާޔާ ބައްދަލުކުރައްވައި އޭނާ ގޮވައިގެން ގަނޑުވަރަށް ވަޑައިގަތީ ވަޒީރުއް ދާޙިލިއްޔާއެވެ. އެ ދުވަބު 12 ޖަހާން 15 ހުއްޓައި، ރަދުން މަނަވަރަށް ވަޑައިގަތެވެ. އެ ދުވަހުގެ މެންދުރުގެ ފަހުން ދިވެހި ސަރުކާރުގެ ހަވާލުގައި ބެހެއްޓެވުމަށް ތިރީގައި މި ނަންގަންނަ ތަކެތި މަނަވަރުން ބޭލިއެވެ.
32 ޕެޓްރޯލް ފީފާ، 2 ބޮއިލާން ހަދާފައި އޮތް ހުސް ފީފާ
2 ވަރުގެ ޗޭނު ބުރި، 5 ސިކަލް
10 ފާޓާ އިންޖީނު ތެޔޮ 5 ގެލަނުގެ، 4 ދަގަނޑުކޮޅު
މިތަކެތި ބޭލުމަށް ފަހު އެ ދުވަހު ހަވީރު 5 ޖެހިއިރު މަނަވަރު ފުރައިގެން ހިނގައްޖެއެވެ. ހެނދުނު އައި ދެ މަތިންދާބޯޓުވެސް ދިޔައީ މަނަވަރާ އެކުގައެވެ. މަނަވަރު ފުރައިގެން ދިއުމުގެ ކުރީގައި، ތިރީގައި މި ނަންގަންނަ ތަކެތި މަނަވަރުގެ ވެރީންނަށާއި ފަޅުވެރިންނަށް ދިވެހި ދައުލަތުގެ ފަރާތުން ފޮނުވުނެވެ.
1 ބޮޑު ތުނޑުކުނާ، 12 ކުރުނބާ އިހާ
20 ކުޑަ ތުނޑުކުނާ، 6 ދޮންކެޔޮގަނޑު
200 ލުނބޯ، 4 ބަކަރި
200 ކުކުޅު ބިސް، 12 ކުކުޅު”
– މުޙައްމަދު އަމީންގެ ލިޔުއްވުމުން
31
Oct 1939
HMS Gloucester (Capt. F.R. Garside, CBE, RN) returned to Colombo.
ދިވެހި ރާއްޖެއިން ފުރައިގެން އެޗް.އެމް.އެސް ގްލޮސްޓަރ ކޮޅުނބަން ވަނީ 1939 އޮކްޓޫބަރ 31 ވަނަ ދުވަހުކަމަށް އިނގިރޭސި އަރުޝީފު ރެކޯޑުތަކުގައިވެއެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ އިތުރުން އެޗް.އެމް.އެސް ގްލޮސްޓަރގެ އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ މެޑިޓްރޭނިއަން ކަނޑުގައެވެ. މެޑިޓްރޭނިއަން ކަނޑުގައިވާ ގްރީކް އެންމެ ބޮޑު ޖަޒީރާ ރަށް ހިފުމަށް ހިފުމަށް ޖަރުމަނުން ކުރި ހަނގުރާމައިގެތެރޭ ބޮން އަޅައި 22 މެއި 1941ގައި އެޗް.އެމްއެސް ގްލޮސްޓަރ ފައްތާލެވުނެވެ. ބޯޓުގެ ކެޕްޓަން ރޯލޭއާއި 45 އޮފިސަރުން އަދި 648 ފަޅުވެރިން މި ހާދިސާގައި ގެއްލުނެވެ.